އިސްތިޚާރާ ނަމާދު ކުރާނީ ކިހިނެއް ހެއްޔެވެ؟
ދިރިއުޅުމުގައި މުހިއްމު ނިންމުންތައް ނިންމާއިރު އަޅުގަނޑުމެން އެ ދާއިރާއަކުން ފުންނާބު އުސް ބޭފުޅުންގެ ލަފާ ހޯދަމުއެވެ. ދާނީ ކޮން ސްކޫލަކަށްތޯ ނޫނީ ކޮލެޖަކަށްތޯ ވިސްނާއިރު، ދަސްވެނިވެފައިވާ ދަރިވަރުންގެ ލަފާ ހޯދަމުއެވެ. ދާނީ ކޮން ވަޒީފާއަކަށްތޯ ވިސްނާއިރު، ވަޒީފާއެއްގައި ކާމިޔާބީ ހޯދައި އުފަލުގައި އުޅޭ މީހުންގެ ލަފާ ހޯދަމުއެވެ. އާ ވިޔަފާރިއެއް ފަށަން އުޅޭނަމަ، ވިޔަފާރިއެއް ފަށައި ކާމިޔާބީ ހޯދާފައިވާ ވިޔަފާރިވެރިންގެ ލަފާ ހޯދަމުއެވެ.
ޙަޔާތުގައި ނިންމުންތައް ނިންމުމުގައި މިއީ މުހިއްމު ކަމެކެވެ. އެހެނަސް ހިނދުކޮޅަކަށް މިކަމާއިމެދު ވިސްނާލަމާ ހިނގާށެވެ. އެ ބޭފުޅުން ދެއްވާ ލަފާއަކީ ހަމަ ޔަޤީނުންވެސް އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެދާނެ ހެއްޔެވެ؟ އެ ބޭފުޅުންނަށް އަޅުގަނޑުމެންގެ ޙަޔާތުގެ ބައެއް ކަންތައް ނޭނގުމުގެ ސަބަބުން އެ ބޭފުޅުން ދޭ ލަފާއާއި އެއްގޮތަށް ކަންތައް ކުރުމުން އަޅުގަނޑުމެންނަށް ގެއްލުމެއްވުން އެކަށީގެންނުވޭ ހެއްޔެވެ؟ އެ ބޭފުޅުންނަށް އަޅުގަނޑުމެންގެ މިޒާޖު ރަނގަޅަށް ނޭނގުމުގެ ސަބަބުން އެބޭފުޅުން ދޭ ލަފާއަކީ، ދިގު މުއްދަތެއްގައި އަޅުގަނޑުމެންނަށް އެންމެ ފައިދާކުރާނެ ގޮތް ކަމަށް ނުވުން އެކަށީގެންވޭ ހެއްޔެވެ؟
އެ ހުރިހާ ސުވާލުތަކެއްގެ ޖަވާބަކީ އާނއެކެވެ! އެހެންކަމުން ދެން އުފެދޭ ސުވާލަކީ އަޅުގަނޑުމެން ނިންމާ ނިންމުންތަކަކީ އެންމެ ފުރިހަމަ ނިންމުންތައްކަން ޔަޤީންކުރުމަށް ކުރެވިދާނެ ކަމަކީ ކޮބައިތޯއެވެ. ޖަވާބަކީ އަޅުގަނޑުމެން ހޯދަންވީ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ވަށައިގެންވި ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުގެ ‘ލަފާ’ ކަމެވެ. ނިންމުމެއް ނިންމުމުގައި އަޅުގަނޑުމެން ހޯދަންވީ ﷲ ގެ އެހީއެވެ. ނިންމުމެއް ނިންމުމުގައި ﷲ ގެ އެހީ ހޯދުމަށް އޮތް މަގަކީ އިސްތިޚާރާ ނަމާދު ކުރުމެވެ.
‘އިސްތިޚާރާ’ މި ބަހުގެ މާނައަކީ ހެޔޮކަން ލިބިގަތުމެވެ. ރަސޫލާ (ޞ.ޢ.ވ) ޞަޙާބީއަކަށް މި ނަމާދާއި ބެހޭގޮތުން ކިޔައިދެއްވާފައިވާ ޙަދީޘެއްގައިވެއެވެ.
ޖާބިރު ބިން ޢަބްދު ﷲ (ރަޟިޔަ ﷲ ޢަންހު) ވިދާޅުވިއެވެ. ހުރިހާ ކަމެއްގައި ވެސް އިސްތިޚާރާ ކުރުމަށް ރަސޫލާ (ޞ.ޢ.ވ) ތިމަންމެންނަށް ދަސްކޮށްދެއްވީ، ޤުރުއާނުގެ ސޫރަތެއް ދަސްކޮށްދެއްވާ ފަދައިންނެވެ. އެކަލޭގެފާނު ޙަދީޘަކުރައްވައެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު މުހިއްމު ކަމެއް ނިންމަން ވެއްޖެނަމަ ފަރުޟު ނަމާދު ފިޔަވައި ދެ ރަކުޢަތުގެ ނަމާދެއް ކުރުމަށްފަހު ކިޔުއްވާށެވެ.
اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ فَإِنَّكَ تَقْدِرُ وَلَا أَقْدِرُ وَتَعْلَمُ وَلَا أَعْلَمُ وَأَنْتَ عَلَّامُ الْغُيُوبِ اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الْأَمْرَ (މިތާނގައި ތިބާއަށް އެނގޭ ބަހަކުން ތިބާގެ ނިންމުން ކިޔާށެވެ)خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الْأَمْرَ شَرٌّ فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ ثُمَّ ارْضِنِي بِهِ
ޔާ ﷲ! މި އަޅާ އިބަރަސްކަލާނގެ ގެ ޢިލްމުފުޅުގެ ހެޔޮކަމަށް އެދެމެވެ. އަދި އިބަރަސްކަލާނގެ ގެ ޤުދުރަތްފުޅުގެ އެހީއަށް އެދެމެވެ. އަދި އިބަރަސްކަލާނގެ ގެ ބޮޑުވެގެންވާ ފަޟްލަވަންތަކަމަށް އެދެމެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވާއިރު މިއަޅާއަށް އެފަދަ ބާރެއްނެތެވެ. އަދި އިބަރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވާއިރު މިއަޅާއަށް ނޭނގެއެވެ. އަދި އިބަރަސްކަލާނގެއީ ޣައިބުގައިވާ ކަންތައް ވެސް މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ. ޔާ ﷲ! އިބަރަސްކަލާނގެ ގެ ޢިލްމުފުޅުގައި މިއަޅާ މި ނިންމަން އުޅޭ ނިންމުމަކީ (މިތާނގައި އެ ނިންމުން ބަޔާން ކުރާނީއެވެ) މިއަޅާގެ ދީނަށާއި، މި އަޅާގެ ޙަޔާތަށާއި، އަދި މިއަޅާގެ މުސްތަޤްބަލަށް ހެޔޮ ނިންމުމަކަށް ވާނަމަ އެ ނިންމުން މިއަޅާއަށްޓަކައި ތަޤްދީރުކޮށްދެއްވައި، މިއަޅާއަށް އެކަން ފަސޭހަކޮށްދެއްވައި އަދި މިއަޅާއަށް އެކަމުގައި ބަރަކާތް ލައްވަވާށެވެ! އަދި އިބަރަސްކަލާނގެ ޢިލްމުފުޅުގައި އެ ނިންމުމަކީ މިއަޅާގެ ދީނަށާއި، މިއަޅާގެ ޙަޔާތަށާއި މިއަޅާގެ މުސްތަޤްބަލަށް ނުބައި ނިންމުމަކަށްވާނަމަ އެ ނިންމުން މިއަޅާއާއި ދުރުކުރައްވައި، މިއަޅާ އެ ނިންމުމާއި ދުރުކުރައްވައި، ކޮންމެ ތަނެއްގައި ވިޔަސް ހެޔޮކަން މިއަޅާއަށް މިންވަރު ކޮށްދެއްވާށެވެ! އަދި އެކަމާއިމެދު މިއަޅާ ހިތްހަމަޖެހޭނެ ގޮތް ހައްދަވައި ދެއްވާށެވެ!
ޙަދީޘް ނެގިފައިވަނީ:
(ޞަޙީޙުލް ބުޚާރީ،1166، ފޮތް 19، ޙަދީޘް 45)
ޙަދީޘުން އެނގޭ ފަދައިން އެ ނަމާދަކީ ދުވަހުގެ ކޮންމެ ވަގުތެއްގައި ވެސް ކުރެވިދާނެ ސުންނަތް ދެ ރަކްޢަތުގެ ނަމާދެކެވެ. (ސުންނަތް ނަމާދުތައް ކުރުން ޙަރާމް ވަގުތުތައް ފިޔަވައެވެ: ޢަޞްރު ނަމާދާއި މަޣްރިބް ނަމާދާއި ދެމެދު އަދި އިރުއަރަމުންދާ ވަގުތު – އިތުރު ތަފްޞީލަށްޓަކައި ކޮމެންޓުގައިވާ ލިންކަށް ޒިޔާރަތް ކުރައްވާ)
އިސްތިޚާރާ ކުރުމަށްފަހު ވެސް އެ ނިންމުމަކާއި ގުޅޭ ފުންނާބު އުސް ބޭފުޅުންނާއި އަޅުގަނޑުމެންނަށް ސުވާލު ކުރެވިދާނެއެވެ. އިސްތިޚާރާ ކުރާ ވަގުތުން ފެށިގެން އެންމެ ރަނގަޅު ނިންމުން ނިންމަން އަޅުގަނޑުމެންނަށް ހިދާޔަތް ލިބެން ފަށާނެއެވެ. އެހާ ހިސާބުން އަޅުގަނޑުމެން ސުވާލުކުރާ ފަރާތްތަކުން ލިބޭ ޖަވާބުތަކުން ވެސް އަޅުގަނޑުމެންނަށް ދެވޭނީ ރަނގަޅު މިޞްރާބަށެވެ. އެހެނީ އަޅުގަނޑުމެންނަށް އިވިގެންދާ ބަސްތައް ވެސް އިވިގެންދަނީ ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުންނެވެ. އަޅުގަނޑުމެންނަށް ލިބިގެންދާނީ އިސްތިޚާރާގެ ދުޢާއިން އަޅުގަނޑުމެން އެދުނު ކަންތަކެވެ. އެއީ، އެ ނިންމުމަކީ އަޅުގަނޑުމެންނަށް ރަނގަޅު ނިންމުމަކަށް ވާނަމަ އެކަން އަޅުގަނޑުމެންނަށް ފަސޭހަވެގެންދާނެއެވެ. އަދި އެ ނިންމުމަކީ އަޅުގަނޑުމެންނަށް ގެއްލުން ހުރި ނިންމުމަކަށް ވާނަމަ އެ ނިންމުން އަޅުގަނޑުމެންނަށް ދަތިވެ އެކަމާއި ދުރުވެގެންދާނެއެވެ. އިސްތިޚާރާގެ ސަބަބުން ކަމަކުން ދުރުވެއްޖެނަމަ ދުޢާގައި ސިފަކުރެވިފައިވާ ފަދައިން އެހެން ހެވެއް އަޅުގަނޑުމެންނަށް ލިބިގެންދާނެއެވެ. އަދި އެ ނިޢުމަތާއިމެދު ހިތުގައި ހަމަޖެހުން ލައްވަން އެހީވެދެއްވާނީވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. (އަޅުގަނޑުގެ އިސްތިޚާރާގެ ތަޖުރިބާތައް ކިޔުއްވުމަށް ތިރީގައިވާ ލިންކަށް ޒިޔާރަތް ކުރައްވާ)
އިސްތިޚާރާގެ ޙަދީޘުން އަޅުގަނޑު އެންމެ އަޖާއިބުވާ ތަންކޮޅަކީ ރަސޫލާ (ޞ.ޢ.ވ) އިސްތިޚާރާގެ ވާހަކަ ޤުރުއާނުގެ ސޫރަތެއް ދަސްކޮށްދެއްވާ ފަދައިން ދަސްކޮށްދެއްވާ ވާހަކަ އޮތުމުންނެވެ. މިކަމުން ވެސް އެނގެނީ މުސްލިމެއްގެ ޙަޔާތުގައި އިސްތިޚާރާ ނަމާދުގެ މުހިއްމުކަމެވެ. އަޅުގަނޑުގެ ތަޖުރިބާއިން އަޅުގަނޑަށް ބުނެވޭނެއެވެ. ﷲ އަށް ވަކީލުކޮށް އެކަލާނގެ ޤަދަރުފުޅު ޤަބޫލުކުރަން އަޅުގަނޑަށް އެންމެ ބޮޑު އެހީއެއްވީ އަޅުގަނޑު ކުރި އިސްތިޚާރާ ނަމާދުތަކެވެ. މިއީ އަޅުގަނޑުމެންގެ އީމާންތެރިކަމުގެ ކިހާ ބޮޑު ބައެއްކަން އަޅުގަނޑުމެންނަށް އެނގެއެވެ.
އެހެންކަމުން ނުގުޑާނެފަދަ ވަކީލުކުރުމަކުން ﷲ އަށް ވަކީލު ކުރުމަށް އިސްތިޚާރާ ނަމާދުގައި ހިފަހައްޓާށެވެ! (އިން ޝާ ﷲ)
Jana
June 27, 2021 @ 10:14 am
Sunnah namaadhukurun haraam vaguthuthah:
https://shafiu.mv/?p=1343&fbclid=IwAR0O5PxRlAYinNm8PhibYiKj9AqFnTWm9t7po5ewjeQ1jEYq6jytF2mHxI0
Alhuganduge istikhaarage thajuribaathah:
https://storiesbyjana.com/%de%8a%de%a6%de%80%de%aa%de%82%de%b0-%de%80%de%a8%de%8c%de%a7%de%89%de%a6%de%86%de%aa%de%83%de%a6%de%82%de%b0%de%96%de%ac%de%80%de%ad-%de%82%de%a8%de%82%de%b0%de%89%de%aa%de%82%de%b0%de%8c%de%a6%de%86/