“އެހެންކަމުން ﷲ އެބައިމީހުންނަށް މި ދުނިޔޭގެ ޘަވާބާއި އާޚިރަތުގެ ރިވެތިވެގެންވާ ޘަވާބު ދެއްވިއެވެ”
އާލު ޢިމްރާން ސޫރަތުގައި ކުރިން އައި ރަސޫލު ބޭކަލުންނާއި އެކީ ކާފިރުންނާއި ދެކޮޅަށް ހަނގުރާމަ ކުރި މީހުންގެ ވާހަކަ ސިފަކުރައްވަމުން ﷲ ވަޙީކުރައްވާފައިވާ އާޔަތުގެ މާނައިގައި ވެއެވެ. އެމީހުންނަށް ދިމާވި ކަންތައްތަކުގެ ތެރެއިން އެމީހުން ފަހަތަށްޖެހި، ނިކަމެތިވެ ބަލިކަށްޓެއްވެސް ނުވެއެވެ. އަދި އެ އާޔަތް ނިމެނީ ﷲ ކެތްތެރިންދެކެ ލޯބިވެވޮޑިގެންވާ ވާހަކައިންނެވެ. (އާލު ޢިމްރާން ސޫރަތުގެ 146 ވަނަ އާޔަތް ބައްލަވާ)
ދެން އޮތް އާޔަތުގައި ﷲ ވަޙީކުރައްވާފައިވަނީ ކާފިރުންނާއި ކުރިމަތިލީ ވަގުތު އެ ‘ކެތްތެރިން’ ކުރެއްވި ދުޢާއެކެވެ.
وَمَا كَانَ قَوْلَهُمْ إِلَّا أَن قَالُوا رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
“އަދި، އެބައިމީހުންގެ ބަހެއްކަމުގައި އެބައިމީހުން ދެންނެވުން މެނުވީ ނުވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި، ކާފިރުވެގެންވާ ޤައުމުތަކުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ” ސޫރަތް އާލު ޢިމްރާން، 147
މި އާޔަތުގެ ފުންކަން ދެނެގަތުމަށް އާޔަތުގެ އެކި ބައިބަޔަށް ވަކިވަކިން ބަލައިލަމާ ހިނގާށެވެ. އެހެނީ މި އާޔަތުން އެނގިގެން ދަނީ ކާފިރުވި މީހުންގެ މައްޗަށް ނަޞްރު ލިބުމުގެ ފަހަތުގައިވާ ސިއްރެކެވެ.
އެންމެ ފުރަތަމަ ކަމަކަށް އެބައިމީހުން ﷲ ގެ ޙަޟްރަތުން އެދެނީ އެބައިމީހުންގެ ފާފަތައް ފުއްސެވުމަށެވެ. މީގެ މާނައަކީ ކާފިރުންނާއި ކުރިމަތިލާ ވަގުތުވެސް އެބައިމީހުންގެ އަމިއްލަ ކުށްތަކެއް ވާކަން އެބައިމީހުން ހަނދާނެއް ނުނެތެވެ. އެބައިމީހުންގެ އަމިއްލަ ދިރިއުޅުމުގައި ރަނގަޅުކުރަންޖެހޭ ކަންތައް ވާކަން އެބައިމީހުންނަށް އެނގެއެވެ. އެހެންކަމުން އެބައިމީހުން ފާފަތަކުން ދުރުވާން މަސައްކަތްކޮށް ފާފަތައް ފުއްސެވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވަނީއެވެ.
ދުޢާގެ ދެން އޮތް ބައިގައި ވަނީ އެބައިމީހުންގެ ކަންތަކުގައި ވެފައިވާ إِسْرَاف ތައްވެސް ފުއްސެވުމަށެވެ. إِسْرَاف މި ބަހުގެ މާނައަކީ ކަމެއް ކުރަންޖެހޭ ވަރަށް ވުރެ އިތުރަށް ކުރުމެވެ. މިސާލަކަށް މި އާޔަތްތަކުގައި މި ސިފަކުރެވޭ ބޭކަލުންނަށް ހަނގުރާމައިގައި ނޭނގުމެއްގެ ތެރެއިން ވެސް މައުސޫމް ބަޔަކަށް އަނިޔާ ކުރެވިފައި ވެދާނެއެވެ. ޙަޔާތުގެ އެހެން ކަންތަކުގައި ވެސް إِسْرَاف ވެވިދާނެއެވެ. މިސާލަކަށް ހޭދަކުރަން ނުޖެހޭވަރަށް ލާރި ހޭދަކުރުމުން އެއީ إِسْرَاف އެވެ. ޙަޔާތުގައި ވަކި ބަޔަކަށް ގިނަ ވަގުތު ދީފައި އަނެއްބަޔަކަށް ހުރިހާ ވަގުތު ދިނުމަކީ ވެސް إِسْرَاف އެވެ. ވަކި ޙަޔާތުގެ ވަކި ކަމެއްދެކެ މާ ބޮޑަށް ލޯބިވެ އެއަށް ވަގުތުދީ އެހެން ކަންކަމަށް ފަރުވާ ކުޑަ ކުރުމަކީ ވެސް إِسْرَاف އެވެ.
އެހެންކަމުން އެބައިމީހުން ﷲ ގެ ޙަޟްރަތުން އެ އެދެނީ އެ إِسْرَاف ތައް ވެސް ފުއްސަވައިދެއްވުމަށެވެ. އެބައިމީހުން އެ ދުޢާ ކުރާއިރު އެ إِسْرَاف ތައް ރަނގަޅުކުރުމަށް އެބައިމީހުންގެ ޙަޔާތުގައި ކުރާނެ މަސައްކަތް އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭނެއެވެ.
ދެން އެބައިމީހުން ﷲ ގެ ޙަޟްރަތުން އެދެނީ އެބައިމީހުންގެ ފައިތިލަތައް ސާބިތުކޮށްދެއްވުމަށެވެ. އެއީ ހަނގުރާމައިގެ މައިދާނުން ފިލައިގެންދާން ބޭނުންނުވާ ގޮތް ހައްދަވައިދެއްވުމަށެވެ. ޢަރަބި ބަހުގައި ފައިތިލަ ސާބިތުކުރުމަށް ބުނެވޭ ބަހަކީ ޙަޔާތުގައި ސާބިތުކަން ދެއްވުމަށް ބޭނުންކުރެވޭ ބަސްތަކެވެ. ފާފަތަކުން ދުރުވެ އިސްރާފުތައް ރަނގަޅުކުރަން މަސައްކަތް ކުރުމުން އެބައިމީހުންނަށް ފަސޭހަވާނެކަން ޔަޤީނެވެ. އެހެނަސް އެކަން އެގޮތަށް ވާނީ ﷲ ގެ އިރާދަފުޅުންކަން އެބައިމީހުން ޤަބޫލުކުރެއެވެ. އެކަލާނގެ ޙަޟްރަތުގައި އެކަމަށް އެދެނީ އެހެންވެއެވެ.
އެންމެފަހުން އެބައިމީހުން އެދެނީ ކާފިރުވި މީހުންގެ މައްޗަށް ނަޞްރު ދެއްވުމަށެވެ. މި ދުޢާގެ ސަބަބުން ﷲ އެބައިމީހުންނަށް ދެއްވި އެއްޗެއް އެނގޭ ހެއްޔެވެ؟
فَآتَاهُمُ اللَّهُ ثَوَابَ الدُّنْيَا وَحُسْنَ ثَوَابِ الْآخِرَةِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ
“ދެންފަހެ، ދުނިޔޭގެ ޘަވާބާއި، އާޚިރަތުގެ ރިވެތި ޘަވާބު އެބައިމީހުންނަށް اللَّه ދެއްވިއެވެ. އިޙްސާންތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.”
ސުބްޙާނަ ﷲ! މި ދުނިޔޭގެ ސަވާބާއި އާޚިރަތުގެ ސަވާބުވެސް ﷲ އެބައިމީހުންނަށް ދެއްވިއެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެއީ ކާފިރުވި މީހުންނާއި ކުރިމަތިލީ ހިނދު އެމީހުން ގެންގުޅުނު މިޒާޖުގެ ސަބަބުންނެވެ.
އެހެންކަމުން ﷲ ގެ ނަޞްރު އަޅުގަނޑުމެން ބޭނުންނަމަ، އަޅުގަނޑުމެން ވެސް ހުންނަންވާނީ އެބައިމީހުންގެ އެ ހުރި ފަދަ މިޒާޖެކެވެ. ކާފިރުވި މީހުންނާއި ކުރިމަތިލާއިރު ކޮންމެ ފަދަ ކަމެއް ދިމާވިޔަސް އަޅުގަނޑުމެން ބަލިކަށިވެ ނިކަމެތިވެގެންނެއް ނުވާނެއެވެ. އެބައިމީހުން އަޅުގަނޑުމެން ބަލިކުރަން މަސައްކަތް ކުރިޔަސް ފަހަތަށް ޖެހިގެން ނުވާނެއެވެ. އެގޮތަށް ކަންތައް ކުރާއިރު އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމިއްލަ ފާފަތަކުން ވެސް ދުރުވާން މަސައްކަތްކޮށް ގިނަގިނައިން ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް ތައުބާވާން ވާނެއެވެ. އަދި އަޅުގަނޑުމެންގެ ޙަޔާތުގައިވާ إِسْرَاف ތައް ރަނގަޅުކޮށް ޙަޔާތުގެ ހުރިހާ ކަމަކަށް ވެސް އޭގެ ޙައްޤު އަދާކުރަންވާނެއެވެ. މިދުނިޔޭގައި ފައިތިލަ ސާބިތުވެ، ކާފިރުންގެ މައްޗަށް ނަޞްރު ލިބި ދެ ދުނިޔޭގެ ސަވާބު އަޅުގަނޑުމެންނަށް ލިބޭނީ އޭރުންނެވެ.
މާތް ﷲ އަޅަމެންނީ އެ ސަވާބު ލިބޭ ބަޔަކު ކަމުގައި ލައްވާށި! އާމީން!
*އުސްތާޒް ނުޢުމާންގެ ދަރުހަކުން ނެގިފައި
Ibaa
June 28, 2021 @ 6:08 am
Jazakillahi Khairan sis for this beneficial informations. I’ve been really benefited from these posts as I’m trying to practic ethere verses with its meaning nd I’m trying to use these verses in my real life. Once again than you sis. بارك الله في اوقاتكم ❤