މުޅި ޢުމުރަށް އެކަނިވެރިކަމުގައެއް ނޫނެވެ. މުޅި ޢުމުރަށް އަޅުގަނޑުގެ ވެރިރަސްކަލާނގެއާއި އެކީގައެވެ.
ކުޑައިރުއްސުރެ އަޅުގަނޑުގެ ކިބައިގައި އެކަނިވެރިކަމުގެ ބިރުވެރިކަން ހުރެއެވެ. ކޮޓަރިއެއްގައި އެކަނި ހުރުމުގެ ބިރުވެރިކަމެއް ނޫނެވެ. އެހެނެއްކަމަކު އެންމެ ގާތުގައި ތިބޭ މީހުން ވެސް އަޅުގަނޑު ދޫކޮށް އަޅުގަނޑު އެކަނިވެރިވެދާނެ ކަމުގެ ބިރުވެރިކަމެވެ. އެގޮތަށް އެކަނިވެރިވެ، އޭގެ ސަބަބުން އަޅުގަނޑު ހިތާމަވެރިކަމުގެ ތެރެއަށް ގެއްލިދާ ޚިޔާލުތައް ތަކުރާރުކޮށް އަޅުގަނޑަށް ކުރެވެއެވެ.
މި ބިރުވެރިކަމުގެ ތެރޭގައި އުޅޭތާ އަހަރުތަކެއް ފަހުން އަޅުގަނޑަށް ވަރަށް ފުން އެކަނިވެރިކަމެއް އިޙްސާސް ކުރެވުނު ދުވަހެއް އައެވެ. ދުވަހަކުވެސް އިޙްސާސް ނުކުރެވޭ ދަރަޖައިގެ އެކަނިވެރިކަމެކެވެ. އެއީ އަޅުގަނޑު އެ އެކަނިވެރިކަމުން ރައްކާތެރިކޮށްދޭނެކަމަށް އަޅުގަނޑު ހީކުރި ކަންތައް ދޫކޮށްލަން ޖެހުނު ދުވަހެވެ. އެކަންތަކަކީ އަޅުގަނޑަށް ފައިދާކުރަނިވި ކަންތަކެއް ނޫންކަން އެނގުންވި ދުވަހެވެ.
އަޅުގަނޑު އެކަންތައް ދޫކޮށްލަން ނިންމުމުން، ހިތުގެ ފުން މިނުގައި ހުސްކަމެއް އިޙްސާސް ކުރެވުނެވެ. އަޅުގަނޑަށް ފުރުވަން ނޭނގޭ ޒާތުގެ ލޯވަޅެއް ހިތުގައި ހުރިހެން ހީވިއެވެ. ވަކިން ޚާއްޞަކޮށް އެދުވަހުއެވެ. އަޅުގަނޑުގެ ހިތުގައިވި އެކަނިވެރިކަމުގެ ބިރުވެރިކަމަކީ ޙަޤީޤަތެއްކަމަށް ޔަޤީން ކުރެވުމުންނެވެ. އެ އެކަނިވެރިކަމުން އަޅުގަނޑު ސަލާމަތް ކޮށްދޭނެކަމަށް އަޅުގަނޑު ހީކުރި ކަންތައް ވެސް އެކަން ކުރުމުގައި ފޭލްވުމުންނެވެ.
އެދުވަސްވަރު ނަމާދަށްފަހު ދެ ތިން ޞަފްޙާގެ ޤުރުއާން ކިޔެވުމަކީ އަޅުގަނޑުގެ އާދައެކެވެ. އެހެނަސް ހިތުތެރޭގައި ހިނގަމުން ދިޔަ ވަރުގަދަ ޖަޒުބާތުތަކެއްގެ ސަބަބުން އެ އާދަ ހުއްޓިފައިވިއެވެ. އެހެނަސް މި ނަން ގަންނަ ދުވަހު އަޅުގަނޑު އަނެއްކާވެސް ޤުރުއާނާއި ގާތްވާން ނިންމީމެވެ. ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ގެ ހަނދުމައިންކަން ހަނދާންކުރަމުންނެވެ.
ކަން ދިމާކުރި ގޮތުން އޭގެ ހަފްތާތަކެއް ކުރިން އަޅުގަނޑުގެ ކިޔެވުން ހުއްޓިފައިވީ ސޫރަތުލް އަންބިޔާއުގެ ފަހު ކޮޅުންނެވެ. އަޅުގަނޑުގެ ތުރުތުރު އަޅާ އަޑުން، ކަރުނަތައް ހިފަހައްޓަން ގަދައަޅައި މަސައްކަތް ކުރަމުން ކިޔަވަން ފެށިއިރު ކިޔެވުނީ، ޔޫނުސް ޢަލައިހިއްސަލާމްގެ ވާހަކައިގެ މަންޒަރެއް ސިފަކޮށްދޭ އާޔަތެކެވެ. ބޮޑުމަހުގެ ބަނޑުތެރޭގައި، އެތައް އަނދިރިގަނޑުތަކެއްގެ ދަށުން އެކަލޭގެފާނު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދުޢާ ދެންނެވި ކަމަށް ސިފަކުރެވިފައިވި މަންޒަރެވެ. އެއަށްފަހު ﷲ ވަޙީކުރައްވާފައިވީ، އެކަލާނގެ ޔޫނުސް ޢަލައިހިއްސަލާމް ހިތްދަތިކަމާއި މޮޅިވެރިކަމުން މިންޖުކޮށްދެއްވި ގޮތުގެ ވާހަކައެވެ. އަދި މުއުމިނުން ސަލާމަތް ކޮށްދެއްވާ ގޮތަކީ އެއީ ކަމަށް ﷲ ވަޙީކުރައްވާފައިވެއެވެ.
މި ވާހަކައިން ވެސް އަޅުގަނޑު ހިތަށް އަސަރުކުރިއެވެ. އެހެނީ ޚުދު އަޅުގަނޑުވެސް ވީ އަނދިރިގަނޑެއްގެ ތެރޭގައިހެން އަޅުގަނޑަށް ހީވިއެވެ. އަޅުގަނޑަށް ބުނެދޭން ނޭނގޭ އިޙްސާސްތަކުގެ އަނދިރިކަމެވެ. އަޅުގަނޑުގެ މެއަށް ތަދުކުރަމުން ދިޔަ ޖަޒުބާތުތަކުގެ އަނދިރިކަމެވެ. އެހީއަށް އެދެންވީ ގޮތެއް ވެސް ނޭނގޭކަމުގެ އަނދިރިކަމެވެ.
އެހެނަސް އަޅުގަނޑަށް ދެން އޮތް އާޔަތް ކިޔަވައިލެވުނެވެ.
وَزَكَرِيَّا إِذْ نَادَىٰ رَبَّهُ رَبِّ لَا تَذَرْنِي فَرْدًا
“އަދި زكريّا ގެފާނު ހަނދުމަކުރާށެވެ! އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މި އަޅާއަކީ އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ…” ސޫރަތުލް އަންބިޔާއު، 89
އަޅުގަނޑު ހަނދާން އެބަހުއްޓެވެ. އަޅުގަނޑަށް މި އާޔަތް ފުރިހަމައެއް ނުކުރެވުނެވެ. ކިޔަވައިލެވުނީ ހަމައެކަނި އެހާ ހިސާބަށެވެ. ކަރުނުން ލޯ ފުސްވެ ދިޔަ ހިނދު، ކުދިކުދި ވަމުން ދިޔަ ހިތުގައި ހިފެހެއްޓިގެން ދިޔަހެން ހީވިއެވެ.
އަޅުގަނޑުގެ ހިތް އަނބުރައި އެއްވަމުން ދިޔަ އިޙްސާސް އަޅުގަނޑަށް ކުރެވުނީ ކީއްވެތޯއެވެ. އެއީ އެދުވަހުގެ އެ ވަގުތު އަޅުގަނޑު އެ އާޔަތް ކިޔަވަން އިރާދަކުރެއްވީ އަޅުގަނޑުގެ ވެރިރަސްކަލާނގެކަން އެނގުންވީތީވެއެވެ. އެދެންވީ ކޮންކަމަކަށް ކަން ވެސް ނޭނގުނު އެ ޙާލަތުގައި އަޅުގަނޑުގެ ދުލުން އެ ދުޢާ ބޭރުވެގެން އައުމަށް އިރާދަކުރެއްވީ އަޅުގަނޑުގެ ވެރިރަސްކަލާނގެއެވެ. އަދި ޚުދު އެކަލާނގެ އަޅުގަނޑުގެ ދުލުން އެ ދުޢާ ކުރަން އިރާދަކުރައްވާނީ، އަޅުގަނޑު އިޙްސާސް ކުރަމުން ދިޔަ އެކަނިވެރިކަމަށް އެކަލާނގެ ނިމުމެއް ގެންނާނެތީވެކަން ޔަޤީންވެސް ކުރެވުނީތީވެއެވެ.
ހަމަ އެހިނދުން އެހިނދަށް އަޅުގަނޑަށް އިޙްސާސް ކުރެވެމުން ދިޔަ އެކަނިވެރިކަމަށް ލުޔެއް ލިބުނެވެ. އެންމެ ބަހެއް ވެސް ބުނެލުމެއް ނެތި އަޅުގަނޑުގެ އަޑު ކޮންމެވެސް ފަރާތަކުން އައްސަވައިފިކަން ޔަޤީންކުރެވުނެވެ. އަޅުގަނޑު ދުވަހަކުވެސް ވީ އެކަނިވެރިކަމެއްގެ ތެރޭގައެއް ނޫންކަން އެވަގުތު އެނގުންވިއެވެ. އަޅުގަނޑުގެ ވެރި ރަސްކަލާނގެ އެކަލާނގެ ޢިލްމުފުޅުން، ފާއިތުވި ދުވަސްތަކުގައިވެސް އަޅުގަނޑާއި އެކީ ވި ކަމާއި، ކުރިއަށް އޮތް ތާނގައިވެސް ވާނެކަން ޔަޤީންކުރެވުނެވެ.
ދެންމެ އަޅުގަނޑު ޙިއްސާކުރި އާޔަތާއިމެދު އަދި އިތުރަށް ވިސްނައިލައްވާށެވެ. އެ އާޔަތަކީ ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ ދުޢާއެކެވެ. އެކަލޭގެފާނު ވަރަށް މުސްކުޅި ޢުމުރަށް އެޅި، އެކަލޭގެފާނުގެ އަނބިކަނބަލުންނަކީ، ދަރިން ނުލިބޭ ކަނބަލެއް ކަމުގައި ވީ ނަމަވެސް އެކަލޭގެފާނަށް ދަރިއަކު ދެއްވުމަށް އެދި ކުރެއްވި ދުޢާއެވެ. އަޅުގަނޑުގެ އެކަނިވެރިކަމަށް ނިމުމެއް އައުމަކީ، އެފަދަ ޙާލަތެއްގައި މީހަކަށް ދަރިއަކު ލިބޭނެހާ ‘ނާދިރު’ ކަމެއް ކަމަށް އަޅުގަނޑަށް ހީކުރެވިފައިވިއެވެ.
އެހެނަސް އެއީ ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ނާދިރު ކަމަކަށް ނުވިއެވެ. އެކަލޭގެފާނު ޒަކަރިއްޔާ ޢަލައިހިއްސަލާމްއަށް ދަރިކަލަކު ދެއްވައި، އެ ދަރިކަލަކީ އެކަލޭގެފާނު ދުނިޔެ ދޫކޮށް ދިޔުމުން ވެސް އެކަލޭގެފާނު ދަޢުވަތު ދެއްވި ދީނަށް ދަޢުވަތު ދެއްވާ ދަރިކަލަކު ކަމުގައިވިއެވެ. ހަމަ އެފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑަށް އިޙްސާސް ކުރެވެމުން ދިޔަ އެކަނިވެރިކަމުގެ ބިރުވެރިކަމަށް އެހީ ފޮނުއްވިއެވެ.
އެދުވަސްފަހުން، އަޅުގަނޑު ހީވެސް ނުކުރާ ދިމަދިމާލުން އެ ބިރުވެރިކަމާއި ކުރިމަތިލައި އެއިން އަރައިގަންނަން އަޅުގަނޑަށް އެތައް އެހީއެއް ލިބުނެވެ. އެ ބިރުވެރިކަމުން އަޅުގަނޑަށް އަރައިގަނެވިފައިވާ މިންވަރާއި މެދު މިއަދު ވެސް ވިސްނައިލުމުން، އެއީ އަޖާއިބުކުރުވަނިވި ކަމެއްގެ ގޮތުގައި ސިފަވެގެންދެއެވެ. އަޅުގަނޑަށް މާޒީގައި ކުރެވޭފަދަ އެކަނިވެރި ޚިޔާލުތައް ކުރެވި، ރޮވޭގޮތް މިއަދު ނުވާ ކަމަށްޓަކައި އަޅުގަނޑަށް ހަމަ ޔަޤީނުންވެސް ފުރިހަމައަށް ޝުކުރު ނުކުރެވޭނެއެވެ.
އެހެންކަމުން ތިބާއަށް އެކަނިވެރިކަން އިޙްސާސް ކުރެވޭނަމަ ދަންނާށެވެ. ތިބާގެ ވެރިރަސްކަލާނގެ ތިބާ ދުވަހަކުވެސް އެކަނި ދޫކޮށްނުލައްވާނެއެވެ. ތިބާގެ އެންމެ ފުންކޮށް ބރުގަންނަ ކަންތަކާއި، އެ ބިރުވެރިކަމުގެ ފަހަތުގައިވާ ސަބަބުތައް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. ތިބާއަށް އެންމެ ބޭނުންވަނީ ކޮންކަމެއް ކަން ވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.
އެހެންކަމުން އެކަލާނގެއާއިއެކީ ވާށެވެ. އެކަލާނގެ ޙަޟްރަތުން އެދޭށެވެ. އެހެނީ ތިބާގެ އެންމެ ބޮޑު ރައްކާތެރކަމަކީ އެކަލާނގެއެވެ. އެކަލާނގެ ކިބައިން ތިބާއަށް އެ ރައްކާތެރިކަން އިޙްސާސް ކުރެވުމުން، އެކަލާނގެ ތިބާގެ ޙަޔާތަށް މީހުން ފޮނުއްވާނެއެވެ. އަދި އެމީހުން ވެގެން ދާނީ އެކަލާނގެ ހަނދުމަކޮށް ތިބާއަށް މާކުރިން ވެސް ލިބިފައިވާ އުފާވެރިކަމަށް އިތުރު އުފާވެރިކަމެއް ގެނެސްދޭނެ ބަޔަކަށެވެ. (އިން ޝާ ﷲ)
Number one fan
February 3, 2022 @ 2:38 pm
ޖަނާ ސިސް ތި ރޮއްވާލި އަޅުގަނޑު..ހެހެ މާޝްﷲ ވަރަށް ރީތި މި ޕޯސްޓް ❤️.