ދާރިސް (އެއްތިރީސްވަނަ ބައި)
ހެނދުނުގެ ވަގުތެއްގައި އީތަން މަގެއްގެ އެއްފަރާތުން ދުވެފައި ދިޔައިރު އެ މަގަށް ވެރިވެފައިވީ ހިމޭންކަމެކެވެ. ވަގުތަކީ އިރުއަރަމުން ދިޔަ ވަގުތަކަށްވުމުން މާޙައުލަށް ވެރިވެފައިވީ ފަނޑު އަލިކަމެކެވެ. އީތަން އުޅޭ ޢިމާރާތް ހުންނަނީ ޢިމާރާތްތަކުން ފުރިފައިވާ ހިސާބު ނިމި، ފެހި ވިނަތަކާއި ކުދިކުދި ގެތަކާއި ކޯރުތައް ހުންނަ ހިސާބެއް ފެށޭ ހިސާބުގައި ކަމަށްވުމުން، އޭރު އީތަންގެ ވަށައިގެން ފެންނަމުން ދިޔައީ އެފަދަ ޤުދުރަތީ މަންޒަރުތަކެވެ.
ދުވަން ފެށިތާ ބައިގަޑިއިރެއްހާއިރު ފަހުން އީތަން ދުވުން ލަސްކޮށްލަމުން އެތާ ކައިރިން ފެންނަމުން ދިޔަ ކޯރެއްގެ މަތިން އެޅިފައިވި ކުޑަ ވަކަރު ބްރިޖެއްގެ މައްޗަށް އެރިއެވެ. އީތަން ޢާއްމު ގޮތެއްގައި އެ ބްރިޖަށް އަރަނީ ކޯރުގެ އަނެއްފަރާތަށް ގޮސް އެ ފަރާތުގައި ބެހެއްޓިފައިވާ ވަކަރު ބެންޗެއްގައި އިށީނުމަށެވެ. އެހެނަސް އެދުވަހު ބްރިޖްގެ މެދާއި ހަމައަށް ގޮސް ހުއްޓިލެވުނީ އެދުވަހަކީ އުޑުމަތި ނުހަނު ސާފު ދުވަހަކަށް ވެފައި، އެދިމާލުން އިރު އަރަމުން ދިޔަ މަންޒަރު ނުހަނު ރީއްޗަށް ފެންނަމުން ދިޔައީތީވެއެވެ.
ދެމެމުން ދިޔަ ކޯރުގެ އަޑާއި ޖެހެމުން ދިޔަ ފިނި ވައިރޯޅިއާއިއެކީ ފެންނަމުން ދިޔަ ރީތި މަންޒަރުން އީތަންގެ ހިތަށް ލިބުނު ފިނިކަމާއިއެކީ ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭރު އެތާ އޭނައާއިއެކީ ހިބާ ވެސް ހުރިނަމައޭ ބުނެ އެކަމަށް އެވަގުތު ހިތް އެދުނީ މާ ބޮޑަށެވެ.
ވޭތުވެ ދިޔަ އަހަރުތަކުގައި ހިބާ އުޅުނު ޙާލު އޭނައަށް އެނގުނުތާ އަދި މި ވީ އެއްމެ ދުވަހެކެވެ. އެ ވީ އެއްދުވަސް ތެރޭގައި އޭނައަށް ހިބާއާއިމެދު ވިސްނެމުން ދިޔަ ގޮތް މުޅިން ތަފާތުވެފައިވިއެވެ. މި ހުރިހާ ދުވަހު ހިބާއާއި ދުރުދުރުން އުޅެން ނިންމައިގެން ހުއްޓެއްކަމަކު މިހާރު އޭނަގެ ހިތުގައިވަނީ މުޅިން ތަފާތު އެދުމެކެވެ. ފާއިތުވެ ދިޔަ ހިތްދަތި އަހަރުތަކުގެ ބަދަލުގައި އޭނަ ހިބާ އުފާކޮށްދޭން ބޭނުންވިއެވެ. ހިބާ ބުރަކޮށް އުޅެން ޖެހުނު ހުރިހާ ދުވަހަކަށްޓަކައި ހިބާއަށް ހުރިހާ ކަމެއް ފަސޭހަ ކޮށްދޭން ބޭނުންވިއެވެ. ހިބާ މި ހުރިހާ ދުވަސްވަންދެން އެކަނިމާއެކަނި އޮހޮރި ހުރިހާ ކަރުނަތަކެއްގެ ބަދަލުގައި، ހިބާގެ ޙަޔާތް އަޅައިލުމާއި ހިނިތުންވުންތަކުން ފުރުވައިލަދޭން ބޭނުންވިއެވެ.
އެ ޚިޔާލުތައް ހިތަށް ވެރިވެގެން ދިޔަދިޔަހެން އިއްޔެ އޭނައާއި ފަރީދުބެއާއި ދެމެދު ބަދަލުކުރެވުނު ހޫނު ބަސްތައް ވެސް އޭނަގެ ހަނދާނަށް އައެވެ.
“ތިއީދޯ ދާރިސްއަކީ؟” ފަރީދުބެ ކޮށްލި އެ ސުވާލާއި އެކީ އީތަން ފަރީދުބެގެ މޫނުމަތީގެ ކުލަވަރު ނެގޭތޯ މަސައްކަތް ކުރިއެވެ. އެ މޫނުމަތިން ހިނިތުންވުމެއް ފެނުނެއްކަމަކު އޭގެ ކުރީ ރޭ ފަރީދުބެގެ ފަރާތުން ފެނުނު ސިފައިން އެ ބޭބެއާއިމެދު ހެޔޮކޮށް ވިސްނޭގޮތެއް ނުވިއެވެ.
“އާނ….މިއީ ދާރިސް. ޖެހިލުންވޭތަ މިއީ ދާރިސްކަން އެނގުނީމަ؟ އެހެންނޫނީ ޖެހިލުންވާނީ ރޭ ތީނަ ހިބާއާއި ދެއްކި ވާހަކަ އަހަންނަށް އިވިއްޖެއޭ ބުނީމަތަ؟” ދާރިސްގެ ހިތުގައި ފަރީދުބެއަށްޓަކައިވި ހުރިހާ ޤަދަރެއް ނެތިދިޔުމުން އެފަދައިން ވާހަކަ ދެކެވުނެވެ.
“ނޫނޭ…ޖެހިލުމެއްނުވޭ. ހަމަ އުފާވީ ތިއީ ދާރިސްކަން އެނގުނީމަ.”
“އެތައް އަހަރެއް ފަހުން އަހަރެން ފެނުނީމަ އުފާވިއްޔާ އަހަންނަށް ކަމެއްކޮށްދީ. ހިބާ ތި އާސިފަކާއި ދުރުކޮށްދީ. އެއީ ރަނގަޅު މީހެއްހެން އެއްގޮތަކަށް ވެސް ހިއެއްނުވޭ.”
“ތިކަން ކުރަން ބޭބެވެސް ވަރަށް ބޭނުންވޭ. އެކަމަކު ތިއީ ބޭބެގެ އަތްމަތީގަ އޮތް ކަމެއް ނޫން.”
“އަތްމަތީގަ އޮތްކަމެއް ނޫނޭ؟ އެ ބުނާ އާސިފަކަށް ޖެހިލުންވަނީތަ؟ ނޫނީ ކުޑަ އަގަކަށް ތިމާއަށް ބޮޑުބޭބެ ކިޔާ އަންހެން ކުއްޖާ ވިއްކާލަނީތަ؟ ހިބާއާއިމެދު ތި ކަންތައް ކުރާ ގޮތާއިމެދު ﷲ އަށް ބިރުވެތިނުވަންތަ؟!”
“ޤަބޫލުކުރެވުނަސް ނުކުރެވުނަސް އީތަން ހިބާއަށް ހެޔޮ އެދޭހާ ވަރަށް ބޭބެވެސް ހެޔޮ އެދެން. ހިބާ ދެން އާސިފާއި ނުގުޅުނިއްޔާ ވެސް އާސިފް ހިބާގެ ދިރިއުޅުން ނަރަކައަކަށް ހަދާފާނެ.”
“އެކަމުން ހިބާ ރައްކާތެރިކުރުމަކީ ބޭބެގެ ޒިންމާއެއް ނޫން ހެއްޔޭ؟!”
“ބޭބެއަށް އެ ޒިންމާ އެންމެ ފުރިހަމައަށް އަދާ ނުކުރެވިދާނެހެން ހީވާތީ ހައްތަހާވެސް މިއުޅެނީ. އާސިފް އުޅެނީ ބޭބެއަށް ވުރެ ބާރުގަދަ މަޤާމެއްގަ….ބޭބެގެ ބެލުމުގެ ދަށުގަ ވާ ޢާއިލާއެއް ވެސް އެބައޮތް.”
“އެހެންވެއްޖެއްޔާ ހިބާ އީތަން ކަހަލަ ރަނގަޅު ކުއްޖަކާއި ދެވަންވީއެއްނު؟ އޭރަށް ހިބާ ތި އާސިފްގެ އުދަގޫތަކުން ވެސް ސަލާމަތްވާނެ.”
ފަރީދު އެންމެ ފަހުން ބުނި ވާހަކައަށް ވަލީދު ކުއްލި ގޮތަކަށް ބުނެލި ބަސްތަކުން އީތަންއަށް ސިހުމަކާއިއެކީ ފަސްއެނބުރި ބަލައިލެވުނެވެ. އެއަށްފަހު ‘ދޮންބެ’ އޭ ކިޔައި ގޮވައިލެވުނެވެ. އެހެނަސް އިތުރު އެއްޗެކޭ ނުބުނެވުނީ ދޮންބެ އެ ދިނީ ރަނގަޅު ޚިޔާލެއްހެން ހީވުމުންނެވެ. ހިބާ ރައްކާތެރި ކުރެވިދާނެ ހަމައެކަނި ގޮތަކީ އެއީހެން ވެސް ހީވުމުންނެވެ. އެހެނަސް….
“އަހަރެންގެ ވެސް ހިތަށްއެރި ތިއީ ރަނގަޅު ކަމަކަށް ވެދާނެއޭ. އެކަމަކު ދާރިސްއަށް އެނގޭތަ ދާރިސް ދިޔުމަށްފަހު ރަށުތެރޭގަ ފެތުރުނީ ކޮން ވާހަކައެއްކަން. ދާރިސްއާއިހެދި ހިބާގެ ބައްޕަގެ ބޮލުގަ ބޮޑު އިލްޒާމެއް އެޅުވުނީ. ދާރިސް މަރައިލިކަމުގެ އިލްޒާމު…”
ފަރީދުބެ މިފަހަރު ބުނެލި ވާހަކައިން އީތަންއާއި އެކީ ވަލީދުގެ ވެސް ދެލޯ ބޮޑުވެގެން ދިޔައެވެ. އީތަންގެ ނޭވާ ކުރުވެ އަތްފައި ފިނިވެގެން ދިޔައިރު، ފައިން ވާގި ދޫވާން އުޅުނުހެން ވެސް ހީވިއެވެ.
“އެ އިލްޒާމުގެ ސަބަބުން ހިބާގެ ބައްޕަ ވަޒީފާއިން ވަކިވެ އެހާ ބުރަކޮށް އުޅެން ޖެހުނީ. ހިބާގެ މަންމަވެސް ބައްޕައާއި ވަރިވެގެން ގޮސް އެ ޢާއިލާ ބިކަވެގެން ދިޔައީ އެހާ ހިސާބުން. އޭގެ މާ ގިނަ ދުވަހެއް ނުވެ ހާޓް އެޓޭކެއް ޖެހި ހިބާގެ ބައްޕަ ދުނިޔެ ދޫކޮށް ދިޔައީ….ހިތަށް އަރަނީ މި ސަބަބުތަކާއިހުރެ ހިބާގެ ހިތުގައި ދާރިސްއާއިމެދު ނޭދެވޭ އިޙްސާސްތަކެއް ނުވާނެބާވައޭ. ވާނަމަ ދާރިސްއަށް އެ ކަންތަކަށްޓަކައި މަޢާފް ކުރެވޭނެބާވައޭ….”
ފަރީދުބެ ބުނެލި ވާހަކައިން އީތަންއަށް ދެންވެސް ބަސް ހުއްޓިފައި ހުރެވުނެވެ. މި ހުރިހާ ދުވަހު އޭނަގެ ޙަޤީޤަތް ހިބާއަށް ކިޔައި ނުދީ ހުރީ ހިބާގެ ނަޒަރުން އޭނައަކީ ދުނިޔޭގައި ނެތް މީހަކަށް ވެދާނެތީވެއެވެ. އެހެނަސް އެ އިވުނު ވާހަކައިން އޭނައަކީ ކާކުކަން ހިބާއަށް އޮޅުމަކުން ވެސް އެނގިއްޖެނަމަ، ހިބާއަށް ލިބޭނީ އޭނަ ހީކުރާ ވަރަށްވުރެ ބޮޑު ޝޮކެއްތާއޭ އީތަންގެ ހިތަށްއެރިއެވެ. ހަމަ އެއާއިއެކު މާޔޫސްކަމަކުން އެ ހިތް ވަށައިލެވިގެން ދިޔައެވެ. އޭނައާއި ހިބާ ގުޅިގެން ދިޔުމަކީ ނާދިރު ކަމެއްހެން ހީވުމުންނެވެ.
އެ ހީވި ހީވުމުގެ ނޭދެވޭ އިޙްސާސްތަކުގެ ސަބަބުން އެވަގުތުވެސް އީތަންގެ މޫނުމައްޗަށް މާޔޫސްކަން ވެރިވިއެވެ. ކޮންމެއަކަސް އީތަން ކުރިމައްޗަށް ނަޒަރު ހުއްޓައިލަމުން އޭނަގެ ފޯނު ނަގައި ކުރިމަތިން ފެންނަމުން ދިޔަ ރީތި ކުލަތަކުން ފުރިފައިވި މަންޒަރުގެ ފޮޓޯއެއް ނެގިއެވެ. އޭނަގެ އެދުމަކަށް ވެފައިވީ ޝަބީދައްތަ މެދުވެރިވެގެން ވެސް ހިބާއަށް އެ މަންޒަރު ދެއްކުމެވެ. އަދި ހިބާ އެތަނަށް ގެނައުން ވެސްމެއެވެ. ރީތިހާ ހުރިހާ މަންޒަރެއް ހިބާއަށް ދައްކައި، ހިބާއަށް ކަމުދާނެ ހުރިހާ އެއްޗެއް އީތަން ހޯދައިދޭން ބޭނުންވީތީވެއެވެ. އޭނައާއި ހިބާ ނުގުޅުނު ކަމުގައި ވިޔަސްމެއެވެ.
ފޮޓޯ ނެގުމަށްފަހު އޭތި އިންސްޓާގްރާމަށް ލުމަށްޓަކައި އީތަން އޮންލައިންވެލިއެވެ. ޑޭޓާ ޖައްސައިލުމާއިއެކު އީތަންގެ ލޮލުގައި އެޅީ ވައިބާރއިން ހިބާގެ ފަރާތުން އޭނައަށް އައިސްފައިވި މެސެޖެވެ. އީތަން ދެވަނަ ވިސްނުމެއްވެސް ނެތި އެ މެސެޖު ހުޅުވައި ކިޔައިލިއެވެ.
“މި ކޯޑްގަ ހުރީ ކޮން އެރާރ އެއްތޯ؟”
ހިބާ ފޮނުވާފައިވި މެސެޖުގައި އޮތީ އެހެންނެވެ. އެ މެސެޖުގެ ކުރިން 4 ވަރަކަށް ސްކްރީން ޝޮޓް ހިބާ ފޮނުވާފައި ހުއްޓެވެ. އެ ހުރިހާ ސްކްރީން ޝޮޓަކީ ހިބާ ލިޔަން ފަށާފައިވާ ދިގު ކޯޑެއްގެ ބައިތަކެއްކަން އީތަންއަށް އެނގުންވީ ހިނދު ހިސާބަކަށް ޙައިރާންވިއެވެ. ރެސްޓޯރެންޓުގައި ފަރީދުބެއާއި ހިބާއާއި ދެމެދު ދެކެވުނު ވާހަކައަށްފަހު އިއްޔެ ވޭތުވެގެން ދިޔަ 24 ގަޑިއިރު ތެރޭގައި އީތަންއަށް ހިބާ ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހިބާ މުޅި އެދުވަހު ހިތާމަކުރީއޭ ހިތައި އީތަންގެ ހިތް ދެރަވެސްވިއެވެ. އެހެނަސް ޝަބީދައްތަ ކުރެން ސުވާލުކުރުމުން އީތަން ހިސާބަކަށް އޮޅުންއެރިއެވެ. ދައްތަ ބުނިގޮތުގައި ހިބާ ގަޑިންގަޑިއަށް ކާންވެސް ނިކުތެވެ. ހުރިހާ ކެއުމެއް ވެސް އަވަހަށް ނިންމައި ހިބާ ކޮޓަރިއަށް ދިޔައީ ވަރަށް މަސައްކަތްތައް އެބަހުރި ކަމަށް ބުނަމުން ކަމަށް ޝަބީދައްތަ ބުންޏެވެ.
މީގެ އިތުރުން ރޭ ހިބާއާއި އެކީ ކޯޑިންގް ސެޝަންއެއް ބޭއްވުމަށް އެދުނީ ވެސް ޚުދު ހިބާއެވެ. އެ ސެޝަންގެ ތެރެއިން ވެސް ހިބާ ނުހަނު ޖޯޝާއިއެކީ ސުވާލުކޮށް ޝައްކުތައް އޮޅުން ފިލުވައި ހެދި ގޮތުން ހިބާ އޭނަގެ ޙަޔާތަށް އައިސްފައިވި ޠޫފާނުގެ މަތިން ހަނދާން ނެތުނީތޯ އީތަންގެ ހިތަށްއެރިއެވެ. އެހެންނޫނީ ފަރީދުބެއާއި އޭނަ ދެއްކި ވާހަކައަށްފަހު ފަރީދުބެ ހިބާއަށް ދުލެއް ދިނީތޯވެސް ހިތް ސުވާލުކުރިއެވެ.
ހިތަށް ވެރިވި އެ ޚިޔާލުން އީތަންއަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އެހެނަސް އެ ހަމަޖެހުމަށް ލޮޅުމެއް އައީ ހިބާގެ މެސެޖުތައް އައިސްފައިވި ވަގުތު ފާހަގަވުމުންނެވެ. ހިބާ އެ މެސެޖުތައް އޭނައަށް ފޮނުވިފައިވީ ރޭ ދަންވަރު 2 ޖެހިއިރެވެ. ހިބާއަކީ ޢާއްމު ގޮތެއްގައި ވަރަށް އަވަހަށް ނިދާ ކުއްޖެއްކަމަށް ޝަބީދައްތަގެ ފަރާތުން އީތަންއަށް އިވިފައިވެއެވެ. ހިބާ ދަންވަރު ހޭލާ މަސައްކަތް ކުރަން އިނީ ކަންވެގެން ދިޔަ ގޮތުން ހިތަށް އުދަގޫވާތީތޯ ހިތަށްއެރިއެވެ.
އަނެއްކާވެސް ހިބާ ހިތާމަކުރާ މަންޒަރު ލޮލަށް ސިފަވާން ފެށުމުން ވީ އުދަގުލާއިއެކީ އީތަން ބޯހޫރުވައިލީ އަމިއްލަ ޙާލަތާއިމެދު ވެސް ވިސްނަމުންނެވެ. ތެރަޕީއިން އޭނައަށް ނަޞޭޙަތްތެރިވެފައި ވަނީ ހިތްދަތި ކުރުވާފަދަ ޚިޔާލުތަކުން ވީހާވެސް ދުރުވުމަށެވެ. ކުރިމަތިވެފައިވާ މައްސަލައަށް އޭނައަށް ޙައްލެއް ގެނެވޭނީވެސް އޭރުން ކަމަށް ބުނަމުންނެވެ.
އެހެންކަމުން އެވަގުތު ވެސް އީތަން އެ ޚިޔާލުތަކާއި ދުރުވެ ހިބާއަށް އެހީވެދޭން އަވަސްވިއެވެ. ސްކްރީން ޝޮޓްތަކުގައި ވި ކޯޑުގެ ރޮނގުތަކަށް ރަނގަޅަށް ބެލުމަށްފަހު އޭގައި މައްސަލަ ހުރި ތަންކޮޅު އީތަން ފާހަގަކުރިއެވެ. އަދި އެ ކޯޑުގެ އެ ބައި ރަނގަޅަށް ލިޔެވޭނެ ގޮތް އެ ހުރިތާހުރެ ޓައިޕްކޮށް ހިބާއަށް ފޮނުވައިލިއެވެ.
އީތަން ހީކުރި ގޮތާއި ޚިލާފަށް އޭނަ އެ މެސެޖު ފޮނުވި ތަނާހެން ހިބާއަށް އެ މެސެޖު ފެނުނު ކަމަށް އެރިއެވެ. އިސާހިތަކު ހިބާ މެސެޖެއް ފޮނުވިއެވެ.
“ތެންކިއު ސާރ!” ހިބާގެ މެސެޖު އާދައިގެ މަތިން ކުރެވެ. އީތަން ވެސް ‘ވެލްކަމް’ އޭ ލިޔެ ހިބާއަށް ފޮނުވައިލިއެވެ. އެއަށްފަހު އާދައިގެ މަތިން ހިބާގެ ފަރާތުން މެސެޖެއް ނައެވެ. އެހެނަސް އީތަން މެސެޖެއް ކުރަން ބޭނުންވިއެވެ. އެ ކޯޑު ހިބާ ލިޔުނީ ރޭ ހޭލާ އިނދެގެންތޯ އަހަން ބޭނުންވިއެވެ. ކިތަންމެ ޝައުޤުވެރި ވިޔަސް އެހެން ހަދައިގެން ނުވާނެކަމަށް ބުނަން ހިތް އެދުނެވެ.
އެ ބަސްތައް ލިޔުމަށްޓަކައި އީތަންއަށް ޓައިޕްވެސް ކުރެވެން ފެށިއެވެ. އެހެނަސް އޭނައާއި ހިބާއާއި ދެމެދު އޮންނަންޖެހޭ ދުރުކަން ހަނދާން ކުރަމުން އީތަން އެ ޓައިޕްކުރި ބަސްތައް ވެސް ފޮހެލިއެވެ. އެއަށްފަހު އީތަން ފޯނު ތިރިކޮށްލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.
**
ގެއަށް ދިޔުމަށްފަހު އީތަން އޮފީހަށް ދާން ތައްޔާރުވެގެން ކޮޓަރިން ނިކުތްތަނާހެން ފިޔަވަޅުތައް މަޑުޖެހުނީ، ކާގޭގެ ތެރެއިން ހިބާގެ ހުނުމުގެ އަޑު އިވުމުންނެވެ. އިސާހިތަކު އީތަންއަށް އެ ދިމާލަށް ބަލައިލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެއަށްފަހު އީތަން ލަސް ފިޔަވަޅުތަކެއްގައި އެދިމާލަށް ދާންފެށީ ޝަބީދައްތައާއި ރާނީކޮއްކޮގެ އަޑުވެސް އެ ދިމާލުން އިވުމުންނެވެ.
އީތަން ގޮސް ކާގޭގެ ކުޑަދޮރާއި ތަންކޮޅެއް ދުރު ހިސާބެއްގައި މަޑުކޮށްގެން ހުރެ، ކާގޭގެ ތެރެއަށް ނަޒަރެއް ދިން އިރު ހިބާގެ ފުރިހަމަ ހިނިތުންވުން ފެނިފައި އީތަން ހުއްޓުން އަރާ ގޮތްވިއެވެ. އެއީ ހަމައެކަނި އެ ހިނިތުންވުން ރީތިވީތީވެއެއް ނޫނެވެ. ޙަޔާތުގައި އަމިއްލަ އެދުމާއި ދެކޮޅަށް ވަމުންދާ ހުރިހާ ކަމަކާއި އެކީ ވެސް އެ އަންހެން ކުއްޖާ ހިނިތުންވެގެން އިން ގޮތުން ވީ އަޖާއިބެއްގެ ބޮޑު ކަމުންނެވެ. އެކަން އެހެންވާނީ ކިހިނެއްކަމެއް ދޭހަ ނުކުރެވުނެއްކަމަކު، ހިބާ ހުރީ އުފަލުންކަމަށް އޭނަގެ ސިކުނޑިއަށް ދޭހަ ކުރެވުނީތީ އޭނައަށް ވެސް ހިސާބެއްގެ އުފަލެއް ލިބުނެވެ.
އީތަން މާ ގިނައިރެއް ވަންދެން އެތާ ހުންނަން ޤަޞްދެއް ނުކުރިއެވެ. އަނެއްކާވެސް ހިބާއާއި އޭނައާއި މެދު އޮތް ދުރު މިން ހަނދާންވެ ހިބާއަށް ފަސްދީފައި ދާން ހިނގައިގަނެވުނެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް އަނެއްކާވެސް ފިޔަވަޅުތައް މަޑުޖެހުނީ ފަހަތުން ހިބާގެ އަޑު އިވުމުންނެވެ.
“ސާރ! އީތަން ސާރ!”
އެ އަޑަށް އީތަން ފަސްއެނބުރި ބަލައިލިއިރު ހިބާ ކާގެއިން ނިކުމެ އޭނައަށް ބަލަން ހުއްޓެވެ.
“ކިހިނެއްވީތޯ؟” އީތަން ހިބާއާއި ދިމާލަށް އެއްކޮށް އެނބުރިލަމުން ސުވާލުކުރިއެވެ.
“މިރޭވެސް ސެޝަނެއް ނެގިދާނެތޯ؟ އިން ފެކްޓް….މި ވީކްގެ ހުރިހާ ރެއެއްގަ ސެޝަންތައް ބޭއްވިދާނެތޯ؟” ހިބާ ކޮށްލި ސުވާލުން އީތަންގެ ދެބުމަ ކައިރިވިއެވެ.
“އެކަމަކު….މި ހަފްތާއަކީ ހިބާއަށް ވަރަށް ބުރަ ވާނެ ހަފްތާއެއް ކަމަށް ވިދާޅުވީމެއްނޫންތޯ؟ މިއަދުން ފެށިގެން ވީޓީގެ އެޕްލިކޭޝަން ފައިނަލައިޒްކުރަން ވީޓީގެ ހެޑްކުއާރޓާސްއަށް ވެސް ދާންޖެހެއެއްނޫންތޯ؟ އަދި އެއަށްފަހު ގެއަށް ވެސް ނައިސް ސްކޫލަށް ދާން ޖެހޭ ވާހަކަ ވެސް އަޅުގަނޑަށް އިވުނުހެން ހީވަނީ…”
“އާދެ އެކަމަކު ރަނގަޅުވާނެ. އައި ކޭން ހޭންޑްލް އިޓް އިން ޝާ ﷲ. ދެން މިހާރު ވެސް ވަރަށް ބޮޑަށް ދަސްވެފަ ހުރީމަ އަޅުގަނޑު ރާއްޖެއަށް އަނބުރައި ދިޔުމުގެ ކުރިން އަޅުގަނޑުގެ އެޕްލިކޭޝަންގެ ބޮޑުބައި ނިންމާލަން ބޭނުންވަނީ. އެހެންވީމަ ހުރިހާ ރެއެއްގަ ސެޝަން ބާއްވަން ބޭނުމީ. ސާރގެ މައްސަލައެއް ނެތިއްޔާ…”
ހިބާ ދެއްކި ވާހަކައިން އީތަން ހިމޭންވާ ގޮތްވިއެވެ. އޭނަ ހިބާގެ ސޫރައަށް ނުހަނު ފަރުވާތެރި ނަޒަރެއް ދެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އޭނައަށް ހުރެވުނު ހިސާބުން އެ މޫނުމަތިން ފާހަގަ ކުރެވުނުހާ ވެސް ކަމަކީ ފުރިހަމަ ހިނިތުންވުމެކެވެ. ހިބާއަށް ބަލާ އެއްވެސް މީހަކު މީގެ 2 ދުވަހެއްހާ ކުރިން އޭނަގެ ޙަޔާތް ބަރުބާދު ކުރުވާފަދަ ޚަބަރެއް ހިބާއަށް ލިބުނު ކަމަށް ޤަބޫލެއް ނުކުރާނެއެވެ. ހިބާގެ އެ ހިނިތުންވުމުގެ ފަހަތުގައި އެ ފުން ހިތާމަ ފޮރުވަނީތޯ އީތަންގެ ހިތަށްއެރިއެވެ. މާ ބުރަކޮށް މަސައްކަތް އެ ކުރަނީ އެ ޚިޔާލުތަކުން ދުރުވުމަށްތޯ ހިތާހިތުން ސުވާލުކުރެވުނެވެ.
އީތަންއަށް އަމިއްލަ ޚިޔާލުތަކުން ނިކުމެވުނީ ހިބާ ‘ސާރ’ އޭ ކިޔައި ގޮވައިލުމުންނެވެ.
“އާދެ ހިބާ…އަޅުގަނޑު ވިސްނައިލާނަން ތިކަމާ އިނގޭތޯ؟”
އީތަން ބުނެލިއެވެ. ހިބާ އެ ވާހަކައަށް ‘ލައްބަ’އޭ ބުނެލީ ވެސް ނުފިލާ ހިނިތުންވުމަކާއި އެކީގައެވެ. ދެންމެ ހިތަށް ވެރިވި ޚިޔާލުތަކުން އެ ހިނިތުންވުން ފެނިފައި އީތަންއަށް ހިނިތުންވެ ނުލެވުނެވެ. ހިބާއަށް ފަސްދީފައި އީތަން ދާން ހިނގައިގަތީ ހިބާ އޭނަ ދެންމެ ހީކުރި ފަދަ ޙާލަތެއްގައި ނުވާނެ ގޮތެއްވުމަށް ހިތާހިތުން ދުޢާކުރަމުންނެވެ.
އެހެނަސް އީތަންއަށް ހީކުރެވުނީ ރަނގަޅަށެވެ. ހިބާ އޭނަ ކުރިން ނުދައްކާހާ ފުރިހަމަ ހިނިތުންވުންތަކާއިއެކީ އާދަޔާ ޚިލާފަށް ބުރަކޮށް މަސައްކަތް ކުރަމުން ދިޔައީ، އެރޭ އޭނައާއި ބޮޑުބޭބެއާއި މެދު ދެކެވުނު ވާހަކަތަކާއިމެދު ނުވިސްނުމަށެވެ. އެކަމާއިމެދު ނުވިސްނައި ބޮޑުބޭބެއާއި ކުރިމަތި ނުލުމުން އެއީ އޭނަގެ ޙާލަތަށް ޙަމްދު ކުރެވެނީ ކަމަށް ހިބާއަށް ނިންމުނެވެ. ބޮޑުބޭބެއާއި ކުރިމަތިލާން މަސައްކަތް ކޮށްފިނަމަ އަނެއްކާވެސް އޭނައަށް ރޮވިދާނެތީވެއެވެ. ބަލިކަށިވެދާނެތީވެއެވެ. ޝަކުވާ ކުރެވޭނެތީވެއެވެ.
އެހެނަސް ހިބާއަށް ނުވިސްނުނު ކަމަކީ ﷲ އަށް ޙަމްދު ކުރުމުގެ ތެރޭގައި ސަބަބުތަކުގައި ހިފުން ވެސް ހިމެނޭކަމެވެ. އޭނަގެ ޙަޔާތުގައި ގޯހަށް ކަމެއް ދާނަމަ އެކަމެއް ބަދަލުކުރަން އަތުން މަސައްކަތް ކުރަންޖެހޭކަމެވެ. އަތުން ބަދަލު ނުކުރެވޭނަމަ ދުލުން ވެސް ކުރަންޖެހޭނެކަމެވެ. އަދި އޭނަ އަމިއްލައަށް އެކަން ކުރުމުގައި ނާކާމިޔާބުވެއްޖެނަމަ އެހެން މީހެއްގެ އެހީއާއި އެކީވެސް މައްސަލައާއި ކުރިމަތިލައި އެ މައްސަލަ ޙައްލުކުރަން ފިޔަވަޅުތައް އަޅަން ޖެހޭނެކަމެވެ.
ހިބާއަށް އެފަދައިން ނުވެސް ވިސްނޭނެތާއެވެ. ޙަޔާތުގައި ބޮޑުބައި ހިބާ ހޭދަކޮށްފައިވީ އެހެން މީހެއްގެ އެހީއާއި ނުލައެވެ. ބަޔަކު މީހުން އޭނައަށް އެހީވެ ދިން ދުވަސްވަރު ވެސް އެހީވީ ނުރުހުންތެރިކަމާއި އެކީގައެވެ. އަދި އަމުދުން މިއަދު އޭނައަށް އެހާ ބޮޑު ހިތާމައެއް ލިބިފައިވަނީ އޭނަ މިހާ ދުވަސްވަންދެން އިތުބާރު ކުރި ބޮޑުބޭބެއެއްގެ ފަރާތުންނެވެ.
އޭނަގެ މައްސަލައެއް ޙައްލުކުރުމަށް އެހެން މީހެއްގެ އެހީ ހޯދިދާނެކަމުގެ ޚިޔާލު ވެސް ހިބާގެ ސިކުނޑިއަށް ނައީ އެހެންވެއެވެ. ހަމްނާ ގުޅުމުން ހަމްނާއާއި ވެސް އެ ވާހަކަ ޙިއްސާކުރަން ބޭނުމެއް ނުވީ، ޙަޔާތުގެ ގިނަ ހިތާމަތައް އުފުލީ އޭނަ އެކަނި ކަމަށްވީތީވެއެވެ. އޭނަގެ ހިތާމަތައް އެހެން މީހަކާއި ޙިއްސާކޮށް އެ ‘ބުރަ’ މީހަކު ލައްވާ އުފުލުވާކަށް ހިބާ އެއްގޮތަކަށް ވެސް ބޭނުމެއް ނުވަނީއެވެ.
އާސިފްގެ ނޭދެވޭ ޚިޔާލުތައް ސިކުނޑިއަށް ވެރިވާން އުޅުމާއިއެކު ހިބާ ކޮންމެވެސް މަސައްކަތެއްގައި މަޝްޣޫލުވަނީ މި ސަބަބުތަކާއި ހުރެއެވެ. އޭނަގެ ހިތުގައިވި ޒަޚަމްތަކުގެ ސަބަބުން، އޭނަގެ ހިތާމަތަކުން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށް ނޭނގުމެއްގެ ތެރެއިން ވެސް ހިބާއަށް ވިސްނިފައިވެއެވެ. އެހާ ބުރަކޮށް މަސައްކަތް ކުރުމުން ޚުދު އޭނަގެ ޞިއްޙަތަށް ގެއްލުންވާކަން ހަނދާންވަމުން ދިޔައެއްކަމަކު، ހިބާ މިފަދަ ގޮތަކަށް ކުރިއަށް ދިޔައީ ޞިއްޙަތާއިމެދު ވަކި މާ ބޮޑު ފަރުވާލެއް ނެތިއެވެ. ނޭނގުމެއްގެ ތެރެއިން އޭނަގެ އަމިއްލަ އަތުން އަމިއްލަ ނަފްސު ބަރުބާދު ކުރެވެމުން ދިޔައެވެ.
އެކަން ހިބާއަށްވުރެ ވެސް ކުރިން ފާހަގަވެގެން ދިޔަ ފުރަތަމަ މީހަކީ އީތަންއެވެ. އެއްދުވަހު ހަވީރު އީތަން އޮފީހުން ގެއަށް އައި ވަގުތު އީތަންއަށް ހިބާ ފެނިގެން ދިޔައީ ބެލްކަނީގައި ހުއްޓާއެވެ. ހިބާ ފޯނުން ވާހަކަ ދައްކަން ހުރިތަން ފެނިފައި އީތަން ލަސް ފިޔަވަޅުތަކެއްގައި ހިބާގެ އަޑު އިވޭނެ ހިސާބަށް ދިޔައެވެ.
“އާނއެކޭ ހަމް….ހުރިހާ ކަމެއް ރަނގަޅު. ކުޑަކޮށް ރޯގާ ޖެހިގެން މިއުޅެނީ…” ހިބާ ވާހަކަ ދެއްކިއިރު އެ އަޑު ބަދަލުވެފައިވި ގޮތުން ނޭފަތް ބެދިފައިވި މިންވަރު އީތަންއަށް ވެސް ފާހަގަވިއެވެ. އެއާއިއެކު އީތަންގެ ގޮށްމުއްކެވުނެވެ.
“ހެހެ….އެންމެ ރަނގަޅު. ތި ފިލްމުން ވާ ގޮތަށް ސަޅި ބްރަދާ-އިން-ލޯއެއް ހޯދައިގެން ދޮންތަ އަންނާނަން…އޭރަށް ހަމްއަށް ވެސް އެނގޭނެތާ ސްޓޭންޑާޑްސް ސެޓް ކުރަން…ދެން މާ ގިނައިން ފިރިހެން ކުދިންނާއިމެދު ނުވިސްނައްޗޭ. އެގްޒާމް ދުވަސްވަރެއްނު؟ ރަނގަޅަށް ދަސްކުރާތި. އެއްވެސް ޑައުޓެއް އޮތިއްޔާ ދޮންތައަށް ފޮޓޯއެއް ނަގާފަ ފޮނުވާތި. ދޮންތަ ހެލްޕްވާނަން….އާނ އޯކޭ. މި ބޭއްވީ. ބާއި!”
ހިބާ ހިސާބެއްގެ ތުރުތުރެއް އެކުލެވޭ އަޑަކުން ދެއްކި ވާހަކަތަކުން އީތަންގެ މޭގައި ރިހުމެއް ހިނގައިލިއެވެ. މި ކުއްޖާ އެންމެ ކައިރިން ގެންގުޅޭ ކޮއްކޮ ގާތު ވެސް ވެގެން އުޅޭ ގޮތެއް ކިޔައިނުދެނީތޯ ހިތަށްއެރިއެވެ. އެ ހުރިހާ ހިތާމައެއް އަމިއްލަ ހިތުތެރެއަށް ގަންބާލައިގެން އެ އުޅެނީ ކިހިނެއްތޯ ހިތަށްއެރިއެވެ.
އީތަން ބަލަބަލާ ހުއްޓާ ހިބާ ފޯނު ކަނޑައިލުމަށްފަހު އަވަސްއަވަހަށް ކަރުނަތައް ފޮހެލިއެވެ. އެއަށްފަހު ހިބާ އޭނައާއި ދިމާލަށް އެނބުރެން އުޅުނުތަނާހެން އީތަން ހިބާއަށް ފަސްދީފައި ދާން ހިނގައިގަތެވެ. ހިބާއަށް އީތަން އެ ފެނުނު ހިސާބުން ފެނުނީތީ ހިސާބަކަށް ޙައިރާންވެފައި ހުރެވުނެވެ. އީތަން ސާރ ދެންމެ އޭނަ ދެއްކި ވާހަކަތައް އަޑު އެހީތޯ އަމިއްލަ ނަފްސާއި ސުވާލުކުރެވުނެވެ.
އީތަން އެ ދިޔަ ގޮތަށް ކޮޓަރިއަށް ގޮސް އިށީނުމެއްވެސް ނެތި އޭނަގެ ފޯނު ނަގައި ހިބާއަށް ފޮނުވަން މެސެޖެއް ލިޔުނެވެ.
“މިރޭވެސް ސެޝަން ބާއްވަންތޯ ހިބާ އެދިލައްވަނީ؟”
އީތަން އެ ބަސްތައް ލިޔެ ފޮނުވައިލީ ހިބާ ބުނާނެ އެއްޗެއް ދެނެގަންނަން ބޭނުންވި މިންވަރުންނެވެ. މާ ގިނައިރެއްނުވެ ހިބާގެ ޖަވާބުއައެވެ.
“ލައްބަ.”
ހިބާގެ އެ ޖަވާބުން ވީ ނުރުހުމާއި ހިތަށްވީ އުދަގުލާއިއެކީ އީތަންއަށް ފޯނުގައި ބާރަށް ހިފަހައްޓައިލެވުނެވެ. ބަލިވުމުން އަރާމު ނުކުރަނީތޯ އީތަން ހިބާގެ ގާތަށް ގޮސް ހަރުއަޑުން ބުނަން ބޭނުންވިއެވެ. އެވަގުތުވެސް ސެޝަން ކެންސަލްވީ ވާހަކަ މެސެޖަކުން އަންގަން އުޅެފައިވެސް ސެޝަން ބާއްވަން އީތަން ނިންމީ، އެ ވާހަކަ ނުހަނު ސާފުކޮށް ހިބާއަށް އަންގަން އީތަން ބޭނުންވީތީވެއެވެ.
މިގޮތުން އެރޭ އެންމެ 15 މިނެޓް ވަންދެން ސެޝަން ނެގުމަށްފަހު އީތަން ހިބާ ބަލީތޯ ސުވާލުކުރިއެވެ. އޭގެ ޖަވާބުގައި ހިބާ ބުނީ އެދުވަހު ހަވީރު ހަމްނާގާތު ވެސް ބުނި ފަދައިން، އެއީ ކުޑަކޮށް ރޯގާ ޖެހުނީ ކަމަށާއި، ވަރަށް އަވަހަށް ރަނގަޅުވާނެ ކަމަށެވެ. އޭގެ ޖަވާބުގައި ކިތަންމެ ކުޑަކޮށް ބަލިވިޔަސް އަރާމު ކުރަންވާނެ ކަމަށް އީތަން ސާބިތު އަޑަކުން ބުންޏެވެ. އަދި އެހާ ބުރަކޮށް މަސައްކަތް ވެސް ކުރަން ނުވާނެ ކަމަށް ބުނެ ހަފްތާއެއްހާ ދުވަސް ވަންދެން ސެޝަންތައް ކެންސަލް ވާނެ ވާހަކަ އެންގިއެވެ. ހިބާ އެއަށްވެސް އިންކާރު ކުރަން އުޅުނެއްކަމަކު އީތަން އެ ފުރުސަތެއް ނުދީ ކޯލު ނިންމައިލިއެވެ. އީތަން އެއަށްފަހު ފުން ނޭވައެއް ދޫކޮށްލީ އޭނަ އެޅި މި ފިޔަވަޅުން ހިބާއަށް ބޭނުންވާ އަރާމު ލިބޭނެކަމަށް އީތަން ހީކުރިއެވެ.
އެހެނަސް އެއިން ކުރިން މާ ބޮޑު އަސަރެއް ނެތެވެ. އީތަން އެ ސެޝަންތައް ކެންސަލް ކުރީތީ ހިބާ ސްކޫލްގެ ލައިބްރަރީއިން ކޯޑިންގްއާއި ގުޅޭ ފޮތެއް ހޯދައިގެން ރޭގަނޑު ވަގުތު ހަމަ އެ މަސައްކަތް ކުރަމުން ދާކަން އީތަންއަށް އިވިގެން ދިޔައީ ޝަބީދައްތަގެ ފަރާތުންނެވެ. އެއީ ވެސް އީތަން ސެޝަންތައް ކެންސަލް ކުރިތާ އެންމެ ދުވަހެއް ފަހުންނެވެ.
އޭގެ ފަހުން ދުވަހުން ދުވަހަށް ހިބާގެ ޙާލަތު ގޯސްވަމުން ދިޔައެވެ. ފަހަކަށް އައިސް ހިބާއަށް ރަނގަޅަށް ނުވެސް ކެވެއެވެ. ލޯމަތިން އަބަދުހެން ފެންނަމުންދަނީ ވަރުބަލިކަމެވެ. ހިބާ އަރާމު ކުރޭތޯ ޔަޤީން ކުރުމަށްޓަކައި އީތަން ގޭގެ ލައިޓް ސިސްޓަމް މަސައްކަތް ކުރާ ގޮތުގެ ޕްރޮގްރާމިންގް ވެސް ބަދަލުކުރިއެވެ. މިގޮތުން ރޭގަނޑު 9 ޖަހާއިރަށް ހިބާގެ ކޮޓަރީގެ ބޮކިތައް ނިވި، ކޮމްޕިއުޓަރު ވެސް ސްޓޭންޑް ބާއިއަށް ދާ ގޮތަށް ހެދިއެވެ. އަދި ހިބާ އެކަނިވެރި ނުކުރުވުމަށް ހިބާގެ ކޮޓަރިއަށް ގިނަގިނައިން ޑޯޑޯވެސް ފޮނުވިއެވެ. އެގޮތަށް އީތަން ޑޯޑޯ ފޮނުވީ ހިބާ ދައްކާ ހުރިހާ ވާހަކައެއް ރެކޯޑު ކުރެވޭ ގޮތަށެވެ. ޑޯޑޯ އަނބުރައި އައުމުން އީތަން އެ ރެކޯޑިންގްތައް އަޑުއެހީ، ހިބާ ރޭގަނޑު ނިދާތޯ ބެލުމަށެވެ. އީތަން އެ ރެކޯޑިންގް އަޑުއަހަން ފެށީވެސް ޑޯޑޯ ދޭ ނަސޭޙަތްތަކުން ހިބާ އަވަހަށް ނިދާނެ ކަމަށް އުއްމީދުކުރަމުންނެވެ. އެހެނަސް….
“އަހަންނަށް ވެސް ސްލީޕްގެ ބެނިފިޓްސް އެނގެއޭ ޑޯޑޯ. އެކަމަކު ހަމަ ނުނިދެނީ. ނިދަން އޮށޯތީމަ ހަނދާންކުރަން ބޭނުންނުވާ ކަންތައް ހަނދާންވަނީ. މިގޮތަށް މަސައްކަތް ނުކޮށް އިނީމަ މާ ބޮޑަށް ވިސްނެނީ. އަންނަން އުޅޭ ޑާރކް ފިއުޗާރއަކާއިމެދު. އެ ފިއުޗާރގަ އުޅޭނީ ކިހިނެއް ކަމާއިމެދު. ކޮއްކޮގެ މުސްތަޤްބަލާއިމެދު ވެސް ކަންބޮޑުވޭ. ބައެއްފަހަރު ހީވޭ ސްވިސްގަ މިއުޅޭ މަދު ދުވަސްކޮޅަކީ ޙަޔާތުގަ އަންނާނެ އެންމެ ފަހުގެ އުފާވެރި ދުވަސްކޮޅޭ. ސޯ ދެޓްސް ވާއި އައިމް ޓްރާއިންގް ޓު ލިވް މައި ލައިފް ޓު ދަ ފުލެސްޓް. ހެހެ…”
އޮފީހުގެ މޭޒުދޮށުގައި އިނދެ ޑޯޑޯ ކައިރީގައި ބަހައްޓައިގެން ކޮމްޕިއުޓަރުން އެ ރެކޯޑިންގް އަޑުއަހަމުން ދިޔަދިޔަހެން އީތަންގެ ލޮލުން ކަރުނަ ހިލި، ނޭފަތް ރަތްވެގެން ދިޔައެވެ. ހިތާހިތުން ހިބާގެ އެ ބަސްތަކަށް ރައްދު ދެމުން ދިޔަ ހިނދު ކަރުނަތައް ފައިބަން އުޅުނުހެން ހީވުމުން އީތަން ދުރަށް ނަޒަރު ހިންގައި އަވަސްއަވަހަށް އެސްފިޔަ ޖަހައިލިއެވެ. ހަމަ އެވަގުތު މޭޒުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށުމުން އީތަންއަށް ފޯނު ނެގުނެވެ. ސްކްރީނުން ޝަބީދައްތަގެ ނަން ފެނިފައި އިސާހިތަކު އީތަން ކޯލް ރިސީވްކޮށް ފޯނު ކަންފަތުގައި ޖައްސައިލެވުނެވެ. އީތަންއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޝަބީދައްތަގެ ކަންބޮޑުވުން އެކުލެވިފައިވި އަޑު އިވިގެން ދިޔައެވެ.
“އީތަން ބަލާބަލަ މި ހިބާއަށް….ހުންއައިސްގެން ކޮޅަށްވެސް ނުހުރެވޭ. އެކަމަކު ސްކޫލަށް ދާންވެގެންނޭ ކިޔާފަ ތައްޔާރު އެވަނީ. މަ ބުނެ ބުނެ އަޑެއް ނާހައޭ!” އެކޮޅުން އިވުނު ވާހަކައިން އީތަންގެ ބުމަގޮށްޖެހުނެވެ.
“ޝަބީދައްތަ ކަންބޮޑުނުވޭ. އަހަރެން އެބަ އަންނަން ޑޮކްޓަރ ޖޭމްސް ގޮވައިގެން ގެއަށް. މައިކަލްއަށް ގުޅާފަ އެބަ އަންގަން ހިބާ މިއަދު ނުދާނެ ވާހަކަ.” އީތަންއަށް އެހެން ބުނެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައި ކޮޅަށް ތެދުވެލަމުންނެވެ. އެކޮޅުން ޝަބީދައްތަ އޯކޭއޭ ބުނެ ފޯނު ކަނޑައިލި ވަގުތު ފަރީދުބެ ކޮބައިތޯ ވެސް އަހަން ހިތަށްއެރިއެވެ. އެހެނަސް އިސާހިތަކު އެ ނަމުން ވެސް ފޫހިވިއެވެ. ރަނގަޅަށްވިއްޔާ ފަރީދުބެ މިހާރު ވެސް ހުންނާނީ އާސިފް ރުއްސުމަށްޓަކައި ރަށަށް ދިޔުމުގެ ކުރިން ސްވިސް ޕްރޮޑަކްޓްސްތައް އެއްކުރާ ދަތުރެއްގައި ގޮސްފައޭ ސިކުނޑި ބުންޏެވެ. އެހެންކަމުން ފަރީދުބެއާއިމެދު މާ ބޮޑު ވިސްނުމެއްނެތި ހިބާއަށް އެހީވާން އަވަސްވިއެވެ.
ޑޮކްޓަރ ޖޭމްސް ގޮވައިގެން އީތަން ކާރު ދުއްވާފައި ދިޔައީ އޭނަ ދުވަހަކުވެސް ނުދުއްވާހާ ބާރަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެންޏާ 20 ވަރަކަށް މިނެޓް ނަގާ އެ ދަތުރު 10 ވަރަކަށް މިނެޓުން ނިމުމަކަށް އައިގޮތުން ޢުމުރުން ދުވަސްވީ ޑޮކްޓަރ ޖޭމްސް ވެސް ހުރީ އަޖާއިބުވެފައެވެ. އީތަންގެ ގޮތް އެ ދެކެ ފަރިތަ ޑޮކްޓަރަށް ވެސް ސާފުކޮށް އެނގޭތީވެއެވެ.
އީތަން ގޮސް ގޭގެ ދޮރު ހުޅުވައި ޑޮކްޓަރ ޖޭމްސްއާއި އެކީ ގެއަށް ވަދެގެން އައި ވަގުތު، ސްކޫލަށް ދާން ތައްޔާރުވެގެން ހުރި ހިބާ އީތަންއާއި ދިމާލަށް އަންނަނީއެވެ.
“ސާރ ނިކަން ބައްލަވާ. މައިކަލް ބުނުއްވީ އަޅުގަނޑު ސްކޫލަށް ނުގެންދެވޭނެއޭ. އެކަމަކު ޝަބީދައްތަ ވެސް ބުނީ މައިކަލްގާތު ނުބުނަމޭ އެ ވާހަކައެއް.” ހިބާ އީތަންގެ ކުރިމަތީގައި ގޮސް މަޑުކޮށްލަމުން ޝަކުވާ ކުރިއެވެ. އެހިނދު ޝަބީދައްތަ ވެސް ދުރުގައި ބަލަހައްޓައިގެން ހުއްޓެވެ.
“ހިބާ ސްކޫލަށް ގެންދިޔުމަށް މައިކަލްއަށް މަނާކުރީ އަޅުގަނޑު…”
“އެއީ….ކީއްވެތޯ؟”
“ކީއްވެހޭ؟! ހިބާ ބަލާބަލަ ހިބާއަށް ވަމުން ތި ދާ ގޮތް. ބަލިވެގެން ގޮއްސަ މީހާ ނިމުމަކަށް ތި އަންނަނީ! ދެން ވެސް އެހެން މީހަކު އޭގެ ތަފްޞީލު ދިނީމަތަ އެނގޭނީ ތި މަސައްކަތް ހުއްޓައިލާފަ ތަނެއްގަ އިށީންނަން؟”
އީތަން ވެފައިހުރި ނުރުހުމުގައި އޭނަ ހިބާއާއި ވާހަކަ ދައްކާއިރު ގެންގުޅޭ މާތް ބަހުރުވައިގެ މަތިން ވެސް ހަނދާން ނެތުނެވެ. އޭނައަށް ވާހަކަ ދެކެވުނު ގޮތް އެނގުންވީ ހިބާ އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުންނެވެ.
“ސް…ސޮރީ. އެކަމަކު މިއަދަކު ހިބާއަށް ސްކޫލަށް ނުދެވޭނެ އިނގޭތޯ؟ ހިބާ މުޅިން ރަނގަޅު ވަންދެން އަރާމުކުރުން ނޫންކަމެއް ނުކުރެއްވުން އެދެން.” އީތަން ބުންޏެވެ.
“އެކަމަކު އަޅުގަނޑު އެހާ ބައްޔެއް-“
“އިނަފް އިޒް އިނަފް! ހިބާ ތިގޮތަށް ހައްދަވަންޏާ ހިބާ ސްވިސް ޓީޗާރސް ގްރޫޕްއިން ބޭރުކުރަން އަޅުގަނޑަށް މަޖުބޫރުވެދާނެ. ހިބާއަށް މި ފުރުސަތު ހޯދައިދިނީ އަޅުގަނޑު. އެހެންވީމަ އެކަން ކުރުމަކީ އަޅުގަނޑަށް ނުހަނު ފަސޭހަކަމަކަށް ވާނެހެން ހީވަނީ!”
“އީތަން-“
“އައި އޭމް ޑޭމް ސީރިއަސް!”
އީތަން ވާހަކަ ދެއްކި ރާގުން ހިބާ ދެރަވާނެކަން އެނގި ޝަބީދައްތަ އޭނަ ހުއްޓުވަން އުޅުމުން ވެސް އީތަން ފަހުގެ ބަސްތައް ބުނެލިއެވެ. އޭނަގެ އެ ބަސްތަކަށްފަހު ހިބާ ހުއްޓުން އަރައި އޭނައަށް ބަލަން ހުރިހުރިހެން އެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔަތަން އީތަންއަށް ފެނުނެވެ. އޭނައާއިހެދި ހިބާ ދެރަވެއްޖެކަން އެނގުންވުމުން އީތަން ވެސް ދެރަވިއެވެ. އެހެނަސް އެ ނޫންގޮތަކަށް ހިބާ އޭނަގެ ބަސް އަޑުނާހާނެހެން ހީވުމުން އީތަން އެވަގުތު ވަކި މަޢާފަށް އެދުމެއްނެތި ހިބާގާތު އެތާ ސޯފާގައި ގޮސް އިށީންނަން އެދުނެވެ.
އެވަގުތުކޮޅުގެ ފަހުން ހިބާގެ ފަރާތުން މުޅިންހެން ފެނިގެން ދިޔައީ ހިމޭންކަމެވެ. އީތަން އެހެން ބުނުމާއިއެކު ހިބާ ވަކި އެއްޗެކޭ ބުނުމެއްނެތި ގޮސް އެތާ ސޯފާގައި އިށީނެވެ. އެއަށްފަހު ޑޮކްޓަރ ޖޭމްސް ގޮސް ހިބާގެ ޙާލު ބެލިއެވެ. ޑޮކްޓަރ ޖޭމްސްވެސް ބޭސް ދިނުމަށްފަހު އަރާމުކުރުމަށް ހިބާއަށް ނަސޭޙަތްތެރިވިއެވެ.
ޑޮކްޓަރު ދިޔުމުން އީތަން ހިބާގާތު ކާމޭޒުދޮށަށް ދިޔުމަށް އެންގިއެވެ. އެއަށްފަހު އީތަން ގެއަށް އައި މަގުމަތީގައި ގެނައި ޗިކެން ސޫޕެއް ހިބާގެ ކުރިމަތީގައި ބަހައްޓައި ސަމުސާއެއް ކައިރީގައި ބޭއްވިއެވެ. އެކަން ކޮށްދިނުމަށްފަހު ވެސް އީތަން ދާން ނުއުޅުމުން ހިބާއަށް ސޫޕް ބޯންޖެހުނެވެ. އީތަން ދެންމެ ބުނި ވާހަކަތައް ހަނދާންކުރަމުން ގަދަކަމުން ވެސް ހިބާ އެ ސޫޕްގެ އެއްބައި ބުއެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން ހިބާ ސަމުސާ ގެންދަމުން ދިޔަ މަންޒަރު ބަލަން އީތަންއަށް ފަސޭހައެއް ނުވިއެވެ. ޝަބީދައްތަ އެހީވާން އުޅުމުން ހިބާ އިންކާރު ކުރުމުން އީތަން އެކުއްޖާއަށް އިތުރަށް ނުރުހުންވުން ނޫންކަމެއް ނުވިއެވެ.
ކެއުމުގެ ވަކި ހިސާބުން ހިބާ ކެއްސަން ފެށުމުން އީތަން ދެން އެންމެ ރަނގަޅުކަމަށް ބުނެ، ޖޫސްތަށްޓެއް އަޅައި ދިނުމަށްފަހު ބޭސްތައް ވެސް ކައިރީގައި ބެހެއްޓިއެވެ. އަދި ހިބާ ބޭސް ނަގަން އުޅުމުގެ ކުރިން، އެ ގަޑީގައި ހިބާ ކާންޖެހޭ ބޭސް ކާޑުތައް ނަގައި އީތަން އަމިއްލައަށް ކާޑުތަކުން ބޭސް ގުޅަތައް ހިބާއަށް ނަގައިދިނެވެ.
ޖޫސްތަށްޓަށް ފަހު ފެން ވެސް ދިނުމަށްފަހު އީތަން ހިބާގާތު އަރާމުކުރަން ދިޔުމަށް އެންގިއެވެ. އެހެނަސް ހިބާއަށް ކާގެއިން ބޭރަށް ދެވުމުގެ ކުރިން އީތަން ވާހަކަ ދެއްކިއެވެ.
“އަދި އެއްވާހަކަ. މިރޭ ހިބާ ކައުންސެލާރއެއްގެ ކައިރިއަށް ގެންދަން އެޕޮއިންޓްމެންޓެއް ހަދާފަ އަޅުގަނޑު ހުންނާނީ. ވަރަށް ރަނގަޅު ދިވެހި ކައުންސެލާރއެއް އެއީ. މިރޭ 8 ޖަހާއިރަށް ދާން ތައްޔާރުވުން އެދެން.” އީތަން ބުންޏެވެ.
ހިބާ އެ ވާހަކަ އިވުމަށްފަހު އިރުކޮޅެއް ވަންދެން ހުރިގޮތަށް ހުއްޓެވެ. އެއަށްފަހު ވަކި އެއްޗެކޭ ނުބުނެ ފަހަތް ވެސް ބަލައިލުމެއްނެތި ކާގެއިން ނިކުމެގެން ދިޔައީއެވެ.
އޭރު ހިބާއަށްވީ ގޮތުން ހިބާ އެރޭ ވެސް ކޮޓަރިން ނުނިކުންނާނެ ކަމަށް އީތަންއަށް ހީކުރެވުނެވެ. އެހެނަސް 7:30 ވީއިރު ހިބާ ބޭރަށް ދާން ތައްޔާރުވެގެން ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެގެން އިނުމުން އީތަންއަށް ހަމަޖެހުމެއް ލިބުނެވެ. ހަމަ އެވަގުތު ފަރީދުބެ ވެސް އީތަންގެ އެދުމަށް ހިބާއާއި އެކީ ދާން ތައްޔާރުވެގެން ކޮޓަރިން ނިކުމެފައި ހުރުމުން އެވަގުތުން ވަގުތަށް ދަތުރު ފެށުމަށްޓަކައި ތިން މީހުން ގެއިން ނިކުތެވެ.
އީތަން ހަރުކަށި ގޮތަކަށް އެދުވަހު ހެނދުނު އެދުނު ގޮތުން ހިބާވަނީ އެތައް ދުވަހެއް ފަހުން އެދުވަހު ރަނގަޅަށް އަރާމުކޮށްފައެވެ. އޭނައަށް ނޭނގިވެސް އީތަން ސާރ އޭނަ އަރާމު ނުކުރާކަން ކޮންމެވެސް އެއްގޮތަކަށް ހޯދަފާނެތީވެއެވެ. އަރާމުކުރެވުނީތީ ހިބާއަށް ވެސް އޭނަގެ ޙާލަތު އިހުނަށްވުރެ ހިސާބަކަށް ރަނގަޅުހެން ހީވިއެވެ. އެހެންކަމުން އޭނަ ދެން ކައުންސެލަރެއްގެ ގާތަށް ގެންދިޔުމުގެ ބޭނުމެއް ނެތްކަމަށް ކާރުގެ ތެރެއިން ހިބާ ބުނަން ބޭނުންވިއެވެ. އެހެނަސް އީތަން ސާރ އާއި ފަރީދުބެއާއި ދެމެދު ދެކެވުނު ވާހަކަތަކުން އެއީ ރާއްޖެއަށް މަޝްހޫރު ކައުންސެލަރެއް ކަމަށްވާ، ޑޮކްޓަރ ޔުނާ ޚަލީލް ކަމަށް ބުނުމުން ހިބާ އެ ބައްދަލުވުމަށް ކެތްމަދުވިއެވެ. ޑޮކްޓަރ ޔުނާއަކީ ސްކޫލްތަކަށް ވެސް ގިނަގިނައިން ޒިޔާރަތް ކޮށް ކުދިންނަށާއި މުދައްރިސުންނަށް ވެސް ސެޝަންތައް ނަގާ ކައުންސެލަރެއްކަމަށް އިވިފައިވީތީވެއެވެ. ޑޮކްޓަރ ޔުނާއާއި ބައްދަލުކޮށް އޭނަގެ ރަށު ސްކޫލަށް ވެސް ޒިޔާރަތް ކުރަން އެދެން ހިތް އެދުނެވެ.
45 މިނެޓްގެ ދުއްވުމަށްފަހު އީތަންގެ ކާރު ގޮސް ޕާކުކުރެވިގެން ދިޔައީ ދެ ބުރިއަށް ނެގިފައިވި ގެއެއްގެ ކައިރީގައެވެ. ގޭގެ ވަށައިގެން ފެންސެއް ޖަހާފައިވީއިރު ހުދު ކުލައިގެ ފާރުގައި ކަޅުކުލައިގެ ހިމަ ރޮނގުތައް އެޅިފައިވިތަން ފެންނަމުން ދިޔައެވެ. އީތަން ބުނި ގޮތުގައި މިއީ ޑޮކްޓަރ ޔުނާގެ ޢާއިލާ މީހުން ޗުއްޓީއަށް އައިސް ޢާއްމު ގޮތެއްގައި ހިފައިގެން އުޅޭ ގެއެވެ. ޗުއްޓީގައި އީތަން ބުނުމުން އެޕޮއިންޓްމެންޓެއް ހަދައިދިނީ، ޑޮކްޓަރ ޔުނާގެ ފިރިމީހާއަކީ އީތަންގެ ގާތް އެކުވެރިއަކަށްވީތީވެކަން ވެސް ހިބާއަށް އެނގުނީ އީތަން ފަރީދުބެ ގާތު ދެއްކި ވާހަކައަކުންނެވެ. އެގޭގެ ދޮރު ހުޅުވިގެން ދިޔުމާއިއެކު އެކަން އިތުރަށް ހާމަވެގެން ދިޔައެވެ.
“އަނހާ އީތަން މައި މޭން! ހާދަ ދުވަސް ކޮށްލާފައޭ މި ފެނުނީ!” އީތަން ބެލް އެޅުވިތާ މާ ގިނައިރެއްނުވެ ދޮރު ހުޅުވި ފިރިހެން މީހާ ފުރިހަމަ ހިނިތުންވުމަކާއިއެކީ އީތަންގެ ގައިގައި ބައްދާލިއެވެ.
“ދޯ؟ ލޯންގް ޓައިމް ނޯ ސީ، ޒިހާން. ކޮބާ މިހާރު އެ ސޮފްޓްވެއާރގެ ކަންތައް ރަނގަޅުތަ؟” އީތަން ޒިހާނާއި ދުރުވެލަމުން އަހައިލިއެވެ.
“ހުމް….ތޭންކްސް ޓު ޔޫ އެ ނޫންނަމަ 2 އަހަރު ކުރިން އެ ވައިރަސްއަކާހެދި މަ ބަނގުރޫޓުވީސް. މަ ޔުނާ ކައިރި އެބަ ބުނަން ޕެރެމައުންޓް ހޮޓެލްއަށް ވެސް އެކަހަލަ ސެކިއުއާރ ސޮފްޓްވެއާރއެއް ހޯދާށޭ….އެނީވޭސް އާދެބަލަ އެތެރެއަށް. މި ކުއްޖާ ޔުނާއަށް ދައްކަންތަ ތިއައީ؟” ޒިހާން ހިބާއަށް ލުއި ނަޒަރެއް ދެމުން އީތަން ކުރެން އެހިއެވެ. އީތަން ހޫންލައްވައިލުމުން ޒިހާން އެމީހުންނަށް އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. ހަމަ އެވަގުތު ފަރީދުބެ ފޯނެއް އަންނާތީ އެތާ ބޭރުގައި އިރުކޮޅަކަށް މަޑުކޮށްލާނެ ކަމަށް ބުންޏެވެ.
އެހެންކަމުން ގޭގެ ތެރެއަށް ވަދެގެން އައީ ހިބާއާއި އީތަން އެކަންޏެވެ. ގެއަށް ވަދެގެން އައިހެން އެއްފަރާތަކުން ފެންނަމުން ދިޔަ ސިޑިބަރިން، ކުޑަ ފިރިހެން ކުއްޖަކު އުރާލައިގެން ފައިބަމުން އައި ޔުނާ ފެނުނެވެ.
“ޔޫން ދަރިފުޅު….ރޭގަނޑުގެ މިހާއިރުވީމަ ދެން ނޯ ސްވީޓްސް އިނގޭ. މިހާރު ދަރިފުޅަށް އެނގެއެއްނު އެހާ ގިނައިން ސްވީޓްސް ކެއިމަ ވާ ގޮތްދޯ؟” ޔުނާ ގޮސް 4 އަހަރަށްދާ އެކުއްޖާއާއެކީ ސިޑިން ފޭބުމަށްފަހު ބިންމަތީގައި ބަހައްޓަމުން ލޯތްބާއެކީ އެހިއެވެ.
“ލައްބަ….އެ ސްޓޯރީގަ މިންމިންއަށް ވީ ގޮތަށް ދަތަށް ތަދުވެފަ ދަތް ކަޅުވާނީ…މަންމި ބުނެބަލަ ބައްޕި ކައިރިވެސް އެ ވާހަކަ. ބައްޕި މި ގަޑީގަ ސްވީޓްސް ކާތީ ކޮއްކޮ ކާހިތްވަނީ.” ޔޫން މައުސޫމްކަމާއެކީ ބުންޏެވެ. އެއާއިއެކު ޔުނާ އުކުޅުގައި ދެއަތް ވިއްދާލަމުން ޒިހާނަށް ބަލައިލި ގޮތުން އެތާތިބި އީތަންއާއި ހިބާގެ ތުންފަތްމަތިން ވެސް ހިނިތުންވުންތަކެއް ދުވެލިއެވެ.
“އަޅޭ ހަމަ އަސްލުވެސް އެހެންވޭތަ؟ ބައްޕިއަށް ނޭނގުނީއޭ! ދެން ބައްޕިވެސް އެހެން ނަހަދާނެ…” ޒިހާން ވެސް ދެލޯ ބޮޑުކޮށްފައި ފިލާވަޅެއް ދަސްވީ ފަދައަކުން ބުންޏެވެ. އެއާއިއެކު ޔޫން ‘ޔޭއި’ އޭ ކިޔަމުން ދުވެފައި ޒިހާންގެ ގާތަށް ދިޔައެވެ. ޔޫން އޭނައާއި ހިސާބަށް އައުމާއިއެކު ޒިހާން ލޯތްބާއިއެކީ ޔޫން އުރައިލިއެވެ. އެހިނދު އެތާތިބި އެންމެންނަށް ވެސް ލުއި ގޮތަކަށް ހީލެވުނެވެ.
“ޔޫން ދަރިފުޅު ނިދި އަންނަންދެން ބައްޕިއާއިއެކީ ކުޅެން އިނދޭ އިނގޭ. މަންމި އަންނާނަން އިރުކޮޅަކުން….ހިބާ ދެއްތޯ؟ އާދޭ އަޅުގަނޑާއި އެކީ.” ޔުނާ އޭނަގެ ދަރިފުޅު ގާތު ފަހު ބަސްތައް ބުނެލަމުން ހިބާއަށް ނަޒަރެއް ދިނެވެ. ހިބާ ބޯޖަހައިލަމުން ޔުނާގެ ފަހަތުން ސިޑި ބަރިން އަރައިގެން ދާން ފެށިއެވެ. އެއާއިއެކު ޒިހާން ވެސް އީތަން ގާތު އެތާ ސޯފާގައި އިށީނުމަށް އެދުނެވެ.
**
ޔުނާ މަތީބައިގައި ހުރި ކޮޓަރިއަކަށް ހިބާ ގެންގޮސް ދެ ސައިތަށި ހަދައިގެން އައިސް ހިބާއާއި ކުރިމައްޗަށް ވާ ގޮތަށް ހުރި ސޯފާގައި އިށީނެވެ. ދެމީހުން ތަޢާރަފްވެސް މާތް ބަސް ދޫކޮށް އާދައިގެ ބަހުން ވާހަކަ ދައްކަން ފެށީ ޔުނާގެ އެދުމުގެ މަތިންނެވެ. ހިބާއަށް އޭނައާއި ވާހަކަ ދައްކަން ފަސޭހަވުމުން ޔުނާ ސީދާ މަޢުޟޫއަށް ދިޔައެވެ.
“މިހާރު އަހަންނާއި ބެހޭގޮތުން ހިބާއަށް ވަރަށް އެނގިއްޖެދޯ؟ ދެން ހިބާއާއި ބެހޭގޮތުން އަހައިލަންތަ؟ ހައު އިޒް ލައިފް؟ ހައު އިޒް އެވްރީތިންގް؟”
ޔުނާ އެ ސުވާލުކޮށްލުމާއިއެކު އިސާހިތަކު ހިބާގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. ހިފަހައްޓައިގެން ހުރި ސައިތަށީ އަނެއްއަތުގައި ހުރި ކޯޅި ތަށީގައި ލަސްލަހުން ބަހައްޓަމުން އިސްޖަހައިލެވުނެވެ. އެ މަންޒަރު ފެނިފައި ޔުނާ ފުން ނޭވައެއް ދޫކޮށްލިއެވެ.
“އަޑު އިވުނު ގޮތުގަ ހިބާ ވަރަށް ބޮޑަށް އޯވާރވޯކް ކުރީމަ ފިޒިކަލީ ވެސް ބަލިވެ ތިއުޅެނީ. ހިބާއަށް އެނގޭ ދޯ އެގޮތަށް ބަލިވާކަން؟ ދެން ކީއްވެ އެހާ ބޮޑަށް ވޯކްކުރީ؟” ޔުނާ އަހައިލިއެވެ.
“ހަމަ….ވޯކް ކުރާ ހިތުން. މިހާރު ކޯޑް ކުރަން ދަސްކުރަނީ. އެހެންވީމަ އެކަން ވަރަށް ކުރާ ހިތްވާތީ…”
“ނައިސް….އެކަމަކު ހިބާއަށް ވެސް އެނގޭނެދޯ ޓީޗާރއެއްގެ ގޮތުގަ ޓައިމް މެނޭޖްކުރަން؟ ޓީޗާރއެއްގެ ގޮތުގަ ސްޓްރެސްވެގެން ހުރެ ސްޓޫޑެންޓްސްއަށް އެންމެ ފުރިހަމަ ގޮތުގަ އެހީއެއް ނުވެވޭނެކަމަށް ހިބާ ޤަބޫލުކުރަމެއް ނޫންތޯ؟ ވީއިރު ކޮންކަމެއްތޯ ހިބާ ތި ލެވެލްއަށް ދާން މަޖުބޫރު ކުރުވީ؟”
ޔުނާ ފަރުވާތެރިކަމާއިއެކީ އޭނަގެ ސުވާލު ފަރުމާ ކުރިއެވެ. އެ ސުވާލު ކުރެވިގެން ދިޔަދިޔަހެން ހިބާ ޔުނާގެ އެހީ ހޯދަން ބޭނުންވިއެވެ. އެ ފަހު ސުވާލުން އޭނަގެ ހިތަށް އުދަގޫ ކުރަމުން ދަނީ ކޮންކަމެއްކަން ސާފުވެގެން ދިޔުމުން ވެސްމެއެވެ.
“ކޮންމެވެސް ކަމެއް އެވޮއިޑްކުރަން ބޭނުންވާތީ…” ހިބާ ސީދާ އެ ވާހަކަ ބުނަން ޖެހިލުންވުމުން ބުނެލިއެވެ.
**
“ޒިހާން….ދެން ކިހާ ދުވަހެއް ވަންދެންތަ މިކޮޅުގަ ޒިހާންމެން ތިބޭނީ؟” އީތަން ވިސްނުމެއްގައި އިނދެފައި ސުވާލުކުރިއެވެ.
“3 ވަރަކަށް ދުވަހަށް. މަގޭ ވެސް ޗުއްޓީ ނިމެނީވިއްޔާ. ކިހިނެއްވީ؟” ޒިހާން އެތާ މޭޒުމަތީގައި ހުރި ލެގޯތައް ޔޫންއާއި އެކީ ރާވަމުން ވާހަކަ ދެއްކިއެވެ.
“އޮހް! ހާދަ މަދު ދުވަހެކޭ. ހިތަށްއަރަނީ އެހާ މަދު ސެޝަންތަކުން ހިބާ އޯކޭވާނެބާއޭ…” އީތަންއަށް އޭނަގެ ކަންބޮޑުވުން ފާޅުކުރެވުނެވެ.
“އިމްޕްރޫވްވާނެދޯ ކޮންމެ ސެޝަނަކާއިއެކީ. ޔުނޫ ވިލް ޑޫ ހާރ ބެސްޓް. ޢާއްމުގޮތެއްގަ ޕޭޝަންޓްސް ބުނޭ އެންމެ ސެޝަންއަކުން ވެސް ވަރަށް ރަނގަޅު ވާ ވާހަކަ. ޑޯންޓް ވޮރީ ޓޫ މަޗް. އީތަންގެ ވައިފް ރަނގަޅުވާނެ ވަރަށް އަވަހަށް އިން ޝާ ﷲ.” ޒިހާން ވަކި މާ ބޮޑު ވިސްނުމެއްނެތި ބުނެލި ވާހަކައިން އީތަން ހިސާބަކަށް ސިހުންވިއެވެ.
“ވައިފްއެއް ނޫނޭ އެއީ. ހެހެ….” އީތަން ބުންޏެވެ.
“އޮހް! އެހެންވިއްޔާ ވައިފްއަކަށް ހަދަން ބޭނުންވާ ކުއްޖާތަ އެއީ؟ ހަމަ ގައިމުވެސް މަށަށް އެނގިގެން އީތަންގެ ދައްތައެއް ނޫނީ ކޮއްކޮއެއް ނުހުރޭވިއްޔާ…” ޒިހާން ރާގަކަށް އެހިއެވެ. އީތަންއަށް އެ ސުވާލަށް ޖަވާބެއް ނުދެވުނެވެ. ބަދަލުގައި އެކި ދިމަދިމާލަށް ނަޒަރު ހިންގުނެވެ.
“މާ ޕާރސަނަލް ސުވާލެއްދޯ މި ކުރެވުނީ؟ ސޮރީ….” ޒިހާން ބުންޏެވެ. އެއާއިއެކު އީތަން ހިނިތުންވާން މަސައްކަތް ކުރަމުން އިޓްސް އޯކޭއޭ ބުނެލިއެވެ.
**
“ތި އެވޮއިޑް ކުރާ ކަމަކީ، ހިބާއަށް ސޯލްވް ކުރެވިދާނެ ކަމެއްތަ؟” ޔުނާ ސުވާލު ކުރިއެވެ.
“ދިމާވިއިރަށް ޙައްލުކުރަން މަސައްކަތް ކުރިން. އެކަމަކު ނުވި. އެހެންވީމަ ހިއެއްނުވޭ ޙައްލުވާނެ ހެންނެއް…” ހިބާ ބުންޏެވެ.
“އަމިއްލައަށް ޙައްލު ނުކުރެވެންޏާ….އެހެން މީހެއްގެ އެހީއަކަށް އެދުނިންތަ؟”
“އަހަންނަށް މިކަމުގަ އެހީވެދޭނެ މީހެއް ނެތް…މިކޮޅަށް އެކަނި އައިއްސަ މިހިރީ.”
ހިބާ އެހެން ބުނެލިއިރު އަނެއްކާވެސް އެކަނިވެރިކަން އިޙްސާސް ކުރެވުނު މިންވަރުން ލޮލުން ކަރުނަ ހިލުނެވެ. އެ ކަރުނަތައް ފޮރުވުމަށްޓަކައި އިސްޖަހައިލަމުން ހިބާ ވަރަށް މަސައްކަތް ކުރިއެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޔުނާ އަނެއްކާވެސް ސުވާލެއްކުރިއެވެ.
“މިކޮޅަށް އެކަނި އަޔަސް…ހިބާއަށް އެހީވެދޭނެ މީހަކު ހަމަ ނެތްތަ؟ ދުރުގަ ވިޔަސް؟ އެހެންނޫނީ ހިބާގެ ކައިރީގަ ވިޔަސް….ހިބާއަށް ހެޔޮއެދޭ މީހެއް ހަމަ ނެތްތަ؟”
މިފަހަރު ކޮށްލެވުނު ސުވާލުތަކާއިއެކީ ނޭނގޭ ސަބަބަކާއިހުރެ ހިބާގެ ލޮލަށް ސިފަވެގެން ދިޔައީ އެންމެ ސޫރައެކެވެ. އެ ހިނދު ހިބާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
**
“ސުވާލެއް ކޮށްލަންތަ ޒިހާން؟” އީތަން އެހިއެވެ. ޒިހާން ހޫންލައްވައިލިއެވެ.
“ވަރަށް ލޯބިވާ މީހެއްގާތު، ލޯބިވެއޭ ނުބުނެ ލޯބިވާކަން އަންގައިދޭނީ ކިހިނެއް؟” އީތަން ގިނައިރުތަކެއްގެ ވިސްނުމަށްފަހު ސުވާލުކުރިއެވެ. އޭނައަށް ޒިހާނާއި އެ ސުވާލުކުރަން ކެރުނީ ޒިހާނަކީ އިތުރަށް ކޮންނަން މަސައްކަތް ނުކޮށް އޭނައަށް އިޚްލާސްތެރި ނަޞޭހަތްދޭ ޒާތުގެ އެކުވެރިއަކަށްވީތީވެއެވެ.
“ހެހެ….އެކަން ކުރެވޭނެ ބައިވަރު ގޮތްތައް ހުންނާނެދޯ؟ އެކަމަކު ލޯބިވާ ވާހަކަ ނުބުނަންޏާ އެމީހަކަށް ނުއެއް އެނގޭނެ ލޯބިވާ ކަމެއް. ހަމައެކަނި ހެޔޮއެދިގެން ކަންތައް ކޮށްދެނީކަމަށް ހީކުރެވޭނީ…”
“އާނ އެކަމަކު. އެ ލޯބިވާ ކުއްޖާއަށް ތިމާއާހެދި ބައިވަރު ހިތާމަތަކެއް ލިބިފަ ހުރިއްޔާޔޯ؟ އެކުއްޖާ މަޢާފު ނުކޮށްފިއްޔާޔޯ؟”
“ނާވަސްވަނީ ދޯ އީތަން؟ ނޫނެކޭ ބުނެފާނެތީ؟”
“އެކުއްޖާ ހާޓްވެސް ވެދާނެތީ. އޯލްރެޑީ އެހެން ކަންތަކާ ދެރަވެފަ އެހެރީ. އޭގެ އިތުރަށް އަހަންނާއިމެދު ވިސްނަން ވެއްޖެއްޔާ އެކުއްޖާއަށް އިތުރު ތަކުލީފެއް ނޫންތަ ލިބޭނީ؟”
“އެކުއްޖާގެ ތަކުލީފުތައް އުފުލައިލާ ސަބަބަކަށް އީތަންގެ ލޯބިވުން ވެސް ގާތެއްނޫންތަ؟ ކަން މިހެން އޮތްއިރު އީތަން ތި ލޯބި ފޮރުވައިގެން ހުއްޓާ ދެމީހުން ޙަޔާތުގެ ދެ މިޞްރާބަކަށް ދާންޖެހިއްޖެއްޔާ ކިހާ ދެރަ؟ އެ ވެގެން ދާނީ ދެމީހުންނަށް ވެސް ލިބޭ އަނިޔާއަކަށް ނޫންތަ؟ ލޯބީގެ އިޙްސާސްތައް ފޮރުވުމަށްވުރެ ހުށަހެޅުން އަބަދުވެސް އެންމެ ރަނގަޅީ އީތަން. އެހެންނޫނީ މުޅި ޢުމުރު ދުވަހު ހިތާމަކުރަން ވެސް ޖެހިދާނެ…” ޒިހާން ބުނި ވާހަކައިން އީތަން ފުން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ.
ނުނިމޭ
Ibaa
October 2, 2021 @ 2:15 pm
Sis vrh reethi story..Hama enme best story mee..Yunaa and Zihaan they came back from hiyaa story dho..Hehe..Anyways I’m very excited for the upcoming parts..
Jana
October 6, 2021 @ 10:36 am
hehe….Alhamdhulillah! Yes I brought Yuna and Zihan here because I missed them soooo much! Two of my favourite couples in this episode <3 ____ <3
I'm excited for the upcoming parts too. Part 32 will be uploaded on THURSDAY In Sha Allah, since I don't think i can finish it by today.
Much love for the support sis <3 <3 <3
Sha
October 2, 2021 @ 3:50 pm
OMG wowww….
Yuna and Zihangex mipart ga…
Jana sis u’re the best…
ماشاءالله
Curiously waiting 4 the next part..
May Allah bless u…💜
Jana
October 6, 2021 @ 10:38 am
My reaction was the same when I re-read this episode Sha 😀 yes Yuna and Zihan. And notice they have a baby now! *sigh* if you read the story, you feel me here. 😉
Next part will be uploaded on THURSDAY In Sha Allah. May Allah bless you more. Ameen! <3
Me
October 7, 2021 @ 1:57 pm
Koba 32?