ދާރިސް (ފަންސާސްހަވަނަ ބައި)
“ތިއީ މަންމައަށް ލިބުނު ހިތްދަތިކަމެއް ނޫން ދަރިފުޅު. ދާރިސް ތިއީ މަންމައަށް ލިބުނު ބޮޑު ނިޢުމަތެއް…” މުނީރާ ބުނެލިއެވެ. އެއާއިއެކު ނުރޯން ގަދަ ހަދައިގެން ހުރި ދާރިސްއަށް ގިސްލެވެން ފެށީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.
އެއަށްފަހު ދާރިސްއަށް ހަމައަކަށް އެޅެން ވަގުތުކޮޅެއް ނެގިއެވެ. ދާރިސްގެ ރުއިން ހުއްޓުމަކަށް އައީ މުނީރާއާއިއެކީ ހިބާ ވެސް އައިސް ހިތްވަރު ދިނުމުގެ ގޮތުން އެކި ވާހަކަތައް ދެއްކި ފަހުންނެވެ. ދާރިސް މުޅިން ރަނގަޅުވީ ވަގުތު މާޒިން ޑޯޑޯ ހިންގަމުން ސިޓިންގް ރޫމަށް އަންނަނީއެވެ.
“ދިސް އިޒް ސޯ ކޫލް އީތަން ސާރ….އައި މީން ބޭބޭ! ޑޯޑޯ ލައްވާ މާޒިންގެ ނަން ކިޔުއްވާ ގޮތަށް ވެސް ހެދިދާނެތަ؟ ވާވް!” މާޒިން އެހެން ބުނެލީ، ހިބާ ހޯދަނީކަމަށް ބުނަމުން ސިޓިންގް ރޫމު ތެރޭގައި ‘ހިނގަމުން’ ގޮސް ހިބާގެ ކައިރީގައި މަޑުކޮށްލުމުންނެވެ.
“ޔަޤީނެއްނު؟ ބޭބެއާއި ދެކުދިން ވެގެން ޑޯޑޯ އެގޮތަށް ޕްރޮގްރާމް ކޮށްލަންވާނެދޯ؟” ދާރިސް ގޮސް މާޒިންގެ ކުރިމަތީގައި ކުރުފައިމައްޗަށް ތިރިވެ މާޒިންގެ އިސްތަށިގަނޑާއި ކުޅެލަމުން ބުންޏެވެ.
“ލައްބަ!” މާޒިން އަމިއްލަ އިސްތަށިގަނޑު ރަނގަޅުކުރަމުން ބޯޖަހައިލި ގޮތުން މަންޒަރު ބަލަން ތިބި އެންމެންނަށް ހެވުނެވެ.
“އައްދެ! މިއީ ބޭބެއަށްވީމަތަ ރުޅި ނާންނަނީ؟ މީހަކު އެ އިސްތަށިގަނޑާއި ކުޅެލީމަ ރުޅި ނުވާ ފަހަރެއް މި ނޫނީ ނުދެކެން…” މުނީރާ ބުންޏެވެ.
“ތެދެއް؟” ދާރިސް ފައިމައްޗަށް ތެދުވެ ސީދާވަމުން މާޒިން ކުރެން އެހިއެވެ.
“ބޭބެވެފަ ބިޒްނަސް ޕާޓްނަރަށްވީމަ ވެސް ރުޅި އިސް ނުކުރެވޭނެއެއްނު؟ ދޯ މާޒިން؟” މާޒިންއަށް އެއްޗެކޭ ނުބުނެވެނީސް ހިބާ ބުނެލި ވާހަކައިން އެންމެންނަށް ހީލެވުނެވެ.
“މަންމަ ކައިފިންތަ މިރޭ؟ މަންމަ މިރޭ ކާނީ….ދާރިސްއާއި އެކީގަދޯ؟” ދާރިސް ހިނިތުންވުމަކާއިއެކީ އެ ސުވާލުކޮށްލި ގޮތުން މުނީރާގެ ހިނިތުންވުން ފަނޑުވީ، މާޒީގެ ހަނދާނެއް އާވެގެން ދިޔުމުންނެވެ.
“މަންމަ ކައިފިންތަ މިރޭ؟ މަންމަ މިރޭ ކާނީ ދާރިސްއާއި އެކީގަދޯ؟”
އޮފީހަށް ދިޔުމަށްޓަކައި އަތްދަބަހަށް ބޭނުންވާނެ އެއްޗެހި އަޅަމުން ދިޔަ މުނީރާގާތު އެ ސުވާލުކޮށްލީ، 14 އަހަރުގެ ދާރިސްއެވެ. މަސައްކަތް ބުރަވުމުގެ ސަބަބުން މުނީރާއަށް ގިނަ ވަގުތު ގޭގައި ނުހުރެވޭތީ، އެ ސުވާލަކީ ދާރިސްގެ ފަރާތުން އޭނައަށް ނުހަނު ގިނައިން އިވޭ ސުވާލެކެވެ.
“ނޫން ދަރިފުޅާ….މިރޭ ނޫން. މަންމަ ވަރަށް މުހިއްމު ބައްދަލުވުމަކަށް ދާން މިއުޅެނީ. ކާ މޭޒުމަތީގަ ހުންނާނެ ހުރިހާ އެއްޗެއް. ދަރިފުޅު އަމިއްލައަށް ކާލައްޗޭ. މަންމަ އަންނާނަން ލަސްވެގެން 10 ޖަހާއިރު އިން ޝާ ﷲ.”
އެރޭ ވެސް މުނީރާ ދޭންޖެހުނީ އޭނަ އަބަދުހެން އެ ސުވާލަށް ދޭންޖެހޭ ޖަވާބެވެ. އެރޭ ދާރިސްއަށް ފަސްދީފައި ގެއިން ނިކުމެގެން ދިޔައިރު، އެއީ އޭނައަށް 14 އަހަރުގެ ދާރިސް ފެންނާނެ ފަހު ރޭ ކަމެއް އޭނަ ނުދެނެ ހުއްޓެވެ. ޙާލަތު ބަދަލުވެގެން ދިޔަ ގޮތުން ހަމަ އެރޭ ދާރިސް މާލެއިން ފުރައިގެން ދާންޖެހުނީ އޭނައަށް ނުވެސް ފެނިއެވެ. ދާރިސް އެރޭ ގޭގައި ކެއިކަމެއް ވެސް މުނީރާއަށް ޔަޤީނެއް ނޫނެވެ.
މުނީރާއަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ، އޭނަގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ހުރި ދާރިސްގެ މޫނުމަތިން ހިސާބެއްގެ މާޔޫސްކަމެއް ފެނިގެން ދިޔުމުންނެވެ. މަންމަ އަނެއްކާވެސް ނޫނެކޭ ބުނެފާނެކަމުގެ ޖެހިލުންވުމާއި އެކީގައި ފަދައެވެ. އަދި އޭގެ ސަބަބުން މަންމައާއި އަނެއްކާވެސް ވަކިވެދާނެ ބިރުވެރިކަމާއި ވެސް އެކީގައި ފަދައެވެ. ދާރިސް އެ އިޙްސާސްތަކުން ދުރުކުރުވަން ހިތް އެދުނު ވަރުން މުނީރާއަށް ވަގުތުން ވާހަކަ ދެކެވުނެވެ.
“ލައްބަ ދާރިސް….މިރޭ މަންމަ ކާނީ ދާރިސްއާއި އެކީގަ..” މުނީރާ އަނެއްކާވެސް ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރި ކުރުވަމުން ބުންޏެވެ. އެއާއިއެކު ދާރިސްއަށް ވެސް ލިބުނު އުފަލާއިއެކީ ފުރިހަމަ ހިނިތުންވުމެއް މަންމައަށް ހަދިޔާ ކުރިއެވެ.
އެރޭގެ ކެއުމުގެ ތެރެއިން އެންމެންގެ މެދުގައި ދެކެވުނީ އުފާވެރި ވާހަކަތަކެވެ. ޙިއްސާކުރީ ސަމާސާތަކާއި، ހިނިތުންވުންތަކާއި ހީލުންތަކެވެ. މާޒީގެ އެއްވެސް ވާހަކައެއް ދައްކަން ދާރިސްއާއި މުނީރާ ވެސް ޤަޞްދެއް ނުކުރިއެވެ. ދެމައިން ވަކިވެގެން ގޮސްފައިވި ގޮތުގެ ސުވާލުތައް ދާރިސްގެ ހިތުގައި ވެފައި، އޭގެ ހިތްދަތިކަން މުނީރާގެ ހިތުގައި ވިޔަސްމެއެވެ. ދެމައިން ވެސް ބޭނުންވީ، އެ އުފާވެރި ވަގުތުކޮޅު އެގޮތުގައި ހޭދަކޮށްލުމަށެވެ. ހިބާއަށް ވެސް އެކަން އެނގުންވީތީ، އެދުވަހު ހަވީރު އޭނައަށް ފެނުނު މަންޒަރުގެ ވާހަކަ ވެސް ފަސްކޮށްލަން ހިބާ ނިންމިއެވެ.
ދާރިސްއަށް އަނެއްކާވެސް މަންމައާއި ވަކިން ވާހަކަ ދެއްކުމުގެ ފުރުސަތެއް ލިބުނީ، ކެއުމުގެ ފަހުންނެވެ. ވާހަކަ ދެއްކުމަށްޓަކައި ދެމީހުން ގޭގެ ފެންޑާގައި ހުރި ޖޯލީގައި ތިބިއިރު، ހަމްނާއާއި ހިބާ މާޒިންއާއިއެކީ އުޅެއެވެ.
“މަންމަ މިހާރު ވެސް ބިޒްނަސްއެއްގަތަ ތި ވޯކްކުރަނީ؟ މަންމައާއި ދުރުގަ އުޅެމުން ވެސް ބިޒްނަސް ކިޔެވިއިރު މަންމަ މަތިން ވަރަށް ހަނދާންވި. ހިތަށްއެރި މަންމަ ބޭނުމިއްޔާ މަންމައަށް އަމިއްލަ ބިޒްނަސްއެއް ވެސް ފެށިދާނެއޭ…” ދާރިސް ވާހަކަ ދެއްކިއެވެ.
“ހުމް….ތިކަހަލަ ޚިޔާލެއް މަންމަ ގެންގުޅުނިން…އެކަމަކު މިރޭ މި ކިޔައިދިންހެން މަންމަގެ ބައްޕަ ނިޔާވީމަ އެހެން މީހެއްގެ ވިޔަފާރިއެއްގަ ބައިވެރިވާން ޖެހުނީ. ދާރިސް ލިބުނީމަ އެ ވިޔަފާރިއާއިގެން ކުރިއަށް ދާންޖެހުނީ. އެ ފަހުން ދިމާވި ޙާލަތެއްގެ ސަބަބުން ދާރިސްއާއި ވަކިވާން ޖެހި، އެ ވިޔަފާރިއާއި ވެސް ދުރުވާން ޖެހުނު. ދާރިސް ޝަހީދުބެއާއި އެކީ މި ރަށަށް މަންމަ ފޮނުވީ ދާރިސްގެ ރައްކާތެރި ކަމަށްޓަކައި. އެ ފަހުން ދާރިސް މަންމައަށް ނުވެސް ފެނި ދާރިސް ވަލީދުބެއާއިއެކީ ބޭރަށް ދިޔަ ވާހަކަ އިވުނީމަ މަންމަ ހާދަ ހިތްދަތިވިއޭ….އެ ޒަމާނަކީ ފަސޭހައިން ބޭރު ޤައުމުތަކަށް ގުޅޭ ޒަމާނެއް ނޫން. އަދި އަމުދުން ދާރިސް ވީ ތަނެއްގެ ހިލަމެއްވޭތޯ ބަލަން އެތައް ބަޔަކު މަންމައަށް ޖާސޫސްކުރަމުން ދިޔަ….ދަރިފުޅު ކައިރިއަށް ދާން ބޭނުންވެފަ ވެސް މަންމައަށް ނުދެވުނު ޙަޤީޤީ ސަބަބަކީ އެއީ. ނުދެވި ހުރެ ދާރިސްގެ ހުރިހާ ޚަބަރަކުން މަންމަ މަޙްރޫމްވެގެން ދިޔައީ ވެސް ހަމަ މިހެން….” މުނީރާ ދެރަވެފައި އިނދެ ކިޔައިދިނެވެ.
“މަންމަ ދެނަހުރީމެއްނު އަހަރެން ސްވިސްއަށް ދިޔަކަން؟ މަންމަ ސިޓީ ފޮނުވީމެއްނު؟” ދާރިސް ޙައިރާންކަމާއިއެކީ ސުވާލުކުރިއެވެ.
“ކޮން ސިޓީއެއްތަ ދަރިފުޅާ؟ މަންމަ ނުފޮނުވަން އެއްވެސް ސިޓީއެއް….ދަރިފުޅު ހުރިތަނެއް މަންމައަށް އެއްގޮތަކަށް ވެސް ނޭނގޭ…ދަރިފުޅު އިންޑިޔާއަށް ދިޔަތާ އަހަރެއްފަހުން މަންމަ އިންޑިޔާއަށް ދިޔައީ. އެއީ ވެސް އެމީހުންގެ ނަޒަރުތަކުން ކިރިޔާވެސް ދުރުވެވޭ ގޮތްވީމަ. މަންމަ އިންޑިޔާއަށް ދިޔައިރު ދަރިފުޅު އެތަނުގައެއް ނެތް…ފަހުން ވަލީދުބެއާއި ވެސް ގުޅޭނެ ގޮތެއް ހޯދަން ޝަހީދުބެއާއި ވެސް ގުޅޭ ގޮތެއްނުވި. ޝަހީދުބެ ވަރަށް ބޮޑަށް ބަލިވެ ފަހުން ނިޔާވެސް ވެގެން ދިޔައިމަ މަންމައަށް ދަރިފުޅާއި ބައްދަލުކުރެވެން އޮތް ހުރިހާ މަގެއް ބަންދުވެގެން ދިޔަ…ދެން ކިހިނެއްތަ މަންމަ ދާރިސްއަށް ސިޓީއެއް ފޮނުވާނީ؟” މުނީރާ ހިތާމަވެރިކަމާއިއެކީ ދާރިސްއަށް ބަލައިލަމުން ސުވާލުކުރިއެވެ.
މަންމަ އެ ބުނެލި ވާހަކައާއިއެކީ ދާރިސް ވިސްނުމެއްގެ ތެރެއަށް ގެއްލޭ ގޮތްވިއެވެ. އެރޭ ދެން އިތުރަށް މަންމައާއި އެ ސުވާލުކުރަން ބޭނުންވިއެއްކަމަކު، އެ ވާހަކަ އޮޅުވައިލީ، މަންމަގެ އުފާވެރި މޫނު ދެކެން ބޭނުންވީތީވެއެވެ. އެހެންކަމުން އެ ވާހަކަ އެއްފަރާތްކޮށް ދާރިސް ދެން މަންމައަށް ކިޔައިދޭން ފެށީ ހިބާއާއި އޭނަ ދިމާވި ގޮތުގެ ވާހަކައެވެ. އެ ވާހަކަ ފެށުނުތާ މާ ގިނައިރެއްނުވެ ހިބާ ވެސް ބޭރަށް އައިސް އެމީހުންނާއި ބައިވެރިވުމުން، އަނެއްކާވެސް އުފާވެރި ހިނިތުންވުންތައް އެންމެންގެ މޫނުތަކުން ފެނިގެން ދިޔައެވެ. އެހެނަސް ދާރިސްއަށް އޭނަގެ ހިނިތުންވުންތަކުގެ ތެރެއިން ވެސް ވިސްނެމުން ދިޔައީ، ދެންމެ މަންމަ އެ ހާމަ ކުރި ޙަޤީޤަތާއި މެދުގައެވެ. އޭނައަށް އެ ސިޓީތައް ފޮނުވީ މަންމަ ނޫންކަމަށްވާނަމަ، އެ ސިޓީތައް ފޮނުވާފައިވާނީ ކާކުތޯ އަމިއްލަ ޒަމީރާއި ސުވާލު ކުރެވެމުން ދިޔައެވެ.
**
ވިސްނާ ވިސްނާ އެ ސުވާލުތަކުގެ ޖަވާބު ލިބޭ ގޮތެއް ނުވުމުން ދާރިސް އެންމެފަހުން ވަލީދުބެއަށް ގުޅައިލަން ނިންމިއެވެ.
“ހެލޯ ދޮންބެ….ތިކޮޅަށް ވަރަށް ދަން ގަޑިއެއްގަދޯ މި ގުޅައިލެވުނީ…” ދާރިސް އެހެން ބުނެލީ ސިޓިންގް ރޫމުގެ ސޯފާގައި އިށީންނަމުންނެވެ. 10:30 ވެ ބޮޑުވަމުން ދިޔަ އެ ވަގުތު ހިބާ ވެސް ނިދިފައިވުމުން، ދާރިސް ހިބާއަށް އުދަގޫކުރަން ބޭނުމެއް ނުވީއެވެ.
“ހުމް….ދަންދޯ؟ އެކަމަކު އަދި ނުނިދަން….ކިހިނެއްވީ މި ގަޑީގަ ގުޅައިލެވުނީ؟” ވަލީދުބެ އެކޮޅުން އެހިއެވެ.
“މި ގުޅައިލީ…..އަހަރެން މިކޮޅުން މަންމައާއި ބައްދަލުވެއްޖެ، ދޮންބެ…”
ދާރިސް އެހެން ބުނުމާއިއެކު ދޮންބެ ފޯނުގެ އަނެއްކޮޅުން ކީކޭހޭ އަހައިލި އަޑު އިވުނެވެ. އެއާއިއެކު ދާރިސް މިވޭތުވެދިޔަ ދެ ދުވަސްތެރޭ ހިނގައިދިޔަ ކަންތައް ދޮންބެއަށް ކިޔައިދިނެވެ. މަންމައާއި ސްކޫލްގެ ތެރެއިން ދިމާވި ގޮތުގެ ވާހަކައެވެ. އޭނަ މަންމައާއި ދުރަށް ދިޔަ ގޮތާއި ސަބަބެވެ. އެއަށްފަހު ވެސް މަންމަ އޭނައާއި ބައްދަލުކުރަން އައިސް މަންމަ އޭނަދެކެ ލޯބިވާކަން އެނގިގެން ދިޔަ ގޮތެވެ.
“މާ ޝާ ﷲ….ހާދަ ރަނގަޅަށޭ ތި ދިމާވީދޯ ދާރިސް؟ ދާރިސްއާއި ދާރިސްގެ މަންމަ ދިމާވުން ތިއީ ހަމަ ﷲ ގެ އިރާދަފުޅު…” ދޮންބެ ބުންޏެވެ.
“ހަމަ އަސްލުވެސް….އަލްޙަމްދުލި ﷲ! ދޮންބެއަށް އަސްލު މި ގުޅައިލީ ސުވާލެއް ކޮށްލަން ވެގެން….އަހަރެން ސްވިސްއަށް ދިޔަފަހުން ދޮންބެ އަހަންނަށް ގެނެސްދިނީމެއްނު މަންމަގެ ސިޓީތަކެއް؟ ދޮންބެއަށް އެ ސިޓީތައް ލިބުނީ ކޮން ތަނަކުން؟”
“އެއީ….ދޮންބެ ސްވިސްއަށް ބަދަލުވިފަހުން މާލެއަށް އަންނަ ކޮންމެ ފަހަރަކު އެސް އެންޑް އެމް ހޯލްޑިންގްސްގެ….މިހާރުގެ ނަމުން ބުނާނަމަ ސްޓާރލައިޓް ބިޒްނަސްގެ މުވައްޒަފަކު އައިސް ދޮންބެގެ އަތަށް އެ ސިޓީ ދެނީ. ދޮންބެ ކޮންމެ ފަހަރަކު ދާރިސްގެ މަންމައާއިމެދު ސުވާލުކުރީމަ އެ މުވައްޒަފު ބުނާނެ މުނީރާ ހުރީ ހެޔޮ ޙާލުގައޭ. ދާރިސްގާތު ވެސް އެ ވާހަކަ ބުނާށޭ…”
“އެއީ ކޮން މުވައްޒަފެއްތަ ދޮންބޭ؟ އަދި މަޑުކޮށްބަލަ….އެ މުވައްޒަފު މީހާއަށް އޭރުވެސް އަހަރެން ދުނިޔޭގަ ހުރިކަން އެނގެނީތަ؟! އެ ކުންފުނީގެ ތެރޭގަ ހުރި މީހަކަށް އަހަރެން ދުނިޔޭގަ ހުރިކަން އެނގި، ހުރީ ކާކާއި އެކީކަން ވެސް އެނގި، އަހަރެން ސަލާމަތުން ހުރީ ކިހިނެއް؟!!”
ދާރިސްއަށް އަޖާއިބުވެފައިވާ ޙާލު އެއްފަހަރާ އެތައް ސުވާލެއް ކުރެވުނެވެ. އޭނަގެ ނަން ފޮހެލަން މަސައްކަތް ކުރާ މީހުން ތިބެނީ ދެންމެ ދޮންބެ އެ ނަންގަތް ކުންފުނީގައިކަން އެނގޭތީވެއެވެ.
“ދޮންބެ ވެސް މިހާރު ޙައިރާން އެބަވޭ ދާރިސް….އޭރު ދޮންބެއަށް ހީކުރެވުނީ ދާރިސްގެ މަންމައަށް އެ ކުންފުނިން މަތީ މަޤާމެއް ލިބި، މަންމަ ސެކްރެޓަރީއެއް ފޮނުވީކަމަށް. އެކަމަކު މިހާރު ވިސްނައިލީމަ އެބަ އެނގުންވޭ….އެ ސެކްރެޓަރީ ހެދުން އަޅައިގެން ހުންނަ ގޮތުން ހިއެއްނުވޭ އެއީ އާދައިގެ މެނޭޖަރެއްގެ ސެކްރެޓަރީއެއްހެން. ކުންފުނި އުފެދިގެން އައިއިރު ވެސް ހެދިފައި އޮންނަ ޤަވާޢިދެއްގެ ދަށުން ކުންފުނީގެ އެންމެ މަތީ މަޤާމުގައި ހުންނަ މީހެއްގެ ސެކްރެޓަރީ ހުންނަންވާނީ ޓައި އަޅައިގެން ކޯޓު ފަޓުލޫނުގަ…އޭރު ވެސް އެ ސެކްރެޓަރީ ފެނިފަ ދޮންބެއަށް އެކަހަލަ ހީވުމެއް ހީވި. އެކަމަކު ދާރިސްހެން ދޮންބެއަށް ވެސް ޤަބޫލުކުރަން ދަތިވި އެ ކުންފުންޏެއްގެ މީހަކަށް ދާރިސް އެނގިފަ ހުރެދާނެއޭ. އެހެންވެ ނިންމުނީ ޤަވާޢިދުތައް ބަދަލުވީއޭ. ހުރިހާ ސެކްރެޓަރީއިން ވެސް މިހާރު ހެދުން އަޅަނީ އެހެންކަމަށް ވެދާނެއޭ. އެ ވާނީ ހަމަ މުނީރާގެ ސެކްރެޓަރީއަށޭ….” ވަލީދު ކިޔައިދިނެވެ.
“ކާކުތަ އެ ކުންފުނީގެ ވެރިއަކަށް މިހާރު ހުންނަނީ ދޮންބެ؟ މަންމަމެންގެ ދުވަސްވަރު ޝަހީދުބެދޯ ހުރީ؟ މިހާރު ހުންނަނީ ކާކު؟” ދާރިސް ސުވާލުކުރިއެވެ.
“ދާރިސް ދިޔަފަހުން ޝަހީދުބެ ނިޔާވެސް ނުވަނީސް އެ މަޤާމުން ދުރުކުރެވުނު. ދޮންބެއަށް ވެސް މާލެއަށް އަންނަ ދަތުރުތަކުގެ ތެރެއިން މި ޚަބަރުތައް އިވިފަ ހުރީ….އެ ފަހުން ކުންފުނީގެ ޙިއްސާދާރުންގެ ތެރެއިން އެކަކު، ކުންފުނީގެ ވެރިއެއްގެ ގޮތުގަ ޢައްޔަން ކުރަން އުޅުނު ވާހަކަ ވަރަށް ގަދައަށް ކިޔުނު. އެކަމަކު ޝަހީދުބެ ކުންފުނީގެ އޮނިގަނޑު އެކުލަވާފައި ހުރި ގޮތުން އެ މަޤާމު ލިބުނީ މުޅިން އެހެން މީހަކަށްކަމަށް ފަހުން އިވެން ފެށީ. އެއީ އެ ކުންފުނީގެ ޢާއްމު ޙިއްސާދާރުންނަށް ވުރެ ވެސް ޢުމުރުން ދުވަސްވީ މީހެއްކަމަށް ތުންތުންމަތިން އިވެނީ….އެމީހަކު ކޮންމެ ދުވަހަކު އޮފީހަށް އައިސް މަސައްކަތް ނުކުރާތީ އެމީހެއްގެ ސޫރަ ވެސް ގިނަ ބަޔަކަށް ނޭނގޭ. މަސައްކަތް ކުރަނީ ސެކްރެޓަރީ މެދުވެރިވެގެންކަން ވަރަށް ފަހުން ދޮންބެއަށް ވެސް އިވުނީ….”
“އެހެންވެއްޖެއްޔާ…..އެ ސިޓީތައް އަހަންނަށް ފޮނުވި މީހަކީ އެމީހާތަ؟”
“ނޭނގެ ދާރިސް…މި ހުރިހާ ކަމަކުން ހީވަނީ ހަމަ ތިހެން…”
ވަލީދުބެއާއިއެކީ ދެކެވުނު އެ ވާހަކަތަކުން ދާރިސްގެ ޙައިރާންކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. ދޮންބެ އެ ބުނާ މީހަކީ ކާކުތޯ ހިތަށްއެރިއެވެ. އެމީހަކާއި އޭނައާއި ދެމެދު އޮތް ގުޅުމަކީ ކޮބައިތޯ ހިތަށްއެރިއެވެ. އެމީހަކު އޭނައަށް ހެޔޮ އެދެންވީ ކީއްވެތޯ އަމިއްލަ ނަފްސާއި ސުވާލުކުރެވުނެވެ.
އެ ސުވާލުތަކާއިމެދު ވިސްނުމުގެ ތެރެއިން ދާރިސް ކޮޓަރިއަށް ގޮސް އަލަމާރި ހުޅުވައިލުމަށްފަހު، އަލަމާރީގެ ތެރޭގައި ހުރި ވަތްގަނޑެއް ހުޅުވައިލިއެވެ. އޭނަ ސްވިޓްޒަލޭންޑުން ގެނައި އެ ސިޓީ އުރަތަކުގެ ތެރެއިން އުރައެއް ނަގައި ދާރިސް އޭގެ ތެރޭގައި އޮތް ސިޓީ ނަގައި ނިއުޅައިލިއެވެ. އެ ސިޓީތައް ވަނީ ޓައިޕް ކުރެވިފައިކަން ދާރިސްއަށް އެ ވަގުތު ފާހަގަވެގެން ދިޔައީ މާ ބޮޑަށެވެ. އެއީ މަންމަގެ ސިޓީތައް ނޫންކަން އޭނައަށް ނޭނގުނީ، އަތު ލިޔުމެއް ނުފެންނާތީކަން އެވަގުތު ޔަޤީން ކުރެވުނެވެ. މަންމަގެ އަތު ލިޔުމާއި ތަފާތު ލިޔުމެއް ފެނުނުނަމަ އޭނައަށް ވަގުތުން އެކަން ނަގައިގަނެވުނީހެވެ. އެހެނަސް އެ ސިޓީތަކުގައި ލިޔެވިފައިވާ ވާހަކަތަކުން އެއީ ހަމަ މަންމަ އޭނަގާތު ބުނާ ވާހަކަތަކެއްހެން ހީވެއެވެ. ދަރިފުޅު ކައިފިންތޯއާއި، ދަރިފުޅަށް މީރު އެއްޗެއް މަންމަ ހެދި ވާހަކައާއި، ދަރިފުޅުގެ ޙާލު ރަނގަޅު ކަމަށް ހީކުރާ ވާހަކައެވެ. އެއްވެސް ބައްޔެއް ޖެހިގެން އުޅޭނަމަ އެއަށް ގޭގައި ހޯދިދާނެ ފަރުވާ ވެސް ލިޔެވިފައިވީ މަންމަ ގެންގުޅޭ ޚިޔާލުތަކާއި އެއްގޮތަށެވެ. މިއީ މަންމަ ދައްކާފައިވާ ވާހަކަތައް އަޑުއަހައިގެން ލިޔެވިފައިވާ ސިޓީތަކެއްތޯ ފުރަތަމަ ފަހަރަށް ދާރިސްގެ ހިތަށްއެރިއެވެ.
އަތުގައި އޮތް ސިޓީގެ ފުރަތަމަ ޞަފްޙާ ކިޔުމަށްފަހު ދާރިސް އެ ސިޓީ އަނެއްފުށަށް ޖެހިއެވެ. އެއާއިއެކު ފެނިގެން ދިޔައީ އޭގެއިން ކޮންމެ ސިޓީއެއްގެ ފަހަތުގައި އޮންނަ ނަސޭޙަތްކޮޅެވެ.
“އަބަދުވެސް ހަނދާން ބަހައްޓައްޗޭ ދަރިފުޅު…فَذْكُرُونِي أَذْكُركُم…ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ ތިމަންރަސްކަލާނގެ ހަނދުމަކުރާށޭ. އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާނަމޭ. ﷲ ހަނދުމަކުރާ މީހުންގެ ތެރެއިން ދަރިފުޅުވައްޗޭ. އޭރުން މުޅިން ދުނިޔެ ދަރިފުޅު މަތިން ހަނދާން ނައްތައިލިޔަސް، އެންމެ މަތިވެރިވެ ވޮޑިގެންވާ ފަރާތް ދަރިފުޅު މަތިން ހަނދުމަފުޅު ނައްތައި ނުލައްވަވާނެ. އަދި ދަރިފުޅުގެ ނަން އަނބުރައި އެންމެންގެ ކުރިމައްޗަށް ގެނައުމުގެ ކުޅަދާނަކަން ވެސް ލިބިވޮޑިގެންވަނީ ހަމަ އެކަލާނގެއަށް. އިން ޝާ ﷲ އެކަން އެގޮތަށްވާނެ!”
ކޮންމެ ސިޓީއެއްގެ ފަހަތުގައި ދާދި އެއްގޮތަކަށް ލިޔެވިފައިވާ އެ ބަސްކޮޅުގެ ފަހަތުގައި އަބަދުވެސް އޮންނަނީ ދާރިސްގެ ޙަޤީޤަތް އެންމެންނަށް އެނގޭނެ ކަމަށް ސާބިތުކަމާއިއެކީ ބުނެފައިވާ ބަސްތަކެވެ. އެ ބަސްތައް އެހުރިހާ އަހަރު ވަންދެން އޭނަ ގާތު ބުނެފައިވަނީ މަންމަ ނޫންކަން އެނގުންވެ، އެއީ އޭނަ ނުވެސް ދަންނަ ބީރައްޓެއްސެއްކަން އެނގުންވީ ހިނދު، ދާރިސްގެ މެއަށް ލޮޅުމެއް އައެވެ.
ނުނިމޭ
Jana
February 10, 2022 @ 3:13 pm
Salaam kiyuntherin! Mi bai kuruvaane. Jana balive ulhemun liyunu baeh veema. In Sha Allah dhen oiy bai dhigu kohdheynan. e bai genesdheveyne dhuvaheh Jana Saturday ga comment thakuge therey angaanan In Sha Allah.
Stay safe readers! Much love! <3 <3 <3
eunoia
February 10, 2022 @ 5:15 pm
شفاك ﷲ Jana sis!! vrh reethi mi bai vx as usual Masha Allah,
Mihaaru dhaaris visnaa varah eba visney letters fonuvany kaaku baaey. Komme meehakah viyas I hope that person aky dhaaris hater eh noon kamah bcz anekka e vhk spread kohfaane dhw dhaaris dhuniyeyga huri ey kiyaa :/
And eba heevey he might be dhaaris ge dad hn, not sure dhw….
And thankiu sm balikoh ulhemun vx genesdhinyma Sis <33
mish
February 11, 2022 @ 10:40 am
shafaakallah sis<3<3<3
Ibaa
February 10, 2022 @ 5:02 pm
Shafakillahi sis. Story hama superb 👌.
Dhonthi
February 11, 2022 @ 6:42 am
Assalaamu alaikum Jana dhahthaa😊😊janaa dhahtha yah avas shifaa akah edhen.. shafaakillah..
Hmm….mi part ves varah varah reethi..dhaaris ahh sitee fonuvaa meehaa akee kanneynge dhw dhaaris ge bappa akee..and mueenu aee muneeraa indhegen ulhun meehaa kanneynge..I mean ehkala dhaaris school ga hurefa phone kuri iru ehchihi Kee adu ivunu meehaa kanneynge..
Mi part ga ves eba inn ingey kuda kuda mistake ehh..it might be a typing mistake..but I will point out ingey😊😊
Furathama paragraph ge fahu jumla..dhaaris inee soafa ehh ga noon tha??ekam liyevifa inee nu roan huri..soafaa ga innaane..hunnaanee ehh noon ingey..dhen second paragraph ga maazin dodo..mihen inee..e dhemedhu ga aai madhee..
balive ulhemun liyuneema kamah ves vedhaane..
I am waiting for next episode..I am missing nabeeh and hamnaa too..
Take care.. Shafaakillah 😊
Dhonthi
February 11, 2022 @ 6:55 am
Jazaakillah khair Janaa dhahthaa..balive ulhemun ves buni dhuvahu genes dhineethee😊😊take care.. Shafaakillah
mish
February 11, 2022 @ 10:39 am
dhaaris ge dad dhw eii
love the story sis
😊😊
February 12, 2022 @ 2:21 pm
Masha Allah 😍😍 varah reethi.. waiting
Jana
February 12, 2022 @ 4:20 pm
Salaam readers. Will be uploading the next part on THURSDAY In Sha Allah. Jazaakumullah Khairan for your support ^_^ Will reply to your comments some time this week In Sha Allah.
Much love! <3 <3 <3
????
February 15, 2022 @ 1:52 pm
Nice 👍
Faathun
February 17, 2022 @ 2:21 pm
varah rythi..Waiting 4 next part…..😊