ދާރިސް (ފަންސާސްހަތްވަނަ ބައި)
6 އަހަރުގެ ދާރިސް އައިސީޔޫގެ ދޮރު ކުރިމަތީގައި ހުރި ހުސް ގޮނޑި ބަރިއެއްގައި އިށީނދެގެން އިނީ ގަނޑުވެފައެވެ. މަންމަ އޭނަ ސްކޫލުން ބަލައި އަންނަން ލަސްވި ދުވަހުއްސުރެ ދާރިސް އުޅެމުން އަންނަނީ އެ ޙާލެއްގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ދުވަހުއްސުރެ މަންމައަށް މީހަކު އަނިޔާ ކުރާތަން އޭނައަށް ތަކުރާރުކޮށް ފެންނަމުން ދާތީވެއެވެ. އަދި އޭގެ ސަބަބުން މަންމަގެ ގައިގައި އަޅާ ވޭންތައް ވެސް ފެންނަމުން ދާތީވެއެވެ.
އެހެނަސް އެ ހުރިހާ ދުވަސްތަކާއި އަޅައި ބަލައިރު، އެރޭ ދާރިސްއަށް ލިބިފައިވި ސިހުން ބޮޑެވެ. މަންމައަށް އަނިޔާ ކުރާ މީހަކު މަންމަ ދަމައިގަނެގެން ގެއިން ބޭރަށް ދިޔަތާ އިރުގަނޑެއްފަހުން، އަވަށްޓެރިއަކު އައިސް މަންމަ ދަތުރު ކުރަމުން ދިޔަ ކާރު އެކްސިޑެންޓްވީ ވާހަކަ ބުނުމުންނެވެ. އެ ޚަބަރު އިވުނު ހިނދު އޭނަގެ މުޅި ދުނިޔެ ހުއްޓުމަކަށް އައިހެން ދާރިސްއަށް ހީވިއެވެ. އެ ވަގުތުކޮޅުން ފެށިގެން ހޮސްޕިޓަލަށް އައިސް މަންމަ ފެންނަންދެން ނޭވާ ވެސް ހިފަހައްޓައިގެން ހުރެވުނުހެން ހީވިއެވެ.
އެކްސިޑެންޓުގައި މަންމައަށް ލިބުނު އަނިޔާތަކަށް ޑޮކްޓަރުން ފަރުވާ ދިނުމަށްފަހު އެވަގުތު މަންމަ ‘އައިސީޔޫ’އޭ ކިޔާ ތަނަކަށް ވެއްދުނު ވާހަކަ، އޭނަ ހޮސްޕިޓަލަށް ގެނައި ދައްތަގެ ފަރާތުން ދާރިސްއަށް އިވިފައިވިއެވެ.
“މަންމަ މިހާރު ރަނގަޅޭ ދަރިފުޅު! ދެން ހިނގާ ގެއަށް…”
ދައްތަ އާދޭހުގެ ރާގަކަށް އޭނަ ގާތު އާދޭސްކުރިއެވެ. އެހެނަސް ދާރިސް އިންގޮތަށް އިނުން ނޫންކަމެއް ނުކުރިއެވެ. ދައްތަ އޭނަ އުރައިލަން އުޅުމުން ވެސް ދާރިސް އޭނަ އިށީނދެގެން އިން ގޮނޑީގެ ދެ ފަރާތުގައި ހިފަހައްޓައިގެން ގަދަހެދިއެވެ. މަންމަ ދޫކޮށްފައިދާން އެއްގޮތަކަށް ވެސް ބޭނުމެއް ނުވީތީވެއެވެ. ދައްތަ ބުންޏަސް މަންމަ ރަނގަޅުކަމަށް ޤަބޫލު ނުކުރެވުނީތީވެއެވެ. މަންމައަށް އެހާ ބޮޑު އަނިޔާއެއް ލިބުމަށްފަހު މަންމަ ނުފެނި ދާން އެއްގޮތަކަށް ވެސް ހިތް ނޭދުނީތީވެއެވެ.
އެންމެފަހުން އެ ދައްތަ ހަތިޔާރު ބެހެއްޓުމަށްފަހު، ދާރިސް ދޫކޮށް އެތަނުން ދިޔައީ، ދާރިސް ކާން އެއްޗެއް އެބަ ގެންނަމޭ ބުނަމުންނެވެ. ދައްތަ ދިޔުމުން ދާރިސް އެ ބެންޗުގައި އިނީ، ޖެހި ބުދެއްހެންނެވެ. އެކަނިމާއެކަނި ކުއްޖަކު އެހެން އިނުމުން ދާރިސް ކުރިމަތިން ހުރަސްކުރަމުން ދިޔަ ބީރައްޓެހިން ވެސް ދާރިސް ކައިރިއަށް އައިސް މަންމަ ކޮބައިތޯ ސުވާލުކުރަމުން ދިޔައެވެ. އެހެނަސް ދާރިސް ވަކި އެއްޗެކޭ ނުބުނުމުން އެންމެން ވެސް ދާރިސް ދޫކޮށްފައި ދަނީއެވެ.
އެކަން ބަދަލުވެގެން ދިޔައީ ދާރިސް އެތާ ހުންނަން ފެށިތާ މިނެޓްތަކެއްފަހުން އިވެން ފެށި ބަރު ފިޔަވަޅުތަކެއްގެ އަޑުންނެވެ. އެ ދިމާލަށް އަންނަމުން އެ ދަނީ ނުހަނު ހައިބަތު ހުރި ޝަޚްޞިއްޔަތެއްކަން ދާރިސްއަށް ނަގައިގަނެވުނީ، އެ ބިޔަ ހަށިގަނޑުގެ ވެރި ފިރިހެން މީހާ އަތްދިގު ގަމީހެއްގައި ބެގީ ޖަހައިގެން ހުރުމުންނެވެ. އަދި އަމުދުން ކޯޓު ފަޓުލޫނުގައި ހުރި ޒުވާނަކު އެ ފިރިހެން މީހާގެ ފަހަތުން ކަހަލަ ގޮތަކަށް ހިނގާފައި އަންނަމުން ދިޔައީތީވެއެވެ.
އެއީ ނުހަނު ތަފާތު ޝަޚްޞިއްޔަތެއްހެން ހީވެ ދާރިސް އިސްއުފުލައި ބަލައިލަން ވެސް ބޭނުންވިއެވެ. އެހެނަސް އެވަގުތު އޭނަގެ ހިތާއި ސިކުނޑީގައި އުފެދިފައިވި ހައިޖާނުގެ ސަބަބުން، ދާރިސްގެ ޙާލަތު އެކަމަށް ތަންނުދިނެވެ.
“މިތާތަ އެ އަންހެން މީހާ އޮތީ؟” އެ ފިރިހެން މީހާ ސުވާލު ކުރި އަޑަށް ދާރިސްއަށް ކުޑަކޮށް އިސްއުފުލައިލެވުނެވެ. އެ އަޑުންނާއި، ތަލަވާން ފަށާފައިވި އިސްތަށިގަނޑުން، އެއީ ޢުމުރުން ދުވަސްވީ މީހެއްކަން ދާރިސްއަށް ވެސް ނަގައިގަނެވުނެވެ.
“އާދެ…އެ ބަލިމީހާގެ ޙާލަތު ރަނގަޅުކަމަށް ޑޮކްޓަރުން ބުނުއްވަނީ. މާދަމާގެ ވަގުތެއްގަ ވޯޑަކަށް ބަދަލު ކުރެވޭނެހެން ހީވަނީ…” ފިރިހެން މީހާގެ ކައިރީގައި ހުރި ޒުވާނާ ބުނި އަޑު ދާރިސްއަށް އިވުނެވެ. އެ ވާހަކައަށް މުސްކުޅި ފިރިހެން މީހާ ބޯޖަހައިލި މަންޒަރު ވެސް ދާރިސްއަށް ފެނުނެވެ.
“އެ އަންހެން މީހާ ޕްރައިވެޓް ވޯޑަކަށް ބަދަލުކުރެވޭނެ ގޮތަށް ހަމަޖައްސައްޗޭ…” މުސްކުޅި މީހާ ބުންޏެވެ.
“އާދެ! މަނިކުފާނު….އެނގިލައްވާތޯ މި އެކްސިޑެންޓްގަ މިރްޒާދް-“
“އެނގޭ….އެކޮޅުން ފްލައިޓަށް އެރުމުގެ ކުރިން ތި ޚަބަރު ލިބިއްޖެ. ކޮންމެހެން އިތުރަށް އަޑުއަހަން ބޭނުމެއްނުވާތީ މިހާ ހިސާބަށް އައިއިރު ވެސް ވާހަކަ އޮޅުވަމުން މިއައީ…..އަހަރެން ނެތް ތިއާއި ބެހޭގޮތުން ބުނާނެ އިތުރު ހަމަ އެއްވެސް އެއްޗެއް. ކޮންމެ މީހަކު ވެސް ނިމިދާނީ އެމީހަކު މި ދުނިޔޭގަ އުޅުނު ގޮތަކަށް. އަމިއްލަ ދަރިއަކަށް ވިޔަސް އަހަރެން ކޮންމެހެން އޭނަ މައުސޫމް ކުރާކަށް ނެތިން….އޭނަ ކިތައް އަހަރު ދުވަސް ވަންދެން އެ އަންހެން މީހާއަށް އަނިޔާކުރީ؟ އެ އަނިޔާ ކުރުމުގެ ތެރޭގައި އޭނަ ދުނިޔެ ދޫކޮށް އެ ދިޔައީ ވެސް….إِنَّا لِلّهِ وَ إِنَّا إِلَيهِ رَاجِعُون…”
މުސްކުޅި މީހާ ވާހަކަ ފެށީ ނުހަނު ސާބިތު އަޑަކުން ކަމަށްވިޔަސް ވާހަކަ ނިމުނުއިރު އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ. އެހިނދު ޢާއްމު ގޮތެއްގައި އެހެން މީހުންގެ އިޙްސާސްތައް ނަގައިނުގަނެވޭ ދާރިސްއަށް ވެސް އެމީހާ ދެރަވީކަން ނަގައިގަނެވުނެވެ.
“ކަށުނަމާދަށް ވަޑައިގަންނަވާނަން ދެއްތޯ؟ މާދަމާގެ ފަތިސް ނަމާދަށް ފަހަށް މި ހަމަޖައްސަނީ…” ޒުވާނާ އެހިއެވެ. އެއާއިއެކު އަނެއްކާވެސް ފިރިހެން މީހާ ބޯޖަހައިލިއެވެ.
“ދަރިފުޅު ކިތަންމެ ގޯސްވިޔަސް ދަރިފުޅަށްޓަކައި ހެޔޮ ދުޢާކޮށްދޭން ބޭނުންވޭ. އަހަރުމެން ހިތް އެދޭ ކޮންމެ މީހަކަށް ހިދާޔަތް ލިބުމަކީ ވާނެ ކަމެއް ނޫންކަން މިހާރު ވިސްނޭ….ދެރަވޭ އާޚިރަތުގަ ވެސް ދަރިފުޅު-“
ވާހަކަ އެހާ ހިސާބަށް ދިޔަތަނާހެން އެ ފިރިހެން މީހާގެ އަރުތެރެ ބެދުނު ފަދައަކުން ވާހަކަ ކުއްލި ގޮތަކަށް ހުއްޓުނެވެ. އެ ހިނދު އެތާހުރި ޒުވާނާ، ފިރިހެން މީހާއަށް ހިތްވަރު ދިނުމުގެ ގޮތުން ބުރަކަށީގައި އަތް އަޅައި ފިރުމަން ފެށިއެވެ. ހަމަ އެ ވަގުތު އެ ޒުވާނާއަށް އެއްލި ކަޅިއަކުން އެތާ ގޮނޑިބަރީގައި އިން ދާރިސް ފާހަގަވާ ގޮތްވިއެވެ. އެ ވަގުތަކީ ދާރިސްއަށް އިސްއުފުލައިގެން އިނދެވުނު ވަގުތުކޮޅަކަށް ވުމުން އެ މީހާއާއި ދާރިސްގެ ހަތަރުކަޅި ބައްދަލުވިއެވެ. އިސާހިތަކު ޒުވާނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“މަނިކުފާނު….އެތާ އެ އިނީ އެއްކަލަ ކުއްޖާ…” ޒުވާނާ ދެންވެސް އެ މީހާގެ ބުރަކަށީގައި އަތް އަޅައިގެން ހުރެ ސިއްރުވެރި ގޮތަކަށް ބުންޏެވެ. އެހެނަސް ދާރިސްއަށް އެ ބަސްތައް އިވުނެވެ.
މުސްކުޅި މީހާ ކޮން ކުއްޖެއްތޯ އެހުމުން ޒުވާނާ ‘މިރްޒާދްގެ’ އޭ ބުނެލުމުން މުސްކުޅި މީހާ ހުއްޓުން އަރާ ގޮތްވިއެވެ. އިސާހިތަކު އެމީހާ ދާރިސްއާއި ދިމާލަށް ބަލައިލުމާއިއެކު ކުޑަކޮށް ލޯ ބޮޑުވާ ގޮތްވިއެވެ. އިސާހިތަކު ފިރިހެން މީހާ ދާރިސްއާއި ދިމާލަށް މުޅިން އެނބުރިލިއެވެ. އެ މަންޒަރު ފެނި، ދާރިސް ޖެހިލުންވާ ގޮތްވިއެވެ. ލަސް ފިޔަވަޅުތަކެއްގައި އެ ފިރިހެން މީހާ އޭނައާއި ދިމާލަށް އަންނަން ފެށުމުން އެ ޖެހިލުންވުން ދެގުނަވިއެވެ. ބާރަށް ތެޅެމުން ދިޔަ ހިތަކާއިއެކީ ދާރިސްގެ ކަޅި ވެސް އަވަސްއަވަހަށް ދެފަރާތަށް ހިންގެން ފެށިއެވެ. އެ ވަގުތު އެ ފިރިހެން މީހާ އައިސް ދާރިސްގެ ކުރިމަތީގައި ކުރުފައިމައްޗަށް ތިރިވިއެވެ.
“މިރްޒާދްއާ ވަތްކެއްވެސް ނުވޭ މާ ޝާ ﷲ!” އެމީހާ ދާރިސްއަށް ބަލަން ހުރެ ބުންޏެވެ. އެހިނދު ދާރިސް ގަދައަޅައި އެމީހާގެ މޫނަށް ބަލަން މަސައްކަތް ކުރިއެއްކަމަކު އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.
“ކޮން ނަމެއްތަ ކިޔަނީ؟” ދާރިސް ވަކި އެއްޗެކޭ ނުބުނުމުން އެ މީހާ ސުވާލުކުރިއެވެ. އެ ސުވާލަށް ވެސް ދާރިސްއަށް ވަކި އެއްޗެކޭ ބުނެވޭ ގޮތެއް ނުވުމުން، ދުރުގައި ހުއްޓި ހުރި ޒުވާނާ ވާހަކަ ދެއްކިއެވެ.
“ދާރިސް…ތި ކުއްޖާގެ ނަމަކީ…” ޒުވާނާ ބުންޏެވެ.
“ދާރިސް…މާ ޝާ ﷲ ވަރަށް ރީތި ނަމެއް. މާނައަކީ ތިއީ ވަރަށް މޮޅަށް ކިޔަވާނެ ކުއްޖެކޭދޯ؟ ހެހެ….ބޮޑުވެގެން އެގޮތަށް ވައްޗޭ ދަރިފުޅު. ޢިލްމުގެ ވެރިއަކަށްވާތި. ގިނަގިނައިން ސުވާލުތައްކޮށް އެ ސުވާލުތަކުގެ ޖަވާބު ހޯދަން މަސައްކަތް ކުރާ ކުއްޖަކަށްވާތި….އޭރުން އިން ޝާ ﷲ ދަރިފުޅުގެ ބައްޕަގެ މަގުން ދަރިފުޅު ނުހިނގާނެ. ޢިލްމުގެ ވެރިންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ހިދާޔަތް އިތުރުކޮށްދެއްވާ….އަބަދުވެސް އެކަލާނގެ ހަނދުމަކުރައްޗޭ ދަރިފުޅު. އޭރުން އެކަލާނގެ ދަރިފުޅުގެ މަތިން ހަނދުމަކުރައްވާނެ…”
އެ ބަސްތައް ކަންފަތުގައި ގުގުމައިލިހެން ހީވި ދާރިސްއަށް ހޭލެވި، ތެދުވެލެވުނީ ކުއްލި ގޮތަކަށެވެ. އެހިނދު އޭނަގެ ޙައިރާންކަމަށް އޭނައަށް އޮވެވުނީ ކޮޓަރީގެ އަލަމާރީގެ ކައިރިން ޓައިލްސް މަތީގައެވެ. ހޭލެވުނުއިރު ވެސް އަތުގައި ސިޓީއެއް އޮތުމުން އޭނައަށް ރޭ އެތާނގައި ނިދުނީ، އަލަމާރި ކައިރީގައި އިނދެގެން ސިޓީތައް ކިޔަމުންކަން އެނގުންވިއެވެ.
ހަމަ އެވަގުތު ދަމުނަމާދަށް ހޭލުމަށްޓަކައި ހިބާ ލާފައި ހުންނަ ފޯނުގެ އެލާމުގެ އަޑު އިވެން ފެށިއެވެ. އާދައިގެ މަތިން އެލާމްވާން ފެށިއިރަށް ހިބާ ހޭލުމަށްފަހު އެލާމް ނިވައިލަމުން ތެދުވެލިއެވެ. އެއަށްފަހު އެންމެ ފުރަތަމަ ބަލައިލަން އުޅުނީ ހިބާގެ ކައިރިން އެނދުގައި އޮތް ހުސް ޖާގައަށެވެ. އެހިނދު އެއްލި ކަޅިއަކުން ދިމާ ކުރިމަތިން ދާރިސް ފެނިފައި ހިބާ ކުޑަކޮށް ސިހުންވެސް ވާ ގޮތްވިއެވެ.
“އައްދެ! ނިދީގެ ތެރެއިން ޓައިލްސް މައްޗަށް ޓެލެޕޯޓްވެފަތަ ތިއިނީ؟” ހިބާ ނިދި އައިސްފައި އިނދެ ލޯ ކުޑަކޮށް އުނގުޅަމުން ބުނެލި ވާހަކައިން، ނުހަނު ސީރިއަސްކޮށް އިން ދާރިސްއަށް ހެވޭ ގޮތްވިއެވެ. ނިދީގެ އަސަރާއިއެކީ ހުރެ ހިބާއަށް ޢާއްމުގޮތެއްގައި ދެކެވޭނީ އެކަހަލަ ވާހަކަތައްކަން ހަނދާންކުރަމުން ވެސްމެއެވެ.
“ހެހެ….ނޫނޭ. އެހެންނެއްނޫން…” ދާރިސް ކޮޅަށް ތެދުވަމުން ބުންޏެވެ.
“އަނެއްކާ އަހަންނަށް ރުޅިވެގެންތަ ޓައިލްސް މަތީގަ ނިދީ؟ ރުޅިވިޔަސް ޓައިލްސް މަތީގަ ނުނިދާތި….ގޭގަ ހުންނާނެ އިތުރު ކޮޓަރިއެއް….ދާރިސްއަށް ވެސް އެނގެއެއްނު؟” ހިބާ ލޯ ހުޅުވައިގެން އިންނަން ގަދައަށް މަސައްކަތް ކުރަމުން ބުންޏެވެ.
“ރުޅިއެއް ނޫނޭ ޑާރލިންގް! މިހާ ލޯބި ކުއްޖަކަށް ކިހިނެއް ރުޅި އަންނާނީވެސް؟” ދާރިސް ގޮސް އެނދަށް އަރައި ހިބާގެ ގައިގައި ބައްދައިލަމުން ބުންޏެވެ. އެއަށްފަހު ހިބާގެ ބޮލުގައި ބޮސްދިނީ، ހަމަ ޙަޤީޤަތުގައި ވެސް ލޯބިން ފުރިގެން ދިޔަ ހިތަކާއިއެކީގައެވެ.
ހިބާގެ ސަބަބުން ހިނދުކޮޅަކަށް ނަމަވެސް ދާރިސް އޭނަގެ ނުތަނަވަސް ޚިޔާލުތަކުން ދުރުވާ ގޮތްވިއެވެ. އެހެނަސް ދާދި ދެންމެއަކު އޭނައަށް ފެނުނު ހުވަފެނާއިމެދު ވިސްނުނެވެ. އެ ހުވަފެނަކީ އޭނައަށް ކުރިން ފެނިފައިވި ޙަޤީޤަތެއްކަން ދާރިސްއަށް ޔަޤީނާއި ގާތްކުރެވުނެވެ. މި ހުރިހާ ދުވަސް ވަންދެން އޭނަ އެ ހަނދާން ނެތިފައިވީ، އޭނަ ނުހަނު ގަދައަށް ދެރަވާ ދުވަސްތަކުގެ ހަނދާންތައް ސިކުނޑީގައި ނުހުންނާތީވެއެވެ. އެ ހަނދާންތައް އޭނައަށް އަނބުރައި މި އަންނަނީ ނިދުމުގެ ކުރިން އޭނަ ކިޔަމުން ދިޔަ ސިޓީތަކެއްގެ ސަބަބުންތޯ ދާރިސްގެ ހިތަށްއެރިއެވެ. އޭނައަށް ދެންމެ ހުވަފެނުގައި ފެނުނީ އެ ސިޓީތައް ލިޔުނު މީހާތޯ ހިތަށްއެރި ވަގުތު ގައިން ހީބިހި ނެގިއެވެ.
**
އާދިއްތަ ދުވަހު ސްކޫލްގެ ސެޝަނަށްފަހު ހަމްނާ ސްކޫލްގައި މަޑުކުރީ، އެރޭ އިސްލާމް ކްލަބްގެ ފަރާތުން ރާވާފައިވާ ދަރުހަށް ތައްޔާރުވުމަށެވެ. ނައުފަލާއި އޭނަ ވަކިވިތާ އަދި ފާއިތުވީ އެންމެ ދެ ތިން ދުވަސް ކަމަށްވިޔަސް، އޭނަގެ ފަރާތުން މިނިވަންވިތާ އެތައް ޒަމާނެއް ވެފައިވި ކަހަލަ އިޙްސާސެއް ހަމްނާއަށް ކުރެވުނެވެ. ވާނީވެސް އެހެންތާއެވެ. މިހާރު ނައުފަލް އުޅެނީ އޭނަގެ ކުރީގެ އެކުވެރިޔާ ލައިޝާއާއި ވެސް ރައްޓެހިވެގެން ވިއްޔާއެވެ.
“ތިއީ ބޮކެއްހެން ފުންމައި އުޅޭ ހިތެއްގެ ވެރިއެއްދޯ؟ އެއްކުއްޖަކުން އަނެއް ކުއްޖަކަށް؟ ޕްފްފްފްޓް! ޔޫ ސީ ވަޓް ޔޫ އެސްކޭޕްޑް ހަމް! ހީ ނެވާ ރިއަލީ ލަވްޑް ޔޫ. ޙަޤީޤަތުގަ ލޯތްބެއްވިނަމަ އެހެން ނުވީސް. އިސްތިޚާރާއިން ހަމަ ތި ސަލާމަތްވީ…” ސިޔާރާ އެ ވާހަކަ ދެއްކީ ކުލާހެއްގެ މޭޒުދޮށުގައި ކޮޅަށް ހުރެ އަކުރުތައް ކަފަމުންނެވެ.
“ހުމް….މޭއިބީ އައި ޑިޑިންޓް ލަވް ހިމް އައިދާ…ސިޔާ ބުނިހެން އިމޯޝަނަލް ވޫންޑްސްއާ ހެދި ޑެސްޕަރޭޓްވެގެން ކޮންމެވެސް ކުއްޖަކާ ރައްޓެހިވާން އަހަރެން ބޭނުންވީ…ހީވަނީ މިހާރު ލަސްލަހުން އެބައި ރަނގަޅުވަނީހެން…މިހާރު ވަރަށް އުއްމީދު އެބަ ކުރެވޭ އަހަރެން ބޭނުންވާ ކަހަލަ ރަނގަޅު ކުއްޖަކު އަހަންނަށް ލިބޭނެކަމަށް…އިން ޝާ ﷲ!”
“އޮބްވިއޯ! ތިއީ ހަމަ ޔަޤީން ކަންތަކެއްނު؟ އިސްތިޚާރާ މެދުވެރިވެގެން އެއްކަމެއް ގެއްލިއްޖެއްޔާ އޭގެ ބަދަލުގަ އެއަށްވުރެ ފުރިހަމަކަމެއް ﷲ ތަޢާލާ ދެއްވާނެ…..ސްޕީކިންގް އޮފް ވިޗް….މި ވާހަކަ ބުނަންވީތަ؟ އޭނަ ނުއެއް ބުނޭ ނުބުނާށޭ ހަމްނާގާތު….ބުނެލަންވީ ކަންނޭނގެ…”
ސިޔާ އަމިއްލަ އަމިއްލައަށް ކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން ގޮސް ވިސްނުމެއްގެ ތެރެއަށް ގެއްލުނު ގޮތުން ހަމްނާއަށް ހީލެވުނެވެ.
“ހެހެ….ކޮން ވާހަކައެއް؟” ހަމްނާ އެހިއެވެ.
“ބުނެލަންވީދޯ ހަމަ؟ ހިއާރ ގޯޒް….ހަމްނާ އެންމެ ފުރަތަމަ ތައުބާވެގެން އުޅުނު ދުވަސްވަރު ހަމްނާ އެކަނި އުޅުނުތަން އެންމެ ފުރަތަމަ ފާހަގަވި މީހަކީ ނަބީހް. ނަބީހްއަކީ އަހަރެންގެ ކަޒިންއެއް. ހަމަ އެއްދުވަހު ކުއްލި ގޮތަކަށް އެގެއަށް ދާން އަހަންނަށް ދަޢުވަތު ދިނީ ހަމްނާގެ ވާހަކަ ދައްކަން. ހަމްނާއާއި އެކުވެރިވެދޭށޭ އަހަރެން ގާތު ބުނީ. ވަރަށް ދެރަވެސްވެފަ ހުރީ ހަމްނާ އެކަނި އުޅޭ ވާހަކަ ކިޔައިދިން އިރު….އެހެންވީމަ އަސްލު ހަމްއަށް ހެލްޕްވެދިނީ ނަބީހް….ނަބީހް ނުބުނިނަމަ އަހަންނަށް ވެސް ހީކުރެވުނީހީ ހަމްނާ އުޅެނީ އަދިވެސް ލައިޝާމެންނާއި އެކީގަކަމަށް. އަހަރެން އެހެން ބުނަން ވެސް ބުނިން. ނަބީހް އަހަރެންގެ ޚިޔާލު ބަދަލުކުރީ….އައި ތިންކް ޔޫ ޝުޑް ތޭންކް ހިމް، ހަމް….”
ސިޔާރާ އެ ވާހަކަތައް ކިޔައިދިން ދިންހެން ހަމްނާގެ ޙަރަކާތްތައް ލަސްވަމުން ގޮސް އެންމެ ފަހުން ހުއްޓޭ ގޮތްވިއެވެ. ވާހަކަ އަޑުއަހައި ނިމުނުއިރު ހަމްނާއަށް އަތުގައި އޮތް ގަނޑާއި، ކަތުރު މޭޒުމަތީގައި ބާއްވައިލެވުނެވެ.
ހަމްނާ ސްކޫލްގެ ކޮރިޑޯއިން ހިނގާފައި ހޯލާއި ދިމާލަށް ދިޔައީ އަވަސް ފިޔަވަޅުތަކެއްގައެވެ. އެހެނަސް ހޯލުގެ ބެކްސްޓޭޖްގެ ދޮރާއި ގާތްވަމުން ދިޔަދިޔަހެން އެ ފިޔަވަޅުތައް ލަސްވެގެން ދިޔައެވެ. ދޮރުގެ ކައިރިއަށް ގޮސް ހަމްނާ އެ ދޮރު ހުޅުވައިލީ ނޭވާ ހިފަހައްޓައިގެން ހުރެއެވެ. އެއަށްފަހު ދޮރުން ވަނުމަށްފަހު ފެނުނު ސިޑި ބަރިން އަރައިގެން ގޮސް ސްޓޭޖަށް އެރީ ވެސް ލަސް ފިޔަވަޅުތަކެއްގައެވެ. އޭނަ ދެކެން ބޭނުންވެގެން ހުރި ސޫރަ ފެނިގެން ދިޔައީ އެ ވަގުތެވެ. ސްޓޭޖްގެ މެދުގައި ބެހެއްޓިފައިވި ބޮޑު ފިލާގަނޑުގައި އެ ރެއާއި ގުޅޭ ބެކްޑްރޮޕް ހަރުކުރުމަށް ނަބީހް ހަރުގަނޑުގައި ހުރި މަންޒަރުން ހަމްނާ ގަޔާވާ ގޮތްވިއެވެ. ނަބީހްގެ ޔުނިފޯމް ޓީޝާޓަކާއި، ކަކުލާއި ހަމައަށް އޮތް ޖިންސަކަށް ބަދަލުކުރެވިފައިވި ގޮތުން އެވަގުތު ނަބީހް އޭނައަށް މާ ރީތިވީ ކީއްވެކަމެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނުނެވެ. ނަބީހް ހަރުގަނޑުން ފައިބަމުން ދިޔަތަން ވެސް އެސްފިޔަ ޖަހައިލުމެއްނެތި ބަލަން ހުރެވުމުން އަމިއްލަ ނަފްސަށް ނަފްރަތުވެސް ކުރެވުނެވެ. އެހެނަސް އެވަގުތު އެހެން ދިމާލަކަށް ނަޒަރު ބަދަލުކުރަން ނުކުޅެދުނެވެ. އެތާނގައި އެކި މަސައްކަތުގައި އެހެނިހެން ފިރިހެން ކުދިން ތިބި ކަމުގައިވިޔަސްމެއެވެ.
ހަމްނާ ނަބީހަށް ބަލަން ހުއްޓާ ހަރުގަނޑުން ފޭބި ނަބީހް ވެސް އެދިމާލަށް ބަލައިލުމާއިއެކު އެހެން ދިމާލަކަށް ބަލަން އިންކާރު ކުރިއެވެ. އެ ސޫރަ އޭނައަށް އަމާޒުވެފައިވި މަންޒަރު ފެނި ހަމްނާއަށް ލިބުނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. އެ ހިތްހަމަޖެހުމާއިއެކީ އެ ސޫރައިގެ ވެރިޔާ އޭނައަށްޓަކައި ކޮށްދިން ކަންތައް ހަނދާންވުމުން ހިނިތުންވެލެވުނީ އިޚްތިޔާރަކާއި ނުލައެވެ. ހަމަ އެއާއިއެކު ނަބީހް ވެސް އޭނައާއި ހިނިތުންވިތަން ފެނި، ހަމްނާއަށް ބުނެދޭން ނޭނގޭ އިޙްސާސްތައް ކުރެވުނެވެ.
ހަމަ އެހިނދު އޭނައަށް އަމިއްލަ އިޙްސާސްތަކުގެ މައްޗަށް ބާރުނުފޯރުވޭހެން ހީވުމުން ވީ ޖެހިލުންވުމާއިއެކީ، ބުނަން އައި ވާހަކަ ވެސް ހަނދާން ނައްތައިލަމުން ހަމްނާއަށް އެތަނުން ދާން އުޅެވުނެވެ. އެހެނަސް ހަމަ އެވަގުތު ނަބީހް ގޮވައިލުމުން ހަމްނާއަށް ފިޔަވަޅުތައް މަޑުޖައްސައި ފަސްއެނބުރި ބަލައިލެވުނެވެ. އެހިނދު ނަބީހް އިހުނަށްވުރެ އޭނައާއި ގާތް ހިސާބަކަށް އައިތަން ފެނި، ހަމްނާގެ މެއަށް ފިނިވިއެވެ.
“ހަމްނާ…..އަހަރެން ވާހަކަ ދެއްކިން ނައުފަލްގެ ފްރެންޑަކާ…އެއީ އަހަރެންގެ ވެސް ކުރީގެ ފްރެންޑަކަށް ވެފަ ނަންބަރު އޮތީމަ އަހަރެން ގުޅައިލީ. އޭނައަށް އަހަރެން ކަންތައް ކޮށްދީފަ ހުރީމަ އަހަންނަށް އެ ފްރެންޑް ކިޔައިދިން….ނައުފަލް އަދިވެސް އުޅެނީ ހަމްނާމެން ފެމިލީގެ ކޮންމެވެސް ސިއްރެއް ނޭނގިގެންނޯ…ހަމްނާ އޭނައާއި ބްރޭކްއަޕް ކުރި ދުވަހުވެސް ވަރަށް ރުޅި އައިސްފަ ހުރި ވާހަކަ ބުނި. އެހެންވީމަ ހަމްއަށް އެއްވެސް ސިއްރެއް ފާޅުކުރެވިފަ ހުރިހެން ހިއެއްނުވޭ. ސޯ ޕްލީޒް ޑޯންޓް ވޮރީ އެބައުޓް ދެޓް…ޔޫ ޑިޑް ނަތިންގް ރޯންގް…”
ނަބީހް ވާހަކަ ދެއްކި ދެއްކިހެން މީހަކު އޭނަގެ ޒަޚަމްތަކުގައި މަޑުމަޑުން ފިރުމައިލި ކަހަލަ އިޙްސާސެއް ކުރެވުނެވެ. ޙަޤީޤަތުގައި ސިޔާރާވަނީ ސިޔާރާގެ ދެބެއިންގެ ދެދަރި ކުއްޖަކު މި މަޢުލޫމާތު ހޯދައިދިން ވާހަކަ އޭނަ ގާތު ކުރިން ބުނެފައެވެ. އެހެނަސް އޭނަގެ ހިތަށް ބޭނުންވެފައިވީ، ދެންމެ ނަބީހް އެ ދިން ޒާތުގެ ތަސައްލީއެއްކަން އެނގުންވީ އެ ވަގުތެވެ.
“ތެންކިއު، ނަބީހް…..ހަމައެކަނި މި ކަމަށްޓަކައި ނޫން. ހުރިހާ ކަމަކަށްޓަކައި…” ހަމްނާއަށް ބުނެވުނެވެ. ހަމްނާ ބުނެލި ފަހު ބަސްތަކުން ނަބީހްގެ ދެބުމަ ކައިރިވީ ހިސާބެއްގެ އޮޅުމަކާއި އެކީގައެވެ. އެހެނަސް މާ ގިނައިރެއް ނުވެ ނަބީހް ފުރިހަމަ ހިނިތުންވުމަކާއިއެކީ ބޯޖަހައިލިއެވެ.
“ޔޫ އާރ މޯސްޓް ވެލްކަމް، ހަމްނާ…” ނަބީހް ބުންޏެވެ. އެއާއިއެކު ހަމްނާއަށް އަނެއްކާވެސް ހިނިތުންވެލެވުނެވެ.
**
“ކީކޭ؟ ހިބާގެ ފިރިމީހާ ކައިރިއަށޭ؟!” ފަޒީން އެހެން ބުނެލީ އޭނަ ރަށުގައި ހިންގާ ފިހާރައިގެ ކޮމްޕިއުޓަރު ދޮށުގައި އިނދެއެވެ. އެ ކޮމްޕިއުޓަރުގެ ސްކްރީން ގަނޑުވެފައިވީއިރު، ފަޒީން ކީބޯޑުގެ އެކި ފިއްތަކަށް އޮބަމުން ދިޔައެވެ.
“އާނއެކޭ….ބައްޕަ މިހާރު ބޭނުންވަނީ އޭނަ މިކޮޅަށް ގެންނަން.” އެކޮޅުން ވާހަކަ ދެއްކީ އޭނަގެ އެކުވެރި އާސިފެވެ.
“އަދިވެސް ތި ދާރިސްއަކުން އަރައިނުގަނެވިގެންދޯ ތިއުޅެނީ؟ ބަލަ މަ ބުނީމަ ޤަބޫލުކުރާށޭ ތީނަ ބައްޕަ ކައިރި ބުނެބަލަ! މަ މި ހުރީ އެ ދާރިސްއަކާ އެކީ ކިޔަވާފައޭ. ތަނެއްގަ ހުރި ބޮޑު މޮޔައެއް އެއީ! އޭނަ ކިހިނެއް އެ މަޝްހޫރު މާ ސިންގާ އިސްމާޢީލް އީތަންއަށް ވާނީ؟ ސްކޫލްގަ އުޅުނުއިރު މަގޭ އަތްދަށަށް ލައިގެން އުޅުނު މީހެކޭ ދާރިސް އެއީ….މަގޭ ބޫޓު ފޮހެދީ، ނާޑުވާ އަޅުވައިދޭ ގޮލާ އެއީ…”
“އާނ ދެން…..މަ ދެން ނެތިން ތި ވާހަކަ ދައްކާކަށް ވެސް. ބައްޕަ ބުނީ އީތަން މިކޮޅަށް ގެނެސް އީތަންގެ ބޭނުން ހިފާނީއޭ. އެއީ ކޮމްޕިއުޓަރަށް މޮޅު މީހެއްނު؟ އެހެންވީމަ…”
“އޭ ވަރަށް ލާރިވެސް ހުރި މީހެއްދޯ އެއީ؟ މަގޭ ފިހާރައިގެ ކޮމްޕިއުޓަރު ގަނޑުވެސް ހަލާކުވެގެން މިއުޅެނީ. އޭނަ ގެނެސް މަގޭ ރަނގަޅު ކޮޅުގަ ބަހައްޓަންވީ…”
“ހުމް….ނިކަން ހަދިޔާ ދީގެން ހައްދާފަ ބަހައްޓާތި. ތި އީތަން ތިއީ އަތުން ދޫކޮށްލެވޭ ވަރުގެ މީހެއްނޫން…”
ދެމީހުން އެކީގައި މި ސައްލާ ކުރިއިރު ދެމީހުންނަށް ވެސް ނޭނގުނީ، އެއްފަހަރު ދަށްކޮށް އަނެއްފަހަރު އިޙްތިރާމް މި ކުރެވެނީ އެކަކަށް ކަމެވެ.
ނުނިމޭ
Marix uxman
February 17, 2022 @ 10:03 pm
Masha Allah, janaage vaahaka thakaki foohi kameh neh vaahaka thakeh, adhi ehaaame ibrathun furigenvaa,
Thi kuraa masahkatheh Allah barakaah lahvaashi
Aameen
❤️
Jana
February 21, 2022 @ 4:03 pm
Alhamdhulillah! Varah bodu hiyvareh libigen dhiya comment eh!
Maai Allah alhamen kuraa komme heyo amaleggai barakaaiy lavvaashi. Ameen! <3
Marix uxman
February 17, 2022 @ 10:04 pm
Next part kon dhuvahakun upkohlaani?
Jana
February 21, 2022 @ 4:04 pm
Next part Thursday ga In Sha Allah.
eunoia
February 18, 2022 @ 1:07 am
So he is dhaaris ge kaafa dhw who sends the letters?? shocking news!! But- He died??! That’s the reason sity thah libun huttuny dhw 🙁 maybe ehn nuvedhaane hama, I hope too
And I’m so happy for hamna and nabeeh, And fazeen men vx dhw dhn.. I can’t wait to know Eethan aky dhaaris kan ingunyma emeehunnah vaane gotheh hehe
Jana
February 21, 2022 @ 4:05 pm
Yes…..Kaafa hen dho heevany? balamaa letters thah huttuny keevvetho?
And yes Hamna and Nabeeh <3 <3 <3 Fazeen menge bai adhi varah majaa vaane. haha!
Next part Thursday ga In Sha Allah.
Ibaa
February 18, 2022 @ 2:09 am
Hehe vrh salhi vaahaka kuriya dhaa goiyh. Fazeen and Asif ge bai vrh majaa. dhaaris aa ethan dhemeehakah hadhaigen dho e ulheny. Hamna and nabeeh ge part himenaalima adhi mi bai ithurah perfect vegen higahjje. As alway this is one of my favourite story…much love
Jana
February 21, 2022 @ 4:06 pm
Alhamdhulillah!
Hehe…Asif menge bai adhi majaa vaan othy. And yes…Hamna and Nabeeh is love <3 ___ <3
Much love sis <3 <3 <3
Dhonthi
February 18, 2022 @ 6:15 am
Assalaamu alaikum Jana dhahthaa 😊
Awwww….ehen v ma sitee fonuvanee dhaaris ge kaafa dhw…. interesting….
As usual mi part ves varah reethi..Masha Allah 😍 Awww….hama and nabeeh finally..waiting for next part
Take care
Jana
February 21, 2022 @ 4:07 pm
Wa’alaikumussalaam. Labba Dhaaris ge kaafa hen dho heevany. hehe…Alhamdhulillah! Next part Thursday ga In Sha Allah <3 <3 <3
Ambivert ❤️
February 18, 2022 @ 9:11 am
Loved it as ways
Jana
February 21, 2022 @ 4:08 pm
Thank you for the support Ambivert <3 😀
Cutyyy
February 18, 2022 @ 7:54 pm
ما شاء الله .. The story is awesome as always..
Jana
February 21, 2022 @ 4:09 pm
Alhamdhulillah! <3 <3 <3
for_everyoung10
February 21, 2022 @ 10:40 am
Masha allah 😍
Jana
February 21, 2022 @ 4:09 pm
😀 <3
Jana
February 21, 2022 @ 4:11 pm
Salaam kiyuntherin. Varah dheravejje Jana ah kuree baige comment thakah reply nukurevi hureema. Mihaaru anekkaaves masakkaiy ithuruve routine gelligen miulheny. But In Sha Allah will fix my routine soon and be regular with the story, posts and the replies.
Much love for your support, readers! <3
Nanna
February 22, 2022 @ 7:21 am
Salaam
when is next part ?