ދާރިސް (ފަސްދޮޅޮސްވަނަ ބައި)
ޓެކްސީއަށް ގުޅުމަށްފަހު ދާރިސް އޭނަގެ ފޯނު ޖީބަށް އަޅައިލަން އުޅުނު ވަގުތު އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ދިގު ނަންބަރެއް ފެނުމުން ދާރިސްގެ ފިޔަވަޅުތައް ލަސްވިއެވެ. އޭނައަށް ގުޅަނީ ސްވިސްއިން ކަމަށް ފުރަތަމަ ނިންމުނެއްކަމަކު، ފުރަތަމަ ތިން ނަންބަރު އޭނައަށް ބީރައްޓެހިވުމުން، އެއީ ސްވިސްއިން ނޫންކަން ޔަޤީން ނުކުރެވުނެވެ. އެހެން ޤައުމަކުން މިއޮތް ދުވަސްކޮޅުގައި އޭނައަށް ގުޅަންވީ ކާކުކަމެއް ހަމަ އެއްގޮތަކަށް ވެސް ސިކުނޑިއަށް އަންނަ ގޮތެއް ނުވުމުން، އެއީ ނުބައި ނަންބަރެއް ކަމަށް ނިންމުނެވެ. އެހެނަސް ދާރިސް އެ ކޯލު ނަގައި ފޯނު ކަންފަތުގައި ޖައްސައިލީ، އެ މީހެއްގާތު އެ ވާހަކަ ބުނުމަށެވެ.
“ހެލޯ….ކާކަށްތޯ ތި ގުޅުއްވަނީ؟” ދާރިސް ފޯނު ކަންފަތުގައި ޖައްސައިލަމުން އަހައިލިއެވެ.
“ސަލާމް…..މިއީ އިސްމާޢީލް އީތަންގެ ނަންބަރު ދެއްތޯ؟” އެކޮޅުން އެ ސުވާލުކޮށްލި އަޑަށް ދާރިސްގެ ދެބުމަ ކައިރިވިއެވެ.
“ވަޢަލައިކުމުއްސަލާމް…އާދެ! މިއީ އިސްމާޢީލް އީތަން. ތިއީ ކާކުތޯ؟ ކިހިނެއްތޯ މި ނަންބަރު އެނގިލެއްވީ؟” ދާރިސްއަށް އަހައިލެވުނެވެ.
“އިސްމާޢީލް އީތަން ވަރަށް ގާތުން ދަންނަ މީހެއްކަމަށް މި ވަގުތަށް ބުނެލަމާ….އެހެންވީމަ މި ނަންބަރު ހޯދައި ލެވުނީ ވެސް. ވަރަށް މުހިއްމު ވާހަކައެއް ބުނަން މި ގުޅައިލީ….ނިކަން އަވަސް މުސްތަޤްބަލެއްގެ ތެރޭގަ އީތަން ގާތު މީހަކު މާލެއަށް އައުމަށް އެދޭނެ. އެއީ އީތަން އެހާ ރުހޭ މީހަކަށް ނުވެދާނެ. އެކަމަކު އެ މީހެއްގެ އެދުން ޤަބޫލުކޮށް މާލެއަށް ދިޔުން އެދެން. އީތަންގެ މަންމައަށް އިންސާފު ހޯދައިދީ، އީތަން ޙަޤީޤީ ނަން އަނބުރައި ހޯދަން ބޭނުންވަންޏާ، މި ބުނި ގޮތަށް ކަންތައް ކުރޭ…” އެކޮޅުން ދެން އިވިގެން ދިޔަ ވާހަކަތަކުން ދާރިސްގެ މެއަށް ވެސް ފިނިވާ ގޮތްވިއެވެ.
“ޙް…ޙަޤީޤީ ނަމޭ؟ ތިއީ ކާކު؟ އަހަރެންގެ ޙަޤީޤަތް ތި މީހަކަށް އެނގެނީތަ؟” ލިބުނު ޝޮކުގައި ދާރިސް އޭނަ ގެންގުޅެމުން އައި މާތް ބަހުރުވައިގެ މަތިން ވެސް ހަނދާން ނެތޭ ގޮތްވިއެވެ.
“އިތުރު ތަފްޞީލު އީތަންއާއި މާލެއިން ދިމާވި ދުވަހަކުން ކިޔައިދޭނަން އިން ޝާ ﷲ! އަވަސް މުސްތަޤްބަލެއްގަ ބައްދަލުވާނެކަމަށް އުއްމީދުކުރަން…”
އެ ބަސްތަކަށްފަހު ދާރިސްއަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ އެކޮޅުން ފޯނު ކަނޑައިލި އަޑު އިވުނެވެ. އެކޮޅުން އަޑު ކެނޑިގެން ދިޔުމުން ވެސް ލިބިފައިވި އަންތަރީސްކަމެއްގެ ބޮޑުކަމުން ދާރިސްއަށް ‘ހެލޯ’ އޭ ތަކުރާރުކޮށް ކިޔައިލެވުނެވެ. އެއަށްފަހު ފޯނު ކަންފަތާއި ދުރުކޮށްލަމުން ސްކްރީނަށް ނަޒަރެއް ދެވުނެވެ. އިސާހިތަކު ސްކްރީނުން ފެންނަމުން ދިޔަ ނަންބަރުގެ ވެރިޔާ ހޯދުމުގެ ޝުޢޫރެއް ހިތުގައި އުފެދުނެވެ. އެ ވަގުތަކީ ދާރިސް ދާދި ދެންމެއަކު ގުޅައިލި ޓެކްސީ އެ ހިސާބާއި ކައިރިވަމުން ދިޔަ ވަގުތު ކަމަށްވުމުން، ދާރިސް އެ މަސައްކަތް ފެށީ ޓެކްސީއަށް އެރުމަށްފަހުގައެވެ.
ދާރިސް ފޯނުން ހުޅުވައިލަމުން ޑައުންލޯޑުކޮށްލީ، ނަންބަރުތަކުގެ ވެރިފަރާތް ހޯދުމަށް ޚުދު އޭނަ ހަދާފައިވާ އެޕްލިކޭޝަނެކެވެ. އެޕްލިކޭޝަނުގައި ދެންމެ އޭނައަށް ގުޅައިލި ނަންބަރު ޖަހައިލުމާއިއެކު، އެއީ ވެރިފަރާތް ފޮރުވިފައިވާ ނަންބަރެއްކަން އެނގިގެން ދިޔައެވެ. އެއާއިއެކު އޭނައަށް ދެންމެ ގުޅީ އާދައިގެ މީހެއް ނޫންކަން ދާރިސްއަށް ނަގައިގަނެވުނެވެ.
އެ ވާނީ ކާކަށްތޯ ދާރިސްގެ ހިތަށްއެރިއެވެ. އަޑުން ހީވީ މެދު ޢުމުރުގެ މީހެއް ހެންނެވެ. އެ މީހެއްގެ އަޑު ކުރިން ވެސް އިވިފައިވިހެން ހީވީ ކީއްވެ ކަމެއް ނޭނގެއެވެ. އޭނަގެ ޙަޤީޤަތް އެމީހަކަށް އެނގޭނީ ކިހިނެއްކަމާއި މެދު ވިސްނެން ފެށިއެވެ. އޭގެ މާ ގިނައިރެއް ނުވެ ހަނދާނަށް ވެރިވެގެން ދިޔައީ، މީގެ ދުވަސްތަކެއް ކުރިން ވަލީދުބެ ކިޔައިދީފައިވާ ވާހަކައެވެ. އޭނަގެ ޙަޤީޤަތް އެނގޭ، ޝަހީދުބެގެ ކުންފުނީގެ ބޮޑު މީހަކާއި، އެމީހެއްގެ ސެކްރެޓަރީއެއް ވާކަމަށް ބުނި ވާހަކައެވެ.
އެ ބަސްތައް ހަނދާންވީވީހެން އެރޭ އޭނައަށް ފެނިގެން ދިޔަ ހުވަފެން ވެސް ލޮލަށް ސިފަވި ހިނދު ބޮލުގައި ރިހުމެއް އުފެދުނެވެ. އިސާހިތަކު ނޭވާވެސް ކުރުވާން ފެށިހެން ހީވުމުން އޭނަ ހަމައަކަށް އެޅެން އެބަޖެހޭކަން އެނގުންވިއެވެ. އެއާއިއެކު ދާރިސް ވަގުތުން ފުން ނޭވާތަކެއްލާން ފެށިއެވެ. އަދި ކުޑަދޮރުން ބޭރަށް ނަޒަރު ހިންގައިލީ ސިކުނޑީގައިވި ޚިޔާލުތަކުގެ ބަދަލުގައި، ބޭރުން ފެންނަމުން ދިޔަ މަންޒަރުތަކަށް ސަމާލުކަން ދިނުމަށެވެ.
**
15 ވަރަކަށް މިނެޓް ތެރޭގައި ދާރިސް ގެއާއި ހަމައަށް ދެވުނުއިރު މުޅިންހެން ހަމައަކަށް އެޅިފައިވިއެވެ. އެހެނަސް އޭރުވެސް ދެންމެ ލިބުނު ކޯލާއިމެދު ވިސްނެމުން ދިޔައީތީ އޭނަގެ މޫނުމަތިން ކަންބޮޑުވުން ފާޅުވަމުން ދިޔަކަން ދާރިސްއަށް މާ ރަނގަޅަށް ވެސް އެނގުނެވެ. ޓެކްސީއިން ފައިބައިގެން ގޭގެ ފެންޑާއިން ވަދެގެން ގޮސް ގޭގެ މައިދޮރު ކުރިމަތީގައި މަޑުކޮށްލެވުނީ އެހެންވެއެވެ. އޭނަގެ ކަންބޮޑުވުން ހިބާއަށް ފާހަގަވެ، ދެންމެ އިވުނު ވާހަކަތައް ހިބާއާއި ޙިއްސާކޮށް ހިބާ ނުތަނަވަސްކުރުވަން ހިތް ނޭދުނީތީވެއެވެ.
އެހެންކަމުން ދާރިސް ފުން ނޭވައެއް އެތެރެއަށް ލަމުން މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. އެއަށްފަހު ޖީބުގައި އޮތް ޑުޕްލިކޭޓް ތަޅުދަނޑި ނަގައި ދޮރު ހުޅުވަން އުޅުނެވެ. އެހިނދު އެ ދޮރު ތަޅު ނުލައި ހުރިކަން އެނގުންވުމުން ހިނިތުންވުން ފޭދުނެވެ. ދާދި ދެންމެއަކު ހިބާ ގޭގައި ހުރީ އެކަނިކަން އެނގުންވެ، އެ ދޮރު ތަޅުނުލައި ހުރުމުން ލިބުނު ނުތަނަވަސްކަމާއި އެކީގައެވެ. ހަމަ އެހިނދު ޙައިރާންވެސް ވާގޮތްވިއެވެ. ހިބާ ދާރިސްއާއި އިނުމުގެ ކުރިން ވެސް އޮޅިގެން ވިޔަސް ދޮރު ތަޅުނުލައި ނުހުންނަކަމަށް ބުނީ ޚުދު ހިބާއަށް ވުމުންނެވެ. ވީއިރު މިއަދު މި ވީ ކިހިނެއްތޯ ހިތަށްއެރި ހިނދު ދާރިސް ދޮރު ހުޅުވިއެވެ.
“އައްސަލާމްޢަލައިކުމް! ކޮބައިތަ އަހަރެންގެ ލޯބިކޮޅު؟” ދާރިސް ގެއަށް ވަން ވަގުތު ހިބާ ފެންނަ ހިސާބުގައި ނެތުމުން އަމިއްލަ އަމިއްލައަށް ކަހަލަ ގޮތަކަށް ބުނެލިއެވެ. ހަމަ އެ ވަގުތު ހިބާ ހީލުމަކާއިއެކީ ކާގެއިން ނިކުތްތަން ދާރިސްއަށް ފެނުނެވެ.
“ހެހެ….ވަޢަލައިކުމުއްސަލާމް….މިހިރީ! އޯ އެމް ޖީ އޯ އެމް ޖީ ދާރިސް! ޔޫ ވިލް ނޮޓް ބިލީވް ދެންމެ އައީ ކާކުކަމެއް!” ހިބާ އޭނަގެ ސަލާމުގެ ޖަވާބު ދިނުމަށްފަހު އުޖާލާވި ހިނިތުންވުމަކާއިއެކީ ދުވެފައި އައިސް އޭނަގެ ގައިގައި ބައްދައިލުމުން ދާރިސްއަށް ވެސް ހިނިތުންވެލެވުނެވެ.
“ކާކުތަ އަނެއްކާ؟” ދާރިސް ހިބާ އޭނައާއި ދުރުކޮށް، އެ މޫނުގައި ހިފަހައްޓައިލަމުން ސުވާލުކުރިއެވެ. އެހިނދު ހިބާ އެހާ އުފާވެފައި ހުރިތަން ފެނި، ދާރިސް އޭނަގެ ކަންބޮޑުވުންތަކުގެ މަތިން ވެސް ހަނދާން ނެތިފައިވިއެވެ.
“މަންމަ…..އަހަރެންގެ މަންމަ..” ހިބާ ފަނޑުވުމެއްނެތް ހިނިތުންވުމަކާއިއެކީ ދިން ޖަވާބުން، އެ މީހެއްގެ ސޫރަ ދާރިސްއަށް ސިފަވެގެން ދިޔައެވެ. އެއާއިއެކު ނޭނގުމެއްގެ ތެރެއިން ވެސް ދާރިސްގެ ހިނިތުންވުން ގެއްލި ދިޔައެވެ. އެ ސޫރައިގެ ވެރިޔާ ހިބާ އެކި ގޮތްގޮތުން ދެރަކޮށްލި ދުވަސްތައް ހަނދާންވުމުންނެވެ.
އޭގެ އިރުކޮޅެއްފަހުން ހިބާ އިނީ ދާރިސްއާއި އެކީ ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެގެންނެވެ. ދާދި ދެންމެއަކު މަންމަ އައިސް ކަންތައް ވީގޮތް ދާރިސްއަށް ތަފްޞީލުކޮށް ކިޔައިދޭން ބޭނުންވީތީވެއެވެ.
“މަންމަ ޓަކި ދިން އަޑު އިވިފަ ވެސް އެނގުނު އެއީ ހަމަ މަންމަކަން….މަންމަ ފެނިފަ ލިބުނު ޝޮކުގަ އަތުގަ ހުރި ހެދުންތައް ވެސް ވެއްޓުނީ. ހެހެ…..ދެން މަންމަ ބުނީ…’އަނހަ! ކަނބުލޮގެ ހެދުންތައް ވެސް ވެއްޓުނީހޭ’….ހެހެ…..އަހަރެން ވަގުތުން އަވަސްއަވަހަށް ހެދުންތައް ނަގަން އުޅުނީމަ….މަންމަ ވެސް އަހަންނަށް ހެދުންތައް ނަގައިދޭން އެހީވެދިނީ. ހެހެ….”
ހިބާ ދާރިސްއަށް އެ ވާހަކަތައް ކިޔައިދެމުން ދިޔައިރު މޫނުމަތީގައި ހިނިތުންވުމެއް ފެނިފައި ގިނަގިނައިން ހެމުން ދިޔައެއްކަމަކު، އަޑުގައި ތުރުތުރެއްވިއެވެ. ހިބާގެ ކައިރީގައި އިނދެ، އެ މޫނަށް ފަރުވާތެރިކަމާއިއެކީ ބަލަން އިންއިރު ހިބާގެ ލޯ މަތިން ފާޅުވަމުން ދިޔަ ރިހުން ވެސް ދާރިސްއަށް ސާފުކޮށް ފެނުނެވެ. ހިބާ ދެންމެ އެ ސިފަކުރި ޙާލަތްތަކުގައި އެ މަންމަ އިސްކޮށްފައިވާ ހަރުކަށިކަން ދާރިސްއަށް ފެނިފައިވީތީ، އެއީ ކީއްވެކަން ދެނެގަންނަން ދާރިސްއަށް މާ ގިނައިރެއް ނުނެގިއެވެ.
“ދެން ހެދުންތައް ނަގައިދީފަ….މަންމަ ބުނީ ކަނބުލޮ ސައިބޮއިފިން ހެއްޔޯ. ހިނގާށޯ މަންމައާއި އެކީ ސައިބޯން. ކިޔާފަ އަހަންނާއިއެކީ ބަދިގެއަށް ގޮއްސަ އަހަރެން އަމިއްލައަށް ސޭންޑްވިޗެއް ހަދަން އުޅުނީމަ މަންމަ އެހީވެސް ވެދިން. ދެން ދެމީހުން އެކީގަ ސައި ބުއީ….”
ހިބާ އެ ވާހަކަ ކިޔައިދިން އިރު އެ އަޑު އިތުރަށް ރޫރޫއެޅުން ނޫންކަމެއް ނުވިއެވެ. ވާހަކަ އެހާ ހިސާބަށް ދިޔަ ވަގުތު ހިބާގެ ލޮލުން ކަރުނައެއް ވެސް ފައިބައިގެން އައެވެ. ހިނދު ދާރިސްގެ ހަނދާނަށް އައީ، ހިބާ ކުޑައިރު ސޭންޑްވިޗެއް ހެދުމުން، މާ ގިނައިން މިރުސް އެޅިފައިވި ކަމަށްޓަކައި ހިބާގެ މަންމަ ހިބާއާއި ދިމާލަށް ހަޅޭއްލަވައި ރޮއްވައިލި ދުވަހެވެ. މިވަގުތު ހިބާއަށް އެ މަންޒަރު ސިފަނުވެ ނުހުންނާނެކަން ދާރިސްއަށް ޔަޤީން ކުރެވުނެވެ.
“ސައިބުއިމުގެ ތެރޭގަ ވެސް މަންމަ އަހަންނާއި ވަރަށް ލޯބިން ވާހަކަ ދެއްކީ. ވަރަށް ގިނަ ވާހަކަތައް ކިޔައިދިން. އަހަރެން ވަރަށް އުފާވެސްވި. އެކަމަކު އަހަންނަށް މަންމައާއި ވާހަކަ ދެއްކުމުގެ ބަދަލުގަ ރޮވުނީ. މިހާރު ވެސް މި ރޮވެނީ ކީއްވެކަމެއް ނޭނގް…”
ހިބާގެ ވާހަކަ އެހާ ހިސާބަށް ދިޔަ ވަގުތު އަރުތެރެ ބެދި، ވާހަކަ ހުއްޓުމަކަށް އައެވެ. އެހިނދު ހިބާ ހިތްވަރުކުރަން މަސައްކަތް ކުރަމުން ދެލޯ މަރައި ތަގުޅިކޮށްލިއެވެ. އެވަގުތު ވެސް އެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އޭގެ އޭގެ މާ ގިނައިރެއްނުވެ ހިބާއަށް ގިސްލާފައި ރޮވެން ފެށުނެވެ. އެ މަންޒަރު ފެނުނު ދާރިސްއަށް ކެތް ނުކުރެވުމުން ވަގުތުން ހިބާ އޭނަގެ އަތުތެރެއަށް ގެނައެވެ. ދާރިސްގެ އޯގާތެރިކަން އިޙްސާސް ކުރެވުމުން ހިބާއަށް އިހުނަށްވުރެ ގަދައަށް ރޮވެން ފެށިއެވެ. ބަދަލުގައި ދާރިސް ވަކި އެއްޗެކޭ ނުބުނެ ހިބާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އެވަގުތު ހިބާ އެ ބޭރު ކުރަމުން ދިޔައީ އެތައް އަހަރެއް ވެފައިވި ވޭނީ އިޙްސާސްތަކެއްކަން ދާރިސްއަށް އެނގުންވީތީވެއެވެ.
ހިބާގެ ރުއިމުގެ އަޑު ކަންފަތުގައި ގުގުމަމުން ދިޔަދިޔަހެން ދާރިސްގެ ހިތުގައި ހިބާގެ މަންމައަށްޓަކައި އުފެދިފައިވި ނަފްރަތުވެސް އިތުރުވަމުން ދިޔައެވެ. އެތައް އަހަރެއް ފަހުން އެ މަންމަ ހިބާގެ ކައިރިއަށް އަނބުރައި އަންނަންވީ ކީއްވެތޯ ހިތާހިތުން ކިޔައިލެވުނެވެ. އަދި އަމުދުން އެ ހުރިހާ ދުވަސްފަހުން އައިސް ހިބާއާއި ބައްދަލުކުރަން އައިސް، އެހާ ކުޑައިރުކޮޅެއްގެ ތެރޭގައި ދިޔައީ ކީއްވެތޯ ވެސް ހިތަށްއެރިއެވެ.
ހިބާގެ ރުއިން ހުއްޓެންދެން ދާރިސް ހިބާގެ ކައިރީގައި އެގޮތުގައި އިނެވެ. ހިބާ އެންމެ ފަހުން ރުއިން ހުއްޓައިލީ، ޓިއުޝަނުން ހަމްނާ ގެއަށް އައިސް ވަނުމުންނެވެ. އެވަގުތު މަޣްރިބް ނަމާދަށް ވެސް ބަންގި ގޮވަން ފެށުމުން ހިބާ ނަމާދަށް ދާން އަވަސްވިއެވެ. ހިބާގެ މޫނު ހުރިގޮތް ހަމްނާއަށް ފާހަގަވުމުން ހަމްނާ އެކަމާއިމެދު ސުވާލުކުރިއެވެ.
“ކަމެއް ނުވޭ….ވަރަށް ސްޕެޝަލް މީހަކު މިއަދު ގެއަށް އައި ހަމް….ނަމާދުކޮށްގެން ތަންކޮޅެއް ހަމަޖެހިލައިގެން ކިޔައިދޭނަން އިން ޝާ ﷲ…” ހިބާ އެ ވާހަކަ ބުނެލީ ހިނިތުންވުމަކާއިއެކީ ކަމަށްވިޔަސް އެ ލޮލުގައި ކަރުނަތައް ވިއެވެ. ހަމްނާ އެއްފަހަރު ހިބާއަށް އަނެއްފަހަރު ދާރިސްއަށް ބަލައިލުމުން، ދާރިސް ބޯހޫރުވައިލީ އިތުރު ސުވާލުތައް ނުކުރުމަށް ދިން ޢިޝާރާތެއްގެ ގޮތުންނެވެ. ހަމްނާ އެ ޢިޝާރާތް ދަނެގެން، ދާރިސް އެދުނު ގޮތަށް ކަންތައް ކުރިއެވެ.
މަންމަގެ ޚަބަރު ހިބާ ހަމްނާއަށް ކިޔައިލަ ދިނީ، އެރޭގެ މަޣްރިބް ނަމާދަށްފަހު ހަމްނާ ބަނޑުހައިވެގެން ސޭންޑްވިޗެއް ކަމުން ދިޔަ ވަގުތެވެ. ތިއީ ކާކު ހެދި ސޭންޑްވިޗެއްކަން އެނގޭތޯ ބުނެ ހިބާ ފެށި ވާހަކަ، އެވަގުތު ގޭގައި އުޅެމުން ދިޔަ ދާރިސްއަށް ވެސް އިވުނެވެ. ދާރިސް ގޮސް ކާގެއަށް ވަނީ، ހިބާ އޭގެ އިރުކޮޅެއް ކުރިން އޭނައަށް ކިޔައިދިން ވާހަކައަށް އިތުރު ތަފްސީލެއް އާދޭތޯ ބެލުމަށެވެ. އެހެނަސް ހިބާ ހަމްނާއަށް ވެސް ކިޔައިދިނީ ހަމަ އޭނައަށް ކިޔައިދިން ވާހަކަތަކެވެ.
“ކީއްކުރަން މިއަދު ދެން ވަކި މަންމަ އަންނަންވީ؟ އަހަރުމެންނާއި ބައްޕަ ދޫކޮށްލާފަ ދިޔައީ މަންމަ އަމިއްލައަށް…އަހަރެންގެ ހުރިހާ ބޭޑް މެމޮރީސްއެއް ގުޅިފަ ހުރީ މަންމައާ….ނޭނގެ މިހެން ބުނުމަކީ ރަނގަޅު ނޫންކަމެއް ކަމެއްވެސް އެކަމަކު އަހަރެން ދެން މަންމަ ދެކޭކަށް ބޭނުމެއްނޫން!” ހަމްނާ އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަމާއިއެކީ ބުނެލީ، ޚުދު ދާރިސް ހިބާގެ ފަރާތުން އުއްމީދުކޮށްގެން ހުރި ބަސްތަކެވެ. ހިބާ އެންމެ ފުރަތަމަ ވެސް އެ ބަސްތައް ނުބުނީ ކީއްވެތޯ ހިތަށްއެރިއެވެ. ހިބާ ދެން ދެއްކި ވާހަކައިން ދާރިސްއަށް އެ ސުވާލުގެ ޖަވާބު ލިބުނެވެ.
“އެކަމަކު މީހުންނަކީ ބަދަލުވާ ބައެއްދޯ ހަމް؟ ދޮންތަ ވެސް އެންމެ ފުރަތަމަ މަންމަ ފެނިފަ ތިހެން ހިތަށްއެރީ….އެކަމަކު މަންމަ ވާހަކަ ދައްކަން ފެށި ގޮތުން ހީވީ އެއީ ތަފާތު މީހެއްހެން….ތެދުތެދަށް ބުނަންޏާ ދޮންތަ މަންމައަށް ނަފްރަތު ކުރިޔަސް މަންމަ މަތިން އަބަދުވެސް ހަނދާންވި. ހިތަށްއަރަނީ ދޮންތައަށް ދަސްވެފައި ހުރި ހުރިހާ ކަމަކާއި ދޮންތަގެ ހިތްވަރަކީ ވެސް މަންމަގެ ފަރާތުން ދަސްވި ކަންތައްތަކޭ. އެހެންވީމަ މިހެން ދޭތެރެއަކުން ބަލިވާ ދުވަސްތަކުގަ ވެސް މަންމަ މަތިން ހަނދާންވި. ބަލިވީމަ މަންމަ ދޮންތައަށް އަޅާލައި ހެދި ހަނދާން އާވި. މަންމަ ކިތަންމެ ހަރުކަށި ވިޔަސް، މަންމަ ވެސް ދޮންތަ ދެކެ ލޯބިވީ ވަގުތުކޮޅުތަކެއް އައި. މި ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގަ އެ ވަގުތުކޮޅުތަކުގެ މަތިން ވަރަށް ހަނދާންވި….” ހިބާ ކަރުނަތައް ހިލެމުން ދިޔަ ލޮލާއި އެކީ ކިޔައިލަދިނެވެ.
“އެއީ ރަނގަޅު މަންމައެއް ނަމަ ކޮންމެހެން ވަކި ވަގުތުކޮޅުތަކެއް ގައެއްނޫން އަހަރުމެންނަށް ހެޔޮވާން ޖެހެނީ! ހުރިހާ ވަގުތެއްގަ ވެސް އަހަރުމެންނަށް ހެޔޮ އެދެންޖެހޭ….މި ވާހަކަ ދެއްކީމަ ވެސް މޭ ނުބައި ކުރާ ގޮތްވަނީ-“
“ހަމްނާ!” ހިބާ ހަރުކަށި ގޮތަކަށް ގޮވައިލިއެވެ. އެ ހިނދު ހަމްނާ ސިހުންވެސް ވާ ގޮތްވުމުން ހިބާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ގޮތްވިއެވެ. އިސާހިތަކު އެވަގުތުކޮޅުގައި ދޮންތައަށް ނުރުހުންވި ހަމްނާގެ މޫނުމަތިން އެ ނުރުހުންތެރިކަން ފާޅުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ހަމްނާ ކަމުން ދިޔަ ސޭންޑްވިޗްވެސް ހުސް ކުރުމެއް ނެތި ގޮނޑިން ތެދުވެގެން ދާން ހިނގައިގަތެވެ.
ހަމްނާ ލޯމައްޗަށް ގެއްލުނު ވަގުތު ހިބާ ފުން ނޭވައެއް ދޫކޮށްލަމުން ގޮނޑިއަށް ލެނގިލިއެވެ. އެ މަންޒަރު ފެނި، އައިސްއަލަމާރީގެ ކައިރީގައި ހުއްޓިހުރި ދާރިސް ލަސް ހިނގުމެއްގައި ގޮސް ހިބާގެ ކައިރިއަށް ވާ ގޮތަށް ހުރި ކާމޭޒުގެ ގޮނޑީގައި އިށީނެވެ. ދާރިސް އެތާ އިށީނުމާއިއެކު ހިބާ ދާރިސްއަށް ބަލައިލިއެވެ.
“ކޭން ޔޫ ބިލީވް ހާރ، ދާރިސް؟ އެތައް އަހަރެއް ފަހުން މަންމަ އައިމަ ވެސް އެ ކުއްޖާ ދައްކާ ވާހަކަ އެހެރީ!” ހިބާ ރޮވިފައިވާ އަޑަކުން ބުންޏެވެ.
“އައި ޑޯންޓް ނޯ، ހިބާ. ދޮގެއް ނަހަދާނަން އަހަރެން އެކަމަކު….ހިބާގެ މަންމަ ދަންނަ މީހެއްގެ ހައިސިއްޔަތުން، އަހަންނަށް ހަމްނާގެ އެ އިޙްސާސްތައް ފަހުމްވޭ…” ދާރިސް އެހެން ބުނުމާއިއެކު ހިބާގެ މޫނުމަތިން ނުރުހުންތެރިކަން ފެނުނެވެ.
“އެހެންވީމަ ތި ބުނަނީ އަހަރެންގެ މަންމައަކީ ނުބައި މީހެކޭތަ؟” ހިބާ އެ ސުވާލުކޮށްލީ ރުޅިން ރަތްވެގެން ދިޔަ މޫނަކާއި އެކީގައެވެ.
“ތިހެންނެއް ނުބުނަން. އެއީ ހިބާގެ މަންމައަށް ވީތީ އެ މަންމައަށް ޤަދަރުކުރަން. އެކަމަކު އެ މަންމަ ހުރީ އަހަރެންގެ ލޯ ކުރިމަތިން ވެސް ހިބާއަށް އެތައް ހިތާމައެއް ދީފަ. އެތައް ދުވަހެއްގެ މަތިން ހިބާ ހިތްދަތިކޮށް ހިބާ ރޮއްވާލާފަ….”
“އެހެންވީމަ ތި ބުނަނީ އަހަރެން އަހަރެންގެ މަންމައާއި ގުޅުން ކަނޑައިލަންވީއޭތަ؟”
“ނޫން ހިބާ….އެއްގޮތަކަށް ވެސް ނޫން. އެކަމަކު އަހަރެން މި ބުނަނީ އެ މަންމައަށް ސަމާލުވާށޭ. އެހާ ފަސޭހައިން އިތުބާރު ނުކުރާށޭ. އަނެއްކާވެސް އެ މަންމަގެ ފަރާތުން ހިބާއަށް ހިތާމަތައް ލިބެން ފަށާފާނެތީ އަހަރެން ކަންބޮޑުވަނީ. ހިބާ ދެންމެ ތި ބުނީ ތެދެއް….މީހުންނަކީ ބަދަލުވާ ބައެއް. އެކަމަކު ބަދަލުވިކަން އެންމެ ދުވަހަކުން ނުއެއް އެނގޭނެ. ހިބާ ބުނެބަލަ….އެ މަންމަ މާޒީގަ ހިބާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތަށްޓަކައި މަޢާފަށް އެދުނުތަ؟ ހަމްނާ އެ ބުނިހެން ކުޑަމިނުން ތި ދެކުދިން އެކަނި ދޫކޮށްފަ ދިޔަ ކަމަށްޓަކައި ހިތާމަކުރި ވާހަކަ ބުނިތަ؟”
“ން….ނުބުނޭ އެކަމަކު…މަންމަ އަހަންނާއި މިއަދު ވާހަކަ ދެއްކީ ރީތި ބަހުން. އަހަރެން ހާދަ ދުވަހެއް ވަންދެން މި ކަމަށްޓަކައި އިންތިޒާރު ކުރީމޭ. އަބަދުވެސް ޤަބޫލު ކުރެވުނީ މަންމަ އަހަންނާއި ހަރުކަށިކޮށް ވާހަކަ ދެއްކީ އަހަންނަށް ކޮންމެވެސް ކަމެއް ގޯސްކޮށް ކުރެވޭތީ ކަމަށް. މިއަދު މަންމަ ރީތިކޮށް ވާހަކަ ދެއްކީމަ އަހަންނަށް ހުރިހާ ކަމެއް ފުރިހަމަ ކުރެވުނު ކަހަލަ އިޙްސާސެއް ކުރެވުނީ….”
ހިބާ އިސްޖެހިފައި އިނދެ އެހެން ބުނެލިއިރު އަނެއްކާވެސް އެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އެހިނދު ނުރުއިމަށްޓަކައި ހިބާ ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ. ހިބާގެ ހިތުގައި އަޅަމުން ދިޔަ ވޭން އެނގުންވި ދާރިސް، މޭޒުމަތީގައި އޮތް ހިބާގެ އަތްމަތީގައި އޭނަގެ އަތް ބޭއްވިއެވެ.
“ކޮންމެހެން ހުރިހާ ކަމެއް ހުރިހާ ވަގުތެއްގަ ފުރިހަމައަށް ނުކުރިޔަސް ހިބާދެކެ ޙަޤީޤީ ލޯބިވާ މީހުން ހިބާދެކެ ލޯބިވާނެ އިން ޝާ ﷲ. އަހަރެން އެ ފަދައިން ހިބާދެކެ ލޯބިވަން. ހިބާދެކެ ލޯބިވާ ހިބާގެ ކޮއްކޮ އެހެރީ….އެނގޭ އެއީ ހިބާގެ މަންމައަށްވީމަ ކޮންމެހެން ވެސް ހިބާ އެ މަންމައަށް ބޭނުންވަނީކަން. އެހެންވީމަ އެ މަންމައާއި ބައްދަލުކޮށް ހަދަން އަހަރެން ހިބާއަށް މަނާ ކުރާކަށް ނެތިން. މަންމަ ބުނިތަ އަދި ބައްދަލުކުރަން އަންނާނެ ވާހަކަ؟” ދާރިސް ސުވާލުކުރިއެވެ. އެއާއިއެކު ހިބާ ބޯޖަހައިލިއެވެ.
“މަންމަ ކޮންމެވެސް ފޯނެއް އައިސްގެން ދާންޖެހުނީ. ބުނި އިރުކޮޅެއްގެ ތެރޭގަ އަންނާނަމޭ ވެސް. ގޭގެ ދޮރު ހުޅުވާފަ ބަހައްޓައްޗޭ ބުނީ.”
“ވަޓް؟! ހިބާގެ މަންމަ ބުނެގެންތަ މިއަދު ގޭގެ ދޮރު ހުޅުވާފަ ބެހެއްޓީ؟ ހިބާ ގޭގަ އެކަނި ހުއްޓާ؟!”
“ހުމް…..މަންމަ ކުރިން ވެސް ނުރުހުންވާ ކަމެއް ގޭގަ އުޅޭ މީހަކު ގެއަށް އަންނަން އުޅޭކަން އެނގޭއިރު ވެސް ދޮރު ތަޅުލާފަ ހުރުމަކީ. އެހެންވީމަ ތަޅުނުލާ ބެހެއްޓީ…”
“ކާންޓް ބިލީވް ދިސް ހިބާ….އަންހެން ކުއްޖެއްގެ މަންމައެއް އެކުއްޖާއާއިމެދު އަޅާލަންޏާ އެހެން ބުނެފަ ދާނެތަ؟”
“ދާރިސް ޕްލީޒް! މަންމައާއިމެދު ތިގޮތަށް ވާހަކަ ނުދެއްކުން އެދެން….ދާރިސް ރުހޭނެތަ އަހަރެން ދާރިސްގެ މަންމައާއިމެދު ތިގޮތަށް ވާހަކަ ދެއްކިއްޔާ؟!”
އަނެއްކާވެސް ހިބާ ނުރުހުންތެރިކަން ފާޅުކުރުމުން ދާރިސް ވެސް ނުރުހުންވާ ގޮތްވިއެވެ. ހިބާ ބުނި އެއްޗަކަށް ރުޅިވެރިކަމާއިއެކީ ދެވޭނެ ރައްދެއް ސިކުނޑީގައި ރޭވި، ޚިޔާލުތަކުގެ ތެރެއިން އެ ބަސްތައް ބުނެވެސްލެވުނެވެ. އެހެނަސް ދާރިސް ފުން ނޭވައެއް އެތެރެއަށްލީ، އޭނަ މި ވާހަކަ ދައްކަނީ ކާކާއިކަން ހަނދާން ކުރަމުންނެވެ. އޭނަގެ ކުރިމަތީގައި މި އިނީ އޭނަގެ އަނބިމީހާއެވެ. އޭނަ ލޯބިވާ އަންހެން ކުއްޖާއެވެ. މި ވަގުތުކޮޅުގައި އެތައް ޖަޒުބާތުތަކެއްގެ ސަބަބުން އެދެމެދުގައި ޚިޔާލު ތަފާތުވުމެއްވިއެއްކަމަކު އެ ދެކަން ބަދަލެއް ނުވެއެވެ. އެހެންކަމުން އޭނަ ކޮންމެހެން ވެސް ހިބާއަށާއި ހިބާގެ އިޙްސާސްތަކަށް އިޙްތިރާމްކުރަން ޖެހެއެވެ.
“އެންމެ ރަނގަޅު ހިބާ…އަހަރެން ހިބާގެ މަންމައަށް ބަދުބަހެއް ނުބުނާނަން އިން ޝާ ﷲ. އެކަމަކު ޕްލީޒް…..މަންމަ ބުންޏަސް އެޓްލީސްޓް ހިބާ ގޭގަ އެކަނި ހުންނަ ވަގުތެއްގަ ދޮރު ތަޅުނުލާ ނުބަހައްޓާތި. ހިބާ އަމިއްލައަށް ނޫންތަ ބުނީ ދޮރު ތަޅުނުލާ ހުންނަންޏާ ތިމަންނަގެ ހިތް ބިރުގަނެއޭ؟” ދާރިސް ދެންވެސް ލޯތްބާއި އެކީ ހިބާއަށް ވިސްނައިދެވޭތޯ ބެލިއެވެ.
ދާރިސް ހިތުގެ އަޑިން ހިބާއަށް ހެޔޮ އެދުމުން ކަންނޭނގެއެވެ. ދާރިސް އެ ބަސްތައް ބުނިތާ މާ ގިނައިރެއްނުވެ ހިބާ ބޯޖަހައިލިއެވެ. އެއާއިއެކު ދާރިސް ލުއި ހިނިތުންވުމަކާއިއެކީ އޭނަގެ އަތްދަށުގައިވި ހިބާގެ އަތަށް ބާރުކޮށްލީ، ހިތާހިތުން ހިބާގެ ރައްކާތެރިކަމަށް ދުޢާ ކުރެވޭ ޙާލުގައެވެ.
**
“ނުވިއޭ އެކަމެއް! އޭނަގެ ފިރިމީހާ މާ އަވަހަށް ގެއަށް އައިއްސި…” ނާދިރާ އެހެން ބުނެލީ، ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ، ގެސްޓް ހައުސްއެއްގެ ރޫމެއްގައި ހުރި ސޯފާއެއްގައި އިށީންނަމުންނެވެ.
އަހަރުތަކެއް ވޭތުވެފައިވިއެއްކަމަކު ނާދިރާގެ މޫނުމަތިން ޢުމުރުން ދުވަސްވާ ކަމުގެ އަސަރެއް ނުފެނެއެވެ. ބޮލުގެ އިސްތަށިގަނޑުން ނުރައިގެ ބަދަލުގައި ގަދަ ރަތްކުލަ ޖައްސައި، ފަން ކުރެވިފައިވިއެވެ. މޫނުމަތި އޮމާންކޮށް ދައްކަމުން ދިޔަ ގޮތުން ޒުވާންކަން ދަމަހައްޓަން މަސައްކަތް ކޮށްފައިވާކަން ފާހަގަވެއެވެ. މާޒީގައި އޭނަ ލައި އުޅުނީ ކަކުލާއި ހަމައަށްދާ ހަރުވާޅު ހެދުން ކަމަށްވިޔަސް، އެދުވަހު ނާދިރާ ލައިގެން ހުރީ ނޫކުލައިގެ މައްޗަކާއި، ކަޅުކުލައިގެ ޖިންސެކެވެ.
“*@# އެއްނޫންތަ ތި ދެމީހުންނަކީ؟ އަހަރުމެންގެ ކުންފުނީގެ ބޮޑުބައެއް ވަނީ އެއްވެސް ޙައްޤަކާ ނުލާ ތި އަންހެން ކުއްޖަކާ އެ ދާރިސްއެއްގެ ނަންމަތީގަ! ބައްޕަ ނުއުޅޭ އެކަން ބަދަލު ކުރާކަށް ވެސް!!” ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކީ، ބެލްކަންޏެއްގެ ދިގު ގޮނޑިއެއްގައި ސިނގިރޭޓެއް ބޯން އިން މުޢީން ނޫން ދެވަނަ މީހެއް ނޫނެވެ.
“ތީނަގެ ބޭބެ މިރްޒާދް ދުނިޔޭގަ ހުރިނަމަ ތަންކޮޅެއް ފަސޭހަވީސް ކަންނޭނގެ. ދާރިސް އެއީ އޭނަގެ ދަރިއަކަށްވީމަ..” ނާދިރާ ބުންޏެވެ.
“ކޮންތާކު؟ ބައްޕަ އެ ނޫންނަމަ މިރްޒާދް ލައްވާ ދާރިސްއަށާއި މުނީރާއަށް ޚަރަދު ކުރުވީސް! އަދި އެހެން ނޫނަސް އެ މިރްޒާދަކީ ވެސް ނުލާހިކު ބޯ ރަނގަޅު މީހެއް. އޭނަގެ އަތުގަ އެއްޗެއް ޖެހުނުނަމަ ހުރިހާ އެއްޗަކާއިގެން ފިލީސް. ނަސީބެއް ދުނިޔޭގަ ނެތްކަން އޭނަ!”
“ހެހެހެ…..މުޢީނުގެ ނަސީބަށްދޯ މިރްޒާދް އެ ދިޔައީ؟ ތިގޮތަށް ވިސްނަންޏާ….އަހަރެންގެ ނަސީބަށް ކަންނޭނގެ ޝަހީދު ދުނިޔެ ދޫކޮށް އެ ދިޔައީ. އެ ނޫންނަމަ އަހަންނަށް މިހާ މިނިވަންކަމާއިއެކީ އުޅުމުގެ ފުރުސަތެއް ނުލިބުނީސް. ވަރިކޮށް ދިޔައިމަ ވެސް އޭނަ ހާދަ ވަރަކަށް ގުޅިއޭ. ހިބާ މިވެނި އެއްޗެކޭ ހަމްނާ މިވެނި އެއްޗެކޭ ކިޔާފަ. އަމިއްލަ އަތުން އަމިއްލަ ވިޔަފާރި ދޫވެގެން ދިޔައިރު ވެސް ކުރެވުނު ކަމެއް އޮތީއެއްނޫނޭ!!!”
ނާދިރާ ރުޅިވެރިކަމާއިއެކީ އެ ވާހަކަތައް ބުނެލީ ހަރު އަޑުންނެވެ. މުޢީން ވެސް އާނދޯއޭ ބުނެ އެ ވާހަކައަށް އެއްބަސްވިއެއްކަމަކު، އެ ވާހަކަތަކުގެ ބަލިކަށިކަން ދެމީހުންނަށް ވެސް އިޙްސާސް ކުރެވުނެވެ. ޝަހީދުގެ ވިޔަފާރީގެ ބޮޑުބައެއް މިއަދާއި ހަމައަށް ވެސް ރައްކާ ކުރެވިފައިވަނީ، ޝަހީދުގެ ވިސްނުންތޫނު ކަމުންކަން އެ ދެމީހުންނަށް ވެސް ޤަބޫލު ކުރެވެއެވެ. ރަނގަޅު ވަގުތުގައި އަމިއްލަ ދުޝްމިނުން ދަނެގެން ޙިކްމަތްތެރިކަމާއިއެކީ ޝަހީދު އެޅި ފިޔަވަޅަކުންކަން ޔަޤީން ކުރެވުނެވެ. އަދި އަމުދުން މިއަދާއި ހަމައަށް އެ ވިޔަފާރި އެހާ ފުޅާ ކުރެވިފައިވަނީ ވެސް ޝަހީދުގެ ޚިޔާލުތަކަށް ބިނާވެގެންކަން މުޢީނަށް މާ ރަނގަޅަށް ވެސް އިޙްސާސް ކުރެވުނެވެ.
“ދެން މި ވާހަކަ ބާއްވާފަ އެ ހިބާގެ ބޮލަށް ވަދެވޭނެ ގޮތަކާއިމެދު ވިސްނަން ހިނގާބަލަ! އެ ފިރިއަކު އެ ގޭގަ ނުއުޅޭނަމައޭ ހިތަށްއަރާ. އެއީ ބޭރު ޤައުމެއްގަ މަސައްކަތް ކުރާ ބޭރު މީހެއްނޫންތަ؟” ނާދިރާ ސުވާލުކުރިއެވެ.
“އަދި އެ ވާހަކަ ކިޔައިނުދެވޭދޯ؟ އެ މީހަކީ ދާރިސްއަށްވުމުގެ ވެސް ފުރުސަތު އެބައޮތް.”
“ކީކޭ؟!!”
“އާނ….އެކަން އެހެންވުން ވަރަށް ގާތް. އެކަމުގެ ޙަޤީޤަތް ބަލަން އޭނަ މިކޮޅަށް ގެނެވޭތޯ މި ބަލަނީ ހަފްތާއެއްހާ ތެރޭގަ. އޭރުން ނާދިރާއަށް އެ އަންހެން ދަރި ހަމައަކަށް އެޅުވޭނެއެއްނު؟”
“ހުމް….ރަނގަޅު ޚިޔާލެއް. މިކަންކޮށް ނިމުނީމަ އަހަންނަށް ވަޢުދުވި ފައިސާ ލިބޭނެދޯ؟”
“ޔަޤީނެއްނު؟ އަދި އެއަށްވުރެ ވެސް ގިނަ ފައިސާ ލިބޭނެ އަހަރެން އެދުނު އެދުން ފުރިހަމަ ކޮށްދިނިއްޔާ…”
މުޢީން ލާނެތް ހިނިތުންވުމަކާއިއެކީ ބުންޏެވެ. އެއާއިއެކު ނާދިރާގެ މޫނުމަތިން ވެސް ފެނިގެން ދިޔައީ އެފަދަ ހިނިތުންވުމެކެވެ. މުޢީން އޭނައާއި އިންނަން އެދިފައިވާކަން ހަނދާންވުމުންނެވެ.
ޝަހީދާއި ވަރިވުމަށްފަހު ނާދިރާ އުޅެމުން އައި ގޮތަކީ މިއީއެވެ. މާލެއަށް ގޮސް މުއްސަނދި ފިރިހެނުންނާއި ކައިވެނިކޮށް، އެމީހުންގެ ފައިސާގެ ބޭނުން ހިފުމެވެ. ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ނާދިރާ 5 ވަރަކަށް ކައިވެނިކޮށްފައިވާއިރު، އޭނަ އަނެއްކާވެސް މިހާރު އިނީ އެންމެ ފަހުން އިން ފިރިހެން މީހާއާއި ވަރިވެގެންނެވެ. މުޢީން އޭނައާއި ބެހޭ މަޢުލޫމާތު ހޯދައިގެން އޭނައާއި ބައްދަލުކުރީ، ހިބާއާއި ހަމައަށް ދިޔުމަށެވެ. އެހެނަސް ދެމީހުންގެ އެ ‘މަސައްކަތުގެ’ ތެރެއިން ދެމީހުން ވަނީ ނުހަނު ގާތްވެފައެވެ. މުޢީން ވެސް ވަރިވެފައި ހުރުމުން ނާދިރާ އަދި އިތުރަށް ގަޔާވާ ގޮތްވިއެވެ. އެ ދުވަހުގެ އެ ކޯލުވެސް ދިގު ދެމިގެން ދިޔަހެން ނާދިރާއަށް ކާމިޔާބީގެ އިޙްސާސެއް ކުރެވެމުން ދިޔައެވެ. އަނެއްކާވެސް މުއްސަނދި ފިރިހެނަކު އޭނަގެ ދަލުގައި ޖެހުނީތީވެއެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު ދާރިސް ފަތިސް ނަމާދަށްފަހު ނިދިފައި އޮވެފައި ހޭލެވުނީ، ހިބާއަށްވުރެ ކުރިންނެވެ. އާދައިގެ މަތިން ހިބާ ނިދިފައި އޮތް މަންޒަރު ފެނި، ދާރިސްއަށް އިރުކޮޅެއް ވަންދެން އެ މޫނަށް ބަލަން އޮވެވުނެވެ. ނިދިފައި އޮތްއިރު ވެސް އެ މޫނުމަތި މިލައިގެން ގޮސްފައިވި މިންވަރު ފާހަގަވުމުން ދާރިސްގެ ހިތް ދެރަވާ ގޮތްވިއެވެ. އިސާހިތަކު ހިބާގެ ހިތް އުފާކޮށް ދިނުމަށްޓަކައި ކަމެއް ކޮށްދޭން ދާރިސް ބޭނުންވިއެވެ.
ހިބާ އަރާމުކުރަން ބޭއްވުމަށްފަހު، ދާރިސް ބަދިގެއަށް ދިޔައީ ހިބާއަށް ސްވިޓްޒަލޭންޑުން ވަރަށް މީރުވި ހެނދުނުގެ ކެއުމެއް ތައްޔާރު ކުރުމަށެވެ. އެ ކެއުން ފެނި، ހިބާ ސްވިޓްޒަލޭންޑްގެ އުފާވެރި ހަނދާންތައް އާވުމުން ހިނިތުންވާނެކަމަށް ދާރިސްގެ ހިތް ބުންޏެވެ. އެއާއިއެކު ދާރިސް މަސައްކަތް ފަށަން އުޅުނީ ހިނިތުންވުމަކާއި އެކީގައެވެ.
އެހެނަސް އެވަގުތު ބަދިގޭގެ ކެބިނެޓް މަތީގައި ބޭއްވި ފޯނު ރިންގުވާން ފެށުމުން ދާރިސް ފޯނު ނެގިއެވެ. ސްކްރީނުން ފެނިގެން ދިޔައީ ފަޒީންގެ ނަމެވެ. އެ ނަން ފެނުމާއިއެކު ދާރިސްގެ މޫޑު ޚަރާބުވާ ގޮތްވިއެވެ. ފޯނު ނުނަގަން ހިތަށް އަރާފައިވެސް، އިތުރު މެސެޖުތައް ފަޒީން ކުރާނީއޭ ހިތައި ކޯލު ރިސީވްކޮށް ފޯނު ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ…” ދާރިސްއަށް ބުނެލެވުނެވެ.
“ހެލޯ އީތަން….މާ ހެނދުނު ގަޑިއެއްގަދެއްތޯ މި ގުޅައިލެވުނީ؟ ހެހެ….” ފަޒީން ގަދަކަމުން ހީލިއެވެ.
“ހުމް….އަސްލުވެސް ވަރަށް ހެނދުނު ގަޑިއެއް..” ދާރިސްއަށް އޭނަގެ ނުރުހުންތެރިކަން ނުފޮރުވުނެވެ.
“އޮހް….ސޮރީ! އެހެންވީމަ ފަހުން ގަޑިއެއްގަ އަޅުގަނޑު އީތަންއާއި ބައްދަލުކުރަން ރާވަންވީތޯ؟ މުހިއްމު ވާހަކައެއް ދަންނަވަންވެގެން.”
“ބައްދަލުކުރަން ވަގުތެއްނެތް. އަޅުގަނޑު މި ހަފްތާ ދޫކޮށް އަންނަ ހަފްތާގަ ސްވިސްއަށް ދާންޖެހޭތީ ތައްޔާރީތަކެއް ވެސް ވާން އެބަޖެހޭ. ވިދާޅުވާން ޖެހޭ ވާހަކައެއް މިކޯލުގެ ތެރެއިން ވިދާޅުވުން އެދެން…”
“އޮހް….އޯކޭ. އަޅުގަނޑު އަސްލު….އަޅުގަނޑުގެ ކުންފުނީގެ ބައެއް މާލޭގަ ވެސް ހުރޭ. މާލޭގަ ވެސް އަހަރުމެން ގެންގުޅޭ ޕްރޮގްރާމްގަ މައްސަލައެއް ޖެހިގެން އުޅެނީ. އެ މައްސަލަ ޙައްލުކުރަން އީތަންއަށް އަޅުގަނޑާއިއެކީ މާލެއަށް ދެވިދާނެތޯ؟”
ފަޒީން އެކޮޅުން ކޮށްލި ސުވާލާއި އެކީ ނުރުހުންތެރިކަމާއި އަޖާއިބެއް ދާރިސްގެ މޫނަށް ވެރިވިއެވެ. އޭނަ ނޫނަސް ޕްރޮގްރާމެއްގައި ޖެހިގެން އުޅޭ މައްސަލައެއް ޙައްލުކުރެވޭނެ އެތައް ބައެއް މާލޭގައި އުޅޭނެކަމަށް ބުނަން ބޭނުންވިއެވެ. އެހެނަސް ހަމަ އެވަގުތު ހަނދާނަށް އައީ، އިއްޔެ އޭނައަށް ލިބުނު ކޯލުން އިވުނު ވާހަކައެވެ.
“…ނިކަން އަވަސް މުސްތަޤްބަލެއްގެ ތެރޭގަ އީތަން ގާތު މީހަކު މާލެއަށް އައުމަށް އެދޭނެ. އެއީ އީތަން އެހާ ރުހޭ މީހަކަށް ނުވެދާނެ. އެކަމަކު އެ މީހެއްގެ އެދުން ޤަބޫލުކޮށް މާލެއަށް ދިޔުން އެދެން. އީތަންގެ މަންމައަށް އިންސާފު ހޯދައިދީ، އީތަން ޙަޤީޤީ ނަން އަނބުރައި ހޯދަން ބޭނުންވަންޏާ، މި ބުނި ގޮތަށް ކަންތައް ކުރޭ…”
އެ ބަސްތައް ހަނދާންވެގެން ދިޔަދިޔަހެން ދާރިސްގެ މެއަށް ފިނިވިއެވެ. އެ ވާހަކަ އޭނަގާތު ބުނީ ކޮންމެ މީހަކަށް ވިޔަސް އެމީހަކަށް އޭނަގެ މިއަދުގެ ޙާލަތު ވެސް ނުހަނު ރަނގަޅަށް އެނގޭކަން އެވަގުތު ދާރިސްއަށް އެނގުންވިއެވެ. އިސާހިތަކު އެއީ ކާކުކަން ދެނެގަތުމުގެ ޝުޢޫރެއް ހިތުގައި އުފެދުނެވެ. އަދި އެމީހަކު އެ ބުނީ ތެދެއްތޯ ބެލުމުގެ ޝުޢޫރެއް ވެސް މެއެވެ. އޭނަ މާލެއަށް ގޮސްގެން އޭނަގެ މަންމައަށް އިންސާފު ހޯދައިދީ، އޭނަގެ ނަން އަނބުރައި ހޯދޭނެތޯ ބެލުމަށް ވެސްމެއެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން މިއީ އީތަންއަށް ނުކުރެވް-“
“ދާނަން މާލެއަށް…އިން ޝާ ﷲ.”
ދާރިސްއަށް އެހެން ބުނެލެވުނީ ކުއްލި ގޮތަކަށެވެ.
ނުނިމޭ
Jana
March 4, 2022 @ 3:18 pm
Salaam kiyuntherin! 😀 Vaahaka nimen vvv kairi vejje. Jana kudakoh dheraves ebavey mihaa hisaabah aima hehe!
Next part Wednesday night ga In Sha Allah. Much love readers! Stay safe! <3 <3 <3
Ibaa
March 4, 2022 @ 5:17 pm
Alhr story kuriah dha agoiyh vrh reethi Masha Allah. Vrh curious vefa mi hury dhen vaane gothakaa medhu. Hiba ge mamma haadha goahey dho.. I really hate her. I am feeling so bad for hiba. Hibaa maa boadah emotional vedhaanethy. anyways, eagerly waiting for the next part.
Jana
March 6, 2022 @ 1:09 am
Alhamdhulillah! hehe…..Jana ves mihiry dhen vaane gotheh varah liyaa hithun. Yes…Hiba’s mum is the worst. I feel bad for Hiba too. She would want to be with her mum dho but her mum doesn’t even love her.
Next part Wednesday night ga In Sha Allah. Much love! <3 <3 <3
Dhonthi
March 5, 2022 @ 11:09 am
Salaam….Masha Allah..mi part ves varah reethi..
Waiting for next part 😍😍tc
Jana
March 6, 2022 @ 1:10 am
Wa’alaikumussalaam Dhonthi. Jazaakillah Khairan for the support <3 Next part Wednesday night ga In Sha Allah <3
Dhonthi kuree bayah kuri comment Jana kiyuneemey 🙂 Mihaaru reply koffa hunnaane 😀
Anonymous
March 7, 2022 @ 2:11 pm
Ah~ hiba’s mom is literally the WOOOORST mom ever!! Anyway stry is nice ingey.. mm btw how many parts are remainin’ ??
Jana
March 9, 2022 @ 4:42 pm
I know riiiiiiiiiiiight! BIG HATE ON HER! >.< Only two parts remaining I guess. Excluding part 61.