ދާރިސް (ސައުރަތިރީސްވަނަ ބައި)
“އާދެބަލަ މިކޮޅަށް ދާރިސް. ހިބާ އެބަ ބޭނުންވޭ ދާރިސްއާއި ބައްދަލުކޮށްލަން…” ފަރީދުބެ ލުއި ހިނިތުންވުމަކާއިއެކީ ބުނެލި ބުނެލުމުން ދާރިސްގެ ހިތަށް އާ ދިރުމެއް އައިހެން ހީވިއެވެ. އިސާހިތަކު ކޮޅަށް ތެދުވެލަމުން ދާރިސް ކުރިއަށް ދާން އުޅުނެވެ. އެހެނަސް ކަމެއް އެނގުންވީ ފަދައަކުން ދާރިސް އޭނަގެ ކޯޓުގެ ޖީބުން ފޯނު ނަގައި ކެމެރާ ޖައްސައިލަމުން އޭނައަށް ހުރެވުނު ގޮތަށް ބަލައިލިއެވެ. ފުރަތަމަ ފަހަރަށް އާ ލޯބިވެރިޔާއާއި ބައްދަލުކުރަން އުޅޭ ފަދައަކުންނެވެ. އޭނަގެ ހިތުގައި އެ ވަގުތު ވީ ވެސް އެ ފަދަ ނުތަނަވަސްކަމެކެވެ. ފަރީދުބެ އޭނަގެ ޙަރަކާތް ފެނިފައި ހީލި ގޮތުން ހިސާބަކަށް ގަތް ލަދާއިއެކީ ނޫންކަމަށް ހަދައި ފޯނު ކޯޓުގެ ތެރެއަށް ލަމުން ހިނގައިގަނެވުނެވެ.
ދާރިސް އާދައިގެ ފިޔަވަޅުތަކެއްގައި ގޮސް ރޫމުގެ ދޮރު ކައިރީގައި މަޑުކޮށްލުމުން ފަރީދު ރޫމުގެ ތެރެއަށް ވަނެވެ. އެހިނދު ކުޑަކޮށް ހުޅުވިފައިވި ދޮރުގެ ހަނި ދާއިރާއިން ދާރިސްއަށް ހިބާ ފެންނަ ގޮތެއް ނުވެއެވެ. އެ ދާއިރާއަށް ބަލަން ހުރެފައި ދޮރުގެ އަތްގަނޑުގައި ހިފައިލި ހިނދު، އެ އަތުގައި ތުރުތުރެއް އެކުލެވިފައިވީ ހިތުގެ ތެޅުން އަވަސްވެފައިވި މިންވަރުންނެވެ. ލަސްލަހުން އެ ދޮރު އެއްފަރާތަކަށް ކަހައިލުމަށްފަހު ދާރިސް އެތެރެއަށް ވަދެގެން ދާން ފެށީ، އެކި ދިމަދިމާލަށް ނަޒަރު ހިންގަމުންނެވެ. ހިބާއަށް އޭނަގެ ނަޒަރު އަމާޒުވެއްޖެނަމަ އޭނަގެ ހިތް ހުއްޓިދާނެކަމުގެ ބިރުވެސް ހީވުމުންނެވެ.
ހިނގަމުން ގޮސް އެނދުގެ ފައިލާ ކޮޅާއި ހަމަވުމާއިއެކު ދާރިސް އިސްއުފުލައިލި ހިނދުވެގެން ދިޔައީ ހަމަ އެކަހަލަ ގޮތެކެވެ. އެނދުގައި އިށީނދެ އިން ހިބާ ސީދާ އޭނައާއި ދިމާލަށް ބަލަން އިންތަން ފެނިފައި ދާރިސްގެ ނޭވާ މެދުކެނޑި ހިތުގެ ތެޅުމަށްވެސް ލޮޅުމެއް އައެވެ. އޭނައަށް އައި އެ ބަދަލުތަކާއި އެކީ އާދައިގެ މަތިން އޭނަގެ ކަޅި އެކި ދިމަދިމާލަށް ދާންފެށިއެވެ. ހިނދުކޮޅަކަށް ނަމަވެސް އެކަން ހަމައަކަށް އަޅުވަން ހިތަށްއެރިއެއްކަމަކު އެހެން ހަދަން ބޭނުމެއް ނުވިއެވެ. އޭނަގެ ކުރިމަތީގައި އިން ކުއްޖާއަކީ އޭނަގެ ޙަޤީޤަތް އެނގޭ ކުއްޖެއްކަން ހަނދާންވުމުންނެވެ. އެއީ އޭނަގެ ބަލިކަށިކަން އެނގިހުރެ ވެސް އޭނަ ދޫކޮށްނުލާނެ ކުއްޖެކެވެ. އެތައް އަހަރެއްފަހުން އޭނައަށް އޭނަގެ ޒާތާއި އެއްގޮތަށް މީހެއްގެ ކުރިމަތީގައި ހުރެވިދާނެކަން އެނގުންވުމުން ހިތް މަޑު ކަފަކޮޅަކަށްވެގެން ދިޔައެވެ.
އެސްފިޔަ ޖަހައިލުމެއްނެތި ދާރިސްއަށް ބަލަން އިން ހިބާއަށް ވެސް ކުރުވީ އެފަދަ އަސަރެކެވެ. ދިގު ކޯޓެއްގައި ހުރި އެ ހައިބަތު ހުރި ޝަޚްޞިއްޔަތު އޭނަގެ ކައިރިއަށް ހިނގާފައި އައި ވަގުތު އެއީ ‘އީތަން ސާރ’ ކަމަށް ފުރަތަމަ ސިކުންތުކޮޅުގައި އޭނަގެ ހިތް ބުންޏެވެ. އެހެނަސް އެ ސޫރަ އޭނައާއި ގާތްވެގެން ދިޔަދިޔަހެން އެއީ އޭނަ ނުހަނު ގާތުން ދެކެފައިވާ މީހެއްކަން ހިބާއަށް ޔަޤީންކުރެވުނެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި އޭނަ ދަންނަ ފިރިހެން ކުއްޖާ އިސްކޮޅުން ދިގުވެ އެ މޫނުމަތި އިތުރަށް ފިރިހެންވަންތަ ވެފައިވާކަން އެކަންޏެވެ. އަދި ހަމަ އެހެންމެ އޭނަގެ އެކުވެރިޔާ ފަދައިން ކުރިމަތިން މި ފެންނަ ޒުވާނާ ސީދާ އޭނައަށް ނަޒަރު އަމާޒުކުރޭތާއޭ ހިތަށްއެރި ހިނދު އެ ޒުވާނާ އެކި ދިމަދިމާލަށް ކަޅި ހިންގަން ފެށުމުން ހިބާގެ ހުރިހާ ޝައްކެއް ފިލައިދިޔައެވެ. އެއީ ހަމަ އޭނަ ދަންނަ ދާރިސްއޭ ހިތް ބުނި ވަގުތު އެ ހިތް ބާރަށް ތެޅެން ފެށިއެވެ.
ހިނދުކޮޅެއް ވަންދެން އެ ދެމެދަށް ހިމޭންކަމެއް ވެރިވެފައިވިއެވެ. ދާރިސް ބުނާނެ އެއްޗެއް ނޭނގިފައި ހުރިއިރު ހިބާއަށް އޭނަގެ އިޙްސާސްތައް ހަމައަކަށް އަޅުވަން ނޭނގިފައި އިނދެވުނެވެ. ދާރިސްގެ ސޫރައަށް ބަލަން އިންއިންހެން އެތައް ޖަޒުބާތެއް އޭނަގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ. އުފާވެރިކަމާއި ހިތާމަވެރިކަމާއި ޝަކުވާ ވެސްމެއެވެ. އެންމެ ފުރަތަމަ ހިބާގެ ދުލުން ބޭރުވެގެން ދިޔައީ އެ އިޙްސާސްތަކުގެ ތެރެއިން އެންމެ ވަރުގަދަވި އިޙްސާސްތަކާއި ގުޅޭ ބަސްތަކެވެ.
“ކީއްވެ ކުރިން ނުބުނީ؟” ހިބާއަށް ކުރެހިފައިވާ އަޑަކުން އަހައިލެވުނީ އެހެންނެވެ. އެ ހިނދު އެ ލޯމަތިން ނުފިލާ ތަދެއް ފާޅުވަމުން ދިޔައެވެ.
ހިބާގެ އަޑު އިވުމުން ދާރިސްއަށް ހިބާގެ މޫނަށް ނަޒަރު ހުއްޓައިލެވުނީ ބޭއިޚްތިޔާރުގައެވެ. އެހިނދު އެ މޫނުމަތިން ފެނުނު އަސަރުން ދާރިސް ހުއްޓުން އަރާ ގޮތްވިއެވެ. ލޯ ދުޅަވެފައިވީއިރު މޫނުމަތި މިލައިގެން ގޮސްފައިވިއެވެ. އާދައިގެ ބުރުގާއެއް އަޅައިގެން ގުދުވެފައި އިންގޮތުން ހިބާ ބަލިވެފައިވި މިންވަރު ހާމަވަމުން ދިޔައެވެ.
ހިބާ އިންގޮތުން އެހެން ހުރިހާ ކަމަކާއިމެދު ހަނދާން ނައްތައިލުމަށްފަހު ހިބާގެ ޙާލާއިމެދު ސުވާލުކުރަން ދާރިސްގެ ހިތް އެދުނެވެ. އެހެނަސް ދެންމެ ހިބާކުރި ސުވާލުގައިވި ޝަކުވާގެ އަޑުވެސް ފާހަގަވުމުން އެއަށް ޖަވާބުދޭން ނިންމިއެވެ.
“ހިބާއަށް ބޮޑު ސިހުމެއް ލިބިދާނެހެން ހީވީތީ ނުބުނީ. ހިބާއަށް ވެސް އެނގޭނެ ކަންނޭނގެ އަހަންނާއިމެދު ފެތުރިފައި ހުރީ ކޮންކަހަލަ ވާހަކަތަކެއްކަން. އަހަރެން ހީކުރީ ހިބާއަށް ވެސް ނިންމިފައިވާނީ ގިނަ މީހުންނަށް ނިންމުނު ގޮތަށް ކަމަށް. އެހެންވެ ނުބުނީ…..ވަރަށް ބޮޑަށް ބަލީތަ ހިބާ؟ ރޮވިފަތަ ތިހިރް-“
“ކީއްވެ ނައީ؟”
ދާރިސް ކަންބޮޑުވުމަކާއިއެކީ ކުރަން ފެށި ސުވާލުތައް މެދުކެނޑިގެން ދިޔައީ ހިބާ ކޮށްލި އެ ކުރު ސުވާލުންނެވެ. އެ ސުވާލު ކޮށްލި ހިނދު އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިން ހިބާގެ ލޮލުން ކަރުނައެއް ފައިބައިގެންއައެވެ. ހިބާއަށް އެ ސުވާލުކޮށްލެވުނީ މާޒީގެ ހަނދާންތައް އާވުމުންނެވެ. ދާރިސް ދިޔަފަހުން އޭނަގެ ޙަޔާތަށް އައި އަނދިރި ދުވަސްތަކުގެ ހަނދާންތަކެވެ. އޭނަ ކުރި ސުވާލުގެ މާނަ ދާރިސްއަށް އެނގޭނެ ކަމާއިމެދު ހިބާގެ ހިތުގައި ޝައްކު އުފެދުނެވެ.
އެހެނަސް ހިބާގެ މޫނުމަތީގެ ކުލަވަރުން ހިބާ ބުނި އެއްޗެއްގެ މާނަ ދާރިސްއަށް މާ ރަނގަޅަށް ވެސް ފަހުމްވިއެވެ. މާޒީގައިވެސް ހިބާ ކުރުގޮތަކަށް ބުނެފައިވާ ބަސްތައް އޭނައަށް ފަހުމްވެފައިވާ ފަދައިންނެވެ.
“އަހަރެން ނުދެނަހުރިން ހިބާ….އެއްގޮތަކަށް ވެސް ނުދެނަހުރިން އަހަރެން ދިޔަ ފަހުން ހިބާއާއި ޝަހީދުބެ އުޅެން ޖެހުނު ޙާލެއް. އެ ނޫންނަމަ އަހަރެން އަނބުރާ އައީމުސް. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް، އަހަރެންގެ ފުރާނައަށް ނުރައްކާވި ނަމަވެސް ބުނީމުސް ޝަހީދުބެ ދުވަހެއްގެ ކޮޅުން ވެސް އަހަންނަށް އަނިޔާއެއް ނުކުރާނެއޭ….އަހަރެން ދެނަހުރިނަމަ ހިނދުކޮޅަކަށް ވެސް ހިބާ އެ ހިތާމައިގެ ތެރޭގަ އުޅުނަ ނުދިނީމުސް…” ދާރިސް އެ ވާހަކަތައް ދެއްކީ ކަރުނަތައް ޖަމާވަމުން ދިޔަ ލޮލާއި އެކީ އިސްޖެހިފައި ހުރެއެވެ. ހިބާއާއި ހަތަރުކަޅި ހަމަކުރަން ވެސް ޖެހިލުންވެފައިވާ ޙާލުގައެވެ.
ބަހުން އަމިއްލަ ނަފްސު ދިފާޢުކުރެވެމުން ދިޔައެއްކަމަކު ތަކުރާރުކޮށް އޭނަގެ ހިތް ކުށްވެރި ކުރަމުން ދިޔައީ ޚުދު އޭނަގެ ނަފްސެވެ. އޭނައާއި ހެދި ނޫންނަމަ ހިބާ އުޅުނީހީ އުފާވެރި ދިރިއުޅުމެކޭ ހިތަށްއެރިއެވެ. ޝަހީދުބެ އޭނަ ބަލަން ނުޖެހުނުނަމަ ހިބާ އެ ހުރިހާ ކަރުނައެއް އޮހޮރަން ނުޖެހުނީހޭ ތަކުރާރުކޮށް ހިތް ބުނަމުން ދިޔައެވެ. އެ ޚިޔާލުތަކުގެ ތެރެއިން ދާރިސްގެ އަނގައިން ވެސް ނިކުތް ލުއި އާހުގެ އަޑާއިއެކީ އެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ.
ދުރު ބަލަން އިން ހިބާއަށް އެ މަންޒަރު ނުފެނުނެއްކަމަކު އެ ކަރުނަތައް ސިފަވި ފަދައެވެ. އޭނައަށް ވެސް ރޮވެން ކައިރިވެ އިތުރު ކަރުނަތައް ލޮލުން ފައިބައިގެން އައީ އެހެންވެ ކަންނޭނގެއެވެ. ދާރިސްގެ ބަސްތައް އޭނައަށް ޤަބޫލުކުރެވުނެވެ. އޭނަ ދެންމެ އެ ސުވާލުކުރި ވަގުތު ވެސް އެ ޖަވާބު ހިބާއަށް އެނގެއެވެ. ބައްޕަ މާ ކުރިންވެސް އެ ވާހަކަ އޭނަ ގާތު ބުނެފައިވާތީވެއެވެ. ދާރިސް ދިޔައީ ޤައުމުން ބޭރަށް ކަމަށާއި ޤައުމުގައި ހިނގާ އެއްވެސް ކަމެއް ދާރިސްއަށް ނޭނގި ހިނގައިދާނެ ކަމަށެވެ. މި ހުރިހާ ދުވަސްވީއިރު ދާރިސްއަށްޓަކައި އޭނަގެ ހިތް ސާފުވެފައިވި ސަބަބަކީ ވެސް އެއީއެވެ. އެހެނަސް މިއަދު ދާރިސް ފެނުމުން އޭނަގެ ހިތުގައިވި ޝަކުވާއެއް ދުލުން ބޭރުވީއެވެ. ދާރިސްގެ ދުލުން އޭގެ ޖަވާބު އަޑުއަހަން ހިތް އެދުނީއެވެ.
އެ ވާހަކައަށްފަހު އަނެއްކާވެސް ދެމީހުންގެ ދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. ދެމީހުން ވެސް އެކަކު އަނެކަކަށް ބެލުމެއްނެތި ކަރުނަތައް ފޮހެމުން ދިޔައިރު، ދުރުގައި ފަރީދު އެ ދެމީހުންނަށް ވަކިވަކިން ބަލަން ހުއްޓެވެ. އިރުކޮޅެއްވީއިރު ވެސް ދެމީހުންކުރެ އެކަކު ވެސް އެއްޗެކޭ ނުބުނުމުން ފަރީދު ކުރިއަށް ފިޔަވަޅެއް އަޅައިލަމުން ވާހަކަ ދެއްކިއެވެ.
“ހިބާ ދަރިފުޅު….ދާރިސްގެ އެދުމަށް ހިބާ ޖަވާބެއް ނުދޭނަންތަ؟ ބޭބެ އަޑުއެހި ގޮތުގަ ދާރިސްވަނީ ހިބާއާއި އިންނަން އެދިފަ. ބޭބެއަށްވެސް ހީވަނީ އެއީހެން ހިބާއަށް އެންމެ ރަނގަޅު ގޮތަކީ….”
ފަރީދުބެ އެ ވަގުތުކޮޅުގައި ދައްކަން ފެށި ވާހަކައިން ދާރިސްއަށް އެ ބޭބެއާއި ދިމާލަށް ބަލައިލެވުނީ މޭ ނުބައިކުރާ ޙާލުގައެވެ. އެ ޙާލަތުގައި އެ ސުވާލު ކުރެވުމުން ހިބާ ނޫނެކޭ ބުނުން ނޫންކަމެއް ނުވާނެކަން ޔަޤީނާއި ގާތްކުރެވުމުންނެވެ. އަދި އަމުދުން އެ ވަގުތު ޚުދު އޭނަގެ ހިތުގައި ވެސް ހިބާއާއި ގުޅުމާއިމެދު ވަނީ ނޭދެވޭ އިޙްސާސްތަކެވެ. ހިބާއާއިއެކީވުމުގެ ޙައްޤެއް އޭނައަށް ލިބިގެން ނުވާހެން އެވަގުތު ހީވަމުން ދިޔައެވެ. އެ ވާހަކައާއި ދެކޮޅަށް އެއްޗެކޭ ބުނަން ބޭނުންވިއެއްކަމަކު، ނުބުނެވުނީ ހިބާގެ ޖަވާބު އެނގެންވެސް އޭނަ ކެތްމަދުވުމުންނެވެ.
ފަރީދުބެގެ ވާހަކައަށްފަހު ހިބާ އެއްޗެކޭ ނުބުނެ އިން ވަގުތުކޮޅު އަހަރުތަކަކަށް ދެމިގެން ދިޔަހެން ދާރިސްއަށް ހީވިއެވެ. އެ ވަގުތުކޮޅަށްފަހު ހިބާ ވާހަކަ ދެއްކިއެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން އެކަމަކު ދޮގު މީހަކާއިއެކީ އަހަންނަށް މުޅި ޢުމުރު ހޭދަކުރެވިދާނެހެން ހިއެއްނުވޭ…” ހިބާ ދާރިސްއަށް ބަލައިލަމުން ސާބިތުކަމާއިއެކީ އަންގައިލި ވާހަކައިން ދާރިސް ހުއްޓުން އަރާ ގޮތްވިއެވެ. އެ ޖަވާބު އިވުނު ފަރީދަށް ވެސް ލިބުނީ ޝޮކެކެވެ.
“ކީކޭތަ….ހިބާ؟” ވައި އަޑަކަށް ބަދަލުވަމުން ދިޔަ އަޑަކުން ދާރިސްއަށް އަހައިލެވުނެވެ.
“ދޮގު ހަދާ މީހަކާއި އިންނަން ބޭނުމެއް ނުވެއޭ…”
“ކޮން ދޮގެއްތަ އަހަރެން ހެދީ ހިބާ؟”
“ތިމަންނައަށް ކިޔަނީ އެހެން ނަމެކޭ ބުނުމަކީ ކުޑަ ދޮގެއް ނޫން ކަންނޭނގެދޯ؟”
“އެއީ ދޮގެއްނޫނޭ ހިބާ! އެއީ އަހަރެންގެ ޙަޤީޤީ ނަން. މިހާރު އަހަރެންގެ ނަމަކީ އިސްމާޢީލް އީތަން….ސްވިޓްޒަލޭންޑްގެ ރައްޔިތެއް ކަމަށްވާ އިސްމާޢީލް އީތަން…”
“ޙަޤީޤަތް ފޮރުވުން ވެސް ހިމެނޭނީ ދޮގު ހެދުމުގެ ތެރޭގަހެން ހީވަނީ. ތިބޭފުޅާއަށް އެއީ ފަހަރެއްގަ ބޮޑު ކަމަކަށް ނުވެދާނެ. އެކަމަކު އަހަންނަށް އެއީ ކުޑަ ކަމެއްގެ ގޮތުގަ ނުއެއް ބެލެވޭނެ. އަހަރެން އިންނަ މީހެއްގެ ސަބަބުން އަހަރެންގެ ކޮއްކޮގެ މުސްތަޤްބަލަށް ވެސް އަސަރުކުރާނެ. ކޮއްކޮގެ ޒިންމާވެސް އުފުލަންޖެހެނީ އަހަރެން. ކިހިނެއް އެނގެނީ އަހަންނަށް ނޭނގޭ އެހެން ޙަޤީޤަތެއް ފޮރުވާފައި ނެތްކަމެއް؟ ކައިވެންޏަށްފަހު އެ ޙަޤީޤަތް ފާޅުވެ އޭގެ ނޭދެވޭ އަސަރު އަހަންނަށާއި އަހަރެންގެ ކޮއްކޮއަށް ނުކޮށްފާނެކަމެއް؟ ކުޑައިރު އަހަރެން ދާރިސްއާއި ދިމާވެ ދާރިސް އެނގިފައިވާކަމީ ތެދެއް. އެކަމަކު އެއަށްފަހު ވަރަށް ގިނަ އަހަރުތައް ފާއިތުވެގެން ގޮއްސި. މީހަކު ބަދަލުވެދާނެހާ ގިނަ އަހަރުތައް ވޭތުވެގެން ގޮއްސި. އެހެންވީމަ އަހަންނަށް އިތުބާރުކުރަން ދަތި….”
ހިބާ ދާރިސްއަށް ބަލަމުން ނުބަލަމުން ކަހަލަ ގޮތަކަށް ދެއްކި ވާހަކަތަކުން، ދާރިސްއަށް ބުނާނެ އެއްޗެއް ވެސް ނޭނގިފައި ހިބާއަށް ބަލަން ހުރެވުނެވެ. ހިބާ އޭނައަށް އިތުބާރު ނުކުރާކަން އެނގި ހިތްދަތިވެފައިވާ ޙާލުގައެވެ. ދާރިސް އެއްޗެކޭ ނުބުނެ ހުއްޓާ ފަރީދު ނުހުރެވިގެން ވާހަކަ ދެއްކިއެވެ.
“އެކަމަކު ހިބާ….އެ ހުރިހާ އަހަރުތަކަށްފަހު ވެސް ދާރިސް ކިތައް ފަހަރުތަ ހިބާއަށް އެހީވެދީފަ ހުރީ؟ ކިތައް ގޮތުންތަ ހިބާގެ ކާމިޔާބީއާއި ހަމައަށް ވާސިލުވުމަށް މަގުކޮށައިދީފަ ހުރީ؟ ހަމަ ގައިމުވެސް ބޭބެއަށް އިތުބާރު ކުރެވޭ ދާރިސްއަށް. ހިބާ ދާރިސްއަށް އިންކާރުކުރަން ބޭބެއަށް ނުފެން-“
“އަހަރެން އިންނާނެ މީހަކު ނިންމާނީ އަހަރެން ކަންނޭނގެދޯ ބޭބެ؟ މި ވަގުތަށް ހަމަ ގައިމުވެސް އަހަންނަށް ބުނެވޭކަށް ނެތް އާނއެކޭ…އަހަރެންގެ ޖަވާބު ޤަބޫލުކުރާނެ ކަމަށް އުއްމީދުކުރަން…” ހިބާ ދުރު ބަލަން އިނދެ އެހެން ބުނެލީ ފަރީދުބެއާއި ދާރިސްއަށް ވެސް ވާ ގޮތަށެވެ. ދާރިސް ފަރުވާތެރިކަމާއިއެކީ ހިބާއަށް ބަލަން ވިސްނުމެއްގައި ހުރެފައި ވާހަކަ ދެއްކިއެވެ.
“އެންމެ ރަނގަޅު. ތި ބުނިހެން ހިބާގެ ކައިވެންޏެއްކުރަން ނިންމޭނީ ހިބާ ވެސް އާނ ބަސް ދީގެން. އަހަރެން ހިބާއަށް ވަގުތު ދޭނަން. އެކަމަކު މުޅި ޢުމުރަކަށް ނޫން. ހިބާ މި ޤައުމުގަ ހުރެފަ ރަށަށް އަނބުރައި ދަންދެން ހިބާގެ ތި ޖަވާބު ބަދަލުކުރަން ފުރުސަތެއް ދޭނަން. އެއްވެސް އިތުރު އެއްޗެކޭ ނުބުނެ ހިބާ އަނބުރައި ގޮއްސިނަމަ އަހަރެން ދެން ދުވަހަކުވެސް ހިބާގެ ކުރިމައްޗަކަށް ނާންނާނަން…” ދާރިސް ސާބިތުކަމާއިއެކީ ބުނެލި ބަސްތަކުން ހިބާއަށް އެ މޫނަށް ބަލައިލެވުނީ ދެބުމަ ކައިރިކޮށްލަމުންނެވެ.
“އެކަމަކު ދާރިސް އެ އާސިފް-“
“އާސިފްގެ ފަރާތުން ރައްކާތެރިކަން ހޯދޭނެ ގޮތެއް ހިބާ ވަނީ ކިޔައިދީފަ ފަރީދުބެ. އަހަރެން އެގޮތަށް ހިބާއަށް އެހީވެދޭން ނިންމައިފިން. މިކޮޅުގަ ހިބާއަށް ހިބާގެ ކޮއްކޮއާއިއެކީ އުޅެވޭނެ ތަނެއް ހޯދައިދޭނަން. އެ ތަނަކީ ރައްކާތެރި ތަނެއްކަން ޔަޤީންކޮށްދޭނަން. އަދި މިކޮޅުން ވަޒީފާއެއް ހޯދައި ހިބާއަށް މި ޤައުމުގަ މުޅިންހެން އުޅެވޭނެ ގޮތް ހަމަޖައްސައިދޭނަން އިން ޝާ ﷲ…”
ދާރިސް އެ ވާހަކަ ބުނުމަށްފަހު ދާން ހިނގައިގަތުމުން ވެސް ފަރީދު ދާރިސްއަށް ގޮވިއެވެ. އެހެނަސް ދާރިސް ވަކި މަޑުކުރުމެއްނެތި އެ ރޫމުން ނިކުމެގެން ދިޔައީއެވެ. ދާރިސް ލޯމައްޗަށް ގެއްލުނު ހިނދު ހިބާގެ ދުލުން ލުއި އާހެއްގެ އަޑު ނިކުތެވެ. އެ ހިނދު އެ ލޯމަތިން ހިސާބެއްގެ ސިހުމެއް ފާޅުވަމުން ދިޔައެވެ.
ހިބާ ހޮސްޕިޓަލުން ގެއަށް ފޮނުވައިލެވުނީ އޭގެ 24 ގަޑިއިރު ފަހުންނެވެ. ހިބާ ދާރިސްގެ ގެއަށް އަނބުރައި އައުމުން އެދެމެދުގައިވި ނުތަނަވަސްކަން ދެން ތިބި މީހުންނަށް ވެސް ސިއްރެއް ނުވިއެވެ. އެހެންކަމުން އެ ދެމީހުންގެ ސަބަބުން މުޅި ގެއަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ދާރިސް ހިބާއަށްޓަކައި ނަގައިދޭ ކުލާސްތައް ވެސް މެދުކެނޑިފައިވަނީ އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ވެސް ނެތްހެން ހީވާ ފަދައަކުންނެވެ. އެދެމީހުން އެއްތަންވާ ކޮންމެ ފަހަރަކު ސީރިއަސް ނަޒަރުތައް ބަދަލުވެ ދެމީހުން ދެ މިޞްރާބަކަށް ދާން ފަށާ ގޮތުން ދެމީހުން އުޅެނީ ރުޅިންހެން ބަލާ މީހަކަށް ހީވެދާނެއެވެ. އެހެނަސް އެއީ ޙަޤީޤަތެއް ނޫނެވެ.
ޙަޤީޤަތަކީ އެފަދައިން ދެމީހުން ދުރަށް ގޮސް އަމިއްލަ ޚިޔާލުތަކާއިއެކީ އެކަނި ވާހިނދު ދެމީހުންނަށް ވެސް ފިކުރު ކުރެވެމުން ދިޔައީ އެކަކު އަނެކަކާއި މެދު ކަމެވެ. ދާރިސްއަށް މުޅިންހެން ވިސްނެމުން ދިޔައީ ހިބާގެ ޙާލާއި މެދުގައެވެ. ހޮސްޕިޓަލުން ގެއަށް އައިފަހުން ވެސް ހިބާއަށް ރަނގަޅަށް ނުކެވޭ ވާހަކަ ދާރިސްއަށް އިވިފައިވެއެވެ. ދަންވާއިރު ވެސް ހިބާގެ ކޮޓަރީގެ ބޮކިތައް ދިއްލިފައި ހުންނަކަން ލައިޓް ސިސްޓަމްގެ ޕްރޮގްރާމްއިން އޭނައަށް އެނގެއެވެ. ހިބާގެ ޙާލަތު އަނެއްކާވެސް އިހުގެ ގޮތަށް ބަދަލުވަނީތޯ ދާރިސްގެ ހިތަށްއަރަމުން ދިޔައެވެ. އޭގެ ފަހަތުގައިވި ސަބަބަކީ އޭނަގެ ބަސްތަކެއްތޯ ހިތަށްއެރިއެވެ.
އެދުވަހު ހިބާ ވާހަކަ ދެއްކި ގޮތުން ހިބާ އޭނައަށް އިންކާރު ކުރީ، އޭނައަށް އިތުބާރު ނުކުރެވުމަށްވުރެ ބޮޑަށް ހިބާއާއި ކުރިމަތިވެފައިވި ކަންތައްތަކެއްގެ ސަބަބުންކަން ދާރިސްއަށް އެނގުންވިއެވެ. ޑޮކްޓަރ ޔުނާގެ ފަރާތުން ވެސް ހިބާއާއި ބެހޭގޮތުން އެ ފަދަ ވާހަކައެއް ދާރިސްއަށް އިވިފައިވުމާއި އެކީގައެވެ. ކަން މިހެން އޮތްއިރު އޭނައަށް ހިބާއާއި ވާހަކަ ދެކެވުނީ މާ ހަރުކަށިކޮށްތޯ އަމިއްލަ ޒަމީރާއި ސުވާލު ކުރެވެމުން ދިޔައެވެ. އޭނައަށް އެ ވާހަކަ ދެކެވުނު ގޮތުން ހިބާ އަމިއްލަ ގޮތުގައި ހިފަހައްޓަން އިތުރަށް ގަދަ ހަދާފާނެކަމުގެ ބިރުހީވިއެވެ. އެގޮތަށް އެކަން ވެއްޖެނަމަ އޭނައާއި ހިބާ ހަމަ ވަކިވެގެންދާނީތޯ ހިތަށްއަރާ ކޮންމެ ފަހަރަކު ދާރިސް މާޔޫސްކަމުގެ ތެރެއަށް ގެނބިގެންދެއެވެ.
ބޭރުފުށުން ނުފެނުނެއްކަމަކު ހިބާވެސް އުޅެމުން ދިޔައީ އެފަދަ ޙާލެއްގައެވެ. ކޮޓަރީގައި އެކަނިވާ ކޮންމެ ފަހަރަކު ހިބާގެ ޚިޔާލުތަކަށް ވެސް ވެރިވެގެންދަނީ ދާރިސްއެވެ. އެދުވަހު ދާރިސް އާއި އެހާ މަދު ވާހަކަތައް ދެކެވުނީތީ ހިތާމަ ކުރެވެމުން ދިޔައެވެ. ދާރިސްގެ ބައްޔަކީ ކޮބައިކަން އޭނައަށް މިހާރު އެނގޭކަމަށް ބުނެވުނު ނަމައޭ ހިތާހިތުން ބުނެވެމުން ދިޔައެވެ. އެ ބައްޔަށް މިހާރު ފަރުވާ އެބަ ހޯދަންތޯ އަހަން ބޭނުންވިއެވެ. މިހާ ދުވަސްވީއިރު ވެސް އޭނައަށް ފާހަގަ ނުވާވަރުވެފައިވީ އެ ފަރުވާގެ ސަބަބުންތޯ އަހަން ބޭނުންވިއެވެ.
އެހެނަސް އެވަގުތުކޮޅުގައި ޚުދު އޭނައަށް ބުނެވުނު ބަސްތަކެއްގެ ސަބަބުން އޭނައާއި ދާރިސްއާއި ދެމެދު ފާރެއް ލެވިފައިވާ ގޮތާއިމެދު ދެރަވާ ގޮތްވިއެވެ. ކޮންމެއަކަސް ހިބާ އޭނަގެ ނިންމުމާއިމެދު ހިތާމައެއް ނުކުރެއެވެ. މިހާތަނަށް އައިއިރު ކައިވެންޏެއްގެ ވާހަކަ ދެކެވުނު ކޮންމެ ފަހަރަކު ދިމާވެފައިވި ހިތި ތަޖުރިބާތަކެއްގެ ސަބަބުން ކައިވެންޏަށް އިންކާރުކުރުން ވަނީ އޭނަގެ ނަޒަރުގައި އަމިއްލަ ނަފްސު ރައްކާތެރި ކުރުމަށް އެޅޭ ފިޔަވަޅަކަށެވެ. ދާރިސްގެ ކިބައިގައި ނޭދެވޭ އެންމެ ސިފައެއް ނެތަސް ފާހަގަވި އެންމެ ކަމާއިމެދު މާ ބޮޑަށް ވިސްނުނު ސަބަބަކީ ވެސް އެއީއެވެ. އޭނަގެ ވިސްނުން އެފަދަ ގޮތަކަށް ބައްޓަން ވެފައިވީތީ ހިބާގެ ހިތުގެ ކަނެއްގައި ޝަކުވާއެއް ވެސްވިއެވެ. އެހެނަސް ދާރިސްއަށް އިންކާރު ކުރުމަކީ ނިންމޭނެ އެންމެ ރަނގަޅު ނިންމުންކަމަށް އޭނަގެ ސިކުނޑި ބުނަމުން ދިޔައެވެ.
ހިބާގެ މި ވިސްނުމަށް ލޮޅުމެއް އަންނަ ގޮތްވީ އޭނަ ހޮސްޕިޓަލުން އައިތާ ދެދުވަހެއްހާ ދުވަސްފަހުން ހަވީރު ސައި ގަޑީގައި ޝަބީދައްތަ ދެއްކި ވާހަކައިންނެވެ.
“ކޮބާ ހިބާ ….. ހިބާގެ ޙާލު މިހާރު ރަނގަޅު އެބަވޭތަ؟” އެދުވަހު ހިބާ ގޮސް ކާމޭޒުދޮށުގައި އިށީނުމާއިއެކު ޝަބީދައްތަ ސުވާލު ކުރިއެވެ. މިއީ ހިބާ ދާރިސްއަށް އިންކާރު ކުރި ފަހުން އެގޭގެ މީހަކު އޭނައާއި ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.
“ލައްބަ…” ހިބާއަށް އެހެން ބުނެވުނީ ޖެހިލުންވުމަކާއި އެކީގައެވެ. ޝަބީދައްތަ އަމިއްލަ ކޮއްކޮއެއްހެން ގެންގުޅުނު ކުއްޖަކަށް އިންކާރު ކުރުމަށްފަހު ހިބާއަށް އެ ދައްތައާއި ހަތަރުކަޅި ހަމަކުރަން ވެސް ހިބާއަށް ދަތިވެފައިވިއެވެ.
“އަލްޙަމްދުލި ﷲ…ޑޮކްޓަރ ޔުނާ ހިބާއަށް ގުޅިތަ؟” ޝަބީދައްތަ އަހައިލިއެވެ.
“ނޫން، ނުގުޅާ. ކިހިނެއްވީ؟” ހިބާއަށް ޙައިރާންކަމާއިއެކީ ސުވާލުކުރެވުނެވެ.
“އެއީ ޑޮކްޓާރ ޔުނާ ހިބާއަށް ގުޅާނެ ވާހަކަ މިއަދު ހެނދުނު އީތަން-” ޝަބީދައްތަގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ހުއްޓުމެއް އައީ ކުއްލި ގޮތަކަށެވެ. ޝަބީދައްތަގެ ދުލުން އިވުނު އެ ބަހުންނާއި ދައްތައަށް ވީ ގޮތުން ހިބާއަށް ވެސް ދައްތައާއި ދިމާލަށް ބަލައިލެވުނެވެ. ޝަބީދައްތަ އިރުކޮޅެއް ވަންދެން ހިބާއަށް ބަލަން އިނދެފައި ފުން ނޭވައެއް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ.
“އައި މީން….ދާރިސް…ހެހެ…އިޓްސް ސޯ ސްޓްރޭންޖް. މި ހުރިހާ އަހަރު ވަންދެން އެކުއްޖާއަށް އީތަން ކިޔާފައި ހުއްޓަސް އަދިވެސް އެކުއްޖާއާއި އެންމެ ގުޅޭ ނަމަކީ ދާރިސް. ތެދުތެދަށް ބުނަންޏާ މިކޮޅަށް އައިއްސަ ނަން ބަދަލުކުރި ފަހުން ދާރިސް ނުރުހުންވާނެ އެ ނަމުން ގޮވިޔަސް. ހިބާއަށް ވެސް އެނގެއެއްނު ދާރިސްގެ ގޮތް؟ އާދައެއް ބަދަލުކުރަން އެތައް ދުވަހެއް ނަގާނެ. އާދަ ބަދަލުވެއްޖެނަމަ ދެން އަނބުރައި ކުރީގެ ގޮތަށް ދިޔުމަކީ ހަމަ ނާދިރުކަމެއް….އެކަމަކު ބޮޑުވަމުން އައި ވަރަކަށް އަހަރުމެން ގާތު އެ ނަމުން ނުގޮވަން އެންގީ މަރުވެފައިވާ ކުއްޖެއްގެ ނަމުން ތިމަންނައަށް ނުގޮވާށޭ ބުނަމުން…މިފަހުން ވިސްނައިލީމަ އަސްލު ދައްތައަށް ވެސް މި އެނގުންވީ އަސްލު ދާރިސްގެ ނަން ގެއްލުވައިލީމަ އެ ނިންމެނީ އެކުއްޖާ މި ދުނިޔެއިން ނެތި ދިޔައީކަމަށްކަން. އެހެންވެ ކަންނޭނގެ އެރޭ ހިބާ ދާރިސްގެ ނަމުން ގޮވީމަ ދާރިސްއަށް އެހާ ބޮޑަށް އަސަރުކުރީ….” ޝަބީދައްތަ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލި ވާހަކައިން ހިބާއަށް ޙައިރާންކަމެއް ލިބުނެވެ. ޝަބީދައްތަ އިތުރަށް ތަފްސީލުކޮށްދޭނެ އިރަކަށް އިންތިޒާރު ކުރެވުނެވެ.
“އެރޭ ހިބާ ހޮސްޕިޓަލުގަ އެނދުމަތި ކުރެވުނު ފަހުން ދާރިސްއަށް ވަރަށް ގިނައިރު ވަންދެން ރޮވުނު. ހިބާއަށް ވެސް އެނގޭނެ ކަންނޭނގެ ދާރިސްއަށް އަމިއްލަ ޖަޒުބާތުތައް ހަމައަކަށް އަޅުވަން ކިހާ ދަތިވާނެކަން. ތަކުރާރުކޮށް ބުނަމުން ދިޔައީ ތިމަންނައާއި ހެދިއޭ ހިބާއަށް އެހެންވީ. ތިމަންނަ ޙަޤީޤަތް ކިޔައިދިނީމައޭ. ވަލީދު ހިބާ ބުނީ ކީކޭ ހެއްޔޭ އެހީމަ ވަރަށް މަސައްކަތުން ބުނީ ހިބާ ބުނީ ދާރިސް މަތިން ހަނދާންވިއޭ. އެއަށްފަހު ތަކުރާރުކޮށް ބުނަން ފެށީ ހިބާ ޤަބޫލުކުރިއޭ ތިމަންނަ ދިރިހުރިކަމަށް…” ޝަބީދައްތަގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު އެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އެހިނދު ޖަޒުބާތުން ފުރެމުން ދިޔަ ހިތަކާއެކީ ހިބާގެ ލޮލަށް ވެސް ކަރުނަތައް ޖަމާވަމުން ދިޔައެވެ.
“ދާރިސްގެ ގާތް މީހަކު ނުހުރޭ ހިބާ….އަހަރުމެން ތިއްބަސް ދާރިސްއަށް އެކަން އިޙްސާސް ކުރެވޭނެކަން ޔަޤީން. ދާރިސްގެ މަންމަ ވެސް މީގެ އަހަރުތަކެއް ކުރިން ވަކި ސަބަބެއް ވެސް ކިޔައިނުދީ ދާރިސްއާއި ވާހަކަ ދެއްކުން ހުއްޓާލައިފި. ދާރިސްގެ ޢާއިލާއަކަށް އެހެން މީހަކު ނުހުރޭ. ދާރިސްއަށް ބޭނުންވޭ އިސްމާޢީލް އީތަންގެ ބަދަލުގަ ދާރިސްގެ ގޮތުގަ ދާރިސް ދަންނަ މީހެއްގެ އެކުވެރިކަން. ދާރިސް ކިތަންމެ ސާބިތުކަމާއިއެކީ ބުންޏަސް ދައްތައަށް ހިއެއްނުވޭ މިހާ ހިސާބަށް އެ ޖަޒުބާތުތައް ގޮސްފައި ވަނިކޮށް ދާރިސްއަށް ހިބާ ހަނދާން ނައްތައިލެވޭނެހެންނެއް….މި ވާހަކަ ދައްތަ ހިބާގާތު ދެއްކިކަން އެނގިއްޖެއްޔާ އޭނަ އަންނާނީ ރުޅި. ބުނާނެ ކޮންމެހެން ޙަމްދަރުދީގައި މީހަކު ޖައްސައިގެން ކަމަކަށް އެއްބަސް ނުކުރުވާށޭ…ކޮންމެހެން ދައްތަ ވެސް ނެތިން އެހެން ހަދާކަށް. ދެމީހުން ވެސް ހިތުން ރުހުމުން އެއްބަސްވެގެން ކުރާ ކައިވެންޏެއް ނޫނީ ކާމިޔާބެއް ނުވާނެކަމަށް ދައްތަ ވެސް ޤަބޫލުކުރަން. އެކަން ހަނދާން ބަހައްޓައިގެން ހުރެ ދައްތަ ހިބާއާއި ވަރަށް ސީދާ ސުވާލެއްކޮށްލަން ބޭނުން. ހިބާއަށް ދާރިސް ކަމުނުދޭތަ؟”
ޝަބީދައްތަ ކޮށްލި އެ ސުވާލާއިއެކީ ހިބާގެ ގައިން ހީބިހި ނެގިއެވެ. އެ ސުވާލު އިވުމާއިއެކު ހިބާގެ ހަނދާނަށް އަންނަން ފެށީ އެންމެ ފުރަތަމަ ދާރިސްއާއި އޭނަ ދިމާވި ދުވަހެވެ. ދާރިސް ފެނުނު އެ ފުރަތަމަ ވަގުތުކޮޅުގައި ވެސް ކަމުދިޔަ ގޮތެވެ. އަދި އޭގެ ފަހުން ދާރިސްގެ ކިބައިން ފެންނަމުން ދިޔަ ސިފަތަކުން އެ އިޙްސާސްތައް ވަރުގަދަވެގެން ދިޔަ ގޮތެވެ. އަދި އަމުދުން އެތައް އަހަރެއްފަހުން އީތަންގެ ގޮތުގައި ވެސް ދާރިސް ފެނި އޭނަގެ އިޙްސާސްތައް ހަމަ އެފަދަ ގޮތަކަށް ދައުރުވެގެން ދިޔަ ގޮތެވެ.
ހިބާ އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން ޝަބީދައްތަ އިތުރަށް ވާހަކަ ދެއްކިއެވެ.
“ދައްތައަށް އިވުނު ގޮތުގަ ހިބާ ދާރިސްއަށް އިންކާރު ކުރީ ދާރިސްގެ ނަން ފޮރުވީތީ. އެކަމާއިހެދި ދާރިސްއަށް އިތުބާރު ނުކުރެވޭނެތީ….ހިބާ ބުނެބަލަ ދައްތަ ކައިރި. ހިބާއަށް އިތުބާރު ނުކުރެވެނީ ދާރިސްއަށްތަ؟ ނޫނީ އީތަންއަށްތަ؟ އެ ދެ ޝަޚްޞިއްޔަތަށް ވެސް އިތުބާރު ކުރެވެންޏާ ހިބާއަށް ތި ބުނެވެނީ ޚުދު އަމިއްލަ ޒަމީރާއި ވެސް އިދިކޮޅު ވާހަކައެއް ކަންނޭނގެދޯ؟”
ޝަބީދައްތަ މިފަހަރު ކޮށްލި ސުވާލުތަކުން ހިބާ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ހިބާ އިންގޮތަށް އިންދާ ޝަބީދައްތަ ފުން ނޭވައެއް ދޫކޮށްލަމުން ތެދުވެލިއެވެ. އަދި ޑޮކްޓަރ ޔުނާ ގުޅާނެ ކަމަށް ބުނެލީ އެއީ ވެސް ދާރިސް ހިބާއާއިމެދު ކަންބޮޑުވާތީ ނުހުރެވިގެން ހޯދައިދިން އެޕޮއިންޓްމެންޓެއް ކަމަށް ބުނަމުންނެވެ. އެއިން ހިބާގެ ހިތުގައި އުފެދިފައިވި ހައިޖާން ބޮޑުވުން ނޫންކަމެއް ނުވިއެވެ.
**
އޭގެ އަނެއް ދުވަހަކީ ދާރިސްއަށް ބުރަ ދުވަހަކަށް ވެގެން ދިޔައެވެ. ރާއްޖެއިން އައި މުދައްރިސުން އަނބުރައި ދިޔުމަށް ބާކީ އޮތީ އެންމެ 4 ދުވަހަށްވުމުން، ވިންޓޭޖް ޓެކްނޮލޮޖީސްގެ ތަޢުލީމީ އެޕްލިކޭޝަންތަކުގެ ފަހުގެ ނިންމުންތައް ނިންމޭ ބައްދަލުވުންތަކުގައި ބައިވެރިވާން ޖެހުނެވެ. މަސައްކަތުގެ ތެރެއިން ވެސް ދާރިސްއަށް ދޭތެރެދޭތެރެއިން ހިބާއާއިމެދު ވިސްނެމުން ދިޔައެވެ. އެޕްލިކޭޝަންތަކުގެ ފަހުގެ ނިންމުންތަކުގެ ވާހަކަތައް މުދައްރިސުންނާއި ދެކެވެމުން ދިޔައިރު، ދާރިސްއަށް ތަކުރާރުކޮށް ވިސްނެމުން ދިޔައީ ހިބާ އޭނައާއި ދުރަށް ދިޔުމަށް ވެސް ދެން ބާކީ އޮތީ މަދު ދުވަސްކޮޅެއް ކަމަށެވެ. ދުވަހުގެ މަސައްކަތުގެ ތެރެއިން ދާރިސްއަށް ކަލަންޑަރު ބެލުނު ޢަދަދެއް ޚުދު އޭނައަށް ވެސް ނޭނގެއެވެ. އެކަމާއިހެދި އޭނަ ވަނީ ކަލަންޑަރު ވަތްގަނޑަށް ވެސް ލާފައެވެ. އަދި ކޮމްޕިއުޓަރުގެ ޓާސްކް ބާރގައި ހުރި ތާރީޚުވެސް ފޮރުވާފައެވެ. އެހެނަސް އެއިން އޭނަގެ ފިކުރު ކުރުމަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ބައްދަލުވުންތަކުގައި ހިބާ އެއްވެސް ކަމެއް ނުވާ ފަދައަކުން އޭނައާއި ‘އީތަން ސާރ’ ގެ ނަމުން މުޚާތަބުކޮށް، އޭނަ ވެސް އެއްވެސް ކަމެއް ނުވާކަމަށް ހަދަން ޖެހުނު ގޮތުން ދާރިސްގެ ޙާލަތު ގޯސްވުން ނޫންކަމެއް ނުވިއެވެ.
ހަތަރު ފަރާތުން ބަންދުވާ ކަހަލަ އިޙްސާސެއް ކުރެވެން ފެށުމުން ދާރިސް އާދައިގެ މަތިން އެހީއަށް އެދުނީ ﷲ ގެ ޙަޟްރަތުންނެވެ. ކޮންމެ ނަމާދަކަށް ފަހު އޭނަގެ ޙާލަތު ބަދަލުކުރެއްވުމަށް އެދި ދުޢާކުރެވުނެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އެކަލާނގެ ޤަދަރުފުޅާއިމެދު އޭނަގެ ހިތުގައި ހަމަޖެހުން ލެއްވުމަށް އެދިއެވެ. މި 4 ދުވަސް ފާއިތުވެގެން ދާއިރު އޭނައަށް ވެސް އަދި ހިބާއަށް ވެސް އެންމެ ރަނގަޅު ގޮތް މެދުވެރި ކުރެއްވުމަށް އެދިއެވެ. އެ ދުޢާތައް ކުރިއިރު ދާރިސްއަށް ބޮޑަށް ހީވެފައިވީ އޭނައާއި ހިބާ ދުރުވެގެން ދާނެ ކަމަށެވެ. އޭނަ ހިބާއާއި އެކީގައިވުމަށް ކުރި އިސްތިޚާރާ ނަމާދުގެ ޖަވާބަކީ އެދުވަހު ހިބާ ހޮސްޕިޓަލުގައި ދިން ޖަވާބުކަމަށް ނޭނގުމެއްގެ ތެރެއިން ވެސް ޤަބޫލުކުރެވިފައިވުމުންނެވެ. އެހެނަސް ޙާލަތު ބަދަލުވެގެން ދާން ފެށީ ދާރިސް އުއްމީދުވެސް ނުކުރާ ފަދައަކުންނެވެ.
އެދުވަހު ހަވީރުގެ ވަގުތެއްގައި ދާރިސް ކެބިންގެ މޭޒުދޮށުގައި އިންދާ މައިކަލްގެ ފޯނެއްއައެވެ.
“ހެލޯ…” ކުރިމަތީގައި އޮތް ފައިލެއް ބަލަމުން އީތަން ފޯނު ނަގައި ޖަވާބު ދިނެވެ.
“ހެލޯ ސާރ….މިއަދު އަޅުގަނޑަށް ހިބާ މެޑަމް ބަލައި ނުއެއް ދެވޭނެ. ހިބާގެ ބޮޑުބޭބެއާއިއެކީ ތަނަކަށް އައިއްސަ މިހިރީ. ބޮޑުބޭބެ ބުނީ ހިބާ ބަލައި ދާން ސާރއަށް އެހެން ގޮތެއް ހަމަނުޖެއްސޭނެ ހެއްޔޯ؟” މައިކަލް ވާހަކަ ދެއްކިއެވެ.
“ނޭ…ނގެ. މިއަދު އޮފީހުގަ އެންމެންވެސް ވަރަށް ބުރަކޮށް އުޅޭ ދުވަހެއް. ބެތްއަށް ވެސް ވަގުތެއް ވާނެހެން ހިއެއްނުވޭ…ހިބާ ނިމެނީ ކޮން އިރަކުން؟” ދާރިސްއަށް ގަޑިއަށް ނަޒަރެއް ދެމުން ހިސާބެއްގެ ކަންބޮޑުވުމަކާއިއެކީ ސުވާލުކުރެވުނެވެ.
“30 ވަރަކަށް މިނިޓް ތެރޭ ނިމޭނެޔޯ ހިބާ މެޑަމް ވިދާޅުވީ. އަޅުގަނޑު އަދި މިރޭ ވަންދެން ފަރީދުބެ ގޮވައިގެން އުޅެން ޖެހޭނެހެން ހީވަނީ….ޖޯޖްއަށް ވެސް އަޅުގަނޑު ގުޅިން. އެކަމަކު ޖޯޖްއަށް ވެސް މިއަދު ނުދެވޭނެކަމަށްވަނީ. ސާރއަށް ވެސް ނުދެވެންޏާ….ޓެކްސީއެއްގަ ގެއަށް ވަޑައިގަންނަވަން ހިބާ މެޑަމް އަރިހުގަ ދަންނަވަންވީ ދެއް-“
“އުނހު ޓެކްސީއެއްގަ އެހާ ދިގު ދަތުރެއް ހިބާ ނުކުރާނެ! ސާރ އަދި އެބަ ބަލަން.”
މައިކަލް އެކޮޅުން ބުނެލި ވާހަކައަށް ވީ ނުރުހުމާއިއެކީ ދާރިސްއަށް ޖަވާބު ދެވުނީ ވެސް ހިސާބެއްގެ ހަރު އަޑަކުންނެވެ. އެކޮޅުން މައިކަލް އޯކޭއޭ ބުނެލިއިރު މައިކަލް ހިނިތުންވެގެން ހުރިހެން ހީވީ ކީއްވެކަމެއް ދާރިސްއަށް އެވަގުތު ނުވިސްނުނެވެ. ފޯނު ކަނޑައިލުމަށްފަހު ދާރިސް އޭނަގެ ސެކްރެޓަރީ ޖޯޖްގާތު ހިބާ ބަލައި ދިޔުމަށް އެދުމުން ޖޯޖް ހަމަ މައިކަލް ދިން ޖަވާބު ދިންގޮތުން ދާރިސް އަޖާއިބުވާހާވިއެވެ. ޖޯޖް މިހާތަނަށް އައިއިރު އޭނަ އެދުނު އެއްވެސް ކަމަކަށް އިންކާރު ކޮށްފައި ނުވެއެވެ. އެހެނަސް އިންކާރު ކުރުމުގެ ސަބަބަކަށް ޚުދު އޭނަ ދީފައިވާ ގިނަގުނަ މަސައްކަތްތަކަށް ޖޯޖް އަލި އެޅުވުމުން ދާރިސް އިތުރަށް ގަދަ ހަދަން ބޭނުމެއް ނުވިއެވެ. އޭނަގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް ހަރުކަށިވެ އެ މުވައްޒަފުންނަށް ދަތިވާ ގޮތަށް ކަންތައް ކުރުމަކީ އޭނަ ދުވަހެއްގެ ކޮޅުން ވެސް ކުރާނެ ކަމަކަށް ނުވީތީވެއެވެ.
ޖޯޖްއަށްފަހު ދާރިސް ހިބާއާއި އެކުވެރި ބެތްއަށާއި، އޮފީހުގެ އެހެނިހެން އަންހެން މުވައްޒަފުންނަށް ވެސް ވަގުތުވޭތޯ ބެލިއެވެ. އެހެނަސް އެއިން އެއްވެސް މުވައްޒަފަކަށް އޭނަ އެދުނު ކަމެއް ކޮށްދެވޭ ގޮތް ނުވުމުން ދާރިސް އެންމެ ފަހުން ނުހުރެވިގެން ގޮނޑިން ތެދުވެ، އޭނަގެ އަޅިކުލައިގެ ކާރުގެ ތަޅުދަނޑި ނަގައިގެން ކެބިންއިން ނިކުންނަން ދިޔައެވެ.
**
“ކީކޭތަ ބޭބޭ؟ ޓެކްސީއެކޭ؟” ހިބާ އެ ސުވާލުކޮށްލީ ސްކޫލްގެ ގޭޓާއި ހަމައަށް ދަމުން ފޯނުން ވާހަކަ ދައްކަމުންނެވެ.
“އާނ ޓެކްސީއެއް. ބޭބެއަށް މި ގަޑީގަ ނާދެވޭތީ މި ފޮނުވަނީ…” ފަރީދުބެ އެކޮޅުން ބުނެލި ވާހަކައިން ހިބާގެ ހިތް ނުތަނަވަސްކަމުން ވަށައިލެވިގެން ދިޔައެވެ.
“ބޭބެ ދަންނަ މީހަކު ދުއްވާ ޓެކްސީއެއްތަ؟ ސްކޫލްގައޭ މިހިރީ ބޭބެ. ސްކޫލްގަ ހުރެފަ ގެއަށްދާއިރު ބައިގަޑިއެއްހާއިރު ނަގާ…” ހިބާއަށް ބުނެލެވުނެވެ.
“ހިބާ ހާސްނުވޭ. ވަރަށް އިތުބާރު ހިފޭ ކާރެއް މި ފޮނުވަނީ….މިހެން ހެދީމަ ފަހަރެއްގަ ހިބާ ބޭބެއަށް ނުރުހުންވެދާނެ. ތި ދެކުދިންގެ ދެމެދުގަވާ މައްސަލަތައް ޙައްލުވާނެ ކަމުގެ އުއްމީދުގަ ބޭބެމެން މިގޮތަށް މި ރޭވީ…ހިބާ ބޭނުމިއްޔާ ފޯނު ކަނޑާނުލާ ބޭބެ ހުރެފާނަން ހިބާއަށް ގެއަށް ދެވެންދެން.”
ފަރީދުބެ ދައްކަމުން ދިޔަ ވާހަކައެއް ދޭހަކުރަން ހިބާ މަސައްކަތް ކުރަމުން ދިޔަދިޔަހެން ވާތް ފަރާތުން ކާރެއްގެ އަޑު އިވިފައި ހިބާއަށް އެދިމާލަށް ބަލައިލެވުނެވެ. އެހިނދު އަޅިކުލައިގެ ކާރެއް ސްކޫލާއި ގާތްވަމުން ދިޔަތަން ފެނިފައި ހިބާގެ ދެބުމަ ކައިރިވީ އެ ބޮޑު ކާރަކީ ޓެކްސީއެއް ނޫންކަން ޔަޤީންވުމުންނެވެ. އަދި އަމުދުން އެއީ ދަންނަ ކާރެއްކަން އެނގުންވުމުން ވެސްމެއެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި އެ ކާރު ލަސްލަހުން އައިސް ހިބާގެ ކުރިމަތީގައި ޕާކްކުރެވިގެން ދިޔައެވެ. އެހިނދު ކާރު ދުއްވަން ހުރި މީހެއްގެ ސޫރަ ފެނިގެން ދިޔުމުން ހިބާގެ އަތް ފައި ފިނިވެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ.
ނުނިމޭ
Jana
October 20, 2021 @ 2:09 pm
Salaam hurihaa kiyuntherin! 😀 Varah dhuvas vejje dho Jana laslahun vaahaka up koh post thah ves nuliyeythaa. Ehenveema In Sha Allah next part SATURDAY night ah genesdheynan In Sha Allah. Will start with that and see how much I’m able to write posts. Mi ahfahu hama regular koh up kureveytho mi balany In Sha Allah.
Hurihaa kiyuntheringe haaluves rangalhu kamah ummeedhukuran. Stay safe dear readers! Much love! <3 <3 <3
Changing fir
October 20, 2021 @ 2:56 pm
Jana sis did you read my comment in the last part?.
This part is nice as usual maashaa Allah 💝💖.
May Allah bless you and your work.
^__^
Changing friend
October 20, 2021 @ 2:59 pm
Jana sis.
Did you read my comment in the last part?.
Well this episode is beautiful as usual maashaa Allah 💝💖.
May Allah bless you and your work. Ameen
^__^
Jana
October 21, 2021 @ 3:59 pm
Yes I did Changing Friend! Do check my reply on part 33 ^_^ <3
Wanillar
October 20, 2021 @ 2:19 pm
Ma shaa allah, mi part ves warah reethi. When next part?❤️
Jana
October 21, 2021 @ 4:00 pm
Alhamdhulillah! Next part Saturday night ga In Sha Allah <3
eunoia
October 20, 2021 @ 3:52 pm
neyvaa hifahattaalaign indha e nimunyyy..noooo!😭kihinehbaa dhn vaany… fareedhubemn hama gasthuga dhw ehn e hedhy ahah😆🤣btw hithah araa migady kiyaaleveyne nama ey. 😩but patiance is important dhw hehe😪😅 waitin fot next🤍🤍✨
Jana
October 21, 2021 @ 4:02 pm
hehe…yes Fareedhubemen gasdhuga. dhemeehun ulhey gothun ehen meehunnahves udhagoo ebavey viyya 😛 Jana ves mihiry kuriah huri baithah varah liyaahithu. yes patience is important. Let this be a practice 😉 Next part Saturday night ga In Sha Allah <3 Much love! <3 <3 <3
eunoia
October 22, 2021 @ 4:40 pm
heheh.. eunoia ah vx eba undhagoo vey Hama ehn meehunnah vaahn😭🤣nd ig fareedhubemn e hedhy ranglhah kanneynge dhw haha.. ooh.. nd yesh I am doin my best to wait for next…💫 eunoia luvs u too Jana sis ✨🤍🥰