ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުފަހިވާ ސިއްރެއް!
ޢަރަބި ބަހުގައި تَقوى މި ބަހުގެ މާނައަކީ އަމިއްލަ ނަފްސު ރައްކާތެރިކުރުމެވެ. މި މާނައިން އުފެދޭ ސުވާލަކީ އަމިއްލަ ނަފްސު ކޮންކަމަކުން ރައްކާތެރިކުރުން ހެއްޔެވެ؟
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ތަޤްވާވެރިކަމުގެ މާނައަކީ ﷲ ނަހީކުރެއްވި ކަންތައްތަކުން ދުރުވެ އެކަލާނގެ ގެ ޢަޒާބުން ރައްކާތެރިކަން ލިބިގަތުމެވެ.
އެހެނަސް ތަޤްވާވެރިކަމާއިއެކީ އަޅުގަނޑުމެން ޙަޔާތް ވޭތުކުރަން ފަށައިފިނަމަ އެހެން ފިލާވަޅެއް ވެސް އަޅުގަނޑުމެންނަށް ދަސްވެގެން ދިޔުން އެކަށީގެންވެއެވެ. އެއީ، ތަޤްވާވެރި ވެގެން އަޅުގަނޑުމެންނަށް އަމިއްލަ ނަފްސުތައް ރައްކާތެރި ކުރެވެނީ ހަމައެކަނި އާޚިރަތުގެ ޢަޒާބުން ނޫންކަމެވެ. އެހެނެއްކަމަކު ތަޤްވާވެރިކަމުގެ ސަބަބުން، ފާފަތަކުގެ ތެރެއިން އަޅުގަނޑުމެންނަށް މި ޙަޔާތުގައި ލިބޭނެ ވޭނާއި ކެކުޅުމުން ވެސް ރައްކާތެރިކަން ލިބިގެންދާކަމެވެ.
ތިބާ ފަހަރެއްގައި ކާން ބޭނުންވެ ހުރެވެސް ޙަރާމް ކެއުމަކުން ނުވަތަ ބުއިމަކުން ދުރުވެފައި ހުރެދާނެއެވެ. އެ ކެއުމުން ތިބާގެ ޞިއްޙަތަށް ލިބޭނެ ގެއްލުން ތިބާއަށް އެނގުންވެގެން ދަނީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ. ތިބާ ފަހަރެއްގައި ޙަރާމް ފައިސާއެއް އެހެންނޫނީ ރިބާ ލޯނެއް ނަގަން އުޅެފައިވެސް ނުނަގަން ނިންމާފައި ހުރެދާނެއެވެ. ލޯނެއްގެ ދަށުގައި ދަރަނިވެރިވެ، އެހެންނޫނީ ޙަރާމް ފައިސާއެއް ބޭނުންކޮށްގެން ލިބޭ ހާސްކަމާއި ހިތްހަމަނުޖެހުމާއި ނުލައި ތިބާގެ ޙަޔާތް މާ ރަނގަޅުކަން ތިބާއަށް އެނގުންވެގެންދަނީ ފަހުންނެވެ. ތިބާ ފަހަރެއްގައި ﷲ ރުހިވޮޑިގެންނުވާފަދަ ކައިވެނިން ބޭރުގެ ގުޅުމެއް ދޫކޮށްފައި ހުރެދާނެއެވެ. އެހެނަސް އެ ގުޅުމުގައި އުޅެވުނުނަމަ ތިބާގެ ޙަޔާތް ބަރުބާދުވީސްކަން ތިބާއަށް އެނގިގެންދަނީ އޭގެ އަހަރުތަކެއް ފަހުންނެވެ. އެހެންނޫނީ އޭރު އެ ގުޅުމުގައި އުޅުނުއިރު ތިބާގެ ޙަޔާތުގައި އެންމެ ފުރިހަމައަށް ކަންތައް ނުހިނގީސްކަން ތިބާއަށް އެނގިގެން ދެއެވެ. ތިބާ، ތިބާގެ ހުރިހާ ނޭދެވޭ އާދަތައް ﷲ އަށްޓަކައި ދޫކޮށްފައިވެދާނެއެވެ. ކަންކަމުގައި ހުއްޓުމެއްނެތި ކުރިއަށް ދިޔުމަށް ތިބާއަށް ހިތްވަރެއް ލިބިގެން ގޮސްފައިވަނީ އެއިންނެވެ. އަދި ތިބާކުރާ މަސައްކަތުގެ ފެންވަރުވެސް ރަނގަޅުވެފައިވަނީ އެއިންނެވެ.
މި ހުރިހާ ކަމަކުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ ދުޢާއެކެވެ.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَ فِي الآخِرَةِ حَسَنَةً وَ قِنَا عَذَابَ النَّار
“އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް މި ދުނިޔޭގައި ވެސް ހެޔޮކަން، އަދި އާޚިރަތުގައި ވެސް ހެޔޮކަން ދެއްވައި އަޅަމެން އަލިފާނުގެ (އެބަހީ: ނަރަކައިގެ) ޢަޒާބުން ރައްކާތެރިކުރައްވާނދޭވެ!” ސޫރަތުލް ބަޤަރާ، 201
ޚުދު ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް މި ދުޢާ ދަސްކޮށްދެއްވާފައިވުމުން އެނގެނީ އެކަލާނގެ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ވެސް ބާއްޖަވެރިކަން ދެއްވަން އިރާދަކުރައްވާކަމެވެ. އެކަމަށްޓަކައި މަސައްކަތް ކުރާ ބަޔަކަށެވެ. އަދި ހަމަ އެހެންމެ އެކަލާނގެ އެ ބާއްޖަވެރިކަން ހޯދޭނެ މަގެއް އަޅުގަނޑުމެންނަށް ދައްކަވާފައިވުމުން އެނގިގެންދަނީ އެކަލާނގެ ޙަޟްރަތުގައި އެކަލާނގެ އަޅުންނަށްޓަކައިވާ ލޯބިފުޅެވެ.
މާތް ﷲ އަޅަމެންނަކީ ތަޤްވާވެރިން ކަމުގައި ލައްވާ އަޅަމެންނަށް މި ދުނިޔޭގައި ވެސް ހެޔޮކަން، އަދި އާޚިރަތުގައި ވެސް ހެޔޮކަން ދެއްވައި އަޅަމެން ނަރަކައިގެ ޢަޒާބުން ރައްކާތެރިކުރައްވާށި! އާމީން!