ތިބާއަށް ލޯބި ބޭނުންވެއެވެ. މީހުންގެ ލޯތްބެވެ.
“މީހުން ތިބާއަށް ތަޢުރީފުކޮށް، ތިބާ ބަލައިގަނެ އެމީހުންގެ ޝުކުރުވެރިކަން ލިބިގަތުމަކީ ކޮންމެހެން އަހަރުމެންގެ ޙަޔާތަށް އެހާ މުހިއްމު ކަންތައްތަކެއް ނޫނެވެ.”
އަޅުގަނޑުގެ ދައްތަ ގާތު އަޅުގަނޑު މިހެން ބުނެލީ، ސޯޝަލް އެންޒައިޓީ އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ދަނިކޮށެވެ. ސޯޝަލް އެންޒައިޓީ އަކީ މީހުންގެ ތެރޭގައި އުޅޭއިރު އެހެން މީހުން ތިބާ ބަލައިގަންނަ ގޮތާއިމެދު ނުހަނު ގަދައަށް ފިކުރު ކުރަން ޖައްސާ ނަފްސާނީ ބައްޔެކެވެ.
“ނޫނެކެވެ! ބައެއްފަހަރު އެ ކަންތައްތަކަކީ ކައިބޮއި އުޅޭ ތަކެއްޗަށްވުރެ ވެސް މުހިއްމު ކަންތަކެވެ. އިބްރާހީމް ޢަލައިހިއްސަލާމްގެ ދުޢާ ހަނދާންވޭ ހެއްޔެވެ؟”
ދައްތަ ޖަވާބުގައި ބުންޏެވެ. އެ ބަސްތަކުން އަޅުގަނޑަށް ވިސްނަން މަޖުބޫރުވިއެވެ. ދައްތަ އެ ދައްކަނީ ކޮން އާޔަތެއްގެ ވާހަކަ ކަން ހަނދާންވެގެން ދިޔަދިޔަހެން، އަޅުގަނޑަށް ދައްތައާއި އެއްބަސް ވެވުނެވެ.
އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޢާއިލާ މައްކާގެ ސަހަރާއަށް ދޫކުރައްވާފައި ދިޔަ ވަގުތު ކުރެއްވި ރީތި ދުޢާތައް އިބްރާހީމް ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. އެ ދުޢާތަކުގެ އެއްބައި ތިރީގައިވާ އާޔަތުގައި މިވަނީއެވެ.
رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ
“އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، ޙުރުމަތްތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެބައިމީހުން ނަމާދު ޤާއިމްކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެބައިމީހުންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެބައިމީހުންނަށް ރިޒުޤު ދެއްވާނދޭވެ! (އެއީ) އެބައިމީހުން ޝުކުރު ވެރި ވުމަށްޓަކައެވެ” ސޫރަތް އިބްރާހީމް، 37
މި އާޔަތުގައި އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޢާއިލާ މީހުންނަށްޓަކައި ﷲ ގެ ޙަޟްރަތު އެދިލެއްވި ކަންތަކުގެ ތަރުތީބަށް ބައްލަވާށެވެ. އެކަލޭގެފާނު ފުރަތަމަ އެދިލައްވަނީ މީހުންގެ ހިތްތައް އެކަލޭގެފާނުގެ ޢާއިލާއަށް (ހާޖަރުގެފާނާއި ތުއްތު އިސްމާޢީލުގެފާނާއި އަދި އިސްމާޢީލުގެފާނުގެ ފަރާތުން އަންނަ ދަރިފަސްކޮޅަށް) ލެންބެވުމަށެވެ. އެކަލޭގެފާނުގެ ޢާއިލާއަށް މޭވާތަކުގެ ރިޒުޤު ދެއްވުމަށް އެދިލައްވަނީ އެއަށް ފަހުގައެވެ. އެކަލޭގެފާނުގެ ޢާއިލާއަށްޓަކައި މީހުންގެ ލޯތްބަށް އެދިލެއްވީ މޭވާތަކުގެ ރިޒުޤަށްވުރެ ކުރިންނެވެ.
ޢިލްމުވެރިން ދަންނަވާ ގޮތުގައި މިއަދާއި ހަމައަށް ވެސް މައްކާގައިވާ ގެފުޅާއި އެ ގެފުޅުގައި ކުރެވޭ އަޅުކަމަށްޓަކައި މީސްތަކުންގެ ހިތުގައި ލޯތްބެއްވަނީ އިބްރާހީމް ޢަލައިހިއްސަލާމްގެ މި ދުޢާގެ ސަބަބުންނެވެ. އާޔަތުގެ ބަހުރުވައިން އޭގެ މާނަ އަންނަނީ ހަމައެކަނި ގެފުޅަށް ލޯތްބެއް ލެއްވުމަކަށް ނޫނެވެ. تَهْوِي إِلَيْهِمْ (އެބައިމީހުންނަށް ލެންބެވުމަށް) މި ބަސްތަކުގައިވާ هِم ޢަރަބި ބަހުގައި ބޭނުންކުރެވެނީ މީހުންނަށެވެ. އެހެންކަމުން އިބްރާހީމް ޢަލައިހިއްސަލާމް މި ދުޢާގައި އެދިލެއްވީ އެކަލޭގެފާނުގެ ޢާއިލާ މީހުންނަށްޓަކައި މީސްތަކުންގެ ހިތްތައް ލެންބެވުމަށެވެ.
އަޅުގަނޑު މި ވާހަކައަށް އަލި އަޅުވައިލަން ބޭނުންވާ ސަބަބަކީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން އަމިއްލަ ނަފްސަށް ދަތިކުރުވާ ޙާލަތްތައް އަންނާތީވެއެވެ. ދަތިކުރުވަނީ ކިހިނެއްތޯއެވެ؟ އަޅުގަނޑުމެންގެ ޙަޔާތަށް އެހެން ބަޔަކު ބޭނުންނުވާ ކަމަށް ނިންމާ ނިންމުމުންނެވެ. އެހެނީ އަޅުގަނޑުމެންގެ ޙަޔާތުގައި އަޅުގަނޑުމެން ކުރާ ކަންތައް ފުރިހަމައަށް ބަލައިގަތް ބަޔަކު ނެތެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ބޮޑުވެގެން އައީވެސް އަޅުގަނޑުމެން ކުރާ ކުދިކުދި ކަންތަކަށް ޢާއިލާ މީހުން ތަޢުރީފު ނުކުރާފަދަ ޘަޤާފަތެއްގައި ކަމަށް ވުމުންނެވެ. އެހެންނޫނީ އަޅުގަނޑުމެންގެ ޙަޔާތުގައި އަޅުގަނޑުމެން ދިމާވި ގިނަ މީހުންނަކީ އަޅުގަނޑުމެންނަށް ހެޔޮ އެދޭ ބައެއް ނޫނެވެ. އެހެންނޫނީ އަޅުގަނޑުމެންގެ ޙަޔާތުގައި އެންމެ ދަތި ދުވަސްތައް ހޭދަކުރަން ޖެހުނީ އެންމެ ގާތުން ފެނުނު މީހުންގެ ސަބަބުންނެވެ.
މިފަދަ ޙަޔާތެއް އަޅުގަނޑުމެން ކަނޑައްތު ކޮށްފައިވާނަމަ، މީހުންނާއި ގުޅުމެއް ބާއްވަން އެދޭ އެދުމަކީ ނެތް އެދުމެއްކަމަށް ހަދަން އަޅުގަނޑުމެން މަސައްކަތް ކުރަމުއެވެ. އެހެން މީހުން ގާތުން އެހީއަށް އެދި، އިޙްސާސްތައް ޙިއްސާކޮށް، ޝަކުވާތައް ބަންޑުންކޮށް، ހިތާމައާއި ކަރުނަތައް ޙިއްސާ ކުރުމުގެ އެދުން ގަންބުވާލަން މަސައްކަތް ކުރަމުއެވެ. އެހެނަސް އަޅުގަނޑުމެންނަށް އެނގުންނުވާ ޙަޤީޤަތަކީ، ކިތަންމެ ވަރަކަށް އެ އިޙްސާސްތައް ނެތްކަމަށް ހަދަން މަސައްކަތް ކުރިޔަސް، އެ އިޙްސާސްތައް ކޮންމެވެސް އެއްގޮތަކުން އަޅުގަނޑުމެންގެ ކިބައިން ‘ނިކުންނާނެ’ ކަމެވެ.
އެ އިޙްސާސްތައް ނިކުންނަ އެއްގޮތަކީ، އަޅުގަނޑުމެންނަށް ޙަޔާތުގައި މީހުންގެ ފަރާތުން ނުލިބުނު ގާތްކަމާއި ލޯތްބަށް އަޅުގަނޑުމެންނަށް އުއްމީދު ކުރެވެނީ، ލޯބިން ގުޅެން އުޅޭ މީހެއްގެ ފަރާތުންނެވެ. (އަޅުގަނޑުމެން ބަލާ ގިނަ ފިލްމުތަކުންނާއި ޑްރާމާތަކުން ވެސް ލިބެނީ މި މެސެޖު ކަމަށްވާތީވެއެވެ.) މުސްތަޤްބަލުގައި ތިބާ ކުރަން އުޅޭ ކައިވެންޏަކުން އުއްމީދު ކުރަން މިއީ ރަނގަޅު ކަމަކަށް ވިޔަސް، ތިބާގެ ހުރިހާ ޖަޒުބާތީ އެދުމެއް ފުއްދަން ތިބާގެ މުސްތަޤްބަލުގެ ކައިވެނީގެ ބައިވެރިޔާގެ ފަރާތުން އުއްމީދުކުރުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެ ބައިވެރިޔާގެ ވެސް ބަލިކަށި ދުވަސްތައް އަންނާނެތީވެއެވެ. އެފަދަ ޚިޔާލެއްގައި އުޅޭނަމަ، ކައިވެނިން ބޭރުގައި ރަނގަޅު ނޫން ގުޅުންތަކަށް ވެސް ދާން އަޅުގަނޑުމެން ފަސޭހައިން އެއްބަސްވާނަމުއެވެ. އަނެއް ޖިންސުގެ މީހެއްގެ ފަރާތުން ތަޢުރީފެއް ލިބޭއިރަށް، ތިބާ އުފާކޮށްދޭނެ މީހަކީ އެއީހެން ތިބާއަށް ހީވެދާނެއެވެ. އެފަދަ ވިސްނުމެއް ގެންގުޅުމުގެ ނުސިޔާނުކަމާއި ނުރައްކާތެރިކަން ތިބާއަށް އިޙްސާސް ކުރެވޭ ހެއްޔެވެ؟ ސުބްޙާނަ ﷲ!
އަޅުގަނޑުމެންގެ ވަށައިގެން މީހުންނާއި ގާތްވެ ގުޅުމެއް ދެމެހެއްޓުން މުހިއްމުވާ އެއް ސަބަބަކީ މިއީއެވެ. އެކަމަށްޓަކައި ތިބާ ކޮންމެހެން ލޯބިވެރިއެއް ހޯދާކަށް ނުޖެހެއެވެ. އެފަދަ ގުޅުމެއް ތިބާއަށް ޢާއިލާގެ މީހަކާއި ވެސް ބޭއްވިދާނެއެވެ. ޢާއިލާއިން ނޫންނަމަ އެކުވެރިންގެ ތެރެއިންނެވެ. ކޮންމެ މީހަކަށް ވިޔަސް ތިބާގެ އިޙްސާސްތައް ޙިއްސާކޮށް ހަދާނެ އެންމެ މީހެއް ނަމަވެސް ތިބާގެ ޙަޔާތުގައި ހުންނަން ވާނެއެވެ. ތިބާއަކީ ގޯސް މީހެއްކަމަށް ނުދެކި ތިބާގެ ވާހަކަތައް އަޑު އަހާނެ މީހެކެވެ. އެފަދައިން ތިބާ މީހެއް ގާތު އިޙްސާސްތައް ޙިއްސާކޮށްފައިނުވާނަމަ މިއީ ވަރަށް ދަތި ކަމަކަށް ވެދާނެއެވެ. އެހެނަސް އެކަން ކުރުމުން ތިބާއަށް އަގުނުކުރެވޭހާވަރުގެ ހިތްހަމަޖެހުމެއް އިޙްސާސް ކުރެވޭނެއެވެ. (އިން ޝާ ﷲ)
ތިބާގެ ޙަޔާތުގައި އެފަދައިން އިތުބާރު ކުރެވޭ މީހެއް ނެތް ހެން ހީވާ ނަމަ ތިބާގެ އިޙްސާސްތައް ﷲ އާއި އިޙްސާސް ކުރާށެވެ. އަދި އެފަދަ ޞާލިޙު ބައެއްގެ ލޯބި ތިބާގެ ޙަޔާތުގައި ވެސް ލެއްވުމަށް އެދޭށެވެ. މިއީ ރަސޫލާ ﷺ ގެ ސުންނަތުގެ ތެރެއިން ވެސް ވާ ކަމެކެވެ. (ތިރީގައިވާ ކޮމެންޓް ބައްލަވާ) އިޚްލާޞްތެރި ހިތަކާއިއެކީ ﷲ ގެ ޙަޟްރަތުގައި އެދޭށެވެ. އޭރުން އެކަލާނގެ ތިބާގެ ދުޢާ އިޖާބަކުރައްވާނެއެވެ. އިބްރާހީމް ޢަލައިހިއްސަލާމްގެ ދުޢާ އިޖާބަ ކުރެއްވިހާ ރީތިކޮށެވެ. އެ ދުޢާގެ ބާރު މިއަދާއި ހަމައަށް ވެސް ދެމިގެންވެއެވެ. ހާޖަރުގެފާނާއި، އިސްމާޢީލްގެފާނާއި، އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި މުޙައްމަދު ﷺ އަށްޓަކައި މިއަދާއި ހަމައަށް ވެސް އަޅުގަނޑުމެންގެ ހިތްތަކުގައި ލޯތްބެއް ވެއެވެ. ސުބްޙާނަ ﷲ!
Jana
September 18, 2021 @ 2:20 pm
މިއީ ރަސޫލާ (ޞ.ޢ.ވ) ކުރެެއްވި ދުޢާތަކުގެ ތެރެއިން ދުޢާއެކެވެ.
اللّهُمَّ إِنِّي أَسْأَلُكَ حُبَّكَ
وَ حُبَّ مَن يُحِبُّكَ
وَحُبَّ عَمَلٍ يُّقَرِّبُ عَلَيَّ حُبَّكَ
“ޔާ ﷲ! މިއަޅާ އިބަރަސްކަލާނގެ ގެ ލޯބިފުޅަށް އެދެމެވެ. އަދި އިބަރަސްކަލާނގެ ދެކެ ލޯބިވާ މީހުންގެ ލޯތްބަށް އެދެމެވެ. އަދި އިބަރަސްކަލާނގެ ގެ ލޯބިފުޅާއި ގާތްކުރުވާނެފަދަ ޢަމަލުތަކުގެ ލޯތްބަށް އެދެމެވެ.”
ހަދީޘް ރިފަރެންސް:
https://sunnah.com/tirmidhi:3490