ޤަދަރު (ހަވަނަ ބައި)
ވާހަކަ ދައްކަން ބޭނުންވެގެން ހުރީ ހަމައެކަނި ފަލަކްއެއް ނޫނެވެ. އަފްޒަލް ވެސް ހުރީ ފަލަކާއި ކުރަން ބޭނުންވާ ސުވާލުތައް ގިނަވެފައެވެ. ވަކިން ޚާއްޞަކޮށް ފަލަކް ދާން އުޅޭ އެޑްރެހަކީ އޭނަގެ ރެސްޓޯރެންޓު ހުންނަ ޢިމާރާތަށްވުމުންނެވެ.
އެއާރޕޯޓުން ނެއްޓިތާ 15 ވަރަކަށް މިނެޓް ފަހުން އަފްޒަލް ދުއްވަމުން ދިޔަ ކާރު ގޮސް މަޑުކޮށްލީ ހެންވޭރުގައި ހުރި ‘ކްރިސްޓަލް’ ނަމަކަށް ކިޔާ ޢިމާރާތެއްގެ ކުރިމަތީގައެވެ. ކާރު ޕާކް ކުރެވުމާއިއެކު އަފްޒަލާއި އެކީ ފަލަކް ވެސް ކާރުން ފޭބިއެވެ. ކުރިއެކޭ ވެސް އެއްފަދައިން އަފްޒަލް ދިގު ފިޔަވަޅުތަކެއްގައި ގޮސް ޑިކީ ހުޅުވައި ސޫޓްކޭސް ނަގައިދިނެވެ.
“ރޫމެއް ބުކްކޮށްފަދޯ ހުންނާނީ؟” ސޫޓްކޭސް ދަމައިގެން ގޮސް ފަލަކްގެ ކައިރީގައި ބަހައްޓަމުން އަފްޒަލް ސުވާލުކުރިއެވެ.
“ހުމް…ކިހާ ވަރެއް ދޭންވީ؟” ސްނޯ ހިފަހައްޓައިގެން ހުރި އަތުގައި އެޅުވިފައިވި އަތް ދަބަހުގެ ޒިބު ކަހަމުން ފަލަކް އެހިއެވެ.
“80 ރުފިޔާ….5 ޑޮލާރސް ދިނީމަ ރަނގަޅުވާނެ.” އަފްޒަލް ބުނެލި ޢަދަދުން ފަލަކަށް އޭނަގެ ޙަރަކާތްތައް މަޑުކޮށް އަފްޒަލަށް ބަލައިލެވުނެވެ.
“އެކަމަކު…ތިއީ ޢާއްމުކޮށް އެއާރޕޯޓުން މިހާ ހިސާބަށް ހުންނަވަރެއް ނޫންތަ؟” ފަލަކަށް އަހައިލެވުނެވެ. ފަލަކަށް އެކަން އެނގެނީ އެހެން ފަހަރުތަކުގައި ވެސް އެއާރޕޯޓުން އޭނަ މާލޭގެ އެކި ހޮޓެލްތަކަށް ގޮސްފައިވާތީވެއެވެ.
“ޢާއްމު ގޮތެއްގަ ނަގަންޖެހޭ ވަރެއް ނޫންތަ ނަގާނީ؟ މަދުކޮށްދޭންވީތަ؟ ހެހެ….”
“ން..ނޫނޭ. ސްނޯ ހޯދަން އިތުރު ދަތުރެއް ކުރަން ޖެހުނެއްނު؟”
“އެއީ އަހަރެން ވެސް ބޭނުންވެގެން ކުރި ދަތުރެކޭ….އެއަށް އިތުރު އެއްޗެއް ނަގާކަށް ނެތިން.”
އަފްޒަލް ނުފިލާ ހިނިތުންވުމަކާއިއެކީ ދިން ޖަވާބުން ފަލަކަށް ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅެއް ވަންދެން ހުރެވުނެވެ. އެހެނަސް އަފްޒަލް ދެބުމަ އަރުވައިލުމުން ފަލަކް އަވަސްއަވަހަށް ދަބަސް ތެރެއިން ވޮލެޓް ނަގައި އަފްޒަލް ބުނި ވަރެއް ދިނެވެ. އަފްޒަލް އެ ފައިސާ ހޯދުމަށްފަހު ދެންވެސް ވާހަކަ ދެއްކިއެވެ.
“އޯކޭ އެހެންވީމަ ދިޔައީ އިނގޭ. ބާއި ސްނޯ! ގުޑް ނައިޓް!” އަފްޒަލް ފަލަކާއި ވާހަކަ ދެއްކުމަށްފަހު ސްނޯއަށް ވެސް ހިނިތުންވުމެއް ދިނެވެ. ސްނޯގެ ނަމުން މީހަކު ގޮވުމުން ސްނޯވެސް ޒާތެއްގެ އަޑެއް ލައްވައިލިއެވެ. އެ އަޑު އިވިފައި އަފްޒަލް ލުއި ގޮތަކަށް ހީލުމަށްފަހު ދާން ހިނގައިގަތުމުން ވެސް، އަފްޒަލަށް ލުއި ނަޒަރެއް ދިނުން ނޫންކަމެއް ފަލަކަށް ނުކުރެވުނެވެ.
އަފްޒަލް ކާރަށް އަރައި ދުއްވައިލުމުން ފަލަކަށް ފަސްއެނބުރި ކާރު ދިޔަ ދިމާލަށް ބަލައިލެވުނެވެ. ކާރު ލޯމައްޗަށް ގެއްލެންދެން ބަލަން ހުރުމަށްފަހު ކުރު ނޭވައެއް ދޫކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނައާއި ދެންމެ މި ދިމާވެގެން ދިޔައީ ހަމަ ޙަޤީޤީ ފިރިހެނެއްތޯ ހިތަށްއެރިއެވެ. އެކަން ޤަބޫލުކުރަން ފަލަކަށް ދަތިވެފައިވިއެވެ.
**
ވިދާދުގެ ކާރުގައި އަފްޒަލް އަނެއްކާވެސް އެއާރޕޯޓަށް ދިޔައީ ދަތުރެއް ހޯދުމަށެވެ. އެކުވެރިޔާ އޭނަ ލައްވާ ކުރުވަން އުޅުނު ދަތުރުން އެ އެކުވެރިޔާއަށް ލިބޭނެ ވަރަށް ލާރި ހޯދުމަށެވެ. އެހާވަރަށް ލާރި ހޯދިއްޖެކަމަށް އަފްޒަލަށް ހީވީ ތިން ހަތަރު ދަތުރު ކުރުމަށްފަހުއެވެ. އެ ހަތަރުވަނަ ދަތުރު ކުރަމުން ދިޔަ ވަގުތު ލަސްވެގެން ވިދާދު ވެސް ގުޅައިފިއެވެ. އެހެންކަމުން އަފްޒަލް އެހާ ހިސާބުން ގެއަށް ދާން އަވަސްވިއެވެ.
އަފްޒަލަށް ގެއާއި ހަމައަށް ދިޔައިރު ގަޑިން ރޭގަނޑު 11 ޖަހައި ބޮޑުވެއްޖެއެވެ. އޭރު ވިދާދުވެސް ހުޅުމާލޭގައި އޭނަ އުޅޭ ޢިމާރާތް ކައިރީގައި މަޑުކޮށްގެން ހުއްޓެވެ. ވިދާދާއި ދިމާވުމާއިއެކު އަފްޒަލް އެރޭ ކަން ހިނގައި ދިޔަ ގޮތް ކިޔައިދީ، ވިދާދު ބުނި ފަރާތް އޭނަ ނުނެގި ކަމަށްޓަކައި މަޢާފަށް އެދުނެވެ. ވިދާދު ވަކި ނުރުހުންތެރިކަމެއް ނެތި އޭނައަށް މަޢާފު ކޮށްދިނުމުން އަފްޒަލް އުފާކުރިއެވެ.
“އެކަމަކު ތިއީ ކޮން ކުއްޖެއްތަ އަފްޒަލް؟ ޢިމާރާތުގެ ވެރިފަރާތް އިޒުނަދޭ މީހަކަށް ނޫނީ އެގޮތަށް އަންނަ މެހުމާނަކަށް ތި ޢިމާރާތުން ރޫމެއް ނުހިފޭ ގޮތަށް ނޫންތަ އޮންނަނީ؟” ވިދާދު ސުވާލު ކުރިއެވެ.
“ތި ސުވާލު އަހަރެންގެ ހިތުގަ ވެސް އެބައޮތް. ޢިމާރާތުގެ ވެރިފަރާތާއި ބައްދަލު ކުރީމަ އެނގިދާނެތާ…މާދަމައަށް ބައްދަލުވުމެއް ހަމަޖައްސާފަ އޮތީ.” އަފްޒަލް ބުންޏެވެ. ވިދާދު އެ ވާހަކައަށް ބޯޖަހައިލިއެވެ. އެއަށްފަހު އެކުވެރިޔާއަށް އަލްވަދާޢު ކިޔުނެވެ.
އެރޭ ދެން އެ އަންހެން ކުއްޖާއާއިމެދު ނުވިސްނޭނެކަމަށް އަފްޒަލް ހީކުރިއެވެ. އޭނަ އެކުވެރިޔާއާއި މަޝްވަރާ ކޮށްލީ އެންމެ ގިނައިން އޭނަގެ ސިކުނޑި ކުރި ސުވާލު ކަމަށްވީތީވެއެވެ. އެހެނަސް އެރޭ ނިދަން އޮށޯތެއްކަމަކު އަފްޒަލަށް ނިދޭ ގޮތެއް ނުވެއެވެ. ތަކުރާރުކޮށް ލޯ ކުރިމަތިން ސިފަވަމުން ދިޔައީ މިރޭ ފެނުނު އަންހެން ކުއްޖާގެ ސޫރައެވެ. އެއީ ހަމަ ދިވެހި ކުއްޖެއްބާއޭ ހާސްވަނަ ފަހަރަށް އަމިއްލަ ޒަމީރާއި ސުވާލު ކުރެވުނެވެ. ދިވެހި ކުއްޖަކަށް ނުވިޔަސް އެ ކުއްޖާއަށް ދިވެހި ބަސް އެނގޭނީ ރާއްޖޭގެ މީހަކާއި ގުޅުމެއް އޮންނާތީވެތާއޭ ހިތަށްއެރިއެވެ. އެކުއްޖާ އެ އައީ ކޮން ތަނަކުން ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟ ކޮން ބަޔަކާއި ބައްދަލުކުރަން ހެއްޔެވެ؟ މި ސުވާލުތައް އަފްޒަލަށް ނިދުނަ ނުދިނެވެ. އަދި އަމުދުން އެންމެ ބޮޑު ހިތާމައެއް ކުރެވުނީ، އެހާ ދިގު ދަތުރެއް ނިމުނުއިރު ވެސް އެކުއްޖާގެ ނަން ވެސް ނޭނގުނީތީވެއެވެ.
ނަންވެސް ނޭނގޭ އަންހެން ކުއްޖަކާއިމެދު މި ވިސްނެނީ މާ ބޮޑަށްކަން އެނގުންވުމުން އަފްޒަލްގެ ޚިޔާލުތަކަށް ހުއްޓުމެއްއައެވެ. އެއީ އެ އަންހެން ކުއްޖާ އޭނައަށް ރީތިވުމުންކަން ވެސް އަފްޒަލަށް ނަގައިގަނެވުނެވެ. އެހެނަސް ރީތިކަމަކީ ހުރިހާ ކަމެއް ހެއްޔެވެ؟ އެ ކުއްޖާއަކީ ހަމަ ގައިމުވެސް 20 އަހަރަށްވުރެ މަތީ ޢުމުރެއްގައި އުޅޭނެ ކުއްޖެކެވެ. ޙަޔާތުގެ އެހާ ހިސާބަށް ދިޔައިރު ބުރުގާ ނާޅައި އެހާ ކުރު ހެދުންތައް ލައިގެން ހުންނާނީ ދީނާއި ދުރުވުމުން ކަމަށް އަފްޒަލަށް ޔަޤީން ކުރެވުނެވެ. ދީނާއި ދުރުވެއްޖެނަމަ ލަދު ކުޑަވެ އަޚްލާޤީ މައްސަލަތައް ވެސް ހުންނާނެކަން އަފްޒަލް ޔަޤީން ކުރިއެވެ. އަފްޒަލަކީ ޢާއްމުގޮތެއްގައި މީހުންނާއިމެދު ނުބައިކޮށް ވިސްނާ މީހަކަށް ނުވިޔަސް، އެވަގުތު އެ އަންހެން ކުއްޖާއާއި މެދު އެގޮތަށް ވިސްނަން މަޖުބޫރުވިއެވެ. އެ ނޫން ގޮތަކަށް އޭނައަށް މިރޭގެ ޚިޔާލުތަކުން ދުރު ނުވެވޭނެކަން ޔަޤީން ކުރެވުނީތީވެއެވެ.
**
ފަލަކަކީ ޢާއްމު ގޮތެއްގައި ރޭގަނޑު ނުނިދޭ މީހަކަށްވުމުން އޭނަ އެރޭ 12 ޖަހަން ގާތްވަމުން ދިޔަ ވަގުތު ވެސް ނިދަން ޚިޔާލެއް ނުކުރެއެވެ. އޭގެ ބަދަލުގައި ފަލަކް އިނީ އޭނައަށްޓަކައި ބުކް ކުރެވިފައިވާ ތަނަވަސް ރޫމުގެ ކިޔަވާ މޭޒުދޮށުގައެވެ.
އެ މޭޒުދޮށުގައި އިނދެގެން ފަލަކް ކުރަމުން ދިޔައީ އޮފީހުގެ މަސައްކަތެވެ. ކުންފުނީގެ ފައިލެއް ހުޅުވައިގެން އެއަށް ބަލައިގެން އިންއިރު ފަލަކް ނުހަނު ސަމާލުކަން ދީގެން އެ މަސައްކަތް ކުރަމުން ދިޔަހެން ބަލާ މީހަކަށް ހީވެދާނެއެވެ. އެހެނަސް ފަލަކަށް އޭނަ ކިޔަމުން ދިޔަ ބަސްތައް ފަހުމް ކުރެވޭ ގޮތެއް ނުވެއެވެ. ދޭތެރެދޭތެރެއިން މިރޭ ކަންތައް ހިނގައި ދިޔަ ގޮތް އޭނަގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައީތީވެއެވެ.
އެންމެފަހުން އޭނައަށް އެ މަސައްކަތް އެރޭ ނުކުރެވޭނެކަން ޔަޤީންވުމުން ފަލަކް އެ ފައިލު ލައްޕައިލުމަށްފަހު މޭޒުމައްޗަށް ދޫކޮށްލީ އަމިއްލަ ނަފްސަށް ވެސް ނުރުހުންވަމުންނެވެ. ކިތަންމެ ނުރުހުންވިޔަސް އޭނައަށް ދެންވެސް މިރޭ ފެނުނު ޒުވާނާއާއި މެދު ވިސްނުނެވެ. އެއީ ކާކުތޯ ހިތަށްއެރިއެވެ. އެ ޒުވާނާއަށް ކިޔަނީ ކޮން ނަމެއްތޯ އަމިއްލަ ޒަމީރާއި ސުވާލު ކުރެވުނެވެ. އެ ޒުވާނާ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަކީ ޓެކްސީ ދުއްވުންތޯ ހިތަށްއެރިއެވެ. އެހެނަސް ޓެކްސީ ބޯޑު ޖަހާފައި ނެތް ކާރެއްގައި އެ ޒުވާނާ ދަތުރު ކޮށްދިނީތީ، އެއީ އެހެން މަސައްކަތެއް ވެސް ކުރާނެ ޒުވާނެއްކަމަށް ފަލަކަށް ޤަބޫލު ކުރެވުނެވެ.
ކޮންމެ މަސައްކަތެއް ކުރިޔަސް އެ ޒުވާނާގެ އަޚްލާޤް އެހެން ހުރީ ކީއްވެތޯ ހިތާހިތުން ސުވާލު ކުރެވުނެވެ. އެ ޒުވާނާއަކީ ޖަނަވާރުން ދެކެ ލޯބިވާ މަދު ފިރިހެނުންގެ ތެރެއިން އެކަކު ހެއްޔެވެ؟ ސްނޯ ސަލާމަތް ކުރަން އެ ޒުވާނާ އެވަރަށް މަސައްކަތް ކޮށްދިން ސަބަބަކީ އެއީ ހެއްޔެވެ؟ އެހެނަސް އެހެން ބުނެވޭކަށް ނެތެވެ. އެ ޒުވާނާ އަޅައިލީ ހަމައެކަނި ސްނޯއާއިމެދު ކަމަށްވާނަމަ، އޭނަގެ ލަގެޖް ނަގަން އެއާރޕޯޓަށް ދިޔުމަށްފަހު އެ ލަގެޖް އުފުއްލައި ހެދުމަށް އެހީތެރިވީ ކީއްވެ ހެއްޔެވެ؟ އަދި އެކަންތައް ކޮށްދިނުމަށްފަހު އަމުދުން އޭނަގެ ‘ހިތް އަތުލުމަށް’ އިތުރަށް ވާހަކަ ދައްކައި ނެހެދީ ކީއްވެ ހެއްޔެވެ؟
ހިތުތެރޭގައިވި ސުވާލުތަކުގެ ތެރެއިން އެންމެ ސުވާލަކަށް ވެސް ޖަވާބެއް ނުލިބުމުން ފަލަކަށް ގޮށްމުއްކަވައި މޭޒުމަތީގައި ޖަހައިލެވުނެވެ. އެހިނދު އެ ޒުވާނާއަށް އައި ރުޅީގައި އެ ޒުވާނާ މިރޭ އޭނައަށް ވަކި ވަރަކަށް ސަމާލުކަން ދިނުމަށްފަހު އިތުރަށް ސަމާލުކަން ނުދިނީ އޭނަ މިފަދަ ޙާލެއްގައި ޖައްސަންކަމަށް ނިންމުނެވެ. އާނއެކެވެ. ފިރިހެނުންނަކީ ހަމަ އެކަހަލަ ބައެކެވެ. މުޅި މިރޭ އޭނަ އެ ޒުވާނާއާއިމެދު ވިސްނާނެ ކަމަށް ޒުވާނާ ހީކުރާނެތާއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭގެ އަނެއްދުވަހު އެ ޒުވާނާ އޭނަ ހޯދަން މަސައްކަތް ކުރާނެކަމަށް ޒުވާނާ ޔަޤީން ކުރާނެތާއެވެ.
ސިކުނޑިއަށް އައި ޚިޔާލުތަކާއި އެކީ ފަލަކަށް ދެއަތް އުރައިލަމުން ބުމަގޮށްޖަހައިލެވުނެވެ. ތި ކުރެވެނީ ހައްތަހާވެސް ކުށްހީތަކެއް ކަމަށް ފަލަކަށް ބުނެލެވުނީ އެ ޒުވާނާގެ ސޫރަ ސިފަ ކުރަމުންނެވެ. އެ ބުނި ބަސްތަކަކީ ޙަޤީޤަތެއްކަން އަމިއްލަ ނަފްސަށް ޔަޤީން ކޮށްދިނުމަށް ފަލަކް އަނެއްކާވެސް އޭނަގެ އޮފީސް ފައިލް ނަގައި މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.
އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށްފަހު ރެސްޓޯރެންޓަށް ދިޔުމުގެ ކުރިން އަފްޒަލް ގޭތެރޭގައި އުޅެމުން ދިޔައެވެ. ސިޓިންގް ރޫމުގައި ހުރި ދެ ބޮކި ހަލާކުވެފައިވާ ވާހަކަ މަންމަ އިއްޔެ ބުނެފައިވާތީ، ރޭ ކުރަމުން ދިޔަ ދަތުރުތަކުގެ ތެރެއިން އޭނަ ވަނީ ބޮކިތައް ގަނެފައެވެ. އެދުވަހު ހެނދުނު ބޮކި ބަދަލު ކުރުމުގެ މަސައްކަތުގައި އަފްޒަލް ވަނިކޮށް މަންމަ ގޮވައިލިއެވެ.
“ދަރިފުޅު ކުރީ ދުވަހު މަންމަ ބުނި 1000 ރުފިޔާ ބެންކުން ނަގައިދިނިންތަ؟” މަންމަ އެ ސުވާލުކޮށްލި އަޑަށް ހަރުގަނޑު މަތީގައި ހުރެ އަފްޒަލަށް މަންމައާއި ދިމާލަށް ބަލައިލެވުނެވެ.
“ކޮން….އޮހް! ސޮރީ މަންމާ. އިއްޔެ ކޭޝް ނަގައިގެން އަހަރެން ދިޔައީ ރެސްޓޯރެންޓަށް. ކޭޝް ނަގަން ދިޔައިރު ވޮލެޓާއި ނުލައި ދެވުނީމަ ފަޓުލޫނުގެ ޖީބަށް ފައިސާ ލެވުނީ. ފަޓުލޫނު އޮތީ ރޫމުގަ….” އަފްޒަލް އެ ވާހަކަ ބުނެލީ ގަދަކަމުން ހިނިތުންވުމެއް ދައްކަން މަސައްކަތް ކުރާ ފަދައަކުންނެވެ.
“ދަރިފުޅަށް ހަމަ ސާބަސް! މިއަދު މަންމައަށް އެ ފައިސާ ގެނެސްދޭތި….ދެން ތި ރޫމެއްގަ ހުރި ހެދުންތައް ވެސް ގެއަށް ގެނޭ ދޮންނަން….އެއީ ވެސް ގެއެއް ކަމަށް ހަދައިގެން ވިއްޔާ އުޅެނީ!” ފަޒީލާ ކުދި ކިޔަމުން ދާން ހިނގައިގަތުމުން އަފްޒަލަށް ހީލެވުނެވެ. އެއަށްފަހު އޭނަ ހަރުގަނޑުން ނެރެން އަވަސްވީ، އެހެން ދުވަހަށްވުރެ އަވަސް ގަޑިއެއްގައި ރެސްޓޯރެންޓަށް ދާން ތައްޔާރުވުމަށެވެ.
**
ފަތިސް ނަމާދަށްފަހު ފަލަކް މަޑު ފިޔާތޮށި ކުލައިގެ ޓްރެކްސޫޓެއް ލައިގެން ބޭރަށް ނިކުތީ ދުވެލަން ދިޔުމަށެވެ. މިއަދު ކޮންމެހެން ވެސް ދުވެލަން އޭނަ ނިކުތީ، ވޭތުވެ ދިޔަ ހަފްތާގައި މަސައްކަތް ބުރަވުމުގެ ސަބަބުން ކަސްރަތަށް އޭނައަށް ސަމާލުކަން ދެވިފައި ނުވާތީވެއެވެ. އަދި އަމުދުން ފެމިނިން ޑިޒައިންސްގެ ޓްރެކްސޫޓެއް ލައިގެން މާލެ ތެރޭގައި ދުވުމުން މާލޭގެ އަންހެން ކުދިން ސަމާލުކަން އެ ބްރޭންޑަށް ހުއްޓޭނެ މަގެއް ފަހި ކުރުމަށެވެ.
ފަލަކް އުއްމީދު ކުރި ފަދައިން ހެންވޭރުގެ ޕޭވްމެންޓުން ފަށައިގެން ސިނަމާލޭ ބްރިޖްގެ މަތިން ފަލަކް ދުވެފައި ދިޔައިރު، ހިނގާފައި ދިޔަ މީހުންނާއި ދުވަމުން ދިޔަ ބައެއް އަންހެން ކުދިންގެ ނަޒަރުތައް އޭނަގެ ފެންވަރު ހުރި ޓްރެކްސޫޓަށް ހުއްޓުނެވެ. ފަލަކް ރުޅިއައީ އެއަށްވުރެ ގިނައިން ފިރިހެނުންގެ ނަޒަރުތައް އޭނައަށް އަމާޒުވަމުން ދިޔަ ގޮތުން ރުޅިއައެވެ. އަންހެން ކުއްޖެއް ފެނިއްޖެނަމަ ހަމަ އެމީހުންނަށް ނުތިބެވެނީތާއޭ ހިތައި ކުދި ކިޔަމުން ދެވުނެވެ.
ބްރިޖްގެ އެއްކޮޅުން އަނެއްކޮޅަށް ދުވުމަށްފަހު ފަލަކް ހޮޓެލާއި ގާތްވަމުން ދިޔަދިޔަހެން އޭނަގެ ދުވުން ހިނގުމަކަށް ބަދަލުކުރިއެވެ. އަދި ހިނގާފައި ދަމުން އޭނަގެ ކަންފަތުގައި ހަރުކޮށްފައިވި އެއާރޕޮޑްސް ނަގައި ހަރުވާޅުގެ ޖީބަށްލީ ކަންފަތަށް އުދަގޫވާން ފެށުމުންނެވެ.
‘ކްރިސްޓަލް’ ޢިމާރާތާއި ހަމައަށް ގޮސް ޢިމާރާތަށް ވަންނަން ދިޔަ ހިނދު ނުހަނު ގާތުން ސައިކަލެއްގެ އަޑު އިވިފައި ކަނާތް ފަރާތަށް ނަޒަރެއް ދެވުނެވެ. އެހިނދު ފެނުނު ސޫރައާއިއެކީ ފަލަކްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ކަޅުކުލައިގެ ސައިކަލެއްގައި މަޑު ނޫކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސެއްގައި އެއޮތް އަންނަނީ ރޭ އޭނައަށް ޓެކްސީއިން ފެނުނު ޒުވާނާއެވެ. ސައިކަލު މަތިން ދުވާލު ގަޑީގެ އަލީގައި އެ ޒުވާނާ ފެނުނު ގޮތް ފަލަކަށް އަދި މާ ރީތިވާ ގޮތްވިއެވެ. ވައިގައި އެޅިފައި އެ ޒުވާނާގެ ކުރު އިސްތަށިތައް އުދުހެމުން ދިޔަ ގޮތުން އެ މަންޒަރު ފެނުނީ ފެންނަންޖެހޭ ވަރަށްވުރެ ލަސްކޮށްހެން ހީވިއެވެ.
ފަލަކަށް ކިރިޔާ ވެސް ހަމަހޭވެރިކަމެއް ލިބުނީ އެ ޒުވާނާ ސައިކަލު ޕާކްކުރުމަށްފަހު ކުރިމައްޗަށް ބަލައިލި ހިނދު އޭނައާއި ހަތަރުކަޅި ހަމަވުމުންނެވެ. އެއާއިއެކު ވައްކަން ކުރަނިކޮށް ހިފައިލެވުނު ވަގަކަށް ކުރެވޭނެ އިޙްސާސާއި އެކީ ފަލަކް އަވަސް ފިޔަވަޅުތަކެއްގައި ޢިމާރާތަށް ވަދެގެން ދިޔައެވެ.
ލިފްޓާއި ހަމައަށް ހިނގާފައި ދިޔަދިޔަހެން އޭނަގެ ފަހަތުން ފިޔަވަޅުތައް އަންނަހެން ހީވެ، ފަލަކަށް ފަހަތް ބަލައިލެވުނެވެ. އެހިނދު އޭނަގެ ހިތުގެ ހަމަޖެހުން ނަގާލައިގެން އުޅޭ ޒުވާނާ ފޯނަށް ބަލައިގެން އޭނަގެ ފަހަތުން އަންނަމުން ދިޔަ މަންޒަރު ފެނުނެވެ. އެއާއިއެކު އެ ޒުވާނާގެ މަޤްޞަދު މި އެނގުނީތާއޭ ފަލަކްގެ ހިތަށްއެރިއެވެ. ރޭ އޭނައާއިމެދު ‘ހެޔޮކޮށް’ ކަންތައް ކޮށްދީފައި މިއަދު މި ޢިމާރާތާއި ހަމައަށް ވެސް އެއައީ ހަމަ ޤަސްދުގައި އޭނަގެ ހިތާއި ކުޅެލުމަށެވެ. މި ކުޅިވަރެއް ކުޅުމުގެ ތެރެއިން ވަކި ހިސާބަކުން އޭނައާއި ރައްޓެހިވާން ވެސް އެދުމަށެވެ.
ސިކުނޑިއަށް ވެރިވި އެ ޚިޔާލުތަކާއިއެކީ އެ ޒުވާނާގެ ‘ރޭވުން’ ކާމިޔާބުވިޔަ ނުދިނުމަށް ފަލަކް ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ. އެ ޢަޒުމާއިއެކީ ފަލަކް ދިގު ފިޔަވަޅުތަކެއްގައި ގޮސް ކުރިމަތިން ފެންނަމުން ދިޔަ ލިފްޓުގެ ތެރެއަށް ގޮސް ވަދެ ދޮރު ލައްޕާ ފިތަށް އޮބައިލިއެވެ. ހަމަ އެ ހިނދު ލެއްޕެމުން ދިޔަ ދޮރުގެ ދޭތެރެއިން އެއްކަލަ ޒުވާނާ ކުރިމައްޗަށް ބަލައިލިތަން ފެނި، ދިގު ފިޔަވަޅުތަކެއްގައި އެ ޒުވާނާ އަންނަން ފެށިތަން ފެނުނެވެ. އެ ޒުވާނާއަށް އާދެވުމުގެ ކުރިން ދޮރު ލެއްޕޭނެ ގޮތެއްވުމަށް އެދިއެދި ހުރި ވަރުން ފަލަކް ދެއަތް މުއްކެވިފައިވީއިރު ހިތުގެ ތެޅުން ވެސް އަވަސްވިއެވެ.
އެހެނަސް ފަލަކް ބޭނުންވި ގޮތަކަށް ކަންތައް ނުވިއެވެ. ލިފްޓުގެ ދޮރު ލެއްޕުމުގެ ކުރިން ޒުވާނާ އައިސް ދޮރުގެ ދޭތެރެއަށް އެއްއަތް ލެއްވުމާއިއެކު އަނެއްކާވެސް ދޮރު ހުޅުވެން ފެށިއެވެ.
“އެކްސްކިއުޒް މީ…” ލިފްޓުގެ ދޮރު ހުޅުވުމުން ޒުވާނާ ވަކި އޭނައަށް ސަމާލުކަމެއް ދިނުމެއްނެތި ޒުވާނާ ލިފްޓަށް ވަނެވެ. އަދި 16 ނަންބަރު ލިޔެވިފައިވި ފިތަށް އޮބައިލަމުން އޭނައަށް ބަލައިލިއެވެ.
“ކޮން ފްލޯރއަކަށް…..އޮހް! ރޭގަ ދިމާވި ކުއްޖާދޯ ތިއީ؟” ޒުވާނާއަށް ދާދި ދެންމެއަކު އެކަން ފާހަގަވީ ފަދައަކުން ބުންޏެވެ. އެހިނދު ފަލަކްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެއްކަމަކު ރުޅިވެސް އައެވެ. ފުރަތަމަ ފެނުމުން ނޫންކަމަށް ހެދީ ރޭވުމެއްގެ ބައެއްގެ ގޮތުގައިތާއޭ ހިތަށްއެރިއެވެ.
އެ ޒުވާނާގެ ސުވާލަށް ހޫންލައްވައިލުން ނޫންކަމެއް ފަލަކަށް ނުކުރެވުނެވެ. އެއާއިއެކު ޒުވާނާ އިތުރަށް ވާހަކަ ދެއްކިއެވެ.
“ކޮން ފްލޯރއެއްގަތަ އުޅެނީ؟” ލިފްޓު މައްޗަށް ދާން ފެށުމުން ޒުވާނާ ސުވާލުކުރިއެވެ. ފުރަތަމަ ސިކުންތުގައި ކޮންމެހެން އެ ސުވާލު ކުރަން ނުޖެހޭނެކަމަށް ބުނަން ފަލަކްގެ ހިތް އެދުނެވެ. އެހެނަސް އެ ސުވާލު ކުރަނީ ކީއްވެގެންކަން އެނގުންވުމުން ފަލަކް މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ.
“ސޭމް…” ފަލަކް އެހެން ބުނެލީ ދިއްލިފައިވާ ސޯޅަވަނަ ނަންބަރަށް ބޮލުން ޢިޝާރާތް ކުރަމުންނެވެ.
“ގްރޭޓް!” ޒުވާނާ ހިނިތުންވުމަކާއިއެކީ އެހެން ބުނެ އަނެއްކާވެސް އޭނަގެ އަތުގައި އޮތް ފޯނަށް ބަލަން ފެށިއެވެ.
އެހިނދު ދެއަތް އުރައިގެން ހުރި ފަލަކް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ކޮންމެހެން އޭނަ ދާ ފްލޯރއަކަށް ދާތީ ‘ގްރޭޓް’ ވާކަށް ނުޖެހެއޭ ހިތާހިތުން ކިޔައިލެވުނެވެ. އެހެން ނޫނަސް މި ޒުވާނާ 16 ވަނަ ފަންގިފިލާއަށް މި ދަނީ ކީއްވެތޯ ހިތަށްއެރިއެވެ. ބައްޕަގެ ފަރާތުން އޭނައަށް އިވިފައިވާ ގޮތުގައި އޭނައަށްޓަކައި ބުކް ކުރެވިފައިވާނީ އެހެން ބަޔަކު ނުއުޅޭނެ ފަންގިފިލާއެކެވެ. މި ޒުވާނާ ހަމަ ނޫންކަމަށް ހަދައި އޭނަ ފަހަތު އަޅައިގެން އުޅެނީތާއޭ ހިތަށް އެރިއެވެ. އާނއެކެވެ. އެ ނޫން އެހެން ސަބަބަކާއި ހުރެ ޒުވާނާ އޭނަ އުޅޭ ޢިމާރާތަށް އައިސް އޭނަ އުޅޭ ފަންގިފިލާއަށް އަންނަންޖެހޭ ސަބަބެއް ނެތެވެ.
ލިފްޓު މައްޗަށް ދިޔަދިޔަހެން ފަލަކްގެ އެ ޚިޔާލުތައް އޭނަގެ ސިކުނޑި ތެރޭގައި އެނބުރި އެ ޚިޔާލުތަކުގެ އަޑު ހަރުވިއެވެ. ލިފްޓު 16 ވަނަ ފަންގިފިލާއަށް ދިޔުމާއިއެކު ލިފްޓުގެ ދޮރު ހުޅުވިގެން ދިޔަ ހިނދު ފަލަކަށް ހުރެވުނީ ޒުވާނާ ދެންވެސް ފަލަކަށް ބަލައިލުމެއްނެތި ފަލަކަށްވުރެ ކުރިން ލިފްޓުން ނިކުމެ ކުރިއަށް ހިނގައިގަތެވެ. ފަލަކް އައިސްފައިވި ރުޅިއާއިއެކީ ނުހުރެވިގެން އެންމެފަހުން ލިފްޓުން ނިކުމެ ވާހަކަ ދެއްކިއެވެ.
“ޔޫ ނީޑް ޓު ސްޓޮޕް ދިސް!” ފަލަކަށް ރުޅިވެރިކަމާއިއެކީ ބުނެވުނެވެ. އެހިނދު އޭނަ އެ އަންނަނީ ޙައްޤު ރުޅިއެއް ނޫންކަން އެވަގުތު އޭނައަށް ވެސް އިޙްސާސް ކުރެވުނެވެ. އެންމެ ދެ ފަހަރަކު ބައްދަލުވި މި ޒުވާނާ އޭނައަށް މި ފޯރުވަނީ ކޮންކަހަލަ ބާރެއް ހެއްޔެވެ؟
“ސްޓޮޕް ވަޓް؟” ޒުވާނާ ފަސްއެނބުރި އޭނައަށް ބަލައިލަމުން އޮޅުމެއްގައިވާ ފަދައަކުން ސުވާލު ކުރިއެވެ.
“ނޫންކަމަށް ހެދޭނެ ކަމެއްނެތް. ތި އުޅެނީ އެކި ގޮތްގޮތުން އަހަރެން ސްޓޯކް ކޮށްގެން އައިސް އަހަރެންގެ ފަހަތުން އުޅެން ނޫންތަ؟!” މިހާ ހިސާބުން ވާހަކަ ހުއްޓައިލަން ޖެހޭކަން އެނގި ހުރެވެސް ފަލަކަށް އެ ޒުވާނާގެ ކުރިމަތީގައި އޭނަގެ ހިތް ބަންޑުން ކޮށްލެވުނެވެ.
“ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް؟” ޒުވާނާ އެ ސުވާލު ކޮށްލިއިރު މިފަހަރު އެ އަޑުގައި ނުރުހުންތެރިކަމެއް އެކުލެވިގެން ދިޔައެވެ. އެކަމާއިމެދު ފަލަކް ޖެހިލުންވީ އެ ޒުވާނާ ރަނގަޅުކަމަށް ހިތުގެ ކަނަކުން ގޮވަމުން ދިޔައީތީވެއެވެ. އެހެނަސް އެކަން ޤަބޫލުކުރަން ދަތިވުމުން ފަލަކް އިތުރަށް ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އަޑު އިވިފައިވާ ގޮތުގަ މި ފްލޯރއަކީ ހަމައެކަނި މަހުޖަނުންނަށް ނޫނީ އެފޯޑް ނުވެވޭނެ ފަންގިފިލާއެއް. އާދައިގެ ޓެކްސީ ޑްރައިވަރަކަށް މި ފަންގިފިލާގެ ރޫމެއް ބުކް ނުކުރެވޭނެކަން ޔަޤީން. ވީއިރު ތި މީހަކު އަދި އަހަރެން ރޫމަށް ވަދެގެންދާ ވަގުތު މި ފަންގިފިލާއަށް އަންނަންޖެހޭނެ ސަބަބެއް ނުވިސްނޭ!” ފަލަކް ހެޔޮ ވިސްނުމަށްވުރެ ބޮޑަށް ރުޅިވެރިކަން އިސްކުރިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ ފިރިހެނަކަށްވީތީވެއެވެ. ފިރިހެނުންނަށް ނަފްރަތުކޮށް އެމީހުންގެ ކިބައިގައިވާ ނޭދެވޭ ސިފަތަކަށް އަލިއެޅުވުމަކީ އޭނަގެ ކަށީގައި ހިފާފައިވާ ކަމަކަށްވާތީވެއެވެ.
އެ ހުރިހާ ކަމަކާއިއެކީގައި ވެސް ފަލަކް އެވަގުތު ދެރަވީ ކީއްވެކަމެއް ނުވިސްނެއެވެ. އެ ޒުވާނާ އެހާ ދަށްކޮށްފައި ވާހަކަ ދެއްކުމުން އެ ހެދުނީ ވަރަށް ބޮޑު ގޯހެއްކަމަށް އެވަގުތުން ވަގުތަށް ވެސް ޤަބޫލު ކުރެވުނެވެ. އަދި ވަކިން ޚާއްޞަކޮށް އެ ޒުވާނާ އޭނަ އަޑު ހަރު ކުރި ކަމުގެ ބަދަލުގައި އަޑުހަރު ކުރުމެއްނެތި އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އަމިއްލަ ނަފްސު އިތުރަށް ކުށްވެރި ކުރެވުނެވެ.
ފަލަކް އެ ޒުވާނާ ދޭނެ ރުޅިވެރި ރައްދަކަށް އިންތިޒާރު ކޮށްކޮށް އެ ރައްދެއް ނުލިބުނެވެ. ސިކުންތުކޮޅެއްފަހުން ފަލަކަށް ފެނިގެން ދިޔައީ އެ ޒުވާނާ ފުން ނޭވައެއް ދޫކޮށްލުމަށްފަހު ޖީބުން ކީ ކާޑެއް ނެގިތަނެވެ. އެއަށްފަހު އިތުރު ހަމަ އެއްވެސް އެއްޗެކޭ ނުބުނެ އޭނަގެ ރޫމާއި ޖެހިގެން ހުރި ރޫމުގެ ތަޅާއި ދިމާލަށް ކާޑު ދިއްކޮށްލަމުން ދޮރު ހުޅުވައިލިއެވެ. މަންޒަރު ފެނި ފަލަކްގެ ހިތް މޭތެރޭގައި އޮވެ ގެނބުނުހެން ފަލަކަށް ހީވިއެވެ. އޭނަ ހީކުރީ ޒުވާނާ އެއްޗެކޭ ނުބުނެ ރޫމަށް ވަދެގެން ދާނީ ކަމަށެވެ. އެހެނަސް…..
“ހީވާ ކޮންމެ ހީވުމަކީ ރަނގަޅު ހީވުމެއްނޫން…” ޒުވާނާ އޭނައަށް ބަލައިލަމުން މަޑުމައިތިރި އަޑަކުން ބުނެލީ ހަމައެކަނި އެހާ ވަރަށެވެ. އެއަށްފަހު ރޫމަށް ވަދެ ދޮރު ލައްޕައިލީ ފަލަކް އެ ހުރި ގޮތަށް ހުއްޓައެވެ.
ނުނިމޭ
Jana
October 8, 2022 @ 10:58 am
Salaam kiyuntherin. Anekkaaves lahun up kurevuneethy Jana haqeeqathugaves varah dheravejje. Varah masakkaiy eba kuran komme faharakuves edhuvahakah up kureveytho ekamaku nukurevi dhaathy dheravey. Varah bodah maafah edhen kiyuntheringe faraathun.
Dhen up kuraane dhuvaheh Jana bunaakah nethin. Ekamaku In Sha Allah amaazu mi kurany komme hafthaa egge Monday adhi Thursday ga up kuran. Kommehenves hafthaa aku dhe dhuvahu up kohdheynan In Sha Allah.
Hope you like and benefit from this episode readers. Much love <3 <3 <3
Mish
October 8, 2022 @ 3:16 pm
Wow falak really resembles me 😅
The way she has her thoughts about men
Maasha Allah sis 🙂
Hope this story will benefit us all in all different ways
Jana
October 21, 2022 @ 1:18 am
haha! I can relate to her in her thoughts too.
Alhamdhulillah! In Sha Allah that’s the hope ^_^ Jazaakillah Khairan for the support <3 <3 <3
👋👋👋
October 9, 2022 @ 1:28 pm
❤️❤️❤️❤️❤️❤️
Jana
October 21, 2022 @ 1:18 am
6 x 10 hearts!!! 😀
Dhonthi
October 9, 2022 @ 5:01 pm
Salaam
Masha Allah .. mi part ves varah reethi..
Waiting for next part😊
Jana
October 21, 2022 @ 1:17 am
Wa’alaikumussalaam. Alhamdhulillah! Jazaakillah Khairan for the support, Dhonthi! 😀