ޤަދަރު (ހަތާވީސްވަނަ ބައި)
އެހެނަސް މިއަދު ނޫރާގެ ފަރާތުން އޭނައަށް އިވިފައި މިވަނީ މުޅިން އާ ވާހަކައެކެވެ. ބުރުގާ އަޅަނީ ﷲ އަށްޓަކައި ހެއްޔެވެ؟ ދީނުގައި އަންގަވާފައިވާ ގޮތަކީ އެއީ ހެއްޔެވެ؟ ބޮޑުވަމުން އައިއިރު ޝެއިޚުން ދަރުސްތަކުގައި އެ ކަހަލަ ވާހަކައެއް ދައްކާ އަޑު ފަލަކަށް އިވިފައިވެއެވެ. އެހެނަސް ޝެއިޚުންނަކީ ވެސް ފިރިހެނުންނަށް ވުމުން އެއީ އެ މީހުން އަންހެނުންގެ މައްޗަށް ބާރު ފޯރުވަން އެހެން ފިރިހެނުންނަށް ހިތްވަރު ދިނުމަށް ކުރާ ކަމެއް ކަމަށް ފަލަކަށް ޤަބޫލު ކުރެވުނެވެ. އެހެނަސް އެއީ ކުށްހީއެއް ހެއްޔެވެ؟ މަންމަ ވެސް ބުރުގާ އަޅައިގެން އުޅުނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާތީވެ ހެއްޔެވެ؟
ހިތަށް ވެރިވި އެ ޚިޔާލާއި އެކީ ފަލަކްގެ ސިކުނޑި ހިމޭންވާ ގޮތްވިއެވެ. އިސާހިތަކު މަންމަގެ އެތައް ހަނދާނެއް އެއްފަހަރާ އާވިއެވެ. މަންމަ ދުވަހަކުވެސް ބުރުގާއާއި މެދު ނުރުހުން ފާޅު ކުރި މަންޒަރެއް ފަލަކަށް ސިފައެއް ނުވެއެވެ. ހަނދާންވާހާ ވެސް ކަމަކީ މަންމަ ނުހަނު ލޯތްބާއިއެކީ މަންމަގެ ބުރުގާތައް ގެންގުޅުނު ކަމެވެ. ވިސްނިވިސްނިހެން އެކަން ޔަޤީންވާހާވިއެވެ.
މަންމަ ޢާއްމު ގޮތެއްގައި އަޅައި އުޅުނީވެސް ބޮޑެތި ބުރުގާތަކެވެ. ކޮންމެ ގަޑިއެއްގައި ވެސް ގެއިން ބޭރަށް ދާއިރު އަޅާނީ ބޮޑު ބުރުގާއެކެވެ. އެ ބުރުގާ އަޅަން ވަގުތު ނެގިޔަސްމެއެވެ. ފަލަކަށް ލިބިފައިވަނީ އޭގެ އިދިކޮޅު ސިފަތަކެވެ. ކުޑައިރު ނަމާދުކުރަން ފޮށާ އަޅާއިރު ވެސް އެ ކޮންމެ ކޮޅަކަށް އޮތަސް ފަލަކަށް ވަރިހަމައެވެ. އޭރުވެސް ފަލަކަށް ބުރުގާ އެޅުން ވަނީ ބުރަ ކަމަކަށެވެ.
“މަންމަގެ ލޯބިވާ ދަރިފުޅު…..ﷲ އަށްޓަކައި ކުރާ ކޮންމެ ކަމެއް ވީހާވެސް ރީއްޗަށް އަދި ފުރިހަމައަށް ކުރައްޗޭ. ދަރިފުޅު އެހެން ހުރިހާ ކަމެއްވެސް ކުރާހެން…”
މަންމަ ޢަރަބި ބަހުން އެ ބަސްތައް ބުނެފައިވަނީ ޢީދު ދުވަހެއްގައެވެ. އެ ޢީދު ދުވަހުގެ ޢީދު ނަމާދަށް ދިޔުމަށް މަންމަ ރީތި ހެދުމެއް ލެއްވުމުން ފަލަކް އޭނަގެ އަތުގައި އެޅީ ހެދުމާއި ގުޅޭނެ ކަހަލަ އުޅަލެކެވެ. އަދި ބޭރަށް ދިޔުމަށް ތައްޔާރުކޮށްލީ ވެސް އެ ހެދުމާއި ގުޅޭ ރަތްކުލައިގެ ބޫޓެކެވެ. އެހެނަސް ހަމަ އެވަގުތު މަންމަ ބުރުގާ އަޅަން ހަނދާން ކޮށްދިނުމުން ވީ ފޫއްސާއިއެކީ ގޭތެރެއަށް ދިޔައެވެ. އަދި އިސްތިރި ކުރާ މޭޒުމަތީގައި އޮތް ހުދު ބުރުގާއެއް ނަގައި ހިތަށް އެރި ގޮތަކަށް ބޮލަށް މަހައިލިއެވެ. މަންމަ އެ ބަސްތައް ބުނެލީ އޭނަގެ ބުރުގާ ރަނގަޅުކޮށްދީ، ދެކޮނޑުގައި ކަށިތައް ޖަހައިދެމުންނެވެ.
އެ މަންޒަރު ލޮލަށް ސިފަވުމުން ފަލަކްގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތެވެ. މަންމަ ބުރުގާ އަޅައިގެން އުޅުނީ ބައްޕަ މަޖުބޫރު ކުރުވައިގެން ކަމަށްވާނަމަ، މަންމަ އޭނައަށް ވެސް ބުރުގާ އަޅަން ހިތްވަރު ދޭނީ ކީއްވެތޯ ހިތަށްއެރިއެވެ. އަދި އަމުދުން މަންމަ ބުރުގާ އެޅީ ހަމައެކަނި މަންމަގެ ސަގާފަތާއި ގުޅޭ ކަމެއްގެ ގޮތުންނޭ ވެސް ބުނެވޭކަށް ނެތެވެ. އެދުވަހު މަންމަ ﷲ އަށްޓަކައި ކުރެވޭ ކަމެކޭ ބުނުމުން ފަލަކަށް ހީކުރެވުނީ އެއީ ޢީދު ނަމާދުގެ ވާހަކަ ކަމަށެވެ. އެހެނަސް މިއަދު އެކަމާއިމެދު ވިސްނައިލުމުން މަންމަ ދެއްކީ ބުރުގާގެ ވާހަކަކަން ދޭހަ ކުރެވުނެވެ.
ސިކުނޑިއަށް ވެރިވެގެން ދިޔަ އެ ޚިޔާލުތަކުން ފަލަކަށް އެނދުގައި އޮށޯވެލެވުނެވެ. އެއަށްފަހު ދެލޯ މަރައިލެވުނީ އޭނައަށް އެވަގުތު އެނގުންވި ޙަޤީޤަތްތަކަށް ފުރަގަސްދޭން ބޭނުންވާ ފަދައަކުންނެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނެވެ. 7 ޖަހަން ގާތްވަމުން ދިޔަ ވަގުތު އަފްޒަލް ކޮޓަރިން ނިކުތީ ރެސްޓޯރެންޓަށް ދިޔުމަށްޓަކައި ތާޒާވެ، ތައްޔާރުވެލައިގެންނެވެ. ކޮޓަރިން ނިކުމެ ދޮރު ލައްޕަމުން ދިޔަ ވަގުތު އާދައިގެ މަތިން އަފްޒަލަށް މަތިން ފެންނަމުން ދިޔަ ފަލަކްގެ ކޮޓަރިއާއި ދިމާލަށް ބަލައިލެވުނެވެ.
ލައްޕައިލެވިފައިވި އެ ދޮރަށް ބަލަން ހުރެ އަފްޒަލަށް ފަލަކާއިމެދު ފިކުރު ކުރެވުނެވެ. ރޭ ފަލަކަށް އެ ބަދަލެއް އައީ ކީއްވެތޯ ހިތަށްއެރިއެވެ. ވިސްނާ ވިސްނާ އެ ސުވާލުގެ ޖަވާބެއް އަފްޒަލަށް ނުލިބުނެވެ. އެކަމާއިމެދު ނޫރާއާއި ސުވާލު ކުރަން ޚިޔާލުވެސް ކުރެވުނެވެ. އެހެނަސް އެފަދަ ވާހަކައެއް ދެއްކުމުގެ ހިތްވަރެއް ނޫރާއަށް ލިބިފައިވާނެތޯ ހިތައި އެ ޚިޔާލާއި އެއްގޮތަށް ޢަމަލު ކުރުމުގެ ހިތްވަރެއް ނުލިބުނެވެ.
އަފްޒަލް ހީކުރި ގޮތާއި ޚިލާފަށް އޭނަ ހަމަ އެވަގުތު ކާމޭޒުދޮށާއި ކައިރިވަމުން ދިޔަ ވަގުތު ނޫރާ ބަދިގެއިން ނިކުތެވެ.
“އަނހަ ނޫރާ! ހާދަ އަވަހަކަށް ތި ހޭލީ؟ ޗުއްޓީ ހަދާލިނަމަ.” އަފްޒަލް ހިނިތުންވުމަކާއިއެކީ ނޫރާއާއި މުޚާތަބު ކުރީ، ބަރުބާދުވަމުން ދިޔަ އެ ޙަޔާތަށް ކުޑަވެސް އަލިކަމެއް ގެނެވޭތޯއެވެ.
“އާނ…..މަންމަމެންނަކަށް ނޯންނާނެ ޗުއްޓީއެއް. ކުޑަ މީހާ ހޭލައިފި…” ނޫރާ ވާހަކަ ދެއްކީ އަފްޒަލް ހީކުރި ވަރަށްވުރެ ރަނގަޅު ރާގަކަށެވެ.
“އެހެންދޯ ވަނީ؟” އަފްޒަލް ގޮސް ބަދިގެއަށް ވަނީ އޭނަ އަމިއްލައަށް ސައި ތައްޔާރު ކުރުމަށެވެ. އެވަގުތު ނޫރާ ނާއިލްއަށް ގޮވަން ފެށިއެވެ.
އަފްޒަލް ސައިބޯން ފެށި ވަގުތު ނޫރާ ނާއިލްއަށް ކާންދޭން ފަށާފައިވެއެވެ. ކުރީކޮޅު ނާއިލް، ނޫރާ ބިސްގަނޑު ދޭން އުޅުމުން ބޮޑާ ހޭކިއެވެ. އެހެނަސް ނޫރާ އެކިއެކި ވާހަކަތައް ކިޔައިދެމުން އެންމެ ފަހުން ފޯނު ދިނުމުން ކާންފެށިއެވެ. ނާއިލް އެއްކޮށް ފޯނަށް ގެއްލިފައިވިކަން ޔަޤީންވުމުން އަފްޒަލް ފުރުސަތުގެ ބޭނުން ހިފިއެވެ.
“ރޭ ފަލަކަށް ކިހިނެއްތަވީ؟ ނޫރާއާއިއެކީ ކާންވެސް ނާދޭދޯ؟ ފަލަކް ބުނެގެން އެކަމަކު ކެއްކީ. ހެހެ….” އަފްޒަލް ދުރުދުރުން ވާހަކަ ގެނެވޭތޯ މަސައްކަތް ކުރިއެވެ.
“އާނދޯ؟ ހީވަނީ އަސްލު ރޭގަ އަހަންނަށް ދެކެވުނު ވާހަކައަކުން ފަލަކް އަހަންނަށް ނުރުހުންވީހެން….ދެރަވެފަ މި ހުންނަނީ ވެސް އެކަމާއިހެދި. ފަލަކް ރޭ ދިން ނަސޭޙަތްތަކުން އަހަންނަށް ހިތްވަރެއް ލިބިފަ މިހިރީ…” ނޫރާ ދެރަވެފައި ކަހަލަ ގޮތަކަށް ބުންޏެވެ.
“ކޮންކަމަކާ ފަލަކް ނުރުހުންވީ؟” އަފްޒަލަށް އަހައިލެވުނެވެ.
“އެއީ…..ފަލަކަށް ހީކުރެވުނީ އަހަރެން ބުރުގާ އަޅައިގެން އުޅެނީ އަދުހަމް ބުނެގެން ކަމަށް. އެކަމަކު އަހަރެން ބުނިން ބުރުގާ އަޅަނީ އަހަރެން އަމިއްލައަށް އެދިގެންނޭ. ޢާއްމު ގޮތެއްގަ ބުރުގާ ނާޅާ ކުދިން އެކަހަލަ ވާހަކަތައް އިވުނީމަ ނުރުހުންވޭދޯ؟ އެ ވާހަކަ ދެކެވެން ފެށީމަ ވާހަކަ ކުރުކޮށްލާފަ ފަލަކް ކޮޓަރިން ނިކުމެގެން ދިޔައީ…” ނޫރާ ކިޔައިދިނެވެ.
ނޫރާގެ އެ ވާހަކަ އިވިފައި އަފްޒަލްގެ ދެބުމަ ކައިރި ވީހިނދު ތަބީޢަތް ގޯސްވިއެވެ. ފަލަކް ބުރުގާ ނާޅާ ޙާލުގައި ބުރުގާއަށް ނަފްރަތު ވެސް ކުރަނީތޯ ހިތް ސުވާލު ކުރުމުންނެވެ.
ފަލަކާއި ބެހޭގޮތުން ގޯސްކޮށް ވިސްނެން ފެށި ތަނާހެން ކާ މޭޒު ކައިރިއަށް އަންނަމުން ދިޔަ ޒައުލްގެ އަޑު އަފްޒަލަށް އިވުނެވެ.
“ދޮންބޭ އަހަރެން އެކުވެރިއެއްގެ ގެއަށް ވައްޓާލަދީބަލަ….އިންޓަނޭޝަނަލް ވިޑިއޯ ގޭމް ޓޯނަމެންޓެއްގަ ކުޅެން އަހަރުމެން މިއުޅެނީ…” ޒައުލް އެ އައި ގޮތަށް އައިސް މޭޒުމަތީގައި ހުރި މޭވާ ވަށިގަނޑުން ދޮންކެޔޮލެއް ނަގައި ކާން ފެށިއެވެ.
“ހޫން ގޭމެއް ކުޅެން އުޅޭތީދޯ މާ ހެނދުނާ ހޭލެވުނީ؟ އެކަމަކު ފަތިސް ނަމާދަށް ހޭލެވުނުތަ އަނެއްކާ؟” އަފްޒަލް ހިސާބެއްގެ ނުރުހުންތެރިކަމާއިއެކީ ސުވާލުކުރިއެވެ. މި ފަހުން އައިސް ޒައުލް އާދަޔާ ޚިލާފަށް ނަމާދުތަކަށް ފަރުވާ ކުޑަކަން އޭނައަށް ފާހަގަވެފައިވެއެވެ. މީގެ 3 މަހެއްހާ ކުރިން އޭނައާއިއެކީ މިސްކިތަށް ނަމާދަށް ގޮސް އުޅުނު ކޮއްކޮ ކޮބައިތޯ ސިކުނޑި އަހަމުން ދިޔައެވެ.
“ޑޯންޓް ބީ އަ ޑައުނާރ ދޮންބޭ….ގޭމުގެ ކުރިން މޫޑު ޚަރާބު ކުރާކަށް ބޭނުމެއްނޫން. ދޮންބެ ނިމިގެން އާދޭ…އަހަރެން ދޮންބެ ގާތު ދައްކަން ޖެހޭ މުހިއްމު ވާހަކައެއް ވެސް އެބައޮތް..” ޒައުލް އެހެން ބުނެ، ދޮންކެޔޮ ތޮށިގަނޑު ދުރުގައި ހުރި ޑަސްބިނާއި ދިމާލަށް އެއްލައިލުމަށްފަހު ގެއިން ނިކުންނަން ހިނގައިގަތެވެ. ޒައުލްގެ ކަންތައް ހުރި ގޮތް ފެނި އަފްޒަލަށް ބޯހޫރުވައިލެވުނެވެ.
އަފްޒަލް ގެއިން ނިކުތީ ސައިބޮއިގެން ތަށިތައް ވެސް ދޮވެ ނިންމާފައެވެ. ކާރުގެ ތަޅުދަނޑި ހިފައިގެން އަފްޒަލް ގޭގެ މައިދޮރުން ނިކުތީ، ލަސްވާތީ ޒައުލް ޝަކުވާ ކުރާނެއޭ ހިތާއެވެ. އެހެނަސް އަފްޒަލް ގޮސް ޒައުލްއާއި އަރާ ހަމަވީއިރު ވެސް ޒައުލް ހުރީ ފޯނަށް ގެއްލިފައެވެ. ނިކަން ހެވި ދިއްލިފައި ހުރެ މެސެޖުތަކެއް ލިޔަމުން ގެންދިޔައެވެ.
“އޮހޯ! ހެނދުނު ހެނދުނާ ލޯބީގެ ކަންތައް ވެސް ދަނީ ކުރިއަށްދޯ؟ މިކަމުން ގޭމަށް އަސަރެއް ނުކުރާނެބާ؟” އަފްޒަލް ޒައުލްގެ ފޯނުގެ ސްކްރީން ފެނޭތޯ މަސައްކަތް ކުރަމުން ދިމާކުރިއެވެ.
“ދެން ދޮންބޭ! #%@” ސަމާސާގެ ގޮތުގައި ފުރަތަމަ ފަހަރަށް ޒައުލްގެ ދުލުން ހުތުރު ބަސްތަކެއް އިވިގެން ދިޔުމުން އަފްޒަލަށް ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. ކުއްލި ގޮތަކަށް ހުއްޓުން އަރާ ގޮތްވިއެވެ.
އަފްޒަލަށް ވީ ގޮތް ފާހަގަވެ ޒައުލް ވެސް ކުއްލި ގޮތަކަށް ސީރިއަސްވެލިއެވެ. އަދި ވަކި އިތުރު އެއްޗެކޭ ނުބުނެ ކާރަށް އަރަން ދިޔައީ، އޭނަގެ ބަހުރުވައަށް އަފްޒަލް އެއްޗެކޭ ނުބުނާނެ ކަމަށް އުއްމީދު ކުރަމުން ފަދައެވެ. އަފްޒަލަށް އެކަން މާ ރަނގަޅަށް ވެސް އެނގުނެވެ. އެހެނަސް އަފްޒަލް އެއްޗެކޭ ނުބުނީ، އޭނަގެ މިޒާޖަށް އައި ބަދަލުން ވެސް ޒައުލްއަށް މެސެޖެއް ލިބިފައިވާނެ ކަމަށް އުއްމީދު ކުރަމުންނެވެ.
ކާރުގައި ދެބެއިން ދަތުރު ފެށިއިރު އެދެމެދަށް ވެރިވެފައިވީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ޒައުލް އޭނަ ދައްކަން އުޅުނު ވާހަކަ ވެސް ނުދައްކާ ހުރީ، ދޮންބެ އޭނައަށް ނުރުހުންވެފައި ހުރި ވަގުތެއްގައި އެ ވާހަކަ ނުދެއްކުމަށެވެ. އެހެނަސް….
“ކޮން ވާހަކައެއް ދައްކަން އުޅުނީ؟” އަފްޒަލް އެ ހިމޭންކަމުގެ ތެރެއިން ސުވާލުކުރިއެވެ. ޒައުލް ވަކި ދެވަނަ ވިސްނުމެއްނެތި ފުރުސަތުގެ ބޭނުން ހިފިއެވެ.
“އެއީ….ކޮލެޖުން އުޅެނީ އަހަރުމެންގެ ބެޗްގެ ކުދިންނަށް މެލޭޝިޔާ ފީލްޑް ޓްރިޕެއް ހަމަޖައްސައިގެން. ޓްރިޕަށް ގޮއްސަ އަހަރުމެން ކިޔަވާ އެއްޗެއްސާ ގުޅޭ ވަރަށް ގިނަ ތަންތަނަށް ދެވޭނެ. އެކަމަކު ޓިކެޓް ހަމަޖައްސަން ޖެހެނީ އަމިއްލައަށް….” ޒައުލް އެތައް ދުވަހެއް ވަންދެން ދައްކަން ބޭނުންވެގެން ހުރި ވާހަކަ ދެއްކިއެވެ.
“ދެން…ދޮންބެ ވީ އެ ޓިކެޓަށް ލާރި ދޭންތަ؟” އަފްޒަލް އެހިއެވެ.
“ޔެސް….ބަޓް އައި ޕްރޯމިސް ޖޮބެއް ހޯދައިގެން ދޮންބެއަށް އަނބުރާ އެ ލާރި ދޭނަން….” ޒައުލް އަވަސްއަވަހަށް ބުންޏެވެ.
“ލާރި ދޭށެކޭ ނުއެއް ބުނަމެއްނު؟ ކިޔެވުމަށް ޒައުލްއަށް ފަހިކޮށްދެވެން އޮތްހާ މަގެއް ފަހިކޮށްދިނުމަކީ ދޮންބެގެ ޢަޒުމެއް. ކޮންމެހެން ޒައުލްގެ ފަރާތުން ކަމަކަށް އެދިގެނެއް ނޫން ޒައުލްއަށް ޚަރަދު މި ކުރަނީ….އެކޮޅުން އެކޮމޮޑޭޝަން އަމިއްލައަށްތަ ހަމަޖައްސަން ޖެހެނީ؟” އަފްޒަލް އެހިއެވެ.
“އެކޮމޮޑޭޝަނަށް ވެސް ކޮންމެވެސް ވަރެއް ދޭންޖެހޭ. ހުރިހާ ކުދިން އެއް ބިލްޑިންގްއެއްގަ ތިބޭގޮތަށް ރާވާފަ އޮތީ…” ޒައުލް ބުންޏެވެ.
“އޮހް! އަނެއްކާ ކޮން ބިލްޑިންގްއެއް؟ ޒުހާގެ ބައްޕަގެ ބިލްޑިންގްއެއްތަ؟ އިފް އައިމް ނޮޓް ރޯންގް އެ މުއްސަނދި ބައްޕަގެ ވިޔަފާރި މެލޭޝިޔާގަ ވެސް އޮންނަ ވާހަކަ ޒައުލް ކިޔައިދިނިންދޯ؟” އަފްޒަލް ޒުހާގެ ނަން ގަތުމާއިއެކު ޒައުލްގެ މޫޑު ޚަރާބުވާ ގޮތްވިއެވެ.
“ހުމް…” ޒައުލްއަށް ވާހަކަ ދައްކާ ހިތެއްނެތި ބުނެވުނީ ހަމައެކަނި އެހާ ވަރަށެވެ.
“ކިހިނެއްވީ؟ ދެ މީހުން މައްސަލަ ޖެހުނީތަ؟” ޒައުލްގެ ފަރާތުން ލިބުނު ފިނި ޖަވާބުން އަފްޒަލަށް އަހައިލެވުނެވެ.
“ޒުހާއާ ބްރޭކް އަޕް ކުރަން މިއުޅެނީ.” ޒައުލް ސީދާސީދަލަށް ބުންޏެވެ.
“ވަޓް؟!” އަފްޒަލަށް ލިބުނީ ކުއްލި ސިހުމެކެވެ.
“ޔެސް…”
“ބަޓް ވާއި؟! މީގެ މަހެއްހާ ދުވަސް ކުރިން ޒައުލް ހުރީ މަންމަ ގާތު ވެސް އެ ކުއްޖާގެ ވާހަކަ ބުނަން. އެ ކުއްޖާއާއި ކައިވެނި ކުރާ ވާހަކަ ދައްކާކަށް ނޫންތަ؟”
“ޔެސް ބަޓް……އައި ޑޯންޓް ލައިކް ހާރ އެނީމޯ ދޮންބެ. އަހަރެންގެ ޓޭސްޓް ވަރަށް ބޮޑަށް ބަދަލުވެއްޖެ. ޒުހާއަކީ ވަރަށް ރަނގަޅު ކުއްޖެއް. ބަޓް އައިމް ނޮޓް އެޓްރެކްޓެޑް ޓު ހާރ އެނީމޯ.”
“ތި ދައްކަނީ ކޮން ވާހަކައެއްތަ ޒައުލް؟ މީގެ ދެ މަސް ކުރިން ޒައުލް ދޮންބެ ކައިރި ބުނީ އެއީ ތިމަންނައަށް ފެނުނު އެންމެ ރީތި އަންހެން ކުއްޖާއޭ…”
“އެއީ އެންޖެލާ ފެނުމުގެ ކުރިންނޭ!”
ޒައުލްއަށް ކުއްލިއަކަށް ބުނެވުނު ވާހަކައިން ޚުދު އޭނަ ވެސް ހުއްޓުމަކަށް އައެވެ.
“އެންޖެލާއޭ؟ ކޮން އެންޖެލާއެއް؟” އަފްޒަލަށް ސުވާލު ކުރެވުނެވެ.
“އެއީ އަހަންނަށް އިންސްޓާއިން ދިމާވި ކުއްޖެއް. ޒުހާއަށްވުރެ މާ ރީތިވެފަ އަހަރެން މާ ބޮޑަށް ލޯބިވާ ކުއްޖެއް އެއީ…”
“ލޯތްބޭ؟ ތިއީ ކޮން ދުވަހަކު ދިމާވި ކުއްޖެއް؟”
“މީގެ ދެ ހަފްތާ ވަރު ކުރިން”
“އެހާވަރު ވަގުތުކޮޅެއްގެ ތެރޭގަ އަހަރެއްހާ ދުވަސް ޒައުލްއަށް ދިން ކުއްޖާއަށް ފޫހިވީ؟ ތި އެންޖެލާ އަކީ މުސްލިމް ކުއްޖެއްތަ އަނެއްކާ؟”
“ނޫން….ކްރިސްޓިއަން ކުއްޖެއް…ކްރިސްޓިއަން ކުއްޖަކާ އިނުން ޙަލާލުވާނެ ވާހަކަ ސްކޫލުން އަޑު އެހިން”
“ޙަލާލު ނޫނޭ ދޮންބެއެއް ނުބުނަމޭ…ސުވާލަކީ ޒައުލް ޒުހާ ކަހަލަ ރަނގަޅު ކުއްޖަކު ދޫކުރަން ތި އުޅެނީ ކީއްވެހޭ؟ އެންޖެލާ ޒުހާއަށްވުރެ ރީތިވީމަތަ؟”
“ވެލް ޔޫ ކޭން ސޭއި ދެޓް. އެކަމަކު އެގޮތަށް ޚިޔާލު ބަދަލު ކުރުން ގޯހެއްނޫން ދޯ ދޮންބެ؟ ފިޒިކަލީ ވެސް އެޓްރެކްޓް ވާންޖެހޭނެ ފިއުޗާރ ޕާޓްނާރއަށް…”
“ހުމް….ޒައުލް ތި ބުނަނީ ހަމަ ރަނގަޅަށް. އެކަމަކު މީގަ މައްސަލައަކީ ޒުހާއާއި އެކީ އުޅެމުން ޒައުލް ޒުހާއަށް ބޭވަފާތެރިވާތީ. ދޮންބެ އެތައް ފަހަރެއްގެ މަތިން ބެލުން ތިރިކުރަން ޒައުލްއަށް ނަސޭޙަތްތެރިވަނީ މިހެންވީމަ. އަމިއްލަ ބައިވެރިޔާގެ ސޫރައާއި މެދު ހިތްހަމަޖެހުމަކީ މުހިއްމު ކަމެއް. އެކަމަކު އެ ބައިވެރިޔާއަށްވުރެ ރީތި މީހަކު ފެންނައިރަށް ޚިޔާލު ބަދަލު ކުރުމަކީ މައްސަލައެއް. މާދަމާ ޒައުލް އެންޖެލާއާއި އެކީ ދިރިއުޅުމެއް ފަށައިގެން އުޅެނިކޮށް އަދި އެންޖެލާއަށް ވުރެ ވެސް ރީތި ކުއްޖަކު އެހެން ތަނަކުން ފެނިދާނެ. ދެން ކިހިނެއް ހަދާނީ؟ ހަމަ އެ ކުއްޖެއްގެ ފަހަތުން ދާނީ؟”
އަފްޒަލް ނުރުހުންތެރިކަމާއިއެކީ ދިގުކޮށް ދެއްކި ވާހަކައިން ޒައުލް ހިމޭންވާ ގޮތްވިއެވެ. އެ ވާހަކަތަކަށް ބުނާނެ ވަކި އެއްޗެއް ނުވެސް އެނގުނީއެވެ.
“ޒައުލް ޒުހާ ދޫކޮށްލާކަށް ދޮންބެއަކަށް ނުފެނޭ. ޒައުލް ދައްކާފަ ހުރި ވާހަކަތަކުން އެއީ ނަމާދުވެސް ކުރާ، އަޚްލާޤުވެސް ރަނގަޅު ކުއްޖަކުހެން ދޮންބެއަށް ހީވަނީ. ޒައުލް ރާވާފަ އޮތް ގޮތަށް އެ ކުއްޖާއާއި ވީހާވެސް އަވަހަކަށް އިންނަން ދޮންބެ ނަސޭޙަތްތެރިވާނީ. މޮޔަ ޚިޔާލެއްގަ ހުރެ އެކަހަލަ ކުއްޖަކު ދޫކުރިއްޔާ މުޅި ޢުމުރު ދުވަހު ހިތާމަކުރަން ޖެހިދާނެ ޒައުލް…..ރީތިކަމަކީ ހުރިހާ ކަމެއް ނޫން. ހިތްހެޔޮ، އޯގާތެރި ހުރިހާ ޙާލަތެއްގަ ވެސް ޒައުލްއަށް ލޯބިދޭނެ ކުއްޖަކު ހޯދުން މުހިއްމީ…” އަފްޒަލް ބުންޏެވެ.
ދޮންބެގެ އެ ބަސްތައް އިވިގެން ދިޔަދިޔަހެން ޒުހާގެ އެތައް ހަނދާނެއް އެއްފަހަރާ ޒައުލްގެ ސިކުނޑިއަށް ވެރިވިއެވެ. ޒުހާ އޭނައަށްދޭ ލަދުވެތި ހިނިތުންވުންތަކެވެ. ވީޑިއޯ ކޯލަކުން ވެސް އޭނަ ފެނިފައި އެ ކޯތާފަތް ރަތްވެގެންދާ ގޮތެވެ. އެ މަންޒަރު ހަމަ ލޮލަށް ފެނުމަށް އޭނަ ކުރި އުއްމީދެވެ. އޭނަ ކަމަކާ ދެރަވެފައި ހުރިނަމަ އޭނަ ނުބުންޏަސް އޭނަ މެސެޖު ކުރާ ގޮތުން ވެސް ޒުހާ އެކަން ނަގައިގަންނަ ގޮތެވެ. އަދި ކޮންމެވެސް ގޮތަކުން އޭނަ ލައްވާ އެ ވާހަކައެއް ދައްކުވައި އޭނަގެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރާ ގޮތެވެ. އަދި ހަމަ އެހެންމެ އޭނަ ހެއްވާލަން އުޅޭ ގޮތެވެ. ލޯބިވެއޭ ނުބުނެވެސް އެތައް ގޮތަކުން އޭނަދެކެ ޒުހާ ލޯބިވާކަން އަންގާ ގޮތެވެ. އޭނައާއި ވާހަކަ ދައްކަން ބޭނުންކަން އަންގާ ގޮތެވެ. އޭނައާއި އެކީ މުސްތަޤްބަލުގައި އުޅެން ރާވާކަން ދުރުދުރުން އަންގާ ގޮތެވެ.
އެ ޚިޔާލުތަކުން ހިނދުކޮޅަކަށް ނަމަވެސް ދޮންބެ އެ ބުނީ ތެދު ވާހަކައެއްކަމަށް ހިތުގެ ކަނަކުން ގޮވިއެވެ. އެހެނަސް ހަމަ އެވަގުތު އޭނަގެ އެކުވެރިޔާ އުޅޭ ޢިމާރާތުގެ ކައިރިއަށް ކާރު މަޑުކޮށްލުމުން ޒައުލްއަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނެވެ. އަދި ދެވަނަ ވިސްނުމެއްނެތި ދޮންބެއާއި އެއްވެސް ވާހަކައެއް ދެއްކުމެއްނެތި ކާރުން ފޭބިއެވެ. ދޮންބެ ވެސް ވަކި އެއްޗެކޭ ނުބުނެ އޭނަ ބޭލުމަށްފަހު ކާރު ދުއްވައިލީއެވެ.
އެކުވެރިޔާގެ ގެއަށް ވަންނަން ޚިޔާލު ކުރުމަށްފަހު ވެސް ޒައުލްއަށް ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ. ދާދި ދެންމެއަކު އޭނަގެ ހިތުގައި ޒުހާއަށްޓަކައިވި އިޙްސާސްތައް އުތުރި އަރައިގެން ދިޔަ ގޮތުންނެވެ. އެ އިޙްސާސްތައް އަނެއްކާވެސް އޭނަގެ މައްޗަށް ބާރު ފޯރުވައި، އޭނަ ދޮންބެގެ ބަހަށް ހެއްލިދާނެ ކަމުގެ ބިރު ހީވިއެވެ.
އެހެނަސް މިހާ ހިސާބަށް އައިސް ޒައުލް އެންޖެލާއަށް ފަސްދޭކަށް ބޭނުމެއް ނުވިއެވެ. އޭނަ ހުވަފެންތަކުން އަބަދުވެސް ދެކެމުން އައި ބައިވެރިޔާގެ ހުރިހާ ބޭރުފުށުގެ ސިފަތައް އެންޖެލާއަށް ލިބިފައިވެއެވެ. އެހެންކަމުން އެންޖެލާ ދޫކޮށްލެވޭކަށް ނެތެވެ.
އެވަގުތު އެ ނިންމުނު ނިންމުމާއިއެކު ޒައުލް ޖިންސްގެ ޖީބުން ފޯނު ނެގިއެވެ. އަދި ކޮންޓެކްޓް ލިސްޓުން ޒުހާގެ ނަން ހޯދައި އެ ނަމަށް ފިތައިލިއެވެ. އެއާއިއެކު ޒުހާގެ ނަން ބޮޑުކޮށް އަރައި އެ ނަމުގެ ތިރިން ގުޅާ ބަޓަނާއި މެސެޖުކުރާ ބަޓަންތައް ފެނިގެން ދިޔައެވެ.
އާނއެކެވެ. މިއަދަކީ ބުރާސްފަތި ދުވަހުއެވެ. އޭނަ ޒުހާއާއި އެއްބަސްވެގެން ވާހަކަ ދައްކަން ނިންމާފައިވަނީ މި ދުވަހުގެ ހަވީރެވެ. އެއީ އެ ވަގުތަށް ޒުހާ މި ދުވަސްކޮޅު ހަދަމުންދާ އިމްތިޙާންތަކަށް ނިމުން އަންނާތީކަން ޒައުލްއަށް އެނގެއެވެ.
އެހެނަސް ޒައުލް ހަމަ އެވަގުތުން ވަގުތަށް ޒުހާއަށް ގުޅައި ދައްކަން ޖެހޭ ވާހަކަ ދައްކައި ނިންމަން ބޭނުންވިއެވެ. އެންމެ ސިކުންތެއްވެސް ލަސްކޮށްފިނަމަ އޭނަގެ ޚިޔާލު ބަދަލުވެދާނެކަމުގެ ބިރު ހީވީތީވެއެވެ. އެހެންކަމުން ޒައުލް ފަޅި ސިކުންތެއްގެ ތެރޭގައި ޒުހާއަށް ގުޅައިލިއެވެ.
**
އަރިމަތީ މޭޒުމަތީގައި އޮތް ޒުހާގެ ފޯނު ރިންގުވާން ފެށީ، ޒުހާ ޔުނިފޯމް ލައިގެން ސްކޫލާ ދިޔުމަށްޓަކައި ބުރުގާ އަޅަމުން ދިޔަ ވަގުތެވެ. ބުރުގާގައި ފަހު ޕިން ޖަހައިލުމަށްފަހު ޒުހާ ގޮސް ފޯނު ނަގައި ސްކްރީނަށް ބަލައިލިއެވެ. ސްކްރީނުން ޒައުލްގެ ނަން ފެނި، އިސާހިތަކު ޒުހާގެ އަތް ފިނިވެގެން ދިޔައެވެ. ޒައުލް އެ ގުޅަނީ ކީއްވެގެންކަން ޔަޤީނާއި ގާތްވީތީ ފޯނު ނުނަގަން ސިކުނޑި އެންގިއެވެ. އޭނަ އިރުކޮޅެއްގެ ތެރޭގައި ދާން އުޅެނީ ނުހަނު އުދަގޫ އިމްތިޙާނެއް ވެސް ހަދަންކަން ހަނދާން ކުރަމުންނެވެ. ނަމަވެސް ފޯނު ނުނެގިއްޔާ ވެސް އޭނައަށް މިކަމާއިމެދު ވިސްނޭނީއޭ ހިތައި ދެ ޚިޔާލެއްގެ މަތީގައި ހުރެ ޒުހާ ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ހައި…ޒައުލް.” ޒުހާ ކިތަންމެ ބޭނުމެއް ނުވިޔަސް އޭނަގެ އަޑު ނިކުތީ ލޯބިންނެވެ. މިއީ އޭނަ ޒައުލްއާއި ވާހަކަ ދައްކާ ފަހު ފަހަރަށް ވެދާނެކަމަށް އޭނަގެ ސިކުނޑި ބުނަމުން ދިޔައީތީވެއެވެ.
**
އެދުވަހުގެ މެންދުރު ވަގުތު ފަލަކް ހެދުން ފިހާރަތަކަށް ޒިޔާރަތް ކުރަމުން ދިޔައެވެ. ހެދުން ގަތުމުގެ ނިޔަތުގައި އޭނައަށް ރާއްޖޭގައި އުޅެމުން ނިކުމެވުނު ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އޭނައަކީ ފެމިނިން ޑިޒައިންސްގެ މަތީ ފެންވަރު ހުރި ހެދުމެއް ނޫނީ ނުލާ މީހެކެވެ. އެހެނަސް ގެއިން ނިކުތީ، ރާއްޖޭގައި އުޅޭތާ ވެސް ދުވަސްވެފައިވުމުން އެއް ހެދުންތަކެއް ލައިލައި އޭނަ ފޫހިވެފައިވާ ކަމުގެ ބަހަނާގައެވެ.
ފަލަކް އަމިއްލަ ނަފްސަށް ދެއްކި ހަމައެކަނި ބަހަނާއަކީ އެއީއެއް ނޫނެވެ. މީގެ އިތުރުން ރާއްޖޭގެ ފިހާރަތަކުގައި އޭނައަށް ކަމުދާ ޑިޒައިނަކަށް ރެޑީމޭޑް ހެދުމެއް ނުވެސް ހުންނާނެއޭ ހިތާހިތުން ފަލަކަށް ކިޔުނެވެ. އެ ބަހަނާގައި ފަލަކް ގޮސް ވަދެލީ ފޮތި ފިހާރައަކަށެވެ. ފޮތި ފިހާރައިގެ ތެރެއިން އަބާޔާ ފޮތި ހުރި ދިމާލަށް ފަލަކް ދިޔައީ، އެ ފޮތީގެ އޮމާންކަން އޭނައަށް ކަމުދާކަން ހަނދާން ކުރަމުންނެވެ. ފޮތިތައް ބަލަމުން ގޮސް ފަލަކް އެންމެ ފަހުން ޚިޔާރު ކޮށްލީ މަޑު އޮރެންޖު ކުލައިގެ ފޮތިގަނޑެކެވެ. އެ ފޮތިގަނޑުން ބައެއް ކަނޑަން ފަލަކަށް އެދެވުނީ ދިގު ހެދުމެއްގެ ފެހޭނެ މިނެއްގައިކަން ޚުދު އޭނައަށް ވެސް އެނގުންވިއެވެ. އޭނަ ދިގު ހެދުމަކާއިމެދު ޚިޔާލު ކުރަނީ ކީއްވެތޯ ސިކުނޑީގެ ކަނަކުން ސުވާލުކުރިއެވެ.
ފަލަކް އަވަސްއަވަހަށް އެ ސުވާލަށް ޖަވާބުދިނީ، އެއީ ވަކި ދިގު ހެދުމެއް ފަހާކަށް ނޫންކަމަށް އަމިއްލަ ޒަމީރުގާތު ބުނަމުންނެވެ. ކުރު ހެދުމެއްގެ ފަސްބައި ބޯކުރަން ވެސް އޭނަ ގިނައިން ފޮތި ގަނެ އުޅެއެވެ. އެ ޚިޔާލާއި އެކީ ހިތްހަމަ ޖައްސައިލަމުން ފަލަކް އެ ފޮތިގަނޑު ކައުންޓަރަށް ފޮނުވައިލިއެވެ.
އެއަށްފަހު ފަލަކް އަނެއްކާވެސް ފިހާރަ ތެރެއިން ހިނގަންފެށީ، އެހެން ރީތި ފޮތިގަނޑެއް ފެނޭތޯއެވެ. ހިނގަމުން ދަނިކޮށް އެކި ކުލަކުލައިގެ ޝޯލް އެޅުވިފައިވި ހަރުގަނޑަކާއި ފަލަކް އަރާ ހަމަވިއެވެ. އެއާއިއެކު ފަލަކަށް ނޭނގި އޭނަގެ ފިޔަވަޅުތައް ލަސްވެގެން ދިޔައެވެ. އެ ޝޯލްތަކުގެ ތެރެއިން ފަލަކަށް ހިފައިލެވުނީ، ސީދާ އޮމާން ރޫތަކެއް ނެގިފައިވި ހުދުކުލައިގެ ޝޯލްއެއްގައެވެ.
މި ޝޯލްއާއި އޭނަ ދެންމެ ގަތް ފޮތިގަނޑު ނުހަނު ގުޅޭނެ ކަމަށް ސިކުނޑި ބުނެލީ ހިނދު، އަތުގައި އެޅުވިފައިވި އަތްދަބަހުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. އިސާހިތަކު ލިބިގެން ދިޔަ ސިހުމާއިއެކު ފަލަކަށް އެ ޝޯލްއިން ދޫކޮށްލެވުނެވެ. އޭނައަށް މި ކުރެވެނީ ކޮން ކަހަލަ ޚިޔާލުތަކެއްތޯ ހިތާހިތުން ކިޔަމުން ދަބަސް ތެރެއިން ފޯނު ނަގައިލެވުނެވެ. ގުޅަނީ އަފްޒަލްކަން އެނގި، ފަލަކް ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“އައްސަލާމްޢަލައިކުމް.” ފަލަކް ބުންޏެވެ.
“ވަޢަލައިކުމުއްސަލާމް ވަރަޙްމަތު ﷲ….ހާދަ ގިނަ ޑިޒައިނެކޭ މިއަދު ހެނދުނު ފޮނުވާފަ ހުރީ. ހެހެ….ހުރިހާ އެއްޗެއް އެއްފަހަރާ ދޯ ތި ފޮނުވައިލީ؟” އަފްޒަލް ވާހަކަ ދެއްކީ، ކްރިސްޓަލް ޢިމާރާތުގެ އިދާރީ އޮފީހުގެ މޭޒުދޮށުގައި އިނދެއެވެ.
“އާނ….ކަމުދޭތަ ޑިޒައިންތައް؟” ފަލަކް އެހިއެވެ.
“ކަމުދޭ….އެކަމަކު މޭޒު ފޮތިގަނޑުގެ ޑިޒައިނަށް އަދި ބަދަލެއް ގެންނަން ބޭނުން. މިއަދު އަހަރެން ގެއަށް ދިޔައިމަ ޑިސްކަސް ކުރަމާ….ނޫރާ ކިހިނެއް؟” އަފްޒަލް އެހިއެވެ.
“ނޫރާ ނާއިލްގެ ހޯމްވޯކްތައް ހައްދަން އުޅޭ އަހަރެން އައިއިރު. ފިހާރައަކަށް އައިސް މިހިރީ. ޝޯލ- ހެދުން ގަންނަން!” ބުނަން ނުޖެހޭ އެއްޗެއް ބުނެވުނު ފަދައިން ފަލަކަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ.
“އޮހް! ނޫރާ އެއްކަލަ ކައުންސެލާރއާއި ގުޅައިދޭންވީނު ވީހާވެސް އަވަހަކަށް؟”
“އާނ….އަފްޒަލްގާތު ބުނަންވެގެންނޭ އަހަރެން މިހިރީ. ވީކެއްގެ ތެރޭގަ އެ ކައުންސެލާރ މިކޮޅަށް އެބައާދޭ. ކޮންމެވެސް ޕްރައިވެޓް ކްލިނިކެއްގަ ވީކެއް ވަންދެން ވޯކްކުރާނެ. އެހެންވީމަ އިން ޕާރސަން ނޫރާ ގެންދަން ކަމަށް މި ޚިޔާލު ކުރަނީ…”
“ދެޓްސް ގްރޭޓް!”
“ޔާ….ނޫރާ އެއްކޮށް ރަނގަޅު ވަންދެން މިކޮޅުގަ މަޑުކުރަން އަހަރެން ޚިޔާލު ކުރީ. އެކަމަކު މިހާރު ނޫރާގެ ޙާލަތަށް ބަލާފަ ދެން ޑޮކްޓާރ ވެސް ކޮންސަލްޓް ކުރަން ފެށީމަ އޯކޭވާނެހެން ހީވަނީ…..”
“އޮހް…. ފަލަކް ތިއުޅެނީ އަނބުރާ ދާންތަ؟”
އަފްޒަލް ކޮށްލި ސުވާލާއި އެކީ އެ ދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. އެ ސުވާލުގައިވި ދެރަކަން އެ ދެމީހުންނަށް ވެސް އިޙްސާސް ކުރެވުނެވެ.
“ހުމް…..މިހާރު ރެސްޓޯރެންޓުގެ ވެސް ހުރިހާ ކަމެއް އަނެއްހެން ނިމުނީދޯ؟ ދެން އަހަރެން ހުރުމުގެ ބޭނުމެއް ނެތެއްނު؟” ފަލަކް ބުންޏެވެ. އެއާއިއެކު ވަގުތުން އެ ޖުމްލަ އަތުރައިލެވުނު ގޮތާއިމެދު ހިތާމަ ކުރެވުނެވެ.
“އާނދޯ؟ ހެހެ….ދެން ބޭއްވީ އިނގޭ؟ ޝޮޕިންގްގަދޯ ތިއުޅެނީ؟ އެންޖޯއި!” އަފްޒަލް ހީލަމުން ވާހަކަ ކުރުކޮށްލީ ގޮތުން ފަލަކް އިތުރަށް ދެރަވާ ގޮތްވިއެވެ.
“ހުމް…ޔޫ ޓޫ. ބާއި.” ފަލަކް އެހެން ބުނުމާއިއެކު އަފްޒަލް ވެސް އަލްވަދާޢު ކިޔުމަށްފަހު ފޯނު ކަނޑައިލިއެވެ.
**
ފޯނު ކަނޑައިލުމަށްފަހު އަފްޒަލަށް ފޯނު މޭޒުމައްޗަށް ދޫކޮށްލަމުން އިށީނދެގެން އިން ގޮނޑިއަށް ލެނގިލެވުނެވެ. އޭނައަށް މި ފެންނަނީ އިސްތިޚާރާގެ ނިޝާންތަކެއްތޯ ހިތަށްއެރިއެވެ. ފަލަކް ބުރުގާއަށް ނުރުހުންވުމެވެ. އެކަމާއިމެދު އޭނަ ހިތްހަމަނުޖެހުމެވެ. އަދި ކައިވެނީގެ އިތުރު ވާހަކައެއް ދެކެވުމެއްވެސް ނެތި ފަލަކް އަނބުރައި ދާން އުޅޭ ގޮތެވެ.
އެ ނިޝާންތައް މިޞްރާބު ދެނީ ކޮން ދިމާލަކަށްކަން އަފްޒަލް ޤަބޫލުކުރަން ބޭނުމެއް ނުވިއެވެ. އެހެނީ އޭނައަށް ފަލަކްގެ ފަރާތުން ފެނިފައިވަނީ ހާދަ ރީތި ސިފަތަކެވެ. މަންމައާއި މުޚާތަބު ކުރާ އިޙްތިރާމުން ފުރިގެންވާ ރާގެވެ. ބަރާބަރަށް ނަމާދު ޤާއިމް ކުރުމެވެ. ނޫރާ ފަދަ ނިކަމެތި އަންހެން ކުއްޖަކަށް އެހީވުމަށް އެކި ދުރުމިންތަކަށް ދިޔުމެވެ. ނާއިލްއަށް ވެސް އޯގާތެރިކޮށް ހިތުމެވެ.
އެހެނަސް ހަމައެކަނި އެ ކަންތަކުން އޭނައަށް ފަލަކާއި އެކީ އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ހެއްޔެވެ؟ ޢައުރަ ނިވާކުރުމަކީ ވާޖިބެއްކަން އޭނަ ދެކޭ ހިނދު ޢައުރަ ނިވާ ނުކުރާ އަންހެނަކާއި އެކީ އުޅެވިދާނެ ހެއްޔެވެ؟ ޒައުލް ފަދައިން ފަލަކްގެ ރީތިކަމުން އޭނަގެ ލޮލުގައި ވެސް އަނދުން އެޅިފައިވަނީ ހެއްޔެވެ؟
އެ ފަހު ސުވާލަށް ސިކުނޑީގެ ކަނަކުން އާނއެކޭ ބުނި އަޑު އަފްޒަލަށް އިވުނެވެ. އެއާއިއެކު އޭނަ އެދުވަހު ހެނދުނު ޒައުލްއަށް ދިން ނަސޭޙަތް އަމިއްލަ ނަފްސާއި ގުޅޭނެ ފަދައަކުން ސިކުނޑީގައި ގުގުމައިލިއެވެ. ރީތިކަމަކީ ހުރިހާ ކަމެއް ނޫނެވެ. ޚިޔާރު ކުރާ ބައިވެރިޔާއަކީ ތިމާ ޤަބޫލު ކުރާ ޤަބޫލު ކުރުންތަކަށް އިޙްތިރާމްކުރާ މީހަކަށް ވެސް ވާންޖެހެއެވެ. އެ ބައިވެރިޔާއަކީ ﷲ އާއި ގާތްވުމަށް ތިބާއަށް އެހީތެރިވެދޭ މީހަކަށް ވާންޖެހެއެވެ. އަދި އެމީހަކީ ދުނިޔެއާއި އާޚިރަތުގެ ވެސް ކާމިޔާބަށް ތިބާ ވާސިލުކޮށްދޭ މީހަކަށް ވާންޖެހެއެވެ.
މި ހުރިހާ ކަމަކުން ދޭހަވަނީ އޭނަ ފަލަކާއި މެދު އުއްމީދު ކަނޑައިލަން ޖެހޭ ކަމަށްތޯ އަފްޒަލްގެ ހިތް ސުވާލުކުރިއެވެ.
ނުނިމޭ
Omg
July 30, 2023 @ 6:05 am
Omg wow