ޤަދަރު (ހަތްވަނަ ބައި)
ސައިކަލުގައި ‘ކްރިސްޓަލް’ ޢިމާރާތާއި ގާތްވަމުން ދިޔަދިޔަހެން ފިޔާތޮށި ކުލައިގެ ޓްރެކް ސޫޓެއްގައި ހިނގާފައި އަންނަމުން ދިޔަ ކުއްޖަކު އަފްޒަލަށް ފާހަގަވިއެވެ. ރީތި ކުލައެއްގެ ހެދުމެއްގައި ބުރުގާ ނާޅާ ކުއްޖަކު ފެނުމުން އަފްޒަލް އެދިމާލަށް ސަމާލުކަން ދޭން ނުހަނު ބޭނުންވިއެވެ. އަދި އެއީ ރޭ އޭނައަށް ފެނުނު ކުއްޖާ ކަމަށް ވެދާނެ ކަމަށް ހިތް ބުނި ހިނދު އިތުރަށް ބަލަން ބޭނުންވިއެވެ. އެހެނަސް އަފްޒަލް ވީ ވަރަކުން އެހެން ދިމާލަކަށް ނަޒަރުތައް ބަދަލު ކުރަމުން ދިޔައީ އެ ޢަމަލުގެ ސަވާބަށް އެދިގެންނެވެ. ސައިކަލު ޕާކްކުރި ވަގުތު ބޭއިޚްތިޔާރުގައި އެކުއްޖާއަށް ބެލުނުއިރު އެ ކުއްޖާ ވެސް އޭނައަށް ބަލަން ހުރިތަން ފެނި އަފްޒަލް ކުޑަކޮށް ހުއްޓުން އެރިއެވެ. އެހެނަސް އެ ސޫރަ ނަގައިގަނެވުމުގެ ކުރިން އެ ކުއްޖާ ޢިމާރާތުގެ ތެރެއަށް ވަދެގެން ދިޔައެވެ.
އެ ކުއްޖާގެ ފަހަތުން ކަހަލަ ގޮތަކަށް އަފްޒަލް ފޯނާއި ކުޅެމުން ޢިމާރާތަށް ވަންނަން ދިޔައީ ވެސް އެ އަންހެން ކުއްޖާއަށް ނުބަލަން އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުންނެވެ. އާދައިގެ ހިނގުމެއްގައި ދަނިކޮށް ލިފްޓު ބަންދުވަމުން ދިޔަތަން ފެނި އަފްޒަލަށް އެ ދިމާލަށް ދުއްވައިގަނެވުނެވެ. އަދި ދޮރު ބަންދުވުމުގެ ކުރިން ދޮރު ހުޅުވައިލީ، މަންމަ އެދިފައިވާ ކަމެއް ވީހާވެސް އަވަހަކަށް ފުރިހަމަ ކޮށްދިނުމަށް ހިތް އެދެމުން ދިޔަ ވަރުންނެވެ.
“އެކްސްކިއުޒް މީ…” އަފްޒަލް އެހެން ބުނެލަމުން ލިފްޓަށް ވަނީ، ދެންމެ ފެނުނު އަންހެން ކުއްޖާ އެތާ ހުރިކަން އެނގުންވުމުންނެވެ. އެއަށްފަހު ދެންވެސް ވަކި އެކުއްޖާއަށް ބެލުމެއްނެތި އޭނަ ދާންޖެހޭ ފްލޯރގެ ނަންބަރަށް ފިތައިލީ، ދެން އެކުއްޖާއާއި ވަކި ވާހަކައެއް ނުދައްކަން ނިންމަމުންނެވެ. އެހެނަސް އެވަގުތު އޭނަ ފިތައިލި ނަންބަރު ނޫން އެހެން ނަންބަރެއް ދިއްލިފައި ނެތްކަން އެނގުންވުމުން އަފްޒަލަށް އެ ދިމާލަށް ބަލައިލެވުނެވެ.
“ކޮން ފްލޯރއަކަށް…..އޮހް! ރޭގަ ދިމާވި ކުއްޖާދޯ ތިއީ؟” އެއީ ރޭގަ ފެނުނު ކުއްޖާކަން ޔަޤީންވުމާއިއެކު އަފްޒަލަށް އަހައިލެވުނެވެ. އެހިނދު ލުއި ހިނިތުންވުމެއް އޭނަގެ ތުންފަތްމަތިން ކުރެހުނީ ޚުދު އޭނައަށް ވެސް ނޭނގިއެވެ.
ސުވާލުގެ ޖަވާބުގައި އެ ކުއްޖާ ނުރުހުންވެފައިވާ ފަދައަކުން ހަމައެކަނި ހޫންލައްވައިލުމުން އަފްޒަލް ހިސާބަކަށް ދެރަވެސްވިއެވެ. އެހެނަސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އޭނަ އިތުރަށް ވާހަކަ ދެއްކިއެވެ.
“ކޮން ފްލޯރއެއްގަތަ އުޅެނީ؟” އަފްޒަލް އަހައިލިއެވެ.
“ސޭމް…” އެކުއްޖާ ނަންބަރުތަކާއި ދިމާލަށް ބޮލުން ޢިޝާރާތް ކުރަމުން ބުންޏެވެ.
“ގްރޭޓް!” ހިނިތުންވުމަކާއިއެކީ އަފްޒަލަށް އުފަލުން އެހެން ބުނެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އުފަލެއް ލިބުނީ އެ އަންހެން ކުއްޖާ ވެސް އޭނަ ދާ މަންޒިލަށް ދާތީވެކަން އަފްޒަލަށް އެވަގުތު އެނގުންވިއެވެ. އެއާއިއެކު އަފްޒަލް އަނެއްކާވެސް އޭނަގެ ފޯނު ހިއްލައިލަމުން ފޯނާއި ކުޅެން ފެށީ އޭނަގެ ޚިޔާލުތައް ހަމައަކަށް އެޅުވުމަށެވެ.
ލިފްޓު މަޑު ކުރުމާއިއެކު އަފްޒަލް އެކުއްޖާއަށްވުރެ ކުރިން ލިފްޓުން ފައިބައިގެން ދިޔައީ އިތުރަށް އެކުއްޖާއަށް ސަމާލުކަން ނުދިނުމަށެވެ. އިތުރަށް ސަމާލުކަން ދެވިއްޖެނަމަ އޭނައަށް އަމިއްލަ އިންތަކުގެ ތެރެއިން ބޭރު ވެވިދާނެހެން ހީވުމުންނެވެ. އިތުރަށް އެކުއްޖާއާއި އެންމެ ވާހަކައެއް ވެސް ނުދައްކަން ޢަޒުމް ކަނޑައަޅައިގެން ކުރިއަށް ދަނިކޮށް، އަފްޒަލްގެ ފިޔަވަޅުތައް މަޑުޖެހުނީ ފަހަތުން އެކުއްޖާގެ އަޑު އިވުމުންނެވެ.
“ޔޫ ނީޑް ޓު ސްޓޮޕް ދިސް!” ރުޅިވެރި އަޑަކުން އެކުއްޖާ އެހެން ބުނެލި އަޑަށް އަފްޒަލަށް ލިބުނީ ޝޮކެކެވެ. އެކުއްޖާ އެ ބަސްތައް މުޚާތަބު ކުރީ އެހެން މީހަކާއޭ ވެސް ހިތައި ފަހަތަށް ބަލައިލެވުނެވެ. އެހެނަސް އަންހެން ކުއްޖާ އޭނައަށް ރުޅިވެރި ނަޒަރެއް ދީގެން ހުރިތަން ފެނި ވާހަކަ ދެކެވުނެވެ.
“ސްޓޮޕް ވަޓް؟” އަފްޒަލަށް އަހައިލެވުނެވެ.
“ނޫންކަމަށް ހެދޭނެ ކަމެއްނެތް. ތި އުޅެނީ އެކި ގޮތްގޮތުން އަހަރެން ސްޓޯކް ކޮށްގެން އައިސް އަހަރެންގެ ފަހަތުން އުޅެން ނޫންތަ؟!” އަންހެން ކުއްޖާ ދެން ބުނެލި ބަސްތަކުން ލިބުނު ޝޮކާއިއެކީ އަފްޒަލަށް ނުރުހުންތެރި ވެސް ވެވުނެވެ.
“ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް؟” އަފްޒަލަށް ސުވާލު ކުރެވުނެވެ. އެހިނދު ކުރިމަތިން ފެންނަމުން ދިޔަ އަންހެން ކުއްޖާގެ ރީތި ކަމަށް ވުރެ ވެސް ބޮޑަށް ސަމާލުކަން ދެވުނީ އެ މޫނުމަތީގައިވި ރުޅިވެރި ކަމަށެވެ.
“އަޑު އިވިފައިވާ ގޮތުގަ މި ފްލޯރއަކީ ހަމައެކަނި މަހުޖަނުންނަށް ނޫނީ އެފޯޑް ނުވެވޭނެ ފަންގިފިލާއެއް. އާދައިގެ ޓެކްސީ ޑްރައިވަރަކަށް މި ފަންގިފިލާގެ ރޫމެއް ބުކް ނުކުރެވޭނެކަން ޔަޤީން. ވީއިރު ތި މީހަކު އަދި އަހަރެން ރޫމަށް ވަދެގެންދާ ވަގުތު މި ފަންގިފިލާއަށް އަންނަންޖެހޭނެ ސަބަބެއް ނުވިސްނޭ!”
އިވިގެން ދިޔަ އެ ބަސްތަކާއިއެކީ އަފްޒަލް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނައަކީ ޢާއްމު ގޮތެއްގައި މިފަދައިން ރުޅި އަންނަ މީހެއް ވެސް ނޫނެވެ. ކަމަކާއިމެދު ނުރުހުންތެރި ވިޔަސް އެއީ އޭނައާއި ކުރިމަތިވާ އިމްތިޙާނެއްކަން ދަނެ، މަޑުމައިތިރިކަން އިސް ކުރެވެއެވެ.
އެހެނަސް އެ ވަގުތު އައި ރުޅީގައި އޭނައަށް އަޑު އިސް ނުކުރެވުނީ ހަމަ ކިރިޔާއެވެ. ކުރިމަތިން ފެންނަމުން ދިޔަ އަންހެން ކުއްޖާއަށް އޭނަ އެއަށްވުރެ ބޮޑަށް އެނގެންޖެހޭނެ ކަމުގެ ޝަކުވާ ހިތުގައި އޮތް ފަދައެވެ. އެއީ އޭނައަށް ނަންވެސް ނޭނގޭ ބީރައްޓެހި ކުއްޖަކަށް ވާއިރުވެސް ހިތުގައި އެ ޝަކުވާ އުފެދުނު އެއްވެސް ސަބަބެއް ނުވިސްނުނެވެ.
އަޑު ހަރު ކުރަން ބޭނުންވިއެއްކަމަކު އަފްޒަލް އަޑު ހަރު ކުރާ ހިތެއް ނުވިއެވެ. ރުޅި އައުމުން މަޑުމައިތިރިކަން ޚިޔާރު ކުރުމަކީ ސުންނަތެއްކަން ހަނދާން ކުރަމުންނެވެ. އެހެންކަމުން އަފްޒަލް އޭނަގެ ރަނގަޅުކަން ސާބިތު ކުރުމަށްޓަކައި ފުން ނޭވައެއް ދޫކޮށްލަމުން އޭނަގެ ޖިންސްގެ ޖީބުން ކީ ކާޑު ނެގިއެވެ. އަދި ވަކި އެއްޗެކޭ ނުބުނެ އެ ކާޑު ހިފައިގެން ގޮސް އޭނަގެ ރޫމުގެ ދޮރު ހުޅުވިއެވެ. އެތެރެއަށް ދާން އުޅެފައިވެސް އަފްޒަލަށް ފަހަތް ބަލައިލެވުނީ އެ ކުއްޖާއަށް އޭނަގެ ނަސޭޙަތެއް ބޭނުންވާކަމަށް ޤަބޫލު ކުރެވުމުންނެވެ.
“ހީވާ ކޮންމެ ހީވުމަކީ ރަނގަޅު ހީވުމެއްނޫން…” ރުޅި އެވަގުތު ހިސާބަކަށް މަޑުވެފައިވުމުން އަފްޒަލް އެހެން ބުނެލީ މަޑުމައިތިރި އަޑަކުންނެވެ. އެއަށްފަހު އަފްޒަލް އިތުރަށް ނުހުރެ ރޫމަށް ވަދެ ދޮރު ލައްޕައިލިއެވެ.
**
ނަން ނޭނގޭ ޒުވާނާގެ ޙަރަކާތްތައް ފެނި އައި ރުޅިއާއިއެކީ ފަލަކް އޭނަގެ ރޫމަށް ވަދެ ބާރަށް ދޮރު ލައްޕައިލިއެވެ. އެހިނދު އޭނަ ރުޅި އައިސްފައިވީ އަމިއްލަ ނަފްސަށް ކަމެއް ނޫނީ އެ ޒުވާނާ ދެކެކަމެއް ނަގައިގަންނަން ފަލަކަށް ދަތިވިއެވެ. އެހެނަސް އެނދުމަތީގައި ގޮސް އިށީން ވަގުތު ހަމަ ގައިމުވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ، ދުވަހަކުވެސް ނުކުރެވޭ އިޙްސާސްތަކާއި އެކީގައެވެ. ފިރިހެނެއްގެ ކުރިމަތީގައި އޭނަ މިފަދަ ގޮތަކަށް ލަދުގަތް ފުރަތަމަ ފަހަރަކީ މިއީއެވެ. އޭނައަށް އެ ޒުވާނާގެ ޝަޚްޞިއްޔަތު ނަގައިގަނެވުނީ ނުބައިކޮށްކަން ޤަބޫލު ކުރަން އަދިވެސް ދަތިވެފައިވިއެވެ. އެހެނަސް އެ ޒުވާނާގެ މައުސޫމްކަން ވެސް އޭނަގެ ހިތުގެ އަޑިން ޤަބޫލު ކުރެވިފައިވިއެވެ. އެ ޒުވާނާއަށް އޭނަ މަޢާފަށް އެދެންޖެހޭތޯ އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނު ހިނދު ދުވަހަކުވެސް ނުވާފަދަ އުދަގުލެއް ފަލަކަށް އިޙްސާސް ކުރެވުނެވެ.
ހައިޖާނެއް އުފެދިގެން ދިޔަ ހިތާއި ސިކުނޑީގައި ސަބަބުން ފަލަކަށް އިސްތަށިގަނޑުގައި ހިފައި ދަތްކުނޑި ވިކައިލަމުން އަޑެއް ލައްވައިލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ފަލަކް އިސްތަށިގަނޑުން ދޫކޮށް، ސީދާވެލަމުން ފުން ނޭވާތަކެއް ލާން ފެށިއެވެ. އެއާއިއެކު ކުޑަކޮށް ހަމައަކަށް އެޅުމުން ފަލަކަށް ރަނގަޅަށް ވިސްނެން ފެށިއެވެ. އެ ޒުވާނާ މިއަދަށްފަހު އޭނައަށް ނުފެންނާނެކަމަށް އަމިއްލަ ޒަމީރުގާތު ބުނެވުނެވެ. ފެނުނަސް އޭނަ ނުފެންނަ ކަމަށް ހަދާނެއެވެ. އާނއެކެވެ. އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. އޭނަ ވަކި ފިރިހެނަކަށް މަޢާފަށް އެދެން ނުޖެހޭނެއެވެ. ފިރިހެނުންގެ ގިނަ ބަޔަކީ ނުލަފާ ބަޔަކަށް ވީ ހިނދު އޭނައަށް މިއަދު ހީކުރެވުނު ގޮތަށް ކޮންމެ އަންހެން ކުއްޖަކަށް ވެސް ހީކުރެވިދާނެއެވެ. އެ ޒުވާނާއަށް ވެސް އެކަން ވިސްނެން ވާނެއެވެ.
ސިކުނޑިއަށް ވެރިވި އެ ޚިޔާލުތަކާއިއެކީ ލިބުނު ހަމަޖެހުމާއިއެކު ފަލަކް ފާރުގައި ހުރި ގަޑިއަށް ނަޒަރެއް ދިނެވެ. އެވަގުތު 8 ޖަހަން ގާތްވަމުން ދިޔަ މަންޒަރު ފެނި، ފަލަކަށް އެނދުން ތެދުވެ، ޙަރަކާތްތައް އަވަސްކޮށްލެވުނެވެ. ހަމަ އެހިނދު އޭނަ މާލެ މި އައީ ވަކި ފިރިހެނަކާއިމެދު ވިސްނާ ފިކުރު ކުރާކަށް ނޫންކަމަށް ފަލަކް އަމިއްލަ ނަފްސަށް ހަނދާން ކޮށްދިނެވެ. ވިޔަފާރީގައި އެތައް އަހަރެއް ވަންދެން އުޅެފައިވުމުން ފަލަކަށް މިފަދައިން ދަތުރެއްގައި އަޔަސް ދުވަސްތައް ތާވަލުކޮށްގެން މަސައްކަތް ކުރެވެއެވެ. މިގޮތުން އޭނަ ވަނީ 8:30 ވުމުގެ ކުރިން ސައިބޮއިގެން މާލޭގެ ހެދުން ފިހާރަތައް ބަލަން ދިޔުމަށް ރާވާފައެވެ. މާލޭގައި އޭނަގެ ކުންފުނީގެ ގޮތްޕެއް ހުޅުވުމަށް މާލޭގައި އެންމެ ހިނގާ ޒާތުގެ ހެދުންތަކުގެ ވައްޓަފާޅި ދެނެގަތުން މުހިއްމުވާތީވެއެވެ.
ބަރާބަރު 8:30 ވީ ވަގުތު ފަލަކް އިނީ އޭނަ ގުޅައިލި ޓެކްސީގެ ފަހަތު ސީޓުގައެވެ. މި ނޫނަސް އޭނަ މާލެ އައިސްފައިވުމުން ޓެކްސީއެއް ހޯދަން ގުޅަންވީ ނަންބަރުތައް އޭނައަށް އެނގެއެވެ. އޭނަ އެއާރޕޯޓުން ނަގަން އަންނާނީ ޢާއްމު ގޮތެއްގައި ބައްޕަ ހަމަޖައްސާފައި އޮންނަ ޓެކްސީއެކެވެ.
އެކަމާއިމެދު ވިސްނުމުން އަނެއްކާވެސް ފަލަކްގެ ޚިޔާލުތައް އެ ޒުވާނާއަށް އެނބުރިގެން ދިޔައެވެ. މި ހުރިހާ ދުވަސް ވަންދެން އޭނަ މާލެ އައިސް އެކި ޓެކްސީތަކަށް އަރަމުން ދިޔައިރު އެ ޒުވާނާއާއި ދިމާނުވީ ކީއްވެތޯ ހިތަށްއެރިއެވެ. އޭނަ އުޅޭ ޢިމާރާތުގެ އެންމެ މަތީ ބައިގެ ކޮޓަރިއެއްގައި އެ ޒުވާނާ އުޅޭނަމަ، އެ ޒުވާނާގެ ހަމައެކަނި ވަޒީފާއަކީ ޓެކްސީ ކުރުމަށް ނުވާނެކަން ޔަޤީނެވެ. އެ ޒުވާނާ ދެން ކުރާނީ ކޮން މަސައްކަތެއް ކަމާއިމެދު ފަލަކަށް ވިސްނެން ފެށީ ނުހަނު ގަޔާވެފައެވެ. އެކަން އެނގުންވުމާއިއެކު ފަލަކް ވަގުތުން ބޯ ހޫރުވައިލަމުން އޭނަގެ ފޯނު ހުޅުވައި އޮފީހުގެ ލިޔެކިޔުމެއް ކިޔަން ފެށިއެވެ.
ގަޑިއިރެއްހާއިރު ތެރޭގައި ފަލަކް 4 ފިހާރައަކަށް ގޮސް ހެދުންތައް ބަލައި، ހެދުންތައް ގަންނަމުން ދިޔަ މީހުންގެ މަޝްވަރާތައް ވެސް އަޑުއެހިއެވެ. އަދި ކައުންޓަރުގައި ހުރި ކުއްޖާގެ ކައިރިއަށް ގޮސް ފިހާރައިން އެންމެ ބޮޑަށް ހިނގަނީ ކޮން ވައްތަރެއްގެ ހެދުންތަކެއް ކަމާއިމެދު ސުވާލު ކުރިއެވެ. ރާއްޖޭގެ މީހުންނަށް އޭނަގެ މޫނަކީ އާ މޫނަކަށް ވުމުން ގިނަ ބަޔަކު އެ ސުވާލުތަކުގެ ޖަވާބު ދެމުން ދިޔައީ އޭނައަކީ ފިހާރައިން އެއްޗެއް ގަންނަން އައިސްގެން އުޅޭ މީހެއްކަމަށް ބަލައެވެ. ފަލަކް އެކަމުގެ ބޭނުން ނުހަނު ރަނގަޅަށް ހިފިއެވެ.
10 ޖަހަން ގާތްވަމުން ދިޔަ ވަގުތު ފަލަކް ޓެކްސީއަކަށް އަރައި ރެސްޓޯރެންޓަކަށް ދިޔުމަށް އެދުނީ ފިނި ބުއިމެއް ބޮއިލަން ބޭނުންވި ވަރުންނެވެ. ޓެކްސީ ކުރިއަށް ދަމުން ދިޔަ ވަރަކަށް ފޯނަށް ބެލުމެއްނެތި ފަލަކް ކުޑަދޮރުން ބޭރު ބަލަން އިނީ ބަލި ފިލުވައިލުމަށެވެ. އެހެނަސް ބޭރު ބަލަން އިންދާ ޢިމާރާތަކުން ފެނުނު ނަމަކުން ފަލަކްގެ ދެބުމަ ކައިރިވިއެވެ.
“އެކްސްކިއުޒް….އެކޮޅުގަ ހުރި ޢިމާރާތުގެ ކައިރިއަށް މަޑުކޮށްލަދެވިދާނެތޯ؟” ފަލަކަށް ކުޑަދޮރުން ބޭރުން ފެންނަމުން ދިޔަ ޢިމާރާތް ލޯމަތިން ގެއްލުމާއިއެކު ބުނެވުނެވެ. އެއާއިއެކު ޓެކްސީ މަގުގެ އެއްފަރާތުގައި ޕާކް ކުރެވިގެން ދިޔައެވެ. ފަލަކް އިސާހިތަކު ޓެކްސީ ޑްރައިވަރާއި ފައިސާ ޙަވާލު ކުރުމަށްފަހު ބާކީ ވެސް ހޯދުމެއްނެތި ކާރުން ފޭބިއެވެ.
ކާރުން ފޭބުމަށްފަހު ފަލަކް އޭނަގެ ސަމާލުކަން ދެންމެ ހޯދި ޢިމާރާތާއި ދިމާލަށް ނަޒަރު ހުއްޓައިލިއެވެ. ‘ކްރިސްޓަލް’ ޢިމާރާތާއި ދާދި އެއްގޮތަކަށް އެ ޢިމާރާތުގެ މަތިން ފެންނަމުން ދިޔަ ނަމަކީ ‘ޑައިމަންޑް’ އެވެ. އެހެނަސް ކްރިސްޓަލް ޢިމާރާތާއި ޚިލާފަށް އެ ޢިމާރާތް ވީރާނާވާން ފަށާފައިވެއެވެ. 10 ބުރީގެ އެ ޢިމާރާތުގެ ބޭރުގައި ހުދުކުލަ ޖެއްސިފައިވީއިރު، ފާރުގެ އެކި ދިމަދިމާލުން ކުލަ ބަދަލުވާން ފަށާފައިވީއިރު، އަނެއްބައި ތަންތަނުން ދަވާދު ގޮސްފައިވިއެވެ. ބަލާބެލުމަށް އެ ޢިމާރާތުގައި އެއްވެސް މީހަކު އުޅޭހެން ހިއެއްނުވެއެވެ. ފާރުގެ ދެ ދިމާލަކުން ބޮޑެތި ކޫރުންތައް ފެންނަމުން ދިޔަ ގޮތުން އެ ޢިމާރާތުގެ ތެރެއަށް ވަންނަން ވެސް މީހަކު ޖެހިލުންވާނެއެވެ.
އެހެނަސް ފަލަކް އެ ޢިމާރާތަށް ބަލަން ހުރެފައި އެތަނާއި ދިމާލަށް ދާން ހިނގައިގަތީ އޭނަގެ އަމިއްލަ ރައްކާތެރިކަމާއިމެދު ވަކި ވިސްނުމެއް ނެތި ފަދައެވެ. މަގުގެ ދެ ފަރާތަށް ލުއި ނަޒަރެއް ދިނުމަށްފަހު ފަލަކް އަވަސް ފިޔަވަޅުތަކެއްގައި އެ ޢިމާރާތް ހުރި ފަރާތަށް ދިޔައެވެ. އަދި ޢިމާރާތާއި ހަމައަށް ގޮސް ފިޔަވަޅުތައް ލަސްކޮށްލަމުން ޢިމާރާތުގެ މައިދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. މުށިކުލައެއް ޖެއްސިފައިވި އެ ދޮރު ބާވެފައިވިޔަސް ފަލަކަށް އެ ދޮރު އާ ދޮރެއްގެ ގޮތުގައި ސިފަވިއެވެ.
“މަންމާ! މިފްތާޙް! މިފްތާޙް!”
ދޮރަށް ބަލަހައްޓައިގެން ހުރިހުރިހެން ފަލަކްގެ ކަންފަތުގައި ގުގުމައިލީ ޚުދު އޭނަގެ އަޑެވެ. ލޮލަށް ސިފަވެގެން ދިޔައީ ކުޑައިރު މަންމައާއިއެކީ ސްކޫލުން ގެއަށް އައިސް މަންމަ އަތުން ތަޅުދަނޑި ހޯދަން މަސައްކަތް ކުރާ މަންޒަރެވެ. މަންމައަކީ ޢަރަބި ޤައުމަކަށް ނިސްބަތްވާ މީހަކަށްވުމުން، 6 އަހަރުގެ އެ ޢުމުރުގައި އޭނަގެ ވާހަކަތަކުގައި ޢަރަބި ބަހާއި ދިވެހި ބަސް އެއްވެފައިވެއެވެ. ބައްޕަ އޭނައަށް ބާރުއެޅީ ދިވެހި ބަހުން ވާހަކަ ދައްކަން ކަމަށްވުމުންނެވެ.
ކޮންމެ ދުވަހަކު ތަޅުދަނޑިން ދޮރު ހުޅުވުމަކީ އޭނަ ނިކަން ކުރާ ހިތްވާ ކަމަކަށްވުމުން މަންމަ ނުހަނު ލޯތްބާއިއެކީ އޭނަގެ އަތަށް ތަޅުދަނޑި ލައިދެއެވެ. އަދި ނުހަނު މަސައްކަތުން ތަޅުވަޅަށް ތަޅުދަނޑި ލައްވައިލުމުން މަންމަ އުޖާލާވި ހިނިތުންވުމަކާއިއެކީ އޭނައަށް ތަޢުރީފު ކުރެއެވެ. އެއަށްފަހު މަންމަ ނޫންކަމަށް ހަދައި ތަޅުދަނޑި އަނބުރައިލަމުން ދޮރު ހުޅުވައި، އެކަން ކުރީ އޭނަ ކަމަށް ހަދައެވެ.
އެ ހަނދާން އާ ވަމުން ދިޔަދިޔަހެން ފަލަކް ކުރިމަތިން ފެންނަމުން ދިޔަ ދޮރުގެ ތަޅުގައި ހިފައި އަނބުރައިލިއެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް އެ ދޮރު ފަސޭހަކަމާއިއެކީ ހުޅުވިގެން ދިޔައެވެ. ޢިމާރާތުގެ އެތެރެ ފެނިގެން ދިޔުމުން އެއީ ކީއްވެގެންކަން މާ ރަނގަޅަށް ވެސް ސާފުވެގެންދެއެވެ. އެ ޢިމާރާތުގެ ތެރެއިން ހަތަރު ފާރު ނޫން އެހެން އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އެތެރެ ފެންނަމުން ދިޔައީ ވީރާނާވެފައިވާ ގެއެއް ފަދައިންނެވެ. ފަލަކް ވަށައި ނަޒަރު ހިންގަމުން ދިޔަ ދިޔަހެން މާޒީގެ އެކި އެކި މަންޒަރުތައް ފަލަކްގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައެވެ. އޭގެ ތެރޭގައި ގިނައީ އޭނައާއި މަންމަގެ ހަނދާންތަކެވެ. ދޭތެރެއަކުން ބައްޕަ އޭނައަށް ކުޅޭ އެއްޗެހި ގެނެސްދޭ މަންޒަރު ސިފަވިޔަސް ފަލަކް އަވަސްއަވަހަށް އެ ޚިޔާލުން ދުރުވަމުން ދިޔައެވެ.
އަމިއްލަ ޚިޔާލުތަކެއްގެ ދުނިޔޭގައި ހުރެ ފަލަކް އެ ޢިމާރާތުގެ ހަލާކުވާން ފަށާފައިވާ ސިޑި ބަރިތަކުން ވެސް އަރަމުން ދިޔައީ ބިރެއް ނެތިއެވެ. އެ ބިރުވެރިކަމަށްވުރެ މަންމަގެ ހަނދާންތައް އާ ކުރުން އޭނައަށް މުހިއްމުވި ފަދައެވެ. އެ ޢިމާރާތުގެ ކޮންމެ ފަންގިފިލާއަކުން ވެސް ފަލަކަށް އާވެގެން ދިޔައީ އާ ހަނދާންތަކެވެ. ޢިމާރާތުގެ އެންމެ ތިރީ ބައި ބޮޑު ސިޓިންގް ރޫމެއްވީއިރު އޭގެ މަތިން ހުރި ފަންގިފިލާތަކުގައިވީ އެޕާޓްމެންޓްތަކެވެ. މަންމަ އޭނައާއި އެކީ އުޅުނުއިރު އެ ހުރިހާ އަވަށްޓެރިންނާއި ވެސް
މަންމަ އެކުވެރިއެވެ. ދިވެހިންގެ ބަސްތައް މަންމައަށް ނޭނގުނަސް މަންމަ އަބަދުވެސް އަވަށްޓެރިންނަށް ހެޔޮކޮށް ހިތާނެއެވެ. މީރު އެއްޗެއް ކެއްކިނަމަ އެކަކު ވެސް ދޫނުކޮށް އަވަށްޓެރިންނަށް ބަހައި، އަވަށްޓެރިއަކު ބަލިވެއްޖެނަމަ އެމީހެއްގެ ޙާލު ބަލާނެއެވެ. މިހާތަނަށް އައިއިރު ވެސް ފަލަކް އެ ޢިމާރާތުގައި އުޅުނު އެންމެންގެ ނަން ހަނދާން ހުރި ގޮތަކީ އެއީއެވެ. މަންމަގެ ހަނދާންތައް އާވަމުން ދިޔަދިޔަހެން ފަލަކްގެ ލޮލުން ކަރުނަ ހިލުނެވެ.
އާދައިގެ ހިނގުމެއްގައި އެ ހުރިހާ ފަންގިފިލާއަކަށް ޒިޔާރަތް ކުރުމަށްފަހު، އެންމެ މަތީ ފަންގިފިލާއާއި ގާތްވަމުން ދިޔަދިޔަހެން ފަލަކްގެ ފިޔަވަޅުތައް ލަސްވިއެވެ. އެންމެ މަތީ ފަންގިފިލާއަކީ މަންމައާއި ބައްޕަ ޙިއްސާކުރި ބޮޑު ކޮޓަރީގެ އިތުރުން، އެ ކޮޓަރިއާއި ގުޅިފައިވާ އޭނަގެ ކޮޓަރި ހުންނަ ފަންގިފިލާއެވެ. ލަސް ހިނގުމެއްގައި ފަންގިފިލާއަށް އަރައިގެން ގޮސް ފަލަކް ކޮޓަރީގެ ދޮރާއި ހަމައަށް ދިޔައެވެ. އެ ހިނދު ހިތް ބާރަށް ތެޅެން ފެށީ، އެ ކޮޓަރީގެ ތެރެއިން ކުޑައިރު އޭނައަށް ތަޖުރިބާ ކުރެވިފައިވާ ބިރުވެރިކަމާއި ނުތަނަވަސްކަން ހަނދާންވުމުންނެވެ. ދޮރުގެ ތަޅުގައި ހިފައިލަމުން ފަލަކް ލޯ މަރައިލުމަށްފަހު އެތެރެއަށް ނޭވައެއްލީ ހިތްވަރު އެއްކުރުމަށެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އެ ދޮރު ހުޅުވައިލީ، އޭނަގެ އަނދިރި މާޒީއަށްވުރެ އޭނަ މިހާރު ވަރުގަދަކަން ޚުދު އަމިއްލަ ނަފްސަށް ވެސް ޔަޤީންކޮށްދިނުމަށެވެ.
ދޮރު ހުޅުވުމާއިއެކު ލޯ ހުޅުވައިލެވުމުގެ ވެސް ކުރިން ފަލަކްގެ ކަންފަތުގައި ގުގުމަން ފެށީ މަންމަގެ ހަޅޭކުގެ އަޑުތަކެވެ. މަންމަގެ ގަޔަށް އެތި ފަހަރުތަކެއް ވިއްލޭ ވަގުތު މަންމަ ކުރަމުން ދިޔަ އާދޭސްތަކެވެ. މަންމަގެ ރުއިމުގެ އަޑެވެ. މިއީ ހައްތަހާވެސް އެ ކޮޓަރިއާއި ގުޅިފައިވާ އޭނަގެ ކޮޓަރީގައި ފަލަކް ހުރި ވަގުތުތަކުގައި އޭނައަށް އިވިފައިވާ އަޑުތަކެވެ.
ފަލަކަށް ލޯ ހުޅުވައިލެވުނީ ވެސް އަތުގެ ގޮށްމުއްކަވައިލަމުން ނުހަނު ހިތްވަރު ކޮށްގެންނެވެ. ލޯ ހުޅުވައިލިއިރު މިއަދު އެ ކޮޓަރިން ފެންނަމުން ދިޔައީ، ބޮޑެތި ފޮތިތައް އެޅިފައިވި އެނދާއި، އަލަމާރިއާއި ރީތިވާ މޭޒެވެ. އިވެމުން ދިޔަހާ ވެސް އަޑަކީ ބެލްކަނީއިން ކޮޓަރިއަށް ވަންނަމުން ދިޔަ ވައިރޯޅިތަކުގެ އަޑެވެ. ފަލަކް އެ ދިމާލަށް ނަޒަރު ހިންގައިލި ހިނދު އެ ލޯ ރަތްވެފައިވިއެވެ. ބޭރުފުށުން ފާހަގަ ނުވިއެއްކަމަކު މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. މަންމައަށް އަނިޔާކުރި މީހަކަށް އައި ރުޅިއާއިއެކީ، ކުޑައިރު އެ ހިތުގައި އެމީހަކަށްޓަކައި އުފެދިފައިވި ބިރުވެރިކަމާއިވެސް އެކީގައެވެ.
އޭނަގެ ހިތުގައި އެމީހަކަށްޓަކައި ބިރުވެރިކަމެއް ވާކަން އެނގުންވުމާއިއެކު ފަލަކް ބެލްކަންޏާއި ދިމާލަށް އެނބުރިލީ އެއީ ޙަޤީޤަތެއް ނޫންކަން އަމިއްލަ ނަފްސަށް ވިސްނައި ދިނުމަށެވެ. އެ ހިނދު އޭނަ ޙަޔާތުގައިވެސް ދުށް އެންމެ ބިރުވެރި މަންޒަރު ލޮލަށް ސިފަވާން ފެށިއެވެ. ފެނިގެން ދިޔައީ މަންމަ އެ ބެލްކަނީގެ ރެއިލިންގްގެ ތިރީ ބައިގައި ހިފަހައްޓައިގެން އޮތްވައެވެ. އަދި އޭނަ އެ ދިމާލަށް ދާން ދުއްވައިގަތް ވަގުތު އެތާ ހުރި މީހަކު މަންމަގެ އަތުގައި ފައިން ޖަހަން ފެށި މަންޒަރެވެ. އޭނައަށް އެހާ ހިސާބަށް ދެވުނު ވަގުތު ފެނިގެން ދިޔައީ މަންމަގެ އަތް ރެއިލިންގްއިން ދޫވެގެން ދިޔަ ވަގުތެވެ. އޭގެ ދެވަނަ ސިކުންތުގައި އިވިގެން ދިޔައީ ތިރިން ދުއްވަމުން ދިޔަ ކާރުތަކެއްގެ ބިއްލޫރިތައް ތަޅައިގެން ދިޔަ އަޑެވެ.
ދެން ފެނުނު މަންޒަރު ހަނދާން ކުރަން ބޭނުމެއް ވެސް ނުވުމުން ފަލަކް ބޯހޫރުވައިލިއެވެ. އެހިނދު އޭނައަށް އެ ބެލްކަންޏަށް ނިކުމެވިފައިވިއެވެ. އެ ދުވަހާއި ހަމައަށް އައިއިރު ބެލްކަނީގައި ރެއިލިންގްއެއް ނުވެސް ނެތެވެ. އެއީ މަންމަ ސަލާމަތަށްޓަކައި ހިފައިލި ފަހު ތަންކަން އެނގުންވެ އެ ރެއިލިންގް ނަގައިލި މީހަކަށް ވެސް ރުޅިއައެވެ. އެމީހަކީ ބައްޕަކަމަށް އޭނައަށް މި ހުރިހާ އަހަރު ޤަބޫލު ކުރެވިފައިވެއެވެ. މީގެ އަހަރުތަކެއް ކުރިން އޭނަ ވަނީ ރާއްޖޭގެ ކޯޓަކަށް އެ މައްސަލަ ވެސް ހުށަހަޅާފައެވެ. އެހެނަސް ބައްޕަގެ މައްޗަށް އެ ކުށެއް ސާބިތެއް ނުވިއެވެ. ވަކިން ޚާއްޞަކޮށް މަންމައަށް އަނިޔާ ކުރި މީހެއްގެ ސޫރަ އޭނައަށް ފެނިފައި ނުވާތީވެއެވެ.
ކޮންމެ ގޮތެއްވިޔަސް މަންމައަށް އިންސާފު ހޯދައިދިނުމަކީ ފަލަކްގެ ޢަޒުމެކެވެ. މަންމަގެ މަރުގެ ފަހަތުގައިވަނީ ބައްޕަ ކަމަށްވިޔަސް ނޫނީ އެހެން މީހަކު ކަމަށްވިޔަސް މެއެވެ. ކޮންމެ ގޮތެއްވިޔަސް މަންމަ ރައްކާތެރި ކުރުމުގައި ބައްޕަ ފޭލްވެފައިވާކަމަށް ފަލަކަށް ޤަބޫލު ކުރެވެއެވެ. ބައްޕައާއި ހެދި ނޫންނަމަ މަންމައަކީ އަމިއްލަ ޤައުމުގައި ހާދަ އުފަލުގައި އުޅޭނެ އަންހެނެކެވެ. ފިރިހެނުންނަށް އިތުބާރު ނުކުރެވެނީ މިހެންވެއެވެ. އޭނަ ހުވަފެނަކުން ވެސް މީހަކާއި އިންނަން ޚިޔާލު ނުކުރާނެ ސަބަބަކީ އެއީއެވެ.
ކޮންމެއަކަސް މަންމަގެ ރުއިމުގެ އަޑާއި ހަޅޭކުގެ އަޑުތައް ކަންފަތުގައި ގުގުމަމުން ދިޔަދިޔަހެން ފަލަކަށް ބަލިކަށި ކަމެއް އިޙްސާސް ކުރެވުނެވެ. ބެލްކަނި ނިމޭ ހިސާބާއި ގާތްވަމުން ދިޔަދިޔަހެން މަންމައާއި ކައިރި ވެވުނީހެން ހިތަށް ހީވިއެވެ. ތިރިން މަގުމަތިން ދުއްވަމުން ދިޔަ ކާރުތައް ފެނި މަންމައަށް އެދުވަހު އިޙްސާސް ކުރެވިފައިވާނީ ކިހިނެއްތޯ ހިތާހިތުން ސުވާލުކުރެވުނެވެ. އެ ހިނދު އޭނަގެ ފައިވާނުގެ އެއްބައި ބެލްކަނިން ފަހަނަޅައި ދާ ހިސާބަށް ފިޔަވަޅު އެޅުނެވެ.
**
ހެނދުނުގެ އެ ވަގުތުގައި އަފްޒަލް އިނީ ހާމަ ރެސްޓޯރެންޓެއްގެ މޭޒުދޮށުގައެވެ. ދުވަހަކީ އަވިގަދަ ދުވަހަކަށް ވިޔަސް ވަގުތުގެ ގޮތުން އެތަނަށް އަތްވެއް ނުދެއެވެ. އަފްޒަލް މޭޒުކައިރީގައި އިނދެ އިންތިޒާރު ކުރަމުން ދިޔައީ އޭނަގެ ރެސްޓޯރެންޓު ހުންނަ ޢިމާރާތުގެ ވެރިފަރާތާއިއެވެ.
މޭޒުދޮށުގައި އިންއިރު ވެސް މިއަދު ހެނދުނު އެއްކަލަ އަންހެން ކުއްޖާއާއި އޭނައާއި ދެމެދު ހިނގި ދެބަސްވުމުގެ މަތިން އަފްޒަލް ހަނދާންވަމުން ދިޔައެވެ. އޭނަ ހީކުރި ފަދައިން އެކުއްޖާގެ ހަމަ އަޚްލާޤެއް ނެތީތާއޭ ހިތަށްއެރިއެވެ. އެއީ ހަމަ ތިމާއަށް ތިމާ ފެނިފަ ހުރި ކުއްޖެކެވެ. ފެންނަ ކޮންމެ ފިރިހެނަކު އުޅެނީ އޭނަގެ ފަހަތު އަޅައިގެން ކަމަށް ޤަބޫލު ކުރެވޭނީ އެހެންވެ ނޫން ހެއްޔެވެ؟
އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. ކޮންމެވެސް ސަބަބަކާއިހުރެ އަފްޒަލަށް އެ ކުއްޖާއާއިމެދު ރަޙުމުގެ ނަޒަރަކުން ވެސް ވިސްނަމުން ދިޔައެވެ. އޭނަ ފަދަ ބީރައްޓެއްސަކާއި ވެސް އެހާ އަވަހަށް ރުޅި އައިސް އެފަދައިން ވާހަކަ ދައްކާނީ އެ ކުއްޖާއާއި ކަމެއް ދިމާވެފައި ހުރީމަތޯ ހިތަށްއެރިއެވެ.
އަފްޒަލް ނުހަނު ފުންކޮށް އެކަމާއިމެދު ވިސްނަން ފެށި ވަގުތު އެއްފަރާތަކުން އޭނައަށް ގޮވައިލި އަޑު އިވުނެވެ.
“އަޙްމަދު އަފްޒަލް އާމިރު؟” މީހަކު އެހެން ބުނެލުމާއިއެކު އަފްޒަލް އިސްއުފުލައިލިއެވެ. އެއާއިއެކު އެތާހުރި ބިޔަ ހަށިގަނޑެއްގެ ފިރިހެނަކު ފެނި، އަފްޒަލަށް ކޮޅަށް ތެދުވެލެވުނެވެ.
“އާދެ! ޢަބްދު ﷲ މަޖީދު، ދެއްތޯ؟” އަފްޒަލް ހިނިތުންވުމަކާއިއެކީ ސަލާމަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. އެއާއިއެކު މަޖީދު ހިނިތުންވުމަކާއިއެކީ އަފްޒަލްގެ އަތުގައި ހިފިއެވެ. މަޖީދު ބަލާފައި އެއީ މެދު ޢުމުރުގެ މީހެއްކަން ޤަބޫލުކުރަން އަފްޒަލަށް ދަތިވެފައިވިއެވެ. އިސްތަށިގަނޑު ކަޅުކުރެވިފައިވީއިރު މޫނުމަތިން އެހާ ގިނަ ރުލެއް ވެސް ފެންނާކަށް ނެތެވެ. އެ މޫނުމަތިން ނޭނގޭ ސަބަބަކާއިހުރެ އޭނައަށް ނުހަނު ފަހުން ފެނުނު ސޫރައަކާއި ވައްތަރު ގޮތެއް ހުރިހެން ހީވިއެވެ. އެހެނަސް އެއީ ކާކުގެ ސޫރައެއްކަން ހަނދާންކުރަން ދަތިވިއެވެ.
ނުނިމޭ
Jana
October 12, 2022 @ 8:39 am
Salaam kiyuntherin. Dhen oiy baives veehaaves avahakah genesdheynan In Sha Allah ^_^ <3
Ibaa
October 14, 2022 @ 9:57 am
mi part ves vrh reethi nd iburaitheri, Masha Allah..Keep going sis..
Jana
October 21, 2022 @ 1:16 am
Alhamdhulillah! Jazaakillah Khairan for the support, Ibaa! Missed you <3 <3 <3