ޤަދަރު (ނަވާޅީސްވަނަ ބައި)
ނިދިފައި އޮތް ޒުހާއަށް ހޭލެވޭ ގޮތްވީ ކެއްސުމުގެ އަޑަށެވެ. ރަނގަޅަށް ހޭލެވި، ކުރިމަތީގައި ހުރި ފާރުގައި ހުރި ގަޑިއަށް ބަލައިލެވުނު ވަގުތު ދަންވަރުން އަނބުރައި 1:30 ވީއެވެ.
ކެއްސުމުގެ އަޑަށް އިތުރު ސަމާލުކަމެއް ދެވުނު ހިނދު އެއީ ބައްޕަކަން ޒުހާއަށް ޔަޤީން ކުރެވުނެވެ. އެއާއިއެކު އަވަސް އަރުވާލާފައި ރަޖާ އެއްފަރާތް ކޮށް އެނދުން ފޭބުނެވެ.
ޒުހާ ގޮސް ސިޓިންގް ރޫމަށް ނިކުތް ވަގުތު ބައްޕަ ކެއްސަމުން ބަދިގެއާއި ދިމާލަށް ދާ މަންޒަރު ފެނުނެވެ.
“ބައްޕާ؟!” ޒުހާ ސިޓިންގް ރޫމުގެ ދެ ބޮކި ދިއްލައިލަމުން ޒުހާ ގޮވައިލިއެވެ. އެއާއިއެކު ބައްޕަ ފަސް އެނބުރި އޭނައަށް ބެލިއެވެ.
ޒުހާ ގޮސް ބައްޕަ އަތުން ޖަގު ހޯދިއެވެ. އަދި ބައްޕަ ގާތު ސޯފާގައި އިށީނުމަށް ބުނުމަށްފަހު ބަދިގެއަށް ދިޔައެވެ. އަދި ހޫނު ފެން ތަށްޓަކަށް މާމުއި އަޅައި ގިރައިގެން އަނބުރާ ސިޓިންގް ރޫމަށް އައެވެ.
“މަންމަ ނެތީމަ ވަރަށް ދަތިވޭދޯ ބައްޕާ؟ އަޅެ ބައްޕަ އެހާ ބަލިއިރު މަންމަ ކައިރި ބުނިނަމަ އެ ދަތުރުގަ ނުދާށޭ.” ބައްޕަ އަތަށް ފެންތަށި ލައިދެމުން ޒުހާ ބުންޏެވެ. ފެން ފޮދެއް ބޯލުމަށްފަހު ހަމައަށް ނޭވާ ލާން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
“މަންމަ ވެސް އެކުވެރިންނާއި އެކީ ދާންވީމަ އިންކާރެއް ނުކުރެވޭނެއެއްނު؟ މާދަމާ ވެސް ބައްޕަ މަރުވެއްޖެއްޔާ ބައްޕައާއިމެދު ނުރުހުންވެފަ ވިއްޔާ ހުންނާނީ. ހެހެހެ….”
“ތިކަހަލަ ވާހަކަ ނުދައްކަބަލަ ބައްޕާ. ޑޮކްޓަރު ބުނީ ކީކޭ؟”
“ހުރިހާ ކަމެއް ރަނގަޅޭ. އެކަމަކު މަރަކީ ކޮންމެ މީހަކާއި ވެސް ކޮންމެ ވަގުތަކުވެސް ކުރިމަތިވެދާނެ ޙަޤީޤަތެއް ދޯ ދަރިފުޅު؟”
“އާނ…..އެކަމަކު…”
“ބުނެބަލަ ދަރިފުޅު….ދަރިފުޅުގެ ހިތުގަ ބައްޕައާއިމެދު އެއްވެސް ނުރުހުންތެރިކަމެއްވޭތަ؟ ތެދުތެދަށް ބުނައްޗޭ.”
ބައްޕަ ކުއްލި ގޮތަކަށް ކޮށްލި ސުވާލާއިއެކީ ޒުހާ ހިނދުކޮޅަކަށް ހިމޭންވާ ގޮތްވިއެވެ.
“ބައެއްފަހަރު….ކުޑައިރު ސްކޫލްގެ މުހިއްމު ދުވަސްތަކަށް ބައްޕަ ނައީމަ ނުރުހުންވެފަ އެބަހުރި. ބައްޕައާއި ބެހޭ ގޮތުން ވަރަށް ރީތި ސްޕީޗެއް ތައްޔާރުކޮށްގެން ދިޔަ ދުވަހު ބައްޕަ އަންނާނަމޭ ބުނެފަ ވެސް ނައި ދުވަހު ވަރަށް ދެރަވި. އެފަހުން އަސްލު އުއްމީދެއް ނުކުރަން ބައްޕަ އަންނާނެ ކަމަށް. އެނގޭ ބައްޕަ މުހިއްމު މަސައްކަތެއްގަ އުޅޭތީކަން ނާދެވި ހުންނާނީ.” ޒުހާ އެ ބުނެލި ވާހަކަތަކަށް މަޖީދު އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.
“އަމިއްލަ ދަރިންގެ ބައްޕައަކަށް ވުމަށް ވުރެ މުހިއްމު ވަޒީފާއަކީ ކޮބައިބާއޭ ޙަޔާތުގެ މިހާ ހިސާބަށް އައިއްސަ ހިތަށް އެބައަރާ. ޒުހާއަށް މަޢާފުކޮށްދެވޭނެ ކަމެއް ނޭނގެ އެކަމަކު އެ ހުރިހާ ދުވަސްތަކަށްޓަކައި ބައްޕައަށް މަޢާފު ކޮށްދީ.” މަޖީދު ބުންޏެވެ.
“މަޢާފު ކޮށްފީމޭ ބައްޕާ. ބައްޕަ އަހަންނަށްޓަކައި ކޮށްދިން ކަންތައް އެ ހުރިހާ ކަމަކަށް ވުރެ ވެސް ގިނަ. އަހަރެން އަބަދުވެސް ބައްޕައަށް ޝުކުރުވެރިވާނަން އިން ޝާ ﷲ. އަދި އެހުރިހާ ކަމަކަށްޓަކައި ބައްޕައަށް ދުޢާކޮށްދޭނަން.”
“މާ ޝާ ﷲ! ހާދަ ރަނގަޅު ކުދިބައެކޭ ބައްޕައަށް ލިބިގެން މިއުޅެނީ. އުއްމީދަކީ ޒުހާގެ ދޮންތަ ފަދައިން ޒުހާ ވެސް ޞާލިޙު ކުއްޖަކާއި ގުޅިގެން ދިޔުން. ބައްޕަ ދުނިޔެ ދޫކުރުމުގެ ކުރިން އެ މަންޒަރު ދެކެން ބޭނުން. ޒުހާއަށް އެގޮތަށް ފާހަގަ ކުރެވުނު ކުއްޖަކާ އަދި ދިމާ ނުވޭތަ؟”
މަޖީދު ކޮށްލި އެ ސުވާލާއިއެކު އަނެއްކާވެސް ޒުހާ ހުއްޓުން އަރާ ގޮތްވިއެވެ. އެ ސުވާލު ކުރެވުމާއިއެކު ޒުހާގެ ސިކުނޑިއަށް އައީ އަނަސްގެ ނަމެވެ. އަނަސްގެ އެ ރީތި މޫނެވެ. ދުރުދުރުން ވެސް އަނަސްގެ ރީތި އަޚްލާޤް ޒުހާއަށް ފާހަގަވެގެން ދިޔަ ގޮތެވެ.
އެހެނަސް އޭގެ މާ ގިނައިރެއް ނުވެ ހަނދާންވެގެން ދިޔައީ ޒައުލްއެވެ. ޒައުލް އޭނައާއިމެދު ކަންތައް ކުރި ގޮތެވެ. ޒައުލްއާއި އެކީ އުޅުނު އުޅުމުގައި އޭނަ ﷲ ގެ ހަނދުމައިން ދުރުވެފައިވި މިންވަރެވެ. އަނެއްކާވެސް ފިރިހެން ކުއްޖަކާއި ގުޅިގެން އެ ހަނދުމައިން ދުރުވެވިދާނެ ކަމުގެ ބިރު ހީވިއެވެ.
“މި ވަގުތަށް…..އަހަރެން ތިކަމަށް ތައްޔާރެއް ނޫން ބައްޕާ. އަދިވެސް އިތުރަށް ކިޔަވަން ބޭނުން.” ޒުހާ އިސްޖެހިފައި އިނދެ ބުންޏެވެ.
“އެހެންވީމަ މާނައަކީ ޒުހާއަށް ފާހަގަ ކުރެވުނު ކުއްޖެއް އެބަހުއްޓޭދޯ؟” މަޖީދު ވިސްނުންތެރިކަމާއިއެކީ އެހިއެވެ. އެއާއިއެކު ޒުހާއަށް އިސްއުފުލައިލެވުނެވެ. އެހެނަސް އެ ސުވާލަށް ޖަވާބެއް ނުދެވުނެވެ.
“ދަރިފުޅު…..ކައިވެންޏަކީ ކިޔެވުމަށް އެޅޭ ހުރަހެއް ކަމަށް ބައްޕަ ނުދެކެން. ވަކިން ޚާއްސަކޮށް ވިސްނުންތެރި، ޒިންމާދާރު އިޚްލާސްތެރި ފިރިއަކު ލިބުމަކީ ތި ހުރިހާ ކަމަކަށް ވެސް ލިބޭ އިތުރު ފަހި މަގެއް. އަނަސްއަކީ އެކަހަލަ ކުއްޖަކަށް ކަމަށް ބައްޕަ ޤަބޫލުކުރަން. މިކަމާއިމެދު ވިސްނާލައްޗޭ.”
ބައްޕަ އަނަސްގެ ނަން ބުނުމާއިއެކު ޒުހާގެ ހިތް ތަފާތު ގޮތަކަށް ތެޅިލިއެވެ. ބައްޕައަށް އޭނަގެ އިޙްސާސްތައް އެނގުނީތީ ހިސާބަކަށް ލަދުގަންނަ ގޮތްވިއެވެ. ބައްޕަ ބުނި ވާހަކަތަކަށް އިތުރު އެއްޗެކޭ ނުބުނެވުނީ އެހެންވެއެވެ.
މަޖީދު ލުއި ގޮތަކަށް ހީލުމަށްފަހު އަވަހަށް ނިދާލުމަށް އެދި ސޯފާއިން ތެދުވެގެން ދިޔައެވެ. އެހިނދު ޒުހާއަށް އިން ގޮތަށް އިނދެވުނެވެ.
**
“الصَّابِرِينَ وَالصَّادِقِينَ وَالْقَانِتِينَ وَالْمُنفِقِينَ وَالْمُسْتَغْفِرِينَ بِالْأَسْحَارِ….ވޮހް! މީގެ ތެރޭގަ އަހަރުމެން ހިމެނޭ ހަމަ ގައިމުވެސް!”
ފަލަކް ވާހަކައެއް ބުނާ ފަދައަކުން މުޞްޙަފުން އާޔަތެއް ކިޔަވައި ނުހަނު ޖޯޝާއިއެކީ ބުންޏެވެ.
ފަތިހުގެ އިރު އަރަމުން ދިޔަ އެ ހިމޭން ވަގުތު ފަލަކް އިނީ އާދައިގެ މަތިން ފަތިސް ނަމާދަށްފަހު ފޮށާ އަޅައި މުޞްޙަފާއި އެކީ ބިންމަތީގައި އިށީނދެގެންނެވެ. ފަލަކްގެ އެވަގުތުކޮޅު މިހާރު އެކަނިވެރި ވަގުތަކަށް ވެގެންނެއް ނުދެއެވެ. އަފްޒަލް ވެސް އޭނައާއި އެކީ ނަމާދުކޮށް އޭނަ ކައިރީގައި އެގޮތަށް އިށީނދެގެން އިނުމަކީ މިހާރުގެ އާދައަކަށް ވެފައިވާތީވެއެވެ.
“ކޮން ބައެއްގެ ތެރޭގަތަ؟ ހާޓްއެޓޭކް ނުދީ ނިކަން ސާފުކޮށް ކިޔާލަދީބަލަ.” އަފްޒަލް ޝައުޤުވެރިކަމާއިއެކީ އެހިއެވެ.
“މިއިން މި ބުނަނީ…..އެބައިމީހުންނީ ކެތްތެރިންނެވެ. އަދި، ތެދުވެރިންނެވެ. އަދި، اللَّه އަށް ކިޔަމަންތެރިވާ މީހުންނެވެ. އަދި، ހެޔޮގޮތުގައި ހޭދަކުރާ މީހުންނެވެ. އަދި، ފަތިހުގެ ކުރިން ފާފަފުއްސެވުންއެދި دعاء ކުރާ މީހުންނެވެ……ހަމަ ގައިމުވެސް ފައިނަލް ކެޓެގަރީގަ ހިމެނޭނެއެއްނު ދެމީހުން މިހާރު ކުޑަކުޑަކޮށް؟” ފަލަކް އުފާވެރި ހިނިތުންވުމަކާއިއެކީ އެހިއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ސިފައެއް އޭނަގެ ކިބައިގައި ހުރިހެން ހީވުމުންނެވެ.
“ހުމް….ފަލަކް ހަމައެކަނި އެ ކެޓެގަރީގަދޯ؟ އަހަރެން ހުރިހާ ކެޓެގަރީއެއްގަ ހިމެނޭހެން އަހަންނަށް ހީވޭ.” އަފްޒަލް ފޮނިވާކަމަށް ހެދެމުން ބުންޏެވެ. އެއާއިއެކު ފަލަކް ގޮށްމުށުން ލުއި ގޮތަކަށް އަފްޒަލްގެ ކޮނޑުގައި ޖެހިއެވެ.
“ކިބުރުވެރިވާން ނުއުޅެއްޗޭ. ކިބުރުވެރިކަމަށް ސުވަރުގޭގަ ޖާގައެއް ނޯންނާނެ. ޝައިޠާނާއަށް ސުވަރުގެއަށް ނުވަދެވޭނެ ބޮޑު އެއްސަބަބަކީ އެއީ. فَٱهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا….ޝައިޠާނާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވީ އެތަނުން ފައިބާށޭ. އެތާ ހުރެ ބޮޑާވުމެއް ނެތޭ…..” ފަލަކް ނުހަނު ސީރިއަސްކަމާއިއެކީ ބުންޏެވެ.
“ބާރަކަ ﷲ….ފަލަކް ހާދަ ނަސީބުވެރިއޭ. ޤުރުއާނުގެ އާޔަތްތައް ކިޔަވާ އިރު އޭގެ މާނަ އެނގުމަކީ ހާދަ ބޮޑު ނިޢުމަތެކޭ…”
“ނަސީބުވެރި މައި ފުޓް! މި އެނގޭއިރު ވެސް މޮޔައަކުހެން މުޅި ޢުމުރު ބޭކާރު ކުރީ މުޞްޙަފް ހުޅުވާވެސް ނުލާ. އެ ފެމިނިޒަމްއަކާ ހެދި. އެއްވެސް މީހެއްގެ ބޮލުގަ އިލްޒާމެއް އަޅުވާކަށް ނެތިން. މި މުޞްޙަފް ހުޅުވަން އިންކާރު ކުރީ ހަމަ އަހަރެން….އަހަރެންގެ ނަޒަރުގަ ނަސީބުވެރީ އަފްޒަލް. ޢަރަބި ނޭނގުނަސް އެންމެ ޒުވާން ޢުމުރުއްސުރެ ވެސް ދީން އުނގެނިފަ ތިހިރީ. އަހަންނަށްވުރެ ބޮޑަށް އާޔަތްތަކުގެ ފަހަތުގައިވާ ވާހަކަތަކާއި ރަސޫލާ ﷺ ގެ ޙަދީޘްތައް އެނގޭ. މާ ޝާ ﷲ….ޢަރަބި ދަސްކުރުމަކީ އެހެން ނޫނަސް އެހާ އުދަގޫ ކަމެއް ނޫން. އަހަރެން އަތުގަ ހުންނާނެ ފަސޭހައިން ދަސްކުރެވޭ ފޮތްތައް ވެސް. މަޑު ކުރައްޗޭ.”
ފަލަކް އެހެން ބުނެ ކުއްލިއަކަށް މުޞްޙަފް ލައްޕައިލިއެވެ. އަދި ކަކޫމައްޗަށް ތެދުވެ، ދެމެމުން ގޮސް އަރިމަތީ މޭޒުގެ ވަތްގަނޑު ހުޅުވައި އެ ވަތްގަނޑުގައި ހުރި ފޮތްތަކުގެ ތެރެއިން ފޮތެއް ނެގިއެވެ. އަދި އަނެއްކާވެސް އަފްޒަލްގެ ގާތަށް ގޮސް އިށީނެވެ.
“ބަލާބަލަ….މިއީ ޤުރުއާނުގެ އެކި ބަސްތަކުގެ މާނަތައް ބުނެދީފައި ހުރި ފޮތެއް. ޢަރަބިން ހުރީމަ އަފްޒަލަށް ނޭނގޭނެދޯ؟ ހެހެ…ހިނގާ ދެމީހުން ކޮންމެ ދުވަހަކު ވަގުތެއް ހޯދައިގެން އެކި ބަސްތަކުގެ މާނަ ދަސްކުރަމާ؟”
“ހުމް…..ސަޅި އައިޑިއާއެއް. މިއީ ކޮން ޢިލްމުވެރިއަކު ލިޔުނު ފޮތެއްތަ؟ ޑރ. ޢަބްދުލްޣަފޫރު…” އަފްޒަލް އެ ނަން ކިޔައިލީ ފޮތުގެ ބޭރުގަނޑަށް ނަޒަރެއް ދެމުންނެވެ.
“ތިއީ މަންމަ ގެންގުޅުނު ފޮތެއް. ނޭނގެ ކޮންތަނަކުން ހޯދި ފޮތެއް ކަމެއް. މިހާރު ފިހާރަތަކުން ތީގެ ޗާޕެއް ނުވެސް ފެނޭ…”
“ޑރ ޢަބްދުލްޣަފޫރު…ކުރިން އަހަރެން އަޑުއަހާފަ ހުރި ނަމެއްހެން ހީވޭ…”
“ދޯ؟ ވަރަށް ޢާއްމު ނަމެއް ތިއީ އަނެއްހެން…”
ފަލަކް ބުންޏެވެ. އެހެނަސް އެވަގުތުވެސް އަފްޒަލަށް ވިސްނުމަކަށް ގެއްލިފައި އިނދެވުނެވެ.
އެ ވެރިވި ހިމޭންކަމުގެ ތެރެއިން ފަލަކްގެ ފޯނު ރިންގުވާން ފެށުމުން ދެމީހުންނަށް އެކުއެކީގައި އެނދުމައްޗަށް ނަޒަރެއް ދެވުނެވެ. އެނދުގެ އަނެއް ފަރާތުގައި އޮތް އޭނަގެ ފޯނު ފެނިފައި ފަލަކް ތެދުވެގެން ގޮސް ފޯނު ނަގައި ސްކްރީނަށް ނަޒަރެއް ދިނެވެ. އެއާއިއެކު ސްކްރީނުން ފެނިގެން ދިޔަ ނަމަކުން ފަލަކްގެ މޫނުމަތި ބަނަވެގެން ދިޔައެވެ.
“ކާކު؟” އަފްޒަލް އެހި އަޑަށް ފަލަކަށް ލުއި ސިހުމަކާއިއެކީ އަފްޒަލަށް ބެލުނެވެ.
“ވޯކް ކޯލްއެއް ހެހެ….އެބަ އަންނަން އިރުކޮޅަކުން.” ފަލަކް ގަދަކަމުން ހީލަމުން އެހެން ބުނެފައި ކޮޓަރިން ނިކުންނަން ދިޔައެވެ. އެހިނދު އަފްޒަލްގެ ދެބުމަ ކައިރިވިއެވެ.
“އައްސަލާމްޢަލައިކުމް. ކީކޭ ލީނާ؟” ފަލަކް ސިޓިންގް ރޫމަށް ގޮސް މަޑުކޮށްލަމުން ފޯނަށް ޖަވާބުދިނެވެ.
“އައްދެ! ހެނދުނު ހެނދުނާ ގުޅީމަ ފޯނުވެސް ނަގައިފިދޯ؟ ހީކުރީ އަލަށް ކައިވެނި ކޮށްގެން އުޅޭ ކުއްޖަކު މި ގަޑީގަ ފޯނެއް ނުނަގާނެކަމަށް. މިހާރުއްސުރެ އަނެއްކާ ދެމީހުން އެކަކު އަނެކަކަށް ފޫހިވީބާ؟” ލީނާ ދެއްކި ވާހަކައިން ފަލަކް އައި ރުޅިން ގޮށްމުއްކެވުނެވެ. އެހެނަސް ޖަވާބު ދިނުމުގައި މަޑުމައިތިރިކަން ޚިޔާރުކުރިއެވެ.
“މިއީ ފަތިސް ނަމާދު ވަގުތުކަން ލީނާއަށް ވެސް އެނގޭނެ ކަންނޭނގެ. އަހަރެންގެ އެއްވެސް ޒާތީ ވާހަކައެއް ލީނާއާއި ޙިއްސާކުރަން ޖެހޭ ކަމަށް ޤަބޫލެއް ނުކުރަން. ލީނާއަށް މި ގަޑީގަ ގުޅައިލެވުނީ ކީއްވެބާ. ނަންބަރުން ހީވަނީ ދުބާއިގަހެން ތިހިރީ..” ފަލަކް ބުންޏެވެ. ލީނާގެ ނަން ފަލަކް ކިޔައިލި ވަގުތަކީ އަފްޒަލަށް އެތަނަށް އާދެވުނު ވަގުތެވެ.
“ހަހަހަ….އެކަމަކު ކުޑަކޮށް އަހަންނާއި ބެހޭހެން އަހަންނަށް ހީވަނީ. ތި މެރީކޮށްގެން އުޅެނީ އަހަރެންގެ އެކްސްއާ ވިއްޔާ. އެނީވޭސް، އަހަންނަށް ކުޑަކަމެއް ކޮށްދޭން ވެއްޖެއޭ..މިހާރު މި ވާހަކަ ދައްކަނީ ފެމިނިން ޑިޒައިންސްގެ ކަސްޓަމަރެއްގެ ގޮތުގަ.”
“ކޮން ކަމެއް؟” ފަލަކް ދެންވެސް ރުޅިވެރިން ހިންދަން މަސައްކަތް ކުރަމުން ބުންޏެވެ. ކުންފުނީގެ ވެރިޔާގެ ހައިސިއްޔަތުން ކަސްޓަމަރުންގެ އޯޑަރުތައް ނެގުމަކީ އޭނަގެ ކަމަކަށް ނުވިޔަސްމެއެވެ.
“ދުބައި އިން އަހަރެން މި ފަހުން ގަނެފަ ހުންނާނެ އާ ޢިމާރާތެއް. އަނެއްހެން އަލެއްނޫން. ވަރަށް ގިނަ މަރާމާތުތައް ކުރަން ޖެހިފަ ހުރީ. މިތަނުގަ އިންޓީރިއާ ޑިޒައިނިންގް ހެދޭނެ ގޮތުގެ ޚިޔާލެއް ހޯދަން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު އަހަރެން މި ބުނާ އެޑްރެހަށް އަންނަންވީއެއްނު؟” ލީނާ ބުންޏެވެ.
“މައްސަލައެއް ނެތް. އަންނާނަން.” ފަލަކް އެހެން ބުނެލީ ވާހަކަ ކުރުކޮށްލުމަށެވެ. އިތުރަށް ލީނާ ލައްވާ އަފްޒަލްގެ ނަން ގަންނަން ބޭނުމެއް ނުވީތީވެއެވެ. ލީނާއާއި ބައްދަލުކުރަން ނިންމީ ލީނާއަށް ކޮންމެވެސް އެއްޗެއް ވިސްނި، އޭނައާއި މެދު އޮތް ޢަދާވާތްތެރިކަމަށް ނިމުމެއް ގެނެސްފާނެކަމުގެ އުއްމީދުގައެވެ.
ލީނާ އެންމެ ރަނގަޅޭ ބުނެ އެޑްރެސް މެސެޖުކުރާނެ ވާހަކަ ބުންޏެވެ. ފަލަކް އެ ވާހަކައަށް ވެސް ‘އޯކޭ’ ދިނުމުން އެ ކޯލު ނިމުމަކަށް އައެވެ. ފަލަކް ފޯނު ކަންފަތުން ދުރުކޮށްލަމުން އަނެއް ފަރާތަށް އެނބުރިލިއިރު، އަފްޒަލް ފެނިފައި ހުއްޓުން އަރާ ގޮތްވިއެވެ.
“ކާކުތަ އެ ގުޅީ؟” އަފްޒަލް ސީރިއަސްކަމާއިއެކީ އެހިއެވެ.
“އެއީ….ކުންފުނީގެ ކްލައިންޓެއް. އަންނަ ބުރާސްފަތި ދުވަހު އޭނައާއި ބައްދަލުކުރަން ދާން އެބަޖެހޭ.” ފަލަކް ދެންވެސް ހިނިތުންވުންތަކާއިއެކީ އެ ގުޅީ ކާކުކަން ސިއްރު ކުރެވޭތޯ ބެލިއެވެ. އަފްޒަލްގެ އިތުރު ސުވާލަކުން ސަލާމަތްވުމަށްޓަކައި ފަލަކް، އަފްޒަލް ފަހަނަޅައި ދާން އުޅުނު ވަގުތު އަފްޒަލްގެ އަޑު އިވުނެވެ.
“ފަލަކް ކޮންމެހެން ނުޖެހޭ ލީނާއާއި ބައްދަލުކުރަން ދާކަށް. އެރޭ ޕާޓީގެ ތެރެއިން ހިނގި ކަމަކީ ވެސް ލީނާގެ ކަމެއްހެން ހީވޭ. އެކަހަލަ ވީޑިއޯއެއް ލީނާ ނޫނީ މީހަކަށް ނުހޯދޭނެ. ލީނާ ފަލަކްއާއި ބައްދަލުކުރާނީ ހެޔޮ ނިޔަތެއްގަހެން ހިއެއްނުވޭ.”
“ހެހެ….ހާދަ ކަންބޮޑުވުމެކޭ؟ ހިއެއް ނުވޭ ލީނާ އެކަހަލަ ކަމެއްގަހެން ގުޅީ. ކުރިންވެސް ވިޔަފާރީގެ ކަންތަކުގަ ލީނާ އަހަންނަށް ގުޅައި ހަދައޭ.”
“ދެން ފަލަކް ތިއުޅެނީ ހަމަ ދާންތަ އޭނަ ކައިރިއަށް؟”
“އާނ….ކިހިނެއްވީ؟ ޖެލަސް؟ ހަހަހަ….”
ފަލަކް އެހެން ބުނެފައި ހޭންފެށުމުން އަފްޒަލަށް އެއްޗެކޭ ބުނަން އުޅެފައިވެސް މަޑުކޮށްލެވުނެވެ. އޭނައަށް ވާހަކަ މި ގެންދެވޭ މިސްރާބުން ފަލަކަށް ނުބައި މާނައެއް ނެގިދާނެހެން ހީވުމުންނެވެ.
“އެހެންނެއްނޫނޭ ލޯބި. އެރޭ ކަންތައް ހިނގި ގޮތުން އަހަންނަށް ހީވޭ ލީނާ ލޯބިއާއި ދޭތެރޭ ކަމެއް ކޮށްފާނެހެން. ހަމަ ގައިމުވެސް ލޯބި ހިތްހަމަނުޖެހޭ ވާހަކަތައް ލީނާ ދައްކާނެ. ލޯބި އެފަދަ މަޤާމެއްގަ ހުންނަން އަހަރެން ބޭނުމެއް ނޫން.” އަފްޒަލް ފަލަކާއި ލޮލާއި ލޯ ބައްދަލުކޮށްގެން ހުރެ ކަންބޮޑުވުންތައް ފާޅުކުރިއެވެ.
“އެނގޭ….އަހަރެންވެސް ޙަޤީޤަތުގަ ބޭނުމެއް ނޫން ލީނާގެ ދުލުން އެފަދަ ވާހަކަތައް އަޑުއަހާކަށް. އެކަމަކު ލީނާގެ ގާތަށް ދާން މި ނިންމީ ކީއްވެކަން އެނގޭތަ؟ ﷲ ސުބްޙާނަހޫ ވަތަޢާލާ ޞުލްޙަކުރާ މީހުންދެކެ ލޯބިވެވޮޑިގެންވާތީ. އަހަންނަށް ޚިޔާރު ކުރެވިދާނެ މުޅި ޢުމުރު ދުވަހު ލީނާއަށް ނަފްރަތު ކުރަން. އެކަމަކު ލީނާ އަދިވެސް އަހަންނާއި ވާހަކަ ދައްކަންޏާ މިއީ އަހަންނަށް އިމްތިޙާނެއް. އަހަރެންވީ އަހަންނަށް ވީހާވެސް ފުރިހަމައަށް ލީނާއަށް އިޙްސާންތެރިވުން ކަމުގަ ދެކެން.”
ފަލަކް އެ ދެއްކި ވާހަކަތަކުން އަފްޒަލް ހިމޭންވާ ގޮތްވިއެވެ. އެ ވަގުތުވެސް ފަލަކް ލީނާއާއި ބައްދަލުކުރުމުގެ ނަތީޖާއާއިމެދު ކަންބޮޑުވެފައިވިއެވެ. އެހެނަސް ފަލަކް ދެންމެ ބުނި ބަސްތަކުގެ ފުންކަން ފަހުމްވިއެވެ. އަދި އޭގެ ސަބަބުން ފަލަކަށްޓަކައި ހިތުގައިވި ޤަދަރާއި ލޯބި އިތުރުވިއެވެ. ފަލަކްގެ އެ ބަސްތަކުގެ ސަބަބުން ޢަދާވާތްތެރިންނަށް ވެސް އިޙްސާންތެރިވުމަށް ހިތްވަރެއް ލިބިގެން ދިޔައެވެ.
**
އަނަސްގެ ވާހަކަ ބައްޕަ ދެއްކިތާ ދެތިން ދުވަސްފަހުން ބައްޕަ އެދުނު ފަދައިން އަނަސްއާއި ވާހަކަ ދައްކަން ޒުހާ ނިންމިއެވެ. އެއީ ވަކި ކައިވެނި ކުރުމާއިމެދު އޭނައަށް ޔަޤީން ނިންމުމެއް ނިންމުނީތީވެއެއް ނޫނެވެ. އިސްތިޚާރާ ނަމާދު ކުރުމަށްފަހު، ﷲ އަށް ވަކީލުކޮށް ކޮންމެވެސް ގޮތެއް ކަނޑައެޅުމަށެވެ. އަދި އޭގެ ނަތީޖާ ނިކުންނާނެ ގޮތް ބެލުމަށެވެ. ކޮންމެ ގޮތެއްވިޔަސް ﷲ އިރާދަކުރައްވާނީ އޭނަގެ ދުނިޔެއާއި އާޚިރަތަށް އެންމެ ހެޔޮ ގޮތްކަން ޔަޤީން ކުރަމުންނެވެ.
“އައްސަލާމްޢަލައިކުމް އަނަސް…..އަޑުއެބައިވޭތަ؟” މަޖީދު އެހެން ބުނީ ޒުހާގެ ކޮމްޕިއުޓަރު ކައިރީގައި މައިކު ހައްޔަރު ކުރަމުންނެވެ. އޭރު ޒުހާ އެ މޭޒު ކައިރި ބެހެއްޓިފައިވި ގޮނޑި އެއްފަރާތަކަށް ޖައްސައިގެން އިނެވެ.
“ވަޢަލައިކުމުއްސަލާމް. އާދެ އެބަ އިވޭ.” އަނަސް އެހެން ބުނި އަޑާއިއެކު ސްކްރީނުން އަނަސްގެ ސޫރަ ފެނިގެން ދިޔުމުން ބޭއިޚްތިޔާރުގައި ޒުހާއަށް އިސްޖަހައިލެވުނެވެ.
“ރަނގަޅު އެހެންވެއްޖެއްޔާ. ބައްޕަ އިތުރު ވާހަކައެއް ނުދައްކާނަން. މި ވީޑިއޯ ކޯލް މި ކުރެވުނީ ދެކުދިން އެއްބަސްވެގެން. ދެކުދިން އަވަހަށް ވާހަކަ ދައްކާ.” މަޖީދު އެހެން ބުނެ، ޒުހާ އިން ގޮނޑީގައި ހިފައި ސީދާ ސްކްރީންގެ ކުރިމައްޗަށް ގެނައެވެ. ކުއްލި ގޮތަކަށް ސީދާ އަނަސްއާއި ކުރިމަތިލެވުމުން ގަތް ލަދާއިއެކީ ޒުހާގެ އިސްޖެހުނު ވަގުތު ކޯތާފަތްވެސް ރަތްވިއެވެ. ލަދުގަތީ ދެމީހުން މި ވާހަކަ ދައްކަނީ ކޮންކަމަކަށް އެއްބަސްވެގެންކަން ހަނދާންވަމުން ދިޔައީތީވެއެވެ.
“ސޯ….ހައު އާރ ޔޫ؟” އަނަސް އެ ސުވާލުކޮށްލީ މަޖީދު އެތާ ހުއްޓައެވެ.
ޒުހާ އެ ސުވާލަށް ޖަވާބުދޭން އުޅެނިކޮށް މަޖީދު އެއްކަލަ ޒާތަށް ކެއްސަން ފެށިއެވެ. ޒުހާ ކަންބޮޑުވުމަކާއިއެކީ ފަސްއެނބުރި ބައްޕާއޭ ކިޔައި ގޮވައިލިއެވެ.
“ބައްޕަ….އޯކޭވާނެ. އެބަ އަންނަން…” މަޖީދު އުދަގުލާއިއެކީ އެހެން ބުނުމަށްފަހު ކޮޓަރިން ނިކުމެގެން ދާން ފެށިއެވެ. ޒުހާ އިތުރު އެއްޗެކޭ ބުނަން އުޅުމުން ވެސް އަނަސްއާއި ވާހަކަ ދައްކާށޭ ބުނެ ނިކުމެގެން ދިޔައެވެ.
“ޒުހާގެ ބައްޕަ ބަލީތަ؟” އަނަސް އެ ސުވާލު ކުރުމާއިއެކީ ޒުހާ ސްކްރީނަށް ބެލިއެވެ.
“އާނ….މިހާރު ފުދޭވަރަކަށް ދުވަސްވެއްޖެ ބަލިކޮށް އުޅޭތާ. ޑޮކްޓަރަށް ދައްކައިގެން ބޭސްވެސް އެބަ ކައި. އެކަމަކު ރަނގަޅެއް ނުވޭ.” ޒުހާ ކިޔައިދިނެވެ.
“އޮހް….”
“ހުމް…އައިމް….ފައިން. ހައު އާރ ޔޫ؟”
“އައިމް ގުޑް ޓޫ. ވަރަށް އޯކްވާޑްދޯ މިހެން ވާހަކަ ދައްކަންވީމަ؟”
“ހުމް….ބައްޕަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ!”
“ހަހަހަހަ! ޒުހާ އެއްބަސް ނުވަނީސްތަ އަނެއްކާ މި ބައްދަލުކުރުވީ؟”
“ނޫން….އަހަންނަށް ވެސް…ކަމުދޭ.”
ޒުހާގެ އަޑު އަނެއްކާވެސް ޖެހިލުންވެގެން ދިޔަ ހިނދު ބުނެލި ބަސްތަކުން އަނަސް ހިމޭންވާ ގޮތްވިއެވެ. ހިނދުކޮޅެއް ވަންދެން ޒުހާ އިސްޖެހިފައި އިން މަންޒަރަށް ބަލަން އިނދެވުނެވެ.
“އަސްލު….ހިއެއް ނުކުރަން އަހަންނަށް މި ޢުމުރުގަ ކަމުދާ ކުއްޖަކު ފެނިދާނެ ކަމަށް. ޙަޔާތުގެ މިހާ ހިސާބަށް އައިއިރު އަދި ކުއްޖަކާ ރައްޓެހި ނުވަން. ލައިފްގަ ކަންތަ ހިނގާ ދިޔަ ގޮތުން ވަރަށް ކުޑައިރު މި ޤައުމަށް ބަދަލުވާން ޖެހުނީ. މަންމައާއި ބައްޕަ ނިޔާވި ފަހުން ދޮންތަގެ ހަޒްބެންޑްގެ ޚަރަދުގަ އަހަރެން އުޅެން ޖެހުނީ. އެހެން އުޅެން އެހާ ހިތްހަމަ ނުޖެހުނީމަ އެކި ޖޮބްތަކުގަ އުޅެމުން ގޮސް މިހާ ހިސާބަށް މި އައީ. އަލްޙަމްދުލި ﷲ. އަހަރެން މިހާ ހިސާބަށް ގެންނެވީ ހަމައެކަނި ﷲ. އެކަލާނގެ އަހަންނަށް ފުރުސަތުތައް ފަހިކޮށް ނުދިންނަމަ އަހަރެން މިއަދު ވެސް ވީހީ އަތްމަތި ދަތިކޮށް އުޅޭ ނިކަމެއްޗަކަށް.”
އަނަސް އޭނަގެ ޙަޔާތުގެ ޚުލާސާއެއް ދިނެވެ. އެ ވާހަކަ ނިންމަމުން އަނަސް ﷲ އަށް ޙަމްދުކުރި ގޮތް ޒުހާއަށް ކަމުދިޔައެވެ.
“އަހަންނަށް އަދި ކެރިއާރ ބިލްޑެއް ނުވޭ. އަދި ޔަޤީނެއްނޫން ކުރިއަށްދާން ބޭނުންވަނީ ކޮން ދާއިރާއަކުން ކަމެއް. އާރލީ ޓުވެންޓީސްގަ ތިގޮތަށް ސެޓްލްވުމަކީ ވަރަށް ބޮޑު ނިޢުމަތެއް އަސްލުވެސް. ތަބާރަކަ ﷲ.” ޒުހާ ތަޢުރީފުކުރިއެވެ. އޭގެ ޖަވާބެއްގެ ގޮތުން އަނަސްއަށް ހީލެވުނެވެ.
“އާނ އަނެއްހެން ސަޅި. ވަރަށް މިނިވަންކޮށް އުޅެވޭ މިހެންވީމަ. ދޭތެރެއަކުން އެންޖޯއިކުރަން ދަތުރުވެސް ކުރަން.”
“ރިއަލީ؟ ކޮން ތަނަކަށްތަ މި ފަހުން ދަތުރު ކުރީ؟”
އެހާ ހިސާބުން ފެށިގެން ދިޔައީ އަނަސްއާއި ޒުހާގެ ޙަޔާތުގެ އާ ބާބެކެވެ. ދެމީހުން އެކީގައި ފަށާނެ ދިރިއުޅުމެއްގެ އުއްމީދުތަކާއި އެކީގައެވެ.
**
ފަލަކް ލީނާއާއި ބައްދަލުކުރުމަށްޓަކައި ތައްޔާރުވީ، ލީނާ އޭނައަށް ގުޅިތާ 2 ދުވަސް ފަހުން ބުރާސްފަތި ދުވަހުގެ ހަވީރު ވަގުތެވެ. އެ ދުވަހުގެ ރޭ އަފްޒަލް ވެސް މާލެއަށް ފުރަން ނިންމާފައި އޮތީތީ ފަލަކާއި އަފްޒަލް އެ ދެދުވަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިއެވެ. އެވަގުތުވެސް ފަލަކް ރީތިވާ މޭޒު ކުރިމަތީގައި ހުރެ އަތުކުރީ ގަޑި އަޅަން އުޅުނު ހިނދު، އަފްޒަލް ފަހަތުން އައިސް ފަލަކްގެ ގައިގައި ބައްދައިލިއެވެ. ފަލަކް ލޯ މަރައިލަމުން ލުއި ގޮތަކަށް ހީލިއެވެ.
“ގަޑި ޖެހެނީ އިނގޭ. އައި ކާންޓް ބީ ލޭޓް.” ފަލަކް ލަސްލަހުން އެނބުރި އަފްޒަލާއި ކުރިމަތިލަމުން ބުންޏެވެ.
“އެނގެއޭ. އަހަރެންގެ ވައިފްއަކީ ވަރުގަދަ ސީއީއޯއެއްކަން. އެކަމަކު….ހަމަ ޔަޤީންތަ ލީނާ އާއި ބައްދަލުކުރުމާމެދު؟ އަހަރެން އަންނަންތަ ފަލަކްއާއެކީ؟” އަފްޒަލް ފަލަކްގެ ކޯތާފަތުގައި އެއްއަތުން ހިފަމުން އެހިއެވެ.
“އޯ ނޯ! އަފްޒަލް ދިޔައިއްޔާ އިތުރަށް ޑްރާމާ ބޮޑުވާނެއެއްނު؟ އަފްޒަލްއާ އަފްޒަލްގެ އެކްސްއާ އަފްޒަލްގެ ވައިފް! ހަމަ ސީދާ ފިލްމެއްނު ކުޅެވޭނީ؟ ހެހެހެހެ….ޓްރަސްޓް މީ އަފްޒަލް…އިޓް ވިލް ބީ އޯކޭ. މިހާރު މި ދާ ގޮތަށް ގޮސް އަފްޒަލް މިރޭ ފުރަން ވާއިރަށް އަނބުރާ އަންނާނަން. އިން ޝާ ﷲ.”
ފަލަކް ބުންޏެވެ. ފަލަކް އެހެން ބުނުމުން ހިތަށް ލިބުނު ތަސައްލީއާއިއެކު އަފްޒަލް ފަލަކްގެ ގައިގައި ބައްދައިލިއެވެ. ފަލަކް ވެސް ލޯ މަރައިލަމުން އަފްޒަލްގެ ގައިގައި ބެއްދިއެވެ.
**
އޭގެ ގަޑިއިރެއްހާއިރު ފަހުން ފަލަކްގެ ކާރު ޕާކް ކުރެވިގެން ދިޔައީ ދުބާއިގެ އެހާ ތަރައްޤީ ނުވާ ހިސާބަކަށެވެ. ކާރުން ފޭބުމަށްފަހު ވަށައި ނަޒަރު ހިންގައިލުމުން ވެސް ފެންނަމުން ދިޔައީ، ފެންވަރު ދަށް، ބާ ޢިމާރާތްތަކެވެ. ޢިމާރާތްތަކުގެ ތިރިން ފެންނަމުން ދިޔަ ކުދި ވިޔަފާރިތައް ހިންގަމުންދާ ފިހާރަތަކެވެ. މަގުމަތިން ފެންނަމުން ދިޔައީ، ބުރަ މަސައްކަތުން ވަރުބަލިވެ، ހޭލަމޭލައަށް އުޅެމުންދާ މީހުންނެވެ.
ފޯނަށް ބަލައިގެން ލީނާ ފޮނުވާފައިވި އެޑްރެސް ހޯދަމުން ދިޔައިރު ފަލަކްގެ މޫނުމައްޗަށް ވެރިވެފައިވީ ޙައިރާންކަމެވެ. ލީނާ މިފަދަ ޞަރަޙައްދަކުން ގެއެއް ހޯދަފާނެކަމަށް ޤަބޫލުކުރަން ދަތިވުމުންނެވެ.
ކޮންމެ ގޮތެއްވިޔަސް ފޯނުން ހުޅުވާފައިވާ މެޕްސްއިން ފެންނަމުން ދިޔަ ލޮކޭޝަނާއި ހަމަވިއިރު ފަލަކަށް ހުރެވުނީ ހުދުކުލައިގެ ބާ ޢިމާރާތެއްގެ ކުރިމަތީގައެވެ. ދެ ފަރާތަށް ނަޒަރު ހިންގިއިރު ލީނާ ފެންނަން ނެތުމުން ފަލަކް ކުރިމަތީގައި ހުރި ވަކަރު ދޮރުގެ ތަޅުގައި ހިފިއެވެ. ފަލަކަށް އެ ތަޅު އަނބުރާ ނުލެވެނީސް، އެ ބަލިކަށި ދޮރު އަޑަކާއިއެކީ ހުޅުވިގެން ދިޔައެވެ. ޢިމާރާތުގެ ތެރެއަށް ވަދެ ވަށައި ނަޒަރު ހިންގުމުން މައްޗަށް ނެގިފައިވާ ފަންގިފިލާތަކުގެ ބަރިތައް ފެންނަމުން ދިޔައެވެ. ބަލްކަނީގެ ރެއިލިންގްތައް މަތިމައްޗަށް ފެންނަމުން ދިޔަ ގޮތުން ފަލަކްގެ ބޮލަ އެނބުރުން އެރި ވަގުތު މޭ ވެސް ނުބައިކުރިއެވެ. މަންމަ ނިޔާވި ދުވަސްތަކުގެ ބިރުވެރި ހަނދާންތައް އާވާން އުޅުނު ވަގުތު ލީނާގެ އަޑުއިވުނެވެ.
“އަނހަ! މިހިރީ ފަލަކް އައިއްސައޭދޯ؟ ރައިޓް އޮން ޓައިމް! ހިނގާ މައްޗަށް އަހަންނާއިއެކީ.” ލީނާ ހިނިތުންވުމަކާއިއެކީ އެހެން ބުނި އަޑަށް ފަލަކް އެ އަޑު އައި ދިމާލަށް ބަލައިލިއެވެ. ލީނާ ފެނުމާއިއެކު ހަމައަކަށް އެޅެން މަސައްކަތް ކުރަމުން ފަލަކް ހިނިތުންވުމަކާއިއެކީ ބޯޖަހައިލިއެވެ.
އޭގެ އިރުކޮޅެއްގެ ތެރޭގައި ފަލަކް ލީނާގެ ފަސްފަހަތުން ސިޑިބަރިއަކުން އަރަމުން ދިޔައެވެ.
“އަފްޒަލް ނާދޭތަ؟” ލީނާ ސުވާލުކުރިއެވެ.
“ނާދޭ.” ނުރުހުންތެރިކަން ފޮރުވަން މަސައްކަތް ކުރަމުން ފަލަކަށް ދެވުނީ ކުރު ޖަވާބެކެވެ.
“ހުމް….އައި ނަމަ ދެމީހުންނަށް ހިތި ހަނދާންތައް ފިލުވައި އެކުވެރި ވެވުނީހެއްނު؟ އެކްސްއަކަށްވިއޭ ކިޔާފަ ދެމީހުން މޫނު ނުޖެހުމަކީ އަހަރެން ޤަބޫލުކުރާ ގޮތެއްނޫން.” ލީނާ އެހެން ބުނެލިއިރު ދެމީހުންނަށް ވެސް ފުރަތަމަ ފަންގިފިލާއަށް ދެވުނެވެ. އެއީ ކުޑަދޮރުތަކުން އަންނަމުން ދިޔަ އަލި ފިޔަވައި އެހެން އައްޔެއް ނެތް، އަނދިރި ފަންގިފިލާއެކެވެ.
“ސަބަބެއްނެތި ހިލޭ އަންހެނަކާއި އެކުވެރިވެގެން އުޅުމަކީ އަފްޒަލް ޤަބޫލުކުރާނެ ގޮތެއްހެން ހިއެއްނުވޭ.” ފަލަކް ސާބިތުކަމާއިއެކީ ބުންޏެވެ. އެއާއިއެކު ލީނާ ހިނިގަނޑެއް ޖަހައިލިއެވެ.
“ސަބަބެއްނެތިދޯ؟ މިއަދު އަހަރުމެން ދެމެދުގަ ސަބަބެއްނެތީ ފަލަކް ކަހަލަ ރީތި ކުއްޖަކު އަހަރުމެން ދެމެދަށް އައިމައެއްނު؟”
“ލީނާ ޕްލީޒް! ޙަސަދަވެރިކަމުގެ ވެސް ހައްދެއް އޮންނާނެ.”
“އެކަމަކު އަހަރެން މި ބުނީ ހަމަ ތެދެކޭ. ފިރިހެނުންނަކީ އެކަހަލަ ބައެއް. އެމީހުން ހިތް ކިޔާނީ އަބަދުވެސް ބޭރުފުށުގެ ރީތިކަމަށް. ފަލަކް އަމިއްލައަށް ވެސް މި ކަހަލަ ވާހަކަތައް އަމިއްލަ ވެބްސައިޓްގަ ލިޔުނީމެއްނޫންތަ؟”
“އާނ އެކަމަކު-“
“އެއީއޭ ޙަޤީޤަތަކީ. ފިރިހެނުން ޙަޔާތުގެ ބައިވެރިއަކަށް ހޮވާނީ އެމީހަކަށް އެންމެ ރީތި ކުއްޖާ. އަފްޒަލް އަހަންނާއި ބްރޭކް އަޕް ވުމަށްފަހު އެހާ ދުވަސް ވަންދެން ހުސް ހަށިބަޔަށް ހުރުމަށްފަހު ފަލަކް ޚިޔާރުކުރީ ކީއްވެ؟ އަހަންނަށްވުރެ ފަލަކްގެ ސޫރަ އަފްޒަލަށް ރީތިވީމަ. ކިތައް ފިރިހެނުންތަ ކައިވެނީގެ ވަކި ހިސާބަކަށް ގޮއްސަ އަންހެނުންގެ ރީތިކަން ގެއްލުނީމަ ވަރިކުރަނީ؟ އެއީއޭ ފިރިހެނުންގެ ގޮތަކީ…”
“ތިއީ….އަފްޒަލްގެ ގޮތެއް ނޫން. އަހަރެން މި ތަނަށް މި އައީ ލީނާއާއި އަފްޒަލްގެ ވާހަކަ ދައްކާކަށް ނޫން. މަޝްވަރާ ކުރަން ބޭނުންވި ވާހަކަ ދައްކަން އުޅޭ!”
ފަލަކް ބުންޏެވެ. އެއާއިއެކު ލީނާ ދެބުމަ އަރުވައިލިއެވެ.
“އޯކޭ….އެބަ އަންނަން އަހަރެންގެ ޕްލޭނާރ ބުކް ހިފައިގެން. ހަނދާން ނެތިވެ ކާރުގަ ބާއްވާފަ އާދެވުނީ. އެބަ އަންނަން….”
ލީނާ އެހެން ބުނެ އެތަނުން ދާން ހިނގައިގަތެވެ. ލީނާ ސިޑިން ފައިބަމުން ދިޔަ ފިޔަވަޅުތަކުގެ އަޑު މަޑުވެގެން ދިޔަ ދިޔަހެން ލީނާ ދެންމެ ދެއްކި ވާހަކަތަކާއިމެދު ފަލަކަށް ވިސްނުނެވެ. އޭނަގެ ރީތިކަން ގެއްލިއްޖެނަމަ، ހަމަ ޙަޤީޤަތުގައި އަފްޒަލް އޭނަ ދޫކޮށް ހިނގައިދާނެ ހެއްޔެވެ؟ މިއީ އަދި އޭނައަށް އަފްޒަލާއި ނުދެކެވި އޮތް ވާހަކައެކެވެ. ނަތީޖާއެއްގެ ގޮތުން ދެމަފިރިން ވަކިކުރަން އުޅޭ ޝައިޠާނާގެ ވަސްވާސްތަކުން ފަލަކްގެ ސިކުނޑި ފުރުނެވެ. އަފްޒަލަކީ ހިތްހެޔޮ މީހަކަށް ވިޔަސް ލީނާ އެ ބުނަނީ ތެދަކަށް ވެދާނެ ކަމަށް ޤަބޫލު ކުރެވުނެވެ.
ފަލަކްގެ ސިކުނޑިއަށް އެ ޚިޔާލު ވެރިވި ވަގުތު އެމަޖެންސީ އެލާމެއްގެ ބާރު އަޑެއް އެތަނުގައި ގުގުމައިލިއެވެ. ހާސްވެގެން ދިޔަ ހިތަކާއިއެކީ އެތަނުން ނިކުންނަށް ފަލަކް އުޅުނު ތަނާހެން އެތާ ސީލިންގްގައި ހުރި އަލިފާން ނިވަން ބޭނުންކުރާ ސްޕްރިންކްލާރތަކުން ފެން އަންނަން ފެށިއެވެ. އެ ފެން ގައިގައި ޖެހުމާއިއެކު އިޙްސާސް ކުރެވެން ފެށި ދިލަ ހޫނުކަމާއިއެކީ ފަލަކަށް ހަޅޭއްލެވެން ފެށިއެވެ.
ނުނިމޭ