ޤަދަރު (ނުވަވަނަ ބައި)
9 ޖަހަން ގާތްވަމުން ދިޔަ ވަގުތު އަފްޒަލްގެ ކާރު ސިނަމާލޭ ބްރިޖް މަތިން ދުއްވަމުން ދިޔައެވެ. އޭނަ ދުއްވަމުން ދިޔައީ ޢާއްމު ގޮތެއްގައި އޭނަ ދުއްވާ ވަރަށްވުރެ ބާރު ސްޕީޑެއްގައެވެ. މިރޭ މި ދާން އުޅޭ މަންޒިލަށް ދިޔުމަށް އޭނައަށް ނިކުމެވުނީ ލަހުން ކަމަށްވުމުންނެވެ. އެ މަންޒިލަށް ދާނީތޯ ނުވަތަ ނުދާނީތޯ ނިންމުމުގައި އޭނައަށް މާ ގިނައިރު ވަންދެން ދެ ޚިޔާލެއްގެ މަތީގައި ހުރެވުނީތީވެއެވެ.
“މި ބޭބެ އަފްޒަލް ކުއްޖަކާ ދިމާކޮށްދިނިއްޔާ، އެފަދަ ނަޒަރަކުން އެކުއްޖާއާއިމެދު ވިސްނާލަފާނަންތަ؟”
އެދުވަހު ހަވީރު އޭނައާއި ކޮށްލެވުނު ސުވާލު ކާރު ތެރޭގައި އިން އަފްޒަލްގެ ކަންފަތުގައި ގުގުމައިލިއެވެ.
“ކް…ކޮން…ކުއްޖެއްތޯ؟” އަފްޒަލަށް ކެނޑިކެނޑިގެން އަހައިލެވުނެވެ. އެއާއިއެކު މަޖީދު ލުއިގޮތަކަށް ހީލިއެވެ.
“ހިއެއްނުވޭ އަފްޒަލަށް ކަމުދާނެ ޒާތުގެ ކުއްޖެއްހެން އެއީ. އެކަމަކު ޙަޤީޤަތުގަ އެއީ ވަރަށް ހިތްހެޔޮ ކުއްޖެއް. ބޭރު ފުށުން ނޭދެވޭ ސިފަތައް ފެނުނަސް ނޭނގުމެއްގެ ތެރެއިން މަގު ގެއްލިގެން އުޅޭ ކުއްޖެއް އެއީ. ކުރެވުނު ތަޖުރިބާތަކެއްގެ ސަބަބުން އެކުއްޖާއަށް އެގޮތް ދިމާވީ.” މަޖީދު ބުންޏެވެ.
“މަގު ގެއްލިގެން އުޅޭ ކުއްޖެކޭ ތި ބުނުއްވީ….ދީނާއި ދުރުވުމުގެ މާނައިގަތޯ؟” އަފްޒަލް އަހައިލިއެވެ.
“ތެދުތެދަށް ބުނަންޏާ އަފްޒަލްގެ ނަޒަރުގަ އެއީ ދީނާއި ދުރު ކުއްޖަކަށް ވެދާނެ ކަންނޭނގެ. ބުރުގާ ނާޅާ ކުއްޖެއް އެއީ. އެކަމަކު އެ ކުއްޖާއަށް ވީ މިންވަރަކުން އެ ކުއްޖާ ވެސް ދީނާއި އެއްގޮތަށް އުޅެން މަސައްކަތް ކުރޭ…” މަޖީދު ބުނެލި ވާހަކައާއިއެކީ އަފްޒަލް ނުރުހުންވާ ގޮތްވިއެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން އެކަމަކު އަޅުގަނޑު ދެކޭ ގޮތުގަ ވީހާވެސް ފުރިހަމައަށް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެން އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަންޖެހޭނެ. ބުރުގާ ވެސް އަޅަން ޚިޔާލު ނުކުރާ ހިސާބުގަ ހުރި ކުއްޖަކާއި އިންނަން އަޅުގަނޑު ބޭނުންވާނެހެން ހިއެއްނުވޭ…” އަފްޒަލް ބުންޏެވެ.
“އެކަމަކު ދީނުގަ އަންގަވާފައިވާ ގޮތަށް އުޅުމަށް އެކަކު އަނެކަކަށް ބާރު އެޅުމަކީ ވެސް ނެތްކަމެއް ނޫންދޯ އަފްޒަލް؟”
“އާދެ އެކަމަކު…..ކައިވެންޏަކީ ޙަޔާތުގައި ނިންމޭ ވަރަށް ބޮޑު ނިންމުމެއް. މީހަކު ބަދަލުވެދާނެ ކަމުގެ އުއްމީދުގަ އެމީހަކާއި އިނުން ވެގެންދާނީ ކަތި ފިޔަވަޅެއް ކަމުގަ އަޅުގަނޑު ދެކެނީ…”
އަފްޒަލް ސާފުކޮށް އިންކާރު ކުރިއެވެ. އެއާއިއެކު އަނެއްކާވެސް އެދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަން ނަގައިލީ ފުން ނޭވައެއް ދޫކޮށްލި މަޖީދެވެ.
“އެންމެ ރަނގަޅު….ދީނުގެ ކަންތައް މި ބޭބެއަށްވުރެ ބޮޑަށް އެނގޭނީ އަފްޒަލަށް. އަފްޒަލް ހިތްހަމަނުޖެހެންޏާ ކޮންމެހެން މައްސަލައެއް ނެތް އެއްބަސް ނުވިޔަސް. އަފްޒަލާއި އެކުއްޖާ ގުޅޭނެހެން ހީވާތީ ބޭބެ ޚިޔާލު ފާޅުކުރީ….ކޮންމެ ގޮތެއްވިޔަސް ބޭބެ އަދިވެސް އަފްޒަލަށް ވިސްނަން ވަގުތު ދޭން ބޭނުން. މިއޮތީ އެ ކުއްޖާގެ ކާޑު. ހުރިހާ ގޮތަކުން ވެސް މޮޅުވެފަ، ރީތި އަދި ހިތްހެޔޮ ކުއްޖެއް އެއީ. އެއްވެސް ހިސާބަކުން އަފްޒަލް ޝައުޤުވެރި ވެއްޖެއްޔާ މި ބޭބެއަށް ގުޅައިލަދެއްޗޭ…” މަޖީދު އެހެން ބުނެ ގަމީހުގެ ޖީބުން ނަގައިލި ކާޑެއް އަފްޒަލަށް ދިނެވެ. އޭގައި ބޮޑު އަކުރުން ލިޔެވިފައިވީ ‘ސީއީއޯ އޮފް ފެމިނިން ޑިޒައިންސް’ އެވެ. ‘ފެމިނިން ޑިޒައިންސް’ އަކީ އޭނަ ކުރިން ވެސް އިވިފައިވާ ނަމަކަށްވާތީވެއެވެ.
އެ ބަސްތަކުގެ ތިރީގައި އޮތް ނަމަށް ވަގުތުން ބަލައިލެވުނީ އެ ކާޑަށް ދެވުނު ސަމާލުކަމެއްގެ ބޮޑު ކަމުންނެވެ. އެ ނަމަށް އަފްޒަލް ބަލައިލި ހިނދަކީ މަޖީދު އެ ބަސްތައް ކިޔައިލި ވަގުތެވެ.
“އައިޝަތު ފަލަކް މަޖީދު…..އެއީ މި ބޭބެގެ ހުރި ދޮށީ އަންހެން ދަރި. އެއީ ބޭބެގެ ލޯބިވާ އަލަތު ދަރިފުޅު ވެސްމެ…..މޮޔަ އަންހެން ކުއްޖާ! 29 އަހަރުގެ ޢުމުރަށް އައިއިރު ވެސް އަމިއްލައަށް އެކަނިވެގެން އެއުޅެނީ. އަމިއްލަ ބައްޕައާއި ވަކިން ގެއެއްގަ އުޅެމުން ވެސް ކައިވެންޏެއް ކުރަން ޚިޔާލެއް ނުކުރޭ….ބިރުގަނޭ އެކުއްޖާ އަމިއްލަ ނަފްސަށް ގެއްލުމެއް ދީފާނެތީ. މަންމަ ނިޔާވިފަހުން ނަފްސާނީ ގޮތުން ވަރަށް އަސަރުކޮށްފަ ފަލަކް ހުންނަނީ…” މަޖީދު ދެރަވެފައި އިނދެ ކިޔައިދިނެވެ.
އެ ވާހަކަތަކަށް ދޭނެ ރައްދެއް ނޭނގިފައި އަފްޒަލަށް އިނދެވުނީއެވެ. އަފްޒަލް އެއްޗެކޭ ނުބުނުމުން މަޖީދު ހިނިތުންވެލުމަށްފަހު ވާހަކަ ދެއްކިއެވެ.
“ވިސްނާލާފަ ޖަވާބެއްދެއްޗޭ. މިރޭގެ ކުރިން ގޮތެއް ނިންމުނިއްޔާ 9 ޖަހާއިރު ކަމަނަ ރެސްޓޯރެންޓުގަ ފަލަކާއި ބައްދަލު ކުރެވިދާނެ. އެހެންނޫނީ އެއަށްވުރެ ލަހުން ޖަވާބެއް ދޭން ބޭނުން ވެއްޖެއްޔާ ބޭބެއަށް ގުޅައިލުން އެދެން. މި ވާހަކައާއި ދެންމެ ވެވުނު ވިޔަފާރީގެ އެއްބަސްވުމާއި އެއްވެސް ގުޅުމެއް ނެތްކަން ޔަޤީންކޮށްދެން. އަފްޒަލް ފަލަކާއި އިންނަން އިންކާރު ކުރިޔަސް އެ އެއްބަސްވުން އެ ގޮތުގަ އޮންނާނެ. އެކަމަކު އަފްޒަލް މި ބޭބެ ދެންމެ ދެއްކި ވާހަކައަށް ވެސް އާނބަސް ބުނެފިއްޔާ ބޭބެ ވަރަށް އުފާވާނެ….އެއީ އަފްޒަލަށް ވެސް ލިބޭނެ އުފަލެއް ކަމުގަ ބޭބެއަށް ޤަބޫލު ކުރެވެނީ. ފަލަކާއި ދެވަން ވަރަށް ގިނަ ޒުވާނުންނާއި ބެހޭގޮތުން ބަލައި ހޯދައިފިން. އެ ހުރިހާ އެންމެންގެ ތެރެއިން ފަލަކަށް އެންމެ އެކަށޭނަ ކުއްޖަކަށް ބޭބެއަށް ފެނުނީ އަފްޒަލް…”
މަޖީދު ދިޔުމުގެ ކުރިން ބުނެލި އެ ފަހު ޖުމްލަތަކުން އަފްޒަލްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނައަށް މި ހުރެވުނީ ގިނަ ދުވަސްތަކެއް ވަންދެން އޭނަ އިންތިޒާރު ކުރި ވަގުތުކޮޅެއްގައިހެން ހީވިއެވެ.
އެ ހީވުމަކީ ހަމަ ޙަޤީޤަތެކެވެ. އޭނަގެ ދުވަސްވީ ލޯބިވެރިޔާ ލީނާ އޭނަ ދޫކޮށް ދިޔަފަހުން އޭނަ ހުހަށް ހުއްޓަސް އުފާވެރި ޒަވާޖީ ޙަޔާތަކަށްޓަކައި އޭނަ އެތައް ދުޢާއެއް ކޮށްފައިވެއެވެ. އޭނައަށް ރަނގަޅު ޢާއިލާއަކުން ކައިވެންޏެއްގެ އެދުމެއް އަންނާނެ ގޮތެއް ވުމަށެވެ. އެހެންނޫނީ އޭނައާއި އެތައް ގޮތަކުން ގުޅޭނެ ކުއްޖަކާއި އޭނަ ބައްދަލުވުމަށް ދުޢާ ކުރެވުނެވެ. މިހާތަނަށް އައިއިރު އޭނަ އެކަހަލަ ކުއްޖަކާއި ދިމާވެފައި ނުވަނީ އޭނަ އަމިއްލަ މާޒީގައި ބަނދެވިފައިވީތީވެއެވެ. އެތައް ޢާއިލާއަކުން އޭނަގެ މަންމަ ގާތަށް އައިސް އޭނައާއި ދެވުމަށް އަންހެން ކުދިންގެ ވާހަކަތައް ގެނެސްފައިވެއެވެ.
އެހެނަސް މި ވަގުތުކޮޅާއި ޖެހެންދެން އޭނަ އެފަދަ ހުރިހާ އަޑުތަކަށް ދިނީ ބީރު ކަންފަތެކެވެ. އެ ދުޢާގެ ޖަވާބު މި ލިބިގެން ދިޔައީ މިއަދު ކަމަށް ޔަޤީނާއި ގާތްވާހާވިއެވެ.
އެދުވަހު ގެއަށް ގޮސް ފެމިނިން ޑިޒައިންސްއާއި ގުޅޭ ގޮތުން އިންޓަނެޓްގެ ޒަރިއްޔާއިން އަފްޒަލް ހޯދިއެވެ. އެ ބްރޭންޑްގެ ވެބްސައިޓަށް އޭނަ ކުރިން ވެސް ޒިޔާރަތް ކޮށްފައިވެއެވެ. އެ ކުންފުނިން އެންމެ ފަހުން ތަޢާރަފު ކުރި ޚިދުމަތް ކަމަށްވާ އަންހެންވަންތަ އިންޓީރިއާ ޑިޒައިންތައް ހެދުމެވެ. އަފްޒަލް އެ ކުންފުނީގެ ކަސްޓަމާރ ސާވިސްއަށް މެސެޖެއްކޮށް، އެ ޚިދުމަތަށް ޝައުޤުވެރިކަން ހުރި ވާހަކަ އެންގީ، ‘ކަމަނަ’ ރެސްޓޯރެންޓާއި ގުޅޭނެ ޑިޒައިނެއް އެ ކުންފުނިން ލިބިދާނެކަމަށް ޤަބޫލު ކުރެވުނީތީވެއެވެ.
އެހެނަސް އެރޭ އަފްޒަލްގެ ހޯދުންތައް ހުރީ އެ ކުންފުންޏަށްވުރެ އެ ކުންފުނީގެ ވެރި ފަރާތަށް އަމާޒުވެފައެވެ. ކުންފުނީގެ ވެބްސައިޓް ހާވަމުން ދަނިކޮށް ކުންފުނި އުފެދިގެން އައި ގޮތް ސިފަކުރެވިފައިވި ލިޔުންކޮޅުގައި ‘ޢައިޝަތު ފަލަކް މަޖީދު’ގެ ނަމަށް ކްލިކް ކުރެވޭ ގޮތަށް ހެދިފައިވިއެވެ.
އެ ނަމަށް ކްލިކް ކުރުމާއިއެކު އަފްޒަލަށް ދެވުނީ ސީދާ ފަލަކް މަޖީދުގެ ވެބްސައިޓަށެވެ. ވެބްސައިޓް ލޯޑްވެގެން ދިޔަހެން އެންމެ ފުރަތަމަ ވެސް ކުރިމަތިން ފެނިގެން ދިޔައީ ދަތްދޮޅީގައި ލުއި ގޮތަކަށް އެއްއަތް ޖައްސައި، އެއްމިޔަކަނުގެ ހިނިތުންވުމަކާއިއެކީ ހުރި އަންހެން ކުއްޖެކެވެ. އެ ފެހި ކުލައިގެ ލޯ ފެނިފައި އެންމެ ފުރަތަމަ ފަހަރެކޭ ވެސް އެއްފަދައިން އަފްޒަލް ހުއްޓުން އަރާ ގޮތްވިއެވެ. އަދި އަމުދުން އޭނަގާތު މީހަކު އިންނަން އެދުނީ އެ ކުއްޖާއާއިކަން އެނގުންވުމުން ހިނދުކޮޅަކަށް ސިކުނޑި ވެސް މަޑުޖެހިލިއެވެ. ހަމައެކަނި އެ ރީތިކަމަށް ގެއްލުނު އޭނަގެ މޮޔަ ހިތް ވަގުތުން އެ އެދުމަށް އާނބަސް ދޭން އެންގިއިރު، އަދި އިތުރަށް ވިސްނުމަށް އޭނަގެ ޙިކުމަތްތެރި ޒަމީރު އެންގިއެވެ.
އެހެންކަމުން އެ ވަގުތުކޮޅުން ފެށިގެން އެ ހުރިހާ ކަމަކާއިމެދު އަފްޒަލަށް ހުއްޓުމެއްނެތި ފުންކޮށް ވިސްނުނެވެ. މަޣްރިބް ނަމާދަށްފަހު މިއަދު އޭނައަށް އެދެވުނު އެ އެދުން ޤަބޫލު ކުރުމާއިމެދު އިސްތިޚާރާ ނަމާދުވެސް ކުރިއެވެ. އެއަށްފަހު އޭގެ ދެ ގުނައަށް ވިސްނެން ފެށީ އެ އެދުން ޤަބޫލު ކުރުމަށް އޭނަގެ ހިތް އެދި ގޮވަން ފެށުމުންނެވެ. އޭނަގެ ހިތް އެކަމަށް އެދެމުން ދަނީ ހަމައެކަނި އެ އަންހެން ކުއްޖާގެ ރީތި ކަމާއި ހެދިތޯ ހާސް ފަހަރު އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. އެ ސުވާލަށް އާނއެކޭ ވެސް ވަކި ހިސާބަކުން ބުނެވުނެވެ. އޭނައަށް އެ ކުއްޖާއާއި ގުޅޭ ގޮތުން މާ ބޮޑު ކަމެއް އެނގެނީއެއް ވެސް ނޫނެވެ.
އެނގޭހާވެސް ކަމަކީ އެ ކުއްޖާ ބުރުގާ ނާޅާކަމެވެ. ފެނިފައި ހުރީ ރުޅި ގަދަކަމެވެ. އެ ލައި އުޅޭ ކުރު ހެދުންތަކުން ލަދު ކުޑަ ވާނެކަން ޔަޤީންވެއެވެ. ބައްޕައާއި ވަކިން އުޅެމުން ވެސް ކައިވެނީގެ ޚިޔާލެއް ނުކޮށް އެ އުޅެނީ ދުވަހަކަށް ފިރިހެނަކު ގެންގުޅޭތީ ނޫންކަމެއް ވެސް ނޭނގެއެވެ.
ނަމާދަށްފަހު މިސްކިތުގައި އިނދެ އެ ފަދަ ޚިޔާލެއް ކުރެވުމުން އަފްޒަލަށް ބޯހޫރުވައިލެވުނެވެ. ސާފު ހެއްކެއް ނެތި އޭނައަށް މި އިލްޒާމު އެޅުވެނީ މައުސޫމް ކުއްޖެއްގެ ބޮލުގައި ކަމެއްވެސް ނޭނގެއެވެ. މަޖީދުބެ އެ ބުނީ ތެދެއްބާއޭ ހިތަށްއެރިއެވެ. އޭނައަށް ޒަވާޖީ ޙަޔާތުގެ ބައިވެރިއަކަށް އެ ފަދަ ކުއްޖަކު ޚިޔާރުކޮށް އެ ކުއްޖާ އިސްލާޙުވުމަށް ނަސޭޙަތްތެރި ވެވިދާނެ ހެއްޔެވެ؟ އެ ކުއްޖާއަކީ އޭނަ ހީކުރާ ވަރަށްވުރެ ގޯސް ކުއްޖަކަށް ނުވެ ހިނގައިދާނެ ހެއްޔެވެ؟ އަފްޒަލަށް އެއްގޮތަކަށް ވެސް ޔަޤީނެއް ނުކުރެވުނެވެ.
އެހެންކަމުން އެރޭ 8:30 ވާން ގާތްވަމުން ދިޔަ ވަގުތު ވެސް އަފްޒަލަށް ހުރެވުނީ ދެ ޚިޔާލެއްގެ މަތީގައެވެ. އެފަދަ ޙާލެއްގައި ވަނިކޮށް އޭނައަށް ފޯނުކޯލެއް އައެވެ. އެއީ އެރޭ ރެސްޓޯރެންޓުގެ ރިޒާރވޭޝަން ބައި ހަމަޖެއްސުމުގައި އުޅޭ އާދަމެވެ.
“ހެލޯ ސާރ. އެރާރއެއް އަރައިގެން މިއުޅެނީ. މިސްޓަރ ޢަބްދު ﷲ މަޖީދު ނަމަކަށް ކިޔާ ބޭފުޅަކު ޓޭބަލް 10 އާއި 11 ރިޒާވް ކުރަން ރިކުއެސްޓް ކުރީމަ މިއަދު ހަވީރުގެ ވަގުތެއްގަ އަޅުގަނޑު އޭތި އެކްސެޕްޓް ކުރިން. އެކަމަކު ފަހުން ޑިއުޓީއަށް އައި ކުއްޖާއަށް ހީވީ އެންމެ ޓޭބަލްއެއްކަމަށް ޢަބްދު ﷲ މަޖީދު ބުކްކޮށްފަ ހުރީ. އެހެންނޭ ހިތައި މިހާރު ޓޭބަލް 10 އެހެން މީހެއްގެ ނަމަށް ވެސް ރިޒާވްކޮށްފި. އަޅުގަނޑަށް މިކަން އެނގުނީ ދެންމެއަކު. ކިހިނެއްތޯ ހަދަންވީ؟” އެކޮޅުން އިވުނު ތަފްޞީލީ ވާހަކައަށްފަހު އަފްޒަލްގާތު ސުވާލު ކުރެވުނެވެ.
“ޕްރައޯރިޓީ ދޭންވާނީ ފުރަތަމަ ރިޒާވްކުރި ބޭފުޅާއަށް. ދެން ހުރި ކަސްޓަމަރަށް ކޮންމެވެސް އެއްގޮތަކަށް ކޮމްޕެންސޭޓް ކޮށްދޭންވާނެ. ފްރީ ޑެޒަޓެއް ވިޔަސް އެހެންނޫނީ އެހެން ރެއަކަށް އެ މީހުން ބޭނުންވާ ޓޭބަލްއެއްގަ ފްރީކޮށް ޑިނާރއެއް ދޭގޮތަށް ހަދާ.”
“އާދެ….އެކަމަކު މިހާރު ކޮންސާންއަކީ ދެ ކަސްޓަމަރުން ވެސް އެއްގަޑިއެއްގަ އައިސްދާނެތީ. ވަރަށް ކައިރި ގަޑިތަކަށް ރިޒާވްކޮށްފަ ހުރީ. އަޅުގަނޑުމެންގެ ތެރެއިން މީހަކު އެ ޓޭބަލް ކައިރި މަޑުކޮށްލަދޭންވީތޯ ކަސްޓަމާރ އަންނަންދެން؟”
“އަ….ނޫން ސާރ މި އަންނަނީ ތިކޮޅަށް….ސާރ ހުރެދޭނަން ޓޭބަލް ކައިރި…”
އަފްޒަލަށް އެ ބަސްތައް ބުނެވުނީ އިޚްތިޔާރަކާއި ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނައަށް އެ ބުނެވުނު އެއްޗަކާއިމެދު އޭނައާއިއެކީ ފޯނުގެ އަނެއްކޮޅުގައި ހުރި އާދަމް ވެސް ޙައިރާންވާ ގޮތްވިއެވެ.
“ޓޭބަލް ކައިރި ހުންނަވާނީ ހަމަ ސާރތޯ؟ އަޅުގަނޑުމެންގެ ވެއިޓަރަކު ބެހެއްޓިދާނެއޭ ސާރ…” އާދަމް ބުންޏެވެ.
“ނޫނޭ….ސާރ ބައްދަލު ކުރަން ބޭނުންވާ ބައެއް އެ ޓޭބަލްތައް ރިޒާވް ކުރީ. ހެހެ…..” އަފްޒަލް ނުތަނަވަސްކަމާއިއެކީ ހެމުން ބުނެލިއެވެ. އެއާއިއެކު އާދަމް ވެސް އެކޮޅުން އެހެންތޯ ބުނެ އަފްޒަލަށް އައުމަށް ދަޢުވަތު އެރުވިއެވެ. އެރޭ ބޮޑު ކައްކާ އާ ގޮތަކަށް ފްރައިޑް ރައިސްއެއް ހަދައިގެން އުޅޭތީ އޭގައި ރަހަ ބެލުމަށެވެ. އަފްޒަލް އެއަށް އެއްބަސްވަމުން ފޯނު ކަނޑައިލިއެވެ.
އަފްޒަލަށް ރެސްޓޯރެންޓާއި ހަމައަށް ދެވުނުއިރު 9 ޖަހައި މިނެޓްތަކެއް ހިނގައިފިއެވެ. އެކަމާއިމެދު ޚުދު އޭނަވެސް އަމިއްލަ ނަފްސާއިމެދު ހިތްހަމަ ނުޖެހުނެވެ. އެ ހިތްހަމަނުޖެހުމުގައި ހުރެ ރެސްޓޯރެންޓު ތެރެއިން ހިނގަމުން ދަނިކޮށް ނިކަން ވަކިކޮށް ހުރި މޭޒެއްގެ ދޮށުގައި އަންހެން ކުއްޖަކު އިން މަންޒަރު އަފްޒަލަށް ފެނުނެވެ. ރެސްޓޯރެންޓުގެ މޭޒު ނަންބަރުތައް ނުބަލައި ދަސްވެފައި ހުރުމުން ދުރުން ފެނިފައި ވެސް އެއީ 10 ނަންބަރު މޭޒުކަން އަފްޒަލަށް އެނގުނެވެ.
ދެ އިސްތަށިކޮޅުން އިސްތަށިގަނޑު ގަތައި ފަހަތަށް ދޫކޮށްފައި އިން އަންހެން ކުއްޖާއާއި ކައިރި ވަމުން ދިޔަހެން އެ ކުއްޖާގެ ބައްޕަވެސް ފެނޭތޯ އަފްޒަލް ވަށައި ހޯދިއެވެ. އެހެނަސް އެ ބައްޕަ ފެންނާކަށް ނެތެވެ.
އެ މޭޒުތަކުގެ ކައިރިއަށް ގޮސް އަފްޒަލަށް އިރުކޮޅެއް ވަންދެން އޭނައަށް ފަސްދީގެން އިން ފަލަކަށް ބަލަން ހުރެވުނެވެ. މި ކުއްޖާ ހުންނާނީ މިރޭ އޭނައަށް ފަސްދީގެންތޯ ހިތަށްއެރިއެވެ. އެހެނަސް އޭނަ އަންނަކަމެއް މިރޭ އެ ކުއްޖާއަށް ނުއެއް އެނގޭނެއެވެ. އޭނަ އަންނަކަން މަޖީދުބެއަށް ވެސް އެންގީ ނޫންވިއްޔާއެވެ.
ވިސްނުމެއްގައި ހުރެފައި އަފްޒަލް 11 ނަންބަރުގެ މޭޒުގެ ގޮނޑި ދަމައިލިއެވެ. އެއަށްފަހު އެ އަންހެން ކުއްޖާއަށް ނަޒަރެއް ދެމުން އިށީނެވެ. އެ ކުއްޖާ ފަސްއެނބުރި ބަލައިވެސް ނުލީ ގޮތުން މިރޭ އޭނައަށް އެކުއްޖާ ނުވެސް ފެންނާނެކަމަށް އަފްޒަލް ނިންމިއެވެ. އެހެނަސް…..
“ހަހް! މެން އެންޑް ދެއާރ ޕަންކްޗުއަލިޓީ!” ފަލަކް ކުއްލިއަކަށް ބުނެލި ބަސްތަކުން އަފްޒަލަށް ލިބުނީ ސިހުމެކެވެ. ކުރީ ފަހަރެކޭ ވެސް އެއްފަދައިން ފަލަކް އެ ވާހަކަ ދެއްކީ އޭނައާއިތޯ ހިތާހިތުން ސުވާލު ކޮށްލެވުނެވެ.
“މީހަކު އިންތިޒާރުކޮށްކޮށް ވަރުބަލި ވާއިރު ވެސް ފިރިހެނަކަށް ނާދެވޭނެ…އެހެންނެއް ނޫންތަ މަންމައަށް ހެދީ؟!”
ފަލަކް ދެން ބުނެލި ބަސްތަކުން އަފްޒަލް ހަނދާންވެގެން ދިޔައީ ފަލަކްގެ ރަސްމީ ވެބްސައިޓެވެ. އެ ވެބްސައިޓްގައި ހުރި ލިޔުންތަކެވެ. އެ ލިޔުންތަކުގައި މުޅިން ވެސް ހުރީ ފިރިހެނުންނަށް ނަފްރަތު ކުރަންވީ ސަބަބުތަކެވެ.
“ކިތަންމެ ނޫނެކޭ ބުންޏަސް ޔޫ ރުއިންޑް ހާރ ޑޭޑް….ޔޫ ރުއިންޑް ހާރ ލައިފް…މިއަދު އަހަރެން ދިޔައިން ޑައިމަންޑަށް….”
ފަލަކް ދެން ބުނި ބަސްތައް އިވިގެން ދިޔަދިޔަހެން އަފްޒަލްގެ ހިތް މާޔޫސްވާ ގޮތްވިއެވެ. ފަލަކްގެ އަޑުގައިވި ހިތާމަވެރިކަން އިވިފައި ކަންނޭނގެއެވެ. ފަލަކް ވަކި ހިސާބަކުން ވާހަކަ ހުއްޓައިލުމުން އަފްޒަލް އިތުރަށް އަޑުއަހަން ވެސް ބޭނުންވިއެވެ. މިހާރު ފަލަކް އެ ވާހަކަ ދައްކަނީ ބައްޕައާއިކަން ޔަޤީން ކޮށްގެންނެވެ.
“ހުރިހާ ކަމެއް އަހަރެން ހަނދާންވި. މަންމަގެ ހުރިހާ ތަކުލީފެއް ސާފުކޮށް ފެނުނުފަދަ. ކިތަންމެ ނޫންކަމަށް ހެދިޔަސް ދަރިންނަށް އެނގޭނެ މަންމައާއި ބައްޕަގެ ތެރެއިން ގޯހީ ކާކުކަން. އަހަންނަށް އޭރުވެސް އެނގޭ. އަދި މިއަދު މާ ބޮޑަށް ވެސް ޔަޤީންވޭ. ދުނިޔޭގަ ހުރިހާ ހިނދަކު އަހަރެން އަންހެނުން ފިރިހެނުންގެ އަތްދަށުން ސަލާމަތްކޮށްދޭނަން. ފިރިހެނުންގެ އަނިޔާގެ ދަށުގައިވެފަ ތިބި ކުޑަކުދިން ރައްކާތެރިކޮށްދޭނަން. އެކަހަލަ މަޅިއެއްގަ ބެދެން އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއްނޫން. އެހެންވީމަ އަނެއްކާވެސް ކައިވެނީގެ ވާހަކައެއް ދައްކަން އަހަރެން ގެނައިއްޔާ އެ ވާހަކަ ހަނދާން ނައްތާލާ!”
ދެން އެ އިވިގެން ދިޔަ ވާހަކަތަކުން ވެސް އަފްޒަލަށް ނޭނގޭ އަސަރުތަކެއް ކުރިއެވެ. އޭނައަށްވުރެ ވެސް މުއްސަނދިވެފައި ކާމިޔާބު މި އަންހެން ކުއްޖާ ވެސް ތަޙައްމަލު ކުރީ ދަތި ދިރިއުޅުމެއްކަން އެނގުންވިއެވެ. އެހިނދު އޭނަގެ ހިތުގައި ފަލަކަށްޓަކައި ޙަމްދަރުދީއެއް އުފެދުނެވެ.
އަފްޒަލް ފުން ވިސްނުމެއްގައި ފަލަކަށް ބަލަން އިންދާ ވެއިޓަރަކު އައިސް އޭނަގެ ކުރިމަތީގައި ރަހަ ބަލަންޖެހޭ ފްރައިޑް ރައިސް ބެހެއްޓިއެވެ. އެއާއިއެކު އަފްޒަލް ނުއިވޭ އަޑަކުން ވެއިޓަރަށް ޝުކުރު އަދާ ކުރީ، ފަލަކްގެ އެ ވަގުތުކޮޅަށް އުދަގޫ ނުކުރުމުގެ ނިޔަތުގައެވެ. ދެންވެސް އެއްފަހަރު ފަލަކަށް އަނެއްފަހަރު ކުރިމަތީގައި ހުރި ތަށްޓަށް ބަލަމުން އަފްޒަލް އުލާއި ވަޅި ނަގައި ބަތުގެ ތެރެއަށް ލާން އުޅުނެވެ. އެހެނަސް ހަމަ އެ ވަގުތު ފަލަކް ގޮނޑިން ތެދުވެ އޭނައާއި ދިމާލަށް އެނބުރެލީ މަންޒަރު ފެނި، އަފްޒަލަށް ލިބުނު ސިހުމާއިއެކީ ދެލޯ ބޮޑުކޮށްލެވުނެވެ. ދެން ފެނިގެން ދިޔައީ އޭނައާއި ދިމާލަށް ފެންތައް އަންނަން ފެށި ތަނެވެ.
ވަމުން ދިޔަ ގޮތް ދޭހަ ނުކުރެވި ދެލޯ މަރައިލެވުނު ވަގުތު މޫނާއި އިސްތަށިގަނޑާއި އެކީ ކޮނޑާއި ދިމާލުން ގަމީސް ވެސް ތެމިފައި ހުއްޓެވެ. ވީ އެއްޗެއް ޤަބޫލުކުރަން ވެސް ދަތިވެފައިވާ ޙާލު އަފްޒަލް ލަސްލަހުން ލޯ ހުޅުވައިލިއެވެ. އެހިނދު އޭނަގެ ކުރިމަތީގައި ހުއްޓިހުރި ފަލަކް ހުރީ އަނގަ ސަކަރާތްވެފައެވެ.
ހަމަ އެވަގުތު ބާރަށް ހިނގާފައި އައި މަޖީދު އެ ދެމީހުންގެ ދެމެދަށް އައިސް ފަލަކާއި ކުރިމަތިލިއެވެ.
“ތިއީދޯ ފެމިނިން އެންޑް އެސްޕައަރިންގް ޔަންގް ވުމެން އުޅޭ ގޮތް؟ ކަމަކާއި ނުވެސް ބެހޭ މީހަކާއި ދިމާލަށް ފެން އުކަމުން އެއްޗެހި ގޮވަމުން؟ ފެނިއްޖެއޭ ދެންމެ ހުރިހާ ކަމެއް. މިއީ ކާކުކަން ވެސް ފަލަކަށް އެބަ އިނގޭތަ؟!” މަޖީދު ހަރުކަށި ގޮތަކަށް ވާހަކަ ދެއްކި ގޮތުން ރެސްޓޯރެންޓުގެ ދުރު މޭޒުތަކުގައި ތިބި މީހުންގެ ނަޒަރުތައް ވެސް އެދިމާލަށް އަމާޒުވިއެވެ. މީހުންގެ ވައި އަޑުތަކުގެ އަޑު އިވި އަފްޒަލަށް ވަށައި ނަޒަރެއް ދެމުން އިސްޖެހިފައި ހުރި ފަލަކަށް ބަލައިލެވުނެވެ. މަޖީދު ކުރި ސުވާލަށް ޖަވާބެއް ނުދެވުނީ ޖެހިލުންވެފައި ހުރި މިންވަރުންކަން އެނގުންވިއެވެ.
“ތިމާ އަމިއްލައަށް މާ ބޮޑުވެގެން އުޅޭއިރު ހީވޭދޯ އެހެން މީހުންނަކީ ބޮޑެތި މަޤާމްތައް ލިބިފައިވާ މީހުންނެއް ނޫނޭ. ބަލަ މިހިރީ މި ރެސްޓޯރެންޓުގެ ވެރި ފަރާތް! އަދި ކީއްކުރަން؟ އެއީ މިހާރު މުޅި މި ޢިމާރާތުގެ ވެސް ވެރިފަރާތް ކަމަށްވާ އަފްޒަލް! މަޢާފަށް އެދޭ! ހަމަ މިވަގުތު!” މަޖީދު އިނގިލި ދިއްކުރަމުން ހަރުކަށިކޮށް އެދުނެވެ. އެ ވާހަކައަށް ވެސް ފަލަކް އިތުރަށް އިސްޖެހުން ނޫންކަމެއް ނުކުރިއެވެ. އަފްޒަލް ފަލަކްގެ އަތަށް ބަލައިލިއިރު އެ އަތް މުއްކެވިފައިވިއެވެ.
ހިމޭންކަމުގެ ވަގުތުކޮޅެއް ވީއިރު ވެސް ފަލަކް އެއްޗެކޭ ނުބުނުމުން މަޖީދުގެ އަޑުހަރު ވާން އުޅުނުހެން އަފްޒަލަށް ހީވިއެވެ. އެހެންކަމުން މަޖީދު އިތުރަށް އެއްޗެކޭ ބުނަން އުޅުނު ތަނާހެން އަފްޒަލް ވާހަކަ ދެއްކިއެވެ.
“އެއީ މައްސަލައެއް ނޫނޭ މަޖީދުބެ. އެ ފެންތަށިން އަޅުގަނޑަށް މިހާރު ކުޑަކޮށް ހޭލެވިއްޖެ ހެހެ….އެހެން މީހަކު ކަމަށް ހީކޮށް ފަލަކް ފެންތަށި އުކައިލީ..” އަފްޒަލް މޫޑު ބަދަލުކުރަން މަސައްކަތް ކުރިއެވެ.
“އެހެން މީހެއް ނޫން. ހަމަ އަހަރެންކަން ޔަޤީންކޮށް އެހެން ހެދީ. އަމިއްލަ ބައްޕައަށް ވެސް އިޙްތިރާމް ކުރަން ނޭނގޭ ކުއްޖެއް!” މަޖީދު ބުންޏެވެ. އޭރު ފަލަކްގެ މުޅި މީހާ ހިސާބަކަށް ތުރުތުރު އަޅަން ފެށިހެން އަފްޒަލަށް ހީވިއެވެ. ދާދި ދެންމެއަކު ހިތްވަރާއިއެކީ ވާހަކަ ދެއްކި ކުއްޖާއަށް މި ވަނީ ކީއްތޯ ހިތަށްއެރިއެވެ. ހަމަ އެވަގުތު އެކުއްޖާއަށްޓަކައި އިތުރަށް ވާހަކަ ދައްކަން އަފްޒަލް ނިންމިއެވެ.
“ދެން އެ ވާހަކަ ނިންމައިލަމާދޯ މަޖީދުބެ. ވަރަށް ގިނަ މީހުންވެސް އެބަ ތިބި. އަޅުގަނޑާއިއެކީ މި ފްރައިޑް ރައިސްގެ ރަހަ ބަލައިލަންވީއެއްނު؟” އަފްޒަލް ބުންޏެވެ. އެހެން ބުނުމާއިއެކު މަޖީދު ވަށައި ނަޒަރެއް ދިނެވެ. އަޑުގަދަ މި ކުރެވުނީ ކޮން ކަހަލަ މާހައުލެއްގައިކަން އެނގުންވީ ދެނެވެ. އިސާހިތަކު މަޖީދު އާނއެކޭ ބުނަމުން އެއްބަސްވެ އަފްޒަލްގެ ކުރިމައްޗަށް ވާ ގޮތަށް އިށީނެވެ. އަދި ފަލަކް ގާތުވެސް ކައިރީގައި ހުރި ގޮނޑިއެއް ދައްކައި އިށީންނަން އެންގިއެވެ.
މަޖީދުގެ އެ އެންގުމާއިއެކީ ފަލަކް އެ ދެމީހުންނަށް ވެސް ދިނީ ފަހެވެ. އަފްޒަލާއި މަޖީދު ބަލަބަލާ ތިއްބާ ފަލަކް ދިގު ފިޔަވަޅުތަކެއްގައި ރެސްޓޯރެންޓުން ނިކުންނަން ދިޔައެވެ.
ނުނިމޭ
Jana
October 21, 2022 @ 1:12 am
Assalaam’alaikum. Dhen oiy bai Monday ga In Sha Allah ^_^
Mihaa hisaabun kiyuntheringe comment thakah reply kureveytho balaanan. Hurihaa kiyuntheringe comment thah ves kiyan abadhuves. Mi dheythere egga aslu baliveema reply nukurevi hury. Mihaaruves adhi ekko rangalheh nuvey haqeeqathuga hehe….Kiyuntheringe khiyaalu libumaky Jana ah libey kuri erumeh kamugai dheken. Ehenve kiyuntherinnaai gaai gulhumeh beyvvumaky Jana ge ummeedheh 🙂 <3
Hurihaa kiyuntherin ves dhey hiyvarattakai shukuriyya. Jazaakumullah Khairan <3 <3 <3
؟
October 21, 2022 @ 4:22 am
ފެންތައް އެއްލައިލީ؟ ފެން ތަށި އުކާލީ..!!
Jana
October 21, 2022 @ 7:55 am
Rey nidhi aisfa indhe liyevunu goiy hehe…edit kollaifin mihaaru. Jazaakallah Khairan ^_^ <3
I love this story!!
October 21, 2022 @ 4:44 am
I love this story !!!! Hama aslu vess Varah reethi mashaallah ! This is my favorite story! I love this story!
Jana
October 21, 2022 @ 7:56 am
Thank you so much for the support, dear reader!!! <3 ___ <3
Shai
October 21, 2022 @ 7:26 am
Masha Allah sis😍. Mi bai Vs varah reethi.
Ekm haadhisaathah Madhu v ma thankolheh
Kuru hn heevany.ekm varah reethi 😊❤️❤️.
Jana
October 21, 2022 @ 7:57 am
Hmm….adhives Jana aammukoh liyaaha dhigukoh nuleveyey.
In Sha Allah adhi kuriah dhaavarakah dhigu kuramun dhaanan. Alhamdhulillah! Jazaakillah Khairan for the support <3 <3 <3