ޤަދަރު (އަށުތިރީސްވަނަ ބައި)
އަރައިގެން އައި އިރުގެ ދޯދިތައް ފަލަކްގެ އެޕާޓްމެންޓުގެ ފަރުދާތަކުން ފުރޭނިގެން އައިސް ނިދިފައި އޮތް ފަލަކްގެ މޫނުގައި ޖެހުމުން ފަލަކްގެ ދެލޯ ތަގުޅިވެގެން ދިޔައެވެ. އިރުގެ ދޯދިތަކުގެ ސަބަބުން އެޕާޓްމެންޓުގެ މޮޅު ބޮކިތައް އަމިއްލައަށް ނިވިފައިވިއެވެ.
ހެނދުނުވީކަން ޔަޤީންވުމުން ފަލަކަށް ލަސްލަހުން ލޯ ހުޅުވައިލެވުނެވެ. އެހިނދު އޮޅުން އަރާގޮތްވީ އެޕާޓްމެންޓްގެ ޓީވީ އޭނަގެ ކުރިމަތިން ފެނިގެން ދިޔުމުންނެވެ. ޓީވީ ހުޅުވިފައިވީއިރު އެއިން ދައްކަމުން ދިޔަ ޢަރަބި އިޝްތިހާރެއްގެ އަޑު ލުއި ގޮތަކަށް އިވެމުން ދިޔައެވެ.
އެވަގުތު ފަލަކްގެ ހިތަށްއެރިއެވެ. ޓީވީ އޭނަގެ ކޮޓަރީގައި ހުރީ ކީއްވެ ހެއްޔެވެ؟ އަދި އަމުދުން ޓީވީ ހުޅުވިފައިވީ ކީއްވެ ހެއްޔެވެ؟ އޭނައަކީ ޓީވީ ނުނިއްވައި ނިދާ މީހެއް ނޫނެވެ. ހަމަ ގައިމުވެސް އޭނައަށް މިއޮވެވުނީ އޭނަ ނިދަން ލައި އުޅޭ އަތްދިގު ފިޔާތޮށި ކުލައިގެ މައްޗާއި، ހަމަ އެކުލައިގެ ހަރުވާޅެވެ. ވީއިރު އޭނަ އޮންނަން ޖެހޭނީ ވެސް އޭނަގެ ކޮޓަރީގެ އެނދުގައި ނޫން ހެއްޔެވެ؟
އޮވެވުނީ އެނދުގައިތޯ ޔަޤީން ކުރުމަށްޓަކައި ފަލަކް ލަސްލަހުން އޭނަ ބޯއަޅައިގެން އޮތް ތަނުގައި އަތް ހިންގިއެވެ. އެހިނދު އެއީ ފިރިހެނެއްގެ ޓީޝާޓެއްކަން އެނގުންވުމުން ފަލަކްގެ ދެލޯ ބޮޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ކޯތާފަތާއި ދިމާލުން އިޙްސާސް ކުރެވެނީ ހިތުގެ ތެޅުމެއްކަން އެނގި، އުނަގަނޑާއި ދިމާލުން އަތެއް ވަށައިލެވިގެންވާކަން އެނގުންވުމާއިއެކު ފަލަކަށް ހަޅޭކަކާއި އެކީ ސީދާވެ ކޮޅަށް ތެދުވެވުނެވެ. އެހިނދު އަފްޒަލްގެ ހަޅޭކުގެ އަޑުވެސް އޭނަގެ އަޑާއި އެއްވެގެން ދިޔައެވެ.
ދެމީހުންނަށް ހަމައަކަށް އެޅުނުއިރު ފަލަކް ސޯފާގެ ކައިރީގައި ހުއްޓިހުރި އިރު އަފްޒަލަށް އިނދެވުނީ ސޯފާއިން އެއްފައި ބާލައިގެންނެވެ.
“ކް…ކިހިނެއްވީ؟” ފަލަކްގެ ހަޅޭކުގެ އަޑު އިވި، ގަތް ބިރާއިއެކީ އަފްޒަލަށް އިނދެވުނީ މާނޭވާ ލެވިފައެވެ.
“ރޭގަ…އަހަރެން ނިދީ…މިތާ..” ފަލަކް ސުވާލެއް ކުރަން އުޅުނެއްކަމަކު ރޭގެ ހަނދާންތައް އާވެގެން ދިޔަދިޔަހެން އޭގެ ޖަވާބު ލިބި، އަމިއްލައަށް އެ ވާހަކަ ބުނެވިއްޖެއެވެ.
“ހުމް….ރޭގަ ދެމީހުންނަށް ނިދުނީއެއްނު މިތާ؟ އޭ އިރު އެރީތަ؟ ފަތިސް ނަމާދު ކަޓައިފިދޯ؟ އަސްތަޣްފިރު ﷲ….” އަފްޒަލްގެ ފިކުރަކަށްވީ އެހެން ކަމެކެވެ. އަފްޒަލް މާޔޫސްކަމާއިއެކީ އިސްތަށިގަނޑުގެ ތެރެއިން އަތް ހިންގަމުން ފަރުދާތަކާއި ދިމާލަށް ބަލަން އިނެވެ.
“އައި ކާންޓް ބިލީވް ދިސް…” ފަލަކް އަމިއްލަ ޚިޔާލުގައި ހުރެ ބުންޏެވެ.
“ކާންޓް ބިލީވް ދިސް އައިދާރ…” އަފްޒަލް ދެންވެސް އިރުގެ ދޯދިތަކަށް ބަލަން އިނދެ ބުންޏެވެ.
“އައި ޝުޑްންޓް ޑޫ ދިސް…”
“މީ ނީދާރ….”
“އަހަރެން ދެން ޔަޤީން ކުރާނަން އަހަރެންގެ ކޮޓަރިއަށް ނިދަން ދާން.”
“އަހަރެ-…ވަޓް؟”
ފަލަކް އެ ދައްކަނީ ފަތިސް ނަމާދުގެ ވާހަކައެއް ނޫންކަން އަފްޒަލަށް އެނގުންވީ އެހާ ހިސާބުންނެވެ. ފަލަކްގެ ރަތްވެފައިވާ މޫނު އަފްޒަލަށް އަނެއްކާވެސް ފާހަގަވީ އެވަގުތެވެ.
“އޮހް….ރޭގަ….ކަންތައްވީ ގޮތުން ފަލަކް….ލަދުގަތީތަ؟” އަފްޒަލް ފަރުވާތެރިކަމާއިއެކީ ބަސްތައް އަތުރައި ސުވާލު ނިންމައިލީ އެއްމިޔަކަނުގެ ހިނިތުންވުމަކާއިއެކީގައެވެ. އެއާއިއެކު ފަލަކް އިތުރަށް ރަތްވެގެން ދިޔަ މޫނަކާއިއެކީ ގޮށްމުށް ކަވައިލަމުން ދިގު ފިޔަވަޅުތަކެއްގައި އަފްޒަލަށް ފަސްދީފައި ދާން ހިނގައިގަތެވެ. ފަލަކްގެ ޙަރަކާތްތައް ފެނި އަފްޒަލަށް ހީލެވުނު ހިނދު އަފްޒަލްގެ މޫނު ވެސް ރަތްވެގެން ދިޔައެވެ.
**
ފަލަކް ފެންވަރައި ރީތި ވެލައިގެން ނަމާދުކޮށް ނިމުނުއިރު ވެސް މިއަދު ހެނދުނު ހޭލެވުނު ގޮތް ތަކުރާރުކޮށް ލޯ ކުރިމަތިން ސިފަވަމުން ދިޔައެވެ. އެތައް އިރެއްވީއިރު ވެސް އޭނަގެ އުނަގަނޑުގައި ވަށައިލެވިގެންވި އަފްޒަލްގެ އަތުގެ އިޙްސާސް އޭނައަށް ކުރެވެމުން ދިޔަދިޔަހެން މުޅި މީހާ ހޫނުވެސް ވަމުން ދިޔައެވެ. އެ ހުރިހާ ކަމަކާއި ހެދި ފަލަކް އަމިއްލަ ނަފްސަށް ނުރުހުންވިއެއްކަމަކު ރޭ އޭނައާއި އަފްޒަލާއި ދެމެދު ދެކެވުނު ފުން ވާހަކަތައް ވެސް ހަނދާންވަމުން ދިޔައެވެ.
އެޕާޓްމެންޓަށް ވަދެ އިތުރު އެއްވެސް ކަމެއް ނުކޮށް އަފްޒަލާއި އެކީ ފަލަކް ސޯފާގައި އިށީންނަން ދިޔުމުގެ ތެރޭގައި، އަފްޒަލްގެ އަތުގައި ހިފައިލެވުމުން ދެމީހުން ވެސް ހުއްޓުން އެރިއެވެ. ފަލަކް ހީކުރީ އަފްޒަލް އޭނަގެ އަތުގައި ހިފައިގެން ސޯފާގައި އިށީންނަން ދާނެ ކަމަށެވެ. އެހެނަސް….
“ފުރަތަމަ ޗޭންޖްކޮށްލަން ހިނގާދޯ؟ ދިގު ފްލައިޓަކަށްފަހު ފަލަކް ވެސް ވަރުބަލިވެފައެއްނު ހުންނާނީ؟” އަފްޒަލް ބުންޏެވެ. އެއާއިއެކު ފަލަކްގެ އަތުން ދޫކޮށްލި ގޮތުން ފަލަކް ހިސާބަކަށް ދެރަވެސް ވާ ގޮތްވިއެވެ. އެހެނަސް އަފްޒަލް ބުނި ވާހަކައާއި އެއްބަސްވަމުން ބޯޖަހައިލިއެވެ.
ފަލަކް ކޮޓަރީގެ ވާހަކައެއް ބުނުމުގެ ކުރިން ތިމަންނަ ވަންނަންވީ ކޮން ކޮޓަރިއަކަށްތޯ އަހައިލީ އަފްޒަލެވެ. އެއާއިއެކު ފަލަކް އެޕާޓްމެންޓުގައި ހުހަށް ހުންނަ ކޮޓަރި ތަކުގެ ތެރެއިން ބޮޑު ކޮޓަރިއެއް އަފްޒަލަށް ދެއްކިއެވެ. އަފްޒަލް ކޮޓަރިއަށް ދިޔުމުން ފަލަކްވެސް ދިޔައީ އޭނަގެ ކޮޓަރިއަށެވެ. އެއަށްފަހު ތާޒާ ވެލުމަށްފަހު ނިދާ ހެދުމަށް ބަދަލުކޮށްލީ، ވަރުބަލިވެފައި ހުރި ވަރުންނެވެ.
އެ ވަރުބަލިކަމާއި އެކީ ނިދަން އޮށޯންނަން ފަލަކްގެ ހިތަށްއެރިއެވެ. އެހެނަސް އޭނައަށް ދެންމެ އަފްޒަލް ގާތު ބުނެވުނު ވާހަކައިން އަފްޒަލް ސިޓިންގް ރޫމުގައި އޭނަގެ އިންތިޒާރުގައި ހުރެދާނެއޭ ހިތައި ކޮޓަރިން ބޭރަށް ނިކުމެލެވުނެވެ. އެ ވަގުތު އަފްޒަލް އެތާ ފެންނަން ނެތުމުން ފަލަކް އިރުކޮޅަކަށް ސިޓިންގް ރޫމުގައި އަފްޒަލަށް އިންތިޒާރުކޮށްލަން ނިންމިއެވެ.
އެހެންކަމުން ފަލަކް ގޮސް ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެ ޓީވީ ހުޅުވައިލިއެވެ. އެހެނަސް ޓީވީއަށް ސަމާލުކަން ދެވޭ ގޮތެއް ނުވީ، އެއާރޕޯޓު ތެރެއިން އަފްޒަލް ބުނި ވާހަކައެއް ހަނދާންވުމުންނެވެ.
“ފަލަކް ބައްޕައަށް ގުޅާފަ ނާންގަންތަ ފްލައިޓް ޖެއްސި ވާހަކަ؟ ބައްޕަ ވެސް ފަލަކް ވީ ތަނެއް ބަލަން ބޭނުންވާނެ ކަންނޭނގެ…”
އެ ބަސްތަކާއިމެދު ފަލަކަށް ވިސްނެމުން ދިޔައީ އެ ބަސްތައް އިވުނީއްސުރެއެވެ. އެންމެފަހުން އެ ނަސޭޙަތުގައި ހިފުމަށްޓަކައި ސޯފާގައި އޮތް ފޯނު ނެގުނީ އެވަގުތެވެ. އަދި ލަސްލަހުން ފޯނު ހުޅުވައިލަމުން އޭނަގެ ކޮންޓެކްޓް ލިސްޓުން ‘މަޖީދު’ ގެ ނަން ސާރޗް ކޮށްލިއެވެ. މިހާތަނަށް އައިއިރު އޭނައަށް ބައްޕަގެ ނަންބަރު ބައްޕަގެ ނަމުގައި ސޭވް ކުރެވިފައެއް ވެސް ނެތެވެ.
އެ ނަމަށް އިރުކޮޅެއް ވަންދެން ބަލަން އިނދެފައި ފަލަކް އެ ނަންބަރަށް ގުޅަން ފެށީ ޖެހިލުންވުމަކާއި އެކީގައެވެ. އެކޮޅުން ފޯނު ނުވެސް ނަގާނެކަމަށް ފަލަކް ހީކޮށްގެން އިންދާ ދެ ރިންގަށްފަހު އެކޮޅުން ފޯނު ނެގިއެވެ.
“ހެލޯ ފަލަކް ދަރިފުޅު ކިހިނެއްވީ؟” ފަލަކް ފޯނު ކަންފަތުގައި ޖެއްސުމުގެ ކުރިން ވެސް ބައްޕަގެ އަޑު އިވުނެވެ.
“ކް….ކަމެއްނުވޭ ބައްޕާ…ދުބާއި…އަށް ދެވުނު ވާހަކަ ބުނަން ގުޅައިލީ…” ފަލަކް ދެންވެސް ޖެހިލުންވުމައި އެކީ ބުންޏެވެ.
“އެހެންތަ؟ ހެހެ….ހާދަ ރަނގަޅޭ. އަފްޒަލް އާއި އެކީގަދޯ ތިކޮޅަށް ދިޔައީ؟” ބައްޕަ ހުނުމަކާއިއެކީ ވާހަކަ ދެއްކުމުން ފަލަކްގެ ހިތަށް އުފަލެއް ލިބުނެވެ.
“އާނ….މިހާރު ގެއަށް އައިއްސަ މިތިބީ.” ފަލަކަށް ނުފިލާ ހިނިތުންވުމަކާއިއެކީ ބުނެވުނެވެ.
“އޯކޭ ދެކުދިން އެންޖޯއި އެހެންވީމަ. އެއްވެސް ކަމެއް ދިމާވިއްޔާ ބައްޕައަށް އަންގައްޗޭ.” ބައްޕަ ބުނި އަޑު އިވުނެވެ.
“މްމް…” ފަލަކަށް ބުނެވުނީ އެހާ ވަރަށެވެ. އެތައް ޒަމާނެއް ފަހުން ފުރަތަމަ ފަހަރަށް މިއީ އޭނައާއިމެދު އަޅާލާ ބައްޕައޭ ހިތަށްއެރިއެވެ.
ބައްޕަ ފޯނު ބޭއްވުމުން ފަލަކް ފޯނު ކަންފަތުން ނަގައިލި ހިނދު އެއްފަރާތުގައި މީހަކު ހުރިހެން ހީވެ އެ ދިމާލަށް ބަލައިލެވުނެވެ. އެހިނދު އެތާ އަފްޒަލް ހިނިތުންވުމަކާއިއެކީ ހުރީ، ހުދު ކުލައިގެ ދޫކޮށް އޮތް ޓީޝާޓަކާއި، ކަޅުކުލައިގެ ހަރުވާޅެއް ލައިގެންނެވެ.
“ބައްޕަދޯ؟” އަފްޒަލް އޭނައާއި ދިމާލަށް އަންނަމުން އެހިއެވެ.
ފަލަކް ޖަވާބުގައި ބޯޖަހައިލި ވަގުތު އަފްޒަލް ލަސް ހިނގުމެއްގައި އައިސް ފަލަކްގެ ކައިރިން ސޯފާގައި އިށިނެވެ. އެހިނދު ފަލަކް އޭނައަށް އިނދެވުނު ގޮތާއިމެދު ސަމާލުވެވޭ ގޮތްވިއެވެ. ބުރުގާ ނާޅާ އިން ޙާލުގައި އޭނައަށް އިނދެވުނީ ވެސް ނިދާ ހެދުމުގައެވެ. އެހެނަސް ފަލަކް އެކަމާއިމެދު ނުވިސްނޭތޯ ބެލިއެވެ.
“ބައްޕަތަ ގުޅީ؟ ނޫނީ ފަލަކްތަ؟” އަފްޒަލް ސޯފާއަށް ލެނގިލައިގެން ފަލަކަށް ބަލަން އިނދެ ބުންޏެވެ.
“އަހަރެން ގުޅީ…” އިސްޖެހިފައި އިން ފަލަކް ޖަވާބުދިނެވެ.
“ހައު ޑިޑް އިޓް ފީލް؟” އަފްޒަލް އެހިއެވެ.
“ފެލްޓް ގުޑް….އިން އަ ލޯންގް ޓައިމް.”
“އިން އަ ލޯންގް ޓައިމްއޭ؟ ހުމް…އަހަންނާ އެކީގަ ހުރީމަ ފީލް ގުޑްއެއް ނުވޭދޯ ފަލަކް؟”
“ނޫނޭ…ހެހެ…އެހެންނެއް ނޫން. ޔޫ މޭޑް މީ ހެޕީ. ލައިކް ވަރަށް ބޮޑަށް. އަހަރެންގެ އެކަނިވެރިކަމަށް ނިމުމެއް އައި ކަހަލަ އިޙްސާސެއް ކުރެވުނީ. އަހަރެން އެކަމާއިހެދި ކައުންސެލިންގް ވެސް ހޯދަން ޖެހުނު އެއްފަހަރަކު.”
“އެކަނިވެރިކަމޭ؟ ވަޓް ޑޫ ޔޫ މީން؟ މިހާ ބޮޑު އެޕާޓްމެންޓެއްގަ އުޅޭއިރު ފްރެންޑުންނަށް ކެއުންތަކަށް ދަޢުވަތުދީ ނަހަދަންތަ؟”
“އާނ ނަހަދަން. ހަދަންޖެހޭތަ؟ ހެހެ….”
“ކޮންމެހެން ނުޖެހޭ އެކަމަކު….އެހެން މީހުންނަށް ވަގުތުދޭ ވަރަކަށް އަހަރުމެންގެ އެކަނިވެރިކަން ފިލާނެ. ކައިވެނީގެ ކުރުމުގެ ކުރިން އަހަންނަށް އެގޮތަށް އިޙްސާސް ނުކުރެވެނީއޭ ނުބުނަން. އެކަމަކު ޢާއިލާއާއި އެކުވެރިންނާއިއެކު ވަގުތު ހޭދަކޮށް، އެމީހުންނާއި ހިނިތުންވުންތައް ބަދަލުކޮށް އެމީހުންނަށްޓަކައި ކަންތައް ކޮށްދޭ ވަރަކުން އެ އިޙްސާސްގެ މައްޗަށް ބާރުފޯރުވޭނެ. وَمَن يُوقَ شُحَّ نَفْسِهِ فَأُلاَئِكَهُمُ الْمُفْلِحُون…މި އާޔަތުގެ މާނަ ފަލަކްއަށް ކިޔައިދޭން ނުޖެހޭނެ ކަންނޭނގެދޯ؟”
އިސްކޮޅާއި އެއްވަރަށް ހުރި މޫނުބަލާ ލޯގަނޑު ކުރިމަތީގައި ހުރެ ޝޯލް އަޅަމުން ދިޔަ ފަލަކްގެ ހަނދާނަށް އެ ބަސްތައް އައުމުން، ފަލަކްގެ ޙަރަކާތްތައް ލަސްވިއެވެ. އެ ބަސްތައް އިވުނު ފުރަތަމަ ވަގުތުކޮޅު ފަދައިން އެ ވަގުތު ވެސް ފަލަކް ފުން ވިސްނުމަކަށް ދިޔައެވެ.
“އަދި އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުންނީ ކާމިޔާބު ލިބިގެންވާ މީހުންނެވެ.”
ފަލަކަށް އެ ބަސްތައް މާ ރަނގަޅަށް ވެސް ދޭހަ ކުރެވުނެވެ. އަދި އަމުދުން އަފްޒަލް އޭނައަށް ދޭ ނަސޭޙަތެއްގެ ގޮތުން އެ ބަސްތައް ބުނީ ކީއްވެކަން ވެސް ފަހުމްވިއެވެ.
އާނއެކެވެ. އޭނައަކީ ދަހިވެތި މީހެކެވެ. ފައިސާއަކީ މާ ބޮޑު އެއްޗަކަށް ނުވުމުން ފައިސާއަށް ބޭނުންވާ މީހަކު ފެންނައިރަށް ފަލަކް އެ މީހަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެހެނަސް ފަލަކް ދަހިވެތިވަނީ އޭނަގެ އަމިއްލަ ވަގުތާއި މެދުގައެވެ. އޭނަގެ ވަގުތުން އެންމެ ގަޑިއިރެއް ވެސް ވިޔަފާރި ނޫން އެހެން ކަމެއްގައި ހޭދަކޮށްފިނަމަ އޭނައަށް ލިބޭނެ ގެއްލުން ސިކުނޑީގައި އަބަދުމެ ޢަދަދު ކުރެވިފައިވާ ފަދައެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ފަލަކް އޭނަގެ މުވައްޒަފަކު ޕާޓީއަކަށް ދަޢުވަތު ދިނަސް އެ ދަޢުވަތު ޤަބޫލެއް ނުކުރެއެވެ. މުވައްޒަފުންގެ ތެރެއިން މަތީ ފަންތީގައި އުޅޭ މީހުން އޭނައާއި ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރިޔަސް، ފަލަކް އެ ދެމެދުގައި ދެކެވޭ ޒާތީ ވާހަކަތައް ކުރުކޮށްލައެވެ. ޚުދު އޭނަގެ އަމިއްލަ ބައްޕައާއި އޮތް ގުޅުމަށް ވެސް އޭނަ ވަނީ ހީނަރުކޮށްފައެވެ. އެކަނިވެރިކަމުގެ އިޙްސާސުގައި އޭނަ ނުގެނބޭނީ ފަހެ ކިހިނެއް ހެއްޔެވެ؟
**
ތާޒާ ވެލައިގެން ފަތިސް ނަމާދަށްފަހު އަފްޒަލް ކޮޓަރިން ނިކުމެ، ފަލަކް ފެނޭތޯ ބެލިއެވެ. ފަލަކް ނެތްކަން ޔަޤީންވުމުން ފަލަކްގެ ކޮޓަރީގެ ދޮރާއި ދިމާލަށް ނަޒަރެއް ދެވުނެވެ. އަދި ފަލަކް ރީތިވެ ނުނިމެނީއޭ ހިތައި އަފްޒަލް އިންތިޒާރު ކުރަން ނިންމިއެވެ. އެ ނިންމުން ނިންމުނުތާ މާ ގިނައިރެއްނުވެ އެޕާޓްމެންޓުގެ ބަދިގެ، އަފްޒަލްގެ ލޮލުގައި އެޅިއެވެ. އިސާހިތަކު ދެވަނަ ޚިޔާލެއް ވެސް ނެތި ބަދިގެއަށް ދެވުނެވެ.
އެ ބަދިގެއަކީ އެ ތަނަވަސް އެޕާޓްމެންޓާއި އެކަށޭނަ ބަދިގެއެކެވެ. ބަދިގޭގެ ތިން ފާރު ވަށައިލެވޭ ގޮތަށް ހުދުކުލައިގެ ކަބަޑު ކެބިނެޓް ހުރިއިރު، ބޮޑު އައިސްއަލަމާރިއެއް ވެސް ހުއްޓެވެ. އަދި ބަދިގޭގެ މެދަށްވާ ގޮތަށް ހުރި 6 މީހުންނަށް އިށީނދެވޭ ކާމޭޒަކުން ފަޅުފިލުވާފައިވިއެވެ.
ބަދިގެއަށް ރަނގަޅު ނަޒަރެއް ދިނުމަށްފަހު އަފްޒަލް އައިސްއަލަމާރިއާއި ކަބަޑުތައް ހުޅުވައި ހުރިހާ އެއްޗެއް ހުރި ތަންތަން މިނެޓެއްހާ ތެރޭ ދަނެގަތެވެ. އަދި ވަގުތުން ހެނދުނުގެ ނާސްތާއަށް ބޭނުންވާނެ އެއްޗެހި ތައްޔާރު ކުރަން ފެށިއެވެ.
ރީތިވެގެން އަތުގައި އަތްދަބަހެއް ވެސް އަޅުވައިގެން އައި ފަލަކަށް ބަދިގެއަށް ވަދެވުނުއިރު އަފްޒަލް ހުރީ އުނދުން ކައިރީގައެވެ. އަނގައިގައި ޓޯސްޓް ކޮށްފައިވާ ޕާން ފޮއްޗެއް ޖަހައިގެން ތަވާގައި އޮތް ބިސްގަނޑު ފަރިތަކަމާއިއެކީ އޮޅަމުން ދިޔަ އަފްޒަލަށް ބަދިގޭގެ ދޮރާއި ދިމާލަށް ބަލައިލެވުނީ އެ ވަގުތެވެ.
“އޯ ދެއާރ ޔޫ އާރ! ތަނަކަށް ދާންތަ؟” އަނގައިން ޕާން ފޮތި ނަގައި އުނދުން ނިވައިލަމުން އަފްޒަލް ބުންޏެވެ.
“އާނ….މިއަދު ކޮންމެހެން ވެސް އޮފީހަށް ދާންޖެހޭ. މީޓިންގްތައް އިތުރަށް ލަސް ކުރެވޭކަށް ނެތް. ހެހެ….މިކޮޅަށް އައިސް ވެސް ނުކައްކާ ނުހުރެވުނުދޯ؟” ފަލަކް ގޮސް އެތާހުރި ކާމޭޒުދޮށުގައި އިށީންނަމުން ބުންޏެވެ.
“އޮފްކޯސް! ޝެފެއްވާނީ ހަމަ ޝެފަކަށް.” އަފްޒަލް އެހެން ބުނެލަމުން ގޮސް ނުހަނު ރީއްޗަށް ނާސްތާ އެތުރިފައިވި ތަށި ގޮސް ފަލަކްގެ ކުރިމަތީގައި ބެހެއްޓިއެވެ. ތަށީގައި ހުރި އޮޅާލެވިފައިވި ބިސްގަނޑާއި ޓޯސްޓް ޕާން ފޮތިތަކާއި، ޕޭންކޭކް ބަރިއެއް ފެނިފައި ފަލަކަށް ހީލެވުނެވެ.
“އެހެން މީހަކު ހެދި ބްރެކްފާސްޓެއްގެ ކޮޕީއެއްހެން ހާދަ ހީވެއޭ!” ފަލަކް ރާގަކަށް ބުނެލި ވާހަކައިން އަފްޒަލް ފަލަކަށް ބަލައިލީ އޮޅުމުގެ ނަޒަރަކުންނެވެ.
“ކޮ….އޯހް!” ސުވާލެއް ކުރަން އުޅެފައިވެސް އިރުކޮޅެއްގެ ތެރޭ އަފްޒަލަށް އެނގުންވުމުން ބުނެލެވުނެވެ. އެއާއިއެކު އަފްޒަލާއި ފަލަކަށް އެކުއެކީގައި ހީލެވުނެވެ. ފަލަކް އަފްޒަލަށްޓަކައި ތައްޔާރުކުރި ނާސްތާ ހަނދާންވެފައެވެ.
“ތެދުތެދަށް ބުނަންޏާ އަހަންނަށް ރަނގަޅަށް ކައްކަން ނޭނގެ. ޔުނިވާރސިޓީގަ އުޅުނުއިރު އަމިއްލައަށް ކައްކައި ހެދިން އެކަމަކު ގިނައިން ބޭރުން ކައި އުޅުނީ. ދެން މެއިޑަކު ގެންގުޅެވިދާނެ ވަރަށް ލާރި ލިބެން ފެށީމަ މިހާރު މެއިޑަކު ގެންގުޅެން. އެކަމަކު މިއަދު އެ މީހާ ބަލިވެ އުޅޭ ވާހަކަ އަންގާފަ އޮތީމަ ބަދިގެ ހުހަށް މިހިރީ….” ފަލަކް ސައިބޯން ފަށަމުން ކިޔައި ދިންދިންހެން އަފްޒަލް ވެސް އޭނަގެ ތަށި ހިފައިގެން އައިސް ފަލަކްގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑީގައި އިށީނެވެ.
“އޮހް! އެކްސްޕްލެއިންސް….ހެހެ….ދެން މިއަދު ފަލަކް އޮފީހަށްދޯ ދާނީ؟ ކޮން އިރަކު އަނބުރައި ގެއަށް އަންނާނީ؟” އަފްޒަލް އެހިއެވެ.
“އިޓް ޑިޕެންޑްސް. މަސައްކަތުގެ ގޮތުން ހަވީރު ވަންދެން ވެސް އޮފީހުގަ ހުންނަން ޖެހިދާނެ. އަފްޒަލް….އެކަނިދޯ ހުންނަން ޖެހޭނީ؟”
“ހްމް ދެން އެހެންތާ…”
“ވެއިޓް އަ މިނިޓް! އަފްޒަލް އަހަންނާއި އެކީ އޮފީހަށް އަންނަންވީއެއްނު؟ އަހަރެން ހުރީ އަހަރެންގެ ހުރިހާ މުވައްޒަފުންނަށް އަންގާފަ މެރީ ކުރި ވާހަކަ. އެމީހުން ވަރަށް މައްސަލަ ޖައްސާފަ ހުރީ ދުބާއިގަ ޕާޓީއެއް ނުބާއްވާތީވެސް….އަފްޒަލް މިއަދު އޮފީހަށް ގޮއްސަ، ބްރޭކް ގަޑީގަ ކުޑަ ސެލެބްރޭޝަނެއް ޖައްސާލިއްޔާ ސަޅިވާނެހެން ހީވަނީ.”
“ސައުންޑްސް ކޫލް!”
އަފްޒަލް އެއްބަސްވިއެވެ. އެއާއިއެކު ދެމީހުން އެކީގައި އެދުވަހު ފަލަކްގެ އޮފީހަށް ދާން ނިންމިއެވެ.
**
އަދުހަމް އަނެއްކާވެސް އަނބުރާ ގެއަށް އައިސް ކައިވެނި ރުޖޫޢަ ކުރުމުން ނޫރާއަށް ހީވަނީ އާސްމާނުގައި އުދުހެވޭ ހެންނެވެ.
އަފްޒަލްގެ ކައިވެންޏަށްފަހު އަދުހަމް ގެއަށް ބަދަލުވިއެވެ. އަދި އަނެއްކާވެސް ނޫރާއާއި އެކީގައި އުޅެން ނިންމިއެވެ. ނޫރާގެ ހިތުގައި އަދުހަމަށްޓަކައި ފުރިހަމަ އިތުބާރު އޮތެއްކަމަކު އެދެމީހުން އެކީގައި އުޅުމަކީ ފަޒީލާ އެހާ ރުހޭ ކަމަކަށް ނުވިއެވެ. އަދުހަމްގެ ގޮތް އެނގި، އަދުހަމް އަނެއްކާވެސް ނޫރާއަށް އަނިޔާ ކުރުމުގެ ފުރުސަތު ބޮޑުކަން ފަޒީލާއަށް މާ ރަނގަޅަށް ވެސް އެނގޭތީވެއެވެ.
އެހެނަސް ބޭރުފުށުން އެއީ އެ ދެކުދިން ވެސް ބޭނުންވެގެން ކުރި ރުޖޫޢަކަށް ވުމުން ފަޒީލާ އެކަމާއި ވަކި ދެކޮޅެއް ނެހެދިއެވެ. އޭގެ ބަދަލުގައި އެދެމީހުންނަށް ވެސް ރީތި ގޮތުގައި އުޅުމަށް ނަސޭޙަތްތެރިވިއެވެ. ފަޒީލާ މިކަމާއިމެދު ކިތަންމެ ހިތަށް އުދަގޫވެފައި ވިޔަސް، އަފްޒަލަށް ނުގުޅަން ނިންމިއެވެ. އަފްޒަލްގެ އަލަތު ކައިވެނީގެ ފުރަތަމަ ދުވަސްތަކަށް ފިކުރުތަކެއް އިތުރު ނުކުރުވުމަށެވެ.
ނޫރާއާއި އަދުހަމްގެ ގުޅުމަށް އެއްބާރުލުންދޭ ހަމަ އެކަކު ވެސް ނޫރާގެ ޙަޔާތުގައި ނެތެވެ. ޚުދު ނޫރާގެ މަންމައާއި ކޮއްކޮ ވެސް އެކަމާއިހެދި ނޫރާއަށް ނުރުހުންވެފައިވެއެވެ. އަދި އަމުދުން ނާއިލް ވެސް ބައްޕަ އަނބުރާ ފޮނުވާލާށޭ ބުނެ އޭނަ ގާތު އާދޭސް ކުރަމުން ދެއެވެ. ފަލަކަށް ނޫރާ މި ‘އުފާވެރި’ ޚަބަރު ދޭން ބޭނުންވިއެއްކަމަކު ފަލަކް ވެސް އޭނަ އަދުހަމާއި ގުޅުނު ވާހަކަ އިވުމުން ނުރުހުންވާނެކަން އެނގި، ނޫރާ އެ ޚިޔާލު ބަދަލުކުރިއެވެ.
އެހެނަސް ކުރާނީ ކީއްހެއްޔެވެ؟ އަދުހަމް ދައްކައިގެން އުޅޭ އާ ސޫރައިން ނޫރާ އަނދިރިވެފައިވާ ފަދައެވެ. ފަހުން ފަހުން އައިސް އަދުހަމް އެއްގޮތަކަށް ވެސް އޭނައަށް އަޑުލައި އަނިޔާކޮށް ނަހަދައެވެ. ވާހަކަ ދައްކަނީ ލޯބިންނެވެ. ދެނީ އަގުބޮޑު ހަދިޔާތަކެވެ. އަދުހަމް މިހާރު އުޅޭ ވަޒީފާއިން ލިބޭ އާމްދަނީއިން ޚަރަދު ކުރަމުން އެފަދަ ހަދިޔާތައް އަދުހަމް ގަންނަނީ ކިހިނެއް ކަމާއިމެދު ވެސް ނޫރާގެ ހިތުގައި ސުވާލު އުފެދެއެވެ. އެހެނަސް އެ ސުވާލު އަދުހަމާއި ކުރާކަށް ބޭނުން ނުވަނީ، އެ ދެމެދުގައި ދެކެވޭ ލޯބީގެ ވާހަކައިގެ ތެރެއަށް ސީރިއަސް ވާހަކައެއް ގެންނަން ބޭނުމެއް ނުވާތީވެއެވެ. ސީރިއަސް ވާހަކައެއް ދައްކައިފިނަމަ އަނެއްކާވެސް ދެމީހުންގެ ގުޅުން ހީނަރުވާން ފަށާފާނެކަމުގެ ބިރު އޮތީތީވެއެވެ.
ސީރިއަސް ވާހަކައަކަށް ނޫރާ ނުދައްކައި އޮތީ ހަމައެކަނި ހަދިޔާތަކުގެ ވާހަކައެއް ނޫނެވެ. މީގެ އިތުރުން ފަހަކަށް އައިސް އަދުހަމް އޭނަ ގާތު އަފްޒަލާއި ފަލަކާއިމެދު ސުވާލުތައް ކުރަނީ ވަރަށް ގިނައިންނެވެ. އެ ދެމީހުން ކައިވެނި ކުރި ދުވަސްކޮޅު ފަލަކް އުޅުނުހާ ތަނަކާއިމެދު އަދުހަމް ސުވާލުކުރިއެވެ. އެއީ ކީއްވެތޯ ސުވާލު ކުރުމާއިއެކު އަދުހަމް ބުނަނީ އެންމެ ވާހަކައެކެވެ.
“ޢާއިލާއަށް ކުއްޖަކު ވަންނަން އުޅޭއިރު އެ ކުއްޖާގެ ޒާތަކީ ކޮބައިކަން ވެސް އެނގެންވާނެދޯ؟ ހެހެ….”
އަދުހަމް އެހެން ބުނުމާއިއެކު ވެސް ނޫރާއަށް ފެންނަނީ އަދުހަމްގެ ރަނގަޅުކަމެވެ. އަދުހަމް ފަލަކާއިމެދު މަޢުލޫމާތު ހޯދަނީ އަފްޒަލާއިމެދު ފިކުރު ކުރެވޭތީތާއޭ އަމިއްލަ ނަފްސު ގާތު ބުނެވެމުން ދިޔައެވެ.
އެދުވަހު ހެނދުނު ވެސް ހޭލުމާއިއެކު ނުހަނު ގާތުން އަދުހަމްގެ ސޫރަ ފެނިފައި ނޫރާގެ ހިތް ލޯބިން ފުރިގެން އައެވެ. އަދުހަމަކީ އޭނަގެ ޙަޔާތުގެ ލޯބިވެރިޔާއޭ ހިތާހިތުން ކިޔައި ތެދުވެލެވުނީ ޙަމްދުކުރާ ޙާލުގައެވެ. އޭރު، މީގެ ދުވަސްކޮޅެއް ކުރިން ކައުންސެލިންގްއަށް ގޮސް އިވުނު ހުރިހާ ނަސޭޙަތެއް ނޫރާ ހަނދާން ނެތިފައިވެއެވެ. އަދުހަމް ފަދަ މީހުން އޭނަގެ ނާޖާއިޒު ފައިދާ ހިފަން ވެސް ދުވަސްކޮޅަކަށް ލޯބިން އުޅެފާނެ ކަމަށް ބުނި ބަސްތައް ޤަބޫލުކުރަން ބޭނުމެއް ނުވިއެވެ. މިވަގުތު ނޫރާ ޤަބޫލުކުރަން ބޭނުންވީ، އިންސާނެއްގެ ހިތް ބަދަލުވެދާނެ ކަމަށެވެ.
ނޫރާ އެނދުން ތެދުވެ، ހިނގައިގަންނަން އުޅުނު ވަގުތު ފޯނެއް ވައިބްރޭޓްވާން ފެށި އަޑު އިވުނެވެ. އެއާއިއެކު ނޫރާއަށް ވަގުތުން ބަލައިލެވުނީ އަރިމަތީ މޭޒުމަތީގައި އޮތް އޭނަގެ ފޯނަށެވެ. އެހެނަސް ވައިބްރޭޓްވަނީ އެ ފޯނެއް ނޫންކަން ޔަޤީންވުމުން ކޮޓަރީގެ ވަށައިގެން ނަޒަރެއް ދެވުނެވެ. އެވަގުތު ރީތިވާ މޭޒުމަތީގައި އޮތް އަދުހަމްގެ ފޯނު ފެނުނެވެ.
އެއީ މުހިއްމު ކޯލަކަށް ވެދާނެއޭ ހިތައި ނޫރާ ރީތި ވާ މޭޒު ކައިރިއަށް ގޮސް އެ ފޯނު ނަގައި ސްކްރީނަށް ނަޒަރެއް ދިނެވެ. ސްކްރީނުން ދިގު ނަންބަރެއް ފެންނަމުން ދިޔައިރު، ނަންބަރު ސޭވް ކުރެވިފައިވީ އިނގިރޭސި އަކުރު ‘އެމް’ ލިޔެފައެވެ.
އެއާއިއެކު ނޫރާ އޮޅުން އަރާ ގޮތްވިއެވެ. ބޭރު ނަންބަރަކުން މި ގުޅަނީ އަދުހަމް މަސައްކަތް ކުރާ ރިސޯޓާއި ގުޅުން ހުރި މީހަކަށް ވެދާނެތޯ ހިތަށްއެރިއެވެ.
ނޫރާ އޭނަގެ އަމިއްލަ ޚިޔާލުގައި ހުއްޓާ އެ ފޯނު އަމިއްލައަށް ކެނޑިގެން ދިޔައެވެ. އެއަށްފަހު ހަމަ އެ ނަންބަރުން އައީ މެސެޖެކެވެ. އެ މެސެޖު ކިޔައިލަން ބޭނުންވި ވަރުން ނޫރާއަށް ފޯނު އަންލޮކް ކޮށްލެވުނެވެ. އެއްފަހަރު އަދުހަމް އޭނަގެ ފޯނު އަންލޮކްކުރަން ޖެހި ނަންބަރު ހަނދާން ހުރުމުންނެވެ.
“އަފްޒަލާއި ގުޅޭ ގޮތުން އަހަންނަށް ވީހާވެސް އަވަހަކަށް ހުރިހާ މަޢުލޫމާތެއް ހޯދައިދީ. އޭނައާއި ފަލަކް ވަކިކުރަން ބޭނުން ކުރެވިދާނެ މަޢުލޫމާތެއް.”
‘އެމް’ ގެ ފަރާތުން ލިބިފައިވި އެ މެސެޖު ކިޔާފައި ނޫރާގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅު ބާންޏެއް ނެގިއެވެ. އިސާހިތަކު ނިތުން ދާ ތިކިތައް ހިލިގެން ދިޔައީ، މިހާތަނަށް އައިއިރު އޭނައަށް އަދުހަމަށް އެހީވެފައިވަނީ ގޯސް ކަމަކަށްތޯ ހިތް ސުވާލު ކުރުމުންނެވެ.
“ނޫރާ!”
ފަހަތުން އަދުހަމް ގޮވައިލި އަޑަށް ނޫރާ ސިހިގެން ދިޔަދިޔަހެން އަތުގައި އޮތް ފޯނު ދޫވެގެން ދިޔައެވެ. ފޯނު ބާރު އަޑަކާއިއެކީ ގޮސް ރީތިވާ މޭޒުމަތީގައި ޖެހުމުން ނޫރާ އިތުރަށް ތުރުތުރު އަޅާ ގޮތްވިއެވެ.
ނުނިމޭ