ޤަދަރު (އަށްވަނަ ބައި)
ބެލްކަނި ނިމޭ ހިސާބާއި ގާތްވަމުން ދިޔަދިޔަހެން މަންމައާއި ކައިރި ވެވުނީހެން ހިތަށް ހީވިއެވެ. ތިރިން މަގުމަތިން ދުއްވަމުން ދިޔަ ކާރުތައް ފެނި މަންމައަށް އެދުވަހު އިޙްސާސް ކުރެވިފައިވާނީ ކިހިނެއްތޯ ހިތާހިތުން ސުވާލުކުރެވުނެވެ. އެ ހިނދު އޭނަގެ ފައިވާނުގެ އެއްބައި ބެލްކަނި ފަހަނަޅައި ދާ ހިސާބަށް ފިޔަވަޅު އެޅުނެވެ.
މިއީ ފަލަކަށް މިފަދަ މަޤާމެއްގައި ހުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. ދުބާއީގައި ހުންނަ އޭނަގެ އެޕާޓްމެންޓުގެ ބެލްކަނީ ކައިރިއަށް ގޮސްވެސް ފަލަކަށް އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ކުރެވެއެވެ. ޙަޔާތުގައި އޭނަ ހޯދާފައިވާހާ ކާމިޔާބީތަކާއި އެއްކޮށްފައިވާހާ ފައިސާއާއި އެކީ ވެސް އޭނަގެ ހިތުގައި ފުން ހިތާމަވެރިކަމެއް ވާ ފަދައެވެ. ނޭނގޭ އެކަނިވެރިކަމަކުން ދޭތެރެދޭތެރެއިން އޭނަގެ ހިތް ވަށައިލެވިގެންދާ ފަދައެވެ. އެއީ ކީއްވެގެން ކަމެއް ފަލަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. އޭނަގެ ވަށައިގެން އޭނައަށްޓަކައި މަސައްކަތް ކުރާ މީހުންނާއި އޭނައާއި އެކީ މަސައްކަތް ކުރާ މީހުން ހާދަ ގިނައެވެ. ގިނަ ބައެއްގެ މެދުގައި ހުންނައިރު އޭނަ އެކަނިވާންވީ ކީއްވެ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބާއިމެދު އެތައް އަހަރެއް ވަންދެން ފަލަކް ފިކުރު ކުރިއެއްކަމަކު އެއަށް ޖަވާބެއް ނުލިބެއެވެ. މަސައްކަތް ކުރުމުން ވެސް ޙައްލެއް ނާންނަ ނޭދެވޭ ޖަޒުބާތުތަކާއި އެކީ އުޅުމަށްވުރެ ރަނގަޅުވާނީ އަމިއްލައަށް މަރުވުން ނޫން ހެއްޔެވެ؟
އެ ޚިޔާލާއިއެކީ ފަލަކަށް ލޯ މަރައިލެވުނެވެ. ހަމަ އެހިނދު އޭނަ އެތަނުން ވެއްޓޭ މަންޒަރު ލޮލަށް ސިފަވި ހިނދު ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެކަން ޙަޤީޤަތަކަށް ހެދުމަށް ފިޔަވަޅެއް އަޅަން ސިކުނޑި ބުނި ހިނދު ކީއްވެކަމެއް ނޭނގެއެވެ. ހަމަ އެ ވަގުތު ފަލަކްގެ ހިތު ތެރެއިން އައި އަޑަކުން ފަހަތަށް ޖެހިލުމަށް އެންގިއެވެ. ހަމަ އެއާއިއެކު ފަލަކަށް ލޯ ހުޅުވައިލަމުން ފަހަތަށް ޖެހިވެސްލެވުނެވެ.
އަމިއްލައަށް މަރުވުމުން އޭނަ މިހާތަނަށް ސަލާމަތްވެފައި ވަނީ މިފަދަ ގޮތަކަށެވެ. ކޮންމެ ފަހަރަކު ފަހަތަށް ޖެހިލެވެނީ ކީއްވެކަމެއް ފަލަކަށް ދޭހައެއް ނުކުރެވެއެވެ. އެހެނަސް އެ ވަގުތު ކޮޅުތަކުގައި މަންމަ މަތިން ހަނދާންވެ މަންމައަށް އިންސާފު ހޯދައި ދިނުމަށް ހިތް ގޮވާއިރު، އޭނައަށް މަރުން ސަލާމަތް ވެވިފައި ހުރީ މަންމައާއި ހެދި ކަމަށް ފަލަކަށް ޤަބޫލު ކުރެވިފައިވެއެވެ. ފަލަކަށް ނޭނގުނު ކަމަކީ ނަން ވެސް ނޭނގޭ ބީރައްޓެއްސެއްގެ ދުޢާތަކެއް ވެސް އޭނައާއި އެކީ ވާކަމެވެ.
**
“އާދެ! ޢަބްދު ﷲ މަޖީދު، ދެއްތޯ؟” އަފްޒަލް ހިނިތުންވުމަކާއިއެކީ ސަލާމަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ.
އަފްޒަލްގެ އެ ޙަރަކާތާއިއެކީ މަޖީދު ވެސް ހިނިތުންވެލަމުން އަފްޒަލް ދިއްކުރި އަތުގައި ހިފައިލިއެވެ.
“ފުރަތަމަ ބުނި ދުވަހަށްވުރެ ތަންކޮޅެއް ލަސްކޮށްދޯ މި ބައްދަލު ކުރެވުނީ؟ މުހިއްމު ކަމެއް ދިމާވީ އިނގޭ؟ މަޢާފު ކޮށްލަދެއްޗޭ!” މަޖީދު ވާހަކަ ދައްކަމުން އަފްޒަލާއިއެކީ އެމީހުންގެ ކައިރީގައި ހުރި މޭޒު ދޮށުގައި އިށީނެވެ.
“އެއީ އެއްވެސް މައްސަލައެއް ނޫން. އަޅުގަނޑުވެސް މި ދޭތެރެއަކު ބުރަކޮށް އުޅުނީ…” އަފްޒަލް ނުފިލާ ހިނިތުންވުމަކާއިއެކީ ބުންޏެވެ.
ހަމަ އެ ވަގުތު ވެއިޓަރު އޯޑަރު ނަގަން އައުމުން ދެމީހުންގެ ވާހަކަ މެދުކެނޑުނެވެ. އޯޑަރު ނަގައިގެން ވެއިޓަރު ދިޔުމުން ދެން އެ ދެމެދުގައި ދެކެވެން ފެށީ ‘ކްރިސްޓަލް’ ޢިމާރާތުގައި މަޖީދު ހިންގާ ގެސްޓް ހައުސް ވިޔަފާރީގެ މަސައްކަތުގެ ވާހަކައެވެ. އެ ވާހަކަތަކުގެ ތެރެއިން މަޖީދު އަފްޒަލްގެ ކުރިއަށް ހުރި ރޭވުންތަކާއިމެދު ސުވާލުކުރިއެވެ.
“އަޅުގަނޑު ކޮންމެހެން އެ ވިޔަފާރި ހުއްޓާލާކަށް ނެތިން. ތިބޭފުޅާގެ ޙިއްސާ އެ ވިޔަފާރީގަ ހުރިގޮތަށް ބެހެއްޓިޔަސް އަޅުގަނޑަށް މައްސަލައެއް ނެތް…” އަފްޒަލް ބުންޏެވެ. އެއާއިއެކު މަޖީދު އަފްޒަލަށް ބަލަން އިނދެފައި ހީލިއެވެ.
“މި ކުއްޖާއެކޭ އާމިރެކޭ ވަކި ތަފާތެއް ނެތޭ ހަމަ. އެހެން މީހުންނަށް އަބަދު ދޭ ހިތުން އުޅުނު މީހެއް އެއީވެސް…” މަޖީދު ގޮނޑިއަށް ލެނގިގެން ހިނިތުންވުމެއްގައި އިނދެ ބުންޏެވެ.
“ބައްޕަ….ދަންނަންތޯ؟” ޙައިރާންކަމާއިއެކީ އަފްޒަލަށް އަހައިލެވުނެވެ. ބައްޕަގެ ހުރިހާ އެކުވެރިންގެ ނަންތައް އޭނައަށް އެނގޭއިރު މަޖީދު ނަމަކަށް ކިޔާ މީހަކު ބައްޕައާއި އެކީގައިވިކަން ހަނދާނެއް ނުވުމުންނެވެ.
“އާނ….އާމިރަކީ މި ބޭބެގެ ވަރަށް ގާތް ރަޙްމަތްތެރިއެއް. އަފްޒަލަށް ފަހަރެއްގަ ބޭބެ ނުފެނި ހުރެދާނެ. ގިނަ ދުވަހު ބޭބެ އުޅުނީ ބޭރުގަވީމަ…ތިހާ މާތްކޮށް ދެން ބޭބެއާއި ވާހަކަ ނުދައްކަބަލަ! ތި ކުއްޖާ ފެނިފަ ހަމަ ހީވަނީ އާމިރާއި ވާހަކަ ދެއްކޭހެން ވިއްޔާ…ހެހެ..”
“ހެހެ….ބޭރުގަ އުޅޭ ބައްޕަގެ އެކުވެރިއެއް…އަނެއްކާ، ތިއީ ބައްޕައަށް ރެސްޓޯރެންޓު ހުޅުވަން އެހީވެދެއްވި އެކުވެރިޔާތޯ؟” އަފްޒަލް ބައްޕަ ދެއްކި ވާހަކަތަކެއް ހަނދާން ކުރަމުން ބުންޏެވެ.
“ހުމް….އެކަމަކު އެ ރެސްޓޯރެންޓުގެ ހުރިހާ ކަމެއް ކުރީ އާމިރު. އެ ދިން ނަމެއްވެސް ދޯ؟ ކަމަނަ! ހެހެ….ބުނީ ތިމަންނަ އަންހެން ދަރިއަކު ބޭނުންވާ ވަރުންނޯ. އަންހެން ދަރިއަކު ލިބުނު ދުވަހަކުން ވަރަށް މީރުކޮށް ކައްކައިގެން އެ ރެސްޓޯރެންޓުން ކާންދޭނަމޯ..” މަޖީދު ކިޔައިދިނެވެ.
“ހެހެ….އަސްލުވެސްތޯ؟” އަފްޒަލް އެ ސުވާލުކޮށްލި ހިނދު ހިތަށް ވެރިވި މާޔޫސްކަން އެ މޫނުމަތިން ވެސް ފާޅުވިއެވެ. ބައްޕަ ދުނިޔެ ދޫކޮށް ދިޔައީ ބައްޕަގެ އެހާ ބޮޑު އުއްމީދެއް ފުރިހަމަ ނުވެ އޮތްވާކަން އެނގުންވުމުންނެވެ.
“އާނ….ދެރަދޯ؟ އެކަމަކު ހިތަށްއަރަނީ އަދިވެސް ބައްޕަގެ އެ އެދުން ފުރިހަމަ ކޮށްދެވިދާނެއޭ ތި ފިރިހެން ކުދިންނަށް. ތިކުދިންގެ ގެއަށް ތި ކުދިން ލޯބިވާ އަންހެން ކުދިން ގެނެސް ރީތި ޙަޔާތްތައް ފެށުންވާނީ ހަމަ ޔަޤީނުންވެސް އެ ބައްޕަގެ އެދުމަކަށް…” މަޖީދު ބުންޏެވެ.
މަޖީދުގެ އެ ވާހަކައަށް އަފްޒަލަށް ހޫންލައްވައިލެވުނީ އިސްޖެހިފައި އިނދެއެވެ. ގެއަށް އެފަދައިން އަންހެން ކުއްޖަކު ގެނައީ ހަމައެކަނި ދޮންބެއަށް ވެފައި ދޮންބެގެ ޒަވާޖީ ޙަޔާތް އެހާ ބާއްޖަވެރިއެއް ނޫންކަން ހަނދާންވުމުންނެވެ. އަދި ޒައުލް ކައިވެނި ކުރެވޭހާ ޒިންމާދާރެއް ނުވެއެވެ. ދެން ހުރީ އޭނައެވެ. އޭނަ އެފަދަ ޙަޔާތެއް ފަށަން ކިތަންމެ ބޭނުންވިޔަސް މިހާ ހިސާބަށް އައިއިރު އެފަދަ ނަސީބެއް އޭނައަށް ނުލިބިދާނެހެން އޭނައަށް ހީވެފައިވެއެވެ.
އަފްޒަލަށް އައި ބަދަލަށް ހިމޭންކަމާއިއެކީ ބަލަން އިނުމަށްފަހު މަޖީދު ފުން ނޭވައެއް ދޫކޮށްލިއެވެ.
“ސަލީމްބެގެ ފަރާތުން ބޭބެ އަޑުއެހިން…ދޮންބެއާއިހެދި އަދިވެސް ތި ގޭގެ ޙާލަތު އެހާ ރަނގަޅެއް ނޫންދޯ؟ ޒައުލް އެ ދަނީ ކިޔަވަމުން. ޒިންމާދާރު ހެޔޮލަފާ ކުއްޖަކަށް އަނެއްހެން ތިހިރީ އަފްޒަލް އެކަނި….ބޭބެ ކައިރި އަފްޒަލް ހުހަށް ހުރި ވާހަކަ ސަލީމްބެ ބުނީމަ ވަރަށް ޙައިރާންވި. އަޅެ މީހަކާއި އިންނަން ޚިޔާލެއް ނުކުރަނީތަ ހަމަ؟” މަޖީދު ސުވާލުކުރިއެވެ.
“ނޫނޭ. ޚިޔާލުކުރަން. ވަރަށް ބޭނުންވެސްމެ. އެކަމަކު ރަނގަޅު ކުއްޖަކާއި ދިމާނުވާތީ ހަމަ. ނުބައި ނިންމުމެއް ނިންމި އިތުރު ހިތާމަތަކާއި ކުރިމަތިލާން ޖެހިދާނެތީ ޖެހިލުންވަނީ…” އަފްޒަލް ތެދުތެދަށް ކިޔައިދިނެވެ.
“މި ބޭބެ އަފްޒަލް ކުއްޖަކާ ދިމާކޮށްދިނިއްޔާ، އެފަދަ ނަޒަރަކުން އެކުއްޖާއާއިމެދު ވިސްނާލަފާނަންތަ؟”
މަޖީދު ދެން ކޮށްލި ސުވާލުން އަފްޒަލްގެ މެއަށް ފިނިވެގެން ދިޔައެވެ. މިއީ އޭނައާއި އެކަހަލަ ސުވާލެއް ކޮށްލެވުނު ފުރަތަމަ ފަހަރެވެ.
**
ފަލަކް ގެއަށް އައިސް ފެންވަރާލައިގެން ނަމާދު ކުރުމަށްފަހު އަރާމު ކުރީއެވެ. އެއަށްފަހު އޭނަ ދުބާއީގައި ވެސް އުޅޭ ފަދައިން ހަވީރު ގަޑީގައި ފޭސްމާސްކެއް އަޅައި، މޫނުގެ ބައްޓަމުގެ ރީތިކަން ދަމަހައްޓާ ކަސްރަތުތައް ކުރިއެވެ. އެ ކަންތަކުގެ ތެރެއިން އޭނަ ޒުހާއަށް ގުޅައި ސަމާސާ ވާހަކަ ގަނޑެއް އެޅުވިއެވެ. އަދި އެ ވާހަކައިގެ ތެރެއިން ރޫމުގައި ހުރި ކުޑަ އައިސް އަލަމާރިން އޭނައަށް މީރު ޒާތެއްގެ ޖޫސް ފުޅިއަކުން ބުއެވެ. އެ ކަންތައް ކުރުމުން ދާދި ދެންމެއަކު އޭނަ އަމިއްލައަށް މަރުވާން އުޅުނުކަން ހިސާބަކަށް ހަނދާން ނެތިފައިވިއެވެ. އޭނަގެ ޙަޔާތް މިހާ އުފާވެރި އިރު ދޭތެރެދޭތެރެއިން އެ ޙާލަތަށް އޭނަ ދަނީ ކީއްވެތޯ ވެސް އަމިއްލަ ޒަމީރާއި ސުވާލު ވެސް ކުރެވުނެވެ.
އެ ސުވާލުގެ ޖަވާބު ފަލަކް އަމިއްލަ ނަފްސަށް ދިނީ އެރޭގެ ވަގުތެއްގައެވެ. އެ ރެއަކީ ބައްޕަ އޭނައާއި ބައްދަލުކުރަން ނިންމާފައިވާ ރޭ ކަމަށްވާތީވެއެވެ. ބައްދަލުކުރަން އަންގާފައިވާ ގަޑި ގާތްވަމުން ދިޔަދިޔަހެން ފަލަކްގެ ހިތުތެރޭގައިވި ރުޅިވެރިކަމުގެ އަލިފާން ގަދަވަމުން ދިޔައެވެ. އިސްތަށިގަނޑު އެކި ގޮތްގޮތަށް ހެދުމަކީ އޭނައަށް ލިބޭ އުފަލަކަށް ވިޔަސް އެރޭ އެކަން ކުރިއިރު ވެސް އެ މޫނުމަތީގައިވީ ނުރުހުންތެރިކަމެވެ.
9:00 ޖެހި ވަގުތު ފަލަކް އޭނަ އުޅެމުންދާ ޢިމާރާތުގައި ހުންނަ ‘ކަމަނަ’ ރެސްޓޯރެންޓަށް ވަންނަމުން ދިޔައީއެވެ. އާދައިގެ ރަތްކުލައިގެ ޓޮޕަކާއި ނޫކުލައިގެ ޖިންސެއްގައި ފަލަކް ފެނުމަކީ ޢާއްމުކަމެއް ނޫނެވެ. އޭނަ އެފަދައިން އާދައިގެ ގޮތަކަށް ހެދުން އަޅައިގެން ހުންނަތަން ފެންނާނީ ބައްޕައާއި ބައްދަލުކުރާ ދުވަސްދުވަހުއެވެ. އެ ބައްދަލުވުމަށް ވާ ފޫއްސެއްގެ ބޮޑުކަމުން އެރޭ އިސްތަށިގަނޑު ހެދިފައި ހުރީވެސް އޭނަ ފޫހިވާ ގޮތަކަށެވެ. ދެ ފަރާތުން ދެ އިސްތަށިކޮޅު ގެނެސް އާދައިގެ ގޮތަކަށް ގަތައި ފުރަގަހަށް ދޫކޮށްލެވިފައިވެއެވެ.
ރެސްޓޯރެންޓުގައި ތިބި މީހުން އޭނައަށް ބަލަމުން ދިޔަ ގޮތުން ހުރެވުނު ގޮތާއިމެދު ފަލަކް ހިސާބަކަށް ލަދުވެސްގަތެވެ. އެހެނަސް ފަލަކް އެ އިޙްސާސަށް ސަމާލުކަން ނުދިނީ، މިރޭގެ މި ‘ބޮޑުކަން’ އަވަހަށް ނިންމައި ފުރައިގެން ދިޔުމުގެ ހުވަފެންތައް ދެކެމުންނެވެ.
ހިނގަމުން ގޮސް ފަލަކަށް އެންމެ ފަހުން ރިސާވްކުރެވިފައިވާ 10 ނަންބަރާއި 11 ވަނަ ނަންބަރުގެ މޭޒު ފެނުނީ ރެސްޓޯރެންޓުގެ ކަނަކުންނެވެ. އޭނަ ބައްޕައާއި ބައްދަލު ކުރާ ރެއެއްގައި އަބަދުވެސް ދެ މޭޒު ރިޒާވް ކުރެވެއެވެ. އޭނަ އެއްގޮތަކަށް ވެސް ބައްޕައާއި އެއްމޭޒެއްގައި އިށީންނަން ބޭނުންނުވާތީ އޭނަ އަބަދުވެސް އިށީނދެގެން އިންނަނީ އެހެން މޭޒެއްގެ ދޮށުގައި ބައްޕައަށް ފަސްދީގެންނެވެ.
އެހެންކަމުން ފަލަކް ގޮސް އިށީނީ 10 ވަނަ ނަންބަރު އޮތް މޭޒުދޮށުގައެވެ. 11 ނަންބަރު އޮތް މޭޒަށް ފަސްދީގެންނެވެ. އޭނަ އިންތިޒާރު ކުރަމުން ދިޔައީ އެ މޭޒާއި ދިމާލުން އަޑެއް އިވޭނެ އިރަކަށެވެ.
އެ އިންތިޒާރުގައި އިނދެ ފަލަކް އޭނަގެ ކުރިމަތީގައި ބެހެއްޓިފައިވި ބިއްލޫރި ތަށްޓަށް އެތާހުރި ފެން ތަށިން ފެން އެޅިއެވެ. އޭނަ ފެން ތަށި ނަގައި ބޮމުން ދަނިކޮށް ފަހަތުން ގޮނޑިއެއް ދަމައިލެވުނު އަޑު އިވުނެވެ. އެއަށްފަހު އެ ގޮނޑި މޭޒު ކައިރިއަށް ޖައްސައިލެވުނު އަޑުވެސް އިވުމުން ބައްޕަ އައީކަމަށް ފަލަކަށް ޤަބޫލު ކުރެވުނެވެ.
“ހަހް! މެން އެންޑް ދެއާރ ޕަންކްޗުއަލިޓީ!” ފަލަކް ފެން ތަށި މޭޒުމަތީގައި ބަހައްޓައި އޭގައި ހިފަހައްޓައިގެން އިނދެ ބުނެލިއެވެ. އެންމެ ފުރަތަމަ ވެސް ބޭނުންވީ ބައްޕަ ދަށްކޮށްލާށެވެ.
“މީހަކު އިންތިޒާރުކޮށްކޮށް ވަރުބަލި ވާއިރު ވެސް ފިރިހެނަކަށް ނާދެވޭނެ…އެހެންނެއް ނޫންތަ މަންމައަށް ހެދީ؟!” ފަލަކް އެ ފަހު ސުވާލުކޮށްލި ހިނދު ކިތަންމެ ބޭނުމެއް ނުވިޔަސް އަޑު ބަލިކަށިވެގެން ދިޔައެވެ.
“ކިތަންމެ ނޫނެކޭ ބުންޏަސް ޔޫ ރުއިންޑް ހާރ ޑޭޑް….ޔޫ ރުއިންޑް ހާރ ލައިފް…މިއަދު އަހަރެން ދިޔައިން ޑައިމަންޑަށް….” ފަލަކް އެހާ ހިސާބަށް ބުނެ މަޑުކޮށްލަން ޖެހުނެވެ. އެ ޢިމާރާތަށް ވަދެ ކުރެވުނު އިޙްސާސްތަކުގެ ފުންކަން އަނެއްކާވެސް އިޙްސާސް ކުރެވުނުހެން ހީވުމުންނެވެ.
“ހުރިހާ ކަމެއް އަހަރެން ހަނދާންވި. މަންމަގެ ހުރިހާ ތަކުލީފެއް ސާފުކޮށް ފެނުނުފަދަ. ކިތަންމެ ނޫންކަމަށް ހެދިޔަސް ދަރިންނަށް އެނގޭނެ މަންމައާއި ބައްޕަގެ ތެރެއިން ގޯހީ ކާކުކަން. އަހަންނަށް އޭރުވެސް އެނގޭ. އަދި މިއަދު މާ ބޮޑަށް ވެސް ޔަޤީންވޭ. ދުނިޔޭގަ ހުރިހާ ހިނދަކު އަހަރެން އަންހެނުން ފިރިހެނުންގެ އަތްދަށުން ސަލާމަތްކޮށްދޭނަން. ފިރިހެނުންގެ އަނިޔާގެ ދަށުގައިވެފަ ތިބި ކުޑަކުދިން ރައްކާތެރިކޮށްދޭނަން. އެކަހަލަ މަޅިއެއްގަ ބެދެން އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއްނޫން. އެހެންވީމަ އަނެއްކާވެސް ކައިވެނީގެ ވާހަކައެއް ދައްކަން އަހަރެން ގެނައިއްޔާ އެ ވާހަކަ ހަނދާން ނައްތާލާ!”
ފަލަކް އެހާ ހިސާބަށް ވާހަކަ ދެއްކުމަށްފަހު ހުއްޓައިލިއެވެ. ފަހަތުން ބައްޕަ މާ ހަމަ ހިމޭންކަން އެނގުންވުމުން ހިސާބަކަށް ޙައިރާންވިއެވެ. ބައްޕަ ހަމަ އެއްޗެކޭ ނުބުނަނީތޯ ހިތަށްއެރިއެވެ. ހަމަ އެހިނދު ބައްޕަގެ ޖަވާބަކަށް އޭނައަށް އުއްމީދު ކުރެވުނުކަން އެނގުންވުމުން އަމިއްލަ ނަފްސަށް ނުރުހުންވެވުނެވެ.
އެ އިޙްސާސްތަކަށް އިތުރު އިންޤިލާބެއް އައީ، ފަހަތުގައި ހުރި މޭޒުމަތީގައި ތަށްޓެއް ބެހެއްޓުނު އަޑާއިއެކީ އުލާއި ވަޅި ވެސް ނެގި އަޑު އިވުނެވެ. އޭނަ އެހާ މުހިއްމު ވާހަކައެއް ދެއްކިއިރު ބައްޕަ ޖަވާބެއްވެސް ނުދީ ކާންފެށީތޯ ހިތަށްއެރިއެވެ. އެއާއިއެކު ފަލަކްގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ބައްޕަ މިހާރު ހުރިހާ ހައްދެއް ފަހަނަޅައި ގޮސްފިކަމަށް ނިންމައި ފަލަކް ތެދުވެލީ އަތުން ހިފަހައްޓައިގެން ހުރި ފެން ތަށްޓާއި އެކީގައެވެ. އެއާއިއެކު ދެވަނަ ވިސްނުމެއް ނެތި ފަސް އެނބުރިލަމުން ކައިރީގައި ހުރި މޭޒުދޮށުގައި ހުރި މީހަކާއި ދިމާލަށް ފެންތައް އެއްލައިލެވުނެވެ.
އެތާ އިނީ ބައްޕަ ނޫން އެހެން މީހެއްކަން ފަލަކަށް އެނގުންވީ އެ ޙަރަކާތް ގެނެވުނު ފަހުންނެވެ. އޭނައާއިހެދި މޫނާއި އިސްތަށިގަނޑާއިއެކީ ލައިގެން ހުރި މަޑު ފެހި ކުލައިގެ ގަމީހުގެ ބައެއް ވެސް ތެމިފައި އެއިނީ އޭނައަށް މިފަހުން ދިމާވެގެން އުޅޭ ޒުވާނާއެވެ.
ނުނިމޭ
Jana
October 17, 2022 @ 6:39 pm
Assalaam’alaikum. Dhen oiy bai Thursday ga In Sha Allah ^_^ <3
Thuthii 🙄
October 19, 2022 @ 5:01 am
I love this story 🥰
Jana
October 21, 2022 @ 1:15 am
Alhamdhulillah! <3 Libunu hiyvvareh Thuthii *hugs*