ޤަދަރު (ފަހުބައި)
“ދެމީހުންގެ އޮތީ އަދި މާ ގާތްގުޅުމެކޭ ފަލަކް….” ޢަބްދުލްޣަފޫރު ބުންޏެވެ. އެހިނދު ފަލަކްގެ ދެބުމަ ކައިރިވިއެވެ.
“ކޮން ގުޅުމެއް؟” ފަލަކް އެހިއެވެ.
އެއާއިއެކު ޢަބްދުލްޣަފޫރު ލައިގެން ހުރި ކޯޓުން ފޮޓޯއެއް ނަގައި ފަލަކަށް ދިއްކޮށްލިއެވެ. ފަލަކް އެ ފޮޓޯގައި ހިފައި ބަލައިލިއެވެ. ފޮޓޯގައި ތިބީ ކޮން ބައެއްކަން ޔަޤީންވުމާއިއެކު ފަލަކްގެ ދެލޯ ބޮޑުވިއެވެ. މަންމައާއި މަންމަގެ ދައްތަމެން އެކީގައި ތިބި އެ ފޮޓޯގައި އިށީނދެގެން އިނީ ކުރިމަތިން ފެންނަމުން ދިޔަ ސޫރައިގެ
“ތް…ތިއީ…ކާފަތޯ؟” ފަލަކަށް އަހައިލެވުނެވެ.
“އައްދެ! ފަލަކަށް އެނގިއްޖެދޯ ކާކުކަން ވެސް. ހީކުރީ ފަލަކަށް ދުވަހަކުވެސް ފަލަކްގެ ކާފަ ނުފެންނާތީ ނޭނގޭނެކަމަށް. ވަރަށް ކުޑައިރު ފެނިފަ ހުންނާނީ ހެހެ…..” ޢަބްދުލްޣަފޫރު ކިޔައިދިނެވެ.
“އާނ އޭރުގެ ހަނދާންތައް ކުޑަކުޑަކޮށް ހުރޭ. އަދި ބައްޕަ ފޯނުން ވެސް ކާފައާ ވާހަކަ ދައްކާކަން އެނގޭ. އެކަމަކު އޭރު ވަކި ބައްދަލުކުރާ ހިތެއްނުވޭ. މިފަހުން ކާފަ ކޮބައިތޯ ހިތަށްއަރަން ފެށިފަހުން މި ބައްދަލުވީ…” ފަލަކް ދެންވެސް އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައި އިނދެ ވާހަކަ ދެއްކިއެވެ. އަފްޒަލަށް ވެސް އިނދެވުނީ ހިސާބަކަށް ޙައިރާންވެފައެވެ.
“ޑޮކްޓަރ ޢަބްދުލްޣަފޫރަކީ….ފަލަކްގެ ކާފަ…މާ ޝާ ﷲ! ކީއްވެތަ ދުވަހަކުވެސް ދެމީހުން ބައްދަލުނުވެ ހުރީ؟ އަހަންނަށް އެނގޭ ވަރަށް ވެސް ފަލަކަށް ޑޮކްޓާރ ނޭނގުނީ ކީއްވެ؟” އަފްޒަލް އެހިއެވެ. އެއާއިއެކު ޢަބްދުލްޣަފޫރު ފުން ނޭވައެއް ދޫކުރިއެވެ.
“ތެދުތެދަށް ބުނަންޏާ….އަހަރެން އެންމެ ލޯބިވާ ކާފަ ދަރިއަކީ ފަލަކް. ފަލަކަކީ އަހަންނަށް އެންމެ ލޮބުވެތި ދަރިފުޅުގެ ދަރިއަކަށްވީމަ. ޒަހްރާގެ ކުށަކީ އަހަރެން ހިތުން ޚާއްސަ މަޤާމެއް ލިބޭހާ ރީތި އަޚްލާޤެއް ހުރުން ކަންނޭނގެ. އޭގެ ސަބަބުން ބަޔަކު މީހުން ޒަހްރާއަށް ޙަސަދަވެރިވެ އެ ކޮއިފުޅު ޤަތުލުކުރީ….” ޢަބްދުލްޣަފޫރު އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެހެން ބުނެލިއިރު، އެ މޫނަށް ވޭނީ އަސަރެއް ވެރިވެ، އަޑު ކުރެހުނެވެ.
އެހިނދު ފަލަކާއި އަފްޒަލްގެ މޫނުމަތިން ވެސް ފެނިގެން ދިޔައީ ހިތާމަވެރި އަސަރެކެވެ. ވޭތުވެދިޔަ ހަފްތާގައި ދެމީހުން ހޯދި ހޯދުންތަކުން ފަލަކްގެ މަންމަ މަރުވީ ކިހިނެއްކަން އެ ދެމީހުންނަށް ވެސް ސާފުވެފައިވާތީވެއެވެ. އެ ދެމީހުން ވަކި އެއްޗެކޭ ނުބުނެ ތިއްބާ ޢަބްދުލްޣަފޫރު އިތުރަށް ވާހަކަ ދެއްކިއެވެ.
“ޒަހްރާ ފަދައިން ފަލަކާއިމެދު ކަންތައް ކުރެވިދާނެތީ ކާފަ ޖެހިލުންވީ. ފަލަކަކީ މަންމަ ނިޔާވި ފަހުން އެކަނިވެރިކޮށް އުޅޭ ކުއްޖެއްކަން އެނގިހުރެ ފަލަކާއި ބައްދަލުކުރަން ނުގޮސް ހުރުމަކީ ކާފައަށް ފަސޭހަކަމެއް ނޫން. އެކަމަކު ބައްދަލުކުރަން ނުދިޔައީ، ފަލަކަށް މާ ބޮޑަށް ސަމާލުކަން ދެނީއޭ ކިޔައި ބަޔަކު މީހުން މައްސަލަ ފާޅުކޮށް ފަލަކްގެ މަންމަ ފަދައިން ފަލަކަށް ނަފްރަތު އަމާޒުކޮށްފާނެތީ….” ޢަބްދުލްޣަފޫރު ބުންޏެވެ.
އެއަށްފަހު ވެސް ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ހިމޭންކަން ނަގައިލީ ފަލަކެވެ.
“ކާފަ އަހަންނާއި ބައްދަލުކުރަން އަޔަސް އަދި ނަޔަސް ޙަސަދަވެރިވާ މީހުންގެ ޙަސަދައާއި ނަފްރަތަށް ބަދަލެއް ނާދޭ. އެ ޙަސަދައަށް ނިމުމެއް ގެނެވޭތޯ އަޅުގަނޑު މި ބިން ޙަވާލުކުރުމުގެ ނިންމުން ނިންމީ. އަހަރެން ބޭނުންވީ އަހަންނާއިމެދު ކަންތައް ކޮށްފައިވާ ގޮތަށްޓަކައި މަޢާފުކުރަން…އެކަމަކު….މަންމައާއި މެދު އެމީހުން ކަންތައް ކޮށްފަ ހުރި ގޮތުން އެމީހުންނަށް ޙައްޤު އަދަބު ނުލިބެނީސް އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެ.” ފަލަކް އިސްޖެހިފައި އިނދެ އެ ވާހަކަ ބުނެލިއިރު އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ. އެކަން ފާހަގަވުމުން ފަލަކަށް ބަލައިގެން އިން އަފްޒަލް، މޭޒުމަތީގައި އޮތް ފަލަކްގެ އަތްމަތީގައި އަތް އެޅިއެވެ.
“ކާފަގެ މި ހިތަށް ވެސް ހަމަޖެހުމެއް ނުލިބޭނެ…” ޢަބްދުލްޣަފޫރު ފަލަކާއި އެއްބަސްވިއެވެ. އެއާއިއެކު ފަލަކަށް އިސްއުފުލައިލަމުން ކާފައާއި ދިމާލަށް ބަލައިލެވުނެވެ. އެހިނދު އެ ދެމީހުންގެ ހަތަރުކަޅި ހަމަވީ، ދެމީހުންގެ ހިތުގެ ޖަޒުބާތުތައް އެއްގޮތްކަން އަންގައިދޭ އަސަރުތަކާއި އެކީގައެވެ.
ހަމަ އެވަގުތު މޭޒުމަތީގައި އޮތް ފަލަކްގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ‘މަހްރީން’ ގެ ނަން ފެނިފައި ފަލަކް އެ ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“އާނ މަހްރީން….ވަދެގެން އާދޭ. އަފްޒަލާއިއެކީ ބިމުގެ ވެރިފަރާތް ވެސް ދުރުވެފަ އެބަ ހުންނެވި. ރެސްޓޯރެންޓުގެ މަތީ ބަޔަށް އާދޭ. އެންމެ ފަހުން ޢަރަބި ކުންފުނީގެ ވެރިޔަކާއި ބައްދަލުކުރި ރޫމް މިއީ.” ފަލަކް މަހްރީންއަށް ކިޔައިދިނެވެ. މަހްރީން އެ ވާހަކައަށް އޯކޭ ދެމުން ފޯނު ކަނޑައިލިއެވެ.
**
ފަލަކްގެ ކޯލު މަހްރީން ނިންމައިލީ، އަމީލިއާ ރެސްޓޯރެންޓުގެ ލޮބީގައި ހުރެއެވެ. ފޯނު ކަނޑައިލަމުން މަހްރީން ވިސްނުމެއްގައި ހުންނަން ފެށުމުން ޒޫނާ ވާހަކަ ދެއްކިއެވެ.
“ކީކޭތަ ފަލަކް ބުނީ؟” ޒޫނާ އެހިއެވެ.
“ބިމުގެ ވެރިފަރާތާއިއެކީ އަފްޒަލް ވެސް އެބަހުއްޓޯ….ކާފަ ހުއްޓާ މަންމަ ދިޔުން ރަނގަޅުވާނެތަ؟ މި އެންމެން މި އެއްވީ ސަބަބަކާއި ލައިގެންތަ އަނެއްކާ؟” މަހްރީން އެހިއެވެ.
“ކިތަންމެ ބަޔަކު އެއްވިޔަސް އެމީހުންނަށް ކީއްތަ ކުރެވޭނީ؟ މަންމައާއި ދެކޮޅަށް އޭގެއިން އެއްވެސް މީހެއްގެ އަތުގަ ސާފު ހެއްކެއް ނޯންނާނެ. މަންމަ މިއީ މައުސޫމް މީހެއް. މަހްރީން ކަންބޮޑުނުވެ ހިނގާ….” ޒޫނާ އެހެން ބުނެލީ، އަމިއްލަ ނުތަނަވަސްކަން ފޮރުވަމުންނެވެ. އަދި މަހްރީންއަށްވުރެ ކުރިން ހިނގައިގަތީ، އޭނަގެ ޙަޤީޤަތް އެނގޭ އެ މަޖިލީހަށް ދިޔުމަށް އޭނަ ޖެހިލުންނުވާކަން، މަހްރީންއަށްވުރެ ބޮޑަށް އަމިއްލަ ނަފްސަށް ވިސްނައިދިނުމަށެވެ.
**
“ޒޫނާ ދައްތައާއި މަހްރީން އެބައާދޭ…” ފޯނު މޭޒުމަތީގައި ބޭއްވުމަށްފަހު ފަލަކް ޢަބްދުލްޣަފޫރަށް ވާ ގޮތަށް ބުނެލިއެވެ. އެއަށްފަހު އަފްޒަލަށް ބަލައިލުމުން އަފްޒަލް ބޯޖަހައިލީ މިކަން ކުރެވޭނެއޭ ބުނާ ފަދައަކުންނެވެ.
“ޒޫނާގެ ޙަޤީޤަތް….ތި ދެކުދިންނަށް އެނގެނީތަ؟” އަފްޒަލާއި ފަލަކްގެ މޫނުމަތިން ފާޅުވި އަސަރުތަކުން ޢަބްދުލްޣަފޫރަށް އަހައިލެވުނެވެ. އެއާއިއެކު ފަލަކް ޢަބްދުލްޣަފޫރަށް ބަލައިލުމުން އިސްޖަހައިލި ހިނދު އަފްޒަލް ވާހަކަ ދެއްކިއެވެ.
“އާދެ…..ޒޫނާ ދައްތަ ފަލަކްގެ މަންމަ މަރާލި ގޮތުގެ ހެކި އަހަރުމެންގެ އަތުގަ އެބަހުރި. މިރޭ އަޅުގަނޑުމެން މިއުޅެނީ ޒޫނާ ދައްތަގެ ކުށަށް އެ ދައްތަ އެއްބަސް ކުރުވަން. ޑޮކްޓާރއަށް އެ މަންޒަރު ބަލަން….ހުރެވޭނެތޯ؟” އަފްޒަލް ހިސާބެއްގެ ޖެހިލުންވުމަކާއިއެކީ އެހިއެވެ. އެ ސުވާލަށްފަހު ޢަބްދުލްޣަފޫރު އެއްޗެކޭ ނުބުނެ އިންނަން ފެށުމުން އަފްޒަލްގެ އެ ޖެހިލުންވުން ދެގުނަ ވިއެވެ. އެހެނަސް އިރުކޮޅެއްގެ ތެރޭގައި ޢަބްދުލްޣަފޫރު ވާހަކަ ދެއްކިއެވެ.
“ތި މަންޒަރު ދެކެން ކެތްމަދުވެފައި ހުރިތާ އެތައް އަހަރެއް ވެއްޖެ. އެއީ އަމިއްލަ ދަރިއަކަށްވެފަ ހެކިވެސް ނެތީމަ މި ހުރިހާ އަހަރު ތިކަން ނުކުރެވިފަ ހުރީ. އެކަން ކޮށްދިން މީހަކަށް ޝުކުރުވެރިވާނަން.” ޢަބްދުލްޣަފޫރު ނުހަނު ސީރިއަސްކަމާއިއެކީ ބުންޏެވެ. އެއާއިއެކު އަފްޒަލާއި ފަލަކް ލުއި ގޮތަކަށް ބޯޖަހައިލިއެވެ.
ހަމަ އެވަގުތު ރެސްޓޯރެންޓުގެ މުވައްޒަފަކު އެ ރޫމަށް ވަދެވޭ ދޮރު ހުޅުވައިލިއެވެ. އަދި ހިނިތުންވުމަކާއިއެކީ ބޭރުގައި ތިބި ބަޔަކަށް އެތެރެއަށް ވަނުމަށް ޢިޝާރާތް ކުރިއެވެ. އެއާއިއެކު ޒޫނާއާއެކީ މަހްރީން ވެސް ވަދެގެން އަންނަން ފެށިއެވެ. ޒޫނާ ކުރީގައި ހުރެ އިސްއުފުލައިގެން ހިނގާފައި އައި ގޮތުން ކިބުރުވެރިކަމެއްވިއެވެ. މޭޒުދޮށުގައި އޭނައަށް ބަލަން ތިބި ފަލަކާއި އަފްޒަލަށް ނުވެސް ބަލައި އައި ގޮތުންނެވެ. ފިޔަވަޅުތަކުގެ އަޑުތައް އިވިފައި ފަހަތަށް ނަޒަރެއް ދިން ޢަބްދުލްޣަފޫރު ފެނި، ޒޫނާގެ ހިތަށް ލޮޅުމެއް އައެއްކަމަކު އަމިއްލަ ބައްޕައާއި ވެސް ނަޒަރު ވަކި ކުރުމަށްފަހު ކުރިއަށް އައެވެ.
ޒޫނާ ގޮސް އިށީނީ، އެ ބޮޑު ވަށްމޭޒުގައި ތިބި އެންމެންނާއި ވެސް ދުރު ހިސާބެއްގައެވެ. އެހެނަސް އެމީހުންނާއި ކުރިމަތިވެސް ލެވޭ ގޮތަށެވެ. މަހްރީން އެ އެންމެންނަށް ޖެހިލުންވުމަކާއިއެކީ ބަލަމުން ޒޫނާގެ ކައިރީގައި އިށީނެވެ.
“އައްސަލާމްޢަލައިކުމް….ހިނގާ އަވަހަށް ބައްދަލުވުން ފަށަމާ. ކޮބައިތޯ ބިން ޙަވާލުކުރުމުގެ ޝަރުޠަކީ؟” ޒޫނާ ސީދާ ވިޔަފާރިވެރި އަންހެނެއް ފަދައިން ޢަރަބި ބަހުން ވާހަކަ ދެއްކީ، އެތާ އަމިއްލަ ބައްޕަ ހުރިހެން ވެސް ހީނުވާ ފަދައަކުންނެވެ.
“އެތައް އަހަރެއް ފަހުން އަމިއްލަ ބައްޕައާއި ދިމާވީމަ ޙާލުވެސް ނުބަލާނަންތަ؟ ނޫނީ ނުވެސް އެނގޭ ކަމަށްތަ ތި ހަދަނީ؟” ޢަބްދުލްޣަފޫރުވެސް ޢަރަބި ބަހުން ޒޫނާއާއި ސުވާލުކުރިއެވެ.
“މި ހުރިހާ އަހަރު ބައްޕަ ވެސް އަހަރެން ނެތް ކަމަށް ހަދާފަ ހުރީމަ މިހެން ވަނީ.” ޒޫނާ ރުޅިވެރިކަމާއިއެކީ ޖަވާބުދިނެވެ.
“ތިހެން ބުނަން ޒޫނާއަށް ކެރުނީ ކިހިނެއް؟ ބައްޕަ ޒޫނާއަށް ނުގުޅާ އެންމެ ދުވަހެއް ވެސް ފާއިތެއް ނުވާނެ. އެ ފޯނުތައް ނުނަގަން ނިންމީ ޒޫނާ. ބައްޕަ ނުގުޅާނެހެން ނަންބަރު ބަދަލުކުރީމަ ވެސް ނަންބަރު ހޯދައިގެން ގުޅަމުން ދިޔައީ ހަމަ ބައްޕަ.”
“އެކަމަކު ބައްޕަ އަހަންނަށް ނަފްރަތު ކުރާކަން އަހަންނަށް އެނގޭ….”
ޒޫނާ ދެންވެސް އަމިއްލަ ކޮޅު ދިފާޢުކުރުމުން ޢަބްދުލްޣަފޫރު އެއްޗެކޭ ބުނަން އުޅެފައި ވެސް މަޑުކޮށްލިއެވެ. މިއީ އޭނަގެ ގޮތް ދޫނުކުރާ ދަރިފުޅުކަން ހަނދާން ކުރަމުންނެވެ. އޭނަ ކޮންމެ އެއްޗެކޭ ބުންޏަސް އެ ދަރިފުޅުގެ ޖަވާބެއް އޮންނާނެކަން ހަނދާން ކުރަމުންނެވެ.
“އެންމެ ރަނގަޅު. ހިނގާ ޝަރުޠާއިމެދު ވާހަކަ ދައްކަމާ. ފަލަކާއި އަފްޒަލަކީ މި ޝަރުޠައް ހެކިވެރިން.” ޢަބްދުލްޣަފޫރު ފަލަކާއި އަފްޒަލަށް ވަކިވަކިން ބަލަމުން ބުންޏެވެ. ޒޫނާ، ވަކި އެއްޗެކޭ ނުބުނެ ޢަބްދުލްޣަފޫރު ބުނާނެ ވާހަކައަކަށް އިންތިޒާރު ކުރިއެވެ.
“ޝަރުޠަކީ….ޒަހްރާއާއި މަޖީދު ޤަތުލުކުރުމުގެ ކުށަށް ޒޫނާއާއި މަހްރީން އިޢުތިރާފުވުން.”
ޢަބްދުލްޣަފޫރު އިއްވައިލި ބަސްތައް ވެގެން ދިޔައީ މުޅި އެތަނަށް އިވުނު ހޮނު ގުގުރީގެ އަޑަށެވެ. ޒޫނާއާއި މަހްރީންގެ ދެލޯ ބޮޑުވި ހިނދު އަފްޒަލާއި ފަލަކަށް ވެސް ޢަބްދުލްޣަފޫރަށް ބަލައިލެވުނީ ކުއްލި ގޮތަކަށެވެ. މަޖީދުގެ މަރާއި ޒޫނާއާ ގުޅުމެއް އޮތްކަމަކަށް ކުރިން އެމީހުންނަށް ހީވެސް ކުރެވިފައި ނެތީތީވެއެވެ.
“ކް….ކީކޭތަ ތި ކިޔަނީ؟ އެއްވެސް ކަހަލަ…..ހެއްކެއް ނެތި މައުސޫމް މީހެއްގެ ބޮލުގަ ތިފަދަ ބޮޑު އިލްޒާމެއް އަޅުވަން ބިރެއް ނުގަނޭތަ؟” ޒޫނާ އަވަސްއަވަހަށް ވާހަކަ ދެއްކިއިރު އެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ.
“ހެއްކެއް ނެތިއެއްނޫން މި ވާހަކަ ދައްކަނީ. ޒޫނާ ބުނެގެނެއް ނޫންތަ މަހްރީން ދިވެއްސަކަށް ގުޅައިގެން މަޖީދާއި ހަމައަށް ނުބައި ބޭހެއް ފޯރުކޮށްދެމުން ދިޔައީ. މަހްރީންއާ އެ މީހަކާ ދެމެދު ބަދަލުވިހާ މެސެޖުތައް އަހަރެންގެ އަތުގަ އެބަހުރި. އެ މީހާގެ އަނބިމީހާ އަހަންނަށް އެ މެސެޖުތައް ފޮނުވީ. މިރޭ އެ ފިރިހެން މީހާ ކުރާ އެހެން ކުށްތަކުގެ ވެސް ސަބަބުން ފުލުހުންގެ ބެލުމުގެ ދަށަށް ދާނެހެން ވަރަށް ހީވަނީ. އެކަމަކު އެ މެސެޖުތަކާއިމެދު ވެސް އޭނައާއި ސުވާލުކުރެވޭނެ.”
ޢަބްދުލްޣަފޫރު ދެއްކި ވާހަކަތަކުން އެތާ އިން ޒޫނާއާއެކީ މަހްރީންއަށް އިތުރު ޝޮކެއް ލިބުނެވެ.
**
ޕެކްކުރި 2 ފޮށި ހިފައިގެން ނޫރާ ކޮޓަރިން ނިކުތީ ރާއްޖޭގެ ގަޑިން 10 ޖަހަން ގާތްވެފައި ވަނިކޮށެވެ. އެރޭ އެ ހުރި ތަނެއްގައި ހުރެފައި އަދުހަމް އަނބުރާ އަންނާނީ އެވަގުތު ކަމަށް އަދުހަމް ބުނެފައި އޮންނާތީވެއެވެ. އޭނަގެ އެދުމުގެ މަތިން ޒައުލް މިހާރު ވަނީ ނާއިލް ގޮވައިގެން އޭނަގެ މަންމަގެ ގެއަށް ގޮހެވެ.
ކޮޓަރިން ނިކުމެ ދޮރު ލައްޕައިލި ވަގުތަކީ ގޭގެ މައިދޮރުގައި މީހަކު ބާރަށް ތަޅާ އަޑު ނޫރާއަށް އިވުނު ވަގުތެވެ. އެއީ އަދުހަމްކަން ޔަޤީންވި ހިނދު ނޫރާގެ މެއަށް ފިނިވިއެވެ. ގޭގައި އޭނަ ނޫނީ އެއްވެސް މީހެއް ނެތްކަން ހަނދާންވި ހިނދު ދުވަހަކުވެސް ނުގަންނަ ފަދަ ބިރަކުން ހިތް ވަށައިލެވިގެން ދިޔައެވެ. އެހެނަސް ހަމަ އެއާއި އެއްވަރުގެ ޢަޒުމެއް ވެސް އެރޭ ހިތުގައި އޮތުމުން ނޫރާ ފޮށި ބަހައްޓާފައި ދިގު ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވިއެވެ. އެއާއިއެކު އަބަދުހެން ދާހިއްލައި، މިލަވެފައިވާ ޒާތަށް ހުރި އަދުހަމް ފެނިގެން ދިޔައެވެ. ދުވަމުން ދިޔަ ނުބައި ވަހަކުން ނޫރާއަށް ބޭއިޚްތިޔާރުގެ އިސްޖަހައިލަމުން އަދުހަމަށް ފަސްދީފައި ގޭގެ ތެރެއަށް ދާން ހިނގައިގަނެވުނެވެ.
“ފިރިމީހާ ގެއަށް އައިމަ އަނބިން މަރުޙަބާ ކިޔާ ގޮތަކީ ތިއީތަ؟” އަދުހަމް ވެސް ގެއަށް ވަންނަމުން އެހިއެވެ.
“އަދުހަމް ވެސް ތަންކޮޅެއް ރީތިވެގެން ހުންނަނަމަ އެހެން ނުވީސް.” ނޫރާ އަދުހަމާއި ދިމާލަށް އެނބުރިލަމުން އިސްޖެހިފައި ހުރެ ބުންޏެވެ. ނޫރާ ހީކުރީ އަދުހަމްގެ ކުއްލި އަނިޔާއެއް އޭނައަށް ލިބޭނެ ކަމަށެވެ. އެހެނަސް އެވަގުތު އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.
“ތިއީ ފިރިމީހާ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން. ފިރިންނަށްޓަކައި ރީތިވުމަކީ އަނބިން ކުރަންޖެހޭ ކަމެއް. އެކަމަކު ލޯބި މިރޭ ނަލަ ހެދިލައިގެން ތިހިރީ އަހަންނަށްޓަކައި ނޫންހެން ހާދަ ހީވެއޭ. ފޮށި ހިފައިގެން ކޮންތަނަކަށް ދާން ތިއުޅެނީ؟” އަދުހަމްގެ އަޑުގައި މަޑުމައިތިރި ކަމެއް ވީހިނދު ބިރުވެރި ޒާތެއްގެ ނުރުހުންތެރިކަމެއް ވެސް ވިއެވެ.
“އަހަރެން…މި ދަނީ މިގެއިން ނިކުމެގެން ދާން.” ނޫރާ އޭނަގެ ތުރުތުރު އަޅާ އަޑު ސާބިތުކުރެވޭތޯ ބަލަމުން ދެންވެސް އިސްޖެހިފައި ހުރެ ބުންޏެވެ. އެހިނދު އަދުހަމްގެ ހިނިތުންވުން ފިލައިދިޔައެވެ.
“ކީކޭ؟” އަދުހަމްގެ ދެބުމަ ކައިރިވީ އޮޅުންއެރި ވަރުންނެވެ. އެހިނދު ނޫރާ އިސްއުފުލައި އަދުހަމަށް ބަލައިލިއެވެ.
“އަހަރެން ބޭނުންވަނީ އަދުހަމާއި ވަރިވާން. މިއަދަށްފަހު އަދުހަމާއި އަދުހަމްގެ އަނިޔާތަކުން ރައްކާތެރިކަން ހޯދަން ނިންމައިފިން.”
ނޫރާ އެ ބަސްތައް ބުނުމާއިއެކު އެ ކޯތާފަތްމައްޗަށް ދުވަހަކުވެސް ނާރާ ފަދަ ހޫނު އެތިފަހަރެއް އެރިއެވެ.
“ކީކޭތަ ކިޔަންތަ ތިއުޅެނީ؟ ކާކު ތި ގޮތަށް ވާހަކަ ދައްކަން ދަސްކޮށްދިނީ؟ އަހަރެން ނުހުންނަ ގަޑީގަ އެހެން ފިރިހެނެއްގެ ފަހަތުން އުޅެނީދޯ؟” އަދުހަމް ހުއްޓުމެއް ނެތި ނޫރާގެ ދެ ކޯތާފަތް ރަތްކުރަމުން ވާހަކަ ދެއްކިއެވެ. އެހެނަސް އެ ފަހު ސުވާލާއިއެކީ ނޫރާއަށް ނޭނގޭ ތަނަކުން ލިބުނު ބާރަކުން އަދުހަމްގެ އެ އަތުގައި ހިފަހައްޓައި ހުއްޓުވައިލެވުނެވެ.
“ޚަބަރުދާރު! ޚަބަރުދާރު އަހަރެން ނުކުރާ ކަމެއް ކުރިޔޭ ކިޔައި ވާހަކައެއް ފެތުރިއްޔާ! މި ހުރިހާ ދުވަހު އަހަރެން ހިމޭނުން ހުރީމަ ކަލެއަށް ހީވީތަ އަހަންނަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެއޭ؟ އެހެން ހީކުރެވުނިއްޔާ ތިއީ ކުށްހީއެއް!” ނޫރާ އެހެން ބުނުމާއިއެކު އަދުހަމް އޭނަގެ އަތް ފޮޅުވައިލަމުން ނޫރާގެ މޫނުގައި އެއްއަތުން ހިފިއެވެ.
“ތި ފިޔަވަޅެއް އަޅައިގެން ކަލެއަށް އުޅެވޭނެ ކަމަށްތަ ކަލެއަށް ހީކުރެވެނީ؟ ކާކު ނާއިލަށް ޚަރަދު ކުރާނީ؟ ކޮންތާކު ކަލޭ އުޅޭނީ؟ މަށާ ވަރިވެއްޖެއްޔާ ކަލެއަކަށް މަގޭ ފަރާތުން އެންމެ ފައިސާ ފޮއްޗެއް ވެސް ނުލިބޭނެ ހަނދާން ކުރާތި!” އަދުހަމް އެހެން ބުނުމާއިއެކު ނޫރާ އަނެއްކާވެސް އަދުހަމްގެ މޭގައި އަތް އަޅައި ކޮއްޕައިލަމުން އެއަތް ދަށުން ސަލާމަތްވިއެވެ. ނޫރާގެ ފަރާތުން ކުރިން މި ސިފަ ނުފެންނާތީ އެވަގުތު އަދުހަމަށް ޙައިރާންކަމެއްގައި ހުރެވުނެވެ.
“އަހަރެން ތި ވާހަކަތަކުން ބިރެއް ނުގަނޭ. އަހަރުމެންނަށް ރިޒުޤު ދެއްވާނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާ. އެކަލާނގެ ކޮންމެ އިންސާނެއް ފަދައިން އަހަރެން ވެސް ޙުރުމަތްތެރި ކުރެއްވި. އަހަރެން ކޮންމެހެން އަނިޔާވެރި އިންސާނެއްގެ އަތްދަށުގަ އުޅޭކަށް ނުޖެހޭ. އަދުހަމްގެ ކުށްތަކަށް އަދުހަމަށް ވެސް އަދަބު ލިބެންޖެހޭ.”
ނޫރާ އެހެން ބުނި ވަގުތަކީ ފުލުހުންގެ ކާރުތަކުގެ އަޑު ބޭރުން އިވެން ފެށި ވަގުތެވެ. އެ ސައިރަންގެ އަޑު ގެއާއި ނުހަނު ކައިރިން އިވި، ފުލުސް ކާރުތަކުގެ ދޮރު ހުޅުވި، ލެއްޕުނު އަޑަށް އަދުހަމް ރުޅިން ރަތްވިއެވެ. ހަމަ އިސާހިތަކު އަދުހަމް ނޫރާގެ ކަރުގައި ބާރަށް ހިފިއެވެ. އެވަގުތު ގޭގެ މައިދޮރުގައި ފުލުހުން ބާރަށް ޓަކި ޖަހަން ފެށިއެވެ. ނޫރާގެ ނަސީބު ރަނގަޅުކަމުން ފުލުހުން މާ ގިނައިރެއް ނުވެ ދޮރުގެ ތަޅު ހަލާކު ކުރުމަށްފަހު ގެއަށް ވަނެވެ. އަދި ދެ ތިން ފުލުހުން އައިސް އަދުހަމް ނޫރާއާއި ދުރު ކުރިއެވެ. އެހިނދު ނޫރާ ނޭވާ ކުރުވެގެން ކަކޫ މައްޗަށް ތިރިވެއްޖެއެވެ. ނޫރާ އިސްއުފުލައިލި ވަގުތު ދެ ތިން ފުލުހުން، އަވަގުރާނަ ގޮވަމުން ދިޔަ އަދުހަމް ގޮވައިގެން ދަނީއެވެ. ދެން ތިބި ފުލުހުން އަދުހަމް ގޭތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ހޯދުމުގެ މަސައްކަތް ފެށީއެވެ. އެހިނދު ނޫރާގެ ހިތަށް ދުވަހަކުވެސް އިޙްސާސް ނުކުރެވޭ ފަދަ މިނިވަންކަން އިޙްސާސް ކުރެވުނު ހިނދު، ދުލުން ތަކުރާރުކޮށް ޙަމްދުގެ ބަސްތައް ކިޔެން ފެށިއެވެ.
**
“ބައްޕަ….ވެސް މަރައިލީ ޒޫނާ ދައްތަ؟” ފަލަކް އިންތިހާ ދަރަޖައަށް ޙައިރާންވެ އިނދެ އެހެން އެހިއިރު އެ އަޑު ވެސް ފޭދިގެން ދިޔައެވެ.
“އާނ ފަލަކް. ޤަތުލާއި ބެހޭގޮތުން އެނގޭ އެންމެން މަރާލަން އެދުމަކީ ޤާތިލެއްގެ ސިފައެއް.” ޢަބްދުލްޣަފޫރު އެހެން ބުނުމާއިއެކު ޒޫނާ ހަޅޭއްލެވިއެވެ.
“ބައްޕާ! ބައްޕަ ލަދެއް ނުގަނޭތަ އަހަންނާއި ބެހޭގޮތުން ތިކަހަލަ ވާހަކައެއް ދައްކަން؟!” ޒޫނާ ހުރިހާ އަދަބާއި އަޚްލާޤެއް ހަނދާން ނައްތައިލަމުން ހަރު އަޑުން ދެއްކި ވާހަކަ މުޅި ތަނުގައި ގުގުމިއެވެ.
“އަމިއްލަ ދަރިއަކާއި ބެހޭގޮތުން މިކަހަލަ ވާހަކައެއް ދައްކަން ލަދުގަތަސް، ޖެހިލުންވިޔަސް ދެން ފަހެއް ނުޖެހޭނަން. ތި އަތުން ދެން އެހެން މީހަކަށް އަނިޔާއެއް ވިޔަ ނުދޭނަން އިން ޝާ ﷲ. އަފްޒަލް….އަފްޒަލް މިރޭ ދައްކަން އައި ހެއްކެއް ވެސް ދައްކާ.” ޢަބްދުލްޣަފޫރު ޢަރަބިން ޒޫނާއާއި ވާހަކަ ދައްކަމުން ގޮސް އިނގިރޭސި ބަހުން އަފްޒަލާއި މުޚާތަބު ކުރިއެވެ. ޢަބްދުލްޣަފޫރު ބުނި އެއްޗެއް ނޭނގުނަސް އަފްޒަލަށް ޢިޝާރާތް ކުރެވިގެން ދިޔުމުން ޒޫނާގެ މޭ ރޫރޫއެޅިއެވެ.
“އާދެ….” އަފްޒަލް ބުންޏެވެ. އެއަށްފަހު އޭނަގެ ފޯނު ނަގައި ނަންބަރުތަކަށް ފިތައިލަމުން ކަންފަތުގައި ޖައްސައިލިއެވެ.
“ނަދީމްބެ އަވަހަށް ދުރުވޭ…” އަފްޒަލް ފޯނުން ވާހަކަ ދައްކަމުން ކިޔައިލި ނަމަކު ޒޫނާގެ ދެލޯ ބޮޑުވެ، އެ ފިނި ކޮޓަރީގައި ވެސް ދާހިއްލަން ފެށިއެވެ. ޒޫނާއަށް ވަކި އެއްޗެކޭ ނުބުނެވެނީސް އެ ރޫމުގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެ ދޮރުން ވަދެގެން އަންނަން ފެށީ މެދު ޢުމުރުގެ ފިރިހެނެކެވެ. އެ ފިރިހެން މީހާ އައިސް މޭޒު ކައިރީގައި މަޑު ކުރުމާއިއެކު އަފްޒަލް ކޮޅަށް ތެދުވެލަމުން އެ މީހާއާއި ސަލާމް ކުރިއެވެ.
“ޑޮކްޓާރ….މިއީ އަޅުގަނޑުގެ ބައްޕަގެ ގާތް އެކުވެރިއެއް ކަމަށްވާ ނަދީމްބެ. ނަދީމްބެ….މިއީ ރާއްޖެއަށް ނަން މަޝްހޫރު ޑޮކްޓަރ ޢަބްދުލްޣަފޫރު. އަދި…..ޒޫނާއާއި ޒަހްރާގެ ބައްޕަވެސްމެ…” އަފްޒަލް، ޢަބްދުލްޣަފޫރާއި ނަދީމް ތަޢާރަފު ކޮށްދިނެވެ. އެއަށްފަހު އެ ދެމެދުގައި އިށީންނަން ނަދީމަށް ދަޢުވަތު އެރުވިއެވެ. އެހިނދު ނަދީމް ސީދާ ޒޫނާގެ ކުރިމައްޗަށް ވާ ގޮތަށް އިނުމުން ޒޫނާއަށް އެކި ފަރާތްފަރާތަށް ކަޅި ހިންގެން ފެށިއެވެ.
“މިއީ….ޒޫނާއާއި ޒަހްރާ ވެސް ދަންނަ މީހަކީތަ އަފްޒަލް؟” ޢަބްދުލްޣަފޫރު އަފްޒަލް ކުރެން އެހިއެވެ. އެ ސުވާލު އިނގިރޭސިން ކޮށްލީ، އަފްޒަލް އެ ގެނައި މީހަކަށް ޢަރަބި ނޭނގޭނެއޭ ހިތާއެވެ. އެހެނަސް ނަދީމް ވާހަކަ ދައްކަން ފެށީ ޢަރަބި ބަހުންނެވެ.
“އާދެ! އަހަރެން ގާތު އެންމެ ފުރަތަމަ ޒަހްރާގެ ވާހަކަ ބުނީ އަފްޒަލްގެ ބައްޕަ އާމިރު. އާމިރު ބުނީ ޒަހްރާއަށް އެހީވެދީބަލާށޭ. ޒަހްރާ ވަރަށް އަނިޔާވެފަ ހުރި ޙާލެއްގަ އައިސް ވަކީލަކު ބޭނުންވާ ވާހަކަ ބުންޏޭ. އެގެއަށް ގޮއްސަ ޚަބަރު ބަލާބަލާށޭ. އެގެއަށް އަހަރެން ދިޔައީ އަނިޔާވެފަ ހުރި އަންހެނެއް ފެންނާނެ ކަމުގެ އުއްމީދުގަ. އެކަމަކު އެރޭ އަހަންނާ ބައްދަލުކުރީ އާމިރު ސިފަކުރި ފަދަ އެއްވެސް ޒަޚަމެއް ނެތް އަންހެނެއް. އެކަމަކު ބުނީ ތިމަންނަ މިއީ ޒަހްރާއޭ. ތިމަންނައަށް ބައްޕަ ފަރާތުން ލިބިފައިވާ ބިން ޒޫނާއާއި ޙަވާލުކުރަން ލިޔުމެއް ތައްޔާރު ކޮށްދޭށޭ….އަހަރެން ޙައިރާންވި ވަރުން އޭގެ އަނެއްދުވަހު އާމިރު ގާތު ބުނިން އެއީ އަނިޔާއެއް ނުލިބި ހުރި އަންހެނެކޭ. ބުނީމަ ބުނީ އެހެންނެއް ނުވާނެއޭ. ޒަހްރާ ހުރީ މޫނުގެ އެކި ތަންތަން ނޫފަން ގަނެފައޭ. އަހަރެން ލިޔުން ތައްޔާރު ކުރުމުގެ ކުރިން މި އޮޅުން ފިލުވަން ބޭނުންވި. އެހެންވެ ޒަހްރާއަށް ގިނަގިނައިން ގުޅައި ލިޔުމުގެ ޝަރުޠުތައް އަހަން ފެށިން. އެފަހުން ފާހަގަވީ އެއްއަޑެއް ވިޔަސް ދެ ބަޔަކުކަން މި ވާހަކަ ދައްކަނީ. ދެން އަހަރެން އެ ނަން ގަނެވުނު ބިމާއި ބެހޭގޮތުން ހޯދި ހޯދުމުން ޑޮކްޓަރ ޢަބްދުލްޣަފޫރާއި ބެހޭ ގޮތުން އެނގުނު. އަދި ޑޮކްޓާރގެ އެއްމާބަނޑު ދެކުދިންގެ ތިބޭކަމާއި، އެ ދެކުދިންގެ ނަންވެސް އެނގުނު. އެހާ ހިސާބުން މި ކަންތައް ވަރަށް ސާފުވެފައި ހުއްޓާ އެއްދުވަހު ޒަހްރާގެ އެޕާޓްމެންޓުގެ ދޮރު ކައިރީގައި ހުރެ، ޒޫނާ ޒަހްރާގެ ކޯތާފަތްމަތީގައި ޖެހި މަންޒަރު ވެސް އަހަންނަށް ފެނުނު. ވަކީލާއި ބައްދަލުކުރަން ދާނީ ތިމަންނައޭ ބުނެ…” ނަދީމް ދިގުކޮށް ކިޔައިދޭން ފެށި ވާހަކަ އެހާ ހިސާބަށް ދިޔަ ތަނާހެން ރުޅިން ރަތް އެރި ޒޫނާ ކޮޅަށް ތެދުވިއެވެ.
“ދޮގު! ހުސް ދޮގު! ކިހިނެއް އެނގެނީ އަނިޔާ ލިބިފަ ހުރީ އަހަރެން ނޫންކަމެއް؟!” ޒޫނާ ހަރު އަޑުން ބުންޏެވެ.
“ތި ސުވާލު އަހަރެންގެ ހިތުގަ ވެސް އޮތީމަ އޭރު އެއްޗެކޭ ނުބުނެ ހުރީ. އެކަމަކު އޮޅުމެއް އޮތް ޙާލަތަކަށް އަހަރެން ލިޔުމެއް ތައްޔާރު ކުރާކަށް ވެސް ބޭނުމެއް ނުވި. އަހަރެން އާމިރާއި ޙަވާލުކުރީ ހުސް ސިޓީ އުރައެއް. ޒަހްރާ ނިޔާވި ޙާދިސާގެ ތެރެއިން އާމިރުގެ ވެސް އެކްސިޑެންޓުގަ ނިޔާވީމަ ތި މީހުންނާއި ހަމައަށް އެ ސިޓީ އުރަ ދިޔަ ކަމެއް ނޭނގެ. އާމިރާއި އޭތި ޙަވާލުކުރެވުނީތީ މިހާރު ދެރަވެސްވޭ. އެކަމަކު އެދުވަހު ޒަހްރާ ނިޔާވި ގޮތުން އަނެކާއަށް އަނިޔާ ދެނީ ކާކުކަން އަހަންނަށް ޔަޤީންވެގެން ގޮއްސި.” ނަދީމަ ކިޔައިދިނެވެ.
“ހުއްޓާލާ! ތީނައަށް އެނގެނީ ކޮންކަމެއް؟ އަހަރެން ޒަހްރާއަށް އަނިޔާ ދިންވަރަށް ޒަހްރާ ވެސް އަނިޔާ ދިން! އަހަރެންގެ އަމިއްލަ ނަފްސު ދިފާޢުކުރަން އަހަރެން އޭނައަށް ދިން އަނިޔާއެއް ދިނީ!!!” ޒޫނާގެ ސިކުނޑީއަށް ވެރިވެފައިވި ހާސްކަމުގެ ސަބަބުން ލަސްލަހުން ކުށަށް އިޢުތިރާފުވެވެން ފެށިއެވެ.
“އަހަންނަށް ސާފުކޮށް ނޭނގޭތީ އަހަރެން އެ މައްސަލަ ކޯޓުގައި ކުރިއަށް ދިޔައިރު އަނބުރާ ރާއްޖެއަށް ނައީ. އޮޅުމެއްގަ ހުރެ މީހެއްގެ ބޮލުގަ ދޮގު އިލްޒާމެއް އަޅުވަން ބޭނުމެއް ނުވި. އެކަމަކު މި ފަހުން އަހަރެން ވަނީ ޒޫނާގެ އެދުމަށް ޒަހްރާ ޤަތުލުކުރި ޒުވާނާއާއި ބައްދަލުވެފަ….” ނަދީމް އެ ބުނެލި ވާހަކައިން އަނެއްކާވެސް ޒޫނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“ﷲ އިރާދަކުރައްވާ ގޮތް ނިކަން ވިސްނަވާ ޑޮކްޓާރ. އަޅުގަނޑު ޒަހްރާ ތަޢުލީމީ މަރުކަޒުގަ ދީނީ ޢިލްމުވެރިއެއް ގޮތުގަ މަސައްކަތް ކުރަންފެށީ މީގެ އެއްމަސް ކުރިން. އެ އެއްމަހުގެ ތެރޭގަ އަހަރެން އެ ޒުވާނާއާއި ބައްދަލުވީ. މިހާރު 40 އަހަރާއި ގާތްވެފައިވާ އެ ޒުވާނާ ޖަލުން މިނިވަންވީ މީގެ އަހަރެއްހާ ދުވަސްކުރިން. އޭނަ އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމުގެ ނިޔަތުގަ އެ މަރުކަޒަށް އައިސް އަޅުގަނޑަށް ހުރިހާ ވާހަކައެއް ކިޔައިދިނީ. އަހަރެން އެ ވާހަކައިގަ ވާ މީހުންގެ ނަންތައް އަހާލީމަ ވަރަށް ޖެހިލުންވުމާއިއެކީ ކިޔައިދިނީ. އެހާ ހިސާބުން އަހަންނަށް އެނގުނީ މިއީ ޒޫނާގެ އެދުމަށް ޒަހްރާ މަރާލި ޒުވާނާކަން. މި ވާހަކަ ޑޮކްޓަރ ޢަބްދުލްޣަފޫރަށް އަންގަން އުޅެނިކޮށް އަފްޒަލް އަޅުގަނޑަށް ގުޅައި މި ބައްދަލުވުމަށް އައުމަށް އެދުނީ.” ނަދީމް އެހެން ބުނުމާއިއެކު ޒޫނާ އަނެއްކާވެސް ހަޅޭއްލަވަން ފެށިއެވެ.
“ދޮގު ދޮގު ދޮގު! މިއީ ބޮޑު ދޮގުވެރިއެއް!!! ތިއީ ހުސް ދޮގުވެރިން! މަށެއް ނުހުންނާނަން މިތާ. ހިނގާ ދަރިފުޅު! އެ ބިމަކީ ވެސް އަހަރުމެންގެ ބިމެއް ކަމަށް އަހަރެން ބަލާނީ. އަހަރެން ޤަތުލު ކުރި މީހަކީ ޒަހްރާ. ޒަހްރާ އެއީ ބޯ ހަލާކުވެފަ ހުރި އަންހެނެއް!!” ޒޫނާއަށް އެވަގުތު ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގުނެވެ.
ޒޫނާ އެވަގުތު ހުރީ ހަމަހޭގައި ނޫންކަން އެންމެންނަށް ޔަޤީންވީ މަހްރީން އިށީނދެގެން އިންދާ މަހްރީންގެ ވެސް އަތުގައި ހިފައި ދަމައިގަންނަމުން އެތަނުން ނިކުންނަން ހިނގައިގަތް ގޮތުންނެވެ.
އެހެނަސް އެރޭ ޒޫނާއަށް އެ ރެސްޓޯރެންޓުން ގެއަށް ދެވޭ ގޮތެއް ނުވިއެވެ. ރެސްޓޯރެންޓުގެ ކައިރީގައި ފުލުހުންގެ ކާރެއް އޮތުމުންނެވެ. މަޖީދުގެ މަރުގެ މައްސަލައިގައި ޒޫނާއާއި މަހްރީންގެ ވެސް އަތެއް އޮތީތީ އެރޭ ދެމީހުން ހައްޔަރު ކުރެވިގެން ދިޔައެވެ. އެ ވެގެން ދިޔައީ ޒޫނާގެ ދަހިވެތިކަމާއި ކިބުރުވެރިކަމުގެ ނިމުމަށެވެ.
**10 އަހަރު ފަސް**
ލަންޑަނުން މާލެއަށް އައި ފްލައިޓް މަތީގައި އަފްޒަލް އޮތީ ނިދިފައެވެ. ނިދިފައި އޮތްއިރު ވެސް ވަރުބަލިކަމެއް އިޙްސާސް ކުރެވެމުން ދިޔައެވެ. އެހެނަސް އެ ހިތުގައިވީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. ލޮލުގެ އެސްފިޔަތަކުގެ ދޭތެރެއިން ސިފަވަމުން ދިޔައީ އެ ހަމަޖެހުމުގެ ފަހަތުގައިވާ ސަބަބެވެ.
މި ވޭތުވެ ދިޔަ 10 އަހަރުގައި އަފްޒަލް މަސައްކަތް ކޮށްފައިވަނީ ލަންޑަނުގައިވާ ޢަބްދުލްޣަފޫރުގެ ޑޮކްޓަރުންގެ ޓީމާއި އެކީގައެވެ. އެ ޓީމުގެ މަޤްޞަދަކަށް ވީ އެކި ބަލިތަކަށް ޝިފާއަކަށް ވާނެ ކާނާތައް ދިރާސާކޮށް، އެ ކާނާ ބޭނުންކޮށްގެން ދުވަހުގެ ކެއުންތަކެއް އީޖާދުކުރުމެވެ. އެ ޑޮކްޓަރުން ދޭ ޚިޔާލުތަކާއި އެއްގޮތަށް ކާއެއްޗެހި ތައްޔާރު ކުރަމުން ދިޔައީ އަފްޒަލެވެ. ސިއްޙަތަށް ރަނގަޅު، މީރު ކާނާ އުފެއްދުމަށް އެ ޑޮކްޓަރުން ދެކުނު ހުވަފެން ފުރިހަމަވެގެން ދިޔައީ އަފްޒަލް މެދުވެރިވެގެންނެވެ.
އެ ޑޮކްޓަރުންނާއި އެކީ މަސައްކަތް ކޮށް އަފްޒަލް އެންމެ ފުރަތަމަ ތައްޔާރުކުރީ ހިތުގެ ބަލިތަކަށް ޚާއްސަ ދުވަހުގެ ކެއުންތަކެވެ. އެ ކެއުންތައް ލަންޑަނުގެ ހޮސްޕިޓަލެއްގައި ހިތުގެ ބަލި ހުރި ބަލި މީހުންނަށް ދިރާސާއެއްގެ ގޮތުން ދެވުނެވެ. އެއްމަސް ތެރޭގައި އެމީހުންގެ ބަލި ޙާލަތު ރަނގަޅުވާން ފެށުމުން މި ޚިޔާލަކީ ކާމިޔާބު ޚިޔާލެއްކަން ޓީމަށް އެނގުނެވެ. ހަމަ އެއާއިއެކު ހުރިހާ ބަލި މީހުން ވެސް އަފްޒަލް ކައްކާ ކެއުމުގެ ރަހަ ކަމުގޮސްގެން އުޅޭތީ އަފްޒަލް އެ ޓީމުގައި ދާއިމީ ގޮތަށް ބަހައްޓަން އެ ޑޮކްޓަރުން ޢަބްދުލްޣަފޫރު ގާތު އެދުނެވެ.
އެހެނަސް އަފްޒަލް ހަމައެކަނި އެ ވަޒީފާއަށްޓަކައި ލަންޑަނަށް ބަދަލުވާކަށް ބޭނުމެއް ނުވިއެވެ. މީގެ 10 އަހަރު ކުރިން ފަލަކް ފެމިނިން ޑިޒައިންސް ދޫކޮށް، އާ ކުންފުންޏެއް ފެށީ މާލޭގައި ކަމަށްވުމާއި އެކީގައެވެ. އަދި ބައްޕަގެ ރެސްޓޯރެންޓު ވެސް ދޫކޮށްލަން ބޭނުންނުވީތީވެއެވެ. އެހެންކަމުން އަފްޒަލް އެ ޑޮކްޓަރުންނާއި އެކީ މަސައްކަތް ކުރަނީ އޮންލައިން ކޮށެވެ. އަދި ކޮންމެ ހަ މަހަކުން ލަންޑަނަށް ދަނީ އާ ކާއެއްޗެހި ދިރާސާކޮށް ނިމި، ކާއެއްޗެހި ތައްޔާރުކޮށް، ބަލިމީހުންނަށް ދޭންވުމުންނެވެ. ޢަބްދުލްޣަފޫރު ދުނިޔޭގައި ހުރިއިރު އަފްޒަލް އެގޮތަށް ލަންޑަނަށްދާ ކޮންމެ ފަހަރަކު ޢަބްދުލްޣަފޫރު މާލެއަށް އާދެއެވެ. ޒަހްރާ ގެއްލުނު ފަދައިން ފަލަކް ގެއްލެން ނޭދޭތީވެއެވެ. އެހެނަސް މީގެ 5 އަހަރު ކުރިން ޢަބްދުލްޣަފޫރު ވަނީ ކިޑްނީގައި ކެންސަރު ޖެހި، ނިޔާވެފައެވެ. ފަލަކްމެންނާއި ދިމާވިއިރު ވެސް ޢަބްދުލްޣަފޫރު އެ ބައްޔާއި ހަނގުރާމަ ކުރަމުން ދިޔަކަން ފަލަކްމެންނަށް އެނގުނީ ޙާލު ދެރަވީ ފަހުންނެވެ.
އަފްޒަލް، ޢަބްދުލްޣަފޫރުގެ ޓީމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކީ، ޢަބްދުލްޣަފޫރު އަފްޒަލަށް ކުރި ވަޞިއްޔަތެކެވެ. އެހެންކަމުން މިހާތަނަށް އައިއިރު އަފްޒަލާއިއެކީ އެ ޓީމުން ވަނީ 7 ބައްޔަކަށް ދުވަހުގެ ކާއެއްޗެހި ތައްޔާރުކޮށްފައެވެ. އަދި މި ނިމުނު ދަތުރުގައި އަފްޒަލްގެ ޚިޔާލުގެ މަތިން އެމީހުން ވަނީ 3 ފަޤީރު ޤައުމަކަށް ޒިޔާރަތް ކޮށް ހިލޭ ވެސް އެ ކާތަކެތި ބަހާފައެވެ.
އެ ވަގުތު ދެލޯ މެރިފައި އޮތްއިރު އަފްޒަލަށް ސިފަކުރެވުނީ އޭނަ އެ ފަޤީރު މަންމައިންނާއި ކުޑަކުދިންނަށް ކާތަކެތި ހުރި ޕެކޭޖްތައް ބަހަމުން ދިޔަ ވަގުތުކޮޅުތައް ހަނދާންވަމުން ދިޔަހެން އަފްޒަލްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ހަމަ ޔަޤީނުންވެސް ﷲ އޭނަގެ ޙަޔާތް ރާވާހާ ފުރިހަމައަށް އޭނައަށް ނުރޭވޭނެކަން އެވަގުތު އަފްޒަލަށް ޔަޤީންވިއެވެ.
އަފްޒަލް ބޭނުންވިހެން މިއަދު އަފްޒަލް ޑޮކްޓަރަކަށްވިނަމަ، ފަޤީރު ބަޔަކަށް ކޮންމެހެން އެހީ ނުވެވުނީހެވެ. ބައްޔަށް ޝިފާއެއް ހޯދުމަކީ ބިރުވެރިކަމެއް ނޫންކަން ދޭހަކޮށް ނުދެވުނީހެވެ. ﷲ ދެއްވާ ރިޒުޤުގެ ފުރިހަމަކަން ދިމާވާ މުސްލިމް ބަލިމީހުންނަށް ކިޔައި ނުދެވުނީހެވެ.
އެ ޚިޔާލުގައި އޮތްވާ ފްލައިޓް ޖެއްސުމުން އަފްޒަލަށް ހޭލެވުނެވެ. އެއާއިއެކު ސީދާވެ، ސީޓް މަތީގައި އޮތް ފޯނު ނަގައި ކީޕެޑް ހުޅުވައިލަމުން އެއް ނަންބަރަށް ފިތައިލިއެވެ. އެއާއިއެކު ސްކްރީނުން ފެނިގެން ދިޔައީ ‘ވައިފް’ އޭ ލިޔެވި، ފަހަތުގައި ހިތެއް ކުރެހިފައިވާ ތަނެވެ. އަދި އެބަހުގެ މަތިން ފެންނަމުން ދިޔައީ ފަލަކް ހިނިތުންވެގެން ހުރި ފޮޓޯއެކެވެ.
“އައްސަލާމްޢަލައިކުމް….ޖައްސައިފިދޯ؟” އަފްޒަލް ފޯނު ކަންފަތުގައި ޖެއްސުމާއިއެކު ފަލަކްގެ އަޑުއިވުމުން އަފްޒަލަށް ހިނިތުންވެލެވުނެވެ. އަދި އަމުދުން ފަލަކްގެ އަޑުގެ ފަހަތުން ކުޑަ އަންހެން ކުއްޖަކު ވާހަކަ ދައްކާ އަޑަށް އަފްޒަލްގެ އެ ހިނިތުންވުން ފުންވިއެވެ.
“ވަޢަލައިކުމުއްސަލާމް. އާނ ޖައްސައިފި. މިއޮތް ރޭގަނޑު ކުޑަމީހުން ވެސް ގޮވައިގެންތަ ތި އައީ؟” އަފްޒަލް ފޯނު ކަންފަތާއި ކޮނޑާއި ދެމެދުގައި ޖައްސައި ސީޓުން ތެދުވަމުން އެހިއެވެ.
“ކީއްކުރާނީ؟ ބައްޕި ނަގަން ނައިސް ނުނިދޭނެޔޯ އެ މީހުން ބުނީ.” ފަލަކް ބުންޏެވެ. އެއާއިއެކު އަފްޒަލަށް ކެބިންއިން ދަބަސް ނަގަމުން ހީލެވުނެވެ. އަދި މި އަންނަނީއޭ ބުނަމުން ފޯނު ކަނޑައިލިއެވެ.
އަފްޒަލް ފޮށިތައް ނަގައިގެން ޓްރޯލީ ދަމަމުން އެއާރޕޯޓުން ނިކުންނަން ދިޔަ މަގުމަތީގައި ކުއްލިއަކަށް ހުދުކުލައިގެ ބުޅަލެއް އޭނައާއި ދިމާލަށް އަންނަން ފެށި މަންޒަރު އަފްޒަލަށް ފެނުނެވެ. އެއީ ސްނޯކަން ނަގައިގަނެވުނުއިރު ސްނޯ އައިސް އޭނަގެ ޓްރޯލީ މައްޗަށް އަރައިފިއެވެ.
“ސްނޯ…ސްނޯ! ޔޫ ކަމް ބެކް ރައިޓް ނައު!” އެހެން ހަރުއަޑުން ގޮވަމުން އައީ ބުޅަލުގެ ފަހަތުން ދުވެފައި އައި 7 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފަލަކްގެ ވަށް މޫނު އެކުއްޖާއަށް ލިބިފައިވިއެއްކަމަކު އެހެން ހުރިހާ ސިފައަކުން އަފްޒަލާއި ވައްތަރެވެ. އެ ކުއްޖާއަށް އަފްޒަލް ފެނުމާއިއެކު މޫނުމަތި އުޖާލާވެގެން ދިޔައެވެ.
“ބައްޕީ! ބައްޕީ އައި މިސްޑް ޔޫ ސޯ މަޗް!” ކިޔާންގެ ނަމުން ނަން ދެވިފައިވާ އޭނަގެ ދަރިފުޅު އައިސް ބައްދައިލުމުން އަފްޒަލް ތިރިވެ، ކިޔާން އުރައިލިއެވެ.
“އައި މިސްޑް ޔޫ ޓޫ. ކޮބާ މަންމިއާއި އަސްމާ ކޮއްކޮ؟” އަފްޒަލް ޓްރޯލީ ކޮއްޕައި ހިނގައިގަންނަމުން އެހިއެވެ. ކިޔާން ބޭރުގައޭ ބުންޏެވެ.
އެއާރޕޯޓުގެ ދޮރުން އަފްޒަލް ނިކުމެ މާ ދުރަށް ނުދެވުނީސް 4 އަހަރުގެ އަސްމާގެ އަތުގައި ހިފައިގެން ހުރި ފަލަކް އަފްޒަލަށް ފެނުނެވެ. ފަލަކްގެ ލޮބުވެތި ހިނިތުންވުން ފެނިފައި އަފްޒަލަށް އަލަތު ލޯބިވެރިއެއް ފަދައިން ހިނިތުންވެލެވުނެވެ. މިހާތަނަށް އައިއިރު ފަލަކްގެ މޫނުގައި އެއްވެސް ޒަޚަމެއް ހުރިހެން ވެސް ހިއެއްނުވެއެވެ. ހަށިގަނޑުގައިވި ގިނަ ޒަޚަމްތަކަށް ވެސް ވަނީ މުޅިން ޝިފާ ލިބިފައެވެ. ތަދުވެގެން އުޅުނު ދެތިން ޒަޚަމަކަށް ހެދި ސާރޖަރީއެއް ނޫން އެހެން ސާރޖަރީއެއް ހަދާކަށް ނުޖެހި، އެ ޒަޚަމްތައް ފިލައިގެން ދިޔައެވެ.
ފަލަކް އަސްމާއަށް އަފްޒަލް ދައްކައިލުމާއިއެކު ދުވެފައި އަފްޒަލްގެ ގާތަށް އައެވެ. އަފްޒަލް އުފަލާއިއެކީ ޓްރޯލީ ދޫކޮށްލަމުން އަނެއް އަތުން އަސްމާ ވެސް އުރައިލިއެވެ. އަސްމާއަކީ ސީދާ ކުޑަކުޑަ ފަލަކްއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހަމަ އެ އަޅިކުލައިގެ ލޮލާއި، އެ ވަށްމޫނާއި ފަން އިސްތަށިކޮޅެކެވެ.
އަފްޒަލް ދެކުދިންނަށް ވެސް ލޯބި ކޮށްލަމުން ދެ ކުދިން ތިރީގައި ބެހެއްޓިއެވެ. އަދި ދަތުރާއި ގުޅޭ ގޮތުން ފަލަކާއި ވާހަކަ ދައްކަމުން ޓްރޯލީއާއެކީ ދިޔައީ އެމީހުން ކާރު އޮތް ހިސާބަށެވެ.
ކާރަށް އަރައި އެންމެން ހަމައަކަށް އެޅުނުއިރު ފަލަކް އިނީ ކާރު ސީޓުގައެވެ. އަފްޒަލް ކުރީ ސީޓުގައި އަސްމާ އުނގުގައި ބައިންދައިގެން އިންއިރު ކިޔާން ސްނޯއާއެކީ ފަހަތުގައި އިނެވެ.
“ކޮބާ ގޭގެ ހުރިހާ ކަމެއް އޯކޭތަ؟ މަންމަ ރަނގަޅަށް ބޭސް ކާތަ؟” އަފްޒަލް ފަލަކް ކުރެން އެހިއެވެ. އެވަގުތު އަސްމާ އަފްޒަލްގެ އިނގިލިތަކާއި ކުޅެން އިނެވެ.
އަދުހަމް ކުޑަ ގޮޅިއަށް ލެވުނު ފަހުން ފަޒީލާގެ ސިކުނޑި އެހާ ރަނގަޅެއް ނޫނެވެ. އެފަހުން ފަޒީލާ ފުދޭވަރަކަށް ރުޅިގަދަވެ، ގޮތްދޫނުކުރާ ޙާލަތަކަށް ގޮސްފައިވެއެވެ. އެހެނަސް އަފްޒަލާއި ފަލަކް ވަރަށް މަސައްކަތުން ފަޒީލާއަށް ނަފްސާނީ ޑޮކްޓަރުންގެ އެހީ ހޯދައިދިނެވެ. އަދި ވީހާވެސް ވަރަކުން މަންމައަށް އިޙްސާންތެރިވެވޭތޯ ބަލަމުން ދިޔައެވެ.
“މިއަދު މަންމަ ފުދޭވަރަކަށް އޯކޭ. ޒައުލް މެރީ ކުރަން އުޅޭ ކުއްޖާ މިއަދު އައިމަ އުފަލުން ހުރީ. ވަރަށް ހިތްހެޔޮ އަންހެން ކުއްޖެއް އެއީ. މަންމައާއި ވެސް ވާހަކަ ދެއްކި. ޒައުލްގެ ޗޮއިސް ހަމަ ވަރަށް ސަޅި.” ފަލަކް ބުންޏެވެ.
“ގުޑް ފޯ ހިމް ދޯ؟ ޒުހާއާ އަނަސް މެރީ ކުރި ދުވަސްފަހުން އަސްލު ޒައުލް ވަރަށް ސަކަރާތްވި. ނަސީބެއް ޒުހާ އަހަރުމެންނަށް ތި ވާހަކަ ކިޔައިދިންކަން. އެ ނޫންނަމަ ރަނގަޅު ވަގުތުގަ ނަސޭޙަތް ނުދެވި އަނެއްކާ ގޯސް މަގަކަށް އެޅުނީސް….” އަފްޒަލް އެހެން ބުނުމުން ފަލަކް ހޫންލެއްވިއެވެ.
އަނަސްއާއި ޒުހާ ކައިވެނި ކުރީ މީގެ 5 އަހަރު ކުރިންނެވެ. އަނަސް ޚިޔާރު ކުރީ ޙާލަތުގެ ސަބަބުން ޒުހާ ދޫކޮށްނުލުމަށެވެ. ވަކިން ޚާއްސަކޮށް ޒުހާގެ ބައްޕަގެ ވަޞިއްޔަތުގައި ވެސް ޒުހާއާއި ކައިވެނި ކުރުމަށް ހިތްވަރު ދީފައިވާތީވެއެވެ.
ލީނާ ޖަލަށް ލެވުނުތާ 4 އަހަރު ފަހުން ލީނާ ވަނީ ފުދޭވަރަކަށް އިސްލާޙުވާން ފަށާފައެވެ. އެ ޖަލުގައި ތިބޭ ޤައިދީންނަށް ދީނީ ނަސޭޙަތް ވެސް ދެވޭތީވެއެވެ. އަދި އަނަސް އެކަމަށްޓަކައި އެތައް ދުޢާއެއް ވެސް ކުރީތީވެއެވެ.
އަނަސް އޭނައާއި ޒުހާގެ ގުޅުމުގެ ވާހަކަ ބުނުމުން ލީނާ އެންމެ ފުރަތަމަ ރުޅި އިސްކުރިއެވެ. އެއާއިއެކު އަނެއްކާވެސް ޒުހާއާއި ގުޅުން ނުބޭއްވުމަށް އަނަސްއަށް ނިންމެން އުޅުނެވެ. ޒުހާގެ ފަރާތުން މި ޚަބަރު ލިބިފައި ފަލަކް ލީނާއަށް ޒިޔާރަތް ކުރިއެވެ. އަދި އޭނަ ލީނާއަށް މަޢާފު ކޮށްފި ކަމަށްބުނެ، އިޞްލާޙުވެ ވީހާވެސް އަވަހަކަށް އެތަނުން ނިކުންނަން މަސައްކަތް ކުރުމަށް އެދުނެވެ. އަދި އޭނަގެ ހިތުގައި އޮތް ނަފްރަތަށްޓަކައި އަމިއްލަ ކޮއްކޮގެ ދިރިއުޅުން ބަރުބާދު ނުކުރުމަށް އެދުނެވެ.
ލީނާ އަނަސްއާއި ޒުހާގެ ގުޅުމަށް ރުހުން ދިނީ އޭގެ ހަފްތާތަކެއް ފަހުންނެވެ. އޭގެ ދުވަސްކޮޅެއް ފަހުން ލީނާގެ އުޅުމަށް ބަލައި ޖަލުން ނެރެވުނެވެ. ފަލަކް އަނަސް ގާތު ބުނެގެން ލީނާ ގެންދިޔައީ އަބޫދާބީ ގައިވާ ޒަހްރާ ތަޢުލީމީ މަރުކަޒަށެވެ. ޒޫނާ ދައްތައާއި މަހްރީންގެ ކުށަށް ފަލަކާއި ޢަބްދުލްޣަފޫރު މަޢާފު ދިނުމުން އެމީހުން ވެސް އެތަނަށް ގޮސް ފުދޭވަރަކަށް އިސްލާޙުވަމުން ދާތީވެއެވެ. ކިތަންމެ އަދަބު ދޭން ބޭނުންވިއެއްކަމަކު ފަހު ވަގުތު ޢަބްދުލްޣަފޫރާއި ފަލަކަށް ވެސް އިސްކުރެވުނީ މަޢާފުކުރުމެވެ. އެކަމާއިމެދު އަދާއި ހަމައަށް ވެސް ފަލަކް ހިތާމައެއް ނުކުރެއެވެ. އޭނަ އެ ދެމީހުންނަށް ދިން ފުރުސަތުގެ ސަބަބުން ﷲ ގެ މަގަށް އެމީހުން ރުޖޫޢަ ވީތީވެއެވެ.
ފަލަކާއި އަފްޒަލް ވަކި ވާހަކައެއް ނުދައްކާ ތިއްބާ ފަލަކްގެ ފޯނު ރިންގުވާ އަޑު ކާރު ތެރެއިން އިވެން ފެށިއެވެ. ޑޭޝްބޯޑުން ނޫރާގެ ނަން ފެނިފައި ފަލަކް ފޯނު ނެގިއެވެ.
“އައްސަލާމްޢަލައިކުމް. ކީކޭ ނޫރާ؟ ޑޭއި އެންޑްގަ އަނެއްކާ މައްސަލައެއް ޖެހުނީތަ؟” ފަލަކް އެހިއެވެ.
“ވަޢަލައިކުމުއްސަލާމް. ނޫނޭ. މިއަދު އައި ވަރަށް ގިނަ މީހުން މޮޑެސްޓް ޗާމްގެ އާ ސީރީސް އަންނާނީ ކޮން އިރަކުތޯ އެހި ވަރުން މި ގުޅައިލެވުނީ.” ނޫރާ ބުންޏެވެ.
“ހެހެ…..އިން ޝާ ﷲ މާދަން ނޫން އަނެއްދުވަހު ރިލީޒް ކުރެވޭނެއޭ ބުނޭ. ޑިސްޕްލޭއެއް ވެސް ހަދާލަންވީދޯ ޑޭޓް ޖަހާފަ. އަދިވެސް ކަމިންގް ސޫންއޭ ވިއްޔާ އޮތީ.” ފަލަކް ބުންޏެވެ. ނޫރާ އެ ވާހަކައަށް ހޫންލައްވައިލަމުން ދެން ބޭއްވީއޭ ބުނެ ފޯނު ކަނޑައިލިއެވެ.
ފަލަކް މާލޭގައި ހުޅުވި ފިހާރައިގެ ނަމަކީ ‘މޮޑެސްޓް ޗާމް’ އެވެ. އެ ފިހާރައަކީ އޭނަގެ މަންމަގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ހުޅުވި އަބާޔާއާއި ބުރުގާ ފިހާރައެކެވެ. އެ ފިހާރައިގެ ސީނިއާރ އެޑްމިނިސްޓްރޭޓާއަކީ ނޫރާއެވެ.
އަދުހަމާއި ވަރިވި ފަހުން ނޫރާގެ ދިރިއުޅުން ދުވަހުން ދުވަހަށް ރަނގަޅުވަމުން ދިޔައެވެ. އަނެއްކާވެސް ކިޔަވަން ފަށައި، ދިރިއުޅުން އާރާސްތުކުރަން ނޫރާއަށް އާ ހިތްވަރެއް ލިބުނެވެ. ކިޔަވައިގެން ނޫރާއަށް ރަނގަޅު މުސާރަ ލިބޭ ވަޒީފާތަކުގެ ފަހި ފުރުސަތުތައް ލިބެން ފެށިއެވެ. އެންމެފަހުން ނޫރާއަށް ވަޒީފާ ބަދަލުކުރަމުން ގޮސް މަޑުކޮށްލެވުނީ ފަލަކްގެ ފިހާރައިގައެވެ. ނާއިލްވެސް މިއަދު 14 އަހަރުގެ ކުއްޖަކަށް ވެފައިވީއިރު، ނޫރާ އޭނަގެ މަންމައާއި ކޮއްކޮއާއިއެކީ އުޅެނީ ހުޅުމާލޭގެ އެޕާޓްމެންޓެއްގައެވެ. އަދާއި ހަމައަށް ވެސް ނޫރާ އިތުރު ކައިވެންޏެއް ކޮށްފައެއްނުވެއެވެ. އެއީ ނޫރާ ޚިޔާރު ކުރި ގޮތް ކަމަށްވުމުން ފަލަކް ނޫރާއާއި އެ ވާހަކައެއް ނުދައްކައެވެ.
“މާދަން ނޫން އަނެއްދުވަހު ރިލީޒް ކުރަންޏާ ލޯބި ހާދަ ބިޒީވާނެއޭދޯ؟” އަފްޒަލް ބުންޏެވެ.
“ހޫމް….އެކަމަކު މިހާރު ހެލްޕްވެދޭން ގިނަ ކުދިން ތިބީމަ އެހާ ބިޒީއެއް ނުވާނެ އިން ޝާ ﷲ. އަލްޙަމްދުލި ﷲ. އަދިވެސް ހަނދާން އެބަހުރި އަހަރެން އެކަނި މާލޭގަ ވިޔަފާރިއެއް ފަށާނީ ކިހިނެއްހޭ ހިތަށްއެރި ދުވަސް. އެހީ ފޮނުއްވާ ފަރާތަކީ ހަމަ ޔަޤީނުންވެސް ﷲ.” ފަލަކް ވިސްނުމެއްގައި އިނދެ ބުންޏެވެ.
މާލޭގެ ޢިމާރާތެއްގެ 3 ފަންގިފިލާ އެކުލެވޭ ‘މޮޑެސްޓް ޗާމް’ އަކީ މިއަދު ފެމިނިން ޑިޒައިންސްއާ އެއްވަރު ވިޔަފާރިއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަހްރީން އެދުނު ފަދައިން މަހްރީންއާ ފެމިނިން ޑިޒައިންސް ޙަވާލު ކުރެވުނު ފަހުން އެ ކުންފުނީގެ އަގު ދުވަހުން ދުވަހަށް ދަށްވަމުން ދިޔައެވެ. ކިތަންމެ ބޭނުމެއް ނުވިޔަސް އޭނަ ފަލަކްހާ ޤާބިލެއް ނޫންކަން މަހްރީން ޤަބޫލުކުރަން ޖެހުނެވެ. ފަލަކް އެކަމާއިމެދު ބޮޑާވުމުގެ ބަދަލުގައި މަހްރީންއަށް ނަސޭޙަތްތެރިވިއެވެ. ﷲ ބަރަކާތް ލައްވަނީ އެކަލާނގެއަށްޓަކައި އިޚްލާޞްތެރިކަމާއެކީ ކުރެވޭ ޢަމަލުތަކުގައި ކަން ހަނދާން ކޮށްދިނެވެ. އަދި އެންމެ މޮޅު އެހީތެރިއަކީ އެއީކަން ހަނދާންކޮށްދިނެވެ.
ފަލަކް އެ ޚިޔާލުގައި އިންދާ އަސްމާ ކިބިހިއެއް އެޅުމުން ދެމަފިރިންގެ ސަމާލުކަން ވެސް އެދިމާލަށް ދިޔައެވެ. އެވަގުތު އަސްމާގެ ނޭފަތުން ރޯގާ އައުމުން ފަލަކް އަވަސްއަވަހަށް ވަތްގަނޑުގައި ޓިޝޫ ހުންނާނެ ކަމަށް ބުންޏެވެ. އަފްޒަލް އެ ވަތްގަނޑުން ޓިޝޫއެއް ނަގައި އަސްމާގެ ނޭފަތުން ރޯގާ ފޮހެދޭން ފެށިއެވެ.
“اللّه…أَكْبَر…” އަސްމާ އެވަގުތު ރޯގާ އަޑަކުން ބުންޏެވެ.
“ކީކޭތަ ލޯބި؟ ﷲ އަކްބަރު އޭތަ؟” އަފްޒަލަށް ހެވިފައި އިނދެ އަހައިލެވުނެވެ.
“ނޫނޭ ކޮއްކޯ! މަންމި ބުނީ ކިބިހި އެޅުނީމަ އަލްޙަމްދުލި ﷲ ކިޔާށޭ.” ފަލަކް އެހެން ބުނުމާއިއެކު ވީ އެއްޗެއް ނަގައިގަނެވުމުން އަފްޒަލާއިއެކީ ފަހަތުގައި އިނދެ ތެދުވުނު ކިޔާން ވެސް ހީލިއެވެ. ކިޔާން އަސްމާއަށް މަލާމާތް ކުރާ ފަދައަކުން ﷲ އަކްބަރުއޭ ކިޔަން ފެށުމުން ފަލަކް ވާހަކަ ދެއްކިއެވެ.
“ނޯ ކިޔާން….ކޮންމެ ކުއްޖަކަށް ވެސް މިސްޓޭކެއް ހެދިދާނެދޯ؟ ތިހެން ހަދާކަށް ނުވާނެ. ކޮއްކޮ ދެރަވާނެ.” ފަލަކް މަޑުމައިތިރި އަޑަކުން ނަސޭޙަތްތެރިވިއެވެ. އެއާއިއެކު ކިޔާން ހިސާބަކަށް ދެރަވެފައި ހުރެ ސޮރީ މަންމިއޭ ބުންޏެވެ. ފަލަކް އަސްމާއަށް މަޢާފަށް އެދޭށޭ ބުނުމުން ސޮރީ ކޮއްކޮއޭ ބުނެ އަނެއްކާވެސް ސީޓުގައި އިށީނެވެ.
އެއްފަހަރު ކިޔާންއަށް އަނެއްފަހަރު ފަލަކަށް ބެލުނު އަފްޒަލަށް ހިނިތުންވުން ނުފިލާ ޙާލު ފަލަކަށް ބަލަން އިނދެވުނެވެ. މާޒީގައި ލީނާއާއި އޭނައަށް ކައިވެނި ނުކުރެވުނުކަމީ ނަސީބެއްތާއޭ ހިތަށްއެރިއެވެ. އެނޫންނަމަ އޭނަގެ ކުދިންނަށް ހެޔޮގޮތް ބުނެދޭނެ މަންމައެއް އެކުދިންނަށް ނުލިބުނީހެވެ. އަދި ހެޔޮ ކަންތައް ކުރުމަށް އެކުދިންނަށް ހިތްވަރު ލިބޭނެ ފަދައަކުން އުޅޭނެ މަންމައެއް އެކުދިންނަށް ނުފެނުނީހެވެ.
“އައި ލަވް ޔޫ…” އެ ޚިޔާލުގައި ފަލަކަށް ބަލަން އިނދެ އަފްޒަލަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ. ކުދިން ތިއްބާ އަފްޒަލް އެ ޒާތަށް އެހެން ބުނުމުން ފަލަކަށް ދެކުދިންނަށް ވަކިވަކިން ބަލައި އަފްޒަލަށް ބަލައިލެވުނެވެ. އެހިނދު ފަލަކްގެ ކޯތާފަތް ރަތްވެފައިވިއެވެ. ފަލަކަށް ވަކި އެއްޗެކޭ ނުބުނެވި އިންދާ އަސްމާ ‘އައި ލަވް ޔޫ ޓޫ ބައްޕި’ އޭ ބުންޏެވެ. އެއާއިއެކު ކިޔާން ވެސް ތެދުވެލަމުން އެ ބަސްތައް ބުންޏެވެ. އެއާއިއެކު އެކަކު އަނެކަކަށް ބަލައިލި އަފްޒަލާއި ފަލަކަށް އެކުއެކީގައި ހީލެވުނެވެ.
ކްރިސްޓަލް ޢިމާރާތުގައިވާ އެމީހުންގެ އެޕާޓްމެންޓަށް ދެވުނުއިރު އަސްމާއަށް ނިދިފައިވުމުން ފަލަކް އަސްމާ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. ކިޔާން ބޭނުންވީ އޭނައަށް ދޭން ބައްޕަ ގެނައި ކުޅޭ އެއްޗެހި ބަލާށެވެ. އަފްޒަލް ކިޔާން ގޮވައިގެން ޓެރެސްއަށް ދިޔައީ އެންމެ 10 މިނިޓް ކަމަށް ޝަރުޠު ކުރަމުންނެވެ. އަވަހަށް ނިދަންވާނެ ކަމަށް ބުނަމުންނެވެ. ކިޔާން އެއްބަސްވިއެވެ.
އަފްޒަލް ކުޅޭ އެއްޗެހި ހުރި ފޮށިތައް ހިފައިގެން ކިޔާންއާއެކީ ދިޔައީ ގޭގެ ޓެރެސްއަށެވެ. ކުދިންނާއިއެކީ ޢާއްމުކޮށް ކުޅެ ހަދާ ތަނަކީ އެއީ ކަމަށްވާތީވެއެވެ. ޓެރެސްގެ ރެއިލިންގް އުސްކޮށް ހަދައި އެއްކޮށް ބައްދާފައިވުމުން ވަކި ބިރެއްނެތި ކުދިންނާއިއެކީ އުޅެވެއެވެ. މިފަހުން އައިސް ފަލަކް ވެސް އެތަނަށް ނިކުންނަން ބިރެއްނުގަނެއެވެ. ޓެރެސްއާއި ކުދިންގެ ހުނުމުގެ އަޑާއި ގުޅިފައިވުމުން ފަލަކަށް ވެސް ޓެރެސްއަކީ މިހާރު އަމާން ތަނެކެވެ.
އަފްޒަލް ކިޔާންއަށްދޭން ގެނައި ކުޅޭ އެއްޗެހީގެ ތެރޭގައި ރިމޯޓް ކާރާއި، ރޮބޮޓަކާއި ތީރު ޖަހާ ބޯޑެއް ހިމެނެއެވެ. އޭގެ ތެރެއިން ކިޔާންގެ ސަމާލުކަން އެންމެ ބޮޑަށް ހޯދީ އެ ތީރު ޖަހާ ބޯޑެވެ. އެއީ ޢާއްމު ގޮތެއްގައި ކިޔާންއަށް ފެނިފައި ނުވާ އެއްޗަކަށް ވުމުންނެވެ.
“މީތި ހަދާނީ މިހެން. ބޯޑުގެ މެދަށް ވާގޮތަށް ތީރު އެއްލާނީ. މެދުގަ ޖެހެން ޖެހޭނެ. މިގޮތަށް.” އަފްޒަލް ކިޔާންއާ އެއްވަރަށް ތިރިވެ ރެއިލިންގްގެ ކައިރީގައި ހުރި ފާރުގައި ހަރުކުރެވިފައިވި ބޯޑާއި ދިމާލަށް ތީރު އުކިއެވެ. އެއާއިއެކު އެ ތީރު ގޮސް މެދުގައި ޖެހުނެވެ. ކިޔާން އެ މަންޒަރު ފެނި އަޖާއިބުވެފައި ‘ވާވް’ އޭ ބުންޏެވެ. އަދި އަމިއްލައަށް ވެސް ކުޅެން އަފްޒަލް އަތުން ތީރެއް ހޯދިއެވެ. އެހެނަސް ކިޔާން އުޅެ އުޅެ އެއްވެސް ތީރެއް މެދުގައި ޖެހޭގޮތެއް ނުވިއެވެ.
“އައިމް އަ ލޫޒާރ! މިހެންވެ ކޮއްކޮ މިފަހަރު އެތްލެޓިކްސްއަށް ވެސް ނުހޮވުނީ!” ކިޔާން ޝަކުވާގެ ރާގަކަށް ބުންޏެވެ.
“ނޫނޭ ކޮއްކޯ….ލޫޒާރއަކަށްވީމައެއް ނޫން ފެއިލްވަނީ. ފެއިލްވުމުގެ މާނައަކީ އަދި އިތުރަށް ޓްރާއި ކުރަން އެބަޖެހެއޭ. އެހެންނޫނަސް ދެރަ ކަމެއް ވީމަ ކިޔަނީ ކީކޭއޭ ބައްޕި ބުނީ؟”
“قَدَرُ اللّهَ وَمَا شَاءَ فَعَل….” ކިޔާން ދެންވެސް ތުންދިގު ވެފައި ހުރެ ކިޔައިލިއެވެ.
“އޭގެ މާނައަކީ ކޮބާ؟” އަފްޒަލް އެހިއެވެ.
“އެއީ ﷲ ގެ ޤަދަރުފުޅޭ. އެކަލާނގެ އިރާދަކުރެއްވި ގޮތޭ…”
“އެގްޒޭކްޓްލީ….ﷲ ކިޔާންއަށް ދެރަގޮތެއް މެދުވެރި ކުރައްވާނެތަ؟” އަފްޒަލް އެހެން އަހައިލުމުން ކިޔާން ބޯހޫރުވައިލިއެވެ.
“އަބަދުވެސް ހަނދާން ބަހައްޓައްޗޭ ދަރިފުޅު. ﷲ އީ މަންމިއާ ބައްޕިއަށްވުރެ ވެސް ކިޔާންދެކެ ލޯބިވެވޮޑިގެންވާ ފަރާތް. ކިޔާންއަށް މި ބައްޕިއާ މަންމި ވެސް ދެއްވީ އެކަލާނގެ. ކިޔާން އެތްލެޓިކްސްއަށް ނުހޮވުނީ އޭގައި ކިޔާންއަށް ދެރައެއް ލިބިދާނެތީ. އެއަށްވުރެ މާ ބޮޑު މުބާރާތަކުން އަދި ކިޔާންއަށް ފުރުސަތު ލިބޭނެ އިން ޝާ ﷲ….”
އަފްޒަލް އޭނަ ކިޔާންއަށް އަބަދުވެސް ހަނދާންކޮށްދޭ ވާހަކަތައް ތަކުރާރުކުރުމުން ކިޔާން ބޯޖަހައިލިއެވެ. އެހިނދު ޓެރެސްއަށް ނިކުމެވޭ ދޮރުކަންޏަށް ލެނގިލައިގެން ހުރި ފަލަކް ކަރުކެހިލުމުން ދެބަފައިންނަށް ވެސް އެދިމާލަށް ބަލައިލެވުނެވެ
“ނިދާކަށް ނުވޭތަ ކިޔާން؟” ފަލަކް އެހިއެވެ.
“ނޫން މަންމީ. އަވަހަށް ނިދަންވީ. ބައްޕިވެސް ނިދައްޗޭ. މާދަމާ ފަތިސް ނަމާދަށް ބައްޕިއާއެކީ މިސްކިތަށް ދާން ބޭނުމީ…” ކިޔާން ފަލަކް ފަހަނަޅައި ދުވެފައި ކޮޓަރިއަށް ވަދެގެން ދިޔައެވެ.
“ބައްޕިއަށް ވެސް ނިދޭނީ މީހަކު ނިންދެވީމައެއްނު؟” ކިޔާން އަޑު ނީވޭ ހިސާބަށް ގޮއްސިކަން ޔަޤީންވުމުން އަފްޒަލް ފަލަކްގެ ގާތަށް ގޮސް ބުންޏެވެ. އެއާއިއެކު ފަލަކް އަފްޒަލް ގެ މޭމަތީގައި ސަމާސާވެރި ގޮތަކަށް ޖެހުމަށްފަހު ހީލަމުން ކޮޓަރިއަށް ވަނެވެ. އަފްޒަލްވެސް ހެވިފައިހުރެ ކޮޓަރިއަށް ވަދެ ޓެރެސްގެ ކަހާ ދޮރު ލައްޕައިލިއެވެ.
**ނިމުނީ**
Jana
February 2, 2024 @ 4:15 pm
“What is meant for you will reach you even if it be underneath two mountains.”
Alhamdhulillah (All praise and thanks belong to Allah). No doubt He is the best of Planners and I could not help but think that I can’t even plan a story as well as He plans our lives.
Subhaanallah it has been one challenging, long journey with this story. I cant help but say that it is only by the Will of Allah I was able to complete this story. There is no ease except what He makes easy and there is no resilience except what He allows.
As for my next story, I have already planned one. But like I said before, I only plan to upload it once I have written at least a significant number of episodes. In the mean time, I plan to complete the series ‘Badhaluvaa hayaaiy’. I do have other plans in mind too but I only want to take on projects one at a time from now.
Hope you benefited from this story too, readers! May Allah allow us to do more good deeds purely for Him and make us from those who are sincere. Ameen! ❤
Nae
October 24, 2024 @ 8:23 am
salaam janaa sis? whn is next story