ޤަދަރު (ފަންސަތިރީސްވަނަ ބައި)
“އަނބި ޤަބޫލުކޮށްފިން.”
އަފްޒަލްގެ އެ ބަސްތަކާއި އެކީ ފަލަކްގެ މުޅި ގައިން ހީބިހި ނެގިއެވެ. އަފްޒަލަކީ ހަމަ ޔަޤީނުން ވެސް އޭނަގެ ބައްޕައާއި އެއްވަރަށް އެހެންނޫނީ އެއަށްވުރެ ވެސް ފުރިހަމައަށް އޭނަ ގެންގުޅޭނެ، ރަނގަޅު ފިރިއަކަށް ވާނެކަން އެވަގުތު ފަލަކަށް ޔަޤީން ކުރެވުނެވެ.
**
ކައިވެނީގެ ބައްދަލުވުން ނިމުމުން އެންމެން ތެދުވަން ފެށި ހިނދު އަފްޒަލް ފަލަކަށް ބަލައިލަމުން ހިނިތުންވެލިއެވެ. އަފްޒަލް ބަލަހައްޓައިގެން އިންކަން އެނގި، ފަލަކް ވެސް އަފްޒަލާއި ދިމާލަށް ބަލައިލަމުން ހިނިތުންވެލިއެވެ. އެހެނަސް އެ ހިނިތުންވުމުގެ ތެރެއިން އަފްޒަލަށް ފަލަކްގެ ލޯ މަތިން ފާޅުވަމުން ދިޔަ ނުތަނަވަސްކަން ވެސް ފާހަގަވިއެވެ. ފަލަކް ނުތަނަވަސްވާންވީ ކީއްވެކަމެއް އަފްޒަލަށް އެވަގުތު ނުވިސްނުނެވެ.
ކައިވެނި ޕާޓީ ވެސް ބޭއްވިގެން ދިޔައީ ކައިވެނީގެ ޙަފްލާ ބޭއްވުނު ހޯލުގައެވެ. ރާއްޖޭގައި ފަލަކް ދަންނަ ގިނަ ބަޔަކު ނުއުޅޭތީ ފަލަކް އޭނަގެ ކައިރީގައި ބަހައްޓަން އަފްޒަލް ނިންމިއެވެ. ޕާޓީއަށް އަންނާނީ ހަމައެކަނި އޭނަ ދަންނަ އަދި އިތުބާރު ކުރާ ޞާލިޙު ގާތް އެކުވެރިން ކަމަށްވުމުން ވެސްމެއެވެ. ޕާޓީއަށް އައި އެ އެކުވެރިންގެ ތެރެއިން އެކަކު ވެސް ފަލަކަށް ބަލައި ސަލާމް ކުރާކަށް ނުއުޅެއެވެ. ހުރިހާ މެހުމާނުންގެ ތެރެއިން އަފްޒަލް ހިތްހަމަ ނުޖެހޭ މަންޒަރެއް ދެއްކީ ޚުދު އޭނަގެ ދޮންބެއެވެ.
“މަންޖެ ހާދަ ރީއްޗޭ. ހޫރު ޕަރީއެއް ހަމަ އަފްޒަލަށް ލިބިފަ ހުރީ….” ފަލަކްގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް އަދުހަމް ބަލަން ފެށުމުން ފަލަކަށް އުދަގޫވި ހިނދު އަފްޒަލް ނުރުހުންވިއެވެ.
“ފަލަކް އެކޮޅަށް ގޮއްސަ ނޫރާއާއި އެކީ ކާން ފަށަންވީއެއްނު؟ މިހާރު ދެން އިތުރު ބަޔަކު އަންނާނެހެން ހިއެއްނުވޭ. އަހަރެން ވެސް މިއަންނަނީ…” އަފްޒަލް ފަލަކަށް ބަލައިލަމުން އެހެން ބުނެލީ، ދޮންބެގެ ނަޒަރުން ފަލަކް ރައްކާތެރި ކޮށްދިނުމަށެވެ.
އަފްޒަލް ބުނުމާއިއެކު ފަލަކް އަދުހަމަށް ނުރުހުންތެރިކަމުގެ ނަޒަރެއް ދީގެން ހުރެފައި އެތަނުން ދާން ހިނގައިގަތެވެ. އަދުހަމް ދެންވެސް ފަލަކަށް ބަލަން ހުރެފައި ޒާތަކަށް ހީލުމުން އަފްޒަލްގެ ނުރުހުންތެރިކަން އިތުރުވިއެވެ.
“ދޮންބޭ….އެއީ މިހާރު އަހަރެންގެ ވައިފް. ދޮންބެގެ ވައިފްއާއިމެދު އަހަރެން ދެމެހެއްޓި ޤަދަރާއި އިޙްތިރާމް ދޮންބެ އަހަރެންގެ ވައިފްއާއިމެދު ވެސް ބަހައްޓާނެ ކަމަށް އުއްމީދު ކުރަން…” އަފްޒަލް ކިތަންމެ ރުޅި އަޔަސް ވާހަކަ ދެއްކީ، އަދުހަމްގެ ކައިރިއަށް ގޮސް މަޑުމައިތިރި ކަމާއި އެކީގައެވެ.
“ކޮން ވައިފްއެކޭ ކިޔާކަށް! ނިކަން ރަނގަޅަށް އަޑުއަހާ! ތި ގާތްކަމެއް ދެމި އޮންނާނީ އެންމެ އަހަރެއް ވަންދެން. މިރެއިން ފެށިގެން ތި ކުރަން އުޅޭ ކަމެއް ކޮށް ނިމުނީމަ އަފްޒަލް ވެސް ފޫހިވާން ފަށާނެ. އެ މަންޖެގެ ކުދިކުދި ޝަކުވާތަކުން އަފްޒަލްގެ ބޯ ކާލަން ފަށާނެ. އަހަރެއް ވަންދެން ވެސް ތި ކައިވެންޏެއް ދެމި އޮންނާނެ ކަމާއިމެދު އަހަންނަށް ޝައްކު!”
އަދުހަމް ރުޅިވެރިކަމާއިއެކީ އެ ވާހަކަ ދައްކަމުން ގޮސް ނުބައި ބަސްތަކެއް ކިޔައިލިއެވެ. އެއަށްފަހު އަފްޒަލަށް ފަސްދީފައި ދާން ހިނގައިގަތެވެ. އެހިނދު އަފްޒަލަށް ހިތްދަތިވެފައި އެ ހުރިތާ ހުރެވުނެވެ. ޚުދު އޭނަގެ ދޮންބެ އޭނައަށް ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް ނޭދޭހެން ހީވުމުންނެވެ.
**
ފަލަކް ގޮސް އަފްޒަލް ޢިޝާރާތް ކުރި މޭޒުގައި އިށީން ހިނދު ނޫރާ ފަހަތުން ފެންނަމުން ދިޔަ މަންޒަރަކަށް ގެއްލިފައި އިންކަން ފަލަކަށް ފާހަގަވިއެވެ. ފަލަކް ގޮސް އެތާ އިށީނުމުން ވެސް ނޫރާގެ ސަމާލުކަން އޭނައަށް ނުލިބުމުން، ފަލަކަށް ފަހަތް ބަލައިލެވުނެވެ. އެހިނދު އަދުހަމް އަފްޒަލަށް ފަސްދީފައި ދަމުން ދިޔަ މަންޒަރު ފެނިފައި ފަލަކަށް ވަގުތުން ނޫރާއަށް ބަލައިލެވުނެވެ.
“ނޫރާ..” ފަލަކަށް ގޮވައިލެވުނެވެ.
“މްމް؟” ނޫރާއަށް ޖަވާބު ދެވުނީ ކުއްލި ގޮތަކަށް ސިހިފައެވެ. ފަލަކަށް ނޫރާއާއި ދިމާލަށް ފަރުވާތެރިކަމާއި އެކީ ބަލަން ހުރެވުނެވެ. އަދުހަމް ހޯލުން ނިކުމެގެން ދަންދެން ނޫރާ އެދިމާލަށް ބަލަން އިންކަން ފަލަކަށް ފާހަގަ ކުރެވުނެވެ.
“އަދުހަމް ނޫރާއާއި ބައްދަލު ކުރިތަ؟” ފަލަކް ހެޔޮއެދޭ އެކުވެރިއެއްގެ ގޮތުން ސުވާލު ކުރިއެވެ.
“ބައްދަލު…ން…ނުކުރޭ. ހަމައެކަނި ނާއިލްއާއި ބައްދަލު ކުރަން އައީ. ބައްޕައެއްގެ ގޮތުގަ…” ނޫރާ ޖެހިލުންވުމަކާއިއެކީ އަވަސްއަވަހަށް ބުނެލި ގޮތުން ފަލަކްގެ ހިތުގައި ޝައްކު އުފެދުނެވެ.
“ނޫރާ….ޔޫ ކޭން ބީ އޮނެސްޓް ވިތް މީ. ކީކޭތަ އޭނަ ބުނީ؟” ފަލަކް މޭޒުމަތީގައި އޮތް ނޫރާގެ އަތްމަތީގައި އަތް ބާއްވަމުން އެހިއެވެ.
“އެއްވެސް އެއްޗެކޭ ނުބުނޭ….ދެމީހުން އެކީގަ ކާން ހިނގާދޯ؟ އަހަރެން އަންނާނަން ދެމީހުންނަށް އެތާ ހުރި ފްރައިޑް ރައިސްއެއް އަޅައިގެން….” ނޫރާ ދެންވެސް އަވަސްއަވަހަށް ހިސާބެއްގެ ހާސްކަމަކާއި އެކީ ވާހަކަ ދައްކަމުން ގޮނޑިން ތެދުވުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.
**
ހޯލުގެ އެއްފަރާތުގައި ހުރި ބުފޭ ކައިރިއަށް ގޮސް ނޫރާ އޭނަގެ އަތުގައި އޮތް ފޯނަށް ބަލައިލިއެވެ. އެހިނދު ހާސްވެފައިވުމުގެ ސަބަބުން ހިތުގެ ތެޅުން އަވަސްވެ، އަތްފައި ފިނިވެފައިވިއެވެ.
ފޯނު ހުޅުވައިލަމުން ނޫރާ އެންމެ ފުރަތަމަ ވެސް މެސެޖުތަކުގެ ތެރެއިން އަދުހަމާއި އޭނައާއި ދެމެދު ބަދަލުވެފައިވާ މެސެޖުތައް ހުޅުވައިލިއެވެ. އެއާއިއެކު މިއަދު ވެސް އެދެމެދުގައި ބަދަލުވެފައިވި މެސެޖުތައް ފެނިގެން ދިޔައެވެ.
އާނއެކެވެ. ވަރިވިތާ ތިންވަނައަށް ވީ ދުވަހުން ފެށިގެން އަދުހަމް ދަނީ ނޫރާއާއި ވާހަކަ ދައްކަމުންނެވެ. ޙަޤީޤަތަކީ ނޫރާގެ ޙާލަތު ރަނގަޅުވެފައިވަނީ ކައުންސެލިންގް އިންނެއް ނޫންކަމެވެ. ފަލަކްގެ އެތައް ނަސޭޙަތަކަށް ފަހުވެސް އަދުހަމް އޭނައަށް ގުޅުމާއިއެކު ނޫރާއަށް ފޯނު ނެގުނެވެ. އަދި އަދުހަމް ދައްކަން ފެށި ވާހަކަތައް އަޑުއެހެން ފެށިއެވެ.
“ލޯބި….އަހަރެން ލޯބި މަތިން ވަރަށް ބޮޑަށް ހަނދާންވޭ. ވަރިކުރީ އަސްލު މަޖުބޫރުވެގެން. އަހަރުމެންގެ ޢާއިލާ މީހުން އަހަރުމެން ދެމީހުން އެކީގަ އުޅޭކަށް ނުރުހޭ. ލޯބި އައި ޕްރޯމިސް…..ދެން ދުވަހަކުވެސް ނޫރާއަށާއި ނާއިލްއަށް އަނިޔާއެއް އަހަރެން ނުކުރާނަން. ލޯބިއަށް އެނގެއެއްނޫންތަ އަހަރެންގެ ޕާސްޓްގެ ސަބަބުންކަން އަހަންނަށް އެގޮތަށް އުޅެވެނީ؟ އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް ދެގޮތެއް ނެތި އަހަރެންގެ ކައިރީގަ ހުރި މީހަކީ ތިއީ. ދަ އޮންލީ ލަވް އޮފް މައި ލައިފް….”
ނޫރާގެ ހިތް އަނެއްކާވެސް އަދުހަމަށް ލެނބެން ޖެއްސީ، އަދުހަމް ފޯނުން ގުޅާފައި ދައްކައިލި އެ ފޮނި ވާހަކަތަކެވެ. ނޫރާއަށް އިސާހިތަކު އެ އިންތާ އިނދެ ރޮއިގަނެވުނެވެ. ކުރިން ވެސް އަދުހަމް މިފަދައިން ވާހަކަ ދައްކައި އޭނައަށް އަނިޔާ ކޮށްފައި ވިޔަސް، މިފަހަރު އަދުހަމް މުޅިން ބަދަލުވީކަމަށް ޤަބޫލުކުރަން ބޭނުންވިއެވެ.
ގޭގެ އެންމެންނަށާއި ފަލަކަށް ވެސް ސިއްރުކޮށްގެން ނޫރާ އަދުހަމާއި ގުޅުން ދަމަހައްޓާފައިވަނީ، އެންމެން އެކަމަށް ނުރުހޭނެކަން ދަނެގެންނެވެ. އަދި އެންމެން ދެކޮޅުވެރިވާ އެ ދެމީހުންގެ ‘ލޯބި’ ހިމާޔަތްކުރަން ނޫރާ ގަދައަޅައި މަސައްކަތް ކުރިއެވެ. ނޫރާ ބުނެބުނެ ވެސް އަދުހަމް އޭނައާއި ނާއިލާއި ބައްދަލުކުރަން ނަޔަސްމެއެވެ. އަދުހަމް އެތައް ދުވަހެއް ފަހުން އޭނައާއި ލޯބިން ވާހަކަ ދައްކަމުން ދިޔައީތީ އާސްމާނުގައި އުދުހެވެމުންދާ ކަހަލަ އިޙްސާސެއް ނޫރާއަށް ކުރެވެމުން ދިޔައެވެ.
ނޫރާއަށް ނޭނގުނު ކަމަކީ އަދުހަމް އޭނައާއި ގުޅުން ދަމަހައްޓާފައިވަނީ ފަހުން ވިސްނައިގަނެވުނު ވަކި ބޭނުމަކަށްޓަކައިކަމެވެ. އަދުހަމްގެ އެ ލޯބީގެ ބަސްތައް ދެމި ހުންނާނީ އެ ބޭނުން ފުދެންދެން ކަމެވެ.
**
މޭޒުދޮށުގައި ފަލަކް ނޫރާގެ އިންތިޒާރުގައި އިންދާ އޭނަގެ ކައިރީގައި އައިސް އިށީނީ އަފްޒަލެވެ.
“ކޮބާ ނޫރާ؟” ފަލަކަށް ވަށައި ނަޒަރެއް ދެމުން އަހައިލެވުނެވެ.
“ނޫރާ….ބޭރަށް ގޮއްސި ކަންނޭނގެ. ފަލަކް ނުކައިތަ ތިއިންނަނީ؟ ހިނގާ ދެމީހުން އެކީގަ ކާލަމާދޯ؟” އަފްޒަލް ބުންޏެވެ. އެއާއިއެކު ފަލަކަށް ވިސްނުމެއްގައި އިނދެވެސް އާނއެކޭ ބުނެލެވުނެވެ.
އަފްޒަލާއި އެކީ ކަމުން ދިޔަ ވަގުތު ވެސް ފަލަކަށް ނޫރާއާއިމެދު ފިކުރު ކުރެވެމުން ދިޔައެވެ. ނޫރާގެ ފަރާތުން މިރޭ ފެނުނު ޢަމަލުތަކުގެ ފަހަތުގައި ވަނީ އޭނަ ހީކުރާ ހީކުރުންތޯ ހިތާހިތުން ކިޔެމުން ދިޔައެވެ.
“ކޮންކަމަކާ ތި ވިސްނަނީ؟” އަފްޒަލް ކެއުމުގެ ތެރެއިން ސުވާލު ކުރިއެވެ.
“އެއީ-” ފަލަކްގެ ވާހަކަ ފުރިހަމަ ނުވަނީސް ފަޒީލާ އެތަނަށް އައިސް ވާހަކަ ދެއްކިއެވެ.
“ދަރިފުޅު ދެން މަންމަ ގެއަށް ދަނީ އިނގޭ. ވިދާދު ބުނީ މަންމަ ގެއަށް ގެންގޮސްދޭނަމޭ.” ފަޒީލާ އެހެން ބުނެ ނިމުނުއިރު ވިދާދުވެސް އެ މޭޒު ކައިރިއަށް އައިސްފައިވިއެވެ. އެވަގުތު ހޯލުގައި އެމީހުންނާއި، ޚިދުމަތް ދޭން ތިބި މީހުން ފިޔަވައި އެހެން ބަޔަކު ނެތެވެ. މަޖީދުވެސް އޭގެ އިރުކޮޅެއް ކުރިން ދިމާވި ކަމަކާއި ގުޅިގެން އަވަހަށް ގޮސްފައިވިއެވެ.
“އާނ…..ވަރަށް ލަސްވެސްވެއްޖެދޯ މަންމާ؟ މަންމަ ގެއަށް ގޮއްސަ ހަނދާންކޮށް ބޭސް ކައިގެން ނިދައްޗޭ.” އަފްޒަލް ބުންޏެވެ.
“އާނއެކޭ….މަންމައަށް ވެސް މިހާރު އެނގެއޭ ބޭސް ކާންވީ ގަޑިތައް!” ފަޒީލާ ބުންޏެވެ.
“ދެން މާ ބޮޑަށް ކަންބޮޑުނުވެ ދެކުދިން މިތާނގަ ހަނީމޫން ހަދާލާ!” ވިދާދު ބުންޏެވެ. އެއާއިއެކު އަފްޒަލް އެތާ ފައްޖަހާފައި އޮތް ނެޕްކިންއެއް ނަގައި ވިދާދާއި ދިމާލަށް އެއްލައިލަމުން ދާންއުޅޭށޭ ބުންޏެވެ. އެހިނދު ވިދާދާއި ފަޒީލާއާއިއެކީ އަފްޒަލަށް ވެސް ހީލެވުނެއްކަމަކު ފަލަކަށް އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައި އިނދެވުނެވެ. އަފްޒަލް ފަލަކަށް ބަލައިލި ހިނދު އެ މޫނު ރަތްވެފައިވިއެއްކަމަކު، ފަލަކަށް ދެންމެ އިވުނީ ސަމާސާއެއްހެން ހިއެއްނުވިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ.
“މި ދެކުދިންނާ ނުބެހި ދާން ހިނގާ ވިދާދު….” ފަޒީލާ ބުންޏެވެ. އެއާއިއެކު ވިދާދު ވެސް އެއްބަސްވެ އެތަނުން ދާން ހިނގައިގަތެވެ.
އެވަގުތުކޮޅުން ފެށިގެން ފަލަކަށް ކެވޭ ގޮތެއް ވެސް ނުވިއެވެ. ސިކުނޑިއަށް ވެރިވެފައިވި އިންތިހާ ދަރަޖައިގެ ހާސްކަމުގެ ސަބަބުން އަފްޒަލް ދައްކަމުން ދިޔަ ވާހަކައަކަށް ވެސް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ.
އަފްޒަލްގެ ހިތްހެޔޮކަމުން ކައިވެންޏަށް އެއްބަސްވެވުނެއްކަމަކު ދެންވެސް ފިރިހެނަކާއި މާ ބޮޑަށް ގާތްވުމުގެ ޚިޔާލަކީ ފަލަކަށް ނުތަނަވަސް ޚިޔާލެކެވެ. ފިރިހެނަކު އޭނައާއި އެހާ ގާތްކޮށްފިނަމަ އޭނައަށް އެ ފިރިހެނަކަށް އެ ދެވެނީ ކިހާ ބޮޑު ބާރެއްކަމާއިމެދު ވިސްނެމުން ދިޔައެވެ. އެހާ ހިސާބުން އޭނަ އެއްގޮތަކަށް ވެސް އެ ފިރިހެނަކާއި ދުރުވާން ބޭނުން ނުވެދާނެއޭ ހިތަށްއަރަމުން ދިޔައެވެ. އެ ފިރިހެނަކު އޭނައާއިމެދު ކިތަންމެ ގޯސްކޮށް ކަންތައް ކުރިޔަސްމެއެވެ. ނޫރާ ފަދައިންނެވެ.
އެ ބިރުވެރިކަން ހިތުގައި އޮތެއްކަމަކު ފަލަކް ހުރީ އަފްޒަލަށް އިންކާރު ކުރަން ނިންމައިގެނެއް ނޫނެވެ. ފިރިހެނުންނާއިމެދު ހޯދި ހޯދުމުން އެފަދައިން ގާތްވުމަކީ ފިރިހެނުންނަށް ކިހާ މުހިއްމު ކަމެއްކަން އެނގޭތީވެއެވެ. އަފްޒަލަށްޓަކައި ފަލަކް އޭނަގެ ނުތަނަވަސްކަމުން އަރައިގަންނަން ބޭނުންވިއެވެ. އެހެނަސް އެވަގުތު ޖެހުނުއިރު ވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ.
އަފްޒަލްގެ ފަސްފަހަތުން ހޯލުން ނިކުމެ ލިފްޓާއި ހަމައަށް ދިޔަދިޔަހެން ފަލަކް މުޅިންހެން ފިނިވާން ފެށިއެވެ. އަފްޒަލްގެ ފަހަތުންދާން އޭނަގެ ފިޔަވަޅުތައް ވެސް އޭނައާއި ދެކޮޅު ހަދަމުން ދިޔަ ފަދައެވެ. އެހެނަސް ފަލަކް ހިތްވަރާއި އެކީ ގޮސް އަފްޒަލާއި އެކީ ލިފްޓަށްއެރިއެވެ.
ލިފްޓުގައި ދެމީހުން މާ ބޮޑަށް ވެސް އެކަނިވެގެން ދިޔުމުން ފަލަކްގެ ހިތް މޭ ފަޅާލާފައި ނިކުމެދާނެހެން ހީވާވަރަށް ތެޅެން ފެށިއެވެ. އޭގެ ސަބަބުން ނިތުން ދާހިއްލަން ފެށުމުން ފަލަކް ނުރުހުންވީ އަމިއްލަ ނަފްސަށެވެ.
“މިރޭ އަހަރުމެން މިތާ ތިބޭނެ ވާހަކަ ކުރިން ފަލަކްގާތު ނުބުނީ ފަލަކަށް ސަޕްރައިޒެއް ދޭންވެގެން އިނގޭ. އައި ހޯޕް ޔޫ ލައިކް އިޓް…” އަފްޒަލް އުފާވެރި ހިނިތުންވުމަކާއިއެކީ ފަލަކަށް ބަލައިލަމުން ބުންޏެވެ.
“ހުމް…” ފަލަކަށް ބުނެވުނީ ހަމައެކަނި އެހާ ވަރަށެވެ. އެހެން ބުނެލި ހިނދު އަފްޒަލަށް ބަލައިވެސް ނުލެވުނެވެ. އެކަން އަފްޒަލަށް ފާހަގަ ކުރެވުނެވެ.
“އާރ ޔޫ އޯކޭ، ފަލަކް؟” އަފްޒަލަށް އަހައިލެވުނެވެ.
“ޔެސް! ހެހެހެހެ…..” ފަލަކް އޭނަގެ ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން ގަދައަށް ހީލިއެވެ. އެއާއިއެކު އަފްޒަލް ވެސް ޝައްކެއްގެ މަތީގައި ހުރެ، އެ ހުނުމުގައި ބައިވެރިވިއެވެ.
އިރުކޮޅެއްގެ ތެރޭގައި ދެމީހުން ރޫމެއްގެ ދޮރަކާއި ހަމަވުމުން އަފްޒަލް ކީ ކާޑު ނަގައި އެ ދޮރު ހުޅުވިއެވެ. އަފްޒަލްގެ ފަސްފަހަތުން ގޮސް ފަލަކް އެ ކޮޓަރިއަށް ވަނުމާއިއެކު ނޭފަތުގައި ޖެހުނީ ވެނީލާ ވަހެވެ. އެއާއިއެކު މަޑު އޮރެންޖު ކުލައެއް ވެރިވެފައި ހުރި އެ ކޮޓަރީގެ އެނދާއި ދިމާލަށް ފަލަކަށް ނަޒަރެއް ދެވުނެވެ. ރަތްކުލައިގެން ފިނިފެންމަލުގެ ފިޔަތައް އެނދަށް އެތުރި، އަރިމަތީ ދެމޭޒުގައި އުއްބައްތި ޖެހިފައިވިއެވެ. މުޅި އެ ކޮޓަރިއަށް ވެރިވެފައިވީ އަލަތު ދެމަފިރިއަކަށް އެންމެ އެކަށޭނެ މާޙައުލެކެވެ.
އެހެނަސް އެ މާޙައުލުން ވެސް ފަލަކްގެ ހިތަށް ހަމަޖެހުމެއް ލިބޭ ގޮތެއް ނުވިއެވެ. ހާސްނުވާން ކިތަންމެ މަސައްކަތް ކުރިއެއްކަމަކު އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެހެންޏާ އޭނައަށް މީރުވަސް ދުވާ ވެނީލާ ވަހުން ވެސް އެވަގުތު އޭނަގެ މޭނުބައި ކުރަން ފެށިއެވެ. އެއާއިއެކު އޭނަ ލަދުވެތިވާންޖެހޭނެ ގޮތެއް އެރޭ ދިމާވެދާނެކަމުގެ ބިރުވެސް ހީވާން ފެށިއެވެ. އަފްޒަލް ކޮޓަރީގެ ދޮރު ލޮކްކުރި އަޑު އިވުނީ އެވަގުތެވެ. އެއާއިއެކު ފަލަކަށް ސިހިފައި ފަސްއެނބުރި ބަލައިލެވުނެވެ.
“އޮހް! މާ ބާރު އަޑެއްތަ ދޮރު ލޮކް ކުރީމަ އިވުނީ؟” އަފްޒަލަށް އަހައިލެވުނެވެ. ފަލަކަށް އޭގެ ޖަވާބަކަށް ބޯވެސް ހޫރުވައިލަން ނޭނގިފައި އެވަގުތު ހުރެވުނެވެ. ދެންމެދެންމެއަކު އޭނައަށް ހޮޑުލެވިދާނެހެން ހީވަމުން ދިޔައެވެ. އެވަގުތު އަފްޒަލް ލަސް ފިޔަވަޅުތަކެއްގައި އައިސް ފަލަކާއި ނުހަނު ކައިރި ވާ ގޮތަށް ފަލަކްގެ ކުރިމަތީގައި ހުއްޓިލިއެވެ.
“ސޯ….އަވާރ ފަސްޓް ނައިޓް ޓުގެދާރދޯ؟” އަފްޒަލް އެ ސުވާލުކޮށްލި ހިނދު އަޑުވެސް ހިސާބަކަށް ބަދަލުވެފައިވިއެވެ. އޭރުވެސް އަފްޒަލް އަމިއްލަ އިޙްސާސްތަކުގެ ތެރެއަށް ނުގެއްލި، ފަލަކާއިމެދު ވިސްނޭތޯ މަސައްކަތް ކުރިއެވެ. ފަލަކް އިސްޖެހިފައި ހުރިގޮތުން އެއްވެސް ކަމެއްގެ ކުރިން ފަލަކްގެ ހިތްހަމަޖައްސައިދޭން ބޭނުންވިއެވެ.
“ނާރވަސްވަނީތަ ފަލަކް؟” އަފްޒަލް އެއްކޮނޑުގައި އަތް އަޅައިލަމުން އެހިއެވެ. އެއާއިއެކު ފަލަކް އޯކަތް ދަމައިގަތުމުން އަފްޒަލް ޝޮކަކަށް ދިޔައެވެ.
އިސާހިތަކު ފަލަކް އަފްޒަލަށް ފަސްދީފައި ދިގު ފިޔަވަޅުތަކެއްގައި ދިޔައީ ފާޚާނާއާއި ދިމާލަށެވެ. އަފްޒަލް ވެސް ފަލަކްގެ ނަމުން ގޮވަމުން ފަލަކްގެ ފަހަތުން ދިޔައެވެ.
ފާޚާނާއާއި ހަމައަށް ދެވުމާއިއެކުހެން ފަލަކަށް ގަދައަށް ހޮޑުލެވެން ފެށިއެވެ. އަފްޒަލަށް އެ މަންޒަރު ފެނި، ވަގުތުން ފަލަކްގެ ގާތަށް ގޮސް ފަލަކްގެ ބުރަކަށީގައި ފިރުމެން ފެށިއެވެ.
“މިހާރު އޯކޭތަ؟”
ފަލަކް ހޮޑުލައި ނިމިގެން އަނގަ ދޮންނަން ފެށި ވަގުތު އަފްޒަލް ސުވާލުކުރިއެވެ.
“ބޮލުގަ ރިއްސަނީ….” ފަލަކަށް އެހެން ބުނެވުނީ ހިތާމައާއި އެކީގައެވެ. ދެމީހުންގެ ފުރަތަމަ ރޭ އޭނައާއި ހެދި ބަރުބާދުވަމުންދާ ކަމުގެ އިޙްސާސާއި އެކީގައެވެ.
“އޮހް…..ފަލަކް ފްރެޝްވެލައިގެން ޗޭންޖްކޮށްލާ. ރޫމުގެ އަލަމާރީގަ ހުންނާނެ އަހަރެން ފަލަކަށްދޭން ގަނެދީފަ ހުރި ފަސޭހަ ހެދުންތައް. އަހަރެން އެބަ އަންނަން ބޭސް ގަނެގެން…” އަފްޒަލް ބުންޏެވެ. އަދި ފަލަކަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ދާން ހިނގައިގަތެވެ.
އަފްޒަލް ދިޔުމުން ފަލަކް އަފްޒަލްގެ ނަސޭޙަތާއި އެއްގޮތަކަށް ތާޒާވެލުމަށް ފެންވަރައިލިއެވެ. އެއަށްފަހު އަލަމާރިން ފެނުނު ދޫކޮށް ހުރި އަތްދިގު ގަދަ ނޫކުލައިގެ ޓީޝާޓާއި ކަޅުކުލައިގެ ހަރުވާޅަކަށް ހެދުން ބަދަލު ކުރިއެވެ. އެ ހެދުމުގެ ފަސޭހަކަން ފަލަކަށް އިޙްސާސް ކުރެވުނީ މާ ބޮޑަށެވެ. އެއީ އޭނަދެކެ ލޯބިވާ މީހަކު އޭނައަށްޓަކައި ގަނެދިން ހެދުމެއްކަން އިޙްސާސް ކުރެވުނީތީ ކަންނޭނގެއެވެ.
ކޮންމެ ގޮތެއްވިޔަސް އެވަގުތު ފަލަކް ދެރަވެ، ލަދުގެންފައިވިއެވެ. އޭނަގެ ކައިވެނީގެ ފުރަތަމަ ރޭ ކަންތައް މި ހިނގީ އޭނަ އުއްމީދުވެސް ކުރި ގޮތަކަށް ނޫނެވެ. ކައިވެނީގެ ފުރަތަމަ ރެއަކީ އަނބިމީހާގެ ރީތިކަމަށް ފިރިމީހާގެ ހިތް ލެނބޭ ރެއެއް ނޫން ހެއްޔެވެ؟ އެހެނަސް އޭނައަށް ލިބިފައިވި ރީތިކަމުން މިރޭ އޭނައަށް ލިބުނު ފައިދާއެއް ނެތެވެ. މިރޭ އަފްޒަލަށް އޭނަ ފެނިފައި މިވަނީ އެންމެ ހުތުރު ސިފައިގައެވެ. އެ މަންޒަރު ފަލަކްގެ ލޮލަށް ތަކުރާރުކޮށް ސިފަވަމުން ދިޔައެވެ. އަދި އޭގެއިން ކޮންމެ ފަހަރަކު ލަދުން ދެލޯ މަރައި ތަގުޅި ކުރެވެމުން ދިޔައެވެ.
މިރޭގެ ސަބަބުން އަފްޒަލް އޭނައަށް ފޫހިވާނެތޯ ހިތަށްއަރަމުން ދިޔައެވެ. އެ ސުވާލަށް ފަލަކަށް ތަކުރާރުކޮށް ހިތާހިތުން އާނއެކޭ ބުނެވެމުން ދިޔައެވެ. ފިރިމީހާ އެދޭ ގޮތް ފުރިހަމަކޮށް ނުދެވޭ އަނތްބަކާއި އެކީ އުޅެން ބޭނުންވާނީ ކޮން ފިރިއެއް ހެއްޔެވެ؟ އަފްޒަލަށް އަމުދުން ޙައްޤުވަނީ މިއަށްވުރެ ފުރިހަމަ ޙާލަތެކެވެ. އޭނައަށްވުރެ ފުރިހަމަ އަންހެން ކުއްޖެކެވެ. އަފްޒަލް އޭނައާއި އިނީ ވެސް ކީއްކުރަން ހެއްޔެވެ؟ ޚުދު އަފްޒަލް ވެސް އެހެން ހިތަށް އަރާނެތާއެވެ.
ފަލަކަށް ނޭނގުނު ކަމަކީ، އެވަގުތު އަފްޒަލްގެ ހިތާއި ސިކުނޑީގައިވެސް ފަލަކަށްޓަކައިވި ކަންބޮޑުވުން ނޫން އެހެން ކަމެއް ނެތް ކަމެވެ. ބޭސް ކޮތަޅު ހިފައިގެން ގޮސް އަފްޒަލް ރޫމާއި ހަމައަށް ވެސް ދިޔައީ އަވަސް ފިޔަވަޅުތަކެއްގައެވެ. އެހެނަސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލި ހިނދު، ރޫމުގެ ސޯފާގައި ފަލަކް ކަކޫމަތީގައި ބޯ އަޅައިގެން އިންގޮތުން އަފްޒަލްގެ ފިޔަވަޅުތައް ލަސްވިއެވެ.
“ވަރަށް ބޮޑަށްތަ ބޮލުގަ ރިއްސަނީ؟” އަފްޒަލް ގޮސް ފަލަކްގެ ކުރިމައްޗަށް ގޮސް ސުވާލުކުރިއެވެ. އެއާއިއެކު ފަލަކް އިސްއުފުލައި ބަލައިލިއެވެ.
“އެހާ ބޮޑަކަށް ނޫން. އެކަމަކު އަދިވެސް ބަލިހެން ހީވަނީ…” ފަލަކް ބުންޏެވެ. ދެވަނަ ފަހަރަށް ވެސް ހޮޑުލަވައިގަނެފާނެތީ އޭނަ ބިރުގެންފައިވިއެވެ. އެހެނަސް އެހެން ބުނާކަށް ބޭނުމެއްނުވިއެވެ.
“އެއީ ފަލަކް ރަނގަޅަށް ނުކާތީވެހެން އަހަންނަށް ހީވަނީ. މުޅި ދުވަހު ފަލަކް ރަނގަޅަށް ނުކާކަން އަހަންނަށް ފާހަގަވި. އަވަހަށް ބޭސް ކާލާ. ބޭސް ކާލައިގެން ސިނަމަން ޓީއެއް ބޯލަމާ ދޯ ދެމީހުން؟” އަފްޒަލް ވާހަކަ ދައްކަމުން ގޮސް އަރިމަތީ މޭޒުމަތީގައި ހުރި ފެންޖަގުން އެތާ ހުރި ތަށްޓަށް ފެން އެޅުމަށްފަހު، ތަށި ގެނެސް ފަލަކްގެ އަތަށް ދިނެވެ. ފަލަކް ބޯ ޖަހައިލި ވަގުތު އަފްޒަލް ބޭސް ގުޅައެއްވެސް ނަގައި ފަލަކްގެ އަތަށް ދީފިއެވެ.
އަފްޒަލް އުޅެމުން ދިޔަ ގޮތުން ފަލަކް އަޖާއިބުވާހާވިއެވެ. އަފްޒަލްގެ ޢަމަލުތައް ހުރިގޮތުން އެއްގޮތަކަށް ވެސް އަފްޒަލް އޭނައަށް ފޫހިވީހެނެއް ހިއެއްނުވެއެވެ. އަފްޒަލްގެ ފަރާތުން ފެންނަމުން ދިޔައީ ދެގޮތެއް ނުވާ އަޅައިލުމެކެވެ. ބައްދަލެއްނުވާ ލޯތްބެކެވެ. ކީއްވެ ހެއްޔެވެ؟
“ވާއި؟” ފަލަކަށް އެހެން އަހައިލެވުނީ، އަފްޒަލް އޯޑަރު ކުރި ދެ ސައިތަށި، ސޯފާގައި ތިބެ ދެމީހުން ހިމޭންކަމާއިއެކީ ބޮމުން ދިޔަ ވަގުތެއްގައެވެ.
“ވަޓް؟” ކުއްލި ގޮތަކަށް ފަލަކް ސުވާލު ކުރުމުން ވާނުވާއެއް ނޭނގި، އަފްޒަލަށް އަހައިލެވުނެވެ. އެއާއިއެކު ފަލަކް އަފްޒަލަށް ބަލައިލިއެވެ.
“އަފްޒަލް އަހަންނަށް ނުރުހުމެއް ނުވޭތަ؟ މިރޭ ކަންތައް މި ހިނގި ގޮތުން؟” ފަލަކް ސީދާސީދަލަށް ސުވާލުކުރިއެވެ.
“ކީއްވެ ނުރުހުންވާންވީ؟” އަފްޒަލް ޙައިރާންކަމާއިއެކީ އެހިއެވެ.
“އަފްޒަލް އުއްމީދު ކުރި ގޮތަކަށް ނޫނެއްނު މިރޭ މި ދިޔައީ؟” ފަލަކަށް ދުރަށް ނަޒަރު ހިންގައިލަމުން ބުނެލެވުނެވެ. އެއާއިއެކު އަފްޒަލް ހީލި އަޑަށް، ފަލަކަށް ޙައިރާންކަމެއް ލިބުނެވެ.
“ހެހެ….ފަލަކް ބުނެބަލަ. މިރޭ އަހަރެން ހަމަ ތި ގޮތަށް ބަލިވިނަމަ، ފަލަކް އަހަންނަށް ނުރުހުންވީސްތަ؟” އަފްޒަލް ހިނިތުންވުމެއްގައި އިނދެ އެހިއެވެ. ފަލަކް އިރުކޮޅެއްގެ ވިސްނުމަށްފަހު އިސްޖަހައިލަމުން ބޯހޫރުވައިލިއެވެ.
“އަހަރުމެން ކައިވެނި ކުރީ ރަނގަޅު ސިއްޙަތާއި ބަލިމަޑު ކަމުގައި ވެސް އެކަކު އަނެކަކާއި އެކީ އުޅުމަށް ވަޢުދުވެގެންނެއް ނޫންތަ؟ އެކަކު ބަލިވާއިރަށް އަނެކާ ފޫހިވަންޏާ އެއީ ކައިވެންޏެއް ނޫނެއްނޫންތަ؟ އުއްމީދު ކުރި ގޮތަށް ކަންތައް ނުދިޔައިމަ ކުޑަކޮށް ދެރަވެފަ މިހިރީ. އެކަމަކު އެކަމަށްވުރެ އަހަންނަށް މުހިއްމީ ފަލަކް ހެޔޮ ޙާލުގަ ހުރުން….އަދި މާ ބޮޑަށް ދެރަވެފަ މިހިރީ ފަލަކް އެހެން ކަމަކާ ހާސްވެފަ ހުރެ އަހަރެން ކައިރި ނުބުނެ ހުރީހެން ހީވީމަ. ފަލަކް ކަމަކާއިމެދު ހިތްހަމަނުޖެހެންޏާ، ނޫނީ ޖެހިލުންވަންޏާ ވެސް އަހަރެން ކައިރީގަ ބުނަންވާނެ. ނޭނގުމެއްގެ ތެރެއިން ވެސް ފަލަކް ހާޓް ކުރާކަށް އަހަރެން ބޭނުމެއްނޫން…..” އަފްޒަލް ވާހަކަ ދެއްކިއެވެ.
އަފްޒަލްގެ އެ ވާހަކައަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ހިމޭންކަމުގެ ތެރެއިން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ފަލަކެވެ.
“ތެދުތެދަށް ބުނަންޏާ…..އަހަރެން އަފްޒަލާއި ކައިރިވުމުގެ ކުރިން އަދި ވަގުތު ބޭނުން. ވަރަށް މަސައްކަތް ކުރިން މިހެން ނަހަދާ ވެވޭތޯ. އެކަމަކު މިރޭ ކަންތައް މިވީ ގޮތުން އެނގިއްޖެ އަހަންނަށް ވަގުތު ބޭނުންވާކަން…” ފަލަކް ހިތްވަރު ކޮށްފައި ބުންޏެވެ. އޭގެ ނަތީޖާއަކަށް ވާނީ އަފްޒަލް އޭނައާއި އެކީ އުޅުމާއިމެދު ޖެހިލުންވުން ކަމަށް ހީވީތީވެއެވެ. އެހެނަސް….
“އެއީ އެއްވެސް މައްސަލައެއްނޫން. އަހަރެންގެ ހިތަށް ވެސް އެރި ފަލަކަށް ވަގުތު ދޭން ޖެހިދާނެއޭ. މުޅި ޢުމުރު ދުވަހު ފިރިހެނުންނާއި މެދު އެހާ ގޯސްކޮށް ދެކިފަ، ކުއްލިއަކަށް އިތުބާރުކޮށް ގާތްކޮށް އުޅެން ދަތިވެސްވެދާނެ. ފަލަކްގެ ލިޔުންތައް ކިޔާފައޭ އަހަރެން ހުރީ. ތިހާ ޕެޝަނޭޓްކޮށް ފިރިހެނުންނަށް ނަފްރަތު ކުރާ އަންހެން ކުއްޖަކު އެ ލިޔުންތައް ކިޔުމުގެ ކުރިން ނުދެކެން. އެންޑް އައިމް މެރީޑް ޓު ދެޓް ގާލް، ވޮހް!” އަފްޒަލް އެހެން ބުނި ގޮތުން ފަލަކަށް ހީލެވުނެވެ.
“އެހެންވީމަ ވަރަށް ބަލައިގެން އުޅެއްޗޭ!” ފަލަކް ވެސް ފޮނިވާ ކަމަށް ހެދެމުން އެ ސަމާސާގައި ބައިވެރިވިއެވެ.
“އާނ….އެހެންވީމަ ތި ކުއްޖާ އަމިއްލައަށް ބޭނުންވެގެން އަހަރެންގެ ކައިރިއަށް އައިމަ ނޫނީ އަހަރެން ކައިރިވާން ވެސް މަސައްކަތެއް ނުކުރާނަން…” ސަމާސާގެ ތެރެއިން އަފްޒަލް އެހެން ބުނެލަމުން އަތުގައި ހުރި ސައިތަށި ކުރިމަތީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު ސޯފާއިން ތެދުވެލަމުން ދާން އުޅެފައިވެސް ފަލަކަށް ބަލައިލަމުން އެއްލޯ މަރައިލިއެވެ.
އަފްޒަލްގެ އެ ޙަރަކާތުންނާއި ބުނެލި ބަސްތަކުން ފަލަކަށް އާ އިޙްސާސްތަކެއް ކުރެވެން ފެށިއެވެ.
ނުނިމޭ
Sha
June 23, 2023 @ 9:44 pm
🤍🤍🤍