ޤަދަރު (ފަންސާސްހަތަރުވަނަ ބައި)
“އެކަމަކު ޒުހާގެ ދޮންތައަށް މަޢާފު ކުރެވޭނެތަ؟ މި ގުޅުމާއިމެދު އަހަރެންގެ ދޮންތަ ދެކޭނީ ކިހިނެއް؟ މިއަދު މަޖީދުބެ ދުނިޔޭގަ ހުރިނަމަ މަޖީދުބެ މި ގުޅުމާއިމެދު ރުހޭނެތަ؟”
“ރުހޭނެ. ބައްޕައަކީ އެހާ ހިތްހަރު މީހެއްނޫން.”
ފަލަކް އެހެން ބުނެލި އަޑަށް ޒުހާއާއި އަނަސްއަށް އެކުއެކީގައި އެ ދިމާލަށް ބަލައިލެވުނެވެ.
“ހިއެއްނުވޭ ޢާއިލީ މައްސަލައެއްގެ ސަބަބުން ތިހާ ރަނގަޅު ކުއްޖަކަށް ބައްޕަ އިންކާރު ކުރާނެހެން. އަމިއްލަ ދޮންތަގެ ކުށް ހާމަ ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެކަމަކު އަނަސް ވަނީ އެ ދަތި ޙާލުގަ ވެސް ތެދުވެރިކަން ޚިޔާރުކޮށްފަ. މި ދޮންތަ އެއްގޮތަކަށް ވެސް އަނަސްއަށް ހިތް ބުރައެއް ނުވާނެ އިން ޝާ ﷲ.” ފަލަކް ވާހަކަ ދެއްކިއެވެ.
“ހަމަ އަސްލުވެސް އަނަސް. އަނަސްގެ ހެކި ބަސް މިއަދު މި ޝަރީޢަތަށް ވެސް ވެގެން ދިޔަ. މުޅި ޢުމުރު ދުވަހަށްވެސް އަހަރެން އަނަސްއަށް ޝުކުރުވެރިވާނަން. ތި ކޮށްދިން ކަންތަކަށްޓަކައި.” އަފްޒަލް ވެސް ވާހަކަ ދެއްކިއެވެ.
އެއާއިއެކު ޒުހާ އެއްފަހަރު އެ ދެމީހުންނަށް އަނެއްފަހަރު އަނަސްއަށް ބަލައިލީ، އަނަސްގެ ރައްދަކަށް އުއްމީދުކުރާ ފަދައަކުންނެވެ. ޒުހާ ބެލުމާއިއެކު އަނަސް އިސްޖަހައިލަމުން ވާހަކަ ދެއްކިއެވެ.
“ދޮންތަ ބުނި ފަލަކް…..ޒުހާގެ ދޮންތަ އަހަރެންގެ ދޮންތައާއިމެދު ވަރަށް ދެރަކޮށް ކަންތައް ކުރާތީއޭ އެގޮތަށް ޢަމަލުކުރަނީ. ޒުހާގެ ދޮންތަގެ ފަރާތުން ނަފްސާނީ އަނިޔާ ލިބިފައޭ ދޮންތައަށް ހުރީ.” އަނަސް ފަލަކަށް ބަލަން ބޭނުންނުވެފައި ހުރެ ބުންޏެވެ. ކޮންމެ ގޮތެއްވިޔަސް ދޮންތަގެ އެ ވާހަކައިން ފަލަކަށް ހިތް ސާފުކުރަން އަނަސްއަށް ދަތިވިއެވެ.
“ސުބްޙާނަ ﷲ! ﷲ ގަންދީ ބުނަން އަނަސް…ފަލަކް ދައްތަ ނުކުރަން އެކަހަލަ އެއްވެސް ކަމެއް. ތިކަހަލަ ވިސްނުމެއް ވެސް ނުގެންގުޅެން. އެންމެ ފަހުން ދުވަހު އެ ޢިމާރާތަށް ލީނާއާއި ބައްދަލުކުރަން ދިޔައީ ވެސް ލީނާއާއި އަހަންނާއި ދެމެދުގަ ހުރި މައްސަލަތައް ޙައްލުކުރެވޭތޯ. އެ ނޫންނަމަ ޙަޤީޤަތުގަ އެދުވަހު އަހަންނަށް އަހަރެންގެ އެހެން މުވައްޒަފެއް ވެސް ފޮނުވުނުވީސް….” ފަލަކް ކިޔައިދިނެވެ.
“އެއީ ތެދެއް އަނަސް. ފަލަކް އެދުވަހު އެހެން ބުނެފަ ގެއިން ދިޔައީ ވެސް. ލީނާ ޙަޤީޤަތުގަ ހުރީ އޭގެ ކުރިން ވެސް ފަލަކް ދެކެ ނުރުހިފަ. އަހަންނާއި ހެދިހެން ހީވަނީ. ލީނާ މިހާރުގެ ފިރިމީހާގެ ކުރިން ރައްޓެހިވީ އަހަންނާ. އަހަރެން ފަލަކާއި ގުޅިގެން އުޅޭކަން އެނގުނު ފަހުން އެކަމާ ނުރުހޭ ކަހަލަ ވާހަކަތައް ފަލަކް ގާތު ވެސް ދައްކާފަ ހުރީ. ހީވަނީ އަމިއްލަ ނަފްސު ދިފާޢުކުރަން ލީނާ މުޅިން އިދިކޮޅު ވާހަކައެއްހެން އަނަސްއަށް ކިޔައިދީފަ ތިހިރީ…” އަފްޒަލް ވާހަކަ ދެއްކިއެވެ.
އެ ވާހަކަތައް އަޑުއަހަމުން ދިޔަދިޔަހެން އެއްފަހަރާ އެތައް ޖަޒުބާތެއް އަނަސްގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. ފަލަކް ދެއްކި ވާހަކަތައް ޤަބޫލުކުރަން ހިތް އެއްބަހެއް ނުވިއެވެ. އެހެނަސް އަފްޒަލް އަނަސްއަށް ނޭނގޭ ޙަޤީޤަތްތައް ކިޔައިދިންދިންހެން އަފްޒަލް އެންމެ ފަހަށް ބުނީ ތެދު ޙަޤީޤަތްކަން އަނަސްއަށް ހާމަވާ ގޮތްވިއެވެ. އެއާއިއެކު އަނަސްގެ ލޮލުން ކަރުނަ ހިލުނެވެ. އޭނަ އެހާ ލޯބިވާ ދޮންތައަކީ އެ ކުރި ކުށާއިއެކީ ދޮގުވެރިއަކަށް ވެސްވުމުންނެވެ.
“އަނަސް…” ޒުހާއަށް އެއްޗެކޭ ބުނެވެން އުޅުނެއްކަމަކު އެ ޙާލަތުގައި އަނަސްގާތު ބުނާނެ ބަސްތަކެއް ނޭނގުނެވެ. ޒުހާ ހުރި ގޮތަށް ހުއްޓާ އަނަސް މޫނުމަތިން އެއްއަތް ހިންގައި ހަމައަކަށް އެޅިލިއެވެ.
“އަހަރެން މި ކަންތަކާއިމެދު ވިސްނަން ވަގުތު ބޭނުން ޒުހާ. ނޭނގެ އަހަންނަށް ނިންމޭނެ ގޮތެއް. ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ ދޮންތަ. ދޮންތަގެ ހިތަށް އުދަގޫވާނެ އަހަރެން ޒުހާއާއި ގުޅުނިއްޔާ….” އަނަސް ސާބިތުވާން މަސައްކަތް ކުރަމުން ބުންޏެވެ. އެއާއިއެކު ޒުހާގެ މޫނުމަތިން ހިތާމަވެރިކަން ފެނުމާއިއެކު އަނަސް ޒުހާއަށް ފަސްދީފައި ދާން ހިނގައިގަތެވެ.
“އަނަސް ވެއިޓް!”
ކަމެއް ހަނދާންވުމުން ޒުހާއަށް ކުއްލި ގޮތަކަށް ގޮވައިލެވުނެވެ. އަނަސް މަޑުކޮށްލަމުން ފަސްއެނބުރި ބަލައިލި ހިނދު ޒުހާ ކޮނޑުގައި އެލުވިފައި އޮތް އަތްދަބަހުގެ ތެރެއިން ސިޓީ އުރައެއް ނަގަމުން އޭނަގެ ގާތަށް އަންނަނީއެވެ.
“މިއީ….ބައްޕަ އަނަސްއަށް ދޭން ލިޔެފަ އޮތް ސިޓީއެއް.”
ޒުހާ އެ ސިޓީ އުރަ ދިއްކޮށްލަމުން ބުންޏެވެ. އަނަސް ހިސާބެއްގެ ޙައިރާންކަމަކާއިއެކީ އެ ސިޓީ އުރަ ހޯދިއެވެ. އެއަށްފަހު ޒުހާއަށް ބަލައިލިއެވެ.
“އަނަސްގެ ނިންމުން އަންގަން އަހަންނަށް ގުޅާލައްޗޭ. އަހަރެން އިންތިޒާރު ކުރާނަން އިން ޝާ ﷲ. އަނަސް ކޮންމެ ނިންމުމެއް ނިންމިޔަސް އަހަރެން އެއަށް އިޙްތިރާމް ކުރާނަން.” ޒުހާ ބުންޏެވެ.
ޒުހާ އެ ބަސްތައް ބުނަމުން ދިޔަދިޔަހެން ވެސް އަނަސްގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވާން އުޅުނެވެ. އެހެނަސް އަނަސް އަވަސްއަވަހަށް ފުން ނޭވައެއް އެތެރެއަށް ލަމުން ބޯޖަހައިލިއެވެ. އަދި ޒުހާއަށް ފަސްދީފައި ދާން ހިނގައިގަތެވެ.
ފަލަކާއި އަފްޒަލް އެދުވަހު ގެއަށް ދިޔައީ ޒުހާ ވެސް ގޮވައިގެންނެވެ. ދުބާއިއަށް އައިފަހުން ޒުހާ އުޅެމުން ދިޔައީ އެގޭގައި ކަމަށްވުމުންނެވެ.
ތިން މީހުން ގެއަށް ގޮސްފައި ފެށީ ތަފާތު މަސައްކަތްތަކެވެ. ޒުހާ އެދުވަހު ހަވީރު ފުރަން އޮތީތީ ޒުހާ ފުރަން ތައްޔާރުވާން ފެށިއެވެ. ފަލަކް ފެންވަރާލަން ބޭނުންވިއިރު އަފްޒަލް، ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެ، މަޖީދު އޭނައަށް ދީފައިވާ ސިޓީ ކިޔަންފެށިއެވެ.
އަފްޒަލްގެ ސިޓީގައި މަޖީދު ގިނައިން ދައްކާފައިވީ ފަލަކްގެ ވާހަކަތަކެވެ. ފަލަކަށް މީރު ކާ އެއްޗެއްސާއި، ފަލަކް ދާހިތްވާ ތަންތަނާއި ކުރާ ހިތްވާ ކަންތަކެވެ. އަދި އެކަންތަކުގެ އިދިކޮޅުވެސް ނުހަނު ތަފްސީލުކޮށް ކިޔައިދީފައިވެއެވެ. ފަލަކްގެ ހުރިހާ ފައިދާހުރި ހެޔޮ އެދުމެއް ފުރިހަމަ ކޮށްދިނުމަށް މަޖީދު ވަޞިއްޔަތް ކޮށްފައިވެއެވެ. ފަލަކަކީ މަޖީދުގެ ލޮލުގެ ކޮއި ކަމާއި، އެ ލޮލުގެ ކޮއާއިމެދު ރައްކާތެރިވުމަށް އެދިފައިވެއެވެ.
އެއަށްފަހު މަޖީދު އެންމެފަހުން އަފްޒަލަށް ހިބަކޮށްދިން ކްރިސްޓަލް ޢިމާރާތުގެ ވިޔަފާރި ހިންގާނެ ގޮތްތަކާއި ކުރިއަރުވާނެ ގޮތްތަކުގެ މަޢުލޫމާތުވެސް ދިނެވެ. އެހެނަސް އަފްޒަލް ބޭނުން ގޮތަކަށް ވިޔަފާރީގެ ކަންތައް ގެންދިޔަޔަސް އެންމެ ރަނގަޅު ކަމަށް ބުނެވިފައިވެއެވެ.
އަފްޒަލް އެންމެ ޙައިރާންވީ ސިޓީގައި އެންމެ ފަހަތުން ލިޔެވިފައިވާ ވާހަކަތަކެއްގެ ސަބަބުންނެވެ. އޭގައި އޮތީ ފަލަކް އެ އުޅެނީ ވަރަށް ބޮޑު ކަމަކާއި ކުރިމަތިލާން ކަމަށެވެ. އެ ކަމުގައި ފަލަކަށް އެހީތެރިވެ ދިނުމަށެވެ. މިހާރު ވެސް ހެން އަބަދުވެސް ފަލަކްގެ ގާތުގައި ހުރުމަށެވެ.
ފަލަކް ކުރިމަތިލާން އުޅެނީ ކޮން ބޮޑު ކަމަކާތޯ އެ ވަގުތު އަފްޒަލަށް ވިސްނެން ފެށިއެވެ.
**
ފެންވަރައި ނިމިގެން ރީތިވެލައިގެން ފަލަކް މެންދުރު ނަމާދު ކުރިއެވެ. އެއަށްފަހު ފަލަކް ކުރަން ބޭނުންވީ އެންމެ ކަމެކެވެ. ބައްޕަގެ ސިޓީ ކިޔުމެވެ.
ފަލަކްގެ އެންމެ ފަސޭހަ މަޤާމަކީ މުސައްލަ މަތި ކަމަށްވުމުން، ނަމާދު ނިންމުމަށްފަހު އެނދުމަތީގައި އޮތް ދަބަސް ތެރެއިން ސިޓީ އުރަ ނަގައިގެން ގޮސް އަނެއްކާވެސް އިށީނީ މުސައްލަ މަތީގައެވެ.
ސިޓީއުރަ ކަނޑައިލަމުން އޭގެ ތެރެއިން ދެ ތިން ގަނޑެއް އަތު ލިޔުމުން ފުރުވާފައިވާ ސިޓީ ފަލަކަށް ނަގައި، ނިއުޅައިލެވުނީ ލަސްލަހުންނެވެ. އެއާއިއެކު ސިޓީ ކިޔެން ފެށިއެވެ.
“ބައްޕަގެ ލޯބިވާ ދަރިފުޅު ފަލަކް،
ފަލަކްގާތު ބައްޕަ ދައްކަން ބޭނުންވާ ވާހަކަތައް ބައިވަރެވެ. އެ ހުރިހާ ވާހަކަތައް އެއްސިޓީއެއްގައި ހިމެނޭނެހެން ހިއެއްނުވެއެވެ. ދަރިފުޅާއި ދުރުގައި ހޭދަ ކުރެވުނު ހުރިހާ އަހަރުތަކާއިމެދު މި ވަގުތު ވިސްނުމުން، ދެރަވެ ހިތާމަކުރެވެއެވެ. އަދި އަމިއްލަ ނަފްސަށް ނުރުހުންވެސްވެވެއެވެ. ދަރިފުޅު ވަކިން ގެއެއްގައި އުޅެން ނިންމުމުން ކިތަންމެ ބުންޏަސް ބައްޕައަށް ގަދަ ދެއްކުނުނަމައޭ ހިތަށް އެބަ އަރައެވެ.
އެހެނަސް ބައްޕަ އެ ނިންމުން ނިންމީ ދަރިފުޅުގެ ނިންމުމަށް އިޙްތިރާމް ކުރުމަށެވެ. ދަރިފުޅު އެދުނު ފަދައިން ދަރިފުޅު ކާމިޔާބު އަދި މިނިވަން އަންހެން ކުއްޖަކަށްވެގެން ދިޔަ ދަތުރު ބައްޕަ ދުށީ ނުހަނު އުފަލާއި އެކީގައެވެ. ދަރިފުޅުގެ އެ ކާމިޔާބީގެ ސަބަބުން އޭގެ ފައިދާ ނަގަން ބޭނުންވި އެތައް ޒުވާން ފިރިހެނުންނެއް ބައްޕަ ގާތަށް ވެސް އައެވެ. އޭގެއިން މީހަކު ދަރިފުޅު ހައްލާނުލަނީސް، އަފްޒަލް ކަހަލަ ކުއްޖަކާއި ދަރިފުޅު ވީހާ ވެސް އަވަހަކަށް ގުޅުވަން ބައްޕަ ބޭނުންވީ އެހެންވެއެވެ. އެންމެ ފަހުން ދެކުދިން ގުޅިގެން ދިޔުމަކީ ވެސް ބައްޕައަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަލްޙަމްދުލި ﷲ!
ލޯބިވާ ދަރިފުޅެވެ. ދަރިފުޅު ބައްޕައަށް މަޢާފުކޮށްދެއްޗެވެ. ދަރިފުޅަށް ވަގުތު ދިނުމުގެ ބަދަލުގައި މަސައްކަތަށް ގޮސް ހުސްވި ކަމަށްޓަކައެވެ. ކުންފުނީގެ ހިއްސާތަށް ނަގާނެ ކަމަށް ބުނެ ކަނބުލޮއަށް ބިރު ދައްކައިގެން ބައެއް ކަންތައް ކުރުވި ގޮތުންނެވެ. ދަރިފުޅަށްޓަކައި ބައްޕައެއްގެ ދައުރު ރަނގަޅަށް އަދާ ނުކުރެވުނު ކަމަށްޓަކައެވެ. ބައްޕައަށް ދަރިފުޅު ނަފްރަތު ކުރަން ޖެހުނު ހުރިހާ ވަގުތު ކޮޅުތަކަށްޓަކައެވެ.
ބައްޕަގެ މި ފަހު ބަހުގައި ބައްޕަ ދަރިފުޅުގާތު ސާފުކޮށް ބުނަން ބޭނުންވާ އެއްވާހަކައެއް އެބަ އޮތެވެ. މަންމަ މެރީ ބައްޕައެއް ނޫނެވެ. މާޒީގައި ބުނެފައިވިޔަސް ތަކުރާރުކޮށް ވެސް ބުނަން ބޭނުންވެއެވެ.
މަންމަ މެރީ ބައްޕައެއް ނޫނެވެ.
މަންމަ މެރީ ބައްޕައެއް ނޫނެވެ.
މަންމަ މެރީ ބައްޕައެއް ނޫނެވެ.
ދަރިފުޅު ހީކޮށްފައި އޮތް ގޮތާއި ޚިލާފަށް މަންމައާއި ބައްޕަ އުޅެމުން ދިޔައީ ނުހަނު އުފާވެރި ޙަޔާތެއްގައެވެ. ދަރިފުޅުގެ މަންމަ، ބައްޕަދެކެ ވަރަށް ލޯބިވެއެވެ. އަދި ފަހު ވަގުތާއި ޖެހެންދެން ވެސް ބައްޕަ އެ މަންމަދެކެ ފުންކޮށް ލޯބިވީމެވެ.
މިއީ ދަރިފުޅަށް ޤަބޫލުކުރަން ދަތި ބަސްތަކަށްވެދާނެއެވެ. މަންމައަށް އަނިޔާ ލިބިފައި ހުރިތަން ދަރިފުޅަށް ފެނިފައިވާތީވެއެވެ. އަދި ޚުދު މަންމަ ވެސް ދަރިފުޅު ގާތު ބައްޕަގެ ޝަކުވާ ދެ ތިން ފަހަރަކު ކޮށްފައި ހުރެދާނެއެވެ. އެހެނަސް އެއީ މަންމައެއް ނޫނެވެ. މަންމަގެ ހިތުގައި ބައްޕައާއިމެދު އެއްވެސް ޝަކުވާއެއް ނޯންނާނެކަން ބައްޕައަށް ޔަޤީނެވެ. މަންމަ ދިރިހުރި ފަހު ދުވަހުވެސް ބައްޕަ އޮފީހަށް ފޮނުވީ، ބައްޕަދެކެ ލޯބިވާ ވާހަކަ ބުނުމަށްފަހުއެވެ.
މަންމަ މެރި މުޖުރިމުގެ ޙަޤީޤަތް ދަރިފުޅު އަމިއްލައަށް ހޯދާށެވެ. ދަރިފުޅު މިއަދު ތިހިރަ މަޤާމުގެ ސަބަބުން އެއީ ނުހަނު ފަސޭހަކަމެކެވެ. އެ މުޖުރިމަށް ޙައްޤު އަދަބު ލިބުމަކީ ބައްޕަގެ ވެސް އުއްމީދެކެވެ. ބައްޕައަށް އެއީ ކާކުކަން އެނގުނަސް އެކަމާއިމެދު ދެއްކޭނެ ހެއްކެއް ނެތެވެ. މިހާ ދުވަސްވީއިރު އެ މުޖުރިމު ދަރިފުޅުގެ ކުރިމައްޗަށް ނުގެނެވުނީ އެހެންވެއެވެ.
މިކަމަށްޓަކައި ބައްޕަ މި ބުނާ ފިޔަވަޅުތައް އެޅުމަށް ބައްޕަ ވަޞިއްޔަތް ކުރަމެވެ……”
ސިޓީ ކިޔަމުން ދިޔައިރު އެތައް ޖަޒުބާތެއް ފަލަކްގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ. ކުރީކޮޅު ބައްޕަގެ ލޯބީގެ އިޙްސާސް ކުރެވުމުން ލޮލުން ކަރުނަ ހިލުނަސް، ފަހުން ދެބުމަ ކައިރިވިއެވެ. ބައްޕަ ދައްކަން ފެށި ވާހަކަ ދޭހަކުރަން ދަތިވުމުންނެވެ.
މަންމައާއި ބައްޕަ ލޯބިން އުޅެފައިވާނީ ކިހިނެއްތޯ ފަލަކްގެ ހިތަށް އަރަމުން ދިޔައެވެ. ބައްޕަ އެ ބުނިހެން ޚުދު މަންމަ ވެސް ވަނީ އޭނަ ގާތަށް އައިސް ބައްޕަގެ ޝަކުވާކޮށްފައެވެ.
“މަންމައަށް ތަދުވޭތަ؟”
އެއްރެއަކު ފަލަކް ކުޑައިރު ބޭރުން އިވުނު އަޑުތަކަށްފަހު މަންމަ ކޮޓަރިއަށް ވަނުމުން ފަލަކަށް އެނދުގައި ރޮވިފައި އިނދެ އަހައިލެވުނެވެ. އެވަގުތުގެ މަންމަގެ އުނަގަނޑާއި ހަމައަށް އޮތް އިސްތަށިގަނޑު ހޭވިފައިވީއިރު ލޮލާއި ތުންފަތާއި ދިމާލުން ނޫފަންގަނެފައިވިއެވެ.
ފަލަކް ހީކުރީ މަންމަ އެހެން ރޭތަކޭ އެއްފަދައިން ތަދެއް ނުވެއޭ ބުނެ ހިނިތުންވެ، އޭނަ ހެއްވާލާނެ ކަމަށެވެ. އެހެނަސް އެރޭ މަންމަ ކުއްލި ގޮތަކަށް ރޮއިގަންނަމުން އައިސް އޭނަގެ ކުރިމައްޗަށް ތިރިވެ އޭނަގެ ގައިގައި ބައްދައިލިއެވެ. އެހިނދު ފަލަކްގެ ކުޑަކުޑަ ހިތް ބިރުވެރިކަމުން ވަށައިލެވިގެން ދިޔައެވެ.
“ވަރަށް ތަދުވޭ ދަރިފުޅު….މަންމައަކަށް ދެން ކެތެއް ނުކުރެވޭނެ ބައްޕައާއި އެކީގަ އުޅެން. ބައްޕައާ ނުލާ ދަރިފުޅަށް އުޅެވޭނެތަ؟” މަންމަ ކަރުނުން ފުރިގެންވި ލޮލާއިއެކީ ޢަރަބި ބަހުން އެހިއެވެ. އެހިނދު މަންމަގެ ކަންފަތުގައި އެލުވިފައި އޮތް ރަން ފަށް ފަލަކްގެ ލޮލުގައި އެޅިއެވެ. އެ ފަށުގެ ކޮޅުގައިވީ ނޫކުލައިގެ ކޮކާލެކެވެ.
“އެކަމަކު މަންމާ…..ބައްޕައާއި ނުލާ ނުއުޅެވޭނެ. ބައްޕަ ދެކެ އަހަރެން ވަރަށް ލޯބިވޭ…” ފަލަކް ރޮމުން ރޮމުން އެ ޖަވާބު ދިނީ އެ ކަންފަތުލާ ފަށަށް ބަލަހައްޓައިގެން އިނދެއެވެ. އެއީ ފަލަކަށް ކުރިން ފެނިފައި ނުވާ ފަށަކަށް ވުމުންނެވެ.
އެރޭ ފަލަކް އެހެން ބުނުމާއިއެކު މަންމަ އޭނަގެ ގައިގައި ބައްދައިލީއެވެ. އެ ހަނދާން އާވެގެން ދިޔަދިޔަހެން ފަލަކަށް ސިޓީ ތިރިކޮށްލެވުނީ ސީރިއަސް މޫނަކާއިއެކީގައެވެ. މުޖުރިމު ހޯދުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ކިޔައި ނިމުނުއިރު އެ ވަގުތުން ވަގުތަށް ވެސް ފިޔަވަޅުތައް އެޅުމަށް ފަލަކްގެ ހިތުގައި ޢަޒުމެއް ކަނޑައެޅުނެވެ.
ފަލަކް ކުއްލި ގޮތަކަށް ތެދުވެލަމުން ގޮސް ސިޓީ ކޮޓަރީގެ އަރިމަތީ މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހު ފޮށާ ބޭލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައީ އެޕާޓްމެންޓުގެ ކޮންފަރެންސް ހޯލަށެވެ. އެ ހޯލުގެ ވަށައިގެން ފުރިފައިވާ ފޮތް ހަރުގަނޑުތަކެއްވީއިރު ފަލަކް އެތަނުން ބިއްލޫރި ދޮރަކުން ބަންދު ކުރެވިފައިވާ ހަރުގަނޑާއި ދިމާލަށް ދިޔައެވެ. އެ ހަރުގަނޑަކީ ފަލަކްގެ މަންމަ ގެންގުޅުނު ފޮތްތަކަށް ޚާއްސަ ކުރެވިފައިވާ ހަރުގަނޑެކެވެ.
“ދަރިފުޅު މަންމަގެ އަތުގަ އޮތް އަދަބް އަލް މުފްރަދް ފޮތް ކިޔައިފިންތަ؟ އެ ފޮތުގެ ތެރޭގަ އޮންނާނެ ވަރަށް މުހިއްމު މަޢުލޫމާތުތައް ލިޔެފަ އޮތް ފޮޓޯއެއް. ބައްޕައަށް އެނގެނީ ބައްޕައާއި އެކީގަ ހުރެ މަންމަ އެ ފޮޓޯގަ ލިޔެފަ އެ ފޮތުގެ ތެރެއަށް ފޮޓޯ ލީ.”
ފޮތްތައް ހޯދަމުން ދިޔަ ވަރަކަށް ބައްޕަ ސިޓީގައި ލިޔެފައިވާ ބަސްތައް ބައްޕަގެ އަޑުން ފަލަކްގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.
އެންމެ ފަހުން ކަބަޑުގެ މަތީބައިން އަދަބް އަލް މުފްރަދް ފޮތް ފެނުމުން ފަލަކް ލަސްލަހުން އެ ފޮތް ނެގިއެވެ. އަދި އެ ފޮތް ހުޅުވައިލައިމުން ގަނޑުތަކުގެ ދޭތެރެ ހޯދަން ފެށިއެވެ. މާ ގިނައިރެއްނުވެ އެ ފޮތަށްވުރެ ކުޑަ ތަންކޮޅުން ކުޑަކޮށް ފެންނަމުން ދިޔަ ބޮޑު ގަނޑެއްގެ ފަހަތު ބައި ފަލަކަށް ފެނުނެވެ. އެ ހުދު ކުލައިގެ ފަހަތު ބައިގައި ޢަރަބިން ލިޔެވިފައިވިއެވެ.
مَنْ سَرَّهُ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَأَنْ يُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ
(އެމީހެއްގެ ރިޒުޤު ތަނަވަސްވެ ޢުމުރު ދިގުވާން އެދޭ މީހާ ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ.)
އެއީ އެ ފޮތުން ނެގިފައިވާ ޙަދީޘެއްކަން ފަލަކަށް ނަގައިގަވުނީ، އެ ހުޅުވިފައިވާ ޞަފްޙާއިން ޙަދީޘް ފެނުމުންނެވެ. ފޮޓޯގަނޑުގައި އެ ޙަދީޘްގެ ދަށުގައި ލިޔެވިފައިވީ ނަންތަކެވެ.
“ޒައިނާ، ޒުލްފާ، ޒޫނާ….” ފަލަކަށް އެ ނަންތައް ކިޔައިލެވުނެވެ. އޭގެއިން ކޮންމެ ނަމެއްގެ ކައިރީގައި އެޑްރެހެއް ލިޔެވިފައިވިއެވެ. އެޑްރެސްތަކުން އެއީ އަބޫދާބީގައިވާ ގެތަކެއްކަން ފަލަކަށް އެނގުނެވެ.
އެ ލިޔުންކޮޅު ފަރުވާތެރި ކަމާއިއެކީ ކިޔުމަށްފަހު ފަލަކް އޭތި އަނެއްފަރާތަށް އަނބުރައިލިއެވެ. އެ ފޮޓޯގަނޑުވަނީ ވީދިފައިކަން ފަލަކަށް އެނގުނީ އެވަގުތެވެ.
ފޮޓޯއިން ފެންނަމުން ދިޔައީ ބަގީޗާއެއްގައި ހުއްޓިލައިގެން ތިބި 3 ޢަރަބި އަންހެނުންނެވެ. 3 އަންހެނުން ވެސް ތިބީ ބުރުގާ އަޅައި އަބަޔާ ލައިގެން ހިނިތުންވެލައިގެންނެވެ. އޭގެ ތެރެއިން އެންމެ ކަނާތް ފަރާތުން ފެންނަމުން ދިޔައީ އޭނަގެ މަންމައެވެ. ފޮޓޯއިން ވީދާލާފައިވަނީ މަންމަގެ ކައިރީގައި ހުރި މީހެއްގެ ބައެވެ.
ފޮޓޯއަށް ބަލަން ހުރިހުރިހެން ފަލަކަށް ވިސްނެން ފެށިއެވެ. ފޮޓޯއިން އެ ފެންނަނީ ފޮޓޯގެ ފަހަތުގައި ލިޔެވިފައިވާ ނަންތަކުގެ ވެރިން ކުރެ ދެ މީހުންކަން ފަލަކަށް ނަގައިގަނެވުނެވެ. ދެމީހުންގެ އިތުރަށް ހުރީ އޭނަގެ މަންމައަށް ވުމުންނެވެ. އަދި އަމުދުން މަންމަ ލިޔެފައި އެ ވަނީ އޭނަގެ ބޮޑުދައިތަމެންގެ ނަންތަކެއް ކަން ވެސް ފަލަކަށް ނަގައިގަނެވުނެވެ.
އެ ވީދިފައިވަނީ ކޮން ބޮޑުދައިތައެއްގެ ފޮޓޯ ހެއްޔެވެ؟ ވީދާލީ މަންމަ ކަމަށް ވެދާނެ ހެއްޔެވެ؟ އެހެނަސް މަންމައަކީ އެކަހަލަ މީހެއްހެން ހިއެއްނުވެއެވެ.
ސުވާލުތައް ސިކުނޑިއަށް ފުނިޖެހެން ފެށި ވަގުތު ފަލަކް އެ ފޮޓޯ ނަގައި ފޮތް ލައްޕައިލިއެވެ. އަދި ފޮތް ހަރުގަނޑުގައި ޖަހައިލުމަށްފަހު ފޮޓޯގެ ފަހަތަށް ނަޒަރެއް ދިނީ އާ ޢަޒުމަކާއި އެކީގައެވެ.
**
ޒައުލްގެ ވެސް އާ އެދުމެއް އާވެފައިވިއެވެ. ނަމާދު ވަގުތުން އަދާ ކުރުމުގެ ޢަޒުމެވެ.
އެރޭ ‘އޮޅުމަކުން’ ޓީވީއިން ފެނުނު އާޔަތަށް ފަހު މުޅިން ވެސް ﷲ ގެ ނިޢުމަތްތައް އޭނައަށް ފެންނަން ފެށިއެވެ. ވަގުތު ބޭކާރު ކުރާ އެކުވެރިންނާއި ދުރުވެފައިވުމުން އެ ނިޢުމަތްތަކާއިމެދު ވިސްނަން ވެސް ޒައުލްއަށް ވަގުތު ލިބިފައިވިއެވެ. ހިތުގައި އެ ނިޢުމަތްތަކާއިމެދު ޝުކުރުވެރިކަން އާލާވާން ފެށުމުން ނަމާދު ކުރެވެން ފެށީ ޚުދު ޒައުލްއަށް ވެސް ނޭނގިއެވެ. ނަމާދު ވަގުތު ވަނުމާއިއެކު ނަމާދު ކުރަން ޒައުލް ބޭނުންވެފައިވެއެވެ. އޭނަ މަގުމަތިވީ ދުވަހު ﷲ ލަސް ނުކުރައްވައި އޭނައަށް އެހީވެވޮޑިގަތީތީ އެކަލާނގެއަށް ކިޔަމަންތެރިވާން ހިތް ބޭނުންވެފައިވާ ފަދައެވެ. ކޮންމެ ދުވަހަކު އެކަލާނގެ އޭނައަށް ވަގުތުން ވަގުތަށް ކާން ދެއްވައި ބޯންދެއްވާތީ އެކަލާނގެ އެންގެވިހާ ގޮތަކަށް އުޅެން އެ ހިތް އެދެމުން ދިޔައެވެ.
ވަގުތުން ނަމާދު ކުރެވެން ފެށި ފުރަތަމަ ދުވަހަކީ ޒައުލްއަށް ދުވަހަކުވެސް އިޙްސާސް ނުކުރެވޭ ކާމިޔާބީއެއް އިޙްސާސް ކުރެވުނު ދުވަހެވެ. އެ ދުވަހު އޭނަގެ އަޚްލާޤަށް އައި ބަދަލު ޚުދު އޭނައަށް ވެސް ފާހަގަ ކުރެވުނެވެ. އެ ދުވަހު ކޮޓަރިން ބޭރަށް ނިކުމެ މަންމައާއި ވެސް ހިނިތުންވުމަކާއިއެކީ ވާހަކަ ދެކެވުނެވެ. ނާއިލާއި އެކީ އިށީނދެ ކުޅޭ ހިތުން ކުޅެލެވުނެވެ. އަދި އަމުދުން މަންމަ ނެތް ވަގުތަކު ދޮންބެ ނޫރާ ދައްތައާއި ދިމާލަށް އެއްޗެހި ގޮވި އަޑަށް ހިތުގައި ނުރުހުންތެރިކަމެއް އުފެދުނެވެ. ދޮންބެ ސިޓިންގް ރޫމުގައި ހުރެ ނޫރާ ދައްތައާއި ދިމާލަށް އެއްޗެހި ގޮވީ ގަމީހެއް އިސްތިރި ނުކޮށް އޮންނާތީވެއެވެ. ނޫރާ ދައްތަ ބިރުން ކަހަލަ ގޮތަކަށް އެ ގަމީސް ހިފައިގެން ގޮސް ކޮޓަރިއަށް ވަނުމުން ޒައުލްއަށް ވާހަކަ ދެކެވުނެވެ.
“ދެޓް ވޯޒް ނޮޓް ކޫލް ދޮންބެ. ނޫރާ ދައްތަ ވެސް ދުވަހުގެ ތެރޭގަ ބައިވަރު ކަންތައް ކުރަން ހުންނައިރު ހަމަ ހަނދާން ނެތިދާނެދޯ؟” ޒައުލްއަށް އެ ވާހަކަ ނުހަނު މަޑުމައިތިރި ކަމާއިއެކީ ބުނެވުނު ގޮތާއިމެދު ޚުދު އޭނަ ވެސް ޙައިރާންވިއެވެ.
އަދުހަމް ބުމަގޮށްޖެހިފައި ޒައުލްއަށް ބަލަން ހުރެފައި ވާހަކަ ދެއްކިއެވެ.
“މިހާރު ތީނަ ވެސް އަފްޒަލަށް ވާން ފެށީދޯ؟” އަދުހަމް ނުރުހުންތެރިކަމާއިއެކީ ބުންޏެވެ. އެއަށްފަހު ޒައުލްއަށް ފަސްދީފައި ކޮޓަރިއަށް ދާން ހިނގައިގަތެވެ.
އެހިނދު ޒައުލްއަށް އެ ސުވާލާއިމެދު ޙައިރާންކަމާއިއެކީ ވިސްނެންފެށިއެވެ.
**
“ހަމަ ތިގޮތަށްތަ އޮފީހަށްދާން ވެސް ބުރުގާ އަޅަނީ؟ ލޯބި ރީތި ވާހަކަ 1000 ފަހަރަށްވުރެ ގިނަ ފަހަރު ބުނެވުމަށްފަހު ވެސް؟” އަފްޒަލް އެހެން ބުނެލީ، އެނދުގައި އޮވެ، ރީތިވާ މޭޒު ކުރިމަތީގައި ހުރި ފަލަކަށް ފަހަތުން ބަލަހައްޓައިގެން އޮވެއެވެ.
“އާނ…..މިއީ އަހަރެންގެ އާ ސްޓައިލަށް ހަދާލަން މިހާރު މި ވިސްނަނީ….ވޮހް! މިއީ ހެދުން ސްޓައިލްއެއްގެ އާ އައިޑިއާއެއްބާ!” ފަލަކް ބޯ މަތިން އިތުރު ޝޯލްއެއް އަޅައި، އެއްކޮނޑުމަތިން ވައްޓައިލަމުން އެހެން ބުނެ އަފްޒަލާއި ކުރިމަތިލީ، އުޖާލާވި ހިނިތުންވުމަކާއިއެކީގައެވެ.
“ހެހެހެ…..ވެދާނެ ހަމަ. އަހަރެންގެ ވައިފްއަކީ ހަމަ ފައްކާ ޓްރެންޑްސެޓާރއެއްވިއްޔާ.” އަފްޒަލް އެނދުން ތެދުވެގެން ގޮސް ފަލަކްގެ ކުރިމަތީގައި މަޑުކޮށްލަމުން ފަލަކްގެ ނިތުގައި ލުއި ގޮތަކަށް ނިތް ޖައްސައިލަމުން ދުރުވެލިއެވެ.
“އޯލް ދަ ބެސްޓް އިނގޭ މިއަދަށް؟ އެއްވެސް ނަޒަރަކާހެދި ފަލަކް އިސްނުޖަހާތި. ފަލަކް ތިއީ އަދިވެސް އެ ކުންފުނީގެ ޙައްޤު ވެރިޔާ.” އަފްޒަލް ފަލަކްގެ އޮފީސް ފުރަތަމަ ދުވަހަށްޓަކައި ނަސޭޙަތްތެރިވިއެވެ. އަފްޒަލް އެންމެ ފަހު ބަސްތައް ބުނެލީ މަހްރީން މަތިން ހަނދާން ކުރަމުންނެވެ.
ފަލަކް ހޮސްޕިޓަލުގައި އޮތްއިރު ވެސް އޮފީހުގެ ގިނަ މުވައްޒަފުން ފަލަކްގެ ޙާލު ބަލަން އައެވެ. އެހެނަސް މަހްރީން އޭނަ ބަލާކަށް ނާދެއެވެ. މަހްރީންގެ ހިތުގައި އޭނައަށްޓަކައި އޮތް ނަފްރަތުގެ ފުންކަން ފަލަކަށް ފަހުމްވީ އެހާ ހިސާބުންނެވެ.
އަފްޒަލް ބުނި އެއްޗެއް ފަހުމްވުމާއިއެކު ފަލަކް ހިނިތުންވުމަކާއިއެކީ ބޯޖަހައިލިއެވެ.
**
އޭގެ ދެ ގަޑިއިރެއްހާއިރު ފަހުން ފަލަކްގެ ކާރު ގޮސް ފެމިނިން ޑިޒައިންސްގެ ބިމުއަޑީ ޕާކިންގް އޭރިއާގައި ޕާކްވެގެން ދިޔައެވެ. ފަލަކް ކާރުން ފޭބުމަށްފަހު ޕާކިންގް ލޮޓުން ނިކުމެ ކުންފުނީގެ މައިދޮރާއި ދިމާލަށް ދިޔައެވެ. އޭނަ ފެނުމާއިއެކު ދޮރު ކައިރީގައި ތިބި ސެކިއުރިޓީ މީހުން ވެސް އެކަކު އަނެކަކަށް ބަލައިލިކަން ފަލަކަށް ފާހަގަވިއެވެ. އެއާއިއެކު ކިތަންމެ ބޭނުމެއް ނުވިޔަސް ފަލަކް ޖެހިލުންވެ، ފިޔަވަޅުތައް ލަސްވާ ގޮތްވިއެވެ.
އެހެނަސް ހަމަ އެވަގުތު އަފްޒަލް ބުނި ބަސްތައް ހަނދާން ކުރިއެވެ. އަދި އަމުދުން އޭގެ ކުރީ ދުވަހު ދަސްކުރި ﷲ ގެ ނަންފުޅު މަތިން ވެސް ހަނދާން ކުރިއެވެ. ﷲ އީ الْوَهَّاب އެވެ. ގިނަގިނައިން ހަދިޔާ ދެއްވަވާ ރަސްކަލާނގެއެވެ. އެކަލާނގެ ދެއްވާ ނިޢުމަތްތަކުގެ އިތުރުން އެކަލާނގެ ދެއްވާ ޙާލަތްތަކަކީ ވެސް ރީތިވެގެންވާ ހަދިޔާތަކެވެ. އުފާވެރި ޙާލަތެއް ދިމާވެއްޖެނަމަ އެކަލާނގެއަށް ޝުކުރުވެރިވެވެއެވެ. ދަތި ޙާލަތެއް ދިމާވެއްޖެނަމަ އެކަމަށް ކެތްތެރިވެ، ސަވާބު ހޯދެއެވެ.
ފަލަކްގެ ސޫރަ މިގޮތަށް ހުރުމުން ފަލަކް ވިސްނަންޖެހެނީ މީހުން އޭނައާއި މެދު ދެކޭނެ ގޮތަކާއި މެދުގައެއް ނޫނެވެ. އެހެނެއްކަމަކު ﷲ އޭނައާއިމެދު ރުހިވޮޑިގެންވާނީ އޭނަ ކޮން ގޮތަކަށް ޢަމަލު ކުރުމުން ކަމާއިމެދުގައެވެ. ހަމަ ގައިމުވެސް އޭނަ އިސްޖަހައިފިނަމަ އޭގެ މާނައަކީ އޭނަ ﷲ ނިންމެވި ގޮތަށް ނުރުހެނީކަމެވެ. އޭނަ ޖެހެނީ ކުރިން ފަދައިން ވެސް އިސްއުފުލައި، ހިނިތުންވުންތަކާއިއެކީ މީހުންނާއި ބައްދަލުކުރާށެވެ.
ހިތަށް ވެރިވި އެ ޚިޔާލާއިއެކީ ފަލަކް ރަނގަޅަށް އިސްއުފުލައިލަމުން އަމިއްލަ ނަފްސަށް ކުރާ އިތުބާރާއިއެކީ ސީދާ ހިނގުމެއްގައި ހިނގަން ފެށިއެވެ. އެއާއިއެކު ދެ ސެކިއުރިޓީ ގާޑުން ސީދާ ވެލިއެވެ. ފަލަކް އެ މައިދޮރުން ވަދެވުމާއިއެކު އޮފީހުގެ ރިސެޕްޝަން އޭރިއާގައި ތިބި މުވައްޒަފުންނާއި ކަސްޓަމަރުންގެ ނަޒަރުތައް ވެސް އޭނައަށް އަމާޒުވިއެވެ. ފަލަކް ހަމަ އެއްވެސް އެއްޗެކޭ ހިތަށް ނާރުވައި ހިނގާފައި ދަމުން އެހެން ދުވަހެކޭ ވެސް ކައިރިވަމުން ދިޔަ މީހުންނަށް ސަލާމް ގޮވަމުން ދިޔައެވެ. އެމީހުން އަޖާއިބެއްގައި ތިބެ ޖަވާބުދެމުން ދިޔައެވެ. ފަލަކަށް ލިފްޓާއި ހަމައަށް ނުދެވެނީސް އަލަށް ކުންފުންޏަށް ވަން ޒުވާން އަންހެން ކުއްޖަކާއި އޭނަ ދިމާވިއެވެ.
“ވަޢަލައިކުމުއްސަލާމް މޭމް! މޭމް ހާދަ ރީއްޗޭ ތިގޮތަށް ބުރުގާ އެޅީމަ. އާ ހިޖާބް ޓްރެންޑެއްދޯ؟”
އެ ކުއްޖާ ނުހަނު ޖޯޝާއިއެކީ އިނގިރޭސި ބަހުން އެހެން ބުނެލި ގޮތުން ފަލަކަށް ހީލެވުނެވެ. އަދި ވެދާނެއޭ ބުނެލިއެވެ.
އޭގެ އިރުކޮޅެއްގެ ތެރޭގައި ފަލަކަށް އިނދެވުނީގެ ފަލަކްގެ ކެބިންގެ މޭޒުދޮށުގައެވެ. އެ ތަނުގައި އިށީނދެ ފަލަކް އެންމެ ފުރަތަމަ ކަމަކަށް މޭޒުމަތީގައި ހުރި ފޯނުން މަހްރީންއަށް ގުޅައި، އައިސްދިނުމަށް އެދުނެވެ. މަހްރީން އެއްޗެކޭ ވެސް ނުބުނެ ފޯނު ކަނޑައިލިއެވެ. އޭގެ އިރުކޮޅެއްގެ ތެރޭ ހުޅުވިގެން ދިޔަ ދޮރުން މަހްރީން ވަދެގެން އައެވެ. މަހްރީންއަށް ފަލަކް ފެނުމާއިއެކު ފިޔަވަޅުތައް މަޑުޖައްސައިލީ ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ.
“އޯ މައި! ހަންޑިއެއްގެ ރޫމަކަށްތަ މި ވަދެވުނީ؟” މޭ މަތީގައި އަތް އަޅައިގެން ހުރެ މަހްރީން ޢަރަބި ބަހުން އެހެން ބުނެލި ގޮތުން ޙަޤީޤަތުގައި ފަލަކްގެ ހިތަށް ވަރަށް އުދަގޫވިއެވެ.
“ނޫނޭ….މިއީ ފެމިނިން ޑިޒައިންސްގެ ސީއީއޯގެ ރޫމް.” ފަލަކް ރައްދުގައި ތެދު ބަހެއް ބުންޏެވެ. އެއާއިއެކު މަހްރީން މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ.
“ހަހް! ތިކަހަލަ ސޫރައެއްގެ ވެރިންނަށް ސީއީއޯކަން ކުރެވޭތަ؟ އަދި މިކަހަލަ ކުންފުންޏެއްގަ؟” މަހްރީން އައިސް ފަލަކްގެ މޭޒުގެ ކައިރީގައި މަޑުކޮށްލަމުން ކޮޅަށް ހުރެ ދެއަތް އުރައިލިއެވެ. އޭނައަށްވުރެ ތިރިން ފަލަކަށް ބެލުމަކީ އޭނައަށް ލައްޒަތެއް ފަދައެވެ.
“ސީއީއޯކަން ކުރަން ބޭނުންވަނީ ރީތިކަމެއް ނޫން. އެކަމަށް ބޭނުންވާނީ ހުނަރުތައް. މަހްރީންގެ އެ ހުނަރުތައް ހުރި ކަމަށް އަހަރެން ޤަބޫލުކުރަން. ދުވަސްކޮޅެއް ވަންދެން ކުންފުނި ބަލައިދޭންވީއެއްނު؟” ފަލަކް ނިކަން ހަމަޖެހިގެން އިނދެ ހިނިތުންވުމަކާއިއެކީ ބުންޏެވެ. އެހިނދު ނުބައި ރައްދެއް ދޭން އުޅުނު މަހްރީން ކުއްލި ގޮތަކަށް އޮޅުން އަރާގޮތްވިއެވެ.
ނުނިމޭ
Jana
January 9, 2024 @ 4:05 pm
Salaam readers! Next episode will be uploaded on Friday In Sha Allah