ޤަދަރު (ފަންސާސްއަށްވަނަ ބައި)
ޒޫނާއަށް ބަލަހައްޓައިގެން ހުރި ފަލަކްގެ ނޭވާ މެދުކެނޑިފައިވިކަން ޚުދު ފަލަކަށް ވެސް ނޭނގެއެވެ. ފަލަކް ޤަބޫލުކުރަން ބޭނުންވީ ކުރިމަތިން ފެންނަމުން ދިޔައީ އޭނަގެ މަންމަ ކަމަށެވެ. އެހެނަސް މީގެ އިރުކޮޅެއް ކުރިން ސިޑިން ފޭބި މަހްރީން އައިސް މަންމާއޭ ކިޔައި ގޮވައިލުމުން ފަލަކް އޮޅުން އަރާ ގޮތްވިއެވެ. އެތައް ސުވާލެއް އެއްފަހަރާ ފަލަކްގެ ސިކުނޑިއަށް އެއްވާން ފެށި ވަގުތު މަހްރީން ވާހަކަ ދެއްކިއެވެ.
“ފަލަކް….މޭމް މި ގޭގަ ކީއްކުރަނީތޯ؟” މަހްރީން އެތާ ކޮޅަށް ތިބި ފަލަކާއި އަފްޒަލަށް ވަކިވަކިން ބަލަމުން ޢަރަބި ބަހުން ސުވާލުކުރިއެވެ. ފަލަކަށް ދެން ވެސް ޖަވާބެއް ނުދެވުމުން ޒޫނާ ވާހަކަ ދެއްކިއެވެ.
“މިއީތަ މަހްރީން ދަރިފުޅުގެ މޭމްއަކީ؟” ޒޫނާ ވެސް ޢަރަބި ބަހުން، ނުހަނު ސީރިއަސް ރާގަކަށް އެހީ، ފަލަކްގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް އަވަސް ނަޒަރެއް ދެމުންނެވެ. ފަލަކް ދަށްކޮށްލާ ފަދައަކުންނެވެ.
“އާނ މަންމާ….މަންމައަށް ވެސް ފެނިފައެއްނު ހުންނާނީ އިންޓަނެޓުން؟” މަހްރީން ބުންޏެވެ. މަހްރީން އެހެން ބުނުމުން ޒޫނާ ޒާތަކަށް ހީލިއެވެ.
“ނޭނގޭނެއެއްނު އަނދާފަ ހުރީމަ؟” ޒޫނާ އެހެން ބުނުމުން ފަލަކަށް ބެލުން ތިރިކޮށްލަމުން އިސްޖަހައިލެވުނެވެ. އެހިނދު އެ މޭގައި ރިހުމެއް އުފެދުނެވެ. ސީދާ އޭނަގެ މަންމަ އޭނައާއި ދިމާލަށް އެހެން ބުނިހެން ހީވުމުންނެވެ.
ފަލަކަށް ވީ ގޮތް ފެނިފައި ވީ އުފަލުގައި ޒޫނާ ހިނިތުންވެގެން ހުއްޓާ ފަލަކްގެ ފަހަތުގައި ހުރި އަފްޒަލް ފެނިފައި ވަގުތުން އެ ހިނިތުންވުން ފިލައިދިޔައެވެ. އަފްޒަލްގެ ބުމަގޮށްޖެހިފައިވި ގޮތުން ޒޫނާގެ މެއަށް ފިނިވެގެން ދިޔައެވެ. ފަލަކަށް ޙަޤީޤަތް ނޭނގުނަސް ފަލަކްގެ ފިރިމީހާއަށް އޭނަގެ ޙަޤީޤަތް އެނގުން ގާތްކަން ޒޫނާއަށް މާ ރަނގަޅަށް އެނގޭތީވެއެވެ.
“ހް…ހެހެ…..ހިނގާދޯ އިށީންނަން؟ ސިޓް؟” ޒޫނާ ސޯފާތަކަށް ޢިޝާރާތް ކުރަމުން ނުތަނަވަސްކަމާއިއެކީ ބުންޏެވެ. ފަހަތުން އެ ބަސް ބުނެލީ އަފްޒަލަށް ފަހުމް ކުރެވޭނެ ފަދައަކުންނެވެ.
“އިށީނދެވޭނީ ގޭގެ ވެރިޔާގެ ތަޢާރަފެއް ވެސް ލިބިގެނެއްނު؟ ފަލަކަށް ހީކުރެވެނީ ތިއީ އެހެން މީހެއް ކަމަށްހެން އަހަންނަށް ހީވަނީ…” އަފްޒަލް ނުރުހުންވެފައި ހުރެ އިނގިރޭސި ބަހުން ބުންޏެވެ.
އަފްޒަލް ބުނި އެއްޗެއް މަހްރީން ޢަރަބިން އަފްޒަލަށް ކިޔައިދިނުމާއިއެކު ޒޫނާ ވާހަކަ ދެއްކިއެވެ.
“އާނދޯ! މައި ނޭމް، ޒޫނާ. ފަލަކް އާންޓް.” ޒޫނާ ހިނިތުންވުމަކާއިއެކީ މަސައްކަތް ކުރީ އަފްޒަލް ރުއްސޭތޯއެވެ.
އެހެނަސް ޒޫނާ ބުނި އެއްޗަކުން އަސަރެއް ކުރި ހަމައެކަނި މީހަކީ ފަލަކްއެވެ. ކުރިމަތިން ފެންނަމުން ދިޔައީ އޭނަގެ މަންމަ ނޫންކަމާއި، އެއީ އޭނަގެ ބައްދަލުނުވާ ބޮޑުދައިތަ ޒޫނާއަށްވުން ގާތްކަމަށް ކުރިން ވެސް ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. އެހެނަސް ސީދާ އެ ޙަޤީޤަތް އިވިގެން ދިޔުމުން ފަލަކަށް އިސްއުފުލައިލެވުނު ހިނދު، މޭގައި ރިހުމެއް އުފެދުނެވެ. މަންމައާއި އެހާ ގާތް ހިސާބެއްގައި ހުރި އިރު ވެސް މަންމަ ނެތް ކަހަލަ އިޙްސާސެއް ކުރެވުނެވެ.
އޭގެ އިރުކޮޅެއްގެ ތެރޭގައި އެންމެން ތިބީ އެގޭގެ ސިޓިންގް ރޫމުގައި އިށީނދެގެންނެވެ. ގޭގެ ނޯކަރަކަށް ހުރި އަންހެން ކުއްޖާ ސައި ގެނެސްދިނުމުން އަފްޒަލް ދެންވެސް ނުރުހުންވެފައި އިނދެ ތިމަންނަ ސައިނުބޯނަމޭ ބުންޏެވެ. ޒޫނާ ފެނުނީއްސުރެ އޭނަ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެން އުޅޭ ފަދައެވެ. އެކަމާއިމެދު އެންމެ ކަންބޮޑުވީ ވެސް ޒޫނާއެވެ. ނަތީޖާއެއްގެ ގޮތުން ގިނަގިނައިން އަފްޒަލާއި ވާހަކަ ދައްކައި، އަފްޒަލާއި ޒާތީ ސުވާލުތަކެއް ކުރަން ފެށިއެވެ. އެންމެ ފަހުން ކެތް ނުކުރެވުމުން އަފްޒަލަށް ވާހަކަ ދެކެވުނެވެ.
“އަހަރެން ކުރާ ސުވާލަކަށް ޖަވާބު ދީފާނަންތަ؟ ތިއީ….ޒަހްރާ ދައްތަގެ އެއްމާބަނޑު ދައްތަދޯ؟” އަފްޒަލް އެހިއެވެ. އެ ސުވާލުތައް މަހްރީން ތަރުޖަމާކޮށްދިނުމާއިއެކު ޒޫނާއަށް ހިންދިރުވައިލެވުނެވެ.
“އަ…އާނ ހެހެހެ…” ޒޫނާ ނުތަނަވަސްކަން ފޮރުވަން ހީލިއެވެ.
“ދުވަހަކުވެސް މާލެއަށް ދިޔައިންތަ؟” އަފްޒަލް އެހިއެވެ.
“މާލެއަށް….ނުގޮސްވެސް ހުރެދާނެ. ކޮންކަހަލަ ސުވާލެއްދޯ؟ އަޅެ މި ޤައުމު މާ ރީއްޗެއް ނޫންތަ އަފްޒަލަށް ވެސް. ދެން ކީއްކުރަން މާލެދާނީ…ހެހެހެ…” ޒޫނާގެ ވާހަކަތަކުގައި އޮޅުންތައް އެކުލެވެން ފެށިއެވެ.
“ތި ސުވާލު ފަލަކާއި ކުރުން ކަންނޭނގެ ރަނގަޅުވާނީ. ފަލަކް މުޅި ޢުމުރު ޢަރަބި ޤައުމެއްގަ އުޅެފަ މާލެ ދިޔައިމަ. ކީއްކުރަންތަ އަހަންނާ ހުރިހާ ވާހަކައެއް ދައްކަނީ؟ ތިއީ ފަލަކްގެ ބޮޑުދައިތައެއްނު؟ ފަލަކާއި ވާހަކަ ނުދައްކަނީ ކީއްވެ؟” އަފްޒަލް އެހިއެވެ.
“އާނ….ދޯ؟ ފަލަކާއި ވެސް ވާހަކަ ދައްކަންވީ؟ ފަލަކް ދަރިފުޅު ކިހިނެއްތަ؟” އިސާހިތަކު ޒޫނާ ފަލަކާއި ދިމާލަށް ބެލިއެވެ.ދ
އެ ހުރިހާއިރު ހިމޭނުން އިސްޖެހިފައި އިން ފަލަކް ލަސްލަހުން އިސްއުފުލައި ޒޫނާއަށް ބަލައިލިއެވެ. ހިމޭންކަމާއިއެކީ އެ ސޫރައަށް ބަލަން އިނދެފައި ފަލަކް މަޑު އަޑަކުން ވާހަކަ ދެއްކިއެވެ.
“މަންމަ….ގެ ވާހަކައެއް ކިޔައިދެވިދާނެތަ؟” ފަލަކް އެ ސުވާލުކޮށްލި ހިނދު ކިތަންމެ ހިތްވަރެއް ކުރިއެއްކަމަކު ލޮލުން ކަރުނަ ހިލުނެވެ. އެހިނދު އަފްޒަލް ފަލަކަށް ބަލައިލި ހިނދު އަފްޒަލަށް ވެސް އަސަރު ކުރިއެވެ. ފަލަކް ޢަރަބިން ބުނި އެއްޗެއް މުޅިން ފަހުމް ނުކުރެވުނަސް އެއީ މަންމަގެ ވާހަކަކަން ޔަޤީން ކުރެވުނެވެ.
“މަންމަގެ ވާހަކަދޯ؟ ދަރިފުޅުގެ މަންމައަކީ ވަރަށް ހިތްހެޔޮ މީހެއް. މަންމައާއި ޒޫނާ ދައްތައާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް…ދެމީހުން ކުޑައިރުއްސުރެ ވެސް ހުރިހާ ކަމެއް އެކީގަ ކުރީ….” ޒޫނާ އެ ވާހަކަތަކުން ދޮގުތައް އަމުނަން ފެށިއެވެ.
ފަލަކް އެންމެ ބަހެއް ވެސް ބުނެލުމެއްނެތި ކަރުނުން ފުރެމުން ދިޔަ ލޮލާއިއެކީ އެ ވާހަކަތައް އަޑުއަހަމުން ދިޔައެވެ. ޒޫނާ ދައްތަގެ ސޫރައަށް ބަލައިގެން އިންއިންހެން މިއަދު މަންމަ ދުނިޔޭގައި ހުރިނަމަ އެ މޫނު ހުންނާނީ އެހެންތާއޭ ހިތަށްއަރަމުން ދިޔައެވެ. ކުރިމަތިން އެ ފެންނަމުން ދިޔައީ މަންމައެއް ނޫންކަން ފަލަކަށް ޔަޤީންވަމުން ދިޔައީ ޒޫނާ ދައްތަގެ ވާހަކަ ހުރި ގޮތުންނެވެ.
މަންމައަކީ އެ ދައްތަ ފަދައިން އަވަސްއަރުވައިގެން ވާހަކަ ދައްކާ މީހެއް ނޫނެވެ. މަންމަ ވާހަކަ ދައްކާނީ އަބަދުވެސް އެހެން މީހުންނަށް ފުރިހަމަ ސަމާލުކަން ދީގެން އެމީހުންނަށް ފަސޭހަވާނެ ފަދައަކުންނެވެ. މިއަދު މަންމަ އެތާ ހުރިނަމަ އޭނަގެ ގާތަށް އައިސް ބޮލުގައި ފިރުމައިލީއެވެ. ޙާލު ކިހިނެއްތޯ އަހައިލީއެވެ. އަދި އޭނަގެ ސޫރަ މިއަދު ބަދަލުވެފައިވާ ގޮތާއި ކުރިމަތިލުމަށް ހިތްވަރު ދިނީހެވެ. ޒޫނާގެ ކުރިމަތީގައި ވަގުތު ހޭދަކުރަމުން ދިޔަ ވަރަކަށް ފަލަކްގެ މޭގައިވި ރިހުން އިތުރުވަމުން ދިޔައެވެ.
ޒޫނާ ހުއްޓުމެއްނެތި ދައްކަން ފެށި ވާހަކައިގެ މެދުތެރެއިން ފަލަކްގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އެކަން އެނގުންވުމާއިއެކު ފަލަކް އަވަސްއަވަހަށް އެ ކަރުނަ ފޮހެލަމުން ސޯފާއިން ތެދުވުނެވެ. އަދި މަޑުކުރުމެއްނެތި އެ ގެއިން ނިކުމެގެން ދާން ހިނގައިގަތެވެ. އަފްޒަލް ފަހަތުން ގޮވައިލުމުން ވެސް ފަލަކް މަޑު ނުކޮށް ދިޔައީއެވެ.
ފަލަކް ހުރީ ވިސްނޭ ވަރަށްވުރެ އަސަރު ކޮށްފައިކަން އެނގުންވުމުން އަފްޒަލް ވަކި ހިސާބަކުން ގޮވުން ހުއްޓައިލުމަށްފަހު ފަލަކްގެ ފަހަތުން ދިޔައެވެ. އަފްޒަލް ހީކުރީ ފަލަކް ގޭޓުން ނިކުމެގެން ދާނީ ކާރަށް އަރަން ކަމަށެވެ. ފަލަކް ދިޔައީ ވެސް މަގުގައި ކާރު ޕާކްކުރެވިފައި އޮތް ދިމާލަށެވެ. އެހެނަސް ކާރާއި ހަމަވުމާއިއެކު ފަލަކް ކާރުގެ މަތީގައި އަތް އަޅާލީ ވެއްޓެން އުޅުނު ފަދައަކުންނެވެ. އެ މަންޒަރު ފެނުމާއިއެކު އަފްޒަލަށް ފަލަކްގެ ނަމުން ގޮވަމުން ފަލަކްގެ ގާތަށް ދެވުނެވެ.
“އާރ ޔޫ އޯކޭ ފަލަކް؟” އަފްޒަލް ފަލަކްގެ ކޮނޑުގައި ހިފަހައްޓައިލަމުން އެހިއެވެ. އެ ހިނދު ފަލަކްގެ މޫނުމަތި މިލާފައިވިއެވެ. އަފްޒަލް ކުރި ސުވާލުގެ ޖަވާބެއްގެ ގޮތުން ފަލަކް އިސްޖެހިފައި ހުރެ ބޯހޫރުވައިލިއެވެ.
“އައިމް ނޮޓް އޯކޭ….މަންމަ މަތިން ހަނދާންވަނީ. މަންމަ ދެކެން ބޭނުންވަނީ. މަންމައާއި ބައްދަލުކުރަން ބޭނުމީ އަފްޒަލް. މަންމައާއި ވާހަކަ ދައްކަން ބޭނުމީ…” ފަލަކް ކަރުނުން ފުރިގެންވި ލޮލާއިއެކީ ރޮވިފައިވާ އަޑަކުން ބުންޏެވެ.
“އިން ޝާ ﷲ އަދި ފަލަކްގެ ތި ހުރިހާ އެދުމެއް ފުރިހަމަވާނެ. ﷲ އަހަރުމެންނަށް ވަޢުދުކުރެއްވި ސުވަރުގޭގަ. މިއަށްވުރެ މާ ފުރިހަމަ ދުނިޔެއެއްގަ.” އަފްޒަލް، ފަލަކްގެ ލޮލުން ފޭބި ކަރުނަ ތިކި ފޮހެލަމުން ބުންޏެވެ.
“އެނގޭ….އެކަމަކު ޒޫނާ ދައްތަ ފެނުނީމަ….ވަރަށް ހިތަށް އުދަގޫވި. މަންމަގެ ސޫރަ ދައްތައަށް ލިބިފައި ވިޔަސް އެއީ މަންމަ ނޫންކަން އަހަންނަށް އެނގޭތީ….” ފަލަކް ކާރަށް ލެނގިލައިގެން ހުރެ، ހަމަޖެހެން މަސައްކަތް ކުރަމުން ބުންޏެވެ.
ފަލަކް އެ ބުނި ބަސްތަކުން އަފްޒަލްގެ ހަނދާނަށް އައީ އޭނަގެ ކުޑައިރުގެ ހަނދާނެކެވެ.
“ތިއީ ޒަހްރާ ދައްތައެއް ނޫން! ޒަހްރާ ދައްތަ ތިހާ ގޯހެއް ނުވާނެ!!!”
އަފްޒަލްގެ ކަންފަތުގައި ގުގުމައިލީ ޚުދު އޭނަގެ އަމިއްލަ އަޑެވެ. ކުޑައިރުގެ ރުޅިވެރި އަޑެވެ.
ޒަހްރާ ދައްތަގެ އެއްމާބަނޑު ކޮއްކޮއެއް ހުންނަކަން އެނގުމުން މާޒީގެ އެ ހަނދާނާއި، ބައިވަރު އެހެން ކަންތައް ވެސް އަފްޒަލަށް ސާފުވެގެން ގޮއްސިއެވެ. ޒޫނާ ފެނުމާއިއެކު އަފްޒަލް ނުރުހުންވެފައިވީ އެހެންވެއެވެ. އެ ވާހަކަތައް ފަލަކާއި ޙިއްސާ ކުރަން ކެތްމަދުވެފައިވިއެއްކަމަކު ފަލަކްގެ ޙާލަތު އެވަގުތު ހުރި ގޮތުން އެ ޒާތުގެ ވާހަކައެއް ދައްކަން ޖެހިލުންވިއެވެ.
ފަލަކް އެ ވަގުތު މާ ގިނަ ވާހަކައެއް ދެއްކުމެއްނެތި ކާރަށް އެރިއެވެ. އަދި ރަށަށް ހިނގަމާދޯއޭ ބުނެ އަފްޒަލާއި އެކީ ކާރަށް އަރައި ދުބާއިއަށް އަނބުރާ ދާން ދަތުރު ފެށިއެވެ.
ގެއަށް ދިޔުމަށްފަހު ވެސް ފަލަކް މުޅިން ހިމޭންވެފައިވުމުން އަފްޒަލް ވެސް ވަކި ވާހަކައެއް ދައްކާކަށް ނުއުޅުނެވެ. މަރުވެފައިވާ އަމިއްލަ މަންމަގެ ސޫރަ ދިރި ހުއްޓާ އެހާ ގާތުން ފެނުމުން ހިތަށް ކުރާނެ އަސަރެއް އަފްޒަލަށް އަންދާޒާ ވެސް ނުކުރެވޭތީވެއެވެ.
މުޅި ދުވަހުހެން ކޮންމެހެން ދައްކަން ޖެހިގެން ނޫނީ ވާހަކަ ނުދައްކާ އިނުމަށްފަހު ފަލަކް ވާހަކަ ދެއްކީ އެރޭގެ ވަގުތެއްގައެވެ. އަފްޒަލް ނިދަން ތައްޔާރުވެގެން އެނދަށް އަރަން ދިޔައިރު ފަލަކް އެނދުގެ ހެޑްބޯޑަށް ލެނގި، ރަޖާ އަޅައިގެން އަތުގައި އޮތް ގަނޑަކަށް ސީރިއަސް ނަޒަރެއް ދީގެން އިނެވެ.
“ކޯޗެއް މާ ވަރަކަށް ތި ކިޔަނީ މި ގަޑީގަ؟ އާ ދުޢާއެއްތަ؟” އަފްޒަލް ވެސް އެނދަށް އަރައި ފަލަކްގެ ކައިރީގައި އިށީނދެ އެ ގަނޑަށް ބަލައިލިއެވެ.
“ނޫނޭ….މިއީ ބައްޕަ އަހަންނަށް ދިން ސިޓީ. މީގަ އޮތް ވާހަކައަކުން އަހަރެން އަސްލު ބޮޑުދައިތަމެންނާއި ބައްދަލުކުރަން ދިޔައީ. ބައްޕަ ބުނީ މަންމަގެ މަރުގެ ޙަޤީޤަތް އެނގޭނެ ގޮތެއް ތިމަންނަ ކިޔައިދޭނަމޭ. އެހެން ބުނެފަ މަންމަގެ ފޮތެއްގެ ތެރެއިން އަހަންނަށް ބޮޑުދައިތަމެންގެ އެޑްރެސް ފެންނާނެ ގޮތް ހެދީ. ބައްޕަ ވަރަށް ސާފުކޮށް ބުނި ތިމަންނައެއް ނޫނޭ މަންމަ…މެރީ…” ފަލަކް އެ ފަހު ބަސް ބުނީ ޖެހިލުންވުމަކާއި އެކީގައެވެ.
“އެއީ ކީއްވެ ބައްޕަ ފަލަކް ކައިރި އެހެން ބުނަން ޖެހުނީ؟ ފަލަކަށް ހީވެފަ އޮތީ ފަލަކްގެ މަންމަ ޤަތުލުކުރީ ބައްޕަ ކަމަށްތަ؟”
“އާނ…..އަހަރެން މޮޔަކަމުން ހީވެފަ އޮތް ގޮތް އެއީ. ހަނދާންވޭ އަހަރެން ކުޑައިރު މަންމަ އައިސް ބައްޕަގެ ޝަކުވާ އަހަރެން ގާތު ކުރާ ހަނދާން. އެކަމަކު ބައްޕަ ބުނީ މަންމަ، ބައްޕަގެ ޝަކުވާއެއް ކޮށްފައެއް ނުވާނެއޭ. މަންމަ ފެނުނު ފަހު ދުވަހުވެސް ބައްޕަ ދެކެ ލޯބިވާ ވާހަކަ ބުންޏޭ…..އަހަންނަކަށް ނޭނގޭ މީގެއިން ޙަޤީޤަތަކީ ކޮބައިކަމެއް…..”
“އެހެން މީހަކު ޒަހްރާ ދައްތަ ކަމަށް ހެދިގެން ފަލަކް ކައިރިއަށް އައިސް ޝަކުވާ ކޮށްފަ ހުރުމުގެ ފުރުސަތު އެބައޮތްދޯ؟”
އަފްޒަލް ކޮށްލި އެ ސުވާލާއި އެކީ ފަލަކްގެ މެއަށް ފިނިވިއެވެ. އިސާހިތަކު ބޮޑުވެފައިވާ ދެލޮލާއިއެކީ އަފްޒަލަށް ބަލައިލެވުނެވެ.
“ތި ބުނީ….ޒޫނާ ދައްތަ؟” ފަލަކަށް އެހެން ބުނެވުނީ ވައި އަޑުންނެވެ. އޭގެ ޖަވާބެއްގެ ގޮތުން އަފްޒަލް ބޯޖަހައިލިއެވެ. އެއާއިއެކު ފަލަކް ބޯހޫރުވައިލިއެވެ.
“އެކަމަކު….އެހެންނެއް ނުވާނެދޯ؟ މީހަކު އެހާ ދޮގުވެރިވެދާނެތަ؟” ފަލަކް އަމިއްލަ އަމިއްލައަށް ވިސްނާ ފަދައަކުން ސުވާލުތައް ކުރިއެވެ.
“އަހަރެން ހުރީ ކުރިން ޒަހްރާ ދައްތައާ ދިމާވެފަ ފަލަކް. ކުރިން ނޭނގެނީ އެއީ ފަލަކްގެ މަންމަކަން. އެކަމަކު ފަލަކްގެ މަންމަ މަރުވީ މާލޭގަ ދިމާވި ޙާދިސާއަކުންނޭ ބުނި ފަހުން ފަލަކްގެ މަންމައަކީ ޒަހްރާ ދައްތަކަން އެނގުނު. އަހަރެން ޒަހްރާ ދައްތަ ވަރަށް ގާތުން ދެނެ އުޅުނިން. އެއީ ހިތްހެޔޮކަމުގެ ދެވަނައެއް ނެތް މިސާލެއް. ކަން މިހެން އޮތްވާ އެއްދުވަހު ޒަހްރާ ދައްތަ ވައްތަރު ޖަހާ އަންހެނަކު އަހަރުމެން ރެސްޓޯރެންޓަށް އައީ. ހަމަ އެ އައި ގޮތަށް އައިސް ރެސްޓޯރެންޓެއްގެ މޭޒުގަ އިށީނދެ އެ މޭޒު ސާފުކުރުމަށް ވެއިޓަރަކަށް އަމުރުކުރި ތަން އަހަންނަށް ދުރުން ފެނުނީ. ސޫރައިން އެއީ ޒަހްރާ ދައްތަހެން ހިވިޔަސް އަހަރެން އެންމެ ފުރަތަމަ ވެސް ހިތަށްއެރީ އެ ނުވާނެއޭ ޒަހްރާ ދައްތައަށް. އެ ވާނީ ޒަހްރާ ދައްތައާ ވައްތަރު މީހަކަށޭ. އަހަރެން ޔަޤީންކުރަން އެ މީހާގެ ގާތަށް ދިޔައިރަށް ހެވިލާފަ އަހަރެން ކައިރީގަ ކޮށި އިނގިރޭސިން ބުނީ މީރު ކާއެއްޗެއް ގެނެސްދޭށޭ. މިއީ ޒަހްރާ ދައްތައޭ. ބުނީމަ ކުރީކޮޅު އަހަރެން ވެސް އޮޅުނު….އެއީ ޒަހްރާ ދައްތައޭ ބުނާތީ އަހަރެން އަމިއްލައަށް އެންމެ ފުރަތަމަ ބޯން ބޭނުންވި ޖޫސްތަށި ގެނައީ ވެސް. ކަން ދިމާކުރި ގޮތުން އަހަރެން އަތުން ޖޫސްތަށި ދޫވެގެން ގޮސް ދައްތަގެ ހެދުމަށް އެޅި، ތަށި ތަޅައިގެން ދިޔައީ. އެއާއިއެކު ވަގުތުން ރުޅި އައިސްގެން އެ ދައްތަ ތެދުވެ ޢަރަބި ބަހުން އަހަންނާއި ދިމާލަށް ހަޅޭއްލަވަން ފެށީ. އަޑު ހަރުވެގެން މަންމައާއި ބައްޕަ ވެސް އައި. ވާހަކައިގެ ތެރެއިން ހަމަ ޒަހްރާއޭ ކިޔާ އަޑަށް އަހަރެން ބުނިން ތިއީ ޒަހްރާ ދައްތައެއް ނޫނޭ….”
އަފްޒަލް ތަފްސީލުކޮށް ކިޔައިދިނެވެ. އެކަމާއިމެދު ވިސްނަން އިނދެފައި ފަލަކް ވާހަކަ ދެއްކިއެވެ.
“އެހެންވީމަ ތި ބުނަން އުޅެނީ އެއީ ޒޫނާ ދައްތައޭތަ؟” ފަލަކް ދެންވެސް އެހިއެވެ.
“އެހެން ވިސްނީމަދޯ ހުރިހާ ވާހަކައެއް އެއްވަނީ؟ ޒޫނާ ދައްތަ މިއަދު އެއްބަހެއް ނުވޭ މާލެއަށް ދިޔަ ކަމަކަށް. އެކަމަކު އަހަރެން އެ ސުވާލު ކުރީމަ ޒޫނާ ދައްތަ ޖެހިލުންވިތަން އަހަރެން ދުށިން. ޖެހިލުންވާފަދަ ކަމެއް ކުރެވިފަ ހުރީމަދޯ އެހެންވާނީ؟ ޒޫނާ ދައްތަ ފަލަކްގެ މަންމައަށް ނަފްރަތުކުރަންވީ ސަބަބެއް އޮންނާނެތަ؟”
“ބައްޕަ ސިޓީގަ ލިޔެފަ އެބައޮތް ބިމުގެ މައްސަލައެއްގެ ވާހަކަ. މަންމަގެ ބޮޑުދައިތައެއް އެކަމާ ވަރަށް ބޮޑަށް މައްސަލަ ޖެއްސި ވާހަކަ. މި ވާހަކަ އަހަރެން ފުރާވަރަށް އެޅިގެން އައިއިރު ތުންތުންމަތިން ވެސް އަހަންނަށް އިވިފަ ވަނީ. ބައްޕަ، ކާފައަށް ގުޅައިގެން ފޯނުން ދެއްކި ވާހަކައަކުން.”
“ދެން މިހާރު އެ މައްސަލަ ޙައްލުވެއްޖެތަ؟”
“ބައްޕަ ސިޓީގެ ލިޔެފަ އޮތީ އެ މައްސަލަ ޙައްލުކުރަން މަންމަ ފަރާތު ކާފަ އަނެއްކާވެސް އަމިއްލަ ނަމުގެ މައްޗަށް އެ ބިން ބަދަލުކޮށްފިއޭ. މަންމަ މަރުވިފަހުން. އެކަމަކު ވެސް ބޮޑުދައިތަ ހިތްހަމައެއްނުޖެހެއޭ.”
“ހުމް….މަންމަ މަރުވިފަހުން ކާފަ އެކަހަލަ ފިޔަވަޅެއް އަޅާނީ ކާފައަށް ޙަޤީޤަތް އެނގޭތީބާ؟ ފަލަކްގެ މަންމަގެ މަރުގެ ތަޙުޤީޤެއް ހިންގިތަ؟”
“ހުމް….ހިންގާފަ އޮތީ. އަހަންނަށް ވެސް އެނގުނީ އަހަރެން ބައްޕަ ކުށްވެރި ކުރުވަން އަނެއްކާވެސް އެ މައްސަލަ ކޯޓަށް ހުށަހެޅުމުން. ލިޔުންތަކުން އެނގޭ ގޮތުގަ ތަޙުޤީޤުން ނިންމުނީ އެއީ މަންމަ އަމިއްލައަށް މަރުވީ ކަމަށް. މަންމަ އަތުގަ ވަޅި އަޅާފަ ހުރުމާއި، ކައިރީގަ އޮތް ވަޅީގަ މަންމަގެ އިނގިލީގެ ނިޝާން ހުރުމާ، ބެލްކަނީއިން ވެއްޓުން. އަވަށްޓެރިން ބުނި ކޮންމެވެސް ބީރައްޓެހި ފިރިހެނަކު އެގެއަށް ވަދެ ނިކުމެ އުޅޭ ކަމަށް. އެކަމަކު އެމީހަކު ފެންނަ ގޮތެއް ނުވި. އެކަހަލަ ގޮތަކަށް މައްސަލަ ނިމިފަ އޮތީ. ދެން އަހަރެން ބައްޕަ ކުށްވެރި ކުރަން އުޅުނީމަ އެކަން ސާބިތު ނުވީ، މަންމަ މަރުވި ދުވަހު ބައްޕަ މާލޭގަ ވެސް ނެތީތީ. އަދި އެ ބުނާ މޫނު ނިވާކުރި ބީރައްޓެހި ފިރިހެނަކާއި ބައްޕައާއި ގުޅުމެއް އޮތް ކަމަކަށް ވެސް ސާބިތެއް ނުވީތީ….” ފަލަކް ކިޔައިދިނެވެ.
“ހުމް….އަހަންނަށް ހީވަނީ ތި މައްސަލައިގަ ރަނގަޅު ހެކިވެރިޔަކާއި ގުޅިފަވަނީ އަހަރެންހެން. އަހަރެން މި ބުނާ ގޮތަށް ހަދައިފިއްޔާ….ފަހަރެއްގަ ކުށްވެރިޔާ ސާބިތުވެދާނެ…” އަފްޒަލް ލުއި ހިނިތުންވުމަކާއިއެކީ ބުންޏެވެ.
“އެއީ ކިހިނެއް؟ ކާކު ހެކިވެރިޔަކީ؟” ފަލަކަށް އޭނަގެ ހުރިހާ ސަމާލުކަމެއް ދީގެން އަހައިލެވުނެވެ.
**
ލަންޑަންގެ ތަނަވަސް އެޕާޓްމެންޓެއްގެ ބެލްކަނީއިން ފެންނަމުން ދިޔައީ ކަރަންޓު ފުރޮޅުލީ ގޮނޑިއެކެވެ. ގޮނޑީގައި އިށީނދެގެން އިނީ، ތުނި އިސްތަށިގަނޑު މުޅިން ނުރަވެފައިވާ މުސްކުޅި ފިރިހެނެކެވެ. ހިސާބަކަށް ދިގުވާން ފަށާފައިވާ ތުނބުޅިވެސް ވަނީ ނުރަވެފައެވެ.
މުސްކުޅި މީހާ އެހެން އިންއިރު އޭނަގެ އަތުގައި އައިޕެޑެއް އޮތެވެ. އައިޕެޑުން ހުޅުވިފައިވާ ފޮޓޯއިން މެދުގައި ހުއްޓިހުރި ފިރިހެނެކެވެ. އެ ފިރިހެންމީހާގެ ކުރިމަތީގައި ބެހެއްޓިފައިވާ ދެ ގޮނޑީގައި އެއް ސޫރައެއްގެ ވެރި ދެ އަންހެން ކުދިން ތިބި އިރު، ފިރިހެންމީހާގެ ކައިރީގައި އެއަށްވުރެ ދޮށީ ދެ އަންހެން ކުދިން ތިއްބެވެ.
އެ މީހާ އެ ފޮޓޯއަށް ބަލަން އިނދެ ކަނާތް އަތުގެ ބޮޑުވާ އިނގިލިން ފިރުމައިލީ، ވައްތަރު ދެ ކުދިންގެ ތެރެއިން ކަނާތް ފަރާތުގައި އިން އަންހެން ކުއްޖާގެ މޫނާއި ދިމާލުންނެވެ. ހަމަ އެވަގުތު އައިޕެޑަށް މެއިލް ނޮޓިފިކޭޝަނެއް އައެވެ. ނޮޓިފިކޭޝަނުން ‘ފަލަކް މަޖީދު’ ގެ ނަން ފެނިފައި އެ މީހާ މެއިލް ހުޅުވައިލިއެވެ.
“ސަލާމް. އަޅުގަނޑު މި މެއިލް ކުރަނީ ވަރަށް މުހިއްމު ކަމަކު. އަޅުގަނޑު ބޭނުންވަނީ ފެމިނިން ޑިޒައިންސް ހުރި ބިން ވަކި ފަރާތަކަށް ރައްދުކުރަން. އެއީ އަޅުގަނޑުގެ މިލްކަކަށް ވިޔަސް ތި ބޭފުޅާގެ އިޒުނަ ހޯދަން ޖެހޭ ކަމަށް ޤަބޫލުކުރަން. ތި ބޭފުޅާގެ އެއްވެސް އިޢުތިރާޒެއްވޭތޯ؟”
ޢަރަބި ބަހުން ލިޔެވިފައިވާ އެ މެއިލް ކިޔުމާއިއެކު ލުއި ހިނިތުންވުމެއް މުސްކުޅި މީހާގެ ތުންފަތްމަތީގައި ކުރެހުނެވެ.
“تِلْكَ الدَّارُ الْآخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِي الْأَرْضِ وَلَا فَسَادًا ۚ وَالْعَاقِبَةُ لِلْمُتَّقِينَ…”
(އެއީ އާޚިރަތުގެ (ނިޢުމަތުގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި فساد ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ ތަޤްވާވެރިންނަށެވެ.)
އެ މުސްކުޅި މީހާ ބަރު އަޑުން އެ އާޔަތް ކިޔައިލުމަށްފަހު އިތުރަށް ހިނިތުންވެލިއެވެ.
ނުނިމޭ
Jana
January 22, 2024 @ 4:21 pm
Salaam readers! Next episode will be uploaded on Friday In Sha Allah <3