ޤަދަރު (ފަންސާސްފަސްވަނަ ބައި)
“ސީއީއޯކަން ކުރަން ބޭނުންވަނީ ރީތިކަމެއް ނޫން. އެކަމަށް ބޭނުންވާނީ ހުނަރުތައް. މަހްރީންގެ އެ ހުނަރުތައް ހުރި ކަމަށް އަހަރެން ޤަބޫލުކުރަން. ދުވަސްކޮޅެއް ވަންދެން ކުންފުނި ބަލައިދޭންވީއެއްނު؟” ފަލަކް ނިކަން ހަމަޖެހިގެން އިނދެ ހިނިތުންވުމަކާއިއެކީ ބުންޏެވެ. އެހިނދު ނުބައި ރައްދެއް ދޭން އުޅުނު މަހްރީން ކުއްލި ގޮތަކަށް އޮޅުން އަރާގޮތްވިއެވެ.
“ކް….ކީކޭ؟” މަހްރީންއަށް އަހައިލެވުނެވެ.
“ތި އަޑުއިވުނީ ރަނގަޅަށް. އެދުވަހު މަހްރީން ދެއްކި ވާހަކަތަކާއިމެދު މޭމް ވަރަށް ފުންކޮށް ވިސްނައިފިން. މޭމް ހިތަށްއެރީ މަހްރީން ބޭނުމިއްޔާ މަހްރީންއާއި މި މަޤާމް ޙަވާލުކޮށްލުމޭ ރަނގަޅުވާނީ. އެކަމަށްޓަކައި ޑައިރެކްޓަރުންނަށް މަހްރީން މި މަޤާމް ފުރުވާ ގޮތް ދައްކާލަން ޖެހޭ. އޭރުން މަހްރީން ސީއީއޯއަކަށް ބަދަލުކުރަން އެމީހުން އެއްބަސްވާނީ.” ފަލަކް ދެންވެސް ވާހަކަ ދެއްކީ ހިނިތުންވުމެއްގައި އިނދެއެވެ.
“އެކަމަކު….ކީއްވެ؟” މަހްރީން އެހިއެވެ. އެއާއިއެކު ފަލަކް ފުން ނޭވައެއް ދޫކުރިއެވެ.
“تِلْكَ الدَّارُ الْآخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِي الْأَرْضِ وَلَا فَسَادًا… وَالْعَاقِبَةُ لِلْمُتَّقِينَ…ސޫރަތުލް ޤަޞަޞްގެ މި އާޔަތް ދަސްވި ފަހުން މޭމްގެ ޚިޔާލުތައް ބަދަލުވާން ފެށީ. އެހާ ހިސާބުން މަތީ މަޤާމަކަށްޓަކައި ހިތުގައި އޮތް އެދުން ނެތި ގޮއްސި. ހިތަށްއެރީ، މި ކުންފުނީގެ ދަށް މަޤާމެއްގަ މަސައްކަތް ކުރިޔަސް މޭމް އުޅޭނީ އުފާވެރި ދިރިއުޅުމެކޭ. މި ކުންފުންޏަކީ ﷲ ރުހިވޮޑިގެންވާ ފަދަ ހެދުންތައް ފަރުމާ ކުރާ ކުންފުންޏަކަށް ވީމަ މަސައްކަތުގެ ތެރެއިން ވެސް ޘަވާބު ލިބޭނެ އިން ޝާ ﷲ.” ފަލަކް ކިޔައިދިނެވެ.
އެހިނދު މަހްރީންގެ ދެބުމަ ކައިރިވެފައިވިއެވެ. ފަލަކް ބުނި އެ ވާހަކަތައް ފަހުމްކުރަން ދަތިވުމުންނެވެ. އާޚިރަތުގެ ޘަވާބު މި ދުނިޔޭގެ މުދަލަށްވުރެ މުހިއްމުވާންވީ ސަބަބެއް ނުވިސްނުމުންނެވެ.
“ވެލް….ވަޓްއެވާރ! އޭގެ މާނައަކީ މުޅި މި ޢިމާރާތް ވެސް އަހަންނަށް ލިބޭނެއޭތަ؟” މަހްރީން އެހިއެވެ.
“މުޅި ޢިމާރާތް ވެސް ބޭނުންވަނީތަ؟”
“ހުމް…ބޭނުން!”
“ތިކަން….ނޭނގެ ކުރެވޭނެ ގޮތެއް. މި ޢިމާރާތަކީ ޢިމާރާތުގެ ވެރިފަރާތުން އަހަންނަށް ދީފައިވާ އަމާނާތެއް. އެ ވެރިފަރާތުން ބުނީ ޝުކުރުވެރިކަމާއެކީ ﷲ ރުހިވޮޑިގެންވާފަދަ ގޮތަކަށް މި ޢިމާރާތުގައި ވިޔަފާރި ހިންގާށޭ. މަހްރީންއަށް އެގޮތަށް ވިޔަފާރި ހިންގޭނެތަ؟”
“އޮފްކޯސް! ހިންގާނަން!”
“އިން ޝާ ﷲ….ހެހެ….އެހެންވީމަ އެ ވާހަކަ ދައްކާލާނަން އެ ބޭބެއާ. ސޯ މިއަދު މަހްރީން މި ހަދަނީ ޓެމްޕޮރަރީ ސީއީއޯއަކަށް. އަހަރެން ދަތުރަކު ގޮއްސަ އަންނަންދެން.”
“ކޮން ދަތުރެއް؟”
“މިއުޅެނީ އަފްޒަލާއިއެކީ ކުޑަ ދުވަސްކޮޅަކަށް އަބޫދާބީއަށްދާން…”
“އަބޫ…ދާބީއަށޭ؟”
އެ ރަށުގެ ނަން ބުނުމާއިއެކު މަހްރީންގެ މޫނުގެ ކުލަވަރު ބަދަލުވި ގޮތް ފަލަކަށް ފާހަގަވިއެވެ. އެ މޫނުމަތިން ފެނުނީ ޙައިރާންކަމަށްވުރެ ބޮޑަށް ނުތަނަވަސް އަސަރެކެވެ. އެކަމާއިމެދު ޙައިރާންވުމުން ފަލަކަށް ވާހަކަ ދެކެވުނެވެ.
“އާނ…..ކިހިނެއްވީ؟ މި ދުވަސްކޮޅަކީ އަބޫދާބީއަށް ނުދާންޖެހޭ ދުވަސްކޮޅަކީތަ؟ މޫސުން ގޯހީތަ؟ ހެހެ…..” ފަލަކަށް އަހައިލެވުނެވެ. އެއާއިއެކު މަހްރީން ބޯހޫރުވައިލިއެވެ.
“ނޫނޭ މޭމް….މޫސުން ހަމަ ރަނގަޅުވާނެ މި ދުވަސްކޮޅު. މޭމް ތި ދަނީ….ކޮން ކަމަކުތޯ؟” މަހްރީން ދެންވެސް ޖެހިލުންވުމަކާއިއެކީ ފަދައަކުން އެހިއެވެ. މަހްރީން އޭނައާއި ވާހަކަ ދައްކާ ދަރަޖަވެސް ބަދަލުވިކަން އެނގުންވިއެވެ. ފަލަކަށް އެކަން ވެސް ފާހަގަވިއެއްކަމަކު އެވަގުތު އަޅާއެއް ނުލިއެވެ. މަހްރީންގެ ނަޒަރުގައި އޭނަގެ މަޤާމް ބަދަލުވަނީ މަހްރީން ބޭނުންވާ ކަންތައް ފުރިހަމަވުމުގެ މައްޗަށްހެން ހީވުމުންނެވެ.
“މި ދަނީ ހަމަ ޕާރސަނަލް ކަމެއްގަ.” ފަލަކް ނުސީދާކޮށް ޖަވާބުދިނެވެ.
“ހަޒްބެންޑާއި އެކީގަތޯ؟” މަހްރީން އެހިއެވެ.
“އާނ….”
“އޮހް! އެހެންވީމަ ހަނީމޫނަށް ދެއްތޯ ތި ދަނީ؟”
“ހެހެހެ….އެހެންކަމަށް ބަލަމާ!”
ފަލަކް އެހެން ބުނުމާއިއެކު މަހްރީން ވެސް ހީލިއެވެ. އެހިނދު ފަލަކްގެ ހިތުގައި ނޭނގޭ އުފާވެރިކަމެއް އުފެދުނެވެ. މި ވޭތުވެ ދިޔަ މަސްތަކުގެ ތެރޭގައި އޭނަ މަހްރީން މަތިން ހަނދާންވި މިންވަރު އެނގުންވީ އެވަގުތެވެ. ކޮންމެ ގޮތެއްވިޔަސް މަހްރީން އަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. ބައެއްފަހަރު މަހްރީންއަކީ އޭނަގެ ކޮއްކޮއެއްހެން ވެސް ފަލަކަށް ހީވެއެވެ. އެހެނަސް ފަލަކް ދުވަހަކުވެސް އެ ބަސްތައް ދުލާއި ހަމައަށް ގެނެސްފައެއް ނުވެއެވެ.
**
“ޒައުލް!”
ނޫރާ ޒައުލްއަށް ގޮވައިލި އަޑު ޒައުލްއަށް އިވުނީ، ޒައުލް އަމިއްލަ ކޮމްޕިއުޓަރުގައި މައްސަލައެއް ޖެހިގެން ސީޕީޔޫގެ ކަވަރު ނައްޓަމުން ދިޔަ ވަގުތެވެ.
“ކީކޭތަ ނޫރާ ދައްތާ؟” ނޫރާ ދައްތަ ހާސްކަމެއްގައި ހުރެ އަތުގައި އޮތް ފޯނަކާއިއެކީ އޭނަގެ ކައިރިއަށް އަންނަތަން ފެނި، ޒައުލްއަށް އަހައިލެވުނެވެ.
“ޒައުލް…..ޒައުލްއަށް އެނގޭނެތަ ވަޓްސްއެޕްގަ ޑިލީޓްވެފަ ހުރި މެސެޖުތައް އަނބުރާ ގެންނަން؟” ނޫރާ އެހިއެވެ.
“ތިއީ….އުދަގޫ ކަމަކަށްވާނީ އެކަމަކު….އަހަރެންގެ ފްރެންޑަކަށް އެނގިދާނެ. އެއީ ކީއްކުރަން؟ ތިއީ ދޮންބެގެ ފޯނުތަ؟” ކަމެއް ފާހަގަވުމުން ޒައުލްގެ ދެލޯ ބޮޑުވިއެވެ.
“ޒައުލް ﷲ އަށްޓަކައި އަހަންނަށް އިތުބާރު ކުރައްޗޭ. ޒައުލްގެ ދޮންބެ އުޅެނީ ވަރަށް ގޯސް ކަންތައް ގަނޑެއްގެ ތެރޭގަ.” ނޫރާ ފަހަތް ބަލަމުން ނުތަނަވަސްކަމާއިއެކީ ވައި އަޑުން ވާހަކަ ދެއްކިއެވެ.
“ކިހިނެއްވީ؟ އަނެއްކާ ދޮންބެ ޑްރަގްސްގެ ތެރެއަށް ވަނީތަ؟” ޒައުލް އެހިއެވެ.
“ތިކަން ވެސް އެބަކުރޭ. އަދި އޭގެ އިތުރުން، މީހުންގެ ފުރާނައާ ވެސް އެބަކުޅޭ.” ނޫރާ އެހެން ބުނުމާއިއެކު ޒައުލްގެ ދެލޯ ބޮޑުވީ ހިނދު މެއަށް ވެސް ފިނިވިއެވެ.
“ކް…ކިހިނެއް ދައްތައަށް އެނގެނީ؟”
“އަދުހަމް މެސެޖުތަކެއް ބަދަލު އެބަކުރޭ ދުބާއިގެ ކޮންމެވެސް މީހަކާ. އެމީހާއާ ވެގެން އަފްޒަލާއި ފަލަކަށާއި ފަލަކްގެ ބައްޕައަށް ވެސް އަނިޔާދޭން އެބަ ރާވާ. މިފަހުން ފަލަކްގެ ބައްޕަ ނިޔާވެއްޖެ. އެކަމާ އުފާ ފާޅުކޮށްފަ ވެސް އެބަހުރި. އަދުހަމް އެމީހަކު ބުނާހާ ގޮތަކަށް ހެދީމަ އަދުހަމަށް ލާރި ލިބެނީ. މި ފަހުން އަހަރެން މި މެސެޖުތައް ބަލާކަން އެނގުނީމަ އަދުހަމް މެސެޖުތައް ޑިލީޓް ކުރީ…..” ނޫރާ ތުރުތުރު އަޅާ އަޑަކުން ކިޔައިދިނެވެ.
“ދެން ދައްތަ ތިއުޅެނީ ދޮންބެގެ ކުށް ސާބިތުކުރަންތަ؟ އަހަރެން ހީކުރީ ދައްތަ ބޭނުމެއް ނުވާ ކަމަށް ދޮންބެ ހައްޔަރު ކުރުވަން.” ޒައުލްއަށް ބުނެވުނެވެ.
“އެއީ މާޒީގަ….އަހަރެން އަނދިރި ދުވަސްވަރެއްގަ. އަދުހަމް ފަލަކަށް ވެސް އަނިޔާ ދޭން އުޅޭކަން އެނގުނު ހިސާބުން އަހަރެންގެ ޚިޔާލު ބަދަލުވެއްޖެ. ފަލަކަކީ އަހަންނަށް އެހާ ރަނގަޅަށް ކަންތައް ކޮށްދީފަ ދިޔަ ކުއްޖެއް. އަހަންނަށް އެކުއްޖާއަށް އަނިޔާވެރިވާން އެހެން މީހަކަށް އެހީތެރި ނުވެވޭނެ….” ނޫރާ ކަރުނަ ހިލެން ފަށާފައިވާ ލޮލާއިއެކީ ބުންޏެވެ.
“އަސްލުވެސް….ދޮންބެ ގޯސްކަމެއް ކުރަންޏާ ދޮންބެއަށް އޭގެ އަދަބު ލިބެންޖެހޭނެ. އެހެންނޫނީ އަހަރުމެން ވެސް އޭގެ ޒިންމާ ނަގަންޖެހޭނެ. އެކަމަކު ދައްތާ…..ދޮންބެ ވާހަކަ ދައްކަނީ ދުބާއިގަ ހުރި މީހަކާ ވެއްޖެއްޔާ އަހަރުމެންނަށް ކުރެވޭނެ ކަމެއް އޮންނާނެތަ؟ ހެކި މިކޮޅަށް ހުށަހެޅީމަ މިކޮޅުގެ ފުލުހުންނަށް އެޅޭނެ ފިޔަވަޅެއް އޮންނާނެތަ؟ ނޫނީ ދޮންބެމެންނަށްތަ ހެކި ފޮނުވަނީ؟” ޒައުލް އެހިއެވެ. އޭނަ ދެންވެސްވީ ދެ ޚިޔާލެއްގެ މަތީގައެވެ. ނޫރާ ދައްތަ ބުނަނީ ހެޔޮ ވާހަކައެއްކަން އެނގުނަސް އޭނަގެ ކަންނެތް ނަފްސު އިތުރު ކަމެއް ނުކުރަން ބުނަމުން ދިޔައެވެ. ބޮޑު ކަންތައްގަނޑެއްގެ ތެރެއަށް ނުވަންނަން އެދެމުން ދިޔައެވެ. އެހެނަސް ޒައުލް އެ ޚިޔާލުތަކުގެ މައްޗަށް އަރައިގަނެވޭތޯ ވެސް ބަލަމުން ދިޔައެވެ.
“އަހަންނަށް އެނގޭ ހެކި ފޮނުވަންވީ ކާކަށްކަން.” ނޫރާ ސާބިތުކަމާއިއެކީ ބުނެލި ބުނެލުމުން ޒައުލްގެ ދެބުމަ ކައިރިވިއެވެ.
**
އަފްޒަލާއި ފަލަކް އަބޫދާބީއަށް ދިޔުމަށްޓަކައި ކާރަށް އެރީ އެދުވަހުގެ ހަވީރު ވަގުތެވެ. އެންމެ ފުރަތަމަ ފަލަކް އުޅުނީ އެކަނި ދާށެވެ. އެހެނަސް އަފްޒަލް އެކަމަށް އެއްގޮތަކަށް ވެސް މިފަހަރު އެއްބަސް ނުވިއެވެ. އަފްޒަލްގެ ކަންބޮޑުވުން ފަހުމްވުމުން ތިމަންނަ ދާހާ ތަނަކަށް އަންނާށޭ ފަލަކް ބުނެލީ ހެވިފައި ހުރެއެވެ.
ދަތުރު ފެށުމުން އަފްޒަލް ފަލަކް ކުރެން މަހްރީންއާއި ބެހޭގޮތުން ސުވާލުކުރިއެވެ. ފަލަކް އެދުވަހު ގެއަށް އައިސް އަބޫދާބީއަށް ދިޔުމަށް ޕެކްކުރަން ފެށީތީ ކުރިން ސުވާލުކުރަން ފުރުސަތެއް ނުލިބުމުންނެވެ.
“މަހްރީން ޓެމްޕޮރަރީ ސީއީއޯއަކަށް ހަދާފަ މިއައީ. އަހަރެން އަންނަންދެން.” ފަލަކް ބުންޏެވެ.
“ވަޓް؟!” އަފްޒަލަށް ބުނެވުނެވެ.
“ހެހެ…އެހާ ޙައިރާންވާންވީ ކަމެއް ނޫނޭ. މަހްރީން އާއި އަހަންނާ ދޭތެރޭ ކަންތަކެއް ނުހިނގިޔަސް އަހަރެން މި ނިންމުން ނިންމީސް. އަހަންނަށްފަހު ކުންފުނި ބެލޭނެ މީހަކަށް ހުންނާނީ މަހްރީން. މި ވިސްނަނީ މަހްރީން ބޭނުންވާ ކަމެއް މަހްރީންއަށް ފުރިހަމަ ކޮށްދޭން. މަހްރީންގެ ހުނަރުތަކާއިމެދު ޑައިރެކްޓަރުން ހިތްހަމަޖެހެންޏާ މަހްރީން ޕާމެނެންޓް ސީއީއޯއަކަށް ހަދަން.” ފަލަކް ކިޔައިދިނެވެ.
“ކާންޓް ބިލީވް ދިސް ފަލަކް. ތިއީ ފަލަކްގެ ކުންފުންޏެއް ނޫންތަ؟ ފަލަކްގެ ބުރަ މަސައްކަތުންނެއް ނޫންތަ ތި ކުންފުނި ބިނާވެގެން ދިޔައީ. ދެން އެހެން މީހަކަށް ކީއްވެ ތި ކުންފުނީގެ އެންމެ މަތީ މަޤާމް ލިބެންވީ؟” އަފްޒަލް އެހިއެވެ.
“ކޮންމެހެން މަތީ މަޤާމެއްގަ ހުންނާކަށް ނުޖެހޭދޯ އަފްޒަލް؟ މަތީ މަޤާމެއްގަ ހުރުމަކީ އަހަންނަށް ކޮންމެހެން ސުވަރުގެ މަގުފަހިވާނެ ކަމެއް ނޫން. އެހެންނޫނަސް އަހަރެން އެ ކުންފުނި ފެށީ މުޅިން ނުބައި ނިޔަތްތަކާއިއެކީ. ނުބައި ނިޔަތްތަކުން ފަށާ ޢަމަލުތަކުން އަހަރެން އާޚިރަތުގައި ނާކާމިޔާބުވުން ގާތް. އެ ނިޔަތްތައް އިސްލާޙު ނުކުރެވެންޏާ. އެހެންވީމަ އާ ފެށުމަކުން ފަށަން ބޭނުމީ….” ފަލަކް އެ ވާހަކަތައް ދެއްކިއިރު އެއްފަހަރުވެސް އެ މޫނުމަތިން ހިނިތުންވުން ނުފިލައެވެ. އެ ނިންމުމާއިމެދު ފަލަކްގެ ހިތްހަމަޖެހިފައިވި ވަރުންނެވެ. އެކަން އަފްޒަލަށް ފާހަގަވުމުން އަފްޒަލަށް ވާހަކަ ދެކެވުނެވެ.
“ފަލަކް ތިކަމާއިމެދު ހިތްހަމަޖެހެންޏާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް…ޑޭމް! މިހާރު އަހަރެން ކެރިއާރގަ ކުރިއަށް މި ދަނީ ކޮން ނިޔަތްތަކާ އެކީގަތޯ ހިތަށް އެބައަރާ!” އަފްޒަލް އެހެން ބުނުމާއިއެކު ފަލަކަށް ހެވެން ފެށިއެވެ.
**
ފަލަކާއި އަފްޒަލް އަބޫދާބީއާ ހަމައަށް ފޯރީ އޭގެ ދެ ގަޑިއިރު ފަހުންނެވެ. ‘ޒުލްފާ’ ނަމަކަށް ކިޔާ ބޮޑުދައިތަގެ އެޑްރެސް ޖީޕީއެސްގައި ލިޔެވިފައިވުމުން އިތުރަށް ކުރިއަށް ދަތުރު ކުރުމަށް ޖީޕީއެސްއިން ޢިޝާރާތް ދެމުން ދިޔައެވެ.
“މި ގޯޅިން އަޅާފަ އެންޑް…..ހިއާރ ވީ އާރ!” ފަލަކް އެހެން ބުނެލި ހިނދު ފަލަކްގެ ކާރު ޕާކްވެގެން ދިޔައީ، ހުދު ކުލައިގެ ނުހަނު ޝާހީ ގަނޑުވަރުތަކެއް ޖައްސަ ޖައްސައިގެން ހުރި ހިސާބެއްގައެވެ.
ކާރު ޕާކް ކުރުމަށްފަހު ފަލަކް ކާރުން ފޭބި ހިނދު އަފްޒަލް ވެސް ފޭބިއެވެ. ފަލަކް ކުރިމަތިން ފެންނަމުން ދިޔަ ލައްޕާލެވިފައިވާ ގޭޓުގެ ފާރުގައި ހަރުކޮށްފައިވި ބެލް އަޅުވައިލިއެވެ. އެހިނދު ފަލަކަށް ހުރެވުނީ ގޭޓުގެ އެއްފަރާތުގައި ހަރު ކުރެވިފައިވާ ކެމެރާގެ ކުރިމަތީގައެވެ.
ގޭގެ ފެންޑާއިންނާއި ދުރުދުރުން ވެސް މީހަކު ފެންނަން ނެތުމުން އެ ގޭޓު ނުހުޅުވޭނެކަމަށް ފަލަކް ހީކުރިއެވެ. އަދި އަމުދުން އޭނައަކީ ބީރައްޓެއްސަކަށްވުމުންނެވެ. އެހެނަސް އިސާހިތަކު އެ ގޭޓު އަމިއްލައަށް ހުޅުވެން ފެށިއެވެ. ލަސްލަހުން ހުޅުވެމުން ގޮސް މުޅިން ހުޅުވިގެން ދިޔުމުން ފަލަކް އަފްޒަލަށް ބަލައިލިއެވެ. އަފްޒަލް ބޯޖަހައިލުމުން ފަލަކް އެތެރެއަށް ވަންނަން ހިނގައިގަތެވެ. އަފްޒަލް ވެސް ފަލަކްގެ ފަހަތުން ދާން ފެށިއެވެ.
ފަލަކް އެ ގޭގެ މައިދޮރާއި ހަމަ ނުވަނީސް އެ މައިދޮރުގެ އެއްފަރާތް ވެސް ހުޅުވި، އެތެރެއިން ނިކުތް އަންހެނެއް ފެނުނެވެ. އެ ވާނީ އެގޭގެ މަސައްކަތު މީހާ ކަމަށް ފަލަކަށް އެވަގުތު ހީކުރެވުނެވެ. އެހެނަސް އެ ދޮރާއި ގާތްވަމުން ދިޔަދިޔަހެން އެއީ މަންމަގެ ފޮޓޯގައި ހުރި ޒުލްފާ ދައްތަކަން ފަލަކަށް އެނގުންވެގެން ދިޔައެވެ. އެކި ކުލަކުލައިގެ ވިދާ އެސްތަކުން ޖަރީ ކުރެވިފައިވާ އަބާޔާއަކާއި ބުރުގާ އަޅައިގެން އެހެރީ އޭނަގެ ބޮޑުދައިތަކަން ފަލަކަށް ޔަޤީން ކުރެވުނީ، މައިދޮރުގެ ކައިރީގައި ހިޔާ ކުރެވިފައިވި ބަޔާއި ހަމައަށް ދެވުމުންނެވެ. އޭނައަށް ބަލަހައްޓައިގެން ހުރި ޒުލްފާ ދައްތަގެ ނޭވާ ކުރުވެފައިވީއިރު އެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ.
ފަލަކް ގޮސް ޒުލްފާގެ ކުރިމަތީގައި މަޑުކުރިތާ މާ ގިނައިރެއް ނުވެ ޒުލްފާ ކުއްލި ގޮތަކަށް ފަލަކްގެ ގައިގައި ބައްދައިލިއެވެ.
“ޒަހްރާގެ ދަރިފުޅު ޒަހްރާއާއި ވަތްކެއްވެސް ނުވެއޭ!” ޒުލްފާ ދައްތަ ރޮއިގަންނަމުން ޢަރަބިން އެހެން ބުނެލި ގޮތުން ފަލަކްގެ ލޮލަށް ވަގުތުން ކަރުނަތައް ޖަމާވިއެވެ. އަދި ޒުލްފާ ދައްތަގެ ގައިގައި ބައްދާލެވުނީ ބޭއިޚްތިޔާރުގައެވެ. އެތައް އަހަރެއްފަހުން މަންމައެއްގެ ލޯބި އިޙްސާސް ކުރެވުނުހެން ހީވުމުންނެވެ. އިރުކޮޅެއްފަހުން ޒުލްފާ ފަލަކާއި ދުރުވެލަމުން ފަލަކްގެ ކޯތާފަތުގައި އެއްއަތުން ހިފައިލިއެވެ.
“ދަރިފުޅު….ދަރިފުޅު މިހުރިހާ އަހަރު ކިހިނެއްތަ އެކަނިމާއެކަނި އުޅުނީ؟ ހުރިހާ ކަމެއް ރަނގަޅަށްތަ ދިޔައީ؟ ބޮޑުދައިތަ ދަރިފުޅާއި ގުޅޭ ހުރިހާ ޚަބަރެއް ކިޔަމޭ. އެކަމަކު ދަރިފުޅު އަމިއްލައަށް ބޮޑުދައިތަމެންނަށް ކިޔައިދޭންވީއެއްނު؟ އަވަހަށް އެތެރެއަށް ވަދޭ. ސައި ތައްޔާރުކޮށްފަ ޒައިނާ ދައްތައަށް ވެސް ގުޅާލާނަން. ޒައިނާ ދައްތަ ވެސް ހުރީ ދަރިފުޅާއި ބައްދަލުކުރަން ކެތްމަދުވެފަ.” ޒުލްފާ ދައްތަ ބުންޏެވެ. އެ ދައްތަ ވާހަކަ ދެއްކި ގޮތުން ފަލަކާއި އަފްޒަލް ވެސް މުޅިން އަޖާއިބުވާހާވިއެވެ. އެ ދެމީހުންނަށް ވެސް އެނގިފައިވާ ގޮތުގައި ފަލަކްގެ ބޮޑުދައިތައިންނަކީ މިހާ ހިތްހެޔޮ ބަޔަކަށް ނުވުމުންނެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން އެމީހުންނަށް އާގަމަވެފައި ތިބެވުނީ އެހެންވެއެވެ.
އެގޭގެ ބޮޑު ސިޓިންގް ރޫމަށް ސައި ތައްޔާރު ކުރެވިގެން ގެނެވުނުއިރު، ޒައިނާ ދައްތަ ވެސް އެގެއަށް އައިއްސިއެވެ. ޒުލްފާ ދައްތައަށްވުރެ ތަންކޮޅެއް ހިކިކޮށް ދައްކަމުން ދިޔަ ޒައިނާ ދައްތަ ވެސް ފަލަކް ފެނުމާއިއެކު ގޮސް ރޮއިގެންފައި ފަލަކްގެ ގައިގައި ބައްދައިލީއެވެ. އެއަށްފަހު އެންމެންނާއިއެކީ ސިޓިންގް ރޫމުގައި އިށީނދެ ފަލަކާއި ގުޅޭ ގޮތުން އެކި ސުވާލު ކުރަން ފެށިއެވެ. މަންމަ ނިޔާވި ފަހުން އުޅުނީ ކިހިނެއްކަމާއި މެދުގައެވެ. ފަލަކް އެ ހުރިހާ ވާހަކައެއް ތަފްޞީލުކޮށް ކިޔައިދިނެވެ. އެހިނދު މި ހުރިހާ އަހަރު އެ ހިތުގައި އޮތް ހުސްކަމެއް ފުރެމުން ދިޔަ ކަހަލަ އިޙްސާސެއް ކުރެވުނެވެ. ޢާއިލީ ގުޅުންތަކުން ލިބޭ ލޯބީގެ އަގު ފަލަކަށް ވަޒަން ކުރެވުނީ އެވަގުތެވެ. ބޮޑުދައިތަމެންނާއި ވާހަކަ ދައްކަމުން ދިޔައިރު، މަންމައާއި ވާހަކަ ދެކެވޭ ކަހަލަ އިޙްސާސެއް ކުރެވުނެވެ. އެ ބޮޑުދައިތަމެންގެ މޫނުމަތިން މަންމައާއި ވައްތަރު ގޮތެއް ވެސް ފެންނަމުން ދިޔައީތީވެއެވެ. ގަދަބުމައާއި ދިގު އެސްފިޔައާއި އަޅި ކުލައިގެ ލޯތަކެވެ. ތަފާތީ މޫނުގެ ބައްޓަމެވެ. ޒުލްފާ ދައްތަގެ މޫނު ވަށްއިރު، ޒައިނާ ދައްތަގެ މޫނު ދިގެވެ. މަންމަގެ މޫނަކީ ހިތުގެ ބައްޓަމަށްވާ މޫނެކެވެ.
ފަލަކް އޭނަގެ ޙަޔާތުގެ ވާހަކަތައް ކިޔައިދޭން ގަޑިއިރެއް ހޭދަކުރިއިރު ވެސް ފޫހިކަމެއް ނެތި ބޮޑުދައިތަމެން އަޑުއެހިއެވެ. އެ ވާހަކައިގެ ތެރެއިން އަފްޒަލް ވެސް ތަޢާރަފުވެފައިވުމުން އެމީހުން އުދަގުލާއިއެކީ އިނގިރޭސިން އަފްޒަލާއި ވާހަކަ ދައްކަން މަސައްކަތް ވެސް ކުރިއެވެ. އެހުރިހާ ވާހަކަތަކަށްފަހު ފަލަކް ކުރަން ބޭނުންވެގެން ހުރި ސުވާލުކުރިއެވެ.
“ކީއްވެތަ އަހަރެން ކުޑައިރު ބޮޑުދައިތަމެން މަންމައާއި އަބަދު އަރައިރުންވީ؟” ފަލަކް އެ ސުވާލުކޮށްލީ ޖެހިލުންވުމަކާއިއެކީގައެވެ. އެ ސުވާލު ކުރެވުމާއިއެކު ޒުލްފާއާއި ޒައިނާގެ މޫނުމަތިން ހިނިތުންވުންތައް ފިލައިދިޔައެވެ. މުޅި މާޙައުލަށް މަރު ހިމޭންކަމެއް ވެރިވިއެވެ. އެހެނަސް އިރުކޮޅެއްގެ ތެރޭ ޒުލްފާ ދައްތަ ވާހަކަ ދެއްކިއެވެ.
“އަހަރުމެން އަރައިރުންވީ ޒަހްރާ އާއެއްނޫން. ޒޫނާއާ.” ޒުލްފާ ދައްތަ ބުންޏެވެ. އެއާއިއެކު ފަލަކްގެ ދެބުމަ ކައިރިވިއެވެ.
“އެކަމަކު….އަހަރެން ހަނދާންވޭ ހަމަ މަންމައަށް ރުޅިއައިސްގެން ބޮޑުދައިތަމެން ވާހަކަ ދެއްކި ހަނދާން!” ފަލަކް ސާބިތުކަމާއިއެކީ ބުންޏެވެ.
“އާނ…..އެއީ ޒޫނާ ކަމަށް ހީކޮށް އަހަރުމެން ޒަހްރާއަށް ރުޅިއައީ. ޒޫނާ އަހަރުމެން އޮޅުވައިލީ. ޒޫނާއާ ހެދި އަހަރުމެން މި ހުރިހާ ދުވަހު ފަލަކްއާ ވެސް ބައްދަލުނުކޮށް ތިބީ. ފަލަކްއާ ބައްދަލުކޮށްފިނަމަ ޒޫނާ ފަލަކަށް ކަމެއްކޮށްފާނެ ކަމަށް ބިރު ދައްކާފަ އޮތީ…” ޒުލްފާ ކިޔައިދިނެވެ.
“އެކަމަކު އެއީ ކީއްވެ؟” ފަލަކް ޙައިރާންކަމާއިއެކީ އެހިއެވެ.
“ފަލަކް އަދި…..ޒޫނާއާއި ބައްދަލު ނުކުރަންދޯ؟” ޒައިނާ ހިމޭނުން އިނދެފައި ކުއްލި ގޮތަކަށް ސުވާލުކުރިއެވެ.
“އަދި….ނުކުރަން. އެންމެ ފުރަތަމަ މިގެއަށް މި އައީ.” ފަލަކް ބުންޏެވެ.
“ބައްދަލުކުރާނަންތަ؟” ޒުލްފާ އެހިއެވެ.
“އާނ….ހުރިހާ ބޮޑުދައިތައިންނާއި ބައްދަލުކުރަން ނިންމައިގެން މި އައީ.” ފަލަކް ބުނެލިއެވެ.
“ފަލަކް…މާ ބޮޑަށް ޙައިރާން ނުވައްޗޭ ޒޫނާ ދައްތަ ފެނިފަ….ފިރިމީހާ ކައިރީގަ ބަހައްޓާތި ބައްދަލުކުރަން ދާއިރު. ޔޫ ގޯ ޓު ހާރ. ސްޓޭ ހާރ!” ޒައިނާ ފަލަކްގާތު ބުނުމަށްފަހު އަފްޒަލާއި ވެސް ވާހަކަ ދެއްކިއެވެ. އިނގިރޭސިން ބުނި އެއްޗެއް އަފްޒަލަށް ފަހުމް ވީ ޒައިނާ ދެއަތް ގުޅުވައިލަމުންނެވެ. ކޮންމެހެން ވެސް ފަލަކާއި އެކީ ހުންނަން އެދުނުކަން އަފްޒަލަށް އެނގުނެވެ.
އޭގެ އިރުކޮޅެއް ފަހުން ފަލަކާއި އަފްޒަލް އެގެއިން ނިކުތެވެ. އެއަށްފަހު މިޞްރާބުޖެހީ އެގޭގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގެއަށް ދިޔުމަށެވެ. އެގޭގައި ވެސް ހުރީ ޒުލްފާ ދައްތަގެ ގޭގައި ހުރިފަދަ ގޭޓެކެވެ. ފަލަކް ބެލް އަޅުވައިލަމުން ކުރިމަތިން ފެންނަމުން ދިޔަ ކެމެރާއަށް ބަލައިލިއެވެ. އިސާހިތަކު އެ ގޭޓު ވެސް ހުޅުވިގެން ދިޔައެވެ. އެހެނަސް ކުރިއާއި ޚިލާފަށް ނޭނގޭ ސަބަބަކާހުރެ ފަލަކްގެ ހިތް ވަށާލެވިފައިވީ ބިރުވެރިކަމުންނެވެ. އެގޭގެ ތެރެއަށް ވަންނަން ހިނގައިގަނެވުނީ ވެސް ޖެހިލުންވުމަކާއިއެކީ ގައެވެ.
ފަލަކާއި އަފްޒަލް ގޮސް އެ ގޭގެ މައިދޮރާއި ހަމަވީ ވަގުތު ވެސް އެ ގޭގެ ދޮރެއް ނުހުޅުވެއެވެ. އެހެންކަމުން ފަލަކް މައިދޮރުކައިރީގައި ހުރި ބެލް ވެސް އަޅުވައިލިއެވެ. އިރުކޮޅަކުން އެގޭގެ މައިދޮރު ހުޅުވައިލީ އެގޭގެ މަސައްކަތު މީހެކެވެ.
“ސާހިބާ އިރުކޮޅެއްގެ ތެރޭގަ ފައިބައިވަޑައިގަންނަވާނެ. އެތެރެއަށް ވަންނަންވީނޫންތޯ؟” އެ އަންހެން ކުއްޖާ އެދުނެވެ. އެއާއިއެކު ފަލަކާއި އަފްޒަލް އެގޭގެ ތެރެއަށް ވަނެވެ.
ފަލަކާއި އަފްޒަލް އެގޭގެ ތަނަވަސް ސިޓިންގް ރޫމުގެ ސޯފާގައި އިށީންތާ ބައިގަޑިއިރު ވީއިރު ވެސް މީހަކު ނާދެއެވެ. އެހެނަސް ބައިގަޑިއިރުވުމާއިއެކު އެއްފަރާތުން ފެންނަމުން ދިޔަ ސިޑިބަރިން އަންހެނަކު ފައިބައިން ފެށި އަޑު އިވުނެވެ. އެ ފިޔަވަޅުތަކުގެ އަޑުން އިވުމުން ނޭނގޭ ސަބަބަކާއިހުރެ ފަލަކްގެ ލޮލަށް ސިފަވެގެން ދިޔައީ އޭނަ މާލޭގައި އުޅުނު ދުވަސްވަރެވެ. މާލޭގެ ޑައިމަންޑް ޢިމާރާތުގައި މަންމަ ސިޑިން އަރާ ފައިބާ އަޑެވެ.
ފަލަކަށް އެ ސިޑި ބަރިއާއި ދިމާލަށް ބަލައިލެވުނު ހިނދު ކަޅުކުލައިގެ އަބާޔާއާއެކީ ބުރުގާ އަޅައިގެން ހުރި އަންހެނެއް ސިޑިން ފައިބަމުން ދިޔަ މަންޒަރު ފަލަކަށް ފެނުނެވެ. އެ އަންހެން މީހާގެ މޫނު އެއްފަރާތުން ފެނިފައި ވެސް ފަލަކަށް އެ ދިމާލަށް ބަލަން ހުރެ ކޮޅަށް ތެދުވެލެވުނީ ބޭއިޚްތިޔާރުގައެވެ. އެހިނދު ހަނދާންވަމުން ދިޔައީ މަންމަގެ ޖަންބުކުލަ އަރާ ކޯތާފަތެވެ. އެ ހަނދާން އާވެ، ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން ފަލަކްގެ ހިތުގެ ތެޅުން އަވަސްވެފައިވިއެވެ.
އެ އަންހެން މީހާ ސިޑިން ފޭބުމަށްފަހު ފަލަކާއި ކުރިމަތިލީ ހިނދު ފަލަކްގެ ހިތް ހުއްޓި، ނޭވާ ވެސް މެދުކެނޑުނު ފަދައެވެ. ކުރިމަތިން ފެންނަމުން ދިޔައީ ސީދާ މަންމަގެ ސޫރައެވެ. އެ ގަދަ ބުމައެވެ. ދިގު އެސްފިޔައެވެ. އަޅިކުލައިގެ ދެލޮލެވެ. ހިތުގެ ބައްޓަމަށްވާ މޫނެވެ. އެ ދިގު އިސްކޮޅެވެ.
ހިނދުކޮޅަކަށް ނަމަވެސް ޙަޤީޤީ ދުނިޔެއިން އެއްކިބާވެ އެއީ ފަލަކްގެ މަންމައޭ ފަލަކްގެ ހިތް ބުންޏެވެ. ފެންކަޅިވެގެން ދިޔަ ލޮލާއިއެކީ ‘މަންމާ’ އޭ ކިޔެން އުޅުނު ވަގުތު ސިޑިން އެހެން މީހަކު ފައިބަން ފެށި އަޑު އިވުނެވެ.
“މަންމާ!” އެ ނަމުން ގޮވައިލީ ވެސް ފަލަކް ދަންނަ އަޑެކެވެ. އެހިނދު ސިޑިން ފައިބަމުން ދިޔަ ބުރުގާ ނާޅާ އަންހެން ކުއްޖާއަށް ފަލަކާއި ދިމާލަށް ބަލާލެވިއްޖެއެވެ. އެއީ މަހްރީންއެވެ.
ނުނިމޭ
Jana
January 12, 2024 @ 5:47 am
Dear readers! Next episode will be uploaded on Monday In Sha Allah <3