ޤަދަރު (ފެށުން)
މާލޭގެ 16 ބުރީގެ ޢިމާރާތެއްގެ ޓެރެސް އަލިކޮށް ދިއްލާލެވިފައިވީ ހިނދު، ޓެރެސްގެ މެދުން ދިގު ކާމޭޒެއް ފެންނަމުން ދިޔައެވެ. ކާ މޭޒުގެ ވަށައިގެން ތިބީ ފިރިހެން ކުއްޖާކާއި އަންހެން ކުއްޖެއްގެ ޢާއިލާ މީހުންނެވެ. ދެކެވެމުން ދިޔައީ ނުހަނު އަވަހަށް ކުރެވެން އުޅޭ ކައިވެނީގެ ވާހަކައެވެ. އެ އުފާވެރި ވާހަކައިގެ ސަބަބުން އެންމެންގެ ވެސް މޫނުތަކުން ފެންނަމުން ދިޔައީ ހިނިތުންވުންތަކެވެ.
އެ ހިނިތުންވުންތަކުގެ ތެރެއިން ނުތަނަވަސްކަމާއި ރިހުމެއް އެކުލެވިގެންވި ހިނިތުންވުމެއްވިއެވެ. އެއީ އެރޭ އެންމެންގެ ސަމާލުކަން ހުއްޓިފައިވި ފިރިހެން ޒުވާނާގެ ހިނިތުންވުމެވެ. އެއީ އަޅައިގަންނަފަދަ ރީތިކަމެއް ލިބިފައިވި ޒުވާނެކެވެ. ކުރުކޮށް ކޮށާލެވިފައިވި ފަން އިސްތަށިގަނޑާއި، ހަތަރެސްކަން ބައްޓަމަށްވި މޫނާއި، ރީތި ކުރެވިފައިވި ކަޅުކުލަ ގަދަ ތުނބުޅިން ކޮންމެ އަންހެން ކުއްޖެއްގެ ވެސް ހިތް އަތުލަފާނެ ފަދައެވެ. އޮމާންކޮށް ބޮލުގައި ފުނާ އަޅާފައިވީއިރު ޒުވާނާ ލައިގެން ހުރި ހުދުކުލައިގެ ގަމީހާއި ކަޅުކުލައިގެ ފަޓުލޫނުން އެ ރީތިކަން އިތުރު ކުރުވިއެވެ. ބަލާ ބެލުމަށް އެ ޒުވާނާއަކީ އޭނަ ބޭނުންވާ ކޮންމެ އަންހެން ކުއްޖަކު ޙަޔާތަށް ގެނެވިދާނެފަދަ މީހެކެވެ. އެހެނަސް އެރޭ އޭނަގެ ކުރިމަތީގައި ހުރި ގޮނޑި ވަނީ ހުހަށެވެ. އެއީ އޭނަ އިންނަން އުޅޭ އަންހެން ކުއްޖާ ހުންނަންވާ ގޮނޑިއެވެ.
“ލިއްނު ނާންނާތީ ދަރިފުޅު ތި ހުންނަނީ ކަންބޮޑުވެފަދޯ؟ އަހަރުމެން ގުޅީމޭ މިތަނަށް އައުމުގެ ކުރިން. ބުނި އޮފީހުގެ މީޓިންގް ނިންމާލާފަ އަންނާނަމޭ….” އަންހެން ކުއްޖާގެ މަންމަ ޒުވާނާއަށް ބަލަން އިނދެ ބުންޏެވެ. އެއާއިއެކު ޒުވާނާ ގަދަކަމުން ހިނިތުންވެ، ބޯޖަހައިލިއެވެ. އެއީ އޭނަ ގާތު އެރޭ އެ ވާހަކަ ބުނެވުނު ދެވަނަ ފަހަރެވެ. އެހެނަސް ޒުވާނާގެ ހިތަށް ތަސައްލީއެއް ނުލިބެއެވެ. އޭނައަށް ނުހަނު ބޮޑު އުފާވެރިކަމެއް ލިބެން އުޅުނު މި ރޭ އޭނަގެ ޙަޔާތް އެ ފުށްމިފުށަށް ޖެހިދާނެހެން ހީވަމުން ދިޔައެވެ.
ވާނީވެސް އެހެންތާއެވެ. ޒުވާނާ ޙަޔާތުގައި ކުރަން ބޭނުންވި އެއްވެސް ކަމެއް އޭނަ ބޭނުންވި ގޮތަކަށް ގޮސްފައެއް ނުވެއެވެ. ކަމަކާއި ކުރިމަތިލާ ކޮންމެ ފަހަރަކުހެން އެކަމެއް އޭނައާއި ދުރު ކުރެވިގެން ދެއެވެ. ވޭތުވެ ދިޔަ ދެ ތިން ހަފްތާ ތެރޭގައި އޭނައާއިއެކީ ނުހަނު ލޯބިން އުޅުނު ލޯބިވެރިޔާ އޭނައާއި ދުރުވާން ފެށުމުން، އަނެއްކާވެސް އޭނައާއި ކުރިމަތި މި ވަނީ އެއްކަހަލަ ހިތާމައެއްތާއޭ ހިތަށް އަރަންފެށިއެވެ. ޢާއިލާ މީހުން ދެން ދައްކަން ފެށި ވާހަކަތަކުން އޭނަ ޙަޔާތުގައި ‘ފޭލް’ވި ކަންތައްތަކުގެ ވާހަކަ އިވެން ފެށުމުން، ހިތުގައިވި ނުތަނަވަސްކަން ދެގުނަވާން ފެށިއެވެ.
“ލިއްނު ބުނި އެކޮއި އަސްލު ވާން އުޅުނީ ޑޮކްޓަރަކަށޭ. ޑޮކްޓަރުކަން ކިޔަވަން ނުދިޔައީ ކީއްވެ؟ ޑޮކްޓަރަކަށް ވިނަމަ މިއަދު ތި ލިބޭ އާމްދަނީއަށްވުރެ ގިނައިން ލިބޭނެ ކަންނޭނގެދޯ؟ ލިއްނު ސަބަބު ކިޔައިދިން ހަނދާނެއް ނުވޭ…” އަންހެން ކުއްޖާގެ ބައްޕަ ވާހަކަ ދެއްކިއެވެ.
“ދާން….އެޕްލައިކޮށްފަ އޮތްވާ މަންމަ ވަރަށް ބޮޑަށް ބަލިވީމަ ބޭރަށް ކިޔަވަން ނުދިޔައީ…” ޒުވާނާ އެހެން ބުނެލީ މާޔޫސީ ގޮތަކަށް އިސްޖެހިފައިވާ ޙާލުގައެވެ. މީހުންނާއި އެކުވެރި، އަދި އަގު ހެޔޮކޮށް ބޭސް ފަރުވާ ފޯރުކޮށްދެވޭނެ ފަދަ ޑޮކްޓަރަކަށް ވުމަކީ އޭނަ ފުރާވަރުއްސުރެ ދެކުނު ހުވަފެނެކެވެ. އޭނަގެ މުދައްރިސުންނާއި އެކުވެރިން ވެސް މުސްތަޤްބަލުގައި އޭނަ އެފަދަ ޑޮކްޓަރަކަށް ވާނެކަން ޔަޤީން ކުރިއެވެ. އެހެނަސް އޭނަގެ ތަޤްދީރުގައި ލިޔެވިފައިވީ އެހެން ގޮތެކެވެ.
“އޯހް! ހާދަ ދެރައޭ. ބައްޕަ ވެސް ނެތް ދުނިޔެއެއްގަ އެކޮއިތާ މަންމަ ބަލަންޖެހޭނީ. ދަރިފުޅަށްވުރެ ދޮށްޓަށް އަދި ބޭބެއެއް ހުރެއެއްނު؟” އަންހެން ކުއްޖާގެ މަންމަ ބުންޏެވެ. އެ ސުވާލުން ޒުވާނާއަށް ވީ އުދަގުލާއިއެކީ ހިމޭންވިއެވެ. އިރުކޮޅަކަށް މާޙައުލަށް ވެރިވި ހިމޭންކަން ނަގައިލީ ޒުވާނާގެ ކައިރީގައި އިށީނދެގެން އިން އޭނަގެ މަންމައެވެ.
“އެ ދުވަސްވަރު….. އެ ދޮށީ ދަރިފުޅު އުޅުނީ މަސްތުވާތަކެތީގެ މައްސަލައެއްގަ ޖަލު ބަންދުގަ. އެ ދަރިފުޅު މަސްތުވާތަކެތީގެ ވަބައިގަ ނުޖެހުނުނަމަ އަހަރެންގެ މިހިރަ ދަރިފުޅަކީ ސްކޫލުން ވެސް އެންމެ މަތީ ވަނަތައް ޙާޞިލުކުރި ކުއްޖާއަށް ވީސް. މި ކުއްޖާ އޯލެވެލް އާއި އޭލެވެލް ހެދި ދުވަސްވަރަކީ އަޅުގަނޑުމެންގެ ގޭގެތެރެ ވަރަށް ހަލަބޮލިވި ދުވަސްކޮޅެއް…އެކަމަކު ﷲ ގެ ރަޙްމަތުން މިހާރު ދޮށީ ދަރިފުޅު ވެސް ރަނގަޅުވެ، މީހަކާއި އިނދެގެން އުޅެނީ. މިރޭ މިތާނގަ ނެތީ ދުވަސްކޮޅަކަށް އަންހެނުން ރަށަށް ގޮއްސަ ހުރީމަ…..މި ވާހަކަތައް އެކި ގޮތްގޮތަށް މި އަވަށުގަ ފެތުރޭތީ މި ކިޔައިދިނީ. ތިބޭފުޅުން މި ވާހަކަތައް އަޑުއަހާފަ އަޅުގަނޑުމެންގެ މި ދަރިފުޅު ދުރުކޮށް ނުލާނެކަމަށް ހީކުރަން. މިއީ ހުރިހާ ގޮތަކުން ވެސް ތިބޭފުޅުންނަށް ލިބޭނެ ހަމަ އެންމެ ފުރިހަމަ ދަނބިދަރިއަށް ވާނެ އިން ޝާ ﷲ!” ޒުވާނާގެ މަންމަ ސާބިތުކަމާއިއެކީ ބުންޏެވެ.
މަންމަގެ އެ ބަސްތައް އިވިފައި މޭޒުމަތީގައި ބޭއްވިފައި އޮތް ޒުވާނާގެ އަތް މުއްކެވުނެވެ. މަންމަ އެފަދައިން އޭނަ ދިފާޢު ކުރަން ޖެހުނު ކަމަށްޓަކައި އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
“ތިބުނީ ހަމަ ރަނގަޅަށްކަމަށް ޤަބޫލުކުރަން ބޭނުންވަނީ. މިހާރު ކުރިއަށް ތި ގެންދަނީ ބައްޕަ ފެށި ވިޔަފާރިއެއްދޯ؟ ކިހިނެއް ވިޔަފާރީގެ ކަންތައް ދަނީ؟” އަންހެން ކުއްޖާގެ ބައްޕަ ސުވާލު ކުރިއެވެ.
“އާދެ….އަދި އަޅުގަނޑު އުއްމީދު ކުރާ ހިސާބަކަށް ވިޔަފާރި ކުރިއަށް ނުދޭ އެކަމަކު ކުރިއަށް ގެންދާނެ ގޮތުގެ ރޭވުންތައް އެބަހުރި…” ޒުވާނާ އަޑަށް ސާބިތުކަން ވެރި ކުރުވަން މަސައްކަތް ކުރަމުން ބުންޏެވެ. ހަމަ އެވަގުތު މޭޒުމަތީގައި ބޭއްވިފައި އޮތް ފޯނަށް ވެސް ތަކުރާރުކޮށް ބެލެމުން ދިޔައެވެ.
އޭނަ ވަނީ އޭނަގެ ލޯބިވެރިޔާ ކަމަށްވާ ލީނާއަށް މީގެ ބައިގަޑިއެއްހާއިރު ކުރިން މެސެޖެއް ކޮށްފައެވެ. އެ މެސެޖުގެ ޖަވާބެއް ނުލިބި ގިނައިރު ވަމުން ދިޔަދިޔަހެން އޭނަގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އޭނަގެ ‘ބަދުނަސީބު’ ޙަޔާތް އަނެއްކާވެސް އޭނައަށް ހިތާމައެއް ދޭން އުޅޭ ކަމުގެ އިންޒާރު ލިބެން ފެށިއެވެ.
“އެކަމަކު އެކޮއިގެ ބައްޕަ ފަށައިގެން އުޅުނު ކުޑަ ރެސްޓޯރެންޓު އެއްޒަމާނެއްގަ ވެސް އެހާ މަޝްހޫރެއް ނުވެއޭދޯ؟ އެ ހިސާބުގަނޑުގެ ގޮތުން ކަންނޭނގެ. ކާމިޔާބު ކުރެވޭނެހެން ހީވޭތަ؟” ލީނާގެ މަންމަ ސުވާލުކުރިއެވެ.
“އި…އިން ޝާ ﷲ.” ޒުވާނާ ޖެހިލުންވުމަކާއިއެކީ ޖަވާބު ދިނެވެ. އޭނަގެ ލޯބިވާ އަންހެން ކުއްޖާގެ މަންމައާއި ބައްޕަ ރުއްސުމުގައި އޭނަ ނާކާމިޔާބުވަމުން ދިޔަހެން ހީވި ހީވިހެން ހިތަށް އުދަގޫވާން ފެށިއެވެ.
“ދެން އެހެންވީމަ ތި ކުއްޖާ ދެން ކިޔަވަން ޖެހޭނީ ވިޔަފާރިއާއި ގުޅޭ ގޮތުން ކަންނޭނގެދޯ؟ ކިޔަވަން އިތުރު ޚިޔާލެއް…”
ލީނާގެ ބައްޕަ އެ ސުވާލު ކުރުމުން ވެސް ޒުވާނާއަށް އިޙްސާސް ކުރެވުނީ އަމިއްލަ ނާޤާބިލިއްޔަތުކަމެވެ. މާލޭގައި ހުރެގެން އޭނަ ވިޔަފާރި ކިޔެވުމަށް އިހަކަށް ދުވަހު އެޕްލައި ކުރި ކޯހަށް ކުދިން ހަމަވެ އިތުރު ކުދިން ނުނެގޭނެ ވާހަކަ އޭނައަށް އިވުނީ އިއްޔެވެ. އެ ހަނދާން އާވިތާ މާ ގިނައިރެއްނުވެ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ވައިބްރޭޓްވުމުން ލީނާގެ ބައްޕަ ދެއްކި އިތުރު ވާހަކައެއް އިވޭ ގޮތެއްވެސް ނުވިއެވެ. އިސާހިތަކު ފޯނު ނަގައި ސްކްރީން ބަލައިލިއިރު ލީނާގެ މެސެޖެއް ސްނެޕްޗެޓުން އައިސްފައިވިއެވެ.
“ބޭބް….އައިމް ރިއަލީ ސޮރީ. އަހަންނަށް ލޯބި އާއި މެރީ ނުކުރެވޭނެ. އައި ޖަސްޓް ޗޭންޖްޑް މައި މައިންޑް. ހޯޕް ޔޫ އަންޑަސްޓޭންޑް…”
ޒުވާނާއަށް ޝޮކެއް ގެނުވި އެ މެސެޖު ކިޔައި ނިމުނުތަނާހެން ލީނާގެ ފަރާތުން ސްނެޕެއް އައެވެ. ސްނެޕް ހުޅުވުމާއިއެކު ފެނިގެން ދިޔައީ ދުއްވަމުން ދިޔަ ކާރެއްގެ ކުރީ ސީޓުގައި އިނދެ ލީނާ ނަގާފައިވި ވީޑިއޯ ކޮޅެކެވެ. ލީނާގެ މަންމައާއި ބައްޕަ ވެސް އޭނަގެ ގޭގައި ތިއްބާ ލީނާ ދާނީ ކާކުގެ ކާރަކުންތޯ ހިތަށްއެރިއެވެ. އެހެނަސް ހަމަ އެވަގުތު ލީނާ ފޮނުވި ވީޑިއޯއިން، އެ ދަނީ އެއާރޕޯޓު ސަރަޙައްދުންކަން އެނގުންވުމާއިއެކު ޒުވާނާއަށް ގޮނޑި ތެދުވެލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެއަށްފަހު އެތާ ތިބި ބައެއް މީހުން ކިހިނެއްވީތޯ އަހައި އޭނަގެ ނަމުން ގޮވިއެއްކަމަކު އެމީހުންނަށް ސަމާލުކަމެއް ނުދީ އެތަނުން ދާން ހިނގައިގަތެވެ.
އިރުކޮޅެއްގެ ތެރޭގައި ޒުވާނާ އިނީ ސައިކަލު މަތީގައެވެ. މާލޭގެ ހަލަބޮލި މަގުން ނުހަނު ބާރު މިނެއްގައި ދުއްވާފައި ދިޔައިރު، މިއީ އަމިއްލަ ގަދަކަން ދައްކަން މަސައްކަތް ކުރާ ޒުވާނެކޭ ބަލާ މީހުންނަށް ހީވެދާނެއެވެ. އެހެނަސް އެ ބާރުމިނުގެ ފަހަތުގައިވީ ހައިޖާނެއް އުފެދިފައިވި ޒުވާނާގެ ހިތް ކަން މީހުންނަކަށް ނޭނގެއެވެ. ހުރިހާ ގޮތަކުން ވެސް ބޮއްސުންލަމުން ދިޔަ އެ ޒުވާނާގެ ޙަޔާތަށް ކިރިޔާވެސް ލިބުނު އުފާވެރިކަމަކީ ލީނާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ލީނާ ހާދަ ގިނަ ގޮތްގޮތުން އޭނަ އުފާވެރި ކޮށްދީ، އޭނައަކީ އަގެއް ހުރި މީހެއްކަން އިޙްސާސް ކޮށްދިނެވެ. ޙަޔާތުގެ ކޮންމެ މަރުޙަލާއެއްގައި މައްސަލަ ޖެހުނަސް އޭނައާއި ލީނާގެ މެދުގައި މައްސަލަ ނުޖެހޭނެ ކަމަށް އޭނަ ހާދަ ހީކުރިއެވެ.
އެކަމުގެ އުއްމީދުގައި ލީނާގެ ފަރާތުން ފެނުނު ނޭދެވޭ ކަންތައްތަކަށް ކަނު ލޮލެއް ދިނީ ވެސް ޚުދު އޭނައެވެ. ލީނާ އޭނައާއި އެކީގައި ހުންނަ ވަގުތު ވެސް ކޮންމެވެސް ފިރިހެނަކާއި ވާހަކަ ދައްކާ އަޑު އޭނައަށް އިވިފައިވެއެވެ. ލީނާގެ ސޯޝަލް މީޑިއާގައި ވެސް އެ ފިރިހެނަކު ލީނާގެ ފޮޓޯތަކަށް ކޮމެންޓުކޮށް ދެމީހުން ނުހަނު މަޖާވެފައި ވާހަކަ ދައްކާފައިވާތަން ފެނިފައިވެއެވެ. އެހެނަސް ޒުވާނާ އެއްވެސް މައްސަލައެއް ނުޖެއްސީ އޭނަ ލީނާއަށް އިތުބާރު ކުރާކަން ދެއްކުމަށެވެ. އޭގެ ސަބަބުން ލީނާއަށް އޭނަގެ ލޯބީގެ ފުންކަން އިޙްސާސް ކުރެވިދާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް….
މަދު މިނެޓްތަކެއްގެ ތެރޭގައި ޒުވާނާގެ ސައިކަލު ގޮސް މަޑުކޮށްލީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ޓާރމިނަލް ކައިރީގައެވެ. ކުއްލި ގޮތަކަށް ސައިކަލު ޕާކް ކުރުމަށްފަހު ސައިކަލުން ފައިބައިގެން އެންމެ ފުރަތަމަ ކަމަކަށް ވެސް ޒުވާނާ ފޯނު ނަގައި ލީނާގެ ނަންބަރަށް ގުޅީއެވެ. ދެ ތިން ރިންގަކަށްފަހު އެކޮޅުން ފޯނު ބިޒީ ކުރި އަޑު އިވިގެން ދިޔައެވެ. ޓާރމިނަލް ހުރަސް ކުރަމުން އެކި ދިމާލަށް ނަޒަރު ހިންގަމުން ޒުވާނާ ތިން ފަހަރު ލީނާއަށް ގުޅިއެވެ. ހަމަ ކޮންމެ ފަހަރަކު އިވިގެން ދަނީ ބިޒީ ކުރެވިގެންދާ އަޑެވެ. ހަތަރުވަނަ ފަހަރަށް ލީނާއަށް ގުޅަން އުޅުނު ވަގުތު ފިޔަވަޅުތައް މަޑުޖެހުނީ، ޓާރމިނަލްގެ ތެރެއިން ފެނުނު މަންޒަރަކުންނެވެ.
ނުހަނު ބިޔަކޮށް ހުރި ފިރިހެނެއްގެ އަތުގައި އަތް އޮޅާލައިގެން ހެވިފައި ހުރެ ޗެކިންގް ކައުންޓަރާއި ދިމާލަށް ހިނގާފައި ދަމުން ދިޔައީ އޭނަގެ ލީނާއެވެ. މީގެ އަހަރެއްހާ ދުވަސްކުރިން އޭނަ ލޯބި ހުށަހެޅި ލީނާއެވެ. ފުރަތަމަ ފަހަރަށް އޭނަގެ ހިތުން ޖާގައެއް ހޯދި އަންހެން ކުއްޖާއެވެ. މުޅި ޙަޔާތް އެކީގައި ހޭދަކުރަން އޭނައަށް އާނބަސް ދިން އަންހެން ކުއްޖާއެވެ.
ލީނާ ލޯމައްޗަށް ގެއްލެންދެން ބަލަން ހުރިހުރިހެން ޒުވާނާއަށް ކުރަންވީ އިޙްސާސެއް ވެސް ނޭނގިފައި ހުރެވުނެވެ. ލީނާއަށް ގޮވައި އޭނައާއި ވި ވަޢުދާއި ޚިލާފުވީތީ ޝަކުވާ ކުރަން ހިތަށްއެރިއެވެ. އެހެނަސް އޭނައަށް އޭގެ ޙައްޤެއް ލިބިގެން ނުވާ ކަމަށް ހީކުރެވުނެވެ. އޭނަ ފަދަ ބަދުނަސީބު މިހަކާއިއެކީ ލީނާ ވެސް އުޅެން ބޭނުންވާނީ ފަހެ ކީއްވެ ހެއްޔެވެ؟ އަދި އަމުދުން އޭނަގެ ޙަޔާތުގައި ހިނގި މިކަހަލަ އެއްވެސް ކަމެއްގެ މައްޗަށް އޭނައަށް ބާރެއް ހިންގިފައެއް ނުވެއެވެ. ވީއިރު އެވަގުތު ކޮޅު ލޯމަތިން ފެންނަމުން ދިޔަ މަންޒަރު ޙައްލު ކުރަން މަސައްކަތް ކުރަންވީ ކީއްވެތޯ ހިތަށްއެރިއެވެ.
ހަމަ އެވަގުތު ޒުވާނާގެ ހިތުގައިވި ހިތާމަވެރިކަން އުޑަށްވެސް އިޙްސާސް ކުރެވުނު ފަދައެވެ. އިސާހިތަކު ލުއިކޮށް ވެހެން ފެށި ވާރޭ މިނިޓެއްގެ ތެރޭގައި ބޯވެގެން ދިޔައެވެ. ޒުވާނާއަށް އެވަގުތު ހުރެވުނީ ޓާރމިނަލުން ބޭރުގައި ކަމަށްވުމުން ޒުވާނާ އެއްކޮށް ތެމެން މާ ގިނައިރެއް ނުނެގިއެވެ. އެވަގުތު ޒުވާނާގެ ލޮލުން ފައިބަން ފެށި ކަރުނަތައް ވާރޭ ތިކިތަކާއި އެއްވެގެން ފައިބަމުން ދިޔައެވެ. އޭނަގެ ތަޤްދީރަކީ ހަމަ މިހާ ހިތި އެއްޗެއްތޯ ހިތާހިތުން ސުވާލުކުރެވުނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އާއެވެ. ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމަކީ އީމާންކަމުގެ ކިހާ މުހިއްމު ރުކުނެއްކަން ޒުވާނާއަށް ވެސް އެނގެއެވެ. އެހެނަސް އެރޭ ހިތަށް ކެތް ނުކުރެވުމުން ތަކުރާރުކޮށް ހިތާހިތުން ޝަކުވާ ކުރެވެމުން ދިޔައެވެ. އޭނައަށް މިފަދައިން ކަންތައް ދިމާވަނީ އޭނަ ކުރި ފާފައެއްގެ ސަބަބުންތޯ ހިތަށް އަރަމުން ދިޔައެވެ. މިއީ ޢަޒާބެއް ފަދައިން އޭނައަށް ލިބުނު ޙަޔާތެއްތޯ ހިތަށް އަރަމުން ދިޔައެވެ. އަދި އަމުދުން ޝައިޠާނާ އެ ޝަކުވާތައް އިތުރުކޮށް އެ ޚިޔާލުތައް ޒީނަތްތެރިވެސް ކުރަމުން ދިޔައެވެ.
ޒުވާނާއަށް އެރޭ ނުވިސްނުނު ކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަޤީޤަތުގައި ވެސް އެއްވެސް މީހަކަށް ދެރަ ގޮތެއް މެދުވެރި ނުކުރައްވާ ކަމެވެ. އެކަލާނގެ ގެ ކޮންމެ އިރާދަ ފުޅެއްގައި ހެވެއް ވާ ކަމެވެ. އެކަލާނގެ ގެ ރޭވުންތަކުގެ ފުރިހަމަކަން އެއްވެސް އިންސާނަކަށް ދޭހަ ނުކުރެވޭނެ ކަމެވެ. އަދި ޒުވާނާއަށް ނުހަނު އަވަހަށް އެކަން ފަހުމްވާން އުޅޭ ކަމެވެ.
ނުނިމޭ
Jana
September 3, 2022 @ 5:31 pm
Assalaam’alaikum kiyuntherin! 😀 Anekkaaves aa vaahaka akaa eky thiya kiyuntherinna bahdhalu kurevunyma ufaavejje. Alhamdhulillah! Ummeedhaky mi vaahakain ves thiya kiyuntherinnah gina guna faidhaa thakeh kurun In Sha Allah.
Hurihaa kiyuntheringe ves haalu rangalhu kamah ummeedhu kuran. Jana varah bodah balive ulheythy dhen oiy bai genesdheveyne dhuvas In Sha Allah Monday ga comment thakuge therey angaala dheynan.
Jazaakumullah Khairan for the support readers! Much love! <3 <3 <3
Scarlet
September 3, 2022 @ 5:41 pm
Woww. MaShaAllah feshun varahh reethi😍
Jana
September 5, 2022 @ 3:01 pm
Alhamdhulillah! Jazaakillah Khairan for the support, Scarlet! 😀
Aza
September 3, 2022 @ 6:23 pm
Nice prologue 💙
Jana
September 5, 2022 @ 3:01 pm
Alhamdhulillah! <3
Dhonthi
September 4, 2022 @ 5:04 am
Assalaamu alaikum 😊
Jana dhahtha haalu kihineii??
Varah dhuvas fahun dhw anekkaa ves bahdhalu mi v..hehe
I am so excited for this story….
Feshun varah unique..
Varah interesting story akah vaane hen heevanee….
Next part kiyaalaa hithun mihaaru ves meenee..
Ekam story liyaa iru hurun , inun , othun mi baithah handhaanu ga bahattai laigen liyumakee alhugandu ge varah bodu edhumeii….
First part v ma mistakes point out kuraakah nuvisnan….just advice ehh dhey hiyy v….
Hiyy hama nujehey ehcheii bunevifa in nama maafu kohdhehchey Jana dhahtha..
Jana
September 5, 2022 @ 3:04 pm
Wa’alaikumussalaam Dhonthi. Jana ge haalu mihaaru varah bodu than rangalhu Alhamdhulillah! hehe….Jana ves ufaavejje Dhonthi aai badhdhalu veema…hmm hama asluves mi story v thafaathu vaane In Sha Allah.
Labba Dhonthi, bahuge qavaaidhah visnaigen liyeveytho balaanan In Sha Allah. Ey maafah edhen jehey kameh nooney Dhonthi. Kuh basthakeh huriyya hama angaala dhy. Eyrunthaa Jana ahves dhasvaany dho? 😀
Jazaakillah Khairan for the support Dhonthi! <3
Jana
September 5, 2022 @ 3:05 pm
Salaam dear readers! Hope you enjoyed the prologue of Qadar 😃 ❤
I will be uploading the first episode coming Friday evening In Sha Allah. Much love! ❤ ❤ ❤