ޤަދަރު (ތިރީސްވަނަ ބައި)
“ތެދުތެދަށް ބުނަންޏާ އަހަރެން އުފާވި ހަމައެކަނި ސަބަބަކީ އެއީއެއްނޫން. މި ހުރިހާ ދުވަހު ފަލަކްއާއި ކައިވެނި ކުރުމާއިމެދު އަހަރެން ހުރީ ދެ ޚިޔާލެއްގެ މަތީގަ. އަހަރުމެން ދެމީހުންގެ ވެލިއުސްތައް މާ ބޮޑަށް ތަފާތުހެން ހީވާތީ ކައިވެނި ނުކުރަން ނިންމައިގެން އަހަރެން ހުރީ. އެކަމަކު މިރޭ މި ފެނުނު މަންޒަރުން އަހަރެންގެ ޚިޔާލު އަނެއްކާވެސް ބަދަލުވާން ފަށައިފި…”
އަފްޒަލް އެ ވާހަކަ ބުނެ، ފަލަކަށް ބަލައިލުމާއިއެކު ފަލަކްގެ ލޯ ބޮޑުވެ، ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެން ފެށިއެވެ.
ކުއްލިއަކަށް މި އިވުނީ ކޮން ވާހަކައެއްތޯ ފަލަކްގެ ސިކުނޑި ސުވާލު ކުރިއެވެ. އޭނަ ހުރީ މި ކައިވެނީގެ ވާހަކައިގެ މަތިން މުޅިން ހަނދާން ނެތިފައެވެ. އަދި އަފްޒަލް އޭނައާއި އިންނަން ބޭނުން ނުވާނެ ހުރިހާ ސަބަބެއް ދެއްކުމަށް އޭނަ ރޭވި ރޭވުން މަތިން ވެސްމެއެވެ. ވާނީވެސް އެހެންތާއެވެ. އަފްޒަލް މިހާ ދުވަސްވީއިރު ކައިވެނީގެ ވާހަކަ ދައްކާފައިވެސް ނުވެއެވެ. އެހެންކަމުން ނޭނގުމެއްގެ ތެރޭގައި ފަލަކަށް ހީކުރެވިފައިވީ އަފްޒަލް ވެސް ކައިވެނި ކުރަން ބޭނުންނުވާ ކަމަށެވެ.
އެހެނަސް މިވީ ކިހިނެއް ހެއްޔެވެ؟ މިވީ ކިހިނެއް ހެއްޔެވެ؟!!
ފަލަކްގެ ސިކުނޑީގައި ހައިޖާނެއް އުފެދުނު ހިނދު އަފްޒަލް ލުއި ގޮތަކަށް ހީލަމުން އިސްޖަހައިލިއެވެ. އަފްޒަލްގެ އެ ޙަރަކާތުން ފަލަކް އިތުރަށް އޮޅުން އެރުން ނޫންކަމެއް ނުވިއެވެ.
“ޑޯންޓް ވޮރީ ފަލަކް. އަހަރެން ކޮންމެހެން ރަޝް ކުރާކަށް ނެތިން. ފަލަކް ވެސް ހިތުން ރުހުމުން އަހަންނާއި އިންނަން އެއްބަސްވެއްޖެއްޔާ އަހަރެން ފަލަކާއި އިންނާނީ. އެކަމަށްޓަކައި އަހަންނާއި ބެހޭ ގޮތުން ފަލަކް ދަނެގަންނަން ބޭނުންވާ ވާހަކަތައް ތެދުތެދަށް ކިޔައިދޭނަން. އުއްމީދަކީ ފަލަކަށް އަހަރެން ކަމުދާނެ ކަމަށް…” އަފްޒަލް އެހެން ބުނެލީ ޒާތެއްގެ ހިނިތުންވުމެއް ފަލަކަށް ދެމުންނެވެ.
އެއާއިއެކު ފަލަކްގެ ސިކުނޑި ގޮވައިގެންދާން އުޅުނުހެން ފަލަކަށް ހީވިއެވެ. އިސާހިތަކު އޭނަގެ ހިތުގެ ތެރެއިން ނޫނެކޭ ބުނި ހަރު އަޑެއް ފަލަކަށް އިވުނެވެ.
ނޫނެކެވެ. އޭނަ އެއްވެސް ގޮތަކުން އަފްޒަލަށް އޭނައާއި ކައިވެނި ވިޔައެއް ނުދޭނެއެވެ. އަފްޒަލްގެ އުއްމީދަކީ އޭނައަށް އަފްޒަލް ކަމުދިޔުން ކަމަށްވާނަމަ، އޭނަގެ އުއްމީދަކީ އަފްޒަލަށް އޭނަ ކަމުނުދިޔުމެވެ.
އާނއެކެވެ. އޭނަ މީގެ ދުވަސްކޮޅެއް ކުރިން ރޭވި ރޭވުން އިހުނަށްވުރެ ގަދައަށް ފުރިހަމަ ކުރަން އެބަޖެހެއެވެ. އޭނައާއި ނުއިންނަންވީ ހުރިހާ ސަބަބެއް އެއްފަހަރާ އަފްޒަލަށް ދައްކައިލަން އެބަޖެހެއެވެ. ކައިވެނީގެ ‘ޑްރާމާ’ އިން އޭނައަށް ސަލާމަތްވެވެން އޮތީ އޭރުންނެވެ.
އެ ޚިޔާލާއިއެކީ ފަލަކަށް ވަގުތުން އަފްޒަލްގެ ހިތުގައި އޭނައަށް ނަފްރަތު އުފައްދާނެ ގޮތްތަކާއިމެދު ވިސްނެން ފެށިއެވެ.
**
އެރޭ ގެއަށް ގޮސް ނިދަން ތައްޔާރުވުމަށްފަހު ފަލަކް ލެޕްޓޮޕް ދޮށުގައި އިށީނެވެ. އަދި އިންޓަނެޓުން ހޯދަން ފެށީ ފިރިހެނަކަށް ކަމުނުދާނީ ކޮންކަހަލަ ސިފަތަކެއް ލިބިފައިވާ އަންހެނެއް ކަމާއި މެދުގައެވެ. އެ މަޢުޟޫއަށް ފަލަކް ނުހަނު ރަނގަޅަށް ދިރާސާކޮށް ނުކުތާތައް ވެސް ނޯޓު ކުރިއެވެ. ބައިގަޑިއިރެއް ވަންދެން ހޯދުމަށްފަހު ނެގިފައިވި ނުކުތާތަކާއިމެދު ހިތްހަމަޖެހުމުން ފަލަކްގެ ތުންފަތްމަތިން ހިނިތުންވުމެއް ކުރެހުނެވެ. އޭނަގެ ފޮތަށް ބަލަން އިނދެ މިހާވަރުން އަފްޒަލް އޭނައާއި މޭލެއްހާ ދުރުގައި ނޫނީ ހުންނަން ބޭނުންނުވާނެ ކަމަށް ޤަބޫލުކުރެވުނެވެ.
**
އޭގެ އަނެއްދުވަހަކީ ހުކުރު ދުވަހަށްވުމުން އަފްޒަލް ފަތިސް ނަމާދުން ގެއަށް އައިސް ކުޑަކޮށް ނިދައިލިއެވެ. ފާއިތުވި ހަފްތާއަކީ ފުދޭވަރަކަށް ބުރަ ހަފްތާއަކަށްވުމުން އަރާމު ކޮށްލަން ބޭނުންވީތީވެއެވެ. 9:30 ހިކަށްހާއިރު ހޭލެވުމުން އަފްޒަލް ވަގުތުން ތެދުވެ، ފެންވަރައި ތާޒާވެލިއެވެ. އަދި ކޮޓަރިން ނިކުންނަން ދިޔައީ އަމިއްލައަށް ސައިބޯން ތައްޔާރު ކުރާނެ އެއްޗަކާއިމެދު ވިސްނަމުންނެވެ.
އެހެނަސް އަފްޒަލް ކޮޓަރިން ނިކުމެ ކާ މޭޒާއި ގާތްވަމުން ދިޔަދިޔަހެން، އޭނަ ޢާއްމުކޮށް އިންނަ ގޮނޑިއާއި ދިމާލުން މޭޒުމަތީގައި މަތި ޖަހާފައި ތަށްޓެއް ހުރިތަން އަފްޒަލަށް ފެނުނެވެ. ޙައިރާންވެ ހުރެ އަފްޒަލް އެދިމާލަށް ދާތަން ފެނި، ބަދިގެއިން ނިކުތް ފަޒީލާ ވާހަކަ ދެއްކިއެވެ.
“މިއަދު ފަލަކް އަފްޒަލަށްޓަކައި ސައި ތައްޔާރު ކުރަނީ….” ފަޒީލާ އަފްޒަލްގެ ކައިރިއަށް އައިސް ސިއްރުވެރި ގޮތަކަށް ބުންޏެވެ.
“އަސްލުވެސް؟” އަފްޒަލަށް އެހެން ބުނެލެވުނީ ލުއި ހީލުމަކާއިއެކީ ގައެވެ. އެއާއިއެކު ނުފިލާ ހިނިތުންވުމަކާއިއެކީ ފަލަކް ފެނޭތޯ ބަދިގޭގެ ދޮރާއި ދިމާލަށް ބޯ ވެސް ދިއްކުރިއެވެ.
އެހުރި ހިސާބުން ފަލަކް ފެންނަ ގޮތެއް ނުވުމުން އަފްޒަލް ދެންވެސް އެ ހިނިތުންވުމުގައި ހުރެ ގޮސް އޭނަގެ ގޮނޑީގައި އިށީނެވެ. އަދި ގޮނޑި ކައިރި ކުރުމަށްފަހު އޭނަގެ ކުރިމަތީގައި ހުރި ތަށިން މަތި ނެގިއެވެ.
އެއާއިއެކު އިސާހިތަކު އަފްޒަލްގެ ހިނިތުންވުން ފިލައިދިޔައެވެ. ތަށީގެ ތެރެއިން ފެނުނީ ކޯޗެއްކަން ވެސް ދޭހަ ކުރަން އަފްޒަލަށް ހިނދުކޮޅެއް ނެގިއެވެ. ތަށީގެ މެދުން ފެންނަމުން ދިޔަ ބިސްގަނޑު އޮތީ ރޮލަށެވެ. ބިސްގަނޑުގެ ރީނދޫބައި ފަޅައިގެން ގޮސް ތަށީގެ އެއްފަރާތަށް ފޭދެން ފަށާފައިވީއިރު، ބިސްގަނޑުގެ މެދުން، ބޮޑު އަސޭމިރުން ގުޅައެއް ފެންނަމުން ދިޔައެވެ. ނުވި ތާކަށް ތަށީގެ އެކި ދިމަދިމާލުން އެކި ބައްޓަމަށް ފެންނަމުން އެ ދިޔައީ ކޭކު ފޮޅިކަން އަފްޒަލަށް އެނގުންވީ، އޭނައަކީ ތަޖުރިބާކާރު ކައްކާއަކަށްވީތީވެއެވެ. ކޭކު 3 ކޭކު ފޮޅި ބިސްގަނޑުގެ ކައިރި ފަށުގައިވީއިރު އެކަތިވީ ބިސްގަނޑުގެ ފޭދެން ފަށާފައިވި ބައިގެ މަތީގައެވެ..
“ސުބްޙާނަ ﷲ މިއީ ކޯޗެއްތަ؟” އަފްޒަލް އޭރުވެސް މަތިގަނޑު ހިފަހައްޓައިގެން ޝޮކެއްގައި އިންދާ ފަޒީލާ ސުވާލުކުރިއެވެ.
“އަނހަ! އަފްޒަލް އައިއްސިދޯ؟ މިހިރީ އަދި ބްރެކްފާސްޓްގެ އެއްބައޭ!” ފަލަކް އެހެން ކިޔަމުން ބަދިގެއިން ނިކުމެގެން އައީ ކޯޅި ތަށްޓެއް ހިފައިގެންނެވެ.
ކޯޅި ތަށި ގެނެސް އަފްޒަލްގެ ކައިރީގައި ފަލަކް ބެހެއްޓުމާއިއެކު އަފްޒަލާއި ފަޒީލާގެ މޫނުމައްޗަށް އެރީ އިތުރު ލޮޅުމެކެވެ. ކޯޅި ތަށީގައިވީ އަނދައި ދެލި ކުލަ އަރާފައިވި ދެ ޕާން ފޮއްޗެވެ. އެހެނަސް ފަލަކް ހިނިތުންވެގެން ހުރިގޮތުން އޭގައި އެއްވެސް ގޯހެއް ހުރިހެން ހިއެއްނުވެއެވެ.
އެ ތިން މީހުން ތިބި ގޮތަށް ތިބެ ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ހިމޭންކަން އެންމެ ފުރަތަމަ ނަގައިލީ ފަލަކެވެ.
“ކިހިނެއްވީ؟ ކަމުނުދަނީތަ؟” ފަލަކް އެ ސުވާލުކޮށްލި އަޑަށް އަފްޒަލަށް ހަމަހޭވެރިކަމެއް ލިބުނެވެ. އެ ހިނދު ފަލަކަށް ބަލައިލުމުން، ފަލަކްގެ ހިނިތުންވުން ފޭދިގެން ދިޔަތަން ފެނި، އަފްޒަލް ދެރަވާ ގޮތްވިއެވެ. އެއާއިއެކު އިސާހިތަކު ވާހަކަ ދެކެވުނެވެ.
“ނޫނޭ….ހެހެ…..ކަލިނަރީ އާރޓްސްގަ އަހަރުމެން ކިޔަވާ އެއްޗެއް އިނގޭ. ކޮންމެ ޑިޝްއެއް ވެސް ޓާރން އެރައުންޑް ކުރެވޭނެ ގޮތްތައް ހުންނާނެއޭ. ލުކް….އައި ވިލް ޝޯ ޔޫ.”
އަފްޒަލް ހުރިހާ ނޭދެވޭ އިޙްސާސެއް އެއްފަރާތް ކުރަމުން ފަލަކަށް ހިނިތުންވުމެއް ހަދިޔާ ކުރީ، ފަލަކް އުފާކޮށްދޭން ބޭނުންވި މިންވަރުންނެވެ. އެއަށްފަހު އަތުގައި އޮތް މަތިގަނޑު މޭޒުމަތީގައި ބޭއްވުމަށްފަހު އަފްޒަލް އޭނަގެ އުލާއި ވަޅި ނެގިއެވެ. އެ ވަގުތުން ފެށިގެން އަފްޒަލް ހަދަން ފެށީ ޖާދުލެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އަފްޒަލް އެންމެ ފުރަތަމަ އޭނަގެ ބިސްގަނޑުގެ މަތިން ފެންނަމުން ދިޔަ އަސޭމިރުސް ވަޅީގެ ބޭނުން ކޮށްގެން ލަސްލަހުން ބިސްގަނޑަށް ފަތުރައިލިއެވެ. އަދި ބިސްގަނޑުން ފޭދިފައިވާ ބައި ވީހާވެސް ވަރަކަށް އެއްކޮށްލަމުން ބިސްގަނޑު ރީތިކޮށް ލަންބައިލިއެވެ. އެއަށްފަހު އެކި ދިމަ ދިމާލުގައި ހުރި ކޭކު ފޮޅިތައް ގެނެސް ތަށީގެ އެއްފަރާތުގައި ބަރިއަކަށް ޖެހިއެވެ. އަދި އެންމެ ފަހުން ކޯޅިތަށީގައި ހުރި ޕާން ފޮތިތައް ވެސް ނަގައި ރީތިކޮށް ތަށީގައި ބޭއްވުމަށްފަހު ބަޓަރު ކޮޅަކާއި ޖާމުކޮޅެއް އެ ފޮތިތަކުގެ ކައިރީގައި ބޭއްވިއެވެ.
މަންޒަރު ބަލަން ހުރި ފަލަކަށް ހުރެވުނީ އާގަމަވެފައެވެ. އޭނަ އެހާ ވަރުން ޤަޞްދުގައި ހުތުރުކުރަން އުޅުނު ކާ ތަށި މިހާރު އެ ވަނީ އިންސްޓަގްރާމަށް ފޮޓޯ ލާވަރު ވެފައެވެ. އޭނަގެ ރޭވުމުގެ ނަތީޖާ ނިއުޅިގެން މި ދަނީ ހީވެސް ނުކުރާ ފަދައަކަށެވެ.
“ހެހެ….އަފްޒަލް އަބަދުވެސް ކާނީ ތަށި ރީތިކޮށްގެން ފަލަކް. މީރުތަ އަޅެ؟” ފަޒީލާ އެތާހުރެ ހީލަމުން ފަލަކް ގާތު ބުނުމަށްފަހު އެވަގުތު ކާން ފެށި އަފްޒަލް ކުރެން އެހިއެވެ.
“ހުމް….ބިސްގަނޑު ހުހަށް ކާވަރަށްވުރެ ރޯކޮށް މިހިރީ…މީތި ބޮޑަށް ގުޅޭނީ ފްރައިޑް ރައިސްއާ އެކީ. ޕާން ފޮތި ވެސް ކުޑަކޮށް ސްމޯކީ ބަޓް ޓޭސްޓްސް ގުޑް. ޕޭން ކޭކްސްގަ ލޮނު ރަހައެއް އެބަދޭ އެކަމަކު މާމުއި އެޅީމަ މީރު…ސޮރީ އިނގޭ. ޝެފެއްގެ ގޮތުގަ ކާ އެއްޗެއްސާއިމެދު އަހަންނަށް ދޮގެއް ނެހެދޭނެ. ބަޓް ދިސް އިޒް ގުޑް އަސްލު.” ނުހަނު ގަޔާވެގެން ކާން ހުރެ އަފްޒަލް ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
އެހިނދު ފަލަކް ގަތް ލަދާއިއެކީ ހުއްޓުން އެރި ހިނދު، މޫނުވެސް ރަތްވިއެވެ. އޭނަ ހިތުން ޤަޞްދުގައި ކާ އެއްޗެހި ނުބައިކޮށް ތައްޔާރުކުރީ، އޭގެ ސަބަބުން އަފްޒަލް އޭނައަށް ފޫހިވާނެއޭ ހިތާއެވެ. އަފްޒަލްގެ މަންމަ ބުނިހެން ކެއްކުމަކީ އަފްޒަލްގެ ވަޒީފާއަށްވީތީވެއެވެ. އަފްޒަލް އިންނަން ބޭނުންވާނީ ކައްކަން ރަނގަޅަށް ދަންނަ އަންހެނެއް ކަމަށް ފަލަކަށް ހީކުރެވުމުންނެވެ.
އެހެނަސް އަފްޒަލްގެ ޙަރަކާތްތައް ހުރިގޮތުން އަފްޒަލް ކުޑަކޮށް ވެސް އޭނައަށް ފޫހިވީހެނެއް ފަލަކަށް ހިއެއްނުވެއެވެ. ކަމުން ދިޔައިރު ވެސް އަފްޒަލް އޭނައަށް ހިނިތުންވުންތައް ހަދިޔާ ކުރަމުން ދިޔައެވެ. ވަކި ހިސާބަކުން އަފްޒަލާއި ކުރިމަތިލާން ބޭނުމެއް ނުވުމުން ފަލަކް އަފްޒަލަށް ފަސްދީފައި އަނބުރާ ބަދިގެއަށް ގޮސް ވަނީ، އަފްޒަލަށް ވަކި އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީއެވެ.
“ކޮންމެވެސް ކުއްޖަކު އަފްޒަލްގެ ހިތް އަތުލަން އުޅޭހެން ހާދަ ހީވެއޭ…” ފަޒީލާ ރާގަކަށް ބުނުމުން އަފްޒަލަށް ވެސް ހީލެވުނެވެ. އެއާއިއެކު ފަޒީލާ، ތިމަންނަ މި ދަނީ އަވަށްޓެރި ދައްތައެއްގެ ގެއަށް ކަމަށް ބުނެ ގެއިން ނިކުންނަން ދިޔައެވެ.
ފަޒީލާ ދިޔަތާ މާ ގިނައިރެއްނުވެ ޒައުލް އައިސް އަފްޒަލްގެ ކައިރީގައި ހުރި ގޮނޑިއެއް ދަމައި އިށީނެވެ. އަފްޒަލް އިސްއުފުލައި ބަލަން އުޅުނު ވަގުތު ޒައުލް އޭނަގެ އަތުގައި އޮތް ތާވަލު އަފްޒަލަށް ފެންނާނެހެން ބޭއްވިއެވެ. ހުރިހާ ގޮޅިއެއްގައި ހެޔޮ ފާހަގަ ޖަހާފައިވި މަންޒަރު ފެނި، އަފްޒަލަށް ޒައުލްއާއި ދިމާލަށް ބަލައިލެވުނެވެ.
“ޓިކެޓަށް ޕޭއިކޮށްދޭނަންދޯ ދޮންބެ؟” ޒައުލް ގޮނޑިއަށް ލެނގިލަމުން ސީރިއަސްކަމާއިއެކީ އެހިއެވެ. އެއާއިއެކު އަފްޒަލް ވެސް އުލާއި ވަޅި ތަށްޓަށް ދޫކޮށްލަމުން ޒައުލްއާއި ކުރިމަތިލިއެވެ.
“މި ގަނޑުގަ މިހިރީ ހަމަ ތެދު ޙަޤީޤަތްތަ ޒައުލް؟” އަފްޒަލް އެ ގަނޑު ނަގައި ހިއްލައިލަމުން އެހިއެވެ.
“ހުމް….ތިއީ ހަމަ ތެދު. ޤަބޫލު ކުރުމާއި ނުކުރުން އެއީ ދޮންބެގެ ކަމެއް.” ޒައުލް ދެންވެސް އަފްޒަލަށް ބެލުމެއް ނެތި ވާހަކަ ދެއްކިއެވެ. އަފްޒަލް ފުން ނޭވައެއް ދޫކޮށްލިއެވެ.
“ޒައުލް….ޒައުލް ދޮންބެއާއި ތިހާ ދުރުވީ ކޮން ދުވަހަކުތަ؟” އަފްޒަލް އެހިއެވެ.
“ދުރުވީއޭ؟ ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް؟” ޒައުލް ފަރުވާ ކުޑަ ގޮތަކަށް އެހިއެވެ.
“ޔޫ ނޯ އެގްޒެކްޓްލީ ވަޓް އައިމް ޓޯކިންގް އެބައުޓް. ޒައުލްއަކީ ދޮންބެއަށް ކަންތައް ފޮރުވައިގެން އުޅޭ ކުއްޖެއް ނޫން. އަދި ދޮގު ހަދާ ކުއްޖެއް ވެސް ނޫން. ޒައުލް ދޮންބެގެ ކުރިމަތީގަ ދޮގެއް ހެދިއްޔާ ދޮންބެއަށް ނޭނގި ހިނގައިދާނެހެން ޒައުލްއަށް ހީވީ ވެސް ކިހިނެއް؟ ނަމާދު ނުކުރާއިރު ކުރީމޭ ދޮންބެގެ ކުރިމަތީގަ ބުންޏަސް ﷲ ގެ ޙަޟްރަތަށް ދިޔަ ދުވަހަކުން އެހެންނެއް ނުބުނެވޭނެ!”
“އޮހް! ދޮންބެ ތިބުނަނީ ދޮންބެ އަހަންނަށް ޓްރަސްޓް ނުކުރަނީއޭތަ؟”
“ޓްރަސްޓް ކުރަން ބޭނުން ކިތަންމެހާ ވެސް. އެކަމަކު މި ފަހުން އައިސް ޒައުލްގެ އުޅުން ހުރި ގޮތުން އިތުބާރު ކުރެވޭ ގޮތެއް ނުވޭ. ތިހެން ނުއުޅޭ ކޮއްކޮ. ކަމެއް ދިމާވެގެން އުޅެންޏާ އެޓްލީސްޓް ދޮންބެއަށް ކިޔައިދީ. ޒައުލްގެ އެއްވެސް އުނިކަމެއްގެ ވާހަކަ ދޮންބެ މިހާތަނަށް އައިއިރު މަންމައަށް ވެސް ކިޔައިދީފައެއް ނުވާނެ. މަންމަ މިހާރު ވެސް ޒައުލްއާއިމެދު ސުވާލު ކުރީމަ ޒައުލްގެ ހެޔޮ ވާހަކައެއް ނޫނީ ކިޔައިދީފައެއް ނުވާނެ. އެހެންވީމަ ތިހެން ނުއުޅޭ ޒައުލް-“
“މީގެ މާނައަކީ އަހަރެންގެ ޓިކެޓަށް ލާރި ލިބޭނެއޭތަ ނޫނީ ނުލިބޭނެއޭތަ؟”
އަފްޒަލް ނުހަނު އަސަރާއިއެކީ ނަސޭޙަތް ދެމުން ދަނިކޮށް، ޒައުލް އޭނަގެ ވާހަކަ މެދުކަނޑައިލި ގޮތުން އަފްޒަލް ހުއްޓުން އަރާ ގޮތްވިއެވެ. އަދި އޭނައަށް އަމާޒުވެފައިވި ޒައުލްގެ ރުޅިވެރި ނަޒަރަށް ބަލަހައްޓައިގެން އިނދެވުނެވެ. ކައިރީގައި މި އިނީ ހަމަ އޭނަގެ ލޯބިވާ ކޮއްކޮތޯ ވެސް އަފްޒަލަށް އަމިއްލަ ޒަމީރާއި ސުވާލު ކުރެވުނެވެ.
**
ދުބާއީގައި ވިޔަފާރީގެ މަސައްކަތްތައް ނިންމުމަށްފަހު މަޖީދު އަނބުރާ ލަންކާއަށް ދިޔައީ އެދުވަހުގެ ހަވީރު ވަގުތެއްގައެވެ. ބައްޕަ ގެއަށް އައުމާއިއެކު އާދައިގެ މަތިން ޒުހާ ނުހަނު އުފާވިއެވެ. އަދި ބައްޕަ ކުރި ދަތުރުތަކާއިމެދު ސުވާލުކޮށް ދޮންތައާއިމެދު ވެސް ސުވާލުކުރެވުނެވެ.
“ދޮންތަ އުޅެނީ މާލޭގަ ބިޒްނަސްއެއް ފަށަންދޯ؟ ކިހާ ވަރަކަށް އެބައި ކުރިއަށް ގޮއްސިތަ؟” ޒުހާ މަންމައާއި ބައްޕައާއި އެކީ ކާމޭޒުދޮށުގައި އިނދެ ނުހަނު ގަޔާވެފައި އެހިއެވެ. ދޮންތަގެ ވާހަކަ އިވިފައި މަންމަ ނުރުހުންވާކަން އެނގުނަސް ޒުހާ އެ ސުވާލުތައް ކުރަން ކެތްމަދުވެފައިވިއެވެ.
“ބައްޕައަށް ހީވަނީ ދޮންތަ މިވަގުތު އެކަމަށްވުރެ ބޮޑަށް އެހެންކަމަކާހެން އުޅެނީ. މެރީ ކުރުމުގެ ވާހަކައެއް އެބަ ދެކެވޭ…” މަޖީދު ހިނިތުންވުމަކާއިއެކީ ބުނި ވާހަކައިން ޒުހާ އަނގަމަތީގައި އަތް އަޅައިލި ހިނދު އެތެރެއަށް ކުރު ނޭވައެއް ދަމައިލި އަޑު އިވުނެވެ.
“ސީރިއަސް؟! ފައިނަލީ ދޮންތަ ލައިކްވާ ކަހަލަ މީހަކު ފެނުނީތަ؟ ހީ މަސްޓް ބީ އައުޓް އޮފް ދިސް ވޯލްޑް!” ޒުހާ އަޖާއިބުވެފައި ހުވަފެނީ ގޮތަކަށް ބުންޏެވެ.
“ހެހެ…އަދި ފައިނަލްއެއް ނޫން. ވިސްނަމުންދާ ވާހަކަ ދޮންތަ ބުނީ. ދޮންތަގެ ގޮތް އެނގެއެއްނު؟” މަޖީދު ބުންޏެވެ.
“އާނދޯ؟ ޔޫ އާރ ރައިޓް! ބައްޕަ ދެން މިހާރު މުޅިން އޯކޭތަ؟ އަދިވެސް ބަލިހެން ހީވޭތަ؟” ޒުހާއަށް އަހައިލެވުނެވެ. އޭނަ ވަނީ ބައްޕަ ދުބާއިގައި ހުއްޓާވެސް ބައްޕަގެ ޙާލު ބަލާފައެވެ. އެހެނަސް އިތުރަށް އެ ސުވާލު ކޮށްލަން ބޭނުންވީއެވެ.
“ހެހެ….އާނ މިހާރު މުޅިން ރަނގަޅޭ.” މަޖީދު އެހެން ބުނެލީ އޭނަގެ އަނެއް ފަރާތުގައި އިން އާނިސާއަށް ލުއި ނަޒަރެއް ދެވުނެވެ. އެހިނދު އާނިސާގެ ކަންބޮޑުވުން އެކުލެވިފައިވި ނަޒަރު އޭނައަށް އަމާޒުވެފައިވިކަން މަޖީދަށް އެނގުންވިއެވެ.
“އަލްޙަމްދުލި ﷲ! އަހަރެން ވެސް މެރީ ކުރާ ދުވަސް ޖެހެންވާއިރަށް ބައްޕަ ހެލްދީކޮށް ހުންނައްޗޭ!” ޒުހާ ބުންޏެވެ.
“އާނ…ހެހެ..”
“މަޖީދު ބަލީތަ؟”
އާނިސާ އެހިއެވެ. އެއާއިއެކު މަޖީދާއި ޒުހާއަށް އެކުއެކީގައި އާނިސާއަށް ބަލައިލެވުނެވެ. އެހިނދު އެ މޫނުމަތިން ފެނުނީ، އެ ޚަބަރު ކުރިން ނުލިބުނީތީ ހިސާބަކަށް ދެރަވެފައިވި އަސަރެކެވެ.
“ބައްޔެއް ނޫން. މީގެ ދުވަސްކޮޅެއް ކުރިން ކުޑަކޮށް ބަލިވީ.” މަޖީދު އާނިސާއަށް ފަރުވާތެރި ނަޒަރެއް ދީގެން އިނދެ، ބުނެލީ ހަމައެކަނި އެހާވަރަށެވެ.
ޙަޤީޤަތަކީ އޭނަގެ އެ ބަލީގެ ފަހަތުގައިވި މުޖުރިމުގެ ސަބަބުން މަޖީދަށް އޭނައާއި އެންމެ ގާތުގައިވި މީހުންނަށް ވެސް އިތުބާރުކުރަން ދަތިވެފައިވި ކަމެވެ. ވިޔަފާރީގައި އޭނައާއި އެކީ އުޅޭ މީހުންނަކީ ވެސް ކޮންމެވެސް އެއްގޮތަކުން އޭނައަށް ޙަސަދަވެރިކަން ދައްކާފައިވާ މީހުންނެވެ. އެހެނަސް ދުބާއީގައި އެމީހުންނާއި އެކީގައި އުޅެފައި އެމީހުންގެ ކިބައިން އެހާ ބޮޑު ދުޝްމަންކަމެއް އިޙްސާސް ނުކުރެވުމުން އާނިސާއަށް ވެސް ޝައްކު ކުރެވުނެވެ. އަނބިމީހާއަށް ޝައްކު ކުރުމަކީ ޚުދު މަޖީދުވެސް ކުރާ ހިތްވާ ކަމަކަށް ނުވާހިނދެވެ.
އާނިސާއަށް ޝައްކު ކުރެވެން ފެށީ އާނިސާ އަބަދުވެސް އޭނަގެ ކުރީގެ ކައިވެންޏާއި ކުރީގެ އަނބިމީހާގެ ވާހަކަ ދައްކައި ނަފްރަތުގެ ނަޒަރުތައް އޭނައަށް އަމާޒުކުރާތީވެއެވެ. އަދި އަމުދުން އާނިސާ ބައެއްފަހަރު އޭނަގެ މުދާގަނޑު ޖަހައިގަންނަން ބޭނުންވާ ކަހަލަ އިޙްސާސެއް ވެސް މަޖީދަށް ކުރެވެއެވެ. އޭނަގެ ބަލީގެ ވާހަކަ އިވިފައި އާނިސާގެ މޫނުމަތިން ފޮރުވަން މަސައްކަތް ކުރާ ހަމަޖެހުމެއް ވިޔަސް ފެންނާނެ ކަމަށް މަޖީދު ހީކުރިއެވެ. އެހެނަސް….
“ދޮގު ނަހަދާ ބުނޭ މަޖީދު….ކޮން ބައްޔެއް ޖެހުނީ؟ ތި ބުނާ ގޮތުން ހިއެއްނުވޭ ކުޑަ ކަމެއްހެން. ކީއްވެ އަހަރެން ކައިރީގަ ކުރިން ނުބުނީ؟” ކޮޓަރިއަށް ވަދެ ދެމީހުން އެކަނިވުމާއިއެކު އާނިސާ އެތައް ސުވާލެއް ކުރިއެވެ. އެހިނދު ވެސް އެ މޫނުމަތިން ހިތާމައާއި ކަންބޮޑުވުން ނޫންކަމެއް މަޖީދަށް ނުފެނުނެވެ.
“އެއީ އާނީ ލައްވާ ފިކުރު ނުކުރުވަންވެގެން ނުބުނީ.” މަޖީދު ހިނިތުންވުމެއް ދައްކަން މަސައްކަތް ކުރަމުން ބުންޏެވެ.
“ކޮން ފިކުރެކޭ ކިޔާކަށް؟ މާދަމާ މި ރަށުގަ ހުންނަ ބޮޑު ހޮސްޕިޓަލުގަ ހުންނަ ސްޕެޝަލިސްޓަށް އެޕޮއިންޓްމެންޓެއް މި ހައްދަނީ. އިތުރު ވާހަކަތަކެއް ނުދައްކާ ތައްޔާރުވާތި!” އާނިސާ އެހެން ބުނެ މަޖީދަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ދާން ހިނގައިގަތެވެ.
އެހިނދު މަޖީދަށް ލުއި ގޮތަކަށް ހީލެވުނެވެ. އޭނައަށް މި އަނިޔާއެއް ދެނީ ހަމަ ޔަޤީނުން ވެސް އާނިސާއެއް ނޫނޭ އެވަގުތު ހިތް ބުންޏެވެ. ޑޮކްޓަރަކު ބަލައިފިނަމަ ނުހަނު ފަސޭހައިން ދަނެގަނެވޭނެފަދަ އަނިޔާއެއް ދޭ މީހަކު އޭނަ ޑޮކްޓަރަށް ގެންދަން ނޭދޭނެތާއޭ ހިތަށްއެރިއެވެ. އެއާއިއެކު އަނބިމީހާއަށްޓަކައި ހިތް ސާފު ކުރެވިދާނެކަން އެނގުންވުމުން މަޖީދަށް ލިބުނު ހަމަޖެހުމާއިއެކީ ލުއި ގޮތަކަށް ހީލެވުނެވެ.
**
މީހުން އެމީހުންގެ ގުޅުންތައް އިސްލާޙުކުރަން ވީހާވެސް މަސައްކަތް ކުރަމުން ދިޔައިރު، ފަލަކް ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައީ އޭނައާއި އަފްޒަލްގެ ގުޅުން ނިމުމަކަށް އާދޭތޯއެވެ. މިގޮތުން ފަލަކް ހަމައެކަނި އެ ނުބައި ނާސްތާއިން ނިންމައިލީއެއް ނޫނެވެ. ފަހުން ފަހުން އައިސް ފަލަކް ގޭ ތެރޭގައި އުޅެމުން ދިޔައީ ވެސް އޭނައަށް ހުރެވުނުހާ ހުތުރު ސޫރައެއްގައެވެ.
ފަލަކްގެ މިޒާޖުގެ ގޮތުން އޭނަ ނިންމައިގެން ހުރީ ގޭގެ ތެރޭގައި ވެސް ރީތި ގޮތަކަށް ޝޯލް އަޅައި ގުޅޭ ހެދުމެއް ލައިގެން ހުރުމަށެވެ. އެހެނަސް އެ ގޮތް ވެސް އަފްޒަލަށް ކަމުގޮސްފާނެތީ ފަލަކް، ނޫރާގެ އަތުން ވަށް ބުރުގާ ހޯދައި، ގޭތެރޭގައި އެ ބުރުގާތައް އަޅައިގެން އުޅެން ފެށިއެވެ. އަދި ބަދިގޭގައި އުޅެމުން ލައިގެން ހުންނަ ހެދުމާއި ބުރުގާގައި ފުށް އެހެންނޫނީ ކޮންމެވެސް އެހެން އެއްޗެއްގެ ލަފަ ޖައްސައިގެން އަފްޒަލަށް ފެނެން ފެށިއެވެ. މީގެ އިތުރުން އެއްރެއަކު ބަދިގެ ތެރޭގައި އުޅެ ކައްކަމުން ޤަޞްދުގައި ތެޔޮ އަޅާފައި ހުރި ބިއްލޫރި ތަށްޓެއް ބިންމައްޗަށް ތަޅައިލީ، އެވަގުތު އަފްޒަލް ގޭގައި ހުރިކަން ދަނެގެންނެވެ.
“އިޓްސް އޯކޭއޭ ފަލަކް….ނޯ ވޮރީސް. އަހަރެން ސާފުކޮށްލާނަން….އޯލްސޯ އިފް ޔޫ ސްޓްރަގްލް ވިތް ކުކިންގް….ކޮންމެހެން ފަލަކް ނުކެއްކިޔަސް މައްސަލައެއް ނެތޭ. ފަލަކް ތިއީ މިގެއަށް އައި މެހުމާނެއް ކަމަށް އަހަރެން ދެކެނީ. އެހެންވީމަ ފަލަކް ކޮންމެހެން ނުޖެހޭ މި ބުރަ މަސައްކަތް ކުރާކަށް…”
އަފްޒަލް ލަސްލަހުން ބިންމަތީގައި ހުރި ބިއްލޫރި ކޮޅުތައް ނަގައި އަތްގަނޑަކަށް އަރުވަމުން އެހެން ބުނެލީ، އެތާ ހުއްޓިހުރި ފަލަކް ތަކުރާރުކޮށް މަޢާފަށް އެދުމުންނެވެ.
“އައި ނޯ…..އެކަމަކު އަފްޒަލް މެރީކުރަން ބޭނުންވާނެތަ ކައްކަން ނޭނގޭ ކުއްޖަކާ؟” ފަލަކް ކޮށްލި ސުވާލުން އަފްޒަލްގެ ޙަރަކާތްތަކަށް ހުއްޓުމެއްއައެވެ. އޭގެ ދެވަނަ ސިކުންތުގައި އަފްޒަލް އިސްއުފުލައި ފަލަކަށް ބަލައިލިއެވެ.
“ވެލް އިޓްސް ނޮޓް އަ ޑީލްބްރޭކާރ ފޯ މީ….ކެއްކުމަކީ އަހަރެން ދަންނަ ކަމެއްވީމަ. އެކަމާއިމެދު ފަލަކް ވޮރީވާނެ ކަމެއްނެތް. ފަލަކަށް ދުވަހެއްގެ ކޮޅުން ކައްކަން ނޭނގުނަސް އަހަރުމެން ނުކައި ނުތިބޭނަން. އައި ޕްރޯމިސް އިން ޝާ ﷲ!” އަފްޒަލް ވާހަކަ ނިންމައިލީ އުޖާލާވި ހިނިތުންވުމަކާއި އެކީގައެވެ.
އެ ވާހަކަތައް އިވި، އެ ހިނިތުންވުން ފެނިފައި ފަލަކަށް ހިތާހިތުން ރޮއިގަނެވުނެވެ. މި ފިރިހެނާގެ ޚިޔާލު ބަދަލުކުރަން އޭނަ ހަދަންވީ ކިހިނެއްތޯ ހިތަށްއެރިއެވެ.
ފަލަކް ދެންވެސް ހުރީ ބަލި ޤަބޫލުކުރާ ގޮތަކަށް ނޫނެވެ. އެހެންކަމުން ފަލަކް ދެން ފެށީ ދެމީހުންގެ މިޒާޖު ކިހާ ނުގުޅޭކަން ދެއްކުމުގެ މަސައްކަތެވެ. މި ގޮތުން އެއްދުވަހު ގޭގެ އެންމެން އެކީގައި ފިހާރައަށް ދިޔައިރު އޭނައަކީ ބެލުމެއް ނެތި ފައިސާ ބޭނުންކުރާ މީހެއްކަން ދައްކައިލިއެވެ. މިގޮތުން އޭނަ އަމިއްލައަށް ގަތް އެއްޗެހިން ބޮޑު ޓްރޯލީއެއް ފުރިފައިވީއިރު، އެ ހުރިހާ އެއްޗެއްގެ އަގު ހާހުން މައްޗަށް އެރިއެވެ.
“އަގު ބޮޑު އެއްޗެހިން އަމިއްލަ ނަފްސަށް ޓްރީޓް ދޭންވާނެދޯ ގިނަގިނައިން؟ ހެހެ….” ކައުންޓަރު ކައިރިއަށް ގޮސް އަފްޒަލާއި ނޫރާ ވެސް އޭނައަށް ބަލަހައްޓައިގެން ތިބެން ފެށުމުން ފަލަކް ބުންޏެވެ.
ފަލަކް އެހާ ހިސާބުން ވެސް ހުއްޓާ ނުލާ އަފްޒަލަށް އިވޭ ހިސާބުގައި ހުރެ އޭނައަކީ ކިހާ ކިބުރުވެރި، އަދި އެހެން މީހުންނާއިމެދު ދަށްކޮށް ދެކޭ މީހެއްކަން ދެއްކުމަށް އެކި ޖުމްލަތައް ބުނަމުން ދިޔައެވެ.
“އަހަރެން ކޮންމެ ކޮންމެ މީހަކާއި އެކީ ކޮންމެ ޒާތެއްގެ ރެސްޓޯރެންޓަކަށް ގޮސް ނަހަދަން…”
“އައި ލައިކް ބީން އިންޑިޕެންޑެންޓް. އެއްވެސް މީހެއްގެ އަތްދަށުގަ ކަސްތަޅު އެޅުވިގެން އުޅޭކަށް ބޭނުމެއް ނޫން. އަހަރެން އަބަދުވެސް އުޅޭނީ އަހަރެން ބޭނުންވާ ތަނެއްގަ އަހަރެން ބޭނުންވާ ހައި ލައިފްސްޓައިލްގަ.”
“މި ބްރޭސްލެޓްގެ އަގު އެރައުންޑް ހަންޑްރެޑް ތައުޒަން ޑޮލާރސްއަށް އަރާނެ. މި ކަލެކްޝަނަކީ މި ވަގުތު ހަދަމުންދާ ކަލެކްޝަނެއް. ކޮންމެ ކުލައެއް ނިކުންނައިރަށް އަހަރެން ގަންނަން.”
ފަލަކްގެ އެފަދަ ޖުމްލަތައް އިވެމުން ދިޔަ އަފްޒަލަށް، ފަލަކްގެ ނިޔަތް މާ ރަނގަޅަށް ވެސް އެނގިފައިވިއެވެ. އެހެނީ ފަލަކްގެ ޙަޤީޤީ މިޒާޖު އަފްޒަލަށް ވަނީ މީގެ މާ ކުރިން ފަލަކްގެ ލިޔުންތަކުން އެނގިފައެވެ.
ފަލަކަކީ މީހެއްގެ އަތުގައި ހުރި ލާރިއަކަށް ބަލާފައި މީހަކާއި އެކުވެރިވެ އުޅޭ މީހެއް ނޫންކަން އެ ލިޔުންތަކުން އަފްޒަލަށް އެނގެއެވެ. އަދި އަމުދުން ފަލަކް ނޫރާއާއިމެދު ކަންތައް ކޮށްފައިވާ ގޮތުން ވެސް އެކަން ދޭހަ ކުރެވެއެވެ. ފަލަކް މިނިވަންކަމާއި އެކީ ފަލަކް ބޭނުންވާ ގޮތަކަށް އުޅުމަކީ އަފްޒަލްގެ އިއުތިރާޒެއް އޮތް ކަމެއް ނޫނެވެ. އެފަދަ މިނިވަންކަމެއް ފަލަކަށް ލިބުނަސް ފަލަކް ގޯސް ކަމެއް ނުކުރާނެކަން ޔަޤީން ކުރެވޭތީވެއެވެ. އަދި ފަލަކް އަމިއްލަ ނަފްސަށްޓަކައި އެ ހޭދަ ކުރާވަރަށް ވުރެ ވެސް ގިނައިން ފަލަކް ޞަދަޤާތްކޮށް، އެކި މުއައްސަސާތަކަށް އެހީވެދޭކަން ވެސް ފަލަކްގެ ވެބްސައިޓް މެދުވެރިވެގެން އަފްޒަލަށް އެނގިފައިވެއެވެ.
ކަން މިހެން އޮތްއިރު ފަލަކް ޤަޞްދުގައި އޭނައަށް އިދިކޮޅު ސިފަ ދައްކަނީ އޭނައާއި ސަމާސާކުރަންތޯ ހިތައި އަފްޒަލަށް އަމިއްލަ ނަފްސާއި ހެމުން ގެންދެވުނެވެ. ފަލަކް ކިތަންމެ މަސައްކަތް ކުރިޔަސް އޭނަގެ ޚިޔާލު ބަދަލުވާކަށް ނެތޭ ހިތަށްއެރިއެވެ.
**
އެއްރެއަކު ފަލަކް ޓެކްސީގައި ކްރިސްޓަލް ޢިމާރާތަށް ދިޔައީ އަފްޒަލް އެދިގެންނެވެ. އޭގެ އަނެއްދުވަހުގެ ރޭ އޮތް ކައިވެނި ޕާޓީއަކަށް ހޯލު ތައްޔާރު ކުރެވިފައި ހުރި ގޮތް ބަލައިދިނުމަށެވެ.
ކްރިސްޓަލް ޢިމާރާތަށް ވަދެގެން ދިޔަ ގޮތަށް ފަލަކް ވަކި އަފްޒަލް ހޯދުމެއްނެތި ދިޔައީ އެ ހޯލަށެވެ. އެވަގުތު އަފްޒަލް ހުރީ ބިޒީކޮށްކަމަށް ބުނެ އެއީ އަފްޒަލް އެދުނު ގޮތް ކަމަށްވުމުންނެވެ.
ލިފްޓަށް އަރައި 10 ވަނަ ފްލޯރއަށް ގޮސް ފަލަކް ހޯލުގެ ދޮރު ހުޅުވައިލުމާއިއެކު ހުއްޓުން އަރާ ގޮތްވީ، ހޯލު ތެރެއިން ފެނުނު މަންޒަރުންނެވެ. މުޅި ހޯލަށް ގަދަ ނޫކުލައިގެ އައްޔެއް ވެރިވެފައިވީއިރު، ކުރިމަތިން ފެންނަމުން ދިޔަ ފާރުން ތަރިތައް ފެންނަމުން ދިޔަ ގޮތުން އުޑުގައި ހުރެވޭ ކަހަލަ އިޙްސާސެއް ކުރެވެމުން ދިޔައެވެ.
މިއީ ޚުދު އޭނައާއި އަފްޒަލް ރޭވި ރޭވުމެއްކަން ހަނދާންވި ހިނދު ފަލަކަށް ލުއި ގޮތަކަށް ހީލެވުނެވެ. ހޯލުގެ ލައިޓިންގްއާއި މެދު ވާހަކަ ދައްކަމުން ގޮސް އޭނައަށް ރީތީ ވީހާވެސް އަނދިރިވީ ވަރަކަށް ކަމަށް ފަލަކް އަފްޒަލް ގާތު ބުންޏެވެ. އެއާއިއެކު އަނދިރީގެ ތެރެއިން އަލިކަމެއް ވެސް ހުންނަންވާނެ ނޫންތޯ ބުނެ، ތަރީގެ ޚިޔާލު ދިނީ އަފްޒަލެވެ. އަދި ތަރީގެ ތެރެއިން ކައިވެނި ކުރާ ދެ މީހުންނަށް ބާއްޖަވެރި ކައިވެންޏަކަށް އެދެވިދާނެ ނޫންތޯ އަފްޒަލް ބުންޏެވެ.
އެ ވާހަކަ ހަނދާންވެފައި ފަލަކް ވަށައި ހޯދާލަމުން ހުޅުވިފައި ހުރި ލެޕްޓޮޕެއް ފެނޭތޯ ބެލިއެވެ. ތަރިތައް ފެންނަމުން ދިޔަ ފާރުގެ ކުރިމައްޗަށް ވާގޮތަށް ހުރި ފާރުގެ ކައިރީގައި ހުރި މޭޒުމަތިން ލެޕްޓޮޕް ފެނިފައި ފަލަކް އެދިމާލަށް ދިޔައެވެ. ފަލަކް ބޭނުންވީ އަލަތު ކައިވެނި ކުރާ ދެމަފިރިންނަށްޓަކައި އަފްޒަލް ލިޔެފައި އޮތީ ކީކޭތޯ ބެލުމަށެވެ. އެ ތަރިތަކުގެ މަންޒަރު ފާރަށް އެޅިފައިވަނީ ލެޕްޓޮޕް ގުޅާފައިވި ޕްރޮޖެކްޓާރ އިންކަން އޭނައަށް އެނގޭތީވެއާއި، ލެޕްޓޮޕްގައި ހުރި ސޮފްޓްވެއާރ އިން އެ ލިޔުންކޮޅު ފެނިގެންދާނެކަން ފަލަކަށް އެނގޭތީވެއެވެ.
އެހެންކަމުން ފަލަކް ލެޕްޓޮޕްގެ ކައިރީގައި ހުރެ އެންޓާރއަށް ފިތައިލަމުން ކުރިމައްޗަށް ނަޒަރު ހުއްޓައިލިއެވެ. އެއާއިއެކު ވާތްފަރާތުން ތަރިތަކުގެ ކުލައިން ހުރި ރޮނގަކުން ތަރިތައް ގުޅެން ފެށީ ރީތި އިނގިރޭސި އަކުރުތަކުންނެވެ.
“ވިލް ޔޫ…”
އާދައިގެ މިނެއްގައި އޮމާންކޮށް ގުޅެމުން ދިޔަ ބަސްތައް ކިޔަމުން ދިޔަހެން ފަލަކް އޮޅުން އަރާ ގޮތްވިއެވެ. އަފްޒަލް ލިޔެގެން މިއުޅެނީ ކޮން ކަހަލަ މެސެޖެއްތޯ ހިތަށްއެރިއެވެ. އެހެނަސް އެ ޖުމްލަ އެއްކޮށް ފުރިހަމަވެގެން ދިޔަ ހިނދު، ފަލަކްގެ ނޭވާ ކަރުގައި ތާށިވެގެން ދިޔައެވެ. ފާރުގައި ބޮޑު އަކުރުން ލިޔެވިގެން ދިޔަ ޖުމްލައަކީ، “ވިލް ޔޫ މެރީ މީ، ފަލަކް؟” އެވެ.
ނުނިމޭ
Jana
May 26, 2023 @ 7:50 am
Because fate cannot be pushed away 🥰
Some fan
June 1, 2023 @ 8:08 am
When next part can’t wait