ޤިޔާމަތް ދުވަހު މުނާފިޤުންނާއި މުއުމިނުންނާއި ދެމެދު ދެކެވޭނެ ވާހަކަ!
އެންމެ އާޔަތެއް އެތައް ފަހަރަކު އިވުނަސް އެއީ މުޅިން އާ ޒިކުރެއްހެން ހީވެގެންދާ ހީވުމަކީ އަޖާއިބެކެވެ. ސޫރަތުލް ޙަދީދްގެ މި އާޔަތަކީ ކިތަންމެ ފަހަރެއްގެ މަތިން އެ އާޔަތް އަޑުއަހާފައިވިޔަސް އެއިން ލިބޭ ފިލާވަޅުތަކަކީ މުޅިން އާ ފިލާވަޅުތަކެއްހެން އަޅުގަނޑަށް ހީވާ އާޔަތެކެވެ.
قَالُوا بَلَىٰ وَلَـٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَارْتَبْتُمْ وَغَرَّتْكُمُ الْأَمَانِيُّ حَتَّىٰ جَاءَ أَمْرُ اللَّـهِ وَغَرَّكُم بِاللَّـهِ الْغَرُورُ
“….އެއުރެން (އެބަހީ: مؤمن ން) ބުނާނެތެވެ. ނޫނެކެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ފިތުނަވެރިކޮށް، ހަލާކުކުރީމުއެވެ. އަދި ތިޔަބައިމީހުން انتظار ކުރީމުއެވެ. އަދި ތިޔަބައިމީހުން شك ކުރީމުއެވެ. އަދި ދޮގު އުންމީދުތައް ތިޔަބައިމީހުން ހެއްލުންތެރި ކުޅައެވެ. اللَّه ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެނެވެ. އަދި اللَّه އާމެދު شيطان އާ ތިޔަބައިމީހުން ހެއްލުންތެރިކުޅައެވެ” ސޫރަތުލް ޙަދީދް، 14
މި އާޔަތްތަކަކީ ޤިޔާމަތް ދުވަހު ވެގެންދާނެ ކަމެއް ސިފަކުރެވޭ އާޔަތްތަކެވެ. މުއުމިނުންތަކާއި ބައެއް މުނާފިޤުން ސިރާތުމަގުން ހިނގާފައި ސުވަރުގެއަށް ދާ މަންޒަރެވެ. އެމީހުން ހިނގަމުން ދަނިކޮށް ކުއްލިއަކަށް މުއުމިނުންނާއި މުނާފިޤުންގެ ދެމެދުގައި ފާރެއް ލެވިގެން ދެއެވެ. އެ ހިނދު މުނާފިޤުން ވަރަށް ޙައިރާންވެއެވެ. އެއީ އެމީހުން ހީކޮށްގެން ތިބީ އެމީހުންނަށް ސުވަރުގެއަށް ދެވޭނެކަމަށެވެ. އެހެންކަމުން އެމީހުން ފާރުގެ އަނެއްފަރާތުގައި ނުވީ ސަބަބާމެދު އެމީހުން މުއުމިނުންނާއި ސުވާލުކުރެއެވެ. އަޅުގަނޑު މި ޙިއްޞާކުރި އާޔަތުގެ ބަޔަކީ މުއުމިނުން މުނާފިޤުންނަށް ދިން ޖަވާބެވެ.
މި އާޔަތުގައި މުއުމިނުން ސިފަކޮށްދީފައިވަނީ މީހަކު ﷲ ގެ ހަނދުމައިން ދުރުވެގެންދާން މެދުވެރިވާ އެކިއެކި ހަރުފަތްތަކެވެ. މިގޮތުން މުއުމިނުން ސިފަކުރާ ފުރަތަމަ ކަމަކީ މުނާފިޤުން އެމީހުންގެ އަމިއްލަ ނަފްސުތައް ފިތުނަވެރިކަމުގެ ތެރެއަށް އެއްލާލި ވާހަކައެވެ. (فَتَنتُمْ أَنفُسَكُمْ) އެމީހުން ދަނެ ތިބެ ގޯސް މީހުންނާއެކީ އެމީހުން ވަގުތު ހޭދަކުރިއެވެ. އެމީހުން ދަނެ ތިބެ ނޭދެވޭ ޢަމަލުތައް ހިނގާ މާޙައުލުތަކަށް ގޮސް ހެދިއެވެ. ދެވަނަ ކަމަކަށް މުއުމިނުން ސިފަކޮށްދޭ ކަމަކީ މުނާފިޤުން ތައުބާވުން ލަސްކުރަމުން ދިޔަ ވާހަކައެވެ. (وَتَرَبَّصْتُمْ). އެމީހުން އެ ގެންގުޅޭ އެކުވެރިން ދޫކޮށް އެމީހުން ދާ މާޙައުލުތަކާ ދުރުވާން ޖެހޭކަން އެނގި ތިބެ ވެސް އެމީހުން އެކަން ފަހުން ކުރާނެކަމަށް ބުނަމުން ދިޔައެވެ. އެމީހުންގެ ނޭދެވޭ އެދުންތައް އެމީހުން ބޭނުން އިރަކުން އެމީހުންނަށް ހިފެހެއްޓިދާނެކަމަށް އެމީހުން ހީކުރިއެވެ. އެހެނަސް ކަންތައް ވަމުން ދިޔައީ ގޯހުން ގޯހަށެވެ. މުއުމިނުން ސިފަކުރާ ފަދައިން ދެން އެމީހުން ފެށީ ޝައްކު ކުރާށެވެ. (وَارْتَبْتُمْ) ވަކިން ޚާއްޞަކޮށް ދީނާއިމެދު އެމީހުން ޝައްކު ކުރިއެވެ. އެއީ އެމީހުންގެ ނޭދެވޭ އެދުންތައް ފުރިހަމަ ކުރުމަށް ހުރަހަކަށްވި ހަމައެކަނި އެއްޗަކީ ދީން ކަމަށްވީތީވެއެވެ. ދީނާއިމެދު ޝައްކުކުރުމުން ފާފަތަކާއިގެން ކުރިއަށް ދިޔުމަށް އެމީހުންނަށް ބަހަނާއެއް ލިބެމުން ދިޔައެވެ. އެންމެ ފަހުން މުއުމިނުން ސިފަކުރާނެހެން އެމީހުން ދޮގު އުއްމީދުތަކުން އެމީހުން ހެއްލިގެން ދިޔައެވެ. (وَغَرَّتْكُمُ الْأَمَانِيُّ). މީގެ މާނައަކީ ދުނިޔޭގެ އެދުމުން އެމީހުންގެ ހިތްތައް ފުރިގެން ދިޔުމެވެ. ﷲ ގެ ރުހިވޮޑިގަތުން ހޯދުމާއި ސުވަރުގޭގެ މަތީ މަޤާމުތައް ހޯދުން ފަދަ މަތިވެރި އެދުންތައް އެމީހުންގެ ހިތްތަކުން ނެތި ދިޔުމުންނެވެ. ﷲ ގެ ހަނދުމައިން އެމީހުންނަށް ނުލިބޭނެ ފަދަ ހިތްހަމަޖެހުމެއް މި ފަނާވަނިވި ދުނިޔޭގެ ކަންތައް ޙާޞިލުކުރުމުން ލިބޭނެކަމަށް އެމީހުން ހީކުރިއެވެ.
މި ހަތަރު ކަންތައްތަކަކީ އަހަރުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ވެދާނެ ގޮތެކެވެ. ފަހަރެއްގައި އަހަރުމެންގެ ތެރެއިން ބައެއްމީހުން މި ދުވަސްކޮޅު ވަނީ ފިތުނައިގެ ތެރެއަށް ވަންނަން ފެށިފައެވެ. އަހަރުމެންނަށް އެނގިގެން އަހަރުމެން ﷲ ގެ ހަނދުމައިން ދުރުކުރުވާ ފަދަ އާދަތައް އަހަރުމެންގެ ކިބައިގައި ހުރެދާނެއެވެ. އަދި އަހަރުމެންގެ ތެރެއިން ބައެއްމީހުން އެކަންތައްތަކުން ދުރުވާން ލަސްކުރަމުން އެބަ ގެންދަމެވެ. އެހެންނޫނީ އަހަރުމެން ވަނީ އެއަށްވުރެ ވެސް ކުރިއަށް ގޮސް އަހަރުމެންގެ ފާފަތަކެއްގެ ސަބަބުން ޝައްކުވެސް ކުރަން ފަށާފައެވެ. އަދި ބައެއްމީހުން ވަނީ އެއަށްވުރެ ވެސް ކުރިއަށް ގޮސް ހަމައެކަނި ދުނިޔޭގެ އެދުންތަކުން ހިތްތައް ފުރިފައެވެ.
އަހަރުމެންވަނީ މި ހަރުފަތްތަކުގެ ތެރެއިން ކޮންމެ ހަރުފަތެއްގައި ކަމަށްވިޔަސް މާތް ﷲ އަޅަމެން މިކަމުން ސަލާމަތްކުރައްވާށި! އަދި އަޅަމެންނަކީ ޤިޔާމަތްދުވަހު އެ ފާރުގެ ރަނގަޅު ފަރާތުގައި ވާ ބަޔަކު ކަމުގައި ލައްވާށި! އާމީން!
*ޢުސްތާޒް ނުޢުމާންގެ ދަރުހަކުން ނެގިފައި