ﷲ އަހަރެންގެ ދުޢާ އިޖާބަކުރައްވާނެ ހެއްޔެވެ؟
އެއްވެސް އަލިމަގެއް ނެތްހެން ހީވާފަދަ ޙާލަތެއްގައި ތިބާ ވީމު ހެއްޔެވެ؟ މި ހުރިހާ ދުވަހު އަމިއްލަ ހިތު ހުރި ގޮތަކަށް އުޅެމުން ގޮސް ތިބާއަށް ބަދަލުނުކުރެވޭނެފަދަ މުޞީބާތެއް ތިބާއަށް ކުރިމަތިވި ހެއްޔެވެ؟ ދެން ތިބާ މި ހުރިހާ ދުވަހު އެފަރާތަކަށް ފަސްދެމުން ދިޔަ ފަރާތާއި ދިމާލަށް ދެއަތް އުފުލަން ނިންމީމުއެވެ. ތިބާގެ އާދޭހުން ފުރިގެންވި ދުޢާ އާހެއްގެ ގޮތުގައި ތިބާގެ ތުންފަތުން ނިކުންނަން އުޅުނު ވަގުތު، ތިބާގެ މާޒީގައި ތިބާއަށް ކުރެވިފައިވި ފާފަތަކުގެ މަތިން ތިބާގެ ހިތް ހަނދާންކޮށްދެއެވެ. ގުނާ ޢަދަދު ނުކުރެވޭހާ ގޮތްގޮތުން ތިބާ ﷲ އަށް އުރެދުނު ގޮތްތަކުގެ މަތިންނެވެ. އެ ހުރިހާ ކަމެއް ތިބާގެ ލޯ ކުރިމަތިން ސިފަވެގެން ދާ ފަދައެވެ. އެ ހުރިހާ ކަމެއްގެ ސަބަބުން ﷲ ތިބާގެ ދުޢާ އިޖާބަ ނުކުރައްވާނެއޭ ހިތައި ތިބާ ތިބާގެ އަތް ތިރިކޮށްލަމުއެވެ. އަދި ބޭރުފުށުން ދީންވެރިހެން ހީވާ މީހެއްގެ ކައިރިއަށް ގޮސް ތިބާއަށްޓަކައި އެ ދުޢާ ކޮށްލަ ދިނުމަށް އެދެމުއެވެ. ﷲ އަޑު އައްސަވަނީ ހަމައެކަނި އެފަދަ މީހުންގެ ދުޢާހެން ތިބާއަށް ހީވާ ފަދައެވެ.
މަތީގައި ލިޔެވިފައިވި ބަސްތައް އެ ސިފަކުރަނީ ތިބާގެ ޚިޔާލުތައް ކަމަށްވާނަމަ، މި އާޔަތް ކިޔާށެވެ.
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ
” އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ” ސޫރަތުލް ބަޤަރާ، 186.
މި އާޔަތުގައި ހާދަ ގިނަ ރީތި ކަންތަކެއް ފޮރުވިފައިވެއެވެ! އެންމެ ފުރަތަމަ ކަމަކަށް ﷲ ސުބުޙަނަހޫ ވަތަޢާލާ އެކަލާނގެ ޒާތުފުޅަށް “ތިމަންރަސްކަލާނގެ” އެ ބަހުން ނިސްބަތްކުރައްވާފައިވި ގޮތް ފާހަގަ ކުރާށެވެ. “އެކަލާނގެ” ގެ ބަދަލުގައި އެކަލާނގެ ބޭނުންކުރައްވާފައިވަނީ “ތިމަންރަސްކަލާނގެ” އެވެ. މިއީ “އެކަލާނގެ” އަށް ވުރެ ގާތް ގޮތެކެވެ. މިގޮތަށް އެކަލާނގެ އަމިއްލަ ޒާތުފުޅަށް ނިސްބަތްކުރައްވަނީ ޤުރުއާނުގައި މަދު ފަހަރަކުއެވެ. “ތިމަންރަސްކަލާނގެ” ޢާއްމު ގޮތެއްގައި ބޭނުންކުރެވިފައިވަނީ އެކަލާނގެ ނިމުމެއްނުވާ ލޯބި އެހެންނޫނީ އިންތިހާ ދަރަޖައިގެ ކޯފާ އެންގެވުމަށެވެ. މި އާޔަތުގައި ދެކެވެނީ ކޮންކަމެއްގެ ވާހަކަތޯ ނިކަން ބަލާލަމާ ހިނގާށެވެ.
އެއަށްފަހު ވެސް މި އާޔަތުގައި އެކަލާނގެ ވަޙީ ކުރައްވާފައިވަނީ ނުހަނު ރީތި ވާހަކައެކެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ “ތިމަންރަސްކަލާނގެ ދުޢާކުރާ މީހެއްގެ ދުޢާ އެ ދުޢާ ކުރެވޭ ވަގުތުގައި އިޖާބަކުރައްވަމެވެ.” މިހެންނެވެ. ލޮބުވެތި އަޚުންނާއި އުޚްތުން ނިކަން މިކަމާމެދު ވިސްނާލާށެވެ. އެތައް މުވައްޒަފުން އުޅޭ ކުންފުންޏެއްގެ މެނޭޖަރަކާއި ބެހޭގޮތުންނެވެ. އެމީހަކާއި ބައްދަލުކުރަން އެޕޮއިންޓްމެންޓެއް ހެދުމަކީ ފަސޭހަކަމަކަށް ވާނެ ހެއްޔެވެ؟ އެފަދަ ބައްދަލުވުމެއް ބޭއްވޭނީ ތިބާއަށް ފަސޭހަ ޠާރީޚެއްގައި ނޫނީ ވަގުތެއްގައި ހެއްޔެވެ؟ ތިބާ އެ މެނޭޖަރުގެ ދަށުން މަސައްކަތް ކުރިޔަސް ތިބާގެ ޙާލަތު އެންމެ ފުރިހަމައަށް އެ މެނޭޖަރަށް އެނގޭނެ ހެއްޔެވެ؟ ތިބާ އެ މެނޭޖަރުގެ ކިބައި އެހީއަކަށް އެދުމެއް އެދުނަސް އެ އެދުން ފުރިހަމަ ވުމުގެ ފުރުޞަތުތަކަކީ ކޮބައިހެއްޔެވެ؟
ދެން ތިބާ ﷲ އާއި މެދު ވިސްނާށެވެ. އެއްވެސް އިންސާނެއްގެ މިސާލަށްވުރެ އެކަލާނގެ ފުރިހަމަވެ މަތިވެރިވެ ވޮޑިގެންވެއެވެ. އެކަލާނގެ ތަދުބީރުކޮށް ހިންގަވާ މުޅި ކާއިނާތެއްވެއެވެ. އުޑުތަކާއި ބިމުގައި ވާހާ މަޚްލޫޤުން އެކަލާނގެއަށް ބަރޯސާވެއެވެ. ކަންމިހެން އޮތް އިރު ވެސް އެކަލާނގެ މި ވަޙީ ކުރެއްވި ބަސްތަކާމެދު ވިސްނާލާށެވެ. ތިމަންރަސްކަލާނގެ އެ ދުޢާ ކުރާ މީހެއްގެ ދުޢާ ދުޢާ ކުރެވޭ ވަގުތުގައި އިޖާބަ ކުރައްވަމެވެ. އާޔަތުގައި ފޮރުވިފައިވި ޢަރަބިން ދޭހަވާ ގޮތުން އެ ދުޢާއެއް ކުރަނީ ތިބާކަން ﷲ ދެނެވޮޑިގެންވާކަން އެނގެއެވެ. ދުޢާ ކުރަމުން ދާ އެތައް ހާސް މީހުންގެ ތެރެއިން ވެސް ﷲ އަށް އޭގެއިން ކޮންމެ ދުޢާއަކާއި ދުޢާ ކުރާ ކޮންމެ މީހެއްގެ ޙާލަތުގެ ޢިލްމު އެންމެ ފުރިހަމައަށް ލިބިގެންވެއެވެ. އަދި މި ރައްބަކީ ދުޢާ ކުރެވޭ ކޮންމެ ވަގުތެއްގައި ވެސް އެ ދުޢާ އިޖާބަ ކުރައްވާ ރަސްކަލާނގެއެވެ.
އާޔަތުގެ ފުރިހަމަ ފަހު ބަސްތަކުން ﷲ އަޅުގަނޑުމެންނަށްޓަކައި ވަރަށް މުހިންމު ހަނދުމަކޮށްދިނުމެއް ހަނދުމަކޮށްދެއެވެ. އެކަލާނގެ ވަޙީ ކުރައްވާ ގޮތުން އަޅުގަނޑުމެން ﷲ ގެ ޙަޟްރަތުން ކަމަކަށް އެދުމަށްފަހު އަޅުގަނޑުމެން ވެސް އެކަލާނގެއަށް އިޖާބަ ދޭންވާނެއެވެ. އަޅުގަނޑުމެންނަށް އެކަލާނގެ ޙަޟްރަތުން ބޭނުންހާ ކަމަކަށް އެދެވިދާނެއެވެ. އެހެނަސް އެކަލާނގެ ވެސް އަޅުގަނޑުމެންނަށްޓަކައި އަމުރުކުރައްވާފައިވި ކަންތައް ހުރިކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެއަށްފަހު އެކަލާނގެ ވަޙީކުރައްވާ ގޮތުން އަޅުގަނޑުމެން އެކަލާނގެއަށް އިމާންވާންޖެހޭނެއެވެ. އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެއެވެ. އެހެނީ ބައެއްފަހަރު ދުޢާއެއް ކޮށްފައި އެ ދުޢާ އަޅުގަނޑުމެން ހިތް އެދޭ ގޮތަކަށް އިޖާބަ ނުވުމުން އަޅުގަނޑުމެންގެ އީމާންތެރިކަމަށް ނޭދެވޭ އަސަރުކުރެއެވެ. އެކަލާނގެ އީމާޏްވުމަށް އަންގަވާފައިވަނީ އެހެންވެއެވެ. މި ހުރިހާ ކަމެއް ކުރަނީ ކޮންކަމެއްގެ އުއްމީދުގައި ހެއްޔެވެ؟ އެއީ އަޅުގަނޑުމެން ތެދުމަގު ލިބިގަތުމަށެވެ.
އެހެންކަމުން ތިބާ އަނދިރިތަކެއްގެ ތެރޭގައި ޣަރަޤުވެފައިވިޔަސް، ތިބާގެ ހިތް އެންމެ ބޮޑަށް ބޭނުންވާ އެއްކަމެއް ހަނދާންކޮށް އެކަމަށްޓަކައި ދެއަތް އުފުލައި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ. އަދި އެ ދުޢާގެ ސަބަބުން އެކަލާނގެ ދުވަހަކުވެސް ކިޔަމަން ނުވާ ވަރަށް ކިޔަމަންވާށެވެ. އަދި އެކަލާނގެއަށް އީމާންވާށެވެ. އެއަށްފަހު ތިބާގެ ލޯކުރިމަތިން ތިބާގެ ދުޢާ އިޖާބަވާތަން ފެނުމުން، ހިދާޔަތުގެ މަގުން ނޫން އެހެން މަގަކުން ހިނގަން ތިބާ ބޭނުމެއް ނުވާނެއެވެ. (އިން ޝާ ﷲ)
މާތް ﷲ އަޅަމެންނަކީ އެބައެއްގެ ދުޢާ އިޖާބަވުމުގެ ސަބަބުން ތެދުމަގު ލިބިގެންދާ ބަޔަކު ކަމުގައި ލައްވާށި! އާމީން!
*އުސްތާޒް ނުޢުމާންގެ ދަރުހަކުން ނެގިފައި
Naxy
June 3, 2021 @ 4:40 pm
Aameen