ﷲ ތިބާގެ ހިތަށް ސާބިތުކަން ދެއްވުމުން ވާނީ ކިހިނެއް ހެއްޔެވެ؟ – އަޞްޙާބުލް ކަހަފްގެ ވާހަކަ
ﷲ ތިބާގެ ހިތަށް ސާބިތުކަން ދެއްވުމުން ވާނީ ކިހިނެއް ހެއްޔެވެ؟
މި ސުވާލުގެ ޖަވާބު ލިބިގަތުމަށްޓަކައި ބަލާލަން ޖެހެނީ “އަޞްޙާބުލް ކަހްފު” ގެ ވާހަކައަށެވެ.
ތިބާގެ ގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. އެހެނަސް އަޅުގަނޑަށް އެންމެ ފުރަތަމަ ފަހަރު “އަޞްޙާބުލް ކަހްފު” ގެ ނަން އިވުމުން ޚިޔާލަށް ގެނެވުނީ ދޫ، ޤަދީމީ ހެދުންތަކެއް ލައިގެން އުޅޭ ދުވަސްވީ ފިރިހެނުންނެވެ. އަދި އެމީހުންނަކީ އެހާ ޚާއްޞަ ބައެއްކަމަށް އޭރު އަޅުގަނޑު ހިއެއްނުކުރަމެވެ. އެމީހުންނަކީ ރަސޫލު ބޭކަލުންނަށް ނުވެފައި ސްކޫލްގައި އެމީހުންގެ ވާހަކަ ކިޔައި ނުދެވޭތީވެއެވެ.
އެ ހީތަކަކީ ކިހާ ބޮޑު ކުށްހީތަކެއްކަން އަޅުގަނޑަށް އެނގުންވީ ކަހްފު ސޫރަތުގެ ތަފްސީރު އަޑުއަހަން ފެށުމުންނެވެ. އެ ސޫރަތުގައިވި އެ ވާހަކަ އިވިފައި އަޅުގަނޑު އަޖާއިބުވެ އަންތަރީސްވިއެވެ. އެ ވާހަކައަކީ ޤުރުއާނުގެ ވާހަކަތަކުގެ ތެރެއިން އަޅުގަނޑުގެ ހިތަށް އެންމެ ބޮޑަށް އަސަރު ފޯރުވި ވާހަކައެވެ. އެއީ ކީއްވެތޯއެވެ؟ އަޅުގަނޑު ކިޔައިދޭން މިއުޅެނީ އެ ސަބަބެވެ.
އަޞްޙާބުލް ކަހްފުގެ ވާހަކަ ފެށިގެންދަނީ ނުބައި ރަސްކަލަކު ކޮންމެވެސް ރަށެއްގެ މައްޗަށް ވެރިކަން ކުރަން ފެށި ހިސާބުންނެވެ. އެ ރަސްގެފާނު ބުދަށް އަޅުކަން ކުރުމަށް އެރަށުގެ އެންމެންނަށް އަމުރުކުރިއެވެ. އެ އަމުރަށް ތަބާ ނުވެއްޖެ މީހަކު ޤަވާޢިދުގެ ދަށުން މަރާލެވޭނެ ކަމަށް އަންގަމުންނެވެ. މީގެ ސަބަބުން އެރަށުގެ އެންމެންހެން އެމީހުންގެ ދީން މަތިން ހަނދާން ނައްތާލައި ޝިރުކުކުރަން ފެށިއެވެ. އެ ރަށުގެ އަހުލުވެރިންގެ ތެރެއިން ޒުވާން ފިރިހެން ކުދިންތަކެއް ފިޔަވައެވެ.
ވާހަކައިގެ މިހާ ހިސާބަށް އަޑުއިވުމުން އަޅުގަނޑު ހުއްޓުން އެރިއެވެ. އެއީ ހަމަ ޒުވާން ކުދިން ހެއްޔެވެ؟ އެ ރަށުގައިވި އެންމެންގެ ތެރެއިން އެ ބައެއްގެ ދީނަށްޓަކައި ތެދުވާނެ ބަޔަކަށްވީ ޒުވާން ފިރިހެން ކުދި ބަޔަކު ހެއްޔެވެ؟ އަޅުގަނޑު އިތުރަށް ޙައިރާންވެގެން ދިޔައީ އެއީ ފުރާވަރުގެ ކުދިންކަން އެނގުމުންނެވެ. އެއަށްވުރެ ވެސް ބޮޑަށް އަންތަރީސްވީ އެކުދިންނަކީ މުއްސަނދި ޢާއިލާތަކަށް ނިސްބަތްވާ އެމީހުން ބޭނުން ހުރިހާ ކަމެއް ފުދިގެންވާ ކުދި ބަޔަކު ކަން އެނގުމުންނެވެ!
އަޅުގަނޑު އަޖާއިބުވީ ވަރު ސިފަކުރަން އިތުރު ބަސްތަކެއް އަޅުގަނޑަކަށް ނޭނގެއެވެ. މުޅި ޢުމުރު ދުވަހު އަޅުގަނޑަށް ފެނިފައިވަނީ މުސްކުޅިން ދީންވެރިވެގެން އުޅޭ މަންޒަރެވެ. އަދި ޒުވާނުން ދުވަހުން ދުވަހަށް ދީނާއި ދުރުވަމުންދާ މަންޒަރެވެ. އެކަމާމެދު ކުރެވޭނެ ކަމެއް ނޯންނާނެކަމަށް އަޅުގަނޑުގެ ހިތް ބުންޏެވެ. އެހެނީ ޒުވާނުންނަކީ މުޖުތަމަޢުގައި ހިނގާ ކަންތައްތަކާއެކީ ބަދަލުވާ ބައެކެވެ. އަދި އެއީ އާޚިރަތާއި މެދު އެހާ ވަރަކަށް ވިސްނާނެ ބައެއް ނޫނެވެ. އާޚިރަތް އެމީހުންނަށް ފެންނަނީ އެހާ ދުރު މުސްތަޤްބަލަކުން ކަމަށްވާތީވެއެވެ. އެހެނަސް އެދުވަހު އަޅުގަނޑު އަޑުއަހަމުން ދިޔައީ ހަމައެކަނި އެމީހުންގެ އީމާންތެރިކަމަށްޓަކައި އެމީހުންގެ ހުރިހާ ލައްޒަތަކަށް ފުރަގަސްދީފައި ނުލަފާ ރަސްގެފާނަކާއި ކުރިމަތިލާން އުޅޭ ޒުވާނުންގެ ވާހަކައެކެވެ. އެމީހުންނަށްޓަކައި އެމީހުންގެ ދިރިހުރުމަށްވުރެ ވެސް އެމީހުންގެ އީމާންތެރިކަން ލޮބުވެތިވެގެން ވި ފަދައެވެ. އަދި އެމީހުން ތެދުވިއެވެ. ހަމައެކަނި އެ ރަސްގެފާނާއި ދެކޮޅަށް ނޫނެވެ. އެ މީހުންގެ އަމިއްލަ ޢާއިލާތަކާއި އެ ރަށުގެ އެންމެންނާއި ދެކޮޅަށެވެ.
އަޅުގަނޑު ޙަޤީޤަތުގައި ޙިއްޞާކުރަން ބޭނުންވަނީ ދެން ވީ ގޮތެވެ. ކުރީގައި ވެސް ކިޔައިދެވުނު ފަދައިން ރަސްގެފާނުގެ އަމުރާއި ދެކޮޅަށް ދާ ބަޔަކަށް އޮތީ މަރުގެ ޙުކުމެވެ. އެހެންކަމުން ދެން އެ ޒުވާނުންގެ މައްޗަށް ވެސް އަންނާނީ އެ ޙުކުމްކަން އަހަރުމެންނަށް އެނގެއެވެ. އެހެނަސް އޭގެ ކުރިން އެމީހުން ރަސްގެފާނުގެ ކުރިމައްޗަށް ގެނެވުނެވެ. މުޖުރިމުން ކޯޓެއްގެ ތެރެއަށް ގެނެވޭ ފަދައިންނެވެ.
އެވަގުތު އެ ޒުވާން ފުރާވަރުގެ ކުދިންގެ ހިތުތެރޭގައިވާނެ ބިރުވެރިކަން ތަޞައްވުރުކުރާށެވެ. އެމީހުން އެމީހުންގެ ވަށައިގެންވި އެންމެންނާއި ދެކޮޅަށް އެހާ ބޮޑު ފިޔަވަޅެއް އަޅާފައި ވަނިކޮށެވެ. މީގެ ވަގުތުކޮޅެއްފަހުން އެމީހުންގެ މައްޗަށް މަރުގެ ޙުކުމް އިއްވިގެން ދާނެއެވެ. އެއީ ހަމައެކަނި އެމީހުން ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރާނެކަމަށް ބުނި ކަމަށްޓަކައެވެ. ރަސްގެފާނަށްޓަކައި މަސައްކަތް ކޮށްދޭ ލަޝްކަރުގެ ބިޔަ ބޮޑެތި މީހުން، އެ ޒުވާނުން ދަމަމުން ރަސްގެފާނުގެ ގަނޑުވަރުގެ ތެރެއަށް ވައްދަމުން ދާ ހިނދު އެމީހުންގެ ހިތުގައި ވާނެ ނުތަނަވަސްކަން ޚިޔާލަށް ގެންނާށެވެ. އެ ލަޝްކަރުގެ އެހެނިހެން މީހުން އެކި ހަތިޔާރު ތަކާއެކީ ދެފަރާތުގައި ރޭވިގެން ތިބޭ ހިނދެވެ. އަދި އެވަގުތު އެތާނގައި އެމީހުންގެ ޢާއިލާއާއި، ދެންވެސް އެ ރަށުގައި ތިބި އެމީހުންނަށްވުރެ ބޮޑެތި މީހުން އެމީހުންނަށް ޙަމްދަރުދީގެ ނަޒަރުތަކުން ބަލަހައްޓައިގެން ތިބި ހިނދެވެ. ހަމަ އެ ވަގުތުން ވަގުތަށް ވެސް އެމީހުންގެ އީމާންތެރިކަން ދޫކޮށްލަން އެ ނަޒަރުތައް އެދެމުންދާ ޙާލުގައެވެ. ރަސްގެފާނުގެ ކުރިމަތީގައި ހުއްޓޭ ހިނދު އެ ޒުވާނުންގެ ހިތުގެ ތެޅުން އަވަސްވާނެ މިންވަރު ތަޞައްވުރު ކުރާށެވެ. ސީދަލަށް ތިބެން ބޭނުންވާ ހިނދު ދެފައިން ވާގި ދޫވާން އުޅޭނެހެން ހީވާނެ ގޮތް ތަޞައްވުރު ކުރާށެވެ. ރަސްގެފާނު އެމީހުން ކުރި “ކުށާއި” މެދު ސުވާލުކުރުމުން ވާހަކަ ދައްކަން ދަތިވާނެ މިންވަރު ހިތަށް ގެންނާށެވެ. އެހެނަސް، ހިތްތައް ބަލިކަށިވި އެވަގުތުގައި، ﷲ އެމީހުންނަށްޓަކައި ކަންތައް ކޮށްދެއްވި ގޮތް ބައްލަވާށެވެ.
وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا فَقَالُوا رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ لَن نَّدْعُوَ مِن دُونِهِ إِلَـٰهًا لَقَدْ قُلْنَا إِذًا شَطَطًا
” އަދި އެއުރެން ތެދުވެ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެއޭ، ތިމަންމެން އެކަލާނގެނޫން إله އަކަށް އަޅުކަމެއް ނުކުރާނޫއޭ ބުނިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކަށް ގަދަކަން ދެއްވީމެވެ. (އެނޫން ގޮތަކަށް ތިމަންމެން ބުނެފިނަމަ) ތިމަންމެން އޭރުން އެބުނީ، އަނިޔާވެރިކަމާއި، كفر ގެ ނިހާޔަތަށް ގޮސްފައިވާ ބަހެއްކަން ކަށަވަރެވެ” ސޫރަތުލް ކަހަފް، 14
އެމީހުންނަށް ގަދަކަން ލިބުން ނާދިރުހެން ހީވާ އެ ޙާލަތުގައި ﷲ އެމީހުންގެ ރޫރޫއަޅަމުން ދިޔަ ހިތްތަކަށް ސާބިތުކަން ދެއްވިއެވެ. އެއީ އެ ޒުވާނުން ބުނަން ބޭނުންވެފައިވި ޙައްޤުގެ ބަސްތައް ބުނެވޭނެ ފަދައަކުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުން ހިތްވަރާއެކީ އެ ރަސްގެފާނާއި މުޚާތަބުކޮށް ވާހަކަ ދައްކަން ފެށިއެވެ. އަދި އެމީހުންގެ ވެރިރަސްކަލާނގެއާއި މެދު އެ ރަސްގެފާނަށް ކިޔައިދޭންފަށައެވެ. އަދި ﷲ އާއި އެހެން ފަރާތެއް ޝަރީކުކުރުމަކީ ކިހާ ނުބައި ކަމެއްކަން ޖެހިލުމެއް ނެތި ރަސްގެފާނަށް ކިޔައިދެއެވެ. ޙާލަތް ބަދަލުވީގޮތް ނިކަން ދެކެބަލާށެވެ. ނުބައި ކަމެއް ކުރީ ކީއްވެތޯ އަހަންޖެހިފައިވީ ރަސްގެފާނެވެ. އެހެނަސް އޭގެ ބަދަލުގައި ރަސްގެފާނު ގޯހެއް ހަދަނީ ކީއްވެތޯ މި ސުވާލުކުރަނީ އެ ޒުވާނުންނެވެ. ސުބްޙާނަ ﷲ!
ﷲ ހިތްތަކަށް ސާބިތުކަން ދެއްވާ ގޮތަކީ މިއީއެވެ. ސާބިތު އީމާންތެރިކަމުން ފުރިފައިވި ހިތްތައް ބަލިކަށިވާ ހިނދު އެ ހިތްތަކަށް ސާބިތުކަން ދެއްވަނީ ﷲ އެވެ. ވަކިން ޚާއްޞަކޮށް ދަތިތަކާއި އެކީގައިވެސް ސާބިތު ހިތްތައް ޤާއިމްކުރަން މަސައްކަތް ކުރާ ޒުވާނުންނަށްޓަކައެވެ.
މާތް ﷲ އަޅަމެންނަކީ ކިތަންމެ ދަތިތަކާއި ކުރިމަތިވިޔަސް އެކަލާނގެއާއި އެކަލާނގެ ދީނަށްޓަކައި ތެދުވާ ބަޔަކު ކަމުގައި ލައްވައި އެކަލާނގެ ދީން މަތީގައި އަޅަމެންގެ ހިތްތައް ސާބިތު ކުރައްވާށި! އާމީން!
*އުސްތާޒް ނުޢުމާންގެ ދަރުހަކުން ނެގިފައި