ދާރިސް (ބަޔާޅީސްވަނަ ބައި)
ދާރިސް (ބަޔާޅީސްވަނަ ބައި)
ފޮތް މަތި މަތިން ބެލުމަށްފަހު ހިބާ ދެންވެސް އެ ވަތްގަނޑަށް ބަލައިލީ އެފަދަ އިތުރު އެއްޗެއް ފެނޭތޯއެވެ. އެހެނަސް ވަތްގަނޑުން ދެން ފެނުނު އެއްޗަކުން ހިބާގެ ހިނިތުންވުން ހިސާބަކަށް ފޭދުނެވެ. ލަސްލަހުން އަތުގައި އޮތް ފޮތް މޭޒުމަތީގައި ބޭއްވުމަށްފަހު ހިބާ ނެގީ، ވަތްގަނޑުގެ އެތެރޭގައި ތަރުތީބުން ބެހެއްޓިފައި ހުރި ސިޓީ އުރަތަކުގެ ތެރެއިން ސިޓީ އުރައެކެވެ. ސިޓީ އުރައިގެ ބޭރުގައި ތާނަ އަކުރުން ލިޔެވިފައިވީ ‘މަންމަ ފަރާތުން ދާރިސްއަށް’ މިހެންނެވެ.
“ލޯބި އެއްކަލަ ދުވަހު ލައިކްވި ވައްތަރު ހުސްވެފައޭ ހުރީ….އެކަމަކު އޮރެންޖް ފްލޭވާރ ވެސް ހިބާއަށް ކަމުދާނެހެން ހީވަނީ. ކަމުނުދަންޏާ ގަން-“
ދާރިސް ވާހަކަ ދައްކަމުން ދެ ދަޅު ހިފައިގެން އައިސް ކޮޓަރިއަށްވަދެ ހިބާގެ ކުރިމަތީގައި ހުއްޓިލުމާއިއެކު ވާހަކަ ހުއްޓިގެން ދިޔައީ ކުއްލިއަކަށެވެ. ދާރިސް ހުއްޓުން އެރީ އޭނަގެ އަތުގައި އޮތް ސިޓީ ފެނިފައިކަން އެނގެން ހިބާއަށް މާ ގިނައިރެއް ނުނެގިއެވެ. ދާރިސްގެ ނަޒަރު އެ ސިޓީއަށް ހުއްޓިގެން ދިޔަގޮތަށް އެ ނަޒަރު އެގޮތުގައި ދެމިހުރީތީވެއެވެ.
ދާރިސްއަށް ވެގެން ދިޔަ ގޮތުން ހިބާގެ ހަނދާނަށް އެންމެ ފުރަތަމަވެސް ވެރިވެގެން ދިޔައީ ބައްޕަގެ ހަނދާނެކެވެ. ދާރިސްގެ ކުރިމަތީގައި ދާރިސްގެ ނަން ގަންނަން އުޅުމުން ވެސް ބައްޕަ ހުއްޓުވި ގޮތެވެ. އެއަށްފަހު ހަނދާނަށް އަންނަން ފެށީ ކައިވެނީގެ ކުރިން ޚުދު ދާރިސްގެ ދުލުން އިވިފައިވާ ވާހަކަތަކެވެ. ދާރިސްއަކީ އަމިއްލަ މަންމައަށް ލިބުނު އަނިޔާއެއްގެ ތެރެއިން ދުނިޔެއަށް އައި ކުއްޖެއްކަމަށް ބުނެލި ބުނެލުމެވެ.
އެ ޙަޤީޤަތް ހިބާއަށް އެނގިފައި ވިޔަސް ހިބާއަށް ސާފުނުވާ ކަންތައް އަދި އެބަ ހުއްޓެވެ. ދާރިސްގެ މަންމަ މިއަދު ހުރީ ކޮންތާކުތޯއެވެ. ދާރިސް ކުޑައިރު މަންމައާއި ދުރުގައި އުޅެން ޖެހުނު ސަބަބެވެ. އަދި އަމުދުން އޭނަގެ އަތުގައި އެވަގުތު އޮތް ސިޓީ އުރައިން، އެ މަންމަ ދާރިސް ދެކެ ލޯބިވާއިރު ވެސް ދުރުގައި ހުރީހެން ހީވެއެވެ. އެ ހުރިހާ ސުވާލެއްގެ ޖަވާބެއް ދެނެގަންނަން ހިތް އެދުނު ވަރުން ހިބާއަށް ވާހަކަ ދެކެވުނެވެ.
“މަންމަގެ ސިޓީއެއްދޯ މިއީ؟ ކީކޭތަ މީގަ އޮތީ؟” ހިބާ ތުންފަތްމައްޗަށް ހިނިތުންވުމެއް ފަތުރަމުން އެހެން ބުނެލީ ސިޓީ އުރަ ހުޅުވަން ޚިޔާލުކޮށްފައި ވެސް އެ ޚިޔާލު ބަދަލުކޮށްލަމުންނެވެ. ދާރިސްގެ އިޒުނައެއް ނެތި އޭގައި އޮތް ސިޓީ ނަގައިފިނަމަ ދާރިސް ނުރުހުންވެދާނެހެން ހީވުމުންނެވެ.
ހިބާ ކޮށްލި ސުވާލުތަކާއިއެކީ ހިބާއަށް އޭނަގެ ކުރިމަތިން ފެންނަން ފެށީ، މީގެ 13 އަހަރު ކުރިން ފެނުނު ދާރިސްހެން ހިބާއަށް ހީވިއެވެ. އެ ސުވާލުތައް ކޮށްލުމާއިއެކު ދާރިސް އިސްޖަހައިލަމުން ކަޅި ދެ ފަރާތަށް ހިންގަން ފެށީ، ނުތަނަވަސްކަމާއި ހިތާމަވެރިކަން ވެސް އެކުލެވޭ ގޮތަށެވެ.
އެ މަންޒަރު ފެނިފައި ހިބާގެ ހިތް މޭ ތެރޭގައި އޮވެ ގެނބުނެވެ. މިއީ ސްވިޓްޒަލޭންޑުން އޭނައަށް ދާރިސް ފެނުނު ފަހުން ދާރިސް މިފަދަ ގޮތެއްގައި ފެނުނު ފުރަތަމަ ފަހަރަށްވުމުންނެވެ.
ވޭތުވެ ދިޔަ ހަފްތާތަކުގެ ތެރޭގައި ދާރިސް ވަނީ އޭނައަށް އޯޓިޒަމް ތެރަޕީއިން ދަސްވި ބައެއް ކަންތައް ހިބާއަށް ކިޔައިދީފައެވެ. ދާރިސް ބުނި ގޮތުގައި ވަރަށް ފުން ޖަޒުބާތުތަކާއި ހެދި ނޫނީ ބޭރުފުށުން އޭނަގެ އުޅުމުން ފެންނަ އޯޓިޒަމްގެ ހުރިހާ ޢަލާމާތްތައް ފޮރުވަން އޭނައަށް ދަސްވެފައިވެއެވެ. މިވަގުތު ދާރިސް އެފަދަ ޙާލަތަކަށް ދިޔައީ އޭނަގެ ސަބަބުންކަން އެނގުންވުމުން ވީ ދެރައާއިއެކީ، ދާރިސްގެ ޙާލަތު ރަނގަޅު ކުރަން ހިބާއަށް ވަގުތުން އަވަސްވެވުނެވެ.
“އޮރެންޖް ފްލޭވާރދޯ؟ ޔޫ ގެސްޑް އިޓް ރައިޓް ހަމަ….ޢާއްމު ގޮތެއްގަ އޮރެންޖް ފްލޭވާރ ލައިކްވޭ ކޮންމެ އެއްޗެއްގެ ވެސް. ދާރިސް ލައިކްވަނީ ބްލޫބެރީދޯ؟ ހެހެ…..” ހިބާ އޭނަގެ އަތުގައި އޮތް ސިޓީ އުރަ ވަތްގަނޑަށް ލުމަށްފަހު ދާރިސްގެ އަތުން އެއްދަޅު ހޯދަމުން ހީލިއެވެ. އެހެނަސް ހިބާ ހީކުރި ގޮތާއި ޚިލާފަށް ދާރިސްއަށް ނުހެވުނެވެ. އޭގެ ބަދަލުގައި ދާރިސް އެއްފަހަރު ހިބާއަށް އަނެއްފަހަރު ވަތްގަނޑަށް ނަޒަރު ހިންގަމުން ގޮސް ވާހަކަ ދެއްކިއެވެ.
“ހިބާ….ސިޓީ…ހިބަ-” ދާރިސް ހިބާގެ ނަން ކިޔައިލީ ވާހަކަތަކެއް ކިޔައިދީ ސުވާލުތައް ކުރަންހެން ހީވިޔަސް ވަކި ހިސާބަކުން ދާރިސްގެ އިސްޖެހި، ވާހަކަ ހުއްޓިގެން ދިޔައެވެ. އެއަށްފަހު އެ މޫނުމައްޗަށް ވެރިވީ، ވާހަކަ ނުދެއްކޭތީ އަމިއްލަ ނަފްސަށް ނުރުހުންވީ ފަދަ އަސަރެކެވެ. އެ މަންޒަރު ފެނިފައި ހިބާ އަތުގައި ހުރި ދަޅު މޭޒުމަތީގައި ބެހެއްޓުމަށްފަހު ދާރިސްގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ.
“އިޓްސް އޯކޭ ދާރިސް. އަހަރެން ނުބަލަން ދެންމެ އެ ސިޓީ އުރައިގެ ތެރޭގަ އޮތް އެއްޗަކަށް….އެއާއިމެދު ސުވާލެއް ވެސް ކުރާކަށް ނެތިން….ދާރިސް އަހަންނާއި އެ ވާހަކަތައް ޙިއްސާކުރަން ތައްޔާރުވީ ދުވަހަކުން އަހަންނަށް އެ ވާހަކަތައް ކިޔައިދޭންވީ. އެ ދުވަހެއް ނަޔަސް އަހަރެން ދާރިސްއަށް ނުރުހުމެއް ނުވާނަން. ކުރިން ވެސް ބުނިހެން ދާރިސް ކަނޑައްތު ކޮށްފައި ތިހިރީ އަހަންނަށް ޚިޔާލަށް ގެންނަން ވެސް ދަތި ހިތާމަތަކެއް….އެނގޭ މާޒީގެ އެއްވެސް ވާހަކައެއް ކިޔައިދޭން ދާރިސްއަށް ފަސޭހައެއް ނުވާނެކަން. ޔޫ އާރ ވަން ސްޓްރޯންގް ޕާރސަން…އެ ހުރިހާ ނޭދެވޭ ޙާލަތްތަކާއި އެކީ ވެސް ދާރިސް މިހާ ހިސާބަށް އައިސްފައި ހުރި ހުރުމުން އެނގެނީ ދާރިސްގެ ހިތްވަރުގަދަކަން…” ހިބާ މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކީ، ދާރިސްގެ ކޯތާފަތުގައި ލޯތްބާއިއެކީ ބޮޑުވާ އިނގިލިން ފިރުމަމުންނެވެ. ހިބާ ދެއްކި ވާހަކަތަކުން ދާރިސްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެ ލޯ ފެނިފައި ހިބާގެ ލޮލުން ވެސް ކަރުނަ ނިރާލިއެއްކަމަކު، ހިބާ ހިނިތުންވެލަމުން ދާރިސްގެ ކޯތާފަތަށް ބޮސްދިނެވެ. އުފާވެލާށޭ ބުނުމުގެ ޢިޝާރާތެއްގެ ގޮތުންނެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަންތައް ދިމާވެފައިވިޔަސް، އޭނަގެ ކައިރީގައި ހުރުމުން ދާރިސް އުފާވާނެ އެތައް ސަބަބެއް ވާކަމަށް، ވިދުމެއްވި އެ ދެލޮލުން ބުނަމުން ދިޔަ ފަދައެވެ.
ދާރިސްއަށް ހިބާ ދޭން އުޅުނު އެ ‘މެސެޖު’ މާ ރަނގަޅަށް ވެސް ނަގައިގަނެވުނެވެ. ހިބާގެ ހިނިތުންވުން ފެނިފައި ދާރިސްއަށް ހިތާމަވެރި ލޮލާއި އެކީ ވެސް ހިނިތުންވެލެވުނީ، ހިބާ އޭނަގެ ޙަޔާތުގައި ވީތީ ޙަމްދުކުރެވޭ ޙާލުގައެވެ.
އެވަގުތުކޮޅަށްފަހު ދާރިސް މުޅިން ހަމައަކަށް އެޅެން ފުދޭވަރަކަށް ވަގުތު ނެގިއެވެ. އެހެނަސް ހިބާގެ ލޯބިން ފުރިގެންވި ބަސްތަކާއި ސަމާސާތަކުން މާ ގިނައިރެއްނުވެ ދާރިސްގެ މޫނުމަތިން ފުރިހަމަ ހިނިތުންވުންތައް ފެންނަން ފެށިއެވެ. ސްވިޓްޒަލޭންޑުގައި ދެމީހުން ހޭދަކުރި ފަހު ރޭ ދެމީހުން އުއްބައްތި ޖަހައިގެން ‘ޑޭޓް’ އެއް ބޭއްވީ ހިބާ ދިން ޚިޔާލެއްގެ މަތިންނެވެ. ދެމީހުން އެކީގައި ހޭދަކުރި އެ ވަގުތުކޮޅުގެ ތެރޭގައި ދާރިސް އޭނަގެ ހިތާމަތަކުގެ މަތިން ހަނދާން ނެތިގެން ދިޔަ ގޮތުން ޚުދު ދާރިސް ވެސް ޙައިރާންވާހާވިއެވެ. ޢާއްމު ގޮތެއްގައި މާޒީގެ ހަނދާންތައް އާވުމަށްފަހު އޭނަގެ ޙާލަތު ރަނގަޅުވުމަށް މަދުވެގެން ދެ ތިން ދުވަސް ނަގާތީވެއެވެ. އެކަމަށްޓަކައި ވެސް ދާރިސްގެ ހިތް ޝުކުރުވެރިކަމުން ފުރުނު ހިނދު ލޮލުން އުފާވެރިކަމުގެ ކަރުނަތައް ވެސް ހިލުނެވެ. އޭގެ ބަދަލުގައި ދާރިސް ހިބާ ދެކެ ކިހާ ލޯބިވާކަން އެރޭ ވެސް ހިބާއަށް ކިޔައިދީ، އިޙްސާސްކޮށްދިނެވެ.
އެ ދެމަފިރިން މާލެއަށް ފުރަން ދިޔައީ އޭގެ އަނެއްދުވަހުގެ ފަތިހު 5 ޖެހި ވަގުތެވެ. ގަޑިއިރުތަކެއްގެ ދިގު ދަތުރަކަށްފަހު ދެމީހުންނަށް މާލެއާއި ހިސާބަށް ދެވުނީ ރާއްޖޭގެ ގަޑިން ރޭގަނޑު 8 ޖެހި ވަގުތެވެ. ހިބާ އެރެއިން އެ ރެއަށް ވެސް ރަށަށް ދާ ވާހަކަ ދެއްކިއެއްކަމަކު ދާރިސްއަށް ހިބާ ވަރުބަލިވެފައި ހުރި މިންވަރު ފާހަގަވިއެވެ. އެހެންކަމުން ވަގުތުން ވަލީދުބެއަށް ގުޅައި މާލޭގެ ހޮޓެލްތަކުގެ ޚަބަރު އެހިއެވެ. އަދި އެ ހޮޓެލްތަކުގެ ފެންވަރު ސޯޝަލް މީޑިއާއިން ހޯދައި، އެންމެ ކަމުދިޔަ ހޮޓެލް ބުކް ކުރުމަށްފަހު ޓެކްސީއަކުން ހިބާއާއިއެކީ ހޮޓެލަށް ދިޔައެވެ.
ޓެކްސީއިން ހޮޓެލަށް ދިޔަ މަގުމަތީގައި، އޭނަގެ ކޮނޑުގައި ބޯ އަޅައިލި ހިބާ ނިދުމުން، ދާރިސްގެ ސަމާލުކަން ބޭރުން ފެންނަމުން ދިޔަ މަންޒަރުތަކަށް އަމާޒުވިއެވެ. އެތައް އަހަރެއް ފަހުން ޢިމާރާތްތަކާއި މީހުން ގިނަވެފައިވި މާލޭގެ މަގުތައް ފެނުނެއްކަމަކު، މިއީ އޭނަގެ ކުޑައިރުގެ ޙަޔާތުގެ ބޮޑުބައެއް ހޭދަކުރި ބިން ކަން ހިތަށް އެނގުންވިއެވެ. ހަމަ އެއާއިއެކު މި ބިމުގައި އޭނަ ކުރިމަތިލާން ޖެހުނު ނަޒަރުތަކާއި، މާނަ ވެސް ނޭނގޭ ހުތުރު ބަސްތަކާއި، އެތައް ދުވަހެއްގެ މަތިން އިވުނު މަންމަގެ ރުއިމުގެ އަޑުތަކުގެ މަތިން ހަނދާން އާވެގެން ދިޔައެވެ.
އެއާއިއެކު ދާރިސްގެ ހިތް މޭގައި އޮވެ އަނެއްކާވެސް ޖެހި ފިތި ބާރުވާން ފެށިހެން ހީވުމުން ދާރިސް އެކި ދިމަދިމާލަށް ނަޒަރު ހިންގައި ފުން ނޭވާތަކެއް ލެވޭތޯ މަސައްކަތް ކުރިއެވެ. އެ މަސައްކަތުގެ ތެރެއިން ބޭރަށް ނަޒަރެއް ދެވުނު ވަގުތު ދިގު ޢިމާރާތެއްގެ އެންމެ މަތިން ‘ސްޓާރ ލައިޓް ހޮޓެލް’ އޭ ލިޔެވި ދިއްލިފައިވި ތަން ފެނިފައި އެ ދިމާލަށް ބަލަން ދާރިސްއަށް އިނދެވުނެވެ. އެވަގުތު ޓެކްސީ ގޯޅިއަކުން ލަންބަމުން ދިޔަ ވަގުތު ވެސް ދާރިސްއަށް އެދިމާލަށް ބެލުނީ، އާސިފްގެ މަތިން ހަނދާންވުމުންނެވެ. އެއާއިއެކު އިސާހިތަކު އޭނަގެ ހިތުގައި ރޯވީ ރުޅީގެ އަލިފާނެކެވެ. އެ ހޮޓެލުގައި އެ އާސިފަކު ހިބާއަށް ދޭން އުޅުނު އަނިޔާއެއް އެ ހިތަށް އެނގުންވުމުންނެވެ. އޭނަ ދިރިއުޅޭނެ ރަށަކަށް މާލެ ނުނިންމީ ނަސީބަކަށޭ ހިތަށްއެރިއެވެ. އޭނައަށް އާސިފް ހަމަ ލޮލަށް ފެނިއްޖެނަމަ އަތުން ފައިން ގޯހެއް ހެދިދާނެ ކަމުގެ ބިރުހީވީތީވެއެވެ.
ދާރިސްއާއި ހިބާ ރަށަށް ފުރައިގެން ދިޔައީ އެރޭ ހޮޓެލުގައި އަރާމު ކުރުމަށްފަހު ހޮޓެލުން ސައިވެސް ބޮއިގެންނެވެ. ސައި ބުއިމުގެ ތެރެއިންނާއި ދަތުރު މަތިން ވެސް ދާރިސް ރޭ އޭނަގެ ހިތަށް ވެރިވި ޚިޔާލުތައް ހިބާއަށް ކިޔައިދޭކަށް ނުއުޅުނެވެ. އެ ވާހަކައިން ހިބާގެ މޫޑު ޚަރާބުކޮށްލަން ހިތް ނޭދުމުންނެވެ. އަދި އަމުދުން ހިބާ ހަމްނާގެ ވާހަކަތައް ދައްކަމުން ދިޔައިރު، އެ މޫނުމައްޗަށް ވެރިވަމުން ދިޔަ ހިނިތުންވުންތައް ވެސް ގެއްލުވައިލަން ބޭނުމެއް ނުވީތީވެއެވެ.
ހިބާމެންގެ އަތޮޅާއި ހަމައަށް ދެމީހުންނަށް އެންމެ ފަހުން ދެވޭ ގޮތްވީ ހެނދުނު 10 ޖަހައި ބޮޑުވަމުން ދިޔަ ވަގުތެވެ. އެއާރޕޯޓުގެ ތެރެއިން ވެސް ހަމްނާ ފެނިފައި ހިބާ ޓާރމިނަލަށް ނިކުމެގެން ގޮސް ހަމްނާގެ ގައިގައި ބައްދައިލި ގޮތުން، ހިބާ ހަމްނާދެކެ ލޯބިވާ މިންވަރު ދާރިސްއަށް އެނގުންވިއެވެ.
“ވޯވް! ދޮންތައަށް ލިބިފަ މިހިރީ ހަމަ ފިލްމެއްގެ މޭލް ލީޑެއްހެން ހީވަނީ….ބޮޑު ސެލެބްރިޓީއެއް ކުޑަކުޑަ ރަށަކަށް އައިސްގެން އުޅޭހެން ހީވަނީ ހުވާ!” ދާރިސް ލަގެޖް ހުރި ޓްރޯލީ އެއްއަތުން ކޮއްޕަމުން އަވި އައިނެއް އަޅައިގެން އަންނަމުން ދިޔަ ގޮތުން ހަމްނާ ބުންޏެވެ. އެއާއިއެކު ތިން މީހުންނަށް އެކުއެކީގައި ހެވުނެވެ.
އެއާރޕޯޓު ހުންނަ ރަށުން އެމީހުން އުޅޭ ރަށާއި ހަމައަށް ކަނޑުމަގުން ދިޔަ ދަތުރު މަތީގައި ވެސް ތިން މީހުން އެކީގައި އެކި ވާހަކަ ދައްކައި، ސަމާސާކޮށް، ހުނުންތައް ޙިއްސާކުރިއެވެ. ދާރިސްއާއި ހަމްނާގެ ގުޅުން އެހާ ވަރަށް ބަދަހިވެފައިވަނީ ވޭތުވެ ދިޔަ ހަފްތާ ތެރޭގައި ހިބާ ހަމްނާއަށް ގުޅާ ކޮންމެ ފަހަރަކު ދާރިސް ވެސް ވާހަކަ ދައްކާތީވެއެވެ. ހިބާއަށް މުހިއްމު މީހުންނާއި ރަނގަޅު ގުޅުމެއް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށް ދާރިސް ދެކުނީތީވެއެވެ.
ގެއާއި ހަމައަށް ދެވުމާއިއެކު ހަމްނާ އަދި ބޮޑުބޭބެގެ ގެއަށް ދާންޖެހޭ ކަމަށް ބުނެލީ، ހަމްނާގެ އަންނައުނުތައް ހުރީ އަދިވެސް އެގޭގައި ކަމަށްވުމުންނެވެ. އެމީހުން ގެއަށް އައި ދަންނަ ޓެކްސީގައި ހަމްނާ ބޮޑުބޭބެގެ ގެއަށް ދާން ނައްޓައިލީ ހިބާއަށް އެއްޗެކޭ ވެސް ނުބުނެވެނީހެވެ.
“އަވަހަށް އެ ބަޗައިލީ އަހަރެން އެއްޗެކޭ ކިޔާނެކަން އެނގޭތީ. ނޭނގެ މި ކުއްޖާއާއިމެދު ހަދަންވީ ގޮތެއް. ފަހު ވަގުތުގަ ހުރިހާ ކަމެއް ކުރުމުގެ މާހިރެއް. އެނގޭ ޢުމުރުގެ ގޮތުން ވާ ގޮތްކަން ވެސް އެކަމަކު ބައެއް ފަހަރު ކަންބޮޑުވޭ….” ހިބާ އަމިއްލަ އަމިއްލައަށް ވާހަކަ ދައްކަމުން ގެއަށް ވަނެވެ.
“އެންޑް ކަންބޮޑުވުމަކީ ހިބާގެ ސްޕެޝަލްޓީ…” ދާރިސް ވެސް އަމިއްލަ އަމިއްލައަށް އެހެން ކިޔަމުން ހިބާގެ ފަހަތުން ވަންނަން އުޅުނު ވަގުތު ހިބާ ފަސްއެނބުރި، ދެލޯ ހަނިކޮށްލުމުން ދާރިސް ހުއްޓުން އެރިއެވެ.
“އޫޕްސް….ސޮރީ! ދެން އެހެން ނުބުނާނަން ޕްރޯމިސް..އައްދެ…މި ގެ މިހިރީ ހަމަ ހުރި ގޮތަށްދޯ؟” ދާރިސް ދެލޯ ބޮޑުކޮށް މަޢާފަށް އެދުމުން ހިބާ ހީލުމާއިއެކު ގޭގެ ތެރެއަށް ވަދެ ވަށައި ހޯދަމުން ދާރިސް ވާހަކަ ދެއްކިއެވެ.
“ހުމް….އަހަންނަށް ސޭވްކޮށްގެން ކުރެވުނުހާ ވެސް ކަމަކީ ގޭގެ ކުލަ ލުމާއި ޓީވީ ބަދަލުކުރުން. ދެން ހަމްނާ ކިޔުނު ވަރުން ޕްލޭއިސްޓޭޝަނެއް ގަނެދީފަ މިހިރީ….ކޮޓަރިތައް ވެސް ހުންނާނީ ހުރިގޮތަށް..” ހިބާ ގޭގެ ތެރެއަށް ދަމުން ވާހަކަ ދެއްކި ގޮތުން ދާރިސްއަށް ފިޔަވަޅުތައް މަޑުޖައްސައިލެވުނީ، ދެންމެ އެ ސުވާލު ކުރެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ޙާލުގައެވެ.
އޭނަ މި ގެއިން ދިޔަތާ މާ ގިނަ ދުވަހެއް ނުވެ މިގޭގައި އުޅެމުން ދިޔައީ ހިބާ އެކަނިމާ އެކަންޏެވެ. ކޮއްކޮ ވެސް ހިބާއާއިއެކީ ހުރެ އަވަށްޓެރިންގެ އެހީ ލިބުނެއްކަމަކު ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގޭގެ ކަންތައް ބަލަހައްޓާފައި ހުންނާނީ ހިބާ ނޫން ދެވަނަ މީހެއް ނޫންތާއެވެ. ހިބާ އެކަނި އުޅެމުން ވެސް އެގޭގެ ފަތްޖެހި ގޮނޑިތައް ސޯފާއަށް ބަދަލުކޮށްފައި ހުރި ގޮތުންނާއި، ސިޓިންގް ރޫމުން ކުރިން ފެންނަ ކާމޭޒު އެތަނުން ފެންނަން ނެތް ގޮތުން ކާގެއެއް ވެސް ހެދުނީކަން އެނގުންވި ހިނދު، ދާރިސްއަށް ހިބާގެ ހިތްވަރަށް ތަޢުރީފު ކުރެވުނެވެ.
“ބަލާބަލަ މިހިރީއެއްނު ބައްޕަމެން ކޮޓަރިވެސް؟ މި ކޮޓަރީގަ މިހާރު އަހަރެން އުޅެނީ…”
“އަނހަ! އަހަރެން އެ ކޮޓަރިއަށް ވެއްދީމަ އެހާ މައްސަލަ ޖައްސާފަ އަހަރެން ދިޔައިމަ އެ ކޮޓަރީގެ ބޭނުންވެސް ނުހިފީތަ؟”
“ހެހެ….ނޫން ދެން އަސްލު…ދާރިސް އެ ކޮޓަރީގަ އުޅެފަ ދިޔައިމަ ދެން އެކޮޓަރިއަށް ދާން ބޭނުމެއް ނުވީ. ވަރަށް ފަހުން އެ ކޮޓަރި ކުއްޔަށް ދޭންފެށީ. ހަމްނާގެ އެގްޒާމް ފީސްތައް ހަމަކުރަންވެގެން. ބުނީމެއްނުދޯ؟” ހިބާ ދޯދިނެވެ. ދާރިސް އެ ވާހަކައަށް ބޯޖަހައިލިއެވެ.
“އެކަމަކު އެންމެ ފަހުން އެ ކޮޓަރި ކުއްޔަށް ހިފި ދައްތަ ގޮއްސި. މީގެ ދެ ދުވަސް ކުރިން. އެހެންވީމަ އެ ކޮޓަރީގަދޯ ދެމީހުން އުޅޭނީ؟ ފޯ ދި އޯލްޑް ޓައިމްސް ސޭކް؟” ހިބާ ހިނިތުންވުމަކާއިއެކީ ސުވާލުކުރުމުން ދާރިސް ވެސް ހިނިތުންވެލިއެވެ.
އެ ވާހަކައަށްފަހު ދެމީހުން އެކީގައި ދިޔައީ ދާރިސް ކުޑައިރު އެގޭގައި އުޅުނު ‘ހިބާގެ’ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ އެ ހަނދާންތައް އާ ކުރަމުން ދެމީހުން ހުނުންތައް ބަދަލުކުރިއެވެ. އެ ހުނުންތަކުގެ ތެރެއިން ހިބާ އަނެއްކާވެސް ކަންބޮޑުވުމެއް ފާޅުކުރިއެވެ.
“ދާރިސްއަށް އުދަގޫވާނެދޯ މިހާރު މިހާ ކުޑަ ކޮޓަރިއެއްގަ އުޅެން؟ މި ހުރިހާ ދުވަހު ކިންގް ސައިޒް ރޫމުގަ އުޅެއުޅެފަ. ވަރަށް ތަފާތު މޫސުމެއް އޮންނަ ޤައުމަކަށް އައިއްސަ މިހާ ކުޑަ ތަނެއްގަ އުޅެންވީމަ ސަފޮކޭޓްވާނެދޯ؟” ހިބާ އެހިއެވެ.
“އެއްކަލަ ހެވޭ ކަހަލަ ވާހަކަތައް ތި ދައްކަނީ ހިބާ….ކުޑަ ކޮޓަރިއެއްގެ އުޅުނީމަ މިކަހަލަ އެކްސިޑެންޓުތައް ވެސް ގިނަވާނެއެއްނު؟ ވަޓްސް ނޮޓް ޓު ލައިކް؟” ދާރިސް އެހެން ބުނެލީ ހިބާގެ އުނަގަނޑުގައި ހިފައި އޭނައާއި ގާތްކޮށްލަމުންނެވެ. ދާރިސްގެ އެ ޙަރަކާތުން ހިބާއަށް ހެވުނެވެ. އެ ހުނުމުގެ ތެރެއިން ދާރިސް ހިބާގެ މޫނުގައި ބޮސްދޭން ފެށި ވަގުތު ހިބާ ވާހަކަ ދެއްކިއެވެ.
“މަޑުކޮށްބަލަ ދާރިސް….ހަމް މިހާރު އަނެއްކާ ގެއާއި ކައިރި ކުރާނީ. ހަމްއަށްޓަކައި ހެދުން ފޮށި ނަގައިދީބަލަ. ޓެކްސީ ބޭބެ އުޅުނީ އެހެން ތަނަކަށް ދާން ލަސްވެގެން އަހަރުމެން ބަލާ ދިޔައިރުވެސް…”
“އޯލްރެޑީ؟! ހާދަ ކުރު ދަތުރުތަކޭ!!!”
“ވެލްކަމް ބެކް ޓު މޯލްޑިވްސް!”
ހިބާ އެހެން ބުނުމުން ދާރިސް އަނެއްކާވެސް ހީލިއެވެ. އެއަށްފަހު އަނެއްކާވެސް ހިބާގެ ނިތަށް ބޮސްދިނުމަށްފަހު ކޮޓަރިން ނިކުންނަން ދިޔައީ ހިބާ އެދުނު ގޮތަށް ކަންތައް ކޮށްދިނުމަށެވެ.
ދާރިސް ގޭގެ ފެންޑާއަށް ނިކުމެ، ގޭގެ ވަށައިގެން ހެދިފައިވި ތިރި ފާރުގެ މެދަށްވާ ގޮތަށް ހުރި ދޮރާއި ގާތްވަމުން ދިޔަހެން ކާރެއް އަންނަމުން ދިޔަ އަޑު އިވުނެވެ. ދާރިސް އިސްއުފުލައި ބަލައިލީ އެ ވާނީ ދެންމެ އެމީހުން ގެއަށް ގެނެސްދިން ނޫކުލައިގެ ކާރު ކަމަށް ނިންމަމުންނެވެ. އެހެނަސް ދޮރާއި ހަމަވެ އިސްއުފުލައިލި ހިނދު ސީދާ އޭނަގެ ކުރިމަތިން ހުރަސްކުރީ، ކަޅުކުލައިގެ އޮފުއަރާ ކާރެކެވެ. އާދައަށްވުރެ ބާރު މިނުގައި ދިޔަ އެ ކާރު ދުއްވަން އިނީ އަންހެނެއްކަން އެނގުންވި ހިނދު ދާރިސްގެ މެއަށް ގޮތެއްވީ ކީއްވެކަމެއް ޚުދު އޭނައަށް ވެސް ނޭނގުނެވެ.
ނުނިމޭ
Jana
November 29, 2021 @ 4:22 pm
Salaam kiyuntherin. Dhen oiy bain In Sha Allah anekkaaves bodu kameh genesdheveytho Jana balaanan. Jana beynunvaa varah noon mi baithah mi genesdheveny.
Dhen oiy bai genesdheveyne dhuvaheh Jana ah buneven othy Thursday night ga. Because I need to revise my weekly schedule due to an unexpected workload assigned within this week. Ehen veema kommeves varakah work thah madhukoffa schedule hedheynee ves. Next week ga hama gaimuves genesdheynan. Vaki dhuvaheh facebook post akunnaai mi baige comment egga ves angaalaanan In Sha Allah.
Hope you understand readers! And I know that you do from the comments I received on the last episode. Fee so loved while reading those <3 <3 <3
Jazaakumullah Khairan for all your love and support. Much love!
eunoia
November 29, 2021 @ 5:06 pm
Alheyy I’m so happy kudairuge handhaanthah aakuraathy..😇 Hibaa mn ah vx heevaane dhw anekkaa kuda v ey hehe..🤭 Btw vrh reethi as usual.. 🤗 E aii kaakubaaey hithah arany.. Yageen I can’t even sleep nuvisnaa.. 😭 nd yesh I understand u sis! We’ll be waitin ..💫 Aslu vrh happy vey busy koh ulhemun vx genesdheythy.. I rlly appreciate it ✨✨ waitin for next 🤍✨
Ibaa
November 30, 2021 @ 7:55 am
I think e car ga iny dhaaris ga mom kanne. Let’s see dho 😉
Jana
December 2, 2021 @ 3:32 pm
Yes eunoia! I missed their childhood while writing those scenes too….Awwwn! Thank you so much for your support and understanding :’)
Ibaa: Good guess 😉
Ibaa
November 30, 2021 @ 7:54 am
😍😉👍
Jana
December 2, 2021 @ 3:33 pm
<3 <3 <3
cupcake
November 30, 2021 @ 6:02 pm
ma sha allah🥰♥️
Jana
December 2, 2021 @ 3:33 pm
<3 <3 <3
Jana
December 2, 2021 @ 3:28 pm
Salaam readers! I will be uploading part 43 of Dhaaris on MONDAY evening In Sha Allah 😃 ❤
I think I will be able to upload 2 episodes per week after this In Sha Allah. Finally getting back on track after WEEKS of high workload.
Much love for your support and patience! ❤ ❤ ❤