Adhi ebaimeehun bunyeve. ‘Thimannamennah Allah fudhigenve eve.
“….އަދި އެ ބަސް އެބައިމީހުންގެ އީމާންކަން އިތުރުކުރިއެވެ. އަދި އެބައިމީހުން ބުންޏެވެ. ތިމަންނަމެންނަށް ﷲ ފުދެއެވެ. އަދި ވަކީލުކުރެވޭ ފަރާތުގެ މޮޅުކަމާއެވެ.” ސޫރަތް އާލުޢިމްރާން، 173
މި އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ސިފަކުރައްވާފައި މިވަނީ އުޙުދު ހަނގުރާމައިގެ މަންޒަރެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އެނގޭނެ ފަދައިން އުޙުދު ހަނގުރާމައިގެ ކުރީކޮޅު މުސްލިމުންނަށް ކުރި ލިބެމުން ދިޔައެވެ.
އަޅުގަނޑުމެންނަށް ކާމިޔާބީ ލިބިދާނެހެން ހީވަމުން ދަނިކޮށް ރަސޫލާ (ޞ.ޢ.ވ) ގެ އަމުރުފުޅާއި ޚިލާފަށް ބައެއް ޞަޙާބީން ފިޔަވަޅު އެޅުއްވިއެވެ. ނަތީޖާއެއްގެ ގޮތުން އޭރު މައިދާން ދޫކޮށްފައި ދަމުން ދިޔަ ކާފިރުންނަށް މުސްލިމުން ރޭވިގެން ތިބި ގޮތް ބަދަލުވެގެން ދިޔަކަން ފާހަގަވިއެވެ. އަދި ވަގުތުން މުސްލިމުންނާއި ދެކޮޅަށް އަނބުރާ އައުމަށް ކާފިރުން ނިންމިއެވެ.
ކާފިރުން އަނބުރާ އައިސް ގިނަ ޢަދަދެއްގެ މުސްލިމުންނަށް ކުރިން ޙަމަލާތައް ނުދޭ ދަރަޖައަށް ޙަމަލާ ދޭންފެށިއެވެ. ޝަހީދުވަމުންނާއި ޒަޚަމްވަމުން ދިޔަ މުސްލިމުންގެ ޢަދަދުތައް އިންތިހާއަށް ގިނަވެގެން ދިޔައެވެ.
މި ޙާލަތުގައި ޞަޙާބީންނަށް ކުރެވޭނެ އިޙްސާސްތައް ތިބާގެ ހިތަށް ގެންނާށެވެ. ބަލިކަށިކަމާއި ނާއުއްމީދީ އިޙްސާސްތައް ކުރެވޭނެ ވަރު ހިތަށް ގެންނާށެވެ. އެހެނަސް ރަސޫލާ (ޞ.ޢ.ވ) އެބޭކަލުން އަރިހުގައި ތެދުވެ ހަނގުރާމަކުރުމަށް އެންގެވުމުން އެބޭކަލުން ޖެހިލުންވުމެއް ނެތި ތެދުވެވަޑައިގެންނެވިއެވެ. އަމިއްލަ ނަފްސުތައް ޒަޚަމްވެ ބަލިކަށިވެފައިވާ ޙާލު ކާފިރުންގެ މީހުން ފަސޭހަކަމާއެކީ މުސްލިމުން ޝަހީދުކުރަމުން ދިޔަ މަންޒަރު ފެންނަމުން ދިޔަ ކަމުގައި ވިޔަސްމެއެވެ.
ތިރީގައިވާ މި އާޔަތް ސިފަކޮށްދެނީ އެ ޙާލަތުގައި މުނާފިޤުން (އީމާންކަން ބަލިކަށި މުސްލިމުން އެހެންނޫނީ މުސްލިމުން ކަމަށް ހެދިގެން ތިބޭ ކާފިރުން) ދެއްކި ވާހަކައާއި ޙަޤީޤީ މުއުމިނުން އެއަށް ދިން ރައްދެވެ.
“އެއީ އެބައިމީހުންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނާއި ދެކޮޅަށް މީސްތަކުން އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން އެމީހުންދެކެ ބިރުގަންނާށެވެ! އަދި އެ ބަސް އެބައިމީހުންގެ އީމާންކަން އިތުރުކުރިއެވެ. އަދި އެބައިމީހުން ބުންޏެވެ. ތިމަންނަމެންނަށް ﷲ ފުދެއެވެ. އަދި ވަކީލުކުރެވޭ ފަރާތުގެ މޮޅުކަމާއެވެ.” ސޫރަތް އާލުޢިމްރާން، 173
މި ޙާލަތުގައި މުނާފިޤުން އެ ބުނަނީ އާދައިގެ މީހަކުވެސް އެ ޙާލަތުގައި ފާޅުކުރާނެ ޚިޔާލެއްކަން ޔަޤީނެވެ. މުނާފިޤުން އެ ބުނަނީ ތިބާގެ އެހާ ބާރެއް ނެތް ޙާލުގައި ތިބާއާއި ދިމާލަށް މި އަންނަނީ ބޮޑު ލަޝްކަރެއް ކަމަށެވެ. އެހެންކަމުން އެއަށް ބިރު ގަތުމަށެވެ.
އެހެނަސް ޙަޤީޤަތުގައި ބިރުގަންނަން ޖެހެނީ ހަމައެކަނި ﷲ ކަން ފުރިހަމަ މުއުމިނުންނަށް ފަހުމްވެފައިވެއެވެ. އެހެންކަމުން ބިރުވެރި އެ ޙާލަތްވެސް އެމީހުންގެ އީމާންކަން އިތުރުކުރުން ނޫންކަމެއް ނުކުރިއެވެ. އަދި އެމީހުން ދެންނެވިއެވެ. حَسْبُنَا اللّه وَ نِعْمَ الْوَكِيْل (ތިމަންނަމެންނަށް ﷲ ފުދެއެވެ. އަދި ވަކީލުކުރެވޭ ފަރާތުގެ މޮޅުކަމާއެވެ.)
**
މި އާޔަތް މިއަދު ފެނިފައި އަޅުގަނޑުގެ ހަނދާނަށް އައީ ފަލަސްޠީނުގައި ބޮޑު ލަޝްކަރަކާއި ކުރިމަތިލަމުންދާ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނެވެ. މާ ބޮޑު ބާރެއް ނެތް ޙާލުވެސް އެ ލަޝްކަރާއި ކެރިގެން ކުރިމަތިލަމުންދާ ކުޑަ ކުދިންނާއި ޒުވާނުންނެވެ. މާތް ﷲ އެ އަޚުންނާއި އުޚްތުންނަށް ނަޞްރު ދެއްވާށި! އާމީން!