“އަދި ވެސް މުނީރާއާއި ދާރިސްއަށް އެނގެންޖެހޭ މުހިއްމު ޙަޤީޤަތެއް އެބައޮތް…” ރައްޒާޤު އެ އިންގޮތަށް އިސްޖެހިފައި އިނދެ ބުންޏެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވުމުން މުނީރާއަށް ވާހަކަ ދެކެވުނެވެ.
“ކޮން ޙަޤީޤަތެއްތޯ؟” މުނީރާއަށް އަހައިލެވުނެވެ.
“އަހަންނަކީ….މިރްޒާދްގެ ބައްޕަ…ދާރިސްގެ ބައްޕަގެ ބައްޕަ.” ރައްޒާޤު ބުނެލި ވާހަކައާއިއެކީ މުނީރާގެ ދެލޯ ބޮޑުވެ، ގަނޑުވެގެން ދިޔައިރު، ދާރިސްގެ ނޭވާ ހުއްޓުނެވެ.
އެއަށްފަހު މުޅި ތަނަށް ވެރިވެގެން ދިޔައީ މަރު ހިމޭންކަމެކެވެ. މުނީރާއާއި ދާރިސް ދެންމެ އިވުނު ވާހަކަ ދޭހަކުރަން މަސައްކަތް ކުރަމުން ދިޔައިރު، ހިބާ ވެސް ބަސް ހުއްޓިފައި އިނެވެ.
ސިކުންތުތައް ފާއިތުވެގެން ދިޔަދިޔަހެން މުނީރާގެ ނޭވާ ކުރުވެ، ރަތްވެފައިވާ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އެ ކަރުނަތައް ލޮލުން ނުފައިބަނީސް މުނީރާ ކުއްލި ގޮތަކަށް ގޮނޑިން ތެދުވިއެވެ. އެއާއިއެކު އެންމެންގެ ނަޒަރު މުނީރާއަށް އަމާޒުވި ތަނާހެން މުނީރާ އެތަނުން ދާން ހިނގައިގަތެވެ. މުނީރާ ދާތަން ފެނި، ދާރިސްއަށް ‘މަންމާ’ އޭ ކިޔައިލަމުން ގޮނޑިން ތެދުވެ، މަންމަގެ ފަހަތުން ދެވުނެވެ. މުނީރާ އެޕާޓްމެންޓުން ނިކުމެގެން ދިޔަ ވަގުތު ދާރިސް ވެސް އެ ދިމާލަށް ދާން ފެށުމުން ހިބާ ވެސް އުދަގުލާއިއެކީ ގޮނޑިން ތެދުވަން އުޅުނެވެ. އެހެނަސް އޭގެ ކުރިން ރައްޒާޤު ވާހަކަ ދެއްކިއެވެ.
“ހިބާ ކަނބުލޮ މަޑުކޮށްލަބަލަ….ފައިގަ ރިއްސައިގެނެއްނު ދަރިފުޅު ތިއުޅެނީ؟ ދާރިސް އަދި އަނބުރައި އަންނާނެއޭ އިރުކޮޅަކުން…ބޭބެ ގާތު ދާރިސް ކުރަން ބޭނުންވާ ސުވާލުތަކާއި ބުނަން ބޭނުންވާ ވާހަކަތައް ހުންނާނެކަން ޔަޤީން…” ރައްޒާޤު ބުންޏެވެ. އެއާއިއެކު ހިބާއަށް ރައްޒާޤާއި ދިމާލަށް ބަލައިލެވުނީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ.
ރައްޒާޤު ދެންމެ ބުނި ގޮތާއި އިދިކޮޅަށް ހެދުމުގެ ބޮޑު އެދުމެއް އެވަގުތު ހިތުގައިވިއެވެ. ދެންމެ ރައްޒާޤު ބުނެލި ވާހަކައިން ރައްޒާޤާއިމެދު ހިބާގެ އޮތް ނަޒަރިއްޔާތު ބަދަލުވެގެން ދިޔައެވެ. ރައްޒާޤަކީ ދާރިސްގެ ނުލަފާ ބައްޕަގެ ބައްޕައަށް ވާނަމަ ރައްޒާޤުވެސް ނުލަފާވާނެ ކަމަށް ނިންމުނީއެވެ. އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ހިތުގެ ކަނަކުން އެންގި ވިޔަސްމެއެވެ.
ކޮންމެ ގޮތެއްވިޔަސް އެވަގުތު ފައިގައި މާ ބޮޑަށްވެސް ރިއްސަމުން ދިޔައީތީ ހިބާއަށް އިސްޖަހައިލަމުން އިންގޮތަށް އިނުން ނޫންކަމެއް ނުކުރެވުނެވެ.
**
“މަންމާ! މަޑުކޮށްލަބަލަ މަންމާ…މަންމާ.”
އެޕާޓްމެންޓުން ނިކުމެގެން ދިގު ފިޔަވަޅުތަކެއްގައި ދިޔަ މުނީރާގެ ފަހަތުން ދަމުން ގޮސް، ދާރިސްއަށް މަންމަގެ އަތުގައި ހިފައިލެވުނީ ލިފްޓުގެ ކައިރިންނެވެ. އަތުގައި ހިފައިލުމުން މަންމަ މަޑުކޮށްލިއެއްކަމަކު ދެންވެސް މަންމަ އޭނައަށް ބަލައި ނުލިއެވެ. އެހެނަސް މާ ގިނައިރެއްނުވެ އިވިގެން ދިޔަ ގިސްލުމުގެ އަޑުން މަންމައަށް ރޮވެނީކަން އެނގުންވި ހިނދު، ދާރިސްގެ ހިތަށް ވެސް އަސަރު ކުރިއެވެ. ދެންމެ އިވުނު ވާހަކައިން ޚުދު އޭނައަށް ވެސް ބޮޑު ޙައިރާންކަމެއް ލިބުނުއިރު، މަންމައަށް ލިބިފައިވާނެ ސިހުމުގެ ބޮޑުކަން އަންދާޒާކުރަން ވެސް ދާރިސްއަށް ނޭނގުނެވެ. ހިތަށް ވެރިވި ޚިޔާލުތަކާއިއެކީ އަރުތެރެ ބެދި، ލޮލުން ދިލަ ނަގަން ފެށުމުން ދާރިސް އެއްޗެކޭ ބުނަން ވެސް ނުކުޅެދުނެވެ. އެހެންކަމުން އެންމެ ފުރަތަމަ ވާހަކަ ދެއްކި މީހަކަށްވީ މުނީރާއެވެ.
“ހިއެއްނުކުރަން ދަރިފުޅަށާއި މަންމައަށް އެހާ ބޮޑެތި އެހީތައް ވެދިނީ އެ ނުލަފާ މީހާގެ ބައްޕަކަމެއް. އެނގުނުނަމަ އެހީ ނުވެސް ހޯދީމުސް…” މުނީރާ ރޮވިފައިވާ އަޑަކުން ބުންޏެވެ. އެއަށްފަހު މުނީރާއަށް އިތުރަށް ރޮވެން ފެށުމުން ދާރިސް މަންމަ ކައިރިއަށް ގެނެސް ބައްދައިލިއެވެ.
“އެނގޭ…މަންމާ….” މަންމަގެ ބުރަކަށީގައި ފިރުމަމުން ދާރިސްއަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ. ދާރިސްގެ އެ ބަސްތަކުން މުނީރާއަށް އިތުރަށް ރޮވުން ނޫންކަމެއް ނުވިއެވެ.
**
“މީގެ ކުރިން ހަމައެކަނި ހިބާގެ ވާހަކަތައް އަޑު އިވިފަ ހުރީ….ހިބާ ކުޑައިރު ނުފެނި ދިޔަޔަސް އެންމެފަހުން ބައްދަލުކޮށްލެވުނީމަ ވަރަށް އުފާވެއްޖެ…” ރައްޒާޤު ހިނިތުންވުމަކާއިއެކީ ވާހަކަ ދެއްކިއެވެ.
“އަޅުގަނޑު ކިހިނެއްތޯ އެނގިލައްވަނީ…” ރައްޒާޤާއި މުޚާތަބު ކުރަންވީ ގޮތެއް ޔަޤީން ނުވެ އިނދެ ހިބާއަށް އަހައިލެވުނެވެ.
“ހެހެ….ތިއީ މި ބޭބެގެ އެންމެ ގާތް އެކުވެރިޔާގެ ދޮށީ ދަރިފުޅު….ކިހިނެއް ނޭނގި ދާނީވެސް؟ ކޮންމެ ދެ ވާހަކައަކުން ކުރެ އެއް ވާހަކައިގަ ޝަހީދު ދައްކާނީ ހިބާގެ ވާހަކަ…” ރައްޒާޤުގެ ދުލުން އިވުނު ބަސްތަކުން ދެލޯ ބޮޑުވެގެން ދިޔަ ހިބާއަށް އަނެއްކާވެސް ރައްޒާޤަށް ސަމާލުކަން ދެވުނެވެ.
“ކިހިނެއްތޯ އަޅުގަނޑުގެ ބައްޕަ އެނގިލައްވަނީ؟” ހިބާއަށް އަހައިލެވުނެވެ.
**
“މަންމައާއި ކުރިން މި މީހަކު ދިމާވެފަތަ ހުރީ؟ މަންމައަށް އެނގޭތަ މިއީ ކޮން ކަހަލަ މީހެއްކަން؟” ދާރިސް މަންމައާއި ދުރުވެ މަންމަގެ ކަރުނަތައް ފޮހެލަދެމުން ސުވާލުކުރިއެވެ. އެ ސުވާލުގެ ޖަވާބުތައް އެނގިހުރެ ވެސް، ސުވާލުކުރެވުނީ ދެންވެސް ދާރިސްއަށް ދެންމެ އިވުނު ވާހަކަތައް ޤަބޫލުކުރަން ދަތިވުމުންނެވެ.
“ނޭނގެއޭ ދަރިފުޅު….އެއްގޮތަކަށް ވެސް ނުދެކެން ތި ރައްޒާޤުގެ ސޫރައެއް ވެސް. މިހެންވެ ކަންނޭނގެ އެހީވެދިން އިރު ކާކުކަން ނޭންގީ…އަދި…މިހެންވެ ކަންނޭނގެ ޝަހީދުވެސް ކުންފުނީގެ އެންމެ ބޮޑު ޙިއްސާދާރަކީ ކާކުކަން މަންމައަށް ނޭންގީވެސް…” މުނީރާ ބައެއް ކަންތައް އެނގުންވީ ފަދައަކުން ދެލޯ ބޮޑުވެފައިވާ ޙާލު ބުންޏެވެ. ދާރިސް ބުނާނެ ވަކި އެއްޗެއް ނޭނގޭ ޙާލު މަންމައަށް ބަލަން ހުރީއެވެ.
**
“ހިބާގެ ބައްޕައަކީ މި ބޭބެއަށް ލިބުނު ޞާލިޙު އެކުވެރިއެއް. ހެޔޮ ކަންތައްކޮށް، ވަޢުދު ފުއްދައި، އެހެން މީހުންނަށް އެހީތެރިވުމަށް ހިތްވަރު ދިން އެކުވެރިއެއް. މި ވާހަކަތައް ދެއްކީމަ ވެސް ދެރަވޭ….އެ ފޮނި ހަނދާންތައް އާވީމަ.” ރައްޒާޤު މާޔޫސީ ގޮތަކަށް އިސްޖެހިފައި އިނދެ ބުނުމުން ހިބާއަށް ވިސްނުމެއްގެ ތެރޭގައި އިނދެވުނެވެ.
“ހިބާގެ ބައްޕަ އަބަދުވެސް ބުނާނެ….ހިބާއާއި ހިބާގެ ކޮއްކޮއާއި އެއްދުވަހު މި ބޭބެ ބައްދަލުކުރުވާނަމޭ. އެކަމަކު އެ ދުވަސް ނުފެނި ހިބާގެ ބައްޕަ ދުނިޔެ ދޫކޮށް ދިޔައީ. ހިބާގެ ބައްޕަ ދުނިޔެ ދޫކޮށް ދިޔަފަހުން ބޭބެ އަމިއްލަ ނަފްސާއި ވަޢުދުވިން ތި ކަނބުލޮގެ ބައްޕަ ބުރަ މަސައްކަތުން ހޯދި މުދާ ރައްކާތެރިކަމާއިއެކީ ކަނބުލޮއާއި ހަމައަށް ފޯރުކޮށްދިނުމަށް. ދުރުން އުޅުނަސް އަބަދުވެސް ކަނބުލޮގެ ޙާލު ބަލައި ހެދިން. ކަނބުލޮ ހަނދާނެއް ނެތި ހުރެދާނެ ކަންނޭނގެ އެކަމަކު ބޭބެ ދިޔައިން ކަނބުލޮގެ ބައްޕަ ނިޔާވުމުން މޫނު ބަލަން ވެސް. ހިތަށްއެރި ކަނބުލޮއާއި ކަނބުލޮގެ ގޮވައިގެން މާލެ ދާނީއޭ ވެސް. އެކަމަކު ހިތަށްއެރީ ބީރައްޓެއްސަކަށްވުރެ ކަނބުލޮގެ ބޮޑުބޭބެއާއި އެކީ ހުރީމައޭ އެންމެ ރަނގަޅުވާނީ….” ރައްޒާޤު ކިޔައިދިނެވެ.
އެ ވާހަކަތައް އިވެމުން ދިޔަދިޔަހެން ހިބާގެ ހަނދާނަށް ވެރިވާން ފެށީ ބައްޕަ ނިޔާވި ދުވަހެވެ. މާލޭގައި އުޅުނު ބައްޕަގެ ބައެއް އެކުވެރިން އެދުވަހު ގެއަށް އައިކަން ހިބާއަށް އެނގެއެވެ. އެހެނަސް އޭގެއިން އެއްވެސް މީހަކަށް ސަމާލުކަން ދޭ ވަރަށްވުރެ އެދުވަހު ހިބާ ވީ މާ ބޮޑު ހިތާމައެއްގައެވެ. ހަމަ އެހިނދު އޭރު އެ ބޭބެ ނިންމި ނިންމުމާއިމެދު ވެސް ހިބާ ހިތްހަމަޖެހުނެވެ. އެ ޢުމުރުގައި ބީރައްޓެހި މީހަކާއިއެކީ ދާންވިނަމަ އޭނަ ޖެހިލުންވީހެވެ.
“އެކަމަކު އެ ފަހުން ވެސް އަނަސްގެ އެކުވެރިއަކު މެދުވެރިކޮށް ބޭބެ ހިބާގެ ޙާލު ބަލައި ހެދިން. ހިބާ ބޮޑުވެގެން އައީ ދަތި ދިރިއުޅުމެއްގައިކަން ބޭބެއަށް އެނގޭ. އެހެންވެ ބޭބެއަށް ވީ ވަރަކުން ހިބާއަށް އެހީވެދޭން މަސައްކަތް ކުރިން. ހިބާ މާލޭގައި އުޅުނު ދެ ތިން އަހަރުގަ އުޅޭނެ ރައްކާތެރި ފެންވަރު ހުރި ތަނެއް ހޯދަން ފަރީދަށް ބާރު އެޅީ އަނަސް މެދުވެރިކޮށް. އަދި މި ނޫން ގޮތްގޮތުން ވެސް ހިބާއަށް އެހީވެދިނިން….” ރައްޒާޤު ބުންޏެވެ.
“އެހެންވީއިރު…އަޅުގަނޑު މާލޭގައި ކިޔެވިއިރު ޔުނިވާރސިޓީއިން ޑިސްކައުންޓެއް ލިބުނީވެސް…” ހިބާ ބުނެލީ ހަމައެކަނި އެހާ ވަރަށެވެ. އޭގެ ޖަވާބެއްގެ ގޮތުން ރައްޒާޤު ހިނިތުންވުމަކާއިއެކީ ބޯޖަހައިލިއެވެ.
“ކުރި ހެޔޮ ކަންތަކެއްގެ ވާހަކަ ދެއްކުމަކީ ބޭބެ ކުރާ ހިތްވާ ކަމެއްނޫން. އެކަމަކު މިރޭ ހިބާއަށް މި ވާހަކަތައް ކިޔައިދެނީ ހިބާގެ ހިތް ބޭބެއަށް ސާފުވާނެކަމުގެ އުއްމީދުގަ. ދެންމެ ބޭބެ ދިން ޚަބަރުން ދާރިސްއާއި މުނީރާހެން ހިބާގެ ހިތުގަ ވެސް ބޭބެއަށް ނުރުހުންތެރިކަމެއް ވެދާނެކަން ވިސްނޭ….އެ ޚަބަރު އިވުނީމަ ހިބާއަށްވީ ގޮތުން ދާރިސްގެ ޙަޤީޤަތް ހިބާއަށް ވެސް އެނގޭކަން ޔަޤީން ކުރެވޭ. ބޭބެ ބުނާކަށް ނެތިން ބޭބެގެ ދަރިން ތިކުދިންނާއި ދޭތެރޭ ކަންތައް ކުރި ގޮތަށްޓަކައި އެމީހުންނަށް ވެސް އަދި ބޭބެއަށް ވެސް މަޢާފު ދޭށޭ. އެކަމަކު ބުނަން ބޭނުންވަނީ ތި ދެކުދިންގެ ޙައްޤު ބޭބެގެ އަތުން ލިބިގަންނާނެ ވަރަށް ބޭބެއަށް އިތުބާރުކޮށްދޭށޭ…” ރައްޒާޤު ބުންޏެވެ. އެއާއިއެކު އަނެއްކާވެސް ހިބާގެ ބަސް ހުއްޓޭ ގޮތްވިއެވެ. ހިބާ ވަކި އެއްޗެކޭ ނުބުނުމުން ރައްޒާޤުވެސް އެޕާޓްމެންޓުން ނިކުމެވޭ ދޮރާއި ދިމާލަށް ބަލައިލަމުން މާޔޫސީ ނޭވައެއް ދޫކޮށްލިއެވެ.
“މަނިކުފާނު…ދާރިސް ގޮވައިގެން އަންނަންވީތޯ؟” ރައްޒާޤަށް ވީ ގޮތް ފާހަގަވެ، އަނަސް ސުވާލުކުރިއެވެ. އެ ސުވާލު އިވިފައި ރައްޒާޤު އިސްއުފުލައިލަމުން ބޯހޫރުވައިލަން އުޅުނުތަނާހެން އެޕާޓްމެންޓުގެ ދޮރު ހުޅުވެން ފެށި އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އެ ދޮރު ރަނގަޅަށް ހުޅުވި، މުނީރާއާއި ދާރިސް އެކީގައި ވަންނަން ފެށިތަން ފެނުނެވެ. ދެމީހުންގެ މޫނު މިލާފައިވިއެއްކަމަކު ހިނގުމުގައި ލަސްކަމާއި ޖެހިލުންވުމެއް ހުރީ ހަމައެކަނި މުނީރާގެއެވެ. ދާރިސް މަންމައާއިއެކީ އަންނަން ހިނގުން ލަސްކޮށްފައިވިއެއްކަމަކު އެ ފިޔަވަޅުތަކުގައި ސާބިތުކަމެއްވިއެވެ. އަދި އެ މޫނުމަތިން ސީރިއަސްކަމަކާއި ޢަޒުމެއްގެ އަސަރު ފެންނަމުން ދިޔައެވެ. ރައްޒާޤާއި އަނަސް އެއްޗެކޭ ނުބުނެ ތިބީ، ދާރިސް އައިސް ދައްކާނެ ވާހަކައެއްގެ އިންތިޒާރުގައެވެ.
ދާރިސް ކާމޭޒު ކައިރިއަށް ގޮސް ކުރިން ވެސް މަންމަ ހުރި ގޮނޑީގައި މަންމަ އިށީންނަންދެން މަންމައަށް ސަމާލުކަން ދިނެވެ. އެއަށްފަހު އަމިއްލައަށް އިށީންނަން އުޅެފައި ވެސް ޚިޔާލު ބަދަލުކޮށްލަމުން ރައްޒާޤަށް ބަލައިލިއެވެ.
“އަޅުގަނޑާއި ވަކިން ވާހަކަ ދެއްކިދާނެތޯ؟” ދާރިސް ކޮށްލީ ހަމައެކަނި އެ ސުވާލެވެ. ރައްޒާޤު ހުއްޓުން އަރާފައި އިނދެފައި ލަސްލަހުން ބޯޖަހައިލިއެވެ.
އޭގެ އިރުކޮޅެއްފަހުން ރައްޒާޤާއި ދާރިސް ތިބީ އެ އެޕާޓްމެންޓުގެ ތަނަވަސް ބެލްކަނީގައެވެ. ދާރިސް އެތާ ބެހެއްޓިފައި ހުރި ވަކަރު ދިގު ގޮނޑިއެއްގެ ކޮޅުގައި އިށީނދެގެން އިންއިރު، ރައްޒާޤުގެ ފުރޮޅުލީ ގޮނޑި، ދާރިސްގެ ކައިރީގައި ބެހެއްޓިފައިވިއެވެ. ޢާއްމު ގޮތެއްގައި ރައްޒާޤު ހުންނަ ކޮންމެ ތަނެއްގައި އަނަސް ހުރެއެވެ. އެހެނަސް އެ ބައްދަލުވުމަށްޓަކައި ރައްޒާޤުގެ އެދުމުގެ މަތިން އަނަސް ފޮނުވައިލެވިފައިވެއެވެ.
“މަންމައާއި އަޅުގަނޑު ދެއްކި ވާހަކަތައް ޙިއްސާކޮށްލަންވެގެން ބައްދަލުކުރަން ބޭނުންވީ. ތިއީ ކާކުކަން އެނގުނީމަ މަންމަ ހުރީ އަދިވެސް ޤަބޫލު ނުކުރެވި ހިތްދަތިވެފަ. މަންމަގެ އިޙްސާސްތައް ފަހުމް ކުރެއްވޭނެ ކަމަށް އުއްމީދުކުރަން…” ދާރިސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުންޏެވެ.
“އެނގޭ…” ރައްޒާޤުވެސް ވަކި ދާރިސްއަށް ބަލައިލުމެއްނެތި ބޯޖަހައިލަމުން ބުނެލިއެވެ. ދާރިސް ފުން ނޭވައެއް ދޫކޮށްލިއެވެ.
“ޙަޤީޤަތުގަ އަޅުގަނޑަށް ވެސް ނޭނގޭ ތި ބޭފުޅާއާއިމެދު އަޅުގަނޑު އިޙްސާސް ކުރަންވީ ގޮތެއް. އަމިއްލަ ބައްޕަގެ ޙަޤީޤަތް އެނގުނު ދުވަހު މުޅި މި ޙަޔާތާއިމެދު ވެސް އިޙްސާސް ކުރަންވީ ގޮތެއް ނޭނގުނު. އެކަމަކު ޔަޤީންވާ ކަމަކީ އެ ބައްޕައަށް ނަފްރަތު ކުރެވޭކަން. އެ ބައްޕަ….މަންމައަށް އަނިޔާ ދިން ކަމަށްޓަކައި. އެންމެ ދުވަހަކުވެސް އަހަރެން ކައިރިއަށް އައިސް އެއީ އަހަރެންގެ ބައްޕަކަމަށް ނުބުނި ކަމަށްޓަކައި…” ދާރިސް ކިޔައިދިނެވެ.
އެއަށްފަހު އަނެއްކާވެސް އެ ދެމެދށް ވެރިވީ ހިމޭންކަމެކެވެ. އެ ހިމޭންކަން ނަގައިލީ ދެންވެސް ދާރިސްއެވެ.
“އަޅުގަނޑަކަށް ނޭނގޭ ކީއްވެކަމެއް ތި ބޭފުޅާ މަންމައަށާއި އަހަންނަށް އެހީވެދިނީ. ދެންމެ މަންމަ ބުނި ގޮތުން ތިއީ ޝަހީދުބެ ވެސް އިތުބާރު ކުރި ބޭފުޅެއް. އެހެންވީމަ ތިއީ ގޯސް މީހަކަށްވުމަށްވުރެ ނުވުން ގާތްކަމަށް މަންމަ ބުނީ. އެކަމަކު ތި ބޭފުޅާއަށް އިތުބާރުކުރަން ވަގުތު ނަގާނެހެން ހީވަނީ. މަންމައަށް ވެސް….އަޅުގަނޑަށް ވެސް…” ދާރިސް ވާހަކަ ދެއްކިއެވެ. އެހިނދު ރައްޒާޤު ދާރިސްއަށް ބަލައިލަމުން ފުން ނޭވައެއް ދޫކުރުމަށްފަހު އަނެއްކާވެސް ކުރިމައްޗަށް ބަލައިލިއެވެ.
“އެނގޭ….މި ބައްދަލުވުން ރޭވިއިރު ވެސް ބޭބެއަށް ތިކަން އެނގޭ. ދާރިސްއާއި ދާރިސްގެ މަންމަގެ ހިތް ބޭބެއަށް ސާފުވާން ވަގުތު ނަގާނެކަން ފަހުމްވޭ. އެއީ ވަކި މައްސަލައެއް ކަމަށް ބޭބެ ނުދެކެން…ހެހެ…އެހީވީ ކީއްވެކަން ނޭނގެއޭ ބުނީމަ އެއަށް ޖަވާބުދޭން ބޭނުން. މީގެ 27 އަހަރު ކުރިން….ބޭބެގެ ދެ ދަރިންނަށް ވެސް ބޭބެ ވަރަށް ބޮޑަށް ނުރުހުންވެ، ނަފްރަތުކުރިން. އެ ދެކުދިން ބޭބެ އުއްމީދު ކުރި ފަދަ ޞާލިޙް ދަރިންނަށް ނުވީތީ. ނަޞޭޙަތް ދީދީވެސް އިޞްލާޙު ނުވީތީ. ކަން މިހެން އޮތްވާ މިރްޒާދާއިހެދި ކޮންމެވެސް އަންހެނަކު ބަލިވެ އިންކަން އެނގުމުން މިރްޒާދަށްޓަކައި ހިތުގައި އޮތް ނަފްރަތު ދެގުނަވި. އެ ޙަޤީޤަތް އެނގުމާއިއެކު ބޭބެ ދާރިސްގެ ބައްޕަގާތު އެ ކުށުގެ ޒިންމާ ނަގަން އެންގިން. އެކަމަކު މިރްޒާދް އޭގެ ބަދަލުގަ މުނީރާއަށް ހުރިހާ ރުޅިއެއް ބޭލީ. މުނީރާއަށް ބިރުދައްކާފަ ދަރި ވައްޓައިލަން އެދެން ފެށީ. ދާރިސް ދުނިޔެއަށް އަންނަންދެން ބޭބެއަށް ވީ ވަރަކުން އެކަން ހުއްޓުވޭތޯ މަސައްކަތް ކުރިން. ފުލުހުންނާއި ޙަވާލުކޮށް ޖަލަށްވެސް ފޮނުވިން. އޭގެއިން ކޮންމެ ފަހަރަކު މިރްޒާދް އޭނަގެ އެކުވެރިއަކު މެދުވެރިކޮށް ސަލާމަތް ވެގަންނަނީ. މިރްޒާދް އޭނަގެ ނުލަފާކަމުގަ ކުރިއަށް ދާން ފެށުމުން ބޭބެއަށް ކެތް ނުކުރެވިގެން އެންމެފަހުން އެހެން ޤައުމަކަށް ބަދަލުވީ. މިރްޒާދްގެ ސޫރަވެސް ދެކެން އިތުރަށް ބޭނުމެއް ނުވީމަ….” ރައްޒާޤު ފެންކަޅިވަމުން ދިޔަ ލޮލާއިއެކީ ކިޔައިދިނެވެ.
އެ ވާހަކަތައް އިވެމުން ދިޔަ ދާރިސްއަށް އޭނަގެ ޖޯޑުކުރެވިފައިވާ އަތަށް ބާރު ކުރެވުނެވެ. މަންމަ އަނިޔާތަކުގެ ތެރެއަށް ދޫކުރުމަށްފަހު އެ ބޭބެ ފުރައިގެން ދިޔައީތީވެއެވެ. އެހެނަސް ނޭނގޭ ސަބަބަކާއިހުރެ އެވަގުތު އެ ބޭބެގެ އިޙްސާސްތައް ފަހުމް ކުރެވި، ހިތަށް އަސަރުވެސް ކުރިއެވެ.
“ލަދުގަނޭ މި ވާހަކަ ކިޔައިދޭންޖެހޭތީ. އެނގޭ އެއީއެއް ނޫންކަން އެ ޙާލަތުގަ ބޭބެ ހަދަންޖެހޭނެ ގޮތަކީ. ކިތަންމެ ނުލަފާ ވިޔަސް ކެތްތެރިކަމާއިއެކީ ފަހު ވަގުތާއި ޖެހެންދެން ވެސް އަމިއްލަ ދަރިފުޅު އިޞްލާޙުކުރަން ހުރުމަކީ ބޭބެގެ ވާޖިބެއް. އަދި އަނިޔާ ލިބެމުންދާ ފަރާތެއް އަނިޔާއިން ދުރުކުރުމަކީ ވެސް ބޭބެގެ ވާޖިބެއް. އެކަމަކު ބޭބެ އެކަން ހަނދާން ނެތުނީ. އަމިއްލަ ޢާއިލާ މީހުން ދީނާއި ދުރުވުމަކީ ބޭބެއާއި ކުރިމަތިވި ބޮޑު އިމްތިޙާނެއްކަން ބޭބެ ހަނދާން ނެތުނީ. އެ އިމްތިޙާނަށް ފިލަން މަސައްކަތް ކުރުމުގެ ސަޒާއެއްގެ ގޮތުން ކަންނޭނގެ…..އެއްދުވަހު ބޭބެ ބޭރުގަ ހުއްޓާ ލިބުނު ފޯނުކޯލަކުން އިވުނީ….ދިމާވި އެކްސިޑެންޓެއްގަ މިރްޒާދް ދުނިޔެ ދޫކޮށް ދިޔަ ވާހަކަ…އެ ޚަބަރު އިވިފަ ހުރެވުނު ތަނެއްވެސް ބޭބެއަށް ނޭނގުނު. ވަގުތުން ހުރިހާ ކަމެއް ދޫކޮށް އަނބުރައި ރާއްޖެއަށް އާދެވުނު. މުޅި އެ ދަތުރު މަތީގަ މިރްޒާދްގެ މަރުގެ ވާހަކަ ނުވެސް ދައްކަން ބޭބެ އިނީ. އެކަމަކު ތަކުރާރުކޮށް އެ ޚަބަރު ބޭބެގެ ކަންފަތުގަ ގުގުމަމުން ދިޔަ. ބޭބެގެ އަލަތު ދަރިފުޅު ބޭބެއާއި ވަކިވެގެން ދިޔައީ މަހެއްހާ ދުވަސް ވަންދެން ބޭބެ ވާހަކަ ވެސް ދެއްކުމެއްނެތި…އެކަން ހިތުން ފިލުވައިލެވޭނެ ގޮތެއް އެއްގޮތަކަށް ވެސް ނޭނގުނު…” ރައްޒާޤު އެ ވާހަކަ ކިޔައިދިންއިރު، އަޑު ތުރުތުރު އަޅައި، ލޮލުން ކަރުނައެއް ފައިބައިގެން އައެވެ.
އެހިނދު ދާރިސް ވަކި ބުނާނެ އެއްޗެއް ނޭނގި އިސްޖެހިފައި އިނެވެ.
“މިރްޒާދް ދުނިޔެ ދޫކޮށް ދިޔަ ދުވަހު ބޭބެގެ ހިތަށް ކިރިޔާ ވެސް ފިނިކަމެއް ލިބިގެން ދިޔައީ، ދާރިސް ފެނުނީމަ. ތިއީ މިރްޒާދްގެ ދަރިފުޅުކަން އެނގުނީމަ މޮޔައެއްހެން ވާހަކަ ދައްކަން ވަރަށް މަސައްކަތް ކުރިން. އެކަމަކު އެދުވަހު ދާރިސްގެ މަންމައަށް ވެސް އެކްސިޑެންޓްގެ ތެރެއިން ޒަޚަމްވެފަ ހޮސްޕިޓަލުގަ އޮތީތީ ދާރިސް އިނީ ޝޮކެއްގަ. އެދުވަހަށްފަހު ބޭބެ އަމިއްލަ ނަފްސާއި ވަޢުދުވިން ބޭބެގެ ކުރިމަތީގަ މިހިރަ ކުއްޖާއަށް ވެވުނުހާ އެހީއަކާއި ލޯތްބެއް ދޭން. ދާރިސްގެ ޢުމުރުން 6 އަހަރުއްސުރެ ދާރިސް އުޅެމުން އައި ގޮތަށް ބޭބެ ބަލަމުން މި އަންނަނީ. ޞާލިޙް ރަނގަޅު ކުއްޖެއްގެ ގޮތުގަ ދާރިސް ބޮޑުވެގެން އަންނަން ފެށީމަ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނު. މިއަދު ދާރިސް ތި ޢުމުރަށް އައިއްސަ ހުއްޓާ ފެނުނީމަ ހިތަށްއަރަނީ….މިރްޒާދް އިޞްލާޙުވިނަމަ ވީހީ ތިކަހަލަ ޒުވާނަކަށްދޯއޭ…ހެހެ…” ރައްޒާޤު ވާހަކަ ނިންމައިލުމަށްފަހު ލުއި ގޮތަކަށް ހީލަމުން ކޯތާފަތަށް ފޭބި ކަރުނަ ފޮހެލިއެވެ.
ދާރިސްއަށް ދެންވެސް އެއްޗެކޭ ބުނެވޭ ގޮތެއް ނުވިއެވެ. ބުނަންވީ ވަކި އެއްޗެއް ވިސްނުމަކަށް ނުވެސް އައީއެވެ. ދާރިސް ހިމޭންކަން ޚިޔާރު ކުރުމުން ރައްޒާޤު ދާރިސްއާއި ދިމާލަށް ބަލައިލިއެވެ.
“ދާރިސް ފަހަރެއްގަ ނުރުހުންވެދާނެ ކަންނޭނގެ މިހެން ބުނީމަ. އެކަމަކު ވެސް އަހައިލަން ބޭނުން….ދާރިސްގެ ބައްޕަ ދެކިލަން ދާރިސް ބޭނުންތަ؟ އެހާ ކުޑައިރު ފެނިފަ ހުރީމަ ހަނދާނެއް ނުހުންނާނެ ކަންނޭނގެދޯ؟” ރައްޒާޤު ބުނެލި އެ ވާހަކައާއިއެކީ ދާރިސްގެ ހިތުގައި ރުޅީގެ އަލިފާނެއް ރޯވިއެވެ. އިސާހިތަކު ނޫނެކޭ ބުނެ ހަޅޭއްލަވަން ބޭނުންވިއެވެ. އެހެނަސް ދުލުން ބުނެވުނީ އެހެން ބަސްތަކެވެ.
“އެންމެ ރަނގަޅު…” ދާރިސްގެ ފަރާތުން އިވުނު ޖަވާބުން ރައްޒާޤަށް ސިހުމެއް ލިބުނެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި ލަސްލަހުން ހިނިތުންވެލެވުނެވެ.
އޭގެ 5 ވަރަކަށް މިނެޓްފަހުން ދާރިސް ގޮސް ރައްޒާޤާއިއެކީ ވަނީ، އެޕާޓްމެންޓުގައި ގުދަނެއްފަދައިން ބޭނުން ކުރެވެމުންދާ ކޮޓަރިއަކަށެވެ. ކޮޓަރީގައި ބެހެއްޓިފައިވާ ސޯފާތަކާއި މޭޒުތަކާއި ގޮދަޑިއެއްނެތް އެނދުގައި ވެސް ފޮތި އެޅިފައިވީއިރު، ފާރުގައި އެޅުވިފައިވާ ފޮޓޯ ފްރޭމްތައް ވެސް ފޮތި އަޅައި ފޮރުވިފައިވެއެވެ.
“މި ކޮޓަރިއަކީ މި ޢިމާރާތް ނިމުނުތަނާހެން މިރްޒާދަށް މާ ރީތިވެގެން އަމިއްލަ ކޮށްގެން އުޅުނު ކޮޓަރިއެއް. މި ކޮޓަރި މިރްޒާދަށް މާ ކަމުދިޔައީތީ ބޭބެ އުޅުނީ މުޅި މި ޢިމާރާތް ވެސް މިރްޒާދަށް ދޭން. އެކަމަކު އޭގެ ކުރިން މުނީރާ ބަލިވެ އިން ޚަބަރު ލިބި، ހުރިހާ ކަމެއް އެ ފުށްމިފުށަށް ޖެހުނީ. އެހެރީ މިރްޒާދްގެ ފޮޓޯ…ދާރިސްގެ ބައްޕަގެ ފޮޓޯ…” ރައްޒާޤު ވާހަކަ ދައްކަމުން ދިޔަދިޔަހެން އޭރު އެތަނަށް އައިސްފައިވި އަނަސް ގޮސް، ފާރުގައި ހުރި ފޮޓޯ ފްރޭމުން ފޮތިގަނޑު ނަގައިލުމުން ރައްޒާޤު ބުންޏެވެ.
ދުރު ހިސާބަކުން އެ ފޮޓޯގައިވި ސޫރަ ފެނި، ދާރިސްގެ ނޭވާ މެދުކެނޑުނެވެ. އެއަށްފަހު އެއާއި ދިމާލަށް ދިޔުމަށް ކުރިއަށް ހިނގައިގަނެވުނީ ޖެހިލުންވުމަކާއި އެކީގައެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި ދާރިސް ގޮސް ހުއްޓިހުރީ އެ ފޮޓޯއާއި ސީދާ ކުރިމައްޗަށް ވާގޮތަށެވެ. ހިނިތުންވުމަކާއިއެކީ ގޮނޑިއެއްގައި އިށީނދެގެން އިން އޭނަގެ ބައްޕަ ޒުވާން ޢުމުރުގައި ހުރި ފޮޓޯ ފެނި އެއްފަހަރާ އެތައް ޖަޒުބާތެއް ދާރިސްގެ ހިތަށް ވެރިވިއެވެ. އެހެނަސް އެ ހުރިހާ ޖަޒުބާތުތަކެއްގެ މައްޗަށް ކުރި ހޯދީ ރުޅިވެރިކަމާއި، ނަފްރަތާއި، ޝަކުވާއެވެ. ހިތުގައި އެންމެ ބޮޑަށްވީ އެ އިޙްސާސްތައް ކަމަށް ވިޔަސް އެ ބައްޕަ މިއަދު ދުނިޔޭގައި ނެތްކަން އެނގުންވުމުން، ހިތް މޭތެރޭގައި އޮވެ ގެނބުނު ކަހަލަ އިޙްސާސެއް ކުރެވުނީ ކީއްވެކަމެއް ނޭނގުނެވެ. އެ އިޙްސާސް ކުރެވުނީތީ ވެސް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ. އަދި އަމުދުން އޭނަގެ ސޫރަ ބޮޑަށް ވައްތަރީ އޭނަގެ ބައްޕަގެ ސޫރައާއިކަން އެނގުންވި ހިނދު، އަމިއްލަ ސޫރައަށް ވެސް ނުރުހުންވާ ގޮތްވިއެވެ.
“މިއީ މިރްޒާދް މި ކޮޓަރީގަ އަޅުވަންވެގެން ނެގި ފޮޓޯއެއް. ބުނަން ވެސް ބުނިން ފާރުގަ ސޫރަ ހުންނަ ފޮޓޯތައް އަޅުވަން ނުވާނެއޭ. އެކަމަކު އަޑެއް ނޭހި….އެހެރީ ތިން މީހުން އެކީގަ ނަގާފަ ހުރި ފޮޓޯއެއް…” ރައްޒާޤު ގޮނޑީގައި ހުރި ބަޓަނަކަށް ފިތައި ދާރިސްގެ ކައިރިއަށް އައިސް މަޑުކޮށްލަމުން ބުންޏެވެ. ރައްޒާޤު ބުނި ފަހު ވާހަކައާއިއެކީ ޢިޝާރާތް ކުރި ދިމާލަށް ދާރިސް ބެލިއެވެ. އެހިނދު އަނަސް އެނދުގެ އަނެއްފަރާތުން ފާރުގައި އެޅުވިފައިވާ ފްރޭމުން ފޮތިގަނޑު ނަގައިލީއެވެ.
ދުރުން ފެނުނުއިރު ތިން މީހުން ތިބި އެ ފޮޓޯ ބެލުމަށްޓަކައި ދާރިސް އޭގެ ކައިރިއަށް އާދައިގެ ހިނގުމެއްގައި ދިޔައެވެ. ދާރިސްއާއިއެކީ ރައްޒާޤުވެސް ގޮނޑި ދުއްވަމުން ގޮސް ފޮޓޯގެ ކުރިމައްޗަށްވާ ގޮތަށް ހުއްޓިލިއެވެ. އެ ފޮޓޯއިން ރައްޒާޤު މެދުގައިވީއިރު، ރައްޒާޤުގެ ކަނާތް ފަރާތުގައި މިރްޒާދް ހުރިތަން ދާރިސްއަށް ފެނުނުއިރު، އަނެއްފަރާތުން ފެނުނީ ބީރައްޓެހި މޫނެކެވެ.
“މިއީ ކާކުތޯ؟” ދާރިސްއަށް އަހައިލެވުނެވެ.
“ތިއީ މިރްޒާދްގެ ކޮއްކޮ މުޢީން. އަނެއްހެން ބުނަންޏާ ދާރިސްގެ ބޮޑުބޭބެ. މުޢީންގެ ވާހަކަ ވެސް ދާރިސްއަށް މަންމަގެ ފަރާތުން އިވިފަ ކަންނޭނގެ ހުންނާނީ. މިރްޒާދްގެ މަރަށްފަހު މުޢީންގެ ފަރާތުން ދާރިސްއަށާއި ދާރިސްގެ މަންމައަށް ދަތިތައް ކުރިމަތިވާން ފެށީ. ދާރިސްއަށާއި ދާރިސްގެ މަންމައަށް ލިބުނު މުދަލުގެ ދަހިވެތިކަމުގަ. ދާރިސް މަރައިލުމަށްޓަކައި އެއްކަލަ ދޯނީގައި ރޯކޮށްލަން ރޭވީވެސް މުޢީން. އެކަން ކުރީ ޚުދު އޭނަ އަމިއްލައަށް ކަމަށްވަނީ. އެކަމުގެ ތެރޭގަ އޭނަގެ މޫނުގަ އަނދާފަ ހުރި ޒަޚަމުގެ ނިޝާނެއްވެސް ހުންނާނެ. ހޯދި ހޯދުންތަކުން މުނީރާއާއި ޝަފީޢުގެ ދަރިފުޅު ވެސް މުޢީން އެކްސިޑެންޓެއް ކުރުވި. މުނީރާއަށް ބިރު ދައްކައި، ކުންފުނީގެ އޭނައަށް ނޭނގޭ މަޢުލޫމާތެއް ލިބޭތޯ ބަލަން. އަދި މީގެ 6 އަހަރު ކުރިން ބޭބެއަށް ދިމާވި އެކްސިޑެންޓުގެ ފަހަތުގައި ވެސް ވަނީ ހަމަ މުޢީންހެން ބޭބެއަށް ހީވަނީ….” ރައްޒާޤު ދެރަވެފައި އިނދެ ކިޔައިދިނެވެ.
އެ ވާހަކަތައް އަޑުއަހަން ހުރި ދާރިސް ވިސްނުމެއްގައި ހުރެ ކަޅި ދެފަރާތަށް ހިންގައިލިއެވެ.
“މުޢީންގެ ކަންތައް ހުރި ގޮތުން ވެސް ބޭބެ ހަޤީޤަތުގަ ވަރަށް ބޮޑަށް ދެރަވޭ. ބޭބެގެ އެކްސިޑެންޓުގެ ތަޙްޤީޤުގެ ތަފްޞީލު އަނަސް ލައްވައި ނުވެސް ކިޔުއްވައި ބޭބެ މިހިރީ. އޭގެ ނަތީޖާ އެނގިއްޖެނަމަ ހިތަށް ކެތް ނުކުރެވޭނެހެން ހީވާތީ. މާޒީގައި ހެދިހެން މުޢީން ވެސް ނުފެންނަ ހިސާބަކަށް ދާން ހިތް އެދޭ. އެކަމަކު ދެން އެ ކުށް ތަކުރާރެއް ނުކުރާނަން. ކޮންމެހެން ވެސް މުޢީން ހައްދު ފަހަނަޅައި ނުދަނީސް މުޢީން ހުއްޓުވާނަން….އެކަމަށްޓަކައި ދާރިސްގެ އެހީ މި ހޯދަނީ. ދާރިސް އެހީވެދޭނަންތަ؟” ރައްޒާޤު އާދޭހުގެ ނަޒަރަކުން ދާރިސްއަށް ބަލައިލަމުން އެހިއެވެ.
“އެހީ ތި މާނަ ކުރަނީ….އަޅުގަނޑުގެ ނަން އަނބުރައި ހޯދައި، މަންމައަށް އިންސާފު ހޯދައިދޭ ރޭވުމަށްތޯ؟” ދާރިސް ސުވާލުކުރިއެވެ. އެއާއިއެކު ރައްޒާޤު ބޯޖަހައިލިއެވެ.
“އާނ….އެއީ އެ ރޭވުން. އާސިފަށް ކުންފުނީގެ މުދާތައް ދޭން ހަމަޖެހިފައިވާ ދުވަހަށް ދާރިސް ތައްޔާރުވޭ. ދާރިސްއަކީ މުނީރާއާއި މިރްޒާދްގެ ދަރިފުޅުކަން ހާމަވާ ހެކިތައް ވަކީލަކު ލައްވައި އަހަރުމެން އެބަ އެއްކުރަން. ދާރިސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދާ. އަދި އެ ބުނާ ޖަލްސާއެއްގެ މައްޗަށް ބާރު ހިންގަން ދާރިސްއަށް ފުރުސަތު ލިބުނުކަމުގެ ބޭނުން ހިފާ. އެ ޖަލްސާ ހަފްތާއެއްހާ ދުވަސް ވަންދެން ލަސްކޮށްލުން ކަންނޭނގެ ބޮޑަށް ރަނގަޅުވާނީ. ދާރިސްއަށް އެ އޮފީހުގެ ތެރޭގައި އުޅެ، އެމީހުން އާސިފްގެ ނަން މައްޗަށް ކުންފުނީގެ ޙިއްސާ ގެންދިޔައީ ކިހިނެއްކަން ހޯދަން ވަގުތު ލިބޭނެ. އޭރަށް އަހަރުމެންނަށް އަހަރުމެންގެ ވަކީލާއި ވާހަކަ ދައްކައިގެން އެމީހުން އެހެދީ ގޯހެއްކަން ސާބިތުކޮށްދެވޭނީ. އަދި އެއަށްފަހު ދާރިސްއާއި ހިބާގެ ނަން މައްޗަށް އެ ޙިއްސާތައް ގެނެވޭނީ…އެއަށްފަހު ދާރިސްގެ މަންމަގެ ނަމަށް ހުތުރުކަން އެރުވި މީހުންނަށް ވެސް ރަނގަޅު ރައްދެއް ދެވޭނީ….ދާރިސް އެދުވަހަށް ތައްޔާރުވޭ…އަހަރުމެން ވެސް ތައްޔާރުވާނަން އިން ޝާ ﷲ!” ރައްޒާޤު ސާބިތުކަމާއިއެކީ ބުންޏެވެ.
ދާރިސް ވެސް އެ ވާހަކަ އަޑުއަހަން ހުރުމަށްފަހު ބޯޖަހައިލަމުން ‘އިން ޝާ ﷲ’ އޭ ބުނެލީ ވަރުގަދަ ޢަޒުމަކާއި އެކީގައެވެ.
**1 ހަފްތާ ފަސް**
ދުވަހަކީ ސްޓާރލައިޓް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯގެ މަޤާމް އާސިފާއި ޙަވާލު ކުރެވޭ ދުވަހެވެ. ޙަފްލާ ފަސް ކުރެވިގެން ދިޔައީ ހަފްލާއަށް ތައްޔާރު ކުރުމުގެ އިސް ސަފުގައި ހުންނެވި އިސްމާޢިލް އީތަންގެ އެދުމުގެ މަތިންނެވެ. ޙަފްލާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އިތުރަށް ވަގުތު ބޭނުންވާނެ ކަމަށް އީތަން ވިދާޅުވީތީވެއެވެ.
އެދުވަހުގެ ހަވީރު ސްޓާރލައިޓް ހޮޓެލަށް އެއްވެފައި ތިބި ނޫސްވެރިންގެ މެދުގައި އެހާތަނަށް ދައުރުވަމުން ދިޔަ ހަމައެކަނި މަޢުލޫމާތުތަކަކީ އެއީއެވެ. ކުންފުނި އިތުރަށް އިޝްތިހާރު ކުރުމުގެ ގޮތުން ވިޔަފާރި ޚަބަރުގެ ތެރޭގައި އެ ޚަބަރު ހިމެނުމުގެ ޚިޔާލުވެސް ދެއްވާފައިވަނީ އީތަންކަން އެ ނޫސްވެރިންނަށް އެނގެއެވެ.
ހޮޓެލްގެ ލޮބީގައި އިށީނދެގެން ތިބި ނޫސްވެރިން ކުއްލިއަކަށް ކޮޅަށް ތެދުވީ، ހޮޓެލްގެ މައިދޮރުން ވަދެގެން އައި ބަޔަކު ފެނުމުންނެވެ. އެއީ މުށިކުލައިގެ ކޯޓު ފަޓުލޫނުގައި ހުންނެވި އިސްމާޢީލް އީތަންއާއި، އީތަންގެ އަނބިކަނބަލުން ހިބާއާއި، އަދިވެސް އެހެން މެދު ޢުމުރުގެ އަންހެނެކެވެ. އީތަން ވަދެގެން އައުމާއިއެކު ނޫސްވެރިން ޙަފްލާއާއި ގުޅޭ ސުވާލުތައް ކުރުމަށް އަވަސްވިއެވެ. ނޫސްވެރިން އެދުނު ފަދައިން އީތަން ނުހަނު ހިތްހެޔޮ ހިނިތުންވުމަކާއިއެކީ ޙަފްލާ އޮންނާނެ މާލަމާއި، އެ މާލަން ހުންނާނެ ފަންގިފިލާ ކިޔައިދިނެވެ.
“މި ކަނބަލުން ވެސް މި ވަޑައިގެންނެވީ ޙަފްލާއަށްތޯ؟” އެއް ނޫސްވެރިއަކު ސުވާލުކުރިއެވެ.
“އާދެ….މި ހުންނެވީ އަޅުގަނޑުގެ އަނބިމީހާ ހިބާ ޝަހީދު. މި ކުންފުންޏަކީ ހިބާގެ ބައްޕަ ފެށި ކުންފުންޏެއް. މި ހުންނެވީ އަޅުގަނޑުގެ މަންމަ މުނީރާ. މިއީ މި ކުންފުނީގެ އެންމެ ފުރަތަމަ ފައިނޭންސް މެނޭޖާރ….އެ ޙައިސިއްޔަތުން އެ ކަނބަލުން ޙަފްލާގަ ބައިވެރިވެ ވަޑައިގަންނަނީ…” އީތަން ބުނެލި ވާހަކައިން އެތާ ދެން ތިބި ނޫސްވެރިން ވެސް ނުހަނު ފަރުވާތެރިކަމާއިއެކީ އަޑުއެހިއެވެ. އެހެނަސް ވަކި މާ ބޮޑު ފަރުވާލެއްނެތި ދާން ހިނގައިގަތީއެވެ. އީތަންއާއި އެ ސުވާލު ކުރި ނޫސްވެރިޔާ ވެސް އެހެންތޯ ބުނެ ވަކި އެއްޗެކޭ ނުބުނެ ދާން ހިނގައިގަތީއެވެ.
ނޫސްވެރިންނަށް ތަން ދެއްކުމަށްފަހު ދާރިސްމެން ހިނގައިގަތީ އެމީހުންގެ ފަހަތުންނެވެ.
“ދާރިސް….ކިހިނެއްތަ ވާން މިއުޅެނީ ޙަފްލާގަ؟ ޓެލް މީ އޯލްރެޑީ!” ހިބާ ސިއްރުވެރި އަޑަކުން ބުންޏެވެ.
“ޔޫ ޖަސްޓް ސިޓް އެންޑް އެންޖޯއި، ލަވް. މަޖާވާނެ މިއަދު! މަންމަ ވެސް ވާހަކަ…” ދާރިސް ހިބާއާއި މަޑު އަޑަކުން ވާހަކަ ދެއްކުމަށްފަހު މުނީރާއަށް ވެސް ހިނިތުންވުމެއް ދައްކައިލިއެވެ. އެ ވާހަކައަށް މުނީރާ ލުއި ގޮތަކަށް ހީލީ، ހިބާއާއި ޚިލާފަށް ދާރިސްގެ ރޭވުން ކޮންމެވެސް ވަރަކަށް މުނީރާއަށް އެނގޭތީވެއެވެ.
ދާރިސް ހޮޓެލްގެ ތެރެއިން ހިނގާފައި ދިޔައިރު ޙަފްލާއަށްޓަކައި ހޮޓެލަށް އައިސް ތިބި ސްޓާރލައިޓް ބިޒްނަސްގެ މުވައްޒަފުން ހިނިތުންވުންތަކާއިއެކީ ދާރިސްއާއި ސަލާމްކޮށް، ވާހަކަ ދައްކަމުން ދިޔައެވެ. އެ މުވައްޒަފުން ދާރިސްއާއި ވާހަކަ ދައްކަމުން ދިޔަ ގޮތުން، ކުންފުނީގެ ޙަޤީޤީ ވެރިއަކީ އެއީހެން ބަލާ މީހަކަށް ހީވެދާނެއެވެ.
ވާނީވެސް އެހެންތާއެވެ. ވޭތުވެދިޔަ ހަފްތާ ތެރޭގައި އޮފީސް ތެރެއިން އެ މުވައްޒަފުންނަށް ވަނީ ދާރިސްގެ އަޚްލާޤް ފެނިފައެވެ. މެނޭޖަރުންގެ ފަންތިން ފަށައިގެން ސެކިއުރިޓީ ގާޑުންނާއި ވެސް ދާރިސް މުޚާތަބު ކުރަމުން ދިޔައީ ހިތްހެޔޮ ހިނިތުންވުންތަކާއި، އިޙްތިރާމާއި، އަޅައިލުމާއި އެކީގައެވެ. ނަތީޖާއެއްގެ ގޮތުން އެންމެންގެ ހިތްތަކުގައި ވެސް ދާރިސްއަށްޓަކައި ބަދަލެއްނުވާ ޤަދަރެއް އުފެދިފައިވެއެވެ.
އިރުކޮޅެއްގެ ތެރޭގައި ތިން މީހުން ވެސް އެ ދުވަހު އެ ޙަފްލާ ބާއްވަން ހަމަޖެހިފައިވާ މާލަމަށް ވަދެގެން ދިޔައެވެ. ދާރިސް ހިބާއާއި މުނީރާ އިށީންނަންވީ ގޮނޑި ދެއްކުމަށްފަހު ދިޔައީ ބެކްސްޓޭޖަށެވެ. މާލަމުގައި ރޭވިފައި ހުރި ވަށް މޭޒުތަކުގެ ތެރެއިން މުނީރާއާއި ހިބާ އިށީނީ، ކުރީ ސަފުގައި ބެހެއްޓިފައިވާ މޭޒެއްގައެވެ. ލަސްލަހުން ހޯލަށް ވަންނަމުން ދިޔަ އިސް ވެރިން އެ މަންޒަރު ފެނި، އެ ދިމާލަށް ޙައިރާންކަމުން ފުރިފައިވި ނަޒަރުތައް ދެމުން ދިޔައެވެ. ޢާއްމު ގޮތެއްގައި ކުރީ ސަފުގައި ތިބޭނީ ކުންފުނީގެ މަތީ މަޤާމުތައް ފުރުވާ ބޭފުޅުންކަން އެންމެންނަށް އެނގޭތީވެއެވެ. އެ ސަބަބާއިހުރެ ބައެއް މީހުން ހިބާމެން ތިބި މޭޒާއި ކައިރިއަށް ގޮސް، އެމީހުންނަށް އެ ތިބެވެނީ ނުބައި މޭޒެއްގައި ކަމަށް ބުނަން ވެސް ބުނަމުން ދިޔައެވެ. އެހެނަސް އޭގެ ޖަވާބެއްގެ ގޮތުން ހިބާ އެ މޭޒުމަތީގައި ބެހެއްޓިފައިވާ ނަން ބޯޑު ދައްކައިލުމުން، ލަދު ގަންނަނީ އެ ސުވާލުކުރާ މީހެކެވެ.
“އަނެއްކާ އޮޅުމަކުންތަ މި ނަން ބޯޑު މި މޭޒުގަ ބެހެއްޓިފަ ހުރީ؟” ދެވަނަ މީހަކު އައިސް އެ ސުވާލުކޮށްލުމުން ހިބާއަށް މުނީރާ ކުރެން އަހައިލެވުނެވެ.
“ނޫނޭ ހިބާ….މިއަދު ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް، އިން ޝާ ﷲ.” މުނީރާ ހިނިތުންވުމަކާއިއެކީ ޖަވާބު ދިނެވެ.
އޭގެ ރައްދަކަށް ހިބާ ބޯޖަހައިލި ވަގުތު، މާލަމުގެ މައިދޮރާއި ދިމާލުން ފެނުނު ސޫރައަކުން ހިބާ ގަނޑުވާ ގޮތްވިއެވެ. ގަޔަށް ބާރުކޮށް އޮތް ދިގު ހެދުމަކާއި، ބޮލު ފޮތިކޮޅެއް އަޅައިގެން މާލަމަށް ވަދެގެން އަންނަމުން ދިޔައީ ނާދިރާ ނޫން ދެވަނަ މީހެއްނޫނެވެ. ހިބާ ނުވެސް ދަންނަ ބީރައްޓެހި ފިރިހެނަކާއި ވާހަކަ ދައްކައި ހެމުން މާލަމަށް ވަންނަމުން ދިޔަ މަންމަ ފެނި، ހިބާގެ މޭނުބައި ކުރިއެވެ.
ހިބާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަ ގޮތުން މުނީރާއަށް ހިބާގެ ނަޒަރު އަމާޒުވެފައިވި ދިމާލަށް ބަލައިލެވުނެވެ. އެހިނދު އެ ދިމާލުން ނާދިރާއާއި މުޢީން ފެނި، އިސާހިތަކު މުނީރާއަށް ހިބާގެ އަތުގައި އެއްއަތް އަޅައިލަމުން ހިބާއަށް ބަލައިލެވުނެވެ. އެހެނަސް ހިބާއަށް މުނީރާއާއި ދިމާލަށް ބެލޭ ގޮތެއްނުވިއެވެ. އެހިނދު ދުރުގައި ހުއްޓިހުރި ނާދިރާއާއި ހިބާގެ ހަތަރުކަޅި ހަމަވެގެން ދިޔުމުންނެވެ.
ހިބާ ފެނުމުން ނާދިރާ ހިބާ ދަށްކޮށްލުމުގެ ގޮތުން ދެލޯ ހަނިކޮށްލިއެވެ. އެއަށްފަހު ޒާތެއްގެ ހިނގުމަކާއިއެކީ ހިބާއާއި މުނީރާ ތިބި މޭޒުގެ ކައިރިއަށް ގޮސް ހުއްޓިލިއެވެ.
“މުޢީން ލޯބި….އަޅެ ބުނީމެއްނު ކުރީ ސަފުގަ ތިބޭނީ އެންމެ ބޮޑެތި މީހުންނޭ؟ އޮޅިގެން އައިސް މިގޮތަށް އިށީނދެވޭ ކުދިންނަށް ފަހަތުގަ ހުރި ގޮނޑިތައް ދައްކައިދޭނެ ކުއްޖެއް ވެސް ނެތީތަ؟” ނާދިރާ ކިބުރުވެރި އަޑަކުން ވާހަކަ ދެއްކީ، އޭނައަކީ މިހާރުއްސުރެ ވެސް އެ ކުންފުނީގެ މަތީ މަޤާމެއް ފުރުވާ އަންހެނެއްހެން ހީވާ ފަދައަކުންނެވެ.
ނާދިރާ އެ ޒާތަށް ވާހަކަ ދެއްކުމާއިއެކުހެން އާދައިގެ މަތިން ހިބާއަށް އަމިއްލަ ދަށްކަން އިޙްސާސް ކުރެވުނެވެ. އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން އެނގުނަސްމެއެވެ. އިސާހިތަކު އިސްޖަހައިލެވުނީ މަންމަގެ ކުރިމަތީގައި އަމިއްލަ ނިކަމެތިކަން އިޙްސާސް ކުރެވި، ވީ ޖެހިލުންވުމުގައި މުޅި މީހާވެސް ފިނިވުމުންނެވެ. އެވަގުތު ކިރިޔާވެސް ހަމަޖެހުމެއް ލިބޭ ގޮތްވީ މުނީރާ އޭނަގެ އަތުގައި އެޅިފައިވި އަތަށް ފިތައިލުމުންނެވެ.
“އެއީ އޮޅުމެއް ނޫނޭ. ރަނގަޅު ގޮނޑިތަކެއްގަ އެ ކަނބަލުން އިށީނދެވަޑައިގެން އެ ތިއްބެވީ…” ނާދިރާ ބުނި އެއްޗަކަށް މުޢީނަށާއި މުނީރާއަށް ވެސް އެއްޗެކޭ ބުނެވުމުގެ ކުރިން، އެތަނަށް އައި ދާރިސް ވާހަކަ ދެއްކިއެވެ.
“އޮހް! އަސްލުވެސްތޯ؟ އަނެއްކާ….އަމިއްލަ އަނބިމީހާއާއި ޢާއިލާއަށް ވީމަތޯ ކުރީ ސަފުގަ ބައިތިއްބާފަ މިތިބީ؟” ނާދިރާ ދާރިސްވެސް ދަށްކުރާފަދަ ނަޒަރެއް ދެމުން ރާގަކަށް އެހިއެވެ.
“ނޫނޭ….އަޅުގަނޑަކީ ތިކަހަލަ މީހެއް ނޫންކަން މުޢީން ސާރއަށް ވެސް އެނގިލައްވާނެ. ނޫންތޯ މުޢީން ސާރ؟ އަސްލު….މަތީ ފަރާތަކުން އަންގަވާފަ އޮތީމަ މި ދެ ކަނބަލުން ގޮނޑި މި ތަނުން ހަމަޖެއްސީ…” ދާރިސް މުޢީނާއި ވެސް މުޚާތަބު ކުރީ އިޙްތިރާމާއި އެކީގައެވެ. ވޭތުވެދިޔަ ހަފްތާގައި ވެސް ހެދި ފަދައިންނެވެ.
“މަތީ ފަރާތަކުންނޭ؟ އަހަރެން ނޫނިއްޔާ….އާސިފްދޯ؟ އާނ އާސިފް އެހެން ހަދާފާނެ. ނުލާހިކު ހިބާވެގެން އުޅޭ މީހެއްވިއްޔާ އެއީ. ހިބާއާއި ހިބާ ބޭނުންވާ މީހަކު ވެސް ކުރީ ސަފުގަ ބަހައްޓަފާނެ އޭނަ. ހެހެހެ….” މުޢީން އެހެން ބުނެ ހީލުމުން ނާދިރާ ހީލީ ދަތި ގޮތަކަށެވެ. ހިބާއަށް ހެވެއް ލިބުމުން އެކަމާއި ހިތް ނުބައިކޮށް ޙަސަދަވެރިވާ ފަދައަކުންނެވެ.
މުޢީން ދެއްކި ވާހަކައަށް ދާރިސްވެސް ނޫންކަމަށް ހަދައި ހިނިތުންވެލިއެއްކަމަކު، ދާރިސްގެ ކަތުރުކަށިގަނޑަށް ބާރުވިއެވެ. އާސިފްގެ އުއްމީދަކީ އޭނަ މަތީ މަޤާމެއްގައި ހުރެ ދާރިސް ދަށް މަޤާމެއްގައި ބަހައްޓައިގެން ހިބާ ޙާޞިލުކުރުންކަން، ވޭތުވެ ދިޔަ ހަފްތާގައި ދާރިސްއަށް ސާފުވެފައިވެއެވެ. އާސިފް އޭނައާއި މުޚާތަބު ކުރާ ގޮތުންނާއި، އެކި މީސްމީހުންގެ ފަރާތުން އިވިފައިވާ ވާހަކަތަކުންނެވެ. އާސިފް އެ ކުރާ ޚިޔާލުންނާއި، ހިބާއާއިމެދު އެހާ ދަށްކޮށް ދެކޭ ދެކުމުގެ ސަބަބުން ދާރިސް އޭނައަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެ ރުޅިވެރިކަމަށް ކިރިޔާ ވެސް ފިނިކަމެއް ލިބުނީ، މިއަދަކީ އޭނަ އާސިފާއި ކުރިމަތިލާނެ އެންމެ ފަހު ދުވަސްކަން ހަނދާންވުމުންނެވެ.
“ދެން އެހެންވީއިރު އަހަރުމެން އިށީންނާނީ ކޮންތާކުތަ؟” ނާދިރާ ދާރިސް ކުރެން ސުވާލުކުރިއެވެ.
“އާދެ….އެންމެ އެކޮޅުގަ ހުރި މޭޒުގަ…” ދާރިސް ކުރީ ސަފުގެ ކޮޅުގައި ހުރި މޭޒަށް ޢިޝާރާތް ކުރަމުން ބުންޏެވެ. އެއިން ވެސް ނާދިރާ ނުރުހުންވުން ނޫންކަމެއް ނުވިއެވެ. ހިބާއާއި ޚިލާފަށް މީހުންގެ ސަމާލުކަން ނުލިބޭނެފަދަ މޭޒެއްގައި އޭނަ ހުންނަން ޖެހުނީތީވެއެވެ. އެކަމާއިމެދު ނާދިރާ ސުވާލުކުރަން އުޅެފައިވެސް ނުކުރީ، ހިބާގެ ކުރިމަތީގައި އިތުރަށް ދަށް ނުވުމަށެވެ.
އޭގެ އިރުކޮޅެއްފަހުން އެ ހަވީރުގެ އެންމެ ޚާއްޞަ މެހުމާނު ކަމަށްވާ އާސިފް ވެސް ގޮސް ކުރީ ސަފުގެ މޭޒެއްގައި އިށީނުމުން ހުރިހާ މެހުމާނުން ހަމަވެގެން ދިޔައެވެ. ހުރިހާ މެހުމާނުން ހަމަވީއިރު ވެސް އެންމެ ކުރީ ސަފުގެ މެދުގައި ނަން ބޯޑެއްވެސް ނެތި، ހުސް މޭޒެއްވުމުން މީހުންގެ މޫނުތަކުން ސުވާލު މާކުތައް ފެންނަމުން ދިޔައެވެ. އެހެނަސް އެވަގުތު ޙަފްލާ ފަށަން ޤުރުއާން ކިޔެވެން ފެށީތީ އެކަކު ވެސް ސުވާލެއް ނުކުރިއެވެ. އާސިފް އެ މޭޒަށް ބަލާފައި އެ ދާރިސްއެއްގެ މޮޔަކަމޭ ހިތާހިތުން ކިޔައި ޚިޔާލުތަކުގެ ތެރެއިން ދާރިސްއަށް ރުޅިވެރިކަން ބާލަމުން ދިޔައެވެ.
ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުމާއިއެކު ޖަލްސާ ހުށަހެޅުމަށްޓަކައި ޕޯޑިއަމަށް އެރީ، މަތީ މަޤާމެއްގެ ސެކްރެޓަރީއެކެވެ. ޖަލްސާގެ އެޖެންޑާ ކިޔައިދިނުމަށްފަހު ސެކްރެޓަރީ ޕޯޑިއަމުން ދުރުވެލީ، ސްޓާރލައިޓް ބިޒްނަސް ޕްރައިވޭޓް ލިމިޓެޑް ކުންފުންޏާއި ގުޅޭ ޑޮކިއުމެންޓްރީއެއް ދެއްކުމަށެވެ.
މާ ގިނައިރެއްނުވެ ހޯލުގެ ބޮކިތައް ނިއްވައިލެވި، ކުރިމަތިން ފެންނަމުން ދިޔަ ސްކްރީނުން ޑޮކިއުމެންޓްރީ ފެންނަން ފެށިއެވެ. އާސިފް ނިކަން ކިބުރުވެރިކަމާއިއެކީ ގޮނޑިއަށް ލެނގިލަމުން ޑޮކިއުމެންޓްރީ ބަލަން ފެށިއެއްކަމަކު، ސީދާވެލެވުނީ ޑޮކިއުމެންޓްރީއިން ކިޔައިދެވެން ފެށި ވާހަކަތަކުންނެވެ. ސްޓާރލައިޓް ބިޒްނަސް ޕްރައިވޭޓް ލިމިޓެޑް އެންމެ ފުރަތަމަ ފެށިގެން ދިޔައީ 1990 ގެ ތެރޭ ކަމާއި، ފެށުމުގެ އިސް ސަފުގައި ހުރީ އަޙްމަދު ޝަހީދުކަމަށް ކިޔެން ފެށި ވަގުތު މުޢީންގެ ވެސް ލޯ ބޮޑުވެގެން ދިޔައެވެ. އާސިފާއި މުޢީން ވާނީ ނުހަނު ސާފުކޮށް އީތަންގާތު އެ ކުންފުނި ފެށުނީ މީގެ 6 އަހަރު ކުރިން ކަމަށް ބުނެފައެވެ. އޭރުއްސުރެ ކުންފުނީގައި ބޭއްވޭ ޖަލްސާތަކުގައި ކުންފުނީގެ މާޒީ މަތިން ހަނދާން ވެސް ކޮށްނުދެވެއެވެ. ޝަހީދާއި މުނީރާގެ ނަން އިވުމާއިއެކު ކުންފުނީގެ ގިނަ ޙިއްސާދާރުން އެމީހުން މަތިން ހަނދާންވެ، މުޢީންގެ ދަށްކަމުގެ މަތިން ހަނދާން އާ ކުރާތީވެއެވެ.
ކޮންމެ ގޮތެއްވިޔަސް ޑޮކިއުމެންޓްރީ ފެށިފައިވުމުން އޭތި ހުއްޓުވަން ކިތަންމެ ބޭނުންވިޔަސް މުޢީނާއި އާސިފަށް އެކަން ކުރެވޭ ގޮތެއްނުވިއެވެ. ހުއްޓުވަން މަސައްކަތް ކޮށްފިނަމަ، އާ މުވައްޒަފުންގެ ނަޒަރިއްޔާތު ބަދަލު ނުވިޔަސް، އެންމެ މުހިއްމު ޙިއްސާދާރުންގެ ކުރިމަތީގައި އެމީހުންގެ އަގު ވެއްޓޭނެކަން ދަނެގެންނެވެ.
ސިކުނޑި ހާސްކުރުވި ޑޮކިއުމެންޓްރީއަކަށްފަހު އަނެއްކާވެސް ސްކްރީން ނިވައިލެވި، ހޯލު އަލި ކުރެވިގެން ދިޔައެވެ. އަނެއްކާވެސް ޖަލްސާ ހުށަހަޅަމުންދާ ފިރިހެން ސެކްރެޓަރީ ޕޯޑިއަމަށް އެރިއެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.
“ހަމަ ޔަޤީނުން ވެސް ޝަހީދު ސާރގެ ހަނދާންތަކަކީ އަޅުގަނޑުމެން ހަނދާން ނެތޭނެ ދުވަސްތަކެއްނޫން. ސްޓާރލައިޓް ބިޒްނަސް މިހާ ހިސާބަށް އައިސްފައިވަނީ ޝަހީދު ސާރގެ ހިތްވަރުފުޅާއި، ދުރު ވިސްނުމުގެ ސަބަބުންކަން ޔަޤީން. އާދެ….ދެން އަޅުގަނޑުމެންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވާނީ، އަޅުގަނޑުމެން ކުންފުނީގެ މިހާރުގެ ސީއީއޯ…”
ސެކްރެޓަރީއަށް އެހާ ހިސާބަށް ބުނެވުނު ތަނާހެން މުޢީން ބޮޑާވެގަންނަމުން ކޯޓު ރަނގަޅުކޮށް، ތެދުވަން އުޅުނެވެ. އެހެނަސް….
“އާދެ….އަޅުގަނޑުމެންގެ މިހާރުގެ ސިއީއޯ، ޢަބްދުއްރައްޒާޤް ޢަލީއަށް މަރުޙަބާ ދަންނަވާ. ރައްޒާޤް ސާރ…”
ހުށަހަޅަމުން ދިޔަ ޒުވާނާގެ އެ ބަސްތަކާއިއެކީ މުޢީނާއި އެއްވަރަށް އާސިފް ވެސް ގަނޑުވާ ގޮތްވިއެވެ. ދުނިޔެ ދޫކޮށް ގޮސްފައިވާކަމަށް އެ ދެމީހުން ނިންމައިގެން ތިބި ޝަޚްޞިއްޔަތެއްގެ ނަން އިވިގެން ދިޔުމުންނެވެ. އިސާހިތަކު ހުޅުވިގެން ދިޔަ މައިދޮރުން ވަދެގެން އަންނަން ފެށީ ފުރޮޅުލީ ގޮނޑީގައި އިން ރައްޒާޤެވެ. ރައްޒާޤުގެ ފަހަތުން އާދައިގެ މަތިން އަނަސް ވެސް ވަންނަމުން ދިޔައެވެ.
ރައްޒާޤު ވަދެގެން އަންނަން ފެށުމާއިއެކު ހޯލުގައި އިށީނދެގެން ތިބި އެންމެން ތެދުވަން ފެށީ އިޚްތިޔާރަކާއި ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ހުރިހާ ދުވަސް ވަންދެން ޣައިބުވެފައިވި ކުންފުނީގެ ވެރިމީހާ ފެނިގެން ދިޔުމުންނެވެ. ރައްޒާޤު ހޯލުގެ މެދަށްވާ ގޮތަށް ގޮސް މަޑުކޮށްލަމުން އަތް ހިއްލައި އެންމެންނަށް ވާ ގޮތަށް އިށީނުމަށް ޢިޝާރާތެއް ކުރިއެވެ. އެއަށްފަހު ސީރިއަސް ނަޒަރެއްގައި ހުރެ ގޮނޑި ދުއްވަމުން ގޮސް ސްޓޭޖުން ފައިބަން ހުންނަ އޮމާން ދިމާލުގައި މަޑުކޮށްލިއެވެ. އެއާއިއެކު އަނަސް އެ ގޮނޑި އެތަނަށް އަރުވައިގެން އޮމާންކަމާއިއެކީ ގޮނޑި ސްޓޭޖަށް އެރުވިއެވެ. ސްޓޭޖުގެ މެދަށް ގޮނޑި ގެންގޮސް ރައްޒާޤު މީހުންނާއި ކުރިމަތިލުމަށް އެހީވެދިނުމަށްފަހު، އަނަސް ބެކްސްޓޭޖުން ދިއްކޮށްލެވުނު މައިކެއް ހިފައިގެން އައިސް ރައްޒާޤުގެ އަތަށް ލައިދިނެވެ. އެއަށްފަހު ސްޓޭޖުން ފައިބައިގެން ދިޔައެވެ.
“އެތައް އަހަރުތަކެއް ވަންދެން ތި ހުރިހާ ބޭފުޅުންނާއި ދުރުދުރުން އުޅުމަށްފަހު މިގޮތަށް ބައްދަލުކުރުމުގެ ފުރުސަތެއް ލިބުނީތީ އުފާކުރަން. އަލްޙަމްދުލި ﷲ! ކުންފުނީގެ ވެރިމީހާއަކީ ނުހިނގޭ މީހެއްކަން އެނގިލެއްވީމަ ވަރަށް ގިނަ މުވައްޒަފުންނަށް ޙައިރާންކަމެއް ލިބިދާނެ ކަންނޭނގެ. ޙަޤީޤަތަށް ބުނަންޏާ އަޅުގަނޑަށް މި ޙާލު ޖެހުނީ ވަރަށް ފަހުން. އެ ވެސް ހަމަ މި ޖަލްސާގެ ތެރެއިން މީހަކު ޖެއްސި މަޅިއެއްގެ ތެރެއިން…” ރައްޒާޤު ބުނެލި އެ ވާހަކައާއި އެކީ ހޯލުގެ ތެރޭގައި ސިއްރުވެރި އަޑުތައް ގުގުމައިލި ހިނދު، މުޢީންގެ ނިތުން ދާތިކިތައް ހިއްލިއެވެ.
“ތި ބޭފުޅުންނަށް އަންދާޒާ ކުރެއްވޭނެ ފަދައިން މި ހުރިހާ ދުވަސްވަންދެން ތި ބޭފުޅުންނަށް ނުފެނި ހުރެ މިއަދު ފެނިލަން އަޅުގަނޑު މި ޤަޞްދުކުރީ ވަރަށް މުހިއްމު ސަބަބަކާއި ލައިގެން. ކުންފުނި އިތުރަށް ކުރިއަށް ހިންގާނެފަދަ ޙާލެއް އަޅުގަނޑުގެ ނެތްކަން އަޅުގަނޑުވެސް ޤަބޫލުކުރަން. އެހެންކަމުން ކުންފުނީގެ ވެރިއަކަށް ޒުވާން ކުއްޖަކު ޢައްޔަން ކުރަން އަޅުގަނޑު މި ނިންމަނީ…” ރައްޒާޤު އެހެން ބުނެލީ ސީދާ އާސިފަށް ބަލަން އިނދެއެވެ. އެ ނަޒަރުން އާސިފަށް ލިބުނު އުއްމީދާއިއެކީ، ޖެހިލުންވުން އެކުލެވޭ ގޮތަކަށް ހިނިތުންވެލިއެވެ.
“އާދެ….ކުންފުނީގެ އެންމެ މަތީ ފަރާތުގެ މަޤާމް އަޅުގަނޑު ދޭން ބޭނުންވާ ޒުވާނާގެ ތަޞްވީރު ފަހަތުން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ…” ރައްޒާޤު ބުނެލިއެވެ. އެއާއިއެކު އާސިފްގެ ހިނިތުންވުން އިތުރަށް ފުންވުން ނޫންކަމެއް ނުވިއެވެ. އެ ސްކްރީނުގައި އެޅުވޭނެ ފޮޓޯ ނަގައި އޭނަ އެ ޙަފްލާ ހަމަޖައްސާ ކުދިންކޮޅަށް ދީފައިވެސް ވުމުންނެވެ.
އެހެނަސް ސިކުންތުކޮޅެއްގެ ތެރޭގައި ފަހަތުން ދިއްލިގެން ދިޔަ ސްކްރީނުން ފެނިގެން ދިޔައީ އޭނަގެ ސޫރައެއް ނޫނެވެ. ގަދަ ނޫކުލައިގެ ބެކްގްރައުންޑެއްގެ މެދަށް ފޮޓޯއެއް ލެވި، ފޮޓޯގެ ތިރީގައި ‘ސީއީއޯ’ އޭ އޮތްއިރު ފޮޓޯގައި ހުރީ ހަމަ އޭނަ ނޫންކަން ޔަޤީންކުރަން އާސިފަށް ސިކުންތުކޮޅެއް ނެގިއެވެ. އެއީ ކާކުކަން ފަހުމްވެގެން ދިޔައީ ހޯލު ތެރޭގައި ‘އީތަން’ ގެ ނަން މީހުންގެ ތުންތުންމަތިން އިވި، ގުގުމަން ފެށުމުންނެވެ.
“އާދެ….ކުންފުނީގެ އާ ސީއީއޯއަށް މަރުޙަބާ ދަންނަވާ. ކުންފުނީގެ ސީއީއޯ، މުޙައްމަދު ދާރިސް!”
ރައްޒާޤު އެ ބަސްތައް އިއްވައިލުމާއިއެކު ސްކްރީނުން ފެންނަމުން ދިޔަ ދާރިސްގެ ފޮޓޯގެ މައްޗަށް ދާރިސްގެ ނަން އެރުވިގެން ދިޔައެވެ. ހަމަ އެވަގުތު ބެކްސްޓޭޖުން ދާރިސް ނިކުމެގެން އައިސް ރައްޒާޤުގެ ކައިރީގައި ހުއްޓުނު ވަގުތު ހޯލުގައި ތިބި މީހުންގެ އަޑު މުޅި ތަނުގައި ގުގުމަމުން ދިޔައެވެ. ކުންފުނީގެ އާ މުވައްޒަފުންނަށް މުޅިން އާ ނަމެއް އިވިގެން ދިޔުމުން ޙައިރާންވެފައި ތިބިއިރު، އެންމެ ކުރީއްސުރެ ކުންފުނީގައި ތިބި މުވައްޒަފުންނާއި ޙިއްސާދާރުން ތިބީ، ދާރިސް ނަމަކަށް ކިޔާ ކުއްޖާ ދުނިޔޭގައި ހުރީތީ އަޖާއިބުވެފައެވެ. ކުންފުނީގެ ބޮޑު ޙިއްސާއެއް ޤަވާޢިދުގެ މަތިން ދެވިފައިވަނީ އެކުއްޖާއަށްކަން އެމީހުންނަށް އެނގޭތީވެސްމެއެވެ. އެކަން އެނގުންވި މުޢީނާއި އާސިފްގެ ހަތަރު އުދަރެސް ފެނުޖެހޭ ގޮތްވިއެވެ.
“އާދެ….މި ކުންފުނީގެ ޒަމާންވީ ޙިއްސާދާރުންނަށް ދާރިސްއަކީ އާ ނަމަކަށް ނުވެދާނެ. މީގެ 13 އަހަރު ކުރިން ދާރިސް ދުނިޔެ ދޫކޮށް ދިޔަކަމަށް ބުނެ ފެތުރުނު ޚަބަރަކީ ދޮގު ޚަބަރެއް. އެއީ ބަޔަކު މީހުން ޤަޞްދުގައި ރާވައިގެން ފެތުރި ޚަބަރެއް. މިއަދު ތި ބޭފުޅުންގެ ކުރިމަތިން ތި ފެނިވަޑައިގަންނަވާ އިސްމާޢީލް އީތަންއަކީ، މި ކުންފުނީގެ އެންމެ ފުރަތަމަ ފައިނޭންސް މެނޭޖާރ މުނީރާގެ ދަރިފުޅު، ދާރިސް. ދިމާވި ޙާލަތުގެ ސަބަބުން ދާރިސް ނަން ބަދަލުކޮށް އެހެން ޤައުމަކަށް ބަދަލުވާން ޖެހުނީ. އެއަށްފަހު އެންމެން ދާރިސް މަތިން ހަނދާން ނައްތައިލީ. ހެހެ….އެކުއްޖާގެ މަންމަ އެކުއްޖާއަށް ދެއްވި ނަމެއްގެ ސަބަބުން ކަންނޭނގެ. ދާރިސްގެ އެއް މާނައަކީ ހަނދާން ނައްތައިލެވިފައިވާ ފަރާތް. އެހެންވެ އަޅުގަނޑު މި ކުއްޖާއަށް ތަކުރާރުކޮށް ހަނދާންކޮށްދިނީ ﷲ މަތިން ހަނދުމަ ކުރުމަށް. ﷲ މަތިން ހަނދުމަ ކުރީމަ އެކަލާނގެ އަޅަމެން މަތިން ހަނދުމަ ކުރައްވާނެއޭ. ހަމަ ޙަޤީޤަތުގަ ވެސް ދާރިސްއަކީ ގިނަގިނައިން ﷲ މަތިން ހަނދުމަކުރާ ޒުވާނެއް. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު އަމިއްލަ ނަން އަނބުރައި އެންމެންގެ ކުރިމައްޗަށް ގެނައުމުގެ ފުރުސަތެއް އެ ލިބުނީ. ސުބްޙާނަ ﷲ….އަޅުގަނޑު މާ ގިނަ ވާހަކައެއް ދައްކާކަށް ނެތިން. އާ ސީއީއޯ، ދާރިސްއާއި ޙަވާލުކޮށްލާނަން…” ރައްޒާޤު އެހެން ބުނެ ދާރިސްއާއި މައިކު ޙަވާލު ކުރުމާއިއެކު، މުޢީން ނުހުރެވިގެން ކޮޅަށް ތެދުވިއެވެ.
“ބަލަ ދެން ތަނަކުން މީހަކު ފެންނައިރަށް ގެނެސް ކުންފުނީގެ ބޮޑު ޙިއްސާދާރަކީ މިއީއޭ ބުނެވޭތަ؟” މުޢީން މައިކަކާއި ނުލައި ހަޅޭއްލެވިއެއްކަމަކު މުޅި ހޯލަށް ފަނޑު ގޮތަކަށް އެ ސުވާލު އިވޭ ގޮތްވިއެވެ. އޭނަ އުއްމީދު ކުރީ އެ ސުވާލު ކުރުމުން އެތާ ތިބި އެހެން މީހުންގެ ޚިޔާލާއި ވެސް ކުޅުމަށެވެ. އޭގެ ދެވަނަ ސިކުންތުގައި އާސިފް ވެސް ތެދުވެލީ އެ ނިޔަތުގައެވެ.
“
“ތެދެއް! މަށަށް ހީވަނީ މަގޭ ޤާނޫނީ ވަކީލަށްހެން މަ ގުޅަންވީ….ހާދަ ހީވެއޭ އަހަރުން ކާފަގެ ބޮލަށް ވަދެ މި ކުންފުނި ޖަހައިގަންނަން އުޅޭ މީހެއްގެ ރޭވުމެއްހެން…ތި ބޭފުޅުންނަށް ނޭނގުނަސް ކުންފުނީގެ މިހާރުގެ ސީއީއޯއަކީ އަހަރެންގެ ކާފައޭ!!” އާސިފް އައިސްފައިވި ރުޅީގައި ބުނެވޭ ނުބުނެވޭ އެއްޗެއް ވެސް ނޭނގުނެވެ.
އެހެނަސް މުޢީނާއި އާސިފް ކުރި މަސައްކަތްވީ ބޭކާރެވެ. ހޯލުގައި ތިބި މީހުންގެ ތެރެއިން އެކަކު ވެސް މުޢީނާއި އާސިފާއި އެއްބައެއް ނުވިއެވެ. އެތާތިބި އެންމެން ވެސް ކުންފުނީގެ ވެރިމީހާ ރައްޒާޤަށް އިތުބާރު ކުރާތީވެއެވެ. އަދި އަމުދުން މިހާތަނަށް އައިއިރު ދާރިސްގެ ފަރާތުން ފެނިފައިވާ ޤާބިލިއްޔަތުގެ ސަބަބުން ވެސްމެއެވެ.
“އަޅުގަނޑު ތި ހުރިހާ ސުވާލުތަކަށް ޖަވާބު ދޭނަން އިން ޝާ ﷲ….މި ވަގުތު ޖަލްސާ އޮމާންކަމާއިއެކީ ކުރިއަށް ގެންދިޔުމަށް އިށީނދެ ވަޑައިގެން ދެއްވުން އެދެން…” ދާރިސް މައިކު އަނގައާއި ކައިރިކޮށްލަމުން މަޑުމައިތިރި އަޑަކުން ބުންޏެވެ. އެއާއިއެކު މުޢީނާއި އާސިފަށް ދާރިސް ބުނި ގޮތަށް ހަދަން ޖެހުނެވެ. ނަހަދައިފިނަމަ އެތާތިބި އެންމެންގެ ކުރިމަތީގައި އެމީހުންގެ އަގު ވެއްޓުން ނޫންކަމެއް ނުވާނެކަން އެނގުނީތީވެއެވެ.
ދާރިސް އަނެއްކާވެސް އޭނަގެ އަތުގައި އޮތް މައިކު ރައްޒާޤަށް ދިނީ، ދާރިސްގެ ވާހަކައިގެ ތެރެއިން އެއްޗެއް އިތުރު ކުރަން ބޭނުންނަމަ އިތުރު ކުރުމަށް އެދެމުންނެވެ. އެއަށްފަހު ދާރިސް ގޮސް ހުއްޓިލީ ޕޯޑިއަމުގައެވެ. އެއަށްފަހު ބިސްމީގެ ބަރަކާތުން ފަށައި ޞަލަވާތް ކިޔެވުމަށްފަހު ވާހަކަ ފެށިއެވެ.
“އާދެ….އަޅުގަނޑު ތި އެންމެހާ ބޭފުޅުންގެ ކުރިމަތީގައި ހުއްޓި މިހިރީ ތިބޭފުޅުންގެ ސީއީއޯއަށްވުރެ ބޮޑަށް، ތިބޭފުޅުންގެ ބަލަދުވެރިއެއްގެ ގޮތުގަ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. މި ޖަލްސާ ނިމުމުގެ ކުރިން އަޅުގަނޑު ކުރާ ސޮއިއިން އަޅުގަނޑާއި ޙަވާލު ކުރެވިގެންދާނީ ބޮޑު ޒިންމާއެއްކަން އަޅުގަނޑު ޤަބޫލުކުރަން. އެ މަޤާމު އަޅުގަނޑަށް ލިބުން ޙައްޤުކަން ތިބޭފުޅުންނަށް ޤަބޫލު ކުރެވުމަކީ މުހިއްމުކަމެއް ކަމަށް އަޅުގަނޑު ދެކެން…” ދާރިސް އެ ވާހަކަ ދެއްކުމާއިއެކު އެތާތިބި އެންމެންހެން ހިނިތުންވުންތަކާއިއެކީ ބޯޖަހަން ފެށި މަންޒަރު ފެނުނެވެ. އެންމެންނަށް ނަޒަރުތައް ދެމުން ގޮސް އެންމެފަހުން އާސިފަށާއި މުޢީނަށް ދާރިސްގެ ނަޒަރު ހުއްޓުނެވެ.
“މުޢީން ސާރއާއި އާސިފް ސާރ މިހާތަނަށް ކުންފުންޏަށް ކޮށްދެއްވި ހުރިހާ ޚިދުމަތްތަކަށްޓަކައި އަޅުގަނޑު ހިތުގެ ފުން މިނުން ޝުކުރު އަދާކުރަން. އަޅުގަނޑަށް މިހާ ހިސާބަށް އާދެވެންދެން ކުންފުނި ދެމެހެއްޓެވި ކަމަށްޓަކައި ތަޢުރީފުކުރަން. ދެން ތިބޭފުޅުންގެ ހިތުގައި އުފެދިފައިވާނެ ބައެއް ސުވާލުތަކަށް ޖަވާބުދޭނަން. އަޅުގަނޑަކީ ދާރިސްކަން ސާބިތުކޮށްދޭނެ އެތައް ހެކިވެރިން އެބަތިބި. އަދި އަޅުގަނޑާއި އަޅުގަނޑުގެ މަންމަގެ ގުޅުން ވެސް ސާބިތުވާ ހެކިތައް އަޅުގަނޑުގެ އަތުގަ ހުރި ވާހަކަ ވެސް ދަންނަވަން. އަޅުގަނޑު މިއީ ދާރިސް ނޫންކަމަށް ދަޢުވާކޮށް މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތެއް ހުރިއްޔާ ހުށަހެޅުއްވުން އެދެން. އިން ޝާ ﷲ އަޅުގަނޑު މިއީ ދާރިސްކަން އަޅުގަނޑު ސާބިތުކޮށްދޭނަން…” ދާރިސް ސާބިތުކަމާއިއެކީ ބުނެލި ވާހަކައިން މުޢީނާއި އާސިފްގެ އަނގަ ބަންދުވާ ގޮތްވިއެވެ.
“އަދި މިއަދު އަޅުގަނޑު މިތާ ހުއްޓުނީ ހަމައެކަނި އަޅުގަނޑުގެ ޙަޤީޤީ ނަން ހާމަކޮށް، އަޅުގަނޑަށް ޙައްޤުވާ މަޤާމް ހޯދާކަށް ނޫން. މި ކުންފުނީގެ މާޒީގަ ނާއިންސާފުން ހިނގާފައިވާ އެތައް ކަމަކަށް އަލި އަޅުވައިލުމަށް. އެންމެ ފުރަތަމަ ވެސް ޝަހީދު ސާރގެ ވާހަކަ. ޝަހީދު ސާރ މަޤާމުން ދުރުވާން ޖެހުނީ ބައެއް ޙިއްސާދާރުން ޝަހީދު ސާރއާއި ދެކޮޅަށް ރޭވި ރޭވުމެއްގެ ތެރެއިން. އަދި އެހާވަރުން ނުވެގެން އަޅުގަނޑުގެ މަރުގެ ޒިންމާވެސް ޝަހީދުބެގެ ބޮލުގައި އަޅުވައި ޚަބަރު ފެތުރީވެސް ހަމަ އެ ޙިއްސާދާރުން. ސުވާލަކީ ޝަހީދު ސާރއަށް އޭގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ތި ބޭފުޅުންނަށް ދެވޭނެހޭ؟ އެ މައްސަލައިގެ ސަބަބުން ޝަހީދު ސާރގެ ޢާއިލާ ރޫޅި، އޭގެ ދެ އަހަރު ފަހުން ޝަހީދު ސާރ ނިޔާވެގެން ދިޔުމުގެ ޒިންމާ ނެގޭނެހޭ؟ އެ ފަހުން ޝަހީދު ސާރގެ ދެ އަންހެން ކުދިން އުޅެން ޖެހުނު ޙާލު ތި ބޭފުޅުންނަށް އަންދާޒާވެސް ކުރެވޭނެހޭ؟!” ދާރިސް ސީރިއަސްކަމާއިއެކީ ކުރި ސުވާލުތަކުން، މުޢީނާއި އެކީ މާޒީގައި މަސައްކަތް ކުރި ބައެއް މީހުންގެ އިސްޖެހިގެން ދިޔައެވެ. އެހެނަސް އެ އެންމެންނާއި ޚިލާފަށް ހިބާގެ އިސް އުފުލިފައިވިއެވެ. އެތައް އަހަރެއްގެ ކެކުޅުމަށްފަހު ފުރަތަމަ ފަހަރަށް ބައްޕަގެ ނަން ހަރު އަޑުން ދިފާޢު ކުރެވޭ އަޑު އިވުމުން ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ.
“ބޭއިންސާފުން ކަންތައް ކުރެވުނީ ހަމައެކަނި ޝަހީދު ސާރއާއި ދޭތެރެއެއް ނޫން. އަޅުގަނޑުގެ މަންމައަކީ މި ކުންފުނި އެސް އެންޑް އެމް ހޯލްޑިންގްސްގެ ގޮތުގައި އޮތް އިރު ވެސް މި ކުންފުނީގަ މަސައްކަތް ކުރި ބޭކަނބަލެއް. މި ކުންފުނީގަ މަސައްކަތް ކުރި މީހެއްގެ ސަބަބުން އަޅުގަނޑުގެ މަންމަގެ އަބުރު ކަތިލެވިގެން ދިޔައީ. ހިތާމައަކީ މިތާ ގިނައީ ޙަޤީޤަތް އެނގި ތިބެ ވެސް މަންމައާއި ދެކޮޅަށް އެ ހުތުރު ވާހަކަ ފެތުރި މީހުން ކަމަށްވީމަ!” ދާރިސްއަށް ހަރުއަޑުން ރުޅިވެރިކަމާއިއެކީ ބުނެވުނެވެ. އަދި އެ ބަސްތައް ބުނިއިރު އެތާ ކޯޓު ފަޓުލޫނުގައި ތިބި މެދުޢުމުރުގެ ފިރިހެނުންނަށް ބެލުނެވެ. އެމީހުން ދުރު ހޯދަމުން ދިޔައީ ދާރިސްގެ އެ ނަޒަރަށް ރެކޭތޯއެވެ. އެހެނަސް….
“މިތާ ތިބި މީހުންގެ ތެރެއިން މާޒީގައި އެ ކުށްތައް ކުރި މީހުންނަށް މިވަގުތު ސާފުކޮށް އެނގޭނެކަން އަޅުގަނޑަށް ޔަޤީން. އަޅުގަނޑުގެ މަންމަ މުނީރާ މިއަދަށްފަހު އަނެއްކާވެސް މި ކުންފުނީގެ ފައިނޭންސް މެނޭޖަރެއްގެ ގޮތުގަ މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން. އަދި ޝަހީދު ސާރގެ ދޮށީ އަންހެން ދަރިފުޅު ހިބާ ޝަހީދު އެހެން މީހަކާއި އެ މަޤާމް ޙަވާލު ނުކުރަނީސް ޑައިރެކްޓަރެއްގެ ގޮތުގައި އަޅުގަނޑާއި އެކީ މި ކުންފުނީގައި މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން. ޙިއްސާދާރުންގެ ތެރެއިން މި ދެކަނބަލުންނަށް މަޢާފަށް އެދެންޖެހޭ އެންމެން މަޢާފަށް އެދި، އެ ކަނބަލުންގެ މަޢާފު ނުލިބެނީސް މި ކުންފުނީގައި މަސައްކަތް ނުކުރެވޭނެ ވާހަކަ ވަރަށް ސާފުކޮށް އަންގަން…” ދާރިސް ބުންޏެވެ. އެއާއިއެކު އަނެއްކާވެސް މުޢީން ކޮޅަށް ތެދުވުނެވެ.
“ނިކަން ތިމީހުން ބަލާބަލަ….ތި މީހުންގެ މައްޗަށް ބާރުފޯރުވަން މިހާރުއްސުރެ އެއުޅެނީ! އެއްޗެކޭ ކިޔަން އުޅެބަލަ!!!” މުޢީން ރުޅިވެރިކަމާއިއެކީ އެންމެންނާއި މުޚާތަބު ކުރިއެވެ.
“އަޅުގަނޑަށް ހީވަނީ….ދާރިސް އެ ދެންނެވީ ރަނގަޅަށްހެން. މި ކުންފުނީގެ ޙިއްސާދާރަކަށްވުމުގެ ކުރިން ކުންފުނީގެ މާޒީއާއިމެދު އަޅުގަނޑުވެސް ކުޑަކޮށް ހޯދައިލިން. ދެންމެ ދާރިސް ދެންނެވި ކަންތައް ދިމާވެފަ ހުރިކަން ހޯދިހޯދުމުން އަޅުގަނޑަށް އެނގުނު. ދާރިސް އެ ވިދާޅުވިހެން އެ ޙިއްސާދާރުން ކުންފުނީގައި ތިބުމަށްވުރެ ނުތިބުން ކުންފުންޏަށް މާ ފައިދާ ބޮޑުވާނެ ކަމަށް ޤަބޫލު ކުރެވޭ…”
އެ ވާހަކަ ބުނެލީ ހޯލުގައި ތިބި މީހުންގެ ތެރޭގައި އިން ޒުވާން ޙިއްސާދާރެކެވެ. ޒުވާނާ އެހެން ބުނުމާއިއެކު އެތާތިބި އެހެން މީހުންވެސް ބޯޖަހަމުން ވާހަކަ ދައްކަން ފެށުމުން މުޢީން އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެ އައި ރުޅީގައި ދާރިސްއަށް ބަލައިލަމުން ނުބައި އެއްޗެހި ގޮވަން ފެށިއެވެ. ބައްޕަގެ މިސާލު ނަގައިގެން އާސިފް ވެސް ކޮޅަށް ތެދުވެ ހުތުރު ބަހުން ވާހަކަ ދައްކަން ފެށިއެވެ.
“ހަމައަކަށް އެޅުއްވުން އެދެން. ތި ދެ ބޭފުޅުންގެ ވެސް ކުށުގެ ރެކޯޑްތައް ހެއްކާއިއެކީ އަޅުގަނޑުގެ އަތުގަ އެބަހުރި. މީހުންނަށް ބިރު ދެއްކުމާއި، މީހުންގެ އެކްސިޑެންޓް ކުރުވުމާއި، ޒުވާން އަންހެން ކުދިންނަށް އަނިޔާކުރަން މަސައްކަތް ކުރުމާއި، ކުންފުނީގެ މުދަލުން ރިޝްވަތުދީ ހެދުން….މިއީ އަދި ކުރު ލިސްޓެއް. މި މައްސަލަތައް ފަހުން ބެލޭނެ. އެކަމަކު މި ވަގުތުން ވަގުތަށް ވެސް ފުލުހުންނާއި އެކީ ދާންޖެހޭ ކަނބަލެއް މުޢީން ސާރގެ އަރިހުގައި ތި އިންނެވީ. އައިޝަތު ނާދިރާ….ބޭރުގައި ފުލުހުން އެކަމަނާގެ އިންތިޒާރުގައި އެބަ ތިއްބެވި. ފުލުހުން އެތެރެއަށް ނުވަދެ ތިބީ އަޅުގަނޑުގެ ޢިޝާރާތެއްގެ އިންތިޒާރުގަ…” ދާރިސް އެހެން ބުނުމާއިއެކު ނާދިރާއަށް ތެދުވެލެވުނީ ކުއްލި ގޮތަކަށެވެ.
“މަ…މަ ކީއްތަ ކުރީ؟” ނާދިރާ ތުރުތުރު އަޅާ އަޑަކުން އެ ސުވާލު ކުރި އަޑު އިވި، ދުރުން އެ މަންޒަރު ބަލަން އިން ހިބާގެ ހިތަށް އެއްފަހަރާ އެތައް ޖަޒުބާތެއް ވެރިވިއެވެ. ހަމަ އެވަގުތު މާލަމުގެ ދޮރު ހުޅުވައިލަމުން ފުލުހުން ވަދެގެން އަންނަން ފެށިއެވެ.
“ކުރި ކަމެއް ސިފަކޮށްދޭކަށް ބޭނުމެއް ނޫން. މައްސަލަ ބެލޭ ވަގުތު ނާދިރާގެ އަންހެން ދަރި އެ ވާހަކަތައް ހަނދާންކޮށްދޭނެ. ގެންގޮސް ދެއްވާ!” ދާރިސް އެހެން ބުނުމާއިއެކު އަންހެން ފުލުހުން ނާދިރާ ހިފަހައްޓައިގެން ގެންދަން ފެށިއެވެ. އެހިނދު ނާދިރާ ހަޅޭއްލަވައިގަތެވެ. ހިނގަމުން ގޮސް ހިބާއާއި ހަމަވީ ވަގުތު ހިބާގެ ގަޔަށް އަތްނުލީ ހަމަ ކިރިޔާއެވެ. ފުލުހުން ނުހިފެހެއްޓިނަމަ އެދުވަހު ލިބުނު އަނިޔާތަކަށްވުރެ ގިނަ އަނިޔާތައް ހިބާއަށް ލިބުނީހެވެ.
މަންމަ އެގޮތަށް ގެންދެވުނު މަންޒަރު ފެނުމުން ދުވަހަކުވެސް އިޙްސާސް ނުކުރެވޭފަދަ މިނިވަންކަމެއް ހިބާއަށް އިޙްސާސް ކުރެވުނެވެ. މަންމަ އެގޮތަށް ގެންދެވުނުއިރު ހިތަށް އުފަލެއް ލިބުނީތީ އަމިއްލަ ނަފްސު ކުށްވެރިވެސް ކުރެވުނެވެ. އެހެނަސް އޭނައަށް ތަކުރާރުކޮށް އަނިޔާ ކުރި މީހެއްގެ ފަރާތުން ރައްކާތެރިކަން ލިބުނީތީ ހިތާހިތުން ޙަމްދުވެސް ކުރެވުނެވެ.
އެ ދުވަސްވެގެން ދިޔައީ ދާރިސްއާއި ހިބާއަށް އެމީހުންނަށް ޙައްޤުވާ ދިރިއުޅުން ލިބިގެން ދިޔަ ދުވަހަށެވެ. މުނީރާއަށާއި ޝަހީދަށް އިންސާފު ލިބިގެން ދިޔަ ދުވަހަށެވެ. އަދި މުޅި ޢުމުރު ދުވަހަށް އަމިއްލަ ނަން ފޮރުވަން ނިންމި ދާރިސްގެ ނަން، މުޅި ޤައުމަށާއި ދުނިޔެއަށް ވެސް ހާމަވެގެން ދިޔަ ދުވަހެވެ. އެ ޙަޤީޤަތް ހާމަވާ ދުވަސްވާނީ އޭނައާއި އިދިކޮޅަށް ކަންތައްވާނެ ދުވަހެއްކަމަށް ދާރިސް ހީކުރިއެވެ. އެހެނަސް ޙަޤީޤަތް ހާމަ ކުރުމުން އޭނައަށް ލިބުނީ ސާބިތުކަމެވެ. އިންސާފަށްޓަކައި ކޮޅަށް ތެދުވުމުގެ ހިތްވަރެވެ. އަދި އަމިއްލަ ނަފްސުގެ ގޮތުގައި ދިރިއުޅުމުގެ ބާކީ އޮތް ބައި ހޭދަކުރުމުގެ ފުރުސަތެވެ.
**6 އަހަރު ފަސް**
“އާނ ދޮންތާ….ދެންމެ ފްލައިޓް ހަމަ މި ޖެއްސީ….ބޮޑުބޭބެވެސް އެބައުޅޭ…” 24 އަހަރުގެ ހަމްނާ އެހެން ބުނެލީ އެއާރޕޯޓުގެ ރަންވޭގައި ދުވަމުން ދިޔަ ފްލައިޓެއްގެ ތެރޭގައި އިނދެއެވެ. ޓްރާންސިޓް އެ ފްލައިޓްގައި ފުދޭ ވަރަކަށް މީހުން މަދުވުމުން ހަމްނާގެ ކައިރި ސީޓުގައި އެވަގުތު އެކަކުވެސް ނެތެވެ.
“އޯކޭ ދޮންތާ….ހެހެ…މީ ޓޫ. މިސް ޔޫ އޯލްރެޑީ!” ހަމްނާ ހީލުމަކާއިއެކީ ބުންޏެވެ. އެއަށްފަހު އެކޮޅުން ފޯނު ކެނޑުމުން ހަމްނާ ވެސް ފޯނު ކަނޑައިލިއެވެ.
ފޯނު ލައިގެން ހުރި ކޯޓުގެ ޖީބަށްލުމަށްފަހު ހަމްނާ އުނގުމަތީގައި އޮތް އިނގިރޭސި ވާހަކަ ފޮތް ހުޅުވައިލިއެވެ. އަދި ފޮތުގެ ތެރެއިން ފެނުނު ފޮޓޯ ނަގައި އެއަށް ނަޒަރެއްދިނެވެ. އެއީ ނަބީހްގެ ފޮޓޯއެކެވެ.
މެލޭޝިޔާގެ ޓްވިން ޓަވާރގެ ކުރިމަތީގައި ނަގާފައި ހުރި ފޮޓޯގައި ފިނި މޫސުމުގެ ހެދުން ލައިގެން ނަބީހް ހުރީ ފުރިހަމަ ހިނިތުންވުމެއްގައެވެ. އެ ހިނިތުންވުން ފެނިފައި އާދައިގެ މަތިން ހަމްނާއަށް ވެސް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ.
ގްރޭޑް 11 އަދި 12 ގެ ތެރެއިން ނަބީހާއި އޭނަގެ ގުޅުން ވަނީ ބަދަހިވެގެން ގޮސްފައެވެ. ވަކިން ޚާއްޞަކޮށް ސިޔާރާއަށް އެ ދެމީހުންގެ ގާތްކަން ފާހަގަވާން ފެށިފަހުންނެވެ. އެ ފަހުން ސިޔާރާ ދެމީހުން އެއްވާ ގޮތަށް ޢާއިލާއާއި އެކީ ‘ގެޓް ޓުގެދާރ’ ތައް ރޭވިއެވެ. ބައެއްފަހަރު ސިޔާރާގެ ގޭގައެވެ. އަނެއްބައި ފަހަރު ނަބީހްގެ ގޭގައެވެ. އަނެއްބައި ފަހަރު ހަމްނާގެ ގޭގައެވެ. ނަތީޖާއެއްގެ ގޮތުން ސިޔާރާގެ އެކުވެރިންނާއި ހަމްނާއާއި، ނަބީހާއި ނަބީހްގެ އެހެން އެކުވެރިއަކު ވެސް ވަނީ ނުހަނު ގާތްވެފައެވެ. ނަބީހާއި އޭނަގެ އެކުވެރިޔާ އަންހެން ކުދިންނާއި ބައްދަލު ކުރަނީ ހަމައެކަނި ޢާއިލާގެ ހާޒިރީގައެވެ. އެ އެކުވެރިއަކީ ވެސް ނުހަނު ރަނގަޅު އެކުވެރިއަކަށްވީތީވެއެވެ.
އެ ބައްދަލުވުންތަކުގެ ސަބަބުން ހަމްނާއާއި ނަބީހަށް އިހުނަށްވުރެ ބޮޑަށް އެކަކު އަނެކަކު ދަނެގަނެވޭ ގޮތްވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެކަކު އަނެކަކަށްޓަކައިވި އިޙްސާސްތައް ވެސް ދެގުނަވެގެން ދިޔައެވެ. ދެމީހުންގެ ދެމެދުގައިވާ އިޙްސާސްތައް ދެމީހުންނަށް ވެސް އެނގި، ވަށައިގެން ތިބި މީހުންނަށް ވެސް ފަހުމްވިއެއްކަމަކު، ދެމީހުންކުރެ އެކަކަށްވެސް އެކަން ހާމަ ކުރާކަށް ނުކެރުނެވެ. ގްރޭޑް 12 ނިންމައި އެ ބެޗްގެ ފެއާރވެލް ޕާޓީ ޖެހެންދެނެވެ.
ސްކޫލް ނިންމުމަށްފަހު ނަބީހް ކިޔަވަން ދަނީ މެލޭޝިޔާއަށްކަން ހަމްނާއަށް އެނގުނީ އެ ޕާޓީގެ ތެރެއިންނެވެ. ހަމްނާ ކިޔަވަން ދިޔުމަށް ދޮންތަމެން ރާވައިގެން ތިބީ ސްވިޓްޒަލޭންޑަށެވެ. ދާރިސްބެ މާލޭގެ ސްޓާރލައިޓް ބިޒްނަސްގައި ފުރުވަމުން ދިޔަ މަޤާމް، އެ ކުންފުނީގެ މަތީ ސެކްރެޓަރީއެއް ކަމަށްވާ އަނަސްއާއި ޙަވާލުކޮށް ސްވިޓްޒަލޭންޑަށް ބަދަލުވާން ނިންމީ ހަމްނާ ކައިރިން އެހުމެއް ވެސް ނެތިއެވެ. އެ ޝަކުވާ ކުރެވޭކަށް ވެސް ނެތެވެ. ހަމްނާއަށް ވެސް އެ ރޭވުން މާ ކުރިން އެނގޭތީވެއެވެ. އެ ނިންމުމާއިމެދު އޭނަ ހިތްހަމަޖެހުން ވެސް ދައްކާފައި ހުރީތީވެއެވެ.
އެހެނަސް އެރޭ ޕާޓީގެ ތެރެއިން ހަމްނާގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. އޭނައާއި ނަބީހް ދުރުވާން އުޅޭހެން ހީވާތީވެއެވެ. އެތައް އަހަރެއް ވަންދެން ދެމީހުން ވަކިން އުޅެންވުމުން، މިޒާޖު ބަދަލުވެ، ދެމީހުންގެ ގުޅުން ހީނަރުވެދާނެ ކަމުގެ ބިރު ހީވިއެވެ. އެހެންކަމުން އެރޭ ހަމްނާ އެރޭ ޕާޓީގެ ތެރެއިން ގޮސް ނަބީހް ހޯދައިލަމުން އޭނައާއިއެކީ އައުމަށް އެންގިއެވެ. ނަބީހް ގޮވައިގެން ސްކޫލްގައި ހުންނަ ބޮޑު ގަހެއްގެ ދަށަށް ދިޔައިރު އޭނަ މިއުޅެނީ މޮޔަވެގެންތޯ ޚުދު ހަމްނާގެ ހިތަށް ވެސް އެރިއެވެ.
“ކިހިނެއްވީތަ ހަމް؟” ހަމްނާ އޭނަ ގެންދިޔަ ހިސާބަށް ގޮސް މަޑުކޮށްލަމުން ނަބީހް ސުވާލުކުރިއެވެ.
“މި ތަނަށް…މި ގޮތަށް ގެނައީތީ ވަރަށް ބޮޑަށް ސޮރީ…” ހަމްނާ ހިތުގެ ތެޅުން އަވަސްވެ، ނަބީހަށް ބަލަން ނުކުޅެދިފައިވާ ޙާލު ބުންޏެވެ.
“ހުމް…ދެމީހުން މިގޮތަށް އައުން ރަނގަޅެއް ވެސް ނޫން. އެތަނުން އެ ފެންނަ ޓީޗާސްއާއި ކުދިންކޮޅު ނުބައި މާނައެއް ވެސް ނަގާފާނެ. މުހިއްމު ވާހަކައެއް ހަމް އަހަރެން ކައިރީގަ ބުނަން އޮތީތަ؟” ނަބީހަށް ކަންބޮޑުވުމަކާއިއެކީ އަހައިލެވުނެވެ. އެއާއިއެކު ހަމްނާ ލޯ މަރައިލިއެވެ.
“އައި ލައިކް ޔޫ، ނަބީހް…” ހުރިހާ ހިތްވަރެއް އެއްކޮށް ލަސްލަހުން ލޯ ހުޅުވައިލަމުން ހަމްނާ ބުނެލިއެވެ. އެހިނދު ނަބީހް ހުއްޓުން އަރާ ގޮތްވިއެވެ. ވަކި އެއްޗެކޭ ބުނަން ނޭނގިފައި ހުރެވުނީއެވެ.
“އަގް….ނުބުނިނަމަ އަސްލު ރަނގަޅުވީސްދޯ؟ ދެމީހުން މިއުޅެނީ ދުނިޔޭގެ ދެ ދިމާލަށްދާން. ސޯ ދިސް ވިލް ނޮޓް ވޯކް، ދޯ؟ ފޮގެޓް އައި ސެއިޑް އިޓް…” ހަމްނާ އަވަސްއަވަހަށް ވާހަކަ ދެއްކީ، ނޭނގުނު ނަމަވެސް ނަބީހް އޭނައަށް ނޫނެކޭ ބުނެފާނެކަމުގެ ބިރުވެރިކަމާއި އެކީގައެވެ. އެއަށްފަހު ނަބީހާއި ދުރަށްދާން ހިނގައިގަތީވެސް ނުތަނަވަސްވެފައިވާ ހިތަކާއި އެކީގައެވެ.
މާ ދުރަށް ނުދެވެނީސް ހަމްނާގެ ފިޔަވަޅުތައް މަޑުޖެހުނީ، ނަބީހްގެ އަޑަށެވެ.
“އައި ލައިކް ޔޫ ޓޫ، ހަމްނާ.” ނަބީހް އެހެން ބުނެލީ ހުރިގޮތަށް ހުރެއެވެ. އެހިނދު ނަބީހަށް ފަސްދެވިފައިވި ހަމްނާ ހުއްޓުން އަރާ ގޮތްވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ހަމްނާ ނަބީހާއި ދިމާލަށް އެނބުރިލީ ވަގުތު، ނަބީހް ވެސް ހަމްނާއާއި ދިމާލަށް އެނބުރިލީއެވެ.
“އިޓް ވިލް ވޯކް އިފް ވީ މޭކް އިޓް ވޯކް، ދޯ؟” ނަބީހް ހިނިތުންވުމަކާއިއެކީ ބުނެލީ އެހެންނެވެ. ހަމްނާވެސް އެވަގުތު ހިނިތުންވެލިއެއްކަމަކު ނަބީހްގެ އެ ބަސްތަކާއިމެދު ހިތުގައި ޝައްކު އުފެދުނެވެ.
އެހެނަސް ވޭތުވެ ދިޔަ 6 އަހަރުގެ ތެރޭގައި އެ ހުރިހާ ޝައްކުތައް ފިލައިގެން ގޮސްފިއެވެ. ނަބީހާއި އޭނަ މި ހުރިހާ އަހަރު ވަންދެން އުޅުނީ ދުރުގައި ކަމަށްވިޔަސް އެ ގުޅުމަށް ބަދަލެއް ނާދެއެވެ. އެންމެ ފުރަތަމަ ވެސް ހަމްނާ ބޭރަށް ދިޔަފަހުން ހަމްނާއަށް ހަދިޔާއެއް ފޮނުވީ ނަބީހެވެ. ހަދިޔާ ފޮށީގައި ހަމްނާއަށް ރީތި ވައްތަރެއްގެ ގަޑިއަކާއި، ނަބީހް މެލޭޝިޔާއަށް ގޮސްގެން ފެނުނު މަންޒަރުތަކުގެ ފޮޓޯތަކާއި ނޯޓުކޮޅުތައްވިއެވެ. ނަބީހްގެ އެ ޢިޝާރާތުގެ ޖަވާބެއްގެ ގޮތުން ހަމްނާ ވެސް ނަބީހަށް ދޭން ހަދިޔާއެއް ގަނެ، ސްކްރޭޕް ފޮތެއްގައި އޭނައަށް ފެންނަ މަންޒަރުތަކާއި އެ މަންޒަރުތަކުން އޭނައަށް ކުރެވުނު އިޙްސާސްތައް ލިޔެ ނަބީހަށް ފޮނުވިއެވެ. ދެމީހުންގެ ޢާއިލާ މީހުންނަށް މިކަން ފާހަގަވާން ފެށުމުން އެންމެ ފަހުން ގޭގެ އެންމެންނާއި އެކީ ދެމީހުންނަށް ވީޑިއޯ ކޯލްތައް ވެސް ކުރެވެން ފެށިއެވެ. ކޮންމެ ދުވަހަކުހެން ނަބީހް ކޮންމެވެސް ގޮތަކުން ހަމްނާ އޭނައަށް ޚާއްޞަކަން އަންގަމުން ދިޔައެވެ. އެ ޢިޝާރާތުން ދަސްކޮށްގެން ހަމްނާވެސް އެފަދައިން ނަބީހަށް ކަންތައް ކޮށްދެވޭތޯ މަސައްކަތް ކުރިއެވެ.
ފަރީދުބެއާއިއެކީ އެއާރޕޯޓުން ނިކުމެ ޓެކްސީއަކަށް އެރުމަށްފަހު ވެސް އެންމެ ފުރަތަމަ ކަމަކަށް ހަމްނާ ބޭނުންވީ ނަބީހާއި ބައްދަލުކުރަން ދިޔުމަށެވެ. ނަބީހް ވަނީ މެލޭޝިޔާގައި ހެދި ބިޒްނަސް ކޯސް އަވަހަށް ނިންމައި، މީގެ އަހަރެއްހާ ދުވަސް ކުރިން މާލެއަށް ބަދަލުވެފައެވެ. ހަމްނާ ސުވާލުކޮށްކޮށް ނަބީހް އޭނަ ކުރާ މަސައްކަތެއްގެ ތަފްޞީލެއް ނުދެއެވެ. ނަބީހްގެ އެދުމުގެ މަތިން ސިޔާރާ ވެސް ހަމްނާގާތު އެ ވާހަކަ ބުނެއެއް ނުލައެވެ. އެހެންކަމުން ހަމްނާ ހުރީ އެކަން ދެނެގަންނަން ކެތްމަދުވެފައެވެ.
ކޮންމެއަކަސް ނަބީހަށް ‘ސަޕްރައިޒެއް’ ދޭން ހަމްނާ ބޭނުންވީތީ ނަބީހް ހުރިތަނެއް އަހަން މެސެޖުކުރަން އުޅެފައި ވެސް ހަމްނާ ޚިޔާލު ބަދަލުކޮށްލިއެވެ. އަދި އޭގެ ބަދަލުގައި ސިޔާރާއަށް ގުޅައި ނަބީހް އުޅޭ އެޑްރެސް ހޯދިއެވެ. ނަބީހްގެ ޢާއިލާ ފަދައިން ސިޔާރާގެ ޢާއިލާވެސް ވަނީ މީގެ 2 އަހަރެއްހާ ކުރިން މާލެއަށް ބަދަލުވެފައެވެ. ސިޔާރާގެ ކައިވެނި މާލެ ކުއްޖަކާއި ކުރެވިގެން ދިޔުމާއި އެކުވެސްމެއެވެ.
“އެކަމަކު ހިއެއްނުވޭ ދުވާލު ގަޑީގަ ގޭގަ ހުންނާނެ ހެންނެއް. ނުލާހިކު ބިޒީކޮށް އުޅޭ މީހެއް އެއީ. ހަވީރު ނޫނީ ރޭގަނޑު ބައްދަލުކޮށްލަން ދިޔައިމަ ރަނގަޅުވާނެ…” ސިޔާރާ ބުންޏެވެ. ހަމްނާ އެ ވާހަކައަށް އޯކޭ ދެމުން ފޯނު ކަނޑައިލީ، އެރޭ ނަބީހާއި ބައްދަލުކުރަން ދިޔުމަށް ނިންމަމުންނެވެ. އެދުވަހު ހަވީރު އޭނަ ވަޒީފާގެ އިންޓަވިއުއަކަށް ދާން ހަމަޖެހިފައި އޮތީތީވެއެވެ. އޭނަ ދިރިއުޅުން ހޭދަކުރަން ބޭނުންވަނީ ނަބީހާއި އެކީ ކަމަށްވުމުން ދޮންތައާއި ދާރިސް ވެސް އޭނައަށް ނަޞޭޙަތްތެރިވީ މާލެއިން ވަޒީފާއެއް ހޯދުމަށެވެ. އެހެންކަމުން ހަމްނާ ވަނީ މީގެ ހަފްތާތަކެއް ކުރިން މާލޭގެ މަޝްހޫރު ތިން ކުންފުންޏަކަށް ސިޓީ ލާފައެވެ. ދާރިސްބެގެ ކުންފުނި ވެސް ލައިގެންނެވެ. އެހެނަސް އެދުވަހު ހަވީރު އޮތީ ވަރަށް ފަހުން މަޝްހޫރުވި މާރކެޓިންގް ކުންފުންޏެއްގެ އިންޓަވިއުއެކެވެ.
އެ ކުންފުނީގެ އިންޓަވިއުއަށްޓަކައި ހަމްނާ ދާންޖެހުނީ ‘ބުޓީކް’ ކުންފުނީގެ ޢިމާރާތަށެވެ. އެ ޢިމާރާތުގެ އެންމެ ތިރީ ބަޔަކީ ފިހާރައަކަށްވުމުން، ހަމްނާއަށް އިރުކޮޅެއް ވަންދެން އެ ފިހާރައިގެ ވަށައިގެން ނަޒަރެއް ދެވުނެވެ. އިންޓަވިއުއަށް ދެވިފައިވާ ގަޑި ޖެހެން އަދި ވަގުތު އޮތުމާއި ވެސް އެކީގައެވެ. ހެދުންތަކުން ފަށައިގެން ކޮސްމެޓިކް ސާމާނާއި ހަމައަށް ހުރި އެ ފިހާރައިގެ ތެރެއިން މީރު ވަހެއް ދުވިއިރު، ހަރުތަކުގެ މެދުގައި ނުހަނު ރަނގަޅަށް ތަން ދެވިފައިވިއެވެ. މުވައްޒަފުންގެ މޫނުތަކުން ހިނިތުންވުންތަކާއި، އެއްވެސް އެހީއެއް ބޭނުންވޭތޯ ސުވާލު ކުރެވެމުން ދިޔަ ގޮތުން ހަމްނާގެ ހަނދާނަށް އައީ، ސްކޫލްގައި އުޅުނުއިރު ބިޒްނަސް ކުލާހުގައި ދެކެވުނު ބައެއް ވާހަކަތަކެވެ. މި ކުންފުނީގެ ވެރިމީހާއަށް ވިޔަފާރީގަ ގޮތްތައް ރަނގަޅަށް އެނގެނީތާއޭ ހިތަށްއެރިއެވެ.
ހަމްނާ އަންހެނުންގެ ހެދުންތައް ހުރި ހަރުގަނޑެއްގެ ކައިރީގައި ހެދުންތަކަށް ބަލަން ހުއްޓާ، ފިނިވެގެން ދިޔައީ ނަބީހްގެ އަޑު އިވިގެން ދިޔަހެން ހީވުމުންނެވެ.
“މިހާ މަތީގައެއްނޫން. ކިޑްސް ސެކްޝަނެއްވީމަ އެކުދިންނަށް ކަމުދާ ކަހަލަ އެއްޗެހި ހުންނަންވާނީ އެކުދިންގެ އައި ލެވެލްއަށް ވާގޮތަށް. އާދެ….ތިގޮތަށް. ބަރާބަރު!”
ނަބީހްގެ އަޑު އިވެމުން ދިޔަދިޔަހެން ހަމްނާ ހަރުތަކުގެ ވަށައިގެން ގޮސް އަނެއްފަރާތަށް ދިޔައެވެ. އެހިނދު ކުޑަކުދިން ކުޅޭ ކާރުތައް ބެހެއްޓިފައިވާ ހަރުގަނޑެއްގެ ކައިރީގައި ނަބީހް ހުރީ އެތަނުގެ މުވައްޒަފަކާއި ވާހަކަ ދައްކާށެވެ. ނަބީހް އެމީހާއަށް ތަޢުރީފުކުރުމުން އެ މީހާގެ މޫނުމަތީގައި ފުރިހަމަ ހިނިތުންވުމެއްވިއެވެ. ނަބީހް އެ މީހާގާތު މަސައްކަތް ކުރިއަށް ގެންދިޔުމަށް އެންގުމުން އެމީހާ އެތާ ހުރި ފޮށިގަނޑު އެހެން ކުޅޭ އެއްޗެހިތައް ނަގައި ހަރުގަނޑުގައި ރާވަން ފެށިއެވެ. އެވަގުތު ނަބީހް އަނެއްފަރާތަށް އެނބުރިލީ ހިނދު ހަމްނާ ފެނި، ކުއްލި ގޮތަކަށް ހުއްޓިލައިފިއެވެ.
“އޯ މައި! ހުވަފެނެއްގަތަ މިއުޅެވެނީ؟ އެހެންނޫނީ ހަމް މަތިން މާ ބޮޑަށް ހަނދާންވާތީ ހޭވް އައި ސީރިއަސްލީ ލޮސްޓް އިޓް؟!” ނަބީހް އެހެން ބުނެލީ މަޖާ ގޮތަކަށް ލޯ އުނގުޅަމުންނެވެ. ނަބީހްގެ އެ ޙަރަކާތުންނާއި ވާހަކަ ދެއްކި ގޮތުން ހަމްނާއަށް ހެވޭ ގޮތްވިއެވެ. އެއާއިއެކު ނަބީހް ވެސް ހީލަމުން ހަމްނާގެ ކައިރިއަށް ގޮސް ދެ ފިޔަވަޅެއްހާ ދުރުގައި މަޑުކޮށްލިއެވެ.
“ހެހެ…ކޮން އިރަކުތަ ހަމް އައީ؟ ނުވެސް ބުނަމެއްނު؟” ނަބީހް ބުންޏެވެ.
“ޔެސް! ސަޕްރައިޒް!! މިއަދު ހެނދުނު އައީ. މިރޭ ނަބީހްގެ ގެއަށް ދާންކަމަށް ރާވައިގެން ހުރީ ވެސް. އެކަމަކު އެއަށްވުރެ ކުރިން ފެނުނީމަ އުފާވެއްޖެ…” ހަމްނާ އެހެން ބުނެލިއިރު ކޯތާފަތް ރަތްވިއެވެ.
“އޯންވް! އަހަރެން ވެސް ވަރަށް ހެޕީ ހަމް ފެނުނީމަ. އައި މިސްޑް ޔޫ ސޯ މަޗް! ކީއްތިކުރަނީ މިތާ؟” ނަބީހް އެހިއެވެ.
“އޮހް….މިތަނަށް މިއައީ އިންޓަވިއުއަކަށް. މާރކެޓިންގް އެސިސްޓެންޓެއްގެ ޕޮޒިޝަނަށް….ނަބީހް…ވެސް ވޯކްކުރަނީ މިތާތަ؟” ހަމްނާ އެހެން ބުނެލީ، ނަބީހް ލައިގެން ހުރި ޓީޝާޓަށް ޢިޝާރާތް ކުރަމުންނެވެ. ނަބީހް ލައިގެން ހުރީ އެތާ ހަރުގަނޑުގައި ކުޅޭ އެއްޗެހި ރާވަން ހުރި މުވައްޒަފުވެސް ލައިގެން ހުރިފަދަ ގަދަ ނޫކުލަ ހުރެފައި އެ ކުންފުނީގެ ނަން ލިޔެވިފައިވި ޓީޝާޓެކެވެ.
“ހުމް….އެކަހަލަ ގޮތެއް. ކިހިނެއްވީ؟ ސޭލްސްޕާރސަންއެއްގެ ގޮތުގަ ހުރީމަ ޑިސްއެޕޮއިންޓްވެއްޖެދޯ؟” ހަމްނާގެ ފަނޑުވެގެން ދިޔަ ހިނިތުންވުން ފާހަގަވެ، ނަބީހް ދެރަވާ ޒާތަކަށް ބުންޏެވެ.
“ނޫނޭ ނޫނޭ….އެއްގޮތަކަށް ވެސް ނޫން! ހަމަ ކުޑަކޮށް ސަޕްރައިޒްވީ. ނަބީހް ތިހާ މޮޅަށް ކިޔަވައިގެން ހުރެ އެހާ ހާޑްވޯކިންގް އިރުވެސް….އިޓް ޑަޒްންޓް އެޑް އަޕް. އެކަމަކު އަދިވެސް ނަބީހަށް ރެސްޕެކްޓްކުރަން. އެނގޭ ނަބީހް ކުރާ ކޮންމެ ކަމެއްގެ އެންމެ ބެސްޓް ދޭނެކަން. އައި ލަވް ޔޫ ފޯރ ދެޓް…” ހަމްނާއަށް ބުނެވުނެވެ. އޭނައަށް އެންމެ ފަހުން ބުނެވުނީ ކޮން ބަސްތަކެއްކަން އެނގުންވީ ހިނދު ހަމްނާ ހުއްޓުން އަރައި މޫނު ރަތްވާ ގޮތްވިއެވެ. މިހާތަނަށް އައިއިރު ދެމީހުންގެ އެކަކު ވެސް އެ ބަސްތައް ބުނެފައި ނުވާތީވެއެވެ.
ހަމްނާ ނުތަނަވަސްވަމުން ދިޔަ ގޮތް ފެނި، ނަބީހަށް ހީލެވުނެވެ. އެއާއިއެކު ހަމްނާ ވެސް ހީލެވޭތޯ މަސައްކަތް ކުރިއެވެ. އެހިނދު ނަބީހް ހަމްނާގާތު އިންޓަވިއު އޮންނަ ފަންގިފިލާއަށް ހިނގާށޭ ބުނެ ހަމްނާއާއިއެކީ ލިފްޓަށް އަރަން ހިނގައިގަތެވެ.
“ސޭލްސްޕާރސަންއަކަށް އެންމެ މަތީ ފަންގިފިލާއަށް ދެވޭނެތަ ވޯކިންގް އަވާރސް ތެރޭގަ؟ އިޒް ދިސް އޯކޭ ނަބީހް؟” ހަމްނާ ނަބީހަށްޓަކައިވި ކަންބޮޑުވުމާއިއެކީ ލިފްޓު ތެރެއިން ސުވާލުކުރިއެވެ.
“އެކޮޅުގަ ދެން އަހަރެންގެ ވޯކިންގް އަވާރސް ނިމުނީއޭ….ނޯ ވޮރީސް!” ނަބީހް ނުފިލާ ހިނިތުންވުމަކާއިއެކީ ބުންޏެވެ. ހަމްނާ ވިސްނުމެއްގައި ހުރެ ބޯޖަހައިލިއެވެ. ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފަކު އިދާރީ ބަޔަށް ދާންވީ ސަބަބެއް ނުވިސްނުނެއްކަމަކު ހަމްނާ އިތުރު ސުވާލެއް ނުކުރިއެވެ.
“ހަމް ދޭ އެ ފަރާތަށް. އެހެން ގޮއްސަ ރައިޓްއަށް އެޅީމަ ފެންނާނެ އިންޓަވިއުއަށް އައިސްފަ ތިބި ކުދިން. ނަން ގޮވަންދެން އެތާ އިށީނދެލާ. އޯލް ދަ ބެސްޓް!” ނަބީހް ބޮޑުވާ އިނގިލި ދިއްކޮށްލަމުން އެހެން ބުނުމާއިއެކު ހަމްނާ ވެސް އުފާވެގެން ދިޔަ ހިތަކާއިއެކީ ޝުކުރު އަދާކުރިއެވެ.
ނަބީހް ދެއްކި ދިމާލަށް ހިނގައިގަތުމަށްފަހު ވެސް ހަމްނާ ފަހަތް ބެލިއެވެ. ހަމްނާ ހީކުރީ ނަބީހް އަނެއްކާވެސް ތިރިއަށް ދިޔުމަށް އަރާނީ ލިފްޓަށް ކަމަށެވެ. އެހެނަސް ނަބީހް ލިފްޓު ފަހަނަޅައި އަނެއްފަރާތަށް ދިޔުމުން ހަމްނާ އޮޅުން އެރިއެވެ. މި ފަންގިފިލާއަށް ނަބީހް އައީ އެހެން ކަމަކުތޯ ހިތަށްއެރިއެވެ.
އިންޓަވިއު ދޭން އައިސްފައި ތިބި ކުދިންގެ ތެރޭގައި ހަމްނާ އިށީނީ އޭގެ ތެރެއިން އޭނައަށް ބަލައިލި ބައެއް ކުދިންނާއި ހިނިތުންވެލުމަށްފަހުއެވެ. އޭގެ ތެރެއިން ޖެހިޖެހިގެން ތިބި ދެ އެކުވެރިން ކުންފުނީގެ ސީއީއޯއާއި ބެހޭގޮތުން ވާހަކަ ދެއްކިއެވެ.
“އޭ އެނގޭތަ؟ މި ކުންފުނީގެ ސީއީއޯއަކީ އަހަރުމެންނާއި އެއް އޭޖެއްގެ މީހެކޯ…” އެއްކުއްޖަކު މަޑު އަޑަކުން ބުނި އަޑު އިވުނެވެ.
“އަސްލުވެސްތަ؟” އަނެއް ކުއްޖާ އެހިއެވެ.
“އާނއެކޭ….އަދި އެހާ ހާޑްވޯކިންގްވެފަ މަލްޓި-ޓެލެންޓެޑް. މާރޝަލް އާރޓްސްގެ ބްލެކް ބެލްޓެއް ވެސް އޮންނަ ވާހަކަ އަޑުއެހިން. އެންޑް ދަ ބެސްޓް ޕާޓް….ސީއީއޯ ދައްކަނީ ވަރަށް ސިންގަލްކޮށް ކަމަށް މީހުން ބުނެ އުޅެނީ…”
“ފޯ ރިއަލް؟ އަޅެ ދެން ފެންނަ ފެނުމަށް އެހެންވިޔަސް ސިންގަލް ނުވެވެސް ހިނގައިދާނެއެއްނު؟”
“އާނދޯ؟ އެކަމަކު މީހުން ބްރޭކް އަޕްކޮށް އުޅެނީ މަދުންނެއް ނޫންދޯ؟ އަހަރުމެން މިތާ ތެރޭ އުޅެން ފެށީމަ އަހަރުން ފެނި އިމްޕްރެސްވެއްޖެއްޔާޔޯ؟ ޖަސްޓް އިމޭޖިން! އެންޑް ހީ އިޒް ހޭންޑްސަމް!”
އެ ދެ އެކުވެރިން ވާހަކަ ދައްކަމުން އެކަކު އަނެކަކާއި ހޭންފެށިއެވެ. އެ ‘ސީއީއޯ’ ގެ ވާހަކަ އިވެން ފެށުމުން ހަމްނާގެ ހިތް ވެސް ހިނދުކޮޅަކަށް އެދިމާލަށް ލެނބުނެވެ. އެހެނަސް މާ ގިނައިރެއްނުވެ ނަބީހް މަތިން ހަނދާންކޮށްލެވުނެވެ. ނަބީހާއި އެ ސީއީއޯ އަޅައި ކިޔުމުގެ ބަދަލުގައި ބޭއިޚްތިޔާރުގައި ވެސް ހަމްނާއަށް ހިތާހިތުން ވެސް ނަބީހަށް ކުރެވުނީ ތަޢުރީފެވެ. ނަބީހަކީ މިއަދު މަތީ މަޤާމެއްގައި ހުރި މީހަކަށް ނުވިޔަސް ނަބީހަކީ ވެސް އެ ބުނާހާ ރީތި، އަދި ‘މަލްޓި-ޓެލެންޓެޑް’ ކުއްޖެކޭ ހިތަށްއެރިއެވެ. ނަބީހް ވެސް މާރޝަލް އާރޓްސްގައި ބައިވެރިވެ ބައެއް ބެލްޓްތައް ލިބުނު ވާހަކަ ހަމްނާއާއި ޙިއްސާކޮށްފައިވެއެވެ. އެ އަންހެން ކުދިން ފަދައިން އޮފީހުގެ ސީއީއޯ ‘އިމްޕްރެސް’ ކުރުމުގެ އެދުމެއް ހަމްނާގެ ހިތުގައި ނެތެވެ. އޭނަ އެފަދަ މަސައްކަތެއް ކުރުމެއް ނެތި ވެސް އޭނަ އޭނަގެ ގޮތުގައި ޤަބޫލުކޮށް އޭނަދެކެ ލޯބިވާ ކުއްޖަކު ޙަޔާތުގައި ހުރީތީވެއެވެ. އެކަމަށްޓަކައި ހިތާހިތުން ޙަމްދު ކުރެވުނެވެ. އަދި އެ ޙަމްދާއިއެކީ ހިނިތުންވެސް ވެލެވުނެވެ.
އިރުކޮޅެއްގެ ތެރޭގައި އިންޓަވިއުގެ ގަޑިޖެހި އެންމެ ފުރަތަމަ ވެސް ގޮވައިލެވުނީ ހަމްނާގެ ނަމެވެ. ހަމްނާ ހިސާބެއްގެ ނުތަނަވަސްކަމާއިއެކީ ވެސް ގޮސް ފުން ނޭވައެއް އެތެރެއަށް ލަމުން ކުރިމަތިން ފެންނަމުން ދިޔަ ކެބިންއަށް ގޮސް ވަނެވެ. އިންޓަވިއުގެ ޕެނަލްގައި ކޯޓު ފަޓުލޫނުގައި ތިބި ދެ ފިރިހެނުންނާއި، ބުރުގާ އަޅައިގެން އިން އެއް އަންހެނަކު ތިބިއިރު ހަމްނާ އެ އެންމެންނަށް ވާގޮތަށް ހިނިތުންވުމެއް ދައްކައިލުމަށްފަހު، އެމީހުންގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިށީންނަން ދިޔައީ ފިރިހެނުންގެ މޫނަށް ރަނގަޅަށް ބެލުމެއް ވެސް ނެތިއެވެ. ގޮނޑީގައި އިށީނުމަށްފަހު ވެސް ހަމްނާއަށް އެމީހުންނަށް ބަލައި ނުލެވެނީސް ޕެނަލްގެ މެދުގައި ހުރި ފިރިހެން މީހާ ވާހަކަ ދެއްކިއެވެ.
“މިސް ހަމްނާ ޝަހީދު، ފަށަމާ ދެއްތޯ؟” ނުހަނު ދަންނަ އަޑެއް އިވުމުން ހަމްނާއަށް އިސްއުފުލައިލެވުނީ ކުއްލި ގޮތަކަށެވެ. އެހިނދު ސީދާ އޭނައާއި ދިމާލަށް ވާ ގޮތަށް އިށީނދެގެން އިން ނަބީހްގެ ސޫރަ ފެނި، ހަމްނާގެ ދެލޯ ބޮޑުވިއެވެ. އެހިނދު ނަބީހް ނޫންކަމަށް ހަދައި، ތުންފަތްމަތިން ކުރެހިގެން ދިޔަ ހިނިތުންވުމަކާއިއެކީ، ހަމައެކަނި ހަމްނާއަށް އެނގޭނެ ފަދައިން ލުއި ގޮތަކަށް އެއްލޯ މަރައިލިއެވެ. އެއާއިއެކު ހަމްނާއަށް ވެސް ހިނިތުންވެލަމުން ‘އާދެ’ އޭ ބުނެވުނެވެ.
އެ ބައްދަލުވުމުގެ ވާހަކަ ނަބީހާއި ދެއްކުމުގެ ފުރުސަތެއް ހަމްނާއަށް ލިބުނީ އެދުވަހުގެ ރެއެވެ. ފަރީދުބެއާއިއެކީ އެރޭ ހަމްނާ ނަބީހްމެންގެ ގެއަށް ދިޔުމުންނެވެ. އެގެއަށް ދިޔުމާއިއެކު ނަބީހްގެ މަންމައާއި ބައްޕަ ވެސް ހަމްނާއަށް މަރުޙަބާ ކިޔުނެވެ. ދެމީހުންގެ ގުޅުން އައިސްފައިވި ހިސާބު އެމީހުންނަށް ވެސް އެނގޭތީވެއެވެ. އެންމެން އެކީގައި ދެއްކި ވާހަކައިގެ ތެރެއިން ހަމްނާއާއި ނަބީހް އެދުވަހު ހަވީރު ކަންތައް ދިމާވި ގޮތާއިމެދު ވާހަކަ ދެއްކިއިރު އެންމެންނަށް އެކީގައި ހެވުނެވެ. އިރުކޮޅެއް ވަންދެން އެންމެން އެކީގައި ވާހަކަ ދެއްކުމަށްފަހު ނަބީހް ހަމްނާގާތު އޭނައާއި އެކީ ގޭގެ ބެލްކަނީއަށް އައުމަށް ބުނެލީ، ކޮންމެވެސް އެއްޗެއް ދައްކަން ބޭނުންވާ ވާހަކަ ބުނަމުންނެވެ. ހަމްނާ ވަކި ދެކޮޅު ހެދުމެއްނެތި ދިޔައެވެ.
“ހާދަ އަނދިރިއޭ…” ބޮތްކެއް ދިއްލިފައި ނެތް ބެލްކަންޏަށް ނިކުންނަމުން ހަމްނާއަށް ބުނެވުނެވެ. އެތަނަށް ދެމުން ދިޔަހާ ވެސް އައްޔަކީ ހަނދުވަރާއި ތަރިތަކުގެ ފަނޑު އައްޔެވެ.
“ހުމް…ބޮކި ނުދިއްލާ ރެއެއް. އަސްލު ހަމް މިތަނަށް މި ގެނައީ…ވަރަށް އަވަހަށް ކޮންމެވެސް ކުންފުންޏެއްގެ މާރކެޓިންގް ކެމްޕެއިންއެއް ބާއްވަން މިއުޅެނީ. ރޭގަނޑު. އެތާ އެހެރަ ފިލާގަނޑަކީ އަހަރެން އޭގެ ޓެސްޓަކަށް ހަދާފަ ހުރި ސާމްޕްލްއެއް. އަލި ބޮކިތަކުން ދިއްލޭ ގޮތަށް އަކުރު ހުންނާނީ. އަޅެ ހަމް އޭތި ޗެކްކޮށްލަ ދީބަލަ. އެތާ މޭޒުމަތީގަ އެހެރަ ލީޑްގެ ސްވިޗަށް ފިތައިލީމަ ދިއްލޭނެ…” ނަބީހް އެތާ ފާރަށް ލައްކޮށްފައި ހުރި ބޮޑު ފިލާގަނޑަށް ޢިޝާރާތް ކުރަމުން ވާހަކަ ދެއްކިއެވެ.
ހަމްނާ ހުރި ދިމާލުން އެއްފަރާތަކުން ފެންނަމުން ދިޔަ އެ ފިލާގަނޑުގައި ލިޔެވިފައިވި ބަސްތަކެއް ހަމްނާއަށް އެވަގުތަކު ނުފެނެއެވެ. ނަބީހް ބުނިގޮތަށް ސްވިޗް އޮން ކޮށްފައި ނޫނީ ބަލަން ވެސް ބޭނުމެއް ނުވުމުން ހަމްނާ ދިޔައީ ނަބީހް ދެއްކި މޭޒު ކައިރިއަށެވެ. އެއަށްފަހު ސްވިޗަށް ފިތައިލުމާއެކު ފިލާގަނޑުގައި ހުރި ބޮކިތަކުން ރީނދޫކުލައިގެ އައްޔެއް އައިތަން ހަމްނާއަށް ފެނުނެވެ.
ހަމްނާ ވަކި މާ ބޮޑު ވިސްނުމެއްނެތި ގޮސް ފިލާގަނޑުގެ ކުރިމަތީގައި ގޮސް މަޑުކޮށްލިއެވެ. އެހިނދު ކުޑަކޮށް އޮޅުން އެރީ، ކުރިމަތިން ފެނުނީ އިޝްތިހާރެއްގެ ބަދަލުގައި، ބޮކިފަތިން ރީތިގޮތަކަށް ލިޔެވިފައިވާ އަކުރުތައް ކަމަށްވުމުންނެވެ. އަކުރުތަކުން އެޅިފައިވީ ‘ވިލް ޔޫ މެރީ މީ، ހަމްނާ؟’ މިހެންނެވެ.
އެ ބަސްތަކުގެ މާނަ ދޭހަކުރެވުމާއިއެކު ހަމްނާއަށް އަނގަމަތީގައި ދެއަތް އަޅައިލެވުނެވެ. އަދި އޭގެ ދެވަނަ ސިކުންތުގައި ހަމްނާއަށް ނަބީހާއި ދިމާލަށް ބަލައިލެވުނެވެ. ނަބީހް ހިނިތުންވުމަކާއިއެކީ އިރުކޮޅެއް ވަންދެން ހަމްނާއަށް ބަލަން ހުރެފައި ހަމްނާއާއި ދިމާލަށް އެއްފިޔަވަޅު އަޅައިލަމުން ވާހަކަ ދެއްކިއެވެ.
“އައި ލަވް ޔޫ ޓޫ، ހަމް. ފޯ އޯލް ދެޓް ޔޫ އާރ. ސޯ ވިލް ޔޫ؟” ނަބީހް ސުވާލުކުރިއެވެ. ހަމްނާ އުފާވެރިކަމުގެ ކަރުނަތައް ޖަމާވި ލޮލާއިއެކީ ބޯޖަހައިލީ ދެންވެސް އަނގަމަތީގައި އަތް އަޅައިގެން ހުރެއެވެ. އެއާއިއެކު ނަބީހަށް ހީލެވުމުން ހަމްނާއަށް ވެސް ހީލެވުނެވެ.
އޭގެ ދެ ތިން ހަފްތާއެއްހާ ދުވަސްފަހުން ހަމްނާއާއި ނަބީހްގެ ކައިވެނި ކުރެވިގެން ދިޔައީ މާލޭގައެވެ. ކައިވެންޏަށްޓަކައި ދާރިސްމެން ވެސް އެމީހުންގެ 4 އަހަރުގެ ދަރިފުޅު ތާރާ ވެސް ގޮވައިގެންނެވެ. ދާރިސްމެންގެ އިތުރުން މުނީރާއާއި ޝަފީޢުގެ އިތުރުން ފަޒީން ވެސް އެ ކައިވެންޏަށް އައެވެ.
އާސިފާއި މުޢީންމެންގެ ކުށްތައް ރަނގަޅަށް ތަޙްޤީޤު ކުރެވިގެން ދިޔައިރު، އާސިފް ފަޒީން ހައްދައިގެން ފަޒީންގެ ކުންފުނިން ވެސް ވައްކަންކޮށް، ސްޓާރލައިޓް ބިޒްނަސްއަށް އިތުރުކޮށްފައިވާކަން ހޯދީ މުނީރާއެވެ. މުނީރާ ކޯޓު މަރުޙަލާގައި ފަޒީނަށް ލިބުނު އެ ގެއްލުމަށް އިންސާފު ހޯދަން މަސައްކަތް ކޮށްދިންވަރު ފެނި، ފަޒީންގެ ހިތް ވެސް މުނީރާއަށް ލެނބިފައިވެއެވެ. އެދުވަސްފަހުން ފަޒީން މުނީރާއާއި މުޚާތަބު ކުރަނީ ވެސް ‘ބޮޑުމަންމަ’އެއްގެ ގޮތުގައެވެ. އަދި އެ ފަހުން ފަޒީން މާޒިންއާއިމެދު ވެސް ކަންތައް ކުރަނީ ނުހަނު އޯގާތެރިކަމާއި އެކީގައެވެ.
ހަމްނާމެންގެ ކައިވެންޏަށް ރައްޒާޤާއި އަނަސްވެސް ދިޔައެވެ. ކޯމާއިން ހޭލެވުނު ފަހުން ދެވުނު އެތައް ފަރުވާއަކަށްފަހު ވެސް ޢުމުރުގެ ގޮތުން ރައްޒާޤަށް ހިނގޭ ގޮތެއް ނުވިއެވެ. އެހެނަސް ރައްޒާޤު އެކަމާއި ހިތާމަކުރި ހެނެއް ހިއެއްނުވެއެވެ. ރައްޒާޤު އަބަދުހެން ފެންނަނީ ހިނިތުންވުމެއްގައި ހުންނަތަނެވެ. އެ ހިނިތުންވުމުގެ ފަހަތުގައިވާ އެންމެ ބޮޑު ސަބަބަކީ، އޭނަގެ ޞާލިޙު ދަރި ކަމަށްވާ ދާރިސްކަން އެންމެންނަށް ވެސް އެނގެއެވެ. އަދި އަމުދުން ރައްޒާޤުގެ އަލަތު ދަރިފުޅާއި ޚިލާފަށް، ހަގު ދަރިފުޅަށް ޙައްޤުވާ އަދަބު ލިބި، ލަސްލަހުން ނަމަވެސް ހެޔޮ ވިސްނެން ފަށާފައިވާ ކަމުގެ އިޙްސާސް ކުރެވުމުންނެވެ. ދޭތެރެދޭތެރެއިން މުޢީނާއި އާސިފާއި ބައްދަލުކުރަން ދާއިރު، މުޢީން ނަމާދު ކުރަން ފަށާފައިވާ ވާހަކަ އިވުމުން ރައްޒާޤުގެ ހިތަށް ފިނިކަމެއް ލިބެއެވެ. ރައްޒާޤުގެ އުއްމީދަކަށް ވެފައިވީ، ދުނިޔެ ދޫކުރުމުގެ ކުރިން މުޢީނާއި އާސިފްވެސް އިޞްލާހުވެފައިވާ ކުދިންގެ ގޮތުގައި ފެނުމެވެ. އެ ދުޢާގައި ފަހު ނޭވައާއި ޖެހެންދެން ވެސް ހުރުމަށް ރައްޒާޤު ޢަޒުމް ކަނޑައަޅާފައިވެއެވެ.
ހަމްނާގެ ޕާޓީ ނިމުމުން ދާރިސްއާއި ހިބާ ތާރާ ގޮވައިގެން ދިޔައީ ސްޓާރލައިޓް ހޮޓެލްގެ ރޫމަކަށެވެ. ދާރިސް ސްވިޓްޒަލޭންޑުގައި މަސައްކަތް ކުރި ކުންފުންޏަށްޓަކައި އަދި ފަހު ޕްރޮޖެކްޓެއް ނިންމަން އޮތުމުން، ތާރާ ގޮވައިގެން ހިބާގެ ރަށް ބަލައިލަން ދިޔުން ލަސްކޮށްލަންޖެހުނީއެވެ.
ހޮޓެލް ރޫމުގެ އަލަމާރި ކައިރީގައި ހިބާ ހެދުން ފޮށީގެ ތެރެއިން ތާރާއަށް ބޭނުންވާނެ އެއްޗެހި ނަގަމުން ދިޔައިރު، ދާރިސް އިނީ ކިޔަވާ މޭޒުދޮށުގައި އައިނު އަޅައިގެ ޕްރޮޖެކްޓުގެ ކޯޑު ލިޔާށެވެ. ދާރިސްގެ ފަހަތުގައި ހުރި އެނދުގައި ތާރާ އިނދެގެން ޑޯޑޯއާއި، މާޒިން ހަދިޔާކުރި ކާރު ރޮބޮޓަކާއި ކުޅެމުން ދިޔައެވެ. މާޒިން ވެސް 13 އަހަރުގެ ޢުމުރަށް އައިއިރު އެފަދަ އާ އީޖާދުތައް ހަދަން އާދަވެފައިވެއެވެ. އޭގެ ސަބަބުން ބައިނަލް އަޤްވާމީ ފެންވަރުގެ އީޖާދީ މުބާރާތްތަކުގައި ބައިވެރިވެ މާޒިންއަށް ވަނަތައް ވެސް ލިބިފައިވެއެވެ. ތާރާގެ އަތުގައިވީ، މާޒިން އެންމެ ފުރަތަމަ ދާރިސްއާއިއެކީ ތައްޔާރު ކުރި ކާރެވެ. ދާރިސްއާއި މާޒިން އެކީގައިވަނީ ތާރާއަށް އެ ކާރު ހަދިޔާ ކުރުމުގެ ކުރިން އެ ކާރުން ސީދާ ތާރާއާއި ވާހަކަ ދައްކާ ގޮތަށް ޕްރޮގްރާމްވެސް ކޮށްފައެވެ. އެއީ ތާރާ ނުހަނު ގަޔާވެ، ހީއުޅޭ ކަމަކަށްވިއެވެ.
“ޑޯޑޯ….ނޯ! ބަސްއަހާ!” ޑޯޑޯ، ތާރާ ބޭނުންވާ ދިމާ ނޫން، އެހެން ދިމާލަކަށް ދާން ފެށުމުން ތާރާ ރުޅިވެރިކަމާއިއެކީ ޑޯޑޯ ގެނެސް ކައިރީގައި ބެހެއްޓިއެވެ. ލެޕްޓޮޕް ދޮށުގައި އިން ދާރިސްއަށް އެ ބަސްތައް އިވިފައި ހީލެވުނެވެ. އެއީ ހަމަ ކުޑަކުޑަ ރުޅިގަދަ ހިބާއެއްތާއޭ ހިތަށްއެރިއެވެ.
“ބަސްއަހާނަން…” ޑޯޑޯ އަމިއްލަ އަޑުން ބުންޏެވެ. ދާރިސް ވަނީ ޢާއްމުގޮތެއްގައި ތާރާ ބޭނުންކުރާ ދިވެހި ބަސްތަކަށް ޖަވާބު ދޭގޮތަށް ޑޯޑޯ ޕްރޮގްރާމްކޮށްފައެވެ.
“ހުމް….ބަސްއަހަންވާނެ. ތާރާ މަންމި ބުނީ ބަސް އެހީމަޔޯ ސުވަރުގެ ދެވޭނީ، ދޯ މަންމި؟” ތާރާ ބުންޏެވެ.
“ލައްބަ ލޯބި…” ހިބާ ތާރާއަށް ރަނގަޅަށް ބަލައިލަމުން ހިނިތުންވުމަކާއިއެކީ ބުނެލިއެވެ.
“ބައްޕި….ޑޯޑޯއަށް ޕޮއްގާމްކޮށްދެއްޗޭ އެ ވާހަކަ…ޑޯޑޯ ވެސް ސުވަރުގެއަށް ގެންދަން ކޮއްކޮ ބޭނުން.” ތާރާ މައުސޫމްކަމާއިއެކީ ބުނެލި ވާހަކައިން ހިބާއަށާއި ދާރިސްއަށް އެކުއެކީގައި ހެވުނެވެ.
“ލައްބަ ދޫނި….ދަރިފުޅު ބުނާ ކޮންމެ ގޮތެއް. ހެހެ….” ދާރިސް ވެސް ހިބާ ފަދައިން ޖަވާބު ދިނީ ތާރާއަށް ބަލައި ފުރިހަމަ ސަމާލުކަން ދީގެންނެވެ.
ޖަވާބު ދިނުމަށްފަހު ދާރިސް މަސައްކަތަށް އަނބުރައި ދިޔައެވެ. އަދި ކޮންމެވެސް އެއްޗެއް ބެލުމަށްޓަކައި ލެޕްޓޮޕްގެ ކައިރީގައި އޮތް އޭނަގެ ނޯޓުފޮތް ހުޅުވައި ބަލައިލިއެވެ. ބައެއް މުހިއްމު ނުކުތާތައް ނޯޓުކޮށްފައި ހުރި ގަނޑުތަކަށްފަހު ބޮޑު އަކުރުން ‘ތާރާ’ އޭ ލިޔެވިފައެވެ. ދާރިސްއަކީ އަމިއްލަ އެއްޗެހި އެގޮތުގައި އުޅެން އާދަވެފައިވާ މީހަކަށްވުމުން އެ ހިނދުކޮޅުގައި ދާރިސްގެ ސިކުނޑި ހާސްވެ ރުޅިވެރިކަން ވެރިވިއެވެ. އެހެނަސް އެވަގުތު ދާރިސް ވާހަކަ ދެއްކީ މަޑުމައިތިރި އަޑަކުންނެވެ.
“ތާރާ ލޯބިކޮޅު އައިސްދީބަލަ ބައްޕި ކައިރިއަށް….” ދާރިސް ބުންޏެވެ. އެއާއިއެކު ތާރާ ބަސްއަހައިގެން ދާރިސްގެ ކައިރިއަށް އައިސް މަޑުކޮށްލިއެވެ.
“ކީއްވެ ބައްޕިގެ ފޮތުގަ ކުރެހީ؟ މިއީ ބައްޕިއަށް މުހިއްމު ފޮތެކޭ…” ދާރިސް އެ ފޮތް ތާރާއަށް ދައްކައިލަމުން މަޑުމައިތިރި އަޑަކުން ބުންޏެވެ. އެހިނދު ހިބާ ވެސް އެ ދިމާލަށް ބަލައިލިއެވެ.
“ބައްޕި….ލައިކް ނުވޭދޯ؟ ސޮރީ ބައްޕި…” ތާރާ ދެރަވެފައިހުރެ ބުންޏެވެ.
“ތާރާ ދަރިފުޅު އަތުގަ ވެސް ހުރެއެއްނު ފޮތްތައް؟ ކީއްވެ ބައްޕި ފޮތުގަ ކުރެހީ؟” ހިބާއަށް ވެސް އަހައިލެވުނެވެ.
“މަންމި ބުނީ މި ފޮތަކީ ބައްޕި ކުރަންވީ ކަންތައް ލިޔެފައިވާ ފޮތެކޭ. ބައްޕި ތާރާއާއި އެކީ ނުކުޅޭތާ ވަރަށް ދުވަސްވެއްޖެ. އެހެންވީމަ އެ ފޮތުގަ ތާރާގެ ނަން ލިޔުނީ. ތާރާއާއިއެކީ ކުޅެން ބައްޕިއަށް ހަނދާންކޮށްދޭން…” ތާރާ ދެންވެސް އިސްޖެހިފައި ހުރެ ބުނެލި ވާހަކައިން ދާރިސްއާއި ހިބާގެ ހިތް ވެސް މަޑު ކަފަކޮޅަކަށް ބަދަލުވެގެން ދިޔައެވެ. އިސާހިތަކު ދާރިސްއަށް ވެސް ހީލެވުނީ، ދެންމެ އައި ރުޅީގެ މަތިން ހަނދާން ނައްތައިލަމުންނެވެ.
“ހިބާ ބަލައްޗޭ! އަދި މި ކުއްޖާ ބޮޑުވެގެން މަށަށް ރަނގަޅު ސަވައިވަލް ގައިޑެއް ވެސް ލިޔެދޭނެ އިން ޝާ ﷲ…ހިނގާ ދަރިފުޅު! ހަމަ ރަނގަޅަށް ތިބުނީ. ބައްޕި ބްރޭކެއް ނުނަގާތާ ވަރަށް ދުވަސްވެއްޖެ…” ދާރިސް އެހެން ބުނެ ލޮލުގައި ހުރި އައިނު ލެޕްޓޮޕް މަތީގައި ބޭއްވީ، އޭނަ ޢާއްމުކޮށް އައިނު ބާއްވައި އުޅޭ ގޮތްވެސް ހަނދާން ނައްތައިލަމުންނެވެ. އެއަށްފަހު ގޮނޑިން ތެދުވެ ކުއްލި ގޮތަކަށް ތާރާ އުރައިލުމުން ތާރާ ހަޅޭކަކާއިއެކީ ހީލިއެވެ. އެ މަންޒަރު ފެނި، ހިބާއަށް ވެސް ހީލެވުނެވެ.
ހަވީރުގެ އެ ވަގުތުގައި ދާރިސް ތާރާ ކޮނޑަށް އަރުވައިގެން ދިޔައީ ބެލްކަންޏަށެވެ. ވިއްސާރަ ދުވަހަކަށްވުމުން އެމީހުން އެތަނަށް ނިކުތްތަނާހެން ވާރޭ އޮއްސިގަތެވެ. ހިބާ ވަގުތުން ކަންބޮޑުވުމަކާއިއެކީ އެތެރެއަށް ވަނުމަށް އަންގަން ފެށިއެވެ. އެހެނަސް ދާރިސް އެއަށް ފަރުވާލެއް ނެތި ހިބާވެސް އޮޅުވުމަށްފަހު އަތުގައި ހިފައިގެން ބެލްކަންޏަށް ނެރުނެވެ. އެއާއިއެކު މުޅި މާޙައުލުގައި ގުގުމަން ފެށީ ތިން މީހުންގެ އުފާވެރި ހީލުމުގެ އަޑެވެ.
ހިބާއާއި ދާރިސްއަށް ވެސް އަމިއްލަ މަންމައާއި ބައްޕަގެ ފަރާތުން ލިބުނު ހިތާމަތަކާއި އަނިޔާތަކުގެ ބަދަލުގައި އެމީހުންގެ އަމިއްލަ ދަރިފުޅަށް ލޯބި ދިނުމުގެ ފުރުސަތެއް ލިބިފައިވެއެވެ. ތާރާގެ ހިނިތުންވުންތައް ފެނިފައި އެމީހުންގެ ހިތްތަކުގައިވާ އެ ޒަޚަމްތަކަށް ވެސް ޝިފާއެއް ލިބޭ ފަދައެވެ. އެކަމަށްޓަކައި އަބަދުގެ އަބަދަށް އެދެމީހުންގެ ހިތުގައި ޝުކުރެއްވާނެއެވެ.
**ނިމުނީ**