“އާހް! މި ޒަމާނުގަ އުޅޭ ޓީޗަރުން ގޭގެއަށް ވެސް ގޮސް އުޅޭދޯ؟ އެންމެ ރަނގަޅުތާ….ކޮންމެހެން ތީނައާއި ވާހަކަ ދައްކާކަށް ނޫން މި އައީ. މި ސިޓީ އުރަ މި ގޭގަ އުޅޭ އަންހެން މީހާއަށް ދީ….އޭނަގެ ސޫރަ ދެކެން މަ ކޮންމެހެން ބޭނުމެއްނޫން.” ފަޒީން ސައިކަލުން ފޭބުމަށްފަހު މަޑީގެ ދަށުން ސިޓީ އުރައެއް ނަގައި ހިބާއަށް ދެއްކިއެވެ. އަދި ހިބާއަށް އޭތި ހޯދަން ނުވެސް ދެވެނީސް ސިޓީ އުރަ ބިންމައްޗަށް އުކައިލިއެވެ. އެއާއިއެކު ހުއްޓުންއެރި ހިބާ ނުރުހުންތެރިކަމާއިއެކީ ފަޒީނަށް ބަލައިލި ވަގުތު ފަޒީން އޭނައަށް ބެލުމެއްވެސް ނެތި ސައިކަލަށް އަރައި ދުއްވައިލީއެވެ.
ހިބާ ލަސްލަހުން ގޮސް ބިންމަތީގައި އޮތް އެ ސިޓީއުރަ ނެގިއެވެ. ހުޅުވިފައިވާ އެ ސިޓީ އުރައިން ނިކުމެފައިވާ އެއްޗެއް ފެނިފައި ހިބާގެ ދެބުމަ ކައިރިވިއެވެ. އެއީ ފަސް ސަތޭކައިގެ ނޫޓުތަކެއްކަން ހިބާއަށް އެނގުންވި ވަގުތު ކުއްލި ގޮތަކަށް ފަސްއެނބުރި ފަހަތުން ފެންނަމުން ދިޔަ ގެއަށް ނަޒަރެއް ދެވުނެވެ.
ފަޒީން އެގެއަށް އައުމުގެ ބޭނުމަކީ ކޮބައިތޯ ހިތަށްއެރިއެވެ. ފަޒީނާއި ދާރިސްގެ މަންމައާއި އޮތް ގުޅުމަކީ ކޮބައިތޯ ހިބާއަށް އަމިއްލަ ޒަމީރާއި ސުވާލުކުރެވުނެވެ. އަދި އަމުދުން ފަޒީން އެ މަންމައަށް މިފަދަ ގޮތަކަށް ލާރި ދޭންވީ ސަބަބަކީ ކޮބައިކަމާއިމެދު ވެސް ވިސްނުނެވެ.
ވިސްނިވިސްނިހެން އިތުރަށް އޮޅުން އެރުން ނޫންކަމެއް ނުވުމުން ހިބާ އަނެއްކާވެސް މައިދޮރާއި ދިމާލަށް ދިޔައީ، އެ ސިޓީ އުރަ ވަގުތުން މުނީރާއާއި ޙަވާލުކޮށް އެއާއިމެދު ސުވާލު ކުރުމުގެ ނިޔަތުގައެވެ. ދޮރު ކުރިމަތީގައި ހުއްޓިލަމުން ހިބާ ބެލް އަޅުވައިލިތާ މާ ގިނައިރެއް ނުވެ އެތެރެއިން ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ. އޭގެ ސިކުންތުކޮޅެއްފަހުން މުނީރާ އަމިއްލައަށް ކަހަލަ ގޮތަކަށް ކާކުތޯ ބުނުމަށްފަހު، ކުރުވެފައިވާ ނޭވައަކާއި އެކީ ހިބާގެ ނަން ކިޔައިލި އަޑު އިވުނެވެ. އެއަށްފަހު ކުއްލި ގޮތަކަށް ދޮރު ހުޅުވިގެން ދިޔުމުން ހިބާ ސިހުންވެސް ވާ ގޮތްވިއެވެ.
“ހިބާ ދަރިފުޅު! ކޮބައިތަ ދާރިސް؟ ދާރިސް….ދާރިސް އެބަ އައިތަ މަންމައާއި ބައްދަލުކުރަން؟” މުނީރާ ކެތްމަދުވެގެން އުޅޭ ފަދައަކުން ހިބާގެ ގާތަށް ޖެހި، ހިތާމަވެރި ހިނިތުންވުމަކާއިއެކީ ހިބާގެ ކޮނޑުގައި ހިފަހައްޓައިލަމުން ވަށައި ނަޒަރެއް ދިނެވެ. އެވަގުތު އެ ލޯ ދުޅަވެފައިވި ގޮތުން މުނީރާ ރުއިމުގައި ހޭދަކޮށްފައިވާނެ ވަގުތު ބަލާ ކޮންމެ މީހަކަށް ވެސް އަންދާޒާ ކުރެވޭނެއެވެ.
“ދާރިސް ނާދޭ…..މަންމާ.” ޖަވާބުދޭން ބޭނުންނުވެ އިސްޖެހިފައި ހުރެ ހިބާ ބުނެލިއެވެ. އެއާއިއެކު އަނެއްކާވެސް ހިބާއަށް މުނީރާގެ ނަޒަރު ހުއްޓުނެވެ. އެއަށްފަހު ހިބާ ބުނި އެއްޗެއް ދޭހަވެގެން ދިޔަދިޔަހެން މުނީރާގެ ހިނިތުންވުން ފަނޑުވެ، އެއްކޮށް ގެއްލިގެން ދިޔައެވެ. އަދި ލަސްލަހުން ހިބާގެ ކޮނޑުން ދޫކޮށް އެ އަތް ވެސް ތިރިކޮށްލި ގޮތުން ހިބާ ދެރަވާ ގޮތްވިއެވެ.
“އެކަމަކު މަންމައަކަށް ދާރިސްގެ ހިތް ނުބައެއް ނޫން. މަންމައާއި ކުޑަކޮށް ވާހަކަ ދައްކާލަންވެގެން މިއައީ. އަހަރެން މިގެއަށް ވަނަސް އެންމެ ރަނގަޅުތަ، މަންމާ؟” ހިބާ ތަކުރާރުކޮށް މުނީރާއަށް އެ ނަމުން ގޮވީ، އެ ދެމެދުގައި އޮތް ގުޅުމަށް މުނީރާގެ ސަމާލުކަން ގެނައުމަށެވެ. އަދި އޭގެތެރެއިން، ދާރިސް ވެސް މުނީރާއަށް ގޮވާނެ ނަން ހަނދާންކޮށްދީ، އެ ހިތަށް ކިރިޔާ ވެސް ފިނިކަމެއް ގެނެސްދިނުމަށެވެ.
ހިބާގެ އެ ވާހަކަ އިވުމުން ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު މުނީރާ ބޯޖަހައިލިއެވެ. އެއަށްފަހު ހިބާ ގާތު އެތެރެއަށް ވަނުމަށް އެދުނެވެ.
އޭގެ އިރުކޮޅެއްފަހުން ހިބާ އިނީ އެގޭގެ ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެގެންނެވެ. ހިބާ އެތާ އިށީންތާ މިނެޓްތަކެއްފަހުން މުނީރާ ހިބާއަށް ދޭން ސައި ތަށްޓެއް ހަދައިގެން އައިސް ސިޓިންގް ރޫމުގެ މެދަށް ވާ ގޮތަށް ހުރި މޭޒުމަތީގައި ބެހެއްޓިއެވެ. ހިބާ އެއްފަހަރު އެ ތަށްޓަށް އަނެއްފަހަރު މުނީރާއަށް ބަލައިލަމުން ޝުކުރު އަދާކުރިއެވެ. އެއާއިއެކު މުނީރާ ވެސް ހިނިތުންވުމަކާއިއެކީ ޖެހިގެން ހުރި ދިގު ސޯފާގައި އިށީނެވެ. އެވަގުތު ކަމެއް ހަނދާންވެފައި ހިބާ އޭނަގެ އަތްދަބަހުން ނަގައިލީ، ދާދި ދެންމެއަކު އެ ގޭގެ ބޭރުން ލިބުނު ސިޓީ އުރައެވެ.
“ތިއީ ކޯޗެއް؟” މުނީރާ ދެބުމަ ކައިރި ކޮށްލަމުން އެހިއެވެ.
“މިއީ….ދެންމެ ކޮންމެވެސް މީހަކު އައިއްސަ ދިން ސިޓީ އުރައެއް…” ހިބާ އޭތި ދިއްކުރަމުން ބުނެލީ، އެވަގުތު އިތުރު ތަފްޞީލުތައް ދިނުމަށްވުރެ ނުދިނުން ރަނގަޅުވާނެކަމަށް ނިންމަމުންނެވެ.
އެ ސިޓީ އުރައިގެ އެތެރެއަށް ނަޒަރެއް ދިން މުނީރާގެ މޫނުމައްޗަށް ވެރިވި ނުތަނަވަސްކަން ހިބާއަށް ސާފުކޮށް ފެނިގެން ދިޔައެވެ. އެއަށް ބަލާފައި ހިބާއަށް ބަލައިލި ގޮތުން ފަޒީން އެ ލާރި ދިންކަން ހިބާއަށް ސިއްރުކުރަން ބޭނުންވާކަން ހިބާއަށް މާ ރަނގަޅަށް ވެސް އެނގުންވިއެވެ. އެ ނުތަނަވަސްކަން ފޮރުވުމަށްޓަކައި މުނީރާ ހީލި ގޮތުން އެކަން ހިބާއަށް އިތުރަށް ޔަޤީންވާ ގޮތްވިއެވެ. އެހެންކަމުން ހިބާ ވެސް އެ ހީލުމުގެ ބަދަލުގައި، މުނީރާއާއި ހީލަމުން އެހެން ވާހަކައެއް ފެށިއެވެ.
“މާޒިން ކޮބައިތަ؟” ހިބާ ވަށައިގެން ނަޒަރެއް ދެމުން ސައިތަށިން ކޯވަރެއް ދަމަމުން ސުވާލުކުރިއެވެ.
“މާޒިން….ނިދިފަ އޮތީ. އިއްޔެގަ ލިބުނު ޝޮކަށްފަހު ރޭގަ ރަނގަޅަށް ނުނިދޭ. ބޭސްވެސް ދީގެން މިއަދު ހަވީރު ހަމައަކަށް އެޅެން އެ ފެށީ….” މުނީރާ ކިޔައިދިނެވެ.
“އަސްލުވެސްތަ؟ ވަރަށް ދެރަވެއްޖެ…..އަހަންނާއި ހެދި މިހެން މި ދިމާވީ. ޙަޤީޤަތުގަ އިއްޔެގަ ދާރިސްއާއި މަންމަ ބައްދަލުކުރުވަން ރޭވީ އަހަރެން….މަންމަގާތު ވެސް ވަކި ގަޑިއެއްގަ އަންނާށޭ ބުނީ ދާރިސްއާއި މަންމަ އެއްތަނަކަށް ގެންނަން ވެގެން. ކުރިން ވެސް ހީވި މިކަހަލަ ގޮތެއް ވެދާނެއޭ. އެކަމަކު ދާރިސްއާއި މަންމަ ބައްދަލުކުރުވަން ބޭނުންވި ވަރުން އެގޮތަށް ކަންތައް ކުރީ. މާޒިންއަށް ދިމާވި ޙާލަތަށްޓަކައި ވަރަށް ބޮޑަށް މަޢާފަށް އެދެން. އެކަމާއިމެދު ނުވިސްނި އަހަންނަށް ހުރީ…” ހިބާ އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ޙާލު ބުންޏެވެ.
“ނޫނޭ….ތިހެން ނުބުނޭ. އިއްޔެގަ އެތައް އަހަރެއް ފަހުން ދާރިސް ފެނުނީމަ މަންމަ އުފާވެއްޖެ. މާޒިން ވެސް އެ ރަނގަޅުވީތާ….ދާރިސް…ރަނގަޅުތަ؟” މުނީރާ އެ ސުވާލު ކޮށްލީ ޖެހިލުންވުމަކާއި އެކީގައެވެ. އެ ސުވާލު ކުރުމުގެ ޙައްޤު އޭނައަށް ލިބިގެންނުވާ ފަދައަކުންނެވެ.
“ދާރިސް ވެސް މިހާރު ރަނގަޅު މަންމާ….އިއްޔެ ގެއަށް ގޮސް ވަރަށް ގިނައިރު ވަންދެން ރުއި. ރޮއިރޮއިފަ މަންމަގެ ވާހަކަތައް ކިޔައިދިނީ. އެ ފަހުން މިއަދު ހެނދުނު ތެދުވުނުއިރު ރަނގަޅަށް ހުރީ. އަހަރެން މިއުޅެނީ މަންމަގެ ގެއަށް ދާށޭ ބުނީމަ ވެސް އޯކޭކޮށް ހުރެ ބުނީ އެންމެ ރަނގަޅޭ…” ހިބާ ހިނިތުންވުމަކާއި އެކީ ކިޔައިދިނެވެ.
“މަންމަގެ ގޯސް ވާހަކަތައްދޯ ކިޔައިދިނީ؟ މަންމަ ދާރިސް ދޫކޮށް ދިޔަ ވާހަކަ؟” ހިބާ އެއްދިމާލަކަށް ބަލަން އިންދާ މުނީރާ ބުނެލި ވާހަކައިން ހިބާއަށް އިސްއުފުލައިލެވުނެވެ. އެހިނދު ދުރު ބަލަން އިން މުނީރާގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެފައިވި ގޮތުން، ދެންމެ އޭނަ ސިފަކުރި މަންޒަރު މަންމައަށް ސިފަވީ ނުބައިކޮށްކަން އެނގުންވިއެވެ.
“ނޫނޭ މަންމާ….މަންމަ ދިމާވި ޙާލަތެއްގެ ސަބަބުން ދާރިސް ދުވަސްކޮޅަކަށް މި ރަށަށް ފޮނުވަން ޖެހުނު ވާހަކައަކީ އަހަންނަށް ވެސް އެނގޭ ޙަޤީޤަތެއް. އެކަމަކު ރޭ ދާރިސް ގާތު މަންމަގެ ވާހަކަތައް ކިޔައިދޭށޭ ބުނީމަ އެންމެ ފަހަރަކު ވެސް އެ ވާހަކައެއް ނަމެއް ނުގަނޭ. ހަމައެކަނި މަންމަގެ އޯގާތެރިކަމާއި ލޯބީގެ ވާހަކަ އަހަންނަށް ކިޔައިދިނީ. ބުނީ ދާރިސްގެ މަންމަ ވަރަށް ރަނގަޅުވާނެއޭ. އަބަދުވެސް ދާރިސް ގޮވައިގެން ކުޅެން ދާނެއޭ. ކިތަންމެ ދަތިކޮށް އުޅުނަސް ތިމަންނައަށް އެންމެ މީރު އެއްޗެހި ކައްކައިދޭނެއޭ. ތިމަންނައަށް ހެޔޮ ނަސޭޙަތްދޭނެއޭ. ތިމަންނައަކީ ބަލަން ކިތަންމެ ދަތި ކުއްޖަކަށް ވިޔަސް ހިތްވަރު އެލުވައިނުލާ ހިނިތުންވުމަކާއިއެކީ އަބަދުވެސް ތިމަންނައާއިއެކީ ހުރީ މަންމައޭ….” ހިބާ މަޑުމައިތިރި އަޑަކުން ކިޔައި ދިންދިންހެން މުނީރާގެ ލޮލުން ކަރުނަ ހިލުނެވެ.
“އެކަމަކު މަމް…މަ ނެތީމެއްނު ދާރިސްއާއިއެކީ؟ ދާރިސްގެ މަންމަ ކިހާ ނުބައި؟ ދާރިސްއަށް އާ މާޙައުލުތަކުގަ އުޅެން އެހާ ދަތިކަން އެނގި ހުރެވެސް ދާރިސް އުޅޭ މާޙައުލާއި އެހާ ތަފާތު ރަށަކަށް ފޮނުވާލައިގެން ހުރި މަންމަ މިއީ. އެކަން ދާރިސް ހަނދާނެއް ނެތީތަ؟” މުނީރާ ރޫރޫ އަޅަމުން ދިޔަ އަޑަކުން އެ ސުވާލުތައް ކޮށް ނިމުނުއިރު ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.
“ހަނދާނެއް ނެތީހެން ހަމަ ގައިމުވެސް އަހަންނަށް ހީވަނީ. އެހެންނޫނީ ތިއީ ދާރިސް ހަނދާންކުރަން ބޭނުންނުވާ މާޒީގެ ބައެއް. ރޭ ދާރިސްގެ އެ ވާހަކަތައް މަންމައަށް އިވުނުނަމަ ދާރިސްގެ ހިތުގައި މަންމައަށްޓަކައިވާ ލޯބި މަންމައަށް ވެސް އިޙްސާސް ކުރެވުނީސް. ދާރިސް މަންމަ ކައިރިއަށް ނާންނަން އުޅެނީ ކީއްވެކަން މަންމައަށް އެނގޭތަ؟” ހިބާ އެހިއެވެ.
“ދާރިސް ދޫކޮށް ދިޔައީތީ މަންމައަށް ނުރުހުންވުން ނޫން ދެން ކޮން ސަބަބެއް އޮންނާނީ؟” މުނީރާ ތަކުރާރުކޮށް އެ ވާހަކަ ބުނަމުން އެހިއެވެ.
“އެއްގޮތަކަށް ވެސް މަންމައަށް ނުރުހުންވެގެނެއް ނޫން ދާރިސް މަންމައާއި ބައްދަލު ނުކުރަން ބޭނުންވަނީ. ދާރިސް މަންމަގެ ކުރިމައްޗަށް ނާންނަން މަސައްކަތް ކުރަނީ، އެއިން މަންމައަށް ދެރައެއް ލިބިދާނެތީ…” ހިބާ ބުންޏެވެ. އެއާއިއެކު މުނީރާ ޙައިރާންކަން އެކުލެވިފައިވި ނަޒަރެއް ހިބާއަށް ދިނުމުން، ހިބާ ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ.
ރޭ ދާރިސްއާއި އޭނައާއި ދެމެދު ދެކެވުނު ވާހަކަތަކެވެ. ދާރިސްގެ ސަބަބުން މަންމަގެ ދިރިއުޅުން ބަރުބާދުވެފައިވާ މިންވަރާއި، މަންމައަށް ލިބިފައިވާނެ ހިތާމަތަކާއިމެދު ދާރިސް ވިސްނާ މިންވަރެވެ. މަންމަ އާ ޒަވާޖީ ޙަޔާތެއް ފަށައިގެން އުޅޭތީ ދާރިސް އެކަމާއިމެދު އުފާކުރާ ވާހަކައާއި، މަންމަގެ އުފަލަށް އެޅޭ ހުރަހަކަށް ދާރިސް ވާން ބޭނުންނުވާ ވާހަކައެވެ. ދާރިސްގެ ސަބަބުން މަންމައަށް ނުލިބުނު ދިރިއުޅުން ދާރިސް މަންމައަށްޓަކައި އެދޭ ވާހަކައެވެ.
އެ ވާހަކަތައް އިވިގެން ދިޔަދިޔަހެން މުނީރާ މުޅިން ގަނޑުވެގެން ދިޔަ މަންޒަރު ހިބާއަށް ފެނުނެވެ. ސިކުންތުކޮޅެއް ވަންދެން ދެލޯ ބޮޑުކޮށްގެން ހިބާއަށް ބަލަން އިނދެފައި، މުނީރާ ލަސްލަހުން މޭމަތީގައި އެއްއަތް އަޅައިލަމުން ދަރިފުޅާއޭ ކިޔައި ގިސްލަން ފެށިއެވެ. އެއަށްފަހު އެ ބަސް ތަކުރާރު ކުރަމުން ދިޔައީ އެއްޗެކޭ ބުނަން އުޅޭ ފަދައަކުންނެވެ. އެހެނަސް އެއްޗެކޭ ނުބުނެވުމުން އެންމެފަހުން މުނީރާއަށް ގަދައަށް ރޮވެން ފެށިއެވެ.
އެ މަންޒަރު ފެނިފައި ހިބާ ވަގުތުން މަންމާއޭ ކިޔައި ގޮސް މުނީރާގެ ކައިރީގައި އިށީނދެ، މުނީރާގެ ގައިގައި ހިފެހެއްޓިއެވެ. އަދި ބުރަކަށީގައި ފިރުމަމުން ހިތްވަރު ލައިދެމުން ދިޔައެވެ. މަންމަ އެ ވަގުތު ވީ ޙާލަތު ފެނުމުން ވެސް، ދެންމެ ބުނެވުނު ވާހަކަ ބުނެވުނު ކަމަށްޓަކައި ހިބާއަށް ހިނދުކޮޅަކަށް ނަމަވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެހެނަސް ޙަޤީޤަތް ފާޅުކުރެވުނު ކަމަށްޓަކައި ހިބާ ހިތާމައެއް ނުކުރެއެވެ. އޭނަ އެ ވާހަކަ މަންމައާއި ހަމައަށް ފޯރުކޮށް ނުދިންނަމަ، މަންމައަށް އެނގެންޖެހޭ އެ ޙަޤީޤަތް ނޭނގި، މަންމައާއި ދާރިސްއާއި ދެމެދު އޮތް ގުޅުން އިތުރަށް ހީނަރުވީސްކަން ހިބާއަށް ޔަޤީން ކުރެވުނީތީވެއެވެ.
**
ގޭގެ ސިޓިންގް ރޫމުގެ ސޯފާގައި ދާރިސް އިނީ ފޮތެއް ކިޔަންކަމަކު، އޭނަގެ ނަޒަރު ދޭތެރެ ދޭތެރެއިން ގޭގެ ދޮރާއި ދިމާލަށް ހިންގެމުން ދިޔައެވެ. ދޮރާއި ދިމާލަށް ބަލައިލާ ކޮންމެ ފަހަރަކު ފާރުގައި ހުރި ގަޑިއަށް ނަޒަރެއް ދޭއިރު އެ މޫނުމަތިން ފެންނަމުން ދަނީ ޝަކުވާގެ އަސަރެކެވެ. ހިބާ އަންނާނެ އިރަކަށް އޭނަ ކެތްމަދުވަމުން ދިޔަ ފަދައެވެ. ޚުދު އޭނަގެ އަމިއްލަ ނަފްސުގާތު ވެސް އޭނަ ބުނަމުން ދިޔައީ އެހެނެއްކަމަކު، އޭނަ އިންތިޒާރު ކުރަމުން ދިޔައީ ހިބާއަށްޓަކައި އެކަންޏެއް ނޫންކަން ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. އެކަން އެނގުންވިއެއްކަމަކު ދާރިސް އެއީ ނެތް އިޙްސާސަކަށް ހެދޭތޯ ގަދައަޅައި މަސައްކަތް ކުރަމުން ދިޔައެވެ.
މިފަދަ ހައިޖާނެއްގައި ދާރިސް ވަނިކޮށް މައިދޮރުގެ ތަޅު އެނބުރުނު އަޑާއިއެކީ ދާރިސްއަށް ވަކި ވިސްނުމެއްވެސް ނެތި ފޮތް ބާއްވަމުން ކޮޅަށް ތެދުވެލެވުނެވެ. ހަމަ އެވަގުތު ގޭގެ ދޮރު ހުޅުވައިލަމުން ހިބާ ވަކި އެއްޗެކޭ ނުބުނެ ގެއަށް ވަން މަންޒަރު ދާރިސްއަށް ފެނުނެވެ.
“ހިބާ….އައީތަ؟” ދާރިސް އެ ދިމާލަށް ދަމުން އެ ސުވާލުކޮށްލީ ދޮރުން ބޭރުން އެހެން މީހަކު ފެނޭތޯ ބޯދިއްކުރަމުންނެވެ.
“އާނ މި އައީ….ހަވީރު ސައި ބޮއިފިންތަ؟ ކިހިނެއްވީ؟” ހިބާ އޭނަގެ ފައިވާން، ހަރުގަނޑުގައި ބެހެއްޓުމަށްފަހު ދޮރު ލައްޕައިލަން އުޅުނު ވަގުތު ދާރިސްއަށް ވަމުން ދިޔަ ގޮތް ފެނި އަހައިލެވުނެވެ.
“އެއީ….ހިބާ އެކަނިދޯ ތިއައީ؟” ދާރިސް ހިސާބަކަށް ހާސްވެ ހުރެ ސުވާލުކުރިއެވެ.
“ހުމް….އެކަނި މިއައީ…” ހިބާ ދާރިސްއަށް ފަރުވާތެރިކަމާއިއެކީ ބަލަން ހުރެ ގޭގެ ދޮރު ލައްޕައިލިއެވެ. އެ އަޑާއިއެކު ދާރިސް ދޮރާއި ދިމާލަށް ބަލައިލިއިރު، އެ މޫނުމަތިން ފާޅުވީ ހިސާބެއްގެ ޝޮކެކެވެ. ޤަބޫލު ނުކުރެވިގެން އުޅޭ ފަދަ އަސަރެކެވެ.
“އެހެން މީހަކު އަންނާނެ އިރެއްގެ އިންތިޒާރުގަތަ ދާރިސް ތިހިރީ؟” ދާރިސް އެއްޗެކޭ ނުބުނުމުން ހިބާ ސުވާލުކުރިއެވެ.
“ނޫނޭ…ހެހެ…” ދާރިސް އޭނަގެ ކެތްމަދުވުމާއި، ނުތަނަވަސްކަން ފޮރުވަން މަސައްކަތްކޮށް، ހީލުމަކާއިއެކީ ބުންޏެވެ. އެއަށްފަހު ހިބާއަށް ފަސްދީފައި ދާން ހިނގައިގަތީ، ހިބާއަށް އޭނަގެ އިޙްސާސްތައް އެއަށްވުރެ ވެސް ބޮޑަށް ފޮރުވުމަށެވެ. އެހެނަސް….
“މަންމަ އަންނާނެ މިރޭ….ދާރިސްއާ ބައްދަލުކުރަން…” ފަހަތުން އިވިގެން ދިޔަ ބަސްތަކުން ދާރިސްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ހަމަ އެ ވަގުތު އޭނަގެ ނޭވާ ހުއްޓި، ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ.
“މި ގަޑީގަ މާޒިން ގޭގަ ނިދިފަ އޮންނާތީ….މާޒިން ބަލާނެ މީހެއް ނެތީމަ އާދެވޭ ގޮތް ނުވީ. މިރޭ މާޒިން ގޮވައިގެން މިގެއަށް އަންނާނެ ވާހަކަ މަންމަ ބުނި…” ހިބާ ކިޔައިދިނެވެ. އެ ވާހަކަތައް އިވިގެން ދިޔަދިޔަހެން އަމިއްލަ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވަން މަސައްކަތް ކުރަމުން ދިޔަ ދާރިސްގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެ، ލޮލަށް ކަރުނަތައް ޖަމާވިއެވެ. ގޮށްމުއްކަވައިލެވުނީ އެ ކަރުނަތައް ހިފަހައްޓަން ގަދަ އަޅައި ހިތްވަރު ކުރަމުންނެވެ.
ދާރިސްއަށް ވަމުން ދިޔަ ގޮތް ފެނިފައި ހިބާ ލަސް ފިޔަވަޅުތަކެއްގައި ގޮސް ދާރިސްގެ ކުރިމަތީގައި ހުއްޓިލިއެވެ.
“ދާރިސް ވެސް ބޭނުންދޯ މަންމައާއި ބައްދަލުކޮށްލަން؟” ހިބާ މަޑުމައިތިރި އަޑަކުން އަހައިލިއެވެ. ދާރިސް އިރުކޮޅެއްގެ ހިމޭންކަމަށްފަހު ހިބާއަށް ބަލައިލިއެވެ.
“މަންމަ ކައިރި ބުނެދެއްޗޭ އެންމެ ފަހަރަކުއޭ އަހަރެން ބައްދަލުކޮށްލަން ބޭނުމީ. އެންމެ ފަހަރަކު….މަންމައާއި އެކީ އެއް މޭޒެއްގެ ދޮށުގަ އިނދެގެން ކާން ބޭނުންވަނީ. އެއަށްފަހު…..އެއަށްފަހު ދުވަހަކުވެސް މަންމަ އަހަންނާއި ބައްދަލުކުރަން ނުޖެހޭނެއޭ ބުނެދެއްޗޭ. އެއަށްފަހު މަންމަ މާޒީގެ ހުރިހާ ހިތާމަވެރި ހަނދާނެއް ނައްތާލާފަ….ދިރިއުޅުމާއިގެން ކުރިއަށް ދެވޭނެހެން…. އަހަރެންގެ ހިޔަނިވެސް މަންމަގެ ޙަޔާތަށް ނޭޅޭނެއޭ ބުނެދެއްޗޭ…” ދާރިސް ކޫރުން އެޅިފައިވާ އަޑަކުން ދައްކަމުން ދިޔަ ވާހަކަ ނިމެމުން ދިޔަދިޔަހެން ލޮލުން ކަރުނަތައް ފައިބައިގެން އައެވެ.
ދާރިސް ދައްކަމުން ދިޔަ ވާހަކައިގެ ފަހަތުގައިވި ހިތްދަތިކަން އެނގުންވި ހިބާގެ ލޮލަށް ވެސް ކަރުނަތައް ޖަމާވިއެވެ. ހިބާ ދާރިސްއަށް ބަލަން ހުރެ ވަކި އެއްޗެކޭ ނުބުނެ ލަސްލަހުން ދާރިސްގެ މޫނުގައި އެއްއަތުން ހިފަހައްޓައިލަމުން ކަރުނަތައް ފޮހެލަދިނެވެ. އެއަށްފަހު ދާރިސްގެ ގާތަށް ޖެހިލަމުން ދާރިސްގެ ގައިގައި ބައްދައިލިއެވެ.
**
“އަޅުގަނޑުމެން އެންމެ ފަހުން ހޮޓެލްތަކުގައި ތަޢާރަފުކުރި ސާރވިސްގެ ކޮސްޓްގެ ޖުމްލަ 8 މިލިއަނަށް އަރާއިރު، މި ވޭތުވި 6 މަސް ތެރޭ އެއިން ފައިދާއެއް ކުރިކަމަކަށް ނުފެނޭ…”
ސްޓާރ ލައިޓް ބިޒްނަސްގެ މައި ޢިމާރާތުގެ އެންމެ މަތީ ބައިގައިވި ކޮންފަރެންސް ހޯލުގައި އެ ވާހަކަ އަންގައިލީ، އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމެންޓްގެ މެނޭޖަރު ހުށަހަޅަމުން ދިޔަ ހުށަހެޅުމެއްގެ ތެރެއިންނެވެ. އެ އިވުނު ވާހަކައިން ހޯލުގައި ހުރި ދިގު މޭޒުގެ ވަށައިގެން އިށީނދެ ތިބި އެކި ޑިޕާޓްމެންޓުގެ މެނޭޖަރުންގެ ތެރޭގައި އާސިފް ވެސް އިންއިރު، އެ އެންމެންގެ މޫނުތަކުން ވެސް ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. އެހެނަސް މޭޒުގެ ކޮޅުގައި އިން އެމީހުންގެ ވެރިމީހާ ކަމަށްވާ މުޢީން، ގޮނޑި އަނެއްފަރާތަށް އަނބުރައިގެން އިނުމުން މުޢީންގެ މޫނުމަތީގެ ކުލަވަރު ފެންނަ ގޮތެއް ނުވެއެވެ.
ތަފާސް ހިސާބުތައް ކިޔައިދެމުން ދިޔަ މެނޭޖަރު ވެސް މާޔޫސީ މޫނަކާއިއެކީ އިރުކޮޅަކަށް މަޑުކުރީ މުޢީން އެއްޗެކޭ ބުނާނެ އިރަކަށް ކަންނޭނގެއެވެ. އެހެނަސް މުޢީން އިންގޮތަށް އިނުމުން، އެ މެނޭޖަރު ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އެހެންކަމުން އަޅުގަނޑުމެންގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގަ މި ދިޔަ އަހަރަށްވުރެ އަޅުގަނޑުމެންނަށް ލިބިގެންދާނެ ގެއްލުން….15 އިންސައްތައަށް އިތުރުވެގެންދާނެކަމަށް ލަފާކް-“
އެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާހެން ކުއްލިއަކަށް މުޢީންގެ ގޮނޑި އެނބުރި، ބާރު އަޑަކާއިއެކީ ފައިލެއް މޭޒުމަތީގައި ބޭއްވިގެން ދިޔައެވެ. އިވުނު އަޑާއިއެކީ މޭޒުދޮށުގައި ތިބި އެންމެންނާއިއެކީ، ހުށަހެޅުމަށްޓަކައި ސްކްރީންގެ ކައިރި ހުއްޓިހުރި މެނޭޖަރަށް ވެސް މުޢީނާއި ދިމާލަށް ބަލައިލެވުނެވެ. އެހިނދު މުޢީންގެ ރުޅިވެރި މޫނު ފެނިގެން ދިޔުމުން އެތާތިބި އެންމެންނަށް ވެސް ލިބިފައިވި ސިހުމުގެ އަސަރު މާޙައުލަށް ވެރިވިއެވެ. މުޢީނަށް ލިބިފައިވަނީ ކިތަންމެ އަލިކަން ހުރި ހަންގަނޑެއް ވިޔަސް އެވަގުތު އެ މޫނުމަތިން ފެންނަމުން ދިޔައީ އަނދިރި ކަމެވެ. އަދި އަމުދުން މޫނުގެ އެއްފަރާތުން ރޮނގެއްގެ ޒާތަށް އަނދާފައި ހުރި ޒަޚަމުން ރުޅިވެރި މޫނަށް ބިރުވެރިކަމެއް ގެނުވިއެވެ.
“ގެއްލުން ގެއްލުން ގެއްލުން!!! ތި ނޫން އެއްޗެއް ކިޔަން ތީނައަށް ނޭނގެނީތަ؟!” މުޢީން ހަރު އަޑުން ވާހަކަ ދެއްކުމުން އެންމެންގެ އިސްޖެހުނެވެ. އެ އަޑުގެ ކުރިމަތީގައި އިތުރު އެއްވެސް އެއްޗެކޭ ބުނަން އެކަކަށް ވެސް ނުކެރުނެވެ. އެހެންކަމުން ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަނެއްކާވެސް ވާހަކަ ދެއްކީ މުޢީނެވެ.
“އެ ގެއްލުމުން އަރައިގަންނާނެ ގޮތެއް މި މޭޒުދޮށުގަ ތިބި މީހުންގެ ތެރެއިން އެކަކަށް ވެސް ނޭނގެންޏާ ތެދުވެގެން ދާންއުޅޭ. ދެން އޮންނަ ބައްދަލުވުމަށް އަންނަންވާނީ ރަނގަޅު ޚިޔާލުތަކާއިގެން. ދާންއުޅޭ! ހަމަ މި ވަގުތު!!!” މުޢީން ރުޅިވެރިކަމާއިއެކީ އެންމެންނަށް ވާ ގޮތަށް އެންގިއެވެ. އެއާއިއެކު މުޢީންގެ ކައިރީގައި ހުރި ގޮނޑީގައި އިން އާސިފް ފިޔަވައި ދެން ތިބި އެންމެން ގޮނޑިތަކުން ތެދުވެގެން ދާން ފެށިއެވެ. ސްކްރީންގެ ކައިރީގައި ހުއްޓިހުރި ޒުވާނާވެސް މޭޒުމަތީގައި ހުރި އޭނަގެ ލެޕްޓޮޕް ލައްޕައިލުމަށްފަހު ލެޕްޓޮޕް ހިފައިގެން އަވަސް ހިނގުމެއްގައި އެ ހޯލުން ނިކުމެގެން ދިޔައެވެ.
އެންމެން ނިކުމެ ދޮރު ލެއްޕިގެން ދިޔުމުން މުޢީން ފުން ނޭވައެއް ދޫކުރަމުން ދެއަތް ޖޯޑުކޮށް ނިއްކުރީގައި ޖެއްސިއެވެ. ބައްޕަ މާޔޫސްވިތަން ފެނިފައި އާސިފް ވާހަކަ ދެއްކިއެވެ.
“ބައްޕާ….މިގޮތަށް ކުރިއަށް ދަންޏާ ކުންފުނި ބަނގުރޫޓުވެގެންދާނެ. އެއްކަލަ ހޯލްޑްކޮށްފަ ހުރި ކެޕިޓަލް ކާފަ ކައިރީގަ ބުނެގެން ރިލީޒް ކުރުވަބަ-“
“ތިއީ މަށަށް ކުރެވޭނެ ކަމެއްނަމަ މަ ތިކަން ކުރިތާ ކޮން ދުވަހެއް؟ ބޭކާރު ވާހަކަ ނުދައްކާ ބުނެބަލަ! އެ ދާރިސްއަކު ހޯދިއްޖެތަ؟”
“އަދިވެސް…..ޔަޤީނެއްނުވޭ ބައްޕާ. ނައުފަލް ބުނި ހީވެއޭ އީތަންއަކީ ދާރިސްހެން.”
“މީހަކު ބޯ ގޯސް ނުވާނެތަ އަޅެ؟! އެކަހަލަ ކުޑަ ކަމެއް ޙަވާލުކުރީމަ ވެސް ނުވެގެން ތިއުޅެނީ!”
“ސް…ސޮރީ ބައްޕާ. ދެން ޔަޤީން ނުވިޔަސް އަހަރެން މި ނިންމަނީ އެ އީތަންއަކު ނެތިކޮށްލަން. އޭރުން ބައްޕައަށް ޔަޤީންވާނެއެއްނު ދާރިސްހެން ހީވާ މީހަކުވެސް ދުނިޔޭގަ ނެތްކަން؟”
“ތިހެންނެއް ނޫން ހަދަންވީ….އޭނަ ކައިރި ކޮށްގެން އޭނަ މިކޮޅަށް ގެނޭ…”
“ވަޓް؟!!”
މުޢީން ބުނި ވާހަކައިން އާސިފަށް ލިބުނު ޝޮކުގައި ސިކުނޑިވެސް ރަނގަޅަށް މަސައްކަތެއް ނުކުރިއެވެ. މި ހުރިހާ ދުވަހު ބައްޕަ އެ އީތަން ދުޝްމިނެއްގެ ގޮތުގައި ދުށްހެން ހީކޮށްފައި ވަނިކޮށް ކައިރި ކުރަން އުޅޭތީވެއެވެ.
“ތި އިވުނީ ރަނގަޅަށް. އޭނަ މިކޮޅަށް ގެނޭ. އޭރުން އެއީ އެބުނާ މަޝްހޫރު، މޮޅު އީތަންއަށް ވަންޏާ އަހަރުމެންނަށް އޭނަގެ ބޭނުން ހިފޭނެ. އެއީ ދާރިސްއަށް ވެއްޖެއްޔާ އަހަރުމެންނަށް އޭނަ ފަސޭހައިން ނެތިކޮށްލެވޭނެ…”
މުޢީން އޭނަގެ ނުލަފާ ނިންމުން އަންގައިލީ ބުމަގޮށްޖަހައި، އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެއެވެ.
**
މުނީރާ އަންނަންވާއިރަށް އެރޭގެ ކެއުން ތައްޔާރު ކުރުމުގެ ދާރިސް ވެސް ހިބާއާއި އެކީ އުޅުނެވެ. ކެއްކުމުގެ ތެރެއިން މަންމައަށް މިވެނި އެއްޗެއް މީރޭ އެވެނި އެއްޗެއް މީރެއް ނޫނޭ ބުނަމުން ދިޔަ ގޮތުން ހިބާއަށް ހެވެމުން ދިޔައެވެ. އަދި ކާއެއްޗެހި ތައްޔާރު ކުރަމުން ދިޔައިރު ވީހާވެސް ފުރިހަމައަށް ހުރިހާ ކަމެއް ކުރެވޭތޯ ބަލަމުން ދިޔަ ގޮތުން ހިބާގެ ހިތް ލޯބިން ފުރެމުން ދިޔައެވެ.
ޢިޝާ ނަމާދާއި ގާތްވަމުން ދިޔަ ވަގުތު ކާ މޭޒުމަތި ތައްޔާރުކޮށް ނިމުމުން ދާރިސް ފެންވަރައި ތާޒާވެލައިގެން ނަމާދަށް ދިޔައެވެ. ނަމާދުން ފައިބައިގެން ގެއަށް އައުމަށްފަހު ދާރިސްއަށް ނުވެސް އިށީނދެވެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހިބާ ކޮޓަރިން ނިކުމެ އިށީނަސް އެންމެ ރަނގަޅުވާނެކަމަށް ބުންޏެއްކަމަކު، ދާރިސް ދޭތެރެދޭތެރެއިން ކާގެއަށް ގޮސް ކާމޭޒުގެ ހުރިހާ ކަމެއް ރަނގަޅުތޯ ބެލުމަށްފަހު، ސިޓިންގް ރޫމަށް އައިސް ލެއްޕިފައިވާ ދޮރާއި ދިމާލަށް ބަލަމުން ދިޔައެވެ.
“އަދި ލަހެއް ވެސް ނުވެއޭ ދާރިސް….މަންމަ ބުނީ 8 ޖަހާއިރު އަންނާނަމޭ…މާޒިން މިހާ ނުގަޑިއެއްގަ ގެއިން ބޭރަށް ގެންނަންވީމަ ލަސްވެސް ވެދާނެ ކަންނޭނގެ ފަހަރެއްގަ…ޔޫ ކޭން ޗިލް ޓިލް ދެން، ޔޫ ނޯ؟” ހިބާ އެހެން ބުނެލީ، ސޯފާގައި ހުރި ކުޝަންތައް ވެސް ރީއްޗަށް ރާވަމުން ދިޔަ ދާރިސްއަށް ބަލަން ހުރެއެވެ.
“އިޓްސް އޯކޭ ހިބާ…އިށީނަސް އިށީނދެގެން ނުއެއް އިނދެވޭނެ މި ގަޑީގަ އަހަންނަށް. ހިބާއަށް އެނގެއެއްނު އަހަރެންގެ ގޮތް؟” ދާރިސް އެ މަސައްކަތުގައި ހުރެ ބުންޏެވެ. ހަމަ އެވަގުތު ގޭގެ ދޮރުގައި މީހަކު ޓަކި ދިން އަޑަށް ދެމީހުންނަށް އެކީގައި ދޮރާއި ދިމާލަށް ބަލައިލެވުނެވެ.
“އައްސަލާމްޢަލައިކުމް…” ބޭރުން މުނީރާގެ އަޑު އިވިގެން ދިޔުމާއިއެކު ދާރިސް ގަނޑުވާ ގޮތްވިއެވެ. އެހިނދު ދާރިސްއަށް ބަލައިލުމަށްފަހު ހިބާ ދޮރާއި ދިމާލަށް ހިނގައިގަތީ، ދާރިސްއަށް އެވަގުތު ޙަރަކާތެއް ނުކުރެވޭނެކަން ދަނެގެންނެވެ.
“ވަޢަލައިކުމުއްސަލާމް….އަނހަ! މިއޮތް އައީދޯ މަންމައާއި މާޒިން. މާޒިން ލޯބިކޮޅު ކިހިނެއްތަ؟” ހިބާ ދޮރު ހުޅުވައިލަމުން މުނީރާއާއި މާޒިން ފެނުމާއިއެކު ވާހަކަ ދެއްކިއެވެ. އަދި ފަހު ސުވާލުކޮށްލީ މާޒިންއާއި ދިމާލަށް ކުޑަކޮށް ގުދުވަމުންނެވެ.
“ރަނގަޅު…” މާޒިން ޅަ އަޑަކުން ޖަވާބުދިނެވެ.
“ރަނގަޅުދޯ އަލްޙަމްދުލި ﷲ! ބުނި ގަޑިއަށްވުރެ ވެސް އަވަހަށް މަންމަ ތި އައީވެސް.” ހިބާ މުނީރާއާއި ހިނިތުންވެލިއެވެ.
“ހުމް….މާޒިން ހިބާ މިސްގެ ގެއަށް އަންނަ ހިތުން ނުހުރެވިގެން އަވަހަށް ތައްޔާރުވީ. އަނެއްކާ ހިބާމެންނަށް ތައްޔާރު ނުވެވެނީސްތަ މި އާދެވުނީ؟” މުނީރާ އެހިއެވެ.
“ނޫނޭ ހަމަ ވަންނަންވީ މަންމާ….އަވަހަށް ވަދޭ..” ހިބާ އެހެން ބުނަމުން މުނީރާއާއި މާޒިންއަށް ތަން ދެއްކިއެވެ.
މުނީރާއަށް އެގެއަށް ވަދެވުމާއިއެކުހެން ސިޓިންގް ރޫމުގައި ހުރި ޒުވާނާ ފެނިފައި ހުއްޓުން އެރީ، މީގެ ދެ ތިން ދުވަސް ކުރިން ފަދައިން އެ ސޫރަ ފެނިފައި ހުއްޓުން އެރި ފަދައިންނެވެ. އެހެނަސް އެވަގުތު އެ ހިތުގައިވީ މާޔޫސްކަމުގެ ބަދަލުގައި އުފާވެރިކަމާއި އުއްމީދެވެ. އެވަގުތު ދާރިސްގެ ނަން ހިތަށް ވެރިވުމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ އެހެންވެއެވެ.
މަންމަ ފެނިފައި ދާރިސްގެ ހިތުގައި ވެސް ހިނގައިލި އެއްޒާތެއްގެ ޖަޒުބާތުތަކާއިއެކީ މަންމައާއި މެދު ވިސްނެން އުޅެނިކޮށް މާޒިންގެ އަޑު އިވުނެވެ.
“އޯ އެމް ޖީ އީތަން ސާރ! އައި މީން ބޭބޭ! އައި މިސްޑް ޔޫ ސޯ މަޗް!” މާޒިން ދާރިސް ފެނިފައި ޖޯޝާއިއެކީ ގޮސް ދާރިސްގެ ގައިގައި އޮޅުލައިގަތެވެ. މާޒިންގެ އެ ޙަރަކާތުން ސިހުމެއް ލިބުނު ދާރިސް މާޒިންއަށް ބަލައިލަމުން ޖަވާބެއްދޭން އުޅުނެއްކަމަކު އެ ވަގުތު އެކަމަށް ނުކުޅެދުނެވެ. ދާރިސްގެ ޙާލަތު ފަހުމްވި ހިބާ ވަގުތުން މާޒިންގެ ކައިރިއަށް ދިޔައެވެ.
“ސޮރީ ބޭބޭ….އެ ދުވަހު ސައިންސް ފެއާރގަ މާޒިންއަށް އެހާ ސަޅި ރޮބޮޓް ޕްރެޒެންޓެއް ނުކުރެވުނު….މޯމް ވޯޒް ކްރާއިންގް އެންޑް އައި ލޮސްޓް އިޓް!” ހިބާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން މާޒިން ދާރިސްއާއި ދުރުވެލަމުން މާޔޫސީ ގޮތަކަށް ބުންޏެވެ.
“އިޓްސް އޯކޭ މާޒިން ދަރިފުޅު….އެދުވަހު ބޭބެ ބަލަން މާޒިން އެ ޕްރޮޖެކްޓް ޕްރެޒެންޓް ކުރީމެއްނު؟ ދެޓްސް އިނަފް! މި ގަޑީގަ ހިނގާބަލަ މިސްއާއިއެކީ ޑޯޑޯއާއި ކުޅެން. މާޒިން ބޭނުންދޯ ޑޯޑޯގެ އެކި ފީޗާރސްތައް ބަލަން؟”
ހިބާ މާޒިންގެ ކޮނޑުގައި އަތް އަޅައިގެން ހުރެ އެ ވާހަކަ ބުނުމާއިއެކު މާޒިންގެ މޫނު އުޖާލާވެގެން ދިޔައެވެ. އިސާހިތަކު ޑޯޑޯ އަދިވެސް އެ ގޭގަ އެބަހުރިތޯ އަހަމުން ހިބާއާއިއެކީ ދާން ހިނގައިގަތެވެ. ހިބާ މާޒިންއާއިއެކީ ކޮޓަރިތަކާއި ދިމާލަށް ދަމުން ދިޔަ ހިނދު، ހަމްނާ ސިޓިންގް ރޫމަށް ދާ މަންޒަރު ފެނި، ހިބާ ހަމްނާއަށް ވެސް އެތެރެއަށް ދިޔުމަށް ޢިޝާރާތެއް ދިނެވެ. އެއާއިއެކު އިރުކޮޅެއްގެ ތެރޭގައި ސިޓިންގް ރޫމުގައި ތިބީ މުނީރާއާއި ދާރިސް އެކަންޏެވެ.
ދެމައިން އެކަނިވިތާ ސިކުންތުކޮޅެއް ވަންދެން ހިމޭންކަމެއް ވޭތުވިއެވެ. މުނީރާ ހުރީ ދާރިސް ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. އޭނަގެ ފުރާ ފުރިހަމަވެފައި ހުރި ދަރިފުޅު މަންމައާއިމެދު ކަންތައް ކުރާނެ ގޮތް ދެނެގަންނަން ބޭނުންވެފައެވެ. މުނީރާގެ އެ އެދުން ފުރިހަމަވިއެވެ.
“މް..މަމް…މަ އިށީންނަންވީއެއްނު؟” ދާރިސް އިސްއުފުލައިލަން ވެސް ނުކުޅެދިފައިވާ ޙާލު ކެނޑިކެނޑިގެން ބުނެލިއެވެ. އިސްއުފުލައި މަންމައަށް ބަލައިލަން އުޅުމުން ކަޅި އެކި ފަރާތް ފަރާތަށް ހިންގުން ނޫންކަމެއް ނުވިއެވެ. އެކަމާއިމެދު އަމިއްލަ ނަފްސަށް ނުރުހުންވާ ގޮތްވިއެވެ. އޭނަ ބޭނުންވީ އޭނަގެ ޙާލަތު ރަނގަޅުވެފައިވި މިންވަރު މަންމައަށް ދައްކާށެވެ. އެހެނަސް އޭނަގެ ނަފްސު އެކަމާއި ދެކޮޅު ހަދަމުން ދިޔައެވެ.
ދާރިސްގެ އެދުމަށް މުނީރާ ހިނިތުންވުމަކާއިއެކީ ބޯޖަހައިލަމުން ދާރިސް ޢިޝާރާތްކުރި ދިގު ސޯފާގައި ގޮސް އިށީނެވެ. އެއަށްފަހު ވެސް ދާރިސް ކޮޅަށް ހުންނަން ފެށުމުން މުނީރާއަށް ވާހަކަ ދެކެވުނެވެ.
“ދާރިސް ވެސް….އިށީންނަންވީއެއްނު؟ އެހެރަ ސޯފާގަ؟” މުނީރާ ވަކިން ހުރި ސޯފާއަކަށް ޢިޝާރާތްކޮށް ސާފުކޮށް ބުނެލިއެވެ. އެހިނދު މުނީރާގެ ހަނދާނަށް އަންނަން ފެށީ ދާރިސް ކުޑައިރު އެފަދައިން ސާފުކޮށް ނުބުނެވި، ދާރިސް އޮޅުން އެރި އެތައް ދުވަސްތަކެވެ. އެކަމާއިމެދު ބައެއް ދުވަސްމަތިން އޭނައަށް ރުޅިވެސް އިސްކުރެވިފައިވި ގޮތެވެ. މިއަދު އޭނައަށް އެކަންތައް ސާފުކޮށް އެނގެނީ މާޒިންއަށް ހޯދަމުންދާ ފަރުވާގެ ތެރެއިންނެވެ. އެ ފަރުވާގެ ތެރެއިން އޭނައަށް ދާރިސްއަށް އިހުމާލުވެފައިވާ މިންވަރު އިޙްސާސް ކުރެވުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. އެވަގުތު ވެސް އޭނަ ސާފުކޮށް ބުނުމުން ދާރިސް އިތުރު ސުވާލެއްނެތި، ގޮސް ސޯފާގައި އިށީނުމުން، މާޒީއަށްޓަކައި އަމިއްލަ ނަފްސަށް އެއްޗެހި ގޮވުނެވެ.
އެވަގުތު ސޯފާގައި އިށީން ދާރިސްގެ ސިކުނޑީގައި ހައިޖާނެއް އުފެދިފައިވިއެވެ. މުޅި އެދުވަސް ތެރޭގައި އޭނަ ވަނީ މަންމަ އައުމުން ކަންތައް ކުރާނެ ގޮތާއި ދައްކާނެ ވާހަކަތައް ލިޔެ ލިސްޓުވެސް ކޮށްފައެވެ. އޭނައަށް ހީކުރެވޭ ގޮތުގައި މިއީ އޭނައަށް މަންމައާއި ބައްދަލުކުރެވޭނެ ފަހު ފަހަރަށް ވުމުން އެންމެ ވާހަކައެއް ވެސް ދޫނުކޮށް އެ ހުރިހާ ވާހަކައެއް ދައްކަން ބޭނުންވިއެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އެވަގުތު އެކަމަށް އޭނަގެ ދޫނުކުޅެދުނެވެ. ނުކުޅެދުނު ކަމަށްޓަކައި ވެސް ހިތަށް މާޔޫސްކަމެއް ވެރިވިއެވެ. މި ބައްދަލުވުމުގައި އޭނައަށް މަންމައާއި ވާހަކަ ނުދެކެވިއްޖެނަމަ، ދެން އެ ފުރުސަތު ނުލިބިދާނެކަމުގެ ބިރު ހީވީތީވެއެވެ.
ދާރިސް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް މުނީރާ ވާހަކަ ދެއްކިއެވެ.
“ދާރިސް ކިހިނެއްތަ؟” މުނީރާ އެހިއެވެ.
“ރް..ރަނގަޅު..” ދާރިސްއަށް އެ އަޑު ނެރެވުނީވެސް ގަދަކަމުންނެވެ. އޭގެ އިތުރަށް އެ ޖަވާބު ތަފްސީލުކުރަން އޭނަގެ ހިތް އެދުނެވެ. އޭނަގެ ޙާލަތަށްޓަކައި މިހާރު ފަރުވާ ހޯދަމުންދާ ވާހަކައާއި އެ ޙާލަތަށް ގިނަގުނަ ކުރިއެރުންތައް ލިބިފައިވާ ވާހަކައެވެ. އެހެނަސް އެ ވާހަކަ ނުބުނެވި، ދެން ކުރެވުނު ސުވާލުތަކަށް ވެސް ދާރިސްއަށް ދެވެން ފެށީ ކުރު ޖަވާބުތަކެވެ.
“ދާރިސްއަށް މިހާރު 27 އަހަރުދޯ؟” މުނީރާ އުފާވެރި ރާގަކަށް އެހިއެވެ.
“ހުމް…”
“ސްވިސްގަދޯ މި ހުރިހާ ދުވަސް ވަންދެން އުޅުނީ؟ ސްވިސްގަތަ ކިޔެވީ؟”
“ހުމް….”
“ދާރިސް ތިއީ މިހާރު ބޮޑު ކުންފުންޏެއްގެ ޗީފް ޑައިރެކްޓަރދޯ؟ ހާދަ މޮޅޭ މަންމަގެ ދަރިފުޅު މާ ޝާ ﷲ!”
މުނީރާ ފުރިހަމަ ހިނިތުންވުމަކާއިއެކީ އެހެން ބުނުމުން ދާރިސްއަށް ވަކި އެއްޗެކޭ ނުބުނެވުނެވެ. ދާރިސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ދެ ފަރާތަށް ކަޅި ހިންގަމުން ދިޔަ ގޮތުން އެ ހިތުގައި ފޮރުވައިގެން އުޅޭ ވޭން މުނީރާއަށް ނަގައިގަނެވުނެވެ. އެ ވޭނަކީ ހަމަ އޭނައާއި ގުޅުން ހުރި ވޭނެއްކަން އެނގުމުން މުނީރާގެ މޭގައި ރިހުމެއް އުފެދި ލޮލުން ކަރުނަތައް ނިރައިލިއެވެ. އެއާއިއެކު މުނީރާ ފުން ނޭވައެއް އެތެރެއަށް ލަމުން ވާހަކަ ދެއްކިއެވެ.
“ވާހަކައެއް ކިޔައިދެންތަ ދާރިސް؟” މުނީރާ އެއްދިމާލަކަން ނަޒަރު ހުއްޓައިލަމުން އެހިއެވެ. އެއާއިއެކު ދާރިސް ހޫންލައްވައިލިއެވެ.
“މީގެ 27 އަހަރު ކުރިން….މަންމަ އެންމެ ފުރަތަމަ މާލެއަށް ދިޔައީ މަންމަގެ ބައްޕައާއިއެކީ. ﷲ ސުބުޙާނަހޫ ވަތަޢާލާ މަންމައަށް ގިނަ ގުނަ ނިޢުމަތްތައް ދެއްވި. ޢިލްމު އުނގެނި އެ ޢިލްމުގެ ބޭނުން ހިފުމުގެ ޤާބިލިއްޔަތުކަން ދެއްވި….މާލެއަށް ދިޔަތާ މާ ގިނަ ދުވަހެއްނުވެ އެކްސިޑެންޓެއްގެ ތެރެއިން ބައްޕަ ނިޔާވެގެން ދިޔައީ. އެ ފަހުން ވެސް ﷲ މަންމަ ދޫނުކުރައްވާ. އެ ފަހުން ވެސް މަންމައަށް އެހީތެރިކަން ލިބުނު. ޝަހީދުބެގެ ކުންފުނީގެ ލާރީގެ ކަންތައް ބެލެހެއްޓުމަށް މަންމައަށް ފުރުސަތު ލިބުނު….ދާރިސްއަށް އެކި މީހުންގެ ދުލުން އިވިފައިވާ އަނިޔާ މަންމައަށް ލިބުނީ އެ ދުވަސްވަރު….” މުނީރާ ނުހަނު އުދަގުލާއިއެކީ ކިޔައިދޭން ފެށި ވާހަކައިން ދާރިސްއަށް އޭނަގެ ކަންފަތް ހުޅުވައިލެވުނެވެ.
“އެއީ ޝަހީދުބެއާއިއެކީ އެ ކުންފުނި ފަށަން މަސައްކަތް ކުރި މީހުންގެ ތެރެއިން އެކަކު. އެމީހެއްގް….ގެ ނަން ބުނާނެހާ ހިތްވަރެއް މަންމަގެ ނެތް. އަދި އެދުވަހު ކަން ދިމާވި ގޮތް ވެސް ކިޔައިދޭކަށް ނެތިން. ދާރިސް ތި ހީކުރާހެން މަންމަ ޙަޤީޤަތުގަ ވެސް އެދުވަހު ވަރަށް ދެރަވި. އެހާ ހިސާބުން މުޅި ދިރިއުޅުން މަތިން ފޫހިވި. ނުރުހުންވާންވީ ސަބަބެއް ނެތަސް އަމިއްލަ ނަފްސަށް ވެސް ނުރުހުންވެވުނު. އޭގެ އަނެއްދުވަހު އެންމެންނަށް އެ ވާހަކަ ފަތުރާފައިވީމަ މަންމަގެ އަބުރު ގެއްލި ދިޔައީ ކަމަށް ހީކުރެވުނު….”
އެ ވާހަކަތައް އިވެމުން ދިޔަދިޔަހެން ދާރިސްގެ ކަތުރުކަށިގަނޑަށް ބާރުވިއެވެ. މަންމައަށް އަނިޔާ ދިން މީހަކަށް އައި ރުޅިއާއި، މަންމައާއި ދިމާލަށް އިނގިލި ދިއްކުރި މީހުންނަށް އަމާޒުވި ރުޅިއާއި އެކީގައެވެ.
“އެކި މީހުންގެ ދޫތަކުން އެތައް ދުވަހެއް ވަންދެން ވިހަގަދަ ބަސްތައް އިވި، އެކި ނަޒަރުތައް އަމާޒުވާން ފެށީމަ މަންމަ އަމިއްލައަށް މަރުވާން ޤަޞްދުކުރިން. އެއީ ﷲ ރުހިވޮޑިގެންނުވާ ކަމެއްކަން އެނގިހުރެ ވެސް އެ ނިންމުން ނިންމައި އެކަމަށްޓަކައި ތައްޔާރުވެސްވިން. ޓީވީއިން ފެނުނު މަންޒަރެއް ހަނދާންކޮށްފަ ފަންކާގައި ފޮތިގަނޑެއް ބަނދެގެން އުޅެނިކޮށް އެދުވަހު ވަރަށް ގަދައަށް ބަލިވެ ހޮޑުލަވައިގަތީ….ޑޮކްޓަރަކާއި ހަމައަށް ދެވުނީ ވެސް ހިތްހެޔޮ އަވަށްޓެރިއަކަށް މަންމަގެ ޙާލު ފެނިގެން އެ އަވަށްޓެރިޔާގެ އެހީގަ…އެދުވަހު މަންމައަށް އެނގިގެން ދިޔައީ މަންމަ ދާރިސްއަށް ބަލިވެ އިންކަން…”
މިފަހަރު އިވިގެން ދިޔަ ވާހަކައިން ދާރިސްގެ މެއަށް ލޮޅުމެއްއައެވެ.
“އެ ޚަބަރު ލިބުމުން ވެސް މަންމަގެ ހިތާމަވެރިކަން ދެގުނަވުން ނޫންކަމެއް ނުވި. ޤަބޫލުކުރަން ވެސް ބޭނުމެއްނުވި އެ ނުލަފާ އިންސާނާގެ ދަރިއަކަށްކަން މަންމަ ބަލިވެ އިނީ. އެ ފަހުން ވެސް އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ސިކުނޑިއަށް އައި. އެކަމަކު ކޮންމެ ފަހަރަކު އެ ޚިޔާލު ބަދަލުކޮށްލެވެނީ އަމިއްލައަށް މަރުވެއްޖެނަމަ ބަނޑުގައިވާ މައުސޫމް ދަރިފުޅަށް ވެސް ގެއްލުމެއް ވެދާނެއޭ ހިތަށްއަރާތީ. އެއީ ނުލަފާ މީހެއްގެ ސަބަބުން ގަރުބަގަތް ކުއްޖަކަށް ވިޔަސް، އެ ކުއްޖާގެ އެއްވެސް ކުށެއް ނެތްކަމަށް ތަކުރާރުކޮށް ހިތް ބުނަމުން ދިޔަ. މިހާރު ވިސްނައިލީމަ އެނގެނީ….އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ މަންމަ ސަލާމަތް ކޮށްދެއްވުމަށްޓަކައި ހިތުގައި ލެއްވެވި ޚިޔާލުތަކެއްކަން….އެ ފަހުން ވެސް މަންމައަށް ހިތާމަވެރިކަން އިޙްސާސް ކުރެވުނު. ދިރިއުޅުން ބަރުބާދުވީ ކަހަލަ އިޙްސާސްތައް ކުރެވުނު. އެކަމަކު ވަކި ހިސާބަކުން އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ދޫކޮށް އެ އިޙްސާސްތަކުން އަރައިގަންނަން އެހީވެދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވެން ފެށި. އެއާއިއެކު ބަނޑުގައި އޮތް ދަރިފުޅަށްޓަކައި ވެސް ހިތުގައި ލޯތްބެއް އުފެދެން ފެށި. އަމިއްލައަށް މަރުވުމުގެ ބޮޑު ފާފައިން ﷲ މަންމަ ސަލާމަތް ކުރެއްވީ އެ ދަރިފުޅު މެދުވެރިވެގެންކަން އިޙްސާސް ކުރެވުނީމަ. ދެދުނިޔޭގެ އަބާއްޖަވެރިކަމުން އެކަލާނގެ މަންމަ ރައްކާތެރި ކުރެއްވީ އެ ދަރިފުޅު މެދުވެރިވެގެންކަން އެނގުންވީމަ…އެހާ ހިސާބުން އެ ދަރިފުޅަށްޓަކައި ހެޔޮ ދުޢާ ކުރެވެން ފެށީ. އެ ދަރިފުޅަކީ މަންމަގެ ލޮލުގެ ފިނިކަން ކަމުގައި ލައްވައި، އެ ދަރިފުޅަކީ ﷲ ރުހިވޮޑިގެންވާފަދަ އަޅަކު ކަމުގައި ލައްވައި ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުމަށް އެދި ދުޢާ ކުރެވެން ފެށީ….”
މުނީރާގެ އެ ވާހަކަތައް އަޑުއަހައި ނިމުނުއިރު ދާރިސްގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. މުނީރާ ދާރިސްއަށް ބަލައިލި ހިނދު މުނީރާގެ ލޮލުން ވެސް ކަރުނަ ފައިބައިގެން އައެއްކަމަކު އިތުރަށް ވާހަކަ ދެއްކިއެވެ.
“ތިއީ މަންމައަށް ލިބުނު ހިތްދަތިކަމެއް ނޫން ދަރިފުޅު. ދާރިސް ތިއީ މަންމައަށް ލިބުނު ބޮޑު ނިޢުމަތެއް…” މުނީރާ ބުނެލިއެވެ. އެއާއިއެކު ނުރޯން ގަދަ ހަދައިގެން ހުރި ދާރިސްއަށް ގިސްލެވެން ފެށީ އެއްވެސް ކޮންޓްރޯލެއް ނެތިއެވެ.
ނުނިމޭ