އާދައިގެ މަތިން ދާރިސްގެ ސޫރައިގެ ކައިރިން އިނގިލި ހިންގައިލުމަށްފަހު މުނީރާ ހިބާގެ ސޫރައަށް ބަލައިލިއެވެ. އޭނައަށް ދާރިސްއާއި ހަމައަށް ދެވޭނެ ގޮތަކީ ހިބާކަމަށް އޭނަގެ ހިތް ބުނަމުން ދަނީ ހިބާ ފެނުނު ދުވަހުއްސުރެއެވެ. ދާރިސް ވީ ތަނެއް ހިބާއަށް އެނގިދާނެބާއޭ އެވަގުތު ވެސް މުނީރާގެ ހިތް ސުވާލުކުރިއެވެ.
**
އެދުވަހުގެ ފަތިސް ނަމާދަށްފަހު ހިބާ ހެނދުނުގެ ސައި ތައްޔާރު ކުރުމަށްފަހު ފެންވަރަން އަނބުރައި ކޮޓަރިއަށް ދިޔައިރުވެސް ދާރިސްއަށް ހޭނުލެވެއެވެ. އެހެންޏާ ފަތިސް ނަމާދަށްފަހު ނުނިދާ ދާރިސް އެހާ ގަދަ ނިންޖެއްގައި އޮތީ ރޭ ރަނގަޅަށް ނުނިދޭތީވެކަން ހިބާއަށް އެނގުންވިއެވެ. ދާރިސްއަށް ނުފެނި ގެއިން ނިކުމެގެން ދާންވުމުން ހިބާގެ ހިތް ދެރަވެފައި ވަނިކޮށް، ހިބާ އޭނަގެ ބުރުގާގައި ފަހު ޕިންތައް ހަރުކުރަމުން ދިޔަ ވަގުތު ދާރިސްއަށް ހޭލެވުނެވެ.
ދާރިސް އެނދުން ތެދުވަމުން ދިޔަ ވަގުތު ހިބާ ވެސް އެދިމާލަށް އެނބުރިލުމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އެއާއިއެކު އެ ދެމެދުގައި ހިނިތުންވުންތައް ވެސް ބަދަލުވިއެވެ.
“ނިދި ގަދަ ދުވަހެއްދޯ؟ މިހާރު ފޯނުގަ ހުންނާނެ މީހަކު ޑިލީޓްކުރަން ބޭނުންވާ ބައިވަރު ފޮޓޯ!” ހިބާ ދާރިސްގެ ކައިރިއަށް ގޮސް ހުއްޓިލަމުން ރާގަކަށް ބުންޏެވެ. ހިބާ އެ ފަހު ބަސްތައް ބުނުމުގެ މަޤްޞަދު ހާސިލުވެގެން ދިޔައީ ދާރިސް ލުއި ގޮތަކަށް ހީލުމުންނެވެ.
“މެސިންގް ވިތް ދަ ރޯންގް ޕާރސަން ޔޫ އާރ! ކިތަންމެ ޕްރައިވަސީ ސެޓިންގްއެއް ހަދާފަ ހުއްޓަސް އިސްމާޢީލް އީތަންއަށް ތި ފޯނުގެ ސިސްޓަމް ތެރެއަށް ނުވަދެވޭނެހެން ހީވޭ؟” ދާރިސް ވެސް އެ ސަމާސާގައި ބައިވެރިވަމުން ރާގަކަށް ބުނެލީ ހިބާ އޭނަގެ ކައިރިއަށް ގެނެސް، ލުއި ގޮތަކަށް ހިބާގެ ގައިގައި ބައްދައިލަމުންނެވެ.
“އޮހް! އައި ބެޓާރ ވޮޗް މައިސެލްފް….ބިރުވެރިކަމެއް ތިއީ!”
“ހެހެ….މިހެން ބުންޏަސް ނުވަންނާނެކަން އެނގެއެއްނު؟ އަދި ވަދެލިޔަސް އެ ފޮޓޯ ޑިލީޓްކުރުން ނޫންކަމެއް ނުކުރާނަން. އެއްވެސް މެސެޖަކަށް ވެސް ބެލުމެއް ނޯންނާނެ…..”
“އަސްލުވެސް؟ ހަމަ އެހާވެސް އިތުބާރުކުރަން އަހަންނަށް؟”
“ހުމް….ވަރަށް ގިނަ ދުވަސްފަހުން އަހަންނަށް އިތުބާރުކުރަން މި ދަސްވީ….ބައެއްފަހަރު ވަރަށް ކައިރީގައި އުޅޭ މީހުން ވެސް އަހަރުމެން ދޫކޮށް….ދޭ ދޯ؟”
ދާރިސް އެ ބުނެލި ފަހު ބަސްތަކާއިއެކީ އެ އަޑު ކެނޑިގެން ދިޔަދިޔަހެން އެ މޫނުމަތީގައިވި ހިނިތުންވުން ވެސް ފޭދިގެން ދިޔައެވެ. އިސާހިތަކު އެ މޫނުމަތި ބަނަވެ، ދާރިސްގެ އިސްޖެހިގެން ދިޔުމުން ހިބާ ދާރިސްގެ މޫނުގައި ދެ އަތުން ހިފަހައްޓައިލިއެވެ.
“އެހެން މީހެއްގެ ގޮތެއް ނޭނގޭ….ހަމަ ގައިމުވެސް އަހަރެން ދާރިސް ދޫކޮށްފަ ދާކަށް ނެތިން. މި ކަހަލަ ކޫލް ފިރިއެއް އަހަރެން ދެން ހޯދާނީ ވެސް ކޮން ތަނަކުން؟” ހިބާ އަނެއްކާވެސް ސަމާސާ ރާގެއް އެޅުވީ ދާރިސް ހެއްވާލެވޭތޯއެވެ. އެކަން އަނެއްކާވެސް ކާމިޔާބުވާ ގޮތްވިއެވެ.
“ހެހެ….ޔޫ އާރ ރައިޓް! އަހަންނަށް ވެސް ނޭނގެ މިކަހަލަ އަމޭޒިންގް އަނތްބަކު ދެން ލިބޭނެ ތަނެއް. ސޯ ލެޓްސް ނޮޓް ކޮމްޕްލިކޭޓް ތިންގްސް…” ދާރިސް ބުންޏެވެ. ހިބާ އެ ވާހަކައަށް ބޯޖަހައިލުމުން ދާރިސް ހިބާގެ ނިތުގައި ބޮސްދިނެވެ. ދާރިސް އޭނައާއި ދުރުވެލުމުން ހިބާވެސް ދާރިސްގެ ކޯތާފަތުގައި ބޮސްދިނެވެ. އެއަށްފަހު ހިބާ ފަހު ފަހަރަށް ދާރިސްއާއި ހިނިތުންވެލަމުން ސްކޫލަށްދާން ނިކުތެވެ.
އެދުވަހު ހިބާއަށް ފުދޭވަރަކަށް އަވަހަށް ސްކޫލަށް ދެވުނީތީ ކުދިން އައުމުގެ ކުރިން ވެސް ހިބާ ކުލާހުގައި އިނެވެ. އާދައިގެ މަތިން ކުލާހަށް ވަންނަމުން ދިޔަ ކުދިންގެ ސަލާމަށް ޖަވާބު ދެމުން ހިބާ ހިނިތުންވުންތައް ހަދިޔާ ކުރަމުން ދިޔައެވެ. އެތައް ދުވަހެއް ފަހުން ހިބާ އެނބުރި އައުމުން އެކުދިން ވަނީ ނަޝާއާއި އެކީ ހިބާއަށް މަރުޙަބާ ކިޔަން ކުލާހުގައި ކޭކެއް ވެސް ފަޅާފައެވެ. އެ އުފާވެރި ވަގުތުކޮޅަށްފަހު މިއަދު ވެސް އެކުދިން ހިބާއަށް ދެމުންދާ ހިނިތުންވުންތައް އިހުނަށްވުރެ އުޖާލާކަމަށް ނަޝާ ވެސް ހިބާގެ ކައިރީގައި ހުރެގެން ބުންޏެވެ.
ކުދިންތައް ވަންނަމުން ދިޔައިރު ހިބާއަށް ތަކުރާރުކޮށް ބޯދިއްކޮށް ދޮރާއި ދިމާލަށް ބެލެމުން ދިޔައީ މާޒިން ފެނޭތޯއެވެ. އޭނަ ދިޔުމުގެ ކުރިން މާޒިން ނުފެނުނު ގޮތުންނާއި، އޭނަ ބޭރުގައި ހުއްޓާ މާޒިންއަށް ބޮޑު އަނިޔާއެއް ލިބިފައިވާ ވާހަކަ އިވިފައިވާތީވެއެވެ. އަދި އަމުދުން މި ދެ ތިން ދުވަހަކު މާޒިންގެ މަންމަ ގުޅާފައި ބުނި ވާހަކައަކުން ވެސްމެއެވެ.
“މާޒިން މިހާރު ވާހަކަ ދައްކާތަ ނަޝާ؟” ހިބާ އެ ސުވާލުކޮށްލީ، ހުޅުވިފައިވި ކުލާހުގެ ދޮރަށް ބަލަން ތިރި ގޮނޑިއެއްގައި އިނދެއެވެ. އޭރު ކުލާހަށް އައިސްފައި ތިބި ކުދިން އެކުދިންގެ ‘ޖާރނަލް’ ފޮތްތައް ކަބަޑުތަކުން ނަގައިގެން އެކުދިންގެ މޭޒުދޮށުގައި މަޑުމައިތިރި ކަމާއިއެކީ ލިޔަން ތިއްބެވެ.
“ކުޑަކުޑަކޮށް މިހާރު ދައްކާ….ކުދިންނާއި ވާހަކަ ދައްކަނީ އަދިވެސް. އަހަންނާއި ވާހަކަ ދައްކަން ހިތަށް ވެސް ނާރުވާ….” ނަޝާ އެހެން ބުނެލީ ބޯޑުގައި ދުވަހުގެ ތާރީޚު ލިޔަމުން ދިޔަ ނަޝާ ތުން އޫކޮށްލަމުން ބުންޏެވެ.
“ހެހެ….މާޒިން މަންމަ ގުޅި އިހަކަށް ދުވަހު. ބުނި މާޒިން ހިބާ މިސް މަތިން ހަނދާންވެގެން އުޅޭ ވާހަކަ. ސްވިސްގަ ހުއްޓާ ވެސް މާޒިންގެ މަންމަ ނަންބަރުން އަހަންނަށް ކޯލެއް އައި….ރާއްޖެ އައިފަހުން އެ މަންމަ ގުޅާފަ ބުނީ އެއީ އަސްލު މާޒިންއޭ ގުޅީ. އަހަރެން އޭރު މެރީ ކޮށްގެން އުޅޭ ވާހަކަ އިވުނީތީ ދެން އެދުވަހު އިތުރަށް ނުގުޅަންވެގެންނޭ ބުނީ އޮޅުމަކުން ގުޅުނީއްޔޭ….ދެން އަހަރެން މިކޮޅަށް އައިފަހުން ވެސް މާޒިން ވާހަކަ ދައްކަން ބޭނުންވެގެން އެ މަންމަ ގުޅައިވެސް ދިން. އެކަމަކު އެދުވަހު މާޒިން ވާހަކައެއް ނުދައްކާ. އަހަރެން އެކިއެކި ވާހަކަތައް ދައްކާ ދައްކާ ވެސް އެންމެ ބަހެއް ވެސް ބުނެ ނުލި….ދެން ބަލަމާ މިއަދު ވާ ގޮތެއް.” ހިބާ ހިނިތުންވުމަކާއިއެކީ ވާހަކަ ދައްކަމުން ގޮސް އެ ފަހު ބަސްތައް ބުނެލީ ޝައުޤުވެރިކަމެއް އެކުލެވިގެންވާފަދަ ގޮތަކަށެވެ.
ހަމަ އެ ހިނދު މާޒިން ދޮރުމައްޗަށް އެރިތަން ފެނުމުން ހިބާ ތެދުވެލިއެވެ. މާޒިން އަމިއްލައަށް ސަލާމް ގޮވާފާނެއޭ ހިތައި ހިބާ އެއްޗެކޭ ނުބުނެ މާޒިންއަށް ބަލަން ހުއްޓެވެ. އެހެނަސް މާޒިން ހިބާއަށް ބަލަން ހުރި ގޮތަށް ހުރީއެވެ. ހިބާ ފެނުނު ފުރަތަމަ ފަޅި ސިކުންތުގައި ބޮޑުވެގެން ދިޔަ ލޯމަތިން އުފާވެރި ވިދުމެއް ފެނިގެން ދިޔައެވެ. އެހެނަސް މާޒިން ވަކި އެއްޗެކޭ ނުބުނެ އޭނަގެ އާދައިގެ މަތިން އެކި ދިމަދިމާލަށް ނަޒަރު ހިންގަން ފެށިއެވެ. މާޒިންގެ އެ ޙަރަކާތް ފެނި ހިބާއަށް ހިނިތުންވެލެވުނެވެ. އެއަށްފަހު މާޒިންގެ ކައިރިއަށް ދަމުން މާޒިން އަވަހަށް ވަދެގެން އަންނާށޭ ބުންޏެވެ.
މާޒިން އޭނައާއި އެހާ ވާހަކަ ދައްކާ ހިތުން ހުރި ވާހަކަ އިވިފައިވުމުން، ހިބާ ހީކުރީ އެދުވަހުގެ ކުލާސްތަކުގެ ތެރެއިން ވިޔަސް މާޒިން އޭނަގާތު އެއްޗެކޭ ބުނެލާނެ ކަމަށެވެ. އެހެނަސް ފިލާވަޅުގެ ތެރެއިން ވެސް ހިބާ ސުވާލުތަކެއް ކުރިއިރު މާޒިން ނުހަނު ޖަވާބުދޭން ބޭނުންވާ ފަދައަކުން ހިބާއަށް ބަލަން އިނެއްކަމަކު އެއްޗެކޭ ނުބުންޏެވެ. ގެއަށް ދިޔަ ގަޑީގައި ހިބާ ހުރިހާ ކުދިންނާއި ވާހަކަ ދެއްކިއިރު ވެސް މާޒިން އެފަދަ ނަޒަރަކުން ހިބާއަށް ބަލަން އިނދެވެސް އެންމެ ބަހެއް ވެސް ބުނެ ނުލިއެވެ. އެހެންކަމުން ހިބާ އެދުވަހު މާޒިންގެ އަޑު އިވިދާނެކަމުގެ އުއްމީދު ދޫކޮށްލަން އުޅުނުތަނާ، ކަންތައް ވެގެން ދިޔައީ ހިބާ ހީވެސް ނުކުރާ ފަދައަކުންނެވެ.
ހުރިހާ ކުދިން ގެއަށް ދިޔުމަށް ފޮތް ހަމަ ކުރަމުން ދިޔަ ވަގުތު މާޒިންގެ ކައިރީގައި އިންނަ ކުއްޖެއްގެ ދަބަހުން ޖެހި، މޭޒުމަތީގައި އޮތް މާޒިންގެ ޕާރސް ބިންމައްޗަށް ވެއްޓުނެވެ. ޕާހުގެ ޒިބު ނާޅުވައި އޮތީތީ އިސާހިތަކު ޕާހުގައި ހުރި ފަންސުރު ކުލަތައް ބިންމައްޗަށް ވެއްޓުނެވެ.
“އޯ ނޯ! ސޮރީ މާޒިން!” މާޒިންގެ ކައިރީގައި ހުއްޓި ހުރި ކައިސްއަށް ކަންވީ ގޮތް އެނގި ނިމުނީ އަމިއްލަ ދަބަސް އަޅުވައި ނިމުނު ފަހުންނެވެ. ކައިސް ދަބަސް އަޅުވައިގެން ހުރެވެސް މާޒިންގެ ކުލަތައް ނަގަން ގުދުވާން ފެށިތަން ފެނުނު ހިބާ ވާހަކަ ދެއްކިއެވެ.
“ކައިސް ދަރިފުޅު އަވަހަށް ގެއަށްދާން އެ ލައިނަށް ޖޮއިން ކުރޭ….މަންމި މި ގަޑީގަ ކައިސް ބަލާ އަންނަނީ ވަރަށް ވަގުތު ކުޑަތަންކޮށްދޯ؟ އެހެންވީމަ އަވަހަށްދޭ. މިސް މާޒިންއަށް ހެލްޕްވެދޭނަން. އިޓްސް އޯކޭ، ލަވް!” ހިބާ އެ ދެކުދިން ތިބި މޭޒު ކައިރިއަށް ގޮސް އެ ފަހު ބަސްތައް ބުނެލީ ކައިސްގެ ކޮނޑުގައި އެއްއަތް އަޅަމުން ކައިސްގެ ހިތްހަމަޖައްސައިދެވޭތޯ ބަލަމުންނެވެ. ހިބާގެ ވާހަކައަށް ކައިސް ތުން ފިއްތައިލުމަށްފަހު ބޯޖަހައިލަމުން ދާން ހިނގައިގަތެވެ. އެވަގުތު އެތާ ދޮރު ކައިރީގައި ކުދިން ހަދާފައި އޮތް ލައިންގައި ހުރިހާ ކުދިން ކުލާހުން ނިކުމެގެން ދަނީއެވެ.
އެ ކުދިންނަށް ބަލަން ހުރެފައި ހިބާ އޭރުވެސް އިންގޮތަށް އިން މާޒިންއަށް ބަލައިލިއެވެ. މާޒިން އެ ކުލަތަކަށް ބަލަމުން އެހެން ދިމަދިމާލަށް ބަލަމުން ދިޔައީ ބޯ ހާސްވެގެން އުޅޭ ފަދައަކުންނެވެ. އެ މަންޒަރު ބަލަން ހުރެފައި ހިބާ ކުރުފައި މައްޗަށް ތިރިވެ ބިންމަތީގައި އޮތް ޕާރސް ނަގައި އެ ޕާހަށް ކުލަތައް އަޅަން ފެށިއެވެ.
“ހާދަ ގިނަ ޝޭޑްސްގެ ކުލަތަކޭ މާޒިން! މާޒިން ވަރަށް ކުލަ ޖައްސާ ހިތްވޭތަ؟” ހިބާ އެ މަސައްކަތް ކުރަމުން ހިނިތުންވުމަކާއިއެކީ މާޒިންއާއި ވާހަކަ ދެއްކިއެވެ. ހިބާ ހީކޮށްގެން ހުރި ގޮތަށް މާޒިން އެއްޗެކޭ ނުބުނި ތާނގައި އޭނައަށް ބަލައިވެސް ނުލިއެވެ. އެހެނަސް ހިބާ އަމިއްލަ ހިނިތުންވުން ފަނޑެއް ނުކުރިއެވެ.
“މިސް ދެކެން މާޒިން ވަރަށް ޑްރޯ ކުރާތަން ކުލާހުގަ. އެކަމަކު ކުލަޖައްސާ ނިމިފަ ހުރި މާޒިންގެ ޑްރޯވިންގްއެއް އަދި މިސްއަކަށް ނުފެނޭ…”
އެއްވެސް ޖަވާބެއްނައެވެ.
“އޮހް! އައި ރިމެމްބާރ….ކުރީ ދުވަހު މާޒިންގެ ފޮތުގެ ތެރެއިން މިސްއަށް ދީފަ އޮތް ކާޑެއްގަ ހުރި ވަރަށް ރީތި ޕިކްޗާރއެއް….މިސްއަށް ވަރަށް ރީތި އެ ކާޑު….އޭތި ދިން ކަމަށްޓަކައި އަދި ތެންކިއު ވެސް ނުބުނެވިދޯ މިހިރީ؟ ތެންކިއު މާޒިން…އެންޑް އައި ލަވް ޔޫ ޓޫ!”
ހިބާ ބިންމަތިން ނެގި ފަހު ކުލަ ޕާހަށް އެޅުމަށްފަހު ޒިބު އަޅުވައިލިއެވެ. އަދި އެ ޕާސް ދަބަހަށް އެޅުމަށްފަހު ދަބަހުގެ ވެސް ޒިބު އަޅުވައި، މާޒިން ގާތު ތެދުވެލުމަށް ބުންޏެވެ. މާޒިން ބަސް އަހައިގެން ތެދުވުމުން ހިބާ މާޒިންގެ ކޮނޑުގައި ދަބަސް އަޅުވައިދިނެވެ. ދަބަސް ބަރުތޯ އެހުމުން ވެސް މާޒިން ހިބާއަށް ލުއި ގޮތަކަށް ބަލަބަލާ ހުރުމަށްފަހު ދަބަހުގެ ކޮނޑުގައި އަޅުވާ ބައިގައި ހިފަހައްޓައިގެން ކުލާހުން ނިކުންނަން ދިޔައީއެވެ.
މިއަދު މާޒިންގެ ފަރާތުން ފެނިގެން ދިޔައީ، އޭނަ ރަށުން ބޭރަށް ދިޔައިރު ވެސް މާޒިންގެ އުޅުން ހުރި ގޮތްކަން އެނގުންވި ހިނދު ހިބާއަށް މާޔޫސީ ނޭވައެއް ދޫކޮށްލެވުނެވެ. އެހެނަސް ހިބާ ހެޔޮކޮށް ވިސްނޭތޯ ބެލިއެވެ. އަދި މާޒިން އޭނަގެ ބެލުމުގެ ދަށަށް އައިތާ މާ ގިނަ ދުވަހެއް ނުވާކަން ހަނދާންކުރަމުންނެވެ. އަހަރެއްހާ ދުވަސް ފަހުން އޭނައާއި ވާހަކަ ދައްކަން ފެށި ކުދިންނާއި ވެސް ދިމާވެފައި ހުރީތީވެއެވެ. އެހެންކަމުން ހިތްވަރު ކުރަން ނިންމަމުން ހިބާ ކުލާހުން ނިކުންނަން ދިޔަ މާޒިންއަށް ފަސްދެމުން ދިޔައީ ކުލާހުގެ ބޯޑު ކައިރިއަށެވެ.
އާދައިގެ މަތިން ދުވަހުގެ ފަހު ކަމަކަށް ހިބާ ބޯޑު ފޮހެމުން ދިޔައިރު އެދުވަހު ކަން ހިނގައިދިޔަ ކަންތަކާއިމެދު ވިސްނެން ފެށިއެވެ. އެދުވަހު ނާންނަ ކުދިންނާއި އެކުދިންނަށް ފިލާވަޅު ފޮނުވިފައިވޭތޯއެވެ. އެ ޚިޔާލުތަކުގެ ތެރެއިން ހިބާ މާޒިންގެ މަތިން ހަނދާން ނެތިފައި ވަނިކޮށް ފަހަތުން އަޑެއް އިވުނެވެ.
“ތެންކިއު….ހިބާ މިސް.”
އިވިގެން ދިޔަ އެ އާ، މަޑުމައިތިރި އަޑުން ހިބާގެ ޙަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭގެ ދެވަނަ ސިކުންތުގައި ހިބާއަށް ފަސްއެނބުރި ބަލައިލެވުނެވެ. އެހިނދު ދާދި ދެންމެ ނިކުންނަން ދިޔަ މާޒިން ދޮރު މަތީގައި އޭނައަށް ބަލަހައްޓައިގެން ހުއްޓެވެ. އެ މަންޒަރު ފެނި ހުއްޓުން އަރައިގެން ހުރެފައި ހިބާއަށް ހީލެވުނީ ބޭއިޚްތިޔާރުގައެވެ.
“ފައިނަލީ މާޒިން….ފައިނަލީ! މަންމި ބުންޏޭ މާޒިން މިސް ގާތު ކޮންމެވެސް ވާހަކައެއް ބުނަން އުޅޭ ވާހަކަ. ކިއުރިއޯސިޓީ އޯލްމޯސްޓް ކިލްޑް މީ!” ހިބާ ޑަސްޓާ ބޭއްވުމަށްފަހު މާޒިންގެ ކައިރިއަށް ދަމުން ވާހަކަ ދެއްކިއެވެ. ހިބާ ބުނެލި ފަހު ބަސްތަކުން މާޒިންގެ ތުންފަތްމަތިން ފެނިގެން ދިޔަ ހިނިތުންވުން ހިބާއަށް ލޯބިވިއެވެ. އެއީ އެ ހިނިތުންވުން އޭނައަށް ފެނުނު ފުރަތަމަ ފަހަރު ވީމަ ވެސްއެވެ. އަދި ނަޝާ ބުނި ގޮތުގައި އެ ކުއްޖާއަށް ހެވޭ ގޮތަކީ އެއީ ކަމަށް ބުނެފައިވާ ގޮތުންވެސްމެއެވެ.
“އަޅެ ކޮންކަމަކަށްތަ މާޒިން ތެންކިއު ތި ބުނީ؟ ދެންމެ ކުލަތައް ނަގައި ދިނީމަތަ؟ ނޫނީ މާ ކުރިން ވީ ކަމަކާތަ؟” ހިބާ މާޒިންގެ ކައިރިއަށް ގޮސް ސުވާލުކުރިއެވެ. އެ ސުވާލުތަކާއިއެކީ މާޒިން ހިބާއަށް ބަލައިލި ހިނދު، މުދައްރިސްގެ މޭޒުމަތީގައި އޮތް ހިބާގެ ފޯނު ރިންގުވާން ފެށި އަޑު އިވުނެވެ.
އެއާއިއެކު ހިބާ މަޑުކޮށްލައްޗޭ ބުނަމުން ގޮސް ފޯނު ނެގިއެވެ. ފޯނުގެ ސްކްރީނުން މާޒިންގެ ނަން ފެނިފައި ހިބާ މާޒިންއަށް ބަލައިލަމުން ހިނިތުންވުމަކާއިއެކީ ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.
“ހެލޯ ހިބާ….މާޒިން ނައިސްގެން ލަސްވާތީ….އިތުރު މަސައްކަތެއް ހައްދަނީތަ މިއަދު؟” އެކޮޅުން މާޒިންގެ މަންމަ ވާހަކަ ދެއްކި އަޑު އިވުނެވެ.
“ނޫނޭ….ދެންމެ ކުޑަކުޑަ ކަމެއް ދިމާވީ….މާޒިންގެ މަންމައާއި ވާހަކަ ދައްކާލަން މިއީ ވަރަށް ރަނގަޅު ވަގުތެއް. އެބަ އަންނަން މާޒިން ގޮވައިގެން ބޭރަށް…” ހިބާ ހިނިތުންވުމެއްގައި ހުރެ ބުންޏެވެ. ހިބާގެ އަޑުގައި އުފާވެރިކަމެއް އެކުލެވިފައިވުމުން އެކޮޅުން މާޒިންގެ މަންމަ ވެސް ހީލުމަކާއިއެކީ އެންމެ ރަނގަޅޭ ބުނި އަޑު އިވުނެވެ. އެއަށްފަހު ހިބާ ފޯނު ކަނޑައިލަމުން މާޒިންއާއި އެކީ ކުލާހުން ނިކުންނަން ދިޔައެވެ.
އެ ވަގުތު ކުދިންތައް ގޮވައިގެން ސްކޫލުން ނިކުންނަމުން ދިޔަ އެތައް ބެލެނިވެރިންނެއްގެ ތެރެއިން، ކޮރިޑޯގެ ކައިރީގައި ހުއްޓިހުރި މުނީރާ ފެނިފައި ހިބާ މާޒިން ގޮވައިގެން އެދިމާލަށް ދިޔައެވެ.
“ކޮބާ މިއަދު ސްކޫލް މަޖާތަ މާޒިން؟” މުނީރާ އެހެން އަހައިލީ ކުޑަކޮށް ތިރިވެ މާޒިންއާއި ހަތަރުކަޅި ހަމަކޮށްގެންނެވެ. އޭގެ ޖަވާބުގައި މާޒިން ބޯޖަހައިލި ގޮތުން ހިބާއަށް ހިނިތުންވެލެވުނެވެ. މާޒިންގެ މަންމަ މާޒިންއާއި މެދު ކަންތައް ކުރާގޮތުން، މާޒިންގެ ޙާލަތާއިމެދު ކަން ކުރަންވީ ގޮތް އެ މަންމައަށް ސާފުވެފައިވާކަން އެނގުންވުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ.
“ހެހެ….މި ދޭތެރެއަކު ސްކޫލް ފޫހިވެގެންވެސް އުޅުނޭ. ހިބާ މިސް ނެތިގެން…” މުނީރާ މާޒިންގެ ދަބަސް ހޯދަމުން ހިބާއާއި ވާހަކަ ދެއްކިއެވެ. އެހިނދު މާޒިން މުނީރާގެ ކައިރީގައި ހުއްޓިލީއެވެ.
“އަސްލުވެސްތަ؟ ނަސީބެއްނު މާޒިން ސްކޫލް ބަދަލު ނުކުރަނީސް މިސްއަށް އާދެވުނުކަންދޯ؟” ހިބާ އެއްފަހަރު މުނީރާއަށް އަނެއްފަހަރު މާޒިންއަށް ބަލަމުން ބުންޏެވެ.
“ހަމަ އަސްލުވެސް! އަބަދުވެސް ބުނާނީ ހިބާ މިސް ވަރަށް މަޖާވާނެއޯ. ހިބާ މިސް އިޒް ދަ ބެސްޓް އޯ…” މުނީރާ ކިޔައިދިނެވެ.
“ހެހެ….ގޭގަ ވަރަށް ވާހަކަ ދައްކާދޯ؟”
“އާނ…..ހަމަ މާޒިންގެ ހިތަށްއެރުން އެކަމުގަ އޮންނާނީ. ހިބާ މިސް ކައިރީގަ ބުނަން އުޅުނު ވާހަކަ ބުނެފިންތަ ދަރިފުޅު؟” މުނީރާ މާޒިން ކުރެން އެހިއެވެ. އެއާއިއެކު މާޒިން ލަދުވެތިކަމާއި ނުތަނަވަސްކަން އެކުލެވޭ ގޮތަށް އެކި ދިމަދިމާލަށް ނަޒަރު ހިންގަން ފެށުމުން ހިބާ ވާހަކަ ދެއްކިއެވެ.
“ހަމައެކަނި ތެންކިއުއޭ ބުނީ މިސް ކައިރި. ނޭނގެ ކޮން ކަމަކަށް ބުނެލި ތެންކިއުއެއް ކަމެއްވެސް. އަދި މާޒިން ނުބުނޭ މިސް ކައިރި…” ހިބާ ކިޔައިދިނެވެ.
“ތެދެއް މާޒިން؟ އަހަރެން ކައިރިއަކު ވެސް ނުބުނެއޭ ކޮން ވާހަކައެއް ކަމެއް. އެހެންވީމަ ނޭނގެ ހިބާއަށް ކިޔައިދޭކަށް. އެނގުނު ދުވަހަކުން ހިބާއާއި ބައްދަލުކޮށްލާފަ ކިޔައިލަދޭނަން….އަސްލު ބޭނުންވޭ ކޮންމެވެސް ދުވަހަކުން ހިބާއާއި ވަކިން ބައްދަލުކޮށްލަން…ހިބާއާއި ދައްކަން ބޭނުންވާ ވާހަކަތަކެއް ހުންނާތީ..”
މުނީރާ ފުރިހަމަ ހިނިތުންވުމަކާއިއެކީ އެ ވާހަކަތައް ދައްކަމުން ގޮސް އެ ފަހު ބަސްތައް ބުނެލިއިރު ހިނިތުންވުން ފޭދިގެން ދިޔަކަން ހިބާއަށް ވެސް ފާހަގަ ކުރެވުނެވެ.
“އެންމެ ރަނގަޅު….މި ހަފްތާގެ ކޮން ދުވަހެއްތޯ މާޒިން މަންމައަށް ރަނގަޅީ ބައްދަލުކޮށްލަން؟” ހިބާ އެހެން އަހައިލީ، އޭނައަކީ އެފަދަ ބައްދަލުވުންތައް ފަސްކުރާ މީހަކަށް ނުވާތީވެއެވެ. ކުއްޖާއާއި ގުޅޭ މުހިއްމު ވާހަކައެއް ވެސް ބެލެނިވެރިޔާ ބުނަން އޮވެފާނެތީވެއެވެ. އަދި އަމުދުން އެ ވަގުތު އެ ބަސްތައް ބުނެލީ، އޭނަ ވެސް ސުވާލުތަކެއް ކޮށްލަން ބޭނުންވެފައިވާ އަންހެނަކަށް ވާތީވެއެވެ.
“މިއަދު އަނެއްހެން ފްރީވާނެ….މިރޭގެ ވަގުތެއްގަ ކިހިނެއްވާނެ؟” މުނީރާ އެހިއެވެ.
“މިރޭ….މިއަދު ހަވީރު ކިހިނެއްވާނީ؟” ހިބާ ވިސްނާލާފައި ބުންޏެވެ.
“އާނ އެންމެ ރަނގަޅު….އަލަތު ކައިވެންޏެއް ކޮށްގެން އުޅޭ ކުއްޖެއް ކައިރި ރޭގަނޑު ބައްދަލުކުރަން ބުނާކަށް ވެސް ނުވާނެތާ….ހެހެ…އަލަތު ކައިވެންޏަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަން!” މުނީރާ ދެއްކި ވާހަކައިން ހިބާ ގަތް ލަދާއިއެކީ ހީލި ހިނދު ކޯތާފަތް ރަތްވިއެވެ.
މުނީރާގެ ފަހު ބަސްތަކަށް ހިބާ ޝުކުރު އަދާ ކުރުމަށްފަހު އަލްވަދާޢު ކިޔުމުން އެދުވަހު ހިބާއާއި މުނީރާ ވަކިވެގެން ދިޔައެވެ. އެހެނަސް އެ އަންހެން މީހާގެ ހިތްހެޔޮކަމާއިއެކީ އިޙްސާސް ކުރެވުނު ގާތްކަން ހިބާ ހަނދާން ނެތޭ ގޮތެއް ނުވެއެވެ. އެފަދައިން ހަނދާން ނުނެތޭ ވާހަކައެއްނަމަ އެ ވާހަކަ ދެއްކުމަކީ ހިބާގެ އާދައަށް ވުމުން ހިބާ ގޮސް ގެއަށް ވަނުމާއިއެކު ދާރިސްގެ ކަންފަތް ފުރުވަން ފެށިއެވެ.
“އޯ އެމް ޖީ ޔޫ ވިލް ނޮޓް ބިލީވް އިޓް! އަހަރެން ކުލާހުގަ އެއްވެސް ގޮތަކަށް ވާހަކަ ނުދައްކާ އިންނަ ކުއްޖަކު މިއަދު ވާހަކަ ދައްކައިފި!” ކޮޓަރިއަށް ވަނުމާއިއެކު ހިބާ ފުރިހަމަ ހިނިތުންވުމަކާއިއެކީ ހޫނު ޚަބަރެއްހެން ކިޔައިލަދިނެވެ.
“އޮ އޯ! ކޮންމެވެސް ކުއްޖަކު ބުނި ވޯކްގެ ވާހަކަ ގޭގަ ނުދައްކަން ހަނދާން ކޮށްދޭށޭ. އެކަމަކު އެ ކުއްޖާ މި ވާހަކަ ދައްކަނީ ވެސް ވަރަށް ހެޕީކޮށް. ކިހިނެއް ހަދާނީ؟” ދާރިސް އޮޅުމެއްގައި ވީ ފަދައަކުން އެ ސުވާލުކޮށްލީ، ކޮޓަރީގައި ހުރި ފޮތް ހަރުގަނޑުގެ ފޮތްތައް ތަރުތީބު ކުރަމުންނެވެ.
“ހެޕީކޮށް ދައްކާ ވާހަކައެއް ވިއްޔާ އަޑުއަހާނީ! އެއްކަލަ އޯޓިޒަމް ހުންނަ ކުއްޖާގެ ވާހަކައޭ މި ދައްކަނީ…” ހިބާ އޭނަގެ ދަބަސް ކިޔަވާ މޭޒުމަތީގައި ބޭއްވުމަށްފަހު ޝޯލްއިން ޕިން ނައްޓަމުން ކިޔައިދިނެވެ.
“އަސްލުވެސް؟ އެކަމަކު ހިބާ ބުނީ އެއީ ވަރަށް ފަހުން އެ ސްކޫލަށް ޖޮއިން ކުރި ކުއްޖެކޭ ނޫންތަ؟” ދާރިސް ހިސާބެއްގެ ޙައިރާންކަމަކާއިއެކީ ސުވާލުކުރިއެވެ.
“އާނ….އެކަމަކު އެ ކުއްޖާ މާލެއިން ތެރަޕީވެސް ހޯދާތީ ކަންނޭނގެ އެހާ ފާސްޓްކޮށް އިމްޕްރޫވްވެގެން އެ ދިޔައީ. މިހާރު މިކޮޅުން ވެސް އޯޓިޒަމް ތެރަޕީ ހޯދެއޭ….މިކޮޅުން އޭޒް އިން މާލެއިން.”
“އައި ސީ….”
“އައި ވޯޒް ސޯ ހެޕީ! ހަމަ އެންމެ ހީ ނުކުރާ ގަޑީގަ ފަހަތުން އިވުނީ ‘ތެންކިއު، ހިބާ މިސްއޭ’ ބުނި އަޑު. ސޯ ކިއުޓް! އަސްލު އެ ބަސްތައް އިވިފަ ދާރިސް މަތިން ވެސް ހަނދާންވި. ދާރިސް އަހަންނާއި އެންމެ އެންމެ ފުރަތަމަ ވާހަކަ ދެއްކި ދުވަސް. ހަމަ ތެންކިއުއޭ ނޫންތަ ބުނެލީ؟” ހިބާ ޝޯލް އެއްކޮށް ބޭލުމަށްފަހު ދާރިސްއާއި ކުރިމަތިލަމުން ހިނިތުންވުމަކާއިއެކީ ބުންޏެވެ.
“އޮހް! އެ ދުވަސްދޯ؟ ހެހެ….” ދާރިސް އެ ހަނދާން އާވުމުން ހީލިއެވެ.
“ހުމް….މިހާރު ވިސްނައިލީމަ މި އެނގެނީ….އަސްލު މާޒިންއާއި ދާރިސް ވަރަށް އެއްގޮތް…އޯޓިޒަމް ހުންނަ ކުދިން އަހަންނަށް ވަރަށް ފެނިފަ އެބަހުރި. އެކަމަކު މާޒިންއާއި ދާރިސް ހަމަ ވަރަށް ސިމިލާރ…” ހިބާ އެއްދިމާލަކަށް ބަލަން ހުރެ ދެއްކި ވާހަކައިގެ ތެރެއިން އިވުނު ނަމަކުން ދާރިސްގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.
“ހުމް މާޒިން….އެދުވަހު ބުނީމެއްނު މާޒިންގެ ވާހަކަ؟ މިއަދު މާޒިންގެ މަންމައާއި ވަކިން ބައްދަލުކޮށްލަން ހަވީރު ނިކުމެލަން ވެސް އެބަޖެހޭ…” ހިބާއަށް އެ ބުނެވުނު ބަސްތަކުގެ ބުރަދަން އެނގުންވީ ބުނެ ނިމުނު ފަހުންނެވެ. މާޒިންގެ ޚިޔާލުތަކާއިއެކީ ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން ރޭ ދާރިސްއާއި އޭނައާއި ދެމެދު ދެކެވުނު ވާހަކަތައް އެ ހިނދުކޮޅުގައި ހަނދާން ނެތިފައިވީއެވެ.
‘މާޒިންގެ މަންމަ’ އޭ ބުނެވުމާއިއެކު ރޭ ދާރިސްގެ މޫނުމަތިން ފެނިގެން ދިޔަ އަސަރުތައް ފާޅުވެގެން ދިޔުމުން ހިބާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ގޮތްވިއެވެ. އެހެނަސް އޭނަ މިއަދު ހަވީރު މާޒިންގެ މަންމައާއި ބައްދަލުކުރަން އުޅޭ ވާހަކަ އެހެން ނޫނަސް ދާރިސް ގާތު ބުނަން ޖެހޭކަން ހަނދާންކުރަމުން، ހިބާ ދާރިސްގެ ކައިރިއަށް ގޮސް ހުއްޓިލިއެވެ.
“މާޒިންގެ މަންމަ ބުނެގެން މާޒިންއާއި ބެހޭގޮތުން ކުޑަ ވާހަކައެއް ދައްކާލަން ދާން މިއުޅެނީ….ވިލް ބީ ބެކް ސޫން..” ހިބާ އާދައިގެ އަޑަކުން ވާހަކަ ދެއްކުމަށްފަހު، ފަހު ބަސްތައް ބުނެލީ ދާރިސްގެ ކަންފަތް ދޮށުގައި ސިއްރުންނެވެ.
ހިބާގެ އެ ޙަރަކާތުން އޭނަ ބޭނުންވި ފަދައިން ދާރިސް އޭނައާއި ހިނިތުންވެލިއެވެ. އެހެނަސް އެ ހިނިތުންވުން ދާރިސްގެ ލޮލާއި ހަމައަށް ނުފޯރައެވެ. އެކަމާއިމެދު ވާހަކަ ދައްކަން ބޭނުންވިޔަސް ހިބާ ހިމޭންކަން ޚިޔާރުކުރިއެވެ. ދާރިސް ޙިއްސާކުރަން ބޭނުންނުވާ ވާހަކައެއް ގަދަކަމުން ދެނެގަންނަން މަސައްކަތް ކުރުމުން ދެމީހުންގެ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެތީވެއެވެ. އޭގެ ބަދަލުގައި ހިބާ އަމިއްލައަށް ހީވާ ހީވުންތަކަކީ ޙަޤީޤަތެއްތޯ ބެލުމަށް ފިޔަވަޅުތައް އަޅަން ނިންމިއެވެ.
**
އެދުވަހުގެ ހަވީރު ވަގުތު ހިބާ އިނީ މުނީރާއާއިއެކީ ރެސްޓޯރެންޓެއްގެ މޭޒުދޮށުގައެވެ. ހިބާ އެތަނަށް ދިޔައީ މުނީރާގެ ދަޢުވަތަކަށެވެ. އެ ސަޔަށް މުނީރާ ލާރި ދޭނެ ކަމަށް ކުރީ ބައިގައި ބުންޏެވެ. މާޒިންއަށް އެހާ ކަމުދާ މުދައްރިސަކަށްޓަކައި އެހާވަރު ކަމެއް ކޮށްދެވިދާނެތާއޭ ބުނަމުންނެވެ.
ދެމީހުން ރެސްޓޯރެންޓުން ދިމާވުމާއިއެކު ވެސް މާޒިންގެ ވާހަކަތައް ދެކެވެން ފެށިއެވެ.
“ގެއަށް ގޮއްސަ މާޒިންއާއި ސުވާލު ކުރީމަ ބުނެފިއޭ ހިބާ މިސްއަށް ތެންކިއު ބުނީ ކީއްވެކަން….ބުނީ އެއްދުވަހު ޕީއީ ކުޅެމުން ދިޔައިރު ބޫޓުގެ ނާޑުވާ ނެއްޓިފަ ހުއްޓާ ހިބާ މިސް އައިއްސަ އަޅުވައިދިނީއޯ. އަޅުވައި ނުދިންނަމަ މާޒިން ވެއްޓިފަ ތަދުވީހެއް ނޫންހެއްޔޯ…” މުނީރާ އެ ވާހަކަ ބުނެލީ، ދެމީހުންގެ އޯޑަރު ނެގުމަށްފަހު ވެއިޓަރު ދިޔަ ވަގުތެވެ.
“ސުބްޙާނަ ﷲ އަހަރެން ތި ދުވަސް މަތިން ހަނދާންވެސް ނެތުނުފަހުން ތި ޝުކުރުގެ ބަސް އައީ…”
“ހެހެ….ބަލަމާ ދެން ރަނގަޅުވަމުން ދާނެކަމަށް އިން ޝާ ﷲ! ހަމަ ޙަޤީޤަތުގަ ވެސް ހިބާއާއި ދިމާވި ފަހުން މާޒިން ހުންނަނީ ވަރަށް އުފާވެފަ. ވަރަށް އެންމެންނާއި އެކުވެރިވާ ހިތްވެފަ…ހިތަށްއަރަނީ…..”
މުނީރާ އެއްދިމާލަކަށް ބަލަން ހުރެ ވާހަކަ ކުރިއަށް ގެންދަން އުޅުނެވެ. އެހެނަސް ހިބާ އެ ވާހަކައިގެ އިންތިޒާރުގައި މާ ގިނައިރުވާން ފެށުމުން އެއްޗެކޭ ބުނެލަން ޖެހުނެވެ.
“ހިތަށްއަރަނީ؟” ނުހަނު އެނގެން ބޭނުންވެފައި އިނދެ އަހައިލެވުނެވެ. އެއާއިއެކު މުނީރާ ނުތަނަވަސްވީ ފަދައަކުން ހިބާއަށް ބަލައިލިއެވެ.
“ހް…ހެހެ…އެއީ މާ ބޮޑު ވާހަކައެއް ނޫން…ހިބާ ބުނެބަލަ. ދެން މާޒިންއާއި ބެހޭގޮތުން ހިބާ ބުނަން ބޭނުންވާ އެހެން ވާހަކައެއް އެބައޮތްތަ؟”
“އަނެއްހެން ނެތް….އަބަދުވެސް ބުނާހެން މާޒިންއަކީ ނުލާހިކު ބަސްއަހާ، މޮޅު ކުއްޖެއް މާ ޝާ ﷲ! ދެން މިހާރު ވާހަކަ ދެއްކުމުގެ ބައިވެސް ރަނގަޅުވަމުން އެ ދަނީތާ….” ހިބާ ބުންޏެވެ. މުނީރާ އެ ވާހަކައަށް އާނއެކޭ ބުނުމުން އެ ދެމެދަށް ހިނދުކޮޅެއްގެ ހިމޭންކަމެއް ވެރިވިއެވެ. މުނީރާ ހޫންލައްވައިލަމުން ވަކި އިތުރު އެއްޗެކޭ ނުބުންޏެވެ.
އެ ހިމޭންކަމުން އުދަގޫވުމާއިއެކު ހިބާ މުނީރާއާއި ކުރަން ބޭނުންވާ އެތައް ސުވާލެއް ވުމުން ހިބާއަށް ވާހަކަ ދެކެވުނެވެ.
“ސުވާލެއް ކޮށްލަންތަ މާޒިން މަންމާ؟ މާޒިންއާއި ގުޅޭ ވާހަކައެއް ނޫން އެކަމަކު….” ހިބާ ބުންޏެވެ.
“އާނ ހަމަ އެއްވެސް މައްސަލައެއް ނޫން. އަވަހަށް ބުނޭ.” މުނީރާ ޝައުޤުވެރިކަމާއިއެކީ އެދުނެވެ.
“މާޒިން މަންމައަށް އަޅުގަނޑުގެ ބައްޕަ އެނގެނީ ކިހިނެއްތަ؟” ހިބާ އެ ކޮށްލީ، މުނީރާ ފުރަތަމަ ފެނުނު ދުވަހު މުނީރާ އޭނަ ގާތު ބުނެލި ބަސްތަކާއިއެކީ ވެސް ކުރަން ބޭނުންވެގެން ހުރި ސުވާލެވެ. ކޮށްލެވުނު އެ ސުވާލުން މެއަށް ފިނިވެގެން ދިޔައީ އެހެންވެ ކަންނޭނގެއެވެ.
“ހިބާގެ ބައްޕަ ޝަހީދު، ދޯ؟ ޝަހީދު ނޭނގޭނެ މީހެއް އެ ޒަމާނުގަ ވަރަށް މަދުވާނެ ކަންނޭނގެ މާލޭގަ. ހަމަ ފެންނަ ކޮންމެ މީހަކަށް އެހީވަމުންދާ ހިތްހެޔޮ އިންސާނެއްވިއްޔާ އެއީ….ހިބާގެ ބައްޕަ މާލޭގަ ވިޔަފާރިއެއް ފަށަން އުޅުނީ ގާތް ދެ އެކުވެރިންނާއި އެކީ….އެކަމަކު އެ އެކުވެރިންގެ ތެރޭގަ އެހެން އެތައް މީހުން ހިމެނީ އެ މީހުންނަށް އެހީވެދިނުމަށް. މާޒިން މަންމައަކީ ވެސް އޭރު ކިޔަވައިގެން ހުއްޓަސް ދަތިކޮށް އުޅެމުން ދިޔަ އަންހެނެއް. މާޒިންގެ މަންމައަށް ވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލި މީހަކަށްވީ ހަމަ ހިބާގެ ބައްޕަ….ބީރައްޓެއްސެއްގެ ފަރާތުން ލިބިދާނެހެން ހީނުވާފަދަ އެހީތަކެއް ޝަހީދު ވެދީފަ ހުރީ….މާތް ﷲ ޝަހީދުގެ ފާފަތައް ފުއްސަވައި ގިނަގުނަ ޘަވާބު ދެއްވާށި. އާމީން..” މުނީރާ އެހެން ބުނުމުން ހިބާ ވެސް ބައްޕަ މަތިން ހަނދާންވެ ހިތަށްކުރި އަސަރާއިއެކީ ‘އާމީން’ އޭ ބުނެލިއެވެ. އެއަށްފަހު އަނެއްކާވެސް ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު މުނީރާގެ ފަހު ވާހަކައާއި މެދު ވިސްނަން އިނދެފައި ވާހަކަ ދެއްކިއެވެ.
“ހަމަ އަސްލުވެސް…..ބައްޕަ ނޭނގޭ މީހުންނަށް ވެސް އެތައް ބައިވަރު އެހީއެއް ވެދޭނެ. އަހަރެން ކުޑައިރު ކޮންމެވެސް ފިރިހެން ކުއްޖަކު ވެސް ގެއަށް ގެނެސް އަހަރެންގެ ކޮޓަރި ދީގެން ގެންގުޅުނު….” ހިބާ މުނީރާއަށް ފަރުވާތެރިކަމާއިއެކީ ބަލަން އިނދެ ކިޔައިދިނެވެ. އޭނަގެ ފަހު ޖުމްލައިން މުނީރާގެ މޫނުމަތިން އުޖާލާކަމާއި އިތުރަށް ދެނެގަންނަން ބޭނުންވާ އަސަރެއް ފާޅުވިއެވެ.
“ރަނގަޅަށް އުޅުނުތަ އެ ކުއްޖާ ތި ގޭގަ؟ ވަރަށް އުދަގޫ ކުރިތަ ހިބާއަށާއި ހިބާގެ ބައްޕައަށް؟” މުނީރާ ކޮށްލި ސުވާލުތަކުން ހިބާގެ ދެބުމަ ކައިރިވިއެވެ. މުނީރާ އެ ސުވާލުތައް ކުރި ގޮތުން ދާރިސްއާއި މުނީރާގެ ކޮންމެވެސް ގުޅުމެއް އޮތްކަން ހިބާއަށް ޔަޤީންވިއެވެ. އެހެނަސް ދާރިސް މީހަކަށް އުދަގޫކޮށްފާނެތޯ ހީކުރި ގޮތުން މުނީރާއަށް ދާރިސް ރަނގަޅަށް ނޭނގެނީތޯ ހިތަށްއެރިއެވެ.
“ނޫން އުދަގުލެއް ނުކުރޭ….ހަމަ ވަރަށް ބަސްއަހާ، ރަނގަޅު ކުއްޖެއް އެއީ. މާޒިން ގޮތަށް….މާޒިން މަންމައަށް ދާރިސް އެނގެނީތަ؟”
ހިބާ ކޮށްލި ފަހު ސުވާލާއިއެކީ އެ މޭޒުދޮށަށް މަރު ހިމޭންކަމެއް ވެރިވިއެވެ.
ނުނިމޭ