ދާރިސް އަޅިކުލައިގެ ކާރުގައި ހިބާގެ ސްކޫލާއި ގާތްވަމުން ދިޔައީ، އުޑުމަތި ބަނަކޮށް އޮތް ދުވަހެއްގައެވެ. ސްކޫލާއި ގާތްވަމުން ދިޔަދިޔަހެން ހިބާ ސްކޫލްގެ ގޭޓުން ބޭރުގައި ހުރިތަން ފެނިފައި ހިތާހިތުން ދާރިސްއަށް ކުދި ކިޔައިލެވުނެވެ. މިހާ ފިނި ދުވަހެއްގައި މީހަކު އަންނަން ދެން އެތެރޭގައި ހުންނަން ވުމުން މި ކުއްޖާ ކީއްކުރަނީތޯ ބުނެވުނެވެ.
ގޭޓާއި ކައިރިވަމުން ދިޔަ ވަގުތު ދާރިސްއަށް ހިބާގެ ސޫރަ ސާފުވެގެން ދިޔުމުން، އެހެން ދިމާލަކަށް ނަޒަރު ބަދަލުކުރަން ނޭނގިފައި ދާރިސްއަށް އިނދެވުނެވެ. ފޯނު ކަންފަތުގައި ޖައްސައިގެން ހުރި ހިބާގެ ސޫރަ އެއްފަރާތުން ފެނިގެން ދިޔަ ގޮތުން ވެސް ދާރިސް އާޝޯޚުވިއެވެ. އެތާ ހުއްޓި އެހެރީ އޭނަ ޙަޔާތުގައި ވެސް ދުށް އެންމެ ރީތި ކުއްޖާކަމަށް ޤަބޫލުކުރެވުނު ހިނދު ޚުދު އޭނަވެސް ޙައިރާންވާހާވިއެވެ. އެއިން އެނގިގެންދަނީ އޭނަގެ ހިތުތެރޭގައި ހިބާއަށްޓަކައިވާ އިޙްސާސްތައް ފުންވެފައިވި މިންވަރުކަން އެނގުންވި ވަގުތަކީ، ދާރިސް ހިބާގެ ކުރިމަތީގައި ކާރު މަޑުކޮށްލި ވަގުތެވެ. ހަމަ އެހިނދު ހިބާއާއި އޭނަގެ ހަތަރުކަޅި ބައްދަލުވެގެން ދިޔުމުން ދާރިސްއަށް ކުއްލި ގޮތަކަށް އިސްޖަހައިލެވުނެވެ. އަދި އެ އިންގޮތަށް އިނީ އެހެން ދިމާލަކަށް ނަޒަރު ނުހިންގަން ޢަޒުމް ކަނޑައަޅަމުންނެވެ. އެއީ ހަމައެކަނި ބެލުން ތިރި ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވީތީވެއެއް ނޫނެވެ. އެއާއިއެކު އޭނަ އެ ސޫރައަށް އިތުރު ނަޒަރެއް ދީފިނަމަ، އޭނަގެ ހިތުގައިވާ އިޙްސާސްތައް އޭނަގެ އަތްދަށުން ދޫވެ ހިނގައިދާނެކަމުގެ ބިރު ހީވީތީވެސްމެއެވެ.
ފަރީދުބެ އެކޮޅުން ދެއްކި ވާހަކައަށް އެއްޗެކޭ ނުބުނެ، ހިބާއަށް އިރުކޮޅެއް ވަންދެން ކުރިމަތިން ފެންނަމުން ދިޔަ ސޫރައަށް ނަޒަރު ހުއްޓައިގެން ހުރެވުނެވެ. އެ ހިނދު ކީއްވެކަމެއް ނޭނގެއެވެ. ދާދި ދެންމެއަކު ފަރީދުބެ ކާރެއް އެބަ ފޮނުވަމޭ ބުނުމުން ހިތުގައި އުފެދުނު ބިރުވެރިކަން، އެ ސޫރަ ފެނިފައި ނެތިގެން ގޮއްސިއެވެ. އަދި އަމުދުން އެ ކާރު ދުއްވަން ހުރި މީހަކު އޭނަގެ ސޫރަ ފެނުމާއިއެކު ބެލުން ތިރިކޮށް އެ އިން ގޮތަށް އިންނަން ފެށުމުން އިތުރު ރައްކާތެރިކަމެއް އިޙްސާސް ކުރެވުނެވެ.
ގެންނަންވީ ވަކި ޙަރަކާތެއް ނޭނގި އަމިއްލަ ހިތުގެ ތެޅުމުގެ އިޙްސާސް ކުރަން ހިބާ ހުރި ގޮތަށް ހުއްޓާ، ފަރީދުބެ ހިބާގެ ނަމުން ގޮވައިލި ވަގުތަކީ ކުއްލިއަކަށް ވާރޭ ވެހެން ފެށި ވަގުތެވެ. އެއާއިއެކު ހިބާއަށް ވަގުތުން ނިންމުމެއް ނިންމަމުން ކާރުގެ ފަހަތު ސީޓުގެ ދޮރު ހުޅުވައި ކާރަށް އެރުނީ މާ ބޮޑު ވިސްނުމެއްވެސް ނެތިއެވެ. ކާރު މަތީގައި ވާރޭ ތިކިތައް ޖެހެން ފެށި އަޑަށް ކަންބޮޑުވި ދާރިސް ހިބާ ހުރި ދިމާލަށް ބަލައިލި ވަގުތަކީ ހިބާ ފަހަތު ސީޓަށް އަރައި ދޮރު ލައްޕައިލި ވަގުތެވެ. އެހިނދު ހިބާ އޭނަގެ އެހީ ޤަބޫލުކޮށްފިކަން އެނގުމުން ދާރިސްއަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ.
“ހެހެ…ހިބާ ތި އެރީދޯ ކާރަށް؟ ރަނގަޅު ނިންމުމެއް ތި ނިންމީ….ނިކަން ސްޕީކަރަށް ލާބަލަ ތި ކާރު ދުއްވަން އިން ކުއްޖާ ގާތު ބޭބެ ވާހަކައެއް ބުނެލަން…” ފަރީދުބެ އެހެން ބުނި އަޑު ހިބާއާއި އެކީ ދާރިސްއަށް ވެސް އިވުނީ ފޯނުގެ ކޯލް ސައުންޑް ފުދޭވަރަކަށް މަތި ކުރެވިފައިވުމުންނެވެ. ހިބާ ފަރީދުބެގެ ވާހަކައަށް ވަކި އެއްޗެކޭ ނުބުނެ ފޯނު ކަންފަތުން ނަގައިލަމުން ފަރީދުބެ ބުނި ގޮތަށް ހެދިއެވެ.
“ސްޕީކަރަށްލާފަ މިހިރީ ބޭބޭ…” ހިބާ އެހެން ބުނެލީ ސީރިއަސްކަމާއި އެކީގައެވެ. އެ ޙާލަތާއިމެދު ފަރީދުބެ ވާހަކަ ދެއްކި ގޮތުން ހިސާބަކަށް ނުރުހުންވެ އިނދެއެވެ. ހިބާގެ އަޑުންވެސް ދާރިސްއަށް އެކަން ނަގައިގަނެވުނެވެ.
“އާނ ދާރިސް! ވަރަށް ބޮޑަށް މަޢާފަށް އެދެން ދާރިސް މިއަދު ހިބާ ބަލާ ދާންޖެހުނު ކަމަށްޓަކައި. ބޭބެ މިއަދު ހަމަ މާ ބޮޑަށް ބިޒީވީމަ ވީގޮތް…” ފަރީދުބެ ބުނި އަޑު އިވުނެވެ.
“އެއީ އެއްވެސް މައްސަލައެއް ނޫން ބޭބޭ. އަޅުގަނޑު ހިބާ ގެންގޮސްދޭނަން ގެއަށް.” ދާރިސް އެހެން ބުނެލީ އެތާތިބި އެހެން ކާރުތަކަށް ބަލަމުން އޭނައަށް ކުރިއަށް ދެވޭނެ ފުރުސަތަކަށް ބަލަމުންނެވެ. ދާރިސް އޭނަގެ ނަން ކިޔައިލި ހިނދު ހިބާއަށް އޭނައާއި ދިމާލަށް ބަލައިލެވުނީ ކުއްލި ގޮތަކަށެވެ. އެވަގުތު އެ ނަން އިވިގެން ދިޔަ ގޮތާއިމެދު މާ ބޮޑަށް ގަޔާވެގެން ދިޔުމުން ހިބާއަށް އަމިއްލަ އިޙްސާސްތަކާއިމެދު ވިސްނައިލަން މަޖުބޫރުވިއެވެ.
“ހާދަ ރަނގަޅޭ. އެހެންވީމަ ބޭބެ ފޯނު ބޭއްވީ އިނގޭ. އަސްލު ފޯނު ކޯލުގަ ހުރެވޭވަރަށްވުރެ ބުރަކޮށް މިއަދު މިއުޅެނީ. ދެކުދިން ވަރަށް ބަސްއަހައިގެން ތިބެ ދަތުރުމަތީގަ ވާހަކަ ދައްކާލައްޗޭ! ބޭބެ ދިޔައީ!”
ފަރީދުބެ އެހެން ބުނެ ކުއްލި ގޮތަކަށް ފޯނު ކަނޑައިލި ވަގުތު ހިބާއަށް ‘ބޭބޭ’އޭ ކިޔައި ގޮވައިލެވުނު ވަގުތު ދާރިސްއަށް ވެސް ލިބުނު ސިހުމާއިއެކީ ފަހަތަށް ލުއި ނަޒަރެއް ދެވުނެވެ. ދެންމެ ފަރީދުބެ ހެދީ ކިހިނެއްކަން ޤަބޫލުކުރަން ވެސް ނޭނގިފައި ދާރިސްއަށް އިނދެވުނުއިރު، ހިބާ އަނެއްކާވެސް ހާސްކަމާއިއެކީ ފަރީދުބެއަށް ގުޅަން ފެށިއެވެ. އެހެނަސް އެކޮޅުން ފަރީދުބެގެ ފޯނު ބިޒީކަމަށް އިވެން ފެށުމުން ދެވަނަ ފަހަރަށް ވެސް ހިބާ ގުޅިއެވެ. ދެވަނަ ފަހަރަށް ވެސް އެކޮޅުން އެކައްޗެއް އިވެން ފެށުމުން ހިބާއަށް ދޫކޮށްލެވުނު ކުރު ނޭވައާއިއެކީ ފޯނު ސީޓުމައްޗަށް ދޫކޮށްލެވުނީ ފަރީދުބެއަށް ވީ ނުރުހުމާއި އެކީގައެވެ.
އެ ވަގުތުކޮޅުގައި ހިބާއާއި ދާރިސްގެ ހިތުތެރޭގައި ހިނގައިލީ އެއްޒާތެއްގެ ނުތަނަވަސްކަމެކެވެ. އަނެއްކާވެސް ހިބާގެ އަތްފައި ފިނިވެ ހިތުގެ ތެޅުން އަވަސްވެގެން ދިޔަ ހިނދު، ދާރިސްއަށް ހުންގާނުގައި ހިފަހައްޓައިގެން ހުރި އަތަށް ބާރުކޮށްލެވުނެވެ. ހަމަ އެހިނދު ފަހަތް ފެންނަ ލޯގަނޑަށް ދާރިސް ބަލައިލި ވަގުތަކީ ހިބާއަށް ވެސް އެ ލޯގަނޑަށް ބަލައިލެވުނު ވަގުތެވެ. އިސާހިތަކު ދެމީހުންނަށް އެކީގައި ދުރަށް ބަލައިލެވުނެވެ. އަދި އޭގެ ދެވަނަ ސިކުންތުގައި ދާރިސް އެ ލޯގަނޑު ކުޑަކޮށް ތިރިކޮށްލިއިރު ހިބާ ވެސް ސީޓުގެ އަނެއްފަރާތަށް ޖެހިލިއެވެ.
ޙާލަތުގެ ގޮތުން ދާރިސް ބޭނުންވީ ވަގުތުން ކާރު ދުއްވައިލަމުން އެ ވަގުތުކޮޅަށް ނިމުމެއް ގެންނާށެވެ. އެ ވަގުތު ސްކޫލުން ނިކުމެގެން އައި އެހެން މުދައްރިސުން ވެހިކަލްތަކަށް އަރައި މަގުމަތި ފުދޭވަރަށް ހުސްވެސްވިއެވެ. އެހެނަސް ލޯގަނޑުން ހިބާގެ މޫނު ފެނުނު ވަގުތު އެ ނިތުގަޔާއި އެސްފިޔަތަކުގައި ފެން ހުރި މަންޒަރު ލޮލަށް ސިފަވެގެން ދިޔުމުން، ދާރިސް ކުރީ ސީޓުގެ ކުރިމަތީގައި ހުރި ކަބަޑަށް އަތް ދިއްކޮށް އެ ކަބަޑު ހުޅުވައިލިއެވެ. އެހެނަސް އެއީ ޢާއްމު ގޮތެއްގައި އޭނަ ގެންގުޅޭ ކާރަށް ނުވުމުން އެވަގުތު އެތާނގައި ޓިޝޫ ފޮށްޓެއް ނެތެވެ. އެކަމާއިމެދު ހިސާބަކަށް ނުރުހުންވެ އިނދެ ދާރިސް ކުރީ ސީޓުގައި ބޭއްވިފައި އޮތް އޭނަގެ ދިގު ކޯޓު ނަގައި އޭގެ ޖީބުތައް ބަލަން ފެށިއެވެ. ފަހަތު ސީޓުގައި ދާރިސްގެ ޙަރަކާތްތައް ބަލަން ހިބާއަށް އިނދެވުނީ ޙައިރާންވެފައެވެ. ދާރިސް ކީއްކުރަނީކަން ހިބާއަށް އެނގުންވީ، އެ ކޯޓުގެ ޖީބަކުން ހުދުކުލައިގެ ފަށްޖެހިފައިވާ ރުމާލެއް ނަގައި ދާރިސް އޭނައަށް ދިއްކޮށްލުމުންނެވެ.
“މޫނު….ފޮހެލައްވާ..” ކުރިމައްޗަށް ބަލަން އިނދެ ރުމާ ފަހަތަށް ދިއްކޮށްލަމުން ދާރިސްއަށް ބުނެވުނެވެ. އޭނައަށް ވާހަކަ ދެކެވުނީ މާތް ބަހުންކަން އެނގުންވި ވަގުތު ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ.
އެހެނަސް ހިބާއަށް އެ ބަހުގެ ދަރަޖަ ފާހަގަވެސް ނުވި ފަދައެވެ. ދާރިސް ދިއްކޮށްގެން ހުރި ރުމާލަށް ބަލަން އިންއިންހެން އޭނަގެ ހިތް މަޑު ކަފަ ކޮޅަކަށް ބަދަލުވެގެން ދިޔައެވެ. ހިބާއަށް އެއްފަހަރު އެ ރުމާލަށް އަނެއްފަހަރު ދާރިސްއަށް ބަލައިލަމުން މިއީ ހަމަ އޭނަ ދަންނަ ދާރިސްކަމަށް ހިތާހިތުން ކިޔައިލެވުނެވެ. ޚުދު އޭނައަށްވުރެ ވެސް ބޮޑަށް އޭނައާއިމެދު އަޅާލައި އުޅޭ ދާރިސްއެވެ. އެ ޚިޔާލު ހިތަށްވެރިވި ހިނދު ހިބާއަށް ހިނިތުންވެލެވުނީ ޚުދު އޭނައަށް ވެސް ނޭނގިއެވެ.
ހިބާ ލަސްލަހުން އެ ރުމާ ހޯދައިލުމުން ދާރިސް އިތުރަށް ވަކި ހިބާއަށް ބެލުމެއްނެތި ކާރުގެ ގިޔަރު ބަދަލުކުރަމުން ދުއްވައިލިއެވެ. ދާރިސް އެ ދަތުރު ނިމެންދެން ވެސް އޭނައަށް ނުބަލައި ވާހަކަ ނުދައްކައި ހުރެދާނެކަން ހިބާއަށް އެ ވަގުތު ޔަޤީންކުރެވުނެވެ. ހަމަ އެއާއިއެކު އޭނައަށް މިހާތަނަށް އެ ފިރިހެނަކާއިއެކީ ހުންނައިރު ފުރިހަމަ ރައްކާތެރިކަމެއް އިޙްސާސް ކުރެވޭ ޒުވާން ފިރިހެނަކީ ހަމައެކަނި ދާރިސްކަން ވެސް އެނގުންވިއެވެ.
ހިބާއަށް ހީވީ ރަނގަޅަށެވެ. ދާރިސް ނިންމައިގެން ހުރީ އެ ދަތުރު ނިމެންދެން އެންމެ ބަހެއް ވެސް ނުބުނެ ފަހަތް ނުބަލައި ހުންނާށެވެ. އެ ނިންމުމާއި ދެކޮޅުވުމަށް އޭނަގެ ހިތުގެ ކޮންމެ ތެޅުމަކާއިއެކީ އެ ހިތް އެދެމުން ދިޔަ ނަމަވެސްއެވެ. ހިބާއާއި އޭނައާއި ދެމެދުގައިވި ހިމޭންކަމަށް ދާރިސް ނަފްރަތު ކުރިއެވެ. ހަމައެކަނި އެ ކާރު ތެރޭގައެއް ނޫނެވެ. އޭނައަކީ ދާރިސްކަން އެނގުނު ފަހުން ހިބާ އޭނައާއި އެންމެ ބަހެއްވެސް ބުނެނުލާ ދުވަސްތައް ފާއިތުވާ ގޮތުން ދާރިސްގެ ހިތްދަތިވެއެވެ. ޙަޤީޤަތް ފާޅު ނުކުރެވުނުނަމައޭ އޭނަގެ ހިތަށްއެރި ޢަދަދެއް ޚުދު އޭނައަށް ވެސް ނޭނގެއެވެ. މިއަދާއި ހަމައަށް ވެސް އޭނަ ‘އީތަން ސާރ’ ގެ ގޮތުގައި ހުރިނަމަ ހިބާ އޭނައާއި ވާހަކަ ދެއްކީހޭ ހިތަށްއަރަމުން ދިޔައެވެ.
އެހެނަސް ތަޤްދީރުގައި އޮތް ގޮތް އޭނައަށް ބަދަލު ނުކުރެވޭނެތާއޭ ބުނެ ދާރިސް އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ ބަލައެވެ. ތަޤްދީރުގައި އޮތީ ހިބާއަށް ޙަޤީޤަތް އެނގި ހިބާ އޭނައަށް ނުރުހުންވުން ކަމަށްވާނަމަ އޭނަ ޖެހޭނީ އެކަން ޤަބޫލުކުރާށެވެ. އެއީ ކިތަންމެ ދަތިކަމަކަށް ވިޔަސްމެއެވެ.
ކޮންމެ ގޮތެއްވިޔަސް ހިބާ އެ ޤައުމުން ދިޔުމުގެ ކުރިން، ދާރިސް ހިބާއަށް އެ ޤައުމުގެ ރީތި މަންޒަރުތައް ދައްކަން ބޭނުންވިއެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނަގެ ހިތަށް ވެރިވި ޚިޔާލާއި އެއްގޮތަށެވެ. ދަތުރުމަތިން ހިބާ ފޯނު ނަގައި ބޭރުން ފެންނަމުން ދިޔަ މަންޒަރެއް ފޮޓޯ ނަގައިލި އަޑު އިވިފައި އެއީ އޭނަ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އަމިއްލަ އަމިއްލައަށް ބުނެވުނެވެ. މިއީ ހިބާ ކުޑައިރު ދާން ބޭނުންވި ޤައުމެކެވެ. އެކަން އެނގިހުރެ ހިބާއަށް އެ ޤައުމު ދެއްކުމަކީ ހިބާއަށް މެހުމާންދާރީ އަދާކުރި މީހެއްގެ ގޮތުން އޭނަގެ ޒިންމާއެއް ނޫންހެއްޔެވެ؟ އާނއެކެވެ. އޭނަ އެފަދަ ދަތުރެއް ހިބާއަށްޓަކައި ރާވަންވާނެއެވެ. ފަރީދުބެއާއި ހިބާ ގޮވައިގެން އޭނަ ސްވިޓްޒަލޭންޑްގެ ރީތި މަންޒަރުތައް ދައްކަން ދާނެއެވެ. އޭރުން އޭނައަށް ހިބާގެ ރީތި ހިނިތުންވުންތައް ވެސް ފެންނާނެތާއެވެ. އޭނައަށް ހިބާ ފެންނާނެ އެންމެ ފަހު ދުވަސްތަކުގައި ހިބާ އުފަލުން ހުރި މަންޒަރު ފެންނާނެތާއެވެ. އެ ޚިޔާލު ހިތަށް ވެރިވި ހިނދު އޭނަ މިވަގުތު ގުނަމުން މި ދަނީ އެ ފަހު ދުވަސްތައްކަން އެނގުންވުމުން އަރުތެރެ ބެދި، ލޮލުން ދިލަ ނެގިއެވެ. އެހެނަސް ދާރިސް އަވަސްއަވަހަށް އެސްފިޔަ ޖަހަމުން އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ ބެލިއެވެ.
ބައިގަޑިއިރެއްހާއިރު ތެރޭގައި ދާރިސް ލަސްލަހުން ގޮސް އެމީހުން އުޅޭ ޢިމާރާތުގެ ކައިރިއަށް ކާރު މަޑުކޮށްލުމުން އެ ދަތުރު ނިމުމަކަށް އައެވެ. ދާރިސް ހީކުރީ ކާރު މަޑުކުރުމާއިއެކު ހިބާ ކާރުން ފައިބާނެ ކަމަށެވެ. އެހެނަސް ފަހަތް ނުބެލިޔަސް ހިބާ އިސްޖެހިފައި އިރުކޮޅަކަށް އިންކަން ދާރިސްއަށް އެނގުންވިއެވެ. ހިބާ އޭނަ ގާތު އެއްޗެކޭ ބުނަން އުޅެނީބާއޭ ހިތަށްއެރި ވަގުތު ހިބާ ކާރުން ފައިބަން އުޅުނުހެން ހީވުމުން ދާރިސްގެ ހިތް އަވަސްވިއެވެ. އޭނަ ވެސް ހިބާގާތު ދެންމެ ބުނަން އުޅުނު ވާހަކަ ހަނދާންވެފައި ދާރިސްއަށް ހިބާގެ ނަމުން ގޮވައިލެވުނީ، ހިބާ ވެސް ޙަރަކާތްތައް މަޑުކޮށްލަމުން ދާރިސްއަށް ގޮވައިލި ހިނދެވެ. އޭނަގެ އަޑާއިއެކީ ހިބާގެ އަޑު އެއްވެގެން ދިޔަކަން އެނގުންވުމުން ދާރިސްއަށް އަނެއްކާވެސް ފަހަތަށް ލުއި ނަޒަރެއް ދެވުނެވެ. އެހިނދު އޭނަގެ ހިތް މޭފަޅާލާފައި ނިކުމެގެން އައިސްދާނެހެން ހީވަމުން ދިޔައެވެ.
“ކީކޭތަ ދާރިސް؟” ހިބާ މަޑުމައިތިރި އަޑަކުން އޭނަގެ ނަން ކިޔައިލުމުން މީހަކު އޭނަގެ މޭގައި ފިރުމާލަދިނީހެން ހީވިއެވެ.
“ހިބާ ފުރަތަމަ ބުނޭ…” ދާރިސްއަށް އެހެން ބުނެވުނީ ހިބާގެ އަޑު އިތުރަށް އަހައިލަން ހިތް އެދުނު ވަރުންނެވެ. އަދި އަމުދުން ހިބާ އަމިއްލައަށް އެދިގެން އޭނަގާތު ބުނަން އުޅެނީ ކީކޭކަން އެނގެން ކެތްމަދުވުމުން ވެސްމެއެވެ.
އިރުކޮޅެއްގެ ހިމޭންކަމަށްފަހު ހިބާ ވާހަކަ ދެއްކިއެވެ.
“މިރޭ ހިނގާ ސެޝަންއެއް ބާއްވަން….މޯލްޑިވިއަން ޓީޗާރސްއާއި ވިންޓޭޖް ޓެކްނޮލޮޖީސްގެ ކޮލެބޮރޭޝަން ނިންމާ ރަސްމިއްޔާތުގަ ޓީޗާރސްގެ ފަރާތުން ޝުކުރުގެ ބަސް އަދާކުރަން ހަމަޖެހިފައިވަނީ އަޅު…އަހަރެން. ހިތަށްއަރަނީ ތަންކޮޅެއް އުފެއްދުންތެރި ގޮތަކަށޭ ޝުކުރު އަދާ ކުރާނީ. އައިޑިއާއެއް އެބައޮތް. އެކަމަކު ދާރިސްގެ ހެލްޕް ބޭނުން…” ހިބާ ވާހަކަ ދެއްކިއެވެ.
އެ ވާހަކަ އިވިގެން ދިޔަދިޔަހެން ދާރިސްގެ ދެބުމަ ކައިރިވެ މޫނުމަތި މިލައިގެން ދިޔައެވެ. އޭނަ ހީކުރީ އޭނަ ފަދައިން ހިބާ އޭނަ ގާތުގައި ދައްކާނީ ދެމީހުންގެ ދެމެދުގައިވާ އިޙްސާސްތަކާއި ގުޅޭ ވާހަކައެއް ކަމަށެވެ. އެހެނަސް ހިބާއަށް އެ އިޙްސާސްތައް މުހިއްމެއް ނުވިތާއެވެ. އެހެންނޫނީ ހިބާގެ ހިތުގައި އޭނައަށްޓަކައި އެހާ ފުން އިޙްސާސްތަކެއް ނުވަނީތާއެވެ. އޭނައާއި ޚިލާފަށް އެއްވެސް ދަތިކަމެއް ނެތި އެއްވެސް ކަމެއް ނުވާ ފަދައަކުން ހިބާއަށް ވާހަކަ ދެކެވޭނީ އެހެންވެތާއެވެ. އެ ޚިޔާލު ހިތަށް ވެރިވުމުން ދާރިސްގެ މޭގައި ރިހުމެއް ހިނގައިލިއެވެ.
“ހެލްޕް ވެދޭނަންތަ؟ ދާރިސް؟” ދާރިސް ޖަވާބެއް ނުދީ ގިނައިރު ވާން ފެށުމުން ހިބާ އަނެއްކާވެސް ސުވާލުކުރިއެވެ.
“އަ….އާނ މައްސަލައެއްނެތް. މިރޭ 8 އިން ރަނގަޅުވާނެ އިން ޝާ ﷲ…” ދާރިސް ބުނެލިއެވެ.
“އޯކޭ….ދާރިސް ބުނަން އުޅުނީ ކީކޭ؟”
“އެއީ މާ މުހިއްމު ވާހަކައެއް ނޫން….”
ދާރިސްއަށް ބުނެލެވުނެވެ. އެ ބަސްތައް ބުނެވުނީ އޭނަގެ ވާހަކަ ހިބާއަށް މުހިއްމެއް ނުވާނެހެން ހީވީތީވެއެވެ. އަމިއްލަ އިޙްސާސްތައް އަނެއްކާވެސް ހިތުގެ ތެރެއަށް ގަންބައިލަން ދާރިސްއަށް ޖެއްސި ސަބަބަކީ އެއީއެވެ.
ހިބާ އިރުކޮޅެއް ވަންދެން ދާރިސްއަށް ބަލަން އިނުމަށްފަހު އެންމެ ރަނގަޅޭ ބުނެލަމުން ކާރުން ފޭބިއެވެ. ހިބާ ކާރުގެ ދޮރު ލައްޕައިލި އަޑަށް ދާރިސްއަށް މާޔޫސީ ނޭވައެއް ދޫކޮށްލަމުން ސީޓަށް ލެނގިލެވުނެވެ. އެވަގުތު އޭނަގެ ލޮލުން ކަރުނަ ހިލިފައިވިއެވެ.
**
އެވަގުތުކޮޅުން ފަށައިގެން ގޭގެ އެންމެންނަށް ފެންނަން ފެށީ ތަފާތު ހިބާއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހިބާ ދާރިސް ހުންނަ ވަގުތުތަކުގައި ވެސް ހިނިތުންވުމާއި އެކީ ގޭގެ އެހެން މީހުންނާއި ވާހަކަ ދައްކަމުން ދިޔަ ގޮތުން، ދެމީހުންގެ ދެމެދުގައިވާ މައްސަލަތައް ޙައްލުވީހެން ދެން ތިބި މީހުންނަށް ވެސް ހީވިއެވެ. އެހެނަސް ދާރިސްއަށް ދެންވެސް ހުރެވުނީ ޝައްކެއްގެ މަތީގައެވެ. ހިބާ ދެންވެސް އެހެން މީހުންނާއި ވާހަކަ ދެއްކިއިރު އޭނަ ނެތްކަމަށް ހެދިހެން ހީވީތީވެއެވެ. އަދި އަމުދުން އެދެމެދުގައި ދެކެވެން ޖެހޭ ވާހަކައަކަށް ހިބާ ފަސްއަޅަމުން ދިޔަހެން ހީވި ހީވުމުން ވެސްމެއެވެ.
އެރޭގެ ސެޝަންގެ ތެރެއިން ވެސް ހިބާ އޭނައާއި ވާހަކަ ދައްކަމުން ދިޔައީ، އެދުވަހު ހޮސްޕިޓަލުގައި ހިބާއާއި އޭނައާއި ދެމެދު ހޫނު ބަސްތަކެއް ބަދަލުވިހެން ހީވެސް ނުވާ ފަދައަކުންނެވެ.
“އަސްލު ބޭނުންވަނީ ކުޑަ އެނިމޭޝަން ވީޑިއޯއެއް ހަދާލަން. މިހާތަނަށް އައިއިރު ޓީޗާރސްއަށް ވީޓީގެ ފަރާތުން ދަސްވި ކަންތައް ދައްކުވައިދޭ ވީޑިއޯއެއް. އޭތި ހަދަން ބޭނުންވަނީ ކޯޑުކޮށްގެން. ސާރ….އައި މީން ދާރިސް ބުނީމެއްނު އެދުވަހު ލައިކް…ކުދި ކުދި ކޯޑުތަކާއި ފިކްސްޑް އިމޭޖެސްތައް ބޭނުންކޮށްގެން އެނިމޭޝަން ހެދޭ ވާހަކަ؟” ހިބާ ސެޝަންގެ ތެރެއިން ވާހަކަ ދެއްކިއެވެ.
“ޔެސް….އެކަމަކު އެހެން ހެދުމަށްވުރެ ފަސޭހަވާނެ އެނިމޭޝަން ސޮފްޓްވެއާރއެއް ބޭނުންކޮށްގެން އެކަހަލަ ވީޑިއޯއެއް ހަދައިލުން. ވީޓީގަ ވެސް ހުންނާނެ އެކަހަލަ ސޮފްޓްވެއާރއެއް. ވަރަށް ޔޫޒާރ ފްރެންޑްލީ އެއްޗެއް އެއީ. ހިބާ އަމިއްލައަށް ވެސް އޭގެއިން ވޯކް ކުރެވޭނެ. އެކަމަކު ވަރަށް ލިމިޓެޑް ނަންބާރ އޮފް އިމޭޖެސް ހުންނާނީ. ކަސްޓަމައިޒްޑް އިމޭޖެސް ބޭނުންވަންޏާ ކުރީ ބައިގަ ގްރެފިކްސް ޑިޕާޓްމެންޓަށް އަންގައިލަން ޖެހޭނީ…ކޮންކަހަލަ އިމޭޖެސްތަކެއްތަ ހިބާ ބޭނުންވަނީ؟”
“އެ އެނިމޭޝަން ސޮފްޓްވެއާރ ބޭނުންނުކޮށް އަޅުގަނޑު އަމިއްލައަށް ކޯޑުކޮށްގެން ވީޑިޔޯއެއް ހަދަން ގްރެފިކްސް ޑިޕާޓްމެންޓުން އެހީވެދޭނެތަ؟”
“ވެލް….އާނދޯ؟ އޮފީހުގެ އިވެންޓެއްވީމަ އެމީހުން އެހީވެދޭނެ. އެކަމަކު ވަރަށް އަވަސް ޑޭޓެއްގަ ގޭމްތަކެއް ރިލީޒްކުރަން އުޅޭތީ އެކަމުގަ އެމީހުން ބިޒީވެދާނެ. އެހެންވެއްޖެއްޔާ އެއްކަލަ ބެތްގެ ފްރެންޑެއްވެސް އުޅޭނެ އެކަހަލަ އިމޭޖެސްތައް ކުރަހައި އުޅޭ. ހިބާ ބެތްއާއި ވާހަކަ ދައްކާލަންވީއެއްނު؟”
“ދެޓްސް ގްރޭޓް! މިރޭ ގުޅާލާފަ ވާހަކަ ދައްކާލާނަން. އިން ދަ މީން ޓައިމް، އަހަންނަށް ރިވައިޒްކޮށް ދޭންވީއެއްނު ކޯޑުކޮށްގެން އެނިމޭޝަން ހަދާ ގޮތް؟ އެދުވަހު ވަރަށް ކުޑަކޮށް އެ ވާހަކަ ކިޔައިދިނީ ވެސް…”
“އައި ކޭން ޑޫ ދެޓް. ބަޓް ލައިކް އައިމް ސޭއިންގް، ސޮފްޓްވެއާރ ބޭނުންކޮށްލީމަ މާ ފަސޭހަވާނެ…”
“ސްޓިލް….ދާރިސް ދަސްކޮށްދިން ކަމެއް ދައްކުވައިދޭން ބޭނުންވަނީ…”
ހިބާ ބުނެލި ބަސްތަކުން ދާރިސް ހިސާބަކަށް ހުއްޓުން އަރާ ގޮތްވިއެވެ. ހިބާ ދެންމެ ބުނި ބަސްތަކުން އޭނައަކީ ހިބާއަށް މުހިއްމު މީހެއްހެން ހިނދުކޮޅަކަށް ނަމަވެސް ދާރިސްއަށް ހީވިއެވެ. އެހެނަސް ދާރިސް އަވަސްއަވަހަށް ބޯހޫރުވައިލީ އެފަދަ ޚިޔާލެއް ކޮށްގެން އޭނައަށް ލިބޭނެ ފައިދާއެއް ނެތްހެން ހީވުމުންނެވެ. ހިބާ ދައްކުވައިދޭން އެއުޅެނީ ހިބާ މި ޤައުމަށް އައިސް ދަސްކުރި އާ ހުނަރެކެވެ. އޭގެ ފަހަތުގައި އެހެން އެއްވެސް ސަބަބެއް ނުވާނެކަމަށް ހިތާހިތުން ކިޔަމުން ދާރިސް ހިބާ އެދުނު ކަންތައް ކޮށްދޭން ފެށިއެވެ.
އެރެއަށްފަހު ނޭނގޭ ސަބަބަކާއިހުރެ ހިބާ އޭނައާއި އިހުނަށްވުރެ ގާތްވެގެން ދިޔަހެން ދާރިސްއަށް ހީވިއެވެ. އޭގެ އަނެއްދުވަހު ހިބާ ގޭގެ އެންމެން ކުރިމަތީގައި ވެސް ކުރީ ރޭ ކިޔެވި އެއްޗަކާއިމެދު ނުހަނު ޝައުޤުވެރިކަމާއިއެކީ ވާހަކަ ދައްކައި ސުވާލުތައް ކުރަމުން ދިޔައެވެ. އެއީ އޮފީސް ބަންދު ދުވަހަކަށްވުމުން އެފަދަ ވަގުތުކޮޅުތަކާއި ދާރިސް ނުހަނު ގިނައިން ދިމާވިއެވެ. އޭނަ ސިޓިންގް ރޫމުގެ ސޯފާގައި ފޮތެއް ކިޔަން އިންދާ ހިބާ އައިސް ސީދާ އޭނަގެ ކުރިމައްޗަށް ވާގޮތަށް ހުރި ސޯފާގައި އިށީނެވެ. ހަމަ އެވަގުތު ފަރީދުބެ ވެސް ޒާތެއްގެ ހިނިތުންވުމަކާއިއެކީ އެތާހުރި އެހެން ސޯފާއެއްގައި އިށީނުމާއިއެކު ހިބާ ވާހަކަ ދައްކަން ފެށިއެވެ. އެގޮތުން ރާނީކޮއްކޮ ކުޅެކުޅެފައި އެތާ މޭޒުމަތީގައި ބަހައްޓާފައި ދިޔަ ޑޯޑޯއާއިމެދު ސުވާލުކުރިއެވެ. ޑޯޑޯ ހަދަން ޚިޔާލު ލިބުނީ ކިހިނެއްކަމާއި، ހަދަން ފެށީ ކިހާ ހިސާބަކުން ކަމެވެ. އެ ވާހަކަ ނިމުމަށްފަހު ވެސް ހިބާ އިތުރު ސުވާލުތަކެއް ކުރިއެވެ. ދާރިސް ކިޔެވީ ކޮން ތަނަކުން ކަމާއި، ވިންޓޭޖް ޓެކްނޮލޮޖީސްގައި މަސައްކަތް ކުރަން ފެށީ ކިހާ ހިސާބަކުން ކަމާއި މެދުގައެވެ. ހިބާ އޭނައާއި ވާހަކަ ދައްކާތީ ވެސް ވީ އުފަލާއިއެކީ ދާރިސް ވީހާވެސް ތަފްޞީލުކޮށް އެ ސުވާލުތަކަށް ޖަވާބުދިނެވެ. ދެމީހުން އެކިއެކި ވާހަކަތައް ދައްކަމުން ދަނިކޮށް ރާނިޔާ އެތަނަށް އައުމުން އެ ވާހަކަތަކަށް ސަމާސާ ރާގެއް ވެސް އެޅުނެވެ. ތުން އޫކޮށްލައިގެން އައި ރާނިޔާ ހެއްވާލަން ހިބާ ދެއްކި ވާހަކަތަކުން ދާރިސްއަށް ވެސް ހެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް ދާރިސް އޭނަގެ ހުރިހާ ނޭދެވޭ އިޙްސާސްތަކުން ދުރުވެގެން ދިޔައެވެ. އެވަގުތުކޮޅުގެ ތެރޭގައި ހެވިފައިހުރި ހިބާގެ މޫނަށް އޭނަގެ ނަޒަރު އަމާޒުވުމުން ދާރިސްއަށް އަނެއްކާވެސް އެހެން ދިމާލަކަށް ބަލަން ދަތިވާ ގޮތްވިއެވެ. އެ ހިނިތުންވުމުން އޭނަ ޖެހެނީ އެފަދަ ޖާދުލެއްގައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ހިނިތުންވުން އޭނައަށް މުޅިން ގެއްލިދާނެކަން އެނގި އެވަގުތު ހިތް ދެރަވާ ގޮތްވިއެވެ. ހިބާ އޭނައާއި ވާހަކަ ދައްކާތީ އުފާކުރަންވީ ކަމެއް ނޫނީ ހިތާމަކުރަން ވީކަމެއް ދާރިސްއަށް ނުވިސްނުނެވެ. ޔަޤީންވިހާ ވެސް ކަމަކީ ހިބާ މިފަދަ ގޮތަކަށް އޭނައާއި ވާހަކަ ދައްކާފައި ދެން ދުވަހަކުވެސް އޭނަ ނުފެންނަ ހިސާބަކަށް ގޮސްފިނަމަ، އޭނަ މޮޔަވާހާ ވަރަށް އޭނަ ހިބާ މަތިން ހަނދާންވާނެ ކަމެވެ.
އެރޭގެ ވަގުތެއްގައި ދާރިސް ކާގޭގައި ފެން ތަށްޓެއް ބޯން ހުއްޓާވެސް ހިބާ ވީޓީ ޓެބްލެޓް ހިފައިގެން އެތަނަށް ވަދެގެން އައެވެ.
“ދާރިސް ބަލާބަލަ މި ކޯޑު ރަނގަޅުތޯ….އަދި އިމޭޖެސް ލިބޭނީ މާދަމާގެ ވަގުތެއްގަޔޯ ބެތްގެ ފްރެންޑް ބުނީ. އެހެންވީމަ ކޯޑު ރަނގަޅުތޯ ބަލަން ޓެސްޓެއް ނުކުރެވޭ. އޭތި ލިބެންވާއިރަށް ވެސް ރަނގަޅަށް ކޯޑު ކުރެވިފައި ހުރިތޯ ބަލަންވެގެން މި އައީ….” ހިބާ ޓެބްލެޓް ހިފައިގެން އައިސް ކާމޭޒުދޮށުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. ހަމަ އެވަގުތު ފަރީދުބެ އެއްކަލަ ޒާތުގެ ހިނިތުންވުމަކާއިއެކީ ސަލާމް ދެކުދިންނޭ ކިޔަމުން ކާގެއަށް ވަދެގެން އައެވެ.
ދާރިސް ފަރީދުބެއަށް ޖަވާބު ދެމުން ގޮސް ކާމޭޒުދޮށުގައި ހިބާގެ ކުރިމައްޗަށް ވާގޮތަށް އިށީނެވެ. އެއިން ވެސް ހިނދުކޮޅެއްގެ ތެރޭގައި މާޒީގެ އެތައް އުފާވެރި ހަނދާނެއް އާވެގެން ދިޔައެވެ. ހިބާއަށް ވެސް އެފަދަ އިޙްސާސެއް ކުރެވޭނެތޯ ހިތަށްއެރި ހިނދު ހިބާ އޭނަގެ ކުރިމަތީގައި ޓެބްލެޓް ބާއްވަމުން ކުށެއް ހުރިތޯ ބަލައިދޭށޭ ބުންޏެވެ. ދާރިސް އޭނަގެ ޚިޔާލުތަކުން ނިކުމެ ފަރުވާތެރިކަމާއިއެކީ ހިބާ ލިޔެފައި ހުރި ކޯޑަށް ބެލިއެވެ. ވަކި ހިސާބަކަށް ލިޔެފައިވާ ކޯޑު ފެނިފައި ދާރިސްގެ ދެބުމަ ކައިރިވީ، އެނިމޭޝަންގައި ހުންނާނެ އިމޭޖްތަކަށް ހިބާ ދީފައި ހުރި ނަންތަކުންނެވެ. ޔުނިފޯމުގައި ތިބި ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ބައްދަލުވާ ގޮތަށް ލިޔެފައިވާ އެ ކޯޑުގެ އެންމެ ފަހަތުގައި އޮތީ އަންހެން ކުއްޖާ ބުނަން އުޅޭ ބަސްތަކެވެ. އެހެނަސް ހިބާ އެ ބަސްތައް އޭރު ލިޔެފައެއް ނެތެވެ.
“ރަނގަޅަށްތަ ހުރީ؟ އެރާރއެއް ނެތްތަ؟” ހިބާ އެހިއެވެ.
“ހުމް…..ސޯ ފާރ ސޯ ގުޑް..” ދާރިސް ކޯޑުގެ ތެރެއިން އަދިވެސް އެއްފަހަރު ސްކްރޯލްކޮށްލަމުން ބުނެލިއެވެ. އަދި ހިބާއާއި ޓެބްލެޓް ޙަވާލުކޮށްލީ، ޔުނިފޯމުގައި ތިބޭ ދެކުދިންގެ ވާހަކަ ހިބާ ދައްކަން އުޅެނީ، ވީޓީގެ އެޕްލިކޭޝަންތަކާއި ބެހޭގޮތުން ސްކޫލްގެ ދެކުދިން ދައްކާ ވާހަކައެއް ދެއްކުމަށް ކަމަށެވެ.
**
ދާރިސް ހީކުރީ ހިބާއަށް އެ އެނިމޭޝަން ކޯޑުކޮށް ނިންމައިލެވޭނީ ރަސްމިއްޔާތުގެ ފަހު ވަގުތަށް ކަމަށެވެ. އެއީ ފުދޭވަރަކަށް ބުރަ މަސައްކަތަކަށް ވުމުންނެވެ. އެހެނަސް އޭނަ ހީކުރި ގޮތާއި ޚިލާފަށް އޭގެ އަނެއްދުވަހުގެ ރޭ އޭނަ އޮފީހުގައި ހުއްޓާ ހިބާގެ ކޯލެއް އޭނައަށް އަންނަން ފެށިއެވެ. އެރޭގެ ފަހުގެ މީޓިންގް ނިންމައިލުމަށްފަހު ދާރިސް އެންމެން ފޮނުވައިލި ވަގުތު، މޭޒުމަތީގައި އޮތް ފޯނުގެ ސްކްރީނުން ހިބާގެ ނަން ފެނިފައި ދާރިސްއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އިސާހިތަކު ދާރިސްއަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.
“ހެލޯ ހިބާ….ކީކޭތަ؟” ދާރިސް ގޮނޑީގައި އިނދެ އެހެން ބުނެލިއިރު އޭނަގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ.
“ހެލޯ ދާރިސް….އެކަންޏެއް ނޫން އިނގޭ މި ގުޅައިލީ…ފަރީދުބެ ވެސް ކޮންފަރެންސްގަ އެބައުޅޭ.” ހިބާ ބުނި އަޑު އިވުނެވެ.
“ހުވާ ދާރިސް! މި އަންހެން ކުއްޖާއާހެދި ގޭގަ ވެސް ނުހުރެވިގެން ބޭބެ މިއުޅެނީ!” ފަރީދުބެ އެހެން ބުނެލި ރާގުން ދާރިސްއަށް ހީލެވުނެވެ.
“ބޭރުގަތަ ތިއުޅެނީ؟ ކޮންތާކު ތިތިބީ؟”
“ފުރަތަމަ ދާރިސް ބުނެބަލަ. ތިހިރީ އޮފީހުގެ ކޮން ފްލޯއެއްގެ ކޮން ތަނެއްގަ؟”
“ހިބާ….އޮފީހަށް އައިއްސަތަ ތިހިރީ؟ ކީއްކުރަން މި ގަޑީގަ ތި އައީ؟”
“އަނެއް އެނިމޭޝަން ވީޑިއޯ އަސްލު ނިމިއްޖެ. ހިތަށްއެރީ ދާރިސްއަށް ވީހާވެސް އަވަހަކަށް އޭތި ދައްކައިލާނީއޭ…”
“ވަޓް؟! ހާދަ އަވަހަކަށް އޭތި ނިންމައިލީ؟ އެންޑް މިކޮޅަށް ނައިނަމަވެސް ވީހެއްނު ހިބާ؟ އަހަރެން ގެއަށް އަންނަންދެން މަޑުކުރިނަމަ ރަނގަޅުވީސް…އަދި ރަސްމިއްޔާތު އޮންނާނީވެސް 2 ދުވަސް ފަހުންނެއްނު؟”
“އުނހު….މައިންޑް ޗޭންޖްވެދާނެތީ ބިރުން މިއައީ. އެއްގޮތަކަށް ވެސް ދެން ޚިޔާލު ބަދަލުކުރާކަށް ބޭނުމެއްނޫން. އެހެންވީމަ ވަރަށް އަވަހަށް ފްލޯ ނަންބާރއާއި ރޫމް ބުނެދީ!”
ހިބާ ދެއްކި ވާހަކައިން ދާރިސްއަށް ޙައިރާންކަމެއް ލިބުނެވެ. ހިބާ އެ ދައްކަނީ ކޮންކަމަކާއިމެދު ޚިޔާލު ބަދަލުވާ ވާހަކަތޯ ހިތަށްއެރިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި ހިބާ އެ ދައްކަނީ ހިބާ އެ ކުރި މަސައްކަތާއިމެދު ޚިޔާލު ބަދަލުވާ ވާހަކަ ކަމަށް ސިކުނޑި ބުންޏެވެ. އެހެންކަމުން ދާރިސް ވަކި މާ ބޮޑު ވިސްނުމެއް ނެތި އޭނަ ހުރި ފްލޯއާއި ކޮންފަރެންސް ހޯލުގެ ނަންބަރު ހިބާއަށް ކިޔާލަދިނެވެ. ހިބާ އެ ވާހަކައަށް ‘އޯކޭ’ އޭ ބުނުމަށްފަހު ދާރިސްއަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ފޯނު ކަނޑައިލިއެވެ. ފޯނު ކެނޑުމުން ވެސް ދާރިސްއަށް ޙައިރާންކަމާއިއެކީ ފޯނަށް ބަލަން އިނދެވުނީ، ހިބާ އެ ފަހު ވާހަކަ ބުނިއިރު އެ އަޑުގައި ތުރުތުރެއް އެކުލެވިފައިވިހެން ހީވުމުންނެވެ.
**
އޭގެ ފަހުން މިނެޓްތަކެއްގެ ތެރޭގައި ހިބާ ކޮންފަރެންސް ހޯލުގެ ދޮރު ހުޅުވައިލީ، ދާރިސް ހިބާގެ އިންތިޒާރުގައި މޭޒުގެ ކަނަކަށް ލެނގިލައިގެން ހުއްޓާއެވެ. ހިބާ ފެނުމާއިއެކު ދާރިސް ސީދާ ވެލީ އިޙްތިރާމް އަދާކުރަން ފަދައެވެ.
“ވާވް! ހާދަ ބޮޑު ޓީވީއެކޭ….ގައިމު އަހަރުމެން މީޓިންގްތައް ބޭއްވި ތަންތާނގަ މިހާ ބޮޑު ޓީވީ ނުހުރޭ…” ހިބާ އެ ހޯލަށް ވަދެގެން އަންނަމުން ޓީވީއަށް ނަޒަރު ހުއްޓައިގެން ހުރެ ދެއްކި ވާހަކަތަކުން ދާރިސްއަށް ހީލެވުނެވެ.
“ހެހެ….ބޮޑެތި ޕްރެޒެންޓޭޝަންތައް ދޭންވީމަ އެހެންނޫނީ ކުންފުންޏާއި ގުޅޭ އިޝްތިހާރުތައް ބަލަން ޢާއްމުގޮތެއްގަ ބޭނުންކުރާނީ މި ޓީވީތައް ހުންނަ ހޯލުތައް. ދެންމެ އެކަހަލަ މީޓިންގްއެއް ނިންމާލާފަ މިތާ މި ހުރެވުނީ…”
“އައި ސީ….އެހެންވެއްޖެއްޔާ އަހަރެންގެ ވީޑިއޯވެސް މި ޓީވީއިން ބަލައިލަންވީއެއްނު؟ ކްލިކް ނުކުރެވޭނެދޯ އެކަމަކު؟ ކްލިކް ކުރީމަ ޗޭންޖްވާ ގޮތަށް ހަދާފަ ހުރީ…” ހިބާ އެހެން ބުނެލީ އޭނަގެ އަތުގައި އޮތް ކުޑަ ޕެންޑްރައިވެއް ދާރިސްއަށް ދިއްކޮށްލަމުންނެވެ.
“ނޫނޭ ހަމަ ބެލިދާނެ. ވަޔަރލެސް މައުސްއެއް ޓީވީއާއި ކަނެކްޓްކޮށްލާނަން. އަސްލު މީތި އަހަރެން ބަލާކަށް ނުވެސް ޖެހޭނެއެއްނު؟ އެނިމޭޝަން ހިބާ ބޭނުންވާ ގޮތަށް ޕްލޭއި ކުރެވެންޏާ އެއޮތީ ވެފައެއްނު؟” ދާރިސް އެހެން ބުނެލީ ހިބާގެ ޕެންޑްރައިވް ހޯދަމުން ޓީވީއާއި ދިމާލަށް ދަމުންނެވެ.
“އެކަމަކު….ދާރިސްގެ ރެސްޕޮންސްއެއް ބޭނުންވާތީ ދައްކައިލަން ބޭނުންވީ…” ހިބާ އިސްޖެހިފައިހުރެ އެހެން ބުނެލިއިރު އޭނަގެ ކޯތާފަތް ރަތްވެގެން ދިޔައެވެ.
“އައި ސީ….އެހެންވެއްޖެއްޔާ ހިނގާ ބަލާލަމާ…” ދާރިސް ހުޅުވައިލެވިފައި ހުރި ޓީވީއަށް ހިބާގެ ޕެންޑްރައިވް ގުޅައިލުމާއެކު ޕެންޑްރައިވްގެ ފޯލްޑާ އެ ބޮޑު ޓީވީއިން ފެނިގެން ދިޔައެވެ. އެއާއިއެކު ހިބާ ތެޅިގެންފިއެވެ.
“ނޯ ނޯ ނޯ ނޯ! އަހަރެން ބޭރަށް ދަންދެން ނުހުޅުވައްޗޭ….މި ދަނީ ބޭރަށް. ދާރިސް އެކަނި ހުރެ ބަލައިލައްޗޭ!” ހިބާ ދެލޯ ބޮޑުވެފައިހުރެ އަވަސްއަވަހަށް އެހެން ބުނެލި ގޮތުން ގޮނޑިއެއްގައި އިށީންނަން އެދިމާލަށް އަންނަމުން ދިޔަ ދާރިސް ވެސް ހުއްޓުންއެރިއެވެ.
“އަނހަ މިހާރު ތި ވާހަކަ ދައްކަނީ އެހެން ރާގަކަށް ހިބާ. ގައިމު ތިމަންނަ ދާރިސްއާއިއެކީ ހުންނާނަމޭ ބުނެގެން ބޭބެ މިހާ ދުރަށް މިއަ-“
“ޝްޝްޝްޝް ބޭބޭ!”
ހޯލުގައި ދޮރު ކައިރީގައި މަޑުކޮށްގެން ހުރި ފަރީދުބެ ވާހަކަ ދެއްކުމުން ހިބާ ނުރުހުންތެރިކަމާއެކީ އަޑު ލައްވައިލި ގޮތުން ދާރިސްއަށް އަނެއްކާވެސް ޙައިރާންކަމާއިއެކީ ހީލެވުނެވެ. ދާރިސް ބަލަބަލާ ހުއްޓާ ހިބާ ފަރީދުބެއާއިއެކީ ހޯލުން ނިކުމެ ހޯލުގެ ދޮރު ވަކި ވަރަކަށް ލައްޕައިލިއެވެ. އެ މަންޒަރު ފެނިފައި ދާރިސް ނުފިލާ ހިނިތުންވުމަކާއިއެކީ ބޯހޫރުވައިލަމުން ހޯލުގެ ކަނެއްގައި ހުރި ކަބަޑެއްގެ ކައިރިއަށް ދިޔައެވެ. އަދި އެ ކަބަޑުން މައުސްއެއް ނަގައިގެން އައިސް ކޮމްޕިއުޓަރެއްހެން އެވަގުތު ބޭނުންކުރަމުން ދިޔަ ޓީވީއާއި ކަނެކްޓްކޮށްލިއެވެ.
ހިބާގެ ޕެންޑްރައިވް ފޯލްޑާއަށް ދާރިސްއަށް ސަމާލުކަން ދެވުނީ އެ ވަގުތެވެ. އެ ފޯލްޑާގައި ހުރީ ކޯޑު ލިޔެފައިވާ އެންމެ ފައިލެކެވެ. އެ ފައިލްގެ ނަމަކަށް ލިޔެވިފައިވީ ‘ފޯރ ދާރިސް’ އެވެ. އެ ބަސްތައް ފެނިފައި ދާރިސްއަށް ހިންދިރުވައިލެވުނެވެ. އަދި ހިސާބަކަށް ތުރުތުރު އެޅި އިނގިއްޔާއިއެކީ އެ ފައިލްއަށް ކްލިކްކޮށް ހުޅުވައިލެވުނެވެ. އެއަށްފަހު ސިކުންތުކޮޅެއްގެ ތެރޭގައި ހިބާ ލިޔެފައި ހުރި ކޯޑު ‘ރަން’ ކޮށްލިއެވެ.
އިސާހިތަކު ހުޅުވިގެން ދިޔަ އާ ވިންޑޯއިން ކާރޓޫން މަންޒަރުތަކެއް ފެންނަން ފެށިއެވެ. ވީޑިޔޯއިން ފެންނަން ފެށި މީހުންގެ ލޮލާއި އަނގައާއި ނޭފަތް ނެތްކަމަކު އެ މީހުންގެ ބައްޓަމުންނާއި، ލައިގެން ހުރި ހެދުންތަކުން އެއީ ކޮން ބައެއްކަން ދާރިސްއަށް ސާފުކޮށް އެނގުނެވެ. އެންމެ ފުރަތަމަ ވީޑިޔޯއިން ފެނިގެން ދިޔަ ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސެއްގައި ހުރި ފިރިހެން ކުއްޖާ އާދައިގެ ގެއެއްގެ ކައިރިއަށް ދިޔަތަނެވެ. ދެން ކްލިކްކޮށްލުމުން އެ ގެ ގެއްލި ގޭގެ ބަދަލުގައި ފެނިގެން ދިޔައީ ބުރުގާ އަޅައިގެން ހުރި ރުޅި ގަދަ އަންހެން ކުއްޖެކެވެ. އެ އަންހެން ކުއްޖާގެ މޫނު ރަތްކޮށް ހުރި ގޮތުން ދާރިސްއަށް ހީވެސް ލެވުނެވެ.
އިތުރަށް ކްލިކް ކުރަމުން ދިޔަ ވަރަކަށް ފެންނަން ފެށީ އެ ފިރިހެން ކުއްޖާ އަންހެން ކުއްޖާއަށް އެކި ކަންތައް ކޮށްދޭ ތަނެވެ. މޭޒެއް ޖަހައިދީ، ހަޑި ކޮޓަރި ސާފުކޮށްދީ، ފިލާވަޅުތައް ހަދަން އެހީވެ ދިން ގޮތެވެ. އަދި ސްކޫލްގައި ދެމީހުން ޔުނިފޯމުގައި ތިބި ވަގުތެއްގައި އަންހެން ކުއްޖާ ލޯބި ހުށަހެޅި މަންޒަރު ވެސް ފެނުނެވެ. އޭގެ ފަހުން އެ ފިރިހެން ކުއްޖާ ޚުދު އޭނަ ހިބާގާތު ބުނި ބަސްތައް ބުނި މަންޒަރު ވެސް އައެވެ. އެއަށްފަހު ވެސް ފިރިހެން ކުއްޖާ އެ އަންހެން ކުއްޖާއަށް ރަނގަޅަށް ކަންތައް ކޮށްދިނުމުން އަންހެން ކުއްޖާގެ ބޯ މަތިން ކުދި ކުދި ހިތްތައް އަންނަމުން ދިޔަތަން ފެނުމުން ވެސް ދާރިސްއަށް ތަކުރާރުކޮށް ހެވުނެވެ.
އެހެނަސް ދެން ފެންނަން ފެށި މަންޒަރުތަކުން ދާރިސްގެ ހިނިތުންވުން ލަސްލަހުން ފޭދެން ފެށިއެވެ. ދެން ފެނިގެން ދިޔައީ އެ ފިރިހެން ކުއްޖާ އެއްކަލަ ގެއިން ނިކުމެގެން ދިޔަތަނެވެ. އެއަށްފަހު އަންހެން ކުއްޖާގެ ޙަޔާތަށް ޠޫފާނެއް އައިސް އަންހެން ކުއްޖާގެ ބޯ މަތީގައި ބޮޑު ކަޅުކުލައިގެ ގުޅައެއް އުފެދިގެން ދިޔަ ގޮތެވެ. އެ ކުއްޖާ ޠޫފާނުގެ ތެރެއިން ހިނގަމުން ދިޔަ ވަރަކަށް ބޯމަތީގައިވި އެ ‘ބުރަ’ ބޮޑުވެ އަތުން ވެސް އޭގެ ބައެއް އުފުލަން ޖެހުނެވެ. އެ އަންހެން ކުއްޖާ ބޮޑުވެގެން ސްވިޓްޒަލޭންޑަށް އައީ ވެސް އެ ބުރައާއި އެކީގައެވެ. ސްވިޓްޒަލޭންޑަށް އައިސް އަނެއްކާވެސް އެއްކަލަ ފިރިހެން ކުއްޖާއާއި ދިމާވުމުން މިފަހަރު ވެސް އަންހެން ކުއްޖާގެ ބޯމަތިން ކުދިކުދި ހިތްތައް ފެނިގެން ދިޔައެވެ. އެހެނަސް އެ ބޯމަތީގައިވި ކަޅުކުލައިގެ ގުޅައިގެ ސަބަބުން އެ ހިތްތައް ސާފެއް ނުވެއެވެ. އެހެންކަމުން މިފަހަރު އެ ހިތްތައް ފާޅުވިޔަސް އަންހެން ކުއްޖާއަށް ހިނިތުންވެ ނުލެވެއެވެ.
ސްވިޓްޒަލޭންޑަށް އައިފަހުން ވެސް އަންހެން ކުއްޖާގެ ޙަޔާތަށް އައި ޠޫފާނަކާއި އެކީ އެ ކުއްޖާގެ އަތުގައި އޮތް ބުރަ ބޮޑުވިއެވެ. ނަތީޖާއެއްގެ ގޮތުން އެއްކަލަ ފިރިހެން ކުއްޖާ ބޮޑު ހިތެއް ދިއްކޮށްލުމުން ވެސް އެ ކުއްޖާއަށް ހިތުގައި ހިފޭ ގޮތެއްނުވިއެވެ. އަމިއްލަ ބުރަތަކުން އަތް ފުރިފައި ހުރުމުންނެވެ.
ދާރިސް އެހާ ހިސާބަށް ގޮސްފައި އިތުރަށް ކްލިކް ކުރަން އުޅެފައިވެސް ހިނދުކޮޅަކަށް ޖެހިލުންވާ ގޮތްވިއެވެ. ދެން ފެނިގެންދާނީ ހިބާ އޭނައަށް ދޭންއުޅޭ ފަހުގެ ޖަވާބުކަމަށް ހިތް ބުނީތީވެއެވެ. އެހެނަސް ކެތް މަދުވެފައިވި ހިތަކާއިއެކާއި ދާރިސް ކްލިކް ކޮށްލުމުން ދެން ފެނިގެން ދިޔައީ އަންހެން ކުއްޖާ ދެރަވެފައިހުރި ފިރިހެން ކުއްޖާގެ ކައިރިއަށް ދިޔަތަނެވެ. އޭރު ފިރިހެން ކުއްޖާގެ ބޯމަތީގައިވެސް ކުޑަ ގުޅައެއް ހުއްޓެވެ. އެހެނަސް ދެމީހުން ވާހަކަ ދައްކަން ފެށުމާއިއެކު އެ ކަޅުކުލައިގެ ބުރަތައް ކުޑަވަމުން ގޮސް ގެއްލިގެން ދިޔައެވެ. އަދި އޭގެ ބަދަލުގައި ދެމީހުންގެ އަތުން ވެސް ބޮޑު ދެ ހިތް ފެނިގެން ދިޔައެވެ.
ކުރިމަތިން ފެންނަމުން ދިޔައީ ހިބާ އޭނަގާތު ބުނަން އުޅޭ ވާހަކައެއްކަން ޤަބޫލުވެސް ކުރަން ދަތިވި ދާރިސްގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. އެތައް ޖަޒުބާތެއް އެއްފަހަރާ ހިތަށް ވެރިވި ހިނދު ނޭވާލާން ވެސް ހަނދާން ނެތިފައި ހުރެވުނެވެ. އޭނަ އެހެން އިންދާ ހިތުގެ ތެޅުމަށްވެސް ލޮޅުމެއް އައީ އެއްފަރާތުން އިވިގެން ދިޔަ ހިބާގެ އަޑުންނެވެ.
“އައި ލަވް ޔޫ، ދާރިސް.” ހިބާ އެހެން ބުނެލި އަޑަށް ދާރިސްއަށް އެދިމާލަށް ބަލައިލެވުނެވެ.
ނުނިމޭ