“މީ ޓޫ…” އީތަން ވައި އަޑަކުން އެހެން ބުނެލީ ފުންވެގެން ދިޔަ ހިނިތުންވުމަކާއި އެކީގައެވެ. އޭނައަށް އެތައް ކަންތައް އުނގަންނައިދީ އެތައް ގޮތަކުން ކުރި އަރައި ދިޔުމަށް އެހީވި އަންހެން ކުއްޖާއަށް، ހަމަ އެފަދަ އެހީއެއްވުމުގެ ފުރުސަތެއް ލިބުމުން ހިތަށް އުފަލެއް ލިބުނެވެ.
އީތަން އެހެން ހުރެފައި އެތަނުން ދިޔުމަށްޓަކައި ސީދާވެ އިސްއުފުލައިލި ވަގުތު ހުއްޓުން އަރާ ގޮތްވިއެވެ. އޭނައާއި ކުރިމައްޗަށްވާ ގޮތަށް ހުއްޓި ހުރީ ހިބާގެ ބޮޑުބޭބެ ނޫން ދެވަނަ މީހެއް ނޫނެވެ. ފަރީދުބެ ހުރި ގޮތުން ޝަހީދުބެއާއި އެއްގޮތް ގޮތެއް ފެނިގެން ދިޔުމުން ވީ ނުތަނަވަސްކަމުގައި އީތަންގެ ނަޒަރު ވެސް އެކި ދިމަދިމާލަށް ދަތުރުކުރިއެވެ. ދެންމެ އޭނަ ހިބާގެ ވާހަކަތައް އަޑުއަހައި ހިނިތުންވެ އަމިއްލަ އަމިއްލައަށް ޖަވާބު ދިނީކަން އެ ބޭބެއަށް ފާހަގަވެފައި ވާނެކަން ޔަޤީން ކުރެވުނީތީވެއެވެ.
ހަދަންވީ ވަކި ގޮތެއް ނޭނގިފައި އީތަން ފަރީދުބެއަށް ބަލަން ހުއްޓާ، ފަރީދުބެ އޭނައާއި ހިނިތުންވެލީތަން އީތަންއަށް ފެނުނެވެ. ފަރީދުބެގެ މޫނުމަތީގެ ކުލަވަރު އޭނައަށް ނެގުނީ ރަނގަޅަށްތޯ ޔަޤީންކުރަން އީތަންއަށް ވަގުތުކޮޅެއް ނެގިއެވެ. އެ ހިނދު އީތަންގެ ހިތަށް އާދަޔާ ޚިލާފު ހަމަޖެހުމެއް ލިބުނެވެ. އެ ހިނިތުންވުން އޭނައަށް ޝަހީދުބެގެ އެތައް ހިތްހެޔޮ ހިނިތުންވުންތަކެއްގެ މަތިން ހަނދާން ކޮށްދިނީތީވެއެވެ. އޭނަ ހީކުރާ ގޮތާއި ޚިލާފަށް މި ބޭބެވެސް ޝަހީދުބެހާ ހިތްހެޔޮ ވެދާނެބާވައޭ އެ ހިނދު ހިތަށްއެރިއެވެ.
އީތަން ވިސްނުމެއްގައި ހުއްޓާ ފަރީދުބެ ފުން ނޭވައެއް ދޫކޮށްލުމަށްފަހު ވަކި އެއްޗެކޭ ނުބުނެ މާޔޫސީ ގޮތަކަށް ފަރީދުބެގެ ކޮޓަރިއާއި ދިމާލަށް ދާންފެށިއެވެ. އެއިން އީތަންގެ ސިކުނޑީގައި އުފެދިފައިވި ސުވާލުތައް އިތުރުވުން ނޫންކަމެއް ނުވިއެވެ.
**
އެރޭ ހިބާ ނިދަން އޮށޯވެފައިވެސް ނިދި ނައުމުން އެނދުމަތީގައި އޮވެ ވީޓީ ޓެބްލެޓާއި ކުޅެމުން ދިޔައެވެ. ދެން އަންނަ ބައްދަލުވުމަށްޓަކައި އެޕްލިކޭޝަންގެ އެކި ބައިތައް އިތުރަށް ބެލުމުގެ ފުރުސަތު މުދައްރިސުންނަށް ދިނުމަށްޓަކައި އެ ޓެބްލެޓްތައް ގެއަށް ގެނައުމުގެ ފުރުސަތު މުދައްރިސުންނަށް ދެވުނީއެވެ. ދެންމެ އޮންލައިންކޮށް މުދައްރިސުން އިސްނަގައިގެން ނެގި ބައްދަލުވުމުގައި އެޕްލިކޭޝަން އެއްކޮށްހެން ބެލިފައިވިޔަސް، ހިބާއަށް ޝައުޤުވެރިކަމާއިއެކީ އެއާއި ކުޅެވެމުން ދިޔައެވެ. ތާނަ އަކުރުތައް އިނގިލިން އަޅަމުން ދިޔަދިޔަހެން އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ ހަމައެކަނި އީތަން ސާރއެއް ނޫނެވެ. މިއަދު އީތަން ސާރ ދެއްކި ވާހަކަތަކާއިއެކީ، އޭނަ އެފަދަ ގޮތަކަށް އަކުރުތައް އަޅަން ދަސްކޮށްދިން ފުރަތަމަ ކުއްޖާވެސް ހަނދާނަށް އަންނަމުން ދިޔައެވެ. އެއީ ދާރިސް ނޫން ދެވަނަ ކުއްޖެއްނޫނެވެ.
ހަނޑޫ ދޮލަނގެއްގައި ދާރިސް ލައްވާ އަކުރުތައް އަޅުވަން އޭނައަށް ވިސްނުނު ޚިޔާލާއި، ބައްޕަ އެ ޚިޔާލަށް އެއްބަސްވި ހަނދާން އާވުމުން ހިބާއަށް ހިނިތުންވެލެވުނެވެ. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މީހުން ސަމާލުކަން ނުދިން ދުވަސްވަރެއްގައި، އޭނައާއި އޭނަގެ ބައްޕައަށް ކުރެވުނީ ރަނގަޅު މަސައްކަތެއްތާއޭ ހިތަށްއެރިއެވެ. ދާރިސްގެ ޙާލަތަކީ ކޮބައިކަން ރަނގަޅަށް ފަހުމް ނުވިއެއްކަމަކު ހިބާ ވެސް ދާރިސްއަށް އެހީވާން ފެށީ އެހީވާ ހިތުންނެވެ.
އެފަދައިން އެހީވުމުގެ ސަބަބުން އޭނައާއި ވަކިވެ ދިޔަ ލޯބިވެރިޔާ މަތިން ހަނދާން ނައްތައިލަން ފަސޭހަވިހެން ހިބާއަށް ހީވިއެވެ. އެއީ ވަކި ދާރިސްއާއި އޭނަ ގުޅިގެން ދާނެ ކަމުގެ އުއްމީދުގައެއް ނޫނެވެ. އެހެނަސް މާނައެއް ހުރި ކަމެއް ކުރުމުގައި މަޝްޣޫލުވުމުން ގެއްލި ދިޔަ ލޯބިވެރިއެއްގެ ޚިޔާލު ކުޑަކަމެއްގެ ގޮތުގައި އޭނަގެ ސިކުނޑި ސިފަކޮށްދޭން ފެށީތީވެއެވެ.
ދާރިސްގެ ނަސޭޙަތާއި އެއްގޮތަށް ހިބާ ރައުފް ކިތަންމެ ދެކެން ބޭނުންވިޔަސް ރައުފްއާއި ދުރުން އުޅެވޭތޯ މަސައްކަތް ކުރިއެވެ. އަދި ރައުފްއާއިމެދު ނުވިސްނައި ވެވޭތޯ މަސައްކަތް ކުރިއެވެ. އެކި ފަހަރުމަތިން އެ ޚިޔާލުތަކަށް އަނބުރައި ދެވި، ދެރަވެގެން ދިޔަޔަސް އެވަގުތުކޮޅުތަކުގައި އެ އިޙްސާސްތައް ގަންބައި ނުލައެވެ. އޭގެ ބަދަލުގައި ބައްޕަ އޭނަގާތު ބުނެފައިވާ ފަދައިން އެ އިޙްސާސްތައް ބައްޕައާއި ޙިއްސާކޮށް، އެ އިޙްސާސްތައް ތަޖުރިބާކުރަން އަމިއްލަ ނަފްސަށް ވަގުތުދެއެވެ. ބައްޕަ ބުނި ފަދައިން އެގޮތަށް ކަންތައް ކުރަމުން ދިޔުމުން މަޑުމަޑުން އެ އިޙްސާސްތައް ފޭދެން ފެށިއެވެ. ވަކިން ޚާއްސަކޮށް ބައްޕަ އޭނަ ގާތު ކޮންމެ ދުވަހަކު މަދުވެގެން 30 މިނެޓް ވަންދެން ޤުރުއާން އަޑު އެހުމުގެ ‘ސެލްފް އެކްސްޕެރިމެންޓް’ އެއް ހަދަން ބުނި ފަހުންނެވެ. ބައްޕަ ބުނި ގޮތުގައި އެގޮތަށް ކަންތައް ކުރުމުން ހިބާއަށް ހަމަ ޔަޤީނުންވެސް ހިތްހަމަޖެހުމެއް ލިބޭނެއެވެ. ހިބާ އެކަން ކުރަން ފެށީ ބައްޕައަށް އެ ހީވަނީ ކުށްހީއެއްކަން ސާބިތުކޮށްދިނުމަށެވެ. އެހެނަސް ހަފްތާއެއްހާ ދުވަސްވީއިރު ޤުރުއާން އަޑުއަހާ ވަގުތުކޮޅަށްޓަކައި ޚުދު އޭނަގެ އަމިއްލަ ހިތް ކެތްމަދުވާން ފެށި ގޮތުން ޚުދު އޭނަ ވެސް ޙައިރާންވިއެވެ. އެފަދައިން ޤުރުއާން އަޑުއަހަން ފެށިފަހުން އޭނައަށް ނަމާދަށް ވެސް އިތުރު ސަމާލުކަމެއް ދެވި، ރުޅި މަޑުކުރަން ވެސް ދަސްވެގެން ދިޔަކަން ފާހަގަވިއެވެ. އެކަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ދާރިސްއަށް ލިޔަން ދަސްކޮށްދިނުމުގެ ތެރެއިންނެވެ.
“މިހާރު ރަނގަޅުތަ؟” ދާރިސް އެހެން އަހައިލީ، ކާމޭޒުދޮށުގައި އެދުވަހުގެ ފިލާވަޅުތައް ހަދަމުން ދިޔަ ވަގުތު، ދާރިސްގެ ލިޔާ ފޮތް ހިބާއަށް ދައްކައިލަމުންނެވެ. ގޭގައި ލިޔަން ގެންގުޅޭ އެ ފޮތުގައި ދާރިސް އެދުވަހު 6 ވަނަ ފަހަރަށް ‘އަޅުގަނޑުގެ ނަމަކީ ދާރިސް’ އޭ ލިޔެފައިވިއެވެ. އެންމެ ފަހުން ލިޔެފައި އޮތް ގޮތާއި އެންމެ ފުރަތަމަ ލިޔެފައި އޮތް ގޮތާއި މާ ބޮޑު ތަފާތެއް ނެތެވެ. ކޮންމެ ފަހަރަކު ލިޔުން ދެއްކުމުން އެއަށްވުރެ ކުޑަކޮށް ލިޔާށޭ ބުނެފައި ވިޔަސް ލިޔުން ކުޑަވެފައެއް ނެތެވެ. ލިޔުމުގައި ރީތިކަމެއް ނެތެވެ. ތަކުރާރުކޮށް އެއް ވާހަކައެއް ބުނުމުން ވެސް ކަމެއް ރަނގަޅު ނުވުމުން އާދައިގެ މަތިން ހިބާގެ ގާތަށް ރުޅި އަންނަން އުޅުނެވެ. އެ މޫނުމަތިން ވެސް އެކަން ފާޅުވިއެވެ. އެހިނދު ދާރިސް ވީ ނުތަނަވަސްކަމުގައި އަވަސްއަވަހަށް ކަޅި ހިންގަމުން ދިޔައެވެ. އެކަން ފާހަގަވުމުން ކަންނޭނގެއެވެ. އެހެންނޫނީ އޭނަގެ ހިތަށް ކުޑަ މިންވަރަކުން ވިޔަސް ލިބިފައިވި ހިދާޔަތެއްގެ ސަބަބުން ކަންނޭނގެއެވެ. އެވަގުތު ދާރިސްއަށްޓަކައި ހިތުގައި އުފެދުނު ޙަމްދަރުދީއާއިއެކީ ހިނިތުންވެލެވުނެވެ.
“އިޓްސް އޯކޭ….މިއަދު ތި ލިޔަމުންދާ ގޮތް ހާސް ބައި ރަނގަޅު ކުރިން ލިޔާ ވަރަށްވުރެ. ވަރަށް ބޮޑަށް އިމްޕްރޫވްވެއްޖެ ދާރިސް. ދޯ ބައްޕާ؟” ހިބާ ދާރިސްގެ ފޮތަށް ބަލަން އިނދެ ބައްޕައަށް ދޯދިނެވެ.
“ހުމް…ހަމަ އަސްލުވެސް ދާރިސް ވަރަށް ކުރިއަރައިގެން އެބަދޭ…އެއީ ދާރިސްއާއި ދާރިސްއަށް ދަސްކޮށްދޭން ހުރި ކުއްޖާގެ ވެސް މޮޅުކަން މާ ޝާ ﷲ!” ބައްޕަ ބުންޏެވެ. އެހިނދު ހިބާއަށް އެ ތަޢުރީފު ބަލައިގަނެވުނެއްކަމަކު އެ ބަސްތައް ޤަބޫލު ނުކުރާ ކަމަށް ހެދެމުން ޒާތަކަށް ހީލިއެވެ.
“އަދި މިއަށްވުރެ ރަނގަޅު ކުރެވޭތޯ ބަލާނަން އިން ޝާ ﷲ!” ދާރިސް ހިބާއަށް ބަލަމުން ނުބަލަމުން ކަހަލަ ގޮތަކަށް ބުންޏެވެ.
“ކޮބާ ހީވޭ ކަމެއްހެން؟ ހިބާގެ ފީޑްބެކްވެސް ރަނގަޅުވީމަ އެހެރީ އާ ހިތްވަރެއް ލިބިފަ. ހިބާވެސް ބައްޕަ ގޮތަށް ވަންނާނީ ޓީޗިންގްގެ ދާއިރާއަށްދޯ؟”
“ނޯ ވޭއި، ބައްޕާ!”
އޭނަ އަމިއްލައަށް ބުނެލި އެ ބަސްތައް ހަނދާނަށް އައުމުން ހިބާއަށް ހީލެވުނެވެ. އެދުވަހު އެހެން ބުނެލިއިރު އޭނައަށް ބައްޕަ އެ ބުނި ދާއިރާ ފެނިގެން ދިޔައީ ނުހަނު އާދައިގެ އަދި ‘ކަޓު’ ދާއިރާއެއްގެ ގޮތުގައެވެ. މުސާރަ ކުޑަވެފައި ބައްޕަހެން އަބަދު ބުރަކޮށް އުޅެންޖެހޭނެތީވެއެވެ. އަދި ކިޔަވައި ދިނުމަކީ ވަކި މާ ބޮޑު ހުނަރެއް ނެތި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއްކަމަށް ޤަބޫލުކުރެވުނެވެ. އޭނަގެ މި ޚިޔާލުތައް ބަދަލުވާން ފެށީ ޚުދު ދާރިސްއާއިއެކީ ކުރެވެން ފެށި ތަޖުރިބާތަކެއްގެ ސަބަބުންނެވެ.
ދާރިސްއަށް ދިވެހި ދަސްކޮށްދޭން ފެށިފަހުން ދިވެހި ގަޑިއާއި އިސްލާމް ގަޑީގެ މަސައްކަތްތައް ވެސް ދާރިސް އިހުނަށްވުރެ ރަނގަޅަށް ހަދަން ފެށުމުން ހިބާއަށް އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބުނެވެ. އިސްލާމްގެ ފިލާވަޅުތައް ދާރިސްއަށް އެނގޭނެފަދަ ބަސްތަކުން ކިޔައިދިނުމުން ދާރިސް އިސްލާމް ގަޑީގައި ވެސް ސުވާލުތަކަށް ޖަވާބުދޭން ފެށުމުން ހިބާއަށް އުފަލެއް ލިބުނެވެ. މީގެ އިތުރުން ‘މުދައްރިސެއްގެ’ ގޮތުގައި އޭނަ ދާރިސްއަށް އެހީވާންވީ ހަމައެކަނި ކިޔެވުމުގައެއް ނޫންކަން ހިބާއަށް އެނގުންވީ، އެއްދުވަހު ކޮމްޕިއުޓިންގް ގަޑީގައި ކަންތައް ވީގޮތުންނެވެ.
“އެންމެ ފަހުން ދިން އެސައިންމެންޓުން އެންމެ މަތިން ހޯދާފައިވަނީ ފަޒީން. ހޮޓަލެއްގައި ސޭލްސް މެނޭޖްކުރަން ގެންގުޅެވިދާނެ ސޮފްޓްވެއާރއެއްގެ ޚިޔާލަކީ އަސްލު މި ލެވެލްއަށްވުރެ ވެސް މަތީގެ ޚިޔާލެއް. ވަރަށް ރަނގަޅު ފަޒީންގެ އެސައިންމެންޓް.” ކޮމްޕިއުޓިންގް މުދައްރިސް ފަޒީންގާތު އެހެން ބުނެލީ، މާކުކުރެވިފައިވި އެސައިންމެންޓް އަނބުރައި ދެމުންނެވެ. އެހިނދު ފަޒީންގެ މޫނުމަތިން އޭނަގެ ކިބުރުވެރި ހިނިތުންވުން ފެންނަމުން ދިޔައިރު ދެންމެ އިވުނު ވާހަކައިން ވިސްނުމެއްގައި ހިބާއަށް އިނދެވުނެވެ.
“މިފަހަރު ދާރިސްގެ އެސައިންމެންޓް ބަލާފަ މުދައްރިސް ކުޑަކޮށް ދެރަވި. އެހާ ރަނގަޅަކަށް ނޫން ދާރިސްގެ ޕްލޭން ސިފަކޮށްދީފަ ހުރީ. އެސައިންމެންޓުން ދަށްވީމަ އެގްޒާމްއަށް ބޮޑަށް މަސައްކަތް ކުރަންވާނެ.” ދާރިސްގެ އެސައިންމެންޓް ދާރިސްއާއި ޙަވާލުކުރަމުން މުދައްރިސް ބުނެލި ވާހަކައިން ހިބާގެ ދެބުމަ ކައިރިވީ އޭނައަށް ނޭނގި ކޮންމެވެސް ގޯހެއް ހިނގައިފިކަން ޔަޤީންވުމުންނެވެ.
ފަޒީންގެ އެސައިންމެންޓުގައިވާ ކަމަށް ސިފަކުރެވިގެން ދިޔަ އެ ޚިޔާލަކީ ދާރިސްގެ ޚިޔާލެކެވެ. ހިބާއަށް އެކަން އެނގެނީ އެ އެސައިންމެންޓް ދިން ދުވަހުވެސް ދާރިސް އެ ޚިޔާލު ބައްޕައާއި ޙިއްސާކުރި ހަނދާން އާވުމުންނެވެ. ކޮމްޕިއުޓިންގްއަކީ ދާރިސް އެއަށް މޮޅު މާއްދާއެކެވެ. ކޮމްޕިއުޓިންގްގެ އެސައިންމެންޓަކުން ދާރިސް ދަށްވުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން ހިބާ ހަމަ އެދުވަހު ދާރިސްއާއި ވާހަކަ ދައްކަން ނިންމިއެވެ.
“ފަޒީން ދާރިސްގެ ކޮމްޕިއުޓިންގް އައިޑިއާ ސްޓީލް ކުރީތަ؟” އެދުވަހު ގެއަށް ގޮސް ވަދެވުމާއިއެކު އޭނައަށްވުރެ ކުރި އަރައިގެން ހިނގަމުން ދިޔަ ދާރިސް ކުރެން ހިބާ ސުވާލުކުރިއެވެ. އޭނަގެ ސުވާލު އިވިފައި ދާރިސް ފިޔަވަޅުތައް މަޑުޖައްސައިލިއެވެ.
“އަހަންނަށް މި ހީވަނީ ރަނގަޅަށްދޯ؟ ހައު ކުޑް ޔޫ ލެޓް އިޓް ހެޕެން؟!” ހިބާ ނުރުހުންތެރިކަމާއިއެކީ ސުވާލުކުރިއެވެ. ނުރުހުންވީ ފަޒީނާއި އެކީ ދާރިސްއަށް ވެސްމެއެވެ. އަމިއްލަ ޚިޔާލު ރައްކާތެރި ކުރަން ދާރިސްއަށް ނޭނގުނީތީވެއެވެ.
ހިބާ ކުރި ސުވާލަށް ވަކި އެއްޗެކޭ ބުނުމެއްނެތި ދާރިސް އަވަސް ހިނގުމެއްގައި އޭނަގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ހިބާ ގޮވައިލުމުން ވެސް ދާރިސް ފަހަތް ބެލުމެއްނެތި ކޮޓަރިއަށް ވަނީއެވެ.
މުޅި އެދުވަސް ތެރޭގައި ދާރިސް ވާހަކައެއް ނުދައްކައެވެ. ހިބާ އެ ސުވާލުކުރާ ކޮންމެ ފަހަރެއްގެ މަތިން ދާރިސް ދުރަށް ހިނގައިގަންނަނީއެވެ. އެދުވަހު ދާރިސް ހުއްޓާ ބައްޕަ ގާތު އެ ވާހަކަ ދައްކަން ފެށުމުން ވެސް ދާރިސް ގޮނޑިން ތެދުވެގެން ކޮޓަރިއަށް ދާން ހިނގައިގަތީވެއެވެ.
“ބަލާބަލަ ބައްޕާ! ޔޫ ޓޯކް ޓު ހިމް! އަހަންނަށް ޔަޤީނޭ އެ ފަޒީނަށް އަމިއްލަ ވޯކް ދީގެންކަން އެ އުޅެ-“
“ހިބާ…”
ބައްޕަ ގޮވައިލުމުން ހިބާއަށް ހިމޭންވެލަމުން ބައްޕައާއި ދިމާލަށް ބަލައިލެވުނެވެ.
“ހުރިހާ ކުދިން އެއްގޮތެއް ނުވާނެ ދަރިފުޅު. ހިބާއަކީ ކަމެއް ދިމާވީމަ އިޙްސާސްތައް ފަސޭހައިން ޙިއްސާ ކުރެވޭ ކުއްޖަކަށް ވެދާނެ. އެކަމަކު ދާރިސްއަށް އެކަން ކުރުމަކީ ދަތި ކަމަކަށް ވެދާނެ. ދާރިސް ވެސް ޤަޞްދުގައެއް އަމިއްލަ މަސައްކަތެއް އެހެން ކުއްޖަކަށް ނުދޭނެ. އޭގެ ފަހަތުގަ ކޮންމެވެސް ސަބަބެއްވާނެ. އެ ސަބަބު ދާރިސް ކިޔައި ނުދެންޏާ ހިބާ ޖެހޭނީ އެހެން ގޮތަކަށް އެ ސަބަބު ހޯދަން. ހިބާ ދާރިސްއަށް އެހީވާން ބޭނުންވަންޏާ…”
ބައްޕަ ބުނެލި ވާހަކައަށް އިތުރު އެއްޗެކޭ ބުނަން ހިބާއަށް ނޭނގުނެވެ. އެހެނަސް ބައްޕަ ބުނީ ރަނގަޅު ވާހަކައެއް ކަމާއިމެދު ޔަޤީންކުރެވުނެވެ. ކަންވީ ގޮތުގެ ޙަޤީޤަތް ހޯދުމަށް ފަޒީނާއި ވާހަކަ ދައްކަން ހިބާގެ ހިތަށްއެރިއެއްކަމަކު އެ ޚިޔާލު ދޫކޮށްލެވުނީ ފަޒީނަށްޓަކައި ހިތުގައި އޮތް ނަފްރަތެއްގެ ބޮޑުކަމުންނެވެ. އޭގެ ބަދަލުގައި އަނެއް ދުވަހު ދާރިސް ސްކޫލް ތެރޭގައި އުޅޭގޮތް ބަލަން ހިބާ ނިންމިއެވެ.
އެހެންކަމުން އޭގެ އަނެއްދުވަހު ހިބާ ދާރިސްގެ ޙަރަކާތްތައް ހުރި ގޮތަށް ސަމާލުކަން ދިނެވެ. ކުލާހުގައި ނުހަނު އާދައިގެ ގޮތަކަށް ކަންތައް ދިޔަޔަސް، ހިބާ އުއްމީދު ނުކުރާފަދަ ކަމެއް ފެނިގެން ދިޔައީ އިންޓަވަލް ގަޑީގައެވެ. އިންޓަވަލް ގަޑީގައި ދާރިސް ކެންޓީނަށް ގޮސް ތަށްޓަކަށް އެއްޗެހި އަޅައިގެން ކުލާސް ބަރިތަކާއި ދިމާލަށް ދާންފެށިއެވެ. އެއީ ޢާއްމުގޮތެއްގައި ކުދިން ކުރާ ކަމަކަށް ނުވާތީ ހިބާ ޙައިރާންވި ވަގުތު ދާރިސްއަށް ބަލަމުން ދިޔަ ކުދިން ދާރިސްއާއި ދިމާލަށް ހެމުން ދިޔަތަން ވެސް ހިބާއަށް ފެނުނެވެ. އެގޮތަށް ކަންތައް ނުކުރުމަށް ދާރިސްގާތު ބުނަން އުޅުނު ވަގުތު ނުބުނެވުނީ ދާރިސް އަމިއްލަ ކުލާސް ފަހަނަޅައި ފަޒީންމެންގެ ކުލާހާއި ދިމާލަށް ދާން ފެށުމުންނެވެ. ހިބާ މުށްކެވިގެން ދިޔަ އަތާއިއެކީ އަވަސް ފިޔަވަޅުތަކެއްގައި އެ ކުލާހާއި ހަމައަށް ދިޔައިރު ދާރިސް އެ ކުލާހަށް ވަދެފިއެވެ.
“ހާދަ ލަހަކުން މިއަދު ތި އާދެވުނީ؟ މިތާ ބަހައްޓާ!” މޭޒުމައްޗަށް ފައި އަރުވައިގެން ހުރި ފަޒީން ހަމަ އެ މޭޒަށް ޢިޝާރާތް ކުރަމުން ބުންޏެވެ. ފަޒީން ދާރިސްއާއި މުޚާތަބުކުރި ގޮތުން ހިބާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ފަޒީން ދާރިސްއަށް ހަނގާކުރަނީތާއޭ ހިބާގެ ހިތަށްއެރިއެވެ. އެހެނަސް އެވަގުތު ހިބާއަށް ދޭހަ ނުކުރެވުނީ ދާރިސްގެ މޫނުމަތިން ކުޑަވެސް ނުތަނަސްކަމެއް ނުފެނުނު ގޮތެވެ. ފަޒީން އެފަދައިން ބުނުމުން ވެސް ދާރިސް ނުހަނު އުފާވެރި ހިނިތުންވުމަކާއިއެކީ އޭނަ ގެނައި ތަށި މޭޒުމަތީގައި ބެހެއްޓިއެވެ.
“ސޮރީ….އެއްކަލަ ވޯކް ނިންމަން ޖެހުނީތީ ތަންކޮޅެއް ލަހުން މިއަދު ކެންޓީނަށް ދާން ނިކުމެވުނީ. އެއްކަލަ ވޯކް ނިމިފަ ހުންނާނީ މިހާރު…” ދާރިސް ހަމަ އެ ހިނިތުންވުމާއިއެކީ އެކުވެރިއަކާއި ވާހަކަ ދައްކާ ފަދައަކުން ފަޒީނާއި މުޚާތަބު ކުރި ގޮތުން ހިބާ ޙައިރާންވާހާވިއެވެ.
“ހާދަ ރަނގަޅޭ….މަ ކުޑަކޮށް ބޭރަށް ޖައްސާލަން މިއުޅެނީ. މަގޭ ނާޑުވާ އަޅުވާލަދީބަލަ..” ފަޒީން އެހެން ބުނެލީ އޭނަގެ ފައި މޭޒުން ބައިލަމުންނެވެ. ހިބާ އައި ރުޅީގައި އެއްޗެކޭ ބުނަން އުޅެނިކޮށް ދެންވެސް މަޑުކޮށްލެވުނީ ދާރިސް ނުހަނު ރުހުމާއިއެކީ ކުރުފައިމައްޗަށް ތިރިވެލަމުން ފަޒީންގެ ބޫޓުގެ ނާޑުވާ އަޅުވައިދޭން ފެށުމުންނެވެ. އެވަގުތު ފަޒީނާއި ފަޒީންގެ އެކުވެރިން މަލާމާތުގެ ޒާތަށް ހެވުނެއްކަމަކު ދާރިސް އެއަށްވެސް އިތުރަށް ހިނިތުންވުން ނޫންކަމެއް ނުކުރިއެވެ.
ދާރިސް ފަޒީންގެ ވާތް ފަރާތު ބޫޓުގެ ނާޑުވާ އެޅުވުމަށްފަހު އަނެއް ނާޑުވާ އަޅުވަން ފެށި ވަގުތު ފަޒީންގެ ލޯމަތިން ނުލަފާ ވިދުވަރެއް ފާޅުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ފަޒީން ކުއްލި ގޮތަކަށް އޭނަގެ ކަކުލުން ގެނައި ޙަރަކާތަކުން ދާރިސްގެ ބޮލަށް ވަރުގަދަ އެތިފަހަރެއް ވިއްލިއެވެ. އިސާހިތަކު ދާރިސް ވީ ތަދާއިއެކީ ހަޅޭއްލެވި ބޮލުގައި އަތް އެޅި ވަގުތު ބިންމަތީގައި އިށީނދެވުނެވެ. ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ވެސް ދަތިވެފައި ހުރެ ހިބާ އައި ރުޅީގައި އެއްޗެކޭ ބުނަން ވެސް ނޭނގިފައި ހުރެވުނެވެ. ހަމަ އެހިނދު އެއްލި ކަޅިއަކުން އެ ކޮރިޑޯއިން ހިނގާފައި ދިޔަ މުދައްރިސަކު ފެނިފައި ވާހަކަ ދެކެވުނެވެ.
“ހަސަން ސާރ ނިކަން ބައްލަވާ މި ކުލާހުގަ މި ހިނގާ ކަންތައް!” ހިބާއަށް އެހެން ބުނެލެވުނީ ހަރު އަޑުންނެވެ. އެ އަޑު އެ މުދައްރިސާއިއެކީ، ކޮރިޑޯއިން ހިނގާފައި ދިޔަ ބައެއް ކުދިންނާއި ފަޒީންމެނަށް ވެސް އިވުނެވެ.
އެއާއިއެކު ހަސަން ސާރ ވަގުތުން ކުލާހަށް ވަދެގެން އައިސް މިވަނީ ކިހިނެއްތޯ ބުނެ ފަޒީންމެނާއި ކުރިމަތިލިއެވެ. ހިބާ ވަގުތުން ވީ ގޮތް ކިޔައިދިނެވެ. އެއާއިއެކު ހަސަން ސާރ، ފަޒީނާއި ވާހަކަ ދެއްކުމުގެ ކުރިން އެތަނަށް އެއްވި ބައެއް ފިރިހެން ކުދިން ގާތު ދާރިސްއަށް އެހީވުމަށް އެދުނެވެ. ދެ ފިރިހެން ކުދިން ވެގެން ދާރިސް ގޮވައިގެން ހެލްތް ރޫމަށް ދާން ހިނގައިގަތުމުން ހިބާއަށް ވެސް ފަހަތުން ދެވުނީ ބޭއިޚްތިޔާރުގައެވެ.
ދާރިސް ހެލްތް ރޫމަށް ވައްދައިލެވުނުއިރު އިންޓަވަލް ގަޑި ނިމޭ ބެލް ވެސް އަޅުވައިފިއެވެ. އެހެނަސް ހިބާއަށް އެތާނގައި ހުރެވުނީ، ދާރިސްގެ ޙާލު ބަލާފައި ނޫނީ އެތަނުން ދާން ބޭނުން ނުވުމުންނެވެ. އަދި އަމުދުން ދެންމެއަކު ފަޒީނާއިމެދު ދާރިސް ކަންތައް ކުރި ގޮތާއިމެދު ވެސް ސުވާލުކުރަން ބޭނުންވިއެވެ. ދާރިސް ވެއްދުނުތާ އިރުކޮޅެއްފަހުން ހެލްތް ރޫމްގައި މަސައްކަތްކުރާ ނަރުސްދައްތަ ނިކުތެވެ. ނަރުސްދައްތަ ފެނުމާއިއެކު ހިބާ ދާރިސްއާއި ބެހޭގޮތުން ސުވާލުކުރިއެވެ.
“ނިތްކުރިއާއި ލޮލުގެ ކައިރިން ކުޑަކޮށް ދުޅަވެފަ ހުރީ. މިހާރު ގަނޑުފެން އަޅަން ބުނެފަ ދައްތަ މިއައީ. ހިބާ ކުލާހަށް ދާންވީ ނޫންތަ މި ގަޑީގަ؟” ނަރުސްދައްތަ ބުންޏެވެ. ހިބާ އަވަސްވެފައިވާ ހިތަކާއިއެކީ އެންމެ ފަހުން ކުރެވުނު ސުވާލަށް ގަދަކަމުން ހިނިތުންވެލިއެވެ. އެއަށްފަހު ނަރުސްދައްތަ ހިނގައިގަތުމުން އޭނަ އަނެއްކޮޅަށް ހިނގައިގަތީ ހަމަ ޙަޤީޤަތުގައި ވެސް ކުލާހަށް ދިޔުމަށެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް ފަހަތް ބަލައިލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެހިނދު ނަރުސްދައްތަ ވެސް ތަންކޮޅެއް ދުރަށް ގޮސްފައިވުމުން ހިބާ ޚިޔާލު ބަދަލުކުރުމެއްނެތި އަނެއްކާވެސް ހެލްތް ރޫމުގެ ދޮރާއި ހަމައަށް ގޮސް އެ ދޮރު ހުޅުވައި އެތެރެއަށް ވަނެވެ.
ހިބާ އެތާ ތެރެއަށް ވަނުމާއެކު އެނދުމަތީގައި އިނދެ ބޮލުގައި ގަނޑުފެންގަނޑެއް ޖައްސައިގެން އިން ދާރިސް ސިހުންވާ ގޮތްވިއެވެ. ދާރިސްއަށް ވީ ގޮތުން ހިބާއަށް ވެސް ހުރިތާ ހުއްޓިލެވުނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން ތިބިތިބިހެން ދާރިސް ގަނޑުފެންގަނޑު ތިރިކޮށްލަމުން އިސްޖަހައިލީ ހިބާއަށް ނުރުހުންވެގެން އުޅޭ ފަދައަކުންނެވެ. އެއީ ކީއްވެކަން ނޭނގުނެއްކަމަކު ހިބާ އޭނަ ދައްކަން އުޅުނު ވާހަކަ ފެށިއެވެ.
“ދާރިސް މޮޔަވީތަ؟ ކީއްކުރަން އެ ފަޒީން ބުނާހާ ގޮތަކަށް ކަންތައް ތިކުރަނީ؟ ދާރިސް ސްކޫލަށް އައި ފުރަތަމަ ދުވަހު އޭނައާއި އޭނަގެ އެކުވެރިން ކަންތައް ކުރިގޮތް ހަނދާން ނެތުނީތަ؟!” ހިބާ ފުލުފުލުން އެތައް ސުވާލެއް ކުރިއެވެ.
“ފަޒީން އަހަންނާއި ފްރެންޑްވާން ބޭނުންވާހެން ހީވާތީ ފަޒީންއާއެކީ އުޅެނީ.” ދާރިސް އިސްޖެހިފައި އިނދެ ޖަވާބުދިނެވެ.
“ފްރެންޑްވާށޭ؟ ގިވް މީ އަ ބްރޭކް! ކޮން ގޮތަކަށް ފަޒީނަށް ބަލާފަ ދާރިސްއަށް ހީވަނީ އޭނަ ދާރިސްއާއި ފްރެންޑްވާން އުޅޭހެން؟”
“ފަޒީން އަހަންނާއި ވާހަކަ ދައްކާއިރު ހިނިތުންވީމަ އެނގެނީ އަހަރެންގެ ފްރެންޑަކަށްވާން ބޭނުންވާކަން. ކުރީ ދުވަހު އިންގްލިޝް ގަޑީގަ ކިޔުނު ސްޓޯރީގަ އެގޮތަށް ސްމައިލް ކުރި ކުއްޖަކު ފެނިފައެއް ނޫންތަ ޓޮމްއަށް ފްރެންޑެއް ލިބުނީ؟”
“ކަމޯން ދާރިސް! ދާރިސް ތިއީ އަދި 5 އަހަރުގެ ކުއްޖެއް ނޫން ކަންނޭނގެ ސްމައިލް ކުރާ ކޮންމެ މީހަކީ ފްރެންޑެއްގެ ގޮތުގަ ބަލައިގަންނަން. ގޯސް ނިޔަތުގަ ސްމައިލް ކުރާ މީހުން ވެސް އުޅޭނެ. މަލާމާތް ކުރަން ސްމައިލްކުރާ މީހުން ވެސް އުޅޭނެ. ނުލަފާ ހިނިތުންވުންތައް ދައްކާ މީހުންވެސް އުޅޭނެ. ފަޒީނަކީ އޭގެ ތެރެއިން މީހެއް! އެ މީހުންގެ މޫނަށް ރަނގަޅަށް ބަލައިފިއްޔާ މި ކަންތައް ނަގައިގަނެވޭނެހެން ހީވަ-“
“އެކަމަކު މަން…މަ ބުނީ ލިޕްސްގެ ކޯރނާރސް މައްޗަށް ހިއްލިފަ ހުރިއްޔާ އެއީ ސް…ސްމައިލްއެކޯ. މީހުން ސްމައިލްކުރާނީ ހެ…ހެޕީވީމަޔޯ. އެ ސްޓޯރީގަ އޮތީ ސްމައިލްކުރާނީ ފްރެންޑްވާން ބޭނުންވީމަޔޯ…”
“ރޯންގް ދާރިސް ރޯންގް!!! ބައެއް މީހުން ސްމައިލް ކުރަނީ މަލާމާތްކުރަން! މަލާމާތް ކޮށްކޮށްފަ އެމީހުން ފަހު ވަގުތު ދާރިސް ބާކީކޮށްލާނެ…”
ހިބާ ބުނެލި އެ ވާހަކައިން ދާރިސް ހިމޭންވާ ގޮތްވިއެވެ. އެހިނދު ދާރިސްގެ ނޭވާ ކުރުވެފައިވިހެން ހިބާއަށް ހީވިއެއްކަމަކު ޔަޤީން ނުވީތީ ވަކި ފިޔަވަޅެއް ނާޅާ ހުރެވުނެވެ. ހިމޭންކަމުގައި ވޭތުވި އެ ވަގުތުކޮޅުގެ ތެރޭގައި ދާރިސްގެ ލޮލަށް ކަރުނަތައް ޖަމާވި މަންޒަރު ފެނިފައި ހިބާގެ ހިތް ދެރަވާ ގޮތްވިއެވެ. ދާރިސް އެކުވެރިއެއްގެ ގޮތުގައި ދެކުނު ކުއްޖެއްގެ ޙަޤީޤީ ނިޔަތް ނަގައިގަނެވުމުން ދާރިސް ދެރަވީ ކަމަށް ހީކުރެވުނެވެ. އެހެނަސް…..
“މް…މަން..މަ ސް..މައިލްކުރީ ދް..ދާރިސްއަށް މަ..ލާމާތްކުރަން…”
ކުރުވެފައިވި ނޭވާއަކާއެކީ ދާރިސް ބުނެލި ވާހަކައިން ހިބާއަށް ލިބުނީ ޝޮކެކެވެ. އޭނަ ދެންމެ އެފަދައިން ވާހަކަ ދެއްކީ އެއްގޮތަކަށް ވެސް ދާރިސްގެ މަންމައާއި ބެހޭގޮތުން އެއްޗެކޭ ބުނާކަށް ނޫނެވެ. އެހެނަސް ދާރިސްއަށް ނެގުނީ އެ މާނަކަން އެނގުންވުމުން ހިބާއަށް އަވަސްއަވަހަށް ވާހަކަ ދެކެވުނެވެ.
“ނު….ނޫން ދާރިސް. އަހަންނަކަށް ނޭނގޭ ދާރިސްގެ މަންމައެއް. އަހަރެން ބުނީ-“
ހިބާގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ދާރިސް ކުއްލިއަކަށް އަތުގައި އޮތް ގަނޑު ފެންގަނޑު އަތުގެ ކޮޅަށް ހޫރައިލީ ރުޅިވެރިކަމާއި އެކީގައެވެ. ގަނޑުފެންގަނޑު ބިންމަތީގައި ޖެހުނު އަޑަށް ހިބާ ސިހި ބިރުގަންނަ ގޮތްވިއެވެ. އެ ބާރު އަޑު ނެތިގެން ދިޔަ ވަގުތު ހިބާ ތަގުޅިވެފައިވި ދެލޯ ހުޅުވައި ބަލައިލިއެވެ. އެހިނދު އެވަގުތުވެސް ނޭވާ ކުރުވެފައިވި ދާރިސްގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. މޭމަތީގައި އަތް އަޅައި ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔަ ދާރިސްއަށް މަޑުން ވެސް ނުހުރެވެއެވެ. އެންމެ ފަހުން ދާރިސް އެނދުން ފައިބައި ކޮޅަށް ތެދުވުނެއްކަމަކު ތުރުތުރު އަޅަމުން ދިޔަ ދެފައިގެ ސަބަބުން ބިންމައްޗަށް ތިރިވިއެވެ.
އެއީ އެފަދަ މަންޒަރެއް ހިބާއަށް ފެނުނު ފުރަތަމަ ފަހަރެވެ. ކުރިމަތިން ފެންނަމުން ދިޔަ ފިރިހެން ކުއްޖާއަށް އެހެން ވަމުން ދިޔައީ އޭނަ ބުނެލި ބަސްތަކެއްގެ ސަބަބުންކަން ޤަބޫލުކުރަން ވެސް ބޭނުންނުވެފައި ހިބާއަށް ހުރިގޮތަށް ހުރެވުނެވެ. ގެންނަންވީ ޙަރަކާތެއް ނޭނގިފައި އެހެން ހުއްޓާ ނަރުސްދައްތައާއިއެކީ، ދާރިސްގެ ޚަބަރުވެގެން އައި ބައްޕަ ވެސް ހެލްތް ރޫމަށް ވަނެވެ. ބައްޕަ ވަދެގެން އައިސް ވީ ކިހިނެއްތޯ އެހުމުން ހިބާއަށް ޖަވާބެއް ނުދީ ހުރެވުނެވެ. އިސާހިތަކު ދާރިސްއަށް ވަމުން ދިޔަ ގޮތް އޭނައަށް ފެންނަން ފެށީ ކަރުނުން ފުސްވެގެން ދިޔަ ދެލޮލާއި އެކީގައެވެ.
ހިބާގެ އެ ޚިޔާލުތަކަށް މެދުކެނޑުމެއް އައީ އޭނަގެ ބާލީސް ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ނަގައި ބަލައިލިއިރު ސްކްރީނުން ނަޝާގެ ނަން ފެނިފައި ހިބާ ސީދާވެލަމުން އެނދުމަތީގައި އިށީނދެ ކޯލް ރިސީވް ކުރިއެވެ.
“ލައްބަ ނަޝާ. ކީކޭ؟” ހިބާ ވާހަކަ ދެއްކިއެވެ.
“ތިކޮޅަށް ވަރަށް ލަސް ގަޑިއެއްގަދޯ މި ގުޅައިލެވުނީ ހިބާ މިސް؟ އެކަމަކު މި ވާހަކަ ނުބުނެ ނުހުރެވިގެން ހަމަ މި ގުޅައިލީ.” ނަޝާގެ އަޑުން އޭނަ ދެރަވެފައި ހުރިކަން ހިބާއަށް އެނގުނެވެ.
“މިކޮޅަށް އަދި 11 ޖެހީ….އެކަމަކު މިސް އަދި ނުނިދަން. ކިހިނެއްތަވީ؟” ހިބާ އެހިއެވެ.
“މިސް އަޅުގަނޑަށް މިއަދު މާޒިން ފެނުނީ މާލޭގެ ހޮސްޕިޓަލެއްގަ ބާއްވާފަ އޮތްވާ. މާޒިން އެކްސިޑެންޓެއް ދިމާވެގެން ވަރަށް ޙާލު ދެރަވެގެންކަމަށް މާޒިންގެ މަންމަ ބުނީ. އިންޓާނަލް ބްލީޑިންގްއެއްވެސް ހުރިކަމަށް ޑޮކްޓަރުން ބުންޏޯ އެ މަންމަ ބުނީ…” ނަޝާ ކިޔައިދިނެވެ. އެ ވާހަކަ އިވެމުން ދިޔަދިޔަހެން ހިބާގެ މޫނުމައްޗަށް ވެސް ހިތާމަވެރިކަމާއި ކަންބޮޑުވުން ވެރިވިއެވެ. މާޒިންގެ ލޯބި މޫނު ހަނދާންވެ، އެ ކުއްޖާ އެ ފަދަ ޙާލަތެއްގައި ވާތަން ޚިޔާލަށް ގެނެވުމުން ހިތް ދެރަވިއެވެ.
“ކޮން އިރަކު ކިހިނެއް ދިމާވި އެކްސިޑެންޓެއްތަ؟ މާޒިން ހޭލާތަ އޮތީ؟ ވާހަކަ ދައްކާތަ؟” ހިބާއަށް އެއްފަހަރާ އެތައް ސުވާލެއް ކުރެވުނެވެ.
“ހީވަނީ މާލެއަށް އައިފަހުން ދިމާވި އެކްސިޑެންޓެއްހެން. ރަށުގަ ވީ ކަމެއްނަމަ އަހަރުމެންނަށް އަޑުއިވުނީހެއްނު؟ މާޒިން އޮތީ ހޭލާ. އެކަމަކު ވާހަކައެއް ނުދައްކާ. ނަޝާވެސް މި ވޯޑްގަ މާމަ ބާއްވައިގެން ހުރީމަ މާޒިންގެ ވާހަކަ ޑޮކްޓަރުން ދެއްކި އަޑު އިވުނު. ޑޮކްޓަރުން ބުނީ މާދަމާގެ ސާރޖަރީއަށްފަހު މާޒިން ރަނގަޅުވާނެއޭ. ޑޮކްޓަރުން ދިޔައިމަ ނަޝާ މާޒިންގެ މަންމައާއި ވާހަކަ ދެއްކީ. އެ މަންމަ އަބަދުވެސް ހަދާހެން ދެރަވެފަ ހުއްޓަސް ސްމައިލްކޮށްފަ އުއްމީދީ ގޮތަކަށް ބުނީ ހުރިހާ ކަމެއް ރަނގަޅުވާނެއޭ…”
“އިން ޝާ ﷲ! ރަނގަޅުވާނެ ގޮތެއްވުމަށް އަހަރުމެން ވެސް ދުޢާކުރަންވީ. ނަޝާ މާޒިންގާތު ހިބާ މިސް ސަލާމް ބުނި ވާހަކަ ބުނައްޗޭ. އަދި ވަރަށް ލޯބިވާ ވާހަކަ ވެސް ބުނެދެއްޗޭ…”
“ބުނާނަން މިސް. އެކަމަކު އެކުއްޖާ ޖަވާބެއް ނުދޭނެ. ނަޝާ ވެސް ކުޑަކޮށް ވާހަކަ ދެއްކިން. އެކަމަކު މިހާރު ބަލާވެސް ނުލާ. މިވީ ގޮތުން އަނެއްކާވެސް އިތުރަށް ދުވަސް ނަގާނެ ކަންނޭނގެ އެކުއްޖާ ވާހަކަ ދައްކަން. ޓާރމް ޗުއްޓީ ނިމުނީމަ ނަޝާގެ ޓީޗިންގް ޕްރެކްޓިކަމް ވެސް ފެށޭނެ. މާސްޓާރ ޓީޗާރ އޮބްޒާވް ކުރާ ލެސަނެއްގަ ކުއްޖަކު ބައިވެރި ނުވެ ހުރިއްޔާ ޕޮއިންޓްސް ގެއްލޭނެދޯ މިސް؟”
“އެކުއްޖާ ބައިވެރި ކުރުވަން ނަޝާގެ ބެސްޓް ދިނިއްޔާ ޕޮއިންޓްސް ނުގެއްލޭނެ….ނަޝާއަށް އެނގޭތަ ޓީޗިންގް ޕްރެކްޓިކަމްއެއް ހަދަނީ ކީއްވެގެންކަން؟”
“އެއީ އޮފިޝަލީ ޓީޗާރއަކަށް ވާ ދުވަހަކުން ރަނގަޅަށް ކުލާސް މެނޭޖްކޮށް ލެސަންތައް އެންމެ ފުރިހަމައަށް ގެންދެވޭނެ ގޮތްތައް ދަސްކުރުމަށް؟”
“ހުމް….ރަނގަޅަށް ތިބުނީ. އެކަމަކު އެއީ ޙަޤީޤަތުގަ އޭގެ އެއްބައި. ޑޮކްޓަރުންނާއިމެދު ނިކަން ވިސްނާލަބަލަ ނަޝާ. ޑޮކްޓަރުން ވެސް އަމިއްލައަށް ޕްރެކްޓިސްކުރަން ފެށުމުގެ ކުރިން އެހެން ތަޖުރިބާކާރު ޑޮކްޓަރުންނާއިއެކީ މަސައްކަތް ކުރަނީ. އެއީ ޑޮކްޓަރުންނަށް އެޅޭ އެންމެ ގޯސް ފިޔަވަޅަކުން ވެސް މީހެއްގެ ފުރާނައަށް ގެއްލުން ވެދާނެތީ….އަހަރުމެން މުދައްރިސުންގެ ގޮތުގަ އެޅޭ ގޯސް ފިޔަވަޅެއްގެ ސަބަބުން ކުއްޖެއްގެ ފުރާނައަށް ގެއްލުން ނުވެދާނެ. އެކަމަކު އަހަރުމެންނަށް ބުނެވޭ އެންމެ ގޯސް ބަހަކުން ކުއްޖެއްގެ މުޅި ނަޒަރިއްޔާތު ނުބައި ގޮތަކަށް ބައްޓަން ވެދާނެ. އަހަރުމެންނަށް އެޅޭ ނާއިންސާފު ފިޔަވަޅެއްގެ ސަބަބުން ކުއްޖަކު ނުބުނެ ހުރެވެސް އަމިއްލަ ނަފްސަށް ނަފްރަތުކުރަން ފަށާފާނެ. ކުއްޖެއްގެ ޙާލަތާއިމެދު ވިސްނުމެއްނެތި އެ ކުއްޖާއާއި ނުގުޅޭ ފަދަ ގޮތްގޮތަށް އުނގަންނައިދޭން މަސައްކަތްކޮށްފިނަމަ، ތިމަންނައަކީ ދުވަހަކުވެސް ނުކިޔެވޭނެ ކުއްޖެއްކަމަށް އެކުއްޖާ ޤަބޫލުކުރަން ފަށާފާނެ. މިފަދަ ކަންތައްތަކުގެ ސަބަބުން ކުއްޖެއްގެ މުޅި މުސްތަޤްބަލުވެސް ބަނަވެގެން ދިޔުން އެކަށީގެންވޭ….އެހެންވީމަ ނަޝާ ތި ހަދަން އުޅޭ ޓީޗިންގް ޕްރެކްޓިކަމްގެ ތެރެއިން މި ކަންތަކަށް ވެސް ވިސްނައްޗޭ. އަބަދުވެސް ލޯތްބާއި އިޙްތިރާމާއިއެކީ ނޫނީ އެއްވެސް ކުއްޖަކާއި ވާހަކަ ނުދައްކާތި. އެކުދިންނަކީ އެ ލޯތްބާއި އިޙްތިރާމް ޙައްޤުވާ ކުދިންގެ ގޮތުގަ އަބަދުވެސް ދެކޭތި. އޭރުން އެކުދިން އަހަރުމެން އުއްމީދު ކުރާ ވަރަށްވުރެ ވެސް ރަނގަޅު ނަތީޖާތައް ނެރޭނެ އިން ޝާ ﷲ!”
ހިބާ އެ ވާހަކަތައް ކިޔައިދިނީ ދާދި ދެންމެއަކު އޭނަގެ ހަނދާނަށް އައި ދާރިސްގެ ޚިޔާލުތައް އާ ކުރަމުންނެވެ. އެ ވާހަކަތައް ކިޔައިދިން އިރު ވެސް އެދުވަހު ދާރިސްއާއި އޭނައަށް ވާހަކަ ދެކެވުނު ގޮތާއިމެދު ހިތާމަކުރެވުނެވެ. މުދައްރިސަކަށްވުމަށްޓަކައި އެހެން މީހުންގެ އިޙްސާސްތައް ދެނެގަނެ އެ އިޙްސާސްތަކަށް ރިޢާޔަތްކުރުން ކިހާ މުހިއްމުކަން އޭނައަށް އެނގުނީ އެދުވަހުގެ ތަޖުރިބާއިންނެވެ.
“އަގް އައި މިސް ޔޫ ސޯ މަޗް ހިބާ މިސް! އަވަހަށް އަނބުރައި އަންނައްޗޭ ޕްލީޒް!” ނަޝާ ފަހު ބަސް ދިގުކޮށްލަމުން އެދުނެވެ.
“ހެހެ….އިން ޝާ ﷲ ދެވުނުހާ އަވަހަކަށް އަންނާނަން.” ހިބާ ބުންޏެވެ. އެހިނދު ނަޝާ ތަނަކަށް ދާންވެއްޖެކަމަށް ބުނެ ދެން ބޭއްވީއޭ ބުންޏެވެ. އެއާއިއެކު ހިބާވެސް އަލްވަދާޢު ކިޔައިލަމުން ފޯނު ކަނޑައިލިއެވެ.
ފޯނު ބޭއްވުމަށްފަހު ވެސް މާޒިންއާއި މެދު ވިސްނުމުން ހިބާ ވައިބާރ ހުޅުވައި މާޒިންގެ މަންމައަށް މެސެޖެއް ފޮނުވިއެވެ. މާޒިންގެ ވާހަކަ ނަޝާ މިސްގެ ފަރާތުން އިވުނު ވާހަކަ ބުނެ މާޒިންގެ ޙާލު އަހަމުންނެވެ. މެސެޖު ފޮނުވުމަށްފަހު ހިބާ، މާޒިންގެ މަންމަ އޮންލައިންތޯ ބަލައިލިއެވެ. އެހިނދު އެންމެ ފަހުން އޮންލައިންވެފައިވީ 4 ދުވަސް ކުރިން ކަމަށް އޮތުމުން އެ މެސެޖު މާޒިންގެ މަންމައަށް ނުފެންނާނެތާއޭ ހިތަށްއެރިއެވެ. އެއާއިއެކު ހިބާ ފުން ނޭވައެއް ދޫކޮށްލަމުން މާޒިންއާއި މާޒިންގެ މަންމައަށްޓަކައި ދުޢާކުރިއެވެ.
**
އޭގެ އަނެއްދުވަހު ހެނދުނުވެސް ހިބާ އޭނައާއިއެކީ ސްވިޓްޒަލޭންޑަށް އައި މުދައްރިސުންނާއި އެކީ ވިންޓޭޖް ޓެކްނޮލޮޖީސްއަށް ގޮސް އިސްމާޢީލް އީތަންއާއެކީ ބައްދަލުވުމެއް ބޭއްވިއެވެ. އެދުވަހުގެ ބައްދަލުވުން އީތަން ކުރުކުރީ، މުދައްރިސުންދޭ ޚިޔާލުތައް އެޕްލިކޭޝަންގައި ހިމެނުމަށް ތިން މުވައްޒަފުންނާއި ޙަވާލުކުރަމުންނެވެ. އެ މުވައްޒަފުން މުދައްރިސުންގެ ޚިޔާލުތަކާއި އެއްގޮތަށް އެޕްލިކޭޝަން ކޯޑުކުރަމުން، ކޯޑުކުރެވުނު ތަންކޮޅު ހުންނާނެ ގޮތް މުދައްރިސުންނަށް ދައްކައި އެއީ އެ ޢުމުރުގެ ކުދިންނާއި އެންމެ އެކަށީގެންވާ ގޮތްތޯ ބަލަމުން ދިޔައެވެ. މުވައްޒަފުން ކޯޑުކުރާ ވަގުތުގައި ހިބާއާއި މުދައްރިސުންނާއެކީ މަތީ ގްރޭޑްތަކަށް އެޕްލިކޭޝަންގެ ދެވަނަ ބައި ހެދިދާނެ ގޮތް ރާވަމުން ދިޔައެވެ.
4 ވަރަކަށް ގަޑިއިރު ވަންދެން ދެމިގެން ދިޔަ އެ މަސައްކަތުގައި ހިބާ އިނީ މުޅިންހެން އިށީނދެގެން ކަމަށްވިޔަސް، އޮފީހުން ނިކުމެގެން އައިއިރު ހިބާގެ ސިކުނޑި ވަރުބަލިވެފައިވިއެވެ. އެދުވަހު ގޮސް ކާރަށް އެރިއިރު އިއްޔެއާއި ޚިލާފަށް އޭނަގެ ބޮޑުބޭބެ ކާރުގައި އިނެވެ.
“މިއަދު މާ ގިނައިރުވީމަ ބަލިވެފަ ދޯ ތިހިރީ؟ ހެހެ…..އެހެންވެއްޖެއްޔާ މިރޭ ހިބާއަށް ބައްދަލުނުކުރެވޭނެދޯ އީތަން ސާރއާ؟” ކާރު ދުއްވައިލި ވަގުތު ފަރީދުބެ ވާހަކަ ދެއްކިއެވެ.
“ކޮން ބައްދަލުވުމެއް؟” ވެފައި ހުރި ވަރުބައްޔެއްގެ ބޮޑުކަމުން އެ އިވުނު ވާހަކަތައް ހިބާއަށް ދޭހަ ކުރެވުނެވެ. ފަރީދުބެ އެ ދައްކަނީ ކޮން ވާހަކައެއްކަން އެނގުންވީ އެ ސުވާލުކުރެވުނު ފަހުންނެވެ.
“އީތަން ސާރ ބުނި މިރޭ ހިބާއަށް ކޮންމެވެސް އެއްޗެއް ދަސްކޮށްދޭން ވީޑިއޯ ކޯލްއެއް ކުރަން-“
“އާނ އެ ބައްދަލުވުން…އޭގަ ބައިވެރިވާނަން އަހަރެން. އެ ވަގުތު ޖެހޭއިރަށް އަރާމުކުރެވިދާނެ!”
ހިބާއަށް އަވަސްއަވަހަށް ބުނެލެވުނެވެ. އޭގެ ފަހަތުގައިވި އެއް ސަބަބަކީ އޭނަ އީތަން ސާރއާއި ބައްދަލުކުރަން ބޭނުންވެފައިވި މިންވަރުކަން އެނގުމުން ހިސާބަކަށް ލަދުވެސް ގަތެވެ. އެހެނަސް އެ އިޙްސާސް ހަމައަކަށް އެޅުނީ އޭނަ ޙަޤީޤަތުގައި ވެސް އީތަން ސާރ ދަސްކޮށްދޭން އުޅޭކަމެއް އުނގެނެން އުޅޭތާ ދުވަސްވެފައިވިކަން އެނގުންވުމުންނެވެ.
ހިބާއަށް ވީ ގޮތް ފެނިފައި ފަރީދުބެ ހީލިއެވެ. އަދި ތިމަންނަ އެ ބައްދަލުވުމުގައި ބައިވެރިވާނަމޭ ބުނެލިއެވެ. އެހިނދު ފަރީދުބެ ގެ ހިނިތުންވުން ފެނިފައި ހިބާއަށް ވެސް ހީލެވުނީ ބޭއިޚްތިޔާރުގައެވެ.
ގެއަށް ގޮސް ހިބާ އެންމެ ފުރަތަމަ ކަމަކަށް ބެލީ އަރާމު ކުރެވޭތޯއެވެ. ހެދުން ބަދަލުކުރުމަށްފަހު ހިބާ އޮށޯންނަން އުޅުނު ވަގުތު ނަޝާގެ ވައިބާރ މެސެޖެއް އައެވެ. އެ މެސެޖުގައި އޮތީ މާޒިންގެ ސާރޖަރީ ކާމިޔާބުވެ މިހާރު ނުރައްކަލުން ބޭރުގައި ވާ ވާހަކައެވެ. އެ ޚަބަރު ލިބިފައި ހިތާހިތުން ޙަމްދުކުރަމުން ހިބާ އަނެއްކާވެސް މާޒިންގެ މަންމަގެ ޗެޓް ލޮގަށް ދިޔައެވެ. އެހެނަސް އޭރުވެސް މާޒިންގެ މަންމަ އޮފްލައިންކަމަށް ދެއްކުމުން ހިބާ ފުން ނޭވައެއް ދޫކޮށްލިއެވެ. މާޒިންއާއިމެދު ކަންބޮޑުވާތީ މެސެޖެއް ބަލާނެހާ ވަގުތެއްވެސް ނުވަނީތާއޭ ހިތަށްއެރިއެވެ. އެއާއިއެކު އަނެއްކާވެސް އެ މަންމަގެ ހިތުގެ ހަމަޖެހުމަށްޓަކައި ދުޢާކުރެވުނެވެ.
**
އެރޭ 8 ޖަހަމުން ދިޔަ ވަގުތު ހިބާ މޫނުބަލާ ލޯގަނޑު ކުރިމަތީގައި ހުރެގެން ޝޯލް އަޅަމުން ދިޔައީ މިނެޓްތަކެއްގެ ތެރޭގައި ފެށެން އުޅޭ ކޯލަށްޓަކައެވެ. ފުރަތަމަ ހިބާ ރާވައިގެން ހުރީ އެއްވެސް ތައްޔާރެއްނެތި ކެމެރާ ނުޖައްސައި އެ ކޯލުގައި ބައިވެރިވުމަށެވެ. އެހެނަސް އެކޮޅުން އީތަން ސާރ ކެމެރާ ޖައްސައިގެން ހުރެ އޭނަ ނުޖައްސައި ހުރިއްޔާ ކަމުނުދާނެއޭ ހިތައި ފަހު ވަގުތު ތައްޔާރުވެވެން ފެށިއެވެ. ތައްޔާރުވާން ފެށުމުން ޚުދު އޭނައަށް ކުރެވެމުން ދިޔަ އިޙްސާސްތަކުން ހިބާއަށް އުދަގޫވިއެވެ. ޝޯލް އަޅާނެ އެންމެ ރީތި ގޮތާއިމެދު މާ ބޮޑަށް ވިސްނެމުން ދިޔައީ އީތަން ސާރއަށް އޭނަ ފެންނަން އުޅޭތީވެކަން ޔަޤީންވުމުންނެވެ. އެ އިޙްސާސާއި ދެކޮޅަށް ގަދަ އަޅައި މަސައްކަތް ކުރަމުން ހިބާ އެންމެ ފަހުން އާދައިގެ ގޮތަކަށް ޝޯލް އަޅައި ތައްޔާރުވިއެވެ. އެހެނަސް މޫނުބަލާ ލޯގަނޑާއި ދުރަށް ދެވުނީ އެކި ފަރާތް ފަރާތުން އޭނަ ފެންނަ ގޮތަށް ބަލާފައެވެ.
ގަޑިން 8 ޖަހާފައިވި ތަން ފެނިފައި ހިބާ ދުވެފައި ގޮސް ކޮމްޕިއުޓަރު ދޮށުގައި އިށީނދެ މޮނީޓަރުގެ ބަޓަނަށް ފިތައިލިއެވެ. ކޮމްޕިއުޓަރު ހުޅުވި އޭނަގެ ޔޫޒާރއަށް ވަދެވުމުން ހިބާ ހުޅުވައިލީ އީތަން ސާރ ބުނެގެން އޭނަ ޑައުންލޯޑް ކޮށްފައި ހުރި ވީޓީ ޗެޓް ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ހުޅުވިގެން ދިޔުމާއިއެކު ‘އިސްމާޢީލް އީތަން’ ގެ ނަން ސްކްރީނަށް އެރީ، ރިންގުވަމުން ދިޔަ އަޑާއި އެކީގައެވެ. ހިބާ އެ ކޯލް ރިސީވް ކުރުމާއިއެކު ކޯލުގެ ތިން ބައިވެރިން ފެނިގެން ދިޔައެވެ. އެއާއިއެކު ކެމެރާ ޖައްސައިގެން ހުރީ ހަމައެކަނި އޭނަކަން އެނގުމުން ހިބާއަށް ވަގުތުން ކެމެރާ އޮފްކޮށްލެވުނެވެ.
“ހިބާ، އީތަން….ބޭބެ މިހިރީ އިނގޭ ހަމަ ކޯލްގަ. ކުޑަކަމެއްގަ މިއުޅެނީ އެކަމަކު އެބަ އިވޭ ދެކުދިން ދައްކާ ވާހަކަ. ވަރަށް ޙައިރާންވޭ އެތައް އަހަރެއް ވަންދެން ބޭރުގަ އުޅުނު ކުއްޖަކުވެސް ބޮޑުބޭބެއާއިއެކީ އަންހެން ކުއްޖަކާއި ބައްދަލުވުމެއް ބާއްވަން އުޅޭތީ. ހެހެ….” ފަރީދުބެ ވާހަކަ ދެއްކި އަޑު އިވުނެވެ. ފަރީދުބެ އެންމެ ފަހުން ބުނެލީ ހިބާގެ ހިތުގައި ވެސް ހުރި ބަސްތަކެވެ. އީތަން ސާރ ފަދައިން ބޭރު ޤައުމެއްގައި އެހާ ގިނަ ދުވަހު އުޅޭ މީހުން ޢާއްމުގޮތެއްގައި އެމީހުންގެ ދީނާއި އަޚްލާޤުގެ މަތިން ހަނދާން ނެތިގެން ދެއެވެ. މިރޭގެ ބައްދަލުވުން ކުރިއަށް ގެންދާނީ އޭނަގެ ބޮޑުބޭބެއާއި އެކީއޭ ބުނިފަހުން އީތަން ސާރ އަކީ އެފަދަ މީހެއް ނޫންކަން ހިބާއަށް ޔަޤީން ކުރެވުނެވެ. އީތަން ސާރ ފަދައިން އޭނައާއި ވަކިން ވާހަކަ ނުދައްކަން އެއްގޮތަކަށް އެއްބަސްނުވާނެ އެހެން ފިރިހެން ކުއްޖެއް މަތިން ހަނދާން ވާން ފެށި ވަގުތު އީތަން ސާރ ވާހަކަ ދެއްކިއެވެ.
“ބޭރުގެ އުޅުނަސް އަޅުގަނޑު ދިރިއުޅެންޖެހޭ ޤަވާޢިދުތަކެއްގެ މަތިން ހަނދާން ނައްތައެއް ނުލަން. ވަރަށް ބޮޑަށް ޝުކުރިއްޔާ ބޭބެ މި ބައްދަލުވުމުގަ ބައިވެރިވެ ދެއްވީތީ…” އީތަން ސާރ ބުނި އަޑު އިވުނެވެ. އެއަށްފަހު ފަރީދުބެ އާނއެކޭ ބުނެ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް އެދުނެވެ. ބޮޑުބޭބެ މައިކް އޮފް ކުރުމުން އީތަން ސާރ ގެ އަޑު އަނެއްކާވެސް އިވުނެވެ.
“އައްސަލާމްޢަލައިކުމް ހިބާ…” އީތަން ސާރ އެހެން ބުނި އަޑަށް ހިބާއަށް ސަމާލުވެލެވުނެވެ.
“ވަޢަލައިކުމުއްސަލާމް…” ހިބާއަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ.
“އެންމެފަހުން ހިބާގެ އެޕްލިކޭޝަންގެ މަސައްކަތް ފެށެން އުޅޭތީ އުފާކުރަން. މިއަދުގެ މީޓިންގްގަ އެހާ ގިނައިން ކޯޑިންގްގެ ވާހަކަ ދައްކާފަ އަނެއްކާ މިގަޑީގަ ކޯޑިންގް ކިޔަވަން ފެށީމަ ތަންކޮޅެއް އޯވާރވެލްމް ވާނެ ކަންނޭނގެ. ހިބާ އޯކޭ ދިން ވާހަކަ ބޭބެ ބުނީތީ މި ގަޑީގަ މީޓިންގް މި ހަމަޖެއްސީ…”
“އާދެ….އަސްލު މިހާ ހިސާބަށް އާދެވުނީމަ އާ ހުނަރެއް ދަސްކުރަން ބޭނުން. އެހެންނޫނަސް މީގެ ޓޫ ޑޭއިސް ވަރު ފަހުން މިކޮޅުގެ ސްކޫލަކަށް ވިޒިޓްކުރަން އުޅޭ ވާހަކަ ވެސް އަޑުއެހިން. އޭރުން ޓައިމްއެއް ނުވާނެ ދަސްކުރަން. ވީކެންޑްސްގަ ނޫނީ…”
“އެހެންތޯ؟ ވަރަށް މަދު ދުވަސްކޮޅެއް ދެއްތޯ އެހެންވީމަ މިކަމަށް މި ލިބެނީވެސް. މިހާ ކުޑަ ދުވަސްކޮޅަކުން އެޕްލިކޭޝަން ހަދަން ދަސްވާނެހެނެއް ހިއެއްނުވޭ. އެކަމަކު ބަލަމާ ދެއްތޯ؟”
“އަޅުގަނޑު މިއީ ޢާއްމު ގޮތެއްގަ ވަރަށް ފާސްޓް ލާރނާރއެއް. އަޅުގަނޑުގެ ބެސްޓް ދޭނަން އިން ޝާ ﷲ. ސާރ އަޅުގަނޑަށްޓަކައި ތި ހޭދަކުރައްވާ ވަގުތުކޮޅު ބޭކާރުވިޔަ ނުދޭނަން.”
ހިބާ އެ ބުނެލި ވާހަކައިން ކޯލުގެ އަނެއްކޮޅުގައި އިން އީތަންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ހިބާ އެންމެ ފުރަތަމަ އޭނައަށް އެއްޗެއް ދަސްކޮށްދިން ދުވަހު އެހާ އަވަސްއަވަހަށް ކިޔައިދިނީ ހިބާ ‘ފާސްޓް ލާރނާރއަކަށް’ ވީމަތޯ ހިތަށްއެރިއެވެ. އެދުވަސްމަތިން ހަނދާންވަމުން ދިޔައީތީ ނޭނގުމެއްގެ ތެރެއިން ވިޔަސް ހިބާއާއި ސަމާސާކޮށްލަން ހިތް އެދުނެވެ.
“އޯކޭ…އެހެންވިއްޔާ ފަށަމާ. ކޯޑިންގްގަ ހުންނާނީ އެކި ލެންގުއޭޖެސް އިނގޭތޯ؟ އޭގެ ތެރޭގަ ސީ ޕްލަސް ޕްލަސް، ޖާވާސްކްރިޕްޓް، ލޯގޯ އަދި މި ނޫނަސް ބައިވަރު ޕްރޮގްރާމިންގް ލެންގުއޭޖެސް ހުރޭ. ވެބްސައިޓްތައް ހަދާއިރު ޢާއްމުގޮތެއްގަ ސްޓައިލް ކުރަން ބޭނުން ކުރާނީ އެޗްޓީއެމްއެލްއާއި ސީއެސްއެސް. އެކަމަކު އެޕްލިކޭޝަންތައް ހަދަން ޢާއްމުގޮތެއްގަ ބޭނުންކުރާނީ ޕައިތަން ކިޔާ ޕްރޮގްރާމެއް. އެހެންވީމަ އެންމެ ފުރަތަމަ ކަމަކަށް ހިބާ ޖެހޭނީ ޕައިތަން ޑައުންލޯޑްކޮށް އިންސްޓޯލްކޮށްގެން އެޕްލިކޭޝަންގެ ބެކް-އެންޑް ކޯޑްކުރަން. އެއަށްފަހު ސީއެސްއެސް ބޭނުންކޮށްގެން ފްރޮންޓް އެންޑް ޑިޒައިންކުރަން. އެހާ ހިސާބުން އެޕްލިކޭޝަން ހުންނާނީ ހެދިފަ.”
އީތަން ޒާތެއްގެ ހިނިތުންވުމަކާއިއެކީ އަވަސްއަވަހަށް ކިޔައިދިނީ، ހިބާ އޭނައަށް ދޮންނަ މެޝިން ބޭނުންކުރަން ދަސްކޮށްދިން ދުވަހުގެ މަތިން ހަނދާންކުރަމުންނެވެ. އީތަން ވާހަކަ ދައްކަމުން ދިޔަދިޔަހެން ކޯލުގެ އަނެއްކޮޅުގައި ހުރި ހިބާ އަވަސް އަރުވާފައި ގޮނޑިން ތެދުވެ ފޮތަކާއި ގަލަމެއް ހިފައިގެން އައިސް ކޮމްޕިއުޓަރު ދޮށުގައި އިށީނެވެ. އީތަން ސާރ ވާހަކަ ދެއްކި ގޮތް އަވަސްވުމުން އެ ވާހަކަ ނިމުނުއިރު އޭނައަށް ކިރިޔާ ލިޔެވުނީ ދެ ތިން ބަހެވެ. އެއީ އޭނައަށް ބުނެދެވެން އުޅޭ ހުރިހާ އެއްޗެއްގެ ނިމުންހެން ހީވި ވަގުތު ދެދަތްޕިލައިގެ ދޭތެރެއިން ހިފަހައްޓައިގެން ހުރި ގަލަމުގެ މަތިގަނޑި މޭޒުމަތީގައި ޖެހުނެވެ.
“ސް…ސާރ، އަދި ތަންކޮޅެއް ލަސްލަހުން ކިޔައިދެވިދާނެތޯ؟” ހިބާ ހިސާބެއްގެ ޖެހިލުންވުމަކާއިއެކީ އެހިއެވެ.
“ހެހެ….ފާސްޓް ލާރނާރއެކޭ ބުނީމަ ފާސްޓްކޮށް ކިޔައިދިނީ. ބޭޑް ޖޯކް ދޯ؟ ސޮރީ!” އީތަން ސާރ ބުނެލި ވާހަކައިން ލަސްލަހުން ހިބާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ހިބާއަށް ލުއި ގޮތަކަށް ހީލެވުނެވެ.
“އިޓްސް އޯކޭ ސާރ…ދެންމެ ކިޔައި ދެއްވި އެއްޗެހިން އަދި މާ ބޮޑަށް އިންޓްރެސްޓް ޖެހިއްޖެ.”
“ހުމް…..އިންޓްރެސްޓިންގް އެއްޗެއްސޭ މިއީ. އަދި ހިބާ ކޮމްޕިއުޓިންގް ކިޔަވާފަ ހުރީމަ އިންޓްރެސްޓް ހުންނާނެތާ…”
“ސާރއަށް ކިހިނެއްތޯ އެނގިލެއްވީ އަޅުގަނޑު ކޮމްޕިއުޓިންގް ކިޔެވިކަން؟”
ހިބާއަށް އެ ސުވާލުކޮށްލެވުނީ ދެ ބުމަ ކައިރިކޮށްލަމުންނެވެ. އެއާއިއެކު އީތަން ނުތަނަވަސްވާ ގޮތްވިއެވެ.
“އެއީ….ހިބާ އެ އެޕްލިކޭޝަން ސިފަކޮށްދީފަ ހުރި ގޮތުން ވެސް ޔަޤީން ކުރެވުނު ހިބާ ކޮމްޕިއުޓިންގް ކިޔަވާފަކަން ހުންނާނީ.” އީތަން ޖެހިލުންވުމަކާއިއެކީ ބުންޏެވެ.
“އޮހް…އަސްލު ކޮމްޕިއުޓިންގްއަށްވުރެ ބޮޑަށް އައިސީޓީ ކިޔެވީމަ އެޕްލިކޭޝަންތަކުގެ ޚިޔާލު ލިބެން ފެށީ.” ހިބާ ބުންޏެވެ.
“އެހެން ދެއްތޯ؟ އެހެންވީމަ ހިނގާދޯ އެންމެ ފުރަތަމަ ކަމަކަށް ޕައިތަން ޑައުންލޯޑްކޮށްލަން. ހިބާ ސްކްރީން ޝެއާރކޮށްލާފަ ސާރއަށް ދައްކައިގެން ސާރ ބުނާ ގޮތަށް ހަދަމުންދޭ. ވަރަށް ޕްރެކްޓިކަލްކޮށް މި ސެޝަންތައް ކުރިއަށްދާނީ.” އީތަން އަވަސްއަވަހަށް މަޢުޟޫ ބަދަލުކޮށްލީ ހިބާއަށް ކުޑަވެސް ޝައްކެއް ވެދާނެތީވެއެވެ.
އީތަން އެހެން ބުނުމާއިއެކު ހިބާ ސްކްރީން ޝެއާރކޮށް އީތަން ބުނާ ގޮތަށް ހަދަން ފެށިއެވެ. އީތަން އެރޭ ދަސްކޮށްދިނީ ޕައިތަން އިންސްޓޯލްކޮށް އޭގައި ކުދިކުދި ފަސޭހަ ކޯޑުތައް ލިޔުމަށެވެ. ހިބާ އަމިއްލައަށް ކޯޑެއް ލިޔެ އެންޓާރއަށް ފިތައިލަމުން އޭނަ ކުރާ ސުވާލެއްގެ ޖަވާބު އެ ޕްރޮގްރާމުން އަމިއްލައަށް އަންނާނެ ގޮތް ހަދަން ހިބާ ދަސްކުރިއެވެ. ކޯޑުތައް ސޭވްކޮށް ‘ރަން’ ކުރުމަށްފަހު އެންޓާރއަށް ފިތައިލުމާއެކު އެގޮތަށް ޖަވާބުތައް އަންނަން ފެށުމުން، ހިބާއަށް ލިބުނު ޙައިރާންކަމުގައި ‘ވާވް’ އަދި ‘ދެޓްސް އޯސަމް’ އޭ ކިޔަމުން ދިޔަ އަޑު އިވިފައި އީތަންއަށް ހެވޭ ގޮތްވިއެވެ. މި އުފާވެރި ވަގުތުކޮޅުތަކުގައި އޭނައަށް ހިބާ ފެންނާނެ ނަމައޭ އެވަގުތު އީތަންގެ ހިތަށްއަރަމުން ދިޔައެވެ. އެކަމަށް ހިތް އެދުނު ވަރުން ކަންނޭނގެއެވެ. އޭނައަށް އެރޭ ފުރަތަމަ ފަހަރަށް ކުއްޖެއްގެ ސޫރަ ސާފުކޮށް ސިފަކުރެވޭ ގޮތްވިއެވެ. ހިބާ އުފާ ފާޅުކުރަމުން ދިޔައިރު އެ ސޫރަ ނުފެނުނަސް ފެންނަހެން ހީވާ ދަރަޖައަށެވެ.
ނުނިމޭ