އިސްލާމްދީނުގައި އަޅުގަނޑުމެން ކުރާ ކޮންމެ ހެޔޮ ޢަމަލަކަށް އޭގެ ޘަވާބު ލިބޭކަން އަޅުގަނޑުމެންނަށް އެނގެއެވެ. އެހެނަސް އެ ހެޔޮ ޢަމަލެއް ކުރުމަށްފަހު ކަންތައް ކުރެވޭ ގޮތަކުން އޭގެ ޘަވާބު ގެއްލިދާ ހެޔޮ ޢަމަލެއް ވާކަން ތިބާއަށް އެނގޭ ހެއްޔެވެ؟ އެއީ ޞަދަޤާތް ކުރުމުގެ ހެޔޮ ޢަމަލެވެ!
ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَىٰ كَالَّذِي يُنفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ
“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލު ނުކުރާށެވެ! މީހުންނަށް ދެއްކުމަށްޓަކައި އެމީހެއްގެ މުދާ ހޭދަކުރާ މީހެއްގެ މިސާލު ފަދައިންނެވެ. اللَّه އަށާއި އާޚިރަތް ދުވަހަށް އޭނާ އީމާނެއް ނުވެއެވެ.” ސޫރަތުލް ބަޤަރާ، 264
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ مَنّ އާއި أَذَىٰ ގެ ސަބަބުން އަޅުގަނޑުމެންގެ ޞަދަޤާތްތައް ބާޠިލު ނުކުރުމަށެވެ. މި އާޔަތް ރަނގަޅަށް ދެނެގަތުމަށްޓަކައި އެ ދެ ބަހަށް ވަކިވަކިން ބަލައިލަމާ ހިނގާށެވެ.
مَنّ ގެ މާނައަކީ މީހަކަށް ކަމެއް ކޮށްދިނުމެވެ. އަދި އެ ކޮށްދިން ކަމެއްގެ ވާހަކަ އެ މީހަކަށް ހަނދާންކޮށްދިނުމެވެ. (ދިވެހި ބަހުގައި މިގޮތަށް ކަންތައް ކުރުމަށް ކިޔަނީ ކަލަގޮވުމެވެ.) އެހެންކަމުން އާޔަތުގެ ފުރަތަމަ ބައިން މި ސިފަކޮށްދެނީ ޞަދަޤާތެއް ދީފައި އެ ޞަދަޤާތެއްގެ ވާހަކަ އެ ލިބުނު މީހާއަށް ހަނދާންކޮށްދޭ ވާހަކައެވެ. ‘މި ދިޔަ މަހު އަހަރެން ތިބާއަށް ދިން ލާރީގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ ތިބާ އޭރު ހުރީ ފައިސާއަށް ވަރަށް ދަތިވެފައިދޯއެވެ؟’ މި ފަދަ ވާހަކަތައް ދާނީ مَنّ ގެ ދަށަށެވެ.
ދެންމެ ސިފަކުރެވިގެން އެ ދިޔައީ ވަރަށް ސީދާސީދަލަށް ކަލަގޮވިދާނެ ގޮތެކެވެ. އެހެނަސް އެކަން ކުރެވޭ ނުސީދާ ގޮތްތަކެއްވެސް ހުރެއެވެ. ‘ކުރީފަހަރު އަހަރެން ބޭނުންވި ވަރަށް ފައިސާ ރައްކަލެއް ނުކުރެވުނެވެ. އެކަމަކު އެބައި ޞަދަޤާތައް ދެވުނީތީ އުފާކުރަމެވެ.’ މި ފަދަ ބަސްތަކަކީ ވެސް مَنّ ގެ ދަށަށް ދާނެ ބަސްތަކެވެ. އަދި އަމުދުން ބަސްތަކަކާއި ނުލައިވެސް އެކަން ކުރެވޭ ފަހަރު އާދެއެވެ. އަޅުގަނޑުމެން ޞަދަޤާތް ދީފައިވާ މީހުންނާއެކީ އުޅޭއިރު އުޅުން ބަހައްޓާ ގޮތުންނެވެ. އެމީހުންގެ ކުރިމަތީގައި އަޅުގަނޑުމެންގެ މިޒާޖު ބަދަލުވެގެންދާ ގޮތުން ވެސް އެ މީހުން ދަށްކޮށްލެވިދާނެއެވެ. މިފަދަ އަޚްލާޤުން މާތް ﷲ އަޅަމެން ރައްކާތެރި ކުރައްވާށި! އާމީން!
އާޔަތުގައި ދެން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ބަހަކީ أَذَىٰ އެވެ. މީގެ މާނައަކީ އެހެން މީހަކު ދެރަކޮށް ހިތްދަތިކޮށްލުމެވެ. އެމީހަކަށް ކޮށްދިން ކަމެއްގެ ވާހަކަ ހަނދާން ކޮށްދިނުމުން އެމީހަކު ދެރަވާނެއެވެ. އެހެނީ އެހެން މީހެއް ކައިރީގައި އެދެން ޖެހޭ ފަދަ ޙާލަތެއްގައިވާން އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އަދި މީހަކު ބޭނުމެއްޖެހިފައިވާ ޙާލަތެއްގެ މަތިން އެމީހަކަށް ހަނދާން ކޮށްދިނުމަކީ ރީތި ސިފައެއް ވެސް ނޫނެވެ.
އަޅުގަނޑުމެން ދޭ ޞަދަޤާތްތައް އެއްކޮށް ބާޠިލުކޮށްލާ ދެ ޢަމަލީ މިއީއެވެ. ޞަދަޤާތަށްޓަކައި އަޅުގަނޑުމެން ފައިސާ، އެހެން ނޫނީ ކޮންމެވެސް މުދަލެއް އެހެންނޫނީ އަޅުގަނޑުމެންގެ ވަގުތުވެސް ދީފައިވެދާނެއެވެ. އެހެން މީހަކަށް އެހީއެއް ވުމަށް ހޭދަކުރެވޭ ވަގުތަކީ ވެސް ޞަދަޤާތެކެވެ. އެހެނަސް އަޅުގަނޑުމެން އެ ދިން ޞަދަޤާތުގެ މަތިން އެ ލިބުނު މީހަކަށް ހަނދާންކޮށްދޭނަމަ، ﷲ ގެ ޙަޟްރަތުގައި އަޅުގަނޑުމެން އެ ހެޔޮ ޢަމަލުކޮށްފައި ނުވާފަދައެވެ. އަދި އޭގެ ޘަވާބު އާޚިރަތް ދުވަހު އަޅުގަނޑުމެންނަކަށް ނުލިބޭނެއެވެ.
އާޔަތުގެ ފަހު ކޮޅުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެފަދަ މީހުން ސިފަކުރައްވާފައިވާ ގޮތް ނިކަން ބައްލަވާށެވެ. އެމީހުން ސިފަ ކުރައްވާފައިވަނީ ﷲ އާއި އާޚިރަތް ދުވަހަށް އީމާންނުވާ މީހުންގެ ގޮތުގައެވެ. އެހެނީ އެބައިމީހުން ޙަޤީޤަތުގައި ﷲ އަށް އީމާންވާނަމަ އެމީހުން ދިން ޞަދަޤާތް ﷲ ބައްލަވައިވޮޑިގެންވާކަން އެމީހުންނަށް ޤަބޫލުކުރެވޭނެއެވެ. އެހެންކަމުން މީހުންނަށް އޭގެ ވާހަކަ ހަނދާންކޮށްދިނުމުގެ ބޭނުމެއް އެމީހުންނަށް އިޙްސާސް ނުކުރެވުނީހެވެ. އަދި އާޚިރަތް ދުވަހަށް އެމީހުން ޙަޤީޤަތުގައި އީމާންވާނަމަ، އެ ދުވަހު އެމީހުން ދިން ޞަދަޤާތެއްގެ ޘަވާބާއި ދަރުމަ ލިބޭނެކަން އެމީހުންނަށް ޤަބޫލުކުރެވޭނެއެވެ. އެހެންކަމުން އެ ޞަދަޤާތް ދެވުނު މީހުންގެ ކިބައިން ޤަދަރާއި، ގިނަގުނަ ޝުކުރަކާއި އެމީހުންގެ ކިބައިން އިތުރު ކަމެއް ހޯދުމުގެ އެދުމެއް ހިތުގައި ނޯންނާނެއެވެ. އެހެނީ ﷲ އެބައިމީހުން ދިން ޞަދަޤާތުގެ ޘަވާބު ހިސާބެއްނެތި ދެއްވާނެކަން އެމީހުންނަށް ޤަބޫލުކުރެވޭނެތީވެއެވެ.
މާތް ﷲ އަޅަމެންގެ ކިބައިން އަޅަމެންގެ ޞަދަޤާތްތައް ޤަބޫލު ކުރައްވާށި! އަދި އެ ޞަދަޤާތް ބާޠިލުވާނެ ފަދަ ޢަމަލުތަކުން އަޅަމެން ރައްކާތެރި ކުރައްވާށި! އާމީން!
*އުސްތާޒް ނުޢުމާންގެ ދަރުހަކުން ނެގިފައި