
ނަފްސީ (ހަތްވަނަ ބައި)
ދާނިޝްއަށް ދެން ވަގުތު ފާއިތުވާން ފެށި ގޮތެއް ޔަޤީނެއް ނުވިއެވެ. ހުރިހާ ސަމާލުކަމެއް ދެވިފައިވީ ލޯ މެރިފައި އޮތް މަންމައަށެވެ. އަދި މޭގައި އުފެދިފައިވި ތޫނު ރިހުމަށެވެ. އަދި ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކުގެ ހޫނު ކަމަށެވެ.
މަންމަ ބޭއްވިފައި އޮތް އެނދު ކައިރީގައި އިން ގޮތަށް އިނދެވުނު އިރެއް ވެސް ދާނިޝްއަށް ނޭނގެއެވެ. އެހެން އިންދާ ބީރައްޓެހި ފިރިހެނަކު އައިސް އޭނައާއި ވާހަކަ ދައްކަން ފެށިކަން އެނގުންވިއެވެ. މިއީ ދަރިފުޅުގެ މަންމަތޯ އަހައި ސުވާލު ކުރިކަން އެނގުނެވެ. އޭނަ ރޮމުން ދިޔަ ގޮތުން ހޮސްޕިޓަލުގައި ހުރި ބީރައްޓެހިން ވެސް އޭނައަށް ޙަމްދަރުދީ ވަނީތާއޭ ހިތަށްއެރިއެވެ.
ދާނިޝް ހީކުރީ އެމީހަކު އިތުރު ވާހަކައެއް ނުދައްކާ ގޮސްދާނެ ކަމަށެވެ. އެހެނަސް ރޮމުން ރޮމުން ގޮސް ލޮލަށް ތަދުވެ، ނޭވާ ކުރުވާ ހިސާބަށް ދިޔުމުން އިސްއުފުލާލި ވަގުތު ވެސް އިސްކޮޅުން ދިގު އެ ބޭބެ ކައިރީގައި ހުއްޓެވެ.
“ބޭބެއާއި އެއްކޮށް ކުޑަކޮށް ބޭރަށް ޖެހިލަމާދޯ؟ އޭރުން ނަރުސް ކުދިންނަށް ދަރިފުޅުގެ މަންމަގެ ހަށިގަނޑު މިކޮޅުން ގެންދަން ތައްޔާރު ކުރެވޭނީ.”
އެ ބޭބެ އެހެން ބުނުމުން ދާނިޝްއަށް އަނެއްކާވެސް އެނދުގައި އޮތް މަންމަގެ މޫނަށް ބަލާލެވުނެވެ. އެވަގުތު މަންމަގެ އަނގަމަތިން އޮކްސިޖަން މާސްކް ނެގިފައިވުމުން އެ މޫނު ރީތިކޮށް ފެނުނެވެ. ދާނިޝްއަށް އެނދުގައި ހިފަހައްޓަމުން ކޮޅަށް ތެދުވެލެވުނީ އެ މޫނަށް ރަނގަޅު ނަޒަރެއް ދިނުމަށެވެ. އެ ހިނދު އެ މޫނުމަތިން ފެނުނު ހިނިތުންވުމުން މަންމަ އޮތީ ނިދިފައޭ ހިނދުކޮޅަކަށް ނަމަވެސް ދާނިޝްގެ ހިތަށްއެރިއެވެ. އެހެނަސް ޙަޤީޤަތް ސިކުނޑި ހަނދާން ކޮށްދިންހެން އަނެއްކާ ވެސް ލޯ ކަރުނުން ފުސްވިއެވެ. މަންމަ ނެތް ދުނިޔެއެއްގައި އޭނަ އުޅޭނީ ކިހިނެއްތޯ ހިތަށްއެރި ހިނދު އަނެއްކާވެސް ގިސްލެވެން ފެށިއެވެ.
މިފަހަރު އެއްކަލަ ބޭބެ ދާނިޝްގެ އަތުގައި ހިފައި ކޮނޑަށް އަތް އަރުވައިގެން ލަސްލަހުން އެތަނުން ބޭރަށް ގެންދަން ފެށިއެވެ. ފަސްފަހަތަށް ނަޒަރު ހިންގަމުން ވެސް އެ ބޭބެއާއި އެއްކޮށް ބޭރަށް ދެވުނީ މަޑުމައިތިރި އަޑަކުން އެ ބޭބެ އޭނައާއި ވާހަކަ ދައްކަމުން ދިޔަ ގޮތުންނެވެ. މަންމައަށް ދެން އަދާ ކޮށްދޭން އޮތް ޙައްޤަކީ ރީތި ގޮތުގައި މަންމަގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދިޔުން ކަމަށް ކިޔައިދެމުން ދިޔަ ގޮތުންނެވެ. އެ ވާހަކަތަކުން މަންމަ އޭނައާއި ވަކިވެ ގޮސްފިކަމުގެ ޙަޤީޤަތާއި ލަސްލަހުން ކުރިމަތިލާން ހިތް ތައްޔާރުވަމުން ދިޔައެވެ. ހުއްޓުމެއްނެތި ރުއިމުގެ ސަބަބުން ވަށައިގެންވި މާޙައުލު ސާފު ނުވިޔަސްމެއެވެ.
އެ ރުއިމުގެ ތެރެއިން ބޭބެއާއިއެކީ ގޮސް ހޮސްޕިޓަލުގެ ގޮނޑި ބަރިއެއްގައި އިށީނދެވުނުކަން އެނގުނެވެ. ބޭބެ ކަރުދާސް ފެން ތަށްޓެއް ދިނުމުން ފެން ތަށީގައި ހިފާލެވުނުކަން އެނގުނެވެ. އަދި އަތް ތުރުތުރު އަޅަމުން ދިޔައީތީ ފެން ބުއި ވަގުތު ގަޔަށް ފެން ވެއްޓުނުކަން ވެސް އެނގުނެވެ. އެއަށްފަހު މަންމަ ނިޔާވި ކަމުގެ ސެޓުފިކެޓުގައި ސޮއި ކުރި ހަނދާނާއިއެކު މޫނަށް އަނދިރިވާން ފެށިހެން ހީވިއެވެ. އެއަށްފަހު ދެން ވީނުވީއެއް ނޭނގުނެވެ.
ދާނިޝްއަށް ދެން ހޭލެވުނުއިރު އޮވެވުނީ އެމަޖެންސީ ގެ އެނދެއްގައެވެ. އޭރުވެސް އެއްކަލަ ބޭބެ އެނދު ކައިރީގައި ހުއްޓެވެ.
“ކޮބާ މިހާރު އޯކޭތަ؟” އެ ބޭބެ ސުވާލު ކުރިއެވެ. އެ ބޭބެ ގެ އަޑާއިއެކު އަނެއްކާވެސް ދާނިޝްގެ މޭގައިވި ރިހުން އަނބުރާ އައިސް މަންމަގެ މަރުގެ ހަނދާން އާވިއެވެ. އެހެނަސް އެވަގުތު ނުރޮވުނެވެ. ރޮއިރޮއި ކަރުނަ ހުސްވެފައިވި ފަދައެވެ.
ދާނިޝް ވަކި ޖަވާބެއް ނުދީ އޮތްވާ އެ ބޭބެ އިތުރަށް ވާހަކަ ދެއްކިއެވެ.
“ދަރިފުޅު ކަންބޮޑުނުވޭ. މަންމަގެ ކަށުކަމާކެމީގެ ކަންތައް ބޭބެ އެބަ ހަމަޖައްސަން. މިއީ ހެޔޮ އެދޭ މުސްލިމް އަޚެއް ކަމުގައި ދެކެއްޗޭ….މަންމަ ވަޅުލާނީ ފަތިސް ނަމާދަށްތަ؟ ދަރިފުޅުގެ ޢާއިލާ އެހެން މީހުން ކޮބާ؟” އެ ބޭބެ ސުވާލު ކުރިއެވެ. އެއާއިއެކު ދާނިޝްއަށް އޭނަގެ ފަޓުލޫނުގެ ޖީބުގައި އަތް ޖައްސާލަމުން ފޯނު ނެގުނެވެ.
ފޯނުން ދާނިޝް ހުޅުވާލީ ‘މަހިނޫރު’ ޢާއިލާގެ ވަޓްސް އެޕް ގްރޫޕެވެ. އެއީ މަންމަގެ ޢާއިލާ ގްރޫޕެވެ. އޭނަގެ މަންމަ ފަރާތު ބޮޑުބޭބެއިންނާއި ބޮޑުދައިތައިންނާއި ދެބެއިންގެ ދެ ދަރި ޒުވާން ކުދިން އުޅޭ ގްރޫޕެވެ. މަންމަ ކިތަންމެ ބުންޏަސް ދާނިޝް އެމީހުންނާއި މާ ބޮޑު ގުޅުމެއް ނުބާއްވައެވެ. އެމީހުންގެ ތެރެއިން ގިނަ މީހުން މަންމައާއި މެދު ޙަސަދަވެރިވާކަން އެނގޭތީ އެމީހުންނަށް ފޫހިވެއެވެ. 4 ބެއިން ވެގެން މެލޭޝިޔާގައި ވަޒަން ވެރިވެ އުޅެން ފެށީ މަންމައަށް އެންގުމެއް ވެސް ނެތިއެވެ. އެކަނިވެރި މައެއްގެ ގޮތުގައި އުޅެނީ އެ އެންމެންގެ ތެރެއިން މަންމަ އެކަނި ވިޔަސްމެއެވެ. އެހެނަސް އެއިން މަންމައަށް ލިބުނު ގެއްލުމެއް ނެތެވެ. މަންމައަށް ދެންވެސް ލިބިގެން ދިޔައީ އެމީހުންނަށްވުރެ ތަނަވަސް އަދި ކާމިޔާބު ދިރިއުޅުމެކެވެ. އެކަމާއިމެދު ދާނިޝް މިއަދާއި ޖެހެންދެން ވެސް ފަޚުރުވެރިވެއެވެ.
ގްރޫޕް ހުޅުވާފައި މަންމަގެ މަރުގެ ޚަބަރު ލިޔަން ވެސް ދާނިޝް ބޭނުމެއް ނުވިއެވެ. އެހެނަސް ޚިޔާލު ބަދަލުކޮށްލީ މަންމަ އެދޭނެ ގޮތަކީ ކޮބައިކަން އެނގުންވުމުންނެވެ. ދާނިޝް އެ ޚަބަރު ގްރޫޕަށް ފޮނުވުމާއިއެކު ތައުޒިޔާގެ މެސެޖުތައް އަންނަން ފެށިއެވެ. އަދި ބައެއް މީހުން ތިމަންނަ މެން އަންނަންދެން ވަޅުނުލާށޭ ބުނަން ފެށިއެވެ. އެއިން ދާނިޝްގެ ހިތަށް ކުރި އަސަރެއް ނެތެވެ. އެމީހުން ހަމަ ހެދެނީއޭ ހިތަށްއެރިއެވެ.
“މެންދުރު ނަމާދަށް ވަޅުލާނީ.” ބޮޑުދައިތައަކު އަނެއްދުވަހު މެންދުރަށް އާދެވޭ ވާހަކަ ގްރޫޕުގައި ބުނުމާއެކު ދާނިޝްއަށް ބުނެވުނެވެ. އެއަށްފަހު ބޭބެއަށް ބަލާލުމާއެކު ޢާއިލާ މީހުން އެބަ އާދޭ ދޯއޭ ބޭބެ ބުންޏެވެ. އެއާއިއެކު ދާނިޝް ބޯޖަހާލިއެވެ.
އެ ހިތްހެޔޮ ބޭބެ ދާނިޝް ގެއަށް ވެސް ގެންގޮސްދިނެވެ. އެ ބޭބެ އުޅެނީ ދާނިޝްގެ ގޭގެ ކުރިމަތީގަ ހުންނަ ޢިމާރާތުގައި ކަން އެނގުނީ ގޭގެ ކުރިމަތީގައި ކާރު މަޑުކޮށްލި ވަގުތެވެ. އެއްވެސް ކަމެއް ބޭނުންނަމަ ގުޅާލުމަށް ބުނެ ކާޑެއް ދިއްކޮށްލުމުން ދާނިޝް އެ ކާޑުގައި ހިފައި ވަކި އެއްޗެކޭ ނުބުނެ ކާރުން ފޭބިއެވެ.
އެޕާޓްމެންޓަށް ވަދެވުމާއިއެކު ތެޅިފައި އޮތް ބިއްލޫރި ޖަގާއި، ބިމަށް ވެއްޓިފައި ހުރި ފެން ފެނިފައި އަނެއްކާވެސް ދާނިޝްގެ ހިތުގައި ކެކުޅުމެއް އުފެދުނެވެ. އެހެނަސް އަވަސްއަވަހަށް އެ މަންޒަރުން ނަޒަރު ވަކިކޮށްލަމުން ގޮސް ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެ ފަހަތަށް ލެނގިލަމުން ލޯ މަރާލިއެވެ. ޙަޤީޤަތަށް ލޯ މަރަން ދާނިޝް އެވަގުތު ބޭނުންވިއެވެ. ލޯ މަރާލި ހިނދު ވެސް އެ ލޮލުގެ ކޮޅުން ކަރުނަތައް ފައިބައިގެން އައެވެ. އެހެން އޮތްވާ ނިދުނު ގޮތެއް ދާނިޝްއަކަށް ނޭނގުނެވެ.
ދާނިޝްއަށް ދެން ހޭލެވުނީ ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށި އަޑަށެވެ. ލޯ ހުޅުވުމާއިއެކު ހެނދުނު ވެފައިވިކަން ދާނިޝްއަށް އެނގުނީ އެޕާޓްމެންޓަށް ވެރިވެފައި އޮތް އަލިންނެވެ. މަންމަގެ މަރު މަތިން ހަނދާންވެ، ކަށުކަމާކެމީގެ ކަންތައް އޮތީ މިއަދުކަން ހަނދާންވެ، ފާރުގައި ގަޑިއަށް ނަޒަރެއް ދެވުނީ ހިސާބެއްގެ ހާސްކަމާއި އެކީގައެވެ. ގަޑިން ހެނދުނު 7:15 ވެފައިވި ތަން ފެނިފައި ލިބުނު ތަސައްލީއާ އެކީ ޖީބުގައި އޮތް ފޯނު ނެގުނެވެ. އެހިނދު ފޯނުގެ ސްކްރީނުން ‘ޑައިރެކްޓަރ ލަތީފް’ ގެ ނަން ފެނުމުން ދެބުމަ ކައިރިވީ ހިތާއި ސިކުނޑިއަށްވި އުދަގުލަކާއި އެކީއެވެ. މަންމަ އޭނަ ގާތު ދޫކުރުމަށް ބުނާ ދިރިއުޅުން ދޫނުކުރެވިގެން އުޅެނީ މި ބައިމީހުންގެ ސަބަބުންކަން ހަނދާންވުމުންނެވެ. މަންމަ ނިޔާވެސް ވީ މި މީހުން އޭނަ ވައްދައިގެން އުޅޭ ހާއްޔަކުން ނުނެރެވިގެން އުޅެނިކޮށްކަން އެނގުންވީ ހިނދު، ދާނިޝްއަށް އެވަގުތު ފޯނު ނެގުނީ ވަރުގަދަ ޢަޒުމަކާއި އެކީގައެވެ.
“ހެލޯ.” ދާނިޝްއަށް ބުނެވުނީ ވެސް ނުރުހުމަކާއި އެކީގައެވެ.
“ހެލޯ….ޑޭން އަޅެ ކޮން ކަމަކާތަ ރޭ ހޮސްޕިޓަލަށް ގޮސްގެން ތިއުޅެނީ؟ ފޭނުން ސޯޝަލް މީޑިއާގަ ވަރަށް ފޮޓޯތައް އެބަ ހިންގާ. ނޫސްވެރިޔަކު ޚަބަރެއް ލިޔަންވެގެން އަހަންނަށް ގުޅީމަ އަހަންނަށް ފެނުނީ ވެސް.” ލަތީފް ދެއްކި ވާހަކައިން ދާނިޝްގެ ދެބުމަ ކައިރިވިއެވެ.
“ކޮން ފޮޓޯއެއް؟” ދާނިޝްއަށް އެހެން އަހާލަމުން ފޯނު ސްޕީކަރަށް ލައި ފޯނު ތިރިކޮށްލަމުން ފޭސްބުކަށް ވަނެވެ. އަދި ފޭސްބުކް ސާޗް ގައި ‘ޑޭން’ އޭ ލިޔެ ސާޗްކޮށްލިއެވެ. ސޯޝަލް މީޑިއާގައި އޭނަގެ އެއްވެސް ފޮޓޯއެއް މީހަކު ޙިއްސާ ކުރާނަމަ ޙިއްސާ ކުރާނީ އެ ހޭޝް ޓެގާއި އެކީ ކަމަށްވުމުންނެވެ.
އެއާއިއެކު ހޮސްޕިޓަލްގެ ގޮނޑި ބަރީގައި އޭނަ ރޮވިފައި ހުރި ފޮޓޯތައް ދާނިޝްއަށް ފެންނަން ފެށިއެވެ. އެ ފޮޓޯ ފެނިފައި ދާނިޝް އައި ރުޅީގައި ކަތުރުކަށިގަނޑަށް ބާރުވެ ބުމަގޮށްޖެހިގެން ދިޔައެވެ. ކުރިން ދުވަހަކުވެސް މިފަދައިން ފޮޓޯއެއް ފެނިފައި އޭނަ ރުޅިއެއް ނާދެއެވެ. އެހެނަސް އެވަގުތު އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެވަގުތު ޖެހުނުއިރު މި ދާއިރާ ދޫކޮށްލުމާއިމެދު އޭނަގެ ހިތުގައި އޮތް ހުރިހާ ޝައްކެއް އެ ހިނދުކޮޅުގައި ފިލައިދިޔައެވެ. އިސާހިތަކު ދާނިޝްއަށް ފޯނު ކަންފަތުގައި ޖައްސާލިއެވެ. އެވަގުތު ލަތީފް، ފޮޓޯއިން ދާނިޝް ރޮވިފައިވާ ސަބަބަކާމެދު ސުވާލު ކުރިއެވެ.
“ބުނަން ވާހަކައެއް؟ އިޓްސް ނަން އޮފް ޔުއާރ ފްރީކިންގް ބިޒްނަސް! އިޓްސް ނޮޓް އެނީވަންސް ބިޒްނަސް. އެއީ އަހަރެންގެ ޕާސަނަލް ލައިފް! އިފް އެނީތިންގް ތި މީހުން އެ ޚަބަރު އިތުރަށް ފެތުރުމުގެ ބަދަލުގަ ސޯޝަލް މީޑިއާއިން ފޮޓޯތައް ނަގަން ބާރު އަޅަންވީ.” ދާނިޝްއަށް ވާހަކަ ދެކެވުނީ ދުވަހަކުވެސް ލަތީފާއި ވާހަކަ ނުދައްކާ ޒާތަކަށެވެ. އެކަމާއިމެދު ހިސާބަކަށް ދެރަވެސް ވިއެވެ. ލަތީފަކީ އޭނައަށްވުރެ ޢުމުރުން ދޮށީ މީހަކަށް ވެފައި ދޮށީ މީހުންނާއި އެފަދައިން ވާހަކަ ދެއްކުމަކީ މަންމަ ނުރުހޭނެ ކަމަކަށް ވާނެތީވެއެވެ.
“ކާމް ޑައުން ޑޭން….ޑޭން ތިއީ އަހަރުމެންގެ ޓީމް މެމްބަރަކަށް ވީމަ ޑޭން ދެރަވާ ސަބަބެއް އަހަރުމެންނަށް ވެސް އެނގެންވާނެއެއްނު؟” ލަތީފް އެހެން ބުނި އަޑަށް ދާނިޝް ހަމައަކަށް އެޅެން މަސައްކަތް ކުރަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.
“ސޮރީ….މިއީ ތި ޓީމާއި ޙިއްސާވެވެން ނެތް ވާހަކައެއް. އިން ފެކްޓް މިހާ ހިސާބުން ތި ޓީމާއި އެއްކޮށް މަސައްކަތް ކުރަން ބޭނުން ނުވާ ވާހަކަ ބުނެލަން.” ދާނިޝްއަށް އެ ބަސްތައް ބުނެވުނު ގޮތުގެ އޮމާންކަމުން ޚުދު އޭނަ ވެސް ޙައިރާންވިއެވެ. މިއީ ވޭތުވެދިޔަ އެތައް މަހެއް ވަންދެން އޭނަ ނުބުނެވިގެން އުޅުނު ބަސްތަކެވެ.
“ވަޓް؟! އަހަރުމެންގެ ޓީމް ދޫކޮށްލާފަ ކޮންތަނަކަށް ދާން ޑޭން ތިއުޅެނީ؟!”
“އެއްވެސް ޓީމަކަށް ދާކަށް ނުއުޅެން. ފިލްމީ ދާއިރާގަ އުޅޭކަށް ދެން ޚިޔާލެއް ނުކުރަން.”
“ގުޑް ލޯޑް! ކޮން ކަހަލަ ތުނބުޅިއެއްލީ މީހުންގެ ބަސް އަޑު އިވިގެން ނިންމި ނިންމުމެއްތަ ތިއީ ޑޭން؟ ޑޭން ވިސްނާލަބަލަ! ތިއީ މުޅި މި ރާއްޖެ ވެސް މިހާތަނަށް ދުށް އެންމެ މަޝްހޫރު ފިލްމީ ތަރި! އައި މީން ޔޫ އާރ ފިނޯމިނަލް! ޑޭން ޢާއްމު ގޮތެއްގަ ރާއްޖޭގަ ނޫޅޭތީ ކަންނޭނގެ ނޭނގެނީ. އެކަމަކު ރާއްޖެ މީހުން ޢާއްމު ގޮތެއްގަ ފިލްމީ ތަރިއަކާ ހެދި މިހާ ބޮޑަށް ދުވަހަކުވެސް ނުއުޅެއޭ. ޔޫ ހޭވް ދަ ލުކްސް، ދަ ސްކިލްސް އެންޑް ދަ ރެޕިއުޓޭޝަން. އެހެންވީމައޭ ޑޭންއަށް ކަމެއް ދިމާވާއިރަށް މީޑިއާ އެލާޓަށް މި އަންނަނީ. ބިކޯޒް ޔޫ ހޭވް ސޯ މެނީ ފޭންސް. ހާދަ ރެސްޕެކްޓެއް ކުރެއޭ އެމީހުން ޑޭންއަށް. އަދި ޑޭންއެއް ނޫންތަ ބުނީ އެ ފޭނުންގެ ތެރެއިންނޭ ތިމަންނަ އިންނާނެ ކުއްޖަކު ވެސް ހޯދާނީ؟ ހަމަ އެ ހުރިހާ ކަމެއް ޑޭން ދޫކޮށްލާނީތަ؟”
ލަތީފް ވާހަކަ ދެއްކި ދެއްކިހެން ދާނިޝްއަށް އަޑުއަހަން އިނދެވުނެވެ. ލަތީފް ދެންމެ އެ ބުނި ކޮންމެ ޖުމްލައަކީ މި ހުރިހާ ދުވަސް ވަންދެން ދާނިޝްއަށް މި ފިޔަވަޅު އަޅަން ޖެހިލުން ކުރުވި ސަބަބުތަކެވެ. އެހެނަސް އެވަގުތު އެ ހުރިހާ ކަމަކާއިމެދު ކުރެވެމުން ދިޔައީ ތަފާތު އިޙްސާސެކެވެ. މި ހުރިހާ ދުވަސް ވަންދެން އޭނަ މަންމަ ދެރަ ކޮށްފައި ބެހެއްޓީ އޭނަގެ މަޝްހޫރުކަން ދެކެ ވީ ލޯބީގެ ސަބަބުންތޯ ހިތަށްއެރިއެވެ. މަންމަގެ އުފަލަށްވުރެ އޭނައަށް މުހިއްމުވީ އޭނައާއިމެދު އަޅާވެސް ނުލާނެ މީހުންގެ ސަމާލުކަން ހެއްޔެވެ؟
ހިތަށް ވެރިވި އެ ސުވާލާއިއެކު މަންމަ އެތައް ދުވަހެއް ވަންދެން ލޯބިން އޭނައަށް ދިން ނަސޭޙަތްތަކުގެ މަތިން ހަނދާންވިއެވެ. އޭނަ އެ ނަސޭޙަތްތަކަށް ބީރު ކަންފަތެއް ދިނަސް އޭނައަށް ހެޔޮ މަގު ފެންނާނެ ކަމަށް މަންމަ އުއްމީދު ކުރި ގޮތް ހަނދާންވިއެވެ. މި ހުރިހާ ދުވަސް ވަންދެން މަންމަގެ ހިތަށް ހާދަ އަސަރެއް ކޮށްފައި ވާނެއެވެ. އެންމެ ފަހުން މަންމަ ދުނިޔެ ދޫކޮށް އެ ދިޔައީ ވެސް އެ ހިތާމައިގައެވެ.
ދާނިޝްގެ އަރުތެރެ ބެދުމުން ވަކި އެއްޗެކޭ ނުބުނެވި އިންދާ ލަތީފް އިތުރަށް ވާހަކަ ދެއްކިއެވެ.
“އޯލްސޯ ޑޭން އެންމެ ފަހުން ސޮއި ކުރި ކޮންޓްރެކްޓް ވެސް އަދި ފުރިހަމައެއް ނުވޭ. މި ސީޒަންގެ ފައިނަލް އެޕިސޯޑް ގެ ސީންއެއް ވެސް އަދި ޝޫޓް ނުކުރެވި އެބަހުރި. ޔޫ ކާންޓް ލީވް އެ ސީން ނުކުޅެއެއް…” ލަތީފް ބުންޏެވެ. އެއާއިއެކު ދާނިޝްއަށް ވާހަކަ ދެކެވުނެވެ.
“ސޮރީ. އިތުރަށް އެންމެ ސީންއެއް ވެސް ކުޅެން ބޭނުމެއް ނޫން. ކޮންޓްރެކްޓް ފުރިހަމަ ނުކުރެވުނު ކަމުގެ ކޮމްޕެންސޭޝަން ދޭން މިހިރީ ތައްޔާރަށް. އިތުރު ކޮންޓްރެކްޓެއްގަ ސޮއި ކުރާކަށް ޚިޔާލެއް ނުކުރަން. ކޮމްޕެންސޭޝަން އެމައުންޓް އަންގާލަ ދިނުމަށް މެސެޖެއް ކޮށްލަދީ. މިހާ ހިސާބުން ޓީމްގެ އެއްވެސް މެންބަރެއްގެ ފޯނު ނުނެގޭނެ ވާހަކަ ބުނެލަން. ބޭއްވީ!”
ދާނިޝް އެހެން ބުނެ ލަތީފަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ފޯނު ކަނޑާލިއެވެ.
އެ ވަގުތުކޮޅުން ފެށިގެން ދާނިޝްގެ ހިތަށް ލިބިފައިވީ ނޭނގޭ ސާބިތުކަމެކެވެ. މަންމަގެ މަރުގެ ޙަޤީޤަތާއި އެހާ ހިސާބުން ކުރިމަތިލުމަށް ހިތްވަރެއް ލިބުނު ފަދައެވެ. އެހެންކަމުން ސޯފާއިން އެވަގުތު ތެދުވުނު ގޮތަށް ބިންމަތީގައި މަންމަ އަތުން ވެއްޓިފައި ހުރި ބިއްލޫރި ކޮޅުތައް ނަގައި އެތަން ސާފު ކުރެވުނެވެ. އެއަށްފަހު އޭނަގެ ކޮޓަރިއަށް ގޮސް އޭނަ އަތުން ވެއްޓިފައި އޮތް ބޮކި ތެދުކުރިއެވެ. އަދި މަންމަގެ ކޮޓަރިއަށް ދިޔައީ، މާލޭގައި އުޅޭ މަންމަގެ ދެކެ ފަރިތަ މީހުން މަތިން ހަނދާންވުމުންނެވެ.
މަންމަގެ ކޮޓަރިއަށް ގޮސް މަންމަގެ މޭޒުދޮށުގައި ދާނިޝް އިށީނީ އެކަން ހަނދާންވެފައެވެ. ދެކެ ފަރިތަ މީހުންގެ ތެރެއިން ގިނަ ވާނީ މަންމަ އެބަޔަކަށްޓަކައި ވަކާލާތުކޮށްފައިވާ ނުވަތަ ކުރަމުންދާ މީހުންނެވެ. މަންމަގެ މަރުގެ ޚަބަރު އެމީހުންނަށް އެންގުން ކިހާ މުހިއްމު ވާނެ ކަން ހަނދާންކޮށް، ދާނިޝް އެ ލެޕްޓޮޕް ހުޅުވިއެވެ. އަދި މަންމަގެ ވައިބާރ ގްރޫޕް ތެރެއިން މަންމަ މަސައްކަތް ކުރާ ލޯ ފާރމް ގެ ނަންބަރު ހޯދައި އެ ނަންބަރަށް ގުޅައި އެމީހުންނަށް ޚަބަރު ދިނެވެ. އެމީހުންނަށް ވެސް ލިބުނު ޝޮކާއިއެކު ދާނިޝްއަށް ތައުޒިޔާ ކިޔުނެވެ. ދާނިޝް މާ ގިނައިރު ވަންދެން އެމީހުންގެ ޙަމްދަރުދީގެ ބަސްތައް އަޑު އެހުމެއްނެތި ފޯނު ކެނޑިއެވެ. އެދުވަހު ދެން އިތުރަށް ބަލިކަށި ވާން ބޭނުމެއް ނުވުމުންނެވެ.
އިތުރަށް ދެރަ ނުވެ ދާނިޝް މަންމަގެ ޖަނާޒާ މަތިން ހަނދާން ކުރަމުން ފަޓުލޫނުގެ ޖީބުން ދެން ނެގީ ރޭ ދިމާވި ބޭބެ ގެ ކާޑެވެ. ކާޑު ނަގައި ދާނިޝްއަށް އެއަށް ރަނގަޅަށް ބަލާލެވުނެވެ.
“މުޙައްމަދު ނަހީދު
ސީއީއޯ، އޯސިސް އިންވެސްޓްމެންޓްސް”
ކާޑުގައި އިނގިރޭސި ބަހުން އެ ބަސްތައް ލިޔެވި، ނަންބަރެއް ލިޔެވިފައިވިއެވެ. ކާޑުން އެ ބޭބެއަކީ އެހާ މަތީ މަޤާމެއްގެ މީހަކަށްވުމުން ދާނިޝްއަށް ޙައިރާންކަމެއް ލިބުނެވެ. ޢާއްމު ގޮތެއްގައި އެހާ މަތީ މަޤާމެއްގައި އުޅޭ މީހުން ބީރައްޓެހިންނަށް އެހީ ނުވާތީވެއެވެ. ކޮންމެ ގޮތެއްވިޔަސް ދާނިޝް އެ ނަންބަރަށް ގުޅާލަމުން މަންމަގެ ޖަނާޒާގެ ކަންތަކާމެދު އެ ބޭބެއާއި ސުވާލު ކުރިއެވެ. އަދި ބޭބެ އެކަމަށްޓަކައި އެއްވެސް ހޭދައެއް ކޮށްފައިވާނަމަ އެއާއި އެއްވަރަށް އޭނަ ފައިސާ ދޭނެ ވާހަކަ ދާނިޝް ބުންޏެވެ. އެހެނަސް އެ ބޭބެ އެގޮތަށް އެއްބަހެއް ނުވިއެވެ. ދާނިޝް ބުނެބުނެ ވެސް ހޭދަ ކުރި ޢަދަދެއް ނުބުންޏެވެ. ހަމައެކަނި ބުނެލީ ޖަނާޒާއަށް ދާނިޝް އަންނަން ޖެހޭ ތަނާއި، ގަޑިއެވެ. ދާނިޝް ޖެހުނީ ޝުކުރު އަދާ ކޮށްލަމުން ފޯނު ކަނޑާލާށެވެ. އެހިނދު އެ ބޭބެއަށްޓަކައި ހިތުގައި ޤަދަރެއްވިއެވެ.
ފޯނު ކަނޑާލުމަށްފަހު ދާނިޝްއަށް ދެންވެސް އަތުގައި އޮތް ކާޑާއި ދިމާލަށް ބަލަން ހުރެވުނެވެ. “އޯސިސް” އަކީ އޭނައަށް ކުރިން އިވިފައިވާ ވިޔަފާރިއެއްގެ ނަމެއްހެން ހީވުމުންނެވެ. އިސާހިތަކު ހުޅުމާލެ ތެރެއިން އެއްދުވަހު ފެނުނު ބޮޑު ފިހާރައެއްގެ ނަން ހަނދާނަށް އައެވެ. ހަމަ އެއާއިއެކު އެ ނަން ހަނދާން ކުރަން އޭނައަށް މަޖުބޫރު ކުރުވި އެހެން ދުވަހެއް ހަނދާނަށް އައެވެ.
“ޑޮކްޓާރ….މި ބޭހުން މަންމަ ހަމަ ރަނގަޅުވާނެތޯ؟ 2 ދުވަސްވީއިރު ވެސް މަންމަ އަދިވެސް ވަރަށް ވަރުބަލިވެގެން އުޅޭތީ މި ސުވާލު ކުރީ. މޭމައްޗަށް ވެސް ތަދުވާ ވާހަކަ އެބަ ބުނޭ ދޭތެރެ ދޭތެރެއިން.”
ދާނިޝް އެ ވާހަކަ ބުނެލީ މަންމަ ބޭއްވިފައި އޮތް ޕްރައިވޭޓް ވޯޑުގެ ބޭރުން، މަންމަ ބަލަން އައި ދިވެހި ފިރިހެން ޑޮކްޓަރާއި ދިމާކޮށްލަމުންނެވެ. މަންމަ އޭގެ ދެ ދުވަސް ކުރިން މަތީ ކަބަޑެއްގައި އެއްޗެއް ބަހައްޓަން ގޮނޑިއަކަށް އަރައިގެން އުޅެނިކޮށް ވެއްޓުނީއެވެ. ދާނިޝް ވަގުތުން ވަގުތަށް ޓެކްސީގައި މަންމަ ގެއާއި އެންމެ ކައިރި ހޮސްޕިޓަލަށް ގެންދިޔައީއެވެ. ދާނިޝް ހީކުރީ ގެއްލުމެއް ލިބިފައިވާނީ ހަމައެކަނި މަންމަގެ އަތަށް ކަމަށެވެ. އެންމެ ބާރަށް ޖެހުނީ ވާތު އަތް ކަމަށް މަންމަ ބުނީތީވެއެވެ. އެހެނަސް ފެންނަން ފަށާފައިވާ ޢަލާމާތްތަކުން ބޮޑުކަމެއްގެ ބިރު ދާނިޝްގެ ހިތުގައި އުފެދުނެވެ.
“އޮފްކޯސް! ޔުއާރ މޯމް އިޒް ޓޯޓަލީ ފައިން! އެކްސް ރޭ ވެސް ނެގީމަ އެއްވެސް ފްރެކްޗާރއެއް ކަހަލަ އެއްޗެއް ވެސް ނެތް. ސޯ ޝީ ޝުޑް ބީ ގުޑް!” ޒުވާން ފުރައިގެ އެ ޑޮކްޓަރު ވާހަކަ ދެއްކި ރާގުން ދާނިޝްގެ ހިތަށް ތަސައްލީއެއް ނުލިބުނެވެ. ދާނިޝް އާއި އެއް އިސްކޮޅެއްގެ އެ ޑޮކްޓަރު އެވަގުތު ދިޔައީ ޗުވިންގް ގަމެއް ވެސް ހަފަމުންނެވެ.
“އެކަމަކު….ތި ބޭފުޅުން އެހެން އެއްވެސް ޓެސްޓެއް ވެސް ނަހަދަމެއް ނޫންތޯ؟ މޭމައްޗަށް ތަދުވަންޏާ އީސީޖީ ކަހަލަ އެއްޗެއް ވެސް ހަދާލަން ވާނެ ނޫންތޯ؟” ދާނިޝްއަށް ނުރުހުންތެރިކަމާ އެކީ ބުނެވުނެވެ.
“ވޯ ވޯ ވޯ! މިތާ ޑޮކްޓަރަކީ ކާކު؟ ތީނަގެ ބަދަލުގަ އަހަރެން މި ކޯޓު ލައިގެން މިހިރީ ސަބަބަކާ ލައިގެންނޭ. އަހަރެން ދެންމެ ވެސް މިއައީ ބަލިމީހާ ގެ ހާޓް ރޭޓް އާ ހުރިހާ އެއްޗެއް ބަލާފަ. އީސީޖީއެއް ބޭނުންވަންޏާ އަހަންނަށް އެނގޭނެ. މާ ބޮޑަށް ނުވިސްނާ ބަލިމީހާއަށް ދީފަ ހުރި ބޭސްތައް ދީ. މާދަމާ ވާއިރު ޑިސްޗާޖްވާ ވަރު ވާނެ.” އެ ޑޮކްޓަރު ވެސް ނުރުހުންތެރިކަމާއެކީ ވާހަކަ ދެއްކިއެވެ.
އެހާ ހިސާބުން ދާނިޝް ބުމަގޮށްޖެހުނު ގޮތަށް އެއްވެސް އެއްޗެކޭ ވެސް ނުބުނެވުނެވެ. ދެން ކުރިމަތީގައި ހުރި ޑޮކްޓަރާއި މެދު އެއްވެސް އުއްމީދެއް ކުރަން ބޭނުމެއް ނުވީއެވެ. އަލަށް ހޮސްޕިޓަލްތަކަށް އަންނަ ޒުވާން ޑޮކްޓަރުންނަށް މީހުންނާއި ވާހަކަ ދައްކަން ވެސް ނޭނގެނީތާއޭ ހިތަށްއެރިއެވެ. ދާނިޝް ބަލަބަލާ ހުއްޓާ އެ ޑޮކްޓަރު، ދާނިޝްގެ ފަހަތުގައި ހުރި ޑޮކްޓަރަކަށް ހަނާ އެޅިއެވެ. އަދި ދާނިޝްއާއިމެދު އިތުރަށް އަޅާލުމެއް ވެސް ނެތި އެ ޑޮކްޓަރު އެހެން ހިނގާފައި އައި ދިވެހި ޑޮކްޓަރާއި ވާހަކަ ދައްކަމުން ހިނގަން ފެށިއެވެ. ދާނިޝް ވެސް އެމީހުންނާއިމެދު އަޅާލުމެއް ނެތި މަންމަ އޮތް ވޯޑަށް ވަންނަން އުޅުނެވެ. އެހެނަސް މަޑުކޮށްލެވުނީ ދެންމެ އޭނައާއި ވާހަކަ ދެއްކި ޑޮކްޓަރު ބުނެލި ވާހަކައެއް އިވުމުންނެވެ.
“އަހަރެން ދެން މިތާނގަ ހުންނާކަށް ނެތިން. އެހެންވެ ޗިލް ކޮށްލާފަ މިއުޅެނީ. އަލަށް ހުޅުވަން އުޅޭ އޯސިސް ވެލްނެސް ސެންޓާރއަށް ދާނީ. އެތަނުން މެޑިކަލް އޮފިސާސްއަށް ވެސް ޕޭއި ސަޅި ވާހަކަ އަޑުއެހިން.”
އެ ޑޮކްޓަރު އެހެން ބުނެލި އަޑަށް ދާނިޝްއަށް ހުއްޓުން އަރާފައި ހުރެ ޤަބޫލުކުރަން ވެސް ދަތިވެފައި ބޯހޫރުވާލެވުނެވެ. ހަމައެކަނި ފައިސާއަށްޓަކައި ޑޮކްޓަރުންނަށް ވާ މީހުންގެ ގޮތަކީ މިއީތާއޭ ހިތަށްއެރިއެވެ. އެ ބުނާ އޯސިސް ވެލްނެސް ސެންޓާރއެއްގެ ނަން އެދުވަހު ހިތުގައި ބިންވަޅު ނެގުނީ އެތަނަށް ދުވަހަކުވެސް ނުދިޔުމަށް ޢަޒުމް ކަނޑައަޅަމުންނެވެ. އެ ޑޮކްޓަރާއި ދުވަހަކުވެސް ކުރިމަތިލާން ބޭނުމެއް ނުވުމުންނެވެ.
އެހެނަސް މިއަދު ދާނިޝްއަށް ކުރެވުނީ މުޅިން ތަފާތު އިޙްސާސެކެވެ. މިއަދު އެ ޑޮކްޓަރާއި ކުރިމަތިލާން ބޭނުންވިއެވެ. މަންމަގެ މަރުގެ ފަހަތުގައި އެ ޑޮކްޓަރުގެ އިޙުމާލެއް އޮތްހެން ހީވުމުންނެވެ.
ނުނިމޭ