“މަންމަ ކޮބާ؟” މިރްޒާނަށް ފިނިވެގެން ދިޔަ ހިތަކާއެކީ އަވަސްއަވަހަށް އަހާލެވުނެވެ. އެއާއެކު މުޙްސިން އޭނައާއި ދިމާލަށް ހިތާމަވެރި މޫނަކާއެކީ ބަލާލިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ.
“ނޭނގެ ބައްޕާ….މަންމަ އަހަންނާއި އެކީގަ އުޅުނީ އަހަންނަށް 10 އަހަރު ވަންދެން. އަހަންނަށް 5 އަހަރު ވަންދެން މަންމަ މުޅިންހެން އުޅުނީ ށަވިޔަނި އަތޮޅުގެ ރަށެއްގަ. އެ ރަށުގެ އޮފީހުން ވަޒީފާއެއް ހޯދައިގެން މަންމައާއެކީ ވަރަށް އުފަލުގަ އަހަރެން އުޅެމުން ދިޔައީ. ހެދުން ފަހައި ދީގެންނާ ތަންތަން ޒީނަތްތެރިކޮށްގެން ވެސް މަންމައަށް ލާރި ލިބެމުން ދިޔަ. އެހެންވެ ފުދޭވަރަކަށް ތަނަވަސް އަދި ހަމަޖެހޭ އުޅުމެއްގަ އަހަރުމެން އުޅެމުން ދިޔައީ. އެކަމަކު އަހަރެން މަންމަ ގާތު ބައްޕަ ކޮބައިހޭ އަހާ ކޮންމެ ފަހަރަކު މަންމަ ރުޅި އައިސް ހަޅޭއްލަވައިގެން އޭނަގެ ނަން ނުގަންނާށޭ ބުނެހަދާ. އޭގެ ތެރެއިން ބައެއްފަހަރު އަހަންނަށް އަނިޔާވެސް ކުރޭ. އެހެންވެ ބޮޑަށް ހީވީ ބައްޕައަކީ ގޯސް މީހެއްހެން. ބައްޕަގެ ވާހަކަ ދައްކަން ޖެހިލުންވީވެސް އެހެންވެ. ދެން އެއްދުވަހު ނޭނގޭ ކީއްވެކަމެއް. މަންމަ އެއްދުވަހު އޮފީހުން ގެއަށް އައީ ވަރަށް ބިރުގެންފަ ހުރެ. އޭތި މިރަށަށް އައިއްސިއޭ ކިޔާފަ ފޮށްޓައް ހެދުންތައް އަޅަން ފެށީ. އެދުވަހު އެ ފޮށި ހުޅުވިއިރު ފެނުނު ތި ޓީޝާޓާއި ފޮޓޯ ފެނިފަ މަންމަ ބިރުން ކަހަލަ ގޮތަކަށް ހަޅޭއްލަވާފައި ތި އެއްޗެހި ކޮޓަރިން ބޭރަށް އުކާލީމަ އަހަރެން ތި އެއްޗެހި ނެގީ. އަދި މިހާތަނަށް އައިއިރު ވެސް ތި އެއްޗެހި އަހަރެން މަންމައަށް ފޮރުވައިގެން ގެންގުޅުނީ މަންމަ އަހަރެންގެ ކުޑައިރުގެ ޓީޝާޓަކަށާއި ތި ފޮޓޯއަށް ރުޅި އަންނަންވީ ކީއްވެކަން ދެނެގަންނަން ބޭނުންވީމަ. އަދި ފޮޓޯގަ ހުރީ ބައްޕަހެން ހީވީމަ ބައްޕައާއި ހަމައަށް ގޮސް މަންމަ ރުޅިއެރުވީތީ ބައްޕަގެ ކިބައިން ބަދަލު ހިފުމުގެ ބޭނުމުގަ. އެކަމަކު މަންމަ ފަހުން ބަދަލުވީ ރަށުން ވެސް އަހަންނަށް ބައްޕައެއް ނުފެނުނު. އެހެން ރަށަކަށް ބަދަލުވުމަށްފަހު ވެސް މަންމަ އުޅުނީ އަހަންނަށް ނޭނގޭ ސަބަބަކާހުރެ ވަރަށް ބިރުން. ބުނަމުން ދިޔައީ ވީހާވެސް އަވަހަކަށް މަންމަ ދަރިފުޅު ބޭރަށް ގެންދާނަމޭ. ދަރިފުޅު ސަލާމަތް ކޮށްދޭނަމޭ. ސަލާމަތްވަނީ ކޮންކަމަކުންތޯ އަހައި އަހައި މަންމަ ޖަވާބެއް ނުދޭ. އެންމެ ފަހުން މަންމަ ލާރި އެއްކޮށްގެން އަހަރެން ގޮވައިގެން އިންޑިޔާއަށް ދިޔައީ. އެއަށްފަހު އެއްވި ލާރިން މެލޭޝިޔާއަށް ވެސް ދެވުނީ. މެލޭޝިޔާއަށް ބަދަލުވީފަހުން މަންމަ ފޮތްތައް ލިޔެ މަޝްހޫރުވާން ފެށީ. އޭގެ ފަހުން އެހެނިހެން ޤައުމުތަކަށް ވެސް ދަތުރުކުރިން މަންމައާއެކީ. އެކަމަކު 10 އަހަރުގަ ލަންޑަނަށް ގޮސް މަންމަ ލިޔުނު 8 ވަނަ ފޮތް ނެރުމަށްޓަކައި ކުޑަ ކޮންފަރެންސަކަށް ގޮއްސަ ހުއްޓާ މަންމަ އަހަންނަށް ގެއްލުނީ. މަންމަ ކޮންފަރެންސަށްޓަކައި ޢިމާރާތެއްގަ ހުރި ހޯލަކަށްވަނީ އަހަރެން އެތާނގަ ހުރި ލައިބްރަރީއަކަށް ވައްދާފަ. މަންމަ ނައިސްގެން މާ ގިނައިރުވާން ފެށުމުން އަހަރެން ބަލާލިއިރު ކޮންފަރެންސް ނިމުނުތާ އެތައްއިރެއްވިކަން އަހަންނަށް އެނގުނީ. އެރޭ ވަރަށް ހޯދިން މަންމަ. ގުޅަން ވަރަށް މަސައްކަތް ކުރިން އެކަމަކު ފޯނު ނިވާލާފަ ކަމަށް އެކޮޅުން އިވެންފެށީ. ވަރަށް ކަންބޮޑުވި އަހަރެން މަންމައާމެދު. އެރެއިން ފެށިގެން އެ ބީރައްޓެހި ރަށުގަ އެކަނި ދަތުރުކުރަންވީމަ ބިރުވެސް ގަތް. އެކަމަކު އަހަރެން ޖެހުނީ އެ ބިރުވެރިކަމާއެކީ އުޅެން ފަށަން. އޭގެ ދުވަސްކޮޅެއްފަހުން އަހަންނަށް އެނގުނު މަންމަ ގެއްލުވާލީ ކޮން ބައެއްކަން. އަހަންނަށް ޙަޤީޤަތް އެނގުނުކަން އެމީހުންނަށް އެނގުނީމަ އެމީހުން އަހަރެން އަތުލަން ވެސް އުޅުނު. އެކަމަކު އަހަރެން އެއަށްވުރެ ކުރިން އެމީހުންނަށް ފިލައިގެން ރާއްޖެއަށް އައިސް މިއުޅެނީ. ނަން ބަދަލުކޮށްގެން އުޅެން ޖެހުނީ ވެސް އެހެންވެ..” މުޙްސިން އެއްދިމާލަކަށް ބަލަން އިނދެ ދައްކަން ފެށި ވާހަކަތަކުން އެތައް ކުލަވަރެއް އޭނަގެ މޫނުމަތިން އަރައި ފައިބަމުން ދިޔައެވެ. އެންމެ ފަހު ޖުމްލަތަކަކާއެކީ އެ މޫނުމައްޗަށް ވެރިވެފައިވީ ހިތާމަވެރިކަމާއި ރުޅިވެރިކަން އެކުލެވިފައިވި އަސަރެކެވެ.
“އެއީ ކޮން ބައެއްތަ ދަރިފުޅު؟ ކޮން ބައެއް މަންމަ ގެއްލުވާލީ؟ ބައްޕަ ކައިރީގަ ބުނޭ! އޭރުން ބަޕް….” މިރްޒާން އަވަސްއަވަހަށް ދައްކަން ފެށި ވާހަކަ ފުރިހަމަ ނުވަނީސް މުޙްސިން ވާހަކަ ދެއްކިއެވެ.
“ނޫން ބައްޕާ…..މި ވަގުތު އެއްވެސް ފިޔަވަޅެއް އެޅުން ރަނގަޅެއްނޫން. މިހާރު މަންމަވެސް ވަނީ އެމީހުންގެ ކިބައިން ސަލާމަތްވެފަ. އަހަންނަށް މިކަން އެނގެނީ މަންމަ ސަލާމަތްވީ އަހަރެންގެ ސަބަބުން ކަމަށް ހީކޮށް މީގެ އަހަރެއްހާ ދުވަސްކުރިން އެމީހުން އަހަންނަށް ގުޅީމަ. އެމީހުންނަށް ވެސް މަންމަ ވީތަނެއް ނޭނގޭ މިހާރު. އެކަމަކު މަންމަ އެމީހުންނާ ދުރުގަ ހުރިއްޔާ މަންމަ ހުންނާނީ ޞައްޙަ ސަލާމަތުން. އެކަމާމެދު އަދިވެސް އެމީހުން ރުޅި އައިސްފަތިބީ…” މުޙްސިން އިތުރު ތަފްޞީލުތައް ދިންއިރު މިރްޒާނަށް ހަމަޖެހުން ގެއްލިފައިވި ހިތަކާއެކީ އަޑުއަހަން އިނދެވުނެވެ. މުޙްސިން ވާހަކަ މެދުކެނޑުމާއެކު އޭނައަށް ސުވާލެއް ކުރެވުނެވެ.
“ކީއްވެ އެމީހުން މަންމައަށް އެހާ ރުޅި އަންނަންވީ؟ އެއީ ކޮން ބައެއްތަ؟” މިރްޒާނަށް އެ ފަހު ސުވާލު ކޮށްލެވުނީ އެ ބަޔަކަށް އައި ރުޅިވެރިކަމާއި އެކީގައިވެސްމެއެވެ.
“އެއީ ދިވެހިންގެ ތެރެއިން ބޭރުގައި ތިބެ ދީނާއި ދެކޮޅަށް ވާހަކަތައް ފަތުރާމީހުން. މަންމައަކީ އެމީހުން ކަހަލަ މީހުންނާއި ދެކޮޅަށް އަޑުއުފުލައި ރައްދުދޭ ލިޔުންތެރިއަކަށްވާތީ އެމީހުން މަންމައަށް ނަފްރަތުކުރަނީ. މަންމަގެ ސަބަބުން އެމީހުން ތެދުމަގުން އެއްކިބާކުރި އެތައް ބަޔަކަށް އަލުން ހިދާޔަތް ލިބިގެން ދިޔަ. އެމީހުން އުޅުނީ މަންމަ މުޅިން ނެތިކޮށްލަން. އެކަމަކު ﷲ ގެ އިރާދަފުޅުން އެކަން އެގޮތަށްނުވި. މަންމަ ހުރީ އެމީހުންގެ އަނިޔާވެރި އަތްތަކާއި މާ ދުރަށް އެމީހުންނަށް ނުވެސް އެނގޭ ހިސާބަކަށް ގޮއްސަ.” މުޙްސިން އުއްމީދީ ގޮތަކަށް ބުންޏެވެ. އެހެނަސް އެއިން މިރްޒާންގެ ހިތަށް ހަމަޖެހުމެއް ލިބޭ ގޮތެއްނުވިއެވެ.
“އެކަމަކު ދަރިފުޅު އަހަރުމެން ޖެހޭނެއެއްނު މަންމަ ވީތަނެއް ބަލަން؟ ދަރިފުޅު އުފަލެއް ނުވާނެތަ މަންމައާއި ބައްޕައާ ދަރިފުޅު އެންމެ ފަހުން އެއްވެ އެކީގަ އުޅެން ފެށިއްޔާ؟” މިރްޒާން އެހެން ބުނެލީ އޭނަ އެ ސިފަކުރި ކަންތައް ޚިޔާލަށް ގެނެވުމުން ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއި އެކީގައެވެ.
“އުފާވާނެ ބައްޕާ. އަހަރެން ވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް ބައްޕައާއެކީ މަންމަ ހޯދުމުގެ މަސައްކަތް ފަށަން. އެކަމަކު މިއަދު ކަންތައް ވީ ގޮތަށްފަހު އަހަރުމެން ކުއްލިއަކަށް އެ ޒާތެއްގެ ވާހަކައެއް ދައްކާފަ ދަތުރު ފަށައިފިއްޔާ އެމީހުންނަށް ޝައްކުވާނެ. އަހަރުމެންނަށް ނޭނގުނަސް އެމީހުން އަހަރުމެންނަށް ފާރުލަމުންދޭ ބައްޕާ. އަހަރުމެން ފިޔަވަޅުތައް އަޅަންޖެހޭނީ ވަރަށް ބަލައިގެން. ކޮންމެ ކަމެއްވެސް ކޮށްފާނެ އެމީހުން.” މުޙްސިން ކަންބޮޑުވުން ވެރިވެފައިވި މޫނަކާއެކީ މިރްޒާނަށް ބަލާލަމުން ބުނެލިއެވެ. އެ ވާހަކައާމެދު ވިސްނާލެވުނު މިރްޒާން ބޯޖަހާލީ އޭނަގެ އަމިއްލަ ރައްކަލަށްވުރެ މުޙްސިންގެ ރައްކާތެރިކަމާމެދު ވިސްނާލަމުންނެވެ. އެއަށްފަހު އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު މުޙްސިން ދެންވެސް ވާހަކަ ދެއްކިއެވެ.
“އެހެންނޫނަސް ކޮންމެވެސް ސަބަބަކާހެދި މަންމަ ބައްޕައަށް ރުޅިއާދޭ. އަހަރުތަކެއްވެއްޖެ އަހަންނަށް މަންމަ ނުފެންނަތާ. އެކަމަކުވެސް ނޭނގޭ ކީއްވެކަމެއް. ހީވަނީ މަންމަ އަދިވެސް ބައްޕަގެ ވާހަކަ ދެއްކިއްޔާ ރުޅި އަންނާނެހެން. އެހާވެސް ގިނަ ފަހަރު އަހަންނަށް އެ މަންޒަރު ފެނިފަ ހުރީ. އެއީ ކީއްވެތަ މަންމަ ބައްޕައަށް އެހާ ރުޅި އަންނަނީ؟ މަންމަ ބައްޕަދެކެ ލޯބި ނުވަނީތަ؟” މުޙްސިނަށް ސީރިއަސްކަމާއެކީ އެތައް އަހަރެއް ވަންދެން އޭނަގެ ހިތަށް ވެރިވެފައި އޮތް ސުވާލު ކޮށްލެވުނެވެ. މުޙްސިންގެ އެ ފަހު ސުވާލާއެކީ މިރްޒާން ހުއްޓުން އެރިއެވެ. އޭނަގެ ލޮލަށް ވަގުތުން ސިފަވާން ފެށީ އޭނައާއި އަމްނާ އެންމެ ފުރަތަމަ ދިމާވި ދުވަސްތަކެވެ. އަމްނާގެ އެ ރީތި ހިނިތުންވުމެވެ. އަމްނާގެ ފަރާތުން އޭނައަށް ފެނުނު ސަމާސާވެރި އަދި ހިތްހެޔޮ މިޒާޖެވެ. އަމްނާ އޭނައާއިމެދު އަޅާލާކަން އޭނައަށް އިޙްސާސްވާންފެށި ދުވަސްތަކެވެ. އެއަށްފަހު ދެމީހުންނަށް ވެސް އެކަކު އަނެކެއްދެކެ ލޯބިވެވުނު ގޮތެވެ. އެ ލޯބީގެ ތެރެއިން އަމްނާ އެޅި ފިޔަވަޅެއްގެ ސަބަބުން ދެމީހުންނަށް ވެސް ހިދާޔަތް ލިބި ﷲ ރުހިވޮޑިގެންވާފަދަ ގުޅުމަކަށް އެދެމީހުންގެ ގުޅުން ބަދަލުވެގެން ދިޔަ ގޮތެވެ. އެއަށްފަހު ވެސް އަމްނާގެ ފަރާތުން އޭނައަށް ލިބުނު ނިމުމެއްނެތް ލޯތްބާއި އޯގާތެރިކަމެވެ. އެ އުފާވެރި ދުވަސްތަކުގެ ހަނދާންތަކުން މިރްޒާންގެ ހިތަށް ފިނިކަމެއް ލިބުނު ތަނާހެން ކުއްލިއަކަށް އޭނަގެ ކަންފަތުގައި އަމްނާގެ ހަޅޭކުގެ އަޑު އިވުނުހެން ހީވުމުން އެ ހިތަށް ސިހުމެއް ލިބުނެވެ. އޭގެ ދެވަނަ ސިކުންތުގައި އަމްނާ ތޫނު ވަޅިއަކުން އޭނަގެ އަތް ޒަޚަމްކޮށްލި މަންޒަރު އޭނަގެ ލޮލަށް ސިފަވުމުން އެ ދެލޯ ރަތްވެގެން ދިޔައެވެ. އިސާހިތަކު މިރްޒާންގެ ލޮލަށް ހޫނު ކަރުނަތަކެއް ޖަމާވެ އޭގެތެރެއިން ކަރުނައެއް ލޮލުން ފައިބައިގެން އައެވެ. އެ މަންޒަރު ފެނުނު މުޙްސިންގެ ހިތުގައި އެތައް ޖަޒުބާތެއް އުތުރި އަރައިގަތް ހިނދު އޭނައަށް ވައި އަޑުން ބައްޕާއޭ ކިޔައި ގޮވާލެވުނެވެ. އެ ހިނދު މިރްޒާން ވާހަކަ ދެއްކިއެވެ.
“މަންމަ ބައްޕަދެކެ ލޯބިވޭ. ވަރަށް ލޯބިވޭ ދަރިފުޅާ…” މިރްޒާން އިސްޖެހިފައިހުރެ އިވޭ ނުއިވޭ އަޑަކުން އެހެން ބުނެލި ވަގުތު އަނެއްކާވެސް މެއަށް އެރި ތަދެއްގެ ސަބަބުން އޭނައަށް މޭމަތީގައި އެއްއަތް އަޅާލެވުނެވެ. އެއާއެކު ކަންބޮޑުވެގެން ދިޔަ މުޙްސިން މިރްޒާންގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
“ދެން އެކަމާމެދު މާ ބޮޑަށް ނުވިސްނާ ބައްޕާ. މަންމަ އަނެއްކާ ހޯދަންވެސް ބައްޕަގެ ޞިއްޙަތު ރަނގަޅުވުން މުހިއްމު. އިން ޝާ ﷲ ބައްޕައާ އަހަރެންވެގެން އަދި މަންމަ ހޯދާނީ. މަންމައަށް ބައްޕައާމެދު ގޯސްހީވުމެއް ހީވަނީ ކަމަށްވާނަމަ އަހަރެން މަންމައަށް ވިސްނައިދޭނަން އިން ޝާ ﷲ. މިވަގުތު އެކަންތަކާމެދު ނުވިސްނާ ބައްޕާ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ. ބައްޕަ މިވަގުތު އަރާމުކޮށްލަންވީއެއްނު ދޯ؟” މުޙްސިން ހިނިތުންވެވޭތޯ މަސައްކަތް ކުރަމުން ބައްޕައަށް ވިސްނައިދެވޭތޯ ބެލިއެވެ. އެކަން ކާމިޔާބުވެސްވިއެވެ. މުޙްސިން އެހެން ބުނުމާއެކު މިރްޒާން ބޯޖަހާލިއެވެ. އަދި މުޙްސިންގެ އެހީތެރިކަމާއެކީ އެނދުގައި އޮށޯތީ އޭނަގެ ހިތުގައި އަމްނާ ނެތްކަމުގެ ޝަކުވާ އޮތެއްކަމަކު ﷲ އަށް ޙަމްދުކުރަމުންނެވެ. ދުވަހަކުވެސް އެނބުރި ނާންނާނެހެން އެކި ދުވަސްމަތިން ހީވި އޭނަގެ ދަރިފުޅު މިއަދު އޭނަގެ ގާތުގައި ހުރުމުންނެވެ. އެ ދަރިފުޅު އަނބުރާ އޭނަގެ ގާތަށް ފޮނުއްވި ރަސްކަލާނގެ އޭނަގެ ޢާއިލާ ފުރިހަމަ ކުރައްވާނެކަން އެވަގުތު ޔަޤީންކުރަން އޭނައަށް ފަސޭހަވިއެވެ.
**
ލަންޑަންގައި ދެބުރިއަށް ނެގިފައިހުރި ޝާހީ ގެއެއްގެ ސިޓިންގް ރޫމުގެ ތެރެއިން ކުއްލިއަކަށް އިވިގެން ދިޔައީ ބިންމައްޗަށް ޖަހާލެވުނު ހުޅުވިފައިހުރި ލެޕްޓޮޕެއް ތަޅައިގެން ގޮސް މާބަލް ޖެހިފައިހުރި ތަޅުންމަތިން ކައްސައިގެން ދިޔަ އަޑެވެ. އޭގެ ދެވަނަ ސިކުންތުގައި އެ ތަނަވަސް ސިޓިންގް ރޫމުގެ ތެރޭގައި ގުގުމާލީ އާޝިޔާގެ ރުޅިވެރިކަމުން ފުރިފައިވި އަޑަކުން އިނގިރޭސި ނުބައި ބަސްތައް ކިޔަން ފެށި އަޑެވެ. އެ ހިނދު އެގޭގެ އެއްފަރާތުގައި ހުރި ސިޑި ބަރިން ފައިބަމުން އައި ޒަމީނަށް އެ މަންޒަރު ފެނިފައި ވާހަކަ ދެއްކިއެވެ.
“ކިހިނެއްތަވީ އާޝިޔާ މާ ރުޅި އައިސްގެން ތިއުޅެނީ؟” ޒަމީން ސިޑި ބަރީގެ ފަހު ހަރުފަތް ގިރާ ކުރުމަށްފަހު އެ ދިމާލުން ޓައިލްސް މަތީގައި ހުރި ލެޕްޓޮޕަށް ނަޒަރެއް ދީފައި އާޝިޔާއަށް ބަލަމުން ސުވާލެއްކުރިއެވެ.
“ކިހިނެއްހޭވީ؟! އެ އަންހެނާ އެބައުޅޭ އޭނަގެ އަމިއްލަ ސައިޓެއް ހުޅުވައިގެން އަނެއްކާ އެ ދީނެއް ފަތުރަން ފައިވިއްދައިގެން! ހަމަ އަހަންނަށް މާ ގިނައިން ލާރި ލިބޭތީ މޭ ކަރައިގެން އޭނަ އެއުޅެނީ. ހިތުން އަހަންނަށްވުރެ ބޮޑަށް މަޝްހޫރުވެވޭތޯ އެއުޅެނީ!!” އާޝިޔާ ދަތްކުނޑި ވިކަމުން އެހެން ބުނެ އައި ރުޅީގައި އަރިމަތީ މޭޒުމަތީގައި ހުރި ހުދުކުލައިގެ މާ ޖަހާފައި ހުރި ގުޅިއެއް އަތަށް ނަގައި އަތުގެ ކޮޅަށް ހޫރާލިއެވެ. އޭތި ގޮސް ފާރުގައި ޖެހި ތަޅައިގެން ދިޔަ އަޑަށް އަބަދުވެސް އާޝިޔާގެ ކަންތައް ކުރުމަށްޓަކައި އާޝިޔާ ފެންނަ ހިސާބުގައި ދުރުގައި ހުއްޓި ހުންނަ އަންހެން ނޯކަރުވެސް ސިހިގެން ދިޔައެވެ. އަޑުފަތްގަނޑު ކެނޑިގެން ދިޔަ ހިނދު ޒަމީންގެ އަޑު އިވުނެވެ.
“އާޝިޔާ ކާމް ޑައުން! މައިސޫން އަހަރެން ކައިރިވެސް ބުންޏޭ ތި ސައިޓްގެ ވާހަކަ. އެކަމަކު އޭނަގެ ލިޔުންތަކާ އޭގަ ހުރި ލިޔުންތަކާ ވައްތަރުވިޔަސް އެއީ އޭނައަށް ނުވާނެ! އޭނަ މިހާރު ހުންނާނީ ބިރުން. އަހަރުމެން އޭނައަށް ޖެއްސި ޙާލަށްފަހު ހިއެއްނުވޭ އޭނައަށް އަނގަ ހުޅުވާލާނެހާ ހިތްވަރެއް ލިބޭނެހެނެއްވެސް. އޭނައަށް އެނގޭނެ އޭނަ ކޮންމެ ތަނެއްގައި ހުއްޓަސް އޭނަ ހުރިތަން އަހަރުމެންނަށް އެނގިއްޖެއްޔާ އަހަރުމެންނަށް ކޮންމެ ކަމެއް ވެސް ކުރެވިދާނެކަން.” ޒަމީން އާޝިޔާގެ ކައިރިއަށް ގޮސް އާޝިޔާގެ މޫނުގައި ހިފަހައްޓާލަމުން އާޝިޔާ ހިތްހަމަޖެއްސޭތޯ މަސައްކަތް ކުރިއެވެ. އެކަން ކޮންމެވެސް ވަރަކަށް ކާމިޔާބުވެސްވިއެވެ. އޭނަގެ އެ ވާހަކައާއެކު އާޝިޔާ އޭނަގެ ރުޅިގަނޑު ހިންދަމުން ކަހަލަ ގޮތަކަށް ފުން ނޭވާތަކެއް ލާންފެށިއެވެ. އޭގެ ހިނދުކޮޅެއްފަހުން އޭނަ ޒަމީންގެ އަތާއި ދުރުވެލަމުން އެތާ ހުރި ސޯފާއަށް ވެއްޓިގަންނަމުން އިށީނެވެ. ޒަމީން ވެސް ހިމޭންކަމާއެކީ އޭނަގެ ކައިރީގައި އިށީނުމުން އާޝިޔާ އޭނަގެ މޫނު ދެއަތުން ފޮރުވާލިއެވެ. އެހިނދު ކޮނޑާއި ހަމައަށް ކޮށާލެވިފައިވި އިސްތަށިގަނޑުގެ އެކި ތަންތާނގައި ގަދަ ދަނބުކުލައެއް ޖެއްސިފައިވި ގޮތުންނާއި، ލޫޅާފަތި ހަށިގަނޑަށް ހިފިފައި އޮތް މައްޗަކާއި ޖިންސެއް ލައިގެން ހުރިގޮތުން އެއީ 19 އަހަރުގެ ކުއްޖެއްގެ މަންމައެކޭ އެކަކު ވެސް ނުބުނާނެއެވެ. އާޝިޔާގެ ކޮނޑުގައި ހިފަހައްޓާލި ޒަމީން ވެސް އެފަދައެވެ. އިސްތަށިގަނޑުގައި ޖައްސާފައި ހުރި ކަޅުކުލައިން ނުރަތައް ފޮރުވާފައިވި ގޮތުން އޭނައަކީ 42 އަހަރުގެ ފިރިހެނެކޭ އެކަކުވެސް ނުބުނާނެއެވެ. ޢުމުރުގެ އެހާ ހިސާބަށް އައިއިރު ދެމީހުންނަށް ލިބިފައިވެސް ވަނީ ޒުވާން ޢުމުރުގެ ޞިއްޙަތާއި ހަކަތައެވެ. އެހެނަސް އެ ޞިއްޙަތާއި ހަކަތަ އެމީހުން ބޭނުންކުރާ ގޮތާއިމެދު ސުވާލުކުރެވޭނެ ކަމަށް އެދެމީހުން އެއްގޮތަކަށް ވެސް ޤަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. ނަތީޖާއެއްގެ ގޮތުން އެމީހުން އުޅެމުން ދިޔައީ އެއްވެސް މިޞްރާބެއް ނެތް ދިރިއުޅުމެކެވެ. އެމީހުން އުޅެމުން ދިޔައީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށް އެހެން މީހުންނަށާއި އަމިއްލަ ނަފްސުތަކަށް ވިސްނައިދޭން އުޅުނެއްކަމަކު ޙަޤީޤަތަކީ އެމީހުން އުޅެމުން އައީ އެތައް ސަބަބަކާހުރެ ނުތަނަވަސްކަމުން ފުރިފައިވި ދިރިއުޅުމެއްކަމެވެ. އެމީހުން އެގޭގެ ތެރޭގައި ގެންގުޅޭ ނޯކަރުންނަކީ އެ ދިރިއުޅުމުގެ ހެކިވެރިންނެވެ. އެވަގުތު އާޝިޔާ ތަޅާލި ގުޅީގެ އެތިކޮޅުތައް ސާފުކުރަން ހުރި ނޯކަރު އޭރުވެސް ސިހުމެއްގެ ތެރޭގައި ވުމީވެސް އެ ދިރިއުޅުމުގެ ހެއްކެކެވެ.
އާޝިޔާއާއި ޒަމީންގެ ދެމެދަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުމެއް އައީ ޒަމީންގެ އަތުގައި ފޯނަށް އައި ނޮޓިފިކޭޝަނަކުންނެވެ. އެއާއެކު ދެމީހުންގެ ނަޒަރުވެސް ފޯނުގެ ސްކްރީނަށް ހުއްޓުނެވެ.
“ކޯޗެއް؟” ސްކްރީނަށް އެރި އެއްޗެއް ފެނިފައި ޒަމީން ހިނިތުންވެލުމުން އާޝިޔާއަށް އަހާލެވުނެވެ.
“އަހަރެން ހިންގާ އެއްކަލަ ޕޭޖަށް ޓުވެންޓީ ތައުޒަން ލައިކްސް ހަމަވީ.” ޒަމީން އެހެން ބުނެލީ ފަޚުރުވެރިވެފައި ހުރެއެވެ. އެއާއެކު އާޝިޔާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.
“ދެޓްސް އޯސަމް! އައި ލަވް ޔޫ!” އާޝިޔާ އެހެން ބުނެ ޒަމީނާއި ގާތްވެލަމުން އޭނަގެ ކޯތާފަތަށް ބޮސްދިނެވެ.
“ހެހެ…އެކަމަކު މިއަށްވުރެ ވެސް އަހަރުމެން ޕޮޕިއުލާރ ވާނެ ގޮތެއް އެބައޮތް. އަހަރުމެން އަތުޖައްސަން އެބަޖެހޭ މި ވިސްނުން ހުންނަ ޒުވާން އަދި ކާމިޔާބު ކުއްޖެއް. އެންޑް ޔޫ ނޯ ހޫ ދެޓް އިޒް!” ޒަމީން އެހެން ބުނެ އާޝިޔާއަށް ބަލާލަމުން އެއްލޯ މަރާލިއެވެ. އެއާއެކު އާޝިޔާ ތޫލި އަޑަކުން ހިނިގަނޑެއް ޖަހާލިއެވެ.
“އޭނަ ގެނެވިދާނެ ކިތަންމެހާވެސް ފަސޭހައިން. މަށަށް ޔަޤީން އަހަރުމެން މި މަސައްކަތް ކުރަނީ ކޮން ކަމަކަށްޓަކައި ކަން އެނގުނީމަ އޭނަ އަހަރުމެންނަށް އެހީވެސް ވާނެކަން. މީހުން ދައްކާ ތޯތޯ ވާހަކަތަކަށް ހެއްލޭވަރަށްވުރެ ވިސްނުންތޫނު ކުއްޖެއް އެއީ.” އާޝިޔާ އެހެން ބުނެލީ ޔަޤީންކަމާއި އެކީގައެވެ.
“ހަމަ ރަނގަޅަށް ތިބުނީ. ހީ ވޯޒް ވަން އިންޓެލިޖެންޓް ބޯއި ކުޑައިރު ވެސް….ބައެއްފަހަރު ހިތަށްއަރާ އޭނަ ދޫކޮށްލާފަ ނާދެވުނުނަމައޭ.” ޒަމީން އެ ފަހު ޖުމްލަ ބުނެލީ އެއްދިމާލަކަށް ނަޒަރު ހުއްޓާލަމުން ހިސާބެއްގެ މާޔޫސްކަމަކާއެކީގައެވެ. އެހެނަސް އެ ވާހަކައަށް އާޝިޔާ ވަގުތުން ޗޮއްކަނޑާލިއެވެ.
“މަ ހިތަކަށްނާރާ! ސޫން ބުނަނީ ހަމަ ރަނގަޅަށް. ދަރިން ހޯދިއަސް އެއީ ވަކި އަހަރުމެން ބަލަންޖެހޭ ބައެއްނޫން. މި ޒަމާނުގަ ކުދިން ބަލާނެ ތަންތަން ހަދާފަ ހުންނަނީ ކަމަކު. ދެން އެމީހުން ބޮޑުވީމަ އެމީހުން އުޅޭނެ ގޮތަކަށް އުޅޭނެތާ. އެމީހުންގެ ދިރިއުޅުން އެމީހުންނަށް. އަހަރުމެންގެ ދިރިއުޅުން އަހަރުމެންނަށް! ދެބައިމީހުންނަށް ވެސް މިނިވަންކަން ލިބުނީމަ އެއްވެސް ކޮޅަކުން މައްސަލައެއް ނުޖެހޭނެ. ދެން އެހެންނޫނަސް އަހަރުމެން އަނެއްކާ އޭނަ މިގެންނަނީ މަޔަކާ ބަފައަކަށްވާކަށް ނޫން. އޭނަ މި ގެންނަނީ އެހެންކަމަކު. އެކަހަލަ ވިސްނުންތޫނު ކުއްޖަކު އަހަރުމެންނަށް ވަކާލާތު ކުރަން ފަށައިފިނަމަ އަހަރުމެންނަށް ދުވަހަކުވެސް ނުލިބޭ ފަދަ ކުރިއެރުންތައް ލިބެން ފަށާނެ.” އާޝިޔާ އެހެން ބުނެލީ އުއްމީދީ ގޮތަކަށެވެ. ޒަމީން އެ ވާހަކަތަކަށް ހިނިތުންވެލީއިރު އާޝިޔާ ދެއްކި ބައެއް ވާހަކަތަކާމެދު ހިތްހަމަނުޖެހުނު ފަދަ އަސަރެއް އެމޫނުމަތިން ފާޅުވިއެވެ. އެހެނަސް އޭނަ އެ ވާހަކަތައް ދުލާއި ހަމައަކަށް ނުގެނައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ދީނާއި ދެކޮޅަށް މީސްމީޑިޔާގައި ފެތުރެމުން ދިޔަ ވާހަކަތައް އިތުރުވަމުން ދެއެވެ. އެ ޕޯސްޓްތަކަށް ލިބޭ ލައިކްސްތަކާއި ޝެއާރސްތައް ގިނަވަމުން ދެއެވެ. އެ ޕޯސްޓްތަކާއި ޚިޔާލުތަކުގެ މުލުގައި ތިބި މީހުން އެކަމާމެދު އުފާ ފާޅުކުރަމުން ދިޔައެވެ. އެހެނަސް އެމީހުންނަށް ނޭނގުނު ކަމަކީ ﷲ ގެ ނޫރުފުޅަކީ އެފަދަ ފުމުންތަކަކުން ނިވާލެވޭވަރަށްވުރެ ބާރުގަދަ ނޫރުފުޅެއްކަމެވެ. އަދި އެމީހުން ކިތަންމެ ނުރުހުންވިޔަސް އެ ނޫރުފުޅު ފުރިހަމަ ކުރައްވާނީ އެކަލާނގެކަމެވެ. އެމީހުން ޙަޤީޤަތުގެ އެއްބައި ބަލާފައި އެމީހުންނަކީ ‘ތޫނު ވިސްނުމެއްގެ’ ވެރިންކަމަށް ދުނިޔެއަށް ދެއްކުމަށްޓަކައި ޙަޤީޤަތުގެ އަނެއްބައަކީ ނެތް ބައެއްކަމަށް ނިންމިޔަސް، ވިސްނުން ހެޔޮ ގޮތުގައި ބޭނުންކުރާ މީހުންނަކީ މުޅި ތަޞްވީރަށް ރަނގަޅު ނަޒަރެއް ދީފައި މެނުވީ ނިންމުމެއް ނިންމާ ބައެއްނޫންކަމެވެ. އަދި ސާބިތު ހިތްތަކެއްގެ ވެރި ޢަޒުމް ވަރުގަދަ މީހުންނަކީ ދުނިޔޭގެ އެންމެން ބުރަދަނެއްނެތް ގޮތުގައި ހަޖޫޖެހިޔަސް އެ ޙަޤީޤަތަށްޓަކައި ތެދުވާނެ ބައެއްކަމެވެ. ދީނާއި ދެކޮޅުވި މީހުންނަށް ނުހަނު އަވަހަށް މި ހުރިހާ ކަމެއްގެ މިސާލެއް ފެންނަން އުޅޭކަން އެމީހުންނަށް ރޭކާއެއްނުލައެވެ.
ހާޝިމް އޭނަގެ ދަރުސްތައް ކޮންމެ ހަފްތާއެއްގެ 2 ދުވަހުގެ ބަދަލުގައި ކޮންމެ ދުވަހެއްގެ ހަވީރު ބާއްވަން ނިންމީ ދަރުސް ދޭން ފެށިތާ އެއްހަފްތާ ފަހުންނެވެ. ދަރުސްތައް ގިނަކުރަން އޭނައަށް ޖެއްސީވެސް ޚަބަރުތަކުންނާއި އެކި ޒުވާން ކުދިންގެ ދޫތަކުން ގިނަގިނައިން އިވެން ފެށި ޒާތްޒާތުގެ ވާހަކަތަކުން ހިތްދަތިވީ މިންވަރުންނެވެ. ދަރުސްތައް ގިނަކުރަން އޭނަ ނިންމީވެސް އެ ޒުވާން ކުދިންނަށް އަމާޒުކޮށްގެންނެވެ. ހާޝިމް އެކުދިންނާއިމެދު ވިސްނައިގެން އޭނަގެ ދަރުސްތައް އެކުދިންނަށް ޝައުޤުވެރިވާނެ ފަދައަކުން ރޭވުމަށް އެތައް ގަޑިއިރެއް ހޭދަކުރިއެވެ. އަދި އެ މަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރަމުން ދިޔައީ ކަރުނުން ފުރެމުން ދިޔަ ލޮލާއި އެކީގައެވެ.
ދީނާއި ދެކޮޅު ވާހަކަތައް އިވުމުން ކާފައަށް އަންނަމުން ދިޔަ ބަދަލުތައް ފެނިފައި އައްޒާމަށް ހުރެވުނީ އަޖާއިބުވެފައެވެ. ކާފަ އެކަމާމެދު ދެރަވެގެން ކަރުނަ އަޅާ މަންޒަރު ފެނިފައި އޭނައަށް ހުރެވެނީ އިޙްސާސްކުރަންވީ ގޮތެއް ނޭނގިފައެވެ. ކާފަ އެކަމާމެދު އެހާ ދެރަވާންވީ ކީއްވެބާއޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. ކާފަ އެ ޤަބޫލުކުރާ ދީނާއި އެއްގޮތަށް އުޅެ ކާފަ ސުވަރުގެއަށް ދިޔުމުން އެ ނިމުނީ ނޫންހެއްޔެވެ؟ ކާފަ ދެރަވަނީ ކާފަގެ ދަރުސްތަކަށް އަންނާނެ މީހުން މަދުވެދާނެތީ ހެއްޔެވެ؟ އެހެނަސް އެހެންވެސް ޤަބޫލުކުރެވޭކަށް ނެތެވެ. ކާފަ ބުނާ ގޮތުގައި ކާފަގެ ދަރުސްތަކަށް އެންމެ މީހަކު އަޔަސް ކާފަ ދަރުސްދޭނެއެވެ. އެ ދަރުހުގެ ތެރެއިން އެ މީހަކަށް ހިދާޔަތް ލިބިއްޖެނަމަ އެއީވެސް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެކެވެ. މި ހުރިހާ ކަމެއްވެފައިވީ އައްޒާމަށް ދޭހަކުރަން ނުހަނު ދަތިވި ކަންތައްތަކަށެވެ. އެހެނަސް ދާދި ގާތް މުއްދަތެއްގައި އޭނައަށް އެކަންތައް ނުހަނު ސާފުކޮށް ދޭހަވާން އުޅޭކަން އޭނައަށް ނޭނގެއެވެ.
ދަރުސްތަކަށް އައްޒާމް ހާޒިރުވާން ފެށީ މިއީ އޭނަގެ މުޅި ޙަޔާތް ބަދަލުކޮށްލާނެ ބަސްތަކެއް އިވިގެންދާނެ ދަރުސްތަކެއްކަން ނޭނގިއެވެ. ކާފައަށް އެއައި ބަދަލާއެކީ ކާފަ ފަށައިގަތް ދަރުސްތަކުން ވެސް އައްޒާމްގެ ހިތަށް ލޮޅުމެއްއައެވެ. އެ ދަރުހުގައި ކާފަ ކޮށްލީ އޭނަ މުޅި ޢުމުރު ދުވަހު އަހަން ނުކެރިފައި ހުރި ސުވާލުތަކެވެ. ކަލަކު ވޮޑިގެންވޭތޯއެވެ. 1400 އަށްވުރެ ގިނަ އަހަރު ކުރިން އިސްލާމް ދީނަށް ގޮވާލެއްވި މުޙައްމަދުގެފާނަކީ ޙަޤީޤަތުގައި ވެސް ރަސޫލެއްތޯއެވެ. ޤުރުއާނަކީ ހަމަ ޝައްކެއްނެތް ގޮތުގައި ﷲ ގެ ބަސްފުޅުތޯއެވެ. ދަރުސްތަކުގެ ތެރެއިން ކާފަ ޖަވާބު ދޭން މަސައްކަތް ކުރާނީ އެ ސުވާލުތަކަށް ކަމަށް ކާފަ ބުނުމުން އެދުވަހު އައްޒާމްގެ މެއަށް ފިނިވެގެން ދިޔައެވެ. އޭނަ މި ހުރިހާ ދުވަހު ހީކުރީ ކާފައަށް އެ ސުވާލުތަކުގެ ޖަވާބު ނޭނގޭނެ ކަމަށެވެ. އެހެނަސް ކާފަ އެއްވެސް ޖެހިލުމެއްނެތި އެ ސުވާލުތައްކޮށް ހިނިތުންވުމަކާއެކީ އޭގެ ޖަވާބުތައް ދޭނެ ވާހަކަ ބުނުމުން އައްޒާމްގެ ހިތަށް ސިހުމެއް ލިބުނެވެ. ހިތް ނުތަނަވަސްވެސް ވެގެން ދިޔައީ ކާފަ އެ ދީފާނެ ޖަވާބުތަކުން އޭނަގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭނެހެން ހީވުމުންނެވެ. އެ ޚިޔާލު ސިކުނޑިއަށް ވެރިވުމުން އައްޒާމް އެ ދަރުސްތަކަށް ނުދާންވެސް ބޭނުންވިއެވެ. އެ ބާރުގަދަ ޙަޤީޤަތަށް ފިލަން ބޭނުންވި މިންވަރުންނެވެ. އެހެނަސް ދަރުސްތަކަށް ނުގޮސް އޭނަގެ ކާފަ ދެރަކުރަން ބޭނުމެއްނުވުމުން އައްޒާމް ގަދަކަމުން ވެސް ދަރުސްތަކަށް ދާންފެށިއެވެ. އޭނަގެ ރަނގަޅު އަޚްލާޤްގެ ސަބަބުން ހިތާއި ދެކޮޅަށް ވެސް އޭނަ އެ އެޅި ފިޔަވަޅުގެ ސަބަބުން އޭނަގެ މުޅި ޙަޔާތް ބަދަލުވާން ފެށިއެވެ. ދަރުސްތަކުގެ ތެރެއިން އޭނަގެ ހިތުގައި އުފެދިފައިވި ސުވާލުތަކަށް ޖަވާބު ލިބެން ފެށީ އައްޒާމް ހީކުރި ވަރަށްވުރެ ވެސް ފުރިހަމައަށެވެ. އަދި ހީކުރިވަރަށްވުރެ ވެސް ރީތިކޮށެވެ. ދަރުސްތައް އަޑުއިވެމުން ދިޔަ ވަރަކަށް އޭނަގެ ނަޒަރިއްޔާތު ސާފުވަމުން ދިޔަ ކަހަލަ އިޙްސާސެއް އައްޒާމަށް ކުރެވުނެވެ. އޭނަގެ ހިތަށް އެންމެ ބޮޑު އަސަރެއް ކުރީ މި ދީނަށް ވަންނަން ޖެހެނީ އަމިއްލައަށް ވިސްނި އަމިއްލައަށް އެދިގެންކަން އެނގުންވުމުންނެވެ. ޤުރުއާނުގެ ފުރަތަމަ ސޫރަތް ކަމުގައިވާ ފާތިޙާ ސޫރަތަކީ އޭގެ ފުރިހަމަ މިސާލެއްކަން އެނގުނު ދުވަހުއެވެ. ޤުރުއާނުގެ ފުރަތަމަ ބަސްތަކަކީ ވެސް ޙަމްދުގެ ބަސްތަކެކެވެ. އެއީ ރަނގަޅުކަމެއްވުމުން ޝުކުރުކުރުމަކީ އިންސާނީ ޠަބީޢަތުގައި ވެސް ވާ ކަމަކަށްވާތީވެއެވެ. ފުރިހަމައަށް ޝުކުރުވެރިވާން ބޭނުންވާ އިންސާނާ އެ ޝުކުރު އެންމެ ފުރިހަމައަށް ޙައްޤުވަނީ ކާކަށް ކަމާމެދުކަން ވިސްނާނެއެވެ. ޤުރުއާނުގެ ފުރަތަމަ އާޔަތުން ޖަވާބު ލިބިގެންދަނީ އެ ސުވާލަށެވެ. އެހެންކަމުން ޝުކުރުވެރިކަމުގެ އިޙްސާސް ކުރެވޭ މީހަކަށް ކުރިއަށް ހުރި އާޔަތްތަކާމެދު ވިސްނައިފިނަމަ ހިދާޔަތް ލިބޭނެއެވެ. މި ޙަޤީޤަތް އެނގުންވެގެން ދިޔަ ދުވަހު އައްޒާމަށް އިނދެވުނީ ހިރިލަން ވެސް ނޭނގިފައެވެ. ފާތިޙާ ސޫރަތުގައި ބަޔާން ކުރެވިފައިވި ފަދައިން އޭނަގެ ވެރިރަސްކަލާނގެއަކީ ހަމައެކަނި ﷲ ކަން އޭނައަށް ފުރަތަމަ ފަހަރަށް އިޙްސާސް ކުރެވުނީ އެދުވަހުއެވެ. އަދި އޭނަ ދެކެ އެންމެ ލޯބިވެވޮޑިގެންވާ ފަރާތަކީ ވެސް އެއީކަން އޭނައަށް އެނގުންވީ އެދުވަހުއެވެ. ﷲ އަކީ އޭނަގެ ވެރިރަސްކަލާނގެ ކަމަށްވިޔަސް އޭނަ މި ހުރިހާ ދުވަހު އެކަލާނގެއަށް ފަސްދިނެވެ. އެކަލާނގެ އޭނައަށްޓަކައި އެތައް ކަމެއް ކޮށްދެއްވިއިރު ވެސް އޭނަ އެކަލާނގެއަށް ޝުކުރެއްނުކުރެއެވެ. އެހެނަސް އެކަލާނގެ އޭނަ ފާފައެއްކުރި ކޮންމެ ފަހަރަކު އޭނަ ފަޟީޙަތްކޮށް އޭނައަށް ގަދަފަދަ ޢަޒާބެއް ނުފޮނުއްވައެވެ. އެކަލާނގެ އެކަމަށް ކުޅަދުންވަންތަވެ ވޮޑިގެންވީ ހިނދު ވެސްމެއެވެ. އައްޒާމަށް ފުރަތަމަ ފަހަރަށް ނަމާދެއްގައި ރޮވުނީ އެއްރެއެއްގެ ޢިޝާ ނަމާދުގައި ކާފަ ފާތިޙާ ސޫރަތް ކިޔަވަމުން ދިޔަ އަޑު އިވިފައި ސިކުނޑިއަށް ވެރިވި އެ ޚިޔާލުތަކުން ހިތަށް ކުރި އަސަރުންނެވެ. ނަމާދުގައި އޭނައަށް ކަރުނަތައް ކޮންޓްރޯލް ނުކުރެވި ގިސްލެވެން ފެށުމުން ޚުދު އައްޒާމްވެސް ޙައިރާންވިއެވެ. އޭނަގެ ކައިރީގައި ތިބި މީހުން ހީކުރާނީ ވެސް ކީކޭތޯ ހިތަށްއެރިއެވެ. އެހެނަސް އޭނަގެ އެ ރުއިމަކަށް އޭނައަށް ބާރެއް ނުފޯރުވުނެވެ. ނަމާދުގައި ކާފަ އޭނައަށް ނުވެސް އެނގޭ ސޫރަތެއް ކިޔެވިއެއްކަމަކު އައްޒާމަށް އެއްފަހަރުވެސް ރުއިން ހުއްޓައެއްނުލެވެއެވެ. އެ އިވެނީ ޚުދު އޭނަގެ ވެރިރަސްކަލާނގެ ބަސްތަކެއްކަން ޔަޤީންވުމުން އެ ބަސްތަކުގެ މާނަ އެނގުމުގެ ކުރިން ވެސް އެ އާޔަތްތައް އޭނަގެ ހިތަށް ބާރު ފޯރުވި ފަދައެވެ. އެރޭގެ އެ ނަމާދު ނިމި ސަލާމް ދިނުމަށްފަހު ދެއަތް އުފުލައި އައްޒާމަށް ފުރަތަމަ ފަހަރަށް އިޚްލާޞްތެރިކަމާއެކު ދުޢާއެއް ދެންނެވުނެވެ. ކޮންމެ ގޮތަކަށް އޭނަގެ ޙަޔާތުގައި ކަންތައް ހިނގިޔަސް އޭނައަކީ ﷲ ރުހިވޮޑިގެންވާފަދަ އަޅަކަށް ލެއްވުމަށް އެދިއެވެ. އޭނަ ﷲ ގެ ހަނދުމައިން ދުރުނުކުރެއްވުމަށް އެދިއެވެ. އަދި އޭނަ އެ ހަނދުމައިން ދުރުވިޔަސް ނުހަނު ރީތި ގޮތެއްގައި ހިދާޔަތުގެ މަގަށް އޭނަ ގެނެސްދެއްވުމަށް އެދިއެވެ. އެ ދުޢާކޮށް ނިމުނު ހިނދު އެ ދުޢާތައް އިޖާބަވާނެކަމުގެ ޔަޤީންކަމެއް އައްޒާމްގެ ހިތަށް ލިބުނީ ކީއްވެކަމެއް އޭނައަށް ޔަޤީނެއް ނުކުރެވުނެވެ. އެނގުނުހާވެސް ކަމަކީ އޭނަގެ ހިތަށް ދުވަހަކުވެސް ނުލިބޭފަދަ ހަމަޖެހުމެއް ލިބުނުކަމެވެ. ބޯމަތިން ބޮޑު ބުރައެއް އުފުލާލެވުނު ކަހަލަ އިޙްސާސެއް ކުރެވުނުކަމެވެ.
ހާޝިމްގެ ދަރުސްތަކުގެ ސަބަބުން ބަދަލެއް އަންނަމުން ދިޔައީ ހަމައެކަނި އައްޒާމަކަށް ނޫނެވެ. އެ ދަރުސްތަކުގެ ތެރޭގައި މާޝާއަށް ވެސް ކުރީކޮޅު އިނދެވުނީ އަޖާއިބުވެފައެވެ. އެހާވަރަށް ވިސްނުން ބޭނުންނުކުރާނެހެން އޭނައަށް ހީވި ޝެއިޚަކު ވެސް އެހާ ސަބަބުތަކުގައި ހިފައިގެން ދީނާއިމެދު އޭނަގެ ހިތުގައި އުފެދިފައިވި ހުރިހާ ސުވާލުތަކަށް ޖަވާބު ދިން ގޮތުންނެވެ. އެންމެ ފަހަކަށް ވެސް އޭނަގެ ހިތުގައި އޮތް ސުވާލަށް ޖަވާބު ފުރިހަމައަށް ލިބިގެން ދިޔަ ދުވަހު މާޝާއަށް އިނދެވުނީ އަނގަ ހުޅުވިފައެވެ. އޭނަ މި ހުރިހާ ދުވަހު އުޅުނީ އަމިއްލަ ނަފްސު މޮޔަ ހައްދައިގެންކަން އޭނައަށް އެނގުންވީ އެވަގުތެވެ. ބޭރު މީހުން ދީނާއި ދެކޮޅަށް ލިޔެފައި ހުރި ދެތިން ލިޔުމެއް ކިޔާފައި އިސްލާމް ދީނަކީ ބުރަދަނެއް ނެތް ދީނެއްކަން ނިންމުނުކަމުގެ މޮޔަ ހީވިއެވެ. އޭނަގެ ޝައްކުތައް ހުރުމުގެ މާނައަކީ އެ ޝައްކުހުރި ކަމަކީ އަގެއްނެތް ކަމަކަށްވުމެއްނޫނެވެ. އެހެނެއްކަމަކު އޭގެ މާނައަކީ އޭނައަށް އެކަމަކާމެދު ހޯދަންޖެހޭ ވަރަށް ހޯދިފައި ނެތުމެވެ. އެކަން އެނގުންވުމުން މާޝާ މި ދީނާއިމެދު އުނގެނެން އޮތްހާ ވަރަކަށް އުނގެނެން ނިންމިއެވެ. އެ ނިންމި ނިންމުމާއެކީ އޭނަ ދަރުސްތަކަށް ދާން ފެށީވެސް ފޮތަކާއި ގަލަމަކާއި އެކީގައެވެ. ޤުރުއާނާއި އެއްފަދަ ފޮތެއް ނުގެނެވޭނެކަމަށް ބުނެ އެއްދުވަހުގެ ދަރުހެއް ފެށުމުން ކުޑައިރުއްސުރެ މާޝާގެ ސިކުނޑީގައި ދައުރުވީ ޚިޔާލެއް އެދުވަހުވެސް ހަނދާނަށްއައެވެ. އެކަން އޭނައަށް ޔަޤީންވާނީ އޭނައަށް ޤުރުއާނުގެ ބަސްކަމަށްވާ ޢަރަބި ބަސް އެނގުމުން ނޫންތޯ ހިތަށްއެރިއެވެ. އޭނައަށް އެފަދަ އާޔަތްތަކެއް ނުލިޔެވޭނެކަން އެނގޭނީ އޭރުންނެއްނޫންތޯ ހިތް ސުވާލުކުރިއެވެ. ނުހަނު ޝައުޤުވެރިކަމާއެކީ މާޝާ ޢަރަބި ބަސްވެސް ކިޔަވަން ފެށީ އެހެންވެއެވެ. ދަރުސްތަކުގައި ބައިވެރިވަމުން ދިޔަ ހުރިހާ ކުދިންނަށްވުރެ ކުރިން މާޝާއަށް އެ ފިލާވަޅުތައް ފަހުމްވެސް ވަމުންދިޔައެވެ. މާޝާ އެ ފިލާވަޅުތައް ނަގަމުން ދިޔަލެއް އަވަސްކަމުން އެންމެން ވެސް އަޖާއިބުވާހާވިއެވެ. އެހެނަސް މާޝާވީ އެ ތަޢުރީފުތަކަށް ހެއްލޭވަރަށްވުރެ މަޤްޞަދެއް ޙާޞިލުކުރުމަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅައިގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާޝާ ހާޝިމަށް އެދިގެން އެންމެން ދިޔުމުން ވަކިން ވެސް ޢަރަބި އިތުރު ފިލާވަޅުތައް ނަގަން ފެށިއެވެ. އައްޒާމަށް އެކަން އެނގުންވާނެ ވާހަކަ ބުނެ އޭނަގެ ހިތް އުފާކުރިއެއްކަމަކު އައްޒާމްގެ ސަމާލުކަމަށްވުރެ އޭނައަށް އެހެން ކަމެއް މުހިއްމުވެފައިވިއެވެ.
މި ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން އެންމެ މަހެއްގެ ތެރޭގައި މާޝާއަށް ޤުރުއާން ކިޔަވަމުން ދިޔައިރު ބަސްތައް ވަކިކުރެވެން ފެށިއެވެ. ފުރަތަމަ ފަހަރަށް ތަރުޖަމާއާއި ނުލާ ބައެއް ބަސްތަކުގެ މާނަ އެނގެން ފެށި ދުވަސްތައް ވެގެން ދިޔައީ މާޝާގެ ޙަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަސްތަކަށެވެ. ޤުރުއާން ކިޔަވަމުން ދިޔައިރު އޭނައަށް ނޭނގި އޭނައަށް ހިނިތުންވެވެމުން ދިޔައެވެ. ހާޝިމްގެ ނަޞޭޙަތާއި އެއްގޮތަށް އޭނަ ތަރުޖަމާ ބަލައިގެން ޤުރުއާން އަޑުއަހަން ފެށިފަހުން އިތުރު ބަސްތައް އެނގެމުން ދިޔަދިޔަހެން އޭނައަށް ގިނަ އާޔަތްތަކުގެ މާނަ ދެނެގަންނަން ފަސޭހަވަމުން ދިޔައެވެ. ފަހަކަށް އައިސް ސްކޫލުން ގެއަށް އައުމަށްފަހު ޤުރުއާން އަޑުނާހައި އެހެން އެއްވެސް ކަމެއްކުރަން އޭނަގެ ހިތްވެސް ހަމަނުޖެހެނީއެވެ. ސްކޫލްގައި އޭނަ ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެނަމަ އޭނައަށް ލަވައެއްގެ ބަދަލުގައި ފަހަކަށް އައިސް އަބަދުވެސް ޚިޔާރުކުރެވެނީ ސޫރަތެކެވެ. އެއްދުވަހު ސްކޫލްގައި ބޭއްވުނު އިވެންޓެއްގައި ކުއްޖަކު ޤުރުއާން ކިޔެވި އަޑަށް ގެއްލިފައި ހުރެ އެއީ ހާދަ ރީތި ކިޔެވުމެއްދޯއޭ މާޝާއަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. އެއީ އެހެންޏާ އޭނަ ކުރިން ވެސް އަޑުއަހާފައި ހުރި ކިޔެވުމެކެވެ. އޭނައަށް ކުއްލިއަކަށް އެ ކިޔެވުން ރީތިވީ ކީއްވެކަމެއް އެއްގޮތަކަށް ވެސް މާޝާއަކަށް ނުވިސްނުނެވެ. އޭނައަށް ބޮޑު ބަދަލެއް އައިއްސިކަން މާޝާއަށް ޔަޤީންވީ އޭނަ އެއްދުވަހު ލަސްވި ދަރުހެއް ބޭއްވުނު ރެއެއްގައެވެ. އެރޭ މަޣްރިބް ނަމާދަށްފަހު ދަރުސް ފެށުނީތީ ދަރުހުގެ މެދުތެރެއިން ޢިޝާ ނަމާދު އައުމުން ދަރުހަށް ގޮއްސަ ތިބި އަންހެނުން ވެސް ނަމާދުކުރީ މިސްކިތުގައެވެ. އެރޭ ފުރަތަމަ ރަކުޢަތުގައި ކިޔެވިގެން ދިޔައީ ބަޤަރާ ސޫރަތުގެ ކުރީކޮޅުގެ އާޔަތްތަކެވެ. އާޔަތްތައް ކިޔެވެމުން ދިޔަދިޔަހެން މާޝާ އޭގެ މާނަ އެނގޭތޯ ފަރުވާތެރިކަމާއެކީ އަޑުއަހަމުން ދިޔައެވެ. ހަމައެކަނި މާނަ އެނގޭތޯ ބެލުމަށްޓަކައި އަޑުއަހަމުން ދަނިކޮށް އިވިގެން ދިޔަ އާޔަތަކުން އިސާހިތަކު މާޝާގެ ލޯ ކަރުނުން ފުސްވިއެވެ. އެއީ ޤުރުއާނާއި އެއްފަދަ ސޫރަތެއް ގެނެވިދާނެނަމަ ގެނެސްދިނުމަށް އެދި ގޮންޖައްސަވާފައިވި އާޔަތެވެ. އެ އާޔަތަށްފަހު އެކަން ނުވާނެކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވި ގޮތް ވަރުގަދަކަމުން މާޝާގެ ލޮލުން ކަރުނަތައް އޮހޮރެން ފެށިއެވެ. އެ އާޔަތުގައި އެވަނީ ކިހާ ބޮޑު ތެދެއްކަން އޭނައަށް އިޙްސާސްކުރެވުނީ ވެސް އެވަގުތެވެ. އޭނައަށް އެނގިފައިވާހާ ޢަރަބީގެ ޤަވާޢިދުތަކާއި އުނގެނިފައިވާހާ ޚުދު ޤުރުއާނުގެ ޢަރަބި ބަސްތަކަކުން އޭނައަށް އެހާ ފުރިހަމަ އާޔަތްތަކެއް އެކުނުލެވޭނެކަން އޭނައަށް ޔަޤީންވިއެވެ. ހަމަ އެއާއެކު އެންމެ ފުރިހަމަވެގެންވަނީ ހަމައެކަނި ﷲ ކަން އޭނައަށް އެނގުންވިއެވެ. އަދި އެކަލާނގެ ޙަޟްރަތަށް އިޚްލާޞްތެރި ތައުބާއަކުން ތައުބާވާން ބޭނުންވިއެވެ. އެ ނަމާދުގެ ދެވަނަ ރަކުޢަތުގައި އިވިގެން ދިޔަ ޙަޝްރު ސޫރަތުގެ އާޔަތްތަކުން އެކަމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. އެރޭ މާޝާއަށް ގަދައަށް ގިސްލެވެން ފެށީވެސް އެ ޤުރުއާނާއި ބެހޭގޮތުން އެ ސޫރަތުގައި އޮތް އާޔަތެއް އިވިގެން ދިޔުމުންނެވެ. އެއީ އެ ޤުރުއާން ފަރުބަދައެއްގެ މައްޗަށް ބާވައިލެއްވުނުނަމަ އެ ފަރުބަދަ ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެ ތިރިވާތީ ފެންނާނެކަމަށް ވަޙީކުރައްވާފައިވި އާޔަތެވެ. އޭގެ ކުރީ ދުވަހެއްގައި އެ އާޔަތުގެ މާނަ ބުނެދެވިފައި އޮތް ގޮތް ހަނދާނަށް އައުމުން މާޝާއަށް ގަދައަށް ރޮވުނީ އެތާނގައި އެހެން ބަޔަކު ތިބިކަން ވެސް ހަނދާން ނައްތާލަމުންނެވެ. ސޫރަތުގެ ފަހުކޮޅު ﷲ ގެ ގިނަ ނަންފުޅުތައް އިވެން ފެށުމުން މާޝާގެ ހިތުގައި އެކަލާނގެއަށްޓަކައި ދުވަހަކުވެސް ނުވާފަދަ ލޯތްބެއް އުފެދިގެން ދިޔައެވެ. އެ ނަމާދު ނިމިގެން ދިޔައީ މާޝާގެ ޙަޔާތުގެ އާ ބާބެއް ފަށަމުންނެވެ.
ހިދާޔަތުގެ ސަބަބުން ހަމަޖެހުން ލިބިގެން ދިޔަ އައްޒާމާއި މާޝާގެ ޙަޔާތަށް ދެން އެއްވެސް ހިތާމަވެރިކަމެއް ނާންނާނެހެން އެ ދެމީހުންނަށް ވެސް ހީވިއެވެ. ދެމީހުން ވެސް ހިނގަންވީ މަގު ނުހަނު ސާފުކޮށް އެމީހުންގެ ކުރިމަތިން އެދެމީހުންނަށް ވެސް ފެންނަމުން ދިޔައެވެ. އެހެނަސް އެ ދެމީހުންނަށް ވެސް ނޭނގުނުކަމަކީ މި މަގަކީ އިމްތިޙާންތަކުން ވެސް ފުރިގެންވި މަގެއްކަމެވެ. އަދި އެމީހުންގެ އީމާންތެރިކަމުގެ ވަރުގަދަކަން ސާބިތުކުރުމަށްޓަކައި އެމީހުން ނުހަނު ދަތި ދުވަސްތައް ވެސް ކަނޑައްތު ކުރަން ޖެހޭނެކަމެވެ.
ނުނިމޭ