އެދުވަހު އެ ލެވި ހަޅޭކުގެ އަޑު އޭނަގެ ކަންފަތުގައި ގުގުމާލިހެން ހީވި މިރްޒާން މޭޒުކައިރީގައި އިނދެވެސް ސިހުންވިއެވެ. އެ ހިނދު އޭނަގެ ލޯ އެދުވަހު ދުޅަވެފައިވީވަރަށް ދުޅަވެފައިވީއިރު އޭނަގެ ބާރަށް ތެޅެމުން ދިޔަ ހިތުތެރޭގައި އުފެދިފައިވީ ހަމަ އެ ރިހުމެވެ. 15 އަހަރު ވޭތުވީއިރު ވެސް އޭނަގެ ހިތް ތަކުރާރުކޮށް ކުރަމުން ދަނީ އެންމެ ސުވާލެކެވެ. އަމްނާއާއި މުޙްސިން ކޮބައިތޯއެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ މާޒީގެ ހުރިހާ ޞަފްޙާއެއް ލޯމަތިން ސިފަވެގެން ދިޔަހެން ހީވި މިރްޒާންގެ ކުރިމަތީގައި އޭރުވެސް ހުޅުވިފައިވީ، އަމްނާގެ ޑައިރީ ފޮތް ބަރީގެ ތެރެއިން ފުރަތަމަ ފޮތުގެ ޞަފްޙާއެކެވެ. އެއީ އަމްނާއަށް ޢަރަބި އެހާ ރަނގަޅަށް ނޭނގުމުގެ ސަބަބުން ހަމައެކަނި އެކި ފޮތްތަކުން ފެނުނު ޢަރަބި ބަސްކޮޅުތައް ލިޔެފައިހުރި ޞަފްޙާތަކުގެ ތެރެއިން ޞަފްޙާއެކެވެ. މިރްޒާންގެ ކަރުނަ ތިކި ގޮސް ޖެހުނު ބަސްކޮޅަށް ނަޒަރު ހުއްޓައިގެން އޭނަ އިންދާ އެޕާޓްމެންޓްގެ ބެލް އަޅުވާލެވުނު އަޑުއިވުނެވެ.
“މިއްޒޭ!” ބެލްގެ އަޑަށްފަހު ބޭރުން އިވިގެން ދިޔައީ އާތިފްގެ އަޑެވެ. އެއާއެކު މިރްޒާނަށް ދޮރާއި ދިމާލަށް ނަޒަރު ހިންގާލަމުން ލޯމަތިން އެއްއަތް ހިންގާލެވުނެވެ. އެއަށްފަހު އޭނަ މޭޒުމަތީގައި އޮތް ފޮތް އޮތްގޮތަށް ބާއްވާފައި ގޮނޑިން ތެދުވެ ކޮޓަރިން ނިކުމެގެން ގޮސް އެޕާޓްމެންޓްގެ ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ އޭނައަށްޓަކައި ކަންބޮޑުވެފައިވި މޫނަކާއެކީ ހުރި އާތިފެވެ. އާތިފް ފެނިފައި އާދައިގެ މަތިން މިރްޒާން ހިނިތުންވެލަން އުޅުނެއްކަމަކު އޭނަ އެވަގުތު އެކަމަށް ނުކުޅެދުނެވެ. މިރްޒާން އޭނައަށް ބަލަން ހުރެފައި އިސްޖަހާލި ގޮތުން އާތިފަށް އެކަން އެނގުނެވެ.
“މިއްޒޭ ކިހިނެއްތަވީ؟ އޮފީހުގަ ހުރެފަ ނިކުމެގެން އައި ގޮތުން ކޮންމެވެސް ބޮޑު ކަމެއް ދިމާވިއްޔޭ ހިތާ މިއައީ…..ހިއެއްނުވޭ އެއީ ކުށްހީއެއްހެނެއް. ވަޓްސް ރޯންގް؟” އާތިފް ސީރިއަސްކަމާއެކީ އެހިއެވެ. އާތިފްގެ އެ ސުވާލާއެކީ މިރްޒާންގެ ހަނދާނަށް އައީ އޭނަ އެވަގުތު ގޭގައި ހުންނަން ޖެހުނު ސަބަބެވެ. އޮފީހުގެ ކެބިންގައި އިންދާ ޝަހާނީ އައިސް ދެއްކި ވާހަކަތަކެވެ. އަމްނާއޭ ކިޔައި ދެއްކި އެ ވާހަކަތައް ހަނދާންވުމުން މިރްޒާންގެ ހިތުގައި ރުޅިވެކަމެއް އުފެދުނު ހިނދު އެ ހިތުގައިވި ރިހުންވެސް ތޫނުވިއެވެ. އޭނަގެ ޢާއިލާ ނުފެނި އެހާ ގިނަ ދުވަސްވެފައިވުމުން އެ ޢާއިލާއާއި ބެހޭގޮތުން މީހުން ދައްކާ ތޯތޯ ވާހަކަތައް ވެސް ނުހަނު ފަސޭހައިން އޭނަގެ ސިކުނޑީގައި ބިންވަޅު ނެގޭތީވެއެވެ. އެހެނަސް ޝަހާނީ ދެއްކި ވާހަކަތައް ޤަބޫލުކުރަން އޭނަގެ ހިތަށް ދައްޗެވެ. މިރްޒާން އަމިއްލަ ޚިޔާލުތަކުގައި ހުއްޓާ އާތިފް އަނެއްކާވެސް ‘މިއްޒޭ’ އޭ ކިޔައި ގޮވާލި އަޑަށް މިރްޒާނަށް އިސްއުފުލާލެވުނެވެ. އާތިފް ކިޔައިދޭށޭ ބުނާ ފަދައަކުން ބޯޖަހާލި ތަނާހެން މިރްޒާން ވާހަކަ ދެއްކިއެވެ.
“ކަމެއްނުވެއޭ އާތިފް. ބްރޭކް ގަޑިއަށް ތަންކޮޅެއް އަވަހަށް އަންނަންވެގެން މިވަގުތު މިއައީ. އާތިފް ވެސް ވަދެ ކޮފީއެއް ބޯލަންވީއެއްނު؟” މިރްޒާން އާދައިގެ މަތިން ގަދަކަމުން ހިނިތުންވެލަމުން އެޕާޓްމެންޓަށް ވަންނަން ދިޔައީ އާތިފްގެ ސުވާލުތަކުން ދުރުވެވޭތޯއެވެ. އެހެނަސް އާތިފް ހުރީ ގުޑުވާނުލެވޭ ފަދަ ޢަޒުމެއްގައެވެ. މިރްޒާން ހިނގާފައި ގޮސް ސިޓިންގް ރޫމުގެ ސޯފާއާއި އަރާ ހަމަވީ ވަގުތު އާތިފް ވަދެގެން ގޮސް މިރްޒާންގެ ކޮނޑުގައި އެއްއަތް އަޅާލިއެވެ. އެއާއެކު މިރްޒާން އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ.
“ކިޔައިދިނީމަ ފަސޭހަވާނީ މިއްޒޭ. އެކަން ހަނދާން ނައްތާ ނުލައްޗޭ. އޮފީހުގަ ހުރެފަ މަޑުވެސް ނުކޮށް މިއްޒޭ ކައިރިއަށް މިއައީ ހަމަ މީގެ އަހަރުތަކެއް ކުރިން ފެނުނު މިއްޒޭ ފެނުނުހެން ހީވީމަ. އަހަންނަށް ކިޔައިދީ މިއްޒޭ. ކިޔައި ނުދީ ހުންނަންޏާ ތިކަންތައް މިއްޒޭގެ މުޅި ހިތާއި ސިކުނޑީގަ އަށަގަނެ އެ ހިތްދަތިކަން އިތުރުވުން ނޫންކަމެއްނުވާނެ.” އާތިފް ބުނެލިއެވެ. އާތިފްގެ އެ ބަސްތައް އިވިގެން ދިޔަދިޔަހެން އޭނަގެ މުޅި ޙަޔާތުގައި ވެސް އައި އެންމެ އަނދިރި އަދި ހިތްދަތި ދުވަސްތައް ހަނދާންވެގެން ދިޔުމުން މިރްޒާންގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ. އެދުވަހުވެސް އޭނަގެ އެންމެ ކައިރީގައި ހުރީ އޭނަގެ މި އެކުވެރިޔާކަން އެނގުންވީ ވަގުތު މިރްޒާނަށް މަޑުމަޑުން އެނބުރިލަމުން ސޯފާގައި އިށީނދެވުނެވެ. އެއަށްފަހު އޭނަ އާތިފްގެ ބަސްއަހަން ނިންމި ވަގުތު އާތިފް މިރްޒާންގެ ކައިރީގައި އިށީނދެ ދެންވެސް ކިޔައިދޭށޭ ބުނެލިއެވެ.
“ޝް…ޝަހާނީ ބުނީ އަމް…ނާ އަހަރެން ދޫކޮށްފަ ދިޔައީ ޤަޞްދުގައޭ.” މިރްޒާނަށް އެހެން ބުނެލެވުނީ ތުރުތުރު އަޅަމުން ދިޔަ އަޑަކުން އިތުރު ވޭނެއް އެޅި ހިތަކާއި އެކީގައެވެ.
“ވަޓް؟! އޭނައަށްތަ އެނގެނީ އަމްނާ ދިޔަ ސަބަބެއް؟ އެއީ މިއްޒޭ ދަންނަ މީހަކީތަ؟” އާތިފް އަޑުހަރުކޮށްފައި ސުވާލުތަކެއް ކުރީ މިރްޒާންގެ ސިކުނޑިއަށް ލައިދެވުނު އެ ވިހަގަދަ ޚިޔާލުގެ އަސަރު ނެތިދާނެ ފަދައަކުންނެވެ.
“އަހަންނަކަށް ނޭނގޭ އޭނައެއް. އެކަމަކު ހީވޭ އޭނައަށް އަހަންނާ އަމްނާ އެނގޭހެން. ހީވަނީ އަހަރުމެންނާ އެއްޔުނިވާރސިޓީއެއްގަ ކިޔެވި ކުއްޖެއްހެން.” ޝަހާނީ ދެއްކި ވާހަކަތައް ހަނދާނަށް ގެންނަމުން މިރްޒާން ބުނެލިއެވެ.
“އެއް ޔުނިވާރސިޓީއެއްގަ ކިޔެވިޔަސް އަމްނާއާ މިރްޒާންއާ ދެމެދު ޖެހުނު މައްސަލަތަކަކީ މަދު ބަޔަކަށް ނޫނީ އޭގެ ފަހަތުގައިވި ސަބަބު ނޭނގޭ ކަންތައް. ދެން ކިހިނެއް ޝަހާނީއަށް އެނގޭނީ އަމްނާ ދިޔައީ ކީއްވެކަން؟ އޭނައަށްތަ އެނގޭނީ މިއްޒޭއާ އަމްނާ އުޅުނީ ކިހާ ލޯބިންކަން؟ ހުވާ އެއީ މާ ފޮނި ބޮޑުވެގެން އުޅޭ އަންހެނެއް! އޭނަ އެހެން ބުނާނީ ރަނގަޅަށްވިއްޔާ މިއްޒޭ އޭނަ ކައިރިއަށް އަންނާނެ ގޮތަށް ހަދަން. އޭނައާމެދު އަޅާނުލާ!” އާތިފް އޭނަގެ އަޑަށް ޖޯޝެއް ގެންނަމުން އޭނަގެ އެކުވެރިޔާއަށް ވިސްނައިދެވޭތޯ ބެލިއެވެ. އެކަން ހިސާބަކަށް ކާމިޔާބުވެސްވިއެވެ. މިރްޒާން ފުން ނޭވައެއް އެތެރެއަށްލަމުން ބޯޖަހާލި މަންޒަރު ފެނުނެވެ. އެހެނަސް އޭނަ ދެންވެސް ހިތާމަވެރި މޫނަކާއެކީ އިސްޖަހާލިތަން ފެނިފައި އާތިފްގެ ހިތް ދެރަވިއެވެ. އެހެންކަމުން އޭނަގެ އެކުވެރިޔާ މި ޙާލަތުން ސަލާމަތް ކުރުމަށްޓަކައި އެހެން ކަމަކާމެދު ވިސްނާލަމުން ވާހަކަ ދެއްކިއެވެ.
“އޭ މިއްޒޭ ހިނގާބަ މިތާ ކައިރީގަ އިއްޔެ ހުޅުވި ރެސްޓޯރެންޓަށް މިއަދު ސައިބޯންދޯ؟ އަހަރުމެން ނުދާ ރެސްޓޯރެންޓެއް ހުރެގެން ނުވާނެއެއްނު؟” އާތިފް ވާހަކައިގެ ރާގު ބަދަލުކޮށްލަމުން ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“ނޫން އާތިފް. އާތިފް ބޭނުމިއްޔާ ދޭ! މިއަދު އަހަންނަށް ނުދެވޭނެ.” މިރްޒާން އޭނައަށް ބެލުމެއްނެތި ބުނެލި ވާހަކައިން އާތިފްގެ ހިނިތުންވުން ފިލައިދިޔައެވެ. އެހެނަސް އޭނަ ހިތްވަރު ދެރަނުކުރިއެވެ.
“ދެން ހިނގާބަލަ! ކުޑަ ހެލްޕެއްވެސް ބޭނުންވެގެން މިއުޅެނީ. ބޮޑުމީހާ ޤުރުއާން ޖަހައިގެން ކުޑަ ޕާޓީއެއް ބާއްވަން ބޭނުންވާނެ އެއްޗެހިވެސް ގަންނަން އެބަޖެހޭ. ދެމީހުން އެކީގަ ދިޔައިމަ އެއްޗެހި ތިބޭނެ ތަންތަން ވެސް ފަސޭހައިން އެނގޭނީ. ހިނގާބަ ދެމީހުން.” އާތިފް އާދޭހުގެ ރާގަކަށް ބުނެލިއެވެ. އެއާއެކު މިރްޒާން ފުން ނޭވައެއް ދޫކޮށްލަމުން އާތިފަށް ބަލައި ހިނިތުންވެލިއެވެ. އަދި އާތިފް އުއްމީދުކުރި ފަދައިން ހިނގާށޭ ބުނެލިއެވެ. އާތިފަށް އެކަމާމެދު ޝައްކުނުކުރެވުނީ މިރްޒާނަކީ ކޮންމެ ފަދަ ޙާލެއްގައިވިޔަސް މީހަކު އެހީއަކަށް އެދުމުން އިންކާރު ކުރާ މީހެއްނޫންކަން އެނގޭތީވެއެވެ.
“އެބަ އަންނަން ކުޑަކޮށް މޫނު ދޮވެލައިގެން.” މިރްޒާން އެހެން ބުނުމުން އާތިފް ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ. އެއަށްފަހު މިރްޒާން ދާންފެށުމުން އާތިފަށް އޭނަގެ އެކުވެރިޔާއަށް ބަލަން އިނދެވުނީ ފަނޑުވަމުން ދިޔަ ހިނިތުންވުމަކާއެކީއެވެ. މިރްޒާން އޭނަގެ ޢާއިލާއާއި މުޅިން ވަކިވީ ދުވަހުން ފެށިގެން އަދާއި ހަމައަށް ވެސް މިރްޒާން ތަޙައްމަލުކުރި ހިތާމަތައް އެންމެ ގާތުން ދުށްމީހަކީ އާތިފެވެ. އެދުވަހު ބަނދަރުމަތީގައި ކަކޫމައްޗަށް ހުއްޓާ އޭނަ ހޭނެތިގެން ގޮސް ބިމަށް ހަށިގަނޑު ދެމިގެން ދިޔުމުން ހޮސްޕިޓަލަށް ގެންދިޔައީ ވެސް އާތިފެވެ. ގަޑިއިރުތަކަށްފަހު މިރްޒާނަށް ހޭލެވުމާއެކު އޭނަ އެކި މީހުން ކައިރިން ކުރަމުން ދިޔަ ސުވާލުތައް އާތިފް ކައިރިން ތަކުރާރުކޮށް ކުރަން ފެށިއެވެ. އަމްނާ ކޮބައިތޯއެވެ. މުޙްސިން ކޮބައިތޯއެވެ. މުޙްސިން މިހާރު ރަނގަޅުތޯއެވެ. އަމްނާގެ ޙާލު މިހާރު ކިހިނެއްތޯއެވެ. އޭގެއިން ކޮންމެ ސުވާލަކަށް ނޭނގެއޭ ބުނަންވުމުން އާތިފަށް ކިތަންމެ އަސަރުކުރިއެއްކަމަކު އޭނައަށް އެހެންގޮތެއްވެސް ނެތެވެ. މިރްޒާން އެދުވަހު ހޮސްޕިޓަލުގެ އެނދުގައި އިނދެވެސް އެތައްއިރެއް ވަންދެން ރުއެވެ. އާތިފް ކިތަންމެ ވަރަކަށް ވިސްނައިދޭން އުޅުނެއްކަމަކު އެ ކެކުޅުމަކަށް ބަދަލެއް ނާދެއެވެ. މިރްޒާން އޮތް ކޮޓަރިއަށް ނަރުހަކު ނޫނީ ޑޮކްޓަރަކު ވަންނައިރަށްވެސް އޭނަ އޭނަގެ ހިތުގައި އުފެދިފައިވި ސުވާލުތައް ކުރަމުން ދިޔައީ ޖަވާބެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ. އެދެވޭ ޖަވާބެއް ނުލިބޭ ކޮންމެ ފަހަރެއްގެ މަތިން މިރްޒާންގެ ލޯ ކަރުނުން ފުރި އޭނައަށް ގަދައަށް ރޮވެއެވެ. މިރްޒާނަށްވަމުން ދިޔަ ގޮތް ބަލަން ކެތްނުވެގެން އާތިފް މިރްޒާންގެ މަންމައާއި ބައްޕައަށް ގުޅިއެވެ. މިރްޒާންގެ ޢާއިލާ ގެއްލުނުކަން ވެސް ހާފިޒާއާއި ލަތީފަށް އެނގޭ ގޮތްވީ އާތިފް ގުޅުމުންނެވެ. އެއާއެކު ހާފިޒާއާއި ލަތީފް މާލެއަށް ފުރުމުގެ ދަތުރު ފެށިއެވެ. އެހެނަސް މިރްޒާން ގެއަށް ފޮނުވާލެވުނު ދުވަހުވެސް އެމީހުން މާލެއަށް ނުފޯރައެވެ. އެހެންކަމުން އާތިފް ދޭތެރެދޭތެރެއިން މިރްޒާނަށް ޒިޔާރަތްކުރަމުން ދިޔައެވެ. ގިނަފަހަރު އެ އެޕާޓްމެންޓްގެ ދޮރު ހުންނަނީ ތަޅުވެސް ނުލައެވެ. އާތިފް ގޮސް ބަލާލާއިރު މިރްޒާން އިންނަނީ މުޙްސިންގެ ކޮޓަރީގައި އެ ދަރިފުޅުގެ އެނދު ކައިރީ ބިންމަތީގައި އިށީނދެގެންނެވެ. އެހެންނޫނީ އަމިއްލަ ކޮޓަރި އަނދިރި ކޮށްގެން ކޮންމެވެސް އެއްކަނަކަށް ކުރުގެޅިލައިގެންނެވެ. ފަހަކަށް އައިސް އާތިފް ގޮސް ވާހަކަ ދެއްކުމުން މިރްޒާން އެންމެ ބަހެއްވެސް ބުނެ ނުލައެވެ. އެ ޙާލަތުގައިވެސް މިރްޒާން ވަނިކޮށް އެއްދުވަހު އާތިފް ވެސް ހުއްޓާ ހާޝިމާއި ޙަމީދާ އައިސް އޭނައާއި ދިމާލަށް އެއްޗެހި ގޮވިއެވެ.
“ހީނުކުރާތި ކަލެއަށް އެއްވެސް އަދަބެއް ނުލިބެނީސް އަހަރުމެން ކަލޭ ދޫކޮށްލާނެކަމަށް. ކަލެއާހެދި އަހަރުމެންގެ ދަރިފުޅު އަހަރުމެންނަށް ގެއްލުނީ! ކަލެއާހެދި އަމްނާ ގެއްލުނީ!!” ހާޝިމް އެދުވަހު އެއްޗެކޭ ނުބުންޏެއްކަމަކު ޙަމީދާ ހަޅޭއްލެވިއެވެ. ޙަމީދާގެ އެ ވާހަކައިން މިރްޒާންގެ މުޅި ހަށިގަނޑު ރޫރޫއަޅައިގެން ދިޔަދިޔަހެން އޭނަގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އެއްޗެކޭ ބުނަން ނުކުޅެދިފައި މިރްޒާން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިން މަންޒަރު ދެކެން ހިތަށް ކެތްނުކުރެވުމުން އާތިފަށް ވާހަކަ ދެކެވުނެވެ.
“މިރްޒާނަށް ލިބުނު އަދަބު ކުޑައީތަ މިރްޒާނަށް އިތުރު އަދަބެއްދޭން ތިއުޅެނީ؟ އެނ؟! ކަލޭމެންނާ ހެދި އަމްނާ ގެއްލުނީ! ކަލޭމެން މިއްޒޭ އޭނަގެ ދަރިފުޅާއި ދުރުކުރީމަ ވީގޮތްމީ! ކަލޭމެންނަށް ކަލޭމެންގެ ދަރިފުޅު ގެއްލުނިއްޔާ މިރްޒާނަށް ގެއްލުނީ މިރްޒާންގެ ދަރިފުޅާއި އަންހެނުން. މިރްޒާންގެ މުޅި ޢާއިލާ. މިރްޒާންގެ މުޅި ދިރިއުޅުން!” އާތިފް ސާބިތު އަޑަކާއެކީ އޭނަގެ އެކުވެރިޔާގެ އެމީހުންގެ ކުރިމަތީގައި ދިފާޢުކުރިއެވެ. އެއަށްފަހު ހާޝިމާއި ޙަމީދާ އެ އެޕާޓްމެންޓުން ނިކުމެގެން ދިޔައީ އެއްޗެއް ވިސްނުނު ފަދައަކުންނެވެ. އެހެނަސް އެއަށްފަހު އެމީހުން މިރްޒާނާއި ވައި އެޅޭ ހިސާބުން ވެސް ފެންނަ ގޮތެއްނުވިއެވެ. އެމީހުން އައިތާ އަނެއްދުވަހު ހާފިޒާއާއި ލަތީފަށް މިރްޒާނާއި ހަމައަށް އާދެވޭ ގޮތްވިއެވެ. ހާފިޒާއާއި ލަތީފް ވެސް އައިސް ވާހަކަ ދައްކަން އުޅުމުން މިރްޒާން އިސްއުފުލައި ބަލައެއްވެސް ނުލިއެވެ. އެމޫނުމަތިން ނުފިލާ ގޮތެއްގައި ފެންނަމުން ދިޔައީ ހިތާމަވެރިކަމާއި އޭނައަށް ކުއްލިއަކަށް ދިމާވި މި ޙާލަތުގެ ސިހުމެވެ. އެކަމުގެ ހިތާމައިގައި ލަތީފްގެ ދެމަފިރިން ވަނިކޮށް މިރްޒާނަށްޓަކައި ކައުންސެލަރަކު އެޕާޓްމެންޓަށް ގެނައުމުގެ ޚިޔާލު އާތިފް ދިނެވެ. މިގޮތުން އެދުވަސްވަރު ނުހަނު ރަނގަޅަށް ކިޔަވައިގެން ހުރި ފިރިހެން ކައުންސެލަރަކު މިރްޒާންގެ ކައިރިއަށް ގެނެވުނެވެ. ކައުންސެލަރު ވެސް އެންމެ ފުރަތަމަ މިރްޒާނާއި ވާހަކަ ދައްކަން ޖެހުނީ މިރްޒާން އެ އިންތަނުގައި ބަހައްޓައިގެންނެވެ. ކުރީކޮޅު ކުރެވުނު އެއްވެސް ސުވާލަކަށް މިރްޒާންގެ ފަރާތުން ކުޑަވެސް ޢިޝާރާތެއް ނުލިބުނެވެ. ދަރިފުޅާއި އަންހެނުންނަށްވީ ކިހިނެއްތޯ ސުވާލު ކުރެވޭ ކޮންމެ ފަހަރަކު އޭނައަށް ރޮވެން ފަށައެވެ. ކިރިޔާވެސް މިރްޒާންގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުވާން ފެށީ އަދި އެ އަންހެނުންނާއި ދަރިފުޅު ފެނިދާނެ ކަމަށް ބުނަން ފެށި ހިސާބުންނެވެ. އަދި ފެންނާނީ ވެސް އެކަމަށްޓަކައި މިރްޒާން މަސައްކަތް ކުރުމުން ކަމަށް ބުނަން ފެށި ހިސާބުންނެވެ. އެއާއެކު އޭނަ އެ ކައުންސެލަރު ބުނިގޮތަށް ކަންތައް ކުރަން ފެށިއެވެ. ފަހުން އައިސް ކައުންސެލިންގް ދެވެން ފެށީ ސިޓިންގް ރޫމުގެ ސޯފާގައެވެ. އެ ސެޝަންތަކުގެ ތެރެއިން އަމްނާއާއި ބެހޭގޮތުން މިރްޒާނާއި ސުވާލުކުރެވުނެވެ. މިރްޒާން ޚިޔާލުތަކުގެ ތެރެއަށް ގެއްލިހުރެ ހިނިތުންވުންތަކާއެކީ އަމްނާގެ ރަނގަޅުކަމުގެ ވާހަކަ ކިޔައިދިނެވެ. އަދި އަމްނާ އޭނަދެކެ ލޯބިވީ ކިހިނެއްކަމާއި އޭނަ ތައުބާވިފަހުން އަމްނާއާއި އޭނައާއި ދެމެދު އުފެދުނު ގުޅުމުގެ ވަރުގަދަކަން ކިޔައިދިނެވެ. އެ ވާހަކަތައް ކިޔައިދެވުނު ރެއަށްފަހު މިރްޒާން އެޕާޓްމެންޓުގައި ހުރެވެސް ނަމާދުކުރަން ފެށި ވާހަކަ މިރްޒާންގެ މަންމައާއި ބައްޕަގެ ފަރާތުން އާތިފަށް އިވުނެވެ. އަދި ދޭތެރެދޭތެރެއިން އޭނަ ކިޔަވާ މޭޒުދޮށަށް ގޮސް ކޮންމެވެސް ރަތްކުލައިގެ ގަނޑުތައް ލެވިފައި ހުރި ފޮތްތައް ކިޔާ ވާހަކަވެސް އާތިފަށް އިވުނެވެ. އެ ފޮތްތަކުގެ ވާހަކަ މިރްޒާން ކުރިން އޭނައަށް ކިޔައިދީފައިވާތީ އެއީ ކޮން ފޮތްތަކެއްކަން އާތިފަށް އެނގުނެވެ. އެ ފޮތްތަކުގެ ސަބަބުން އަމްނާގެ ހަނދާންތަކުގައި މާ ބޮޑަށް ޣަރަޤުވެ މިރްޒާންގެ ޙާލަތު އަނެއްކާވެސް ގޯސްވެދާނެކަމުގެ ބިރު އާތިފަށް ހީވިއެވެ. އެހެނަސް އޭގެ މާ ގިނަ ދުވަހެއްނުވެ މިރްޒާން ޔޫސުފް ސޫރަތް އަޑުއަހަން ފެށި ވާހަކައާއި އެ ސޫރަތް އަޑުއަހާ ކޮންމެ ފަހަރަކު އެ މޫނުމަތިން ހިނިތުންވުންތައް ފެންނަ ވާހަކަ އިވެން ފެށުމުން އާތިފަށް ޙައިރާންކަމެއް ލިބުނެވެ. އެވާހަކަ އިވުނު ފަހުން އާތިފް ވެސް މިރްޒާންގެ އެޕާޓްމެންޓަށް ޒިޔާރަތް ކުރާ ކޮންމެ ފަހަރަކުހެން އިވެނީ އެ ސޫރަތުގެ އަޑެވެ. އަދި އެފަހުން ދުވަހުން ދުވަހަށް މިރްޒާންގެ ހިނިތުންވުންތައް އުޖާލާވާން ފެށިކަން އާތިފަށް ފާހަގަވިއެވެ. އެއީ ކީއްވެކަމާމެދު ސުވާލުކުރަން ބޭނުންވިއެއްކަމަކު އޭނަވީ އެއަށްވުރެ ބޮޑު އަޖާއިބެއްގެ ތެރޭގައެވެ. އިތުރަށް އަންތަރީސްވެގެން ދިޔައީ އޭގެ މަދު ދުވަސްތަކެއްފަހުން މިރްޒާން އާދައިގެ މަތިން އޮފީހަށް ގޮސް އެންމެންނާއި ވާހަކަ ދައްކައި މަސައްކަތުގެ މާޙައުލުގައި އުޅެން ފެށުމުންނެވެ. އެހެނަސް މިފަހަރު އޭނަ މަސައްކަތް ފެށީ ޖާނަލިސްޓެއްގެ ގޮތުގައެއްނޫނެވެ. ކޮންމެވެސް އެހެން ދާއިރާއަކަށް އޭނަގެ ވަޒީފާ ބަދަލުކޮށް ދިނުމަށް މާޖިދު ކައިރި މިރްޒާން އެދުނީ އޭނަގެ މާޒީ ހަނދާން ނައްތާލަންކަމަށް އާތިފަށް ނިންމުނެވެ. މިގޮތުން މާ ގިނަދުވަހެއްނުވެ މިރްޒާން ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށިއެވެ. އެ މަސައްކަތުގައި އުޅެމުން ގޮސް ޗުއްޓީއެއް ލިބުމުން މިރްޒާން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަން ރޭވީ އަމްނާއާއި މުޙްސިން ހޯދުމަށްޓަކައި ކަމަށް އޭނަ އާތިފްގާތު ބުންޏެވެ. މިގޮތުން އޭނަ އުތުރުން ފެށިގެން ގޮސް ޗުއްޓީ ނިމެންދެން ދެވުނުހާ ރަށްތަކަށް ގޮސް އެ ރަށްތަކުގެ މީހުންނަށް އަމްނާއާއި މުޙްސިންގެ ފޮޓޯ ދައްކައި ސުވާލުކުރަމުން ދިޔައެވެ. އެ ދަތުރުތައް ކުރަމުން މިރްޒާން ދިޔައީ މުޙްސިނާއި އަމްނާއަށް ދިނުމަށްޓަކައި ހަދިޔާތައް ވެސް އެކި ރަށްރަށަށް ފޮނުވަމުންނެވެ. އެ ހަދިޔާތަކުގައި އޭނަގެ ނަންބަރު ލިޔެވިފައިވުމުން އެގޮތުން ވެސް އޭގެއިން އެކަކު ވިޔަސް ފެނިދާނެކަމުގެ އުއްމީދުގައެވެ. މިރްޒާން ކުރި ދަތުރުތަކުގެ ތެރެއިން ބައެއް ދަތުރުތަކުގައި އާތިފް ވެސް ބައިވެރިވެފައިވާތީ އެ މަސައްކަތް ކުރުމުގައި މިރްޒާންގެ ހިތްވަރު ދެރަވާ މަންޒަރު އާތިފަށް ވެސް ވަނީ ފެނިފައެވެ. އެހެނަސް ކުރިއާއި ޚިލާފަށް އޭނަ ނާއުއްމީދުގެ ތެރެއަށް ނުގެނބެއެވެ. ބަދަލުގައި އެމޫނުމައްޗަށް ހިތާމަވެރިކަން ވެރިވާ ކޮންމެ ފަހަރަކު ފެނިގެން ދަނީ އޭނަ މިސްކިތަކާއި ދިމާލަށް މިޞްރާބުޖަހާ މަންޒަރެވެ. ނަމާދަށްފަހު ދުޢާކުރާއިރު ވެސް އޭނަ ކަރުނަ އަޅާތަން ފެނެއެވެ. އެހެނަސް އެއަށްފަހު އޭނަ އޭނަގެ ހޯދުން ކުރިއަށް ގެންދަނީ އާ ޢަޒުމަކާއި އެކީގައެވެ. އާތިފަށް އެއްދުވަހު ނުހުރެވިގެން މި ކަންތައްތަކާމެދު މިރްޒާނާއި ސުވާލުކުރުމުން މިރްޒާން ޖަވާބު ދިނެވެ.
“لاَ يَجِدُ رِيْحَ يُوْسُفَ إِلاَّ مَنْ كانَ لَهُ رَجَاءَ يَعْقُوْب…..ޔަޢްޤޫބް ޢަލައިހިއްސަލާމްގެ އުއްމީދު ހުރި މީހަކަށް މެނުވީ ޔޫސުފް ޢަލައިހިއްސަލާމްގެ ވަހެއް ނުލިބޭނެއޭ. މިއީ އައްނު އެއްކަލަ ފޮތުގެ ކުރީކޮޅު ލިޔެފަ އޮތް ޢަރަބި ބަސްކޮޅެއް. އޭތި މީގެ ދުވަސްކޮޅެއް ކުރިން ކިޔުނީއްސުރެ ހަމަ އެބަސްތައް އަހަރެންގެ ސިކުނޑީގަ ހުންނަނީ. އޭތި ކިޔުނީމަ ޔޫސުފް ސޫރަތަށް ލޯބިޖެހިގެން ދިޔައީވެސް. ދެން ފަހުން އެނގުނީ އަހަރެންގެ ޙަޔާތުގައި ދިމާވެފައި މިވާ އިމްތިޙާނަކީވެސް އެ ވާހަކައާ ކިހާ ގުޅުންހުރި އިމްތިޙާނެއްކަން. ޔަޢްޤޫބް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ދަރިކަލުންނާއި އެތައް އަހަރެއް ވަންދެން ވަކިވެވަޑައިގަތް. އެކަމަކު އެކަލޭގެފާނު ދުވަހަކުވެސް ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑުއްވާ ނުލައްވާ. އެތައް އަހަރެއް ވޭތުވީއިރުވެސް ޔޫސުފް ޢަލައިހިއްސަލާމް އެނބުރި ވަޑައިގަންނަވާނެ ކަމަށް އެކަލޭގެފާނު އުއްމީދުކުރެއްވި. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެންމެ ފަހުން އެކަލޭގެފާނު އެކަލޭގެފާނުގެ ދަރިކަލުންނާއި އަނެއްކާ ގުޅިވަޑައިގެންނެވި. ދެން އަހަރެން ކީއްވެ އަހަރެންގެ ދަރިފުޅާއި އަހަރެން އަނެއްކާ ނުގުޅޭނެ ކަމަށް ހީކުރަންވީ؟ އަދި އެއީވެސް އަހަރެން އެ ދަރިފުޅާއި ވަކިވިތާ މަދު މަސްތަކެއް ވެފައިވީއިރު؟” މިރްޒާން ފާރެއްގެ މަތީގައި އާތިފްގެ ކައިރީގައި އިނދެ އެދުވަހު އެ ފަހު ސުވާލުކޮށްލީ ފުރިހަމަ ހިނިތުންވުމަކާއި އެކީގައެވެ. އެދުވަހު މިރްޒާން އޭނަގެ ދަރިފުޅާއި ނުގުޅި ދިގު 15 އަހަރު ވޭތުވާނެކަމަށް އާތިފް ހިއެއްނުކުރެއެވެ.
އެހެނަސް 15 އަހަރު ފަހުން ވެސް މިރްޒާންގެ ހިތުގައިވި އެ އުއްމީދަކަށް ބަދަލެއް ނައިތާއެވެ. އޭނައާއެކީ ފިހާރައަށް ދިޔުމަށްޓަކައި މޫނު ދޮވެ ތާޒާވެލައިގެން ކޮޓަރިން ނިކުތް މިރްޒާންގެ މޫނުމަތީގައިވީ ހަމަ އެ ހިނިތުންވުމެވެ. އާތިފްގެ ހިތުގައި ދީނަށްޓަކައި ލޯތްބެއް އުފެދިފައިވަނީ މިރްޒާނަށް ﷲ ގެ ބަސްފުޅުން ލިބުނު ހިތްވަރުގެ ޤަބޫލުކުރަން ދަތި މިސާލު އޭނައަށް އިޙްސާސް ކުރެވޭތީވެހެން އާތިފަށް ހީވެއެވެ. މިރްޒާން އޭނަގެ އެ ހިތާމަތަކުން އަރައިގަތް ދުވަސްވަރު ވަކި މީހަކު ބުނުމެއްނެތި ނަމާދުކުރަން ފެށި މަންޒަރު ފެންނަން ފެށި ފަހުން އޭނައަށް ވެސް ނަމާދެއް ދޫކުރެވޭ ގޮތެއްނުވެއެވެ.
އާދައިގެ މަތިން މިރްޒާން އެދުވަހުވެސް ޢިމާރާތުގެ ގޭޓުން ނިކުމެ ކާރާއި ހަމައަށް ދިޔުމުގެ ކުރިން އޭނަ ހޯދަން ބަޔަކު އައިސްފިނަމަ އޭނަ އިރުކޮޅަކުން އަންނާނެ ވާހަކަ ބުނަން ގާޑު ބޭބެ ގާތު ބުންޏެވެ. ދުވަސްދުވަހުން ބަދަލުވާ ގާޑު ބޭބެ ހިނިތުންވުމަކާއެކީ އާނއެކޭ ބުނެލިއިރު މިރްޒާން އެ ދައްކަނީ އެތައް އަހަރެއް ވަންދެން ގެއްލިފައިވި ބައެއްގެ ވާހަކަ ކަމެއް އެ ބޭބެއަކަށް ރޭކާނުލައެވެ. މިރްޒާން މިހާ ދުވަސްވީއިރު މަންމައާއި ބައްޕަ އެދުމުން ވެސް ރަށަށް ނުގޮސް ހުރީ މި ސަބަބާއި ހެދިއެވެ. ރަށަށް އަންނަން އެދޭހާއިރަށް މިރްޒާން އިންކާރު ކުރަނީ، އޭނަ އެ ގޭގަ ނެތް ވަގުތެއްގައި އަމްނާމެން އަނބުރާ އައިސްފިނަމަ އެމީހުން އަނެއްކާވެސް ގޮސްދާނެ ނޫންތޯ ބުނަމުންނެވެ. އާތިފަށް މީގެ އަހަރުތަކެއް ކުރިން މިރްޒާންގެ އެ އިޙްސާސްތައް ދޭހަކުރަން ދަތިވެފައިވިއެވެ. އެހެނަސް މިއަދު އޭނަގެ ވެސް އަންހެނުންނާއި ދަރިން ތިބުމުން އޭނައަށް އެނގެއެވެ. ހެނދުނު ހޭލާއިރަށް ވެސް މިރްޒާން އެމީހުން މަތިން ހަނދާންވާނެ މިންވަރެވެ. ދަރިފުޅާއި އަންހެނުން ފެންނަން ނެތުމުން އެމީހުންނާމެދު ކަންބޮޑުވާނެ މިންވަރެވެ. އެމީހުންނާއި ދެން ދިމާނުވެދާނެ ކަމުގެ ޚިޔާލަކީ ވެސް ކިހާ ދަތި ޚިޔާލެއްކަމެވެ. މިރްޒާން އޭނަގެ ބަލިވެ އުޅުނު ދަރިފުޅަށްވީ ގޮތް ނޭނގި ދުވަސްތައް ކަނޑައްތު އެކުރަނީ ކިހިނެއްތޯ ވެސް އާތިފްގެ ހިތަށް ބައެއްފަހަރު އަރައެވެ. އެހެނަސް އެއިން ވެސް ﷲ ގެ ކުޅަދުންވަންތަކަން އޭނައަށް އިޙްސާސްކުރެވެއެވެ. ﷲ ސާބިތުކަން ދެއްވި ހިތަކަށް ކޮންމެ ފަދަ ހިތާމައެއް އެންމެ ރީތި ގޮތުގައި އުފުލުމުގެ ބާރު ލިބޭނެކަން ޔަޤީންވެއެވެ.
އާތިފްގެ ސައިކަލު ފަހުން އެތަނުން ގެންދަން ނިންމަމުން ދެ އެކުވެރިން ވެސް ގޮސް އެރީ މިރްޒާންގެ ކާރަށެވެ. ކާރު ސްޓާޓްކޮށްލުމާއެކު ރޭޑިޔޯ ޖެއްސިގެން ދިޔައެވެ. ރޭޑިޔޯއިން ދިމާކުރެވިފައިވީ އޭރުގަ އޮތް ސަރުކާރުގެ ޗެނަލް ކަމަށްވުމުން އިވެން ފެށީ މިރްޒާން މީގެ އަހަރުތަކެއް ކުރިން ތާޢީދުކުރި ޕާޓީއެއްގެ އިސްވެރިއެއްގެ އަޑެވެ.
“އަޅުގަނޑުމެންގެ ސަރުކާރުން މި ވޭތުވި 2 އަހަރުތެރޭގަ މިވަނީ ރާއްޖޭގެ އިޤްތިޞާދު އެތައް ގުނައެއް އިތުރު ކޮށްދެއްވާފަ. އަޅުގަނޑުމެން މި ފައިސާގެ ބޭނުން ހިފާނީ ޢަދުލުވެރިކަމާއެކު ރައްޔިތުންނަށްޓަކައި…..” މިރްޒާން ކާރު ދުއްވަން ފެށިފަހުން ރޭޑިޔޯއިން ވާހަކަ އެހާ ހިސާބަށް ދެކެވުނުތަނާހެން އާތިފް ވާހަކަ ދެއްކިއެވެ.
“އާދެ އަޅުގަނޑުމެން މި ފައިސާގެ ބޭނުން ހިފާނީ އަޅުގަނޑުމެންގެ އެކްޓިވިސްޓުން ކުށްތަކުން ސަލާމަތްކޮށް މެލޭޝިޔާއަށް ފޮނުވަން.” އާތިފް ރާގަކަށް އެހެން ބުނެލީ ހިސާބަކަށް ރުޅި އައިސްފައި ހުރެއެވެ. އޭނަ އެހެން ބުނިތަނާހެން މިރްޒާން ވަކި އެއްޗެކޭ ނުބުނެ ރޭޑިޔޯ ނިވާލިއެވެ. އާތިފް މިރްޒާނަށް ބަލާލިއިރު އެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ނުރުހުންތެރިކަމެވެ. މައިސޫން ކުރި ކަންތަކަށް ބަދަލު ހިފުމަށްޓަކައި މިރްޒާން އޭނަ ހަމައަކަށް އެޅުނު ފަހުން ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ކުރިއެކޭ ވެސް އެއްފަދައިން މައިސޫން ކޯޓަށް ގެނެވުނެވެ. އެހެނަސް އެފަހަރު އޭނަވީ ފައިސާވެރި ސިޔާސީ މީހެއްގެ މަގަތުގައެވެ. ނަތީޖާއެއްގެ ގޮތުން މިރްޒާން އޭނަގެ ޢާއިލާއަށްޓަކައި ކިތަންމެ އަޑު އުފުލިއެއްކަމަކު ވީކަމެއް ނެތެވެ. މައިސޫން ދޮގުތަކަކާއި އެ ފައިސާވެރިޔާގެ އެހީގައި އެ މައްސަލައިން ސަލާމަތްވިއެވެ. އަދި އޭގެ މާ ގިނަ ދުވަހެއްނުވެ އިވިގެން ދިޔައީ މައިސޫން އޭނަގެ އަންހެނުންނާއެކީ މެލޭޝިޔާއަށް ފުރި ވާހަކައެވެ. މައިސޫންގެ ޙަޤީޤަތް އެނގުނުފަހުން ހާފިޒާއާއި ލަތީފް ވެސް ނުރުހުންވެފައި ތިބޭތީ އޭނަ ވަރަށް މަދުފަހަރަކު ނޫނީ ރަށަށް އައިސްފައެއްނުވެއެވެ. މި ވޭތުވި 15 އަހަރު ތެރޭގައި ވެސް އޭނަ ރާއްޖެއަށް އައީ އެންމެ 3 ފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އާތިފް މިރްޒާންގާތު މައިސޫންގެ ވާހަކައެއް ދައްކަން އުޅޭ ތަނާހެން އެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެ އޭނަގެ ގޮށްމުއްކެވިގެންދެއެވެ. އެހެނަސް މިރްޒާން އެއްޗެކޭ ނުބުނަނީ އެ ރުޅިވެރިކަން އަމިއްލަ ބާރުގެ ދަށަށް ގެނައުމަށްޓަކައި ކަންނޭނގެއެވެ. އެވަގުތުވެސް ހަމަނުޖެހިފައިވި މޫޑަކާއެކީ މިރްޒާން ހިމޭންކަމާއެކީ ކާރު ދުއްވަމުން ދިޔައެވެ. އަނެއްކާވެސް މިރްޒާންގެ މޫޑު ރަނގަޅު ކުރުމަށްޓަކައި އާތިފް އެހެން ވާހަކައެއް ހަނދާން ކޮށްލިއެވެ.
“ޔޯ ޑޫޑް! އެއްކަލަ ޝޯއަށްޓަކައި އަހަރުމެން މި ހަފްތާތެރޭގަ ޖެހޭނެ ފުރަން. ފުރަތަމަ ދާނީ އައިޓީ އައްޒާމް ކައިރިއަށް. ފުވައްމުލަށް އިޓް އިޒް! އަހަރުމެން ވަކި އެކުއްޖެއްގެ ގޭގައެއް ނޫންދޯ އިންޓަވިއު ކުރާނީ؟ އެ ރަށެއްގަ ހުންނަ ސަޅި ލޮކޭޝަނަކަށް ގޮސް ކުރާނީ. ވަޓް ޑޫ ޔޫ ސޭ؟” އާތިފް އަހާލިއެވެ.
“ސަޅިވާނެ. ތުނޑިއަށް ދާ ހިތުން ދޯ ތިއުޅެނީ؟ ހެހެ….” މިރްޒާން އާތިފަށް ނަޒަރެއް ދީފައި ހީލިއެވެ. އޭނަގެ ގާތް އެކުވެރިޔާ ހީލި މަންޒަރު ފެނުމުން ހިތަށް ލިބުނު ހިތްހަމަޖެހުމާއެކީ އާތިފަށް ވެސް ހިނިތުންވެލެވުނެވެ. އެއަށްފަހު އޭނަގެ އަޑަށް ސަމާސާ ރާގެއް އެޅުވިއެވެ.
“އެހެންޏާ ނޫން! ފުވައްމުލަކުގެ މީހުން ނަސީބުގަދައޭ އަހަރެން ހިތަށްއަރާ. އަހަރެންނަމަ މުޅި ދުވަސް ހޭދަކުރީހީ އެ ތުނޑީގަ…..އަސްލު ކޮންމެ ރަށެއްގަ ވެސް ހުންނާނެ ދޯ އެގޮތަށް ރީތިވާ ތަނެއް؟ ގޮއްސަ ބަލާލީމަ އެނގޭނީ. އޯ އެންޑް ބައި ދަ ވޭ! އެއްކަލަ ހަސަން ހުރިތަނެއް އެނގިއްޖެ މިހާރު. އަހަރެންގެ ކަޒިން ހަސަންއަށް ގުޅީ ކޮންމެވެސް އެކުވެރިއެއްގެ ވެޑިންގްއަކަށް އެހީވެދޭށޭ ކިޔާފަ. ހަސަން ބުނީ ތިމަންނަ މިހިރީ އައްޑޫގައޯ.” އާތިފް އެހެން ބުނެލީ ވަގުތު ކާރު ދުއްވަން އިން މިރްޒާންގެ ހިތުގައި އާދަޔާ ޚިލާފު ޖަޒުބާތުތައް ހިނގާލިއެވެ. ނޭނގޭ ސަބަބަކާހުރެ އާތިފް ދެންމެ އެ ދެއްކީ އޭނައާއި ނުހަނު ގާތް ފަރާތެއްގެ ވާހަކަހެން އޭނައަށް ހީވިއެވެ. އެ ހީ އިތުރަށް ވަރުގަދަވެގެން ދިޔައީ މިރްޒާން އާތިފާއެކީ ފިހާރައަކަށް ގޮސްފައިވަނިކޮށް ފަޔާޒް އޭނައަށް ގުޅުމުންނެވެ.
“އޭ މިއްޒޭ! ހިތާމަވެރި ވާހަކައެއް ބުނެލަންވެގެން މި ގުޅާލީ. މިއްޒޭ ހަދިޔާއެއް ފޮނުވީމެއްނު އައްޑޫގަ ހުރި ފޭދޫ ގެއަކަށް ފޮނުވަން؟ އޭތި ވީ ނުވީއެއް ނޭނގި އަހަރެން އަތުން ގެއްލިއްޖެ. އައި ސްވެއާރ އަހަރެން އޭތި ބެހެއްޓީ އަހަރެންގެ ހެދުން ފޮށި ކައިރީގަ. ދެވަނަ ދުވަހު ބެލިއިރު ފެންނާކަށް ނެތް. އެކި ތަންތަން ހޯދާހޯދާ ވެސް ނުއެއް ފެނުނު. އަދި މިގެއަކީ ކުޑަކުދިން ތިބޭ ގެއެއްވެސް ނޫން. މިއީ އަހަރެން ކުއްޔަށް ހިފައިގެން އެކަނި އުޅޭ ގެއެއް. އެކަމަކުވެސް…..އައިމް އެކްސްޓްރީމްލީ ސޮރީ އެބައުޓް ދިސް!” ފަޔާޒް އެކޮޅުގަ ހުރެ ދެއްކި ވާހަކަތައް އަޑުއަހަން މިރްޒާނަށް ހުރެވުނީ ދެ ބުމަ ކައިރި ކޮށްގެނެވެ.
ނުނިމޭ