“ޔޫނުސް؟” ކަންފަތުގައި ޖެހުނު އަޑަކުން ޔޫނުސްއަށް ހީވީ އޭނަގެ ހިތަށް އާ ދިރުމެއް ލިބުނީ ހެންނެވެ. އޭނައަށް ހިނދުކޮޅެއް ވަންދެން އެއީ ކާކުގެ އަޑެއްކަން ޔަޤީންކުރަން ދަތިވެފައި އިނދެވުނެވެ.
“ނަސް….ރާ؟” ޔޫނުސްއަށް ކިޔާލެވުނެވެ. އެވަގުތު ފޯނުގެ އަނެއްކޮޅުގައި ހުރި ނަސްރާ ދެލޯ މަރާލުމުން އޭނަގެ ކޯތާފަތްމައްޗަށް ކަރުނަތައް ފައިބައިގެންއައެވެ. ޔޫނުސްގެ އަޑު އިވުނަސް ޔޫނުސް ހުރީ އޭނައާއި ކިހާ ދުރުގައިކަން އެނގުންވީ ހިނދު ނަސްރާގެ ދެލޯ ތަގުޅިވެ އޭނައަށް ރޮވެން އުޅުނެވެ. ނުރޯން މަސައްކަތް ކުރިއެއްކަމަކު މާ ގިނައިރެއްނުވެ ނަސްރާއަށް ގިސްލެވެން ފެށިއެވެ. އެ ގިސްލުމުގެ އަޑު އިވިފައި ޔޫނުސްގެ މޫނުމައްޗަށް ވެސް ހިތާމަވެރިކަން ވެރިވިއެވެ. މިފަދަ ވަގުތެއްގައި ފުރަތަމަ ފަހަރަށް ނަސްރާއާއި މިހާ ދުރުގައި ހުރެވުނީތީ ޔޫނުސްގެ ހިތަށް އުނދަގޫވިއެވެ.
“ނަސްރާ ނުރޮއި. ނަސްރާ ބުނެބަލަ ނަސްރާ ތިހުރީ ކޮންތާކުކަން. އަހަރެން ބަލައި އަންނާނަން.” ޔޫނުސް ރޫރޫއަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ.
“އަހަންނަކަށް ނޭނގޭ އަހަރެން މިހިރީ ކޮންތާކުކަން ޔޫނުސް. އަހަރެން މިތަނަށް ގެނައިއިރުވެސް އޮތީ ހޭނައްތާފަ. އެމީހުން އެރޭ ގެއަށް އައިއްސަ ވަގުތުން ހޭނައްތާލި. އަހަންނަށް ހޭލެވުނުއިރު އޮވެވުނީ މި ކުޑަ ކޮޓަރީގަ. ހޭލެވުނުއިރު ގައިގެ އެތަން މިތަނުގަ ހުރީ ބެންޑޭޖް އަޅާފަ. ނޭނގެ އަހަންނަށް ކޮން ގޮތަކަށް ލިބުނު ޒަޚަމްތަކެއް ކަމެއް.” ނަސްރާ ރޮވިފައިހުރެ ކިޔައިދިނެވެ. ޔޫނުސް ދެބުމަ ކައިރިކޮށްލަމުން އެއްޗެކޭ ބުނަން އުޅުނު ވަގުތު ނަސްރާ ދެންވެސް ވާހަކަ ދެއްކިއެވެ.
“ޔޫނުސް ކިހިނެއްތަ؟ މި މީހުން އެބަ ބުނޭ ޔޫނުސްއަށް ވެސް އަނިޔާތަކެއް އެބަދެވޭ. އެއީ ތެދެއްތަ؟” ނަސްރާ ސުވާލުކުރިއެވެ.
“ނޫން ނަސްރާ އެއީ ދޮގު! އަހަރެން މިހިރީ ގޭގަ ސަލާމަތުން. އެކަމަކު އަހަރެން ރަނގަޅެއްނޫން. ނަސްރާމަތިން ހަނދާންވަނީ.” ޔޫނުސް އެހެންބުނެލިއިރު އޭނަގެ ކޯތާފަތްމައްޗަށް ކަރުނައެއް ފައިބައިގެންއައެވެ.
“ޔޫނުސް….” ނަސްރާ މިފަހަރުވެސް ރޮވިފައިހުރި އެއްޗެކޭ ބުނަން އުޅުނު ވަގުތު އޭނައަށް ބޭރުން ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ. އެއާއެކު އޭނައަށް ދޮރާއި ދިމާލަށް ނަޒަރު ހިންގާލަމުން ތެޅިގަނެވުނެވެ.
“ޔޫނުސް އަހަރެން ބާއްވަނީ ބާއި.” ނަސްރާ އެއްނޭވާއަކުން އަވަސްއަވަހަށް ބުނެ އޭނަގެ އަތުގައި އޮތް ފޯނު ދުރުގައި ބޭއްވިއެވެ. އެވަގުތު ފޯނުގެ އަނެއްކޮޅުގައި ހުރި ޔޫނުސް އެއްޗެކޭ ބުނަން އުޅެފައި ފޯނުގެ ސްކްރީނަށް ޙައިރާންކަމާއެކީ ބަލާލިއެވެ. ފޯނު އަދިވެސް ނުކެނޑޭކަން އެނގުމުން ޔޫނުސް އަނެއްކާވެސް އޭނަގެ ކަންފަތުގައި ފޯނު ޖައްސާލިއެވެ.
މިފަހަރު ނަސްރާއަށް ތަޅުންމަތީގައި ނުއޮށޯވެނީސް އެއްކަލަ ޒުވާނާ ދޮރު ހުޅުވައިފިއެވެ. ނަސްރާ ހޭލާ އިންތަން ފެނިފައި ޒުވާނާގެ ރަތްވެފައިވާ ދަތްތައް ފެނުނެވެ.
“ލޯބިވާ ހޭލީތަ؟” ޒުވާނާ އެހެން ބުނެލި އަޑު ފޯނުގައި އިން ޔޫނުސްއަށް އިވިފައި އޭނަގެ ބުމަގޮށްޖެހުނެވެ. ޒުވާނާގެ ޖެހިލުންވެފައި އިން ނަސްރާއާއި ދިމާލަށް އަޅަމުން ދިޔަ ފިޔަވަޅުތަކުގެ އަޑު އިވުމުން ޔޫނުސް ފޯނު ކަނޑާލިއެވެ. އެއަށްފަހު އަނެއްކާވެސް އެ ނަންބަރަށް ގުޅާލިއެވެ. ޒުވާނާ ނަސްރާއާއި ފިޔަވަޅެއްހާ ދުރުގައި ހުއްޓާ ފޯނު ރިންގުވާ އަޑު އިވުނެވެ. އެއާއެކު އެ ޒުވާނާއާއި ނަސްރާގެ ނަޒަރުވެސް އެ ފޯނަށް ހުއްޓުނެވެ. އެއީ ޔޫނުސްއޭ ހިތަށްއެރި ވަގުތު ނަސްރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ޒުވާނާ ހިސާބަކަށް ނުރުހުންވެހުރެ ގޮސް ފޯނު ނަގައި ބަލާލިއެވެ.
“ކާކުތަ ގުޅަނީ؟” ދޮރުމައްޗަށް އެރި ގަމީހާއި ފަޓުލޫނު ލައިގެން ހުރި މެދު އުމުރުގެ ފިރިހެން މީހާ ސުވާލުކުރިއެވެ.
“ނޭނގޭ. މިއީ ފާއިޒްގެ އާ ނަންބަރު ކަންނޭނގެ. ހެލޯ؟” ޒުވާނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ޔޫނުސްއަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނެވެ.
“ކެނޑުނީތަ އަނެއްކާ؟ ފާއިޒް؟ ކިހިނެއްތަވީ ބޮޑު މީހާގެ އާ އަމުރެއް އައީތަ؟” ޒުވާނާ ބުނެލި ވާހަކައިން ޔޫނުސްއަށް ހީވީ އޭނައަށް ރަނުގެ ފުރުޞަތެއް ލިބުނީހެންނެވެ. އޭނަ ވަގުތުން ނަސްރާ ދޫކޮށްލަން އަންގަން ބޭނުންވިއެވެ. އެހެނަސް އެމީހުންނަށް އޭނައަކީ ފާއިޒް ނޫންކަމަށް ޝައްކުވެދާނެތީ ޔޫނުސް އެހެން ބުނަން ޖެހިލުންވިއެވެ. ނަސްރާ ހުރީ ކޮންތާކުތޯ ސުވާލުކުރަން އުޅެފައިވެސް އޭނަ މިއީ ފާއިޒްވިއްޔާ އެކަން އެނގޭނެއެއްނޫންތޯ ޔޫނުސްގެ ހިތް ބުންޏެވެ. އެހެން ކަމުން އޭނަ ބުނެވިދާނެ އެހެން ވާހަކައަކާމެދު ވިސްނިއެވެ.
“ބޮޑު މީހާ ބުނީ އަންހެން ކުއްޖާއަށް ދެން އިތުރުކަމެއް ނުކުރާށޭ. އޭނަ ކޮންމެހެން ވެސް ނުމަރާވެވޭތޯ ބަލަން އެބަޖެހެއެއްނު؟” ޔޫނުސް އޭނަގެ އަޑު ބަރު ކުރެވޭތޯ މަސައްކަތް ކުރަމުން ޖެހިލުންވުމަކާއެކީ ބުނެލިއެވެ.
“ކީކޭ؟! އަސްލުވެސްތަ؟ ގައިމު އިއްޔެގަ ވެސް ބޮޑުމީހާ ބުނީ އެ ކުއްޖާއަށް ވެވުނުހާ ގޯސްކަމެއް ކުރާށޭ. ޔަޤީންތަ ބޮޑު މީހާ ބުނީ ތިހެންކަން؟” ޒުވާނާ ދެއްކި ވާހަކަ އަޑުއަހަން އިން ނަސްރާގެ ނިތަށް ރޫގިނަވިއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ޔޫނުސް އޭނައަކީ ކާކުކަން ޒުވާނާއަށް ނޭނގުނީތީ ހިތާހިތުން ޙަމްދުކުރިއެވެ.
“އާނ ޔަޤީން. މިހާރު އެ ޔޫނުސް ވެސް ބުނެފި އެ އަންހެން ކުއްޖާ މަރައިފިއްޔާ ބޮޑު މީހާގެ ވާހަކަ ޚަބަރުގައި ގެންނާނަމޭ.” ޔޫނުސް އޭނަގެ ބަދަލުކުރެވިފައިވާ އަޑުން ބުންޏެވެ.
“އެހެންތަ؟ އެހެންވިއްޔާ ދެން……..އެ ކުއްޖާ ހަމަ ބަނދެފަ ބައިންދަންވީ؟” ޒުވާނާ އަދިވެސް ޙައިރާންވެހުރެ ބުނެލިއެވެ. ނަސްރާއާއި ދޮރުމަތީގައި ހުރި ފިރިހެން މީހާގެ މޫނުމައްޗަށް ވެސް ވެރިވީ ޙައިރާންކަމެކެވެ.
“އާނ.” ޔޫނުސް ބުންޏެވެ.
“އޯކޭ…..ބާއްވަނީ.” ޒުވާނާ އެހެން ބުނެލަމުން ފޯނު ކަނޑާލިއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ޔޫނުސްގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނައަށް ނަސްރާއާއި ހަމައަށް ނުދެވެނީސް އެ މީހުންނަށް އަސްލު ފާއިޒާއި ދިމާނުވާނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ދުޢާކުރެވުނެވެ.
“އެކުއްޖާއަށް އެއްވެސް ކަމެއް ނުކުރާށޭ ބުންޏޯ ބޮޑު މީހާ.” ޒުވާނާ ފިރިހެން މީހާ ގާތު ބުނެލިއެވެ. އެ އަޑު އިވިފައި ދެންމެ ގުޅީ ޔޫނުސްބާވައޭ ނަސްރާގެ ހިތަށްއެރިއެވެ.
“ކީކޭ؟ އެއީ ހަމަ ފާއިޒްތަ؟” ފިރިހެން މީހާ ޒުވާނާގެ ކައިރިއަށް ޖެހިލަމުން ޒުވާނާގެ އަތުގައި އޮތް ފޯނަށް ބަލާލިއެވެ.
“އަހަންނަށް ހީވަނީ އޭނަހެން. ބުނި ތިމަންނަ އާ ނަންބަރެއް ނަގަނީއޭ. އޭ މި ފޯނުން ވެސް އެ ނަންބަރަށް ގުޅާފަ އެބަހުރި. ހަމަ ދެންމެއަކު. އަހަންނެއް ނުގުޅަން.” ޒުވާނާ އަންތަރީސްވެފައި ފޯނުގެ ސްކްރީނަށް ބަލަން ހުރިތަން ފެނިފައި ނަސްރާގެ ހިތް ނުތަނަވަސްވެ ނިތުން ދާތިކިތައް ހިއްލަން ފެށިއެވެ.
“ކޮންތާކުތަ ފޯނު އޮތީ؟” ފިރިހެން މީހާ ސުވާލުކުރިއެވެ.
“ފޯނު…….މިތާ އޮތީ!” ޒުވާނާ ކުއްލިއަކަށް އެނގުންވީ ފަދައަކުން ނަސްރާއަށް ބަލާލިއެވެ. އެއާއެކު ނަސްރާގެ ހިތް މޭފަޅާލާފައި ނިކުމެދާނެހެން ހީވާ ވަރަށް ތެޅެން ފެށިއެވެ. އޭނަ ވަގުތުން ފިލަން ބޭނުންވިއެވެ. އެހެނަސް ބޮޑު ދެ ފިރިހެނުންގެ ކިބައިން އޭނަ ސަލާމަތް ނުވާނެކަން ޔަޤީންވުމުން ނަސްރާއަށް އިންގޮތަށް އިނދެވުނީއެވެ. އޭނަ ބަލަބަލާ ހުއްޓާ ޒުވާނާ ފޯނު އަތުގެ ކޮޅަށް ހޫރާލަމުން ދިގު ފިޔަވަޅުތަކެއްގައި އައިސް އޭނަ އިސްތަށިގަނޑުގެ ބައެއްގައި ބާރަށް ހިފަހައްޓާލިއެވެ. އިޙްޞާސް ކުރެވުނު ތަދެއްގެ ސަބަބުން ނަސްރާއަށް ދެލޯ މަރާލަމުން ހަޅޭއްލެވުނެވެ.
“ކާކަށްތަ ކަލޭ ގުޅީ؟” ޒުވާނާ ހަރުއަޑުން ސުވާލުކުރިއެވެ. ނަސްރާއަށް ރޮއިގަނެވުނެވެ. އޭނަގެ ފަރާތުން ޖަވާބެއް ނުލިބުމުން ޒުވާނާ އޭނަގެ އިސްތަށިގަނޑަށް އިތުރަށް ބާރުކޮށްލިއެވެ. އެއިން ނަސްރާގެ ރުއިމުގެ އަޑު ގަދަވުން ނޫންކަމެއްނުވިއެވެ.
“އޭނަގެ ޢާއިލާ މީހަކަށްތާ ގުޅާނީ……..މަށަށް ފެންނަނީ މިތަނުން އެހެން ތަނަކަށް މި ކުއްޖާ ބަދަލުކުރަން. މީނަ އަހަރުމެންގެ ވާހަކަތައް އަޑުއަހައިގެން އެ މީހަކަށް މިތިބީ ކޮންތާކުކަން ވެސް ކިޔައިދީފި ކަންނޭނގެ.” ފިރިހެން މީހާ ދުރުގައި ހުރެ ރުޅިވެރިކަމާއެކީ ބުންޏެވެ. އެ ވާހަކަ އިވިފައި ޒުވާނާ ނަސްރާގެ އިސްތަށިގަނޑު ފަހަތަށް ދަމައި ދޫކޮށްލުމުން ނަސްރާގެ ބޯ ބާރަށް ގޮސް ތަޅުންމަތީގައި ޖެހުނެވެ. ބޮލަށްވީ ތަދާއިއެކީ ނަސްރާގެ ލޮލުން ކަރުނަ ހިލުނެވެ.
“ހަމަ ރަނގަޅަށް ތިބުނީ. ބޮޑު މީހާއަށް އަންގާނީ ބަދަލުކޮށް ނިމުނީމަ. އަހަރެން ބޭނުމެއްނުވޭ އަހަރެންގެ ފޯނުގެ ސަބަބުން ޖެހުނު މައްސަލައެއް ހައްލު ނުވަނީސް ބޮޑު މީހާއަށް އަންގާކަށް.” ޒުވާނާ ބުންޏެވެ.
“އެކަމަކު ބޮޑު މީހާއަށް ނާންގާ ކިހިނެއް މި ކަހަލަ ރީތި ގެއެއް ހޯދާނީ؟ މި ގެ ބޭރުފުށުން ބަލާފަ މީހަކަށް ހިއެއްވެސް ނުވާނެ މިއީ މީހަކު ހައްޔަރުކޮށްގެން އުޅެފާނެ ގެއެކޭ. އެދުވަހުވެސް ޔޫނުސް އައިމަ މި ގެއަށް ބޮޑު މީހާ ގެނައި ޢާއިލާގެ މީހުންވެގެން ކިހާ ރަނގަޅަށް އޭނަ އޮޅުވާލެވުނީ؟ އަހަރުމެންނަށް އެކަނި އެކަން ކުރެވޭނެތަ؟” ފިރިހެން މީހާ ޒުވާނާއަށް ވިސްނައިދޭން އުޅޭފަދައަކުން ކިޔައިދިނެވެ. ޔޫނުސް އޭނައާއި އެހާ ކައިރިއަށް އައިސްފައި ދިޔަ ވާހަކަ އިވުމުން ނަސްރާގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ.
“މާ ގިނަ ވާހަކަ ނުދައްކާ! މިރޭ ދަންވަރު ރަށުތެރެ ހިމޭންވީމަ މީނަ ހޭނައްތައިގެން އެހެން ތަނަކަށްދާނީ.” ޒުވާނާ އިތުރު ވާހަކައެއް އަޑުއަހަން ބޭނުންނުވާ ފަދައަކުން ފިރިހެން މީހާއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްފައި ބުނެލިއެވެ.
**
އެރޭގެ 2:00 ޖެހި ވަގުތު މިސްބާޙަށް ހޭލެވުނީ ސިޓިންގް ރޫމުގައި ޓީވީ ހުޅުވާފައި ހުރި އަޑު ކޮޓަރި ތެރެއަށް އިވުމުންނެވެ. އޭނަ އެނދުގައި އޮވެ ކުޑަކޮށް ބޯހިއްލާލަމުން ޙައިރާންކަމާއެކީ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލިއެވެ. ޓީވީގެ އަޑުގަދަވެގެން ދިޔަހެން ހީވުމުން މިސްބާޙް އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު އެއްވެސް ބޮތްކެއް ނުދިއްލާ ހުރި ސިޓިންގް ރޫމުގެ ދިގު ސޯފާގައި ޓީވީއިން ފުޓުބޯޅަ މެޗެއް ބަލަން އިން އަމީން މިސްބާޙަށް ފުރަގަހުން ފެނުނެވެ. އަމީންގެ ގާތަށް ދިޔުމަށް މިސްބާޙް ކޮޓަރިން ބޭރަށް ފިޔަވަޅެއް އެޅުނެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އަމީން އޭނަގެ ކަރުގައި ހިފި ހަނދާންވުމުން އޭނަގެ ޙަރަކާތްތައް މަޑުޖެހުނެވެ. އެއަށްފަހު ބައްޕަ އޭނައަށް ދިންހާ އަނިޔާތައް ހިނދުކޮޅެއްގެ ތެރޭގައި ލޯ ކުރިމަތިން ސިފަވެގެން ދިޔުމުން މިސްބާޙް ބައްޕަ ގާތަށް ނުދާން ނިންމިއެވެ. އެހެނަސް އެއީ އޭނަގެ ބައްޕައޭ ހިތް ބުނި ހިނދު މިސްބާޙަށް އަމީނާއި ދިމާލަށް ބަލަން ހުރެވުނެވެ. ބައްޕަ އޭނައަށް އެއްދުވަހު ދިން އަނިޔާއެއްގެ ސަބަބުން އޭނަ ބައްޕައާއި ދުރުވާންވީ ހެއްޔެވެ؟ އެ އެއްމެ ރެއެއްގެ ސަބަބުން މިހާ ދުވަހަކަށް އޭނައަށް އަޅާލައި ހެދީ ބައްޕަކަން ހަނދާން ނައްތާލަންވީ ހެއްޔެވެ؟ ބައްޕަ އެހެންނޫނަސް އެރޭ އޭނައަށް އަނިޔާ ކުރީ އޭނަ ނުބައި ކަމެއް ކުރި ކަމަށް ހީކޮށް އަދަބެއް ދިނުމުގެ ގޮތުންނޭ މިސްބާޙްގެ ހިތް ބުންޏެވެ. ވީއިރު އޭނަ އެކަމާ ރުޅިވާންވީ ހެއްޔެވެ؟ މަންމަވެސް މިއަދު ވަނީ ބައްޕައަށް ރުޅިވެފައެވެ. އޭނަ ވެސް ބައްޕައާއި ދުރުވާން ފަށައިފިނަމަ އެމީހުންގެ ޢާއިލާ ރޫޅިދާނެއެވެ. މިސްބާޙް އެހެންވާކަށް ނޭދެއެވެ. ދިރިއުޅުމުގެ މިހާތަނަށް އައިއިރު އޭނަގެ ސަބަބުން މަންމައާއި ބައްޕަ ބައިވަރު ކަންކަމާމެދު ޒުވާބުކޮށްފައިވެއެވެ. އޭނަ ތަނަކަށް ދާން ބޭނުންވުމުން ބައްޕަ ހުއްދަ ދީފައި މަންމަ އެކަމަށް އިންކާރުކޮށްފައިވެއެވެ. މަންމަ އޭނަ ވަޒީފާގައި ހުންނަން ބޭނުންވީއިރު ބައްޕަ ބޭނުންވީ އޭނަ ވަޒީފާއިން ކެނޑިގެން ސްކޫލަށް އަނބުރާ ދާށެވެ. ބައްޕަ އޭނަ ލައިސަންސް ނަގަން ބޭނުންވިއިރު މަންމަ އެދުނީ ލައިސަންސް ފަހުން ނެގުމަށެވެ. ބައްޕަ އަބަދުހެން ހުންނަނީ ކޮންމެވެސް އެއްކަމަކާ ހިތްހަމަނުޖެހިފައި ކަމަށްވާތީ މަންމައާއި ބައްޕަ ދެބަސްވާ ކޮންމެ ފަހަރަކު ގޭގެ ތެރޭގައި އަރައިރުމެއް އޮންނާނެއެވެ. އެފަދަ އަޑުތައް އިވޭ ކޮންމެ ފަހަރަކު ކުރިން މިސްބާޙް ވެސް މަންމައާއި ބައްޕަގެ ދެމެދަށްވަދެ ރުޅި އިސްކޮށް ހަޅޭއްލަވައިގަނެވެ. އަދި އެވަގުތަކު އޭނައަށް ކަމުދާ ގޮތެއް ނިންމައިގެން ހުރި މީހެއްގެ ކޮޅަށް ޖެހިލައެވެ. ނަމަވެސް އެއީ އޭނަ ކަންތައް ކުރަން ޖެހޭ ގޮތެއް ނޫންކަން މިހާރު މިސްބާޙަށް އެނގެއެވެ. އޭނަ ވާންޖެހެނީ ނަފްރަތު އިތުރު ކުރުވާ މީހަކަށްނޫނެވެ. އޭނަ ވާންޖެހޭނީ އޭނަގެ މަންމައާއި ބައްޕައަށް ވެސް ލޯތްބާއި އިޙްތިރާމް ދީގެން މައްސަލަތައް ޙައްލުކުރާ މީހަކަށެވެ. އެގޮތަށް ކަންތައް ކޮށްގެން ނޫނީ އޭނަގެ ބައްޕަވެސް ކުރާ ގޯސް ކަންތައް ނުހުއްޓުވޭނެކަމަށް މިސްބާޙްގެ ހިތް ބުންޏެވެ. އެހެންކަމުން އޭނަ ލަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެގެން ގޮސް އަމީން އިން ސޯފާގެ ކައިރީގައި ހުއްޓިލިއެވެ. އެއްލި ކަޅިއަކުން އަމީނަށް މިސްބާޙް ފެނިފައި އަމީން އޭނަގެ ފުރިހަމަ ހިނިތުންވުން މިސްބާޙަށް ދެއްކިއެވެ.
“އަނހަ މިސްބާ! މިސްބާއަށްވެސް ނުނިދެނީތަ؟” އަމީން ހެވިފައި އިނދެ އަހާލިއެވެ. އެތައް ދުވަހެއްފަހުން އަމީން އޭނައާއި ލޯބިން ވާހަކަ ދެއްކުމުން މިސްބާޙްގެ ހިތަށް އަސަރުކުރިއެވެ. ޖަޒުބާތުން ފުރިގެން ދިޔަ ހިތެއްގެ ސަބަބުން އޭނައަށް އެއްޗެކޭ ނުބުނެވުނެވެ. އެހެންކަމުން އޭނަ ކުރެވުނު ސުވާލާއިމެދު ވެސް މާ ބޮޑު ވިސްނުމެއްނެތި ބޯޖަހާލިއެވެ.
“އާދޭ މެޗު ބަލަން.” އަމީން ސޯފާގައި އޭނަގެ ކައިރީގައި ހުރި ތަނުގައި ދެފަހަރަކު ޖަހާލަމުން ބުނެލިއެވެ. މިސްބާޙް ވީ އުފަލާއެކީ ހިނިތުންވެލަމުން އަމީންގެ ގާތުގައި އިށީނެވެ. އޭނަގެ ނަޒަރު ޓީވީއަށް ހުއްޓިފައިވިޔަސް އޭނައަށް މެޗަށް ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ. ބައްޕަގެ ކައިރީގައި ހުރުމުން ނޭނގޭ ސަބަބަކާހުރެ އޭނަގެ ހަނދާނަށް އަންނަން ފެށީ ބައްޕަ ކޮށްދިންހާ ރަނގަޅު ކަންތައްތަކާއި އޭނަ ބައްޕައާއިމެދު ކުރި ގޯސް ކަންތައްތަކެވެ. ބައްޕަ އޭނައަށްޓަކައި ހަދިޔާތައް ގެނައުމުން އޭނަ ޝުކުރު ނުކުރި ގޮތެވެ. އަބަދުވެސް ބައްޕަގެ ފަރާތުން ގިނަގިނައިން އެއްޗެއްސަށް އެދެވުނު ގޮތެވެ. އޭނަ ބޭނުންވާ އެއްޗެއް ނުލިބުމުން އޭނަ ގޭގެ ހަމަޖެހުން ނަގާލާ ގޮތެވެ. މިއަދު ބައްޕަ މިހާ ދަހިވެތިވެފައިވަނީވެސް އޭނަގެ ސަބަބުންކަމަށް މިސްބާޙަށް ނިންމުނެވެ. އޭނައަށް އިސްޖަހައިގެން އިނދެ ދެލޯ މަރާލަމުން ޑޭޑްއޭ ކިޔައި ގޮވާލެވުނެވެ. އަމީން މިސްބާޙަށް ބަލާލިއެވެ.
“ޑޭޑް އައިމް ރިއަލީ ސޮރީ. އަހަންނަށް ޑޭޑްއާމެދު ކަންތައް ކުރެވިފައިވަނީ ރަނގަޅަކަށްނޫން. އައި ޝުޑް ހޭވް ތޭންކްޑް ޔޫ. ޑޭޑް އަހަންނަށްޓަކައި ބައިވަރު ކަންތައް ކޮށްދީފަވޭ. އެކަމަކު ބަދަލުގަ އަހަންނަށް އަދިވެސް ޑޭޑްއަށްޓަކައި މާ ބޮޑު ކަމެއްކޮށްދީފައެއްނެތް. ޑޭޑް ފަޚުރުވެރިވާނެ ފަދަ ކަމެއް އަހަންނަކަށް ނުކުރެވޭ. ކުޑައިރު ޑޭޑް އަހަރެން ސްކޫލްގަ ސްޕީޗެއް ދެންޏާ އޭތި ސްކޫލްގެ ބޭރުގަ އަޑުއަހަން ހުރެފަ އަހަރެން ގެއަށް އައިމަ ތަޢުރީފުކުރާނެ. އެކަމަކު ޑޭޑް ޕޯޑިއަމަށް އަރާފަ ހުންނަތަން އަހަންނަށް އެތައް ފަހަރަކު ފެންނައިރުވެސް އަހަރެން ތަޢުރީފެއް ނުކުރަން. އައިމް ރިއަލީ ސޮރީ.” މިސްބާޙް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. އަމީނަށް ހީލެވުނެވެ.
“ހެހެ……ހާދަ ސީރިއަސްކޮށް ތިހާވަރުގެ ވާހަކައެއް ތި ދައްކަނީ؟ އަސްލު……..ޑޭޑް މިސްބާޙަށް މަޢާފަށް އެދެންޖެހެނީ. ކަން ހިނގިގޮތް ޔަޤީންނުކޮށް އައި ރުޅީގަ ޑޭޑް މިސްބާޙަށް އަނިޔާކުރީ. އައި އޭމް ސޮރި.” އަމީން ޙަޤީޤަތުގައި ވެސް އޭނަގެ ދަރިފުޅަށްޓަކައި ދެރަވެހުރެ މޭމަތީގައި އެއްއަތް އަޅާލަމުން ބުނެލިއެވެ. މިސްބާޙް އަމީނަށް ބަލާލިއިރު އެ މޫނުމަތިން ފެނުނު ހިތާމަވެރިކަމުން އޭނަ އަމީންގެ ގައިގައި ބައްދާލަން ބޭނުންވިއެވެ. އެހެނަސް އޭނަ ލިބުނު ފުރުޞަތުގެ ބޭނުން ހިފިއެވެ.
“މަޢާފު ކުރާނީ ޝަރުތެއްގެ މަތިން. ޑޭޑް މާދަމާ އަހަންނާއެކީ ފަތިސް ނަމާދަށް މިސްކިތަށް ހިނގާ.” މިސްބާޙް އެހެން ބުނިއިރު އަމީނަކީ އެއްވެސް ނުބައި ކަމެއް ކުރާ މީހެއްކަން އޭނަ ހަނދާން ނެތިއްޖެއެވެ. މިސްބާޙްގެ ވާހަކައިން އަމީނަށް އަނެއްކާވެސް ހީލެވުނެވެ.
“ކީއްވެތަ މިސްބާޙް ޑޭޑް މާ ބޮޑަށް މިސްކިތަށް ގެންދަން އުޅެނީ. އެތާނގަ ޖަވާހިރެއް އޮތީތަ؟” އަމީން ސަމާސާ ރާގަކަށް ސުވާލުކުރިއެވެ.
“ޑޭޑްއަށް މިހާރު ޤަބޫލުކުރެވުނަސް ނުކުރެވުނަސް ޖަވާހިރަކަށްވުރެ ވެސް އަގުހުރި އެއްޗެއް ލިބޭނީ ނަމާދުކުރީމަ. މާދަމާ ފަތިސް ނަމާދަށް ޑޭޑް ދިޔައިއްޔާ ނަމާދުކޮށް ނިމުނީމަ އަހަރެން ޑޭޑްއަށް ކިޔައިދޭނަން އިން ޝާ ﷲ.” މިސްބާޙް ލުއި ހިނިތުންވުމަކާއެކީ ބުނެލިއެވެ. އަމީން ދެބުމަ އަރުވާލިއެވެ.
“އެހެންވިއްޔާ ދާންތާ މިޖެހުނީ.” އަމީން ބުންޏެވެ. މިސްބާޙަށް ހީލަމުން ބައްޕަގެ ގައިގައި ބައްދާލެވުނެވެ. އަމީން ވެސް އެތައް އަހަރަކަށްފަހު ލޯބިން އޭނަގެ ދަރިފުޅުގެ ގައިގައި ހިފަހައްޓާލިއެވެ. އެމީހުން އެހެން ތިއްބާ ސިޓިންގް ރޫމުގެ ބޮކިތައް ދިއްލިގެން ދިޔައެވެ.
“ދެ ބަފައިން ހާދަ ލޯބިވެގެން އުޅޭ ރެއެކޭ.” ފުރަގަހުން އިވުނު ވަޙީދުގެ އަޑަށް އަމީނާއި މިސްބާޙަށް އެކުއެކީހެން އެ ދިމާލަށް ބަލާލެވުނެވެ. އެވަގުތު ވަޙީދު ހުރީ ފުރަގަހުގައި ހުރި ކޮޓަރި ބަރީގެ ފާރުގައި ހުރި ސުވިޗް ބޯޑު ކައިރީގައެވެ.
“އަހަންނެއްނޫން. މިސްބާޙް. ވަޙީދު ކީއްކުރަންތަ ނިކުމެގެން ތިއުޅެނީ؟” އަމީން ދެންވެސް ހެވިފައި އިނދެ ސުވާލުކުރިއެވެ.
“ފެންފޮދެއް ބޯލަންވެގެން މިއައީ. އޭ މިއީ އެއްކަލަ މެޗްތަ؟ ކިހާ ވަރެއްތަ ސްކޯރ؟” ވަޙީދު ވެސް ޓީވީ ފެނިފައި އަވަސްއަވަހަށް ސޯފާގެ ކައިރިއަށް އައިސް އިށީނެވެ. މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަން ފެށީތާ މާ ގިނައިރެއްނުވެ އެމީހުން ސަޕޯޓުކުރާ ޓީމުން ގޯލެއްޖެހުމުން ތިން މީހުން އިހުނަށްވުރެ ފޯރިގަދަވިއެވެ. އެ ފޯރީގައި އިރުކޮޅަކު އިނުމަށްފަހު އަމީން ދެން ތިބި ދެމީހުންގާތު ތިމަންނަ އެބަ އަންނަމޭ ބުނެ ދާން ހިނގައިގަތެވެ. މިސްބާޙާއި ވަޙީދު ބަލާލިއިރު އަމީން ގޭގެ ކަނާތްފަރާތުގައި ހުރި ސިޑިން އޭނަގެ ކޮޓަރިއަށް ދިޔުމަށްޓަކައި މައްޗަށް އަރައިގެން ދަނީއެވެ. އެ ދެމީހުން މާ ބޮޑު އަޅައެއްނުލާ މެޗް ބަލަން ތިއްބެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުން ވަޙީދު ތިމަންނަ ކޮފީއެއް ބޮއިގެން އެބަ އަންނަމޭ ބުނެ ބަދިގެއަށް ދިޔައެވެ. ވަޙީދު ދިޔަތާ އިރުކޮޅެއްފަހުން މިސްބާޙްގެ ކައިރީގައި އޮތް އަމީންގެ ފޯނު ރިންގުވާން ފެށިއެވެ. މިސްބާޙަށް އެ ދިމާލަށް ބަލާލެވުނެވެ. ފޯނުގެ ސްކްރީނަށް އަރާފައި އޮތީ ހަމައެކަނި ނަންބަރެކެވެ. އެހެންކަމުން އޭނަ ހިސާބަކަށް ޙައިރާންވެ އިނދެ އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އޭނަ ސަލާމް ގޮވައި ބައްޕަ ނެތް ވާހަކަ ބުނަން އުޅުނު ވަގުތު އެކޮޅުން ވާހަކަ ދެއްކިއެވެ.
“މަނިކުފާނު…….އެކުއްޖާ ކޮންމެވެސް އެއްގޮތަކަށް މީހަކަށް އަންގައިފި އަހަރުމެން ތިބިތަން. އެހެންވެ މިހާރު އަހަރުމެން މިތިބީ އޭނަ ހޭނައްތައިގެން ފަޅު ގެއަކަށް އައިސްފަ. މިއީ އެއްކަލަ…….ހޮޓް ކޮފީ ޝޮޕްގެ ފުރަގަހުގައި އޮންނަ ވަލުތެރޭގައި ހުރި ގެއެއް. މިއީ އަހަރެން ދަންނަ ގޮތުގަ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ފަޅުކޮށް ހުރި ތަނެއް.” އެކޮޅުން ވާހަކަ ދެއްކީ ފަޅު ގެއެއްގެ ދޮރުމަތީގައި ހުރި ނަސްރާއާއި ބެހުނު ޒުވާނާއެވެ. ޒުވާނާގެ ފުރަގަހުން އެގޭގެތެރެ ފުޅި ބައްތިއަކުން އަލި ކުރެވިފައވާކަން އެނގެއެވެ. އޭނަ ދެއްކި ވާހަކަތައް އަޑުއަހަން އިން މިސްބާޙަށް އިނދެވުނީ ޝޮކެއްގެ ތެރޭގައެވެ. “އެކުއްޖާ”އޭ ބުނުމުން މިސްބާޙްގެ ހަނދާނަށް ވަގުތުން އައީ ޔޫނުސްއެވެ. ބޭބެގެ އަންހެނުންވީ ތަނެއް އޭނައަށް އެނގިއްޖެކަން އެނގުންވީ ހިނދު މިސްބާޙްގެ ދެއަތް ފިނިވިއެވެ. އޭނައަށް އިތުރު އެއްޗެކޭ ނުބުނެ ވަގުތުން ފޯނު ކަނޑާލެވުނެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ޒުވާނާ ވީނުވީއެއް ނޭނގިހުރެ ފޯނު ކަންފަތުން ނަގާލިއެވެ. އޭނަ ހީކުރީ އަމީން އައި ރުޅީގައި އެއްވެސް އެއްޗެކޭ ނުބުނެ އެތަނަށް އަންނަން އުޅެނީ ކަމަށެވެ.
މިސްބާޙް ވަގުތުން ޔޫނުސްއަށް ގުޅަން ބޭނުންވެގެން އޭނަގެ ފޯނު ބަލައި ކޮޓަރިއަށް ދިޔައެވެ. އެނދުމަތީގައި އޮތް ފޯނު ނަގައި ނަންބަރުތަކަށް ފިތަން އުޅެނިކޮށް އޭނައަށް ޔޫނުސްގެ ނަންބަރު ނޭނގޭކަން ހަނދާންވިއެވެ. އޭނަ ޗޮއްކަނޑާލަމުން ފޯނުން ރާއްޖެ ޕްރެސްގެ ސައިޓަށްވަނީ ގުޅާލެވޭނެ ނަންބަރެއް ފެނޭތޯއެވެ. އެކަން ކާމިޔާބު ނުވުމުން މިސްބާޙް ފޯނު ތިރިކޮށް ޔޫނުސްއާއި ހަމައަށް ދެންމެ ލިބުނު ޚަބަރު ގެންދެވޭނެ ގޮތަކާއިމެދު ވިސްނިއެވެ. އިރުކޮޅެއްގެ ވިސްނުމަކަށްފަހު ކުއްލިއަކަށް އަފްރީންގެ ނަން އޭނަގެ ހިތަށް ވެރިވިއެވެ. އޭނައަށް އަފްރީންގެ ނަންބަރު އެނގެއެވެ. އެ ދުވަހު ގްރޫޕް ވޯކަށްޓަކައި ގްރޫޕްގައި ތިބި ހުރިހާ އެންމެންގެ ނަންބަރު ހޯދިއިރު އޭނަ އަފްރީންގެ ނަންބަރު ވެސް ލިޔުނެވެ. ނަންބަރު ލިބުނަސް އޭނަ ދުވަހަކުވެސް އަފްރީނަށް ގުޅާފައެއް ނުވެއެވެ. މެސެޖެއްވެސް ކޮށްފައެއްނުވެއެވެ. އެހެނަސް އޭނަ އެ ނަންބަރު ހިތުދަހެވެ. އެ ނަންބަރަށް ގުޅަން އެ ހިތް އެދެމުން ދިޔަ ވަރުންނެވެ. މިހާ ދުވަސް ވަންދެން އޭނަ އެކަން ނުކޮށް ހުއްޓަސް މިއަދު އޭނަ މަޖުބޫރެވެ. މިހާރު އޭނަ ބޭބެއާއި ބައްދަލުކުރަން ގެއިން ނިކުމެގެން ގޮއްސިނަމަ ބައްޕައާއި އެހެން މީހުންގެ ސުވާލުތައް ކުރިމަތިވާނެއެވެ. އެންމެ ރަނގަޅުވާނީ އަފްރީނަށް މެސެޖެއްކޮށްލުންކަމަށް މިސްބާޙްގެ ހިތް ބުނުމުން އޭނަ ތުރުތުރު އަޅަމުން ދިޔަ އިނގިލިތަކުން ޔޫނުސްގެ ނަންބަރަށް އެދި މެސެޖެއް ލިޔެ ފޮނުވާލިއެވެ. އެ މެސެޖުގައި އެތައް އަކުރެއް ނުބައިކޮށް ލިޔެވިފައި ހުރިކަން އޭނައަށް އެނގުންވީ ފޮނުވި ފަހުންނެވެ. އެހެނަސް މެސެޖުން ބުނާ އެއްޗެއް އެނގޭ ވަރުވާނެކަމަށް މިސްބާޙްގެ ހިތް ބުންޏެވެ.
**
އެނދުގެ ބާލީހަށް ބޯއަރުވައިގެން ދެފައި އެނދުން ބާލައިގެން އޮތް އަފްރީންގެ ފުރަގަހުގައި އޮތް ފޯނަށް މެސެޖެއް ލިބިގެން ދިޔުމުން ފޯނު ވައިބްރޭޓްވެ ފޯނުގެ ސްކްރީން އަލިވެގެން ދިޔައެވެ. އެހެނަސް ގަދަ ނިދީގައި އޮތް އަފްރީނަށް އެކަން ފާހަގަވީހެނެއް ހިއެއްނުވެއެވެ. އޭނަ ދޮންތަގެ ހަނދާނުގައި ރޮއިރޮއި އޮވެފައި ނިދުނީ ދެންމެއެވެ. އެކަން އޭނަގެ ދުޅަވެފައިވާ ދެލޮލުން އެނގެއެވެ. އޭނައަށް ނިދުނީ ވަކި ނިދަން އޮތްވައެއް ނޫންކަން ކޮޓަރީގައި ދިއްލާލެވިފައިވާ ބޮކިތަކާއި، އޭނަ ލައިގެން ހުރި ކުރުތާއާއި ޖިންސު ހެކިދިނެވެ.
**
އަފްރީންގެ ފަރާތުން ޖަވާބެއް ނުލިބި އިރުކޮޅެއްވުމުން މިސްބާޙްގެ ހިތަށް އުނދަގޫވިއެވެ. އަފްރީން އޭނައާއި ވާހަކަ ނުދައްކަން ޖަވާބެއް ނުދިނީހޭ ހިތަށްއެރިއެވެ. އެހެނަސް މިއީ ވާހަކަ ނުދައްކައި ހުންނަންޖެހޭ ވަގުތެއްނޫނެވެ. އަފްރީންގެ ދޮންތަ ހުރިތަނެއް އެނގެއޭ ބުނެ މިސްބާޙް މިއީ ކިހާ މުހިއްމު ވާހަކައެއްކަން އޭނައަށް އަންގަން ބޭނުންވިއެވެ. އެހެނަސް އަފްރީން ނުތަނަވަސް ކުރުވާކަށް މިސްބާޙް ބޭނުމެއްނުވިއެވެ. އޭނައަށް މި ލިބުނު މަޢުލޫމާތާއި އެއްގޮތަށް ކަންތައް ކުރުމުން އަފްރީންގެ ދޮންތަ ނުފެނިވެސް ހިނގައިދާނެއެވެ. މިސްބާޙަށް ފުން ނޭވައެއް ދޫކޮށްލެވުނު ވަގުތު އޭނައަށް ފޯނުގެ ގަޑިއަށް ބަލާލެވުނެވެ. މިއީ ކިހާ ދަން ގަޑިއެއްކަން ފާހަގަވުމުން އަފްރީނަށް މެސެޖު ނުފެންނަނީތޯ މިސްބާޙްގެ ހިތް ސުވާލުކުރިއެވެ. އެއާއެކު އަފްރީނަށް ގުޅަން ޚިޔާލުކުރުމުން ވެސް އޭނަގެ ހިތުގެ ތެޅުން އަވަސްވެ އޭނަގެ ހުރިހާ ހިއްސެއް ހޭލިއެވެ. އޭނަ ދެ ޚިޔާލެއްގެ މަތީގައި ހުރެ ދެންވެސް ތުރުތުރު އަޅަމުން ދިޔަ އިނގިލިތަކުން އަފްރީންގެ ނަންބަރަށް ގުޅައި ފޯނު ކަންފަތުގައި ޖައްސާލަމުން ނޭވާ ހިފަހައްޓާލިއެވެ.
**
އެނދުމަތީގައި އޮތް ފޯނު ރިންގުވާން ފެށި އަޑަށް އަފްރީންގެ ދެލޯ ތަގުޅިވެގެން ދިޔައެވެ. އޭނަ އުނދަގުލާއެކީ ދެލޯ ހުޅުވާލަމުން އެނދުގައި އޮވެ ފުރަގަހަށް ނަޒަރު ހިންގާލިއެވެ. ރިންގުވަމުން ދިޔަ ފޯނު ފެނިފައި އަފްރީން ރަނގަޅަށް ތެދުވެލަމުން ފޯނު ނަގައި ބަލާލިއެވެ. ސްކްރީނުން ނޭނގޭ ނަންބަރެއް ފެނުމުން އަފްރީން ފޫހިވިއެވެ. މިވާނީ ދަންގަޑީގައި އުނދަގޫކުރާ މީހުންގެ ތެރެއިން މީހަކަށޭ ހިތަށްއެރިއެވެ. އޭނަ ފޯނު ކަނޑާލަން އުޅެފައި ވެސް ޖެހިލުންވީ ނޭނގޭ ނަންބަރަކުން ގުޅާފައި ދޮންތައާއި ގުޅޭ ޚަބަރެއް ދީފާނެއޭ ހިތާއެވެ. އެމީހުން މިފަހަރު ބިރު ދައްކަން އުޅެނީ އޭނައަށްހެއްޔޭ އަފްރީންގެ ހިތް ބުނި ވަގުތު އޭނަގެ ދެއަތް ފިނިވިއެވެ. އެހެނަސް އޭނަ ހިތްވަރު ކޮށްލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“ސް….ސަލާމް.” އަފްރީން ޖެހިލުންވުމަކާއެކީ ބުނެލިއެވެ.
**
އަފްރީންގެ އަޑު ކަންފަތުގައި ޖެހުމުން މިސްބާޙަށް ދެލޯ މަރާލެވުނެވެ. އޭނަ ފަޅި ސިކުންތަކަށް ދުނިޔޭގައި ހިނގާ ހުރިހާ ކަމަކާމެދު ހަނދާން ނެތުނެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ ލޯ ކުރިމަތިން އަފްރީނާއި އެކީ މުޅި ޙަޔާތް ވޭތުކުރާނެ ގޮތާއިމެދު ވިސްނިއްޖެއެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނައަށް ޙަޤީޤީ ދިރިއުޅުމަށް އަނބުރާ އާދެވުނެވެ. އޭނަ އަފްރީނަށް ގުޅީ ކީއްވެކަން ހަނދާންވުމުން އޭނައަށް ދެލޯ ހުޅުވާލެވުނެވެ. އޭނަ ވާހަކައެއް ދައްކަން އަނގަ ހުޅުވާލިއެއްކަމަކު އޭނަ އެއްޗެކޭ ބުނަން ނުކުޅެދުނެވެ. އޭނަ ވާހަކަ ދައްކަން ފަށައިފިނަމަ ދައްކަން ނުޖެހޭ އެތައް ވާހަކައެއް ނޭނގުމެއްގެ ތެރެއިން ދެއްކިދާނެތީ އޭނަގެ ހިތް ބިރުގަތެވެ. އޭނައަށް މިވަގުތު މި ހުރެވެނީ ހަމައެއްގައެއް ނޫންކަން އެނގުންވީ ހިނދު މިސްބާޙް ފޯނު ކަންފަތުން ނަގައި ފޯނު ކަނޑާލިއެވެ. އަފްރީނަށް މެސެޖު ފެންނާނެތާއޭ އޭނަގެ ހިތް ބުންޏެވެ.
**
ފޯނު ކެނޑިގެން ދިޔުމުން އަފްރީން ޙައިރާންވެފައި އިނދެ ފޯނުގެ ސްކްރީނަށް ބަލާލިއެވެ. އެވަގުތު މެސެޖެއް ލިބިފައި ހުރިތަން ފެނިފައި އޭނަ އެ މެސެޖު ހުޅުވާލިއެވެ.
“ސަލާމް. މިއީ މިސްބާޙް. ޔޫނުސްބޭބެގެ ނަންބަރު ބޭނުން. އާރޖެންޓް!” ފަސް ވަރަކަށް ކުށްހުރި މެސެޖުގައި އޮތީ އެހެންނެވެ. މިސްބާޙްގެ ނަން ފެނިފައި އަފްރީން ވެސް މިސްބާޙްހެން ހިނދުކޮޅަކަށް ހުވަފެނީ ދުނިޔެއަކަށް ދިޔައެވެ. ދެންމެ ގުޅީ މިސްބާޙްކަން އެނގުންވުމުން އަފްރީންގެ ހިތަށް ފޯރިއެރިއެވެ. ދެންމެ މިސްބާޙް ވާހަކަ ނުދެއްކި ގޮތުން އޭނަގެ ހިތުގައި މިސްބާޙަށްޓަކައި އިތުރު ޤަދަރެއް އުފެދުނެވެ. އޭނަ ވެސް ބޭކާރު ވާހަކަ ނުދެއްކުމަށްޓަކައި ހަމައެކަނި ޔޫންބެގެ ނަންބަރު ލިޔެ ފޮނުވާލިއެވެ. ފޮނުވާލިއިރުވެސް މިއީ ކޮން “އާރޖެންޓް” ކަމެއްތޯ އަފްރީންގެ ހިތް ސުވާލުކުރިއެވެ.
**
ޔޫނުސްގެ ނަންބަރު ލިބުމާއެކު މިސްބާޙް ލަސްތަކެއް ނުކޮށް އެ ނަންބަރަށް ގުޅާލިއެވެ. އެ ދަން ގަޑީގައި ވެސް ނަސްރާ ނުހޯދައި ނުހުރެވިގެން ތާރު މަގުން ސައިކަލު ދުއްވަމުން ދިޔަ ޔޫނުސް، އޭނަގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން މަގުގެ އެއްފަރާތުގައި ސައިކަލު މަޑުކޮށްލިއެވެ. އެއަށްފަހު ޖިންސްގެ ޖީބުން ފޯނު ނަގައި ގުޅަނީ ކާކުތޯ ބެލުމެއްނެތި ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“ސަލާމް ބޭބޭ. ބޭބޭ އަހަންނަށް އެނގޭ ބޭބެގެ އަންހެނުން ހުރިތަނެއް. ހޮޓް ކޮފީ ޝޮޕްގެ ފުރަގަހުގައި ހުންނަ ފަޅުގޭގަ.” ކޮޓަރީގެ ދޮރަށް ފަސްދީގެން ހުރި މިސްބާޙަށް ނޭނގުނު ކަމަކީ އޭނަގެ އެ ޖުމްލަ ނިމުނުއިރު އަމީން ދޮރު މައްޗަށް އެރިކަމެވެ.
“މިސްބާޙަށް ކިހިނެއް އެނގެނީ؟ ބޭބެ މިއަދުވެސް އެގޭގެތެރެ ބެލިން. އެ ގޭގައެއްނެތް އެކަކުވެސް.” ޔޫނުސް ސައިކަލު މަތީގައި އިނދެ ބުންޏެވެ.
“މިރޭ އެމީހުން ބޭބެގެ ވައިފް އެގެއަށް ބަދަލުކުރީ. ޑޭޑްގެ ފޯނަށް ގުޅި މީހަކު ދެއްކި ވާހަކައެއް އަހަރެން އަޑުއެހީ. ވަރަށް ހީވޭ އެތާނގަހެން ބޭބެގެ ވައިފް ހުންނާނީ.” މިސްބާޙް އެހެން ބުނެލި ވަގުތު ދޮރުމަތީގައި ހުރި އަމީންގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެ އޭނަގެ ގޮށްމުއްކެވުނެވެ.
“އަސްލުވެސްތަ؟ ޖަޒާކަ ﷲ ޚައިރަން މިސްބާޙް. ޖަޒާކަ ﷲ ޚައިރަން.” ޔޫނުސް އެހެން ބުނެލިއިރު އޭނަގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ހިލުނެވެ. މިސްބާޙް ހޫންލައްވާލުމުން ޔޫނުސް އަވަސްއަވަހަށް ފޯނު ކަނޑައި ސައިކަލު ދުއްވާލަން އުޅުނެވެ. އެހެނަސް އޭގެ ކުރިން އޭނަ އެހެން ކަމެއް ކުރަން ބޭނުންވިއެވެ. ނަސްރާ ހައްޔަރު ކުރި މީހުންނަށް އޭގެ އަދަބު ދޭން އިންތިހާއަށް ބޭނުންވިއެވެ. އެހެންކަމުން އޭނަ ސައިކަލުމަތީގައި ހުރެ ފުލުހުންނަށް ގުޅާލިއެވެ.
ފޯނު ކަންފަތުން ނަގާލި މިސްބާޙް ހިނިތުންވުމަކާއެކީ ފަސްއެނބުރިލީތަނާހެން އޭނަގެ ހިނިތުންވުން ފިލައި ދިޔައެވެ. އަމީން ރުޅިން ރަތްވެފައި ހުރިތަން ފެނިފައި މިސްބާޙަށް އޭނައަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. އަމީން ކުއްލިއަކަށް ދިގު ފިޔަވަޅުތަކެއްގައި އައިސް މިސްބާޙްގެ ކޯތާފަތްމައްޗަށް ކުރީ ފަހަރަށްވުރެ ވެސް ހޫނު އެތިފަހަރެއް ވިއްލާލިއެވެ.
“ކަލޭ މަށާއި ލޯބިން ވާހަކަ ދެއްކީ މަށަށް ޖާސޫސްކޮށް މަގޭ ރޭވުންތައް ފޭލްކޮށްލަންދޯ؟” އަމީން އަޑުގެ ކޮޅަށް ދެއްކި ވާހަކަ އެވަގުތު ސިޑިން ފައިބަމުން ދިޔަ ޒާހިޔާއަށާއި ސިޓިންގް ރޫމުގައި އިން ވަޙީދަށް ވެސް އިވުނެވެ. އެ ދެމީހުންނަށް އަވަސްއަވަހަށް މިސްބާޙްގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަނެވުނެވެ.
“ކަލެއާއި އެ ޔޫނުސްއާ ވެސް ގުޅުން އޮންނަނީތަ؟!” އަމީން އޭނަގެ އަޑު މުޅި ގޭގައި ގުގުމާވަރަށް ސުވާލުކުރިއެވެ. އެވަގުތު ކޮޓަރީގެ ދޮރުމައްޗަށް އެރި ޒާހިޔާގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ.
“ކީއްވެ ޔޫނުސްއާ ގުޅުން ނުބާއްވަންވީ؟ ކަލޭ މިސްބާޙަށް އަނިޔާކޮށްފަ ފިލީމަ އޭނަ މަގޭ ދަރިފުޅަށް ލޭ ހަދިޔާކުރީ. ކަލޭއެއްނޫން!” ކޮޓަރި ތެރެއަށް ވަދެގެން އައި ޒާހިޔާގެ ވެސް އަޑު ގަދަވިއެވެ. ބޮޑު އަރައިރުމެއް ފެށެން އުޅޭ ކަހަލަ އިޙްޞާޞެއްވުމުން މިސްބާޙް އޭނަގެ ކޯތާފަތަށް ތަދުވާކަން ވެސް ހަނދާން ނެތުނެވެ. އޭނަ މަންމައަށް ގޮވާލަން އުޅުނު ވަގުތު އަނެއްކާވެސް އަމީން ވާހަކަ ދެއްކިއެވެ.
“އޭގެ މާނައަކީ ދެން އޭނައަށްޓަކައި މަށާވެސް ހަނގުރާމަކުރަންވީއޭދޯ؟” އަމީން ދެލޯ ބޮޑުކޮށްގެން ހުރެ ސުވާލުކުރިއެވެ.
“އާނ ކަލޭތީ ހަމަ ހަނގުރާމަކޮށް މަރާލަންޖެހޭ މީހެއް. ކަލެއަށް ކަމެއް ކުރެވުނިއްޔާ ކުރެވޭނީ އަބަދުވެސް އެހެން މީހަކަށް ގެއްލުންވާފަދަ ކަމެއްވިއްޔަ.” ޒާހިޔާ އެހެން ބުނެލިތަނާހެން އަމީން އަނގަ ހުޅުވާލި ވަގުތު މިސްބާޙް ވާހަކަ ދެއްކިއެވެ.
“މަންމާ ޕްލީޒް! ތިހެން ނުބުނޭ. ޑޭޑްވެސް އަދި ރަނގަޅުވާނެ އިން ޝާ ﷲ. ޑޭޑް……އަހަރެން ޑޭޑްއަށް ޖާސޫސެއް ނުކުރަން. ޑޭޑްގެ ފޯނަށް ކޯލެއް އައިމަ އަހަރެން ޑޭޑް ނެތް ވާހަކަ ބުނަން ފޯނު ނެގިތަނާ އެކޮޅުން ވާހަކަތައް ކިޔައިދިނީ. ޑޭޑް……ޑޭޑް ހައްޔަރުކޮށްގެން ތިއުޅެނީ މީހެއްގެ ޙަޔާތުގައި ހުރި ހަމައެކަނި ޢާއިލާ. ބޭބެ ވަރަށް ދެރަވާނެ ބޭބެގެ އަންހެނުންނަށް ގޮތެއްވެއްޖެއްޔާ. އެހާ ބޮޑު ގެއްލުމެއް މީހަކަށްދޭން ހެޔޮނުވާނެ ޑޭޑް. އެހާ ބޮޑު ނުބައެއްވާކަން އެނގިހުރެ އެކަން ޙައްލުކުރަން މަސައްކަތްނުކޮށް ހުންނަން އަހަންނަށް ހަމަ ނުކެރުން.” މިސްބާޙްގެ ވާހަކަ ފުރިހަމަ ނުވަނީސް އަމީން ވާހަކަ ދެއްކިއެވެ.
“ކަލޭ ވާހަކަ ނުދައްކާ ހުރޭ!” އަމީން އެހެން ބުނެ މިސްބާޙްގެ ޓީޝާޓުގައި ހިފަހައްޓާލިއެވެ. ޒާހިޔާ ދޫކޮށްލާށޭ ބުނެ އަމީންގެ އަތް ފޮޅުވާލި ވަގުތު ވަޙީދު ކޮޓަރިއަށްވަނެވެ.
“ބޭބޭ މިސްބާޙް މިދައްކަނީ ކޮން ވާހަކައެއްތަ؟ ކާކުތަ ބޭބެ ހައްޔަރުކޮށްގެން އުޅެނީ؟” ވަޙީދު މަޑުމައިތިރި އަޑަކުން ސުވާލުކުރިއެވެ.
“ޔޫނުސްބޭބެގެ އަންހެނުން.” މިސްބާޙް އެކަކަށްވެސް އެކައްޗެކޭ ވެސް ނުބުނެވެނީސް ޖަވާބުދިނެވެ. އެވާހަކަ އިވިފައި ވަޙީދުގެ ނިތުން ރޫފިލައިދިޔައެވެ. އޭނައަށް އަމީނަށް ބަލާލެވުނެވެ. އަމީން ރުޅިވެރިކަމާއެކީ ތުން ފިއްތާލިއެވެ.
“މިހުންނެވީ އަނެއް އިންސާފުވެރި ބޭފުޅާ. ދެން އަވަހަށް ފުލުހުންނަށް ގުޅާ. މަގޭ ދުޝްމިނުންނަށްވުރެ ވެސް ނުބައި ކަލޭމެން. މަ މިދަނީ މިގެއިން ނިކުމެގެން!” އަމީން އެހެން ބުނެލިތަނާހެން ޒާހިޔާ ދާށޭ ބުނެލިއެވެ. އެހެނަސް އަމީން ކޮޓަރިން ނިކުމެގެން ދިޔަ ވަގުތު މިސްބާޙް ޑޭޑްއޭ ކިޔައި ގޮވަމުން ފަހަތުން ދިޔައެވެ. އަމީން ގެއިން ނިކުމެގެން ދަމުން ދޮރު ކައިރީގައި ފާރުގައި ހުރި ތަޅުދަނޑި އެލުވާ އެތިން ކާރުގެ ތަޅުދަނޑި ހިފައިގެން ދިޔައެވެ. މިސްބާޙް ވެސް ގެއިން ނިކުތީ އޭނަގެ ސައިކަލުގެ ތަޅުދަނޑި ހިފައިގެން ދެންވެސް ބައްޕައަށް ގޮވަމުންނެވެ. އޭނަގެ ފަހަތުން ޒާހިޔާ އޭނަގާތު މަޑުކުރުމަށް އަންގަމުން ދިޔައެވެ. އެހެނަސް މިސްބާޙް މަޑުކުރާކަށް ބޭނުމެއްނުވިއެވެ. އޭނަ ބޭނުންވީ ބައްޕަ އަނބުރާ ގެންނާށެވެ. ބައްޕައާއި އަދިވެސް ލޯބިން ވާހަކަ ދައްކަން މަސައްކަތް ކޮށްފިނަމަ ބައްޕަ ރަނގަޅުވެދާނެއޭ ހިތާއެވެ. އެހެންކަމުން އަމީން ކާރު ސްޓާޓްކޮށްލި މަންޒަރު ފެނިފައި މިސްބާޙްވެސް އޭނަގެ ސައިކަލަށް އެރިއެވެ. އަދި އަމީން ކާރު ދުއްވާލުމުން މިސްބާޙް އެ ކާރުގެ ފަހަތުން ދިޔައެވެ. އެވަގުތު ޒާހިޔާއާއި ވަޙީދު ކަންބޮޑުވުމެއްގައި މަންޒަރު ބަލަން ގޭގެ ދޮރުމަތީގައި ތިއްބެވެ.
**
ހަމައެކަނި ފުޅި ބައްތިއެއްގެ އަލިން އަލިވެފައިވާ ހުސް ކޮޓަރިއެއްގެ ކަނެއްގައި އޮށޯވިފައި އޮތް ނަސްރާގެ ދެލޯ ތަގުޅިވެގެން ދިޔައީ އަނެއްކާވެސް އޭނަ ހޭއެރުމަށެވެ. ނަސްރާއަށް އިޙުޞާސް ކުރެވުނު ވަރުބަލިކަމެއްގެ ސަބަބުން އޭނަ މިފަހަރު ލޯ ނުހުޅުވަން ނިންމިއެވެ. އެހެނަސް މީހަކު އަތުގެ ނުފުށުން އޭނަގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލިހެން ހީވި ވަގުތު ނަސްރާއަށް ކުއްލިއަކަށް ދެލޯ ހުޅުވައި ބަލާލެވުނެވެ. އެވަގުތު އެއްކަލަ ޒުވާނާ އޭނައާއި ނުހަނު ކައިރިން ފެނިފައި ނަސްރާއަށް ބިރުގެންފައިވާ ހިތަކާއެކީ އަތްދަމައިގަންނަމުން ތެދުވެވުނެވެ. ނަސްރާގެ ނަސީބު ރަނގަޅުކަމުން ކުރުފައިމައްޗަށް ތިރިވެ އިން އެ ޒުވާނާ އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރީ އެހާ ބާރަކަށްނޫނެވެ. ޒުވާނާ ހޭންފެށުމުން ނަސްރާ ބިރުގެންފައިވާ ހިތަކާއެކީ އޭނަގެ ދެކަކޫ ކައިރިއަށް ގެނެސް ދެފައިގައި ދެއަތުން ވަށައި ފާރުގެ ކަނަށް ކުރުގެޅިލިއެވެ.
“މަންޖެ ހާދަ ބިރެކޭ. މިއީ ފުރަތަމަ ފަހަރުތަ ފިރިހެނަކާ ކައިރިވާ؟ ހެހެ…..ބިރުގަންނަންޖެހޭ ކަމެއްނޫން މިއީ. އަހަރެން ބައިވަރު ދުވަސްވެއްޖެ މަންޖެއާއި ކައިރިވާން ބޭނުންވެގެން ހުންނަތާ. މިރޭ މިއީ ރަނގަޅު ފުރުޞަތެއް. ގޭގަ ތިންވަނަ މީހަކު ނެތް. ލާއިގްވެސް ގެއަށް ގޮއްސި. އެހެންވީމަ އަހަރުމެން……” ޒުވާނާ ޖުމްލަވެސް ފުރިހަމަ ނުކޮށް ބިންމަތީގައި ކަކޫޖައްސައި ނަސްރާއާއި ކައިރިވާން އުޅުނެވެ. ނަސްރާއަށް ގޮތް ހުސްވެފައި އިނދެ ދެލޯ މަރައި ތަގުޅިކޮށްލަމުން އިސްޖަހާލެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ ޒުވާނާ ކުއްލިއަކަށް އޭނައާއި ދުރުވެގެން ދިޔަހެން ހީވުމުން ނަސްރާއަށް ދެލޯ ހުޅުވައި ބަލާލެވުނެވެ. އެވަގުތު ކޮޅަށްހުރި ޒުވާނާގެ ޓީޝާޓުގައި ފުރަގަހުން ހިފަހައްޓައިގެން އޭނައަށް ރުޅިވެރި ނަޒަރެއް ދީގެން ހުރި ޔޫނުސް ފެނިފައި ނަސްރާގެ މެއަށް ފިނިވިއެވެ. ޤަބޫލުކުރަން ދަތިވިއެއްކަމަކު ފަނޑު އަލީގެ ތެރެއިން ފެންނަމުން އެ ދިޔައީ ޔޫނުސްކަމަށް ބުނެ ނަސްރާ ހިތް އުފަލުން ނަށައިގަތެވެ.
“ކަލޭ ތިއީ ކާކު؟” ޒުވާނާ ޔޫނުސްގެ މޭމައްޗަށް އެތިފަހަރެއް ވިއްލާލަން އުޅުނު ވަގުތު ޔޫނުސް އޭނަގެ އަނެއްއަތުން ޒުވާނާގެ މުއްކެވިފައިވާ އަތުގައި ހިފަހައްޓާލިއެވެ.
“ކަލޭ އަތްލާން ތިއުޅުނު އަންހެން ކުއްޖާގެ ފިރިމީހާ. ދާންއުޅޭ މިތަނުން!” ޔޫނުސް އެންމެ ފަހު ޖުމްލަ ބުނެލި ހަރު އަޑެއްގެ ސަބަބުން ޒުވާނާ ސިއްސައިގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި ފުލުހުންގެ ބަޔަކު އެގެއަށް ވަދެގެން އައުމުން ޔޫނުސް އެ ޒުވާނާގެ ޓީޝާޓުން ދޫކޮށްލިއެވެ.
“މިއީ އަޅުގަނޑުގެ އަންހެނުން ހައްޔަރު ކުރުމުގައި ބައިވެރިވި މީހެއް.” ޔޫނުސް ޒުވާނާއަށް ޢިޝާރާތްކޮށްލަމުން ބުނެލިއެވެ. އެއާއެކު ފުލުހުންގެ މީހަކު އައިސް އެ ޒުވާނާ ހައްޔަރުކޮށްފިއެވެ.
“މިއީ އެހެންނޫނަސް ކުށުގެ ރެކޯޑް އޮންނަ މީހެއް. ކޮބައިތަ އަންހެން ކުއްޖާ؟” ޔޫނުސްއާއި ވާހަކަ ދެއްކި ފުލުސް މީހާ ޒުވާނާގާތު ހަރުކަށިކޮށް ސުވާލުކުރިއެވެ. އަދިވެސް އިން ތާ އިން ނަސްރާއަށް އަނެއްކާވެސް ދެލޯ މަރާލެވުނީ، އޭނަ އައުރަ ނިވާނުކޮށް ހުއްޓާ އެންމެން އެކީގައި އޭނައަށް ބަލަން އުޅޭހެން ހީވުމުންނެވެ. ޔޫނުސް ނަސްރާއަށް ނުބެލިއެއްކަމަކު އޭނަ ނުތަނަވަސްވާނެކަން ޔޫނުސްއަށް އެނގުނެވެ. އެހެންކަމުން ޔޫނުސް އޭނަގެ ފުރަގަހުގައި ހުރި ނަސްރާގެ ކުރިމައްޗަށް ހުއްޓިލަމުން ޖަވާބުދިނެވެ.
“އަންހެން ކުއްޖާ އެބަހުރި. އަޅުގަނޑު އޭނަ ގެއަށް ގެންގޮސްފާނަން.” ޔޫނުސް ބުނެލިއެވެ. އެއާއެކު ފުލުސްމީހާ އެންމެ ރަނގަޅޭ ބުނެ ޒުވާނާ ގޮވައިގެން އެގެއިން ނިކުމެގެން ދިޔައެވެ. ޔޫނުސް އަމީންގެ ވާހަކަ ބުނަން އަނގަ ހުޅުވާލި ވަގުތު ހުރިހާ ފުލުހުން އޭނަގެ ލޯމަތިން ގެއްލުނެވެ. އެހެންކަމުން އޭނަ ދެން އަޅާނުލަން ނިންމިއެވެ. އޭނައަށް ނަސްރާ އަނބުރާ ލިބިއްޖެއެވެ. އޭނަ މި ނޫންކަމެއް ބޭނުމެއްނުވެއެވެ. ޔޫނުސް ފެންކަޅިވެގެން ދިޔަ ދެލޮލާއެކީ ނަސްރާއާއި ދިމާލަށް އެނބުރިލަމުން ކުރުފައިމައްޗަށް ތިރިވެ ނަސްރާގެ ގައިގައި ބައްދާލިއެވެ. ނަސްރާ ރޮމުންރޮމުން ޔޫނުސްގެ މޭގައި ބޯއަޅައިގެން އޮވެ އެމީހުން ކުރިހާ ކަންތައްތަކެއްގެ ވާހަކަ ކިޔައިދިނެވެ. ޔޫނުސް އެ ހުރިހާ ކަމެއްގެ ޒިންމާ އަމިއްލަ ބޮލުގައި އެޅިއެވެ. އަމީން ނަސްރާ ހައްޔަރު ކުރަން ޖެހުނީ އޭނަގެ ސަބަބުން ކަމަށްބުނެ އޭނައަށް މަޢާފުކޮށްދިނުމަށް އެދުނެވެ. ނަސްރާ އެ ވާހަކައަށްފަހު އިތުރު އެއްޗެކޭ ނުބުނެ ހަމަ ރުއީއެވެ. ނަސްރާ ރޮއި ނިމެންދެން ޔޫނުސް އޭނަގެ ގައިގައި ހިފަހައްޓައިގެން އިނެވެ. އެއަށްފަހު ނަސްރާ ގެއަށް ގެންދިޔުމުގެ ކުރިން އޭނަ ވެފައިވާ ވަރުބައްޔަށާއި ޒަޚަމްތަކަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދިޔުމަށް ޔޫނުސް ޝަރީފަށް ގުޅިއެވެ.
**
މަތިވަމުން ދިޔަ ސްޕީޑަކާއެކީ މިސްބާޙް ތާރުމަގުން ދުއްވާފައި ދިޔައީ އެންމެ މަތީ ސްޕީޑްގައި ދުއްވަމުން ދިޔަ އަމީންގެ ކާރާއި ހަމަކުރެވޭތޯއެވެ. ޑޭޑް މަޑުކުރާށޭ ބުނެ އޭނަގެ ހިތް އެދި ގޮވަމުން ދިޔައެވެ. ބައްޕަ ދުއްވަމުން ދިޔަލެއް ބާރުކަމުން އޭނަގެ ހިތަށް ބިރުވެރިކަމެއްވެސް ވަންނަމުން ދިޔައެވެ. ބައްޕައަށް މިހާރު މަގުން ދުއްވާ އެއްވެސް އެއްޗެއް ސާފެއްވެސް ނުވާނެއޭ މިސްބާޙްގެ ހިތް ބުންޏެވެ. އޭނަގެ ހިތަށް ވެރިވި ނުތަނަވަސްކަމާއެކު ހިތާމަވެސް ކުރަމުން ދިޔައެވެ. ބައްޕަ އެންމެނާއި ދުރަށްދާން ޖެހޭ ވަރަށް ނުރުހުންވާންޖެހުނީ ހަމަ އޭނަގެ ސަބަބުންނޭ ހިތަށްއެރިއެވެ. އޭނަ އެ ޚަބަރު ލިބުމުން ބޭބެއަށް އެންގުމުގެ ކުރިން ބައްޕައަށް އެންގިނަމަ މާ ރަނގަޅުވީހެވެ. ބައްޕަގާތު ލޯބިން އެއީ ގޯސްކަމެއްކަމަށް ބުނެދޭން އުޅުނުނަމަ ބައްޕަ އަޑުއެހީހެވެ. ބައްޕަ ފަތިސް ނަމާދަށްދާން އެއްބަސްވިއްޔާ އެކަމަށް އެއްބަސްނުވާންވީ ސަބަބެއްނޯންނާނެއޭ މިސްބާޙްގެ ހިތް ބުންޏެވެ. ބައްޕަ މީގެ އިރުކޮޅެއްކުރިން އޭނަގެ ގައިގައި ބައްދާލި މަންޒަރު ސިފަވެގެން ދިޔުމުން މިސްބާޙްގެ ލޯ ކަރުނުން ފުސްވިއެވެ. މިރޭ އޭނަ ރާވައިގެން ހުރީ ހުރިހާ މައްސަލަތައް ޙައްލުކުރާށެވެ. އެހެނަސް ކަންދިމާވިގޮތުން މިރޭ މައްސަލަތައް ދުވަހަކުވެސް ގޯސްނުވާ ވަރަށް ގޯސްވެއްޖެއެވެ. އޭނަގެ ބައްޕަ ދެން ދުވަހަކުވެސް އޭނަ އެގޮތަށް ބައްދާނުލާނެތޯ ހިތް ސުވާލުކުރި ވަގުތު މިސްބާޙަށް ނޭނގި އޭނަގެ ސައިކަލުގެ ސްޕީޑް ދަށްވެގެން ދިޔައެވެ. ބައްޕަގެ ކާރުގެ ހެޑްލައިޓް ދުރުވަމުން ދިޔަތަން މިސްބާޙަށް ކަރުނަތަކުގެ ތެރެއިން ފެނުނެވެ. އޭގެ މާ ގިނައިރެއްނުވެ އިވުނު ބާރު އަޑެއްގެ ސަބަބުން މިސްބާޙް ބިރުން ފިއްކަނޑައިގެން ދިޔައެވެ. އޭނަ އަވަސްއަވަހަށް އެސްފިޔަ ޖަހަމުން ކުރިމައްޗަށް ބަލާލި ވަގުތު އަނެއްކާވެސް ބާރު އަޑަކާއެކީ ބިއްލޫރިތައް ތަޅައިގެން ދިޔަ އަޑުއިވުނެވެ. ބިރުވެރިކަމުން ވަށާލެވިގެން ދިޔަ ހިތަކާއެކީ މިސްބާޙް ނުފަރިތަ ގޮތަކަށް ސައިކަލު ދުއްވަމުން ކުރިއަށް ދިޔައެވެ. މާ ދުރަކަށް ނުދެވެނީސް މަގުގެ މެދުގައި ހުރަހަށް އޮތް ޕިކަޕެއް ފެނިފައި އޭނަ ސައިކަލު މަޑުކޮށްލިއެވެ. އެ ޕިކަޕްގެ ކުރީކޮޅު ގޮޑިވެފައި އޮތް ތަން ފެނުނު ވަގުތު އެއްލިކަޅިއަކުން މަގުގެ އެއްފަރާތުގައި ވެސް އެއްޗެއް އޮތްކަން މިސްބާޙަށް އެނގުންވިއެވެ. އޭނަ އެ ދިމާލަށް ބަލާލި ވަގުތު އެ ވިނަގަނޑުމަތީގައި ބަނޑުންވެފައި އޮތް ކަޅުކުލައިގެ ކާރު ފެނިފައި އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ. އެއީ ކޮން ކާރެއްކަން ޔަޤީންވި ވަގުތު މިސްބާޙް ޑޭޑްއޭ ކިޔައި ގޮވާލި ވޭނުން ފުރިގެންވި އަޑު މުޅި ޞަރަޙައްދުގައި ގުގުމައިގެން ދިޔައެވެ. އެވަގުތު އެތަނަށް ސައިކަލުތަކާއި ކާރުތައް މަޑުކުރަން ފަށައިފިއެވެ. މީހުން ކާރުގެ ވަށައިގެން އެއްވާން ފެށުމުން މިސްބާޙްވެސް ސައިކަލުން ފައިބައިގެން ކާރާއި ދިމާލަށް ހިނގައިގަތީ ރޮވެން ކައިރިވެފައި ހުރެއެވެ. މީހުންތަކުގެ ތެރެއިން ފުރޭނެމުން ގޮސް ކާރާއި ހަމައަށް ދެވުނުތަނާހެން މިސްބާޙް ދެކަކޫމައްޗަށް ތިރިވިއެވެ. އަދި ކާރުގެ ކުޑަދޮރުން ކާރުގެ އެތެރެ ފެނޭތޯ ބެލިއެވެ. އެކޮޅުކޮޅުން އޮތް އަމީންގެ ޒަޚަމްވެފައިވާ މޫނު ފެނިފައި މިސްބާޙް އަޑުން އަޑު ނަގައި ރޯންފެށިއެވެ. އަދި ޑޭޑްއޭ ކިޔައި ކުޑަދޮރުގެ ކައިރީގައި ތަޅަމުން ދިޔައެވެ. މިސްބާޙް އެތަނުން ދުރުކުރަންޖެހުނީ އެތައް މީހުން އެއްވެގެން ގަދަކަމުންނެވެ. މާ ގިނައިރެއްނުވެ އެތަނަށް އެމްބިއުލާންސްއައެވެ.
**
މިސްބާޙްގެ ޙަޔާތަށް ތޫފާނެއް އައި ވަގުތު ނަސްރާއާއި އޭނަގެ ޢާއިލާގެ މީހުން އުފާކުރަމުން ދިޔައެވެ. ޕްރައިވޭޓް ރޫމެއްގެ އެނދުގައި ނަސްރާ އައިވީ ގުޅައިގެން އެނދުމަތީގައި އިންއިރު އޭނަގެ ކައިރީގައި ޔޫނުސްވެސް އެނދުމަތީގައި އިނެވެ. އަފްރީން އެތާ ވަކިން ހުރި އެނދުގައި އިށީނދެގެން އިންއިރު ޝަރީފާއި އަފްރާޒް ތިބީ އެ ކޮޓަރީގެ ކަނުގައި ވަކިން ހުރި ދެ ސޯފާގައެވެ. މި ގަޑިއަކީ އާޒް ނިދާ ގަޑި ކަމަށްވުމުން ސަދަފްވީ ގޭގައެވެ. އޭނަގެ އެންމެ ގާތް އެކުވެރިޔާ ނެތެއްކަމަކު އަފްރާޒާއި އަފްރީން އެކިއެކި ސަމާސާތައްކޮށް ނަސްރާގެ ހިތް ފުރަމުން ދިޔައެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުޖާލާވި ހިނިތުންވުންތަކެވެ.
އެ އެންމެންގެ ވާހަކަތަކަށް ހުއްޓުމެއް އައީ ޔޫނުސްގެ ފޯނު ރިންގުވުމުންނެވެ. އޭނަ ފޯނު ޖީބުން ނަގައި ބަލާލިއިރު ސްކްރީނުން ދިގު ނަންބަރެއް ފެނިފައި އޭނަގެ ނިތަށް ރޫގިނަވިއެވެ. އެވަގުތު ޝަރީފް ކާކުތޯ ސުވާލުކުރިއެވެ. ހަމައެއާއެކު މި ވާނީ ބައްޕައަށޭ ޔޫނުސްގެ ހިތް ބުންޏެވެ. އޭނަ އެންމެން ގާތު އެބަ އަންނަމޭ ބުނެލަމުން އެ ކޮޓަރިން ނިކުތީ މިވަގުތު އެތާނގައި ނަވާޒްގެ ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެހެން ހީވީތީވެއެވެ. ޔޫނުސް ކޮޓަރީގެ ދޮރު ލައްޕާލަމުން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ސަލާމް ބައްޕާ.” ޔޫނުސް ލުއި ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“އެނގިއްޖެދޯ ބައްޕަކަން؟ ބައްޕައަށް މިހާ ދުވަހު ދަރިފުޅަށް ނުގުޅާ ހުރެވުނީ ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގަ ބާއްވާފަ އޮތީތީއޭ. ހާދަ ބޮޑު ޙާދިސާއެއް ހިނގައިފިޔޭދޯ މިރޭ؟ އަމީން ކިހިނެއްތަ މިހާރު؟ ޒާހިޔާވެސް މިސްބާޙް ވެސް ފޯނެއްނުނަގާ.” ނަވާޒް ބުނެލިއެވެ. ޔޫނުސް ޙައިރާންވިއެވެ. ބޮޑު ޙާދިސާއެކޭ ބުނުމުން އޭނައަށް ސިފަވެގެން ދިޔައީ ނަސްރާއަށް ދިމާވި ކަންތައްތަކެވެ. އެހެނަސް…….
“ބައްޕާ އަމީނަށް ކީއްތަވީ؟” ޔޫނުސް އަހާލިއެވެ.
“ނުދެނަހުރިންތަ؟ ރާއްޖެ ޕްރެސްގަ މީގެ ގަޑިއިރެއްކުރިން އެބަހުރި ޚަބަރެއް. އަމީންގެ ކާރާއި ޕިކަޕަކާ އެކްސިޑެންޓެއްވެއްޖެޔޭ ކިޔާފަ. ފޮޓޯގަ އަމީންގެ ކާރު އޮތީ ބަންޑުން. ޔޫނުސްއަށް ޚަބަރެއްނުވޭތަ؟” ނަވާޒް ޙައިރާންކަމާއެކީ ސުވާލުކުރިއެވެ. ޔޫނުސްގެ ނިތަށް ރޫގިނަވިއެވެ. އޭނަގެ ހަނދާނަށް ކުއްލިއަކަށް އައީ މީގެ އިރުކޮޅެއް ކުރިން ހޮސްޕިޓަލަށް އެމްބިއުލާންސެއް ވެއްދި އަޑު އިވުނު ގޮތެވެ. އެއީ ކާކުކަން ބަލަން އުޅެފަވެސް އޭނަ ޚިޔާލު ބަދަލުކޮށްލި ގޮތެވެ. އަމީނަށް ހަމަ އެހާވެސް ބޮޑުވަރުވީބާއެވެ.
“ބައްޕާ އަހަރެން…..އަހަރެން ފަހުން އެބަގުޅަން.” ޔޫނުސް އަވަސްއަވަހަށް ބުނެ އެކޮޅުން ނަވާޒް ހޫންލައްވާލުމުން ފޯނު ކަނޑާލިއެވެ. ޔޫނުސް ވަގުތުން އޭނަގެ ފޯނުން ރާއްޖެ ޕްރެސްއަށް ދިޔައެވެ. އެންމެ ފުރަތަމަ ވެސް ފެނިގެން ދިޔައީ ނަވާޒް އެ ބުނި އެކްސިޑެންޓްގެ ވާހަކައެވެ. އެ ޚަބަރު ލިޔެފައިވަނީ މިކޮޅުގައި އުޅޭ މުވައްޒަފެކެވެ. ޔޫނުސް ވަގުތުން އެ ޚަބަރު ހުޅުވައި ފޮޓޯތައް ބަލަން ފެށިއެވެ. ފުރަތަމަ ތިން ފޮޓޯއިން ފެނުނީ ކާރު ބަންޑުން އޮތް މަންޒަރު ތިން ފަރާތަކުން ނަގާފައެވެ. ހަތަރުވަނަ ފޮޓޯގައި މިސްބާޙް ބިމަށް ތިރިވެ ކާރުގެ ކައިރީގައި ރޯން އިންތަން ފެނިފައި ޔޫނުސްގެ ހިތަށް އަސަރުކުރިއެވެ. އޭނަ މި ވާހަކަ ވަގުތުން ނަސްރާމެނަށް އަންގަން ބޭނުންވިއެވެ. މިސްބާޙަކީ މިރޭ އެމީހުންގެ މޫނުމަތީގައި ވި ހިނިތުންވުންތަކުގެ ސަބަބަކަށްވީ ހިނދު މިސްބާޙާއިއެކީ މި ޙާލަތުގައި ވުމަކީ އެންމެން ކުރަންޖެހޭނެ ކަމެއްކަމަށް އޭނަ ދެކުނީތީވެއެވެ.
“އަމީންގެ އެކްސިޑެންޓެއްވެއްޖެ.” ޔޫނުސް ކޮޓަރީގެ ދޮރު ހުޅުވާލަމުން ބުނެލި ވާހަކައިން އެންމެން ހިނދުކޮޅަކަށް ހިމޭންވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ ޝަރީފް ވާހަކަ ދެއްކިއެވެ.
“ހަމަ ރަނގަޅަށްވީ! އޭނައެއްނު އަހަރުމެންގެ ނަސްރާ ހައްޔަރު ކޮށްގެން އުޅުނީ؟ އޭނައަށް އެ ލިބުނީ އޭނައަށް ޙައްޤުވާ އަދަބު!” ޝަރީފް ފޯރިއާއެކީ ބުނެލިއެވެ. ނަސްރާ ބައްޕާއޭ ކިޔައި ދިގުކޮށް ގޮވާލިއެވެ.
“އަމީން ވެދާނެ އަހަރުމެންގެ ދުޝްމިނަކަށް. އެކަމަކު އޭނަގެ ރޭވުމުން އަހަރުމެން ސަލާމަތްކޮށްދިނީ މިސްބާޙް. މިސްބާޙް އަހަންނަށް ގުޅާފަ ބުނީ ނަސްރާ ގެންދެވުނީ އެގެއަށޭ. އޭނަ ނުބުނިނަމަ އަހަރެން އެގެ އަނެއްކާ ނުބެލީސް. އެއީ ކުރިން އެތައް ފަހަރަކު ބަލާފަ ހުރި ގެއަކަށްވާތީ……..އަމީނަކީ މިސްބާޙްގެ ބައްޕަ. އަމީނަށް ކަމެއްވުމުން އަހަރުމެނަށް މާ ބޮޑު އަސަރެއް ނުކުރިޔަސް މިސްބާޙް ހިތާމަ އެބަކުރޭ. އަހަރެން ދެކޭގޮތުގަ އަހަރުމެންވާނެ މިސްބާޙަށް ޝުކުރު އަދާކުރުމުގެ ގޮތުން ވިޔަސް އޭނައާއި އެކީގަވާން.” ޔޫނުސް ދެއްކި ވާހަކައިން އަފްރީނަށް އިނދެވުނީ ހިރިލަން ވެސް ނޭނގިފައެވެ. މިސްބާޙް އޭރު އޭނައަށް ގުޅީ ކީއްވެގެންކަން އޭނައަށް މިއެނގުނީ އަދި ކިރިޔާއެވެ. މިސްބާޙް އަމިއްލަ ބައްޕައާއި ދެކޮޅަށް ވެސް ރަނގަޅު ފިޔަވަޅެއް އެޅީތީ އަފްރީނަށް ހިތާހިތުން މިސްބާޙާއިމެދު ފަޚުރުވެރިވެވުނެވެ. އެއީ އޭނަގެ ހިތްވަރުގަދަ މިސްބާޙޭ ހިތަށްއެރިއެވެ. އަފްރީންގެ މޫނުމައްޗަށް ހިތާމަވެރި ހިނިތުންވުމެއް ވެރިވިއެވެ.
“އާނ ބައްޕާ. ޔޫނުސް އެ ބުނީ ތެދެއް. ޔޫނުސްއާއި ބައްޕަ ދޭ މިސްބާޙްގެ ކައިރިއަށް. ޔޫނުސް…….އަހަރެންގެ ފަރާތުން ވެސް މިސްބާޙަށް ޝުކުރު އަދާކޮށްދޭތި.” ނަސްރާ ޔޫނުސްއަށް ބަލާލަމުން ބުނެލިއެވެ. ޔޫނުސް އިރާދަކުރެއްވިއްޔާއޭ ބުނެލަމުން ޝަރީފްގާތު އައުމަށް އެދުނެވެ. ޝަރީފް ރުޅި މޫނަކާއެކީ ޔޫނުސްގެ ފަހަތުން ދިޔައެވެ. ބައްޕައާއި ޔޫންބެ ލޯމައްޗަށް ގެއްލުމުން އަފްރީންގެ ހިތަށް އުނދަގޫވިއެވެ. އޭނަވެސް މިސްބާޙްގެ ގާތަށް ގޮސް އޭނަގެ ހިތްހަމަ ޖައްސައިދޭން ބޭނުންވިއެވެ. އެހެނަސް ދެމީހުންގެ ހިތްވެސް ޖަޒުބާތުން ފުރިގެންވި ޙާލަތެއްގައި އޭނައަށް މާ ގިނަ ވާހަކަތައް ދެއްކިދާނެތީ އަފްރީން ޖެހިލުންވިއެވެ.
**
ޒާހިޔާއާއި މިސްބާޙާއި ވަޙީދު އައި.ސީ.ޔޫގެ ބޭރުގައި ހުންނަ ގޮނޑިބަރީގައި އިށީނދެގެން ތިބިއިރު ތިން މީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ބަނަކަމެވެ. އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ މިސްބާޙަށެވެ. އޭނަގެ ލޯ ރަތްވެ ދުޅަވެފައިވީއިރު އޭނަގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. ލައިގެން ހުރި ނޫކުލައިގެ އެތަން މިތަނުގައި ލޭ ހުރިއިރު އެ ގަމީހުގައި ވަނީ ރޫޖެހިފައެވެ.
ތިން މީހުން އައި.ސީ.ޔޫއިން ނިކުންނާނެ ޑޮކްޓަރެއްގެ އިންތިޒާރުގައި ތިއްބާ ޑޮކްޓަރު ނިކުތުމުން ތިން މީހުންނަށްވެސް އެކުއެކީގައި ތެދުވެލެވުނެވެ. ޑޮކްޓަރު އެމީހުންނަށް ބަލަން ހުރެ މާޔޫސީ ގޮތަކަށް ބޯހޫރުވާލިއެވެ.
“މިއަދުން ފެށިގެން އަމީންގެ އެއްފަޅީގައި ވާގިއެއް ނުހުންނާނެ.” ޑޮކްޓަރު ބުނެލި ޖުމްލައިން ޑޮކްޓަރުގެ ކުރިމަތީގައި ތިބި ތިން މީހުންގެ އިތުރުން އެމީހުންގެ ފުރަގަހުގައި ތަންކޮޅެއް ދުރުގައި ތިބި ޔޫނުސްއާއި ޝަރީފް ވެސް ހުއްޓުން އެރިއެވެ. ސިކުންތުކޮޅެއްފަހުން ޒާހިޔާ ފުން ނޭވައެއް ދޫކޮށް ވަޙީދު ޑޮކްޓަރަށް ބޯޖަހާލި ވަގުތުވެސް މިސްބާޙް ހުރީ ހުއްޓުން އަރާފައެވެ. ޑޮކްޓަރު އެމީހުންނާއި ދުރަށް ހިނގައިގަތުމުން ވެސް ޑޮކްޓަރުގެ ޖުމްލަ އޭނަގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އޭނަގެ ލޮލަށް ސިފަވަމުން ދިޔައީ ކުޑައިރުއްސުރެ ބައްޕަ އޭނައާއެކީ އުޅުނު ގޮތެވެ. އެއްޗެހި ގޮވި ކިތަންމެ ދުވަހެއް ދިޔަޔަސް އޭނަ އެދުވަސްތައް ހަނދާނެއްނުވެއެވެ. އޭނަ ހަނދާންވަމުން ދިޔައީ ބައްޕަ ބައްޕަގެ ބުރަކަށްޓަށް ލައިގެން އޭނަ އުފުއްލި ހަނދާނެވެ. އޭނައާއެކީ ޕާކަށް ގޮސް ފުޓުބޯޅަ ކުޅުނު ހަނދާނެވެ. ބައްޕަ އޭނައާއި ސަމާސާކުރި ގޮތްތަކެވެ. އެންމެ ފަހުން މިސްބާޙްގެ ހަނދާނަށް އައީ މިރޭ އޭނަގެ ބައްޕަ އޭނަ ބައްދާލި ގޮތެވެ. އެއީ ހަމަ ޙަޤީޤަތުގައި ވެސް ބައްޕައަށް އޭނަ ބައްދާލެވުނު ފަހު ފަހަރުތާއޭ ހިތް ބުނި ވަގުތު މިސްބާޙްގެ ލޮލުން ކަރުނަތައް ހޯސްލާފައި އަންނަން ފެށިއެވެ. އޭނައަށް އަނެއްކާވެސް ހުރިތަނަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. ވަޙީދު މިސްބާޙޭ ކިޔައި ގުދުވެ އޭނަގެ ދެކޮނޑުގައި ހިފަހައްޓާލި ވަގުތު ޒާހިޔާވެސް ތިރިވިއެވެ.
“ދަރިފުޅު ތި ރޮނީ ކީއްވެ؟ އެއީ ދަރިފުޅަށް އެތައް އަނިޔާއެއްދިން އިންސާނެއް. އޭނައަށް މިއަދު އެ އޮތީ އޭގެ ޢަޒާބު ލިބިފަ.” ޒާހިޔާ މިސްބާޙްގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ނުރުހުންތެރިކަމާއެކީ ބުނެލިއެވެ.
“މްމް….މަމް…..މާ. ޑޭޑް ބުނި ތިމަންނަ މިއަދު އަހަންނާއެކީ ފަތިސް ނަމާދަށްދާނަމޭ.” މިސްބާޙް ރޮވިފައިވާ އަޑަކުން ބުނެލި ވާހަކައިން އެތާނގައި ތިބި އެންމެންގެ ހިތްތައް ޖަޒުބާތުން ފުރިގެންއައެވެ. ޒާހިޔާއަށް ރޮވެން އުޅުނެއްކަމަކު އޭނަ ނޫންކަމަށް ހަދާލިއެވެ.
“އޭނަ މިއަދު ސަލާމަތުން ހުރިނަމަވެސް ނުދާނެ.” ޒާހިޔާ ޔަޤީންކަމާއެކީ ބުނެލިއެވެ.
“ނޫން މަންމާ. ރޭގަ ޑޭޑް އަހަންނާ ވަރަށް ލޯބިން ވާހަކަ ދެއްކީ. އަހަރެން ހުރިހާ ކަމެއް ގޯސްކުރީ. އަހަރެން އެންމެ ފުރަތަމަ ވެސް ބައްޕައަށް އެންގިނަމަ……” މިސްބާޙްގެ ވާހަކަ މެދުކެނޑުނެވެ.
“އެންގިނަމަ ނަސްރާ ދުވަހަކުވެސް ސަލާމަތް ނުކުރެވުނީސް. ހުރިހާ ކަމެއްވީ ރަނގަޅަށް. ދެންވެސް ކަންތައްވާނީ ރަނގަޅަށް އިރާދަކުރެއްވިއްޔާ.” ޒާހިޔާ ބުނެލިއެވެ.
“އާނ މިސްބާޙް. ދެން މިހާ ހިސާބުން ބޭބެ ވެސް އިސްލާޙުވާނެ އިރާދަކުރެއްވިއްޔާ. ދެރަނުވޭ.” ވަޙީދު އެހެން ބުނެލަމުން މިސްބާޙްގެ ކޮނޑުގައި ހިފައި ހިއްލަން އުޅުނެވެ. މިސްބާޙް ދެކޮޅު ހެދުމެއްނެތި އިސްޖެހިފައިހުރެ ކޮޅަށް ތެދުވިއެވެ.
“ޑޭޑް ބަލަން ހިނގާ.” މިސްބާޙް އެހެން ބުނެލަމުން ޒާހިޔާމެނަށް ބެލުމެއްނެތި އައި.ސީ.ޔޫގެ ދޮރާއި ދިމާލަށް ދާން ފެށިއެވެ. އެ މަންޒަރު ފެނިފައި ޔޫނުސް ކުރިއަށް ޖެހިލަމުން މިސްބާޙަށް ގޮވާލިއެވެ. މިސްބާޙް ފިޔަވަޅުތައް މަޑުޖައްސާލަމުން ފަސްއެނބުރި ބަލާލިއެވެ.
“މިސްބާޙް……އައިމް ރިއަލީ ސޮރީ. ނޭނގި ނަމަވެސް އަހަރެންގެ ސަބަބުން މިއަދު މިސްބާޙްގެ ބައްޕަ އެ ޙާލުގަ އޮތީ.” ޔޫނުސް ދެރަވެފައިހުރެ ބުނެލިއެވެ. މިސްބާޙް އިރުކޮޅެއްވަންދެން ޔޫނުސްއަށް ބަލަން ހުރެފައި އިޓްސް އޯކޭއޭ ވައި އަޑުން ބުނެލަމުން އައި.ސީ.ޔޫއަށް ގޮސްވަނެވެ. އޭނަގެ ފަހަތުން ޒާހިޔާއާއި ވަޙީދުވެސް ވަތް މަންޒަރު ބަލަން ހުރި ޔޫނުސްގެ މޫނުމަތިން ފެނަމުން ދިޔައީ ޙަމްދަރުދީ ކަމަށްވިޔަސް ޝަރީފްގެ މޫނުމަތިން ފެނުނީ ޙައިރާންކަމެވެ. މިސްބާޙަކީ އޭނަ ހީކުރި ކަހަލަ ކުއްޖެއްނޫންތާއޭ އޭނަގެ ހިތް ބުނަމުން ދިޔައެވެ. ތިމާގެ އަމިއްލަ ބައްޕަ ތިމާއަށް އަނިޔާ ކުރުމުން ވެސް ބައްޕަދެކެ މިސްބާޙް އިންތިހާއަށް ލޯބި އެބަވެއެވެ. އެއީ މި ޒަމާނުގައި ޢާއްމުކޮށް ފެންނަ މަންޒަރެއްވެސް ނޫނެވެ. ރަނގަޅު ކުއްޖެއްގެ ކިބައިގައި ނޫނީ އެފަދަ ސިފައެއް ނުހުންނާނެކަމަށް ޝަރީފަށް އަމިއްލަ ނަފްސާއި އެއްބަސްވެވުނެވެ. އެއާއެކު އޭނަ ކުއްލިއަކަށް މިސްބާޙާއިމެދު ޙަމްދަރުދީވިއެވެ. މިސްބާޙާއިމެދު ގޯސްކޮށް ވިސްނުނީތީވެވެސް ހިތާމަ ކުރެވުނެވެ. އޭނަ ވަޙީދުގާތު ވެސް ބުނިހާ ބަސްތައް ބަދަލުކުރަން ބޭނުންވިއެވެ. އެހެނަސް މިއީ އެކަން ކުރުމަށް ރަނގަޅު ވަގުތަކަށް ނުވާނެހެން ހީވީތީ ޝަރީފް ހިތުތެރޭގައި އެ ވާހަކަ ބޭއްވިއެވެ.
އޭގެ 4 ހަފްތާފަހުން އަމީން ފުރޮޅުލީ ގޮނޑިއެއްގައި ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. އޭނަ ގެއަށް ގެނެވުނު ދުވަހުގެ ރޭ ވަޙީދު އޮތީ ފުރަން ނިންމާފައެވެ. އޭނަ ފުރަންވީއިރު ވެސް އޭނަ ސާފުކުރަން އައި މައްސަލައިގެ އިތުރު ހެއްކެއް އޭނައަށް ނުލިބުނީތީ ވަޙީދު އަމިއްލަ ނަފްސަށް ނުރުހުންވިއެވެ. ގޯހެއް ހަދާފައިވާނީ މިސްބާޙެއް ނޫންކަން މިހާރު ވަޙީދަށް ޔަޤީން ކުރެވެއެވެ. އަމިއްލަ ބައްޕަ ވާގި ނެތުމުން ވެސް ބައްޕަ ހިތްހަމަޖެއްސުމަށްޓަކައި ބައްޕައާއި ސަމާސާ ކުރާ ކުއްޖަކު އެހާ ނުބައި ރޭވުމެއް ރާވާފާނެއެކޭ އޭނަގެ ހިތެއްނުބުނެއެވެ. ކޮންމެއަކަސް މިސްބާޙްގެ ފަރާތުންނާއި އަމީންގެ ފަރާތުން އޭނައަށް އެނގިގެން ގެއްލުންވި މީހުންނަށް ވަޙީދު މަޢާފަށް އެދެން ބޭނުންވިއެވެ. އެކަމަށްޓަކައި އޭނަ އެރޭ މިސްބާޙްގާތު އޭނަ ޝަރީފްމެންގެ ގެއަށް އޭނަ ގެންގޮސްދިނުމަށް އެދުނެވެ. އެއީ އަފްރީންގެ ގެކަން އެނގުންވުމުން މިސްބާޙް ޖެހިލުންވިއެވެ. އެހެނަސް އޭނައަށް ވަޙީދަށް އިންކާރުކުރަން ނުކެރުނީ ވަޙީދުގެ ފަރާތުން ކުރިމަތިވެދާނެ ސުވާލުތަކެއްގެ ސަބަބުންނެވެ. އެހެންކަމުން މިސްބާޙް އޭނަގެ ސައިކަލުގައި ވަޙީދު އެގެއަށް ގެންދިޔައެވެ. ވަޙީދާއެކީ މިސްބާޙް ވެސް ދެ ޚިޔާލެއްގެ މަތީގައި ހުރެ އެގޭގެ މައިދޮރާއި ހަމައަށް ދިޔައެވެ. އެވަގުތު ގޭގެ ތެރެއިން އަފްރީން ދޮންތާއޭ ކިޔައި ގޮވާލި އަޑަށް މިސްބާޙަށް ބޭ އިޚްތިޔާރުގައި ދޮރުމަތިން ދުރުވެސް ދޮރުގެ ކައިރ ފާރުކައިރީގައި މަޑުކޮށްލެވުނެވެ. ވަޙީދު ކިހިނެއްވީތޯ ސުވާލުކުރުމުން ތިމަންނަ ނުވަންނާނަމޭ މިސްބާޙް ބުންޏެވެ. ވަޙީދު އެއީ ކީއްވެތޯ ސުވާލުކުރުމުން ތިމަންނަ ވަންނަން ބޭނުމެއްނުވާކަމަށް މިސްބާޙް ބުންޏެވެ. ވަޙީދު އަޖައިބުވެފައި އޭނައަށް ބަލަން ހުރެފައި ސަލާމް ގޮވާލިއެވެ. އިރުކޮޅެއްފަހުން އެ ދޮރު ހުޅުވާލީ ޝަރީފެވެ. ވަޙީދު ފެނިފައި ޝަރީފް ހިނިތުންވުން ފަނޑުވިއެއްކަމަކު އޭނަ ވަޙީދަށް ހޫނު މަރުޙަބާއެއް ކިޔޭތޯ ބެލިއެވެ. ޝަރީފް އަފްރީނާއި އެވަގުތު އެގެއަށް ޔޫނުސްއާއެކީ ހުރި ނަސްރާ ލައްވައި ސައި ތައްޔާރު ކުރުވިއެވެ. ނަސްރާމެން ސައި ގެނައިއިރު ޝަރީފާއި ވަޙީދާއި ޔޫނުސް ވާހަކައިގައި ތިއްބެވެ. ވިޔަފާރީގެ ވާހަކަ ދައްކަމުން ގޮސް ވަޙީދު ކުއްލިއަކަށް ސީރިއަސްވެލިއެވެ.
“އަސްލު…….އާ ވިޔަފާރިއެއް ފަށާކަށް ނޫން އަހަރެން މިކޮޅަށް އައީ. މީގެ ދުވަސްކޮޅެއްކުރިން މިސްބާޙާއި ކޮންމެވެސް އަންހެން ކުއްޖަކާ ދެމެދު ހިނގި ކަންތައްތައް އިތުރަށް އޮޅުން ފިލުވަންވެގެން. އަސްލު އެ އަންހެން ކުއްޖާ ބަރުބާދުކޮށްލަން އުޅުނީ ކާކުކަން ދެނެގަންނަންވެގެން. މިސްބާޙް ތިމަންނަ އެއްވެސް ކަމެއް ނުކުރަމޭ ބުންޏަސް އަހަރެން އެކަމުގެ ހެކި ބޭނުންވި. މިހާރު މިސްބާޙް އެ އުޅޭ ގޮތްވެސް ހެއްކަކަށް ފުދޭނެ ކަންނޭނގެ. އެކަމަކު……” ވަޙީދުގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ޝަރީފް އެއްޗެކޭ ބުނަން އުޅުނު ވަގުތު އަފްރީން ވާހަކަ ދެއްކިއެވެ.
“އަހަރެންގެ އަތުގަ އެބައޮތް ހެކި.” ކޮޅަށްހުރި އަފްރީން ސާބިތުކަމާއެކީ ބުނެލިއެވެ. އެ އަޑު އިވިފައި ބޭރުގައި ހުރި މިސްބާޙް ހުއްޓުންއެރިއެވެ.
“ކޮން ހެއްކެއް؟” ވަޙީދު ކޮށްލީ މިސްބާޙްގެ ހިތުގައި އޮތް ސުވާލެވެ.
“އެރޭ މިސްބާޙާއެކީގަ ހުރި ކުއްޖަކީ އަހަރެން. އެކަމަކު އަހަރުމެން އެއްކޮޓަރިއެއްގަ ތަޅުލެވުނީ މިސްބާޙް ކުރި ކަމަކުންނެއްނޫން. އެއީ ސިނާންއާއި އަހަރެންގެ ކުރީގެ ބައެއް އެކުވެރިން ބައިވެގެން ކުރި ކަމެއް.” އެ ވާހަކަ އިވިފައި ވަޙީދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މިސްބާޙަށް ވެސް ބޮޑުވެގެން ދިޔަ ދެލޮލާއެކީ ހުޅުވާލެވިފައިވާ ދޮރާއި ދިމާލަށް ބަލާލިއެވެ. އަފްރީނަށް އެނގުނީ ކިހިނެއްބާއޭ އޭނަގެ ހިތަށްއެރިއެވެ.
“އެކަމަކު……ޝަރީފް ބުނީ…” ވަޙީދުގެ ވާހަކަ ފުރިހަމައެއްނުވިއެވެ.
“އަމިއްލަ ދަރިފުޅުގެ ނަން ބަދުނާމު ނުކުރުމަށްޓަކައި އަހަންނަށް ދޮގެއް ހަދާލެވުނީ. އެރޭ އަހަރެން ސަލާމަތްކުރީ ހަމަ އަފްރީން.” ޝަރީފް އެންމެ ފަހުން ބުނެލިއެވެ. ވަޙީދު ދެންވެސް ޤަބޫލުކުރަން ޖެހިލުންވިއެވެ.
“ކޮބައިތަ ހެއްކަކީ ސިނާންކަން މިކަން ކުރީ؟” ވަޙީދު ހާސްވެފައިހުރި ވަރު އޮޅުންއަރާފައި އަފްރީންގާތު ސުވާލުކުރިއެވެ. އެވަގުތު ޝަރީފް ކޮން ސިނާނެއްތޯ އެހިއެވެ. އެހެނަސް އަފްރީން އެއަށް ސަމާލުކަން ދިނުމެއްނެތި އޭނަގެ ހެދުމުގެ އެއްފަރާތުގައި ހުރި ޖީބުން އޭނަގެ ފޯނު ނެގިއެވެ. އަދި ފޮޓޯއެއް ހުޅުވާލަމުން ވަޙީދު އަތަށް އެ ފޯނު ދިއްކޮށްލިއެވެ. ވަޙީދު އެ ފޯނު އަތުލައި އެއަށް ބެލިއެވެ.
“ތިއީ އެ ޙާދިޘާ ހިނގި ދުވަސްވަރު ސިނާނާއި އަހަރެންގެ އެކުވެރިޔާ ނައުފާއާއި ދެމެދު ބަދަލުކުރެވިފައި ހުރި މެސެޖުތައް. ތި މެސެޖުތަކުން ވަރަށް ސާފުކޮށް އެނގޭނެ އެމީހުން ރޭވި ރޭވުން. ސިނާން އަހަންނަށް މިސްބާޙްގެ ޕްރޮފައިލްއިން މެސެޖެއް ފޮނުވުމާ، ފަލަކް އަހަރެންގެ އެހީ ހޯދަން އެގެއަށް ގެންދިޔުމާއި، މިސްބާޙްގެ އައި.ޕެޑް ފޮރުވައިގެން ފަލަކްގެ ގޭގައި އޭތި އޮތް ވާހަކަ ބުނުމާއި، އެ ހުރިހާ ވާހަކައެއް ތިއިން އެނގޭނެ. އަހަރެން ޝުކުރުކުރަން ރާޔާއަށް ރާޔާ އަހަންނަށް ތި އެއްޗެހި ފޮނުވި ކަމަށްޓަކައި. އަހަންނަށްވެސް ދޭތެރެ ދޭތެރެއިން މިސްބާޙަށް ޝައްކު ކުރެވެމުން ދިޔަ. އެކަމަކު މިހާރު ހަމަ ޔަޤީން މިސްބާޙް މައުސޫމްކަން.” އަފްރީންގެ އެ ވާހަކަ އިވިފައި މިސްބާޙަށް ހުރެވުނީ ދެލޯ މަރައި ދެބުމަ ކައިރިކޮށްގެނެވެ.
“އަހަރުމެންގެ ރާޔާތަ؟” ވަޙީދަށް ފޯނުން ނަޒަރު ވަކިކޮށްލަމުން އަހާލެވުނެވެ.
“ލައްބަ…..ރާޔާއަށް ސިނާންގެ ފޯނުން މެސެޖުތައް ފެނުނު ދުވަހު އޭނަ އަހަންނަށް އެ އެއްޗެހި ފޮނުވައިފި. ރާޔާ ބޭނުމެއްނުވި އަހަރެންގެ ހިތުގައި މިސްބާޙާއިމެދު ޝައްކުތަކެއްވާކަށް. އެއީ….އެހެންވީމަ.” އަފްރީން އިތުރު ސަބަބެއް ބުނަން އުޅެފައިވެސް އޮޅުވާލިއެވެ. ރާޔާ އޭނަގެ ހިތުގައި މިސްބާޙާމެދު ޝައްކުތަކެއްވާން ނޭދުނީ ރާޔާ ދެކޭ ގޮތުގައި މިސްބާޙް އޭނަދެކެ ވަނީ ޙަޤީޤީ ލޯތްބެކެވެ. އެ ވާހަކަ އެންމެންގެ ކުރިމަތީގައި ބުނަން އަފްރީން ޖެހިލުންވިއެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން އޭނަ ވާހަކަ އޮޅުވާލިކަން އެތާނގައި ތިބި އެކަކަށްވެސް ނޭނގުނެވެ. އެހެނަސް ބޭރުގައި ހުރި މިސްބާޙް ހުރީ، ރާޔާ އެހެން ހަދަންވީ އަސްލު ސަބަބު އެނގެން ބޭނުންވެފައެވެ. އެހެނަސް އޭނަ އެކަމަށްޓަކައި ފިޔަވަޅެއް ނޭޅިއެވެ.
ވަޙީދު ފޯނުގައި ހުރި މެސެޖުތައް ކިޔާފައި ފުން ނޭވައެއް ދޫކޮށްލަމުން ކޮޅަށް ތެދުވިއެވެ. އެއަށްފަހު އޭނަގެ އަތުގައި އޮތް ފޯނު އަފްރީންގެ އަތަށް ދިއްކޮށްލިއެވެ.
“އެންމެ ރަނގަޅު. އެހެންވިއްޔާ އަހަރެން އަހަރެންގެ ދަރިފުޅު ސިނާންގެ ފަރާތުން އަފްރީނަށް ވަރަށް ބޮޑަށް މަޢާފަށް އެދެން. ހިތަށް އަރަނީ ރާޔާ އަހަރެން ކައިރީގަ ތި ވާހަކަ ނުބުނީ ކީއްވެބާއޭ. ބުނެފިއްޔާ ސިނާން އޭނައަށް އަދަބުދީފާނެތީ ކަންނޭނގެ. ކޮންމެ ގޮތެއްވިޔަސް އަހަރެން ސިނާނަށް ޙައްޤު އަދަބުދޭނަން. އެކަމުގެ ޔަޤީންކަން އަފްރީނަށް މިދެނީ. އަހަރެން ބޭބެގެ ފަރާތުން ޔޫނުސްމެނަށް ވެސް ކުރިމަތިވިހާ ދަތިތަކަށް މަޢާފަށް އެދެން. ބޭބެއަށް ދެން މިހާރު ޖެހިފައިވާ ޙާލަށްވުރެ ބޮޑު އަދަބެއް ނުލިބޭނެ ކަންނޭނގެ. މުޅި ޢުމުރު ދުވަހު އެއަށްޓަކައި މަސައްކަތް ކުރި އިންތިޚާބުގައިވެސް މިހާ ކައިރިވެފައި އޮތްވާ ބައިވެރިނުވެވޭގޮތް އެވީ. އެހެން އިންނައިރުވެސް ވަރަށް ރުޅި އައިއްސަ އަބަދުވެސް ހުންނަނީ. އެނގޭ މޫނުމަތިން.” ވަޙީދު ކިޔައިދިނެވެ.
“އެއީ މައްސަލައެއްނޫން ބޭބޭ. ބޭބެ އަހަރުމެންނަށް މަޢާފަށް އެދޭކަށް ވެސް ނުޖެހޭ. އަމީން އަހަރުމެންނަށް މައްސަލަތައް ކުރިމަތި ކުރުވިއްޔާ އެ މައްސަލަތައް ޙައްލުކުރީ އޭނަގެ ދަރިފުޅު. މިސްބާޙް. މިސްބާޙާއި ހެދި އަމީނަށް ނަފްރަތުކުރަން ނޭނގިފަ އަހަރުމެން މިތިބެނީ. އަމީނަށްޓަކައި ދުޢާވެސް ކުރެވޭ މިސްބާޙަށް އެކަމުން އުފަލެއް ލިބޭނެކަމަށް އުއްމީދުކޮށް.” ޔޫނުސް ހިނިތުންވުމަކާއެކީ ދެއްކި ވާހަކަ އިވިފައި މިސްބާޙަށް ވެސް ހިނިތުންވެލެވުނެވެ.
“ހަމަ އަސްލުވެސް. މިސްބާޙް އެ ހުރިހާ އަނިޔާތަކަކަށްފަހުވެސް އޭނަގެ ބައްޕަދެކެ ލޯބިވޭ. އޭނަ އައިއްސަ އެބަހުއްޓޭ. މިގެއަށް ނުވަދެ ބޭރުގަ އެބަހުރި. ނޭނގެ ކީއްވެކަމެއްވެސް. މިސްބާޙް!” ވަޙީދު ގޭގެ ހުޅުވާލެވިފައިވާ ދޮރަށް ނަޒަރު ހުއްޓާލަމުން ބާރަށް ގޮވާލިއެވެ. އެއާއެކު އަފްރީނާއި މިސްބާޙްގެ ހިތުގެ ތެޅުން ވެސް އަވަސްވިއެވެ. އަފްރީން މިސްބާޙް ދެކެން ކެތްމަދުވީ ވަގުތު އެތެރެއަށް ދާން ބޭނުންވިވަރުން އޭނަގެ ދެފައިގައި ރިއްސާލިއެވެ. އެހެނަސް އޭނަ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ހުރިތާ ހުރެ ވާހަކަ ދެއްކިއެވެ.
“ވަޙީދުބޭ އަވަހަށް އާދޭ. މިހާރު ޗެކް އިން ކުރާ ގަޑިޖެހެނީ.” މިސްބާޙް ދޮރުމައްޗަށް އެރުމެއްނެތި ގޮވާލިއެވެ. އެއާއެކު ވަޙީދުވެސް އަތުކުރީގައި އޮތް ގަޑިއަށް ބަލައި އެއީ ވެސް ތެދެކޭ ބުނެ ދަނީއޭ ބުނެލިއެވެ. އެއަށްފަހު އެގެއިން ނިކުންނަން ދިޔައެވެ. މިސްބާޙްގެ ސައިކަލު ދުއްވާލި އަޑަށް އަފްރީންގެ ހިތް ގެނބުނެވެ. އޭނައަށް ދެން ދުވަހަކުވެސް މިސްބާޙް ނުފެންނާނީތޯ ހިތަށްއެރިއެވެ. ސައިކަލު ދުއްވަމުން ދިޔަ މިސްބާޙްގެ ހިތަށް ވެސް ވެރިވީ އެފަދަ ސުވާލެކެވެ. އެހެނަސް ތަޤުދީރުގައި އެމީހުން އަދި ބައްދަލުވާން އޮތިއްޔާ ބައްދަލުވާނެ ކަމުގައ ދެމީހުންގެ ވެސް ހިތް ބުންޏެވެ.
***8 އަހަރު ފަސް***
“އަފޫ ދޮންތީ ތަންކޮޅެއް މަޑުން ދުއްވިދާނެތަ؟” ޖީޕްގެ ކުރީ ސީޓުގައި އިން 4 އަހަރުގެ އަޔާނާ ސީޓުގެ ދެފަރާތުގައި ދެއަތުން ބާރަށް ހިފަހައްޓައިގެންނެވެ. ޑްރައިވާރސް ސީޓުގައި އަޅި ކުލައިގެ ބޮޑު ޝޯލްއަކާއި ކަޅުކުލައިގެ ޖިލްބާބެއް ލައިގެން އިން އަފްރީނަށް ހީލެވުނެވެ. އޭނަ ދުއްވަމުން ދިޔައީ އެހާ ބާރަކަށް ނޫނަސް ކުއްލިއަކަށް އެކި ފަރާތް ފަރާތަށް އަނބުރަމުން ދިޔަ ގޮތުން އަޔާނާ ބިރުގަންނަމުން ދިޔައެވެ. މިއީ އަފްރީންގެ އާދައެވެ. އޭނައަށް ބޮޑުދައިތަ ކިޔާ ހަމައެކަނި ކުއްޖާ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ދުއްވަން ގެންގޮސް މިފަދަ ސަމާސާތައް ކުރުމެވެ. އަފްރީން އެންމެ ފަހުން ޖިޕް ދުއްވާފައި ގޮސް މަޑުކޮށްލީ ޔޫނުސްމެންގެ ގެ ކުރިމައްޗަށެވެ. އެގޭގެ ވަށައިގެން ހުރި ތިރި ފާރުވެސް ޒަމާނީ ފެންވަރަށް ހަދާފައި ހުރި ގޮތުން ހައިބަތު ހުރިކަމަށް ދައްކައެވެ. އަފްރީން ޖިޕުން ފައިބައިގެން ގޮސް އަޔާނާ ހުރި ސީޓުގެ ދޮރު ހުޅުވައި އޭނަ އުރާލަން އުޅުމުން އަޔާނާ ދެކޮޅު ހެދިއެވެ. އަޔާނާ ރުޅި މޫނަކާއެކީ ދެއަތް އުރާލިތަން ފެނިފައި އަފްރީން ދެރަވާކަމަށް ހެދެމުން ސޮރީއޭ ބުނެލިއެވެ. އަޔާނާ އަފްރީނަށް ބަލާލަމުން ބުނީ މަޢާފު ކުރާނީ އައިސްކްރީމެއް ދިނުމުން ކަމަށެވެ. އަފްރީން އެއްބަސްވުމުން އަޔާނާ ހެވިފައި ހުރެ އަފްރީންގެ ގާތަށް ދިޔައެވެ. އަފްރީން ގެއަށް ގޮސް ސަލާމް ގޮވާލުމުން ނަސްރާ ދޮރުގެ ތަޅު ހުޅުވާލިއެވެ. އެއާއެކު އަފްރީން ގެއަށް ވަދެގެން ދިޔައެވެ. އަޔާނާ ފެނުމާއެކު ނަސްރާ އަޔާނާއާއި ވާހަކަ ދައްކަން ފެށިއެވެ. އިރުކޮޅެއްފަހުން ޔޫނުސް ވެސް އައުމުން އަޔާނާ ޔޫނުސްގެ ގާތަށް ދުވެފައި ގޮސް އޭނަ އުރާލަން އެދުނެވެ. ޔޫނުސް އުފަލާއެކީ އޭނަގެ ލޯބިވާ ދަރިފުޅު އުރާލައިގެން ކޮޓަރިއަށް ދިޔައެވެ. ޔޫނުސް ލޯމައްޗަށް ގެއްލުނު ވަގުތު ނަސްރާ ވާހަކަ ދެއްކިއެވެ.
“އަފޫއަށް ކަމުދާނެ ފޮތެއް ދޮންތަ އަތުގަ އެބައޮތްހެން ދޮންތައަށް ހީވަނީ.” ނަސްރާ ބުނެލިއެވެ. އަފްރީން ކޮން ފޮތެއްތޯ އަހާލި ވަގުތު ނަސްރާ އެތާ ސިޓިންގް ރޫމުގައި ހުރި މޭޒުމަތީގައި އޮތް ފޮތެއް ނަގައިގެން އައިސް އަފްރީނަށް ދައްކާލިއެވެ. ފޮތުގެ ބޭރުގައި “ޤުރުއާން އެންޑް ސައިންސް”އޭ ލިޔެވިފައި އޮތްތަން ފެނިފައި އަފްރީނަށް ހިނިތުންވެލެވުނެވެ. އޭނައަކީ މިއަދު މަތީ ސާނަވީ ކުލާސްތަކަށް ސައިންސްގެ މާއްދާތައް ކިޔަވައިދޭ ޓީޗަރެކެވެ. އޭނަ އެ ޙައިސިއްޔަތުން ކިޔަވައިދެނީ ހަމައެކަނި ސައިންސެއްނޫނެވެ. އެ މާއްދާތަކުގެ ތެރޭގައި ފޮރުވިފައިވާ “އާޔަތްތައް”ވެސް އޭނަ ކިޔަވައިދެއެވެ. މިހާ ހިސާބަށް އައިއިރު އޭނައަށް ކިޔަވައިދެވޭ ގޮތާއިމެދު އެހެނިހެން މުދައްރިސުންނާއި ބެލެނިވެރިން ވެސް ފާހަގަކުރަމުންދެއެވެ.
“ޖަޒާކަ ﷲ ޚައިރަން ދޮންތާ. ހަމަ އަސްލުވެސް ވަރަށް ކަމުދޭ…….ބައި ދަ ވޭ ދޮންތާ. އަހަރެން އާ ހެދުމެއް ބޭނުން. އަންނަ ހަފްތާގަ އިވެންޓެއް އެބައޮތް ސްކޫލްގަ. އައިޝާ ދައްތަ ފުރައިގެން ގޮއްސި. ދެން ކާކު ލައްވާ އަހަރެންގެ ހެދުން ފަހާނީ؟” އަފްރީން އަހާލިއެވެ.
“ޒާހިޔައްތަ އެބަހުރި އައިއްސަ. ޒާހިޔައްތަ މިހާރު ހެދުން ފަހާ.” ނަސްރާ ހެވިފައި ހުރެ ބުންޏެވެ.
“ކޮން ޒާހިޔައްތައެއް؟” އަފްރީނަށް އަހާލެވުނެވެ.
“އަފްރީންގެ މައިދައިތަ.” ނަސްރާ ނުހޭން މަސައްކަތް ކުރަމުން ބުނެލިއެވެ. އެ ބުނެވުނު އެއްޗެއް ނަގައިގަނެވުމުން އަފްރީންގެ މޫނު ރަތްވިއެވެ. އޭނަ ލަދުގަތެއްކަމަކު ރުޅިވެސް އައެވެ. މި ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި އޭނަގެ ޢާއިލާއާއި މިސްބާޙްގެ ޢާއިލާއާއި ދެމެދުގައި އޮތް ގުޅުންވަނީ ބަދަހިވެފައެވެ. އެކަން ފެށުނީ ޔޫނުސް މިސްބާޙަށް އާދަކޮށް ގުޅަން ފެށި ހިސާބުންނެވެ. އޭނައަށްފަހު ޝަރީފްވެސް ގުޅަން ފެށިއެވެ. މާ ގިނަ ދުވަހެއްނުވެ ދެޢާއިލާގެ އެންމެންވެސް އެކަކު އަނެކަކާ އެކުވެރިވިއެވެ. މިސްބާޙާއި އަފްރީން ފިޔަވައެވެ. އެ ދެމީހުންނަށް ވެސް ދެމީހުންގެ ވާހަކަތައް ޢާއިލާ މެދުވެރިކޮށް ލިބިފައިވެއެވެ. މިސްބާޙަކީ މިހާރު 3 ފިހާރައެއްގެ ވެރިއެއްކަން އަފްރީނަށް އެނގެނީ ޓީވީއިން ފެންނަ އިންޓަވިއުތަކަށްވުރެ ޝަރީފް މިސްބާޙަށް ކުރާ ތަޢުރީފުތަކަކުންނެވެ. މިސްބާޙްގެ ވާހަކަތައް ދައްކާ އަޑު އިވިފައި އަފްރީން ކިތަންމެ ބޭނުމެއްނުވިޔަސް އޭނަގެ މޫނު ރަތްވެއެވެ. އެކަން ޢާއިލާގެ އެންމެނަށް ފާހަގަވާކަން އޭނައަށް އެނގެއެވެ. އެހެނަސް އޭނަ ނުރުހުންވަނީ ފަހަކަށް އައިސް ދޮންތަމެން މާ ބޮޑަށް އޭނައާއި މިސްބާޙް އަޅުވައިކިޔާތީވެއެވެ. އެގޮތަށް ކަންތައް ކުރުމުން އޭނައަށް ނުލިބޭނެ މީހެއްގެ ހުވަފެންތައް ދެކެދެކެ ހުންނަން ޖެހިދާނެތީ އަފްރީން ޖެހިލުންވެއެވެ. އޭނައަށް ނޭނގުނު ކަމަކީ ދެ ޢާއިލާއިން ވެސް އޭނައާއި މިސްބާޙަށް ސިއްރުން އެދެމީހުންގެ ކައިވެނި ހަމަޖެއްސިކަމެވެ.
އިރު އޮއްސެމުން ދިޔަ ވަގުތު މާލޭގެ މަގަކުން ދުއްވާފައި ދިޔަ ކަޅުކުލައިގެ ކާރު މަޑުކޮށްލީ 10 ބުރީގެ ފިހާރައެއްގެ ކުރިމައްޗަށެވެ. އެ ކާރުން ފޭބީ މިސްބާޙެވެ. މިސްބާޙް ކާރުން ފޭބުމަށްފަހު އޭނަގެ ބޮޑު ފިހާރައަށް ނަޒަރު ހިންގާލިއެވެ. އެންމެ މައްޗަށް ބެލުމުން ނޫނީ ފުރިހަމައަށް ނުފެނޭ އެ ފިހާރަ ފެނިފައި އޭނަގެ ސިކުނޑީގައި ގުގުމަމުން ދިޔައީ އެކިއެކި ޚަބަރުތަކުންނާއި ޝޯތަކުން ދައްކާ ވާހަކައެވެ. އޭނައަކީ ވަރަށް މޮޅު ވިޔަފާރިވެރިއެއްކަމަށް ބުނެ ދައްކާ ވާހަކަތަކެވެ. އެހެނަސް މިސްބާޙް އެ ވާހަކަތަކަށް ހެއްލޭކަށް ބޭނުމެއްނުވެއެވެ. އޭނައަށް ލިބިފައިވާ މުއްސަނދި ކަމެއް ލިބިފައިވަނީ އޭނަގެ ސަބަބުންނެއްނޫންކަން މިސްބާޙަށް އެނގެއެވެ. އޭނައަށް ލިބިފައިވާ ކާމިޔާބީއެއް ލިބިފައިވަނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންކަން މިސްބާޙް ހަނދާންކުރެއެވެ. މީގެ އަހަރުތަކެއް ކުރިން އޭނަ ހުރީ ސްކޫލުން ކެނޑިގެން ދާނެ ދިމާލެއް ނޭނގިފައެވެ. ބައްޕަ ބަލިވުމުގެ ސަބަބުން އޭނަ ވަޙީދުބެއަށް ބަރޯސާވާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނަ އަމިއްލައަށް ވަޒީފާއަށް ދާން ނިންމިއެވެ. އޭނަ އަނބުރާ ދިޔައީ ކުރީގައި އޭނަ މަސައްކަތް ކުރި ރިސޯޓަށެވެ. އޭނަގެ ހުނަރުވެރިކަމާއި ތެދުވެރިކަމުން އޭނަގެ މަޤާމް ދުވަހުން ދުވަހަށް މަތިވަމުން ދިޔައެވެ. އެ ވަޒީފާއިން ލިބުނު ފައިސާއިން އޭނަ ވަޙީދުގެ ޚިޔާލާއި އެއްގޮތަށް ފިހާރައެއް ހުޅުވިއެވެ. އެ ފިހާރައިން ލިބުނު ފައިދާއިން އެހެން ދެ ފިހާރަ ހުޅުވިއެވެ. މިއަދުވެސް އޭނަ ދަނީ އާ ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. އޭނަ އެކަމަށްޓަކައި ޙަމްދުކުރަނީ ހަމައެކަނި ﷲ އަށެވެ. މިފަހަރުވެސް ޙަމްދު ކޮށްލަމުން މިސްބާޙް ފިހާރައަށް ގޮސް ވަނެވެ. ދޮރުގެ ކައުންޓަރު ދޮށުގައި އިނީ ނޫކުލައިގެ އެޕްރޯނެއް އަޅައިގެން އިން ސިނާނެވެ.
“ކޮބާ ކިހިނެއްތަ ސޭލްސް؟” މިސްބާޙް ގޮސް ކައުންޓަރުމަތީގައި އަތް ބާއްވަމުން ސުވާލުކުރިއެވެ. އެވަގުތު ފިހާރައިގެ އެންމެން ފިހާރަ ބަންދުކުރަން ތައްޔާރުވަމުން ދިޔައެވެ.
“ހަމަ ބަރާބަރު. މިއަދު އަހަރެންގެ ލާސްޓް ޑޭ.” ސިނާން ހިނިތުންވުމަކާއެކީ އެހެން ބުނެލަމުން ކޮޅަށް ތެދުވެލިއެވެ.
“ވޮހް! މިއަދު ފަސްޓް އޮކްޓޯބާރދޯ؟ ކޮންގްރޭޖުލޭޝަންސް!” މިސްބާޙް ފޯރިއާއެކީ ބުނެލިއެވެ. އެވަގުތު ސިނާން ހެމުން ހެމުން އޭނަގެ އެޕްރޯން ނަގާލިއެވެ. ވަޙީދު އޭނައަށް ދިން “ދިގުދެމިގެންދާ” އަދަބު ނިމިގެން ދިޔައީ މިއަދެވެ. ވަޙީދު އޭނައަށް އަމުރު ކުރީ ސްކޫލްގައި އުޅެމުން ވިޔަސް ވަޒީފާއަކަށް ދަމުން ވިޔަސް 7 އަހަރު ވަންދެން ފިހާރައެއްގެ ސޭޓަކަށް ހުރުމަށެވެ. އެކަން ކުރަން ފެށިއިރު ސިނާން ވަޙީދުގެ ފިހާރައިގެ ކައުންޓަރު ދޮށުގައި އިނީ ފުސް މޫނު ހަދައިގެންނެވެ. އެއަށްވުރެ ވެސް ބޮޑަށް ރުޅި އައީ ފަހުން މިސްބާޙްގެ ފިހާރައެއްގައި ހުންނަން ޖެހުމުންނެވެ. އެހެނަސް ދުވަސްތައް ފާއިތުވަމުން ގޮސް އޭނަ އެ ވަޒީފާއަށް މުޅިން ހޭނިއްޖެއެވެ. ފަހުންފަހުން އައިސް އޭނަ މިސްބާޙަށް ވެސް ރުޅިއެއްނުވެއެވެ. އުމުރުން ދުވަސްވުމުން ރުޅިވުމަކީ ޅަ ކުދިންގެ ކަމެއްހެން އޭނައަށް ހީވާން ފެށީތީވެއެވެ.
“ފައިނަލީ ތި ލަދުން ތި ސަލާމަތްވީ!” މިސްބާޙް އެހެން ބުނެލީ ސިނާނަށް އިޙްޞާސްވާނީ އެގޮތަށް ކަމަށް ހީކޮށެވެ. ސިނާން އޭނަގެ ކައިރިއަށް އައިސް ހުއްޓިލިއެވެ.
“ކޮން ލަދެއްތަ ދެން؟ އެއްވެސް ވަޒީފާއަކީ ދަށް ވަޒީފާއެއްނޫނެއްނު؟ ޓު ބީ އޮނެސްޓް އަހަރެން ރިސޯޓުގަ ހުންނަ ވަޒީފާއާ މި ވަޒީފާއާ މާ ބޮޑު ތަފާތެއް އޮތްހެނެއް އިޙްޞާޞެއް ނުކުރެވޭ. މުއްސަނދިވާން ހުވަފެންތައް ދެކޭއިރު އަހަރުމެން ހަނދާން ނައްތާލަނީ މި ކުދި ވަޒީފާތައް އަދާކުރާނެ މީހަކު ނެތިއްޔާ މުއްސަނދިންނަށް ވެސް ނުއުޅެވޭނެކަން.” ސިނާން ބުންޏެވެ. މިސްބާޙް ހިނިތުންވުމަކާއެކީ އެއްފަހަރު ބޯޖަހާލިއެވެ.
“ހަމަ ރަނގަޅަށް ތިބުނީ. ހާދަ ވިސްނުންތެރި ކުއްޖަކަށްވެއްޖެއްޔޭ ކަލޯ. ހީވަނީ ހަމަ ބޮޑު މީހެއްހެން.” މިސްބާޙް ސިނާންގެ ކޮނޑުގައި ލުއި ގޮތަކަށް ޖަހާލަމުން ބުނެލިއެވެ.
“25 އަހަރުވީމަ ވެސް ބޮޑު ނުވަނީތަ؟ މިސްބާއެއްނޫންތަ ތި މުސްކުޅިވަނީ؟ ދެންވެސް މެރީކުރަން އުޅެބަލަ ބޮލުގަ ނުރަ ނުފަޅަނީސް.” ސިނާން ބުންޏެވެ.
“ތިކަމާ ވިސްނަންވީ.” މިސްބާޙް ފަޓުލޫނުގެ ޖީބަށް ދެއަތް ޖަހާލަމުން ބުނެލިއެވެ.
“އަހަންނަށް ހީވަނީ ޒާހިޔައްތަ މިސްބާޙް އެކޮޅަށް ގެންނަން އުޅެނީ މެރީ ކުރުވަންހެން.” ސިނާން ހިނިތުންވުމަކާއެކީ އޭނައަށް އެނގޭ ވާހަކައެއް ހީއެއްގެ ގޮތުގައި ކިޔައިދިނެވެ. މިސްބާޙް ދެލޯ ހަނިކޮށްލަމުން ސިނާންގެ ކޮނޑަށް އަތް ވައްޓާލަމުން ނަމާދަށް ހިނގާށޭ ބުނެލިއެވެ.
އޭގެ ދެދުވަހެއްހާ ދުވަސްފަހުން މިސްބާޙް ބައްޕައާއެކީ އެކޮޅަށް ދިޔުމާއެކު އޭނައާއި އަފްރީންގެ ކައިވެނީގެ ވާހަކަ އިވުމުން މިސްބާޙަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަފްރީންގެ ވާހަކަތައް އިވިފައި ދުރަށްދަނީ ކީއްވެކަން އެނގޭކަމަށް ޒާހިޔާ ބުނުމުން މިސްބާޙަށް މަންމަގެ ގައިގައި ބައްދާލެވުނެވެ. އަމީން ވެސް ހުރީ މި ކައިވެންޏަށް ރުހިގެންނެވެ. ފަހުން އައިސް އަމީނާއި ޝަރީފްމެންގެ ދެމެދުގައި ވެސް އެއްވެސް ހަމަނުޖެހުމެއް ނޯވެއެވެ. މިސްބާޙްގެ ބުރަ މަސައްކަތުން އަމީންވަނީ އޭނަ ވާގި ނެތުނުތާ މަދު ދުވަސްތަކެއްފަހުން ދީނަށް ޝައުޤުވެރިކަން ބަހައްޓާ މީހަކަށްވެފައެވެ. މިސްބާޙް އޭނައަށް ޤުރުއާނުގެ އާޔަތްތައް ކިޔައިދެމުން ދިޔަވަރަކަށް އޭނަ ތައުބާވާން ބޭނުންވަމުން ދިޔައެވެ. ބަލިވިތާ އަހަރެއްހާ ދުވަސްފަހުން އޭނަ މިސްބާޙްގާތު އެތައް ވަރަކުން ސިފަކޮށްދީގެން އޭނަ ނަމާދު ކުރުވުމަށް އެންގިއެވެ. މިސްބާޙަށް އަމީން ބުނި އެއްޗެއްގެ މާނަ އެނގުނު ވަގުތު އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. އަމީން ނަމާދުކޮށް ޤުރުއާން ކިޔަވަން ފެށި ފަހުން އޭނަ ގެއްލުން ދީފައިވާ އެންމެނަށް މިސްބާޙް މެދުވެރިކޮށް މަޢާފަށް އެދުނެވެ. އޭގެ ފަހުން އަމީން އަބަދުހެން ފެންނަނީ އޭނަގެ ބައި ހިނިތުންވުމުގައި ހުންނަތަނެވެ. ޙަޤީޤީ އުފާވެރިކަން ލިބެނީ ދުނިޔޭގެ ތަނަވަސްކަމުންނެއް ނޫންކަން އޭނައަށް އެނގުންވިފަދައެވެ.
މިސްބާޙާއި އަފްރީންގެ ކައިވެނި ކުރެވިގެން ދިޔައީ އެދެމެދުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވިއެވެ. ޚިތުބާގައި އަފްރީން ޖިލްބާބް ލައިގެން އިންތަން ފެނިފައި މިސްބާޙް އަފްރީން ދެކެ އިތުރަށް ލޯބިވިއެވެ. މިސްބާޙް ކުޑަކުދިންނަށްޓަކައި ޤުރުއާން ކުލާހެއް ހުޅުވަން އުޅޭ ވާހަކަ ޒާހިޔާ ބުނުމުން އަފްރިނަށް މިސްބާޙް އިތުރަށް ކަމުދިޔައެވެ. ދެމީހުންނަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުމުން އެ ދެމީހުންނަށް ވެސް އެކައްޗެކޭ ވެސް ބުނާކަށް ނުކެރުނެވެ. ވާހަކަ ފަށަންވީ ހިސާބެއް ނުވެސް އެނގުނީއެވެ.
ސިއްރުން އެކަކު އަނެކެއްދެކެ ލޯބިވަމުން ދިޔަ ދެހިތެއް ގުޅިގެން ދިޔައީ ހަނދުވަރީ ރެއެއްގައި މިސްބާޙްގެ ގޭގައެވެ. ޕާޓީވެސް ބޭއްވިގެން ދިޔައީ އެ ގޭގައެވެ. ނަސްރާމެންގެ ޕާޓީ ފަދައިން އަންހެނުން ގޭގެ ތެރޭގައި ތިބިއިރު ފިރިހެނުން ތިބީ ގޭގެ ފެންޑާ ތެރޭގައެވެ. މިސްބާޙަށާއި އަފްރީނަށް މަރުޙަބާ ކިޔުމަށްޓަކައި ނަވާޒްވެސް ރިސޯޓުގެ މަސައްކަތް ދޫކޮށް އެ ޕާޓީއަށް ގޮސްފައި ހުއްޓެވެ. މީގެ އަށް އަހަރު ކުރިން ބޭއްވުނު އިންތިޚާބުން އޭނަ ހޮވޭގޮތެއްނުވިއެވެ. އެހެނަސް އޭނަ އެކަމާ ހިތާމައެއް ނުކުރެއެވެ. އޭނަ ދެން ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަންނާކަށް ވެސް ބޭނުމެއް ނުވީއެވެ. އޭނަ އެކަމުގެ ތެރެއަށްވަނީ ޤައުމަށް ޚިދުމަތްކުރުމުގެ ނިޔަތުގައި ކަމަށްނުވާތީވެއެވެ. އެކަމަށް އޭނަ ޤާބިލުހެން ވެސް އޭނައަށް ހީނުވީތީވެއެވެ.
ދަންވަމުން ގޮސް ހުރިހާ މެހުމާނުން ހުސްވުމުން ޢާއިލާގެ އެންމެން އެކީގައި ކެއުމަށްޓަކައި ސުފުރާ ދޮށަށް ދިޔައެވެ. މިސްބާޙް އެންމެނަށް ބަހަނާއެއް ދައްކާލަމުން އަފްރީން ގޮވައިގެން އަތިރިމައްޗަށް ދިޔައެވެ. މިސްބާޙާއި ޖެހޭ ނުޖެހޭ ހިސާބުގައި ހުރެ ހިނގަމުން ދިޔައިރު އަފްރީންގެ ހިތް އަވަސްވެފައިވިއެވެ. އަތިރިމައްޗަށް ފޭބި ވަގުތު މިސްބާޙް އޭނަގެ އަތުގައި ބާރަށް ހިފަހައްޓާލި ގޮތުން އޭނަގެ ހިތް ހިނދުކޮޅަކަށް ހުއްޓުނުހެން ވެސް ހީވިއެވެ. ނޭވާ ކުރުވަމުން ދިޔަ އަފްރީނަށް ނޭނގުނު ކަމަކީ މިސްބާޙްގެ ހިތުގައި ވެސް އެފަދަ އިޙްޞާސްތައް ދައުރުވަމުން ދާ ކަމެވެ. މިސްބާޙް އޭނަ ގޮވައިގެން ގޮސް ރާޅު ނުފޯރާ ހިސާބުގައި އިށީނެވެ. އެއަށްފަހު ދެމީހުންނަށް ވެސް އުޑުގައި ހުރި ފުރިހަމަ ހަނދަށް ބަލަން ހިމޭންކަމުގެ ވަގުތުކޮޅަކަށް ތިބެވުނެވެ.
“ސުވާލެއްކޮށްލަންތަ އަފްރީން؟” މިސްބާޙް އަފްރީނަށް ބަލާލުމެއްނެތި އަހާލިއެވެ. އަފްރީނަށް ހޫންލައްވާލުން ނޫންކަމެއް ނުކުރެވުނެވެ.
“އަފްރީން އަހަރެން ކަމުގޮސްގެންތަ އަހަންނާ އިނީ؟” މިސްބާޙް ދެންވެސް ހަނދަށް ނަޒަރު ހުއްޓައިގެން އިނދެ ސުވާލުކުރިއެވެ. އަފްރީން ވަގުތުން ޖަޒުބާތުން ފުރިގެންވި ޖަވާބެއްދޭން ބޭނުންވިއެވެ. އެހެނަސް ސަމާސާއެއްކުރަން ޚިޔާލުކުރެވުނު ވަގުތު އޭނަގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
“ނޫން. ޢާއިލާގެ މީހުން ބުނީމަ ދެން ޖެހޭނީ އަޑުއަހާފަ ކިޔަމަންވާންތާ. މިހާރު މާ ލަސްވެސްވެއްޖް.” އަފްރީނަށް ހެވެން އުޅުނީތީ އޭނަގެ ވާހަކަ ފުރހަމައެއްވެސް ނުވިއެވެ. އެކަން ފާހަގަވެ މިސްބާޙަށް އަފްރީނާއި ދިމާލަށް ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީ ވަގުތު ދެމީހުންނަށް ލަދުރަކި ގޮތަކަށް ހީލެވުނެވެ. އެއަށްފަހު އެދެމީހުންގެ ދެމެދަށް އަނެއްކާވެސް ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަމުގެ ތެރެއިން އަފްރީނަށް އެއްލިކަޅިއަކުން އެއްފަރާތެއްގައި ހުރި ކުޑަކުއްޖެއްގެ ފިޔަވަޅުތައް ފެނިފައި މިއަދު އޭނަ ކިޔެވި އެއްޗެއްގެ މަތިން ހަނދާންވިއެވެ. އޭނައާއި މިސްބާޙްގެ ދެމެދުގައި ވާހަކަ ފެށުމަށްޓަކައި އެވާހަކަ ރަނގަޅުވާނެކަމަށް އަފްރީނަށް ނިންމުނެވެ.
“މިސްބާޙަށް އެނގޭތަ؟ ﷲ ނަހީކުރެއްވި ކަމަކުން ދުރުވެގަތުމަކީ ހިޖުރައެއް.” އަފްރީން ކުއްލިއަކަށް ދެއްކި ވާހަކައިން މިސްބާޙަށް އޭނައާއި ދިމާލަށް ބަލާލެވުނެވެ.
“އަސްލުވެސްތަ؟ އަހަރެން ހީކުރީ ހިޖުރަ ކުރުމަކީ އެއްތަނުން އަނެއްތަނަށް ދިޔުންކަމަށް.” މިސްބާޙް ބުންޏެވެ.
“އެއީ ވެސް ހިޖުރައެއް. އެކަމަކު އަހަރުމެން ﷲ އާއި ގާތްވުމަށްޓަކައި ނުބައި ކަމެއްދޫކޮށް ހެޔޮ ކަމެއް ކުރަން ނިންމުމަކީ ވެސް ހިޖުރައެއް. އަހަރެން ހަމަ އަހަރެންގެ ދިރިއުޅުމާމެދު ވިސްނާލުމުން ހަމަ ހިތަށް އަރަނީ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގަ ހިޖުރައެކޭ ކުރެވުނީ. ފުރަތަމަ ކަމަކަށް އަހަރެން ފިރިހެން ކުދިންނާއި ރައްޓެހިވުން ދޫކޮށްލީ، ދެން ފިލްމު ބެލުމާއި ލަވަ އަޑުއެހުން ދޫކޮށް ހެޔޮ އެއްޗެހި ދަސްކުރަން ފެށީ، ދެން އަހަރެން ގޯސް އެކުވެރިން ދޫކޮށް ރަނގަޅު އެކުވެރިން ޚިޔާރުކުރީ، ދެން އަހަރެން ގޯސް ސްޕީޗްތައް ކިޔުމުގެ ބަދަލުގަ ހެޔޮ ވާހަކަތައް ލިޔެވިފައިވާ ސްޕީޗްތައް ކިޔަން ފެށީ. ދެން………” އަފްރީންގެ ވާހަކަ މެދުކެނޑުނެވެ.
“އެހާ ހިސާބުން އަހަރެންގެ ހިޖުރަ ފެށުނީ.” މިސްބާޙް ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“އެހެންތަ؟” އަފްރީން ހެވިފައި އިނދެ ސުވާލުކުރިއެވެ.
“ހޫމް…..އަފްރީންގެ ސްޕީޗެއް އަޑުއަހާފަ އަހަރެން ވެސް އަހަރެންގެ ދެވިހިފުންތަކާ ދުރުވެ ޤުރުއާނާއި ބެހޭ ގޮތުން ދަސްކުރަން ފެށީ، އަންހެން ކުދިންނާއި ދުރުދުރުން އުޅެން ފެށީ، މަންމަމެންނާއި ހުތުރުކޮށް ވާހަކަ ދެއްކުމުގެ ބަދަލުގަ ރީތިކޮށް ވާހަކަ ދައްކަން ފެށީ، ބައްޕައާއި ދިމާލަށް ހަޅޭއްލެވުމުގެ ބަދަލުގަ ލޯބިދޭން ފެށީ.” މިސްބާޙް ކިޔައިދިނެވެ.
“މާޝާ ﷲ. ހަމަ އަސްލުވެސް ހިޖުރައެއްހެންދޯ ހީވަނީ؟ މީގެއިން ކޮންމެ ބަދަލަކީ ވެސް އެތައް މަސައްކަތަކުން ވެވޭ ބަދަލެއް. އެއްރޭ އެއްދުވާލުން ކުރެވޭ ކަމެއްނޫން. އެއްރޭ އެއްދުވާލުން ހުރިހާ ކަމެއް ބަދަލެއް ނުވެސް ކުރެވޭނެ. ހަމަ ލަސްލަހުން ފިޔަވަޅުތައް އެޅެމުން ދާނީ. ދޮންތަ ކިޔައިދިން ދޮންތައާއި ޔޫންބެގެ ހިޖުރައިގެ ވާހަކަވެސް. ދޮންތަ ބުނީ މެރީ ކުރިފަހުން އިތުރަށް ހިޖުރަ ކުރަން ފަސޭހަވެއްޖެއޭ. އެއީ ދޮންތައާއި ޔޫންބެ އެކަކު އަނެކަކު ގޯސް ޢަމަލުތަކުން ދުރުކުރުމަށް އެކަކު އަނެކަކަށް އެހީވެދޭތީވެކަމަށް ދޮންތަ ބުނީ.” އަފްރީން ބުނެލިއެވެ. މިސްބާޙް ދޮންވެލިގަނޑު މަތީގައި އޮތް އަފްރީންގެ އަތްމަތީގައި އަތް އަޅާލިއެވެ.
“އަހަރެންގެ ހިޖުރަ ފަށައިގަންނަން ވެސް އެހީވެދިނީ އަފޫ. އޭގެ ބަދަލުގަ އަހަރެންވެސް ބޭނުން އަފޫއަށް އެހީވެދޭން. އަފްރީން ބަލިކަށި ވިޔަސް މިއަތަށް ދަމަމުން ވިޔަސް ކުރިއަށް ދެވޭތޯ ބަލާނަން އިން ޝާ ﷲ.” މިސްބާޙް ބުނެލި ވާހަކައިން އަފްރީނަށް ހިނިތުންވެލެވުނެވެ. އޭނައަށް ވެސް އިން ޝާ ﷲ އޭ ބުނެލެވުނެވެ.
އެރޭ އަތިރިމަތީގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު މިސްބާޙާއި އަފްރީން ހިނގައިގަތީ އެމީހުންގެ ފިޔަވަޅުތަކުގެ ނިޝާން އަތިރި މައްޗަށް ދޫކުރަމުންނެވެ. ބީއްސަމުން ދިޔަ ރާޅުތައް އެ ނިޝާންތައް ފޮހެމުން ދިޔައީ އެމީހުންގެ މާޒީގެ ހުރިހާ ހަނދާނެއް ފޮހެ އާ ދިރިއުޅުމެއް ފެށެން އުޅޭ ފަދައަކުންނެވެ.
**ނިމުނީ**