“އޭނައާ؟ ލޯބިން ވާހަކަ ދައްކަންވީ؟ ދުވަހަކުވެސް ނުކުރާނަން ތިކަމެއް. އަހަރެން އޭނަ ކާމިޔާބުވިޔަކަ ނުދޭނަން އެއްވެސް ކަމަކުން.” ޔޫނުސް ދެންވެސް ހަރު އަޑުން އެހެން ބުނެލަމުން ކުއްލިއަކަށް އެނދުން ތެދުވިއެވެ. އަދި ނަސްރާ ބަލަބަލާ ހުއްޓާ ކޮޓަރިން ނިކުމެގެން ދިޔައެވެ.
ޔޫނުސް ސިޓިންގް ރޫމަށް ގޮސް އެތާނގެ މެދުގައި މަޑުކޮށްލަމުން އޭނަގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އެއަށްފަހު ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ.” އެކޮޅުން ޖަވާބު ދިނީ އައި.ސީ.ޔޫގެ ދޮރު ކައިރީގައި ކޮޅަށްހުރި ނާސިފެވެ.
“ނާސިފް…..މިހާރު ނާސިފްމެންގެ ސައިޓަށް ހަމަ އެއްގޮތަކަށް ވެސް ނުވަދެވޭތަ؟” ޔޫނުސް ހިތް އަވަސްވެފައިހުރި ވަރުން ސީދާ މަޢުޟޫއަށް ދިޔައެވެ.
“އާނ ޔޫނުސް.” ނާސިފް ޔޫނުސް ވާހަކަ ދެއްކި ގޮތުން ހިސާބަކަށް ޙައިރާންވެހުރެ ބުނެލިއެވެ.
“އެހެންވިއްޔާ ހިނގާ ދެމީހުންވެގެން އަލުން ސައިޓެއް އުފައްދަން.” ޔޫނުސް ބުނެލިއެވެ. އެ ވާހަކަ އިވިފައި ނާސިފް ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.
“ޔޫނުސް…….އަހަންނަށް ހީވަނީ މިހާ ހިސާބުން އަހަރުމެން ދެން މިކަން ހުއްޓާލަންވީހެން. އިން ފެކްޓް އަހަރެން މި އުޅެނީ ހުއްޓާލަން. އަހަރެން ހުރިހާ ނޫސްވެރިންނަށް ވެސް އަންގައިފިން ދެން އަނބުރާ އައުމުގެ އެއްވެސް ބޭނުމެއްނެތޭ.” ނާސިފްގެ ވާހަކަ ނިމުނުތަނާ ޔޫނުސް ވާހަކަ ދެއްކިއެވެ.
“ވަޓް؟! ނާސިފް ކީއްވެ އެހެން ހެދީ؟ އެ ނުލަފާ މީހުންގެ ކުރިމަތީގަ ނާސިފް ބަލި ޤަބޫލުކުރީތަ؟” ޔޫނުސް ހަރުކަށި ގޮތަކަށް އަހާލިއެވެ.
“ޔޫނުސް އަހަރުމެން ކިތަންމެ ނުރުހުނަސް ގިނައިން ފައިސާ ހުރި ބަޔަކު އެ މީހުންގެ ދަށުގައި ތިބި މީހުންގެ މައްޗަށް އަތްގަދަ ކުރާނެ. ވަރަށް ގިނަ ދުވަސްވަންދެން މަސައްކަތް ކުރެވިއްޖެ އެމީހުންގެ ކުރިމަތީގަ ކޮޅަށް ހުރެވޭތޯ. އެކަމަކު ދެނެއް ނުހުރެވޭނެ. މިއަދު އެނގިއްޖެ އެމީހުންނަށް ކުރެވިދާނެ ކަންތައް.” ނާސިފް އެހެން ބުނެލީ އައި.ސީ.ޔޫގެ ކުޑަ ދޮރުން އޭނަގެ ބައްޕައާއި ދިމާލަށް ދެރަގޮތަކަށް ބަލަން ހުރެއެވެ.
“އެކަމަކު ނާސިފް…..” މިފަހަރު ޔޫނުސްގެ ވާހަކަ ފުރިހަމައެއްނުވިއެވެ.
“ޔޫނުސް އަހަރެން މިއުޅެނީ ބައްޕައާއެކީ މާދަމާ އިންޑިޔާއަށް ފުރަން. އެ މީހުން އެ އިންތިޒާރުކުރާ އިންތިޚާބެއް ނުނިމެނީސް އަހަރުމެން މިކޮޅަށް ދެން ނާންނާނަން.” ނާސިފް ބުނެލިއެވެ.
“އެކަމަކު ނާސިފް އެމީހުން……” ޔޫނުސްގެ ވާހަކަ މިފަހަރުވެސް މެދުކެނޑުނެވެ.
“ބައްޕަ އަދިވެސް ހޭނާރާ ޔޫނުސް!” ނާސިފް އިހުނަށްވުރެ ހަރުއަޑަކުން އެ ވާހަކަ އެންގިއިރު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. ނާސިފްގެ އަޑުގައި ތުރުތުރެއްވިކަން ފާހަގަވުމުން ޔޫނުސްގެ އަނގަ ބަންދުވިއެވެ. ނާސިފް ދެން މިވާހަކަ ދައްކަން ބޭނުމެއްނުވާކަން ޔޫނުސްއަށް ސާފުކޮށް އެނގުންވިއެވެ. ޔޫނުސްއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ނާސިފް ފޯނު ކަނޑާލުމުން އޭނަގެ ހިތަށް އުނދަގޫވިއެވެ. ކަންފަތުން ފޯނު ނަގާލިއިރު އެ މޫނުމަތީގައިވީ ނާއުއްމީދުގެ އަސަރުތަކެކެވެ. އޭނަގެ ހިތަށް ވެރިވެގެން ދިޔައީ މީގެ އިރުކޮޅެއް ކުރިން ނަސްރާ ކޮށްލި ސުވާލެވެ. އޭނަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނަ އެންމެ ކުރިން ވެސް ނިންމައިގެން ހުރީ އަމީންމެނާއި ބަދަލު ހިފުމުގެ ގޮތުން ނާސިފްމެނަށް އެހީވުމަށެވެ. ކަންތައް މިހެން ވެދާނެއެކޭ އޭނަ ހިއެއްނުކުރެއެވެ. ޔޫނުސް ވިސްނުމެއްގެ ތެރެއަށް ގެއްލެމުން ފަސްއެނބުރި ބަލާލި ވަގުތު ފުރަގަހުގައި ދެއަތް އުރައިގެން ނަސްރާ ހުރިތަން ފެނިފައި އޭނަ ކުޑަކޮށް ސިހުންވިއެވެ.
“ނާސިފް ބުނީ ކީކޭ؟” ނަސްރާ ސުވާލު ކުރިއެވެ. ޔޫނުސް ވަކި އެއްޗެކޭ ނުބުނެ އިސްޖަހާލަމުން މޫނު އަނބުރާލިއެވެ. އެއަށްފަހު ސިޓިންގް ރޫމުގައި ހުރި ދިގު ސޯފާގައި ގޮސް އިށީނެވެ. ނަސްރާވެސް އިތުރު އެއްޗެކޭ ނުބުނެ ލަސް ހިނގުމެއްގައި ގޮސް ޔޫނުސްގެ ކައިރީގައި އިށީނެވެ. ހިމޭންކަމުގެ ވަގުތުކޮޅެއް ވަންދެން ދެމީހުން ތިބި ގޮތަށް ތިއްބެވެ. ޔޫނުސް ދެއަތް ޖޯޑުކޮށް ނިތުގައި ޖައްސައިގެން އިނީ ވާހަކަ ދައްކަން ބޭނުން ނުވެފައެވެ. ނަސްރާ އިންތިޒާރު ކުރަމުން ދިޔައީ އޭނަ ވާހަކަ ދައްކާނެ އިރަކަށެވެ. މިނެޓްތަކެއް ހިނގިފަހުން ނަސްރާގެ އެ އިންތިޒާރު ނިމުމަކަށް އައެވެ.
“ނާސިފް ބުނީ ތިމަންނަމެން ނޫސް ހުއްޓާލަނީއޭ.” ޔޫނުސް އިންގޮތަށް އިނދެ މަޑުމައިތިރި އަޑަކުން ބުނެލިއެވެ.
“ޔޫނުސް އުޅުނީ އެމީހުންނާ އެހީވާންދޯ؟” ނަސްރާ އޭނައަށް ހީވިގޮތް އަހާލިއެވެ. ޔޫނުސް ދެންވެސް ދެލޯ މަރައިގެން އިނދެ މަޑުމަޑުން ބޯޖަހާލިއެވެ.
“ދެން ވާނީވެސް އެހެންތާ…..ސައިޓްވެސް ގެއްލުވާލީމަ ނޫސް އަނބުރާ ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ.” ނަސްރާ ބުނެލިއެވެ.
“އެކަމަކު ނޫސް ނެތިއްޔާ އަމީންމެނަށް ފަސޭހައިން އެމީހުންގެ ކުށްތަކުން ރެކެވޭނެ. އަހަރެން ބޭނުމެއްނޫން އެހެންވާތަން ދެކޭކަށް. އަހަރެން ބޭނުން ކޮންމެވެސް އެއްގޮތަކަށް އެމީހުން ހުއްޓުވަން. އެމީހުން އިންތިޚާބު ކާމިޔާބުކޮށްފިއްޔާ ވާނެގޮތާމެދު ނަސްރާ ވިސްނާލަބަލަ.” ޔޫނުސް ނަސްރާއަށް ބަލާލަމުން ކޮންޓްރޯލް ކުރެވިފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ. ނަސްރާ ތިރި ބަލާލަމުން ބޯޖަހާލިއެވެ. އެއަށްފަހު އަނެއްކާވެސް އެ ދެމެދަށް ހިމޭންކަން ވެރިވިއެވެ.
“އެހެންވިއްޔާ ޔޫނުސް ނޫހެއް ނެރެންވީއެއްނު؟” އިރުކޮޅެއްގެ ވިސްނުމަށްފަހު ނަސްރާ ބުނެލިއެވެ.
“ނޫހެކޭ؟ އަހަރެން އަމިއްލައަށް؟” ޔޫނުސް އޭނަގެ މޭގައި އެއްއަތް ޖައްސާލަމުން ބުނެލިއެވެ. ނަސްރާ ހޫންލައްވާލިއެވެ.
“އަހަންނަށް ވެވުނު ވަރަކުން އެހީވެދޭނަން. ގޭގެއަށް ބަހާ ނޫހަކަށް ނުވިޔަސް އޮންލައިން ނޫހެއް އުފެއްދިދާނެއެއްނު؟ އެޗް.އެން ނިއުސް ގޮތަށް؟” ނަސްރާ ޚިޔާލެއްދިނެވެ. ޔޫނުސް އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.
“އޮންލައިން ނޫހެއް އުފެއްދުމަކީ ހަމައެކަނި ސައިޓެއް ހަދާލުމެއް ނޫނޭ ނަސްރާ. އަހަންނަށް އެކަނި ކިހިނެއް ހުރިހާ ޚަބަރެއް އެއްކުރެވޭނީ؟” ޔޫނުސް ބުނެލިއެވެ.
“އެކަނި ހަދާށެކޭ އަހަރެން ނުބުނަމޭ.” ނަސްރާ ބުންޏެވެ.
“ދެން؟ ކޮން ތަނަކުން އަހަރެން އެހާ ގިނަ ނޫސްވެރިން ހޯދަނީ؟” ޔޫނުސް ލުއި ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ. ނަސްރާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިންގޮތުން އޭނަ އިނީ ފުން ވިސްނުމެއްގައިކަން އެނގެއެވެ.
“ޔޫނުސްގެ ލައިކް ޕޭޖެއް އޮވޭތަ؟” ނަސްރާ ކުއްލިއަކަށް ޔޫނުސްއަށް ބަލާލަމުން ސުވާލުކުރިއެވެ.
“އާނ ކިހިނެއްވީ؟” ޔޫނުސް ޙައިރާންވެހުރެ އަހާލިއެވެ.
“ބައިވަރު ލައިކްސް ލިބިފަ ހުރޭތަ؟ ޕޭޖްގަ އުޅޭ މީހުން ޕޯސްޓްތަކަށް ކޮމެންޓްކޮށް ހަދާތަ؟” ނަސްރާ އެހިއެވެ.
“ގާތްގަނޑަކަށް އެއްހާހާ ގާތްވާނެ ލައިކްސްތައް. އާނ ކޮމެންޓްތައް ލިބޭ. އެކަމަކު އާއްމުކޮށް ކޮމެންޓް ކުރާ މީހުން އަބަދުވެސް ފެންނާނީ.” ޔޫނުސް ޖަވާބުދިނެވެ.
“ގްރޭޓް! ޔޫނުސް، ވެދާނެ އަހަރެން މިދެނީ މޮޔަ ޚިޔާލަކަށް ކަމަށްވެސް އެކަމަކު ހީވޭ މީތި ކާމިޔާބުވާނެހެން. ޔޫނުސް ހަދަން ވީ ގޮތަކީ ޔޫނުސްގެ އެކިއެކި ސަޕޯޓަރުންނަށް ވަކިވަކިން މެސެޖުތަކެއް ފޮނުވަންވީ. ކޮންމެ މީހަކު ކައިރިން ފުރަތަމަ ސުވާލު ކުރާނީ އެމީހަކު ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުރިތޯ. ހުރިއްޔާ އެ މީހަކަށް ކިޔައިދޭނީ ޔޫނުސް އުޅެނީ ކީއްކުރަންކަން. ބުނާނީ ތިމަންނަ މިއުޅެނީ ނޫހެއް ފަށަންވެގެންނޭ. އެ ނޫހަށްޓަކައި ނޫސްވެރިން ހޯދަންވެގެންނޭ މިއުޅެނީ. ދެން އިތުރަށް ޝައުޤުވެރިކަން ހުރިއްޔާ އެމީހެއްގެ ލިޔުމެއް ހޯދާފަ ޔޫނުސް ހިތްހަމަޖެހޭތޯ ބަލާނީ.” ނަސްރާ ނުހަނު ފޯރިއާއެކީ ކިޔައިދިނެވެ. ޔޫނުސްއަށް ވަގުތުން ހެވެން ފެށިއެވެ.
“ހެހެހެހެ……ހާދަ އެހެން ކަހަލަ ޕްލޭންއެކޭ. ތިކަންކޮށް ނިމޭއިރު އަހަރެންގެ ސަޕޯޓަރުން އަހަރެންގެ ދުޝްމިނުންނަށް ބަދަލުވެދާނެހެން ހީވަނީ. އެހާވަރަށް ނުވެސް އެނގޭ މީހުންނަށް އުނދަގޫ ކުރާކަށް ނުވާނެއެއްނު؟” ޔޫނުސް ހެވިފައި އިނދެ ބުނެލިއެވެ.
“ބައެއް މީހުންނަށް އެއީ އުނދަގުލަކަށްވެދާނެ. އެކަމަކު ހަމައެކަނި ތެދު ޚަބަރު ޗާޕުވާ ނޫހަކަށް އެދިއެދި ތިބި މީހުން މަދުވާނެއެކޭ އަހަރެން ނުބުނާނަން.” ނަސްރާ ސާބިތުކަމާއެކީ ބުނެލިއެވެ. އެ ވާހަކަ އިވުމުން ޔޫނުސްގެ ހިނިތުންވުން ފަނޑުވެ އެ މޫނުމައްޗަށް ވެސް ސާބިތުކަން ވެރިވިއެވެ. އޭނަ ތުން ފިއްތާލަމުން ބޯޖަހާލިއެވެ.
ޔޫނުސް ހަމަ އެ ދުވަހުގެ ރޭ ނަސްރާ ބުނި ގޮތަށް ކަންތައް ކުރަން ފެށިއެވެ. ޔޫނުސް ހީކުރި ގޮތާއި ޚިލާފަށް އޭނަ މެސެޖެއް ފޮނުވުމުން ގިނަ މީހުންވީ އުފަލެވެ. އޭނަ ހީކުރި ވަރަށްވުރެ ބޮޑަށް އޭނަ މަޝްހޫރެވެ. ތަފާތު މިޒާޖުގެ މީހުންނާއި ވާހަކަ ދެއްކުންވެގެން ދިޔައީ ޔޫނުސް ޝައުޤުވެރިވާފަދަ ކަމަކަށެވެ. އޭނައަށް މައްސަލައަކަށްވީ އެކި މީހުން އޭނަ އެޗް.އެން ނިއުސްއިން ވަކިވި ސަބަބާއިމެދު ސުވާލުކުރާތީވެއެވެ. ނަސްރާގެ އެދުމުގެ މަތިން ޔޫނުސް ވީހާވެސް ވަރަކަށް އެ ނޫހާއި ނޫހުގެ ވެރިންނާއިމެދު ވެސް އެއްވެސް ނުބައި ވާހަކައެއް ދެއްކުމެއްނެތި ކުރިއަށް ދެވޭތޯ ބެލިއެވެ. ޔޫނުސް އެރޭ ލެޕްޓޮޕް ލައްޕާލިއިރު ވެސް އޭނައަށް ނޫސްވެރިޔަކު ލިބިއްޖެއެވެ. ނަސްރާގާތު އެ ވާހަކަ ބުނިއިރު ޔޫނުސްއަށް ހުރެވުނީ ހެވިފައެވެ. ނަސްރާ ބޯ ކަހާލަމުން ތިމަންނަގެ މޮޔަ ޚިޔާލު ދެން ރަނގަޅުދޯއޭ ބުނެލި ގޮތުން ޔޫނުސްގެ ހިތް ލޯބިން ފުރިގެންއައެވެ. އޭނައަށް ނަސްރާގެ ގައިގައި ބާރަށް ބައްދާލެވުނެވެ. ނަސްރާ އޭނަގެ ޙަޔާތުގައި ވި ކަމަށްޓަކައި އޭނައަށް އެރޭ ހާސްފަހަރު ޝުކުރުކުރެވުނެވެ. ނަސްރާއަށް ނުވިނަމަ އޭނަ މިރޭ ވީހީ ކިހާ ބޮޑު ފިކުރެއްގައި ކަމެއްވެސް ޔޫނުސްއަކަށް ނޭނގެއެވެ. އޭނައަކީ ނޫސްވެރިކަން ފިޔަވައި އެހެން ދާއިރާއަކުން މާ ބޮޑަށް ކުރިއަށް ދެވޭނެ ވަރަކަށް ކިޔަވައިގެން ހުރި މީހެއްވެސް ނޫނެވެ. ނަމަވެސް މިރޭ ނަސްރާ މި ދިން ޚިޔާލުން އޭނަ މުޅި ޤައުމުން ވެސް ހޮވާލެވޭނެ ފަދަ ޝަޚުޞިއްޔަކަށްވުމުގެ ފުރުޞަތު އެބައޮތްހެން ޔޫނުސްއަށް ހީވިއެވެ. ނަސްރާ ބުނިހެން އޭނައަކީ ރަނގަޅު ބަދަލެއް ގެނައުމަށް މަސައްކަތް ކުރާ މީހަކަށްވާން ޔޫނުސް ބޭނުންވިއެވެ.
ރަނގަޅު ބަދަލެއް ގެނައުމުގެ ޝުޢޫރު އުފެދުނީ ހަމައެކަނި ޔޫނުސްގެ ހިތުގައެއްނޫނެވެ. އަފްރީންގެ ހިތުގައި އެފަދަ ޝުޢޫރެއް އުފެދިގެން ދިޔައީ އޭނަގެ ވަށައިގެންވި މީހުން ޤުރުއާނަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަން އޭނައަށް އިޙްޞާސް ކުރެވުމުންނެވެ. އެއްދުވަހު އެސަމްބްލީގައި އަފްރީން ވަރަށް ފަހަކަށް އޭގެ މާނަ ރަނގަޅަށް ދެނެގަތް އާޔަތްތަކެއް ކިޔެވިގެން ދިޔައެވެ. އެ އާޔަތްތައް އަޑުއިވެން ފެށުމުން ވެސް އަފްރީންއަށް ހިނިތުންވެލެވުނެވެ. އޭނަ ދެލޯ މަރައިގެން އަޑުއަހައިގެން ހުއްޓާ އެންމެ ފަހު އާޔަތް ކިޔެވިގެން ދިޔަ ވަގުތު ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން އަފްރީންގެ ލޯ ތެމުނެވެ. އޭނަ ދެލޯ ހުޅުވާލިއިރު އޭނަގެ ކުރިމަތީގައި ހުރި ކުއްޖާ އާ ފުރާލިތަން ފެނިފައި އަފްރީން ޙައިރާންވިއެވެ. ކަނާތް ފަރާތަށް ބަލާލިއިރު އެހެން ކުއްޖަކު ހުރީ ނިޔަފަތި ބަލާށެވެ. އަފްރީން އެކި މީހުންގެ މޫނަށް ވަކިވަކިން ނަޒަރު ހިންގާލިއިރު އެންމެންގެ މޫނުތަކުން ވެސް ފެނުނީ ފޫހިކަމެވެ. އެހާ އަސަރުގަދަ އާޔަތްތައް ކިޔެވިގެން ދިޔުމުން ވެސް އެމީހުންގެ ހިތަށް އަސަރުނުކުރި ގޮތުން އަފްރީން އަޖާއިބުވިއެވެ. އެއީ އެމީހުންނަށް މާނަ ނޭނގޭތީވެއޭ ފުރަތަމަ އަފްރީންގެ ހިތަށްއެރިއެވެ. ނަމަވެސް ދިވެހި ތަރުޖަމާ ކިޔާލުމުން ވެސް އޭނަގެ އެކުވެރިންނަކަށް މާ ބޮޑު ބަދަލެއްނާދެއެވެ. އަފްރީނަށް ވިސްނާލެވުނެވެ. މީގެ ދުވަސްތަކެއް ކުރިން ޚުދު އޭނަގެ މޫނުމަތިން ވެސް މިފަދަ ވަގުތުކޮޅެއްގައި ފެނުނީހީ އެފަދަ ކުލަވަރެކޭ އޭނަގެ ހިތް ބުންޏެވެ. އެއީ އޭރު ޤުރުއާނުގެ އާޔަތްތަކަކީ ކިހާ ފުރިހަމަ އެއްޗެއްކަން އޭނައަށް ނޭނގޭތީވެއެވެ. އޭނަގެ އެކުވެރިން ވެސް ފޫހިވެފައި މިތިބެނީ އެ އެކުވެރިންނަށްވެސް ނޭނގޭތީވެތާއެވެ. އެ އެކުވެރިންނަށް ޤުރުއާނުގެ ފުރިހަމަކަން ދެއްކުމަށް އަފްރީންގެ ހިތުގައި ކުއްލިއަކަށް ޢަޒުމެއް ކަނޑައެޅިގެން ދިޔައެވެ. އޭނަ ހަމަ އެދުވަހު ގެއަށް ގޮސް އެސަމްބްލީގައި ކިޔާނެ ސްޕީޗެއް ލިޔުނެވެ. އެ ސްޕީޗްގައި ވަނީ އެދުވަހު ކިޔެވުނު އާޔަތްތައް ތަފްޞީލުކޮށް ބުނެދީފައެވެ. އަފްރީން އެތައް ދުވަހެއް ވަންދެން އެ ސްޕީޗް ވީހާވެސް ޝައުޤުވެރިވާނެ ފަދަ ގޮތަކަށް ކިޔޭތޯ މަސައްކަތް ކުރިއެވެ. އޭނަ ހިތްހަމަޖެހޭ ވަރުވުމުން އެންމެ ފަހަކަށް އޭނަ އެއްދުވަހުގެ ހެނދުނު އެ ސްޕީޗް އެސަމްބްލީގައި ކިޔުނެވެ. އެ ސްޕީޗަށް ލިބުނު ތަޢުރީފުގެ ހޫނުކަމުން އަފްރީންއަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. މުޅި އެދުވަހު އޭނަގެ އެކި އެކުވެރިން އެ ސްޕީޗް ރީތި ވާހަކަ ބުނުމުން އަފްރީން އުފާވަމުން ދިޔައީ ވަކި އޭނައަށް ތަޢުރީފެއް ލިބޭތީވެއެއްނޫނެވެ. އޭނަގެ އެކުވެރިން ޤުރުއާނާއި ކައިރިވާކަން އިޙްޞާސް ކުރެވުމުންނެވެ. އަފްރީންއަށް އިތުރު ސްޕީޗްތައް ލިޔުމުގެ އާ ހިތްވަރެއް ލިބުނެވެ.
އެއްދުވަހު އަފްރީން އެސަމްބްލީގައި ސްޕީޗްދޭ ވާހަކަ އިވިފައި މިސްބާޙް އެދުވަހު ގަޑިއަށް ސްކޫލަށް އަންނަން ނިންމިއެވެ. އަފްރީންގެ ސްޕީޗްގައި ޤުރުއާނުގެ ކޮންމެވެސް ވާހަކައެއް ދައްކަން ފެށުމުން މިސްބާޙް ފޫހިވިއެވެ. އޭނައަށް އަފްރީން ދެއްކި ވާހަކައަށް ސަމާލުކަން ދެވެމުން ދިޔައީ ވަކި ވަރަކަށެވެ. މިސްބާޙަށް އެ ސްޕީޗުން އިވުނުހާ ވެސް ވާހަކައަކީ އަފްރީން ތަކުރާރުކޮށް ބުނާ ވާހަކައެވެ. އެއީ ޤުރުއާނުގެ އާޔަތްތަކުގެ މާނަ ހަމައެކަނި ތަރުޖަމާއަކުން ފުރިހަމައަށް ނޭނގޭނެ ވާހަކައެވެ. ވީ ފޫއްސާއެކީ ހަމަ އަސްލުކޮށްހޭ މިސްބާޙްގެ ހިތަށްއެރިއެވެ. އެއީ އޭނަ ދުވަހަކުވެސް އަޑުއެހި ވާހަކައެއްނޫނެވެ. ޤުރުއާން އިތުރަށް އުނގެނުމަށްޓަކައި ވަދެވިދާނެ ސައިޓެއްގެ ނަންވެސް އަފްރީން ސްޕީޗްގައި ބުންޏެވެ. އެއާއެކު އަފްރީންގެ ހިތް ދަމައިގަންނާނެ ގޮތުގެ އާ ޚިޔާލެއް މިސްބާޙަށް ލިބުނެވެ. ސިނާން ބުނި ގޮތުގައި އަފްރީނަށް އެންމެ ބޮޑަށް ކަމުދާނީ އަބަދުވެސް އޭނައަށްވުރެ ބޮޑަށް އެނގޭ ފިރިހެން ކުދިންނެވެ. އޭނައަށް އަފްރީން އުނގެނިފައިވާ ވަރަށްވުރެ އިތުރަށް ޤުރުއާން އުނގެނެވިއްޖެނަމަ އަފްރީނަށް އޭނަ ކަމުދިޔުމުގެ ފުރުޞަތު ބޮޑުވާނެކަމަށް މިސްބާޙްގެ ހިތް ބުންޏެވެ.
އެދުވަހު ގެއަށް ގޮސް މިސްބާޙް އަފްރީން ބުނި ސައިޓްގެ ނަން ހަނދާންކޮށް އެ ސައިޓަށްވަނެވެ. ސައިޓްގައި ހުރީ ޢައްމާ ފޮތުގެ އެކި ސޫރަތްތަކުގެ ނަން ދެވިފައިހުރި އޯޑިޔޯ ކްލިޕްތަކެވެ. މިސްބާޙް ދެ ޚިޔާލެއްގެ މަތީގައި އިނދެ ނާސް ސޫރަތުގެ ނަން ދެވިފައިވި އޯޑިޔޯ ކްލިޕް ޕްލޭ ކޮށްލިއެވެ. އެ ސޫރަތް ކިޔެވެން ފެށުމުން މިސްބާޙަށް ކުއްލިއަކަށް ލެޕްޓޮޕްގެ އަޑުމަޑު ކޮށްލެވުނީ ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ. ސޫރަތް ނިމުމުގެ ކުރިން މިސްބާޙް އެ އޯޑިޔޯ ތަންކޮޅެއް ކުރިއަށް ޖައްސާލިއެވެ. މީގައި ހުރީ ސޫރަތުގެ ކޮންމެ ބަހެއް ވަކިވަކިން ތަފްޞީލުކޮށް ބުނެދީފައިކަން މިސްބާޙަށް އެނގުންވިއެވެ. އެއާއެކު އޭނަ ވީ އަމަށަކު ފޫއްސެއްނޫނެވެ. އޭނައަށް ވަގުތުން އެ ސައިޓް ކްލޯޒްކޮށްލެވުނީ މިއީ ވާނެ ވަރުގެ ކަމެއްނޫނޭ ހިތާއެވެ. ނަމަވެސް އޭނަ ކޮންމެ ގޮތެއް ހަދާފަވެސް އަފްރީން އޭނަގެ މުށުތެރެއަށް ގެންނަން ޖެހޭކަން ހަނދާންވި ވަގުތު މިސްބާޙް ޔޫޓިއުބުން ޤުރުއާނާއިބެހޭ ވީޑިޔޯއެއް ފެނޭތޯ ބެލިއެވެ. ބަލާނެ މަންޒަރެއް ހުރުމުން އޭނަގެ ސަމާލުކަން އެއަށް ދެވޭނެހެން ހީވީތީވެއެވެ. ޔޫޓިއުބުން ސާޗްކުރަމުން ގޮސް މިސްބާޙް އެންމެ ފަހަކަށް ލެކްޗަރެއް ހުޅުވާލިއެވެ. އެ ލެކްޗަރުގައި ބުނެދެވެން ފެށީ ނޫރު ސޫރަތުގައި އޮންނަ ނޫރާއިބެހޭ އާޔަތުގެ ވާހަކައެވެ. ނޭނގޭ ސަބަބަކާހުރެ މާ ގިނައިރެއްނުވެ މިސްބާޙަށް ލެކްޗަރުގެ ތެރެއަށް ވަދެވުނެވެ. އޭނަގެ ވަށައިގެންވި ހުރިހާ އެއްޗެއްގެ މަތިން ހަނދާން ނެތުނެވެ. ލެކްޗަރުގެ ވަކި ހިސާބަކުން އަޖައިބުވިވަރުން މިސްބާޙަށް ނޭނގި އޭނަގެ އަނގަ ހުޅުވުނެވެ. އޭތި ނިމުނުއިރު މިސްބާޙަށް ހުރެވުނީ ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމެއްގައެވެ. އޭނަ ދުވަހަކުވެސް މިހާ ފުރިހަމަކަމެއް ނުދެކެއެވެ. އޭނައަށް މީގެ ކުރިން މިކަން ނޭނގުނީ ކީއްވެބާއޭ ހިތަށްއެރިއެވެ. އޭނަ ވަގުތުން އެ ލެކްޗަރު ފޭސްބުކްއިން އެކުވެރިންނާއި ޙިއްޞާކުރަން ބޭނުންވިއެވެ. ނަމަވެސް އޭނަ ކުއްލިއަކަށް މިހާ ޞާލިޙުވީ ކިހިނެއްތޯ އެންމެން ސުވާލު ކުރާނެތީ މިސްބާޙް ޚިޔާލު ބަދަލުކޮށްލިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ ޤުރުއާނަށް ވަރަށް ބޮޑަށް ޝައުޤުވެރިވިއެވެ.
މިސްބާޙް އެދުވަސްފަހުން ކޮންމެ ދުވަހަކު ސްކޫލަށް އެސަމްބްލީ ފެށޭ ގަޑިއަށް އާދެއެވެ. އަފްރީން ޤުރުއާނާއިބެހޭ ސްޕީޗެއް ކިޔާތޯއެވެ. އެއީ ވަކި އަފްރީން ދެކޭ ހިތުންނެއްނޫނެވެ. ޤުރުއާނާއިބެހޭ ގޮތުން އިތުރަށް އެނގެން ބޭނުންވީތީވެއެވެ. މިސްބާޙަށް ޤުރުއާނާއިމެދު އިތުރަށް އެނގެމުން ދިޔަ ވަރަކަށް އޭނަ އިތުރަށް ޝައުޤުވެރިވަމުން ދިޔައެވެ. އޭނަ ކުރީކޮޅު ފޫހިވީ އޯޑިޔޯ ކްލިޕްތައް ވެސް އޭނައަށް އަޑުއެހެން ފެށިއެވެ. އެހާ ކުރު މުއްދަތެއްގެ ތެރޭގައި އޭނަގެ ހިތުގައި ޤުރުއާނަށްޓަކައި ލޯތްބެއް އުފެދުނު ގޮތުން މިސްބާޙް އަޖާއިބުވިއެވެ. ޤުރުއާނަކީ މުޢުޖިޒާތެއްކަމަށް ބުނާ ބުނުމަކީ ހަމައެކަނި ބުނާ ބުނުމެއްނޫންތާއޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ.
ޤުރުއާނާއިމެދު އުނގެނެންފެށިތާ މާ ގިނަ ދުވަހެއްނުވެ މިސްބާޙް އާދަޔާ ޚިލާފަށް ޤުރުއާން ކިޔަވަން ބޭނުންވިއެވެ. އޭނަ ގްރޭޑް 7 ނިންމި ފަހުން ޚަތިމެއް ދުށް ހަނދާނެއްވެސް އޭނަ ނުވެއެވެ. އޭނަގެ މަންމައާއި ބައްޕަ ޤުރުއާން ކިޔަވާތަނެއް އޭނަ ދުވަހަކުވެސް ނުދެކެވެ. އެމީހުންގެ ކޮޓަރިން ޚަތިމެއް ހޯދަން އުޅުމުން އެކަން ކާމިޔާބު ނުވުމުން މިސްބާޙް ޙައިރާންނުވީ އެހެންވެއެވެ. ކޮންމެއަކަސް ޤުރުއާން ކިޔަވުމަށް އޭނަގެ ހިތް އެދުނު ވަރުން އޭނަ އެއްދުވަހު ގެއިން ވުޟޫކޮށްލައިގެން ބައްޕަމެން ކައިރީގައި ނުބުނެ އިރު އޮއްސެމުން ދިޔަ ވަގުތު ގޭގެ ކައިރީގައި ހުރި ކުޑަ މިސްކިތަކަށް ދިޔައެވެ. މިސްކިތުގައި ހުރި ހަރުގަނޑުން ޚަތިމެއް ނެގިއިރު ވެސް މިސްބާޙްގެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ. އޭނަގެ މުޅި ޙަޔާތުގައި ވެސް ދުށް އެންމެ ބޮޑު ހުވަފެން ޙަޤީޤަތަކަށްވިހެން ހީވާފަދަ ހިނިތުންވުމެކެވެ. މިސްބާޙް ކިޔަވަން ފެށީ އޭނަ މިހާތަނަށް މާނަ ދަސްކުރި އާޔަތްތަކާއި ސޫރަތްތަކެވެ. އޭނަ ކިޔަވަމުން ދިޔައީ އެހެން މީހުންނާއި ވީހާވެސް ދުރުގައި ހުރެ އިވޭ ނުއިވޭ އަޑަކުންނެވެ. އޭނައަށް ކިޔެވެމުން ދިޔަ ގޮތުން އެހެން މީހަކަށް އިވިދާނެތީ އޭނަ ޖެހިލުންވިއެވެ. މަޣުރިބް ނަމާދަށް ބަންގި ގޮވީ މިސްބާޙް ކިޔެވުމަށް ގެއްލިފައި އިންދައެވެ. މިސްކިތަށް މީހުން ގިނަވެ އެކި މީހުން ސުންނަތް ނަމާދު ކުރަން ފެށިތަން ފެނިފައި މިސްބާޙަށް އެ ޙަރަކާތްތަކަށް ބަލަން އިނދެވުނެވެ. އެ މީހުން ނަމާދުގައި އެ ކިޔަނީ ކީކޭތޯ ހިތަށްއެރިއެވެ. އޭނަ އެއްޒަމާނެއްގައި ނަމާދުގައި ކިޔާ އެއްޗެހި ނުބަލައި ދަސްކުރި ހަނދާނެއްވެއެވެ. ނަމަވެސް މިއަދު އޭގެއިން އެއްވެސް އެއްޗެއް އޭނަ ހަނދާންކުރަން އުޅުމުން ވެސް ހަނދާނެއްނުވިއެވެ. އޭނައަށް ނަމާދު ނުކޮށް އެހާވެސް ގިނަ ދުވަސް ވަންދެން ހުރެވިއްޖެއެވެ. އެކަން އެނގުންވުމުން މިސްބާޙްގެ ހިތަށް މާޔޫސްކަން ވެރިވިއެވެ. އެހެނީ ނަމާދަކީ ކިހާ މުހިއްމު ކަމެއްކަން އޭނައަށް މިހާރު އެނގެއެވެ. އޭނައަށް މީގެ ކުރިން އެކަން ނޭނގުނީ ކީއްވެބާއޭ ހިތަށްއެރި ވަގުތު މިސްބާޙްގެ ލޮލުން ކަރުނަ ހިލުނެވެ. އޭނަ އަވަސްއަވަހަށް އެސްފިޔަ ޖަހަމުން ކޮޅަށް ތެދުވީ އާ ޢަޒުމަކާއެކީގައެވެ. މިސްބާޙް އޭނަގެ އަތުގައި އޮތް ޚަތިމް ބާއްވާފައި ގޮސް އެތާނގައި ހުރި ބޭބެއަކު ކައިރިއަށް ދިޔައީ އެ ބޭބެ ކައިރިން ނަމާދުގައި ކިޔާ އެއްޗެހި ދަސްކުރުމުގެ ނިޔަތުގައެވެ. އެހެނަސް އޭނަ އެ ބޭބެއާއި އަރައި ހަމަވީ ވަގުތު ގަމަތް ދޭން ފެށުމުން މިސްބާޙް ސިއްސައިގެން ދިޔައެވެ. އެންމެން ސަފުސަފަށް ރޭވެން ފެށި ގޮތުން ވާނުވާއެއް ނޭނގިފައި މިސްބާޙަށް ވަށައި ހޯދުނެވެ. އޭނަ ހުރިތާ ހުއްޓާ މުސްކުޅި ބޭބެއަކު އޭނަ ގާތު ސަފަށް ވަނުމަށް އެންގިއެވެ. އެ ބޭބެ އެންގި ގޮތުން މިސްބާޙަށް ވަގުތުން ސަފަށް ވަދެވުނެވެ. އޭގެ މާ ގިނައިރެއްނުވެ އިމާމް ޙަރަމް ބަނުމުން އެހެން މީހުން ވެސް ޙަރަމް ބަންތަން ފެނިފައި މިސްބާޙް ވެސް އެގޮތަށް ކަންތައް ކުރިއެވެ. އެއަށްފަހު އޭނަ އެއްވެސް އެއްޗެކޭ ނުކިޔައި ހުއްޓާ ފާތިޙާ ސޫރަތް ފެށުމުން އޭނައަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެ ސޫރަތަކީ އޭނަ ވަރަށް ފަހަކަށް މާނަ ދަސްކުރި ސޫރަތަކަށްވާތީވެއެވެ. އާޔަތްތައް އަޑުއިވެމުން ދިޔަ ވަރަކަށް މިސްބާޙް ހިތާހިތުން އޭގެ މާނަ ހަނދާނަށް ގެންނަމުން ދިޔައެވެ. ފާތިޙާ ސޫރަތަށްފަހު ދެން އިމާމް ކިޔަވަން ފެށީ ނަބައު ސޫރަތެވެ. އެއީ ވެސް މިސްބާޙް މާނަ ދަސްކޮށްފައިވާ ސޫރަތެކެވެ. ސޫރަތް ކިޔެވެމުން ދިޔައިރު މިސްބާޙަށް ހީވީ އޭނައަށް ސޫރަތުގެ ތެރޭގައި އުޅެވެނީހެންނެވެ. އެ އާޔަތްތައް އެ ވާހަކަ ދައްކަނީ ޚުދު އޭނައަށް ހީވިއެވެ. ވަކި ހިސާބަކުން ނަރަކައިގެ ވާހަކަ އައުމުން ގައިން ފިއްކަނޑައިގެން ދިޔަހެން ހީވީ އެހެންވެއެވެ. ސޫރަތް ނިމެމުން ދިޔައިރު މިސްބާޙަށް ގިސްލެވެން ފެށިއެވެ. އޭނަ ކަރުނަތައް ކޮންޓްރޯލްކުރަން އުޅުމުން ވެސް އޭނައަށް އެކަން ކާމިޔާބެއް ނުކުރެވުނެވެ. ނަމާދުގައި ކިޔާ އެހެން އެއްވެސް އެއްޗެއް ނޭނގުނެއްކަމަކު މުޅި ނަމާދު ތެރޭގައި ހިތާހިތުން އޭނަގެ ފާފަތައް ފުއްސެވުމަށް އެދި މިސްބާޙަށް ދުޢާކުރެވުނެވެ. އޭނަގެ ކަރުނަތައް އެއްފަހަރު ވެސް ހުއްޓުމެއްނާދެއެވެ. ސަލާމް ދިނުމަށްފަހު ވެސް އޭނައަށް ގިސްލެވެމުން ދިޔައެވެ. އޭނަގެ ކައިރީގައި ހުރި ބޭބެއަކު ކިހިނެއްވީތޯ ސުވާލުކުރިއެވެ. މިސްބާޙަށް ވަގުތުން އޭނައަށް ނަމާދުކުރަން ދަސްކޮށްދިނުމަށް އެދެވުނެވެ. އެ ބޭބެ ތެދުވެގެން ގޮސް މިސްކިތުގެ ހަރުގަނޑުގައި އޮތް ފޮތެއް ހިފައިގެން މިސްބާޙްގެ ގާތަށް އައިސް އޭނައަށް އެ ފޮތް ދިއްކޮށްލިއެވެ. އެ ފޮތުގައި ހުރީ ނަމާދުގައި ކިޔާ އެއްޗެހި ދިވެހި ތަރުޖަމާއާއި އެކީގައެވެ. މިސްބާޙަށް ވަގުތުން ހުރިހާ ޒިކުރެއް އަވަސްއަވަހަށް ދަސްކުރެވެން ފެށިއެވެ. ޢިޝާ ނަމާދު ވަގުތު ވީއިރު މިސްބާޙަށް ހުރިހާ ޒިކުރެއް ކޮށި ގޮތަކަށް ދަސްވެފައިވިއެވެ. މިސްބާޙް އެރޭ ގެއަށް ދިޔައީ ޢިޝާ ނަމާދުވެސް ކުރުމަށްފަހު ހަމަޖެހިފައިވާ ހިތަކާއެކީގައެވެ. އޭނަ ސިޓިންގް ރޫމަށް ވަތްއިރު ސޯފާގައި ބައްޕަ ޓީވީ ބަލަން އިންތަން ފެނިފައި މިސްބާޙް ހީކުރީ އޭނަ ހުރީ ކޮންތާކުކަމާމެދު ބައްޕަ ސުވާލު ކުރާނެ ކަމަށެވެ. ނަމަވެސް އޭނަ ކޮޓަރީގެ ދޮރާއި ހަމައަށް ދިޔައިރުވެސް ބައްޕަ ޚަބަރަށް ގެއްލިފައި އިން ގޮތުން މިސްބާޙް ދެރަވިއެވެ. ނުރުހުންވެސްވިއެވެ. އޭނަ މިހާ ދުވަހު ގޯސްކޮށް އުޅުނީ ބައްޕަގެ ފަރުވާކުޑަ ކަމުންނޭ ހިތަށްއެރިއެވެ. ބައްޕަ ދުވަހަކުވެސް އޭނަ ގޮވައިގެން ނަމާދަކަށް ނުދެއެވެ. އޭނަ ބޭރުތެރޭގައި އުޅެއުޅެފައި ކިތަންމެ ލަސްކޮށްފައި ގެއަށް އަޔަސް ބައްޕަ ސުވާލެއް ނުކުރާނެއެވެ. އެހެނަސް ދެން އޭނަ ރަނގަޅުވާކަށް ބައްޕައަކަށް ބަރޯސާއެއްނުވާނެއެވެ. މީހަކު ނުބުންޏަސް އޭނައަށް މިއަދު ހެވާއި ނުބައި ވަކިކުރަން އެނގިއްޖެއެވެ. އޭނަ މިއަދުން ފެށިގެން ކޮންމެ ކަމެއްގައި ވެސް ރަނގަޅުގޮތް ޚިޔާރުކުރެވޭތޯ މަސައްކަތް ކުރާނެއެވެ.
ޔޫނުސް އޭނަގެ އާ މަސައްކަތް ފެށިތާ ދެ ހަފްތާ ވީއިރު އޭނައަށް 10 ނޫސްވެރިން ލިބިއްޖެއެވެ. އެ މީހުން ޔޫނުސްއާއިއެކީ މަސައްކަތް ކުރަން އެއްބަސްވީ އެމީހުންނަށް ލިބޭ ހުސްވަގުތުތަކުގައެވެ. ޔޫނުސް އެކަމާ ދެކޮޅު ނެހެދީ މިއީ އަދި ކާމިޔާބުވާނެ ކަމެއްކަމާމެދުވެސް އޭނައަށް ޝައްކު ކުރެވެމުން ދިޔައީތީވެއެވެ. ޔޫނުސް އެ އެންމެން ކައިރީގައިވެސް މި ވާހަކަ ވީހާވެސް ސިއްރުކޮށްފައި ބޭއްވުމަށް އެންގިއެވެ. އަމީންގެ ކަންފަތަށް މިވާހަކަ ފޯރައިފިނަމަ އަމީން ކޮންމެހެން ހަދާފައިވެސް މިކަން ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތް ކުރާނެކަން އޭނައަށް އެނގޭތީވެއެވެ. ޔޫނުސްއާއި ނަސްރާ ވެސް ތިބީ ސައިޓެއް ނުއުފެދެނީސް އެމީހުންގެ މި ކުޑަކުޑަ ރޭވުމުގެ މާ ގިނަ މީހުން ކައިރީގައި ނުބުނާށެވެ. ޔޫނުސް ޒަޔާން ގާތު މި ވާހަކަތައް ކިޔައިދިނީ ސައިޓް އުފެއްދުމުގެ މަސައްކަތް ކުރާ ޒަޔާންގެ އެކުވެރިޔެއް ހުންނަކަން ހަނދާންވުމުންނެވެ. ޒަޔާން އެންމެ ފުރަތަމަ ވެސް އޭނަ ގާތު އެ ވާހަކަ ނުބުނި ކަމަށްޓަކައި ޝަކުވާކުރިއެވެ. ޔޫނުސް މަޢާފަށް އެދުމުން ޒަޔާން އޭނަގެ އެކުވެރިއެއް ކަމަށްވާ މިހާދަށް ގުޅިއެވެ. ޔޫނުސް މިހާދާއި ބައްދަލުވިތާ މާ ގިނަ ދުވަހެއްނުވެ “ރާއްޖެ ޕްރެސް.ކޮމް” އުފަންވިއެވެ. ސައިޓް ރަސްމީވެ ލަސްލަހުން ސައިޓްގައި އެކި ޚަބަރުތައް ލިޔެވެން ފެށިއެވެ. ޔޫނުސްއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ނޫސްވެރިން ލިބިފައިވުމުން މުޅި ރާއްޖެއިން ޚަބަރުތައް އެއްކުރުންވީ ފަސޭހަކަމަކަށެވެ. ސައިޓް ފެށުނުފަހުން ވެސް ޔޫނުސް ކުރި މަސައްކަތުން އޭނައަށް ސައިޓްގައި މަސައްކަތް ކުރާނެ އިތުރު މީހުން ލިބުނެވެ. ޔޫނުސް އެ އެންމެނާއިވެގެން ސައިޓް އިޝްތިހާރު ކުރަން ފެށިއެވެ. ސައިޓަށްޓަކައި ފޭސްބުކް ޕޭޖެއް ހަދައި ސައިޓްގެ ޕޯސްޓްތައް ޕްރޮމޯޓްވާނެހެން ފޭސްބުކަށް ފައިސާ ދެއްކިއެވެ. ރަށުގެ އެތަން މިތަނުގައި ސައިޓްގެ ނަން ލިޔެ ޕޯސްޓަރުތައް ހަރުކުރިއެވެ. ހީކުރި ވަރަށްވުރެ ވެސް އަވަހަށް ރާއްޖެ ޕްރެސް ތަރައްޤީވާން ފެށިއެވެ. ނޫސްވެރިން ގިނަވެގެން ދިޔުމުން ޚަބަރުތައް ފޮޓޯތަކާއި ވީޑިޔޯއާއެކީ ނުހަނު އަވަހަށް ފޯރުކޮށްދެވެމުން ދިޔައެވެ. ސައިޓްގެ މުނިފޫހި ފިލުވުމުގެ ބަޔަށް ވާހަކަ ލިޔާނެ މޮޅު ލިޔުންތެރިޔެއްވެސް ލިބުނެވެ. ސައިޓްގައި ޢާއްމު މަޢުލޫމާތު ފޯރުކޮށްދޭ ކޮލަމެއް އުފެދުނެވެ. މި ހުރިހާ ކަމެއްގެ ސަބަބުން އެއް މަސް ތެރޭގައި އެ މީހުންނަށް ފޭސްބުކްގެ 25000 ވަރަކަށް ލައިކްސް ލިބުނެވެ. މިހާ ހިސާބަށް އައިއިރު ޔޫނުސްއަށް އޭނަގެ ނޫސްވެރިންނަށް ކުޑަ މުސާރައެއް ވެސް ދެވޭވަރަށް ސްޕޮންސަރުން ލިބިއްޖެއެވެ.
ޔޫނުސްގެ ކާމިޔާބީ ފެނިފައި ނަސްރާއާއެކީ ނަސްރާގެ މުޅި ޢާއިލާވެސް އުފާ ކުރިއެވެ. ޔޫނުސް ނަވާޒަށްޓަކައި މަސައްކަތްކުރުން ހުއްޓާލީތީ ޝަރީފް ހުރީ ހިތްހަމަޖެހިފައެވެ. އަމިއްލައަށް ސައިޓެއް މަސައްކަތް ކުރުންވެގެން ދިޔައީ އަފްރީނާއި އަފްރާޒަށް ވަރަށް މޮޅު ކަމަކަށެވެ. އަފްރާޒް ސްކައިޕް މެދުވެރިކޮށް ޔޫނުސްއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައި ތަޢުރީފު ކުރިއެވެ. އަދި އެއްވެސް މީހެއްގެ ބަހަށް ނުހެއްލި ތެދުވެރިކަމާއެކީ ކުރިއަށް ދިޔުމަށް ނަޞޭޙަތްތެރިވިއެވެ. ޔޫނުސް އެ ނަޞޭޙަތް ޤަބޫލުކުރިއެވެ.
ރާއްޖެ ޕްރެސްއޭ މީހުން ކިޔާ އަޑަށް އަމީން ރުޅިން ރަތްވަމުން ދިޔައެވެ. އެ ނޫހުގެ އިޝްތިހާރުތައް އަމީން ތަންކޮޅެއް ކުރިން ދުށްޓެވެ. އޭތި މިހާ އަވަހަށް އެހާ މަޝްހޫރުވެދާނެއެކޭ އޭނަ އެއްގޮތަކަށް ވެސް ހިއެއްނުކުރެއެވެ. ޔޫނުސް އޭނައާއި ދެކޮޅަށް ލިޔުމެއް ލިޔެފާނެތީ އަމީންގެ ހިތަށް ބިރުވެރިކަމެއް ވަންނަމުން ދިޔައެވެ. އޭނަ މި ވާހަކަ ނަވާޒާއި ޙިއްޞާ ކުރުމުން ނަވާޒް އެއީ މާ ބޮޑު ވާހަކައެއްގެ ގޮތުގައި ނުނެގިއެވެ. ނަވާޒް އޭނައަށް ފަރުވާކުޑަ ޖަވާބެއް ދީފައި ފޯނު ކަނޑާލުމުން އަމީން އައި ރުޅީގައި އޭނަގެ އަތުގައި އޮތް ފޯނު ބިމަށް ޖަހައި ތަޅާލިއެވެ. ޔޫނުސްއާއި ދެކޮޅަށް ކަމެއް ކުރަންޏާ އޭނަ އެކަން ކުރަންވީ ނަވާޒަށް އެންގުމެއްނެތިކަން އަމީނަށް ނިންމުނެވެ.
މި ދުވަސްކޮޅު އޭނަގެ ބައްޕަ އެހާ ރުޅިގަދަވަނީ ކީއްވެގެން ކަމެއް މިސްބާޙަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. ފަހަކަށް އައިސް މަންމައާއި ބައްޕައާއި ދެމެދުގައި އޮންނަ އަރައިރުންތައް ވަނީ ގިނަވެފައެވެ. ބައްޕަ ގޭގެ ތެރޭގައި ހުންނަ ބިއްލޫރި އެއްޗެއް ނުތަޅާ ދުވަހެއް މަދެވެ. މިސްބާޙް އެއްވެސް ކަމެއް ނުކުރަނީސް އޭނައާއި ދިމާލަށް ވެސް ބައްޕަ އެއްޗެހި ގޮވަން ފަށާފާނެއެވެ. އެހެނަސް މިހާރު މިސްބާޙް އޭނަ ކުރިން ހަދާ ގޮތަށް ބަދަލުގައި ބައްޕައާއި ދިމާލަށް އެއްޗެކޭ ނުބުނެއެވެ. އޭނަ އެއްމެ ބަހެއްވެސް ބުނެލުމެއްނެތި ހުރިހާ ވާހަކައެއް އަޑުއަހައިގެން ހުންނަނީ އޭނަ ބައްޕަ ކުރަންޖެހޭ އިޙްތިރާމްގެ މަތިން ހަނދާންކޮށްގެނެވެ. އަދި ބައްޕަ ރުޅިވަނީ ވަކި އޭނައަށްނޫންކަން ވިސްނިގެންނެވެ. މިސްބާޙް އޭނަގެ ބައްޕަ ރުޅި އަންނަ ސަބަބު ހޯދައި މައްސަލަ ޙައްލު ކުރެވޭތޯ ބަލަން ބޭނުންވިއެވެ. އޭނަ އެއްދުވަހު އޭނަގެ މަންމަ ޒާހިޔާ ކައިރިން ބައްޕައަށް ކިހިނެއްވީތޯ ސުވާލުކުރިއެވެ.
“ދަރިފުޅާ……އިންތިޚާބު ކައިރިވަމުންނެއްނުދޯ މިދަނީ؟ އެހެންވީމަ ޑޭޑް ވިސްނަންޖެހޭ ބައިވަރު ކަންތައް ހުރީމަ އެގޮތަށްވަނީ.” ޒާހިޔާ ސިޓިންގް ރޫމުގެ ސޯފާގައި އޭނަގެ ކައިރީގައި އިން މިސްބާޙްގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ.
“އާނ މަންމާ. އެކަމަކު އަހަންނަށް ހީވަނީ އެއަށްވުރެ ބޮޑު ކަމެއްވެގެންހެން ޑޭޑް އެހާ ވަރަށް ރުޅި އަންނާނީ.” މިސްބާޙް ބުންޏެވެ.
“ތިއީ ދަރިފުޅު މާ ބޮޑަށް ވިސްނަންޖެހޭ ކަންތައްތަކެއްނޫން.” ޒާހިޔާ ޙަޤީޤަތް ފޮރުވިއެވެ.
“އަހަރެން ކަންބޮޑުވޭ ޑޭޑް އުޅޭ ގޮތް ފެނިފަ. ޑޭޑް ކައިރީގަ މަންމަ ބުނަންވީއެއްނު ނަމާދު ކުރާށޭ؟ ނަމާދު ކުރީމަ ހިތަށް ހަމަޖެހުން ލިބޭނެ. އަމިއްލަ އެކްސްޕީރިއެންސްއިން މި ބުނަނީ.” މިސްބާޙް އުއްމީދީ ގޮތަކަށް ޒާހިޔާއަށް ބަލާލަމުން ބުނެލިއެވެ. ޒާހިޔާ ހީލިއެވެ.
“ކިހިނެއްތަ މިސްބާޙަށް ތި އެކްސްޕީރިއެންސް ލިބުނީ؟ އޭ……އަނެއްކާ ފަތިހު ފަތިހާ ހޭލައިގެން މިއަދު ދިޔައީ ފަތިސް ނަމާދަށްތަ؟ މަންމަ ހީކުރީ އެކުވެރިންނާއެކީ ފުޓުބޯޅަ ޕްރެކްޓިސްއައްކަމަށް ދިޔައީ.” ޒާހިޔާ ހެވިފައި އިނދެ ބުންޏެވެ.
“ނޫން މަންމާ. އަހަރެން ދިޔައީ ނަމާދަށް. އަހަރެން ނަމާދުކުރަން ފެށިތާ ބައިވަރު ދުވަސްވެއްޖެ. އަސްލު ނަމާދު ކުރުމަކީ ވަރަށް މުހިއްމު ކަމެކޭ މަންމާ. މަންމަވެސް ނަމާދު ކުރަންވާނެ.” މިސްބާޙް މަޑުމައިތިރި އަޑަކުން ސީރިއަސްކަމާއެކީ ވާހަކަ ދެއްކިއެވެ. ޒާހިޔާ މިފަހަރު ހޭންފެށީ އިހުނަށްވުރެ ބާރަށެވެ. މިސްބާޙްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.
“މަގޭ މިސްބާޙް ހާދަ ޞާލިޙުވެއްޖެއޭ.” ޒާހިޔާ ހެމުހެމުން އެހެން ބުނެލީ ވަގުތު ގޭގެ ދޮރު ހުޅުވުނެވެ. މިސްބާޙާއި ޒާހިޔާ އެކީގައި އެދިމާލަށް ބަލާލި ވަގުތު އަމީން ގެއަށް ވަދެ ދޮރު ލައްޕާލަނީއެވެ.
“ކޮން ވާހަކައެއްތަ މިއޮތް ދަން ގަޑިއެއްގަ މި ދެކެވެނީ؟” އަމީން ގޭގެތެރެއަށް ވަންނަމުން ސުވާލު ކުރިއެވެ.
“އަހަރުމެންގެ މިސްބާޙް ބުނީ ނަމާދު ކުރާށޭ. ނަމާދު ކުރީމަ ހިތަށް ހަމަޖެހުން ލިބޭނެއޭ.” ޒާހިޔާ ހެވިފައި އިނދެ ރާގަކަށް އެހެން ބުނި ގޮތުން މިސްބާޙަށް ޤަބޫލު ނުކުރެވިފައި އޭނަގެ މަންމައަށް ބަލަން އިނދެވުނެވެ.
“އައްދެ! މި ސޮރު ކޮން ދުވަހަކުތަ ޝެއިޚަކަށްވީ؟” އަމީން އެހިއެވެ. އަމީނަށް ބަލަހައްޓައިގެން ހުރި މިސްބާޙްގެ ހިތް ދެރަވިއެވެ. އޭނަގެ މަންމައާއި ބައްޕަ އޭނަ ދިން ނަޞޭޙަތަކަށް މަލާމާތްކުރިހެން ހީވުމުންނެވެ.
ނުނިމޭ