
ދާނިޝް އެއްޗެކޭ ނުބުނެވިފައި ހުއްޓާ ރާފިލް މަލާމާތުގެ ޒާތަށް ހީލިއެވެ.
“ހަހަ! އެންމެ ފުރަތަމަ ވެސް އެހެން ބުނި ނަމައެއްނު؟ ޕިސް ޕިސް ޕިސް! ސޯ ޕެތެޓިކް. ނައު ޔޫ ޑޯންޓް ހޭވް އަ ޗާން ވިތް ހާރ. އެއީ އަހަރެން އިންނަން އުޅޭ ކުއްޖާ!” ރާފިލް އެ ބުނެލި ބަސްތަކުން ދާނިޝްއަށް އިތުރު ޝޮކެއް ލިބުނެވެ. އެހެނަސް އެވަގުތު ދެ ބުމަ ކައިރި ކޮށްލެވުނެވެ. ރާފިލް އޭނަ ދިން ނަސޭޙަތަށް ފަސްއަޅަން އުޅޭހެން ހީވުމުންނެވެ. ހަމަ އެއާއިއެކު އެވަގުތު ހިތަށް ވެރިވާން ފެށި ދަތި އިޙްސާސްތަކުން ވެސް އަރައިގަންނަން ބޭނުންވުމުން ވާހަކަ ދެކެވުނެވެ.
“ޑޮކްޓަރ ރާފިލް ގެ ޕާރސަނަލް ލައިފަކީ އަޅުގަނޑަށް އެނގެންޖެހޭ ކަމެއް ނޫން. އަޅުގަނޑު ޑޮކްޓާރ މިތަނަށް ގެނައީ ޑިއުޓީ ގަޑީގަ ކްލިނިކުން ނުދިޔުމަށް ހަނދާން ކޮށްދިނުމަށް. މި ކަން ހަނދާން ބަހައްޓާނެ ކަމަށް އުއްމީދު ކުރަން.” ދާނިޝް ބުންޏެވެ.
ހަމަ އެއާއިއެކު ރާފިލް އައި ރުޅީގައި އެ ބުމަގޮށްޖެހި، އެ ލޮލުން އަލިފާން ކަނި ބުރާހެން ހީވާން ފެށިއެވެ. ދާނިޝް އިތުރު އެއްޗެކޭ ނުބުނެ އެތަނުން ދާން ހިނގައިގަތުމުން ރާފިލް ދެން ވެސް ހުތުރު ބަހެއް ކިޔާލިއެވެ. އެހެނަސް އިތުރު އެއްޗެކޭ ނުބުނީ މަގުމަތިން ހިނގާފައި ދާ މީހުންނާއި ކްލިނިކުން ނިކުންނަމުން ދިޔަ މީހުން ފެނިފައެވެ.
ރާފިލްއަށް ކިތަންމެ އޮމާންކޮށް ޖަވާބު ދެވުނަސް، އެވަގުތުކޮޅުން ފެށިގެން ދާނިޝްގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. ގެއަށް ދިޔަ މަގުމަތީގަ އާއި ގެއަށް ދިޔުމަށްފަހު ވެސް ދާނިޝްގެ ކަންފަތުގައި ރާފިލް ބުނި ބަސްތައް ގުގުމަމުން ދިޔައެވެ. ހިލްޔާއަކީ ހަމަ ރާފިލް އިންނަން އުޅޭ ކުއްޖާތޯ ހިތަށްއެރިއެވެ. އެއީ ޙަޤީޤަތަކަށް ވެދާނެތޯ ހިތް ސުވާލު ކުރަން ފެށިއެވެ.
ހަމަ އެއާއިއެކު ހަނދާނަށް އަންނަން ފެށީ ހިލްޔާ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރާފިލް އާއި ނުހަނު ގާތުން ފެންނަމުން ދިޔަ ގޮތެވެ. ރާފިލް ކްލިނިކަށް ވަދެގެން ދާއިރު ހިލްޔާއާއި ރާފިލްއާއި ދެމެދު ހިނިތުންވުންތައް ބަދަލުވާހެން ހީވި ގޮތެވެ. އެއަށްފަހު އެދެމީހުން މިއަދު އެކީގައި ހީ ސަމާސާ ކުރަމުން ކްލިނިކުން ނިކުމެގެން ދިޔަ ގޮތެވެ.
އެރޭ ކާމޭޒުދޮށުގައި ކޮފީ ތަށްޓެއް ބޯން އިންދާ އެ މަންޒަރު ހަނދާންވުމުން، ކޮފީ ބޯން އުޅެފައި ވެސް ކޮފީ މަގް ތިރިކޮށްލަމުން މޭޒުމަތީގައި ބެހެއްޓުނެވެ. ކޮފީ ތަށްޓެއް ހެދީ އެރޭ އެއްގޮތަކަށް ވެސް ކާ ހިތެއް ނުވުމުންނެވެ. އެހެނަސް ނޭނގޭ ސަބަބަކާއި ހުރެ އަރުތެރެ ބެދެމުން ދިޔަ ގޮތުން އެރޭ ފެން ފޮދެއް ވެސް ރަނގަޅަށް ބޮވޭނެ ކަމާއިމެދު ދާނިޝްއަށް ޝައްކު އުފެދުނެވެ.
އެހެންކަމުން ދާނިޝް ކޮފީ މަގް ގައި ވެސް މަތި އަޅާލަމުން މޭޒުދޮށުން ތެދުވެ ކާ ގެއިން ނިކުންނަން ދިޔައެވެ. އެރޭ މަންމަގެ ހުސް ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި ދާނިޝްއަށް ބޭއިޚްތިޔާރުގައި ދެވުނީ އަމިއްލަ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެގެން ދިޔަ ގޮތަށް ގޮސް ބެލްކަންޏަށް ނިކުމެވުނެވެ.
ދާނިޝްއަށް ބެލްކަނީގައި މި ހުއްޓިލެވުނީ ކިތައް ދުވަސް ފަހުން ކަމެއް ޚުދު އޭނައަށް ވެސް ނޭނގެއެވެ. އެހެނަސް ކުރިމަތިން ފެންނަމުން ދިޔަ ހިލްޔާގެ ބެލްކަނީ ފެނިފައި، މީގެ ހަފްތާތަކެއް ކުރިން އެގޮތަށް ހުއްޓުނުއިރު ހިތަށް ވެރިވި ހުރިހާ އިޙްސާސެއް އަނބުރާ އައެވެ. ދިގު ހެދުމުގައި ހުރި އަންހެން ކުއްޖަކު ފެނިފައި އޭނައަށް ބަލަން ނުކެރުނު ގޮތެވެ. އެ ކުއްޖާ އާއި މެދު އޭނަ އިތުރަށް އެނގެން ބޭނުންވި ގޮތެވެ. މަންމައަށް އެ ކުއްޖާ ތަޢާރަފު ކުރަން އޭނަ ބޭނުންވި ގޮތެވެ. އެހެނަސް އޭގެ ކުރިން މަންމަ އޭނައަށް އެ ކުއްޖާ ތަޢާރަފު ކޮށްދީ، މަންމަގެ އުއްމީދުތައް ކިޔައިދިން ގޮތެވެ.
އެ ހަނދާންތައް އާވެގެން ދިޔަދިޔަހެން، ނޭނގުމެއްގެ ތެރެއިން ވެސް އޭނަގެ ހިތުގައި ހިލްޔާއަށްޓަކައި އިޙްސާސްތަކެއް ވިކަން ދާނިޝްއަށް އެވަގުތު އެނގުންވިއެވެ. އަދި ހިލްޔާ ހަމަ ލޮލަށް ފެނުނު ދުވަހު ނޭނގުމެއްގެ ތެރެއިން ވެސް ދެމީހުން ގުޅޭނެކަމަށް އުއްމީދު ކުރެވުނު ކަން ވެސް އެނގުންވިއެވެ. މަންމަގެ މަރާއި އެކު ހިތަށް ވެރިވި ހިތާމަވެރިކަމާއި މޮޅިވެރިކަމުން އެ އިޙްސާސްތަކާއި އުއްމީދުތަކަށް އޭނައަށް ފަސްދެވުނީއެވެ. އެހެން ނޫނީ ހިލްޔާ އެންމެ ފުރަތަމަ ފަހަރަށް ފެނުނު ދުވަހު ހިލްޔާގެ މޫނުމަތިން ފެނުނު އަސަރުތަކުން ހިލްޔާއަށް ވެސް އޭނަ ކަމުދާހެން އޭނައަށް ހީވީއެވެ. އަދި ނަހީދުބެ ވެސް އޭނައާއި ގާތްކޮށް އުޅުމުގެ ސަބަބުން، އޭނަ އިތުރު ފިޔަވަޅެއް ނޭޅިޔަސް އޭނައާއި ހިލްޔާ ގުޅިގެން ދާނެ ކަމެއް ހީކުރެވިގެން ދިޔައީއެވެ.
އެހެނަސް މިއަދު ރާފިލްގެ ދުލުން އިވުނު ބަސްތަކުން ދާނިޝްގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލިގެން ގޮއްސިއެވެ. އޭނައަށް ހީކުރެވުނީ ކުށްހީތަކެއް ކަން އެނގިއްޖެއެވެ. އެހެނަސް ދާނިޝްއަށް ދެންވެސް ޤަބޫލުކުރަން ދަތިވިއެވެ. ހިލްޔާއަށް ރާފިލް ކަހަލަ މީހަކު ކަމުދިޔައީ ކީއްވެތޯ ހިތަށްއެރިއެވެ. ދާނިޝް ހީކުރީ ހިލްޔާ ކަހަލަ ކުއްޖަކަށް ކަމުދާނީ ދީންވެރި އަޚްލާޤު ރަނގަޅު މީހެއް ކަމަށެވެ. ރާފިލް މިރޭ އޭނައާއި ވާހަކަ ދެއްކި ގޮތުން ރާފިލްއަކީ ހިލްޔާއަށް ރަނގަޅު ބައިވެރިޔަކަށް ވެދާނެހެން ހިއެއް ނުވެއެވެ. ހިލްޔާއަށް ރާފިލްގެ އެ ސިފަތައް ފެނިފައި ނުވަނީ ހެއްޔެވެ؟ އަދި ނަހީދުބެއަށް ވެސް ރާފިލްގެ އެ ޒާތް ނޭނގެނީ ހެއްޔެވެ؟ ހިލްޔާ ރާފިލް އާއި އިންނަން އުޅެނީ ރާފިލް ވެސް ޑޮކްޓަރަކަށް ވުމުން ހެއްޔެވެ؟ ހިލްޔާއާއި އެއް ދާއިރާއެއްގައި އުޅޭ މީހަކާއި އިންނަން ބޭނުންވަނީ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ އޭނައަށް ވެސް ޑޮކްޓަރަކަށް ވެވުނު ނަމައެވެ.
ސިކުނޑިއަށް ވެރިވާން ފެށި ޚިޔާލުތަކުގެ ބޯދާކަން އެނގުންވާން ފެށުމުން ދާނިޝްއަށް ރެއިލިންގް ގައި އަތް އަޅުވައިގެން ހުރެފައި ސީދާ ވެލެވުނެވެ. އެއަށްފަހު ބޯ ހޫރުވާލެވުނެވެ. ކޮންމެހެން އަންހެން ކުއްޖަކު ކަމުދިޔައީތީ އޭނައަށް ކަމުދާ ދާއިރާއެއް އޭނަ ދޫކޮށްލަން ނުޖެހޭ ކަމަށް ދާނިޝް އަމިއްލަ ނަފްސަށް ހަނދާންކޮށްދިނެވެ. އެހެން ހިތާހިތުން ކިޔަމުން ދާނިޝް ހިލްޔާގެ ބެލްކަންޏަށް ފަހު ނަޒަރެއް ދިނެވެ. ބެލްކަނީގެ އަނެއްފަރާތުން ފެންނަމުން ދިޔަ ބޮކި ދިއްލިފައިވުމުން އާދައިގެ މަތިން ހިލްޔާ މިވަގުތު ކީއްކުރާނީތޯ ހިތަށްއެރިއެވެ. އެހެނަސް ދާނިޝް ބޯހޫރުވާލީ އެއީ ދެން އޭނަ ކުރަންޖެހޭ ޚިޔާލުތަކެއް ނޫންކަން އަމިއްލަ ނަފްސު ގާތު ބުނަމުންނެވެ. އެއަށްފަހު ދާނިޝް އެ ބެލްކަންޏަށް ފަސްދީފައި ކޮޓަރިއަށް ދިޔައީ ނަމާދު ކުރުމަށެވެ.
އެރޭ ނަމާދުން ވެސް ދާނިޝް ގެ ހިތަށް އެންމެ ފުރިހަމަވެގެންވާ ހަމަޖެހުމެއް ނުލިބެއެވެ. ނަމާދު ތެރެއިން ވެސް ވިސްނެމުން ދިޔައީ ހިލްޔާއާއި މެދުގައެވެ. ހިލްޔާއަށްޓަކައި ހިތުގައިވާ އިޙްސާސްތަކާއި މެދުގައެވެ. ރާފިލް ބުނި ބަސްތަކާއި މެދުގައެވެ. އެހެނަސް ނަމާދު ތެރެއިން އެކަންތަކާއިމެދު ނުވިސްނަން ދާނިޝް ގަދައަޅައި މަސައްކަތް ކުރިއެވެ.
ބައެއް އިޙްސާސްތަކަކީ ވެސް އިމްތިޙާނެކެވެ. އިންސާނެއްގެ ހިތަށް ދަތިވާ އިޙްސާސްތައް ވެރިވުމުން ޝައިޠާނާ އޭގެ ބޭނުން ހިފައެވެ. މިގޮތުން ނަމާދުތަކުގެ ތެރެއިން އެ އިޙްސާސްތަކާއިމެދު ވަސްވާސްދީ އެ އިޙްސާސްތަކަކީ ބޮޑު އެއްޗެއް ކަމަށް ވިސްނައިދެއެވެ. ނަމާދުން ﷲ ގެ ޙަޟްރަތުން ވާގި ހޯދުމުގެ ބަދަލުގައި، އެ އިޙްސާސްތަކުގެ އަސްލަށް ބަދަލެއް ގެނައުމަށް އަމިއްލައަށް ކުރެވޭނެ ކަންތަކާއިމެދު ފިކުރު ކުރުމަށް ޝައިޠާނާ ވަސްވާސްދެއެވެ.
މިއީ ހައްތަހާ ވެސް ﷲ ގެ ޙަޟްރަތަށް ދާ މަގުގައި ކުރިމަތިވާ އިމްތިޙާންތަކެވެ. އީމާންތެރިކަން ވަރުގަދަވުމުން ކުރިމަތިވާ އިމްތިޙާންތައް ވެސް ތަފާތުވެގެން ދެއެވެ. އެ އިމްތިޙާންތަކުގެ ބޭނުމަކީ އަޅަކު ޙަޤީޤަތުގައި ވެސް އެންމެ ލޯބިވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ދެކެތޯ ނުވަތަ ނޫންތޯ ސާބިތު ކުރުމެވެ. އަޅަކު އެންމެ ލޯބިވާ ކަންތަކުން އިމްތިޙާން ކުރެވެނީ އެހެންވެއެވެ. މި އިމްތިޙާންތަކުން ކާމިޔާބު ހޯދާ އަޅަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހިދާޔަތް އިތުރު ކުރައްވައި އެކަލާނގެ ޙަޟްރަތުގައި ދަރަޖަ މަތިވެރި ކުރައްވައެވެ. އަދި އިމްތިޙާނުން ފޭލް ވެއްޖެނަމަ އެ އަޅެއްގެ އީމާންތެރިކަން ދަށްވެގެންދެއެވެ.
**
އެރޭގެ އެ ވަގުތުގައި ހިލްޔާ ކޮޓަރީގެ އެނދުމަތީގައި އިނީ ރާފިލްއަށް ގުޅައިގެންނެވެ. ހިލްޔާއަށް ނޭނގުނު ސަބަބަކާއި ހުރެ އެރޭ ރާފިލް ތަންކޮޅެއް އަވަހަށް ގުޅަން ބޭނުންވިއެވެ. ރާފިލް މެސެޖު ކުރާވަރުން އެރޭ އެލީއާއި ދޮންތައާއިއެކު ޑްރާމާ ބަލާ ގަޑި ވެސް ކުރުކޮށްލަން ޖެހުނެވެ. ކޮންމެވެސް ބަހަނާއެއް ދައްކައި ދޮންތައާއި އެލީ ފޮނުވާލުމަށްފަހު ހިލްޔާ ރާފިލްއަށް އެރޭ ގުޅީ ޑިއުޓީ ނިމުމާއިއެކު 10 ޖެހި ވަގުތެވެ. އާދައިގެ މަތިން ކޯލު ފެށުނީ އެކަކު އަނެކެއްގެ ޙާލު ބަލަމުންނެވެ. އެހެނަސް ފެށުނީއްސުރެ ރާފިލްގެ އަޑު ހުރި ގޮތުން ކަމަކާ ނުރުހުންވެގެން އުޅޭހެން ހިލްޔާއަށް ހީވިއެވެ. އެހެނަސް އެކަމާއިމެދު ސުވާލު ކުރާނެ ފުރުސަތެއް ނުލިބުނީ ރާފިލްގެ ވާހަކަ ގިނަވުމުންނެވެ.
“މިއަދު އަހަރުމެން ފަސްޓް ޑޭޓަށް ދެވުނީމަ އަސްލު ވަރަށް އުފާވި. ލެޓްސް ޑޫ އިޓް އެގެއިން ދޯ؟” ރާފިލް ބުންޏެވެ. އެވަގުތު ވެސް އެ އަޑުން ޢާއްމުކޮށް ފާހަގަވާ އުފާވެރިކަމެއް ނެތްކަން ހިލްޔާއަށް އެނގުންވިއެވެ.
“ޔާ….އެކަމަކު ޑިއުޓީ ގަޑީގަ ނުދަމާ ދޯ؟ ދެމީހުން ފްރީ ވާ ގަޑިއެއްގަ ދާނީ. މިއަދު ކްލިނިކް ގަ ދިމާވި ކަހަލަ ކަމެއް ރިޕީޓް ވާކަށް ބޭނުމެއްނޫން.” ހިލްޔާ ބުނެލިއެވެ. ހަމަ ޙަޤީޤަތުގައި ވެސް އެފަދަ ކަމެއް ތަކުރާރުވާން ބޭނުމެއް ނުވުމުންނެވެ. އެމީހުންގެ ފަރުވާ ކުޑަ ކަމުގެ ސަބަބުން ބަލި މީހަކަށް ގެއްލުމެއް ވާން ހިތް ނޭދުނީތީވެއެވެ.
“އޮހް….އަނެއްކާ އެ ދާނިޝް ހިލްޔާއަށް ވެސް ވާނިންގްއެއް ދިނީތަ؟” ރާފިލް ކުއްލި ގޮތަކަށް ކޮށްލި ސުވާލުން ހިލްޔާގެ ދެބުމަ ކައިރިވިއެވެ.
“ވާނިންގް؟ ނޯ. ދާނިޝް ނުބުނޭ އެއްޗެކޭ. އައި ޓޯކްޑް ޓު ހިމް މިއަދު. ބުނިން ރާފިލް ޤަޞްދުގައެއް ނޫނޭ ފޯނު ނުނެގީ. ފޯނު ސައިލެންޓަށް ލާފަ އޮތީމަ ނޭނގުނީއޭ. ބައްޕަ ކައިރި މި ވާހަކަ ނުބުނަން ވެސް އެންގިން. އައި ޑޯންޓް ވޯންޓް ބައްޕާ ޓު ހިއާރ އެނީތިންގް ބޭޑް އެބައުޓް ޔޫ.” ހިލްޔާ ކިޔައިދިނެވެ. ހިލްޔާ ހީކުރީ އޭނަ އެ ކޮށްދިން ކަމަށްޓަކައި ރާފިލް ޝުކުރު އަދާކޮށް ދެން އެކަހަލަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށް ބުނާނެ ކަމަށެވެ. އެހެނަސް….
“ތި ދާނިޝްއަކީ އަސްލު ކާކުތަ؟ އޭނައާއި ހިލްޔާގެ ބައްޕައާ ކޮން ގުޅުމެއް އޮތީ؟” ރާފިލް އެހިއެވެ. އެހިނދު އެ އަޑުގައި އިހުނަށްވުރެ ދެގުނަ ވެގެން ދިޔަ ނުރުހުންތެރިކަމެއް ވިކަން ހިލްޔާއަށް ފާހަގަވިއެވެ.
“އަސްލު….ދާނިޝްގެ މަންމައަކީ އަހަންނަށް ވަރަށް ގިނަ ދުވަސް ވަންދެން ދީން ދަސްކޮށްދިން އުސްތާޒާއެއް. އުސްތާޒާ ނިޔާވިއިރު އަހަރެން ހޮސްޕިޓަލް ގަ ހުރިން. ދެން ބައްޕައަށް ގުޅާފަ ޚަބަރު ދިނީމަ ބައްޕަ އުސްތާޒާގެ ފިއުނަރަލް ކަންތައް ހަމަޖެއްސީ. އެފަހުން ބައްޕައާއި ދާނިޝް ވަރަށް ކްލޯޒްވާނެ. އޯލްސޯ ހީ އިޒް އަވާރ ނެއިބާރ…”
“އައި ސީ….ނެއިބާރވީމަ ހިލްޔާ އާ ވެސް ކްލޯޒް ވާނެތާ. އޭނަ ވަރަށް އުޅޭދޯ ހިލްޔާއާ ހެދި؟”
“ނޫން ނުއުޅޭ. ދާނިޝް އަދި ދުވަހަކުވެސް ނާދޭ މިގެއަށް ވެސް.”
“ދެން ވަޓް ޑޫ ޔޫ ތިންކް އޮފް ހިމް؟ ޔޫ ލައިކް ހިމް؟”
“ވަޓް އާރ ޔޫ ސޭއިންގް ރާފިލް އައި ލައިކް ޔޫ!”
ހިލްޔާ ހިސާބަކަށް ހަރުވެގެން ދިޔަ އަޑުން އެހެން ބުނެލި ހިނދު ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ. ރާފިލް އެންމެ ފަހުން ކޮށްލި ސުވާލަށް ނޫނެކޭ ބުނަން އުޅުމުން ވެސް ނުބުނެވުމުން ކަންނޭނގެއެވެ. އެ ހިނދު އެއީ ކީއްވެތޯ އަމިއްލަ ހިތާއި ސުވާލު ކޮށްލެވުނެވެ. އޭނައަށް ދާނިޝް ކަމުދަނީ ހެއްޔެވެ؟
ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ރާފިލްގެ އަޑު އިވުނެވެ.
“އައި ބިލީވް ޔޫ ހިލްޔާ. އެނގޭ އެއްދުވަހު އައި ލައިކް ޔޫ ގެ ބަދަލުގަ އައި ލަވް ޔޫ ވެސް ބުނާނެކަން. އައި ނޯ ޔޫ ކާންޓް ވެއިޓް ޓު ބީ ވިތް މީ، މައި ލަވް!”
ރާފިލް ފިލްމެއްގެ ޑައިލޮގެއް ފަދައިން އަމުނާލި އެ ބަސްތަކުން ހިލްޔާގެ ހިތަށް ކުޑަ ވެސް އަސަރެއް ނުކުރެއެވެ. އޭގެއިން ކޮންމެ ބަހަކުން އެނގިގެން ދިޔައީ ރާފިލްއަށް އޭނަ ނޭނގޭ މިންވަރެވެ. އެހެނަސް ރާފިލްއާއި ގުޅެން ބޭނުންވި ސަބަބުތަކެއްވުމުން އެވަގުތު އަމިއްލައަށް އަމިއްލަ ނަފްސު ހައްދާލަމުން ހިނިތުންވެލެވުނެވެ.
“މީ ޓޫ.” ހިލްޔާއަށް ބުނެވުނެވެ. އެއީ ދޮގެއްކަން ޚުދު ހިލްޔާއަށް ވެސް އެނގެއެވެ. ރާފިލްއާއި ގުޅުމާއިމެދު އަދި ވެސް އޭނަގެ ހިތުގައި ނުތަނަވަސްކަމެއްވިއެވެ. ވީއިރު ރާފިލްއާއި ގުޅެން އޭނަ ކެތްމަދުވާނީ ކިހިނެއް ހެއްޔެވެ؟
ކޮންމެ ގޮތެއްވިޔަސް އެރޭގެ އެ ކޯލު ދެން ކުރިއަށް ދިޔައީ އެފަދަ ލޯބީގެ ވާހަކަތަކުންނެވެ. އެ ދުވަހު ކްލިނިކްގެ އެމަޖެންސީގައި އޮތް ކުއްޖާއަށް ރާފިލް ފަރުވާ ދިން ގޮތާއިމެދު ސުވާލު ކުރަން ހިލްޔާ ހަނދާން ހުއްޓެވެ. އެހެނަސް އެރޭ އެ ވާހަކަ ދައްކަން ނުނިންމީ ރާފިލް އާއި ދެ ބަސް ވާން ބޭނުމެއް ނުވުމުންނެވެ. ދެ ބަސް ވެއްޖެނަމަ ޚުދު ހިލްޔާގެ ހިތުގައި ވެސް ދެމީހުންގެ ގުޅުމާއިމެދު ޝައްކުތައް އުފެދެއެވެ. އެފަދަ ޝައްކެއް މިރޭ ދެން އުފެދެން ހިލްޔާ ބޭނުމެއް ނުވީއެވެ.
ރާފިލްގެ ކޯލު ނިމުމަކަށް އައީ 12 ޖަހަން ގާތްވަމުން ދިޔަ ވަގުތެވެ. އެއީ ހިލްޔާ ކޯލު ނިންމަން ބޭނުންވިތާ ގަޑިއެއްހާއިރު ފަހުންނެވެ. ކޯލު ނިމުމުން ހިލްޔާއަށް ވަރުބަލިކަމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު އެނދުން ތެދުވެލީ ނިދަން ތައްޔާރުވާން ހިތުލަމުންނެވެ. އެހެނަސް އެނދުން ތެދުވެގެން ގޮސް ހިނގަން ފެށުމުން، ބެލްކަންޏަށް ނިކުމެވޭ ދޮރަށް ނަޒަރު ހުއްޓުމާއިއެކު ފިޔަވަޅުތައް މަޑުޖެހުނެވެ. އެވަގުތު ބުރުގާ ނާޅާ ހުރުމުން އެ ދޮރުގެ ކުރިމަތިން ފޮތި ދެމިފައިވިއެވެ.
ހިލްޔާ ވޭތުވެ ދިޔަ ހަފްތާތަކުގެ ތެރޭގައި ބެލްކަންޏަށް ނިކުމެވިފައިވަނީ ހަމައެކަނި ހުކުރު ދުވަހުއެވެ. އެއީ ވެސް ހުކުރު ދުވަހު ގެ ސާފު ކުރަން އަންނަ މީހާ ލައްވާ ބެލްކަނީ ސާފު ކުރުވުމަށެވެ. އެހެންނޫނީ އެ ބެލްކަންޏަށް ނިކުންނަން ހިލްޔާއަށް ވަގުތެއް ނުލިބެއެވެ. ލިބޭ ހުސް ވަގުތުތައް މުޅިން ވެސް ދެވެނީ ރާފިލްއަށެވެ. ރޭގަނޑުގެ ކޯލުތައް އެހާ ލަހުން ނިމޭތީ ކޯލަށްފަހު ވަގުތުން ބޭނުންވަނީ ނިދާލާށެވެ.
އެހެނަސް މިރޭ ވަރުބަލިވެފައި ވިޔަސް އެ ބެލްކަންޏަށް ނިކުތުމުގެ ޝައުޤެއް ހިތުގައި އުފެދުނެވެ. އެހެންކަމުން ލައިގެން ހުރި ކުރުތާގެ މަތިން ހިލްޔާ ކަޅު ކުލައިގެ އަބާޔާއެއް ލިއެވެ. އަދި ކަޅުކުލައިގެ ޝޯލްއެއް ނަގައި އާދައިގެ ބޮޑު ގޮތަކަށް ޝޯލް އެޅިއެވެ. އެއަށްފަހު ފަރުދާ ކަހާލަމުން ބެލްކަންޏަށް ނިކުމެވޭ ބިއްލޫރި ދޮރު ކަހާލިއެވެ.
ހިލްޔާ އެ ބެލްކަންޏަށް ނިކުތީ، ސީދާ ކުރިމަތިން ފެންނަމުން ދިޔަ ދާނިޝްގެ ބެލްކަންޏަށް ބަލަހައްޓައިގެން ހުރެއެވެ. ދޮރު ލެއްޕި، ފަރުދާ ދެމިފައިވާ އެ ބެލްކަނީގެ އަނެއްފަރާތުން ހިލްޔާއަށް ފެންނަމުން ދިޔައީ މަޑު އޮރެންޖް ކުލައިގެ ބޮތްކެއްގެ އަލިކަމެވެ. އެ އަލި ފެނިފައި ދާނިޝް މިވަގުތު ހުންނާނީ ނަމާދަށްކަން ހިލްޔާއަށް ޔަޤީނާއި ގާތް ކުރެވުނެވެ.
އެ ޚިޔާލާއި އެކު ހިލްޔާ ގޮސް ބެލްކަނީގެ ރެއިލިންގް މަތީގައި ދެއަތް ބޭއްވީ ވިސްނުމަކަށް ގެއްލެމުންނެވެ. ރޭގަނޑުގެ މިހާ ދަން ވަގުތުގައި ނަމާދު ކުރުމަށް ދާނިޝްއަށް ލިބިފައިވާނީ ހާދަ ވަރުގަދަ އީމާންތެރިކަމެކޭ ހިތަށްއެރިއެވެ. ނަމާދަށް ޝައުޤުވެރިކަން ހުރެގެން ނޫނީ މީހަކަށް މިފަދައިން ނަމާދު ނުކުރެވޭނެއެވެ. އެ ޚިޔާލު ހިތަށް ވެރިވުމުން ހިލްޔާގެ ހިތަށް އުދަގޫވިއެވެ. މިފަހަކަށް އައިސް އޭނަގެ ހިތުގައި ނަމާދަށްޓަކައި ކުޑަ ވެސް ޝައުޤުވެރިކަމެއް ނެތުމުންނެވެ. މިކަން މިހެން ވަނީ ކީއްވެތޯ ހިތް ސުވާލު ކުރިއެވެ. އެހެނަސް އޭގެ ޖަވާބެއް ހިލްޔާއަށް ނުލިބުނެވެ.
ވާނީވެސް އެހެންތާއެވެ. ހިލްޔާ މިހާތަނަށް އައިއިރު ވަނީ ޤަޞްދުގައި އެތައް ފަހަރު މަތިން ﷲ ރުހިވޮޑިގެންނުވާ ފަދަ ކަންތަކަށް އަރައިގެންފައެވެ. ހިލްޔާ ދަނީ މުޅި ޢާއިލާ ގެ ނަސޭޙަތަށް ވެސް ފުރަގަސްދީ، ހިލޭ ފިރިހެނަކާއި ރައްޓެހިވެފައެވެ. އެ މީހަކާއި ހެދި އަމިއްލަ ބައްޕައާއި ވެސް ޖަދަލުކޮށް ބައްޕައަށް ނުރުހުންވެފައެވެ. އެއީ ގޯސްކަމެއް ކަން އެނގޭ ޙާލުވެސް އެ ފިރިހެނަކާއި ވަކިން ބައްދަލު ކުރަން ގޮއްސައެވެ. އެއީ ވެސް ނަމާދު ވަގުތާއިމެދު އަޅާލުމެއް ނެތިއެވެ.
ހިލްޔާ މި ހުރިހާ ކަމެއް ކުރީ ދުނިޔެއަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. މިހާތަނަށް އައިއިރު ﷲ އަށްޓަކައި އޮތް ލޯތްބަށްވުރެ ދުނިޔެއަށް އޮތް ލޯބި އެ ހިތުގައި ބޮޑުވެފައިވިއެވެ. ހިލްޔާއަށް އެކަން ނޭނގުނަސް ހިލްޔާގެ ޢަމަލުތަކުން އެކަން ސާބިތުކޮށްދެއެވެ. އިންސާނެއްގެ ޢަމަލުތައް ބިނާވަނީ ނިޔަތްތަކުގެ މައްޗަށެވެ. އަދި ނިޔަތްތައް ބިނާވަނީ އެމީހަކު އެންމެ ލޯބިވާ ކަމެއްގެ މައްޗަށެވެ. އިންސާނެއްގެ ހިތް ވަކި ކަމަކަށް ގަދައަޅައި މަގުކޮށައި ދޭނީ ވެސް އެންމެ ލޯބިވާ ކަމަކަށްޓަކައެވެ. ނަމާދަށް ޝައުޤުވެރި ނުވަނީ ކީއްވެކަން ބުނެދޭން އެ ހިތަށް ނޭނގެނީ އެހެންވެއެވެ. ނަމާދުން އެ ހިތަށް ހަމަޖެހުން ލިބިފައިވަނީ މާ ކުރީ ޒަމާނެއްގައެވެ. މިވަގުތު އެ ހިތުގެ މަޤްޞަދަކީ ދުނިޔޭގެ ރީތިކަމެވެ. ވީއިރު ނަމާދާއި ގާތްވާނީ ކިހިނެއްކަން އެ ހިތް ބުނެދޭނީ ކީއްކުރަން ހެއްޔެވެ؟ ބަލާބެލުމަށް ނަމާދު ކުރުމުން ވަކި ދުނިޔެ ލިބޭކަށް ނެތެވެ.
ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން ހިލްޔާގެ ހިތުގައި އެވަގުތު ދާނިޝްއަށްޓަކައި ޤަދަރެއް އުފެދުނެވެ. ހަމަ އެއާއިއެކު މީގެ ދުވަސްކޮޅެއް ކުރިން ދާނިޝްއަށްޓަކައި ހިތުގައި އުފެދިފައިވި އިޙްސާސްތައް ވެސް ހަނދާނަށް އައެވެ. ދާނިޝްގެ އެ ނަމާދުގެ ސަބަބުން ދާނިޝްއަށް ކުރެވުނު އިޙްތިރާމެވެ. އެއީ އޭނަގެ ލޯބިވާ އުސްތާޒާގެ ދަރިފުޅަށްވީތީ ދާނިޝްއަށްޓަކައި ހިތުގައި އޮތް ޤަދަރެވެ. އަދި އަމުދުން ކްލިނިކްގެ ތެރެއިން ދާނިޝްގެ ކިބައިން އިޙްސާސް ކުރެވުނު ފިރިހެންވަންތަ ކަމާއި އެހެން މީހުންނާއި މުޢާމަލާތް ކުރާއިރު ވެސް ގެންގުޅޭ އަޚްލާޤެވެ.
އެހެނަސް ހަމަ އިސާހިތަކު ދާނިޝްގެ ‘ފަޤީރުކަން’ ހިލްޔާގެ ހިތަށްއެރިއެވެ. ދާނިޝްގެ ބެލްކަނީ ވެސް އޭނަގެ ބެލްކަންޏަށްވުރެ ކުޑައޭ ހިތާހިތުން ކިޔާލެވުނެވެ. ވީއިރު ދާނިޝް އާއި އޭނަ ގުޅޭނީ ކިހިނެއް ހެއްޔެވެ؟ އަދި އަމުދުން ދާނިޝް އެހާ ބޮޑަށް ދީންވެރިވުމުން ވެސް އެ ދެމީހުން ނުގުޅޭނެއެވެ. އޭނަ މިހާރު މާ ބޮޑަށް ދީންވެރިވާން ބޭނުމެއް ނޫނެވެ. ރާފިލް ފަދައިން ދާނިޝް ‘ޗިލް’ އެއް ނުވާނެއެވެ. އަސްލަމް ދޮންތައާއި މެދު ހެދި ފަދައިން ވަޒީފާއަށް ވެސް ދިޔަ ނުދޭނެއެވެ. ކާރު ދުއްވާއިރު ލަވަ ނުޖަހާނެއެވެ. ފިލްމެއް ނުބަލާނެއެވެ. އަދި އެ ހުރިހާ ކަމަކަށްފަހު އެންމެ ފަހުން ގޮސް އެހެން މީހަކާއި ވެސް އިނދެފާނެއެވެ.
އެ ޚިޔާލުތަކާއިއެކު ހިލްޔާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އަދި ދާނިޝްގެ ބެލްކަންޏަށް ވެސް ފަސް ދިނީ ދާނިޝްއަށްޓަކައި ހިތުގެ ކަނެއްގައިވި އިޙްސާސްތަކަށް ވެސް ފަސްދިނުމަށެވެ. އެ އިޙްސާސްތަކަކީ ދުނިޔެއަށް އޮތް ލޯތްބާއި އިދިކޮޅު އިޙްސާސްތަކެވެ. ނޭނގުމެއްގެ ތެރެއިން ވެސް އެ އިޙްސާސްތައް ގަންބަން މަސައްކަތް ކުރެވެމުން ދިޔައީ އެހެންވެ ކަން ހިލްޔާއަށް ރޭކާނުލައެވެ. ކިތަންމެ ނޫންކަމަށް ހެދިޔަސް، ރާފިލްއަށްވުރެ ބޮޑަށް ހިލްޔާގެ ހިތުގައި ޤަދަރެއް ދެވިފައިވީ ދާނިޝްއަށްކަން ވެސް ހިލްޔާއަށް ހިލަމެއް ނުވެއެވެ.
**
އޭގެ އަނެއްދުވަހު ދާނިޝް ޑިއުޓީއަށް ދާން އޮތީ ރޭގަނޑެވެ. އޭނަ ވޭތުވެ ދިޔަ ހަފްތާގައި ތަމްރީނު ކުރި ނާއިފް އެންމެ ފުރަތަމަ ޑިއުޓީއަށް ދާ ހަފްތާ ދުވާލަށް ޖައްސަން ނާއިފް ބޭނުންވުމުންނެވެ. އެތައް ދުވަހެއް ފަހުން ހެނދުނު ހުސް ވަގުތެއްވުމުން ފަތިސް ނަމާދަށްފަހު ދާނިޝް ގެއަށް އައިސް ފަސޭހަ ޓީޝާޓަކާއި، ޖިމަށް ދާއިރު ލާ ހަރުވާޅެއް ލައި، ޓެނިސް ބޫޓަކަށް އަރައި ދުވެލަން ނިކުތެވެ. ރާއްޖެއަށް ބަދަލުވުމަށްފަހު ވޭތުވެ ދިޔަ ދެ މަސް ތެރޭގައި އޭނަ ކަސްރަތަށް ފަރުވާ ކުޑަ ކޮށްފައިވާކަން ހަނދާންވުމުން އެދުވަހު ކޮންމެހެން ވެސް ދުވެލަން ބޭނުންވީއެވެ. އަދި އަމުދުން ސިކުނޑިއަށް ވެރިވަމުން ދިޔަ ނޭދެވޭ ޚިޔާލުތަކުން ދުރުވެލަން ވެސް ޙަރަކާތްތެރި ވެލަން ބޭނުންވިއެވެ.
ދާނިޝް ގެ އެ ރޭވުން ކާމިޔާބުވިއެވެ. ގެއަށް އަނބުރާ އައިއިރު ސިކުނޑިއަށް ތާޒާކަން ލިބި، ބަނޑުހައި ވެސް ވެފައިވިއެވެ. އެހެންކަމުން ފެންވަރާލުމަށްފަހު ކުޑަ ނާސްތާއެއް ތައްޔާރު ކޮށްލަމުން ކާ މޭޒުދޮށުގައި އިށީނެވެ. ޔޫޓިއުބް ވީޑިއޯ ބަލައިގެން ތައްޔާރު ކުރި ސްކްރޭބްލްޑް އެގްސް އާއި ބޭކެޑް ބީންސް އާއި ޕާނުގެ ނާސްތާ މީރުވުމުން ދާނިޝްއަށް އުފަލެއް ލިބުނެވެ. އަދި ހިތާހިތުން ޙަމްދު ކުރެވުނެވެ.
ނާސްތާއަށްފަހު ދާނިޝް ކޮފީ ބޯން ފެށިއިރު ގަޑިން 9:15 ވެފައިވި ތަން ފެނިފައި، ނާއިފަށް ގުޅާލަން ބޭނުންވިއެވެ. ނާއިފަށް އިތުބާރު ކުރެވުނަސް، ނާއިފް އެކަނި ޑިއުޓީއަށްދާ ފުރަތަމަ ދުވަހަށްވުމުން ޚަބަރު ބަލާލަން ބޭނުންވިއެވެ. އަދި ވަކިން ޚާއްޞަކޮށް މި ހަފްތާގައި ހެނދުނު ޑިއުޓީއަށް ދަނީ ރާފިލް ކަން ވެސް ހަނދާން ކުރަމުންނެވެ.
“ހެލޯ؟ ކޮބާ ކިހިނެއްތަ ނާއިފް؟ އެވްރީތިންގް އޯކޭ؟” ނާއިފް އެކޮޅުން ފޯނު ނެގުމާއިއެކު ދާނިޝް އެހިއެވެ.
“ޔާ އޯކޭ. ޖަސްޓް…ޑޮކްޓަރ ރާފިލް ހަމަ ދެންމެއަކު އެ އައީ. ވަދެގެން އަންނަމުން އަހަންނާ ދިމާލަށް ބުނީ ތިމަންނައަށް މިގަޑީގަ ޑިއުޓީ ނުދޭށޭ.” ނާއިފް އެހެން ބުނުމާއިއެކު ވަގުތުން ދާނިޝްގެ މޫޑު ޚަރާބުވިއެވެ. ރާފިލް އަކީ ކްލިނިކްގައި ގެންގުޅެވޭނެ ޒާތުގެ ޑޮކްޓަރެއް ނޫނޭ ހިތަށްއެރިއެވެ.
“އަޅާ ނުލާ ނާއިފް. އެކި މީހުންގެ ޒާތް ތަފާތުވާނެ. ޑޯންޓް ޓޭކް އިޓް ޕާރސަނަލީ. އަހަރެން ބުނެދިން ސްޓެޕްސް ފޮލޯ ކޮށްގެން ހުރިހާ އެއްޗެއް އެންޓާ އެބަކުރަން؟”
“ޔެސް. ސާރ ބުނި ގޮތަށް އެބަ ހަދަން.”
“ގުޑް ޖޮބް! އަންނާނަން ދޭތެރެއަކުން ބަލާލަން.”
ދާނިޝް ހިނިތުންވުމަކާއިއެކީ އެހެން ބުނުމުން ނާއިފް އޯކޭ ދިނެވެ. އެއާއިއެކު އެ ކޯލު ނިމުމަކަށް އައެވެ.
**
އެދުވަހު ހިލްޔާ ވެސް ޑިއުޓީ އޮތީ ރޭގަނޑު ކަމަށްވުމުން ހިލްޔާ ދުވަސް ހޭދަކުރީ ގޭގައެވެ. އެލީ ސްކޫލަށް ގެންގޮސް، ސްކޫލުން އަނބުރާ ގެނެސް އެލީއާއި ދޮންތައާއި އެކީ ވަގުތު ހޭދަ ކުރިއެވެ. އަދި އެދުވަހު 2 ގެ ޑިއުޓީއަށް ގޮސްފައި އެ ޑިއުޓީ 6 ކުން ނިމުމުން ރާފިލްއަށް ކުރު ގޮތަކަށް ގުޅާލިއެވެ. ޑިއުޓީއިން ގެއަށް އައިސް ރާފިލް ހަދާހެން އޭނަ ކޯލުގައި ހުންނަން ބޭނުން ނުވާ ވާހަކަ ރާފިލް ގާތު ބުނަމުންނެވެ. ރާފިލް އެ ވާހަކައާއި އެއްބަސްވުމުން ހިލްޔާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
އެދުވަހު މުޅި ޑިއުޓީ ތެރެއިން ކްލިނިކް ގެ ރިސެޕްޝަން ކައިރިން ހިނގާފައިދާ ކޮންމެ އިރަކު ހިލްޔާއަށް ރިސެޕްޝަނާއި ދިމާލަށް ބެލެމުން ދިޔައެވެ. އޭގެއިން ކޮންމެ ފަހަރަކު ދާނިޝް ފެންނަ ގޮތެއް ނުވުމުން ހިލްޔާގެ ހިތަށް އުދަގުލެއް ވަމުން ދިޔައެވެ. ދާނިޝް މިއަދު ޑިއުޓީއަށް ނާންނަނީތޯ ހިތަށް އަރަމުން ދިޔައެވެ. ދާނިޝްގެ މާސްކް ގެ ސަބަބުން އެ ސޫރަ ނުފެނުނަސް ދާނިޝް ކްލިނިކްގައި ވުމަށް ހިތް އެދުނެވެ. އެއީ ކީއްވެ ކަމާއިމެދު ވިސްނަން ހިލްޔާ ބޭނުމެއް ނުވިއެވެ. އޭނައަކީ ރާފިލްގެ ބައިވެރިޔާކަން ހަނދާން ކުރަމުންނެވެ. އޭނަ އިންނަން ބޭނުންވަނީ ރާފިލް އާއިކަން އަމިއްލަ ނަފްސަށް ހަނދާން ކޮށްދެމުންނެވެ.
އެރޭ 7:50 ވީ އިރު ހިލްޔާ ޑިއުޓީއަށް ދިޔައީ ވެސް އެ ކަންތަކާއިމެދު ގަދައަށް ވިސްނަމުންނެވެ. އަދި ރާފިލް ކުރަމުން ދިޔަ މެސެޖުތަކަށް ލޯތްބާއި އެކީ ރިޕްލައި ފޮނުވަމުން ދިޔައީ އެ ގުޅުމުގެ ވެސް ރީތިކަމެއް ވާކަން ހަނދާން ބެހެއްޓުމަށެވެ. ކްލިނިކްގެ ކައިރީގައި ކާރު ޕާކްކޮށްލުމަށްފަހު ވެސް ހިލްޔާ 5 ވަރަކަށް މިނެޓް ވަންދެން ރާފިލް އާއި މެސެޖުތައް ބަދަލުކުރަން ކާރުގައި އިނެވެ. ރާފިލް މެސެޖު ނިންމާލީ ހިލްޔާ ދެކެ ވަރަށް ލޯބިވާ ވާހަކަ ބުނަމުންނެވެ. އެހެނަސް އެ ބަސްތަކުގެ އަސަރެއް ހިލްޔާގެ ހިތާއި ހަމައަށް ނުފޯރައެވެ. ރާފިލް އެ ހަދަނީ ތެދެއްތޯ ވެސް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ކޮންމެ ގޮތެއްވިޔަސް ރާފިލްގެ އެ މެސެޖުގެ ޖަވާބަކަށް ހިލްޔާ ހިތެއްގެ އިމޯޓިކޯން ފޮނުވިއެވެ. ރާފިލް އެ މެސެޖު ލައިކް ކުރުމުން ހިލްޔާ ފޯނު ނިވާލަމުން ކާރުން ފޭބިއެވެ.
ހިލްޔާ އަވަސް ހިނގުމެއްގައި ގޮސް ކްލިނިކަށްވަދެ އަތް ދަބަހުން ނެގި ކާޑުން ސައިން އިން ކުރި ވަގުތު 7:57 ވީއެވެ. ސައިން އިން ކުރުމަށްފަހު ހިލްޔާ މައިދޮރާއިވީ ފަރާތަށް އެނބުރިލީ ވަގުތު އެ ދޮރުން ވަދެގެން އައި ދާނިޝް ހިލްޔާއަށް ފެނުނެވެ. ދާނިޝް ވެސް އައީ ޑިއުޓީއަށް ކަމަށްވުމުން ދާނިޝް އެނބުރިލީ ސީދާ ހިލްޔާއާއި ދިމާލަށެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއިއެކު ހިލްޔާގެ މެއަށް ގޮތެއްވިއެވެ. ރާފިލްއާއި އެތައް އިރެއް ވަންދެން ވާހަކަ ދެއްކިއިރު ވެސް ނުކުރެވުނު އެތައް އިޙްސާސެއް ދާނިޝްގެ އެ އެންމެ ފެނިލުމުން ވެސް ކުރެވިގެން ދިޔައެވެ.
ނުނިމޭ