ٱللَّهُ وَلِىُّ ٱلَّذِينَ ءَامَنُوا۟ يُخْرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ
“اللَّه އީ، އީމާންވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެމީހުން ނެރުއްވައެވެ…”
ބަޤަރާ ސޫރަތުގެ އެ އާޔަތް ހިތަށް ވެރިވުމުން މެއަށް ފިނިވިއެވެ. އެ ބަސްތަކަކީ އޭނަ ހަމައެކަނި ކިޔެވި ބަސްތަކެއް ނޫނެވެ. ތަޖުރިބާ ވެސް ކޮށްފައިވާ ބަސްތަކެކެވެ. އެހެންކަމުން މާމަ އެ ބުނީ ތެދެއްތާއޭ ހިތަށްއެރިއެވެ. މި ޙާލަތުގައި އިސްތިޚާރާ ނަމާދު ކުރުމުން ވަކި ގެއްލުމެއް ނެތްކަމަށް ހިތަށްއެރިއެވެ.
އެހެންކަމުން އެވަގުތު ކޮޅުން ފެށިގެން ވެސް ހިލްޔާ، ރާފިލް އާއިމެދު ނިންމަން އުޅޭ ނިންމުންތަކަށް އިސްތިޚާރާ ނަމާދު ކުރަން ނިންމިއެވެ. އެހެނަސް ނޭނގޭ ސަބަބަކާ ހުރެ ނަމާދު ކުރަން ހަނދާން ނެތެމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާވާން ފަށާ މީހުން ހެޔޮ ޢަމަލުތަކުގެ މަތިން ހަނދާން ނައްތުވާލުމަކީ ޝައިޠާނާއަށް ފަސޭހަ ކަމެކެވެ.
އެންމެ ފުރަތަމަ ހިލްޔާ ނިންމައިގެން ހުރީ މެންދުރު ނަމާދުގެ ސުންނަތް ނަމާދުތަކުގެ ތެރެއިން ނަމާދެއް އިސްތިޚާރާއަށް ހެދުމަށެވެ. އެކަން ހަނދާންވީ މެންދުރު ނަމާދާއި، އެ ނަމާދުގެ އިހު އަދި ފަހު ހުރިހާ ސުންނަތެއް ކޮށް ނިމި ގަޑިއެއްހާ އިރު ވެސް ވީ ފަހުންނެވެ. އެއަށްފަހު ސުންނަތް ނަމާދެއް ކުރަން ވަގުތެއް ހުސް ނުކުރެވުނެވެ. ޢަޞްރު ނަމާދަށްފަހު ސުންނަތް ނަމާދެއް ނުކުރެވޭނެތީ އަނެއްކާވެސް ފަސްކޮށްލަން ޖެހުނެވެ. އެހެންކަމުން އެދުވަހު ޑިއުޓީއަށް ދިޔައީ އިސްތިޚާރާ ކުރެވުމެއް ނެތިއެވެ.
ކޮންމެއަކަސް ޑިއުޓީއަށް ދިޔަ މަގުމަތީގަ އާއި ޑިއުޓީގެ ތެރެއިން ވެސް ހިލްޔާއަށް އިސްތިޚާރާ ނަމާދާއި މެދު ވިސްނުނެވެ. އެދުވަހުގެ ހަވީރު ޑިއުޓީ 5:30 ގައި ނިމުނު ވަގުތު އާދައިގެ މަތިން ރާފިލް ގުޅާލިއެވެ. ފޯނުގެ ސްކްރީނުން ރާފިލްގެ ނަން ފެނުމާއިއެކު ރާފިލްއާއި ވެސް އިސްތިޚާރާ ގެ ވާހަކަ ދައްކާލަން ހިތަށްއެރިއެވެ. ރާފިލްއާއި އޭނައާއި ދެމީހުން ވެސް އިސްތިޚާރާ ކޮށްފިނަމަ އެދެމީހުންގެ ކައިވެނި ކުރުން ފަސޭހަވެސް ވެގެން ހިނގައިދާނެ ކަމަށް ހިތަށްއެރިއެވެ. އެހެނަސް….
“ހައި ރާފިލް…” ހިލްޔާ ފޯނު ކަންފަތުގައި ޖައްސާލަމުން ބުންޏެވެ. އެއާއިއެކު އެކޮޅުން ރާފިލްގެ ވާހަކަ ފެށުނެވެ.
“ހައި ލަވް. ކޮބާ ރޭގަ ގެއަށް ދިޔައިމަ ކިހިނެއް ކިހިނެއް ކަންތައްވީ؟ ޑިޑް ހިޓްލާރ ޑްރޮޕް އަ ބޮމްބް؟” ރާފިލް މިފަދަ ސުވާލުތައް ކުރަން ފެށުމާއިއެކު އިސާހިތަކު ހިލްޔާ ހުރިހާ ހެވެއްގެ މަތިން ހަނދާން ނެތުނެވެ. ރޭ ހިލްޔާ ބައްޕަގެ ހަރުކަށި ކަމުގެ ވާހަކަ ކިޔައިދެމުން ދިޔަދިޔަހެން ރާފިލް ބައްޕަ ސިފަ ކޮށްފައިވީ ހިޓްލަރުގެ ގޮތުގައެވެ. އެއީ އެ ދެމީހުންގެ ދެމެދުގައި ސަމާސާއަކަށް ވެގެން ދިޔައެވެ.
އެވަގުތު ހިލްޔާއަށް އެ ބަސްތަކަށް ހިނިތުންވެލެވުނީ ރާފިލްއާއި އޭނަގެ ސަމާސާ ހިތުގައި ޒީނަތްތެރިވެފައިވުމުންނެވެ. އަމިއްލަ ބައްޕަ އެފަދަ ގޮތަކަށް ސިފަ ކުރުމަކީ އެ ބައްޕަ ކިހާ ހިތުގައި ޖެހޭނެ ކަމެއްކަން ވިސްނުމެއް ނެތިއެވެ. އަމިއްލަ ބައްޕަ ގޯސް ކުރުމަކީ ކިހާ ބޮޑު ފާފައެއް ކަން ހަނދާން ނެތިފައިވާ ޙާލުގައެވެ. އަދި އޭނަ މިފަދަ ފާފައެއްގައި ބައިވެރި ކުރާނީ ކޮންކަހަލަ މީހެއްކަން ނުވިސްނޭ ޙާލުގައެވެ.
އިންސާނާގެ ހިތަކީ ﷲ ގެ ހިދާޔަތާއި ދުރުވެއްޖެނަމަ ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވާ އެއްޗެކެވެ. ދާދި ދެންމެއަކު ނަމާދާއި މެދު ހިތް މަޑުމޮޅިވެފައި ވިއެއްކަމަކު ހިލްޔާގެ ހިތަށް ރޭގެ ހުރިހާ ޖަޒުބާތެއް އެވަގުތު އަނބުރާ އައީ އެހެންވެއެވެ. އެ ޖަޒުބާތުތަކާއިއެކީ ހިލްޔާއަށް ވާހަކަ ދެކެވުނެވެ.
“މައި ގޯޑް ޑޯންޓް އިވެން އާސްކް. ބައްޕާ މޭޑް އަ ފަސް! ހީވަނީ އިލީގަލް ކަމެއް ކުރުމަށްފަހު ގެއަށް އައީހެން. ހީ ޝައުޓެޑް އެޓް މީ. ބުނީ…..އަހަންނަށް ރާފިލްއާ މެރީ ނުކުރެވޭނެއޭ…” ހިލްޔާ ވާހަކަ ދެއްކިއެވެ. ހިލްޔާއަށް ނޭނގުމެއްގެ ތެރެއިން ވެސް އެހެން ވާހަކަ ދެކެވެމުން ދިޔައީ، ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި ރާފިލް އޭނަގެ ސިކުނޑީގައި ބައްޕައަށްޓަކައި ނަފްރަތު އުފައްދާފައިވާތީ ކަމެއް ހިލްޔާއަށް ނޭނގެއެވެ.
“ވަޓް ދަ ހެލް!” ރާފިލް ބުންޏެވެ. އެ ބަސްތަކުން ހިލްޔާގެ ހިތަށް އުދަގޫވިއެވެ. ބައްޕައާއި މެދު ގޯސްކޮށް ވާހަކަ ދެއްކޭތީ ހިތުގެ ކަނަކުން ހިތާމަ ކުރެވެމުން ދިޔައެވެ. އެހެނަސް ރާފިލްގެ ރުޅިވެރިކަމުން އޭނަގެ ރުޅިވެރިކަމަކީ ޙައްޤު ރުޅިވެރިކަމެއްކަން ޔަޤީން ކުރެވުނެވެ. މިއަދު ބައްޕައަށް ވުރެ ބޮޑަށް އޭނަ އިޙްތިރާމް ކުރަނީ ރާފިލްއަށް ކަމަށްވާތީވެއެވެ. ނޭނގުމެއްގެ ތެރެއިން ވެސް އޭނަގެ ހިތުގައި މިވަގުތު ވާ ‘އިލާހު’ ކަމުގައި ވާ ދުނިޔޭގެ ޒީނަތްތެރިކަމަށް އޭނަ ވާސިލް ކޮށްދޭނީ ރާފިލް ކަމަށް ވިސްނިފައިވުމުންނެވެ. އެހެންކަމުން އެ ވާހަކަ އާއިގެން ކުރިއަށް ދެވުނެވެ.
“އައި ނޯ ރައިޓް! އަހަންނަށް ވެސް ޤަބޫލު ނުކުރެވޭ. ބައްޕައަކު ޖެހޭނީ އަންހެން ކުއްޖަކު ޕްރޮޕޯޒަލްއެއް ގެނައިމަ އުފާ ކުރަން ދޯ؟ އައި ސްވެއާރ އައި ޑޯންޓް ފީލް ލަވްޑް ހިއާރ.” ހިލްޔާ އެހެން ބުނެލިއިރު ލޮލަށް ކަރުނަތައް ވެސް އައެވެ. އެހެން ބުނިއިރު ވެސް އެއީ ދޮގެއްކަން އެނގުނެވެ. ބައްޕަ އޭނައާއި ހަރުއަޑުން ވާހަކަ ދައްކާފައިވަނީ ރޭ އެކަންޏެވެ. އެހެނަސް ހިލްޔާ އޭނަގެ ލޯބީގެ ވާހަކަ ކުރިއަށް ގެންދަން ބޭނުންވިއެވެ. ގިނަ ލޯބީގެ ވާހަކަތައް ފަދައިން އޭނަގެ ވާހަކައިގައި ވެސް ނުބައި މީހަކީ ބައްޕައޭ ހިތަށްއެރިއެވެ.
“ޑޯންޓް ވޮރީ ލަވް. މި ދުވަސްތަކަށް ނިމުމެއް އަންނާނެ. ހިލްޔާގެ ބައްޕަ ރުހުނަސް ނުރުހުނަސް އައި ވިލް މޭކް ޔޫ މައިން. ހިލްޔާގެ ބައްޕައާ ބެހޭގޮތުން އަހަންނަށް ހީވީ ރަނގަޅަށް ދޯ؟ ބުނިންދޯ ހީ ޑަޒަންޓް ގިވް މީ ގުޑް ވައިބްސް އޭ. ހިލްޔާ ތިހެން ދިގު ހެދުން ލައްވާފަ ގޭގަ ބަހައްޓައިގެން ހިލްޔާ ރިސްޓްރިކްޓް ކުރަން އެ މަސައްކަތް ކުރަނީ. ޔޫ ނީޑް ޓު ބްރޭކް ފްރީ. ޔޫ ޑިޒާވް ޓު ގޯ އައުޓް މޯ.” ރާފިލް ހިލްޔާގެ ކަންފަތް ފުރާލިއެވެ.
އެ ހިނދު ހިލްޔާއަށް ރާފިލްގެ ބައެއް ވާހަކަތަކާ ދެބަސްވެވުނެވެ. އޭނަ ދިގު ހެދުން ލީ ބައްޕަގެ އެދުމަކަށް ނޫނެވެ. ހެދުން އެޅުމަށް އެންމެ ރަނގަޅު ގޮތަކީ އެއީކަން ވިސްނުނު ފަހުން އަމިއްލައަށް ނިންމި ނިންމުމެކެވެ. އެހެނަސް ދެންވެސް ރާފިލްގެ ވާހަކައިގެ އޮޔާ ޖެހިގެން ދިޔައެވެ. އޭނަ ދިގު ހެދުން ލީ ކޮންމެ ސަބަބަކާ ހެދި ކަމަށް ވިޔަސް ރާފިލް އެ ބުނާހެން ބައްޕަ އޭނަ ހިފަހައްޓައިގެން އުޅޭކަށް ނުޖެހެއެވެ. އޭނަ ބޭނުންހާ ތަނަކަށް އޭނައަށް ދެވެން ޖެހޭނެއެވެ.
ބައްޕަގެ އެ ‘ހިފެހެއްޓުމުގައި’ ވަނީ ކިހާ ބޮޑު ރައްކާތެރިކަމެއް ކަން ހިލްޔާއަށް އެނގޭނެ ނަމައެވެ.
“ހަމަ އަސްލުވެސް ރާފިލް. އައިމް ގްލޭޑް އައި ފައުންޑް ޔޫ. އަހަންނަށް އެނގޭ ރާފިލް އަހަރެންގެ މި ކޭޖްޑް ލައިފް ބަދަލުކޮށްދޭނެކަން. އައި ވޯންޓް ޓު ބްރޭކް ފްރީ.” ހިލްޔާ ބުންޏެވެ.
“ގްރޭޓް! އެހެންވެއްޖެއްޔާ ރިބެލް ކުރަންވީ! ތި ބައްޕަ ކޮންމެ އެއްޗެކޭ ކިޔުނަސް އަހަންނާ އެކީ ޑޭޓްސްތަކަށް އަންނަންވީ. ހީ ޝުޑުންޓް ސްޓޮޕް ޔޫ އެޓް އޯލް. މިރޭ ހިނގާ ދާން. ހަމަ މިރޭ! ޓު މޭކް އިޓް ކްލިއާރ ޓު ހިމް!” ރާފިލް ހަރު އަޑުން ހިސާބެއްގެ ރުޅިވެރިކަމާއިއެކީ ބުންޏެވެ.
ރާފިލް އެ ބުނި ބުނުމުން ހިލްޔާގެ ހިތަށް ލޮޅުމެއް އައެވެ. ރޭ ހިނގި ކަންތަކަށް ފަހު ހިލްޔާއަށް ނޭނގުމެއްގެ ތެރެއިން ވެސް އިނދެވުނީ، ރާފިލްއާއި ވަކިން ދެން ބައްދަލުކުރަން ނުދާން ނިންމައިގެންނެވެ. އެހެންނޫނަސް ހިލްޔާ ހީކުރީ ރާފިލް އޭނައަށް ކައިވެންޏަށް އެދިފައިވުމުން ރާފިލް ދެން އޭނައާއި ބައްދަލުކުރާނީ ގެއިން ކަމަށެވެ. ބައްޕައާއި އެކީގައި ކަމަށެވެ. ބައްޕައާއި ކައިވެނީގެ ވާހަކަ ދައްކަން ރާފިލް ނިންމާނެ ކަމަށެވެ. އެހެނަސް ރާފިލް ދެންމެ ދެއްކި ވާހަކައިން އެއީ އަދި ދުރު މަންޒަރުތަކެއްހެން ހީވިއެވެ.
“މޭއިބީ ނޮޓް ޓުނައިޓް ދޯ؟ ބައްޕަ އެހާ އަޕްސެޓް ވެފަ ހުއްޓާ އަސްލު ދާކަށް ނުކެރޭނެ.” ހިލްޔާއަށް ބުނެވުނެވެ.
“ކެރޭނެ! ޔޫ ކޭން ޑޫ ދިސް މައި ލަވް! މިއީ ހަމައެކަނި ޑޭޓަކަށް އަންނާށޭ ނޫން މި ބުނަނީ. ހިލްޔާގެ ތި ހިޓްލަރު ބައްޕައަށް ސްޓޭޓްމެންޓެއް ދޭން މިއުޅެނީ. ނަތިންގް ކޭން ސްޓޮޕް އަވާރ ލަވް. އަވާރ ލަވް އިޒް ޕަވާރފުލްކަން ދައްކަން މިއުޅެނީ. ހިލްޔާ ބޭނުމެއް ނުވޭތަ މިގޮތް؟” ރާފިލް ބުންޏެވެ.
އެއާއިއެކު ހިލްޔާގެ ހިތް އަނެއްކާވެސް އެކޮޅުކޮޅުން ޖެހުނެވެ. ރާފިލް އެ ބުނީ ތެދެކޭ ހިތަށްއެރިއެވެ. ބެލިހާ ފިލްމުތަކާއި ޑްރާމާތަކުން ހިތުގައި ޒީނަތްތެރިވެފައިވީ ރާފިލް އެ ބުނި ޒާތުގެ ބަސްތަކެވެ. ލޯބީގެ ވާހަކައެއް ރީތިވަނީ ދުނިޔަވީ އެންމެހާ ހުރަހަކާއި ވެސް ދެކޮޅަށް އެ ލޯބި މޮޅުވެ ކާމިޔާބުވުމުން ނޫން ހެއްޔެވެ؟ ވީއިރު އޭނަގެ ލޯބީގެ ވާހަކަ ރީތި ކުރުމަށްޓަކައި، އޭނަ ޖެހޭނީ ރާފިލް އެ ބުނި ގޮތަށް ކަން ކުރަން ނޫން ހެއްޔެވެ؟
“އައި ބިލީވް ޔޫ ރާފިލް. އެނގޭ އަހަރުމެންގެ ލޯބި ޕަވާރފުލް ކަން.” ހިލްޔާއަށް ބުނެވުނެވެ.
“ގްރޭޓް! މިރޭ ހިލްޔާގެ ޑިއުޓީ ނިމޭއިރަށް އަންނާނަން ބަލާ. ހިލްޔާ ވާނެ އަންނަން. ނޯ އެކްސްކިއުޒެސް! ޑޯންޓް ބީ ސްކެއާރޑް. އައިމް ހިއާރ ފޯ ޔޫ.” ރާފިލް ބުންޏެވެ.
ރާފިލް އެ ވާހަކަ އަމުނައިލި ގޮތުން ހިލްޔާގެ ހިތް ނުތަނަވަސްވިއެއްކަމަކު ހިނިތުންވެލެވުނެވެ.
“އައި ނޯ.” ހިލްޔާ އެހެން ބުނެލިއިރު ކޯތާފަތް ރަތްވެފައިވިއެވެ. ހަމަ އަސްލުވެސް އޭނައާއި ރާފިލްގެ ލޯބި ހާދަ ރީއްޗޭ އެވަގުތު ހިތަށްއެރިއެވެ.
އަމިއްލަ ހެޔޮ އެދޭ ބައްޕައާއި ދެކޮޅުވެރިވާ ލޯތްބެއް ރީތިވާނީ ކިހިނެއް ހެއްޔެވެ؟ އަޚްލާޤީ މާތް ސިފަތަކުން ބަރީއަވުމަށް ހިތްވަރުދޭ ލޯތްބެއް ރީތިވާނީ ކިހިނެއް ހެއްޔެވެ؟ ﷲ ގެ ރުހިވޮޑިގަތުމާއި ދުރު ލޯތްބެއް ރީތިވާނީ ކިހިނެއް ހެއްޔެވެ؟
ހިލްޔާގެ ސިކުނޑިއަށް މި ވިސްނުންތައް އެއްގޮތަކަށް ވެސް ނާދެއެވެ. އެއަށްވުރެ ބޮޑަށް އެ ހިތް ވީ އެރޭ ރާފިލް އާއި ބައްދަލު ކުރަން ރޭވި ރޭވުމާއިމެދު ނުތަނަވަސްވެފައެވެ. ޑިއުޓީ ނިންމުމަށްފަހު އޭނަ ދާން އުޅެނީ ކޮން ތަނަކަށް ކަން ބައްޕައަށް ސިއްރު ކުރެވޭނެހާ ގޮތްތަކަކާއިމެދު ވިސްނުނެވެ. ދޮގު ހެދުމަކީ ހިލްޔާ ނަފްރަތު ކުރާ ކަމަކަށް ވިޔަސް، އެރޭ ބައްޕަ ގާތު ދޮގެއް ހެދުމުގެ ޝައުޤުވެސް ހިތުގައި އުފެދެން ފަށާފައިވިއެވެ. ޑިއުޓީއަށްފަހު މިރޭ އޭނައާއި ނުހަނު އެކުވެރި ފާމަސިސްޓް ކުއްޖާއާއި އެއްކޮށް ތަނަކަށް ދާން އުޅޭ ވާހަކަ ބައްޕަ ގާތު ބުނަން ބޭނުންވިއެވެ. މި ކަމުގައި އޭނައަށް އެއްބާރުލުން ދިނުމަށް އެ ފާމަސިސްޓް ކުއްޖާއަށް އެދެވިދާނެ ކަމަށް ހިލްޔާގެ ހިތް ބުންޏެވެ.
އެހެނަސް ހިލްޔާ އެރޭ 8 ގެ ޑިއުޓީއަށް ދިޔައީ، އެފަދަ ދޮގެއް ހަދަން ނުކެރޭ ޙާލުގައެވެ. އެހެންކަމުން މުޅި ޑިއުޓީ ތެރެއިން ވެސް ހިތު ތެރޭގައިވީ ނުތަނަވަސްކަމެވެ. ރޭ އޭނައާއި ބައްޕައާއި ދެމެދު އެހާ ބޮޑު ޖަދަލެއް ހިނގާފައި ވަނިކޮށް އަނެއްކާ މިރޭ އޭނަ ލަހުން ގެއަށް ދިޔުމުން ވާނެ ގޮތެއް ވެސް އަންދާޒާ ނުކުރެވުނީތީވެއެވެ. ހިތަށް ވެރިވަމުން ދިޔަ ބިރުވެރިކަން ބޮޑުވުމުން އެންމެ ފަހުން އެރޭ ރާފިލްއާއި އެކީ ނުދިޔުމަށް ނިންމުނެވެ.
އެރޭ ޑިއުޓީ ނިންމުމަށްފަހު ހިލްޔާ ކޮންސަލްޓޭޝަން ރޫމުން ނިކުމެގެން އައީ އެ ނިންމުމާއި އެކީގައެވެ. ލޮބީއަށް ނިކުމެވުނުއިރު އޭރު އަދި ރާފިލްއަށް ނާދެވެއެވެ. މީގެ އިރުކޮޅެއް ކުރިން މެސެޖެއް ކޮށްފައި ކުޑަކޮށް ލަސްވެދާނެކަމަށް ރާފިލް ބުނެފައިވިއެވެ.
ރާފިލް ނެތުމުން އާދައިގެ މަތިން ހިލްޔާގެ ސަމާލުކަން ހުއްޓުނީ ރިސެޕްޝަންގައި އިން ދާނިޝްއަށެވެ. ލޮބީ ތެރެއިން ހިނގަމުން ގޮސް ރިސެޕްޝަނާއި ހަމައަށް ހިލްޔާއަށް ދެވުނު ވަގުތު މަސައްކަތުގައި އިން ދާނިޝް އިސްއުފުލައި ބަލައިލިއެވެ.
“ޑިއުޓީ ނިމުނީތަ ޑޮކްޓަރ ހިލްޔާ؟” ދާނިޝް ކޮޅަށް ތެދުވެ، އޭނަ ޕްރިންޓް ކުރި ގަނޑުތައް އެއްކުރަމުން ސުވާލު ކުރިއެވެ. އެއާއިއެކު ހިލްޔާ ފިޔަވަޅުތައް މަޑުޖައްސާލަމުން އެދިމާލަށް އެނބުރިލިއެވެ.
“ހުމް ނިމުނީ.” ހިލްޔާ ދާނިޝްގެ ޙަރަކާތްތަކަށް ބަލަމުން ކުރު ޖަވާބެއް ދިނެވެ. ދާނިޝް ފަރިތަކަމާއިއެކު އަތުގައި ހުރި ގަނޑުތައް ޕަންޗް ކުރުމަށްފަހު އެތާ އޮތް ޕޭޕާރ ފައިލެއް އެ ގަނޑުތައް ލައްވަން ތައްޔާރު ކުރަން ފެށިއެވެ.
“އެހެންވީއިރު ގެއަށް ދުރުވޭ. ނަހީދުބެ ވަރަށް ކަންބޮޑުވާނެ އެހެންނޫނީ.” ދާނިޝް މަސައްކަތުގައި ހުރެ ހިލްޔާއަށް ލުއި ނަޒަރުތައް ބުނެލި ވާހަކައިން ހިލްޔާގެ ލޯ ބޮޑުވެ، މެއަށް ފިނިވިއެވެ.
“ބައްޕަ….ގުޅީތަ ދާނިޝްއަށް؟” ހިލްޔާއަށް އަހާލެވުނެވެ. ރޭ ބައްޕަ އޭނަ ފޯނު ނެގުމުން ގުޅާނެ މީހަކީ ދާނިޝް ކަން ޔަޤީނާއި ގާތް ކުރެވޭ ޙާލުގައެވެ.
ހިލްޔާގެ ސުވާލަށް ދާނިޝް ބޯޖެހިއެވެ.
“ހުމް….ރޭގަ ގުޅީ. ހިލްޔާ ވީ ތަނެއް ނޭނގިގެން ވަރަށް ކަންބޮޑުވެގެން ގުޅީ. އަހަރެން ބުނިން ހިލްޔާ ދިޔައީ ރާފިލްއާއި އެކީގައޭ. ތަނަކަށް ދަންޏާ ބައްޕައަށް އަންގާލާފަ ދިޔުން ކަންނޭނގެ ރަނގަޅީ. ބައްޕަވީމަ ވަރަށް ފިކުރު ކުރާނެދޯ ދަރިފުޅާއިމެދު؟” ދާނިޝް އަތުގައި ހުރި ގަނޑުތައް ފައިލަށް ލައްވާލަމުން އެހެން ބުނެލީ، އެ ބަސްތަކުގެ އަސަރު ހިތުގެ ފުން މިނަށް ކުރާ ޙާލުގައެވެ. ބައްޕަ ދުނިޔޭގައި ހުރުމަކީ ކިހާ ބޮޑު ނަސީބެއްކަން ހިލްޔާއަށް އެނގޭނެ ނަމައޭ ހިތަށްއެރިއެވެ. ތިމާއާއިމެދު ފިކުރު ކުރާނެ މީހަކު ގޭގައި ނެތުމަކީ ކިހާ ބޮޑު ހިތާމައެއްކަން ހިލްޔާއަށް ނޭނގެނީތާއޭ ހިތް ބުންޏެވެ.
އެހެނަސް ހިލްޔާގެ އަނދިރިވެފައިވާ ހިތަށް، ދާނިޝްގެ އެ އިޙްސާސްތައް ފަހުމެއް ނުވިއެވެ. ދާނިޝްގެ އެ ބަސްތަކުން ހިލްޔާއަށް ފެނިގެން ދިޔައީ ބައްޕައާއި ދާނިޝްގެ ‘ޕްރޮޕެގެންޑާ’ އެކެވެ. ރަނގަޅަށްވިއްޔާ މިހާރު ދާނިޝްއާއި ބައްޕަ ވާހަކަ ދައްކައިގެން އެ އުޅެނީ އޭނަގެ ސިކުނޑި ދޮންނާށެވެ. އޭނައާއި ރާފިލް ދުރު ކުރުވާށެވެ. އެދެމީހުން ބޭނުންވާހެން އޭނައާއި ދާނިޝް ގުޅުވާށެވެ. ދުވަހެއްގެ ކޮޅުން ވެސް އެހެން ނުވާނެ ކަމަށް ބުނެ ހިލްޔާގެ ހިތް ހަޅޭއްލެވިއެވެ.
ހިލްޔާ ދެބުމަ ކައިރިކޮށްގެން އޭނައަށް ބަލަހައްޓައިގެން ހުރި ދެރަވެފައިކަމެއް ނޫނީ ނުރުހުންވެފައި ކަމެއް ނަގައިގަންނަން ދާނިޝް ނުކުޅެދުނެވެ. ދާނިޝް ބަލަބަލާ ހުއްޓާ ހިލްޔާގެ އަތް ދަބަހުގައި އޮތް ފޯނު ރިންގުވާން ފެށުމުން ހިލްޔާ ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ…” ގުޅީ ރާފިލްކަން އެނގި، ހިތާހިތުން އުފާކުރަމުން ހިލްޔާއަށް ޖަވާބު ދެވުނެވެ. އެހެނަސް އެވަގުތު މޫނުމަތިން ފާޅުވަމުން ދިޔައީ ވަރުގަދަ ޢަޒުމެކެވެ. ބައްޕައާއި ދާނިޝްގެ ވެސް މޫނުމައްޗަށް ވަރުގަދަ އެތިފަހަރެއް ވީއްލުމުގެ ޢަޒުމެވެ.
“ހެލޯ ލަވް…މިއޮތީ ބޭރުގަ އިނގޭ. އަވަހަށް އާދޭ. ސޮރީ ފޯ ބީންގް ލޭޓް.” ރާފިލް ބުނެލި ވާހަކައިން ހިލްޔާއަށް ހިނިތުންވެލެވުނެވެ. ރާފިލް ވަގުތަށް ކަމޭ ހިތާވަރު އެނގުންވުމުންނެވެ.
“ހެހެ….އަޅެ އެންމެ 4 މިނިޓްސް އޭ ލަސްވީ. ސޮރީ ބުނާނެ ކަމެއް ނެތް. މި އަންނަނީ.” ހިލްޔާ އެހެން ބުނެ، ދާނިޝްއަށް އިތުރު ސަމާލުކަމެއް ދިނުމެއް ނެތި ދާން ހިނގައިގަތެވެ.
ހިލްޔާ ކްލިނިކުން ނިކުމެގެން ދިޔަ މަންޒަރު ފެނިފައި އެރޭ ވެސް ދާނިޝްއަށް ދޫކޮށްލެވުނީ މާޔޫސީ ނޭވާއެކެވެ.
**
ހިލްޔާ ރާފިލްގެ ކާރަށް ގޮސް އެރުމާއިއެކު އަނެއްކާވެސް ހިލްޔާގެ ‘ރީތި’ ލޯބީގެ ވާހަކަ ފެށިގެން ދިޔައެވެ. އޭނަގެ މޮޅު ކާރެއް ފަރިތަކަމާއިއެކު ދުއްވާ ލޯބިވެރިޔާ ރީތި އިނގިރޭސި ލަވައެއް އޭނައަށް ކިޔައިދެމުން ދިޔައެވެ. އެރޭ ރާފިލް އަނެއްކާވެސް އޭނަ ގެންދިޔައީ 5 ތަރީގެ ރެސްޓޯރެންޓަކަށެވެ. ހުޅުމާލޭގެ އެ ރެސްޓޯރެންޓްގެ ފަންގިފިލާ ކުރީ ރެއެކޭ އެއްފަދައިން ދެމީހުންނަށްޓަކައި ހުސް ކުރެވިފައިވިއެވެ. ރާފިލް އޭނައަށް ދުނިޔެ ދައްކަމުން ދިޔަ ގޮތުން ނޭނގޭ ސަބަބަކާހުރެ ހިލްޔާގެ ހިތަށް ބިރުވެރިކަމެއް ވެސް ވަންނަމުން ދިޔައެވެ. އެއީ ކީއްވެ ކަމެއް ނުވިސްނުނެވެ. މި ދުނިޔަވީ އުފާވެރިކަމަކީ ދެމި ނޯންނާނެ އެއްޗެއްކަން ހިތުގެ ފުން މިނުގައި ބިންވަޅު ނެގިފައިވާތީ ކަންނޭނގެއެވެ.
ކޮންމެ ގޮތެއްވިޔަސް ހިލްޔާ އެރޭ ވެސް ރާފިލްއާއި އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރެވޭތޯ މަސައްކަތް ކުރިއެވެ. ގެއަށް ގޮސް ބައްޕައާއި ކުރިމަތިލާނެ ގޮތަކާއިމެދު ނުވިސްނަން މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ބޭކާރު ވެގެން ދިޔައީ ކެއުމުގެ ތެރެއިން ހިލްޔާގެ ބައްޕަ ގުޅަން ފެށުމުންނެވެ.
“ކާކު؟” ހިލްޔާ ނުތަނަވަސްކަމާއިއެކީ މޭޒުމަތީގައި އޮތް ފޯނު ނަގައި ސްކްރީނަށް ބަލަހައްޓައިގެން އިންނަން ފެށުމުން ރާފިލް އެހިއެވެ.
“ބައްޕަ…” ހިލްޔާ ފޯނުގެ ސްކްރީން ރާފިލްއަށް ދައްކާލަމުން ބުންޏެވެ.
އެއާއިއެކު ރާފިލް އިސާހިތަކު ހިލްޔާގެ ފޯނު ހިލްޔާގެ އަތުން ޖަހައިގަތެވެ. ސިހުމެއްގައި ހިލްޔާ ބަލަހައްޓައިގެން ހުއްޓާ ރާފިލް ފޯނު ނިވާ ބަޓަނަށް ފިތައިލިއެވެ.
“ރާފިލް ނޯ! ވަޓް ޑިޑް ޔޫ ޑޫ؟” ރާފިލް ހިލްޔާގެ ފޯނު ނިވާލުމަށްފަހު މޭޒުމަތީގައި ބަންޑުން ބޭއްވުމުން ހިލްޔާއަށް ބުނެވުނެވެ.
“ހިލްޔާ ރިލޭކްސް! ވަރަށް ގިނައިން އެބަ ބުނަންދޯ ތި ބައްޕައަކީ ކޮންމެހެން ބިރުގަންނަން ޖެހޭ މީހެއް ނޫނޭ؟” ރާފިލް ބުންޏެވެ.
“ޔާ ބަޓް….ބައްޕަ ވަރަށް ވޮރީވާނެ ދޯ އަސްލު ވީ ތަނެއް ނޭނގުނީމަ؟” ހިލްޔާއަށް ބުނެވުނެވެ. ނޭނގުމެއްގެ ތެރެއިން ވެސް ދާނިޝް ބުނި ބަސްތަކުގެ އަސަރު ކޮށްފައިވިއެވެ.
“ގުޑް ލޯޑް ކޮން ވޮރީއެއް؟ 26 އަހަރުގެ އަންހެނެކޭ ތިއީ. ކުޑަކުއްޖެއް ނޫން. އަމިއްލައަށް ޑްރައިވް ކުރެވޭ އިންޑިޕެންޑެންޓް ކުއްޖެއް. ކޮންޓްރޯލް ކުރުން ނޫންކަމެއްގަ އެގޮތަށް ބައްޕައަކު ގުޅައި ނަހަދާނެ ޓްރަސްޓް މީ. ހިލްޔާ ތިއުޅޭ ގޮތުން އެނގޭ އެ ބައްޕަ ހިލްޔާ ގެންގުޅެފަ ހުރީ ކިހާ ކޮންޓްރޯލް ކޮށްގެން ކަން ވެސް. އިޓްސް ރިޓެން އޮން ޔުއާރ ފޭސް. ބުނެބަލަ…މި ނޫން ވެސް ހިލްޔާ ބޭނުންވާ ކަންތަކުން ދުރުކޮށް، ނުރުހޭ ކަންތައް ކުރުވަން އުޅޭ ދޯ ތި ބައްޕަ؟” ރާފިލް ހިސާބެއްގެ ރުޅިވެރި ރާގަކަށް ވާހަކަ ދެއްކި ގޮތުން ހިލްޔާގެ ހިތަށް ބިރުވެރިކަމެއް ވެސް ވަނެވެ. އެހެނަސް ރާފިލް އެ ދެއްކި ވާހަކައަށް އިރުކޮޅެއްގެ ތެރޭގައި ޖަވާބު ދެވުނެވެ.
“ކަމް ޓު ތިންކް އޮފް އިޓް ޔެސް. އަހަރެން ބޭނުންނުވާ މީހަކާ މެރީ ވެސް ކުރުވަން އެބައުޅޭ. ބުނި ތިމަންނަ ފޯސްއެއް ނުކުރާނަމޭ އެކަމަކު އަދިވެސް ހީވޭ އެ ފިރިހެނަކާ ގުޅިގެން އަހަރެން ބްރެއިންވޮޝް ކުރަން އުޅޭހެން.” ހިލްޔާ ވާހަކަ ދެއްކިއެވެ. އެ ވާހަކަތައް ދެކެވުނީ ހަމައެކަނި ހީވާ ހީވުންތަކެއްގެ މައްޗައްކަން ހިލްޔާއަށް ވެސް އެނގުންވިއެވެ. އެހެނަސް ރާފިލްގެ ވާހަކައާއި ބައިވާން ވާހަކަ ބަދަލު ކުރާކަށް ބޭނުމެއް ނުވިއެވެ. ނޫނީ ވާހަކައިގެ ފޯރި ގެއްލިދާނެތީވެއެވެ.
“ސީ! ތިއީ އޭ މެނިޕިއުލޭޓިވް މީހުންގެ ގޮތަކީ. އިފް ޔޫ ވިލް ލިސެން ޓު މީ، ތި ބައްޕައާއި ދެކޮޅަށް ރިބެލް ކުރަންވީ. ކުރީ ކޮޅު ބިރު ގަންނާނެ. އެކަމަކު މަޑުމަޑުން ރަނގަޅުވާނެ. އިޓްސް ކޯލްޑް އެކްސްޕޯޝާރ ތެރަޕީ. ބަލާތި. ކުރީ ރޭ ބިރުގަތް ވަރަށް މިރޭ ހިލްޔާ ބިރެއް ނުގަންނާނެ. އަދި އޭގެ ފަހުން ރޭ އެހެން ވެސް ބިރެއް ނުގަންނާނެ. އެންމެ ފަހުން ތި ބައްޕަ ޖެހޭނީ ގޮތް ދޫކުރަން. ޔޫ ވިލް ބީ ޕަވާރފުލް އޯވާރ ހިމް. އެންޑް ދެޓްސް ވަޓް ވީ ވޯންޓް. ވީ ވޯންޓް ޔޫ ޓު ބީ ފްރީ.” ރާފިލް ކިޔައިދިނެވެ.
ނުހަނު ދިރާސާ ހަދާފައިވާ ފަދައަކުން ދެއްކި އެ ވާހަކަތައް އިސާހިތަކު ހިލްޔާގެ ހިތުގައި ޒީނަތްތެރިވިއެވެ. އޭނަގެ ލޯބިވެރިޔާ އެ ދެއްކިހާ ވާހަކައެއް ދެއްކީ އޭނައަށް ހެޔޮ އެދިގެން ކަމަށް ޤަބޫލު ކުރެވުނެވެ. އަދި ރާފިލް އެ ބުނިހެން ބައްޕަގެ މައްޗަށް ބާރު ހޯދުމުގެ ޢަޒުމެއް ވެސް ހިތުގައި އުފެދުނެވެ.
މިނިވަންކަމުގެ ނަމުގައި ރާފިލް އޭނައަށް އެ ދައްކަނީ ހަލާކުގެ މަގެއްކަން ހިލްޔާއަށް އެއްގޮތަކަށް ވެސް ރޭކާނުލައެވެ.
**
ރާފިލް އާއި އެރޭ ބައްދަލު ކުރުމަށްފަހު ހިލްޔާ ދުއްވަމުން ދިޔަ ކާރު ގެއާއި ގާތްވަމުން ދިޔަ ވަގުތު ދަންވަރު 1:30 ވެ ބޮޑުވަނީއެވެ. އެކަމާއިމެދު ހިލްޔާ ނުތަނަވަސް ވާން އުޅުނެއްކަމަކު އެ އިހްސާސާއި މެދު ނުވިސްނޭތޯ މަސައްކަތް ކުރިއެވެ. އަދި ބަދަލުގައި ރާފިލް ދިން ނަސޭޙަތްތަކާއި އެއްގޮތަށް ބައްޕައާއި ކެރިގެން ކުރިމަތިލާނެ ގޮތްތައް ރާވަމުން ދިޔައެވެ. އެ ރޭވުންތައް ރާވަމުން ދިޔަދިޔަހެން ބައްޕައަށްޓަކައި ހިތުގައި އޮތް ނަފްރަތު އިތުރުވުން ނޫންކަމެއް ނުވިއެވެ.
1:35 ހިނގި ވަގުތު ނަހީދު އިށީނދެގެން ވެސް ހުންނަން ދަތިވެގެން ސިޓިންގް ރޫމުގައި ދެކޮޅުން ދެކޮޅަށް ހިނގަމުން ދިޔައެވެ. ހިލްޔާގެ ފޯނު ނިވިފައިވާ ވާހަކަ އިވެން ފެށުމުން ސިކުނޑި ސުމަކަށް ދިޔައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހިލްޔާއަށް ކަމެއް ދިމާވީބާއޭ ހިތާއެވެ. ކުރީ ރެއެކޭ އެއްގޮތަށް ހިލްޔާ ވީ ތަނެއް ނޭނގިގެން ދާނިޝްއަށް ގުޅާލެވުނެވެ. ހިލްޔާ އެރޭ ވެސް ދިޔައީ ރާފިލްއާއި އެކީ އޭ ބުނުމުން ނަހީދަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. ވީ ނުރުހުމުގައި ދާނިޝްއާއި ދިމާލަށް ވެސް ހަޅޭއްލެވުނެވެ. ހިލްޔާ ދިޔަދިނީ ކީއްވެތޯ ބުނަމުންނެވެ. ނުރުހުންވީ އެހެން އެއްވެސް މީހަކަށް ވުރެ ބޮޑަށް ރާފިލްއަށެވެ. އޭނަގެ ދަރިފުޅު ގޯސް މަގަކަށް އެ ގެންދަނީ ރާފިލް ކަން ރަނގަޅަށް ފަހުމް ކުރެވޭތީވެއެވެ.
ނަހީދު ހިނގަމުން ގޮސް ސިޓިންގް ރޫމުގެ މެދާއި ހަމަ ވީ ވަގުތު އެޕާޓްމެންޓްގެ މައިދޮރުގެ ތަޅު ތިރި ކޮށްލެވުނު އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ހުޅުވިގެން ދިޔަ ދޮރުން ވަދެގެން އައި ހިލްޔާ ފެނި، ނަހީދަށް ކުރިއަށް ފިޔަވަޅުތަކެއް އަޅާލަމުން ވާހަކަ ދެކެވުނެވެ.
“ހިލްޔާ ކިހިނެއްވެގެންތަ ތިއުޅެނީ؟ ކޮންތާކު އުޅެފަ ތިއައީ؟ ފޯނު ކޮބާ؟!” ނަހީދަށް ބޭއިޚްތިޔާރުގައި ހަރުވަމުން ދިޔަ އަޑާއިއެކީ ވާހަކަ ދެކެވުނެވެ.
ހިލްޔާ ނުހަނު ހަމަޖެހިގެން އޭނަގެ ބޫޓު ބޭލުމަށްފަހު ހަރުގަނޑުގައި ބަހައްޓަމުން ނަހީދަށް ބެލިއެވެ.
“ރާފިލް އާއެކީ ޑޭޓަކަށް ގޮއްސަ މިއައީ.” ހިތުގައި ނުތަނަވަސްކަން ވިއެއްކަމަކު އެރޭ ހިލްޔާ އެހެން ބުނިއިރު ހިލްޔާގެ މޫނުމަތިން ޖެހިލުންވުމުގެ ލިސާނެއް ވެސް ނުފެނެއެވެ.
“ޑޭޓަކަށޭ؟ ކީއްކުރާ ޑޭޓެއް؟ އެ ރާފިލްއަކާ އެކީ މިއޮތް ގަޑިއެއްގަ ދާން ހިލްޔާއަށް ކެރުނީ ވެސް ކިހިނެއް؟” ނަހީދު ރުޅިވެރިކަމާއިއެކީ އެހިއެވެ. އެ އަޑަށް ކައިރި ކޮޓަރީގައި ހުރި ހާފިޒާ ނިކުތް ވަގުތު، އަނެއްފަރާތުން ޖަގަށް ފެން އަޅަން ނިކުތް ހަމްރާ ވެސް އެ ދިމާލަށް ބަލާލިއެވެ.
“ކީއްވެ ނުކުރެންވީ ބައްޕާ؟ ހީ އިޒް މައި ފިއޯންސޭ. މެރީ ކުރަން މިއުޅެނީ. މެރީ ކުރަން އުޅޭ ކުއްޖާ ދަނެގަންނަން ބައްދަލު ކުރަން ވެސް ޖެހޭނެ. އައި ޑިޑް ނަތިންގް ރޯންގް!” ހިލްޔާގެ ވެސް އަޑު ހަރުވިއެވެ.
“ހިލްޔާގެ ބައްޕަ ބުނާ ގޮތަށް ނަހަދާ ތަނަކަށް ދިޔައިމަ ވެސް ނަތިންގް ރޯންގްތަ؟”
“އާނ ނަތިންގް ރޯންގް! އިނަފް އިޒް އިނަފް ބައްޕާ! ޔޫ ކާންޓް ކޮންޓްރޯލް މީ ލައިކް ދިސް. އައި އޭމް 26! ބައްޕަ ޖެހޭނީ އަހަރެން އުޅެން ބޭނުންވާ ގޮތަކަށް އުޅުނަ ދޭން.”
“މި ހުރިހާ ދުވަހު ބައްޕަ ދުވަހަކުވެސް ހިލްޔާ ބޭނުންނުވާ ގޮތަކަށް ކަމެއް ކޮށްފަ އެބަހުރިތަ؟ ތި ރާފިލްއަކާ ދުރުގަ އުޅެން މި ބުނަނީ އޭނައަކީ ހިލްޔާއަށް ރަނގަޅު މީހެއް ނޫންކަން އެނގޭތީ. މިވަގުތުން ވަގުތަށް ވެސް ތީނައާ ގުޅުން ކަނޑާލަންވީ.”
“ނުކަނޑާނަން!”
“ކީކޭ؟”
“ނުކަނޑާނަމޭ މި ބުނީ އެންޑް ޔޫ ހާޑް އިޓް. އައި ވިލް މެރީ ހިމް. ބައްޕަ ނުރުހުނަސް. އެންޑް ދެޓްސް ފައިނަލް!”
ހިލްޔާ ހަރު އަޑުން އެ ބުނެލި ފަހު ވާހަކައަށް މުޅި ތަނަށް މަރު ހިމޭންކަމެއް ވެރިވިއެވެ. ނަހީދު ހިމޭންވީ އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް އޭނަގެ ދަރިފުޅު އޭނައަށް ގެއްލިއްޖެހެން ހީވި ހީވުމުގެ ސަބަބުންނެވެ. ކުރިމަތީގައި އޭނައާއި ދިމާލަށް ބުމަ ގޮށްޖަހައި އަލިފާން ކަނި ބުރާ ލޮލުން އޭނައަށް ބަލަހައްޓައިގެން ހުރީ އޭނަގެ ހިލްޔާއެއް ނޫނޭ ހިތަށްއެރިއެވެ.
ނަހީދަށް އެއްޗެކޭ ނުބުނެވުނު ތާނގައި އެ ވާހަކަ އަޑު އަހަން ތިބި ހާފިޒާއާއި ހަމްރާއަށް ވެސް ތިބެވުނީ ގަބުވެފައެވެ. ހިލްޔާއަށް އެ ދެމީހުން ތިބިކަން ފާހަގަވުމާއިއެކު އެ ދެމީހުންނަށް ވަކިވަކިން ނަޒަރެއް ދެވުނެވެ. އެއަށްފަހު އިތުރު އެއްޗެކޭ ނުބުނެ އެމީހުންނަށް ފަސްދީފައި ސިޑިން އަރައިގެން ދާންފެށީ، ހިސާބަކަށް ދެރަވެފައިވާ ޙާލުގައެވެ. އެހެނަސް އަމިއްލަ ޒަމީރުގައި ބިންވަޅު ނެގިފައިވާ ރާފިލްގެ ނަސޭޙަތްތަކާއި އެއްގޮތަށް ހިލްޔާ އެ އިޙްސާސަށް ވެސް ފަސްއަޅާލިއެވެ. މިއީ ދެރަވުމުގެ ބަދަލުގައި އޭނަ ފަޚުރުވެރިވާންޖެހޭ ވަގުތެއްކަމަށް ހިލްޔާގެ ހިތް ބުންޏެވެ.
ނުނިމޭ
