“މާދަމާ ރޭ. މާދަމާ ރޭ މި އުޅެނީ ފަލަކްއާއި އަފްޒަލް ކައިވެނި ކުރިކަން އަންގަން އޮފީހުގެ މުވައްޒަފުންނަށް ޕާޓީއެއް ދޭން. އެ ޕާޓީގެ ތެރެއިން ޕްލޭން ޖައްސާނީ. ޔަޤީންތަ މީގެ ސަބަބުން ފަލަކާއި އަފްޒަލް ދުރުވާނެކަން؟” މަހްރީން އެހިއެވެ.
“ހަމަ ޔަޤީނެއްނު؟ މަށަށް އެނގެއޭ ތި އަފްޒަލްގެ ގޮތް. ރަނގަޅަށްވިއްޔާ މިހާ ދުވަސް ވީއިރު ވެސް ފަލަކްގާތު އަހަރެންގެ ވާހަކަ ނުބުނެ ހުންނާނީ. އަހަންނާއި މެދު އަދިވެސް ދީވާނާވެގެން އުޅޭތީ. މާދަމާ ރޭ އަހަރެން ޖެހޭނީ ތި އަފްޒަލް އަހަރެންގެ ފަހަތު އަޅައިގެން އަހަރެންގެ ފިރިމީހާއާއި ވަރިވާންހެން. ހަހަހަ…” ލީނާ ގަދައަށް ހޭން ފެށި ގޮތުން މަހްރީން ވިސްނުމަކަށް ގެއްލުނެވެ. ހަމަ ޙަޤީޤަތުގައި ވެސް ލީނާ އެ ބުނާ ފަދަ ގޮތެއް ވެދާނެތޯ ހިތަށްއެރިއެވެ.
**
މަހްރީން އަފްޒަލާއި ފަލަކް ވަކި ކުރުވުމަށް ރޭވުންތައް ރާވަމުން ދިޔައީ، ފަލަކްގެ މަޤާމު ހޯދުމުގެ ރޭވުން އިހަކަށް ހަނދާން ނައްތާލާފައެވެ. ފަލަކް ބުރުގާ އެޅުމުން އެހެން ނޫނަސް ލަސްލަހުން ފަލަކްގެ މަޤާމް ފަލަކްގެ އަތުން ބީވެގެން ހިނގައިދާނެ ކަމަށް މަހްރީންއަށް ނިންމިފައިވުމުންނެވެ.
އެހެނަސް ލީނާއާއި ވާހަކަ ދެއްކި ދުވަހާއި ޖެހިގެން އައި ދުވަހު މަހްރީންއަށް ލިބުނީ ބޮޑު ޝޮކެކެވެ. ކުންފުނީގެ ބޯޑް މީޓިންގްއެއް ބޭއްވުމަށް ފަލަކް ކުއްލި ގޮތަކަށް އެންގުމުންނެވެ.
“އެއީ ކީއްކުރަންތޯ؟” ފަލަކްގެ މޭޒު ކުރިމަތީގައި ހުރެ މަހްރީންއަށް އަހައިލެވުނެވެ.
“މީޓިންގްއަށް އައިމަ އެނގޭނެ.” ފަލަކް ހިނިތުންވުމަކާއިއެކީ އެހެން ބުނެ، ތެދުވެލަމުން އެއްލޯ މަރައިލިއެވެ. އެހިނދު މަހްރީންއަށް ވާނުވާއެއް ނޭނގިފައި ހުރެވުނެވެ. ފަލަކް ކޮންމެވެސް ގޮތަކުން ކުންފުނީގެ ޑައިރެކްޓަރުންގެ ރުހުން ހޯދަން މަސައްކަތް ކުރަނީތޯ މަހްރީންގެ ހިތަށްއެރިއެވެ.
އެހެނަސް މީޓިންގްގައި ކަންތައް ވާންފެށީ މަހްރީން ހީކޮށްގެން ހުރި ގޮތާއި މުޅިން ޚިލާފަށެވެ. ކުންފުނީގެ އެންމެ ބޮޑު މީޓިންގް ރޫމުގެ ދިގު މޭޒުދޮށުގައި ފަލަކް އިށީންއިރު އޭގެ ތެރެއިން ބައެއް ޑައިރެކްޓަރުން ފަލަކަށް އެކި ޒާތުގެ ނަޒަރުތައްދީ ސިއްރު ވާހަކަތައް ދައްކަމުން ދިޔައެވެ. އެހެނަސް އެ މީހުންނާއި ފަލަކްގެ ނަޒަރު ހަމަ ވުމާއިއެކު ފަލަކް ސީރިއަސްވުމުގެ ބަދަލުގައި ހިނިތުންވުންތައް ހަދިޔާ ކުރަމުން ދިޔައެވެ.
ހުރިހާ ޑައިރެކްޓަރުން ހަމަވުމާއިއެކު ފަލަކް ލަސްތަކެއް ނުކޮށް މީޓިންގް ފެށިއެވެ.
“އައްސަލާމްޢަލައިކުމް ވަރަޙްމަތު ﷲ. ފުރަތަމަ ކަމަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގަ ހާޒިރުވުމަށް އެންގުމުން ހުރިހާ ބޭފުޅުން ވަޑައިގަތީތީ ޝުކުރު އަދާކުރަން. މިއަދު އަޅުގަނޑު މި ބައްދަލުވުން ބާއްވަނީ ވަރަށް މުހިއްމު ވާހަކައެއް ތި ބޭފުޅުންނާއި ޙިއްސާ ކުރަންވެގެން. ތި ބޭފުޅުންނަށް ވެސް އެނގޭނެ ފަދައިން މިއަދު އަޅުގަނޑުގެ ސަބަބުން ކޮމްޕެނީގެ އިމޭޖަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފި. ފެމިނިން ޑިޒައިންސްގެ ފެށުމަކީ އަޅުގަނޑަށްވެފައި އަޅުގަނޑު ފެމިނިން ޑިޒައިންސްގެ ވެލިއުސްއާ ޚިލާފުވާ ގޮތަށް ހެދުން އަޅަން ފެށީމަ. މީގެ ޙައްލަކަށް ވާނީ ކޮންކަމެއްތޯ ވަރަށް ގިނަ ދުވަސް ވަންދެން ވިސްނުމަށްފަހު އަޅުގަނޑު ނިންމުމެއް ނިންމައިފިން. އެ ނިންމުމަކީ ފެމިނިން ޑިޒައިންސް އިސްލާމީ މިންގަނޑުތަކާއި އެއްގޮތަށް ރީބްރޭންޑްކުރުން…”
ފަލަކް ނުހަނު ސާބިތުކަމާއިއެކީ ބުނެލި ވާހަކައިން މަހްރީން އާއިއެކީ އެތާ ތިބި ގިނަ މީހުންގެ ލޯތައް ބޮޑުވެގެން ދިޔައެވެ. އެންމެ 2 ޑައިރެކްޓަރުން ފިޔަވައި މުޅިން އަންހެނުން ތިބި އެ ބައްދަލުވުން ސިއްރު ވާހަކަތަކުން ފުރިގެން ދިޔައެވެ. އެ އަންހެނުންގެ ތެރޭގައި ބުރުގާ ނާޅާ މުސްލިމް ނޫން އަންހެނުން ވެސް އުޅެއެވެ.
ފަލަކް އެމީހުންނަށް ވާން ފެށި ގޮތަށް ބަލަން އިނދެ ފުން ނޭވައެއް ދޫކޮށްލިއެވެ.
“މި ޚިޔާލަކީ ބައެއް ޑައިރެކްޓާރސް ހިތްހަމަ ނުޖެހިދާނެ ޚިޔާލެއްކަން އެނގޭތީ މިއަދު މި ވާހަކަ ޙިއްސާ ކުރީ. ހަމައެކަނި އަޅުގަނޑު ބުރުގާ އަޅާތީ ނިންމި ނިންމުމެއް ނޫން މިއީ. ސްޓެޓިސްޓިކަލީ ފެމިނިން ޑިޒައިންސްއިން އަބާޔާގެ ޑިމާންޑް އޮތް އިންސައްތަ ފުދޭވަރަކަށް ބޮޑު. މިއީ ޑައިރެކްޓާރސްއަށް ވެސް އާ ވާހަކަ ނުވާނެ. އަޅުގަނޑުމެންގެ ބޭސްއަކީ އިސްލާމީ ޤައުމަކަށްވެފައި އަޅުގަނޑުމެން އެފަދަ ޕްރޮޑަކްޓެއް މެއިންއަށް ހަދައިފިއްޔާ ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭ. އަދި މީގެ އިތުރުން އަޅުގަނޑުމެން މި ގޮތަށް ވިޔަފާރި ފަށައިފިނަމަ ﷲ އަޅުގަނޑުމެންގެ ވިޔަފާރީގަ ބަރަކާތް ލައްވާނެ އިން ޝާ ﷲ….. ﷲ ގެ ފޮތްތަކާއި އެއްގޮތަށް ޢަމަލު ކުރީމަ އެކަލާނގެ އަހަރުމެންގެ މަތިންނާއި، އަހަރުމެންގެ ފައިދަށުން ވެސް ރިޒުޤު ދެއްވާނެ ކަމީ ﷲ ގެ ވަޢުދުފުޅެއް…މިއަދަށްފަހު ފެމިނިން ޑިޒައިންސްގެ މަސައްކަތް ހިންގަން އަޅުގަނޑު މި ނިންމަނީ މި ނަޒަރިއްޔާތާއި އެކީ. އަޅުގަނޑާއި އެކު މި ނަޒަރިއްޔާތުގައި މަސައްކަތް ކުރައްވާނެ ބޭފުޅުން ވޯޓު ދެއްވާ. ގިނަ ބޭފުޅުން އަޅުގަނޑާއި އެއްބަސް ނުވެއްޖެނަމަ… އަޅުގަނޑު މަޤާމުން ދުރުވާނަން….”
ފަލަކް އެ ފަހު ބަސްތައް ބުނެލީ ހިސާބެއްގެ ޖެހިލުންވުމަކާއި އެކީގައެވެ. އެ ބަސްތައް އިވުމާއިއެކު މުޅި ތަނަށް ވެރިވެގެން ދިޔައީ މަރު ހިމޭންކަމެކެވެ. އެވަގުތު އެ ހިމޭންކަމުގެ ތެރެއިން ފަލަކްގެ ހިތުގައި އުތުރި އަރަމުން ދިޔަ ޖަޒުބާތުތަކުގެ އަސަރު ފަލަކަށް މާ ބޮޑަށް އިޙްސާސް ކުރެވުނެވެ.
މަޤާމުން ދުރުވާނެ ވާހަކަ ފަލަކް ބުނީއްސުރެ އެ ހިތް މޭ ތެރޭގައި ގެނބިފައިވިއެވެ. މި ކުންފުންޏަކީ 8 އަހަރު ވަންދެން އޭނަ ކުރި ބުރަ މަސައްކަތް ކަމަށްވުމުންނެވެ. އެހެނަސް އޭނަ މިފަދަ ނިންމުމެއް ނިންމީ ﷲ އަށްޓަކައި އޭނަ އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. ކިތަންމެ ދަތި އިޙްސާސްތަކެއްގެ ކުރިމަތީގައި ވެސް އެކަލާނގެ އަންގަވާ ގޮތަށް ކަންތައް ކުރުމަށެވެ. އެފަދައިން ކަންތައް ކުރާ ބަޔަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެކި ފަހަރު މަތިން ދެ ދުނިޔެއިން ވެސް އެހީތެރިވެ ވޮޑިގެންފައި ވުމުންނެވެ.
ފަލަކް އިރުކޮޅެއް ވަންދެން އިސްޖެހިފައި އިނދެ އިސްއުފުލައިލީ، މައިކްތަކަށް ފިތައިލެވޭ ބަޓަންތަކެއްގެ އަޑު އިވުމުންނެވެ. ފަލަކް ބަލައިލި ވަގުތު ފެނުނު މަންޒަރުން ޙައިރާންކަމެއް ލިބުނެވެ. ޑައިރެކްޓަރުންގެ ކުރިމަތީގައި ބެހެއްޓިފައިވި މައިކްތަކުގެ ތެރެއިން ދެ ތިން މައިކް ފިޔަވައި އެހެން ހުރިހާ މައިކްތަކެއްގެ ތިރިން ދިއްލިފައިވީ ފެހި ކުލައިގެ ބޮކިތަކެވެ. މި ބައްދަލުވުންތަކުގައި އެ ފެހި ކުލައިގެ ބޮކީގެ މާނައަކީ ފަލަކް ހުށަހެޅި ޚިޔާލާއި އެއްބަސްވުމެވެ. ރަތް ކުލައިގެ ބޮކިތައް ދިއްލި 3 ޑައިރެކްޓަރުންނާއި އެއްވަރަށް މަހްރީންގެ މޫނުމަތިން ވެސް ނުރުހުންތެރިކަން ފާޅުވަމުން ދިޔައެވެ.
ފަލަކް ބުނާނެ އެއްޗެއް ނޭނގިފައި އިންދާ ޑައިރެކްޓަރުންގެ ތެރެއިން ޔޫރަޕްގެ ފިރިހެނަކު ވާހަކަ ދެއްކިއެވެ.
“އަޅުގަނޑު ދެކޭ ގޮތުގަ ފަލަކްގެ ތި ޚިޔާލު ވަރަށް ރަނގަޅު. ފެމިނިން ޑިޒައިންސްގެ ތެރެއިން އަބާޔާ ހިމެނުމަށް ރިކުއެސްޓްތައް ލިބެން ފެށީމަ އެ ރިކުއެސްޓްތައް ބަލައިގަތުމަށް އެދުނު މީހުންގެ ތެރެއިން އަޅުގަނޑު މިއީ އެކަކު. އަޅުގަނޑު މިއީ މުސްލިމެއް ނޫން. އެކަމަކު މުސްލިމް އަންހެނުން ލައި އުޅޭ ހެދުމަކީ ވަރަށް އަންހެންވަންތަ ހެދުމެއްކަން އަޅުގަނޑު ޤަބޫލުކުރަން. އެއިން އަންހެނުންގެ ބާރުވެރިކަން ދޭހަކުރެވޭހެން ވެސް އަޅުގަނޑަށް ހީވޭ. އެހެންވީމަ އޭތި ފެމިނިން ޑިޒައިންސްގެ މައި ޤަވާޢިދުތަކާއި ޚިލާފެއް ނުވާނެ…”
އެ މީހާ ދެއްކި ވާހަކަތަކުން ފަލަކްގެ ތުންފަތްމަތިން ހިނިތުންވުމެއް ކުރެހުނެވެ. އެ މީހާއާއި އެއްބަސްވުމުގެ ގޮތުން ފަލަކް ބޯޖަހައިލި ތަނާހެން ބުރުގާ ނާޅާ ހުރި ތައިލޭންޑްގެ އަންހެން ޑައިރެކްޓަރަކު ވާހަކަ ދެއްކިއެވެ.
“އަޅުގަނޑަކީ އިސްލާމީ ހިޖާބަށް އެހާ ތާޢީދުކުރާ މީހެއް ނޫން. އެކަމަކު މޭމް ތި ބުނިހެން މިވަގުތު ކުންފުނީގެ ޙާލަތު އޮތްގޮތުން އަޅަން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ ތިއީ. ކުންފުންޏާއިއެކީ އަޅުގަނޑުމެން ވެސް މިހާ ހިސާބަށް އައިއްސަ މި ތިބީ މޭމް އަޅުގަނޑުމެން ބާރުވެރިކޮށް އަޅުގަނޑުމެންނަށް ވެ ދިން އެތައް އެހީތެރިކަމެއްގެ ސަބަބުން. މޭމްއަކީ އަޅުގަނޑުމެން އިތުބާރު ކުރާ ވިޔަފާރިވެރިއެއް. އެހެންވީމަ މޭމްގެ ޚިޔާލު އަޅުގަނޑުމެންނާއި ތަފާތު ވިޔަސް މޭމް ދޫކޮށްލާ ކަހަލަ ޚިޔާލެއް އަޅުގަނޑުމެން ނުގެންގުޅޭނަން.”
އެ ޒުވާން އަންހެން ކުއްޖާ ދެއްކި ވާހަކައަށް ދެން ފެހި ކުލައިގެ ބޮކިތައް ދިއްލައިގެން ތިބި ޑައިރެކްޓަރުން ވެސް ބޯޖަހައިލިއެވެ. އެ މަންޒަރު ފެނިފައި ފަލަކްގެ ލޮލުން ކަރުނަ ހިލުނެވެ. ކުރިމަތިން އޭނައަށް މި ފެންނަނީ ﷲ އޭނައަށް ވެދެއްވި އެހީތެރިކަން ނޫން އެހެން ކަމެއް ނޫންކަން އެވަގުތު ޔަޤީން ކުރެވުނެވެ. މީސްތަކުންގެ ހިތްތަކުގެ ވެރި ފަރާތަކީ ވެސް ހަމަ އެ ވަގުތުން ވަގުތަށް ވެސް ސަޖިދައަށް ތިރިވާން ބޭނުންވިއެވެ. އެހެނަސް އޭގެ ކުރިން ބައްދަލުވުން ނިންމައިލުމަށް އެއްޗެކޭ ބުނެލަން ނިންމިއެވެ.
“އަޅުގަނޑުގެ ޚިޔާލަށް ތާޢީދު ކުރި ހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކުރަން. ރީބްރޭންޑް ކުރުމުގެ ޚިޔާލާއި ދެކޮޅުވާ ޑައިރެކްޓަރުން އަދިވެސް އަޅުގަނޑާއި އެކީ މަސައްކަތް ކުރަން ބޭނުންވާ ކަމަށްވާނަމަ އަޅުގަނޑު މިހިރީ އެ ފުރުސަތު ދޭން. އެކަމަކު އެ ޚިޔާލާއި އެކީ ތި ބޭފުޅުންނަށް މަސައްކަތް ނުކުރެވޭނެ ކަމަށްވާނަމަ މިއަދުން މިއަދަށް އޮފީހަށް އެކަން އަންގައިގެން ކުންފުނިން ވަކިވުން އެދެން. ވަކިވާ ޑައިރެކްޓަރުންގެ ޙިއްސާތައް ދެން ތިބި ޑައިރެކްޓަރުންނަށް ހަމަހަމައަށް ބަހައިލެވޭނެ ވާހަކަ ދަންނަވަން. އަޅުގަނޑު މި ރީބްރޭންޑިންއަށްޓަކައި ތައްޔާރުކުރި ޑިޒައިންތައް ހުރިހާ ޑައިރެކްޓަރުންނާއި މެއިލްއިން ޙިއްސާ ކުރާނަން. އެ ޑިޒައިންތަކާއިމެދު މަޝްވަރާ ކުރާނީ ދެ އަންނަ ބައްދަލުވުމެއްގަ. ޝުކުރިއްޔާ!”
ފަލަކްގެ އެ ބަސްތަކާއި އެކީ އެ ބައްދަލުވުން ނިމުމަކަށް އައެވެ. އެހިނދު ފަލަކާއި ދެ ބަސްވި ޑައިރެކްޓަރުންގެ މޫނުމަތިން ފެންނަމުން ދިޔައީ ނިންމުނު ނިންމުމާއިމެދު ހިސާބަކަށް ހިތާމަކުރާ ކަހަލަ އަސަރެކެވެ.
މީޓިންގް ރޫމުން އެންމެ ކުރިން ފަލަކް ނިކުމެގެން ދިޔުމުން ދެން ތިބި ޑައިރެކްޓަރުން ވެސް ހޯލުން ނިކުންނަން ފެށިއެވެ. އެ ހުރިހާ އެންމެންގެ ތެރެއިން ރުޅިވެރިކަމުގެ އަލިފާނުން އަނދައަނދާ ހުރީ ފަލަކާއި އެންމެ ކައިރިން ފަލަކްގެ ފަހަތުން ހިނގަމުން ދިޔަ މަހްރީންއެވެ. ޢާއްމުގޮތެއްގައި އެ ރުޅިވެރިކަން ފޮރުވަން މަހްރީން މޮޅެއްކަމަކު އެވަގުތު އެ ލޮލުން ވެސް ފަލަކް އަނދައި އަޅިއަށް ހަދާލާނެހެން ހީވަމުން ދިޔައެވެ.
**
ފަލަކް އޭނަގެ ކެބިންއަށް ގޮސް އެންމެ ފުރަތަމަ ކަމަކަށް ބޭނުންވީ ޝުކުރުގެ ނަމާދެއް ކޮށްލާށެވެ. މިއަދު އޭނައަށް މި ލިބުނު ކާމިޔާބީއަކީ ހަމައެކަނި ﷲ ގެ ޙަޟްރަތުން ލިބުނު ކާމިޔާބީއެއްކަން ޔަޤީން ކުރެވުނީތީވެއެވެ. އަދި ޙަޔާތުގައި ފުރަތަމަ ފަހަރަށް އެކަލާނގެ ގެ ވަޢުދުފުޅުގެ ތެދުކަން އިޙްސާސް ކުރެވުމުންނެވެ.
ނަމާދަށްފަހު ފަލަކް ދެން ގުޅައިލީ އަފްޒަލަށެވެ. އޭނައަށް މި ހިދާޔަތާއި ހަމައަށް އައުމަށް ﷲ މެދުވެރި ކުރެއްވީ އަފްޒަލަށްވުމުންނެވެ.
“ހާދަ އުފާވެރި ޚަބަރެކޭ މާ ޝާ ﷲ! އަލްޙަމްދުލި ﷲ….ވަރަށް އުފާވޭ ފަލަކް ތިކަހަލަ މަގަކުން ކުންފުނި ހިންގަން ނިންމީމަ. ޔޫ މަސްޓް ހޭވް ލުކްޑް ސޯ ކޫލް މީޓިންގްގަ ތި ނިންމުން ނިންމިއިރު.”
އަފްޒަލް އެކޮޅުން ދެއްކި ވާހަކައިން އޮފީހުންގެ ސޯފާގައި އިނދެ ފަލަކަށް ހީލެވުނެވެ.
“އޮފްކޯސް އައި ލުކްޑް ކޫލް. ދެން ފަހަރަކުން އަފްޒަލް އަހަރެން ބާއްވާ މީޓިންގްއަށް ވަންނަން އަހަންނަށް ފެނޭ.” ފަލަކް ވެސް އެ ސަމާސާގައި ބައިވެރިވިއެވެ.
“އާނއެކޭ…ދެން ފަހަރަކު ބުނާތި.”
“ހުމް….އޭ މިރޭ ދެމީހުންގެ ޕާޓީ އެބައޮތޭ. އޮފީސް ކުދިންނާއި އެކީ. ކުޑަކޮށް ޝޮޕިންގް ޖައްސާލަންވާނެ އަފްޒަލްއަށް ވެސް ސޫޓެއް ގަންނަން.”
“އޮހް! ވެޑިންގް ޕާޓީދޯ؟ ވާވް އެހެންވީމަ މިރޭ ވާނީ އަނެއްކާވެސް ދެމީހުންގެ ފަސްޓް ނައިޓްއަށްދޯ؟ ނަމަނަމަ ހޮޑު ނުލައްޗޭ!”
އަފްޒަލް މި ފަހަރު ދެއްކި ވާހަކައިން ފަލަކަށް އަދި މާ ބޮޑަށް ހެވޭ ގޮތްވިއެވެ. ދެމީހުން ފޯނު ކަނޑައިލީ ދެންވެސް އެފަދަ ދެ ތިން ސަމާސާއެއް ކުރުމަށްފަހުއެވެ.
**
ފަލަކްގެ ކެބިންއާއި ޖެހިގެން ހުރި ކެބިންގެ ތެރެއިން ފެންނަމުން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. މަހްރީން ކެބިންއަށް ވަދެގެން ދިޔަ ގޮތަށް ކެބިންގެ ދޮރު ލައްޕައިލީ ބާރު އަޑަކާއި އެކީގައެވެ. އެހެން މީހަކަށް އެ އަޑެއް ނުއިވުނީ އޮފީހުގައި ހުންނަނީ އަޑު ގެއްލުވާލާ ފާރުތައް ކަމަށްވުމުންނެވެ.
ބާރަށް ދޮރު ލައްޕައިލުމުން ވެސް މަހްރީންގެ މޭ ތެރޭގައި އުފެދިފައިވި ހައިޖާނަށް ލުއެއް ނުލިބޭ ފަދައެވެ. މަހްރީން އެ ދިޔަ ގޮތަށް އޭނަގެ މޭޒު ކައިރިއަށް ގޮސް ދެ އަތުން މޭޒުމަތީގައި ހުރި ހުރިހާ އެއްޗެއް ކަހައި ވައްޓައިލިއެވެ. އަދި އެވަގުތު އޭނަގެ އަތުގައި ނުޖެހުނު، މޭޒުމަތީގައި ހުރި ބިއްލޫރި ވާސްއެއް ނަގައި ބިންމައްޗަށް ޖަހައި ތަޅައިލިއެވެ.
އެ ހުރިހާ ކަމަކަށްފަހު މަހްރީންގެ ދެންވެސް ހުރީ އައިސްފައިވި ރުޅީގައި މާނޭވާ ލެވިފައެވެ. އެވަގުތު ވެސް މީޓިންގްގައި ފަލަކް ދެއްކި ވާހަކަތަކާއި، ޑައިރެކްޓަރުން ދިން ޖަވާބާއި ފަލަކްގެ މޫނުމަތިން ފާޅުވި އުފާވެރިކަން ސިފަވަމުން ދިޔަދިޔަހެން މަހްރީންގެ ރުޅިވެރިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ.
މަހްރީން ހުރި ގޮތަށް ހުއްޓާ އެ ރުޅިވެރިކަމުގެ އަލިފާނަށް ތެލެއްކަމެއްވި ޚިޔާލުތަކުން ނިކުމެވުނީ، މަހްރީންގެ ފޯނު ރިންގުވާ އަޑަށެވެ. ލައިގެން ހުރި ދޫ ސްކާޓުގެ ޖީބު ތެރެއިން ފޯނު ނަގައި ބަލައިލިއިރު ގުޅަނީ މަންމަކަން އެނގި، މަހްރީން ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ކިހިނެއްތަ ހުރިހާ ކަމެއް ދަރިފުޅު؟ ފަލަކް މަޤާމުން ވަކި ކުރެވޭ ވަރު އެބަވޭތަ؟” މަންމަ ޢަރަބި ބަހުން ސުވާލުކުރިއެވެ.
“މަށަކަށް ނޭނގެ މަންމާ! މިއަދު ބައްދަލުވުމުގަ ކަންތައް ދިޔަގޮތުން ހީވަނީ އޭނަ އަދި 100 އަހަރު ވަންދެން މިތާނގަ ހުންނާނެހެން. ވަރަށް ފޫހިވޭ އެ ފޮނިބޮޑު އަންހެނާދެކެ!”
“ތިއީ ހަމަ އޭނަގެ މަންމަ ޒަހްރާގެ ވެސް ގޮތޭ. އެއީ މަގޭ އެއްބަނޑު އެއްބަފާ ކޮއްކޮއަށް ވިޔަސް އަބަދު ބޮޑާވެގަނެގެން އުޅޭނީ. އެހެންވެގެންނޭ ބައްޕަ އޭނައަށް އަހަރުމެންގެ ބިމުގެ ބޮޑުބައި ވާރުތައިން ދީގެން މި ހުރިހާ މައްސަލަ ގަނޑެއް ޖެހުނީ. ދަރިފުޅު މަންމަހެން ފަލަކްގެ ކުރިމަތީގަ ދެރަ ނުވާތި. ކޮންމެހެން ވެސް އޭނަ ބަލި ކުރާތި. އެ ހުރިހާ މުދަލާއި ފައިސާއެއް ޙައްޤުވަނީ ހަމަ ކަނބުލޮއަށް. އެކަހަލަ ކިބުރުވެރި ބަޔަކަށް ނޫން.”
“އާނ މަންމާ! މަށަށް ބައްޔެއް ނުވާނަން. ދެން ފަލަކް ދެރަކުރަން އަހަންނަށް ވިސްނެނީ އޭނައާއި އޭނަގެ ފިރިމީހާ ވަކިކުރުން. އެނގޭ އެ ފިރިމީހާއަށް ޒަހްރާގެ ޤަތުލުގެ ވާހަކަ އެނގޭތީވެކަން މަންމަ އެ ދެމީހުން ވަކިކުރަން އުޅެނީ. އެކަމަކު މަށަށް ހީވަނީ ފަލަކް ފިރިމީހާއާއި ވަކި ކުރުވައިފިއްޔާ ދެން އޭނައަށް ވިޔަފާރިއަށް މާ ބޮޑު ސަމާލުކަމެއް ނުދެވޭނެހެން. އެ ބަހަނާ ބޭނުންކޮށްގެން އަހަންނަށް އޭނަ ކުންފުނިން ނެރެވިދާނެ.”
“ހަމަ ރަނގަޅު ރޭވުމެއް ދަރިފުޅު. ތި ރޭވުމާއިގެން ކުރިއަށްދޭ!”
ދެ މައިން އެކީގައި ނުބައި ރޭވުންތައް ރާވަމުން ދިޔައިރު، އެ ދެމައިންނަށް ވެސް ނޭނގުނު ކަމަކީ ޙަސަދައިން ކާމިޔާބު ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމެވެ. ޝައިޠާނާއަށް ހެއްލި ރާވާ ރޭވުންތައް ނުހަނު ބަލިކަށިވާނެ ކަމެވެ. އަދި ﷲ ގެ ރޭވުންތަކަކީ އެންމެ ފުރިހަމަ ރޭވުންތައް ކަމެވެ.
**
ހެނދުނުގެ ވަގުތު ޕޭވްމެންޓް މަތިން ފޮށި ދަމަމުން ގޮސް ޒައުލް މަގުގައި ހުރި ބެންޗެއްގައި އިށީނީ ވަރުބަލިވުމުންނެވެ. ފުން ނޭވައެއް ދޫކޮށްލަމުން ޒައުލް ދެ އަތުން މޫނު ފޮރުވައިލީ އަމިއްލަ ނަފްސަށް ޙަމްދަރުދީވެވޭ ޙާލުގައެވެ. އެހެނަސް އެވަގުތު ލޮލަށް ސިފަވާން ފެށި މަންޒަރުތަކުން އެހެން އިޙްސާސްތަކެއް ހިތަށް ވެރިވިއެވެ.
“ޒައުލް؟”
ހިލޭ ކާ އެއްޗެހި ބަހަމުން ދިޔަ ތަނަކުން ފޮށްޓެއް ނަގައިގެން ދާން އުޅުނު ވަގުތު، އަންހެން ކުއްޖެއްގެ އަޑު އިވިފައި ޒައުލްއަށް މަޑުކޮށްލަމުން ފަސްއެނބުރި ބަލައިލެވުނެވެ. އެހިނދު ފެނުނު ސޫރައިން ޒައުލް ހުއްޓުން އަރާ ގޮތްވިއެވެ.
“ޒުހާ؟” ޒައުލްއަށް ބުނެވުނެވެ. އެއާއިއެކު އޭނަ ހުރި ޙާލަތު ވިސްނި، އިސްޖަހައި ދުރު ބަލަން ފެށީ ޒުހާއަށް އޭނަގެ މޫނާއި ޙާލަތު ވެސް ފޮރުވޭތޯއެވެ. އެހެނަސް ޒައުލް ޒުހާއަށް ބަލައިލި ހިނދު ޒުހާ އެއްފަހަރު ޒައުލްގެ ކައިރީގައި ހުރި ހެދުން ފޮށްޓަށް އަނެއްފަހަރު ޒައުލްއަށް ބަލައިލިއެވެ. އެހިނދު ޒައުލްއަށް ލަދުވެތިކަމެއް އިޙްސާސް ކުރެވުނެވެ.
“މެލޭއަށް އައީ ކޮން ދުވަހަކު؟” ޒުހާ އެހިއެވެ.
“އެއީ….އިހަކަށް ދުވަހު…އެކްޗުއަލީ ޒުހާ. އައި ނީޑް ހެލްޕް. މިއުޅެނީ ހުންނާނެ ތަނެއް ނެތިގެން. ޒުހާއަށް-” ޒައުލްގެ އެ ވާހަކަ މެދުކެނޑުނީ ޒުހާގެ ކައިރީގައި ހުރި އަންހެން ކުއްޖަކު ޒުހާއަށް ގޮވައި ފެން ހުސްވީ ވާހަކަ ބުނުމުންނެވެ.
އެއާއިއެކު ޒުހާ ކަންބޮޑުވުމުގެ ނަޒަރަކާއިއެކީ ޓެންޓުގެ ތެރެއަށް ނަޒަރެއް ދިނުމަށްފަހު ޒައުލްއަށް ބެލިއެވެ. އަދި ވަކި އެއްޗެކޭ ނުބުނެ ޒައުލްއަށް ފަސްދީފައި ޓެންޓުގެ ތެރެއަށް ދާން ފެށިއެވެ.
އެ މަންޒަރު ލޮލަށް ސިފަވެގެން ދިޔަ ވަގުތު ޒައުލްއަށް ބެންޗުގައި އިނދެ ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. ޒުހާ ގާތުން އެހީއެއް ނޭދެން ހުރެފައިވެސް، މެލޭޝިޔާގައި ޒުހާގެ ބައްޕަގެ ހޮޓެލްތައް ހުންނަކަން ހަނދާންވުމުން، އެންމެ ފަސޭހައިން އޭނައަށް އެހީ ލިބޭނީ ޒުހާގެ ޒަރިއްޔާއިންކަން ޒައުލްއަށް އެވަގުތު ޔަޤީން ކުރެވުނީއެވެ.
އެހެނަސް ޒުހާ އޭނައަށް ފަސްދިން ގޮތުން ޒައުލްގެ ހިތް ދެރަވެފައިވިއެވެ. ޒުހާ ދޫކޮށްލީ ޚުދު އޭނަ އަމިއްލައަށް ކަމުގައި ވިޔަސްމެއެވެ. ޒުހާގެ ހިތުގައި މިއަދާއި ހަމައަށް ވެސް އޭނައަށްޓަކައި ޖާގައެއް ދެވިފައިވާނެކަމަށް އޭނަ ހީކުރިއެވެ. އެހެނަސް އެހެން ނުވިތާއެވެ.
ޒައުލް އެ ނޭދެވޭ ޚިޔާލުތަކުން ދުރުވުމަށްޓަކައި ފޯނު ނަގައި ޑޭޓާ އޮންކޮށްލިއެވެ. ޑޭޓާ އޮން ކުރުމާއިއެކު ވައިބާރއިން ޒުހާގެ މެސެޖެއް އައިސްފައިވި މަންޒަރު ފެނި، ޒައުލް ހުއްޓުން އަރާ ގޮތްވިއެވެ.
**
އެރޭގެ ވަގުތެއްގައި ފަލަކާއި އަފްޒަލް ކާރުގައި ދަތުރު ކުރަމުން ދިޔައީ ޕާމް ޓަވާރއަށެވެ. ފަލަކްގެ އެދުމުގެ މަތިން ފަލަކްގެ އޮފީސް މުވައްޒަފުންނަށްޓަކައި ބޭއްވޭ ކައިވެނި ޕާޓީއަށް ދިޔުމަށެވެ.
“ޔޫ ނޯ މި ހޮޓެލްގަ ހުންނާނީ މުޅި ދުނިޔޭގެ ވެސް އެންމެ އުސް އިންފިނިޓީ ޕޫލް. އަފްޒަލް އަދި ދުވަހަކުވެސް އިންފިނިޓީ ޕޫލްއެއް ނުދެކެންދޯ؟” ފަލަކް ކާރު ދުއްވަމުން ސުވާލުކުރިއެވެ.
“ނޫނޭ….ރިސޯޓުތަކުގަ މަސައްކަތް ކުރިއިރު ފެނުނު. އެކަމަކު އެހާ މަތިން އިންފިނިޓީ ޕޫލްއެއް ފެންނަންޏާ ވަރަށް ރީތިވާނެދޯ؟” އަފްޒަލް ބުންޏެވެ.
“ހުމް ހަމަ އަސްލުވެސް ވަރަށް ރީތި. އެހެންވެ އަފްޒަލަށް ދައްކަންވެގެން އަހަރެން ހުންނާނީ ހޮޓެލްގެ ރޫމެއް ބުކްކޮށްފަ. ޕާޓީ ނިންމާލާފަ ދާން.”
“ދެމީހުންނަށް އެއް ރޫމް ބުކްކުރީ؟”
“ހުމް….”
ފަލަކަށް އެ ދެކެވެމުން ދިޔަ ވާހަކައިގެ ޒާތް އެނގުންވީ އެ ހޫން ލައްވައިލެވުނު ފަހުންނެވެ. އެއާއިއެކު އަފްޒަލް އެ ބުނިހެން އޭނަ ދެމީހުންނަށް އެއް ރޫމް ބުކްކުރީ ކީއްވެތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ.
ނުނިމޭ