ޤަދަރު (ސައުރަތިރީސްވަނަ ބައި)
“ނޫނޭ….މެރީ ކޮށްގެން ހިނގާ އެކީގަ އެކޮޅަށް ދަމާ. އެއްކޮށް އެކޮޅަކަށް އަހަންނަށް ބަދަލެއް ނުވެވޭނެ އަސްލު. މަންމަ ވެސް މިކޮޅުގަ ހުރީމަ. އަދި އަހަރެންގެ ވިޔަފާރި މިކޮޅުގަ ކުރިއަށް ގެންދިޔުން އޮތީ. ޒައުލް ވެސް ހަދާ ނަހަދާ އެއްޗެއް އެނގި ހަމައަކަށް އެޅެންދެން ޒައުލްގެ ކަންތައް ވެސް ބަލަން ބޭނުން. އެހުރިހާ ކަމެއް ހަމައަކަށް އެޅުނީމަ ލެޓްސް ސޭ ވިތިން ޓޫ ޔިއާރސް އަހަރެން އެއްކޮށް އެކޮޅަށް ބަދަލުވާނީއޭ. މަންމަ ވެސް ގޮވައިގެން އިން ޝާ ﷲ!” އަފްޒަލް ކިޔައިދިނެވެ.
އެ ވާހަކަތައް ވެގެން ދިޔައީ ފަލަކްގެ ހިތަށް ލިބުނު ރާހަތަކަށެވެ. އަފްޒަލް އޭނައާއި އެކީ މުސްތަޤްބަލުގައި އުޅެން ހާދަ ދުރަކަށް ވިސްނައިފިޔޭ ހިތަށްއެރިއެވެ.
“ހެހެ….ކަމުނުދަނީތަ ޕްލޭން؟” ފަލަކް އެއްޗެކޭ ނުބުނެ އިންނަން ފެށުމުން އަފްޒަލް ސުވާލުކުރިއެވެ. އެއާއިއެކު ފަލަކަށް ވާހަކަ ދެކެވުނެވެ.
“ން…ނޫނޭ. ކަމުދޭ…” ފަލަކަށް ލަދުވެތިކަމާއިއެކު އިސްޖަހައިލަމުން ބުނެވުނެވެ. އެހިނދު އަފްޒަލް ފަލަކަށް ބަލަން އިނދެ ހިނިތުންވެލިއެވެ.
ހަމަ އެވަގުތު ޒައުލް ކޮޓަރިން ނިކުމެގެން އެތަނަށް އައެވެ.
“ދޮންބޭ އެއްކަލަ ލާރި އަހަންނަށް ފޮނުވައިފިންތަ؟” ޒައުލް އައިސް އެންމެ ފުރަތަމަ ވެސް ކޮށްލީ އެ ސުވާލެވެ.
“ކޮން ލާރިއެއް؟ ޓިކެޓްގެ ލާރި ފޮނުވައިފީމެއްނު؟” އަފްޒަލް ޙައިރާންކަމާއި އެކީ ބުންޏެވެ.
“ޓިކެޓްގެ އިތުރުން ބޭނުންވާ ލާރީގެ އެމައުންޓް ފޮނުވީމެއްނު؟” ޒައުލް އެހެން ބުނިއިރު އެ މޫނުމަތިން ހިސާބެއްގެ ނުރުހުންތެރިކަމެއް ފެނުނެވެ. އެހާއިރުވީއިރު ސީދާ އޭނަ ބޭނުންވާ ގޮތަށް ކަންތައް ކޮށްދީފައި ނެތުމުން ދޮންބެއަށް ހެދުނީ ގޯހެއްކަން ދައްކަން އުޅޭ ފަދައަކުންނެވެ.
“ތި އެމައުންޓާއި ގުޅޭ ގޮތުން ސުވާލު ކުރަން ވެގެންނޭ ދޮންބެ މި ހުންނަނީ. ހަނދާންވާ ގޮތުގަ ޒައުލް ބުނީ ހަމައެކަނި ޓިކެޓަށޭދޯ ލާރި ދައްކަން ޖެހެނީ؟ އެކޮމޮޑޭޝަނާއި އެހެން ހުރިހާ ކަމެއް ކޮލެޖުންނެއް ނޫންތަ ހަމަޖައްސަނީ؟” އަފްޒަލް ކޮށްލި އެ ސުވާލާއި އެކީ ޒައުލްގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ.
“އެ….އެއީ އެކޮޅުން ކުޑަކޮށް ޝޮޕިންގް ކޮށްލަންވެގެން ކަމަށް. އެކޮޅުން އެއްޗެހި އަގުވެސް ހެޔޮވާނެދޯ؟ އެކޮޅުން ބަލްކްކޮށް އެއްޗެއް ގަނެގެން މިކޮޅަށް އައިސް ވިއްކިދާނެއޭ ހިތަށްއަރަނީ…”
ޒައުލް ވާހަކަ ދެއްކީ ކިތަންމެ އޮމާންކޮށް ކަމަށް ވިޔަސް އެ މޫނުމަތީގައިވި ނުތަނަވަސްކަން އަފްޒަލާއި ފަލަކަށް ވެސް ފާހަގަ ކުރެވުނެވެ.
“ހާދަ ބޮޑު ޕްލޭނެކޭ ތިއީ. ގަންނާނެ އެއްޗަކާއިމެދު ޚިޔާލު ކޮށްފިންތަ؟” އަފްޒަލް ފަރުވާތެރިކަމާއި އެކީ ޒައުލްއަށް ބަލަން އިނދެ ސުވާލު ކުރިއެވެ.
“ން…ނުކުރަން އަދިއެއް. އެކަމަކު ވިސްނާފަ އެބަ ބުނަން ވަރަށް އަވަހަށް.” ޒައުލް ނޫންކަމަށް ހަދާފައި ބުންޏެވެ. އެހިނދު ޒައުލްއަށް އޭނަގެ ދޮންބެއާއި ދިމާލަށް ބަލާވެސް ނުލެވެއެވެ.
ޒައުލްގެ އެ ވާހަކައަށް އަފްޒަލް ހޫންލައްވައިލުމުން ޒައުލް އެތަނުން ދާން ހިނގައިގަތެވެ. ޒައުލް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލުމާއިއެކު އަފްޒަލަށް މާޔޫސީ ނޭވައެއް ދޫކޮށްލެވުނެވެ.
“އަހަންނަށް ނޭނގެ މިހާރު ޒައުލްއާއިމެދު ވެސް ކަންތައް ކުރަންވީ ގޮތެއް. މީގެ ކުރިން އެއީ ނުލާހިކު ބަސް އަހައިގެން ރަނގަޅަށް އުޅެމުން އައި ކުއްޖެއް. އެކަމަކު މިހާރު އަހަންނަށް ކަންތައް ފޮރުވައިގެން އުޅެނީ….” އަފްޒަލް ކުރު ގޮތަކަށް ކިޔައިދިނީ، ޒައުލްގެ ޣައިރު ހާޒިރީގައި ޒައުލްގެ ނޭދެވޭ ވާހަކަތައް ނުދެއްކުމަށެވެ.
“އެކަހަލަ ގޮތަކަށްދޯ ވާނީ އެ ޢުމުރުގަ. އަހަރެންގެ ވެސް ތި ޢުމުރުގެ ސްޓެޕް ސިސްޓާރއެއް ހުރޭ. ބައްޕަ ބޭއްވި ރޭ އަހަރެން ކިޔައިދިނީމެއްނުދޯ؟ އަހަރެން ކޮންމެ ނަސޭޙަތެއް ދިނަސް އެކުއްޖާ އަމިއްލައަށް ބޭނުންވާ ގޮތަކަށް ކަންތައް ކުރާނީ. ފަހުން ފަހުން އައިސް ވަރަށް މެޗުއާރކޮށް ޒުހާ އުޅެނީ، މާ ޝާ ﷲ! އެ ޢުމުރުގެ ކުދިންނަށް އަމިއްލައަށް ވިސްނެންދެން ނަސޭޙަތްދީފަ ދޫކޮށްލަން ޖެހޭނީ….” ފަލަކް ކިޔައިދިނެވެ.
“ހުމް….އަހަރެން ވެސް ތިކަހަލަ ޚިޔާލެއް މި ގެންގުޅެނީ. އަސްލު އެހާ ހިތްހަމައެއް ނުޖެހޭ ޒައުލް މި ދަތުރެއްގަ ފޮނުވަން. އަހަރެން ކަނޑައެޅި ޝަރުޠުތައް ވެސް ފުރިހަމައެއް ނުކުރޭ ޙަޤީޤަތުގަ. އެކަމަކު ޒައުލް މިހާރު އުޅޭ ގޮތުން އަހަރެން ގޮތެއް ހަމަނުޖެއްސިއްޔާ ގޯސް މަގަކުން ވެސް ގޮސްދާނެ ކަމުގެ ބިރު ހީވާތީ އާނބަސް ދީގެން މިއުޅެނީ…” އަފްޒަލް ވާހަކަ ދެއްކިއެވެ.
“ހުރިހާ ކަމެއް ރަނގަޅަށް ދާނީ އިން ޝާ ﷲ!” ފަލަކް އަފްޒަލަށް ހިތްވަރުދޭ ފަދައަކުން ބުންޏެވެ. އެއާއިއެކު އަފްޒަލް ފަލަކާއި ހިނިތުންވެލިއެވެ.
“އިން ޝާ ﷲ…..ބައި ދަ ވޭ، ބައްޕަ ކައިރި ބުނެފިންތަ ދެ މީހުން ކައިވެނިކުރަން އުޅޭ ވާހަކަ؟” އަފްޒަލް އެހިއެވެ. އެއާއިއެކު ފަލަކް ފިނިވާ ގޮތްވިއެވެ.
“އަދި….ނުބުނަން…” ފަލަކަށް ބުނެވުނެވެ.
“ސުބުޙާނަ ﷲ! ބައްޕަ ކައިރި ނުބުނެ އަދި ކައިވެނީގެ ވާހަކަ މި ދައްކަނީ. ފަލަކްގެ ބައްޕަ ކައިރި ނުބުނެ މިކަން ކުރެވޭކަށް ވެސް ނޯންނާނެއެއްނު؟!” އަފްޒަލް އެހެން ބުނެލި ރާގުން ފަލަކަށް ހީލެވުނެވެ. އެހިނދު އަފްޒަލް ވެސް ހީލިއެވެ.
**
އަފްޒަލާއި ފަލަކްގެ ކައިވެނީގެ ޚަބަރު މަޖީދަށް ލިބޭ ގޮތްވީ އެދުވަހުގެ ހެނދުނުގެ ވަގުތެވެ. އަފްޒަލްގެ ދުލުން އިވުނު އެ ޚަބަރު މަޖީދަށް ޤަބޫލުކުރަން ވެސް ދަތިވާ ގޮތްވިއެވެ.
“ތިއީ ހަމަ އަސްލު ވާހަކައެއްތަ އަފްޒަލް؟ ފަލަކް ދަރިފުޅު ހަމަ އަމިއްލައަށް އެދިގެންތަ ކައިވެންޏަށް އެއްބަސްވީ؟” ސިޓިންގް ރޫމުގައި ހުރެ ނިކުމެވޭ ބެލްކަނީގެ ރެއިލިންގް ކައިރީގައި ހުރެ މަޖީދު ވާހަކަ ދެއްކިއެވެ.
“އާނ ބޭބެ….ޤަބޫލު ނުކުރެވެންޏާ ބޭބެ އަމިއްލައަށް ވެސް ފަލަކާއި ވާހަކަ ދައްކާލާ. އެކަމަކު މިވަގުތު ވާހަކަ ދެއްކޭނެހެން ހިއެއްނުވޭ. ވަރަށް ލަދުގެންފަ އެބަ އިން މިތާ…” އަފްޒަލް ކިޔައިދިން އަޑު އިވުނު ހިނދު ފަހަތުން ފަލަކްގެ ލުއި ހީލުމެއްގެ އަޑު އިވި، މަޖީދުގެ ހިތަށް ބަޔާން ކުރަން ދަތި ހަމަޖެހުމެއް ލިބުނެވެ.
“އަލްޙަމްދުލި ﷲ! ހަމަ ބުނާނެ އެއްޗެއް ވެސް ނޭނގެ. އަފްޒަލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، ފަލަކްގެ ޙަޔާތުގެ ބައިވެރިއަކަށްވާން އެއްބަސްވީތީ. ފަލަކްގެ ޚިޔާލު ބަދަލުކޮށްދިނީތީ…” އެ ވާހަކަތައް ބުނިއިރު މަޖީދުގެ ލޮލުން ކަރުނަތައް ނިރައިލިއެވެ.
“ހެހެ….ހުރިހާ ކަމެއްވެސް ވާނީ ﷲ ގެ އިރާދަފުޅުން. ބޭބެ މި ހަފްތާ ތެރޭގަ މިކޮޅަށް އައިސްދެއްޗޭ. މި ކޮޅުގަ ކައިވެނި ކުރަން މި ނިންމަނީ…” އަފްޒަލް ބުންޏެވެ.
“އާނ އެންމެ ރަނގަޅު. ބޭބެ ވީހާވެސް އަވަހަކަށް ތިކޮޅަށް އަންނާނަން. އަދިވެސް އެއްފަހަރު އަފްޒަލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..” މަޖީދު ފުރިހަމަ ހިނިތުންވުމަކާއިއެކީ ބުންޏެވެ.
އޭގެ ޖަވާބަކަށް އަފްޒަލް ލުއި ގޮތަކަށް ހީލަމުން އަލްވަދާޢު ކިޔުނީ، އެ ވަގުތަކަށް ދާންޖެހޭ ވާހަކަ ބުނަމުންނެވެ. އެއާއިއެކު މަޖީދު ވެސް އަލްވަދާޢު ކިޔުމަށްފަހު ފޯނު ކަނޑައިލިއެވެ.
“ބައްޕާ ބްރެކްފާސްޓް ރެޑީ އިނގޭ…” ފަހަތުން ޒުހާގެ އަޑު އިވުމުން މަޖީދަށް ފަސްއެނބުރި ބަލައިލެވުނެވެ. އެހިނދު އެޕްރޯންއެއް އަޅައިގެން ހުރި ޒުހާ އެތާ ހުއްޓެވެ.
“ހިނގާ އަވަހަށް، ކޮން ދުވަހެއްތަ ޒުހާގެ އަތުން ތައްޔާރު ކުރި ބްރެކްފާސްޓެއް ނުނަގާތާ…” މަޖީދު ހިނިތުންވުމަކާއިއެކީ ޒުހާއާއި އެކީ ގޭގެ ތެރެއަށް ހިނގައިގަތެވެ.
ދެބަފައިން ކާމޭޒުދޮށުގައި އިށީނދެ ކާން ފެށުމާއިއެކު މަޖީދުގެ ދުލުން ޒުހާއަށްޓަކައި ތަޢުރީފުގެ ބަސްތައް އޮހެން ފެށިއެވެ. މިއީ މަޖީދު ލަންކާގައި ހުންނަ ދުވަސްކޮޅު ދެބަފައިންގެ އާދައެކެވެ. އާނިސާއަކީ މާ ހެނދުނާ ހޭލާ މީހަކަށް ނުވުމުން، ގޭގައި މަސައްކަތް ކުރާ އަންހެން މީހާ ގާތު ވެސް މަސައްކަތް ފަށަން އާނިސާ އަންގާފައި އޮންނަނީ ލަސް ގަޑިއެކެވެ.
އެހެންކަމުން ފަތިސް ނަމާދަށްފަހު ޒުހާއާއި މަޖީދު ހޭލާ އުޅޭ ދުވަހެއްގައި ޒުހާ ދެމީހުންނަށްޓަކައި ހެނދުނުގެ ސައި ތައްޔާރު ކުރާނެއެވެ. އަދި އެ ގަޑިއަކީ ދެމެދުގައި ގިނަ ވާހަކަތައް ދެކެވޭ ގަޑިއެކެވެ. ފަލަކްގެ ކައިވެނި ހަފްތާއެއްގެ ތެރޭގައި އޮތް ވާހަކަ އިވުމުން ޒުހާ ވަގުތުން ޖޯޝުން ފުރުނެވެ.
“އޯ އެމް ޖީ އޯ އެމް ޖީ އައި ކާންޓް ވެއިޓް ބައްޕާ! އަހަރެން ވެސް ގޮވައިގެން ދައްޗޭ.” ޒުހާ ފޯރިއާއިއެކީ ބުންޏެވެ.
“އޮފްކޯސް….ގޮވައިގެން ދާނީ. ހެހެ…ޒުހާއަށް ވެސް ކަމުދާ ކުއްޖަކު ފެނުނިއްޔާ ލަސްނުކޮށް ބައްޕަ ކައިރި ބުނައްޗޭ…” މަޖީދު ބުންޏެވެ. އެއާއިއެކު ޒުހާގެ ހިނިތުންވުން ފޭދުނެވެ.
“އަދިއެއް ނުފެނޭ އެކަހަލަ ކުއްޖަކު، ބައްޕާ….” އިސާހިތަކު ޒުހާއަށް މާޔޫސްކަމުން ފުރިގެންވި އަޑަކުން ބުނެވުނެވެ. އެކަން މަޖީދަށް ވެސް ފާހަގަ ކުރެވުނެވެ.
“ކިހިނެއްވީތަ ބައްޕަގެ ކަނބުލޮއަށް؟ ކޮންމެވެސް ކުއްޖަކު ކަނބުލޮ ދެރަކޮށްލީތަ؟” މަޖީދަށް އަހައިލެވުނެވެ.
“ނޫން! އެހެންނެއް ނޫން…ހެހެ…” ޒުހާއަށް ގަދަކަމުން ހީލަމުން އެހެން ބުނެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.
**
ހެނދުނުގެ ސަޔަށްފަހު ޒުހާ ކޮޓަރިއަށް ދިޔައީ އެވަގުތު އެކަނިވެލަން ބޭނުންވުމުންނެވެ. އޭނައަށް ކަމުދާ ކުއްޖެއްގެ ވާހަކަ ބައްޕަ ދުލުން އިވުމާއިއެކު ހަނދާންވެގެން ދިޔައީ ޒައުލްއެވެ.
އާނއެކެވެ. ޒުހާ ޒައުލްއާއި ވަކިވިތާ ހަފްތާތަކެއް ވެފައި ވިޔަސް އަދިވެސް ޒުހާ އެ ވަކިވުމާއިމެދު ދެރަވެއެވެ. އިންސްޓާގްރާމުން ދޭތެރެދޭތެރެއިން ޒައުލްގެ ޕްރޮފައިލަށް ވަދެވެއެވެ. ޒައުލްއާއި އޭނައާއި ދެމެދު ބަދަލުވެފައިވާ މެސެޖުތައް ކިޔައިލެވެއެވެ. އެ ހަނދާންތައް އާވެ، ރޮވޭ ވަގުތުކޮޅުތައް ވެސް އާދެއެވެ.
މީގެ ކުރިން ޒުހާ ފިރިހެން ކުއްޖަކާއި ވަކިވެ، މިފަދަ އިޙްސާސްތަކާއި ކުރިމަތިލާން ޖެހޭ ކޮންމެ ފަހަރަކު، އެ އިޙްސާސްތައް ކޮންމެވެސް ގޮތަކުން ގަންބައިލައެވެ. މިއުޒިކުގެ ތެރެއަށެވެ. އެހެންނޫނީ މުޅި ދުވަހު ފިލްމު ބެލުމުގެ ތެރެއަށެވެ. އެހެންނޫނީ އެކުވެރިންނާއިއެކީ ފިލްމުތަކުން ފެންނަ ރީތި ފިރިހެނުންނަށް ތަޢުރީފު ކުރުމުގެ ތެރެއަށެވެ.
އެހެނަސް މިއަދު އެ އާދަތަކަކީ ޒުހާ ދޫކޮށްފައިވާ އާދަތަކަށް ވުމުން، ޒުހާއަށް މިއަދު އެ ދަތި އިޙްސާސްތަކާއިއެކީ ކުރެވެމުން ދަނީ މުޅިން ތަފާތު ތަޖުރިބާއެކެވެ. ދީނާއި ގާތްވެ، ޤުރުއާން އުނގެނެން ފެށި ފަހުން އޭނަ ވަނީ ލަވަތަކާއި ފިލްމުތަކުން ވަރަށް ވެސް ބޮޑަށް ދުރުވެފައެވެ. އަދި މިއަދު އޭނައާއި ކައިރިން އުޅެނީ ހެޔޮ ވާހަކައެއް ނޫނީ ނުދައްކާ އެކުވެރިންނެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ޒުހާ ވަނީ އޭނަގެ ޖަޒުބާތުތަކަށް ސަމާލުކަން ދޭން މަޖުބޫރުވެފައެވެ. އަދި އަމުދުން ޤުރުއާނުގެ ޢިލްމު އޭނައަށް ހިތްވަރު ދެނީ އޭނަގެ ހިތުގެ ޙާލަތާއިމެދު ސަމާލުވުމަށެވެ. ޒުހާއަށް އޭނަގެ ހިތްދަތި އިޙްސާސްތަކަށް ސަމާލުކަން ދެވެމުން ދިޔައީ އެހެންވެއެވެ. ޒައުލްއާއި ވަކިވުމުގެ ނަތީޖާއެއްގެ ގޮތުން އޭނައަށް ކުރެވޭ ތަޖުރިބާތައް ލިޔެ، އެންމެ ދެރަވަނީ ކޮން ކޮން ވަގުތުތަކެއްގައި ކަމާއިމެދު ފިކުރުކޮށް ހެދެމުން ދިޔައެވެ. އެންމެ ފަހަރަކުވެސް އެ އިޙްސާސްތަކަކީ ނުވާ ކަމަކަށް ހަދައި ގަންބައިލަން މަސައްކަތް ނުކުރެއެވެ. އިންސާނުންނަށް ﷲ ދެއްވާފައިވާ އިޙްސާސްތަކަކީ ވެސް ނިޢުމަތެއް ކަމުގައި ދެކިގެންނެވެ.
ނަތީޖާއެއްގެ ގޮތުން، މިފަހަރު ފިރިހެން ކުއްޖެއްގެ ސަބަބުން ޒުހާގެ ހިތަށް ލިބިފައިވި ޒަޚަމް އިހުނަށްވުރެ އަވަހަށް ފަސޭހަވާން ފެށިހެން ޒުހާއަށް ހީވިއެވެ. އެހެން ފަހަރުމަތިން އޭނަ އެތައް މަސްތަކެއް ވަންދެން ހިތާމަވެރި ލަވަތައް އަޑުއަހައި ރޮއި ހެދިއެވެ. އެހެނަސް މިފަހަރު ހަފްތާތަކެއްގެ ތެރޭގައި ޒުހާގެ ރުއިން ހުއްޓިއްޖެއެވެ. ޒައުލް އޭނަގެ ބަދަލުގައި އެންޖެލާ ޚިޔާރު ކުރީތީ އެންޖެލާއާއި އޭނަގެ އަމިއްލަ ނަފްސު އަޅައި ކިޔުނެއްކަމަކު، މިހާރު އެކަން ވެސް ހުއްޓިފައިވެއެވެ. ހުރިހާ ކަމެއްވެސް ވާނީ ﷲ ގެ ފުރިހަމަ ޤަދަރުފުޅުންކަން ހަނދާން ހުރީތީވެއެވެ.
އެ ވަގުތުވެސް ކޮޓަރިއަށް ވަންނަމުން ޒުހާގެ ނަޒަރު ހުއްޓައިލެވުނީ ފާރުގައި ހަރު ކުރެވިފައިވި ފްރޭމަކަށެވެ. އެއީ އޭނަގެ އެދުމަށް މަންމަ ހައްދާފައިވާ ފްރޭމެކެވެ. ހުދުކުލައިގެ އެ ފްރޭމުގައި ހަރުކުރެވިފައިވީ ޤުރުއާނުގެ އާޔަތެކެވެ.
إِنَّ مَعَ الْعُسْرِ يُسْرًا
ހަމައެކަނި ޢަރަބިން އެ ފްރޭމުގައި އެ ބަސްތައް ލިޔެވިފައިވީ، ޒުހާއަށް އޭގެ މާނަ އެނގޭތީވެއެވެ. “ހަމަކަށަވަރުން އުދަގޫކަމާއިއެކީ ފަސޭހަކަން ވެއެވެ.” މި އާޔަތުން ޒުހާގެ ހިތަށް އެންމެ ބޮޑު އަސަރެއް ކުރީ ޒައުލްއާއި ވަކިވިތާ ދެ ދުވަސް ފަހުން އޭނަ އެކަމާއިމެދު ގަދައަށް ރޮމުން ދިޔަ ރެއެއްގައެވެ. އެރޭވެސް އާދައިގެ މަތިން އޭނަގެ ހިތާމަތަކުން ހަނދާން ނައްތައިލުމަށްޓަކައި އޭނަ ލަވައެއް އަޑުއަހައިލަން ބޭނުންވިއެވެ. އެހެނަސް ﷲ ރުހިވޮޑިގެންވާފަދަ އުޅުމެއް އުޅެން ޢަޒުމް ކަނޑައަޅާފައިވުމުން، އޭގެ ބަދަލުގައި ޤުރުއާން އަޑުއެހޭ ވެބްސައިޓަކަށް ވަދެލިއެވެ. އެ ވެބްސައިޓަށް ވަދެ، ވަކި ވިސްނުމެއް ނެތި ކްލިކް ކުރެވުނީ ހަމަ އެ ސޫރަތަށެވެ.
ފްރޭމްގައިވި އެ ބަސްތައް އެރޭ އިވިގެން ދިޔަދިޔަހެން ޒުހާގެ ރުއިން އިތުރަށް ގަދަވިއެވެ. އެހެނަސް އެއީ ވޭނީ ރުއިމެއް ނޫނެވެ. އެއީ ﷲ ގެ ލޯބިފުޅު އިޙްސާސް ކުރެވުމުން ހިތަށް ކުރި ފުން އަސަރެކެވެ. އެރޭ ހިތަށްއެރިއެވެ. ޒައުލް އޭނައަށް ގެއްލިފައިވުމަކީ އޭނަގެ ޙަޔާތުގައިވާ އެންމެ ހިތާމައެކެވެ. އޭގެ ބަދަލުގައި ހަމަ އެވަގުތު ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނައަށް ކިތައް ނިޢުމަތް ދެއްވާފައިވޭ ހެއްޔެވެ؟ ލޯބިވާ މަންމައާއި ބައްޕައެކެވެ. އޭނަގެ ގިނަ އެކުވެރިންނަށް ވެސް ނުލިބޭނެ ފަދަ އަރާމު ދިރިއުޅުމެކެވެ. ލޯބިވާ މަންމައާއި ބައްޕައާއި އެކީގައި އުޅެވުމެވެ.
އެދުވަހު ޒުހާއަށް އެ އާޔަތް ދޭހަ ކުރެވުނީ އެފަދައިންނެވެ. ދިމާވާ ކޮންމެ ދަތިކަމަކާއި އެކީގައި ނިޢުމަތްތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ކަމެވެ. އެހެނަސް މިއަދު އެ ދަތިކަމަކީ ވެސް ނިޢުމަތަކަށް ވެދާނެކަމަށް ޒުހާއަށް ޤަބޫލު ކުރެވެއެވެ. ޒައުލް އެންޖެލާ ޚިޔާރު ނުކުރިނަމަ އޭނަ މިއަދުވެސް ވީހީ ޒައުލްއާއި އެކީގައެވެ. އޭނަ ޒައުލްއާއި އެކީގައިވިނަމަ ﷲ ގެ މަގަށް އޭނަގެ ލޯ ނުހުޅުވުނީހެވެ. އަދި ހުޅުވުނަސް ޒައުލްގެ ސަބަބުން އޭނަ ޙަޤީޤަތަކީ ނެތް އެއްޗަކަށް ހެދީހެވެ. ﷲ ގެ ހިދާޔަތަށް ފަސްދިނީހެވެ. އެފަދައިން ކަންތައް ކުރާ މީހުންގެ ހިތް ބަންދު ކުރައްވާ ގޮތާއިމެދު ޒުހާ އުނގެނިފައިވެއެވެ.
އެހެންކަމުން ދިމާވާ ދަތިތަކަކީ ވެސް ނިޢުމަތެއްތާއެވެ. އަހަރުމެންނަށް އެނގުނަސް އަދި ނޭނގުނަސްމެއެވެ. ﷲ ގެ ވަޢުދުފުޅަކީ މިއީއެވެ.
إِنَّ مَعَ الْعُسْرِ يُسْرًا. فَإِنَّ مَعَ الْعُسْرِ يُسْرًا
**
ފަލަކަށް ވެސް އިޙްސާސް ކުރެވެމުން ދިޔައީ އެ އާޔަތްތަކުގެ ޙަޤީޤަތެވެ. ކައިވެނި ކުރުމުގެ ޚިޔާލުން އޭނައަށް ދިރިއުޅުމުގައި މިހާތަނަށް ލިބިފައިވާ މިނިވަންކަން ކޮންމެވެސް ވަރަކަށް ގެއްލޭނެކަން ޤަބޫލުކުރަން ފަލަކަށް ދަތިވެފައިވިއެވެ. އަދި މިހާ ދުވަސް ވަންދެން އޭނަ މީހަކާއި ނުއިންނަން ގަދަ ހަދައިގެން ހުރެފައި ކައިވެނި ކުރުމުން، އޭނަގެ އަމިއްލަ މުވައްޒަފުންނާއި، ދުބާއިގައި އޭނަ ދަންނަ މީހުންގެ ކުރިމަތީގައި އޭނަގެ ހައިބަތު ގެއްލޭނެކަން ވެސް ފަލަކަށް އެނގެއެވެ.
އެހެނަސް އެ ހުރިހާ ދަތިތަކެއްގެ ބަދަލަކަށް އަފްޒަލްގެ ލޯތްބާއި އަޅައިލުން ފަލަކަށް ކެނޑިނޭޅި ލިބެމުން ދިޔައެވެ. ކައިވެނީގެ ހުރިހާ ކަމެއް އިންތިޒާމް ކުރުމުގައި އަފްޒަލް ނުހަނު ގަޔާވެފައި އުޅެމުން ދާތަން ފެނި، ފަލަކަށް އުފަލެއް ލިބުނެވެ. އަދި ކޮންމެ ނިންމުމެއް ވެސް ނިންމުމުގެ ކުރިން އޭނައާއި ސުވާލުކޮށް ހަދާ ގޮތުން ފަލަކް އަފްޒަލްދެކެ މާ ބޮޑަށް ވެސް ގަޔާވާ ގޮތްވިއެވެ. އެފަދައިން އިޙްސާސް ކުރެވޭ ކޮންމެ ފަހަރަކު ފަލަކަށް ނޭނގުމެއްގެ ތެރެއިން ވެސް އަފްޒަލާއި ސުވާލުތައް ކުރެވެއެވެ.
“އަފްޒަލަށް ހަމަ ޔަޤީންތަ އަފްޒަލް މުޅި ޢުމުރު ދުވަހު އުޅޭނީ އަހަންނާއި އެކީގަކަން؟” ފަލަކް އެ ސުވާލުކޮށްލީ، ކަމަނަ ރެސްޓޯރެންޓުގައި ދެމީހުން އެކީގައި ކާން ތިބެއެވެ. ދެމީހުން އައީ ކައިވެންޏަށްޓަކައި އެ ޢިމާރާތުގައި ހުރި ހޯލުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބެލުމަށެވެ.
“އާނއެކޭ ދެން! ކީކޭ ބުނީމަތަ ފަލަކް ޤަބޫލު ކުރާނީ؟” އަފްޒަލް ކެއުމާއިގެން ކުރިއަށް ދަމުން ސުވާލުކުރިއެވެ.
“އައި ޑޯންޓް ނޯ….މެރީ ކުރަން އުޅޭތީ މޭލް ސައިކޮލޮޖީއާއިމެދު ވަރަށް ދިރާސާ އެބަކުރަން އަހަރެން. ގިނަ ފިރިހެނުންގެ މައިންޑްސެޓް ހުންނަ ގޮތުން މެރީ ކުރަނީ ހަމައެކަނި އެންމެ ކަމަކަށްޓަކައި. އެކަންކޮށް ނިމުނީމަ ކައިވެނި ވެސް ނިމުމަކަށް އެ އައީ….ރާއްޖޭގެ ޑިވޯސް ރޭޓް އެހާ މަތީ އެހެންވެ ކަންނޭނގެ….” ފަލަކް އެ ވާހަކަތައް ބުނެލީ މާ ބޮޑު ވިސްނުމެއްނެތިއެވެ.
އެހެނަސް ވާހަކަ ނިންމުމަށްފަހު އަފްޒަލަށް ބަލައިލި ވަގުތު މި ދެކެވުނީ ކިހާ ބޮޑު ވާހަކައެއްކަން އެނގުންވިއެވެ. އަފްޒަލް އޭނައަށް ބަލަހައްޓައިގެން އިންއިރު އެ މޫނުމަތިން ފެނުނީ ސީރިއަސްކަން ކަމެއް ނޫނީ ނުރުހުންތެރިކަން ކަމެއް ފަލަކަށް ޔަޤީނެއް ނުކުރެވުނެވެ.
“އައިމް ސޮރީ އިފް ދެޓް އޮފެންޑެޑް ޔޫ….ރިއަލީ ސޮރީ.” ފަލަކަށް އިސްޖަހައިލަމުން ބުނެވުނެވެ. އެހިނދު އަފްޒަލް ފުން ނޭވައެއް ދޫކޮށްލިއެވެ.
“ފަލަކް ބުނެބަލަ….ފަލަކަށް ހީވޭތަ އަހަންނަކީ އެކަހަލަ މީހެއްހެން؟ ވަކި ހިސާބަކުން ފަލަކް ދޫކޮށްލާނެ ކަހަލަ މީހެއްހެން؟” އަފްޒަލް ނުހަނު ފުން ނަޒަރަކުން ފަލަކަށް ބަލަން އިނދެ ސުވާލުކުރިއެވެ. ފަލަކަށް އެ ލޮލަށް ބަލަން އިނދެ ބޯ ހޫރުވައިލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.
“ލުކް ފަލަކް….ކައިވެންޏަކީ އިސްލާމްދީނުގައި ވަރަށް މާތް ކަމެއް. ދެމީހުންގެ ދެމެދުގަ ވެވޭ ވަރުގަދަ ވަޢުދެއް. އެއީ ކުޅޭކުޅޭ ކުޅިވަރެއް ނޫން. ފަލަކް ތިބުނާހެން ވަރަށް ގިނަ މީހުން ބޭނުން އިރަކު ކައިވެނިކޮށް ހިތަށް އަރާހާ އަވަހަށް ވަރި ކުރޭ. އެކަމަކު އެއީއެއް ނޫން ކަންތައް އޮންނަންޖެހޭ ގޮތަކީ. ހަމަ ގައިމުވެސް އަހަރެން އަބަދުވެސް ދުށް ހުވަފެނަކީ އަހަރެން ލޯބިވާ އަންހެން ކުއްޖަކާއި ކައިވެނިކޮށް މުޅި ޢުމުރު ދުވަހު އެކުއްޖަކަށް ވަފާތެރިވެގެން އުޅުން. އަހަންނަކީ ފަލަކް ތި ބުނާ ކަހަލަ މީހެއްނަމަ 30 އަހަރު ވީއިރު އަހަރެން ކިތަންމެ ކައިވެންޏެއް ކޮށްފަ ހުރެދާނެއެއްނޫންތަ؟ އެކަމަކު ނޫން…..އަހަރެން އިންތިޒާރު ކުރީ އަހަންނާއި ގުޅޭނެ ކުއްޖަކާއި ބައްދަލުވާނެ ދުވަހަކަށް. އެ ކުއްޖަކީ ތިއީ. މިފަދައިން އަހަންނަށް އަންހެން ކުއްޖަކު ކަމުދަނީ ވަރަށް ވެސް މަދު ފަހަރަކު….އައި ފީލް ސޯ ލަކީ އައި މެޓް ޔޫ.”
އަފްޒަލް ދެއްކި ވާހަކައިގެ ޒާތުން އާދައިގެ މަތިން ފަލަކްގެ ހިތް ވިރިގެންދާން ފެށިއެވެ. އަދި އެ ހިތުގައިވާ ހުރިހާ ޝައްކެއް އެކީ ފިލައިގެން ދިޔައެވެ.
އޭގެ ދެ ދުވަހެއްހާ ދުވަސްފަހުން އައި ހުކުރު ދުވަހަކީ އަފްޒަލާއި ފަލަކްގެ ކައިވެނި ކުރެވޭ ދުވަހެވެ. ކައިވެނީގެ ޙަފްލާއަށްޓަކައި މަޖީދާއި ޒުހާ ލަންކާއިން ރާއްޖެއަށް އައެވެ. އަދުހަމް ވެސް ހުރި ތަނަކުން ގެއަށް އައިސް އުޅެއެވެ. އޭގެ ބަދަލުގައި ޒައުލް އޭގެ ކުރީ ދުވަހު އޭނަގެ މެލޭޝިޔާ ދަތުރުގައި ފުރައިފިއެވެ. ފަޒީލާ އެންމެ ދުވަހަކަށް މަޑުކޮށްލާށޭ ބުނުމުން ވެސް ޒައުލް މަޑު ކުރުމެއްނެތި ދިޔައީއެވެ.
ޒައުލްގެ އެ ޢަމަލާއިމެދު އަފްޒަލް ޙައިރާން ނުވިއެއްކަމަކު ދެރަވާ ގޮތްވިއެވެ. ޒައުލް ކޮންމެ ގޮތަކަށް އުޅުނަސް ޒައުލްއަކީ އޭނަގެ ކޮއްކޮއަށް ވުމުންނެވެ. އޭނަގެ ޙަޔާތުގެ މި މުހިއްމު ދުވަހު އެ ކޮއްކޮ ހުންނާނެ ކަމަށް އޭނަ އަބަދުވެސް ހީކުރިއެވެ. އެހެނަސް އެކަން އެގޮތަށް ނުވިތާއެވެ.
އަފްޒަލް ހީކުރީ ޒައުލް އޭނައަށް ފަސްދިން ފަދައިން ދޮންބެވެސް އޭނައާއިމެދު މާ ބޮޑަށް އަޅާނުލާނެ ކަމަށެވެ. ދޮންބެއަކީ އެހެންނޫނަސް އޭނައާއި އެތައް ޒުވާބެއް ކޮށްފައި ހުރި މީހަކަށްވުމުންނެވެ. އެހެނަސް….
“ދެން ދެ ކުދިން ވެސް ވަރަށް ހެޕީތަ މެރީކުރަން އުޅޭތީ؟” އަދުހަމް އެ ސުވާލުކޮށްލީ، އަފްޒަލް އޭނަގެ ކޮޓަރީގެ ރީތިވާ މޭޒުކައިރީގައި ކަޅުކުލައިގެ ކޯޓެއް ލާން ހުއްޓާ، ކޮޓަރީގެ އެނދުމަތީގައި އިނދެއެވެ.
“އާނ….ވަރަށް ހެޕީ އަލްޙަމްދުލި ﷲ!” އަފްޒަލް އެހެން ބުނެލީ ކޯޓުގެ ގޮށް އަޅުވަމުން ހިނިތުންވުމަކާއި އެކީގައެވެ. ދޮންބެ އޭނަގެ އުފާވެރިކަމާއިމެދު އުފާވާހެން ހީވީތީވެއެވެ. އެހެނަސް އެ ހަމަޖެހުން މާ ގިނައިރުވަންދެން ދެމިގެނެއް ނުދެއެވެ.
“މަޖީދު ވެސް އައިއްސިދޯ މިކޮޅަށް؟ އެ މަންޖެއާއި ބައްދަލުކުރިތަ މަޖީދު؟” ދޮންބެ ކުރަން ފެށި ސުވާލުތަކުގެ ޒާތުން އަފްޒަލްގެ ހިނިތުންވުން ފޭދުނެވެ. މީގެ ދުވަސްކޮޅެއް ކުރިން ދޮންބެ ފަލަކާއި ފަލަކްގެ ބައްޕައަށް ޖާސޫސްކުރާހެން ހީވި ހީވުން އަނބުރައި އައެވެ.
“ބައްޕައަކު ދަރިފުޅާއި ބައްދަލު ކުރެވެން އޮތިއްޔާ ބައްދަލު ކުރާނެދޯ؟” އަފްޒަލަށް ސީރިއަސްކަމާއިއެކީ ބުނެވުނެވެ.
“އާހް! ދެމީހުން މެރީކޮށްގެން އުޅެނީ މިކޮޅުގަތަ؟ ނޫނީ ދުބާއިގަތަ؟” އަދުހަމް ތަޙުޤީޤެއް ހިންގާ ފަދައަކުން ސުވާލަކަށްފަހު ސުވާލެއް ކުރިއެވެ.
“ލަސްވަނީ ދޮންބޭ….ހިނގާ އަވަހަށް.” އަފްޒަލް ވާހަކަ އަނބުރައިލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ.
**
އެދުވަހުގެ އެވަގުތު ފަލަކް އިނީ ސެލޫންއެއްގެ ގޮނޑިއެއްގައެވެ. ފަލަކް ރީތި ކުރަމުން ދިޔަ ސެލޫންގެ ކުއްޖާ ފަލަކްގެ ބުރުގާ އަޅުވައިދީ ނިމި، ދުރުވެލީ ތަނާހެން އެތާނގައި ބަލަން ތިބި ނޫރާއާއި ޒުހާގެ ދުލުން ތަޢުރީފުގެ ބަސްތައް އޮހެން ފެށިއެވެ.
ފަލަކް ތެދުވެލުމާއިއެކު ފަލަކް ލައިގެން ހުރި އަތްދިގު ހުދުކުލައިގެ ހެދުމުގެ ފަސްބައި ނިއުޅިގެން ދިޔައެވެ. އާދައިގެ ހެދުންތަކަށްވުރެ ބޮޑުކޮށް ހެދިފައިވި ފަސްބައިގައި ލޭސް ހުރިއިރު، ހުވަފެނީ ގޮތަކަށް ފެންނަމުން ދިޔައެވެ. ޢާއްމު ގޮތެއްގައި އަޅާގޮތް ނޫން ގޮތަކަށް ފަލަކް ހުދު ކުލައިގެ ޝޯލްއެއް އަޅައިގެން ހުރުމުން އިތުރަށް ރީތިކަމަށް ދައްކަމުން ދިޔައެވެ. އަދި އަމުދުން ސެލޫންއިން ކުރެވިފައިވި ލުއި މޭކަޕުން ފަލަކްގެ ރީތިކަމަށް އިތުރު އިންޤިލާބެއް ގެނައެވެ.
“އަފްޒަލް މޮޔަވެދާނެ ހަމަ މިރޭ ހުވާ!”
ނޫރާ އެ ބުނެލި ވާހަކައިން ފަލަކް ލަދުރަކި ހިނިތުންވުމަކާއިއެކީ އިސްޖަހައިލި ހިނދު، ކޯތާފަތް ރަތްވެގެން ދިޔައެވެ. ހަމަ އެހިނދު ނޭނގޭ ސަބަބަކާއި ހުރެ އަތްފައި ވެސް ވަރަށް ބޮޑަށް ފިނިވެގެން ދިޔައެވެ. އޭނައަށް ހުރި ތަނުން ދެން ހިރިވެސް ނުލެވޭނެހެން ހީވާ ފަދައަކުންނެވެ. އެއީ ކޮންކަމެއްގެ ބިރުވެރިކަމެއްކަން ފަލަކަށް މިހާތަނަށް އައިއިރު މާ ރަނގަޅަށް ވެސް ދޭހަ ކުރެވިފައިވެއެވެ. އެތައް ވަރަކަށް ކައިވެންޏާއިމެދު ދިރާސާކޮށް ހެދިއެއްކަމަކު އޭނައަށް އެކަމަކާއިމެދު ހިތްހަމަޖައްސައި ނުލެވުނު އެކަން އަދިވެސް އެގޮތުގައި އެބަ އޮތެވެ.
“އޭ ނޫރާ ދައްތި ހިނގާ ދެން އަވަހަށް. އެ އޮތްގެން 8:30 ވަނީ. މިހާރު އަފްޒަލްބެ ފޮނުވި ކާރު އޮންނާނެ ބޭރުގަ…” ޒުހާ އަތުކުރީގައި އޮތް ގަޑިއަށް ނަޒަރެއް ދެމުން ބުންޏެވެ. އެއާއިއެކު ނޫރާ އަވަސްވެގަންނަމުން އަވަހަށް ހިނގާށޭ ބުނެ ފަލަކްގެ ކޮނޑުގައި ހިފުމުން ނަސީބަކުން ފަލަކަށް ހިނގައިގަނެވުނެވެ.
**
އޭގެ 5 މިނެޓް ތެރޭގައި އެ ތިން މީހުން ކްރިސްޓަލް ޢިމާރާތާއި ހަމައަށް ދިޔައެވެ. ކައިވެނީގެ ޙަފްލާ އޮތީ އެ ޢިމާރާތުގެ 9 ވަނަ ފަންގިފިލާގައި ހުރި ހޯލުގައި ކަމަށްވުމުން ނޫރާއާއި ޒުހާ ފަލަކް ގޮވައިގެން އެ ފަންގިފިލާއަށް ދިޔައެވެ. އެ ފަންގިފިލާއަށް ދެވި، ހޯލާއި ގާތްވަމުން ދިޔަދިޔަހެން ފަލަކްގެ ހިތުގެ ތެޅުން އަވަސްވިއެވެ. ހޯލަށް ވަނުމާއިއެކު އެ ހިތް މޭ ފަޅާލާފައި ނިކުމެދާނެހެން ހީވިއެވެ. އިސާހިތަކު އޭނަގެ ނޭވާ ހުއްޓި، ހުރި ތަނަށް ވެއްޓިދާނެހެން ވެސް ހީވަމުން ދިޔައެވެ.
ލަސް ހިނގުމެއްގައި ކުރިއަށް ދަމުން ގޮސް ކައިވެނީގެ ޙަފްލާއަށްޓަކައި އައިސްފައި ތިބި މީހުން އިށީނދެގެން ތިބި ދިގު މޭޒު ފެނުނެވެ. ގާޒީއާއި ހެކިވެރިންނާއި އޭނަގެ ބައްޕަ އިށީނދެގެން ތިބިތަން ފަލަކަށް ފެނި އަވަސްއަވަހަށް އަފްޒަލް ފެނޭތޯ އޭނަގެ ލޯ މަސައްކަތް ކުރިއެވެ.
ފަލަކް ހީކުރި ގޮތާއި ޚިލާފަށް އަފްޒަލް އިނީ އިށީނދެގެންނެއް ނޫނެވެ. އަފްޒަލް ހުރީ އެތާހުރި ހުސް ދެގޮނޑީގެ ކައިރީގައި ކޮޅަށެވެ. ފަލަކް އަންނާނެ އިރެއްގެ އިންތިޒާރުގައި ފަދައެވެ.
އަފްޒަލްގެ ނަޒަރު ފަލަކަށް އަމާޒުވި ތަނާހެން އަފްޒަލަށް އެހެން ދިމާލަކަށް ބަލަން ނުވެސް އެނގުނު ފަދައެވެ. ހިނދުކޮޅަކަށް އޭނަ މުޅިންހެން ހުއްޓުން އަރާ ގޮތްވިއެވެ. ކުރިމަތިން ފެންނަމުން ދިޔަ އަންހެން ކުއްޖާއަކީ އޭނަ އެތައް އަހަރެއް ވަންދެން ކުރަމުން އައި ދުޢާގެ ޖަވާބުތޯ ހިތާހިތުން ސުވާލުކުރެވުނު ހިނދު ލޮލުން ކަރުނަ ހިލޭ ގޮތްވިއެވެ. ހަމަ އެ ހިނދު ފުރިހަމަ ހިނިތުންވުމެއް އެ މޫނުމައްޗަށް ވެރިވިއެވެ.
އަފްޒަލްގެ އެ ހިނިތުންވުން ފެނިފައި ފަލަކަށް ވެސް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އިސާހިތަކު ފަލަކްގެ ސިކުނޑިއަށް ދެންމެ ވެރިވެފައިވި ނުތަނަވަސްކަން ފިލައިދިޔައެވެ. އެހެންކަމުން ވަކި ޖެހިލުންވުމެއް ނެތި އަފްޒަލްގެ ގާތަށް ދެވުނެވެ. ފަލަކް އެ ހިސާބަށް އައުމާއިއެކު އަފްޒަލް ފަލަކަށްޓަކައި ގޮނޑި ދުރު ކޮށްދިނެވެ. އަދި ފަލަކް މޭޒުދޮށުގައި އިށީނުމުން އަފްޒަލް ވެސް ފަލަކްގެ ކައިރީގައި އިށީނެވެ.
ކައިވެނީގެ ޚުތުބާ އިވެން ފެށި ހިނދު، ފަލަކަށް ތަފާތު އިޙްސާސްތަކެއް ކުރެވުނެވެ. އޭނަ ވަނީ މި ނޫނަސް އޭނަގެ ބައެއް އެކުވެރިންގެ ކައިވެނިތަކަށް ގޮސްފައެވެ. މުސްލިމް އެކުވެރިންގެ ކައިވެނިތަކަށްވެސް މެއެވެ. އެ ދުވަސްތަކުގައި ފަލަކަށް އަބަދުވެސް ހީކުރެވިފައިވީ، މި ޚުތުބާގައި ދެކެވޭ އެއްވެސް ވާހަކައެއްގައި ބުރަދަނެއް ނެތް ކަމަށެވެ. ކިތަންމެ ނަސޭޙަތެއް ދިނަސް، ކައިވެންޏަކީ ފިރިހެނަކަށް އަންހެނަކު އަޅުވެތި ކުރުމަށް ހުޅުވައިލެވޭ ދޮރެއް ކަމަށެވެ.
އެހެނަސް އަފްޒަލް އެދުވަހު އެ ވާހަކަ ދެއްކި ފަހުން ފަލަކް ވަނީ އިސްލާމީ ނަޒަރިއްޔާތަކުން ކައިވެންޏާއިމެދު ދިރާސާ ކޮށްފައެވެ. އެއާއިއެކު އިސްލާމް ދީނުގައި ކައިވެންޏެއް ކުރުމުގައި ވެސް އަންހެނާއަށް ދެއްވާފައިވާ ބާރާއިމެދު ފަލަކް ޙައިރާންވާހާ ވިއެވެ.
އިސްލާމް ދީނުގައި އަންހެން ކުއްޖަކު ކައިވެނި ކުރަން ޖެހޭނީ ހިތުން ރުހިގެންނެވެ. އަދި ކައިވެނި ކުރެވޭނީ ވެސް އަންހެން ކުއްޖާގެ ވަލީވެރިއަކު އެކަމަށް އިޒުނަ ދިނުމުންނެވެ. އަދި އަންހެން ކުއްޖާ އިންނަން އުޅޭ ފިރިހެން ކުއްޖަކާއި އެ ޙަވާލު ކުރެވެނީ، އެ ވަލީވެރިޔާ އަންހެން ކުއްޖާ ގެންގުޅުނުހާ ފުރިހަމައަށް ގެންގުޅުމުގެ ޒިންމާއެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަންހެން ކުދިން ހިމާޔަތްކޮށް، ރައްކާތެރި ކޮށްފައި މިވަނީ ކިހާ ވަރަކަށް ހެއްޔެވެ؟
“އަނބި ޤަބޫލުކޮށްފިން.”
އަފްޒަލްގެ އެ ބަސްތަކާއި އެކީ ފަލަކްގެ މުޅި ގައިން ހީބިހި ނެގިއެވެ. އަފްޒަލަކީ ހަމަ ޔަޤީނުން ވެސް އޭނަގެ ބައްޕައާއި އެއްވަރަށް އެހެންނޫނީ އެއަށްވުރެ ވެސް ފުރިހަމައަށް އޭނަ ގެންގުޅޭނެ، ރަނގަޅު ފިރިއަކަށް ވާނެކަން އެވަގުތު ފަލަކަށް ޔަޤީން ކުރެވުނެވެ.
ނުނިމޭ