ޤަދަރު (ބަޔާޅީސްވަނަ ބައި)
“އެއީއެއް ނޫނޭ އެކަން އޮންނަންވާ ގޮތަކީ. އަހަރުމެން ﷲ ގެ އަމުރުފުޅަށް ތަބާވާންޖެހެނީ ވަކި މީހަކު ބުނީތީ ވަކި މީހަކު ރުއްސާކަށް ނޫން. މީހުންގެ ރުހުމަށްޓަކައި ދިރިއުޅުމަކީ މުޅި މީހާ ބަރުބާދުކޮށްލާ ކަމެއް. އެއީ މީހުންގެ ހިތްތަކަކީ ބަދަލުވާ އެއްޗެއް. މީހުން ރުއްސުމަކީ މޮޅު ނުވާނެ ކުޅިވަރެއް. އޭގެ ބަދަލުގަ އަހަރުމެން މުސްލިމުން އަޅުވެތިވަނީ ހަމައެކަނި ﷲ އަށް. އަހަރުމެން ދިރިއުޅެން މަސައްކަތް ކުރަނީ އެކަލާނގެ ރުހިވޮޑިގެންވާ ގޮތަށް. އެކަލާނގެ ރުހިވޮޑިގަތުން އަހަރުމެން ހޯދައިފިނަމަ އެކަލާނގެ އަހަރުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވާނެ….”
އަފްޒަލް ކިޔައިދިން ވާހަކަތަކުން ފަލަކް ވިސްނުމަކަށް ގެއްލުނެވެ. ފަލަކް އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން އަފްޒަލް އިތުރަށް ވާހަކަ ދެއްކިއެވެ.
“މިއީ އަހަރެންގެ ބަސްތަކެއް ނޫން ފަލަކް. މިއީ ﷲ ގެ ވަޢުދުފުޅު. އެ ވަޢުދުފުޅުގެ ވާހަކަ އަހަރެންގެ ދުލުން އިވުނީމަ ފަހަރެއްގަ ޤަބޫލުކުރަން ދަތިވެދާނެ. ޚުދު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބަސްފުޅު ކިޔެވުން މުހިއްމުވަނީ އެހެންވީމަ…” އަފްޒަލް ބުންޏެވެ.
“ﷲ…..ގެ ބަސްފުޅަކީ…ޤުރުއާން…” ފަލަކް އެހެން ބުނެލީ ކުޑައިރު ސްކޫލްގައި ކިޔެވި ކިޔެވުން ހަނދާން ކޮށްފައެވެ. މިހާތަނަށް އައިއިރު ހުޅަނގުގެ މީހުންގެ ބަސްތައް އިވި އިވި ޤުރުއާނަކީ އިންސާނުންގެ ފަރާތުން އައިސްފައިވާ ފޮތެއްހެން އޭނައަށް ހީވާން ފަށާފައިވި ފަދައެވެ.
“އާނ….ޤުރުއާން. ފަލަކް ޤުރުއާން ކިޔަވަމެއްނު؟ ޢަރަބި އެނގެންޏާ ޤުރުއާނުގެ އާޔަތްތަކުން ބުނާ ވާހަކަތައް ވެސް އެނގޭނެއެއްނު؟” އަފްޒަލް އެހެން ބުނުމުން ފަލަކަށް އިސްޖަހައިލެވުނެވެ.
“ޤުރުއާން….ނުކިޔަވަން.” ފަލަކަށް ޖެހިލުންވުމަކާއިއެކީ ބުންޏެވެ.
“އޮހް….” އަފްޒަލަށް ބުނެވުނެވެ.
ފަލަކް އަނެއްކާވެސް އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން އަފްޒަލް ފަލަކްގެ އަތަށް ފިތައިލިއެވެ.
“އިޓްސް އޯކޭ ފަލަކް….މި ދުވަހާއި ޖެހެންދެން ﷲ ސުބުޙާނަހޫ ވަތަޢާލާ ފަލަކް މި ދުނިޔޭގަ ބެހެއްޓީ އެކަލާނގެ ބަސްފުޅާއި ހަމައަށް ދިޔުމަށް ފަލަކަށް ފުރުސަތު ދިނުމަށް. އަދިވެސް ވަކި ލަހެއް ނުވޭ. އައި ޕްރޯމިސް ޔޫ ފަލަކް….ފަލަކަށް އެ ފޮތުން ޙައްލެއް ލިބޭނެ. ﷲ ގެ އަމުރުފުޅަކަށް ތަބާވާ މީހަކު އެކަލާނގެ ގެއްލެނި ނުކުރައްވާނެ.” އަފްޒަލް ސާބިތުކަމާއި އެކީ ބުންޏެވެ.
އެހެނަސް އެވަގުތު ފަލަކަށް އެފަދަ ސާބިތުކަމެއް އިޙްސާސެއް ނުކުރެވެއެވެ. ކޮންމެވެސް ފޮތެއްގައިވާ ބަސްތަކެއް ކިޔައިގެން އޭނަގެ ބޮޑު ވިޔަފާރިއަށް ލިބިގެން އުޅޭ ގެއްލުންތަކަށް ޙައްލެއް ލިބޭނީ ކިހިނެއްކަމެއް ފަލަކަށް ނުވިސްނުނެވެ. ކޮންމެ ގޮތެއްވިޔަސް ފަލަކް އެދުވަހު މަންމަގެ ޚަތިމް ނަގަން ނިންމިއެވެ. ބުރުގާ އެޅި ދުވަސްފަހުން އެކަން ކުރަން ނިންމައިގެން ފަލަކް ހުއްޓެއްކަމަކު، މި ހުރިހާ ދުވަހު އެކަން ފަސް ކުރެވުނީއެވެ.
ހެނދުނުގެ ނާސްތާއަށްފަހު ފަލަކް ކޮޓަރިއަށް ވަދެ އަރިމަތީ މޭޒުގެ ވަތްގަނޑުން މަންމަގެ ރަތް ކުލައިގެ ޚަތިމް ނެގިއެވެ. އަދި ޚަތިމް ހިފައިގެން ގޮސް ކިޔަވާ މޭޒުދޮށުގައި އިށީނދެ ލަސްލަހުން ޚަތިމް ހުޅުވައިލިއެވެ. އެހިނދު ހިތުގައި ނުތަނަވަސްކަމެއްވީ ކީއްވެކަމެއް ފަލަކަށް ނޭނގުނެވެ. މި ފޮތަކީ ހަމަ ޙަޤީޤަތުގައި ވެސް އޭނަގެ ޙަޔާތް ބަދަލުކޮށްލާނެ ފޮތެއްކަން އޭނަގެ ހިތަށް އެނގުންވި ފަދައެވެ.
އެ ނުތަނަވަސްކަމާއި އެކީ ވެސް ފަލަކް ހިތާހިތުން އެ އާޔަތްތައް ކިޔަން ފެށިއެވެ. އާދައިގެ ޢަރަބި ފޮތެއް ކިޔާ ފަދައަކުންނެވެ. އާޔަތްތައް ކިޔަން ފެށިހެން ފަލަކަށް ހުއްޓޭ ގޮތެއް ނުވިއެވެ. ހަމަ އެ އިންގޮތަށް އިނދެ މުޞްޙަފް އެއްކޮށް ކިޔަވައި ނިންމަން ބޭނުންވި ފަދައެވެ. ޢަރަބި ބަހުގެ އެހާ ފަށުވި ޢިބާރާތްތައް އޭނަ ޢަރަބި ލަވައަކުން ވެސް އަދި ޅެންވެރިކަމަކުން ވެސް ދެކެފައެއް ނުވެއެވެ. މުޞްޙަފުން ފެންނަމުން ދިޔަ އޭނައަށް ނޭނގޭ ބަސްތައް ވެސް އެނގެން ބޭނުންވި ވަރުން އެކުވެރިޔަކަށް ގުޅައި، ޒަމާންވީ ޢަރަބި ބަސްތަކުގެ މާނަ އެނގޭނެ ފޮތެއް ހޯދިއެވެ. އަދި އޮންލައިންކޮށް އެ ފޮތް ގަނެގެން ބަސްތަކުގެ މާނަ ހޯދަން ފެށިއެވެ.
ބަޤަރާ ސޫރަތުގައިވި އާދަމްގެފާނުގެ ވާހަކަ ފަލަކަށް ނުހަނު ރީތިވިއެވެ. އޭނަގެ ނަޞާރާ އެކުވެރިންގެ ފަރާތުން އެ ވާހަކަ އިވިފައިވާ ގޮތާއި ޤުރުއާނުގައި އެ ވާހަކަ ގެންނަވާފައިވި ގޮތް ތަފާތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމްގެފާނު ދުނިޔެއަށް ފޮނުއްވީ ޢަޒާބެއްގެ ގޮތުގައެއް ނޫނެވެ. އިމްތިޙާނެއްގެ ގޮތުންނެވެ. އާދަމްގެފާނާއި ޙައްވާގެފާނަށް ސުވަރުގެއިން ދިމާވީ، މި ދުނިޔޭގައި ދިމާވާނެ ފަދަ އިމްތިޙާނެކެވެ. މި ދުނިޔޭގައި ދިމާވާ އެފަދަ އިމްތިޙާންތަކުން ކާމިޔާބުވާން ބޭނުންނަމަ، އަހަރުމެން ޖެހޭނީ ޝައިޠާނާގެ ބަސްތަކަށް ފުރަގަސްދޭށެވެ. އެކަމަށްޓަކައި ﷲ ގެ ހިދާޔަތަށް ބޯލަނބަންޖެހެއެވެ.
ފަލަކް ހީކުރީ އަފްޒަލް އޭނަގާތު ބުނި ސާބިތު ކަމަކީ މިއީ ކަމަށެވެ. އެ ބަސްތަކުން ވެސް ބުރުގާ އަޅައިގެން ﷲ އަށް ތަބާވެގެން އުޅުމަށް ފަލަކަށް ހިތްވަރެއް ލިބުނެވެ. އެހެނަސް އެ ސޫރަތް ކިޔަވަމުން ދިޔަދިޔަހެން އެ ސާބިތުކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. ބައެއް މީހުންގެ ކުރިމަތީގައި އީމާންވާ ބަޔަކަށް ހެދި އަނެއްބައި މީހުން ކުރިމަތީގައި އެހެން ސޫރައެއް ދައްކާ މީހުންގެ ވާހަކަ ކިޔާފައި، އެފަދަ ހިތެއްގެ ވެރިއަކަށް ނުވުމަށް ޢަޒުމް ކަނޑައެޅުނެވެ. ﷲ ގެ ޢަޒާބުގެ ވާހަކަ ކިޔާފައި އެ ޢަޒާބުން ރައްކާތެރިވުމަށް ހިތް އެދުނެވެ. އަދި އެކަލާނގެ ދެއްވާ އަޖުރުގެ ވާހަކަ ކިޔޭ ކޮންމެ ފަހަރަކު އެ އަޖުރު ލިބޭނެ ފަދަ ޢަމަލުތައް ކުރުމަށް ހިތް އެދުނެވެ.
ކިޔަމުން ކިޔަމުން ގޮސް ވަކި ހިސާބަކުން ފަލަކަށް ކުއްލި ގޮތަކަށް މަޑުކޮށްލަމުން ގޮނޑީގެ ފަހަތަށް ލެނގިލެވުނީ، ކޮންމެވެސް އާޔަތަކުން ސީދާ އޭނައާއި ވާހަކަ ދެއްކިހެން ހީވުމުންނެވެ.
الشَّيْطَانُ يَعِدُكُمُ الْفَقْرَ وَيَأْمُرُكُم بِالْفَحْشَاءِ
“ފަޤީރު ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް ޝައިޠާނާ ބިރުދައްކައެވެ. އަދި، އެ ޝައިޠާނާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެއެވެ.”
އެ ބަސްތައް ކިޔައިލެވުނު ހިނދު އާދަޔާ ޚިލާފު ބިރަކުން ފަލަކްގެ ހިތް ވަށައިލެވިގެން ދިޔައެވެ. އޭނައަށް ވިސްނުނީ މި ހުރިހާ ދުވަހު އޭނަގެ ވިޔަފާރި ބަނގުރޫޓުވެ ފަޤީރު ވެދާނެތީ ބުރުގާ ނަގާލަން އޭނައަށް ޚިޔާލު ކުރެވުނު ގޮތާއި މެދުގައެވެ. އެ ޚިޔާލަކީ ހަމަ ޝައިޠާނާގެ ފަރާތުން އައި ޚިޔާލެއްތޯ ހިތަށްއެރިއެވެ. އަދި އަމުދުން އެ ޚިޔާލު އޭނައަށް އައި ވާހަކަ މި ފޮތުގައި މި އޮތީ ކިހިނެއްތޯ އަމިއްލަ ޒަމީރާއި ސުވާލު ކުރެވުނެވެ.
އެވަގުތު ކުރެވެމުން ދިޔަ އިޙްސާސްތަކެއްގެ ސަބަބުން ދެން އިތުރަށް ކިޔަވަން ވެސް ފަލަކް ޖެހިލުންވާ ގޮތްވިއެވެ. އެހެނަސް ހިތްވަރު ކޮށްފައި އެ އާޔަތް ނިންމަން ބޭނުންވިއެވެ.
وَاللَّهُ يَعِدُكُم مَّغْفِرَةً مِّنْهُ وَفَضْلًا ۗ وَاللَّهُ وَاسِعٌ عَلِيمٌ
“اللَّه، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވަނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި، ފަޟްލަވަންތަ ކަމަށެވެ. اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”
އެ ބަސްތައް ކިޔަވައި ނިމުނުހެން ފަލަކްގެ ލޯ ކަރުނުން ފުސްވިއެވެ. ދެންމެ ޝައިޠާނާގެ ވަޢުދު ކިޔައި ނިމުނުއިރު ހިތަށް ވެރިވި ބިރުވެރިކަން އެއްކޮށް ފިލައި ދިޔަ ފަދައެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޢުދުފުޅު މާ ރީތިވެފައި މާ ބާރުގަދައެވެ. އެކަލާނގެއަށް ތަބާވެއްޖެނަމަ އެކަލާނގެ ދެއްވަނީ ހަމައެކަނި ފާފަފުއްސެވުމެއް ނޫނެވެ. އެއާއިއެކު އެކަލާނގެ ފަޟްލަވަންތަކަމުގެ ސަބަބުން ނިޢުމަތްތައް ގިނަ ކުރައްވައެވެ. އެ ނިޢުމަތްތައް ލިބޭނީ ކިހިނެއްކަން އިންސާނާއަށް ނޭނގުނަސް، އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަލާނގެ ހުރިހާ ކަމެއްގެ މައްޗަށް ބާރުވެރިވެ ވޮޑިގެންވެއެވެ.
އެ ޙަޤީޤަތް ވިސްނިގެން ދިޔަދިޔަހެން ފަލަކް ފުން ނޭވައެއް އެތެރެއަށް ލައި ކޯތާފަތްމައްޗަށް ފޭބި ކަރުނަތައް ފޮހެލިއެވެ. އަދި މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނެގީ ވަރުގަދަ ޢަޒުމަކާއި އެކީގައެވެ.
“ސަލާމް މަހްރީން. މާދަމާއަށް ހުރިހާ ޑައިރެކްޓާރސްގެ ބޯޑް މީޓިންގްއެއް އެރޭންޖްކޮށްދީ.” ފަލަކް ބުންޏެވެ.
“ކިހިނެއްވީތޯ؟ މާ ބޮޑު ކަމެއް ދިމާވީތޯ؟” މަހްރީން ސުވާލު ކުރިއެވެ.
“ފެމިނިން ޑިޒައިންސްއަށް ބަދަލެއް ގެންނަން މިއުޅެނީ.” ފަލަކް ބުންޏެވެ.
**
މެލޭޝިޔާގެ ގަޑިން ހެނދުނު 10 ޖެހި ވަގުތު ކުއަލަލަމްޕޫރުގެ މަގެއްގެ ޕޭވްމެންޓް މަތިން ޒައުލް ހިނގާފައި ދިޔައީ އޭނަގެ އަޅި ކުލައިގެ ސޫޓް ކޭސް ދަމަމުންނެވެ. އޭރު ޒައުލްގެ ބޯހޭވި، މޫނު ހުދުވެ، ތުންފަތް ހިކިފައިވި ގޮތުން ޒައުލް ބޭރު ތެރޭގައި އުޅޭތާ ގިނައިރު ވެފައިވާކަން އެނގެއެވެ.
ޒައުލް ހިނގަމުން ދަނިކޮށް ފިޔަވަޅުތައް މަޑުޖެހުނީ، ޖިންސްގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ޒައުލް ފޯނު ނަގައި ސްކްރީން ބަލައިލިއިރު ސްކްރީނުން ފެނުނީ ދޮންބެއެވެ. ޒައުލް ކޯލު ރިސީވްކޮށް ފޯނު ކަންފަތުގައި ޖެއްސިއެވެ.
“ޒައުލް ކޮއްކޯ….ކީއްވެތަ މަންމަ ގުޅީމަ ފޯނު ނުނަގަނީ؟ މަންމަ ކަންބޮޑުވާނެކަން އެނގެއެއްނު؟” ދޮންބެ އެކޮޅުން ވާހަކަ ދެއްކި އަޑަށް ޒައުލްގެ ލޯމަތިން ހިތާމަވެރިކަން ފާޅުވިއެވެ. އެހެނަސް ޒައުލް އެ ހިތާމަ ފޮރުވިއެވެ.
“ކަމެއް ނުވެއޭ….ޓްރިޕަކަށްދާން ރެޑީވަމުން ދިޔަ ގަޑިއެއްގަ މަންމަ ގުޅީ. އެހެންވެ ފޯނު ނުނެގުނީ. ހެހެ….” ޒައުލް ގަދަކަމުން ހީލިއެވެ.
“އޮހް….މިއަދު ކޮން ތަނަކަށްތަ ދަނީ؟” ދޮންބެ ސުވާލުކުރިއެވެ.
“މިއަދު….މި ދަނީ ޓްވިން ޓަވާރސް ބަލަންވެގެން…”
“އޯހް! ހޭވް ފަން އިނގޭ…..ޔޫ ޝުއާރ ޔޫ އޯކޭ؟ ތި ދާ ތަންތަނެއްގެ ފޮޓޯވެސް އިންސްޓާއަކުން ނުފެނޭ. ތިއީ އެހެންޏާ ގަޑިންގަޑިން ފޮޓޯ ލާ ކުއްޖެއް ނޫންތަ؟”
“ނޫނޭ ދޮންބޭ….ހަމަ ފެންނަ މަންޒަރުތައް ރީތިވީމަ އައިމް ލިވިންގް އިން ދަ މޮމެންޓް.”
“އައި ސީ….އެންޖޯއި އިނގޭ އެހެންވީމަ. މަންމައަށް ގުޅާލައްޗޭ ވަގުތެއް ވީއިރަކުން.”
“ހުމް ގުޅާނަން. ބާއި!”
ޒައުލް އަލްވަދާޢު ކިޔުމުން ދޮންބެ ވެސް އެކޮޅުން އަލްވަދާޢު ކިޔުނެވެ. ފޯނުގެ ސްކްރީނުން ދޮންބެގެ ނަން ގެއްލި ދިޔަތަން ފެނިފައި ޒައުލްއަށް ވަރުބަލިކަމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އޭނަގެ ޙާލަތު ދޮންބެއަށް ކިޔައިދޭން ކިތަންމެ ބޭނުންވެފައި ވިއެއްކަމަކު އެ ވާހަކަ ކިޔައިދޭން ޖެހިލުންވެފައިވެއެވެ. އޭނައަށް މިއަދު މި ދިމާވެފައިވާ ޙާލަތު ޚުދު އޭނައަށް ވެސް ޤަބޫލު ކުރަން ދަތިވެފައިވެއެވެ.
މިއަދު ޒައުލް މި ވަނީ އޭނަގެ ލޯބިވެރިޔާގެ ސަބަބުން ބީރައްޓެހި ޤައުމެއްގައި މަގުމަތިވެފައެވެ. އާނއެކެވެ. އެންޖެލާ އެއްގޮތަކަށް ވެސް އެންޖެލާ އުޅޭ ގެއަކަށް ޒައުލްއަށް މަރުޙަބާއެއް ނުކިޔުނެވެ. ހަމައެކަނި އެގެއަށް ވަނަ ނުދިނީއެއް ވެސް ނޫނެވެ. އެރޭ ޒައުލްއަށް ފެނިގެން ދިޔައީ އޭނަ ހީވެސް ނުކުރާ ފަދަ މަންޒަރެކެވެ.
“އެންޖެލާ؟”
އެންޖެލާ ގޭގެ ދޮރު ހުޅުވުމާއިއެކު ޒައުލްއަށް އެހެން ބުނެވުނީ އެންޖެލާ ލައިގެން ހުރި ކަޅުކުލައިގެ ކަކުލުން މައްޗަށް އޮތް ކޮނޑު ކެނޑި ހެދުން ފެނުމުންނެވެ. ބޯހޭވިފައި ހުރި ގޮތުން އެންޖެލާ ދެންމެ ނިދަން އޮވެފައި ތެދުވުނީހެން ހީވެއެވެ. އެ ހީވި ހީވުމާއިއެކު ޒައުލް ލުއި ގޮތަކަށް ހީލިއެވެ.
“ހާދަ އަވަހަކަށް މިރޭ ނިދައިގެން ތިއުޅެނީ؟ އުދަގޫ ކޮށްލެވިއްޖެދޯ؟” ޒައުލް ހެވިފައި ހުރެ އެހެން ބުނެ ގެއަށް ވަންނަން އުޅުނެވެ. އެހެނަސް އެންޖެލާ އެއްއަތް ދިއްކޮށްލަމުން ޒައުލް މަޑުކުރުވިއެވެ.
“ވެއިޓް! ފައިސާ ގެނައިންތަ؟” އެންޖެލާ ކުއްލި ގޮތަކަށް ކޮށްލި ސުވާލުން ޒައުލް ޙައިރާންވިއެވެ.
“އޮފްކޯސް! ފައިސާ ސޭވްކުރަން ވެގެން ހޮޓެލްއިން ޗެކްއައުޓް ވެގެން މިއައީ.” ޒައުލް ތެދުތެދަށް ބުންޏެވެ.
“އޯކޭ….ލާރިދީ އަވަހަށް.” އެންޖެލާ އެހެން ބުނެލީ ކޮންމެވެސް ބޮޑު ކަމަކަށް ނުހަނު އަވަހަށް ލާރި ބޭނުންވެގެން އުޅޭ ފަދައަކުންނެވެ.
“ކިހިނެއްވީތަ ލޯބި؟ މީހަކު ބަލިވެގެން އުޅެނީތަ؟” ޒައުލް އެހެން ބުނެލަމުން ޖީބުގައި އޮތް ވޮލެޓް ނަގައި އެއިން 400 ޑޮލަރު ނެގިއެވެ. ޒައުލް އެ ނަގައި އެންޖެލާއަށް ދިއްކޮށް ނުލެވެނީސް އެންޖެލާ އެ ނޫޓުތައް ޖަހައިގަތް ގޮތުން ޒައުލްގެ ދެބުމަ ކައިރިވިއެވެ.
އޭގެ ދެވަނަ ސިކުންތުގައި ގޭގެ އެތެރެއިން އެންޖެލާގެ ނަމުން ގޮވި ބަރު އަޑެއް އިވިގެން ދިޔައެވެ. އެއާއިއެކު އެންޖެލާ ހުއްޓުން އެރި ހިނދު، ޒައުލްއަށް ގޭގެ ތެރެއަށް ބޯދިއްކޮށްލެވުނެވެ. އެއާއިއެކު އޭނައަށްވުރެ ތަންކޮޅެއް ދިގު އިސްކޮޅެއް ލިބިފައިވި ދޮން ފިރިހެން ޒުވާނަކު އެދިމާލަށް އަންނަމުން ދިޔަތަން ފެނުނެވެ.
އެ ޒުވާނާއަކީ އެ ގޭގެ ވެރިމީހާ ކަމަށް ފުރަތަމަ ޒައުލްއަށް ހީކުރެވުނެވެ. އެހެނަސް އެ ޒުވާނާ އައިސް އެންޖެލާ ކައިރި ހުއްޓިލީ ގޮތުންނާއި، އެ ޒުވާނާ ޒައުލްއަށް ދިން ނުރުހުމުގެ ނަޒަރާއި، ޒުވާނާގެ ގަމީހުގެ ގޮށްތައް ނެއްޓިފައިވި ގޮތުން ޒައުލްގެ މެއަށް ނުބައި ގޮތެއްވިއެވެ. އޭނަ ހީކުރާ ހީކުރުމަކީ ގޯހަކަށްވުމަށް އެދި އެވަގުތު ޒައުލްއަށް އެންޖެލާއާއި ދިމާލަށް ބަލައިލެވުނެވެ. އެހެނަސް އެންޖެލާގެ މޫނުމަތިން ފެނުނު ކުށްވެރިކަމުގެ ނަޒަރުން ޒައުލްއަށް ހުރިހާ ކަމެއް ސާފުވެގެން ދިޔައެވެ. އެއާއިއެކު އޭނަގެ ދުނިޔެ ހުއްޓުމަކަށް އައި ކަހަލަ އިޙްސާސެއް ޒައުލްއަށް ކުރެވުނެވެ.
އެވަގުތުކޮޅު ހަނދާންވެގެން ދިޔުމުން މަގުމަތީގައި ހުއްޓި ހުރެ ވެސް ޒައުލްއަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. ޒައުލްއަށް އެރޭ އެ މަންޒަރު ފެނުމާއިއެކު ފަހަތަށް ފިޔަވަޅުތަކެއް އެޅެން ފެށިއެވެ. އަދި މާ ގިނައިރެއް ނުވެ އެންޖެލާއަށް ފަސްދީފައި ހިނގެންފެށީ، އެ މަންޒަރުން އޭނައަށް ލިބުނު ވޭނާއި ލަދުވެތިކަމުން ދުރަށް ދިޔުމަށެވެ.
އެހެނަސް މިއަދުގެ މި ވަގުތުކޮޅާއި ހަމައަށް އައިއިރު ވެސް ޒައުލްގެ ހިތުގައި އެ އިޙްސާސްތައް ވަކި ހިފާފައިވެއެވެ. ހިތުގައި ވޭން އަޅަމުން ދިޔައީ އޭނަ އެ އަންހެން ކުއްޖެއްދެކެ އެހާ ލޯބިވެ، އެކުއްޖަކާއިމެދު އެހާ ގިނަ އުއްމީދުތައް ކުރި ލޯބިވެރިޔާ އޭނައަށް ބޭވަފާތެރިވުމުންނެވެ. ލަދުވެތިވީ އޭނަ އެ އަންހެން ކުއްޖާއަށްޓަކައި މިހާ ދުރަށް ދަތުރުކޮށްފައި އައުމުން ވެސް، އެ ކުއްޖާގެ ނަޒަރުގައި އޭނައަކީ އަގެއް ހުރި މީހަކަށް ނުވިހެން ހީވުމުންނެވެ.
މި ހުރިހާ ކަމެއްގެ ސަބަބުން ވޭތުވެ ދިޔަ ދުވަސްތަކުގައި ޒައުލްއަށް އެޅިފައިވި ފިޔަވަޅުތަކުގެ މޮޔަކަން އޭނައަށް އިޙްސާސް ކުރެވެމުން ދިޔައެވެ. ދޮންބެއަށް ދޮގު ހަދައި އެކުވެރިންނާއި ވަކިން އޭނަ ބީރައްޓެހި ޤައުމަކަށް އައީ ކީއްވެތޯ އަމިއްލަ ނަފްސާއި ސުވާލު ކުރެވެމުން ދިޔައެވެ. އަންހެން ކުއްޖެއްގެ އަވައިގައި އޭނަ ނުޖެހުނު ނަމަ، މިއަދު އޭނަ ބޯނެ ފެންފޮދެއް ހޯދާނެ ގޮތަކާއި މެދު ވިސްނަން ޖެހިފައި ނުވީހޭ ހިތަށް އަރަމުން ދިޔައެވެ.
**
ކުއާލަލަމްޕޫރުގެ މަގަކުން މަޖީދު ދުއްވާފައި ދިޔަ ކާރުގެ ކުރީ ސީޓުގައި ޒުހާ ވެސް އިނެވެ. ޒުހާ ޓެބްލެޓާއި ކުޅެމުން ދިޔައިރު ހޯދެމުން މެލޭޝިޔާގައި ދަތިކޮށް އުޅޭ މީހުންނަށް އެހިތެރިވުމަށް ޞަދަޤާތުގެ މަސައްކަތެއް ޖެއްސޭނެ ގޮތަކާއި މެދުގައެވެ.
މިފަހުން އައިސް ޒުހާއަށް މިފަދަ ޚިޔާލެއް ލިބިގެން އުޅެނީ، ތިމާ އެންމެ ލޯބިވާ އެއްޗަކުން ހޭދަކޮށްގެން މެނުވީ ހެޔޮކަން ނުލިބޭނެކަމަށް ބުނެވޭ އާޔަތް އުނގެނުނު ފަހުންނެވެ. ޞަދަޤާތް ދިނުމަށް ޒުހާގެ ހިތުގައި ޝައުޤުވެރިކަން އުފެދުނީ އެހާ ހިސާބުންނެވެ. ޤުރުއާން ގިނަގިނައިން އަޑުއަހަން ފެށީ ފަހުން އޭނަގެ ސަމާލުކަން މުޅިންހެން ދެވިފައިވަނީ، ﷲ ގެ ރުހިވޮޑިގަތުން ހޯދޭނެ ގޮތްތަކަށް ފަދައެވެ.
“ބައްޕާ….އަހަރެން ބޭނުން މެލޭޝިޔާގަ ޗެރިޓީ ވޯކެއް ޖައްސަން. ކުޑަ ޝޮޕެއްގެ ކައިރީގަ ފްރީ ފުޑް ދޭ ސްޓޭންޑެއް ޖެހިއްޔާ؟ ބައްޕަ އައިޑިއާ ދީބަލަ.” ޒުހާ ވާހަކަ ދެއްކިއެވެ.
“ހުމް….ހަމަ ރަނގަޅު ޚިޔާލެއް. ބައްޕަ ފަންޑު ކޮށްދޭނަން އިނގޭ. އަދި އެސިސްޓެންޓުން ލައްވާ އެރޭންޖް ކޮށްދޭނަން…” މަޖީދު ބުންޏެވެ.
“ނޫނޭ ބައްޕާ…..ބައްޕަ އަހަންނަށް ދީފަ ހުރި އެލޮވެންސް އިން ސޭވްކޮށްފަ ހުރި ފައިސާގެ ބައެއް ބޭނުންކުރަން ބޭނުމީ. އޯލްސޯ….އެރޭންޖްމެންޓްގެ ވެސް ބޮޑު ބައެއް ހިންގަން ބޭނުމީ އަމިއްލައަށް. ސަވާބު ހޯދަން.” ޒުހާ ހިނިތުންވުމަކާއި އެކީ ބުންޏެވެ.
“މާ ޝާ ﷲ….ބައްޕަގެ ދަރިފުޅު! ހެހެ….އޭ އެއްކަލަ ދުވަހު ޒުހާ އުޅުނީމެއްނު ކޮންމެވެސް އިމާމެއްގެ ކިޔެވުން ރީތިވެގެން؟ އެއީ އަސްލު އަހަރުމެންގެ މެލޭޝިޔާ ހޮޓެލްގެ ހޮޓެލް މެނޭޖަރޭ. އަނަސްއޭ ކިޔާނީ އެ ކުއްޖާއަށް. ވަރަށް މޮޅު ދިވެހި ކުއްޖެއް އެއީ. ބައްޕަ ވެސް އިހަކަށް ދުވަހު އެ ކުއްޖާއާއި ދިމާވީ މިސްކިތް ތެރެއިން. މި ހުރިހާ ދުވަހު ނޭނގި ހުރީ މިކޮޅުގެ ހޮޓެލްތަކަށް ކުދިން ނަގަނީ މިކޮޅުގެ ޑައިރެކްޓާރސްވީމަ. އެކަމަކު މާ ޝާ ﷲ ހަގު ވިޔަސް ހާދަ މޮޅު ކުއްޖެކޭ އެއީ. 18 އަހަރުއްސުރެ އަހަރުމެން ހޮޓެލްގަ މަސައްކަތް ކުރަމުން ކިޔަވަމުން އެދަނީ. އެހެންވެ އެ ޢުމުރުގަ އެފަދަ މަޤާމަކަށް ދެވިފަ އެހެރީ…” މަޖީދު ކިޔައިދިނެވެ.
“އަނަސް….އަކީ ދިވެހި ކުއްޖެއްތަ؟” ޒުހާ ޖެހިލުންވުމަކާއިއެކީ އެހިއެވެ.
“އާނ ދިވެހި ކުއްޖެއް…..ބައްޕަ އެކުއްޖާއާއި ބެހޭ ގޮތުން އިތުރަށް ހޯދަންވީ-“
“ނޫން ނޫން…..ހޯދާނެ ކަމެއް ނެތް!”
“ކިހިނެއްވީ؟ އެ ކުއްޖާގެ ކިޔެވުން ރީތިވެގެން ޒުހާ އުޅޭތީއޭ ބައްޕަ މިހެން ބުނީ. އެކުއްޖާގެ ކިޔެވުމުގެ ރެކޯޑިންގް ލިބޭތޯ ބަލަންވެގެން…އަނެއްކާ، ޒުހާގެ އެހެން ކަހަލަ ޚިޔާލެއް އޮތީތަ؟”
“ނޯ ބައްޕާ!”
“ހެހެ….އެއީ ވަކި މައްސަލައެއް ނޫނޭ….ޒުހާ ވެސް ތިއީ މިހާރު ބޮޑު ކުއްޖެއްދޯ؟ ބައްޕަ ވަކި މައްސަލައެއް ނުޖައްސާނަން ޒުހާއަށް ކުއްޖަކު ކަމުގޮއްސިއޭ ބުނިއްޔާ….”
“ނޫން ބައްޕާ…..އަދި ތިކަމަށް ފޯކަސް ކުރާ ހިތެއް ނެތް. އަދި ދުވަސްކޮޅަކަށް މިހެން އުޅެލަން ބޭނުން. އަދި އަމިއްލަ ސެލްފް ބިލްޑް ކުރަން ބޭނުން. އަދި އެ ކަމުގެ ތެރެއިން ލައިފްގަ ވަގުތު އޮތްވާ ގިނަ ހެޔޮ ޢަމަލުކުރަން ބޭނުން…”
ޒުހާ ތެދުތެދަށް އޭނަގެ އަމިއްލަ ޙަޔާތަށްޓަކައި ރާވާފައި އޮތް ރޭވުން ކިޔައިދިނެވެ. ޒައުލްއާއި ވަކިވިތާ ދުވަސްތަކެއް ވެފައި ވިޔަސް އޭނައަށް އަދިވެސް އެ ހިތާމައިން މުޅިން އަރައިގަނެވިފައެއް ނުވެއެވެ. ކަން މިހެން އޮތްވާ އޭނަ އެހެން ފިރިހެން ކުއްޖަކާއިމެދު ވިސްނާކަށް ބޭނުމެއް ނުވެއެވެ. އަދި އަމުދުން އަނެއްކާވެސް ޒައުލްގެ ފަރާތުން ދިމާވި ފަދަ ބޭވަފާތެރިކަމެއް އޭނައަށް ދިމާވެދާނެ ކަމުގެ ބިރުވެސް ހީވަމުން ދިޔައެވެ. އެ ބިރުވެރިކަމުން އަރައިގަތުމަށް އެހެން ފިރިހެން ކުއްޖަކާއި ރައްޓެހިވުމުގެ ބަދަލުގައި އަމިއްލައަށް، އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވަން ބޭނުންވިއެވެ. ﷲ ގެ ހަނދުމައިން އޭނަގެ ހިތަށް ފުރިހަމަ ޝިފާއެއް ލިބޭނެ ކަމުގެ ޔަޤީންކަން އޭނައަށް ލިބިފައިވި ފަދައެވެ.
ޒުހާ އިރުކޮޅަކަށް ޓެބްލެޓް ނިވާލަމުން ކުޑަ ދޮރުން ބޭރަށް ނަޒަރު ހިންގައިލީ، ސިކުނޑި ހަމަޖެއްސުމަށެވެ. އެހެނަސް އެ މަގުގެ ޕޭވްމެންޓް މަތިން ފެނުނު މަންޒަރުން ޒުހާގެ ދެބުމަ ކައިރިވިއެވެ. އަޅި ކުލައިގެ ސޫޓް ކޭހެއް ދަމަމުން ލަސްލަހުން ހިނގަމުން ދިޔައީ ކާކުކަން އެނގެން ޒުހާއަށް ސިކުންތުކޮޅެއް ނެގިއެވެ.
“ޒައުލް…”
ޒުހާއަށް އެ ނަން ކިޔައިލެވުނީ ހިތުންނެވެ. ޒައުލްގެ މޫނުމަތިން ފެންނަމުން ދިޔަ ވަރުބަލިކަން ޒުހާއަށް ފާހަގަވީ ވަގުތު، ޒައުލް ލޯ މަތިން ގެއްލުނެވެ. އެއާއިއެކު ޒުހާއަށް ފަހަތް ބަލަން އެނބުރިލެވުނީ ބޭއިޚްތިޔާރުގައެވެ. އެހެނަސް އޭނައަށް ދެން ޒައުލް ފެންނަ ގޮތެއް ނުވިއެވެ. އެހާ ކުޑަ ހިނދުކޮޅަކަށް އެ ސޫރަ ފެނުމުން އެއީ އޭނައަށް ހީވި ހީވުމެއްތޯ ޒުހާގެ ހިތަށްއެރިއެވެ.
**
ހުކުރު ނަމާދަށްފަހު އަފްޒަލް ގެއަށް އައިސް ކޮޓަރިއަށް ވަދެ ކުޑަކޮށް އަރާމުކޮށްލީ، އެވަގުތު ފަލަކް ވެސް ކޮޓަރީގައި އިނުމުންނެވެ. ޤުރުއާން ކިޔަވަންވީއޭ ކިޔައި ކޮޓަރިއަށް ވަންގޮތަށް ފަލަކް ނުނިކުތުމުން ފަލަކް ޤުރުއާން ކިޔަވަނީއޭ ހިތައި އަފްޒަލް ފަލަކަށް ވަގުތު ދޭން ނިންމިއެވެ. އަދި އެވަގުތު އަމިއްލައަށް ނިދައިލީ، ރޭގަ އެހާ ބޮޑަށް ނިދި ނުލިބުމުން ވަރުބަލިވެފައި ވުމުންނެވެ.
އަފްޒަލަށް ދެން ހޭލެވޭ ގޮތްވީ އެދުވަހުގެ އަޞްރު ނަމާދަށެވެ. ނަމާދުކޮށްގެން އަފްޒަލް ކޮޓަރިން ނިކުތްއިރު ފަލަކް ސިޓިންގް ރޫމުގެ ސޯފާގައި އިނެވެ. އަފްޒަލް ގޮސް ރަނގަޅަށް ބަލައިލިއިރު ފަލަކް އިނީ އައިޕެޑްގައި ނުހަނު ގަޔާވެގެން ކޮންމެވެސް މަސައްކަތެއް ކުރާށެވެ.
“ކޯޗެއް މާ ވަރަކަށް ތި ކުރަހަނީ؟” އަފްޒަލް ގޮސް ފަލަކްގެ ކައިރީގައި އިށީންނަމުން އެހިއެވެ.
“ފެމިނިން ޑިޒައިންސްގެ ނިއު ލައިން އޮފް ކްލޯތިންގްއެއް. ލަސްލަހުން އެއްކޮށް ރީބްރޭންޑް ކުރަން ކަމަށް މި ވިސްނަނީ. އަބާޔާ އެންޑް ހިޖާބް ވިއްކާ ގޮތަށް.” ފަލަކް ބުންޏެވެ.
“ވޮހް! ކުއްލިއަކަށް ހާދަ ބޮޑަށޭ ތި ޚިޔާލު ބަދަލުވީ؟” އަފްޒަލް ފަލަކްގެ ކުރެހުމަށް ބަލަން އިނދެ ބުނެލިއެވެ. އެވަގުތު ފަލަކް ކުރަހަމުން ދިޔައީ ދިގު ހެދުމެކެވެ.
“ހުމް….މިހާރު އަހަންނަށް ޔަޤީންވެއްޖެ އަހަރެން ހަދަންވީ ގޮތް. ކޮންމެ ގޮތެއްވިޔަސް އަހަންނަށް މި ވިޔަފާރި ދެއްވީ ވެސް ﷲ. އެހެންވީމަ ވިޔަފާރި ކުރި އަރުއްވާނީ ވެސް އެކަލާނގެ. وَاللَّهُ يَعِدُكُم مَّغْفِرَةً مِّنْهُ وَفَضْلًا….” ފަލަކް މަސައްކަތުގެ ތެރޭގައި އިނދެފައި އެއްދިމާލަކަށް ނަޒަރު ހުއްޓައިލަމުން އެދުވަހު ހިތުގައި ބިންވަޅު ނެގުނު އާޔަތް ކިޔައިލިއެވެ. އެއާއިއެކު އަފްޒަލަށް ލުއި ގޮތަކަށް ހީލެވުނެވެ.
“ބަޤަރާ ސޫރަތް ކިޔެވީދޯ؟ ކޮންކަހަލަ އިޙްސާސްތަކެއް ކުރެވުނީ؟” އަފްޒަލް އެހިއެވެ.
“ޕީސްފުލް، ހެޕީ، ކޮންޓެންޓް. ހެހެ….އަދި އެއްކޮށް އެ ސޫރަތް ކިޔަވާ ވެސް ނުނިމެނީސް. ދެއާރ….މި ކްލޯތިން ލައިންގެ ފަހު ހެދުން ޑިޒައިންކޮށް މި ނިމުނީ….އިޓްސް ކްރޭޒީ ހަމަ….ކޮންމެވެސް މަޤްޞަދަކާއި އެކީ މަސައްކަތް ކުރީމަ މަސައްކަތް ނިމޭގޮތް. މި އެނާރޖީގަ ހުރެ ފެމިނިން ޑިޒައިންސްގެ އާ ލޯގޯއެއް ވެސް ހަދާލަންވީ. ޔެސް!” ފަލަކް އަނެއްކާވެސް އައި ޕެޑުން އާ މަސައްކަތެއް ފަށަން އުޅުމުން އަފްޒަލް އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ.
“ވެއިޓް ވެއިޓް! މެންދުރު ކައިފިންތަ؟” އަފްޒަލް އެހިއެވެ. އޭގެ ޖަވާބެއްގެ ގޮތުން ފަލަކް ބޯހޫރުވައިލިއެވެ. އެއާއިއެކު އަފްޒަލް ދެބުމަ ކައިރިކޮށްލަމުން ފަލަކްގެ އަތުގައި އޮތް އައިޕެޑާއި އައިޕެޑްގެ ގަލަން ހޯދިއެވެ.
“ވެއިޓް ނޯ!” ފަލަކަށް ނޭވާ ކުރުވެފައި ބުނެވުނެވެ.
“ނޯ! ފަލަކްގެ ޗުއްޓީ ދުވަސް މިއީ. ކުޑަކޮށް ވިޔަފާރި ދަންނަ މީހެއްގެ ގޮތުގަ އަހަރެން ވެސް ޓިޕެއް ދީފާނަން. ޗުއްޓީ ދުވަސް ޗުއްޓީ ދުވަހުގެ ގޮތުގަ ބޭއްވީމަ އެހެން ދުވަސްތަކުގަ މާ ފުރިހަމައަށް މަސައްކަތް ކުރެވޭނެ. މިވަގުތު ފަލަކްގެ ޓާސްކަކީ އަހަރެން ގޮވައިގެން ޑޭޓަކަށް ދިޔުން!” އަފްޒަލް ބުނި ވާހަކައިން ފަލަކަށް ހެވޭ ގޮތްވިއެވެ.
“ޑޭޓް؟” ފަލަކަށް އަހައިލެވުނެވެ.
“ހުމް…ޑޭޓް.” އަފްޒަލް އެހެން ބުނެލަމުން އެއްލޯ މަރައިލީ، ފަލަކްގެ ޚިޔާލުތަކަށް އިންޤިލާބެއް ގެންނަމުންނެވެ.
ނުނިމޭ