ގެއާއި ހަމައަށް އާދެވުނުއިރު އަފްޒަލްގެ މޫނުމަތިން ވެސް ފާޅުވަމުން ދިޔައީ ނުރުހުންތެރިކަމާއި ކަންބޮޑުވުން އެކުލެވޭ އަސަރެކެވެ. ގެއަށް ގޮސް ވަން ތަނާހެން ފަލަކް ފެނުމުން ހުއްޓުން އަރާ ގޮތްވިއެވެ. އޭރު ފަލަކް ކާ މޭޒު ކައިރީގައި ހުރެ ފެންފުޅިއެއްގެ މަތި އުދަގުލާއިއެކީ ނެގިއެވެ. އެއަށްފަހު ފެން އެޅުމަށްޓަކައި ފަލަކް އެ ފުޅި ހިއްލައިލި ހިނދު އެ އަތް ތުރުތުރު އެޅިއެވެ.
ޚުދު ފަލަކް ވެސް އޭނަގެ އަތުން އެ ބިއްލޫރި ފުޅި ވެއްޓިދާނެކަމުގެ ބިރު ހީވި ހިނދު، އެއްފަރާތަކުން އައި އަތެއް އައިސް އެ ފުޅީގައި ހިފެހެއްޓިއެވެ. ފަލަކް އިސްއުފުލައިލި ހިނދު ނުހަނު ގާތުން އަފްޒަލް ފެނިފައި ހިތް ހުއްޓުމަކަށް އައިހެން ހީވިއެވެ.
ފަލަކް ނޭވާވެސް ލާން ހަނދާން ނެތިފައި އަފްޒަލަށް ބަލަން ހުއްޓާ، އަފްޒަލް ފަލަކްގެ އަތުން ފުޅި ހޯދައި، އެ ފުޅިން ތަށްޓަށް ފެން އަޅައިދިނެވެ.
“ހިނގާ ޑޮކްޓަރަށް ދައްކަން.” އަފްޒަލް ފަލަކަށް ބެލުމެއްނެތި، ފެންފުޅި މޭޒުމަތީގައި ބަހައްޓަމުން ބުންޏެވެ. އަފްޒަލްގެ ވާހަކަ އިވި، ހަމަ ހޭވެރިކަމެއް ލިބުނު ފަލަކަށް ވާހަކަ ދެކެވުނެވެ.
“ޑޮކްޓަރަށް ދައްކާކަށް ނުޖެހެއޭ….އަހަރެން ރަނގަޅު.” ފަލަކް، ހުމުގެ ސަބަބުން ދުޅަކަން އިޙްސާސް ކުރެވެމުން ދިޔަ މޫނާއިއެކީ ހިނިތުންވާން މަސައްކަތް ކުރަމުން ބުންޏެވެ. އެހިނދު ނޫރާއާއި ފަޒީލާ ވެސް އެތަނަށް އައެވެ.
“ފަލަކް ކިހިނެއްހޭ އަހަރެން އެހިންތަ؟ ޑޮކްޓަރަށް ދައްކަން ހިނގާށޭ އަހަރެން ބުނީ! މިއަންނަނީ 5 މިނެޓް ތެރޭ. އަހަރެން ނިކުންނައިރަށް ފަލަކްވެސް ތައްޔާރަށް ހުންނާތި. ނޫރާވެސް ތައްޔާރުވޭ.”
އަފްޒަލް އެހެން ބުނެ ފަލަކަށް ވެސް އަދި އެހެން މީހަކަށް ވެސް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ އޭނަގެ ކޮޓަރިއަށް ގޮސް ވަނެވެ. އެހިނދު ފަލަކްގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތެވެ.
ފަލަކް ވަކި ދެކޮޅު ހެދުމެއްނެތި އަފްޒަލް ބުނިގޮތަށް ހެދީ، އެ ގޮތަށް ނަހަދައިފިނަމަ އަފްޒަލާއި އޭނަ ޒުވާބަކަށް ގޮސްދާނެހެން ހީވީތީވެއެވެ. އަދި އަމުދުން އޭނަ ޙަޤީޤަތުގައި ވެސް ޑޮކްޓަރަށް ދައްކަން ދާން ޖެހޭކަން ޤަބޫލު ކުރެވުނީތީ ވެސްމެއެވެ.
އެހެންކަމުން އޭގެ އިރުކޮޅެއްގެ ތެރޭ ފަލަކާއި ނޫރާއަށް ތިބެވުނީ އަފްޒަލްގެ ކާރުގެ ފަހަތު ސީޓުގައެވެ. ކާރު ދުވަމުން ދިޔަ ވަގުތު ފަލަކަށް އެއްކަލަ ލޯގަނޑުން ފެންނަމުން ދިޔަ އަފްޒަލްގެ ލޮލަށް ބެލެމުން ދިޔައެވެ. އެހެނަސް އަފްޒަލް އޭނައަށް ބަލާ ކަހަލަ ޚިޔާލެއް ނުކުރެއެވެ. އަފްޒަލްގެ ލޮލުން ފަލަކަށް ފެންނަމުން ދިޔައީ ނުރުހުންތެރިކަމެވެ. އެހެނަސް އަފްޒަލް މިވަގުތު ނުރުހުންވާންވީ ސަބަބަކާއިމެދު ފަލަކް އޮޅުން އަރާ ގޮތްވިއެވެ.
އަފްޒަލް އަދިވެސް އޭނައަށް ނުރުހުންވެފައި ވަނީ އޭނަ އަފްޒަލްގެ އެދުމަށް ނޫނެކޭ ބުނީތީވެތޯ ހިތަށްއެރިއެވެ. އެހެނަސް އެކަމާއިހެދި އަފްޒަލް އޭނައަށް ނުރުހުންވާނަމަ، އަފްޒަލް އޭނައާއި އަޅާނުލަންވީ ނޫންހެއްޔެވެ؟ ކަމުން ކަން ހުއްޓައި އޭނަ ގޮވައިގެން ހޮސްޕިޓަލަށް މި ދަނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އަފްޒަލް އޭނައަށް ނުރުހުންވަނީ، އަފްޒަލަށް އޭނަ ނޫނެކޭ ބުނެފައި ވަނިކޮށް ވެސް، އޭނައަކީ އަފްޒަލްގެ މެހުމާނަކަށްވީތީ އޭނަ ބަލަން ޖެހޭތީ ހެއްޔެވެ؟
ހޮސްޕިޓަލާއި ހަމައަށް ދެވުނުއިރު ފަލަކަށް އޭނަގެ ހިތަށް ވެރިވި އެ ފަހު ސުވާލާއި އެއްބަސް ވެވުނެވެ. އަފްޒަލްގެ މޫނަށް ބަލަމުން ދިޔަ ކޮންމެ ފަހަރަކު އޭނައަކީ އަފްޒަލަށް ބޮޑު ބުރައެއް ކަމަށް ނިންމެމުން ދިޔައެވެ. އަފްޒަލަށް އެންމެ ރަނގަޅުވާނީ އޭނަ އަފްޒަލަށް ނުވެސް ފެންނަ ހިސާބަކަށް ދިޔުމުން ކަމަށް ހިތް ތަކުރާރުކޮށް ބުނަން ފެށިއެވެ. އެ ޚިޔާލާއި ހެދި ހިތް ވަރުބަލިވެސް ވެފައިވިއެވެ.
އޭގެ ސަބަބުން ކަންނޭނގެއެވެ. ހޮސްޕިޓަލަށް ވަދެވުނުތާ މާ ގިނައިރެއްނުވެ އޭނަގެ ހުން އިތުރަށް ގަދަވި ކަހަލަ އިޙްސާސެއް ފަލަކަށް ކުރެވުނެވެ. ކެތް ނުކުރެވޭ ވަރަށް ފިނިވާން ފެށި ހިނދު އޭނައަށްވުރެ ކުރިއަށް އަރައި ހިނގަމުން ދިޔަ އަފްޒަލް ފެންނަން ފެށީ ފުސްކޮށެވެ. އަދި އޭނައާއި އެއްވަރަށް ހިނގަމުން ދިޔަ ނޫރާގެ ވާހަކަ ވެސް ސާފުވާ ގޮތެއް ނުވިއެވެ. މާ ގިނައިރެއްނުވެ ފައިން ވާގި ދޫވާން އުޅޭ ކަހަލަ އިޙްސާސާއިއެކީ ފަލަކްގެ ދެލޯ މެރެން ފެށިއެވެ. އެހިނދު ނޫރާ އޭނަގެ ނަމުން ގޮވައިލި އަޑުއިވި، ބާރުގަދަ އަތަކުން އޭނަގެ ގައިގައި ހިފަހައްޓައިލި އިޙްސާސް ކުރެވުނެވެ.
**
ފަލަކަށް ދެން ހޭލެވުނުއިރު އޭނައަށް އޮވެވުނީ ޕްރައިވޭޓް ރޫމެއްގެ އެނދެއްގައެވެ. އަތުގައި އައިވީ ގުޅާލެވިފައިވި ތަން ފެނި، ފަލަކަށް ލުއްކެއް ޖަހައި ތެދުވެލެވުނެވެ. އޭނަ މި ޙާލަތަށް އައި ކިހިނެއް ކަމާއި، ގަޑިންވީ ކިހާއިރެއްކަމާއި މެދު ސިކުނޑި އޮޅުން އަރާފައިވުމުންނެވެ.
“ކަނބުލޮ ހޭ އަރައިފިދޯ؟ އަލްޙަމްދުލި ﷲ! ކިހިނެއްތަ މިހާރު ހުން؟” ވޯޑުގެ އެއްފަރާތުގައިވި ސޯފާގައި އިން ފަޒީލާ ތެދުވެގެން އައިސް ފަލަކްގެ ނިއްކުރީގައި އަތްޖެއްސިއެވެ.
“ދަ…ދައްތާ..ކޮބައިތަ ނޫރާ؟ ކިހާއިރެއްތަ ގަޑިންވީ؟” ފަލަކް އެ ސުވާލު ކޮށްލީ ގަޑިއެއް ފެނޭތޯ ވަށައި ހޯދަމުންނެވެ.
“ނޫރާ މަޣްރިބް ވަގުތަށް ގެއަށް ގޮއްސި. ނާއިލްގެ ފިލާވަޅުތަކާއި އެއްޗެހި ބަލަންވީމަ އާއިއެކީ އެ މަންޖެ ގޭގަ މަޑުކޮށްލީ. ނޫރާގެ ބަދަލުގަ އަފްޒަލް ދައްތަ މި ކޮޅަށް ގެނައި. ފަލަކް ހޮސްޕިޓަލުގަ ބޭއްވީއްސުރެ އަފްޒަލް އެބައުޅޭ މިތާ….” ފަޒީލާ ކިޔައިދިނެވެ.
އެ ވާހަކަތަކުގެ ތެރެއިން ފަހު ޖުމްލަ އިވިފައި ފަލަކްގެ ގައިން ހީބިހި ނެގިއެވެ. އެހިނދު ކުއްލިއަކަށް ހަނދާންވެގެން ދިޔައީ އޭނަގެ ހޭނެތެން ފެށި ވަގުތު އޭނަގެ ގައިގައި ހިފަހައްޓައިލި އަތެވެ. އެއަށްފަހު އޭނަގެ ނަމުން ގޮވައިލި އަޑެވެ.
އެ އަޑު ކަންފަތުގައި ގުގުމައިލި ހިނދު ވޯޑުގެ ދޮރު ހުޅުވުނު އަޑަށް ފަލަކް ސިހުންވާ ގޮތްވިއެވެ. އެހިނދު އެ ދޮރުން ވަދެގެން އައީ ކޮތަޅެއް ހިފައިގެން އައި އަފްޒަލް ނޫން ދެވަނަ މީހެއް ނޫނެވެ.
“މަންމާ މިހިރީ ބައެއް މޭވާތަ-” އަފްޒަލް ވާހަކަ ދައްކަމުން ވަދެގެން އަންނަމުން ދަނިކޮށް ފަލަކް ތެދުވެ އިންތަން ފެނިފައި އޭނަ ހުއްޓުން އަރާ ގޮތްވިއެވެ.
އެހިނދު ކަންބޮޑުވުމަކާއިއެކީ އަފްޒަލް އޭނަގެ ގާތަށް އަންނާނެކަމަށް ފަލަކް ހީކުރިއެވެ. އަފްޒަލްގެ ފަރާތުން މިހާތަނަށް އައިއިރު ފަލަކަށް ފެނުނު މިޒާޖަކީ އެއީ ކަމަށްވާތީވެއެވެ. އެހެނަސް ފަލަކް އިސްޖަހައިލަމުން ފަޒީލާ ދައްތައާއި މުޚާތަބު ކުރަން ފެށުމުން ފަލަކްގެ ހިތަށް އުދަގޫވިއެވެ.
“މޭވާތައް އިނގޭ މަންމާ….މަންމާ ގެއިން ގެނައިންދޯ ވަޅިއެއް؟” އަފްޒަލް ފަޒީލާގެ އަތަށް ކޮތަޅު ލައިދެމުން އެހިއެވެ.
“އާނ…..މިހާރު ފަލަކް ފުދޭވަރަކަށް ރަނގަޅުހެން މަންމައަށް ހީވަނީ. ހުން ފިނިވެފަ ހުރީ. ދޯ ފަލަކް؟” ފަޒީލާ ފަލަކަށް ދޯ ދިނުމުން އަނެއްކާވެސް އަފްޒަލްގެ ސަމާލުކަން ފަލަކަށް ލިބުނެވެ.
“ހުމް މިހާރު ރަނގަޅު….” ފަލަކް އަފްޒަލާއި ހިނިތުންވާން މަސައްކަތް ކުރަމުން ބުންޏެވެ. އެހެނަސް އަފްޒަލްގެ މޫނުމަތިން ހިނިތުންވުމެއް ފެނުމުގެ ނަސީބު ފަލަކަށް ނުލިބުނެވެ.
“ހުން ފިނިވެފަ ހުރީ އައިވީ މެދުވެރިކޮށް ބޭސްދީފަ ހުރީމަ. ޑޮކްޓަރު ބުނީ އިންފެކްޝަނަކަށްވެސް ވެދާނެއޭ. އެހެންވީމަ ޓެސްޓްތަކެއް ހަދާފަ ނަތީޖާ ލިބެންދެން އެޑްމިޓްކޮށްފަ ބާއްވަން ޑޮކްޓަރު އެދުނީ.” އަފްޒަލް ބުންޏެވެ.
“ޓެސްޓެއް ހެދުމުގެ ބޭނުމެއް ނެތް. އަހަރެން ރަނގަޅު.”
“ބޭނުމެއް ނެތިއްޔާ ޑޮކްޓަރު އެހެން ނުބުނާނެދޯ؟”
“އެކަމަކު އަހަންނަށް މިރެއާއި މާދަމާ އެޑްމިޓްވެގެން އޮވެވޭކަށް ނެތް.”
“އެއީ ކީއްވެ؟!”
“އަހަރެން މާދަމާ ދުބާއީއަށް ފުރަން…”
ނުރުހުންތެރިކަން އިތުރުވަމުން ދިޔަ އެ ވާހަކައަށް ކުއްލި ހުއްޓުމެއް އައީ، ފަލަކް އެ ބުނެލި ބަސްތަކުންނެވެ. އެއާއިއެކު އަފްޒަލްގެ ކައިރިވެފައިވި ބުމަ ލަސްލަހުން ދުރުވިއެވެ. ކަމެއް އެނގުންވި ފަދަ އަސަރެއް އެ މޫނުމަތިން ފާޅުވިއެވެ. ފަލަކަށް އެ ބުނެވުނީ ކީކޭކަން އެނގުންވީ އެހިނދެވެ. އޭނަ އަނބުރާ ދުބާއީއަށް ދިޔުމުގެ މާނަ އަފްޒަލް ނަގާނީ ކިހިނެއްކަން އެނގުންވީ އެވަގުތެވެ.
“އެކަމަކު ދަރިފުޅު ތިހާ ބަލިވެ އުޅޭއިރު ފުރޭނެ-“
“ދާން އުޅޭ މީހަކު ނުހުއްޓުވޭނެ މަންމާ…”
ފަޒީލާ ބުނަން އުޅުނު ވާހަކަ މެދުކަނޑައިލީ އަފްޒަލެވެ. އެއާއިއެކު ފަލަކާއި ފަޒީލާގެ ނަޒަރުވެސް އަފްޒަލަށް އަމާޒުވިއެވެ. އަފްޒަލް ވަކި އިތުރު އެއްޗެކޭ ނުބުނެ އެދެމީހުންނަށް ވެސް ފަސްދީފައި ދާން ހިނގައިގަތީއެވެ. އަފްޒަލް ލޯމަތިން ގެއްލުނު ހިނދު، ފަލަކްގެ މޭގައި އުފެދުނު ރިހުމުގެ ސަބަބުން ލޮލުން ކަރުނަ ހިލުނެވެ.
**
ފަލަކާއި ދުރަށް ދިޔަދިޔަހެން ޚުދު އަފްޒަލަށް ވެސް ޖެހުނީ އެފަދަ ޙާލެކެވެ. ހޮސްޕިޓަލުގެ ހަތަރު ފާރު ތެރެއިން އަފްޒަލް އޭނަގެ ކަރުނަތައް ހިންދިއެއްކަމަކު، ކާރަށް އަރައި އެކަނިވުމާއިއެކު ކަރުނަތައް ފައިބައިގެން އައެވެ. އަފްޒަލް އަވަސްއަވަހަށް އެ ކަރުނަތައް ފޮހެލަމުން އެއީ ނުވާ އިޙްސާސްތަކެއްކަމަށް ހަދައި ކާރު ސްޓާޓްކުރަން އުޅުނެވެ. އެހެނަސް އިސާހިތަކު އަނެއްކާވެސް ލޯ ކަރުނުން ފުސްވެ، ގިސްލެވެން ފެށިއެވެ.
އެވަގުތު އަފްޒަލް އެންމެ ބޮޑަށް ދެރަވާ ގޮތްވީ ފަލަކް ފުރަން އުޅޭކަން އޭނައަށް އެހާ ދުވަސް ކައިރިކޮށް އެނގޭތީވެއެވެ. އެ ވާހަކަ އޭނަގާތު ބުނުން މުހިއްމު ނޫންކަމުގައި ފަލަކް ދެކުނީ ހެއްޔެވެ؟ ފަލަކަށް އަލްވަދާޢު ކިޔުމަށް އޭނަ ތައްޔާރުވާން ޖެހޭނެހެން ފަލަކަށް ހީނުވީ ހެއްޔެވެ؟ ފަލަކް ނުފުރާހާ ހިނދަކު އޭނަ ހުންނާނީ ފަލަކް އަނބުރައި އޭނަ ގާތަށް އައިސްދާނެ ކަމުގެ އުއްމީދުގައިކަން ފަލަކަށް ނޭނގުނީ ހެއްޔެވެ؟ މިރޭ އެ ދެމެދުގައި ވާހަކަތައް ނުދެކެވުނުނަމަ ފަލަކް އޭނައަށް ނުވެސް ފެނި، ފުރައިގެން ދާނީ ހެއްޔެވެ؟ ފަލަކަށް އެހާވެސް ބޮޑަށް އޭނަ ކަމުނުދަނީ ހެއްޔެވެ؟ އޭނައަށް ދެން ފަލަކް ދުވަހަކުވެސް ނުފެންނާނީ ހެއްޔެވެ؟
ސިކުނޑިއަށް ވެރިވަމުން ދިޔަ އެތައް ގޯސް ސުވާލުތަކާއިއެކީ އަފްޒަލަށް ގަދައަށް ރޮވެން ފެށިއެވެ. އެހެނަސް އެ ރުއިމުގެ އަޑު އިވި، މަންޒަރު ފެންނާނެ މީހެއްނެތެވެ.
**
ފަލަކްގެ އެރެއިން އެރެއަށް ވެސް ގެއަށް ދާން ބޭނުންވިއެއްކަމަކު ޑޮކްޓަރު އެ އެދުމާއި ދެކޮޅަށް އިރުޝާދު ދިނެވެ. ފަލަކް އަމިއްލައަށް ވެސް ބަލިކަން އިޙްސާސް ކުރެވެމުން ދިޔައީތީ އެރޭ ހަތިޔާރު ބެހެއްޓިއެވެ. އެރޭ ގެއަށް ދިޔަޔަސް އޭނައަށް އަފްޒަލާއިމެދު ވިސްނޭ ވަރުން ދަތުރަކަށް ވަކި ތައްޔާރެއް ނުވެވޭނެކަން ޔަޤީން ކުރެވުނީތީވެއެވެ.
އެހެންކަމުން ފަލަކް ހޮސްޕިޓަލުން ގެއަށް ދާން ނިންމީ އޭގެ އަނެއްދުވަހުގެ ހެނދުނެވެ. އޭރު ފަލަކްގެ އަތަށް ގުޅާލެވިފައިވި އައިވީ ހުސްވެ، ޓެސްޓުތަކުގެ ނަތީޖާ ލިބިގެން ޑޮކްޓަރު އިތުރު ބޭސްތަކެއް ވެސް ދީފިއެވެ. ރޭ އޭނަގެ އެދުމުގެ މަތިން ފަޒީލާ ދައްތަ ގެއަށް ގޮސްފައިވުމުން، ގެއަށްދާން ފަލަކް ތައްޔާރުވީ އެކަންޏެވެ. ކަބަޑު ތެރޭގައި ހުރި ގެއިން ގެނައި ތަށްޓާއި އެއްޗެހި އެއް ކޮތަޅަކަށް އަޅައިގެން ފަލަކް ވޯޑުން ނިކުތީ، ގެއަށް ދާނެ ގޮތެއް ހަމަޖެއްސުމަށް ފޯނު ހުޅުވަމުންނެވެ.
ގޭގެ ޚިޔާލާއި އެކީ ފަލަކަށް ގުޅެން އުޅުނީ އަފްޒަލްގެ ނަންބަރަށެވެ. އެހެނަސް އެ ނަން ސްކްރީނުން ފެނުމާއިއެކު ހިނގަމުން ދިޔަ ފަލަކްގެ ފިޔަވަޅުތައް ވެސް ލަސްވާ ގޮތްވިއެވެ. މިއަދު އޭނައާއި އަފްޒަލް ވަނީ އެގޮތަށް ގުޅޭނެ ވަރަށްވުރެ ދުރުވެފައިކަން އެނގުންވި ހިނދު ފަލަކްގެ ހިތް ދެރަވާ ގޮތްވިއެވެ. އެހެނަސް އަވަސްއަވަހަށް އެ އިޙްސާސުން އަރައިގަންނަމުން ފަލަކް ޓެކްސީ އެޕެއް ހުޅުވައި ޓެކްސީއަކަށް ގުޅައިލިއެވެ.
ފަލަކް އިތުރު ވިސްނުމެއްނެތި ގޮސް ހޮސްޕިޓަލުގެ ޢިމާރާތުން ނިކުމެ، ޓެކްސީ ފެނޭތޯ ދެ ފަރާތަށް ބަލައިލަމުން ފޯނަށް ބަލައިލިއެވެ. ހަމަ އެ ވަގުތު އޭނައާއި ނުހަނު ކައިރިން ހޮސްޕިޓަލުގެ ކުރިމައްޗަށް ކާރެއް މަޑުކޮށްލިހެން ހީވުމުން ފަލަކަށް އިސްއުފުލައި ބަލައިލެވުނެވެ. އެ ހިނދު އަފްޒަލްގެ ކަޅުކުލައިގެ ކާރު ފެނިފައި ފަލަކް ގަނޑުވާ ގޮތްވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ކާރު ނިވައިލުމެއްވެސް ނެތި، ކާރުން ފޭބި އަފްޒަލް ފެނި، ފަލަކަށް އާގަމަވެފައި ހުރެވުނެވެ. އޭނައަށް މި ހުރެވެނީ ހުވަފެނެއްގައިތޯ ހިތަށް އެރި ހިނދު، އަފްޒަލް އެއްވެސް އަސަރެއް ނެތް މޫނަކާއިއެކީ އައިސް އޭނަގެ ކުރިމަތީގައި ހުއްޓިލިއެވެ.
“މަންމަ ބަހައްޓާފަ ދިޔަ އެއްޗެހި ނަގަން މި އައީ…” އަފްޒަލް ބުންޏެވެ. އަފްޒަލްގެ ފިނި ބަސްތަކާއިއެކީ އަނެއްކާވެސް އެދެމެދުގައިވި ދުރުމިން އެނގުންވުމުން ފަލަކަށް ހަމަހޭވެރިކަމެއް ލިބުނެވެ.
“އޮހް! މިހިރީ….” ފަލަކް އެހެން ބުނެ އަތުގައި އޮތް ކޮތަޅު އަފްޒަލަށް ދިނެވެ.
އެއާއިއެކު އަފްޒަލް އެ ކޮތަޅު ހޯދުމަށްފަހު ފަލަކަށް ފަސްދީފައި ދާން ހިނގައިގަތުމުން ފަލަކަށް ޤަބޫލުކުރަން ވެސް ދަތިވެފައި ހުރެވުނެވެ. މިއީ ހަމަ އޭނަ ދަންނަ އަފްޒަލްތޯ ހިތަށްއެރިއެވެ.
އެހެނަސް އެކަމާއިމެދު ޝަކުވާ ކުރުމަށް އޭނައަށް އޮތީ ކޮން ޙައްޤެއްތޯ ހިތައި، ފަލަކް އަނެއްކާވެސް އެހެން ދިމާލަކަށް ނަޒަރު ހިންގައިލިއެވެ. އެހިނދު އޭނަގެ ލޮލުން ކަރުނައިގެ ދިލަ ނަގަން ފެށުމުން ފަލަކް އަމިއްލަ ނަފްސަށް ވެސް ނުރުހުންވާ ގޮތްވިއެވެ. ހަމަ އެވަގުތު ފަލަކަށް އަނެއްކާވެސް އަފްޒަލްގެ އަޑު އިވުނެވެ.
“ގެއަށް ނާންނަންތަ؟” އެ ބަސްތައް އިވި ފަލަކަށް އަނެއްކާވެސް އަފްޒަލާއި ދިމާލަށް ބަލައިލެވުނެވެ. އެހިނދު އަފްޒަލް އެއްފަރާތަކަށް އެނބުރި އޭނައާއި ދިމާލަށް ބަލަން ހުއްޓެވެ. އަފްޒަލާއި އެކީ ދާން ބޭނުންނުވާ ކަމަށް އެވަގުތު ފަލަކް ބުނަން ބޭނުންވިއެވެ. އެހެނަސް….
“މި އަންނަނީ…” ފަލަކް އެހެން ބުނެ އަފްޒަލާއި ދިމާލަށް އެނބުރިލިއެވެ. އަދި އަފްޒަލް ހިނގައިގަތުމުން އަފްޒަލްގެ ފަހަތުން ގޮސް ކާރަށް އެރިއެވެ.
އެ ކާރު ދަތުރުމަތީގައި އެ ދެމެދުގައި ހަމަ އެއްވެސް ވާހަކައެއް ނުދެކެވެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަފްޒަލް ދަތުރު މަތީގައި ކޮށްލީ އެންމެ ސުވާލެކެވެ.
“މިއަދު ކޮން އިރަކު ފުރަނީ؟” އަފްޒަލް އެހިއެވެ.
“ހަވީރު 5:45 އިން ޑިޕާރޗާރ…” ފަލަކް ޖަވާބު ދިނެވެ.
“ޓެކްސީއެއް ނުނެގިޔަސް ރަނގަޅުވާނެ. ފުރުވަން އަހަރެން ގޮސްދޭނަން.” އަފްޒަލް ބުންޏެވެ.
އެހިނދު ފަލަކްގެ ހިތަށް ނޭނގޭ އަސަރުތަކެއް ކުރުވިއެވެ. އަފްޒަލްގެ އިޙްސާސްތައް އެހިނދު އޭނައަށް އެނގުންވި ފަދައެވެ. އޭނަ ހަދަމުންދާ ގޮތާއިމެދު އަފްޒަލް އެހެރީ ދެރަވެފައެވެ. އެހެނަސް އަފްޒަލް ފަހު ވަގުތު ވެސް އޭނައަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން ބޭނުންވަނީތާއެވެ. އެއީ އޭނައަކީ ހަމައެކަނި އަފްޒަލްގެ މެހުމާނަކަށްވީތީ ކަމެއް ނޫނީ އެހެން ސަބަބަކާއި ހެދި ކަމެއް ފަލަކަށް ޔަޤީނެއް ނުކުރެވުނެވެ.
އެނގުނުހާ ވެސް ކަމަކީ ފުރާ ވަގުތު ކައިރިވަމުން ދިޔަދިޔަހެން ފަލަކްގެ ހިތަށް އުދަގޫވަމުން ދިޔަކަމެވެ. އެ ދުވަހަށްޓަކައި ޓިކެޓް ނެގުނީތީ ވެސް ހިތާމަ ކުރެވެމުން ދިޔަކަމެވެ. އެހެނަސް އެ އިޙްސާސްތައް އެއްފަރާތްކޮށް ފަލަކް ޕެކްކުރަން ފެށީ، ދުބާއީގައި އޮތް އޭނަގެ ވިޔަފާރި މަތިން ހަނދާން ކުރަމުންނެވެ. ކޮންމެ ގޮތެއްވިޔަސް އެ ވިޔަފާރީގައި އޭނަގެ ހާޒިރީގައި ނޫނީ ނުކުރެވޭނެ ކަންތައް ހުރެއެވެ. ދުވަހުގެ ދެން އޮތް ހުރިހާ ބައެއްގައި ފަލަކް ނުހަނު ގިނައިން މަހްރީންއަށް ގުޅައި ވިޔަފާރީގެ ކަންތަކާއިމެދު ސުވާލުކޮށް، އެކި ފައިލްތައް ކިޔަން ފެށީ އެހެންވެއެވެ. ފަލަކަށް ނޭނގުނު ކަމަކީ މި ހުރިހާ ދުވަހުވެސް އޭނަ ވިޔަފާރީގެ ބުރަކަން ގެންގުޅެމުން ދިޔައީ، ހިތުގައިވާ ޒަޚަމްތަކުން ރެކިދާނެ މަގެއްގެ ގޮތުގައި ކަމެވެ.
ނަތީޖާއެއްގެ ގޮތުން ހަވީރު 4 ޖަހަން ގާތްވަމުން ދިޔަ ވަގުތު އޭނަ ފޮށްޓާއި އެކީ ކޮޓަރިން ނިކުތްއިރު ވެސް އަތުގައި ޓެބްލެޓް އޮތެވެ. އެވަގުތުވެސް މަހްރީން ކޮންމެވެސް ބޮޑު ކުންފުންޏަކުން ލިބުނު ތަޢުރީފެއްގެ ވާހަކަ މެސެޖަކުން އެންގުމުން ފަލަކްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެ މެސެޖަށް ރިޕްލައި ކުރަން ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލި ހިނދު، ސްނޯ އޭނަގެ ދިގު ހެދުމުގެ މަތިން ފައިގައި ބޯ ޖެއްސޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
މެސެޖަށް ރިޕްލައި ކުރުމާއިއެކު އެ ކުންފުންޏާއި އެކީ ވެވުނު އެއްބަސްވުމުން މިހާތަނަށް ލިބުނު ފައިދާގެ ބޮޑު ޢަދަދު ފެނިގެން ދިޔުމުން ފަލަކް އިތުރަށް ހަމަޖެހޭ ގޮތްވިއެވެ. ދިރިއުޅުމަކީ މިއީއެއް ނޫންތޯ އެވަގުތު ހިތަށްއެރިއެވެ. އާނއެކެވެ. އޭނަ ކޮންމެހެން މީހަކާއި އިންނާކަށް ނުޖެހެއެވެ. އޭނައަކީ އޭނައަށް ފެންނަ ގިނަ ފިރިހެނުންނަށްވުރެ ވެސް މުއްސަނދިވެފައި، އަމިއްލައަށް ފުދިގެންވާ އަންހެނެކެވެ. ވީއިރު ކޮންމެހެން ފިރިހެނެއްގެ ފަރާތުން އަނިޔާތަކެއް ލިބިދާނެކަމުގެ ފުރުސަތު އޮތްވާ، އޭނަ ކައިވެންޏެއް ކުރަންވީ ވަކި ކީއްވެ ހެއްޔެވެ؟
އެ ޚިޔާލުން ފަލަކަށް ހަމަޖެހުމެއް ލިބެން އުޅުނު ވަގުތު ކައިރީގައި ހުރި ސިޑިން މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުނެވެ. ފަލަކް އެ ދިމާލަށް ބަލައިލިއިރު އަފްޒަލް ސިޑިން އަރައިގެން އަންނަތަން ފެނި، ފަލަކްގެ ހިތަށް ސިހުމެއް ލިބޭ ގޮތްވިއެވެ. މިއަދު ހެނދުނު ފަދައިން އަފްޒަލްގެ މޫނުމަތިން ފަލަކަށް މުޅިންހެން ފެނުނީ ސީރިއަސްކަމެވެ. އެކަމާއިމެދު އަނެއްކާވެސް ހިތްދަތިވާ ގޮތްވިއެވެ.
“ތައްޔާރުދޯ؟ ހިނގާ!” އަފްޒަލް އެހެން ބުނެ ވަކި ފަލަކް ކައިރިން އެހުމެއް ވެސް ނެތި އޭނަގެ ކައިރީގައި ހުރި ފޮށި ދަމައި އުފުއްލައިލިއެވެ. އަދި ދެންވެސް ފަލަކަށް އެއްޗެކޭ ނުބުނެވެނީސް އަފްޒަލް ފޮށި ހިފައިގެން ސިޑިން ފައިބަން ފެށިއެވެ. އެއާއިއެކު އަނެއްކާވެސް ފަލަކްގެ ހިތް މަޑު ކަފަ ކޮޅަކަށްވިއެވެ. އޭނައާއި މީހަކު އަޅާލާ ފަދަ އިޙްސާސެއް ކުރުވަން އަފްޒަލް ހާދަ މޮޅޭ ހިތަށްއެރިއެވެ. އޭނަ މި އިޙްސާސް މަތިން ހަނދާންވާނެކަން ޔަޤީނެވެ.
ފަލަކް ހަނދާންވާނެ ކަމަކީ ހަމައެކަނި އެއީއެއް ނޫންކަން ފަލަކަށް އެނގުންވީ އަދި ތިރިއަށް އައުމުންނެވެ. ސިޑީގެ އެންމެ ފަހު ހަރުފަތް ގިރާ ކުރެވުމާއިއެކު ނޫރާ، ފަލަކް ދަނީދޯއޭ ފުރިހަމަ ހިނިތުންވުމަކާއިއެކީ ބުންޏެވެ. ފަލަކް ނޫރާގެ ގާތަށް ގޮސް ނޫރާގެ ގައިގައި ބައްދައިލިއެވެ.
“ކައުންސެލިންގް ހުއްޓާ ނުލައްޗޭ އަހަރެން ބުނަންދެން. އެޕޮއިންޓްމެންޓެއް ނުލިބިފަ ވާހަކަ ދައްކާނެ މީހަކު ބޭނުމިއްޔާ އަހަންނަށް ގުޅާލާތި! އަހަރެން ވެސް ވަކި ގޯހެއް ނުވާނެ ތެރަޕިސްޓަކަށްވުރެ.” ފަލަކް ބުންޏެވެ.
“ޝައްކެއްވެސް ނެތެއްނު؟ ހެހެހެ…..”
ނޫރާއާއި ފަލަކް އެކުއެކީގައި ހީލި ވަގުތު ނާއިލް ފަލަކް ދައްތިއޭ ކިޔައި ކޮޓަރިން ނިކުމެގެން އައެވެ. އަދި ފަލަކްގެ ކައިރިއަށް އައިސް ކާޑެއް ދިއްކޮށްލިއެވެ.
ކާޑުގެ ބޭރުގައި އެކި ކުލަކުލައިގެ ގޮށްތައް ބޭނުންކޮށްގެން ނާއިލް އަޅާފައިވީ އެފް އަކުރާއި ޑީ އަކުރެވެ. އެއާއިއެކު ނާއިލް އޭނައަށްޓަކައި ފެމިނިން ޑިޒައިންސްގެ ލޯގޯ ހަދަން ވަޢުދުވީ ހަނދާން އާވިއެވެ. އޭތި ފެނުމާއިއެކު ފަލަކަށް ވަގުތުން ހީލެވުނެވެ. އަދި ކާޑު ހުޅުވައިލިއެވެ. އެހިނދު ކާޑުގެ ފުރަތަމަ ގަނޑުގައި ހުރި ބުރުގާ ނާޅާ އަދި ކުރު ހެދުން ލައިގެން ހުރި އަންހެނަކު ފިރިހެން ކުއްޖެއްގެ އަތުގައި ހިފަހައްޓައިގެން ހުރިތަނެވެ. އަދި ދެވަނަ ގަނޑުގައި ހުރީ ބުރުގާ އަޅައި ދިގު ހެދުން ލައިގެން ހުރި އަންހެނަކު ފިރިހެން ކުއްޖެއްގެ އަތުގައި ހިފަހައްޓައިގެން ހުރި ތަނެވެ. އެ ދެ ގަނޑަށްވާ ގޮތަށް ލިޔެވިފައިވީ ‘އައި ލަވް ޔޫ ފަލަކް ދައްތި’ އެވެ.
“މިއީ ފަލަކް ދައްތިއާއި ކޮއްކޮ ކުރިން. މިއީ ފަލަކް ދައްތިއާއި ކޮއްކޮ މިހާރު. ހިހިހި….” ނާއިލް ކާޑުގެ ދެ ގަނޑަށް ޢިޝާރާތް ކުރަމުން ކިޔައިދިނެވެ. އެހިނދު ފަލަކް ގުދުވެލަމުން ނާއިލްގެ ގައިގައިވެސް ބައްދައިލަމުން ލޯބިވާ ވާހަކަ ބުންޏެވެ. އެހިނދު ފަލަކްގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ހިލުނެވެ.
ފަލަކް ނާއިލާއި ދުރުވެ ނާއިލްގެ އިސްތަށިގަނޑުގައި ކުޅެލި ވަގުތު ބަދިގެ ތެރެއިން ފަޒީލާގެ އަޑު އިވުނެވެ.
“އާނ އަވަސްކޮށްގެން ދާން އުޅޭ އަފްޒަލް. އެ މަންޖެގެ ފްލައިޓް ކަޓައިފިއްޔާ ސަކަރާތެއްނު؟” ފަޒީލާގެ އަޑު ކައިރިވަމުން ދިޔަދިޔަހެން އަފްޒަލް ކުޑަ ފޮށްޓަކާއި އެކީ ބަދިގެއިން ނިކުތެވެ. އަފްޒަލްގެ ފަހަތުން ކަހަލަ ގޮތަކަށް ފަޒީލާ ކުޑަ ފޮތި ކޮތަޅަކާއި އެކީ ބަދިގެއިން ނިކުތެވެ. ފަލަކް ފެނުމާއިއެކު ފަޒީލާގެ މޫނުމައްޗަށް އުޖާލާ ހިނިތުންވުމެއް ވެރިވިއެވެ. އަދި ފަލަކްގެ ގާތަށް އައެވެ.
“ކަނބުލޮ މިއީ ދައްތަގެ ފަރާތުން ކަނބުލޮއަށްދޭ ހަދިޔާއެއް އިނގޭ. އެ ފޮށީގަ ހުންނާނެ ކަނބުލޮއަށް ކަމުދާ ކަހަލަ ބަނބުކެޔޮ ފޮއްޗާއި އަލަ ފޮތި. މި ކޮތަޅުގަ ހުންނާނެ އައްޑޫ ބޮނޑި. ކައިރި ގޭގަ އުޅޭ ހައްވަގެ ދަރި އިހަކަށް ދުވަހު ގެނައި އެއްޗެއް. ދަރިފުޅަށް ވަރަށް ދިވެހި ކާއެއްޗެހި ނުފެނި ހުންނާތީ ހިތަށްއެރީ ހަދިޔާ ކުރާނީއޭ. އެއާރޕޯޓް ތެރެއިން ވެސް ކާލަން ހަމަ ރަނގަޅުވާނެ.” ފަޒީލާ އަތުގައި އޮތް ކޮތަޅު ފަލަކްގެ އަތަށް ލައިދެމުން ބުންޏެވެ.
އެހިނދު ފަލަކަށް އަޖާއިބުވެފައި ފަޒީލާއަށް ބަލަން ހުރެވުނެވެ. އޭނަ އަފްޒަލަށް އިންކާރު ކުރިކަން އަފްޒަލް މަންމަ ގާތު ނުބުނަނީތޯ ހިތަށްއެރި ހިނދު ފަލަކަށް އަފްޒަލާއި ދިމާލަށް ބަލައިލެވުނެވެ. އެހިނދު އެ ދެމީހުންނަށް ބަލައިގެން ހުރި އަފްޒަލް ފުން ނޭވައެއް ދޫކޮށްލަމުން ފޮށްޓާއިއެކީ ނިކުންނަން ދިމާކުރިއެވެ.
ފަލަކް ދެން ފަޒީލާ ދައްތައަށް ބަލައިލިއިރު ފޭދިފައިވި ހިނިތުންވުމަކާއިއެކީ ހީލި ގޮތުން ދައްތައަށް ހުރިހާ ކަމެއް އެނގޭކަން ފަލަކަށް އެނގުނެވެ. އެނގޭއިރު އެ ދައްތަ އޭނައަށް މިހާ އޯގާތެރީ ކީއްވެތޯ ހިތަށްއެރިއެވެ.
“ދަރިފުޅު ކޮންމެ ތަނެއްގަ އުޅުނަސް، ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެގެން އުފަލުގަ އުޅެއްޗޭ. ކޮންމެ ނިންމުމެއް ވެސް ނިންމުމުގެ ކުރިން ﷲ ގެ ހިދާޔަތަށް އެދޭތި. ދަރިފުޅަށް ވިސްނިގެން ދަރިފުޅަށް އެންމެ ރަނގަޅުވާނެ ގޮތް ޚިޔާރު ކުރާތި އަބަދުވެސް. ދަރިފުޅާއި އަފްޒަލާއި ދެމެދު ވީ ކަންތަކާއިމެދު ކޮންމެހެން ދައްތަ ދަރިފުޅަށް ނުރުހުމެއް ނުވަން. ﷲ މެދުވެރި ކުރައްވާނީ ތި ދެ ކުދިންނަށް ވެސް އެންމެ ރަނގަޅު ގޮތް.” ފަޒީލާ ބުންޏެވެ.
އެ ވާހަކަތައް އިވެމުން ދިޔަދިޔަހެން ފަލަކްގެ ލޮލުން ކަރުނަ ހިލުނެވެ. އެހެނަސް އެ ކަރުނަތައް ހިންދަމުން ހިނިތުންވުމަކާއިއެކީ ބޯޖަހައިލިއެވެ. އެހިނދު ފަހަތުން ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑަށް ފަޒީލާ އެދިމާލަށް ބަލައި ވާހަކަ ދެއްކިއެވެ.
“ޒައުލް ގެއިން މެހުމާނެއް ދާއިރު އަލްވަދާޢު ކިޔަން އާދަ ކުރޭ!” ފަޒީލާ ބުންޏެވެ. އެއާއިއެކު ފަލަކްވެސް އެ ދިމާލަށް ބަލައިލިއެވެ.
“އޯކޭ ވެލް…..ބާއި އައި ގެސް؟” ޒައުލް އޮޅުމެއްގައި ކަހަލަ ގޮތަކަށް ހުރެ ބުންޏެވެ. އެއާއިއެކު ފަލަކް ކަޅި މައްޗަށް ހިންގައިލަމުން ބާއިއޭ ބުންޏެވެ. އެއަށްފަހު ނޫރާއާއި ނާއިލަށް ވެސް ވަކިވަކިން އަލްވަދާޢު ކިޔައި ސަލާމްކުރިއެވެ.
މިހުރިހާ ދުވަހު ފަލަކާއި ވާހަކަ ނުދައްކާ ހުރި ޒައުލް ވެސް އެންމެ ފަހުން އޭނައާއި ވާހަކަ ދެއްކުމުން އަފްޒަލް ކުޑަ ވާހަކައެއް ނަމަވެސް އޭނައާއި ދައްކާލާނެކަމަށް ފަލަކް ހީކުރިއެވެ. މިއަދަކީ ދެމީހުންނަށް އެކަކު އަނެކަކަށް ފެންނާނެ ފަހު ދުވަހަށްވުން ގާތްވީތީވެސްމެއެވެ.
އެހެނަސް މިފަހަރުގެ ދަތުރުމަތީގައި ކާރަށް ވެރިވެފައިވީ މަރު ހިމޭންކަމެކެވެ. އެ ކަމާއިހެދި ފަލަކްގެ މޭގައި ރިހުމެއް އުފެދުނެވެ. ދެމީހުން ބީރައްޓެހިންގެ ގޮތުގައި ބައްދަލުވި ރެއަކީ ވެސް އެ ދެމެދުގައި ވާހަކަ ދެކެވުނު ރެއެކެވެ. އެހެނަސް މިއަދު އެ ދެމީހުންވަނީ ބީރައްޓެހިންނަށްވުރެ ވެސް ދުރުވެފައެވެ. އަފްޒަލް އެހާވެސް ބޮޑަށް އޭނައަށް ނުރުހުންވީތޯ ހިތަށްއެރިއެވެ.
އެ ސުވާލުގެ ޖަވާބަކަށް ފަލަކަށް ހިތާހިތުން އާނއެކޭ ބުނެވުނެވެ. ނުރުހުން ނުވާންވީ ސަބަބެއްނެތެވެ. އަފްޒަލް އެހާ މަސައްކަތުން އޭނައާއި އިންނަން އެދުމުން އިންކާރު ކުރީ އޭނައެވެ. އަފްޒަލް ނޫންކަމަށް ހެދުނަސް އެކަމަށްޓަކައި އަފްޒަލް ކިހާ ހިތްވަރެއް ވެސް ކޮށްފައިވާނެ ހެއްޔެވެ؟ އެ ހުރިހާ ކަމެއްގައި ކޮޅުފައިން ޖެހީ ހަމަ އޭނައެވެ. ޝަކުވާ ކުރުމުގެ ޙައްޤެއް އޭނައަށް ލިބިގެން ނުވެއެވެ.
ޓެބްލެޓަށް ބަލައިގެން ފަލަކް އިނެއްކަމަކު ކުރެވެމުން ދިޔަ ޚިޔާލުތަކުން އެންމެ ޞަފްޙާއެއްވެސް ފަލަކަށް ކިޔޭ ގޮތެއް ނުވިއެވެ. އެއާރޕޯޓާއި ހަމައަށް ދެވުމުން މި ހުރިހާ ކަމަކަށާއި ޚިޔާލުތަކަށް ވެސް ނިމުމެއް އައީތާއޭ ފަލަކްގެ ހިތަށްއެރިއެވެ. ސްނޯއާއިއެކީ ފަލަކް ކާރުން ފޭބީ އެހާ ހިސާބުން އެއްވެސް އިޙްސާސެއް ނުކުރަން ޤަޞްދުކުރަމުންނެވެ. އެހެނަސް އޭނައާއި އެކީ އަފްޒަލްވެސް ފޭބިތަން ފެނި އެކަންވީ ދަތި ކަމަކަށެވެ.
އަފްޒަލް މިފަހަރުވެސް އޭނައަށް ވުރެ ކުރިން ގޮސް ކާރުގެ ޑިކީ ހުޅުވައި ފޮށި ނަގައި ދިނެވެ. އަދި ދެންވެސް ފަލަކަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ޓްރޯލީއެއް ހިފައިގެން އައިސް ފަލަކްގެ ހެދުން ފޮށްޓާއި، ފަޒީލާ ދައްތަ ދިން ފޮށިގަނޑު ޓްރޯލީއަށް އަރުވައިދިނެވެ. ހަމަ އެވަގުތު ސްނޯވެސް ގޮސް އެ ފޮށިގަނޑު މައްޗަށް އެރިއެވެ.
“ޗެކްއިން ފެށިދާނެދޯ މިހާރު؟” އަފްޒަލްގެ އަޑު އިވުމުގެ ނަސީބު އެވަގުތު ފަލަކަށް ލިބުނެވެ. ފަލަކަށް ބޯޖަހައިލުން ނޫންކަމެއް ނުކުރެވުނެވެ.
އެއަށްފަހު އަފްޒަލަށް ނުބަލަން މަސައްކަތް ކުރަމުން ޓްރޯލީ ކޮއްޕަމުން ފަލަކް ދާން ހިނގައިގަތެވެ. ފަލަކަށް މާ ދުރަށް ނުދެވެނީސް އަނެއްކާވެސް އަފްޒަލް ގޮވައިލި އަޑު އިވުނެވެ. އެއާއިއެކު ފަލަކް ފަޅި ސިކުންތެއްގެ ތެރޭގައި ފިޔަވަޅުތައް މަޑުޖައްސައިލަމުން ފަހަތް ބަލައިލިއެވެ. އެ ހިނދު އަފްޒަލް އެ ހުރި ގޮތަށް ހުއްޓެވެ.
“ދެމީހުން ކައިވެނި ނުކުރާނެ ވާހަކަ އަހަރެން މަޖީދުބެ ގާތު ބުނާނަން. ކޮންމެހެން ފަލަކް ނުބުންޏަސް މައްސަލައެއްނެތް…ދެމީހުން އެއްބަސްވެގެން ކުރިކަމެއްގެ ގޮތުގަ ހަދަމާ.” އަފްޒަލް ބުންޏެވެ.
އެހިނދު ފަލަކް ހުއްޓުން އަރާ ގޮތްވިއެވެ. ކައިވެނީގެ ވާހަކައަށް ނިމުމެއް އައިކަން ބައްޕައަށް އަންގަންޖެހޭކަން ފަލަކަށް އެނގުންވީ އެވަގުތެވެ. އޭގެ ނަތީޖާ ނިކުމެދާނެ ގޮތަކާއިމެދު ވިސްނުމުން ވެސް ފަލަކް ނުތަނަވަސްވާ ގޮތްވިއެވެ. ބައެއްފަހަރު ބައްޕަ އަންނަ ރުޅީގެ މަތިން ހަނދާންވުމުންނެވެ.
އެހެނަސް އަފްޒަލް ދެންމެއަކު އެ ވަނީ އޭނައަށް ވިސްނައިނުލެވި އޮތް އެ ބިރުވެރިކަމުން ރައްކާތެރި ކޮށްދީފައެވެ. އަފްޒަލް މިއީ ކޮން ކަހަލަ ފިރިހެނެއްތޯ ހިތަށްއެރިއެވެ. ފަލަކް އެހިނދު އަވަސްއަވަހަށް ބޯޖަހައިލަމުން އަފްޒަލަށް ފަސްދީފައި ދާން ހިނގައިގަތީ އެންމެ ހިނދުކޮޅަކަށް ވެސް މަޑު ކޮށްފިނަމަ އޭނަގެ ޚިޔާލު ބަދަލުވެދާނެ ކަމުގެ ބިރު ހީވުމުންނެވެ.
**
ފަލަކް ފަސްދީފައި ދާތަން ބަލަން ހުރި އަފްޒަލްގެ އަރުތެރެ ބެދޭ ގޮތްވިއެވެ. އޭނަ އެންމެ ހިނދުކޮޅަކަށް ވެސް އެތާ ހުރެއްޖެނަމަ، އޭނަގެ އިޙްސާސްތައް ވަށައިގެންވި އެންމެންނަށް ފަޟީޙަތް ވެދާނެކަމުގެ ބިރު ހީވުމުންނެވެ.
އަފްޒަލް މި ހުރިހާއިރު އަޅާނުލާ ކަމަށް ހަދައިގެން ހުއްޓަސް މުޅިން ވެސް ވިސްނެމުން ދިޔައީ ފަލަކާއި މެދުގައެވެ. ފަލަކްގެ ޞިއްޙަތާއި މެދުގައެވެ. ފަލަކްގެ ދަތުރާއި މެދުގައެވެ. ފަލަކްގެ އިޙްސާސްތަކާއިމެދުގައެވެ.
ރޭ ގެއަށް ގޮސްފައިވެސް ހޮސްޕިޓަލަށް ގުޅައި ފަލަކް ގެއަށް ފޮނުވަން ޑޮކްޓަރު އެންގުމާއިއެކު އޭނައަށް އަންގަން އެދެވުނީ އެހެންވެއެވެ. އޭގެ އަނެއްދުވަހު ފަލަކް ނިކުންނަންވާއިރަށް ހޮސްޕިޓަލުގެ ކައިރިއަށް އާދެވުނީ އެހެންވެއެވެ. ފަލަކް ޤަވާޢިދުން ބޭސް ކައި އުޅޭތޯ ބަލައި ބޭސްކާން ހަނދާން ކޮށްދިނުމަށް ނޫރާ ގާތު އެދެވުނީ އެހެންވެއެވެ. އަދި ފަލަކް ފުރުވަން ގެނެސްދީ، ދެންމެ އެ ބުނެލި ވާހަކަ ވެސް ބުނެވުނީ އެހެންވެއެވެ.
ނުވިތާކަށް ފަލަކްގެ ފްލައިޓް ނުފުރަނީސް އެއާރޕޯޓުން ނުވެސްދާން ވެސް އޭނަގެ ހިތް އެންގިއެވެ. އެހެނަސް ޑިޕާރޗާރއަށް އަދި ވަގުތު އޮތުމުން އެ ވަގުތު ޖެހެންވާއިރަށް ޓެކްސީކޮށްލަން އަފްޒަލް ނިންމިއެވެ.
ޓެކްސީ ކުރަމުން ދިޔަ ވަގުތު ވެސް އަފްޒަލްގެ މޭގައި ނުފިލާ ރިހުމެއްވިއެވެ. ފަލަކަކީ އޭނައަށް އެންމެ ދެ މަހެއްހާ ދުވަސް ވަންދެން އެނގުނު ކުއްޖެއްކަމާއި، ފަލަކް އޭނައަށް އިންކާރު ކުރުމަކީ ނިމުމެއް ނޫންކަން ހިތަށް ވިސްނައިދޭން އަފްޒަލް ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް އެ ރިހުން އެ ގޮތުގައި ދުވަސްތަކެއް ވަންދެން ހުންނާނެކަން އަފްޒަލަށް އެނގެއެވެ. ކިތަންމެ ބޭނުން ވިޔަސް އެ އިޙްސާސްތަކުން އޭނައަށް ނުރެކެވޭނެއެވެ. އެ ޒަޚަމްތަކަށް ޝިފާ ލިބެންދެން އޭނަ ފަލަކް މަތިން ހަނދާންވާނެއެވެ.
ޑިޕާރޗާރގެ ވަގުތު ޖެހެންދެން ވެސް އަފްޒަލަށް ހުރެވުނީ ފަލަކާއި އެކީހެން އަފްޒަލަށް ހީވާހާވިއެވެ. އެންމެ ސިކުންތަކަށް ވެސް އެ ޚިޔާލުތަކުން ދުރު ނުވެވުމުންނެވެ. 6 ޖަހަން ގާތްވަމުން ދިޔަ ވަގުތު އެއާރޕޯޓަށް ހުސްކުރި ދަތުރެއް ނިންމައިލުމަށްފަހު އަފްޒަލް ގޮސް ލަސްލަހުން އެއާރޕޯޓާއި ދިމާލަށް ހިނގާފައި ދިޔައެވެ. ގަޑިއަށް ބަލާފައި މިވަގުތު ފަލަކް ހުންނާނީ ފްލައިޓް ތެރޭގައިތާއޭ އަފްޒަލަށް ހިތާހިތުން ކިޔައިލެވުނެވެ.
އަފްޒަލް އިންޓަނޭޝަނަލް ޓާމިނަލް ކައިރީގައި މަޑުކޮށްލީ، މީގެ 6 އަހަރު ކުރީގެ ހިތި ހަނދާންތަކާއިވެސް އެކީގައެވެ. އެއާރޕޯޓަކީ އޭނައަށް ހިތްދަތި ތަނަކަށް ނޫނީ ނުވޭތާއޭ ހިތަށްއެރިއެވެ. ހަމަ އެވަގުތު ބޮޑު ފްލައިޓެއް އަރައިގެން ދިޔަ އަޑަށް އަފްޒަލަށް އުޑަށް ބަލައިލެވުނެވެ. ‘ފްލައި ދުބައި’ ގެ ފްލައިޓް އުދުހިގެން ދިޔަތަން ފެނި، އަފްޒަލްގެ މުޅި ގައިން ވަރު ދޫވާ ގޮތްވިއެވެ.
ފްލައިޓް ލޯމައްޗަށް ގެއްލެންދެން ބަލަން ހުރުމަށްފަހު، އަފްޒަލް ލަސްލަހުން ދިޔައީ، އެއާރޕޯޓުގެ ކުރިމަތީގައި ހުރި ދަގަނޑު ގޮނޑިތަކާއި ދިމާލަށެވެ. ވަކި މިޞްރާބެއްނެތި ހިނގަމުން ގޮސް އަފްޒަލް މަޑުކޮށްލީ، ކަނޑު ފެންނަ ހިސާބަށް ދެވުމުންނެވެ. އެއާއިއެކު އަފްޒަލް އެންމެ ކައިރިން ފެނުނު ގޮނޑީގައި އިށީނެވެ. އެހިނދު އޮއްސެމުން ދިޔަ އިރުގެ އަލި އަފްޒަލްގެ މޫނަށް އެޅިފައިވިއެވެ. އެހެނަސް އެ މަންޒަރު ބަލަން އިސްއުފުލައިލާނެހާ ހިތްވަރެއް ވެސް އަފްޒަލްގެ ކިބައިގައި ނެތް ފަދައެވެ.
ފްލައިޓް ދެންމެ ދިޔަ މަންޒަރު ލޮލަށް ސިފަވަމުން ދިޔަދިޔަހެން އޭނައަށް ދެން ފަލަކް ނުފެންނާނީތޯ ތަކުރާރުކޮށް އަފްޒަލްގެ ހިތް ސުވާލުކުރަން ފެށިއެވެ. އެހިތަށް ވިސްނައިދޭނެ ގޮތެއް ނެތްހެން ހީވުމުން އެވަގުތު ލޮލުން ކަރުނަ ހިލޭ ގޮތްވިއެވެ. ފަލަކްވެސް އޭނަ މަތިން ހަނދާންވާނެތޯ އެވަގުތު ހިތަށްއެރިއެވެ.
ހަމަ އެހިނދު ފަޔާއި ދިމާލުން މަޑު އެއްޗެއްގެ އިޙްސާސް ކުރެވުމުން އަފްޒަލަށް ސިހުންވެފައި ތިރިއަށް ބަލައިލެވުނެވެ. އެހިނދު އޭނަގެ ފައި މައްޗަށް އަރައި އޮޅެމުން ދިޔައީ ހުދުކުލައިގެ ފަލަ ބުޅަލެކެވެ. ބުޅަކަށް ބަލައިގެން އިންއިންހެން އަފްޒަލްގެ ދެބުމަ ކައިރިވިއެވެ.
“ސްނޯ!” އަފްޒަލަށް އެނގުންވުމާއިއެކު ކިޔައިލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ވަށައި ހޯދަން ފެށިއެވެ. ކަނާތް ފަރާތަށް ނަޒަރު ހިންގުމާއިއެކު ފެނުނު ސޫރައިން އަފްޒަލަށް ލަސްލަހުން ކޮޅަށް ތެދުވެލެވުނެވެ.
ނުނިމޭ