“ނޫނޭ….ކެއްކުމަކީ އަފްޒަލްގެ ވަޒީފާދޯ؟ ގެއަށް އައިސް އެކުއްޖާ ވެސް މަސައްކަތުން އަރާމެއް ބޭނުންވާނެއެއްނު؟ އެހެންވީމަ މަންމަ ޢާއްމު ގޮތެއްގަ ގޭގަ ކައްކަނީ. އެކަމަކު މިރޭ ތި ކުއްޖާ އަންނަންވާއިރަށް އަފްޒަލް ޚާއްޞަ ގޮތަކަށް ކައްކާފަ މިހިރީ. އަމިއްލައަށް އެ ކޮޓަރި ސާފުކޮށް ރީތި ކުރީ ވެސް….މަންމައާއިއެކީ ކޮންމެ ރެއަކު ކާނީ. އެކަމަކު ތި ކުއްޖާ ދައްތައާއިއެކީ ކާނަމޭ ބުނެފަ އޮތީމަ ތި ކުއްޖާ ކައި ނުނިމެނީސް ނުނިކުންނާނަމޭ ކިޔާފަ ކޮޓަރިއަށް ވަދެފަ އޮތީ…”
ފަޒީލާ ދެއްކި އެ ވާހަކަތަކާއިއެކީ ކެއުމަށްޓަކައި ފަލަކް ނަގަން އުޅުނު އުލާއި ވަޅިން ދޫކޮށްލެވުނެވެ. އޭނަ ހިތުން ފަޒީލާ ދައްތައާއި ދެއްކި ވާހަކަތަކުގެ ތެރެއިން ދައްތައާއި އެކީ ކާނަމޭ ބުނެލީ، ދެން ހަމައެކަނި ފިރިހެނުން އުޅޭ އެގޭގައި ދައްތަ ކައި އުޅޭނީ އެކަނި ކަމަށް އަމިއްލައަށް ނިންމުނީތީވެއެވެ. އެހެނަސް އޭނައަށް ވިސްނުނީ ކިހާ ގޯސްކޮށްކަން އެނގުންވުމުން މެއަށް ނޭނގޭ އުދަގޫތަކެއްވިއެވެ.
**
“ޓެލް މީ އޮނެސްޓްލީ ދޮންބޭ….ހޫ އިޒް ޝީ؟” ޒައުލް އެ ސުވާލުކޮށްލީ އަފްޒަލްގެ ކޮޓަރީގައި އަފްޒަލާއިއެކީ ވީޑިއޯ ގޭމެއް ކުޅެމުންނެވެ.
“އެއާރޕޯޓުން ދިމާވި ކުއްޖެއް…” އަފްޒަލް ޖަވާބުދިނެވެ.
“އެއާރޕޯޓުންނޭ؟! އޮފް އޯލް ޕްލޭސެސް ދޮންބެ އެންމެ ނުދާ ތަނުން ދިމާވި ކުއްޖެއް؟ މިއީ ފިލްމެއްގެ ތަންކޮޅެއްބާ؟”
“ކަޓް ދެޓް އައުޓް….ފިލްމަކަށް ނުވިޔަސް ޙަޔާތުގަ ދިމާވާ ކޮންމެ މީހަކާއި ވެސް ދިމާވަނީ ސަބަބުތަކާއި ލައިގެން. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުގަ އެއްވެސް ކަމެއް އިއްތިފާޤަކުން ނުއެއްވޭ. އެކަމަކު މީގެ މާނައެއް ނޫން ތި ހީކުރާހެން އެކުއްޖާއަކީ ދޮންބެގެ ޙަޔާތުގެ ބައިވެރިޔާއަށް ވެދާނެކަމަށް. އެކަމަކު ހަމަ ޔަޤީނުން ވެސް ދޮންބެ އެ ކުއްޖާއާއި ދިމާވީ އެ ކުއްޖާގެ ފަރާތުން ދޮންބެއަށް ކޮންމެވެސް ކަމެއް ދަސްވާން އޮތީމަ…” އަފްޒަލްގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު ފޫހިވެގެން ދިޔަ ޒައުލް އާ ފުރައިފިއެވެ.
“އާހް! ހާދަ ބަނޑުހައޭ….ދެން އަހަރެން ބޭރަށް ދިޔަޔަސް އެންމެ ރަނގަޅުތަ ދޮންބެ؟” ޒައުލް އެހިއެވެ.
“ޒައުލްއަށް ޓްރަސްޓް ކުރެވޭނެނަމަ ޒައުލް ބޭރަށް ފޮނުވުނީސް. ދޮންބެ ކިތައް ފަހަރު ބުނާނީ އަންހެން ކުއްޖަކު ފެންނައިރަށް އެސްފިޔަ ޖަހާ ނުލާ އެ ދިމާލަށް ބަލަން ނުހުންނާށޭ؟ އިޓްސް އަ ސިން. އެންޑް ބޭޑް މެނާސް! އެއްވެސް އަންހެން ކުއްޖަކު އިމްޕްރެސްއެއް ނުވާނެ އެހެން ހެދީމަ އައި ޓެލް ޔޫ!”
“ރޯންގް ދޮންބޭ! ރޯންގް! އަންހެން ކުދިންނަކީ ފިރިހެން ކުދިންގެ އެޓެންޝަން ލިބުނީމަ ނުލާހިކު އުފާވާ ބައެއް. އެހެންވެއެއްނޫންތަ ކޮންމެ 2 ގަޑިން 2 ގަޑިން އެމީހުން ޕްރޮފައިލް ޕިކްޗާރ ބަދަލު ކުރަނީ؟ އެއީ ހަމަ އެކަނި އެމީހުންގެ އެކުވެރިންގެ ކޮމެންޓް ހޯދާށޭ ނުއެއް ބުނެވޭނެ….އަޅެ އެހެން ނޫނީ ލަވަތައް ވެސް ނުހުންނާނެއެއްނު އެހެން ދިމާލަކަށް ބަލަން ބޭނުންނުވެއޭ ކިޔާފަ….”
“ހަހް! ތީގެ މާނައަކީ ފެންނަހާ އަންހެން ކުދިންނަށް ލޯ އަޅައި ބަލަމުން ތަޢުރީފު ކުރަމުން ދިޔައިމަ ޒައުލް ހީކުރާ ކަހަލަ ލޯތްބެއް ޒައުލްއަށް ލިބިދާނެއޭތަ؟”
“ނޯ ދޮންބޭ….އޮފްކޯސް އައިމް ލޯޔަލް އަހަރެން ލޯބިވާ އަންހެން ކުއްޖާއަށް. އެކަމަކު އެ އަންހެން ކުއްޖާއަށް ވެސް އަންޑަސްޓޭންޑް ވާންވާނެދޯ އަހަންނަށް ވެސް އެހާ ބޮޑަށް ކޮންޓްރޯލެއް ނުކުރެވޭނެކަން. އެންޑް އައި ތިންކް ޝީ އަންޑަސްޓޭންޑްސް. އައިމް ސޯ ލަކީ ޓު ހޭވް ހާރ…”
ޒައުލް ހުވަފެނީ ގޮތަކަށް ބުނެލި އެ ވާހަކައިން އިޙްސާސް ކުރެވުނު ހިތްހަމަނުޖެހުމާއިއެކީ އަފްޒަލަށް ޒައުލްއާއި ދިމާލަށް ބަލައިލެވުނެވެ. މި ޒަމާނުގެ ކުދިންތައް މި ދަނީ ކޮން މިސްރާބަކަށްތޯ ހިތާހިތުން ކިޔައިލެވުނެވެ. އެއަށްފަހު ޒައުލްއަށް ނަސޭޙަތެއް ދޭން އަނގަ ހުޅުވައިލި ވަގުތަކީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ދިން އަޑު އިވުނު ހިނދެވެ.
“ދެ ކުދިން އާދޭ އަވަހަށް ކާން. ފަލަކް މައްޗަށް ގޮއްސި.” ބޭރުން މަންމަ ގޮވައިލި އަޑު އިވުނެވެ. އެއާއިއެކު ބަނޑުހައިވެގެން އިން ޒައުލް ދެވަނަ ވިސްނުމެއްވެސް ނެތި ތެދުވެގެން ދާން ހިނގައިގަތެވެ. ޒައުލް ދިޔުމުން އަފްޒަލް ވެސް ގޭމް ނިވައިލަމުން ޒައުލްގެ ފަހަތުން ދިޔައެވެ.
ކާގެއަށް ދިޔުމާއިއެކު ޒައުލް ވަގުތުން ބަލަން ބޭނުންވީ ފަލަކް އެރޭ ރަނގަޅަށް ކެއިތޯއެވެ. ފަލަކަށް ކާ އެއްޗެހި މީރުވިތޯއެވެ. ފަލަކް އެރޭ މަންމައާއި ދެއްކީ ކޮން ވާހަކަތަކެއްތޯއެވެ. ހުރިހާ ތަފްޞީލެއް އެއްފަހަރާ ލިބިގަންނަން ބޭނުންވިއެއްކަމަކު ޒައުލް ހުއްޓާ އަފްޒަލް ފަލަކްގެ ނަން ގަންނަ ހިތެއްވެސް ނުވިއެވެ. ޒައުލްއާއި ހެދި އޭނަ ފަލަކްގެ ނަޒަރިއްޔާތު ބަދަލުކުރަން ރޭވި ރޭވުން ނާކާމިޔާބު ވެދާނެތީ ޖެހިލުންވިއެވެ. އޭނަ އަދި ޒައުލްއަށް ރަނގަޅަށް ނަސޭޙަތްތެރި ވެދޭން ޖެހެއެވެ. ނަސޭޙަތް ދިނުމުން ޒައުލް ޢާއްމު ގޮތެއްގައި އުޅުން ބަދަލު ކުރާނެއެވެ. އެފަދައިން ވެސް އިޞްލާޙު ނުވަނީ އޭނަގެ ދޮންބެއެވެ. ފަލަކް އައިސްފައިވި މި ދުވަސްކޮޅުގައި ދޮންބެ ބައެއް އެކުވެރިންނާއިއެކީ އެހެން ރަށަކަށް ގޮސްފައިވުމުން އަފްޒަލަށް ހިތާހިތުން ޙަމްދު ކުރެވުނެވެ.
ޒައުލްއާއި އެކީ ކައި ނިމުމުން އަފްޒަލް ދިޔައީ މަންމައާއިއެކީ ތަށިތައް ދޮންނާށެވެ. އެ ވަގުތަކީ އޭނަ ހޯދަން ބޭނުންވިހާ ޚަބަރެއް ލިބިގަންނަން ރަނގަޅު ފުރުސަތަކަށްވިއެވެ.
“ރަނގަޅަށް ނުކައިތަ ކޮޓަރިއަށް ދިޔައީ؟!” މަންމަ ކިޔައިދިން ވާހަކަތަކުން ލިބުނު ޝޮކާއިއެކީ އަފްޒަލަށް އަހައިލެވުނެވެ.
“އާނއެކޭ….އަފްޒަލް އެކުއްޖާ އަންނަންވާއިރަށް ކޮށްދިންހާ ކަންތައް ކިޔައިދިނީމަ ވަރަށް ސަކަރާތްވެފަ ހުރީ. މަންމަ ބުނީމަ ވަރަށް ކުޑަކުޑަށް ކެއީ. އެއަށްފަހު ވަރަށް ނިދި އައިއްސިއޭ ބުނެ ދިޔައީ…” ފަޒީލާ ބޯތަށިތަކުގައި ބާކީ ހުރި އެއްޗެހި ތެލިތަކަށް އަޅަމުން ވާހަކަ ދެއްކިއެވެ.
“އެކަމަކު އަޅެ….މަންމަ އެ ހުރިހާ ވާހަކައެއް ނުބުނިނަމަ…” އަފްޒަލް މާޔޫސްވި ވަރުން އަތުގެ ޙަރަކާތްތައް ވެސް ލަސްވިއެވެ.
“މަންމަ ހީކުރީ ދަރިފުޅު ބޭނުންވީ ހުރިހާ ފިރިހެނުންނަކީ ގޯސް ބައެއް ނޫންކަން ދައްކަން ކަމަށް. އެހެންވެ އަސްލު މަންމަ ބޮޑަށް އެ ވާހަކަތައް ކިޔައިދިނީވެސް. އެ ގޮތް ނޫންތަ ދަރިފުޅު ބޭނުންވީ؟” ފަޒީލާ ސުވާލުކުރިއެވެ.
“އާނ އެކަމަކު….” އަފްޒަލަށް ބުނެވުނީ ހަމައެކަނި އެހާ ވަރަށެވެ. އެ ވަގުތުވެސް ސިކުނޑިއަށް ވެރިވެފައިވީ ފަލަކް އެރޭ ނުކައި ދިޔަކަމުގެ ކަންބޮޑުވުމެވެ. އެކަން އެނގުންވުމުން އޭނައަށް މި ވަނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ.
އަނެއްކާވެސް ހިތް ކުދިކުދި ކުރުވާނެ ޚިޔާލުތައް އޭނަގެ ސިކުނޑީގައި ޒީނަތްތެރިވަނީތޯ ހިތަށްއެރިއެވެ. ހިތް ހަލާކުވާނެކަން އެނގި ހުރެ އަނެއްކާވެސް އެ މަގަށް އޭނަގެ މިޞްރާބު ބަދަލުވަނީ ހެއްޔެވެ؟ އަންހެން ކުއްޖެއްގެ ގޯސް ސިފަތައް ފެނި ހުރެވެސް ނުފެންނަކަމަށް އަނެއްކާވެސް ހެދެނީ ހެއްޔެވެ؟
އެ ސުވާލުތަކަށް އެ ވަގުތު އޭނަގެ ސިކުނޑި ދިން ޖަވާބަކީ އާނއެކެވެ. ފިރިހެނުން ރަނގަޅުކަން ދެއްކުމުގެ ބަހަނާގައި އޭނައަށް މި އުޅެވެނީ އެހެން ކަމެއްގައިކަން އަފްޒަލަށް ޤަބޫލު ކުރެވުނެވެ. ހަމަ އެއާއިއެކު އެފަދައިން ކަންތައް ނުކުރުމަށް ވެސް އަމިއްލަ ޒަމީރަށް ވިސްނައިދެވުނެވެ. އެހާ ފަސޭހައިން އަންހެން ކުއްޖަކަށް އިތުބާރު ކުރަން އޭނަގެ ތަޖުރިބާ ތަން ނުދެއެވެ. އަދި އަމުދުން ފަލަކަކީ ލީނާއަށްވުރެ ވަކި ރަނގަޅު މީހެކޭ ބުނެވޭކަށް ނެތެވެ. ލީނާ ނަމަ އުޅުނީ ބުރުގާ ވެސް އަޅައިގެންނެވެ. ހުރިހާ ނަމާދެއް ވަގުތުން އަދާ ނުކުރިޔަސް ނަމާދު ކުރެއެވެ. ވީއިރު ފަލަކް ފަދަ ބުރުގާ ނާޅާ ކުއްޖަކު ވާނީ އެއްގޮތަކަށް ވެސް ނަމާދު ނުކުރާ ކުއްޖަކަށް ނޫންތޯ އަފްޒަލަށް ހިތާހިތުން ބުނެވުނެވެ. ފަލަކް މަތިން ފޫހިވުމަށް އަފްޒަލް އެ ޚިޔާލާއިގެން ކުރިއަށްދާން ނިންމިއެވެ.
އެހެނަސް އެރޭ ކޮޓަރިއަށް ގޮސް ފަލަކް ކުރި ކަންތައް އަފްޒަލަށް ފެނުނުނަމަ، ގޯސް ހީކުރުންތައް ހީކުރަނީ ފަލަކް އެކަންޏެއް ނޫންކަން އޭނައަށް އެނގުނީހެވެ. ހިތަށް އުދަގޫވެފައިވާ ޙާލު ފަލަކް ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމަށްފަހު އިރުކޮޅެއް ވަންދެން އަމިއްލަ ޚިޔާލުތަކުގައި އިނެވެ. އެއަށްފަހު މާ ގިނައިރެއްނުވެ ވުޟޫކޮށްގެން ޢިޝާ ނަމާދަށް ތައްޔާރުވީ، އަދި ނަމާދު ނުކުރެވޭކަން ހަނދާންވުމުންނެވެ. އޭނަ ހުރީ އެގެއަށް އައިސް ވަގުތުން ނަމާދު ކުރާށެވެ. އެހެނަސް ފަޒީލާ ދައްތަ މާ ގިނައިރު ވަންދެން ނުކައި ހުރެދާނެތީ ޢިޝާ ނަމާދު ފަސްކޮށްލީއެވެ.
ނަމާދުގެ ތެރެއިން އާދައިގެ މަތިން ފަލަކަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ. ޢަރަބި ބަސް އެނގޭތީ ނަމާދުގެ އެކި އެކި ޙަރަކާތްތަކުގައި ކިޔޭ ބަސްތަކުގެ މާނަ އޭނައަށް ދޭހަ ކުރެވެއެވެ. އަދި އަމުދުން ސޫރަތުލް ފާތިޙާ ކިޔަވާ ކޮންމެ ފަހަރަކު ބަޔާން ކުރަން ދަތި އިޙްސާސްތައް އޭނައަށް ކުރެވެއެވެ. އަޅަމެން އަޅުކަން ކުރަނީ ހަމައެކަނި ﷲ އަށް ކަމަށާއި، އެހީއަށް އެދެނީ ހަމައެކަނި އެކަލާނގެ ޙަޟްރަތުން ކަމަށް ބުނެ، ސީދާވެގެންވާ ތެދުމަގަށް މަގު ދެއްކުމަށް އެދޭ އެދުމުން، އެއީ ހަމަ އޭނަގެ އަމިއްލަ ހިތުގެ އަޑުތަކެއްހެން ހީވެއެވެ. ވަކިން ޚާއްޞަކޮށް ކަމަކާއިމެދު ކަންބޮޑުވެ ހުރެ އޭނަ އެ އާޔަތްތައް ކިޔަވާއިރު، އެއީ އޭނަގެ ވެރި އިލާހުގެ ބަސްފުޅުތައްކަން ޤަބޫލު ކުރެވޭހާ ހިސާބަށްދެއެވެ.
އެހެނަސް ބޭރު ޤައުމުތަކުން އޭނައަށް ލިބިފައިވާ މުސްލިމް ނޫން އެކުވެރިންގެ ސަބަބުން އޭނަ ވެސް ވަނީ ނުހަނު ‘މިނިވަން’ ޚިޔާލުތަކަށް ގޮސް ހުސްވެފައެވެ. އެ މީހުންގެ ރުހުން ހޯދުމަކީ ދީނާއި ދުރުން އުޅުމަށް އޭނައަށް ލިބޭ އުޒުރެކެވެ. އަދި އަމުދުން އެމީހުން ދައްކާ ވާހަކަތައް އަޑުއަހައި އިސްލާމް ދީނަކީ ވެސް އަންހެނުން ދަށު ދަރަޖައަކަށް ވައްޓައިލާ ދީނެއްކަމަށް ފަލަކަށް ޤަބޫލު ކުރެވިފައިވެއެވެ. އެ ނޫންނަމަ އެ އުޅޭ ތުނބުޅި ދިގު މީހުން އަންހެނުން އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ ނުކިޔާނެ ނޫންތޯ ހިތަށްއަރައެވެ. އަންހެނުން އިޞްލާޙު ކުރަންވީ ކަންތަކުގެ ވާހަކަ ބުނަން އެއީ އަދި ކޮން ބައެއްތޯ އަމިއްލަ އަމިއްލައަށް ބުނެވެއެވެ. މާ މާތްވެގެން އުޅޭ އެ ފިރިހެނުން އަމިއްލަ ނަފްސަށް ބަލައި އަމިއްލަ ކަންކަން އިޞްލާހު ކުރާނަމަ ވާނީ ކީއްތޯ ހިތާހިތުން ކިޔައި ގޮވެއެވެ.
ފިރިހެނުންނަށްޓަކައިވާ ނަފްރަތުގެ ހިޔަލުގައި ފަލަކްގެ މި ޚިޔާލުތައް ޒީނަތްތެރި ވެފައިވުމުގެ ސަބަބުން، މިހާތަނަށް އައިއިރު ވެސް ފަލަކް ޤުރުއާން އުނގެނެން މަސައްކަތް ކޮށްފައެއް ނުވެއެވެ. ޤުރުއާން އުނގެނުމަކީ މަންމަ އެކަން ކުރާތީ ފެނުނު ކަމަކަށް ވީ ނަމަވެސްއެވެ. މަންމަ ޤުރުއާން އުނގެނުމަށް ގެންގުޅުނު ފޮތްތައް އަދާއި ޖެހެންދެން ވެސް އޭނަގެ އަތުގައި ތިބިޔަސްމެއެވެ. އެ ފޮތްތައް ނަގަން ހިތަށް އަރާފައިވެސް ފޮތްތަކާއި ދުރުވެވެއެވެ. މާ ބޮޑަށް ދީންވެރި ވެއްޖެނަމަ އޭނަ ކޮންމެވެސް ފިރިހެނެއްގެ އަތް ދަށަށް ގޮސްފާނެހެން ހީވާ ވަރުންނެވެ. ފަލަކް ދީނާއިމެދު އޮތްހާ ވެސް ޖެހިލުންވުމަކީ އެއީއެވެ.
ޢިޝާ ނަމާދަށްފަހު ފަލަކް އާދައިގެ މަތިން ފޮށާ ނަގައިލުމެއްނެތި އެނދަށް ލެނގިލައިގެން ބިންމަތީގައި އިނެވެ. އެވަގުތު އޭނައަށް ވިސްނެން ފެށީ ނަމާދުގެ ކުރިން ވިސްނި ވަރަށްވުރެ ސީދާސާދާ ގޮތަކަށެވެ. އެވަގުތު އެންމެ ފުރަތަމަ ވެސް ހަނދާންވެގެން ދިޔައީ، އަފްޒަލް އޭނައަށް މަރުޙަބާ ކިޔުނު ގޮތެވެ. އޭނަ ވަކި އެއްޗެކޭ ނުބުނުމުން އަފްޒަލް ނުހަނު ދެރަވެފައި ނުވަންނާނަންތޯ ސުވާލު ކުރި ވަގުތެވެ. އަފްޒަލް އަމިއްލަ ކޮއްކޮގެ ނަޒަރުން އޭނަ ރައްކާތެރި ކޮށްދިން ގޮތެވެ.
ހުރިހާ މަންޒަރެއް ލޮލަށް ސިފަވެގެން ދިޔަދިޔަހެން ފަލަކަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ކޮންމެ ގޮތެއް ވިޔަސް އޭނަ އަފްޒަލަށް އިޚްލާޞްތެރިކަމާއިއެކީ އަދިވެސް މަޢާފަށް އެދެންޖެހޭ ކަމަށް ހިތާހިތުން ޤަބޫލު ކުރެވުނެވެ. ހަމަ އެވަގުތު އޭނަ މަޢާފަށް އެދި ކްރިސްޓަލް ޢިމާރާތުގެ މުވައްޒަފަށް ކަނޑުކޮޅެއް ދިން ހަނދާން އާވިއެވެ. އަފްޒަލަށް މިހާރު ހުންނާނީ އެ ގަނޑުކޮޅު ލިބިފައިތޯ ހިތަށްއެރިއެވެ.
އެކަން ޔަޤީންކޮށްލަން ފަލަކް އިންތިހާއަށް ބޭނުންވިއެވެ. އޭނަގެ ބަސްތައް ފެނިފައި އަފްޒަލްގެ މޫނަށް ވެރިވެފައިވާނީ ކޮންކަހަލަ ކުލަވަރުތަކެއްތޯ ހިތަށްއެރިއެވެ. އެ ސުވާލު ކުރުމަށް އެ ރިސެޕްޝަނުގައި އިން ކުއްޖާއަށް ވެސް ގުޅައިލަން ހިތް ބުންޏެއްކަމަކު ފަލަކް އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ. އަދި އޭގެ ބަދަލުގައި ކޮންމެހެން ވެސް އަފްޒަލަށް ޝުކުރު އަދާކޮށް މަޢާފަށް އެދެން ނިންމިއެވެ. ހަމަ އެއާއިއެކު އެކަން ކުރުމަށް އަފްޒަލާއިއެކީ ވަކިން ވަގުތުކޮޅެއް ހޯދޭނެ ގޮތަކާއިމެދު ފަލަކަށް ވިސްނެން ފެށިއެވެ.
ނުނިމޭ