އެހެނަސް ޒުބީނަށް ފަސްދީފައި އޭނަގެ ކޮޓަރިއަށް ގޮސް ވަން ޖިނާހަށް ނޭނގުނު ކަމަކީ އޭނަ ދެއްކި ވާހަކަތަކުން ޒުބީންގެ ރުޅިވެރިކަން އިތުރުވުން ނޫންކަމެއް ނުވިކަމެވެ. ޝުކުރުވެރިކަމުން މަޙްރޫމްވެފައިވާ އޭނަގެ ހިތް ދެންވެސް އޭނައަށްޓަކައި އަލި އަޅުވަމުން ދިޔައީ ޔަޒްދާންގެ ނުބައިކަމެވެ. ޔަޒްދާން އެކި މީހުންނަށް އެފަދަ ވާހަކަތައް އިއްވާފައިވާނީ އޭނަ ބިރުދެއްކި ފަހުން ކަމަށް ނިންމުނެވެ. އެކަން ޔަޒްދާން ކޮށްފައިވާނީ އެންމެންގެ ޙަމްދަރުދީ ޔަޒްދާނަށް އަމާޒު ކުރުވުމުގެ ނިޔަތުގައި ކަމަށް ޒުބީންގެ ހިތް ޔަޤީންކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޔަޒްދާނާއި ބަދަލު ހިފުމުގެ ގޮތުން ޔުނާއަށް އެންމެ ބޮޑު އަނިޔާއެއް ދެވޭނެ ގޮތަކާއިމެދު ޒުބީން ވިސްނަން ފެށީ އިހުނަށްވުރެ ވަރުގަދަ ޢަޒުމަކާއި އެކީގައެވެ. އިރުކޮޅަކަށް ހުރުމަށްފަހު އެ ވަގުތުން ވަގުތަށް ވެސް ގެއިން ނިކުންނަން ދާން ހިނގައިގަތީ އޭނަގެ މޮޅު ސިކުނޑި ރޭވި އަވަސް ރޭވުމުގައި ކުލަ ޖެއްސުމަށް ފިޔަވަޅުތަކެއް އެޅުމަށެވެ.
**
ޖިނާހުގެ ކޯލަށްފަހު ޒިހާން އަނެއްކާވެސް ޔުނާ އޮތް ވޯޑަށް ވަނެވެ. އަލި ބޮކި ނިއްވައި ފަނޑު އަލީގެ ބޮތްކެއް ދިއްލައިލުމަށްފަހު ޒިހާން ވަދެގެން ދިޔަތާ މާ ގިނައިރެއްނުވެ ޔުނާ ހޭއެރިއެވެ. ހޭލުމާއެކު ޒިހާން ފެނުމުން ޔުނާ ވަގުތުން ތެދުވެ އަހަން ފެށީ ޒިހާން ރަނގަޅުތޯއެވެ. ޔުނާ ގާތުގައި އިށީނދެގެން އިނދެ ވާހަކަ ދެއްކުމުން ޔުނާއަށް އެހާ ބޮޑު ޝޮކެއް ލިބުނު ސަބަބު ޒިހާނަށް އެނގުނެވެ. އެންމެ ފަހުން ޔުނާއަށް އެފަދައިން ބަޑިއެއްގެ އަޑު އިވުނު ދުވަހު ޒިހާންގެ ގަޔަށް ވަޒަން އަރާފައިވުމުން މިރޭވެސް އެ އަޑު އިވިފައި ހަމަ އެފަދައިން ވެދާނެހެން ޔުނާއަށް ހީވީއެވެ.
ޔުނާ އެ ވާހަކަތައް ކިޔައިދިންއިރު ޔުނާގެ ލޮލުން ކަރުނަ ވެސް ހިލުނެވެ. ޒިހާން އެ މޫނުގައި ހިފަހައްޓައި އޭނައަށް އެއްވެސް ކަމެއް ނުވާކަމުގެ ޔަޤީންކަން ތަކުރާރުކޮށް ދިނެވެ. އަދި އެންމެ ފަހުން އެނދަށް ރަނގަޅަށް އަރައި ޔުނާގެ ގާތުގައި އެނދުގައި އޮށޯތީ އިތުރަށް ޔުނާގެ ހިތްހަމަޖައްސާލަ ދިނުމަށެވެ. އެހެން އޮވެވެސް ޔުނާއަށް ނިދެންދެން ޒިހާން ނުފިލާ ހިނިތުންވުމަކާއެކީ ޔުނާއަށް ހިތްވަރު ލިބޭ ފަދަ އެތައް ވާހަކައެއް ދެއްކިއެވެ. ތިމަންނަ ޔުނާގެ ކައިރީގައި މިއޮތީ ނޫންތޯ ބުނަމުންނެވެ. ކަންތަކާއިމެދު މާ ބޮޑަށް ފިކުރު ނުކުރުމަށް ނަޞޭޙަތް ދެމުންނެވެ. ޔުނާ ފިކުރު ކުރުމުން އޭގެ އަސަރު ދަރިފުޅަށް ވެސް ކުރާނެކަން ހަނދާންކޮށްދެމުންނެވެ.
ދަރިފުޅުގެ ނަން ގަނެވުމާއެކު ޔުނާ އެހާ ހިސާބުން އަމިއްލައަށް ވެސް ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ. ޒިހާންގެ އަތުތެރޭގައި ކުރުގެޅިލަމުން ދެލޯ މަރައިލީ ޒިހާން ބުނިހެން އޭނަގެ ފިކުރުތަކާއި ދުރުވުމަށެވެ. އެރޭ އިވިގެން ދިޔަ ބަޑީގެ އަޑާއިމެދު ވެސް ސުވާލުކުރަން ޔުނާ ބޭނުންވިއެއްކަމަކު އެ ޚިޔާލުތަކުން ދުރުވާން މަސައްކަތް ކުރީ ދަރިފުޅަށްޓަކައި އަވަހަށް ދުޅަހެޔޮ ވުމަށެވެ. އެ ނިޔަތުގައި ޔުނާ ދެލޯ މަރައިލިތާ މާ ގިނައިރެއްނުވެ ޔުނާއަށް ނިދުނެވެ. ޔުނާ ނިދުމުން ޒިހާން އެއްކަލަ މޮނީޓަރަށް ބަލައިލިއިރު ޕްރެޝަރު ފުދޭވަރަކަށް ރަނގަޅު ހިސާބެއްގައި ހުރިތަން ފެނިފައި ޒިހާނަށް ހަމަޖެހުމެއް ލިބުނެވެ. އެ ހަމަޖެހުމާއެކީ ޒިހާންގެ ވެސް ދެލޯ މެރި ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައީ ވެފައިވި ވަރުބައްޔެއްގެ ބޮޑުކަމުންނެވެ.
ޔުނާގެ ކުރިމަތީގައި ފޮރުވިއެއްކަމަކު އެ ނިދުނު ވަގުތުގައާއި ނިދީގެ ތެރެއިން ވެސް ޒިހާނަށް އޮވެވުނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެ ރޭ އެ ޕާޓީގެ ތެރެއިން އިވުނު ބަޑީގެ އަޑަކީ މި ހުރިހާ ދުވަހު ސިފައިން އެކަމަށްޓަކައި ތައްޔާރުވި ޙަމަލާތަކުގެ ފެށުންކަމަށް އޭނަގެ ސިކުނޑި ބުނަމުން ދިޔައެވެ. ފަތިސް ނަމާދު ވަގުތު ޒިހާނަށް ހޭލެވުނީ ވެސް އެ ޒާތެއްގެ ހުވަފެނެއްގައި ވަނިކޮށް ޔުނާ ގޮވުމުންނެވެ.
ޒިހާން ނިދީގައި ތެޅެމުން ދިޔަ ސަބަބާއިމެދު ޔުނާ ސުވާލުކުރުމުން ޒިހާން ޖަވާބެއް ނުދިނެވެ. ދެމީހުން އެކީގައި ފަތިސް ނަމާދު ކުރުމަށްފަހު ހުރިހާ ކަމެއް ރަނގަޅުތޯ ޔުނާ އެހުމުން ވެސް ޒިހާން ހިނިތުންވުމަކާއެކީ އާނއެކޭ ބުންޏެވެ. ވިލިނގިލީގައި ދިމާވި ޙާދިސާއަށް ފަހު އިތުރު ކަމެއްވީތޯ އެހުމުން ވެސް ޒިހާން އަވަސްއަވަހަށް ޔުނާ ގާތު ބުނެލީ އެކަންތަކާއިމެދު ނުވިސްނުމަށެވެ. ޒިހާން އޭނަގެ ނުތަނަވަސްކަން ފޮރުވައިލި ގޮތް މޮޅުވުމުން ޔުނާއަށް ހިލަމެއް ވެސް ނުވިއެވެ. ސައިބޯންވީ ނޫންތޯ ބުނެ ޒިހާން އެ ވާހަކަ މުޅިން އަނބުރައިލި ގޮތުންވެސް މެއެވެ.
ކުޑަ ގޮތަކަށް ހެނދުނުގެ ސައި ބުއިމަށްފަހު ޒިހާންގެ އެދުމުގެ މަތިން އަނެއްކާވެސް ޔުނާ ނިދަން އޮށޯތެވެ. ޔުނާއަށް އަނެއްކާވެސް ނިދާލެވުމުން ޒިހާން ކެތްމަދުވެފައިވާ ހިތަކާއެކީ ވޯޑުން ބޭރަށް ގޮސް ފޯނު ނަގައި އޭނައާއެކީ މަސައްކަތް ކުރާ ކުއްޖަކަށް ގުޅައިލަން ޚިޔާލުކުރިއެވެ. އެހެނަސް ނަންބަރަކަށް ފިތާލެވުމުގެ ކުރިން ޝިއުސް އޭނައަށް ގުޅަން ފެށުމުން ޒިހާނަށް ކޯލް ރިސީވްކޮށް ފޯނު ކަންފަތުގައި ޖައްސައިލެވުނެވެ.
“ސަލާމް….ކިހިނެއްތަ ހުރިހާ ކަމެއް ޝިއުސް؟” ޒިހާނަށް އަވަސްއަވަހަށް އަހައިލެވުނެވެ.
“ޒިހާން…..ވައިފް ރަނގަޅުތަ މިހާރު؟ ވަރަށް މަސައްކަތް ކުރިން ޒިހާނަށް މި ޙާލަތުގަ ނުގުޅައިވޭތޯ އެކަމަކު އުތުރުގެ ރަށްތަކުގެ ކަނޑުމަތިން އެމީހުން ދާދި ދެންމެއަކު ޙަމަލާތައް ދޭން ފަށައިފި. އަހަރުމެން ސެޓްލްވެގެން ތިބި ތަން ނޫން އެހެން ތަނަކުންނޯ އެމީހުން ޙަމަލާތައް ދޭން ފެށީވެސް. މިއަދުގެ ވަގުތެއްގަ މާލެ ތެރެއިން ވެސް ޙަމަލާތައް އަންނާނެކަމަށް ލަފާ ކުރެވޭ. ޔޫ ނީޑް ޓު ބީ ހިއާރ ޒިހާން…..” ޝިއުސް ދެއްކި ވާހަކަތަކުން ޒިހާންގެ ހުރިހާ ޙިއްސެއް ހޭލިއެވެ. އޭނަ ވަގުތުން މި އަންނަނީ ކަމަށް ބުނެ ފޯނު ކަނޑައިލިއެވެ.
ފޯނު ކަނޑައިލި ތަނާހެން އޭނަގެ ފޯނަށް މެސެޖުތަކެއް އެއީ ޖިނާހުގެ ފަރާތުން އައި މެސެޖުތެކެވެ. އެ ދިގު މެސެޖުތަކުގައި ޖިނާހު ކިޔައިދީފައިވީ އޭނައަށް އެނގިފައިވާ ގޮތުން އޭނަގެ ބައްޕައާއި ބައްޕަގެ ބައިވެރިން ރާވާފައިވާ ރޭވުންތަކެވެ. މީގެ އިތުރުން ޖިނާހު އެ ރޭވުންތަކަށް ނިމުމެއް ގެނައުމަށްޓަކައި އެދުވަހަށް ރާވާފައިވާ ކަންތައްތަކެވެ. އެ ހުރިހާ ވާހަކައަކަށްފަހު ޒުބީންގެ ވާހަކަވެސް ޖިނާހު ކިޔައިދީފައިވެއެވެ. ޔަޒްދާންގެ ޙަޤީޤަތް ޒުބީނަށް ކިޔައިދީފައިވާ ވާހަކައާއި، އެއިން ޒުބީނަށް ބަދަލެއް އައިހެން ހީވިޔަސް އަދިވެސް އޭނައަށް ބަރޯސާ ނުކުރެވޭ ވާހަކައެވެ.
މެސެޖުތައް ކިޔައި ނިންމުމަށްފަހު ޒިހާނަށް ކުއްލި ގޮތަކަށް ފަސްއެނބުރި ވޯޑުގެ ދޮރާއ ދިމާލަށް ބަލައިލެވުނީ ކުއްލި ގޮތަކަށެވެ. ޔުނާއާއިމެދު ކަންބޮޑުވެގެން ދިޔަ ހިތަކާއެކީ އެ ދޮރު ހުޅުވައިލަމުން ވޯޑުގެ ތެރެއަށް ވަދެގެން ދެވުނެވެ. ލޯ މެރިފައި އޮތް ޔުނާ ފެނިފައި ޒިހާން ޔުނާ ދޫކޮށްފައި ދާކަށްވެސް ބޭނުމެއް ނުވިއެވެ. އެހެނަސް އެހެން ގޮތެއް ނެތްކަން ދަނެގެން ޒިހާން ދުރުގައި ބޭއްވިފައި އޮތް ޔުނާގެ އަތްދަބަހުގެ ތެރެއިން ނޯޓް ފޮތަކާއި ގަލަމެއް ނެގިއެވެ. އެއަށްފަހު އެ ފޮތުގެ ގަނޑެއްގައި މެސެޖެއް ލިޔުމަށްފަހު ގަނޑު ފޮތާއި ވަކި ކޮށްލަމުން ގޮސް އެ ގަނޑު ޔުނާ އޮށޯވެ އޮތް ބާލީހުގެ ކައިރީގައި ބޭއްވިއެވެ. އަދި ފަހު ފަހަރަށް ޔުނާގެ ނިތަށް ބޮސްދިނީ އޭނަ ނުހަނު އަވަހަށް އަންނާނެ ކަމަށް ހިތާހިތުން ވަޢުދުވަމުންނެވެ.
ޔުނާގެ ރައްކާތެރިކަމަށްޓަކައި ޒިހާން އެޅި ހަމައެކަނި ފިޔަވަޅަކީ އެ ނޯޓުކޮޅެއް ނޫނެވެ. ވޯޑުން ނިކުމެގެން ދިޔަ މަގުމަތީގައި އެ ދުވަހަށް ޔުނާގެ ކަންތައް ބަލަން ހަމަޖެހިފައިވާ ނަރުސް ކުއްޖާއާއި ދިމާވުމުން ޒިހާން އެ ކުއްޖާއާއި ވެސް ވާހަކަ ދެއްކިއެވެ.
“އަޅުގަނޑު މިދަނީ ޑިއުޓީއަށް….އެހެންވީމަ އަޅުގަނޑުގެ އަންހެނުން ރަނގަޅަށް ބަލައިދެއްޗޭ. މިކޮޅުގަ ނުއުޅޭނެ އަޅުގަނޑުގެ އަންހެނުންނާއި ބައްދަލުކުރަން އަންނާނެ ތިމާގެ ބަޔަކު. އެހެންވީމަ އެއްވެސް މީހަކު އަޔަސް ވޯޑަށް ވަނުމުގެ އިޒުނަ ނުދިނުން އެދެން. އަދި އަންހެނުން އެދުނަސް ޓީވީ ނުހުޅުވުން އެދެން. ހައިޕާރޓެންޝަންގެ ކޭސްއެއްގަ ގެނެވުނީމަ މިއަދު ޓީވީއިން ފެންނާނެ ޚަބަރުތަކުން އަންހެނުންގެ ޙާލަތު ގޯސްވެދާނެތީ….” ޒިހާން ބުންޏެވެ.
ނަރުސްކުއްޖާ ހިނިތުންވުމަކާއެކީ ޒިހާންގެ ހުރިހާ އެދުންތަކަށް އެއްބަސްވުމުން ޒިހާން އަވަސް ފިޔަވަޅުތަކެއްގައި ދާން ހިނގައިގަތީ ތަސައްލީއެއް ލިބިފައިވާ ހިތަކާއި އެކީގައެވެ. އޭނައަށް ނޭނގުނުކަމަކީ ޔުނާއަށް މިފަހަރު ޙަމަލާއެއް ލިބެން އުޅެނީ އޭނަ ހީވެސް ނުކުރާ ފަދައަކުން ކަމެވެ.
**
ވިލިނގިލީގައި އިވުނު ބަޑީގެ އަޑާއިއެކީ މުޅި ޤައުމަށް ކުއްލި ޙާލަތު އިޢުލާން ކުރެވިގެން ގޮސްފައިވެއެވެ. ޤައުމަށް ޢުދުވާނީ ޙަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމުގައި ތިއްބާ މިއަދު ފަތިހު އުތުރުގެ ކަނޑުމަތިން ލަންކާގެ ބައެއްގެ ފަރާތުން ދިވެހި ސިފައިންނަށް ޙަމަލާތައް ލިބެން ފެށުމުން އެ ބިރުވެރިކަން ދެގުނަ ވެގެން ދިޔައެވެ. އެ ޙަމަލާތަކުގެ ތެރެއިން ސިފައިންގެ އިތުރުން ޙަމަލާތައް ދެވެން ފެށި ޞަރަޙައްދުގައި ހުރި ރަށްތަކުގެ ޢާއްމުން ވެސް ޒަޚަމްވެގެން ދިޔައެވެ. ދޮޅު ގަޑިއިރެއް ވަންދެން ދިގު ދެމިގެން ދިޔަ އެ ހަނގުރާމަ ނިމުމަކަށް އައީ ދިވެހި ސިފައިންގެ ކަނޑުމަތީ އުޅަނދުތައް އައިސް ލަންކާގެ އެ ބޯޓު ވަށައިލުމުންނެވެ. ނަތީޖާއެއްގެ ގޮތުން އެދުވަހުގެ ހެނދުނު އަލިވިލުނީ ލަންކާގެ ލަޝްކަރެއްގެ މައްޗަށް ދިވެހި ސިފައިން އަތްގަދަ ކުރި ކަމުގެ އުފާވެރި ޚަބަރުންނެވެ.
އެދުވަހު ހެނދުނު 9 ޖަހަން ގާތްވަމުން ދިޔަ ވަގުތު ޖިނާހު އޭނަގެ ތަނަވަސް ކޮޓަރީގެ ރީތިވާ މޭޒު ކައިރީގައި ހުރިއިރު ވެސް ކޮޓަރީގެ ފާރުގައި ހަރުކުރެވިފައިވި ޓީވީއިން އިވެމުން ދިޔައީ އެ ޚަބަރެވެ. ކަޅުކުލައިގެ ގަމީހަކާއި ކޯޓެއް ލައިގެން ހުރެ އަތުކުރީގައި ގަޑި އަޅުވަމުން ދިޔައިރު ޖިނާހުގެ މޫނުމަތީގައިވީ ސީރިއަސްކަމެވެ. ގަޑި އަޅުވައި ނިމުނު ވަގުތު ޖިނާހުގެ ޙަރަކާތްތަކަށް ހުއްޓުމެއް އައީ އެ ކޮޓަރީގެ ދޮރު ހުޅުވައިލި މީހަކު މޫނުބަލާ ލޯގަނޑުން ފެނުމުންނެވެ. އެއީ ހިނިތުންވުމެއްގައި ހުރި ލަބީބް ނޫން ދެވަނަ މީހެއް ނޫނެވެ.
“ދިވެހި ސިފައިންނަށް ނަޞްރު ލިބުނީއޯ….މި މީހުންނަކަށް ނޭނގޭ މިއީ އަދި ކިރިޔާ ފެށުންކަމެއް. ހެހެ….” ލަބީބް ކޮޓަރީގެ ތެރެއަށް ވަންނަމުން އެހެން ބުނެ ހީލީ ނުލަފާ ހީލުމަކުންނެވެ. އެއިން ޖިނާހުގެ ނުރުހުންތެރިކަން ދެގުނަވިއެއްކަމަކު ޖިނާހު އެކަން މޫނުމަތިން ނުދެއްކި ތާނގައި އެއްޗެކޭ ވެސް ނުބުންޏެވެ.
ޖިނާހު ވަކި އެއްޗެކޭ ނުބުނެ ދިޔުމަށްޓަކައި ފަސްއެނބުރިލީ ވަގުތު ލަބީބް އޭނަގެ ކުރިމައްޗަށް އަރައި ކޮނޑުގައި ހިފައިލީ ޖިނާހާއިމެދު ފަޚުރުވެރިވާ ފަދައަކުންނެވެ.
“މިއަދު ރައީސުލްޖުމްހޫރިއްޔާގެ ޚިތާބަށްފަހު މަގޭ ދަރީގެ ކޮންފަރެންސެއް ހުރިހާ ޗެނަލަކުން ލައިވް ކުރެވޭނެ ވާހަކަ އަޑުއެހިން….ކީއްކުރަން ބާއްވާ ކަމެއްކަން ނޭނގުނަސް ހަމަ ރަނގަޅުކަމެއް ތި ކުރަނީ. އަމިއްލައަށް ވެސް ރައީސްގެ މަޤާމް ފުރުވިދާނެކަން އެންމެންނަށް ދައްކާލައްޗޭ. ބައްޕައަށްފަހު އެ މަޤާމް ފުރުވާނީ ޖިނާހު ވިއްޔާ. މިހާރު މި ހުރި ރައީސްއަށް ވުރެ ވެސް ބޮޑަށް މަޖިލިސް މެންބަރު ޖިނާހު ރައްޔިތުންނާއި އަޅާލާކަން ދައްކާލައްޗޭ….އޭރުން މި ދުވަސްވެގެން ދާނީ ޖިނާހުގެ ކެރިއާރއަށް ވަރަށް ބޮޑެތި ބަދަލުތައް ގެނުވާނެ ދުވަހަކަށް.” ލަބީބް އުއްމީދީ ގޮތަކަށް ބުނެލިއެވެ. އެއާއެކު ޖިނާހު އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.
“ހަމަ އަސްލުވެސް ބައްޕާ….މި ދުވަސްވެގެން ދާނީ އަހަރެންގެ ކެރިއާރއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ދުވަހަކަށް.” ޖިނާހު ސާބިތުކަމާއެކީ ބުނެލިއެވެ. އެއަށްފަހު ލަބީބަށް ފަސްދީފައި ދާން ހިނގައިގަތުމުން ލަބީބްގެ މޫނުމަތީގައިވީ ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމެކެވެ. ޖިނާހު ކޮޓަރީގެ ދޮރާއި ހަމައަށް ދިޔަ ވަގުތު އަނެއްކާވެސް ލަބީބްގެ އަޑު އިވުމުން ޖިނާހުގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
“މިހެންވެ އާ ކައިވެންޏަށްފަހު ވެސް އަހަރެން ޖިނާހު ކޮންމެހެން ވެސް ކައިރީގަ ބެހެއްޓީ. އެނގޭ ޖިނާހުގެ ފަރާތުން އަހަންނަށް ވެސް ކުރިއެރުންތައް ލިބޭނެކަން. ތިއީ މަ ފަޚުރުވެރިވާ ދަރިއަށްވީމަ….” ލަބީބް ބުންޏެވެ. އެ ބަސްތައް އިވިގެން ދިޔަ ޖިނާހުގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާނެއް ރޯވެގެން ދިޔައެވެ. އެ ވާހަކަ ދައްކަމުން ދިޔަ މީހަކު އޭނަގެ މަންމައާއި ލޫލޫއަށް ހެދިގޮތް ހަނދާންވެގެން ދިޔަދިޔަހެން ޖިނާހަށް ޚިޔާލުތަކުގެ ތެރެއިން ފަސްއެނބުރި ލަބީބާއި ދިމާލަށް ހަޅޭއްލަވައިގަނެވުނެވެ. އެހެނަސް ޖިނާހު އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ގޮށްމުއްކަވާލިއެވެ. އަދި ލަބީބަށް ބަލައިލުމެއްނެތި ދާންފެށިއެވެ.
**
އެދުވަހުގެ އެ ވަގުތު ޔުނާގެ ވޯޑް ހުރި ސަރައްކާލިން ހިނގާފައި ދިޔައީ ފަތިހު ޒިހާން ވާހަކަ ދެއްކި ނަރުސްކުއްޖާ ނޫން އެހެން ނަރުސް ކުއްޖެކެވެ. އެ ކުއްޖާ ހިނގާފައި ދިޔައިރު އަތުގައި ދަގަނޑު ތަށިގަނޑެއްވިއެވެ. އެ ތަށިގަނޑުގައި އޮތީ އައިވީ ފުޅިއަކާއި އިންޖެކްޝަނެކެވެ.
ނަރުސްކުއްޖާ ގޮސް ވޯޑަށް ވަންއިރު ވެސް ޔުނާ އޮތީ ނިދިފައެވެ. ނަރުސްކުއްޖާ ހިސާބެއްގެ ނުތަނަވަސްކަމާއެކީ އެކި ދިމަދިމާލަށް ނަޒަރު ހިންގަމުން ގޮސް އޭނަ ގެނައި ތަށިގަނޑު އަރިމަތީ މޭޒުމަތީގައި ބެހެއްޓިއެވެ. އެތަނުން ޔުނާގެ ބޭސްކޮތަޅު ފެނިފައި ދެވިފައި ހުރި ބޭސްތަކަށް ވެސް ބަލައިލިއެވެ. ބޭސްތަކުގެ ތެރޭގައި ބަލިމީހާގެ ޙާލަތަށް ބެލުމަށްފަހު ނިދޭ ޒާތެއްގެ ބޭހެއްވެސް ދެވިފައިވާކަން ނަރުސްކުއްޖާއަށް ފާހަގަވިއެވެ. އެއާއިއެކު އޭނަ ކުރަން އައި ކަންތައް އޭނައަށް ފަސޭހަވާނެކަން ނަރުސްކުއްޖާއަށް އެނގުނެވެ. އެހެންކަމުން އަވަސް އަވަހަށް އައިވީ ފުޅި ނަގައި އޭތި ޔުނާގެ އަތާއި ގުޅުމުގެ މަސައްކަތް ފެށިއެވެ. އައިވީގެ ކަށި ކޮއްޕައިލެވުނު ވަގުތު ޔުނާގެ މެރިފައިވާ ލޮލަށް ބާރުވިއެއްކަމަކު ޔުނާ ލޯ ހުޅުވައެއްނުލިއެވެ. އެހެންކަމުން ނަރުސްކުއްޖާ ކުރަން އައި ކަންތައް މެދުކެނޑުމެއްނެތި ކުރެވުނެވެ. އައިވީ ގުޅައިލުމަށްފަހު ގެނައި އިންޖެކްޝަން އެ އައިވީއަށް އަޅައިލުމަށްފަހު އޭނަ ގެނައި ހުރިހާ އެއްޗަކާއެކީ ވޯޑުން ބޭރަށް ނިކުތެވެ. އަދި އޭނަ ގާތު އެކަން ކުރަން އެންގި މީހަކަށް ގުޅައި އެކަން ނިމިއްޖެކަމަށް ބުންޏެވެ.
**
9 ޖަހައި ބޮޑުވަމުން ދިޔަ ވަގުތު ޒިހާން އިނީ ކޯސްޓް ގާޑްގެ ބޮޑު އުޅަނދެއްގައެވެ. އެ އުޅަނދު ދަތުރުކުރަމުން ދިޔައީ މާލޭ ކަނޑުންނެވެ. އުތުރުން އަމާޒުވި ޙަމަލާތަކަށް ނިމުމެއް އައިސްފައިވިޔަސް ޒިހާންގެ ބެލުމުގެ ދަށުން އެހެން ޓީމެއް މި ޞަރަޙައްދުގައި މި އުޅެނީ ޖިނާހު އޭނަ ގާތުގައި ބުނެފައިވާ އެއްޗެއްގެ ސަބަބުންނެވެ.
“އުތުރުން އެ އެޓޭކް ކުރީ ޑިސްޓްރެކްޓް ކުރަން ވެގެން. މިއަދު ހެނދުނު އަދި މާލޭ ކަނޑުން ޢާއްމުން ދަތުރުކުރާ ބޯޓެއްގެ ތެރެއިން މާރާމާރީއެއް ހިނގާނެ. އޭގައި ހުންނާނެ މި ރޭވުމުގައި އިސްކޮށް އުޅޭ އެކަކާއި އޭނަގެ ބައިގަނޑެއް. އެމީހުން އަތުގަ ހަތިޔާރުތައް ވެސް ހުންނާނެ. އެ ބޯޓުގަ ހުންނަ މީހާ ހައްޔަރު ކުރެވިއްޖެއްޔާ ވަރަށް ބޮޑުބައި ކާމިޔާބު އެ ކުރެވުނީ. ދެން ތިބި މީހުންގެ ކަންތައް ހަމައަކަށް އެޅޭނެ އަހަރެންގެ ރޭވުމުން….”
ޒިހާން ކޯސްޓް ގާޑް ދުއްވަން އިން ކޯޕްރަލްގެ ކައިރީގައި އިނދެގެން އެ މެސެޖާއި މެދު ވިސްނިއެވެ. ބޯޓުގެ ތެރެއިން ހިންގޭ މާރާމާރީއާއި އެކީ އެ ބައިގަނޑުގެ އަތުގައި ހަތިޔާރުތައް ހުންނާނެ ވާހަކަ އިވުމުން ޒިހާންގެ ހަނދާނަށް އައީ އެހެން ދުވަހެކެވެ. މީގެ 3 އަހަރު ކުރިން އޭނަ ޔަޒްދާންބެއާއި އެކީ ހިންގި އޮޕަރޭޝަނެވެ. އެ އޮޕަރޭޝަންގައި ނުބައި މީހުންގެ ބޮޑު މީހަކަށް ހުރީ ކާކުކަން ހަނދާންވުމުން ޒިހާންގެ މެއަށް ގޮތެއްވިއެވެ. އެ ފަހަރު ޒިހާން އެމީހަކާއި ކުރިމަތިލާންޖެހުނު ވަގުތު ޔަޒްދާންބެ އޭނަގެ ޙާލަތް އެނގިގެން ކުރިމައްޗަށް އަރައި އެ މުޖުރިމް ހައްޔަރު ކުރީއެވެ. މިއަދު އޭނަ ޖެހޭނީ އަމިއްލައަށް އޭނައާއި ކުރިމަތިލާންކަން އެނގުންވީ ހިނދު ނުތަނަވަސްވިއެއްކަމަކު ޒިހާން ހިތްވަރުކުރިއެވެ. އޭނައަށް ވާގިދެއްވުމަށް އެދި ހިތާހިތުން ދުޢާ ކުރެވުނެވެ. އަދި ކުރިމައްޗަށް ނަޒަރެއް ދެވުނީ އެމީހުން ހޯދަމުން ދާ އުޅަނދު ފެނޭތޯއެވެ. އެހެނަސް ދުރުދުރުން ވެސް އެ އުޅަނދު ފެންނަން ނެތުމުން ޒިހާނަށް ޑޭޝްބޯޑް މަތީގައި އޮތް އޭނަގެ ފޯނު ނަގައި ބަލައިލެވުނެވެ. އެއްވެސް މެސެޖެއް އައިސްފައި ނެތުމުން ޔުނާއަށް އަދި ހޭނުލެވެނީބާއޭ ހިތަށްއެރިއެވެ. ހަމަ އާއިއެކު ޔުނާގެ ރައްކާތެރިކަމަށްޓަކައި ވެސް ދުޢާ ކުރެވުނެވެ.
**
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި މުޚާޠަބުކުރައްވައި ނިމިވަޑައިގަތުމަށްފަހު ހުރިހާ ނޫސްވެރިންގެ މިޞްރަބުހުރީ ޖިނާހުގެ ކެމްޕެއިން އޮފީހާއި ދިމާލަށެވެ. މުޅި ރާއްޖޭގެ ވަށައިގެން ޓީވީ ބަލަން ތިބި އެންމެން ވެސް ޓީވީ ނިވާލުމެއްނެތި އިންތިޒާރު ކުރަމުން ދިޔައީ ޖިނާހު މުޅި ޤައުމާއި މުޚާތަބުކޮށް ދައްކަން އުޅޭ ވާހަކައެއް ބެލުމަށެވެ. ގިނަ މީހުން ޖިނާހުގެ ދެއްކުންތެރިކަމާއިމެދު ފާޑު ކިޔަމުން ދިޔައިރު އަނެއްބައި މީހުން ހަމަ ޙަޤީޤަތުގައިވެސް އޭނަ ދައްކަން އުޅޭ ވާހަކައަކަށް އިންތިޒާރު ކުރަމުން ދިޔައެވެ.
“މީނަ ދައްކަން މިއުޅެނީ ކޮން ވާހަކައެއްބާ މިއޮތް ދުވަހެއްގަ. އިންތިޚާބުވެސް ނިމި އޭނަ މޮޅުވެސް ވެއްޖެ ގައިމު….” އެ ވާހަކަ ބުނެލީ ސިޓިންގް ރޫމުގެ ސޯފާގައި އިން ޒައިނާއެވެ. އޭރު ދެން ވަގުތުން ދެއްކެން އުޅެނީ ކޮން ޕްރޮގްރާމެއްކަން ސްކްރީނަށް އަރުވާލެވިފައިވިއެވެ.
“މަށަށް ހެޔޮ އޭނަ ކޮންމެ ވާހަކައެއް ދެއްކިޔަސް…..ޒިހާން އެ ޙަމަލާތަކުގެ ތެރެއަށް ވަންނަން ނުޖެހި އެ ކަންތައް ނިމުނީމަ ހިތްހަމަޖެހިއްޖެ. އަލްޙަމްދުލި ﷲ…” ޝަކީލާވެސް ނުރުހުންތެރި ޒާތަކަށް ޖިނާހުގެ ވާހަކަ ދެއްކީ، ޒައިނާ ފަދައިން ޝަކީލާއަށް ވެސް ޖިނާހު އެނގިފައިވަނީ ލޫލޫގެ ދުލުން ކަމަށް ވުމުންނެވެ.
އެ ދެމީހުން އެ ވާހަކަ ދެއްކިއިރު ލޫލޫވެސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ސީރިއަސް ނަޒަރެއްގައި ވަކިން ހުރި ސޯފާގައި އިނެވެ. ޒައިނާ އެ ފެށުނީއޭ ބުނި އަޑަށް ލޫލޫއަށް އިސްއުފުލައި ބަލައިލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެހިނދު މޭޒެއްގެ ކައިރީގައި އިށީނދެގެން އިން އޭނަގެ ބޭބެ ފެނިފައި ލޫލޫ ފަޅި ސިކުންތަކަށް އުފާވިއެއްކަމަކު އޭގެ ދެވަނަ ސިކުންތުގައި ދުރަށް ނަޒަރު ހިންގައި ކޮޅަށް ތެދުވެލެވުނެވެ. ލޫލޫ ހިނގައިގަތްތާ މާ ގިނައިރެއްނުވެ ޖިނާހުގެ އަޑު އިވުނެވެ.
“އައްސަލާމްޢަލައިކުމް. ހުރިހާ ބޭފުޅުން އަޅުގަނޑުގެ ދަޢުވަތު ޤަބޫލު ކުރައްވައި ވަޑައިގެންނެވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މި ކޮންފަރެންސް ލައިވް ކުރުމަށްޓަކައި އަޅުގަނޑަށް ވަގުތުކޮޅެއް ދެއްވި ހުރިހާ ޗެނަލްތަކަށް ވެސް ޝުކުރު ދަންނަވަން. އާދެ މިއަދު އަޅުގަނޑު މި ކޮންފަރެންސް މި ބާއްވަނީ މުޅި ޤައުމަށް އެނގެންޖެހޭ ވަރަށް މުހިއްމު ސިއްރުތަކެއް ޢާއްމުކުރަންވެގެން. މިގޮތަށް މި ޙަޤީޤަތްތައް ފާޅުނުކޮށްފިނަމަ ޕާޓީގެ ދަޅައިގައި ޖެހިގެން ބައެއް ރައްޔިތުން ގޯސް މީހަކު ރަނގަޅު މީހެއްގެ ގޮތުގައި ދެކެމުން ގޮސްފާނެތީ މިގޮތް މި ޚިޔާރުކުރީ. ހުރިހާ ރައްޔިތުންވެސް މި ޙަޤީޤަތް އަޑުއަހަން ތައްޔާރުކަމަށް އުއްމީދުކުރަން. އަޅުގަނޑު ހެކިތަކާއެކީ ފާޅުކުރަން މިއުޅެނީ މިއަދު ދިމާވި ޙާދިސާގެ ފަހަތުގައިވަނީ ކާކުކަން…..” ޖިނާހު ބުނެލި ވާހަކައިން ޒައިނާއާއި ޝަކީލާގެ ވެސް ދެލޯ ބޮޑުވީ ހިނދު ލޫލޫ ވެސް ހުރިތާ ހުއްޓުން އަރާ ގޮތްވިއެވެ.
ޖިނާހުގެ އެ ބަސްތައް ލަބީބަށް އިވިގެން ދިޔައީ ކާ މޭޒުދޮށުގައި ޖޫސްތަށްޓެއް ބޯން އިންދައެވެ. ވާހަކަ އެހާ ހިސާބަށް ދިޔަތަނާހެން އޭނަ ކޮށި އަރާ ގޮތްވިއެވެ.
**
ހޮސްޕިޓަލުގައި އޮތް ޔުނާއަށް ހޭލެވޭ ގޮތްވީ އުނދަގުލާއި އެކީގައެވެ. ލޯ ބޮޑުކޮށް ހުޅުވަން އުޅެނެއްކަމަކު ހުޅުވައިލެވުނީ ހަނި ގޮތަކަށެވެ. އެހިނދު ހަށިގަނޑުގައި އިންތިހާ ދަރަޖައިގެ ވަރުބަލިކަމެއް ވިއެވެ.
ޔުނާ ގަދަކަމުން ކަހަލަ ގޮތަކަށް އެސްފިޔަ ޖަހައި އޭނަގެ ލޯ ރަނގަޅަށް ހުޅުވައިލަމުން ވޯޑުގެ ވަށައި ނަޒަރެއް ދިނީ ޒިހާން ފެނޭތޯއެވެ. އެތާނގައި އެއްވެސް މީހަކު ފެންނަން ނެތުމުން ޔުނާ ހިތްވަރުކޮށްލަމުން ތެދުވަން މަސައްކަތް ކުރިއެވެ. ރަނގަޅަށް ތެދުވެ ހެޑްބޯޑަށް ލެނގިލީ ވަގުތު ބަނޑުގައި ރިހުމެއް އުފެދިގެން ދިޔަ ގޮތުން ޔުނާއަށް ބަނޑުގައި އެއްއަތް އަޅާލެވުނެވެ. އޭނަގެ އެ އަތުގައި އައިވީއެއް ގުޅާލެވިފައިވިކަން ޔުނާއަށް އެނގުނީ އެ ވަގުތެވެ. ނިދިފައި އޮތްވާ އައިވީ ވެސް ގުޅާލެވުނީތާއޭ ހިތައި ޔުނާ ދެންވެސް ވާތްފަރާތަށް ނަޒަރެއް ދިން ހިނދު ބާލީސް ކައިރީގައި އޮތް ގަނޑުކޮޅު ފެނުނެވެ. ލިޔުން ފެނުމާއެކު އެއީ ކާކުގެ ލިޔުމެއްކަން އެނގުމުން ޔުނާ އެ ގަނޑު ނަގައި ކިޔައިލިއެވެ.
“ގުޑް މޯނިންގް ލޯބި….އަންފޯޗުނޭޓްލީ ޔުނޫއަށް ހޭލެވޭއިރު އަހަންނަށް ނުހުރެވޭނެ. އާރޖެންޓްކޮށް ޑިއުޓީއަށް ދާންޖެހުނީމަ އިނގޭ. އައި ޕްރޯމިސް މާ ބޮޑު ކަމެއް ނުވޭ. އަހަންނާއިމެދު ކެއާރ ކުރަން ބޭނުމިއްޔާ މާ ބޮޑަށް ފިކުރު ނުކުރައްޗޭ. ނޭނގޭ ނަންބަރަކުން ގުޅިޔަސް ފޯނު ނުނަގާތި ރޭގަވެސް ބުނިހެން. ޓޭކް ކެއަރ އޮފް ޔުއާރސެލްފް އެންޑް ގެޓް ބެޓާ ސޫން. މިރޭ އަންނާނަން ޔުނޫ ކައިރިއަށް އިން ޝާ ﷲ. ލަވް ޔޫ އިނގޭ!”
ގަނޑުކޮޅުގައި ލިޔެވިފައިވީ އެހެންނެވެ. އެހެނަސް އެއިން ޔުނާއަށް ތަސައްލީއެއް ލިބުނު ހެންނެއް އެ މޫނުމަތިން ހިއެއްނުވެއެވެ.
ޔުނާ ބަލަން އެދުވަހު ހަމަޖެހިފައި ހުރި ނަރުސް ކުއްޖާ ވޯޑަށް ވަދެގެން އައީ އެވަގުތެވެ.
“މިހާރު މޭމްގެ ޙާލަތު ރަނގަޅުތޯ؟ މޭމްގެ ހަޒްބެންޑް ދިޔައީ ޑިއުޓީއަށް. އަޅުގަނޑު ގާތު ދެންނެވީ މޭމް ވަރަށް ރަނގަޅަށް ބަލައިދިނުމަށް….” ނަރުސްކުއްޖާ ހިނިތުންވުމަކާއެކީ އެހެން ބުނެލީ ކުޑަދޮރުތަކުގެ ފަރުދާތައް ކަހަމުންނެވެ.
“ލައްބަ ރަނގަޅު….އަޅުގަނޑަށްޓަކައި ޓީވީ ހުޅުވާލަދެވިދާނެތޯ؟” ޔުނާއަށް އެހެން ބުނެލެވުނީ ޓީވީ ރިމޯޓް އޭނައަށް ފެންނަ ހިސާބުގައި ނެތުމުންނެވެ.
“މޭމްގެ ހަޒްބެންޑް އެދުނީ މޭމްއަށް ޓީވީ ހުޅުވާލަ ނުދިނުމަށް….އެހެންނޫނަސް އަޅުގަނޑު މޭމްއަށް ކިޔައިދީފާނަން މިހާރު ވާގޮތް. މިއަދު ފަތިހު އުތުރު ފަރާތުން ލަންކާގެ ބައެއްގެ ޙަމަލާތައް އައީ. އެކަމަކު ދިވެހި ސިފައިން ނުހަނު ފަސޭހައިން އެމީހުންގެ މައްޗަށް ކާމިޔާބު ހޯދައިފި. އެކަމާއި ގުޅިގެން ދާދި ދެންމެއަކު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި މުޚާތަބުވެސް ކުރައްވައިފި….” ނަރުސްކުއްޖާ އެ ވާހަކަ ދައްކަމުން ޔުނާގެ ކައިރިއަށް ދިޔަދިޔަހެން ޔުނާގެ އަތާއި ގުޅިފައިވި އައިވީ ފާހަގަވުމުން އެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.
“އަސްލުވެސްތަ؟ އެހެންވީމަ މި ހިސާބުގަނޑުން ޙަމަލާތަކެއް ދެން ނުއެއް އަންނާނެދޯ؟” ޔުނާ އުއްމީދީ ގޮތަކަށް އެހިއެވެ. އެހިނދު ނަރުސްކުއްޖާ ޔުނާގެ ކައިރިއަށް އައިސް އައިވީގެ ލޭބަލް ބަލަނީއެވެ. އެއީ ހަމަ އާދައިގެ އައީވީއެއްގެ ލޭބަލެކެވެ.
“ލައްބަ މޭމް…..މޭމް ކާކުތޯ މޭމް އަތުގައި މި އައިވީ ގުޅާލަދިނީ؟” ނަރުސްކުއްޖާ އެހިއެވެ.
“ނޭނގެ….ހޭލެވުނުއިރު ހުރީ ގުޅާލެވިފަ…” ޔުނާ ބުންޏެވެ.
“އެހެންތޯ؟ އަޅުގަނޑު އަދި ބޭރަށް ގޮއްސަ ޑޮކްޓާރ ކައިރިން އަހައިލާނަން އިނގޭތޯ؟” ނަރުސްކުއްޖާ އެހެން ބުނެލަމުން ބޭރަށް ދާން ހިނގައިގަތެވެ.
“މިކޮޅަށް ދެން ޙަމަލާތަކެއް ނާންނާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިތޯ؟” ޔުނާ އަވަސްވެފައިވާ ހިތަކާއެކީ ސުވާލުކުރިއެވެ.
“ލައްބަ….އަޅުގަނޑު މި އަންނަނީ އިނގޭތޯ…” ނަރުސްކުއްޖާ އެހެން ބުނެލީ މާ ބޮޑު ވިސްނުމެއްނެތިއެވެ. އެކުއްޖާ އެހެން ކަމަކާއި މެދު ކަންބޮޑުވެފައިވުމުންނެވެ. އެކަން ޔުނާއަށް އެނގުނެއްކަމަކު އޭނަ ނަރުސްކުއްޖާގެ ބަސް ޤަބޫލުކުރަން ބޭނުންވިއެވެ. ޒިހާން އެއްވެސް ނުރައްކަލެއްގެ ތެރޭގައި ނުވާ ކަމަށް ޤަބޫލުކުރަން ބޭނުންވިއެވެ. އެހެނަސް އޭނަގެ ހިތް ބުނަމުން ދިޔައީ އޭގެ އިދިކޮޅަށެވެ. ކޮންމެވެސް ނުބައެއް ވާން އުޅޭ ކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ.
ކަންބޮޑުވުމެއްގެ ތެރެއަށް ޔުނާ ގެނބެން އުޅެނިކޮށް އަރިމަތީ މޭޒުމަތީގައި އޮތް އޭނަގެ ފޯނަށް މެސެޖެއް އައެވެ.
**
ޒިހާންމެން ތިބި ކޯސްޓް ގާޑުގެ އުޅަނދުގައި ތިބި ސިފައިން ކުއްލި ގޮތަކަށް ސަމާލުވެލީ މާލޭ ކަނޑުން ނިކުމެވުނު ވަގުތު އުޅަނދާއި މާ ދުރު ނޫން ހިސާބެއްގައި އޮތް ބޯޓުގެ ތެރެއިން މީހުންގެ ހަޅޭކުގެ އަޑު އިވެން ފެށުމުންނެވެ. އިސާހިތަކު ކޯސްޓް ގާޑުގެ ސްޕީޑް މަތިކޮށްލެވުނު ވަގުތު ސިފައިން އެމީހުންގެ ހަތިޔާރުތަކާއެކީ އުޅަނދުގެ ޑެކްމަތީގައި ރޭވިގަތީ އެ ހަތިޔާރުތައް ބޯޓާއި ދިމާލަށް އަމާޒުކުރަމުންނެވެ. ހަމަ އެ ހިނދު ހުރިހާ ޙަރަކާތްތަކަށް ވަގުތުން ވަގުތަށް ނިމުމެއް ގެނައުމަށް އެނގިގެން ދިޔައީ އެ ބޯޓަށް އިވޭ ވަރަށެވެ. އަނިޔާއެއް ލިބެން ބޭނުން ނުވާނަމަ އެންމެން ތިރިވުމަށާއި، ހަތިޔާރުތައް ތިބި ބައެއް ނަމަ ހަތިޔާރުތައް ބަހައްޓައި ދެއަތް ބޮލުގައި ޖެއްސުމަށް ކޯސްޓް ގާޑްގެ ކެޕްޓަން އިތުރަށް އެންގިއެވެ. އެންގުން އިވިގެން ދިޔުމާއެކު ބޯޓު ތެރޭގައި ބިރުން ތިބި ޢާއްމުން ވަގުތުން ތިރިވެލިއެވެ. އެހެނަސް ހަތިޔާރުތައް ހިފައިގެން މޫނު ނިވާކޮށްގެން ތިބި މީހުން އޭގެ ތެރެއިން އެންމެ ބިޔަކޮށް ހުރި ފިރިހެން މީހާގެ އަމުރަށް އެންމެންގެ އަތުގައި ހުރި ދިގު ބަޑިތަކާއެކީ ބޯޓުގެ ޑެކްމައްޗަށް އަންނަން ފެށިއެވެ. ކޯ-ކެޕްޓަންގެ ގޮތުގައި ކެޕްޓަން ކައިރީގައި އިން ޒިހާން ވެސް އެ މަންޒަރު ފެނި ވަގުތުން ތެދުވެލަމުން ނިކުންނަން ދާންފެށީ އޭނަ ބޭރުގައި ހުރުން މުހިއްމުހެން ހީވުމުންނެވެ. ޒިހާން ޑެކަށް ދިޔުމުގެ ކުރިން ދިގު ބަޑިއެއް ނަގައި ތައްޔާރު ވެލައިގެން ޑެކް މައްޗަށް ނިކުމެ ދެން ތިބި ސިފައިން ފަދައިން ބަޑި ދިއްކޮށްލަމުން ތަންކޮޅެއް ފަހަތުގައި ޖާގަ އޮތް ހިސާބެއްގައި މަޑުކޮށްލިއެވެ.
ޒިހާން އެތާ މަޑުކޮށްލިތާ ސިކުންތުކޮޅެއްގެ ތެރޭ ބަޑީގެ ޙަމަލާތައް ބަދަލުވާން ފެށި އަޑު މުޅި ޞަރަޙައްދުގައި ގުގުމަން ފެށިއެވެ. ބޯޓުގެ ޑެކްމަތީގައި ތިބި ފިރިހެނުން ބަޑިޖަހަން ފެށުމުން ސިފައިން ވެސް އެ ޙަމަލާތައް ފޮނުވަން ފެށީއެވެ. ދާދި ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޯޓު މަތީގައި ތިބި މީހުންގެ ގަޔަށް ވަޒަން އަރައި އެމީހުން ބޯޓުގެ ތެރެއަށް ވެއްޓެން ފެށިއެވެ. ސިފައިންގެ ބައެއް މީހުންގެ ގަޔަށް ވެސް ވަޒަން އެރިއެއްކަމަކު ބުލެޓް ޕްރޫފް ވެސްޓްތައް ލައިގެން ތިބީތީ މާ ބޮޑު އަސަރެއް ނުކުރިއެވެ. ދުޝްމިނުންގެ މީހުން އެފަދަ ތައްޔާރީއެއް ނުވީ އެމީހުންގެ ޙަރަކާތްތައް މިތަނުން ސިފައިންނަށް ނުފެންނާނެކަމަށް އެމީހުންނަށް ހީކުރެވިފައިވާތީ ކަމަށް ލަފާކުރެވުނެވެ.
ހުއްޓުމެއްނެތް ބަޑީގެ ޙަމަލާތަކަށްފަހު މުޅި މާހައުލު ހިމޭންވެގެން ދިޔައީ ބޯޓުގެ ޑެކްމައްޗަށް ނިކުތް އެންމެންހެން ކޮންމެވެސް އެއްގޮތަކުން އަނިޔާއެއްވެ ބޯޓުގެ ތެރެއަށް ވެއްޓިގެން ދިޔުމުންނެވެ. ހުރިހާ ކަމެއް ނިމުނީހެން ހީވިއެއްކަމަކު ސިފައިން ދެންވެސް ތިބީ ބަޑިތައް ދިއްކޮށްގެނެވެ. އެހެން ތިއްބާ އަނެއްކާވެސް ހަތިޔާރެއް ހިފައިގެން މޫނު ނިވާކޮށްގެން ބިޔަކޮށް ހުރި ފިރިހެނަކު ލަސް ހިނގުމެއްގައި ޑެކްމައްޗަށް ނިކުތެވެ. އެމީހާ ފެނުމުން އަނެއްކާވެސް ކޯސްޓް ގާޑްގެ ކެޕްޓަން ބަލި ޤަބޫލުކުރުމަށް އެންގިއެވެ. އެ ފިރިހެން މީހާ ބަޑި ތިރިކޮށް އިސްޖަހައިގެން ހިނގާފައި ދިޔަ ގޮތުން އޭނަ ފަސޭހައިން ބަލި ޤަބޫލުކޮށްލާނެހެން ބަލާ މީހަކަށް ހީވެދާނެއެވެ. މޫނު ނިވާކުރެވިފައިވުމުން އެމީހެއްގެ މޫނު ސާފު ނުވިއެއްކަމަކު އެ ހަށިގަނޑުގެ ބައްޓަމުން އެއީ ކާކުކަން ޒިހާނަށް ޔަޤީނާއި ގާތްވިއެވެ. އެ ހިނދުކޮޅުގައި މެއަށް ފިނިވިއެއްކަމަކު ޒިހާން އޭނަގެ ބަޑިއާއި އެކީ ލަސް ފިޔަވަޅުތަކެއްގައި ދާން ފެށީ ކުރިއަށެވެ.
**
“އަޅުގަނޑު މި ދެއްކި ހުރިހާ ވާހަކަތަކަކީ ވެސް ޙަޤީޤަތް. ދެންމެ އަޅުގަނޑު ސްކްރީންގައި މި އަޅުވައިލި ފޮޓޯތަކުން ތިބޭފުޅުންނަށް އެކަން ޔަޤީންވާނެ ކަމަށް އުއްމީދުކުރަން. ދިވެހި ސިފައިންނާއި ހަނގުރާމަ ކުރުމަށް ޤަވާޢިދާއި ޚިލާފަށް ރާއްޖެއަށް ހަތިޔާރުތައް އެތެރެ ކުރުމުގައި އިސްކޮށް ހުރީ އަޅުގަނޑުގެ ބައްޕަ، އަޙްމަދު ލަބީބް. މީގެ އިތުރުން އަޅުގަނޑާއި ދެބެއިންގެ ދެދަރި އަލީ ޔޫސުފްވެސް މިކަމުގައި ޝާމިލްވޭ. ޔޫސުފް ވަނީ ޕެރެމައުންޓް ހޮޓެލްގެ ސީއީއޯއަށް އެންގުމެއްނެތި އެތަނުގެ ރައުސްމާލުވެސް މި ޖަރީމާ ހިންގުމަށް ބޭނުންކޮށްފަކަން ފާހަގަކޮށްލަން. މިކަން ކޮށްގެން އެ ހޮޓެލްގެ ސީއީއޯ މިކަމުގައި ބައްދަން އެމީހުން ތިބީ ރާވައިގެން. މީގެ އެއް ސަބަބަކީ އަޅުގަނޑު ކުރިން ދެންނެވި ޒުވާނާ ކަމަށްވާ ޒުބީން. ޒުބީނަކީ ބޯޓު ދަތުރުގަ މަސައްކަތް ކުރަމުން ގޮސް ބޭރު ޤައުމަކަށް ބަދަލުވެ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކޮށްގެން މުއްސަނދިވި ޒުވާނެއް. ލަބީބް ޒުބީނާއި ދިމާވީ ވެސް ޒުބީނާއި ހަމީދު ރާއްޖޭގައި ތިބެގެން ހިންގަމުން ދިޔަ އެފަދަ ޖަރީމާއެއްގެ ތެރެއިން ކަމަށް ވެސް ދަންނަވަން. ކުރިން ވެސް ލަބީބް ހަމީދާއި އެކީ ރާއްޖޭގެ ހަމަޖެހުން ނަގާލަން މަސައްކަތް ކޮށްފަ ވުމާއެކު ޒުބީން ހަމީދަށް ވުރެ ލާރީގެ ގޮތުން ތަނަވަސްވުމުން އެ ދެމީހުންނާއެކީ ލަބީބް ވަނީ މި ދުވަހަށް ރޭވުންތަކެއް ރާވާފައި. މިކަން ހާމަވާ ރެކޯޑިންގްތައް ވެސް އަޅުގަނޑުގެ އަތުގަ އެބަހުރި…..”
ޖިނާހު ކެމެރާތަކުގެ ކުރިމަތީގައި މި ވާހަކަތައް ދައްކަމުން ދިޔައިރު އޭނަގެ ކެމްޕެއިން އޮފީހުގެ ކުރިމަތީގައި އަޑު ހަރުވެފައިވިއެވެ. އަޑުހަރު ކުރަމުން ދިޔައީ ޢާއްމު ރައްޔިތުންނެއް ނޫނެވެ. ޖިނާހު ހުއްޓުވުމަށްޓަކައި އެ ކޮންފަރެންސް ފެށުނު ފަހުން ލަބީބް ފޮނުވި މާރާމާރީ ހިންގާ ޒުވާނުންކޮޅެކެވެ. އެހެނަސް ޖިނާހު އޭނަގެ ބައްޕަގެ ގޮތް ދަނެގެން ކުރީއްސުރެ ވެސް ފުލުހުންނަށް ގުޅާފައިވާތީ ފުލުހުންވަނީ އެމީހުންގެ ޙަރަކާތްތައް ކޮންޓްރޯލްކޮށް ބައެއް މީހުން ހައްޔަރުވެސް ކޮށްފައެވެ. ޖިނާހު ކޮންފަރެންސް ގައި އިންއިރު ވެސް މޭޒުމަތީގައި އޮތް ޖިނާހުގެ ފޯނަށް ލަބީބް ގުޅަމުން ދިޔައެއްކަމަކު ޖިނާހު އޭތި ނަގާ ކަހަލަ ޚިޔާލެއް ނުކުރިއެވެ.
“ބައެއް މީހުން ހިތްޕުޅުގަ ސުވާލު އުފެދިދާނެ ކީއްވެތޯ އަޅުގަނޑުގެ ބައްޕަގެ ހުރިހާ ކުށެއް މި ފާހަގަ ކުރަނީ. ބައްޕަގެ ސަބަބުންނޭ މިއަދު އަހަރެން މަޖިލީހުގެ މަޤާމަށް ހޮވިފައި ވަނީވެސް. އެކަމަކު މިއަދު އަޅުގަނޑަށް އެ މަޤާމް މުހިއްމެއް ނޫން. އަޅުގަނޑު ބައްޕަގެ ރޭވުންތަކުގަ ޢަމަލީ ގޮތުން ބައިވެރި ނުވިޔަސް މި ހުރިހާ ކަންތައް މިހާ ދުވަސްވަންދެން ފޮރުވައިގެން އުޅުނިން. މި ކުށުގެ ނަތީޖާއެއްގެ ގޮތުން މަޤާމް ގެއްލުނަސް ހިތާމައެއް ނުކުރާނަން. އެއީ މި މަޤާމް ލިބުމުގެ ކުރިން އަޅުގަނޑުގެ މަންމަ ދެންނެވި ވާހަކައެއް ހަނދާން ހުންނާތީ. މަޤާމަށްވުރެ މުހިއްމީ ތެދުވެރިކަމޭ. ތިމާގެ މީހަކުވެސް ގޯހެއް ހެދިއްޔާ އެ ވާހަކަވެސް ބުނަން ވާނެއޭ. އަދި އަޅުގަނޑުގެ 9 އަހަރުގެ ކޮއްކޮވެސް ބުނެ އުޅުނު ބޭބެ މަޖިލިސް މެންބަރަކަށް ވީ ދުވަހަކުން އެހެން މީހުންހެން ދޮގު ނަހަދަންޏާ ބޭބެ ވަރަށް ކޫލްވާނެއޭ. ހެހެ…..” ޖިނާހު ވާހަކަ ދެއްކުމަށްފަހު ހީލިއިރު އެ މޫނުމަތީގައި ހިތާމަވެރިކަމެއްވިކަން ފަރުވާތެރިކަމާއެކީ ބަލަން ތިބި ބަޔަކަށް އެނގޭނެއެވެ. އެހެނަސް އެ ވަގުތާއި ޖެހެންދެން ވެސް ޓީވީއަށް ފަސްދީގެން ހުރި ލޫލޫއަށް ޖިނާހު ނުފެނުނެއްކަމަކު އެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ބޭބެއަށް ކިތަންމެ ނަފްރަތުކުރަން އުޅުނެއްކަމަކު މިހާ ދުވަސް ވީއިރުވެސް ބޭބެ އޭނަ މަތިން ހަނދާން ހުރީތީ ހިތަށް އަސަރުކުރިއެވެ. އަދި މިހުރިހާ ދުވަހު އޭނައަށް ހީވީ ކުށްހީއެއް ކަމަށް ހީކުރެވެން ފެށީ އެވަގުތުކޮޅުގައެވެ.
**
ބޯޓުގެ ޑެކްމަތީގައި އިސްއުފުލައިލުމެއްނެތި ހުރި ހަމީދަށް ވެސް ކުރެވެމުން ދިޔައީ ކުށްހީއެކެވެ. ހަމީދު ނިންމައިގެން ހުރި އޭނަ ބަލި ޤަބޫލުކުރީ ކަމަށް ކުރިމަތީގައި ތިބި މީހުން ލައްވާ ހީކުރުވުމަށްފަހު ކުއްލި ގޮތަކަށް ޙަމަލާތައް ފޮނުވަން ފެށުމުން އަދިވެސް އޭނަ މޮޅުވާނެ ކަމަށެވެ. އެހެނަސް އޭނަ އެ ފަދައިން ކުއްލި ގޮތަކަށް ބަޑި އަމާޒުކޮށްލި ހިނދު ކުރިމަތިން ފެނުނު މަންޒަރުން އޭނަގެ އަތް ތުރުތުރު އެޅިއެވެ. ކޯސްޓް ގާޑްގެ ޑެކްގެ އެންމެ ކުރީގައި އެވަގުތު އޭނައާއި ދިމާލަށް ބަޑި އަމާޒުކޮށްގެން ހުރީ ޒިހާން ނޫން ދެވަނަ މީހެއް ނޫނެވެ. ދުރުން ފެނުނެއްކަމަކު ހަމީދަށް އެ ސޫރަ ނުއޮޅެއެވެ. އެއީ ޒިހާންކަން އެނގުމުން ހަމީދަށް އޭނަގެ ހަތިޔާރު ދިއްކޮށްލެވުނު ގޮތަށް ހުރެވުނީއެވެ. އޭނަގެ އަތުން ވަރު ދޫވަމުން ދިޔަހެން ހީވި ވަގުތު އެ ދިގު ބަޑީގައި އިހުނަށްވުރެ ބާރަށް ހިފަހައްޓައިލެވުނެވެ.
ޚުދު ޒިހާނަށް ވެސް ވީ އެކަހަލަ ގޮތެކެވެ. ދުޝްމިނުންގެ މީހާ ސީދާ އޭނަގެ ކުރިމައްޗަށް ވާ ގޮތަށް ބަޑި ދިއްކޮށްލުމުން ޒިހާނަށް ޓްރިގަރުގައި އިނގިލި އަޅައިލެވުނެވެ. އެހެނަސް ހަމަ އެވަގުތު އޭނަގެ ހިތުގެ ތެޅުން އަވަސްވެ މުޅި ހަށިގަނޑުން ވަރުދޫވާން އުޅުނުހެން ހީވީ އެއީ ކާކުކަން އެނގުމުންނެވެ. އިސާހިތަކު ކުޑައިރު އޭނަ ތަޙައްމަލު ކުރި އަނިޔާތައް އެއްފަހަރާ އޭނަގެ ލޯ ކުރިމަތިން ސިފަވާން ފެށުމުން ޒިހާން އާދައިގެ މަތިން އެ ހުރިތަނަށް ތިރިވާން ބޭނުންވިއެވެ.
އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އެދުވަހު އޭނައަށް ލިބިފައިވީ އާދަޔާ ޚިލާފު ހިތްވަރެކެވެ. އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ ޔުނާ ފަހަކަށް އައިސް ތަކުރާރުކޮށް ބުނަމުންދާ ބަސްތަކެވެ.
“ބިރުގަންނަ ފަދަ ޙާލަތެއްގަ ބަލިކަށިވާން އުޅޭ ވަގުތު ކުޑައިރުކޮޅަކަށް ހިތްވަރު ކޮށްލުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއް. ހިތްވަރުކުރަން ނިންމާ އެ ވަގުތުކޮޅަކީ އެ ބިރުވެރިކަން އެއްކޮށް ނެތިކޮށްލާނެފަދަ ވަގުތުކޮޅަކަށް ވެސް ވެދާނެ….”
ޔުނާގެ އެ ބަސްތައް ހަނދާންވަމުން ދިޔަދިޔަހެން ޒިހާން އެ ހުރިގޮތަށް ހުންނަން އިތުރު ހިތްވަރެއްލިއެވެ. އިހުނަށްވުރެ ގަދައަށް ދާހިއްލައި އަތުގައި މަޑު ތުރުތުރެއްވެސް އުފެދިގެން ދިޔައެއްކަމަކު ޒިހާން އޭނަ ހުރި ގޮތް ދޫކޮށްލާފަދަ ޚިޔާލެއް ނުކުރެއެވެ. އޭނަގެ ނޭވާ ކުރުވާން ފަށައި ދެން ނުހުރެވޭނެހެން ހީވާން ފެށި ވަގުތު ޒިހާނަށް ފެނިގެން ދިޔައީ ޤަބޫލުކުރަން ވެސް ދަތިވި މަންޒަރެކެވެ. އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ ހަމީދު ލަސްލަހުން އޭނަގެ ބަޑި ތިރި ކުރަމުން އޭތި ތިރީގައި ބޭއްވިއެވެ. އެއަށްފަހު އޭނަގެ މޫނުގައި ހުރި މާސްކް ވެސް ނަގައި އެއްފަރާތަކަށް ދޫކޮށްލަމުން ކަކޫމައްޗަށް ތިރިވެ އޭނަގެ ދެއަތް ގެންގޮސް ބޮލުގެ ފުއްކިބައިގައި ޖެއްސީ ބަލި ޤަބޫލުކުރި ކަމުގެ ޢިޝާރާތެއްގެ ގޮތުންނެވެ.
އެ މަންޒަރު ފެނިފައި ޒިހާނަށް ކުރެވިގެން ދިޔައީ އާދަޔާ ޚިލާފު އިޙްސާސްތަކެވެ. އެތައް އަހަރެއް ވަންދެން އޭނަގެ ހިތުގެ ފުންމިނުގައި ވި ބިރުވެރިކަމުގެ މައްޗަށް އޭނައަށް ބާރު ފޯރުވިއްޖެކަމަށް ޤަބޫލުކުރެވުނެވެ. އިސާހިތަކު އޭނަގެ ހިތުތެރޭގައިވި ބިރުވެރިކަން ލަސްލަހުން ފޭދިގެން ގޮސް އޭނައަށް ދުވަހަކުވެސް ނުލިބޭފަދަ ހިތްވަރެއް ލިބުމުން ދެންވެސް ހުރިގޮތަށް ހުރެ ހިނިތުންވެލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.
އިރުކޮޅެއްގެ ތެރޭގައި ކޯސްޓް ގާޑްގެ ލޯންޗްތަކެއް އައިސް ދުޝްމިނުން ތިބި ބޯޓު ވަށައިލި ހިނދު ހަމީދުގެ މޫނުމަތީގައި ވެސްވީ ލުއި ހިނިތުންވުމެކެވެ. އޭނަ ހިތުން އިރުކޮޅެއް ވަންދެން ޒިހާނާއި ދިމާލަށް ބަޑި ދިއްކޮށްގެން ހުރީ އޭނައަކީ ކާކުކަން އެނގި ޒިހާން ބަލިކަށި ވާނެ ކަމަށް ހީކުރަމުންނެވެ. ޒިހާންގެ މޫނުމަތިން އެ އަސަރުތައް ވެސް ހަމީދަށް ފާހަގަވިއެވެ. އެހެނަސް ޒިހާން ބަލި ޤަބޫލުކުރުމެއްނެތި އެ ހުރިގޮތަށް ހުރުމުން ހަމީދަށް ޒިހާނާއިމެދު ފަޚުރުވެރިވެވުނެވެ. އޭނަ އެހެން ނޫނަސް ޒިހާނާއި ދިމާލަށް ބަޑި ދިއްކޮށްގެން ހުރީ ހިތާއި ދެކޮޅަށް ކަމާއި، އޭނަގެ އަތުން ޒިހާނަށް ގޮތެއްވެއްޖެނަމަ ކުރެވޭނެ އިޙްސާސް އެނގިފައިވާތީ ހަމީދު ހަތިޔާރު ބެހެއްޓީއެވެ. އޭނަ ބަލި ޤަބޫލުކުރި ވަގުތު ޒިހާންގެ ހިނިތުންވުން ފެނިފައި އޭނަގެ ހިތަށް ވެސް އުފަލެއް ލިބުނެވެ.
**
ފޯނަށް އައި މެސެޖު ފެނުމާއެކު ޔުނާ އަތާއި ގުޅާލެވިފައިވި އައިވީ އަމިއްލައަށް ނައްޓައިލުމަށްފަހު ބުރުގާ އަޅައިގެން ނިކުންނަން ދިޔައީ އަވަސް ޙަރަކާތްތަކެއްގައެވެ. ކިތަންމެ އަވަހަށް ހިނގަން މަސައްކަތް ކުރިއެއްކަމަކު ކޮރު ޖަހަމުން ކުރިއަށް ދެވުނީ ބަނޑުގައި އުފެދިފައިވި ރިހުމެއްގެ ސަބަބުންނެވެ. އަމިއްލަ ޙާލަތާއިމެދު ވިސްނައި އެ ވާހަކަ ޑޮކްޓަރަކާއި ހަމައަށް ވީހާވެސް އަވަހަށް ގެންދަން ޖެހޭކަން އެނގުނެއްކަމަކު ލިފްޓަށް އަރައި އެންމެ މަތީ ފަންގިފިލާއަށް ދިޔުމަށް ފިތަކަށް އޮބައިލެވުނީ ފޯނަށް އައި މެސެޖުގެ ބިރުވެރިކަމުންނެވެ.
“މިއަދު މި ހިނގާ ހަނގުރާމައިގެ ތެރެއިން ކަލޭގެ ފިރިމީހާ ޒިހާންގެ މަރުވެފައިވާ ހަށިގަނޑު ދެކެން ބޭނުން ނޫނިއްޔާ މި ވަގުތުން ވަގުތަށް ހޮސްޕިޓަލުގެ ޓެރެސްއަށް އާދޭ.”
މެސެޖުގައި ހުރި ބަސްތައް ތަކުރާރުކޮށް ސިކުނޑީގައި ދައުރުވަމުން ދިޔަދިޔަހެން ވެސް ޔުނާގެ ބިރުވެރިކަން ދެގުނަވެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. މެސެޖު ފެނުމާއެކު ވެގެން ދިޔަ ހާސްކަމެއްގެ ބޮޑުކަމުން ނޭނގޭ ނަންބަރަކުން ގުޅިޔަސް ފޯނު ނުނަގަން ޒިހާން ބުނި ބަސްތައް ޔުނާގެ ހަނދާނުގައެއް ނެތެވެ.
ލިފްޓުގެ ދޮރު ހުޅުވިގެން ދިޔުމާއެކު އިތުރު ދެ ސިޑި ބަރި ގިރާ ކުރުމަށްފަހު ޔުނާ ޓެރެސްއާއި ހަމައަށް ދިޔައެވެ. އެހިނދު ބަނޑުގައި އުފެދިފައިވި ރިހުން އިހުނަށްވުރެ އެތައް ގުނައެއް ގަދަވެފައިވުމުން ދެފައިން ވާގި ދޫވާން އުޅޭހެން ވެސް ޔުނާއަށް ހީވަމުން ދިޔައެވެ. އެހެނަސް ޓެރެސްގެ މެދަށް ގޮސް ވަށައި ހޯދަމުން ދަނިކޮށް ފިރިހެނެއްގެ ހުނުމުގެ އަޑު އިވެން ފެށިއެވެ.
“ހެހެހެހެ……ތި އައީދޯ؟ އަހަރެން ހީކުރި ވަރަށްވުރެ ފަސޭހައިން ތިއައީ. ވާނީވެސް އެހެންތާދޯ؟ ބަނޑުގައި އޮތް ދަރިފުޅުގެ ބައްޕަ މަރުވާން އެއްވެސް މަންމައަކު ބޭނުން ނުވާނެތާ….” ޒުވާނާގެ އަޑަށް ޔުނާ ފަސްއެނބުރި ބަލައިލިއެވެ. އެހިނދު އެތާހުރީ ނުލަފާ ހިނިތުންވުމެއްގައި ހުރި ޒުބީން ނޫން ދެވަނަ މީހެއް ނޫނެވެ.
“ތިއީ ކާކު؟ ކޮބާ ޒިހާން؟” ޔުނާ އެ ސުވާލުތައް ކޮށްލިއިރު އަޑު ތުރުތުރު އެޅިއެވެ. އެއާއެކު ޒުބީން ޗޮއްކަނޑަން ފެށިއެވެ.
“ޒިހާންގެ ވާހަކަ ބާއްވަމާދޯ؟ މިތަނަށް މި އައީ ވަރަށް މުހިއްމު ކަމަކުއޭ….ލަފާ ކުރެވޭ ގޮތުގަ ޔުނާ ދެން ދުނިޔޭގަ ނުހުންނާނެ މަދު މިނެޓަށް ވަންދެން ނޫނީ. އެކަމަކު އަހަރެން އަމިއްލަ އަތުން އެކަން ނުކޮށް ހަމަ ހިތްހަމަނުޖެހޭނެތީ….” ޒުބީން ނުހަނު ހަމަޖެހިގެން ހުރެ އެހެން ބުނުމަށްފަހު އޭނަ ލައިގެން ހުރި ޖެކެޓްގެ ތެރެއިން ފިސްތޯލެއް ނަގައި ޔުނާއާއި ދިމާލަށް ދިއްކޮށްލިއެވެ.
**
ކޯސްޓް ގާޑްގެ ލޯންޗްތައް އައިތާ މާ ގިނައިރެއް ނުވެ ސިފައިންގެ މީހުން ބޯޓަށް އަރައި ޢާއްމުންގެ ޙާލަތު ބެލިއެވެ. ދުޝްމިނުން ބޯޓުގެ ޑެކްމައްޗަށް ދިޔަ ވަގުތު ބޯޓުގެ ފަޅުވެރިޔާގެ އެދުމަށް އެންމެން ދިޔައީ ބޯޓުގެ އަޑީ ބަޔަށެވެ. އެހެންކަމުން ޢާއްމުންގެ މީހުންނަށް އަނިޔާތައް ވެފައި ހުރީ ސިފައިންނަށް އާދެވުމުގެ ކުރިން ހިންގުނު މާރާމާރީގެ ތެރެއިންނެވެ. ބޯޓުގައި ތިބި މީހުންގެ ތެރެއިން އަވަސް ފަރުވާއަށް ބޭނުންވާ އެންމެން ކޯސްޓް ގާޑްގެ ލޯންޗްތަކަށާއި އެވަގުތު އެތަނަށް އައިސްފައި އޮތް ސީ އެމްބިއުލާންސްއަށް ވެސް އެރުވުނެވެ. އެހެނަސް ޢާއްމުންގެ ތެރެއިން ފިޓް ޖެހިގެން ވަރަށް ޙާލަތު ގޯސްވެފައިވި 4 އަހަރުގެ އަންހެން ކުއްޖަކު ލޯންޗުން ގެންދިޔުމުން ވެސް ލަސްވެދާނެތީ ސިފައިންގެ ހެލިކޮޕްޓަރަށް ގުޅައިލެވުނެވެ. އެ ހެލިކޮޕްޓަރު އެ ވަގުތު ވެސް އުތުރުގައި ޙާލު ދެރަވީ މީހަކު ގޮވައިގެން މާލެއާއި ދިމާލަށް އަންނަމުން ދިޔައީތީ މާ ގިނައިރެއް ނުވެ އެ ހެލިކޮޕްޓަރު އޮތީ ބޯޓުގެ މަތީގައި މަޑުކޮށްލައިގެންނެވެ.
އެ ކުޑަ އަންހެން ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދިޔުމަށް އިސްނެގީ ޒިހާނެވެ. އޭނަ އެހެން ނޫނަސް ޔުނާއާއިމެދު ކަންބޮޑުވަމުން ދިޔައީތީ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ދާން ބޭނުންވުމުންނެވެ. އެ ކުޑަ އަންހެން ކުއްޖާ ފެނުމުން ވެސް ޒިހާންގެ ހިތް ލޯބިން ފުރިގެން ދިޔައެވެ. ހޭނެތިފައި އޮތް އެ އަންހެން ކުއްޖާ ޒިހާން ލޯތްބާއެކީ އުރައިލީ އެ ކުއްޖާގެ މަންމައާއި ބައްޕައަށް ހުރިހާ ކަމެއް ރަނގަޅުވާނެ ކަމުގެ ތަސައްލީ ދެމުންނެވެ. ޒިހާން އެކުއްޖާ ހެލިކޮޕްޓަރަށް އެރުވީ ހެލިކޮޕްޓަރުން ވައްޓައިލި ވާގަނޑެއްގައި ހިފައިގެންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެ ވާގަނޑު ލަސްލަހުން ދަމައިލެވުމުން ޒިހާނަށް ހުރެވުނީ އެ ކުއްޖާއާއެކީ ހެލިކޮޕްޓަރުގެ ތެރޭގައެވެ.
**
“ތިއީދޯ އަހަރެންގެ….ދޮންބެ މަރާލި މީހަކީ؟” ޔުނާއަށް އެ ސުވާލުވެސް ކޮށްލެވުނީ ރޫރޫއަޅާ އަޑަކުންނެވެ. އެ ސުވާލު ނިމުނުއިރު ޔުނާގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ.
“ހުމް…..އަނެއްހެން ބުނަންޏާ އަހަރެން މިއީ ޔުނާގެ ކޮއްކޮއެއް. ޔުނާއާއި ޔުނާގެ ދޮންބެ ހަނދާން ނައްތައިލި ކޮއްކޮ….އެކަމަކު މަށަށް ވަރިހަމަ ތި ދެމީހުން މަ ޢާއިލާއެއްގެ ގޮތުގަ ދުވަހަކު ޤަބޫލުނުކުރިޔަސް. މަގޭ ޢާއިލާ މަށަށް ގެއްލިގެން ދިޔައީ ކަލޭމެންނާ ހެދި!” ޒުބީން ދެންވެސް ވާހަކަ ދެއްކީ ފިސްތޯލު ދިއްކޮށްގެން ހުރެއެވެ.
ނުތަނަވަސްކަމާއެކީ ހިތް ތެޅެމުން ދިޔަ އެ ވަގުތުވެސް ޔުނާއަށް އެއީ ކާކުކަން އެ ވަގުތު ނަގައިގަނެވުނެވެ. ދޮންބެ ވީޑިޔޯތަކުގައި ދެއްކި ވާހަކަ ވެސް ހަނދާންވެގެން ދިޔުމުންނެވެ.
“ތިއީ ބައްޕަގެ…..” ޔުނާއަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ.
“ހުމް….އަހަރުމެންގެ ހުރީ އެއް ބައްޕައެއް. އެކަމަކު ކަލޭމެންގެ ދަހިވެތިކަމުގެ ސަބަބުން އެ ބައްޕަގެ މުދަލުން އަހަރުމެންނަށް ނުލިބުނީ….އޭގެ ބަދަލު އަހަރެން ހިފީ ކަލޭގެ ދޮންބެ މަރާލައިގެން….އެއަށްފަހު ދުރުގައި ހުރެގެން ވެސް ކަލޭ މަރައިލަން ހާދަ މަސައްކަތެއް ކުރީމޭ. ޔޮޓްގައި ހުއްޓާ މީހަކު ލައްވާ ކަނޑަށް ވެއްޓުމާއި، އެޕާޓްމެންޓްގަ ރޯވުމާއި، ކަލޭގެ ދޮންބެ ގޮތަށް ސިނަމާލެ ބްރިޖް މަތިން އެކްސިޑެންޓް ކުރުވަން އުޅުމާ…..އެ ހުރިހާ ކަމެއް ފޭލްވީ އެ ޒިހާނަކާހެދި. އެކަމަކު އެކަންތަކުގެ ތެރެއިން ވެސް ކަލޭ ދަތި ހާލުގަ ބިރުވެރިކަމުގެ ތެރޭގަ އުޅުނުތަން ފެނުނީމަ އުފަލެއް ލިބުނު…..އެކަމަކު ދެނެއް ނޫން. ކަލޭ މަރާލައިގެން މި ކުޅިގަނޑު އެއްކޮށް ނިންމާލާން އަހަރެން ބޭނުމީ…..” ޒުބީން އަލިފާން ކަނި ބުރާހެން ހީވާ ލޮލާއެކީ ޔުނާއާއި ދިމާލަށް ދިގު ފިޔަވަޅުތަކެއް އަޅަން ފެށުމުން ޔުނާއަށް ފަހަތަށް ފިޔަވަޅު އެޅެން ފެށީ ބިރުވެރިކަމާއި އެކީގައެވެ.
**
ހެލިކޮޕްޓަރުގައި އިން ޒިހާން ހާސްކަމެއްގެ ތެރޭގައިވީ އޭނަ ތަކުރާރުކޮށް ޔުނާގެ ފޯނަށް ގުޅަމުން ދިޔައިރު ވެސް ޖަވާބެއް ނުލިބޭތީވެއެވެ. އެ ނުތަނަވަސްކަން ދެގުނަވެގެން ދިޔައީ ހޮސްޕިޓަލްގެ ރިސެޕްޝަނަށް ގުޅައި ޔުނާގެ ޚަބަރު އެހުމުން އެ ވޯޑުގައި އެއްވެސް މީހެއް ނެތް ވާހަކަ އިވުނެވެ. ޒިހާން އެ ކޯލު ކަނޑައިލި ވަގުތަކީ ހެލިކޮޕްޓަރު މާލެއާއި ހަމަވީ ވަގުތެވެ. ހެލިކޮޕްޓަރު ކުރިއަށް ދިޔަދިޔަހެން މާލޭގެ މަލަމަތިން ޔުނާ އޮތް ހޮސްޕިޓަލުގެ ޓެރެސް ފެނުނު ވަގުތު ޒިހާނަށް ކަމެއް ފާހަގަވިތަނާހެން އޭނަގެ ލޯ ބޮޑުވިއެވެ.
**
“އާދޭސްކުރަން…..އަހަރެން ދިޔަދީ. އަހަރެންގެ ބަނޑުގަ އޮތް ދަރިފުޅު…އަހް!” ޔުނާއަށް ރޮމުން ވާހަކަ ދައްކަމުން ގޮސް ލުއި އާހެއްގެ އަޑު ލައްވާލެވުނީ ބަނޑުގައި އުފެދިފައިވި ރިހުމަށް ކެތްނުވާނެހެން ހީވުމުންނެވެ. ފަހަތަށް ފިޔަވަޅު އަޅަމުން ދިޔަ ވަގުތު ވެސް ޔުނާއަށް ހުރެވުނީ ބަނޑުގައި އަތް އަޅައިގެންނެވެ.
“އޯންވް! ތިއީ އެއްވެސް މައްސަލައެއް ނޫނޭ. ޔުނާގެ ކުރިން ޔުނާގެ ދަރިފުޅު މި ދުނިޔެ ދޫކުރާނެ. އަދި ތި ދެމީހުންގެ ކުރިން ޒިހާން ވެސް ވަނީ މި ދުނިޔެއަށް އަލްވަދާޢު ކިޔާފަ. އެހެންވީމަ މިއަދު އަހަންނަށް ހަމަ ޔަޤީނުންވެސް އަހަރެންގެ އަމާޒު ޙާޞިލުވާނެ…” ޒުބީން ޒިހާނާއިމެދު ދޮގެއް ހަދައިލީ ޔުނާ އިތުރަށް ދެރަކޮށްލުމުގެ ގޮތުން އެ ބަސްތަކުން ޚުދު އަމިއްލަ ނަފްސަށް ވެސް ހަމަޖެހުމެއް ލިބޭތޯއެވެ. އެވަގުތު ފަހަތަށް ޖެހެމުން ދިޔަ ޔުނާ އިހުނަށްވުރެ ގަދައަށް ރޮއިގަންނަމުން ފަހަތަށް ޖެހުނު ވަގުތު ޓެރެސްގެ ކައިރި ފަށާއި ހަމައަށް ދެވިއްޖެއެވެ.
ޒުބީން އެއްމިޔަކަނުގެ ހިނިތުންވުމަކާއެކީ އިތުރަށް އެއް ފިޔަވަޅު އަޅައިލުމުން ޔުނާ ފަހަތަށް ޖެހެން ޚިޔާލުކުރި ވަގުތަކީ ހެލިކޮޕްޓަރުގެ އަޑެއް ނުހަނު ގާތުން އިވެން ފެށި ވަގުތެވެ. އެއާއެކު ޔުނާއާއެކީ ޒުބީނަށް ވެސް މައްޗަށް ނަޒަރެއް ދެވުނެވެ. އެ ހިނދު ސިފައިންގެ ހެލިކޮޕްޓަރު ސީދާ އެ ޓެރެސްއާއި ދިމާލަށް މަޑުކޮށްލުމުން އެ ބުރަފަތީގެ ވައިން ޒުބީނަށް ހިރިލަން ވެސް އުދަގޫވިއެވެ. އަނެއްކާވެސް އޭނަގެ ރޭވުމެއް ފޭލްވާން އުޅުނުހެން ހީވި ވަގުތު ކޮންމެހެން ވެސް ފަހަތަށް ނުޖެހެން ނިންމަމުން ޒުބީން ފިސްތޯލުން ޙަމަލާއެއް ދޭން ތައްޔާރު ކުރީ ދަތްކުނޑި ވިކަމުންނެވެ. އެހެނަސް ޓްރިގަރަށް ދަމާލެވުމުގެ ކުރިން މިފަހަރު އޭނަގެ ކޮނޑުގައި އައިސް ޖެހުނީ ހެލިކޮޕްޓަރުން ފުންމައިލި މީހެއްގެ ފައެވެ. އިސާހިތަކު ޒުބީންގެ އަތުން ފިސްތޯލު މާ ދުރަށް ގޮސް އޭނަ ބިންމައްޗަށް ވެއްޓުނެވެ. އެ ހިނދު އެތާ ހުއްޓި ހުރީ ޒިހާން ނޫން ދެވަނަ މީހެއް ނޫނެވެ.
“ޒިހާން….” ޒިހާން ފެނުމާއެކު ޔުނާއަށް ގޮވައިލެވުނީ ވައި އަޑުންނެވެ. ހެލިކޮޕްޓަރުގެ ގަދަ އަޑުގެ ތެރެއިން ޒިހާނަށް އެ އަޑު ނުއިވުނެއްކަމަކު ޒިހާން ޔުނާއަށް ބަލައިލިއެވެ. އެއާއެކު ޔުނާ އަނެއްކާވެސް ރޮއިގަންނަމުން ޒިހާނާއި ދިމާލަށް ދާންފެށިއެވެ. ޒިހާން ޔުނާއަށްވުރެ ދިގު ފިޔަވަޅުކެއްގައި ގޮސް ޔުނާއާއި ހަމަ ކުރެވުނު ވަގުތު ޔުނާ އަރި އަޅައި ވެއްޓެން ވެސް އުޅުނެވެ. އެހެނަސް ޔުނާ ވެއްޓުމުގެ ކުރިން ޒިހާން ޔުނާ އަތުތެރެއަށް ގެނެސް އޭނަގެ ބާރު އަތުތެރޭގައި ހިފެހެއްޓިއެވެ.
ދެމީހުން ތިބިގޮތަށް ތިއްބާ ޒުބީން އަނެއްކާވެސް ތެދުވެގެން ގޮސް ޓެރެސްގެ ކަނެއްގައި އޮތް އޭނަގެ ފިސްތޯލު ނަގަން އުޅުނެވެ. އެހެނަސް އޭގެ ކުރިން އެތަނަށް އައި ފުލުހުންގެ ބަޔަކު އޭނަ ހައްޔަރު ކުރިއެވެ. ހެލިކޮޕްޓަރުގައި އިނދެ ޒިހާން ގުޅައިލި ފުލުހުންގެ ކާރުތަކުގެ ސައިރަންގެ އަޑު މުޅި ޞަރަޙައްދުގައި އެވަގުތު ގުގުމަމުން ދިޔައެވެ.
އެދުވަސްވެގެން ދިޔައީ ގިނަ ދުވަސްވަންދެން އަތު ގުޅާލައިގެން ޤައުމުގެ އަމާންކަން ނަގައިލަން މަސައްކަތް ކުރި ދުޝްމިނުންގެ ނިމުމަށެވެ.
**2 އަހަރު ފަސް**
“މި ރައުންޑްގަ ވެސް އަހަންނޭ މި މޮޅުވަނީ ބޭބޭ….” ލޫލޫ އެހެން ބުނެލީ އޭނައާއެކީ ޓޭބަލް ޓެނިސް ކުޅެމުން ދިޔަ ޖިނާހު ގާތުގައެވެ.
“އުނހު…..ތިއީ ހީވާ ގޮތް…” ޖިނާހު އެ ކުޑަ ބޯޅަ ޖަހަމުން ހިނިތުންވުމަކާއެކީ ބުންޏެވެ.
“ހުމް….ތިއީ އަބަދުވެސް ބޭބެ ބުނާ ގޮތޭ…އެކަމަކު ކޮންމެ ގޭމެއް ނިމޭއިރު ޓްރީޓެއް ދޭން ޖެހިފަ އޮންނަނީ ބޭބެ!” ލޫލޫ ކުޅުން ކުރިއަށް ގެންދަމުން ބުންޏެވެ.
“އެއީ ބަލިވާ ކަމަށް ހެދެނީއޭ ލޫލޫ ދެރަ ނުކުރަން…” ޖިނާހު ބުންޏެވެ.
“ހޫނ! އޭޒް އިފް….” ލޫލޫ ރާގަކަށް އެހެން ބުނެލި ގޮތުން ޖިނާހަށް ހީލެވުނެވެ.
ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި ޖިނާހާއި ލޫލޫގެ ގުޅުން ބަދަހިވެފައިވެއެވެ. ޖިނާހުގެ ކޮންފަރެންސް ޓީވީއިން ފެނުނު ދުވަހުއްސުރެ ލޫލޫއަށް ރޮވޭތީ ޒައިނާމެން އޭނަ މަސަލަސްކުރަން މަސައްކަތް ކޮށްފައިވެއެވެ. ލޫލޫ އޭނަގެ ބޭބެއާއި ބައްދަލުކުރަން ބޭނުންވޭތޯ ސުވާލުކުރުމުން ވެސް ލޫލޫ ކުރީ އިންކާރެވެ.
މި ޙާލަތު ބަދަލުވެގެން ދިޔައީ ޖިނާހު ޖަލު ބަންދުގެ މުއްދަތުގައި ވިސްނި ވިސްނުމުން ރޭވުނު ރޭވުމުންނެވެ. ޖިނާހު ލަބީބްމެންގެ ރޭވުމުގައި ބައިވެރި ނުވިއެއްކަމަކު އެ ޖަރީމާ ސިއްރުކުރި ކަމަށްޓަކައާއި، ފުލުހުންނަށް ރިޕޯޓުކުރުމުގެ ބަދަލުގައި ޓީވީއަށް އަރައި އެ ޒާތުގެ ވާހަކަތައް އިޢުލާންކުރުމުގެ ޙުކުމް އޭނައަށް އައެވެ. ޖިނާހު އެ ޙުކުމްތައް ޤަބޫލުކުރީ ވަކި ހިތާމަކުރުމެއް ނެތިއެވެ. އޭނަ އެގޮތަށް ކަންތައް ނުކުރިނަމަ އޭނަގެ ބައްޕަ އެތެރެއިން އެތެރެއިން ކަންތައް ހަމަޖައްސައިގެން އަނެއްކާވެސް ޤާނޫނުން ފިލަން މަސައްކަތް ކުރީސްކަން ޖިނާހަށް ރަނގަޅަށް އެނގޭތީވެއެވެ.
ޖިނާހުގެ ބަންދުގެ މުއްދަތު ދެމިގެން ދިޔައީ މަދު މަސްތަކަށް ކަމަށްވުމުން މަޖިލީހުގައި އޭނަގެ ގޮނޑި ނުގެއްލެއެވެ. އެހެންކަމުން މިނިވަންވީ ދުވަހުގެ އަނެއްދުވަހު ޖިނާހު ވަޒީފާއަށް ނިކުތީ އިހުނަށްވުރެ ރަނގަޅަށް އެ ވަޒީފާ އަދާކުރުމުގެ ނިޔަތުގައެވެ. މިގޮތުން ކުރިއާއި ޚިލާފަށް އޭނަ ޤަވާޢިދުން މަޖިލީހަށް ހާޒިރުވާންޖެހޭ ދުވަސްދުވަހު ހާޒިރުވެއެވެ. އަދި އޭނަގެ ދާއިރާގެ ކުރިއެރުމަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ލޫލޫއާއި ބައްދަލުކުރުމަށް ޖިނާހު ހިތްވަރު ކުރީ ވަޒީފާގައި ހަފްތާތަކެއް ވަންދެން އުޅުމަށްފަހުގައެވެ. މަޖިލީހުގައި އޭނަގެ ބަހުރުވަ ބަދަލުވެފައިވާ ގޮތް ފެނިފައި ވެސް ލޫލޫގެ ހިތް ބަދަލުވެދާނެއޭ ހިތާއެވެ. އެހެނަސް ލޫލޫއާއި ބައްދަލުކުރުމުގެ ކުރިން ޖިނާހު ގުޅައިލީ ޒިހާނަށެވެ. އަދި ޒިހާން ލައްވާ ލޫލޫ ގާތުގައި އޭރު ކަންތައް ވީ ގޮތް ކިޔައިދިނެވެ. ބޭބެ ދުވަހަކުވެސް ލޫލޫ ދޫކޮށްފައި ނުދާނެ ކަމުގެ ޔަޤީންކަން ވެސް ދިނެވެ.
ޖިނާހު ލޫލޫއާއި ބައްދަލުކުރަން މުލަކަށް ދިޔައީ ދެންވެސް ލޫލޫ އޭނަ ޤަބޫލުކުރާނެ ކަމުގެ އުއްމީދެއް ނެތިއެވެ. އެހެނަސް ޒިހާންމެންގެ ގެއަށް ގޮސް ލޫލޫ އޭނަގެ ކުރިމައްޗަށް އައިއިރު ވެސް ހުރީ ރޮވިފައެވެ. ޖިނާހު އެންމެ ފުރަތަމަ ވާހަކަ ދެއްކުމުން ވެސް ލޫލޫ ދުރުގައި ހުންނަން ފެށުމުން ޖިނާހު އުއްމީދު ކަނޑައިލަމުން ދާން އުޅުނެވެ. އެހެނަސް ދެވުމުގެ ކުރިން ލޫލޫ ‘ބޭބޭ’އޭ ކިޔައި ގޮވައިލުމުން ޖިނާހުގެ ލޮލަށް ވެސް ކަރުނަތައް ޖަމާވިއެވެ. ޖިނާހު ފަސްއެނބުރި ބަލައިލިތަނާހެން ލޫލޫ އައިސް އޭނަގެ ގައިގައި އޮޅުލައިގަތެވެ.
ލޫލޫ ބުނި ފަދައިން ޓޭބަލް ޓެނިސްގެ އެ ރައުންޑްއިން ވެސް މޮޅުވީ ލޫލޫއެވެ. އެހާ ހިސާބުން އެމީހުން ގޭމް ނިންމާލަމުން އެ ޓޭބަލް ޓެނިސް ކޯޓުގެ ތެރެއިން ނިކުތެވެ. އެއީ އެމީހުން ޗުއްޓީ ހޭދަކުރަން އައިސްގެން އުޅޭ ރިސޯޓެއްގައި ހުރި ކޯޓެކެވެ. އެތާ ތެރެއިން ނިކުމެގެން ރިސޯޓުގެ ހިމޭން މާޙައުލުން ހިނގާފައި ދިޔައީ އެކިއެކި ވާހަކަތައް ދައްކަމުންނެވެ.
“ހިނގާބަލަ މި ޓްރިޕް ނިންމާލާފައި އަދި މުލަކަށް ދާން ބޭބޭ….ތިއްތިބެއާއި ޔުނާ ދައްތި މިކޮޅަށް އަންނާނެ ކަންނޭނގެދޯ ވީކެއް ފަހުން؟” ލޫލޫ ބުންޏެވެ. ލޫލޫ މިހާރު އުޅެމުން ދަނީ ޖިނާހާއި އެކީ މާލޭގައި ކަމަށްވިޔަސް ލޫލޫ ޒިހާންގެ ޢާއިލާއާއި ދުރެއް ނުވެއެވެ. ތިން އަހަރު ވަންދެން އޭނަ ލޯތްބާއެކީ ބަލައި ބޮޑުކުރީ އެ ޢާއިލާ މީހުން ކަމަށްވާތީވެއެވެ.
“ނޭނގެ…..ތިއްތިބެ ބުންޏެއްނު ޔުނާ ދައްތިގެ ގްރެޖުއޭޝަން އޮންނާނީ ޓުވެންޓީ ފަސްޓްގައޭ. އެއީ މިއަދު ދޯ؟”
“އާނ އެހެންވެއްޖެއްޔާ އެއަށްވުރެ މާ ކުރިންވެސް އާދެވޭނެއެއްނު؟”
“ލޫލޫ…..ލޫލޫއަށް ވެސް މިހާރު މިކަންތައް އަންޑަސްޓޭންޑް ވާވަރަށް އޯލްޑް ކަންނޭނގެދޯ؟ ކަޕްލްއެއް އެގޮތަށް ބޭރަށް ގޮއްސަ އެހާ އަވަހަށް ނާންނާނެއޭ އާއްމުގޮތެއްގަ….”
“އޯންވް! އަޅެ ބޭބެވެސް ތިއްތިބެ ގޮތަށް ކަޕްލްއަކަށް ވެބަލަ!”
“މި….ތިއީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކައެއްނޫނޭ!”
“އުނހު ދެންމެ ބޭބެ ތިބުނީ އަހަންނަށް މިކަހަލަ ކަންތައް އަންޑަސްޓޭންޑް ވާވަރަށް މިހާރު އޯލްޑްއޭ. އެހެންނޫނަސް އަހަރެން ބޭބެގެ ކަންތަކާމެދު ނުވިސްނަންޏާ ކާކު ދެން ވިސްނާނީ ވެސް؟ ނޯ ވޮރީސް އިނގޭ. އަހަރެންގެ ބައެއް ފްރެންޑުން ބުނެ އުޅޭ ތިމަންނަމެންގެ ދައްތަމެން މަޖިލިސް މެންބަރު ޖިނާހަށް ކްރަޝްއެއް އޮންނަ ވާހަކަ. އޭގެ ތެރެއިން ރަނގަޅު ކުއްޖެއް ބަލާފަ ހޯދަދޭނަން އިނގޭ؟”
ލޫލޫ އެހެން ބުނެ އެއްލޯ މަރައިލުމުން ޖިނާހަށް ފަސްދީފައި ދިޔައީ އޭނައަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީއެވެ. ލޫލޫ ބުނި އެއްޗެއް ޤަބޫލުކުރަން ވެސް ބޭނުމެއް ނުވެފައި ޖިނާހު ބަލަން ހުއްޓާ ލޫލޫ ޒާތަކަށް ދުވަމުން ކުރިއަށް ދިޔައެވެ. ޖިނާހު ސިކުންތުކޮޅެއް ވަންދެން ހުރެފައި ހީލަމުން ބޯހޫރުވައިލިއެވެ. އެއަށްފަހު ލޫލޫގެ ފަހަތުން ދާންފެށިއެވެ.
**
އެމްސްޓާޑަމް ޔުނިވާރސިޓީގެ ބޮޑު ހޯލުގައި ޔުނާމެންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބޭއްވިގެން ދިޔައީ އެދުވަހު ހަވީރު ވަގުތެވެ. ޔުނާ ދަސްވެނިވެ ޕީއެޗްޑީގެ ސަނަދު ލިބިގެން ދިޔައީ ޒިހާންގެ ވެސް ހާޒިރީގައެވެ. ޔުނާ ސަނަދު ހޯދި ވަގުތުއާއި ސަނަދު ހޯދައިގެން ގޮނޑީގައި އިށީންނަން ދިޔަ މަގުމަތިން ވެސް ޒިހާން ޔުނާގެ ފޮޓޯ ނެގިއެވެ. އެވަގުތު ޒިހާން ފޯނު ދިއްކޮށްގެން ހުރި މަންޒަރު ފެނި ޔުނާގެ މޫނުމައްޗަށް ވެރިވީ އުޖާލާވި ހިނިތުންވުމެކެވެ. ޒިހާން އެ ހިނިތުންވުން އޭނަގެ ފޯނުގައި ރައްކާކުރިއެވެ.
ޔުނާ ގޮސް ގޮނޑީގައި އިށީންފަހުން ވެސް ޒިހާނަށް އެ ފޮޓޯއަށް ބަލަން އިނދެވުނެވެ. އެހެން އިނދެފައި ޒިހާނަށް ހިނިތުންވެލެވުނު ވަގުތު އޭނަގެ ލޮލުން ކަރުނަވެސް ހިލުނެވެ. ޔުނާގެ މޫނުމަތިން މި ހިނިތުންވުން ފެންނަނީ ކިހާ ދުވަހެއްގެ ހިތާމަތަކަށް ފަހުކަން އެނގުންވުމުންނެވެ.
މީގެ ދެ އަހަރު ކުރިން އެމީހުންގެ ޙަޔާތަށް ތޫފާނެއް ގެނައި އެންމެންނަށް ވެސް އެދުވަހުން އެދުވަހަށް ޙައްޤު އަދަބު ލިބުނެވެ. ޒުބީނާއި ޔޫސުފްގެ އިތުރުން ހަމީދާއި ލަބީބަށް ވެސް އައީ ދިގު މުއްދަތުގެ ޖަލުގެ ޙުކުމްތަކެވެ. އެހެނަސް އެމީހުންނަށް އަދަބު ލިބެން ފެށި ދުވަހަކީ ޔުނާއާއި ޒިހާންގެ ޙަޔާތަށް އައި އެންމެ ހިތާމަވެރި އެއްދުވަހަށްވިއެވެ.
ޑޮކްޓަރަކަށް އެންގުމަކާއި ނުލައި އެދުވަހު ޔުނާގެ އަތާއި ގުޅާލެވުނު އައިވީގައި ހުރި މާއްދާއެއްގެ ސަބަބުން ޔުނާގެ ބަނޑުގައި އޮތް ދަރިފުޅު ބައިގެން ދިޔައެވެ. އެ މާއްދާގެ ސަބަބުން ޔުނާވެސް ބަލިވިއެއްކަމަކު އެ ބައްޔަށްވުރެ ޔުނާ ކުރަން ފެށި ހިތާމަ ބޮޑުވިއެވެ. ޒިހާން އޭނައަށް ވީ ވަރަކުން ޔުނާއަށް ހިތްވަރު ލައިދިނެއްކަމަކު ޔުނާގެ ޙާލަތު ވަރަށް ގޯސްވިއެވެ. އެކަމަށްޓަކައި ޒިހާނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ ދުވަހަކުވެސް ނުކުރެވޭ ވަރަށެވެ. އެދުވަހު އޭނަ ޔުނާ ދޫކޮށްފައި ނުދިޔަނަމަ އެހެން ނުވީސްކަމަށް ބުނެ އޭނަގެ އަމިއްލަ ޒަމީރު އޭނައަށް މަލާމާތް ކުރަމުން ދިޔައެވެ.
ކޮންމެއަކަސް އާދައިގެ މަތިން ޒިހާން އޭނަގެ އިޙްސާސްތަކަށްވުރެ ބޮޑަށް ސަމާލުކަން ދިނީ ޔުނާގެ އިޙްސާސްތަކަށެވެ. އޭނަގެ ހިތުގައިވި ޝަކުވާތަކާއިމެދު ޔުނާއާއި ވާހަކަ ދައްކަން އުޅެފިނަމަ ޔުނާގެ ޙާލަތު އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނެކަން ދަނެގެންނެވެ.
ޔުނާ އެ ހިތާމައިގެ ސަބަބުން ޔުނާގެ ކިޔެވުން ވެސް މުޅިން ހުއްޓިގެން ދިޔައެވެ. އެތައް ދުވަހެއް ވަންދެން ރަނގަޅަށް ނުކައި ވާހަކަވެސް ނުދައްކައި ނުވެސް ނިދައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޔުނާ މި ޙާލަތުގައި އުޅޭތަން ދެކެން ކެތްނުވުމުން ޒިހާން ޔުނާއަށް ފަރުވާ ހޯދައިދެވޭތޯ މަސައްކަތް ކުރިއެވެ. ކައުންސެލަރެއްގެ ކައިރިއަށް ޔުނާ ގެންގޮސް ކައުންސެލަރުގެ އިރުޝާދުގެ ދަށުން ސައިކައޭޓްރިސްޓަކަށް ވެސް ދައްކައި ބޭސްވެސް ދޭން ފެށިއެވެ. އެ ފަރުވާތަކުގެ ތެރެއިން ޒިހާން ޔުނާ ލައްވާ ކޮންމެހެން ވެސް ނަމާދު ކުރުވަން ވެސް މަސައްކަތް ކުރިއެވެ. އަދި ކޮންމެ ނަމާދަކަށްފަހު ޤުރުއާނުން އާޔަތްތަކެއްގެ މާނަ ހިއްސާ ކުރިއެވެ.
އެ އާޔަތްތަކެއްގެ އަސަރުން ކަންނޭނގެއެވެ. އެގޮތަށް ނަސޭހަތްތައް ދޭންފެށިތާ މާ ގިނަ ދުވަހެއްނުވެ ޔުނާ އަމިއްލައަށް އިސްނަގައިގެން ނަމާދުކޮށް ޤުރުއާން ކިޔަވަން ފެށިއެވެ. އަދި ޒިހާން ގާތު އޭނައާއި އާޔަތެއް ހިއްސާކޮށްލުމަށް އެދެވެން ފެށިއެވެ. މިފަދަ ގޮތަކަށް އުޅުނު ބަދަލުވިތާ ހަފްތާތަކެއް ފަހުން ޔުނާ އޭނަގެ ކިޔެވުން ވެސް އަލުން ފަށަން ނިންމިއެވެ.
ޔުނާއަށް މިފަދަ ގިނަ ބަދަލުތަކެއް އައެއްކަމަކު ޒިހާންގެ ނޭދެވޭ އިޙްސާސްތަކާއި އެދުވަހުގެ ސަބަބުން ހިތަށް ލިބުނު ޒަޚަމްތައް ދިޔައީ ގޯސްވަމުންނެވެ. ބޭރުފުށުން އޭނަ އެކަން ނުދެއްކިޔަސްމެއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު ވަރުން އެންމެ ފަހުން ޒިހާން ސިފައިންގެ ވަޒީފާއިން ވަކިވާން ވެސް ނިންމީ އެއްވެސް މީހެއް ކައިރި ނުބުނެއެވެ. އެހެނަސް އެކަމަށްޓަކައި އޭނަ ލިޔެފައި އޮތް ސިޓީ ޔުނާއަށް ފެނިފައި ޔުނާ އެކަމާއިމެދު ސުވާލުކުރިއެވެ.
ޒިހާނަށް އޭނަގެ ހިތުގެ އަޑީގައިވި އިޙްސާސްތައް ބޭރުކޮށްލެވުނު ފުރަތަމަ ދުވަހަކީ އެއީއެވެ. އޭނައަށް އެ އިޙްސާސްތައް ކިޔައިދެވުނީ ވެސް ހުއްޓުމެއްނެތް ކަރުނަތަކާއި އެކީގައެވެ. އޭނައާހެދި އެމީހުންގެ ދަރިފުޅު ގެއްލި ދިޔައީތީ ތަކުރާރުކޮށް މަޢާފަށް އެދެވުނެވެ. އެފަދަ ނަޒަރިއްޔާތަކުން އެ ވާހަކަ ގެނައުމުން ޔުނާ އޭނައަށް ނަފްރަތުކޮށް އޭނައާއި ވަރިވާންވެސް އެދޭނެކަމަށް ޒިހާނަށް ހީކުރެވުނެވެ.
އެހެނަސް އޭނަގެ ވާހަކަތައް ނިމުމާއެކު ޔުނާ ލޯތްބާއެކީ ޒިހާންގެ މޫނުގައި ހިފަހައްޓައި ކަރުނަތައް ފޮހެލަދިނެވެ. އަދި އެހެން މީހެއްގެ ކުށަކަށްޓަކައި އަމިއްލަ ނަފްސު ކުށްވެރި ނުކުރުމަށް ބުނަމުންނެވެ. އެދުވަހު ޒިހާން ހުރިހާ ކަމެއް ދޫކޮށް ޤައުމުގެ ރައްކާތެރިކަމަށްޓަކައި ދިޔުމަކީ ވެސް ޒިހާންގެ ޢާއިލާގެ ރައްކާތެރިކަމަށްޓަކައި ދިޔުން ނޫންތޯ ބުނަމުންނެވެ. ޔުނާގެ އެ ވާހަކަތައް އިވިފައި ޒިހާނަށް އިތުރަށް ރޮމުން ޔުނާގެ ގައިގައި ބައްދާލެވުނެވެ. އާދައިގެ މަތިން އެ ޙާލަތުގައިވެސް ދެމީހުން ވެގެން ދިޔައީ އެކަކު އަނެކެއްގެ ހިޔާވައްސަށެވެ. އެހާ ހިސާބުން ދެމީހުން ވެގެން ދިޔައީ އެކަކު އަނެކެއްގެ ހިތްވަރަށެވެ.
ހަމަ އެދުވަހު ޒިހާން ވަޒީފާއިން ވަކިވާން ލިޔެފައި އޮތް ސިޓީ އެއްލައިލިއިރު ޔުނާވެސް އޭނަގެ ކޯހާއިގެން ކުރިއަށް ދާން ފެށިއެވެ. އަދި ޒިހާން ބުނިހެން ކައުންސެލިންގް ދޭ ޔުނާގެ އަމިއްލަ ސެންޓަރެއް ހުޅުވުމަށްޓަކައި އެކަމަށް ބޭނުންވާނެ ފޯމްތައް އަމިއްލައަށް ތައްޔާރުކޮށް ޕްރޮފެސަރަކު ލައްވައި އެޕްރޫވް ކުރުވިއެވެ. ޔުނާގެ ފުރަތަމަ ކައުންސެލިންގް ސެންޓަރު ހުޅުވިގެން ދިޔައީ މާލޭގައެވެ. އެ ސެންޓަރުގައި ޔުނާ ކުރިއަށް ގެންދިޔައީ ހަމައެކަނި ވަކިވަކި މީހުންނަށް ކައުންސެލިންގް ދިނުމުގެ ޕްރޮގްރާމެއް ނޫނެވެ. އެކި އުމުރު ފުރައިގެ މީހުންނާއި އެކި ދާއިރާތަކުގެ މީހުންގެ އިތުރުން ބެލެނިވެރިންނަށްޓަކައި ވެސް ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ސެޝަންތަކެއް ވެސް އެ ސެންޓަރުގައި ހިންގިއެވެ. މި ސެޝަންތައް ބޮޑަށް މަޝްހޫރުވެގެން ދިޔައީ، ޤުރުއާނާއި ސުންނަތުގެ އަލީގައި ނަފްސާނީ ދުޅަހެޔޮކަމަށް އަލި އެޅުވުމަށް އެ ދާއިރާއިން މައްޗަށް ކިޔަވައިގެން ހުރި ޝަޚްޞިއްޔަތަކު ހިންގި ފުރަތަމަ ސެޝަންތަކަށް ވާތީވެއެވެ. އެހެންކަމުން މާ ގިނަ ދުވަހެއްނުވެ އެ ދާއިރާއިން ޔުނާ ޚަލީލްގެ ނަން މަޝްހޫރުވެ ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ވެސް ޔުނާގެ ސެންޓަރުތައް ހުޅުވިގެން ދިޔައެވެ. އަދި އެ ސެންޓަރުގައި މަސައްކަތް ކުރަން އެ ދާއިރާއިން ކިޔަވަމުން ދާ ޒުވާން ކުދިން އަމިއްލައަށް އެދިގެން އައެވެ. ޔުނާގެ އަމާޒަކަށްވީ ވީހާވެސް ހެޔޮ އަގުގައި އާއްމުންނަށް ނަފްސާނީ ބަލިތަކުގެ ފަރުވާ ފޯރު ކޮށްދިނުމެވެ. އޭނަގެ ސެންޓަރުތަކުގެ އެހީގައި މިއަދު އެ އަމާޒު ކޮންމެވެސް ވަރަކަށް ކާމިޔާބު ކުރެވިފައިވެއެވެ.
ޔުނާއަށް ކާމިޔާބީތައް ލިބުނު ފަދައިން ޔުނާ ދިން ހިތްވަރުން ޒިހާނަށްވެސް ކާމިޔާބީތަކެއް ލިބުނެވެ. ޒިހާން ސިފައިންގެ ވަޒީފާގައި ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އޭނަ ސާރޖެންޓެއްގެ މަޤާމަށް ޕްރޮމޯޓްވެފައިވަނީ މީގެ ހަފްތާތަކެއް ކުރިންނެވެ. މީގެ އިތުރުން ޔުނާ ދިން ޚިޔާލުތަކާއި އެއްގޮތަށް ޒިހާން ލިބޭ ހުސް ވަގުތުތަކުގައި އާރކިޓެކްޗާރއާއި ގުޅޭ ގޮތުން އިތުރު ހޯދުންތަކެއް ހޯދިއެވެ. އަދި އޭނަގެ ގްރޫޕް ލައްވާ މަސައްކަތް ކުރުވުމުގައި އެ ދަސްވާ ކަންތައްތަކާއި އެއްގޮތަށް ކުރިއަށް ގެންދަން މަސައްކަތް ކުރެއެވެ. ނަތީޖާއެއްގެ ގޮތުން ޒިހާންގެ އެ ވިޔަފާރިވެސް އިހުނަށްވުރެ ތިޔާގިވެގެން ދިޔައެވެ.
ޔުނިވާރސިޓީގެ ކެމްޕަސް ތެރޭގައި ޔުނާ އޭނަގެ އެކުވެރިންނާއެކީ ސެލްފީ ނަގަން ހުރި މަންޒަރު ބަލަން ޒިހާން ހުރީ ދުރުގައެވެ. ޔުނާއަށް ބަލަން ޒިހާނަށް ހުރެވުނީ އެ ދެމީހުންގެ ގުޅުމަށްޓަކައި ޙަމްދުކުރާ ޙާލުގައެވެ. އެދެމީހުން އެކީގައި ނުހަނު ދަތި ދުވަސްތަކެއް ކަނޑައްތު ކުރުމަށްފަހު ވެސް އެކަކު އަނެކެއްގެ އަތުން ދޫކޮށްނުލީތީ އެ ގުޅުމާއިމެދު ފަޚުރުވެރިވެވުނެވެ. ޔުނާ އެކުވެރިންގެ ކައިރީގައި ހުރެފައި އޭނަ ފެނުމުން އޭނަގެ ކައިރިއަށް އައީ ކުޑަ ގޮތަކަށް ދުވެލާފައެވެ.
“ސޮރީ އިނގޭ….ލަސްވެއްޖެދޯ؟ އެމީހުން ހަމަ ދޫކޮށްނުލީއޭ…..” ޒިހާންގެ ކުރިމަތީގައި ގޮސް މަޑުކޮށްލަމުން ޔުނާ ބުންޏެވެ.
“މަޢާފު ކޮށްފާނަން އިނގޭތޯ، ޑޮކްޓަރ ޢައިޝަތު ޔުނާ ޚަލީލް….” ޒިހާން ނޫންކަމަށް ހަދާފައި ޔުނާއާއި އެފަދައިން މުޚާތަބު ކުރިއިރު އެ ތުންފަތްމަތީގައި ހިނިތުންވުމެއް ކުރެހުނެވެ. އެއާއެކު ޔުނާއަށް ހީލެވުނެވެ.
“ހުމް….ދެން މިފަދަ މަޤާމެއް ލިބުނީމަ ނެތްތަ ސަޕްރައިޒެއް ވެސް؟” ޔުނާ ޒިހާން ކަމެއް ރާވާނެކަން ޔަޤީންކޮށްގެން ހުރެ ބުންޏެވެ.
“ކީއްކުރާ ސަޕްރައިޒެއް؟ ކުދިން ކުދިން ސާރޖެންޓަކަށްވީމަ ވެސް ބަޔަކު ކަމެއް ކުރީއެއްނޫން…..” ޒިހާން ނޭވާ ދަމާކަމަށް ހެދެމުން ބުންޏެވެ.
“އަޅޭ! އަދިވެސް ހިތުގައި ޖެހިފަތަ ތިހިރީ؟ ހަމަ ބިޒީވެގެންނޭ ކަމެއްނުވީ….ހިނގާބަލަ މިރޭ ޑިނާރއަކަށްދާން ކޮމްޕެންސޭޓްކުރަން….” ޔުނާ އެދުނެވެ. ޒިހާން ނުރުހުންވާކަމަށް ހެދެމުން ނުއުޅެމޭ ބުނެ ދާން ހިނގައިގަތެވެ. ޔުނާ އާދޭސްކުރަމުން ދެން ހިނގާބަލާށޭ ބުނަމުން ދިޔައެވެ. އެހެނަސް ޒިހާން ސަމާސާވެރި ގޮތަކަށް ގޮތްދޫނުކުރާ ކުޑަކުއްޖެއް ފަދައިން ނޫނެކޭ ބުނަމުން ދިޔައެވެ. އެއިން ޔުނާއަށް ހެވުން ނޫންކަމެއް ނުވިއެވެ.
**
އެރޭ ކޮންމެހެން ވެސް ޒިހާން ކެއުމަކަށް ގެންދަން ޔުނާ ބޭނުންވުމުން ޔުނާ ޒިހާން އެޕާޓްމެންޓުން ނެރުނީ ‘ގަދަކަމުންނެވެ’. އެހެނަސް ނޭނގޭ ސަބަބަކާހުރެ ދާންވީ ރެސްޓޯރެންޓެއް ކަނޑައެޅީ ޒިހާނެވެ. އަދި ޔުނާއަށް ސިއްރުން ފޯނު ކޯލެއް ކޮށްފައި އަދި ދާނީ 15 ވަރަކަށް މިނެޓް ފަހުން ކަމަށްވެސް ބުންޏެވެ.
އެމީހުން ދާން ނިންމާފައި އޮތީ އުޅެމުން ދިޔަ އިމާރާތާއި ކައިރި ހިސާބެއްގައި ކަމަށްވުމުން ދިޔައީ ފައިމަގުގައެވެ. އެރޭ ވިއްސާރަވާނެ ކަމަށް ލަފާ ކުރެވޭތީ ދެމީހުން ނިކުތީ އެއްކަލަ ރަތްކުލައިގެ ކުޑަ ހިފައިގެންނެވެ. މިހާ ދުރަށް ވެސް އޭތި ހިފައިގެން ދެމީހުން އައީ، ދެމީހުންގެ ދެމެދުގައިވާ ލޯބި އެ ކުޑަ ފެނުމުން ހަނދާންވާތީވެއެވެ.
ރެސްޓޯރެންޓަށް ވަދެވުމާއެކު ޒިހާން އިރުކޮޅަކުން އަންނާނެ ކަމަށްބުނެ އެ ރެސްޓޯރެންޓުގައި ވަކިން ހަދާފައި ހުރިތަނަށް ދިޔައިރު ޔުނާ އެހެން ހިނގާފައި ދިޔަ ވެއިޓަރެއްގެ އަތަށް އެއްޗެއް ދީފައި ހަދަންވީ ގޮތް ކިޔައިދިނެވެ.
އިރުކޮޅެއްގެ ތެރޭގައި ޒިހާން ޔުނާ ކައިރިއަށް އައިސް ޔުނާ ގޮވައިގެން އެ ވަކިން ހެދިފައި ހުރިތަނަށް ދިޔައީ ޔުނާގެ ލޯމަތީގައި އަތް އަޅައިގެންނެވެ. ޒިހާން ކުޑަކޮށް ގުނާލުމަށްފަހު ޔުނާގެ ލޯމަތިން އަތް ނަގާލުމުން ޔުނާއަށް ފެނިގެން ދިޔައީ މުޅި އެ ބައި އެއްކޮށް ފަނޑު އަލީގެ ބޮކި ފަތިތަކުންނާއި މާ ކޯނިތަކުން ތައްޔާރުކުރެވިފައިވި ތަނެވެ. އެއްފަރާތުގައި ހުރި ފެންސްގައި އެޅުވިފައި ހުރި ކުޑަ ބެނާގައި ލިޔެވިފައިވީ ‘ކޮންގްރޭޓްސް، ޑރ. ޔުނޫ!” އެވެ. އަދި އަމުދުން މީރު ކެއުމަކަށްފަހު އައި ކޭކުގައި ވެސް އޮތީ ޔުނާދެކެ ފަޚުރުވެރިވާ ވާހަކައެވެ.
ޒިހާންގެ ހުރިހާ ތައްޔާރީތައް ފެނިފައި ޔުނާ ހިނިތުންވެގެން ހުރިތަން ފެނިފައި ޒިހާންގެ ހިތަށް އުފަލެއް ލިބުނެވެ. އޭނަ އިތުރު އެއްވެސް އެއްޗަކަށް ބޭނުންނުވިއެވެ. އެހެނަސް ވެއިޓަރަކު އައިސް އެތާނގައި ޕްރޮޖެކްޓަރެއް ސެޓްކުރަން ފެށުމުން އޭނައަށް ވެސް އެއްޗެއް ލިބެން އުޅޭހެން ހީވުމުން ޒިހާނަށް ޙައިރާންކަމާއެކީ ޔުނާއަށް ބަލައިލެވުނެވެ. ޔުނާ އެއްލޯ މަރައިލުން ނޫންކަމެއް ނުކުރިއެވެ.
އޭގެ އިރުކޮޅެއްގެ ތެރޭގައި އެތަނުގެ ހުދުކުލައިގެ ފާރަށް އެޅުނު އަލީގެ ތެރެއިން ފެންނަން ފެށީ ވީޑިއޯއެކެވެ. ވީޑިއޯއިން ފެނިގެން ދިޔައީ ޒިހާން ދުރު ބަލަން ހިނިތުންވުމަކާއެކީ އިން މަންޒަރެވެ. އެ ފޮޓޯގެ ތިރިއަށް އެރީ ‘މައި ލަވިންގް ހަޒްބެންޑް’ އެވެ. ވީޑިޔޯއިން ދެންވެސް ފެންނަން ފެށީ ޒިހާންގެ އެކިއެކި ފޮޓޯތަކެވެ. އޭގެއިން ކޮންމެ ފޮޓޯއެއްގެ ތިރީގައި ޒިހާނާއި ގުޅޭ ކޮންމެވެސް ވާހަކައެއް ލިޔެވިފައިވިއެވެ. އޭގެ ތެރެއިން ގިނަ ފޮޓޯތަކަކީ ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި ޒިހާނަށް ނުވެސް އެނގި ޔުނާ ނަގާފައިވާ ފޮޓޯތަކެއްކަން ޒިހާނަށް އެނގުނެވެ. ކުރީކޮޅު ހީލާފައި އެކަން ފާހަގަ ކުރިއެއްކަމަކު ފަހުން ފަހުން އައިސް ފެނުނު ލިޔުންތަކުން ޒިހާން ޖަޒުބާތުގައި ޖެހުނެވެ. ސާރޖެންޓަކަށްވީ ދުވަހު ސިފައިންގެ ރަސްމީ ޔުނިފޯމުގައި ހުރި ފޮޓޯގެ ތިރީގައިވީ، ޒިހާނަކީ ޤައުމުގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ މީހަކަށްވާތީ ޔުނާ ފަޚުރުވެރިވާ ވާހަކައެވެ. އަދި އެ ޒާތުގެ އެހެން ފޮޓޯއެއްގެ ތިރީގައި އޮތީ އެ ސަބަބާހުރެ ޒިހާންގެ ކައިރީގައި ހުރުމުން ރައްކާތެރިކަމެއް އިޙްސާސް ކުރެވޭ ވާހަކައެވެ. ޒިހާންގެ ލޮލުން ކަރުނަ ހިލިގެން ދިޔައީ ދެން އައި ފޮޓޯގައި އޭނަ މަންހަލް އުރާލައިގެން ހުރިއިރު ޒިހާން ވާނީ އެންމެ ‘ބެސްޓް’ ބައްޕައަށްކަމަށް އޮތްތަން ފެނުމުންނެވެ.
ވީޑިއޯ ނިމުނުއިރު ޒިހާން ހިނިތުންވިއެއްކަމަކު ރޮވެން ކައިރިވެފައިވުމުން ޔުނާ ގޮސް ޒިހާންގެ ގައިގައި ބައްދާލަމުން ލޯބިވާ ވާހަކަ ބުންޏެވެ. އެއަށްފަހު ޒިހާން ހަމައަކަށް އެޅުމަށް ވަގުތު ދިނެވެ.
**
ރެސްޓޯރެންޓުން ނިކުތް ވަގުތު ހިމަފޮދު ވާރޭ ވެހެމުން ދިޔައީތީ ޔުނާއާއި ޒިހާން ހިނގާފައި ދިޔައީ ކުޑަ އަޅައިގެންނެވެ. ތަންކޮޅެއް ދިގުކޮށް ހިނގާލަން ބޭނުންވުމުން އެމީހުން ދިޔައީ އިމާރާތް ހުންނަ މަގު ނޫން އެހެން މަގަކުންނެވެ. އެއީ އާއްމުގޮތެއްގައި ދުއްވާ އެއްޗެހި ނުދުއްވާ މަގަކަށްވުމުން މަގަށް ވެރިވެފައިވީ ހިމޭންކަމެވެ. ވާރޭވެހެމުން ދިޔައީތީ ވަރަށް މަދުން ނޫނީ މީހަކުވެސް ފެންނާކަށް ނެތެވެ.
“ޔުނާއަށް އެނގޭތަ؟ ﷲ އަށްޓަކައި އެކަކު އަނެކެއްދެކެ ލޯބިވާ މީހުންނަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބޭނެ…” ޒިހާން ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރެއިން ބުންޏެވެ.
“އަސްލުވެސްތަ؟ ދެޓްސް ސޯ ކޫލް…..އެހެންވީމަ ދެމީހުންނަށް ތި ނިޢުމަތް ލިބޭނެދޯ އިން ޝާ ﷲ!” ޔުނާ އުޖާލާވެގެން ދިޔަ މޫނަކާއެކީ ބުންޏެވެ.
“ނޭނގެ…..ޔުނާ އަހަރެންދެކެ ލޯބިވީ ހަމައެކަނި ލުކްސްއަށްޓަކައި ވިއްޔާ ނުއެއްވާނެދޯ؟” ޒިހާން ރާގަކަށް ބުންޏެވެ.
“ދެޓްސް ނޮޓް ޓްރޫ…..އައި މީން ޔެސް، ލުކްސް ވެސް ލައިކްވޭ…ޕާރސަނޭލިޓީވެސް ލައިކްވޭ….އެކަމަކު އެންމެ ބޮޑަށް ލޯބިވީ ޒިހާން އަހަންނަށްޓަކައި ޤައްވާމްއަކަށްވާން މަސައްކަތް ކުރީތީ. އެގޮތަށް ކަންތައް ކުރީ ޤުރުއާނާއި ސުންނަތާއި އެއްގޮތަށް އުޅެންކަން އެނގުނީމަ ނޭނގޭ ސަބަބަކާހުރެ އަދި މާ ބޮޑަށް ލައިކްވި. މޭއިބީ އެކަން އެނގުނީމަ އަހަންނަށް ވެސް ދީނާއި ކައިރި ވެވުނީތީ ކަންނޭނގެ….” ޔުނާ ވިސްނުމެއްގައި ހުރެ ބުންޏެވެ.
“ހުމް….ޔުނާ ތަންކޮޅެއް ކުރިން އެހީމެއްނު ކީއްވެހޭ އަހަރެން ޔުނާ ދެކެ ލައިކްވީ؟ އަހަރެން އެންމެ ބޮޑަށް އަޅައިގަތީ ބުރުގާ ނާޅާ އެ އަންހެން ކުއްޖާ ވެސް އެތައް އުދަގުލަކާއެކީ ސްކޫލްގަ ނަމާދުކުރަން ޖެހުނިއްޔާ ނަމާދު ކުރާތީ. ވަރަށް ހަނދާން ހުރޭ އެއްދުވަހަކު ޔުނާގެ ފްރެންޑެއް ބުނީ މިތާނގަ ޔުނާގެ ދޮންބެއެއް ނެތޭ. ބުނީމަ ޔުނާ ބުނީ ދޮންބެ ބުންޏޭ ކޮންމެ ތަނެއްގަ ވިޔަސް ﷲ ބައްލަވާ ވޮޑިގެންވޭ. އެހެންވީމަ ތިމަންނަ ގިލްޓީވެއޭ….ހެހެ…”
“ހަހަ….ހަނދާނެއްވެސް ނެތް ތި ވާހަކަ ދެކެވުނު ހަނދާނެއް…”
“އެނީވޭސް…..ޔުނާއަކީ މި ދުނިޔޭގަވެސް އަހަރެންގެ ސޭފް ޕްލޭސް. އުއްމީދަކީ މި ލޯބީގެ ސަބަބުން ދެމީހުން ޤިޔާމަތް ދުވަހުވެސް ސޭފް ޕްލޭސްއެއްގަ ވުން. އިން ޝާ ﷲ!” ޒިހާން ލުއި ހިނިތުންވުމަކާއެކީ ބުންޏެވެ. އެއާއެކު ޔުނާވެސް އިން ޝާ ﷲ އޭ ބުނެލަމުން ޒިހާންގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އެ ހިނދު ވިއްސާރަ ބޯވެގެން ދިޔައެއްކަމަކު ދެމީހުންވީ އެކަކު އަނެކަކާއެކީ ހިޔަލުގައެވެ. އެމީހުންގެ ގުޅުމުގެ ޒާތް ފަދައިންނެވެ.
**ނިމުނީ**