ފޯލްޑާގެ ތެރެ ހާވަމުން ދަނިކޮށް އޭގެ ތެރެއިން ފެނުނު އެއް ފޯލްޑާއަކުން ޔުނާ ޙައިރާންވާ ގޮތްވިއެވެ. އެއަށް ދެވިފައިވި ނަމަކުންނެވެ. ‘ޔުނާ ވެޑިންގް’ ގެ ނަމުން ނަންދެވިފައިވި ފޯލްޑާ ހުޅުވާލުމުން ވެސް ޔުނާއަށް ފެނިގެން ދިޔައީ ފޮޓޯތަކެވެ. އެންމެ ފުރަތަމަ ވެޑިންގް ޑްރެސްއެއްގެ ފޮޓޯއެއް ހުރިއިރު ދެން ހުރީ ކައިވެންޏަކަށް ތަނެއް ތައްޔާރު ކުރެވިދާނެ ގޮތްތައް ދެއްކިފައި ހުރި ފޮޓޯތަކެވެ. ފޯލްޑާގެ އެންމެ ތިރިން ‘ވެޑިންގް އިންވިޓޭޝަން’ ނަމަކަށް ދެވިފައިވި ފޮޓޯއެއް ފެނި ޔުނާއަށް އޭތި ހުޅުވާލެވުނެވެ. އެއާއެކު ޔުނާ ހުއްޓުން އަރާ ގޮތްވިއެވެ.
ނޭވާލާން ވެސް ހަނދާންނެތިފައި އެ ދަޢުވަތު ކާޑަށް ބަލަހައްޓައިގެން ޔުނާއަށް އިނދެވުނީ، އޭނަގެ ނަމާއި ގުޅުވައިގެން ލިޔެވިފައިވި ނަމަކުންނެވެ. އެއީ ޒިހާންގެ ނަން ނޫން އެހެން ނަމެއް ނޫނެވެ.
އެ ނަން އެތާނގައި އޮންނަންވީ ސަބަބުތަކާއި މެދު ވިސްނާލެވުމާއެކު ވޭތުވެ ދިޔަ ދުވަސްތަކުގައި އޭނައަށް ފެނުނުހާ މަންޒަރުތަކާއި އިވުނު ވާހަކަތައް ޔުނާއަށް ދޭހަކުރެވެން ފެށިއެވެ. ޔުނާގެ ހަނދާނަށް އައީ އެރޭ ކާގޭގައި ދޮންބެ އޭނައާއި އިންނާނެ މީހަކު ހޮވާފައިވާ ވާހަކަ ބުނުމުން ޒިހާނަށްވީ ގޮތެވެ. އެ ވަގުތުކޮޅަށް ފަހު ވެސް ޒިހާންގެ ފަރާތުން އޭނަ ކުރި ސުވާލަށް ޖަވާބެއް ނުލިބުނު ގޮތެވެ.
އެއަށްފަހު ޔުނާގެ ހަނދާނަށް އައީ މުލަކަށް އައި ފްލައިޓް މަތީގައި ޒިހާން ފޯނުން ވާހަކަ ދެއްކިއިރު އިވުނު ބަސްތަކެވެ. އެކުއްޖާގެ ދޮންބެގެ ވާހަކަ ގެނެސްގެން ގަދަކަމުން އެ ކުއްޖާއާއި އިންނަން ބޭނުންނުވާ ވާހަކަ ބުނެލި ގޮތެވެ. އެ ހިނދުކޮޅުގައި ޔުނާއަށް ހީވަމުން ދިޔަ ހީވުން އިތުރަށް ވަރުގަދަވެގެން ދިޔައެވެ.
އެ ހީވުމަކީ މިހާރު ހީވުމެއްނޫނެވެ. އެއީ ޔަޤީންކަމެކެވެ. އާނއެކެވެ. ޔުނާގެ ދޮންބެ ޔުނާއަށްޓަކައި ހޮވާފައިވި ފިރިހެން ކުއްޖަކީ ޒިހާނެވެ. އެކަން އެނގުންވުމުން ޔުނާގެ ހިތަށް އެއްފަހަރާ އެތައް ޖަޒުބާތެއް ވެރިވިއެވެ. އެންމެ ބޮޑު ޙައިރާންކަމެއް ލިބިގެން ދިޔައީ ޒިހާން އޭނަގެ ޖަޒުބާތުތަކަށް އިޙްތިރާމްކުރި މިންވަރު ހިތަށް ގެނެވުމުންނެވެ. ޒިހާން ބޭނުންވިނަމަ އޭނައާއި އިންނަން އެދުނު ފުރަތަމަ ރޭ ވެސް ދޮންބެ އެދުނު ގޮތް ހާމަކޮށް އޭނައާއި އިންނަން މަޖުބޫރު ކުރެވުނީހެވެ. އެހެނަސް ޒިހާން އެހެންނެއް ނަހަދައެވެ. ޒިހާންގެ ޙަޔާތަށް ޔުނާ ގެންނަން ޒިހާން ކިތަންމެ ބޭނުންވެފައި ވިޔަސްމެއެވެ.
އެ ޚިޔާލު ހިތަށް ވެރިވީ ވަގުތު ޔުނާގެ ހަނދާނަށް އައީ އޭނަ އެހެން އެޕާޓްމެންޓަކަށް ބަދަލުވުމަށް ނިންމި ދުވަހެވެ. އެ ވާހަކަ ބުނުމުން ވެސް ޒިހާންގެ މޫނުމަތި މިލައިގެން ދިޔަ ގޮތެވެ. އަދި މިއަދު ހެނދުނު އޭނަ އެހެން ތަނަކަށް ދިޔުމަށްޓަކައި ނިކުތް ވަގުތު އެ އެ މޫނުމަތިން ފެނިގެން ދިޔަ ހިތާމަވެރި ހިނިތުންވުންތަކެވެ. މިއީ ތިމަންނައަށް ޔުނާ ފެންނާނެ އެންމެ ފަހު ފަހަރުތޯ ކަރުނުން ފުރިގެން ދިޔަ ލޮލާއިއެކީ އަހައިލި ގޮތެވެ.
އެވަގުތުކޮޅު މަތިން ހަނދާންވެގެން ދިޔުމުން ޔުނާގެ ލޮލުން ވެސް ދިލަ ނެގިއެވެ. އެހެނަސް އޭނަ އަވަސްއަވަހަށް އެސްފިޔަ ޖަހަން ފެށިއެވެ. އަދި ފުން ނޭވައެއް އެތެރެއަށް ލަމުން ލެޕްޓޮޕް ލައްޕައިލީ އޭނަ ހަދަންވީ ގޮތް ހިތާހިތުން ނިންމަމުންނެވެ.
**
ރޭގަނޑު ގަޑިން 9:30 ވާން ގާތްވަމުން ދިޔަ ވަގުތު މާލެ ތެރެއިން ދުއްވާފައި އައި ނޫކުލައިގެ ކާރު ގޮސް މަޑުކޮށްލީ ޒިހާން އުޅުނު ޢިމާރާތުގެ ކުރިމައްޗަށެވެ. ޓެކްސީ މަޑު ކުރާމާއި އެކުހެން އެއިން ފޭބީ އިސްކޮޅުން ދިގު ޒުވާނެކެވެ. ޓެކްސީއިން ފޭބުމަށްފަހު އެޒުވާނާ ޢިމާރާތުގެ އެންމެ މައްޗަށް ނަޒަރެއް ދިނެވެ. ޖެހިލި ވައިރޯޅިއާއެކީ ޒުވާނާގެ ގަދަ މުށިކުލައެއް ޖެއްސިފައިވި އިސްތަށިގަނޑު ވިހުރުނެވެ. އެ ވަގުތަކީ އޭނަ ދުއްވާފައި އައި ކާރުގެ ޑްރައިވަރު ކާރުން ފޭބި ވަގުތެވެ.
އެ ޑްރައިވަރު ނުހަނު ނުތަނަވަސްވެފައިހުރެ ފަޓުލޫނުގެ ޖީބުން ފޯނު ނަގައި ނަންބަރުތަކަށް ފިތާލަމުން ކަންފަތުގައި ޖައްސާލިއެވެ.
“ހެ…ހެލޯ! ޖިނާހު ސާރ އެބަ ހުންނެވި މި ޢިމާރާތުގެ ކައިރި. ކުޑަކޮށް ނިކުމެލަބަލަ. އާނ!” އެ ޑްރައިވަރު ތުރުތުރު އަޅާ އަޑަކުން ފޯނުން ވާހަކަ ދެއްކުމަށްފަހު އެތާ ހުއްޓިހުރި އޭނަގެ ސާހިބުމީހާ ކައިރިއަށް ދިޔައެވެ.
“ޔަޤީންތަ އެ މީހުން އަދި ނުފުރާކަން؟ ނޫނީ ޙަޤީޤަތް ފޮރުވަންތަ އަހަރެން ގާތު ނުފުރައޭ ތި ބުނަނީ؟” ޖިނާހު އެ ސުވާލުކޮށްލީ ވެސް ޢިމާރާތަށް ނަޒަރު ހުއްޓައިގެން ހުރެއެވެ. އެ ވަގުތު އޭނަގެ އަޑު މަޑުވިއެއްކަމަކު ބުމަގޮށްޖެހިފައިވި ގޮތުންނާއި ކަތުރު ކަށިގަނޑަށް ބާރުވެފައިވި ގޮތުން އޭނަގެ ޑްރައިވަރު މީހާ ފިއްކަނޑައިގެންދާ ވަރު ވެފައިވިއެވެ.
“އަ….އަޅުގަނޑުމެންނަށް ހީވަނީ އަދި ނުފުރާނެހެން….މިހާރު ވަރަށް ފްލައިޓްތައް ޑިލޭވާތީ. ސާރގެ ފްލައިޓްވެސް ޑިލޭވި ގޮތަށް…” ޑްރައިވަރު މީހާ ނުތަނަވަސްކަމާއެކީ ކިޔައިދިނެވެ.
“އެމީހުންގެ ފްލައިޓް ޑިލޭވިކަން ޔަޤީންކުރިންތަ؟” ޖިނާހު އެމީހާއަށް ބަލައިލީ ރުޅިން ރަތްވެފައިވި މޫނަކާއި އެކީގައެވެ. އެއާއެކު އެމީހާ ބިރުވެރިކަމެއް ފެނުނު ފަދައަކުން އިސްޖަހާލިއެވެ.
އެ ވަގުތަކީ ޢިމާރާތުގެ ތެރެއިން އެ ޢިމާރާތް ބެލެހެއްޓުމާއި ޙަވާލުވި އަޙްމަދު ނިކުތް ވަގުތެވެ. ޖިނާހު ފެނުމާއެކު އަޙްމަދުގެ މޫނުމަތިން ވެސް ފެނިގެން ދިޔައީ ސިހުމެކެވެ.
“ކޮބާ އެމީހުން؟” ޖިނާހު އެހެންވެސް އަހާލީ ކޮންޓްރޯލް ކުރެވިފައިވި އަޑަކުންނެވެ. އެހެނަސް އެ އަޑުން އޭނަގެ ރުޅިވެރިކަމުގެ ދަރަޖަ ދޭހަކުރެވުނެވެ.
“ނޭނގެ އަންހެން ކުއްޖާގެ ގޮތެއް. އެ ސިފައިންގެ މީހާ ފުރަން ދާން ޓެކްސީއަށް އެރިތަން އަހަރެން ދުށިން…އެ އަންހެން ކުއްޖާ މިއަދު ހެނދުނު އެހެން އެޕާޓްމެންޓަކަށް ބަދަލުވި. އަންހެން ކުއްޖާ ދިޔައިރު ސިފައިންގެ މީހާ އެހި ތިމަންނައާއެކީ ދާނަންތޯ. ބުނީމަ އެކުއްޖާ ބުނީ ފަހަރެއްގަ……”
“ފަހަރެއްގަޔޯ ބުނީމަ ކަލޭމެން އެ ވަގުތުން އެ ވަގުތަށް އެ ސިފައިންގެ މީހާ ތަޅާ ތިރި އަރުވާފަ ހޭ ނާރާ ވަރު ނުކުރީ ކީއްވެ؟؟!!!” ޖިނާހު އަޑުގެ ކޮޅަށް އެ ވާހަކަ ބުނެލީ ކުއްލި ގޮތަކަށެވެ. އެއިން އެތާ އޭނައަށްޓަކައި މަސައްކަތް ކުރަން ތިބި ދެމީހުން ވެސް ސިހުންވާ ގޮތްވިއެވެ. މަގުމަތިން ހިނގާފައި ދިޔަ ބައެއް މީހުންގެ ނަޒަރުތައް ވެސް އޭނައަށް އަމާޒުވިއެއްކަމަކު ޖިނާހު އެކަމަށް ފަރުވާލެއް ނުބެހެއްޓިއެވެ.
ހަމަ އެ ވަގުތަކީ ޖިނާހުގެ ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށި ވަގުތެވެ. ޖިނާހު ޖީބުން ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން އެއަށް ޖަވާބު ދިނީ ވެސް ރުޅިވެރިކަމާއި އެކީގައެވެ. ކޯލުގެ އަޑު ފުދޭވަރަކަށް މަތި ކުރެވިފައިވުމުން އެކޮޅުން ދެއްކި ވާހަކަ އަޙްމަދާއި އެކީ ޖިނާހުގެ ޑްރައިވަރަށް ވެސް އިވެއެވެ.
“ސާރ އަޅުގަނޑު ބަލައިފިން އެ އަންހެން ކުއްޖާ ބަދަލުވި އެޕާޓްމެންޓްގަ އެ ކުއްޖާ ހުރިތޯ. މިތާ މީހުން ބުނީ ހަމަ މިރޭ ގެ ވަގުތެއްގަ އެކުއްޖާ ފުރައިގެން ގޮއްސިޔޯ……”
އެ ވާހަކަތައް އަޑުއަހަން ހުރި ޖިނާހުގެ ދަތްކުނޑި ވިކިގެން ދިޔަ ވަގުތު ރުޅިވެރިކަމުން ފަޅައިގެން ހިނގައިދާނެހެން ހީވަމުން ދިޔައެވެ. ހަމަ އެ ފަދައިން ހުރެ އޭނަ ކުރިމަތީގައި ތިބި ދެމީހުންނަށް ވަކިވަކިން ބަލައިލިއެވެ.
“އަޑު އެބަ އިވޭތަ؟ މަށަކަށް ނޭނގޭ މަ ތި ދެމީހުން މި ކަމާއި ޙަވާލުކުރީ ކީއްކުރަންހޭ….” ޖިނާހު މަޑު ނުވާ އަޑަކުން ހަޅޭއްލެވިއެވެ.
“ސާރ އަޅުގަނޑު…..” އަޙްމަދު ވާހަކަ ދައްކަން އުޅުނު ތަނާހެން ޖިނާހު ތިރިއަށް ބަލައި ގުދުވެލަމުން ޕޭވްމެންޓުގައި ހަރު ނުލައި އޮތް ގަލެއް ނަގައި ދެވަނަ ވިސްނުމެއްވެސް ނެތި އަޙްމަދުގެ މޫނާއި ދިމާލަށް އުކާލިއެވެ. ސިހުމަކާއެކީ ލިބުނު އަނިޔާގެ ސަބަބުން އަޙްމަދު ބިންމައްޗަށް ވެއްޓުނެވެ.
“ތި ދެމީހުން ވެސް ތި ތިބީ ވަޒީފާއިން ވަކިކޮށްފަ. މަގޭ ފަރާތުން އެންމެ ލާރިއެއްވެސް ނުލިބޭނެ ކަލޭމެންނަކަށް. މަގޭ ވާހަކައެއް ރިޕޯޓުކުރަން ޚިޔާލުވެސް ނުކުރާތި. ރިޕޯޓުކުރިއްޔާ ވާނެ ގޮތް ދެމީހުންނަށް ވެސް އެނގޭނެ!” ޖިނާހު އިންޒާރުވެރި ގޮތަކަށް އެހެން ބުނެލިއެވެ. އެއަށްފަހު އެ ދެމީހުންވެސް ޝޮކެއްގެ ތެރެއަށް ދޫކޮށްލަމުން އެތާ އޮތް ކާރުގެ ވަށައިގެން ގޮސް ޑްރައިވަރުގެ ސީޓަށް އަރައި ދޮރު ލައްޕާލަމުން ކާރު ދުއްވާލިއެވެ.
އެ ދުއްވާލި ގޮތަށް ރުޅިވެރިކަމާއެކީ ނުހަނު ނުރައްކާތެރިކޮށް ބާރު ސްޕީޑެއްގައި މިނެޓްތަކެއް ވަންދެން ޖިނާހު ކާރު ދުއްވިއެވެ. އެންމެ ފަހުން ގޮސް އޭނަ ކާރު މަގުގެ އެއްފަރާތަކަށް ޖައްސައި މަޑުކޮށްލީ ދަރުބާރުގެއާއި ގާތް ހިސާބެއްގައެވެ. މަޑުކުރުމަށްފަހު އޭނަ ދެންވެސް ބުމަގޮށްޖެހިފައިހުރެ ފުން ނޭވާތަކެއް ލަމުން ދިޔައީ ދެން ހަދަންވީ ގޮތަކާއިމެދު ވިސްނޭތޯ ބަލަން ކަންނޭނގެއެވެ.
ޖިނާހު އެހެން އިނދެއިނދެފައި އަނެއްކާވެސް އޭނަގެ ޖީބުން ފޯނު ނެގިއެވެ. ފޯނުން ނަންބަރަކަށް ގުޅާލަމުން ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ….ޒުހާތަ؟” ޖިނާހު ވާހަކަ ދެއްކިއެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު ތެދުވުނީއްސުރެ ޔުނާއަށް އިވެން ފެށީ އެދުވަހު ދާން ރޭވިފައި އޮތް ދަތުރެއްގެ ވާހަކައެވެ. ޒިހާންމެންގެ ގެ ކައިރީގައި އޮންނަ އަތިރިމަތީގައި ކުޑަ ޕިކްނިކެއް ބޭއްވުމުގެ ޚިޔާލު ޒައިނާ ފާޅުކުރީ ހެނދުނުގެ ނާސްތާގެ ތެރެއިންނެވެ. ދެކެވުނު ވާހަކައިގެ ތެރެއިން އެއީ ޒިހާން ރަށަށް އައުމުން ޢާއްމު ގޮތެއްގައި ކުރެވޭ ކަމެއްކަން ޔުނާއަށް ނަގައިގަނެވުނެވެ.
ޕިކްނިކަށް ޔުނާ ވެސް އަންނަންވާނެ ވާހަކަ ޒައިނާ ބުނުމުން ޔުނާއަށް ވަގުތުން އިންކާރު ކުރެވުނެވެ. ދޮންބެ ނިޔާވި ޙާދިސާއަށްފަހު އޭނަގެ ނަފްސާނީ ޙާލަތު ހުރި ގޮތުން ގެއިން ބޭރަށް ދިޔުމުގެ ޚިޔާލުން ވެސް އޭނަ ވަރުބަލި ވާ ގޮތްވެއެވެ. އެހެނަސް އެންމެ ފަހުން ޒައިނާގެ އެ އެދުމަށް އެއްބަސްވެވުނީ ޒައިނާއާއި ލޫލޫގެ އިތުރުން، ނާސްތާގެ ތެރެއިން އޭނައާއި އެކުވެރިވި ކުޑަކުޑަ މަންހަލް ވެސް ކިޔުނު ވަރުންނެވެ. އަދި ޒިހާންގެ މަންމަ ވެސް އެކަމަށް ހިތްވަރު ދިނުމުންނެވެ. އެންމެ ފަހުން ޔުނާ އާނބަސް ދިން ވަގުތު ޒިހާންގެ ތުންފަތްމައްޗަށް ވެރިވި ލުއި ހިނިތުންވުން ޔުނާއަށް ފާހަގަވިއެވެ. އެއިން ޔުނާއަށް އުފަލެއް ލިބުނީ ކީއްވެކަމެއް ޔުނާއަށް ދޭހައެއް ނުކުރެވުނެވެ.
ޕިކްނިކަށް ދިޔުމަށް ހުރިހާ ތައްޔާރީތަކެއްވެ އެންމެން ބޭރަށް ދާން ތައްޔާރުވީ މެންދުރު ނަމާދަށް ފަހުގައެވެ. އެމީހުން ދާން ނިންމާފައިވީ ގެ ކައިރީގައި ހުރި އަތިރިމައްޗަށް ކަމަށްވިޔަސް ޒައިނާމެން ކައްކަން ވެސް ނިންމީ ބޭރުގައެވެ. މަޖާވާނީ އޭރުން ކަމަށް ބުނަމުންނެވެ. ބޭނުންވާނެ އެއްޗެހި ބޭރުގެ އަތިރިމައްޗަށް ގެންދިޔުމުގައި އެންމެންނާއެކީ ޔުނާ ވެސް ބައިވެރިވިއެވެ.
އެންމެ ފަހު އެއްޗެހި ނަގަން ހުރި ޒައިނާ ކައިރީގައި ހުރެފައި ޔުނާ ބޭރަށް ދާން ހިނގައިގަތީ، ޒައިނާ ބޭރަށް ދާށޭ ބުނެލުމުންނެވެ. ބަދިގޭގައި ހުރެފައި ސިޓިންގް ރޫމަށް ދިޔައީ ގެއިން ނިކުމެވެނީ ސިޓިންގް ރޫމުގެ ދޮރުން ކަމަށްވާތީވެއެވެ. ޔުނާ ސިޓިންގް ރޫމަށް ދިޔައިރު މަންހަލް ވެސް ކުޅޭ އެއްޗެހި ވަށިގަނޑަކަށް އެޅުމުގައި އުޅެއެވެ. ޔުނާ މަންހަލްއަށް ބަލަން ހުރެފައި ލުއި ގޮތަކަށް ހީލަމުން ހުޅުވިފައިހުރި ސިޓިންގް ރޫމުގެ ދޮރުން ނިކުންނަން ދިމާކުރިއެވެ.
އެ ވަގުތަކީ ބޭރުގައި ހުރެފައި ގެއަށް ވަންނަން އައި ޒިހާން ވެސް އެ ދޮރުމައްޗަށް އެރި ވަގުތެވެ. ދެމީހުންނަށް އެކަކު އަނެކަކު ފެނުމާއެކުހެން ދެމީހުންގެ ފިޔަވަޅުތައް ވެސް މަޑުޖެހުނެވެ. ނުތަނަވަސްވެގެން ދިޔަ ހިތަކާއެކީ ޔުނާ ވަގުތުން އިސްޖަހާލަމުން ކަނާތް ފަރާތަށް ޖެހިލިއެވެ. އެވަގުތު ޒިހާންވެސް އޭނައާއެކީ އެ ފަރާތަށް ޖެހިލުމުން ޔުނާއަށް ޒިހާނާއި ދިމާލަށް ބަލައިލެވުނެވެ. އެވަގުތު ޒިހާންގެ މޫނުމަތިން ވެސް ނުތަނަވަސްކަމެއް ފެނުމުން އެއީ ޒިހާން ޤަޞްދުގައި ކުރި ކަމެއް ނޫންކަން ޔުނާއަށް ނަގައިގަނެވުނެވެ. ހަމަ އެއާއެކު ޔުނާ ވަގުތުން އަނެއްފަރާތަށް ޖެހިލިއެވެ. މިފަހަރުވެސް ޒިހާން އޭނަ ޖެހުނު ފަރާތަށް ޖެހިލުމުން ޔުނާއަށް އުދަގޫވާ ގޮތްވިއެވެ.
ޔުނާއަކީ ޢާއްމު ގޮތެއްގައި މިފަދަ ކަމެއްގައި ބެދޭ މީހެއްވެސް ނޫނެވެ. އަމިއްލަ ސިކުނޑިއަށާއި ޢަމަލުތަކަށް ބާރު ފޯރުވުމަކީ އޭނައަށް ލިބިފައިވާ ހުނަރަކަށްވާތީވެއެވެ. ޔުނާއަށް ނޭނގުނުކަމަކީ ޚުދު ޒިހާނަކީ ވެސް އެފަދަ މީހެއްކަމެވެ. އެހެނަސް ދެމީހުންގެ ހިތުގައި ވެސް އެއްޒާތެއްގެ ނުތަނަވަސްކަމެއް އުފެދި އެ ދެ ހިތް ވެސް އެއްގޮތަކަށް ތެޅެމުން ދިޔުމުގެ ސަބަބުން، ދެމީހުންނަށް ވެސް އެ އެއްގޮތް ޙަރަކާތަށް ނިމުމެއް ގެންނަން ދަތިވީއެވެ.
ދެމީހުން ދެ ތިން ވަރަކަށް ފަހަރު ދެފަރާތަށް ޖެހިޖެހި ތިއްބާ މަންހަލް އެ މަންޒަރު މަޖާވެގެން އެދިމާލަށް ދުވެފައި ގޮސް އެ ދެމީހުންގެ ދެމެދަށް ވަނެވެ.
“މިއީ ހާދަ މަޖާ ގޭމްއެކޭ ތިއްތިބޭ. ދެންމެ ހެދި ގޭމެއްތަ؟ ކޮއްކޮ ބޭނުން ކުޅެން…” މަންހަލް އެހެން ބުނެލީ ޒިހާންއަށް ބަލަން ހުރެ ދެ ފަރާތަށް ދެ ފަރާތަށް ޖެހެމުންނެވެ. އެވަގުތު ޔުނާއާއި ޒިހާންވެސް ތިބީ އެދެމީހުންގެ ޙަރަކާތްތައް މަޑުކޮށްލައިގެންނެވެ.
ޒިހާން މަންހަލްއަށް ބަލަން ހުރެ ތުން ފިއްތާލަމުން ކުއްލި ގޮތަކަށް ކަރުތެރެއިން އަޑެއް ލައްވައި މަންހަލް އެއްފަރާތަށް އޮންނާނެހެން ދެއަތުން ނެގިއެވެ. ޒިހާންގެ އެ ޙަރަކާތުން މަންހަލް ކުރީ ކޮޅު ހަޅޭއްލެވިއެއްކަމަކު ފަހުން އެ ކުއްޖާގެ ހުނުމުގެ އަޑު ގޯތިތެރޭގައި ހަރުލިއެވެ. އޭނައަށް ފަސްދީފައި ދިޔަ ޒިހާން، މަންހަލް ރަނގަޅަށް އުރާލި މަންޒަރު ފެނިފައި ޔުނާއަށް ނޭނގުމެއްގެ ތެރެއިން ހިނިތުންވެލެވުނެވެ.
އެ ވަގުތުކޮޅަށްފަހު މުޅި ޕިކްނިކްގެ ތެރެއިން ޔުނާއަށް ހިނިތުންވެވެމުން ދިޔައީ ނޭނގުމެއްގެ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ހިނިތުންވުންތަކުގެ ފަހަތުގައިވި މައިގަނޑު ސަބަބަކީ ޒިހާންކަމަށް ޚުދު އޭނައަށް ވެސް އެއްބަސްވެވުނެވެ. ޕިކްނިކްގެ ތެރެއިން އޭނަގެ މޮޔަ ހިތް ގޮވަމުން ދިޔައީތީ އޭނަގެ ނަޒަރު މުޅިން އަމާޒުވެފައިވީ ޒިހާންގެ ޙަރަކާތްތަކަށެވެ. އޭގެއިން ކޮންމެ ޙަރަކާތަކުން ވެސް ޒިހާންގެ ފިރިހެންވަންތަކަން ޔުނާއަށް ފާހަގަވަމުން ދިޔައީ ކުރިން ފާހަގަނުވާ ފަދަ ދަރަޖައަކަށެވެ.
ޒިހާން މަންހަލްއާއެކީ ދުވެފައި ގޮސް މޫދަށް ފޭބި ގޮތާއި، މޫދުގައާއި ދޮންވެލިގަނޑުގައި ވެސް މަންހަލްއާއެކީ ހެމުން ކުޅުނު ގޮތާއި، ޒިހާން އެކަނި ވެސް މޫދުގައި ފަތަމުން ދިޔަ މަންޒަރު ބަލަން ޔުނާއަށް ގޮނޑުދޮށުގައި އިނދެވުނީ އެސްފިޔަ ޖަހާލުމެއް ނެތިއެވެ. އެއް ފަހަރު ޒިހާން މޫދުން މައްޗަށް އަރައިގެން އައި ވަގުތު ޔުނާއާއި ޒިހާންގެ ހަތަރުކަޅި ބައްދަލުވާ ގޮތްވުމުން ޔުނާ ލަދުވެސް ގަންނަ ގޮތްވިއެވެ. އޭނައަކީ ދުވަހަކުވެސް އޭނައަށް ނުލިބި ހުރި ފިރިހެނަކަށް އޭނަ ޝައުޤުވެރިވާކަމުގެ ހިލަމެއް މީގެ ކުރިން ދެއްކި މީހެއްނޫނެވެ. ޖިނާހަށް ވެސް އޭނަ ރަނގަޅަށް ސަމާލުކަން ދޭން ފެށީ ޖިނާހާއި ރައްޓެހިވި ފަހުންނެވެ. ވީއިރު މިއަދު މިވަނީ ކިހިނެއް ހެއްޔެވެ؟ އޭނައާއި އިންނަން އެދުމުން އޭނަ އަމިއްލައަށް ނޫނެކޭ ބުނެފައިވި ފިރިހެނަކަށް މިހާ ބޮޑު ސަމާލުކަމެއް ދެވެނީ ކީއްވެ ހެއްޔެވެ؟
އެ ސުވާލުގެ ޖަވާބު ޔުނާއަށް ސާފެއްނުވިއެވެ. ޔަޤީންވިހާ ކަމަކީ ޢަޞްރު ނަމާދު ވަގުތު ޖެހުމުން ޒިހާން މުޅިންހެން ގެއަށް ދާންޖެހޭ ޚަބަރު އިވުމުން އޭނަ ދެރަވި ކަމެވެ. ގެ ކައިރީގައި ހުންނަ މިސްކިތުގެ އެއް އިމާމް ޗުއްޓީގައި ވީއިރު އަނެއް އިމާމް ބަލިވެ އުޅޭތީ އިމާމަކަށްވުމަށް ބޭބެއަކު އައިސް ޒިހާން ގާތު އެދުމުންނެވެ. އިމާމަކަށްވުމަށް އެހެން މީހަކު ލިބުނަސް، ޒިހާންގާތު އެދުނީ ޒިހާންގެ ކިޔެވުން އަޑުއަހަން ގިނަ ބަޔަކު އެދޭތީކަމަށް އެ ބޭބެ ބުނެލި ވާހަކަ ޔުނާއަށް ވެސް އިވުނެވެ. އެ ވާހަކައިން ވެސް ޔުނާގެ ހިތުތެރޭގައި ޒިހާން އިތުރަށް ރީތިވުން ނޫންކަމެއް ނުވިއެވެ. އެކަމާމެދު ޚުދު އަމިއްލަ ނަފްސަށް ވެސް ކުދި ކިޔައިލެވުނެވެ.
އެދުވަހު ޒައިނާމެންނާއެކީ ޔުނާ ވެސް ޢަޞްރު ނަމާދު ކުރީ އެ އަތިރިމަތީގައި މީހުންނަށް ނުފެންނަ ހިސާބުގައެވެ. ޔުނާ މޫދަށް ނުފައިބައި ހުރުމުން ނަމާދަށް ގެއަށް ދެވިދާނެކަމަށް ޒައިނާ ބުނުމުން ވެސް ނޭނގޭ ސަބަބަކާހުރެ ޔުނާ ދާ ހިތެއްނުވިއެވެ. އެތައް ދުވަހެއް ފަހުން ފޯނާއިވެސް ދުރުގައި ހިމޭން މާޙައުލެއް ތަޖުރިބާ ކުރުމުން އޭނަގެ ސިކުނޑިއަށް ހަމަޖެހުމެއް ލިބިފައިވިއެވެ.
އެ ދުވަސް އެ ހަމަޖެހުމާއެކީ ނިމިގެން ދާނެކަމަށް ޔުނާއަށް ހީކުރެވުނެވެ. އެހެނަސް އެއަށް ނިމުމެއް އައީ ހަވީރު ވަގުތު އެއްޗެއް ނަގަން ގެއަށް ދިޔަ ލޫލޫ އަނބުރާ އައިސް ޔުނާގެ ފޯނު ޔުނާގެ އަތަށް ލައިދިނުމުންނެވެ.
“ވަރަށް ގިނައިން މީހަކު އެބަ ގުޅާ….” ލޫލޫ ޔުނާގެ އަތަށް ފޯނު ދޫކޮށްލީ އެހެން ބުނެލަމުންނެވެ. ލޫލޫ އެތަނުން ދުރަށް ދުއްވައިގަތް ހިނދު ޔުނާ ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. ގުޅި މީހެއްގެ ނަން ރަނގަޅަށް ނުބެލެނީސް އަނެއްކާވެސް ޔުނާގެ ނަޒަރު އެހެން ދިމާލަކަށް ދިޔައީ ލޮލުގެ ކޮޅުން ޒިހާން ފެނުނުހެން ހީވުމުންނެވެ.
ޔުނާ ރަނގަޅަށް އިސްއުފުލައި ބަލައިލިއިރު ޒިހާން ތާޒާ ވެލައިގެން އަތިރި މައްޗަށް ފައިބަނީއެވެ. ހުދުކުލައިގެ އަތްކުރު ޓީޝާޓަކާއި އަޅިކުލައިގެ ކަކުލާއި ހަމައަށް އޮތް ސޯޓަކާއެކީ ޖީބަށް އަތް ޖަހާލައިގެން ހިނގާފައި ދިޔަ ގޮތް ބަލަން ޔުނާއަށް އިނދެވުނީ އާޝޯޚުވެފައެވެ. ޔުނާ ބަލަބަލާ ހުއްޓާ ޒިހާން ގޮސް ރާޅު ނުޖެހޭ ހިސާބުގައި ދޮންވެލިގަނޑު މަތީގައި އިށީނެވެ. ވަގުތަކީ އިރުއޮއްސެން ގާތްވަމުން ދިޔަ ވަގުތު ކަމަށްވުމުން އުޑުގެ ކުލަ ބަދަލުވާން ފަށައިފިއެވެ. އޭނައަށް ފަސްދީގެން އިން ޒިހާނާއެކީ އެ މަންޒަރު ފެނިގެން ދިޔަ ގޮތުން ފޮޓޯ ނަގާލާ ހިތްވިއެވެ.
ޔުނާއަށް ބޯހޫރުވާލަމުން އެ ޚިޔާލު ފޮޅުވާލެވުނީ އޭނަގެ ޖަޒުބާތުތައް އަތުން ދޫވަމުން ދިޔަ ގޮތާއިމެދު ޖެހިލުންވެ ބިރުވެސް ގަންނަމުންދާ ޙާލުގައެވެ. ހަމަ އެއާއެކު އޭނަ ފޯނަށް ނަޒަރެއް ދިނީ ވެސް ގުޅީ ކާކުތޯ ބެލުމަށްވުރެ އެ ޖަޒުބާތުތަކުން ދުރުވުމަށެވެ.
ސްކްރީނަށް ބަލައިލުމާއެކު އޭނައާއި އެކުވެރި ޒުހާގެ ނަން ފެނިފައި ޔުނާގެ ދެބުމަ ކައިރިވާ ގޮތްވިއެވެ. ޒުހާގެ ނަން ފެނުމުން ވެސް މެއަށް ނުބައި ގޮތެއްވީ ޒުހާ އެންމެ ފަހުން އޭނައަށް ފެނުނު ދުވަހު އެ ދުލުން އިވުނު ވާހަކަތައް ހަނދާންވުމުންނެވެ. ޖިނާހު އެހެން ކުއްޖަކާއި ރައްޓެހިވި ވާހަކަ ހަނދާނަށް އައުމުން ވެސް އިސާހިތަކު ޔުނާގެ ހުރިހާ އުފާވެރި އިޙްސާސެއް އެއްފަހަރާ ނެތި ދިޔައެވެ. އަނެއްކާވެސް އޭނަގެ ހިތް އާދަވެފައިވި ނުތަނަވަސްކަމާއި ބިރުވެރިކަމުގެ އަނދިރިކަމުން އޭނަގެ ހިތް ވަށާލެވިގެން ދިޔައެވެ.
ޒުހާގެ 20 މިސް ކޯލާއިއެކީ މެސެޖެއްވެސް ލިބިފައިވިއެވެ. ޔުނާ އެ މެސެޖު ހުޅުވައި ކިޔާލިއެވެ.
“ޔުނާ ކޯލް މީ އޭ އެސް އޭ ޕީ. ޖިނާހު ނީޑްސް ޔޫ….”
މެސެޖުގައި އޮތް އެ ވާހަކައިން ޔުނާގެ ހިތް ތެޅިލިއެވެ. ޖިނާހުގެ ނަން އިވިފައި އެ ހިތް އުފާވެރިކަމުގެ ތެރޭގައި 4 އަހަރު ވަންދެންވިއެވެ. އެ ހިތަށް އެފަދަ އަސަރެއް ކުރީ އޭނައަށް ވެވުނު އެ ލޯތްބާއި އަދިވެސް ދުރަށް ނުދެވޭތީވެއެވެ.
ޒުހާގެ ގިނަ ކޯލްތަކާއެކީ މި މެސެޖު ލިބިފައިވުމުން ޔުނާ ހިސާބަކަށް ކަންބޮޑުވާ ގޮތްވިއެވެ. މާ ބޮޑު ވިސްނުމެއްނެތި ޒުހާއަށް ގުޅެން ފެށީ އެ ކަންބޮޑުވުމުގެ ސަބަބުންނެވެ.
ދެތިން ރިންގަށްފަހު އެކޮޅުން ޔުނާއަށް ޒުހާގެ އަޑު އިވުނެވެ.
“ހެލޯ ޔުނާ! ތޭންކް ގޯޑް ޔުނާ ގުޅާލިކަން….މިއަދު ހެނދުނު ޖިނާހުގެ ފްރެންޑެއް އަހަންނަށް ގުޅީ. އެއްކަލަ ޖިނާހާއި އެކީ ޔުނީގަ އުޅުނެއްނު މެޓް؟ މެޓް އަހަންނަށް ގުޅާފަ ބުނީ ޖިނާހު ވަރަށް ސަކަރާތް ކޮށޭ މިހާރު އުޅެނީ. އެޕޭރެންޓްލީ އޭނަ ޔުނާ މަތިން ހަނދާން ނުނެތޭ. ޝޯ އޮފް ކުރަން ވެގެން ގާލްފްރެންޑެއް ވެސް ހޯދީ. އެނގޭތަ ޖިނާހު މިހާރު ޑްރިންކް ކުރަން ވެސް ފަށައިފި. ކޮންމެ ރެއަކު ޑްރިންކް ކުރެޔޯ މެޓް ބުނީ. ޑްރިންކް ކޮށްގެން ހުރެ ވެސް ދައްކަނީ ޔުނާގެ ވާހަކަޔޯ….” ޒުހާ ކިޔައިދިނެވެ.
އިވިގެން ދިޔަ ވާހަކަތަކުން އޭނަގެ ދުވަސްވީ ލޯބިވެރިޔާ އެފަދަ ޙާލެއްގައި ވާ މަންޒަރު ޚިޔާލަށް ގެނެވުމުން ވެސް ޔުނާގެ ހިތް ރޫރޫ އަޅާ ގޮތްވިއެވެ. މުޅި ދުވަސް ތެރޭގައި އިޙްސާސްކުރެވުނު ޖަޒުބާތުތަކާއެކީ އެހެން ވުމުން ޔުނާގެ މޭނުބައި ކުރާ ގޮތްވެސްވިއެވެ.
ޖިނާހު ހަމަ ޙަޤީޤަތުގައި ވެސް ވީ އެފަދަ ޙާލެއްގައިތޯ ޔުނާއަށް އަމިއްލަ ޒަމީރާއި ސުވާލު ކުރެވުނެވެ. ހަމަ އެއާއެކު ޖިނާހުގެ ވާހަކައިގެ ރާގު މި ބަދަލުވަނީ ފުރަތަމަ ފަހަރަށް ނޫންކަން ވެސް ޔުނާގެ ހަނދާނަށް އައެވެ. ޖިނާހަށް އޭނައާއި ނުލައި ނުއުޅެވޭނެހެން އިޙްސާސްވި އެތައް ވަގުތުކޮޅަކަށްފަހު ޖިނާހު އޭނައާއި އެއްގޮތަކަށް ވެސް އަޅާލުމެއްނެތި ގޮސްފައިވެއެވެ. ވޭތުވެ ދިޔަ 4 އަހަރުގައި އެފަދަ ގޮތަކަށް ކަންތައް ވެފައިވަނީ ކިތައް ފަހަރުކަން ވެސް ޔުނާއަށް ޢަދަދު ނުކުރެވެއެވެ.
“މަށަށް ފެންނަނީ ޔުނާ މި ޙާލަތުގަ ޖިނާހަށް ސިމްޕަތީވާން. ގޯ ބެކް ޓު ހިމް އެންޑް ފިކްސް ހިމް ޔުނާ. ޔުނާގެ ލޯބިން ދެން ޖިނާހު ރަނގަޅުވާނީ…” ޒުހާ ބުންޏެވެ.
ޒުހާގެ އެ ވާހަކައާއެކީ ނޭނގޭ ސަބަބަކާހުރެ ޔުނާއަށް އިސްއުފުލައި ބަލައިލެވުނީ ދުރުގައި އިން ޒިހާނާއި ދިމާލަށެވެ. ހަމަ އެއާއެކު ޒުހާ އެ ބުނެލި ވާހަކައާއި މެދު ސުވާލު އުފެދުނެވެ. އޭނައަށް ފިރިހެނަކު ‘ފިކްސް’ ކުރެވިދާނެތޯ އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ވަކިން ޚާއްޞަކޮށް އެމީހެއްގެ އަމިއްލަ ޝަޚްޞިއްޔަތުގައި އެއްވެސް ގޯހެއް ނެތް ކަމަށް ޤަބޫލު ކުރާ މީހެއްގެ ހިތް ބަދަލުކުރެވިދާނެ ހެއްޔެވެ؟ އަދި އަމުދުން އެ ފިރިހެނަކު ‘އިޞްލާޙު’ ކުރުމަކީ އޭނަގެ ޒިންމާއެއް ހެއްޔެވެ؟
ޒިހާނަށް ބަލަހައްޓައިގެން އިންދާ ޔުނާގެ ހިތަށް ވެރިވި އެ ސުވާލަށް މިފަހަރު އެ ހިތް ދިނީ ޔަޤީން ޖަވާބެކެވެ. ނޫނެކެވެ. އޭނަ އިންނަން ބޭނުންވާ ފިރިހެނަކު ގަދަކަމުން ރަނގަޅުކުރަން މަސައްކަތް ކުރުމަކީ އޭނަ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. ރަނގަޅު ފިރިހެނަކަށް އޭނަގެ ޒިންމާތައް ސާފުކޮށް އެނގޭނެއެވެ. ލޯބިވާކަން އަންގައިދޭން އެނގޭނެއެވެ. އެ ވާ ލޯތްބާއިމެދު ލޯބިވެރިޔާ ޝައްކެއްގެ ތެރޭގައި ނުބަހައްޓާނެއެވެ. އެ ލޯބިވެރިޔާ ޙަޔާތަށް ގެނައުމަށްޓަކައި އަމިއްލަ ޝަޚްޞިއްޔަތު ހަރުދަނާ ކުރެވޭތޯ މަސައްކަތް ކުރާނެއެވެ. އަމިއްލަ ޝަޚްޞިއްޔަތުގައި ހުރި ނޭދެވޭ ސިފަތަކާއި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައް ޤަބޫލުކޮށް އެ ސިފަތައް އިޞްލާޙުކުރަން އަމިއްލައަށް ފިޔަވަޅުތަކެއް އަޅާނެއެވެ. އަދި ލޯބިވެރިޔާގެ ލޯބި ނުލިބުނަސް އެ ޝަޚްޞިއްޔަތު ދެމެހެއްޓޭތޯ ހިތްވަރު ކުރާނެއެވެ. ޔުނާގެ ލޯ ކުރިމަތިން ފެންނަމުން މިދަނީ އޭގެ ލާމަސީލު މިސާލެކެވެ.
ޔުނާ އެއްޗެކޭ ނުބުނެ ގިނައިރުވުމުން އެކޮޅުން ޒުހާގެ އަޑު އިވުނެވެ. އެއާއެކު ޔުނާއަށް ވާހަކަ ދެކެވުނެވެ.
“އައި ޑޯންޓް ތިންކް ސޯ ޒުހާ….ބޭނުމެއްނޫން އަހަރެންގެ މުޅި ޙަޔާތް ޔަޤީންކަމެއް ނެތް ގުޅުމެއްގެ ތެރެއަށް ގެއްލުވާލާކަށް. ތެދުތެދަށް ބުނަންޏާ އަހަރެން މިހިރީ ވަރަށް ވަރުބަލިވެފަ. ޒުހާ އެރޭ ބުނީ ހަމަ ރަނގަޅަށް. އަހަރެން ޖިނާހާއި ބްރޭކް އަޕް ކުރީ ހިތާއި ދެކޮޅަށް. މިހާރު ވެސް ދެރަވޭ އެރޭ ޖިނާހު ދެރަވެފަ ހުރިގޮތް ހަނދާންވީމަ. ބަޓް އައި ކާންޓް ގޯ ބެކް. އައި ޖަސްޓް….ކާންޓް…” ޔުނާ އެހެން ބުނެލިއިރު އެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެ އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ޖިނާހަށްޓަކައި އޭނަގެ ހިތުގައިވާ އުފެދުނު ލޯބީގެ ބައެއް އަދިވެސްވިއެވެ. ޖިނާހާއި ވަކިވުމުގެ ޚިޔާލުން ވެސް އެ ހިތަށް އުދަގޫވަމުން ދިޔައީ އެހެންވެއެވެ. އެހެނަސް ޖިނާހާއެކީ ވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވެސް އޭނަގެ ސިކުނޑި ބުނަމުން ދިޔައެވެ.
ޒުހާ އިތުރަށް ވާހަކަ ދައްކަން އުޅުމުން ވެސް ޔުނާއަށް ފޯނު ކަނޑައިލެވުނީ އެ ސަބަބާއި ހެދިއެވެ. ހިތުތެރޭގައިވި ޖަޒުބާތުތަކުގެ ސަބަބުން ރަނގަޅު ގޮތަކީ ކޮބައިކަން އެނގި ހުރެވެސް ނުބައި މިޞްރާބަކަށް ދެވިދާނެތީވެއެވެ. ފޯނު ކަނޑާލުމަށްފަހު އިރުކޮޅެއް ވަންދެން އިނުމަށްފަހު ޔުނާ އަނެއްކާވެސް ޒިހާނާއި ދިމާލަށް ބަލައިލިއެވެ. ހަމަ އެވަގުތު ދޮންބެގެ ނިންމުމުގެ މަތިން ވެސް ހަނދާންވުމުން ޔުނާ ދެވަނަ ވިސްނުމެއްނެތި ކޮޅަށް ތެދުވެލިއެވެ.
**
އޮއްސެމުން ދިޔަ އިރާއި އެކީ އުޑަށް ވެރިވަމުން ދިޔަ އޮރެންޖާއި ރީނދޫ ކުލައަށް ޒިހާންގެ ނަޒަރު ހުއްޓިފައިވިއެއްކަމަކު އޭނަގެ ޚިޔާލުތަކުގައިވީ ޔުނާއެވެ. މިއަދު އޭނައަށް ޔުނާ ފެނުނު އެކި ގޮތްގޮތް އޭނަގެ ލޯމަތިން ސިފަވަމުން ދިޔައިރު އޭނަ އެ ޚިޔާލުތަކަށް މުޅިންހެން ގެއްލިފައިވިއެވެ. ކިރިޔާވެސް ހަމަހޭވެރިކަމެއްވީ އޭނަ ކައިރީގައި މީހަކު އައިސް އިށީންހެން ހީވުމުންނެވެ. ކަނާތް ފަރާތަށް ނަޒަރެއް ދިންއިރު ނުހަނު ގާތުން ޔުނާ ފެނުމުން ޒިހާން ސިހުންވެސް ވާގޮތްވިއެވެ.
ހަމަ އެވަގުތުކޮޅުގައި ޔުނާ އޭނައަށް ބަލައިލި ހިނދު އަނެއްކާވެސް އެ ލޯމަތިން ފެނިގެން ދިޔަ ހިތާމަވެރިކަމުން ޒިހާންގެ ދެބުމަ ވެސް ކައިރިވިއެވެ. ޔުނާ ދެރަވާ ހުރިހާ ސަބަބެއް އެއްފަހަރާ އޭނައަށް ޖަހައިގަނެވޭނެނަމައޭ ހިތަށްއެރިއެވެ. އެހެނަސް އޭނައަކީ ޔުނާ ޙަޔާތަށް ގެންނަން ބޭނުންވާ މީހެއް ނޫންކަން ހަނދާންވުމުން ޒިހާނަށް އިސްޖަހައިލެވުނެވެ.
“ވަރަށް ރީތި މަންޒަރެއްދޯ؟” ޔުނާ އެހެން ބުނެލި އަޑަށް ޒިހާނަށް ބަލައިލެވުނީ ޔުނާއާއި ދިމާލަށެވެ. އުޑާއި ދިމާލަށް ނަޒަރު ހުއްޓައިގެން ހުރި ޔުނާގެ މޫނަށް މަޑު އޮރެންޖް ކުލައެއް އަރާފައިވި މަންޒަރުވީ ޒިހާނަށް ރީތި މަންޒަރަކަށެވެ. މޫނު އަނބުރައިލި ގޮތަށް ދުރަށް ނަޒަރު ހިންގަން އޭނަ ޖެހުނީ ގަދަކަމުންނެވެ. އަދި ޔުނާގެ ސުވާލަށް އޭނަ ހޫންލައްވާލިއެވެ. އެއަށްފަހު އެ ދެމެދަށް ހިމޭންކަމެއް ވެރިވުމުން ޒިހާން ކަމެއް ހަނދާންވެގެން ވާހަކަ ދެއްކިއެވެ.
“ބާއި ދަ ވޭ…..ޔުނާގެ ރޫމް ޔުނާއަށް ފަސޭހަތަ؟ އަސްލު އަހަރެން ހީކުރީ ދޮންތަ ޔުނާ ފޮނުވާނީ ލޫލޫގެ ކޮޓަރިއަށްކަމަށް. އެ ކޮޓަރީގަ ހުންނާނީ ބަންކް ބެޑްއެއް. އެކަމަކު ރީތިވާ މޭޒާއި އެއްޗެހި ހުންނާނެ. މިހާރު އަސްލު ޔުނާ ތި އުޅެނީ އަހަރެންގެ ކޮޓަރީގަ. އެއީ ދެން އަނެއްހެން އަހަރެންގެ ކޮޓަރިއެއް ނޫން. އަހަރެން މިއީ އެހާ ގިނައިން ރަށުގަ ހުންނަ މީހަކަށް ނުވާތީ އެ ކޮޓަރި ހަމަ ހުރި ގޮތަށް އެހުންނަނީ. ރަށަށް އައިއްސަ ވެސް ޢާއްމުގޮތެއްގަ މަންހަލްއާއެކީ އަހަރެން ނިދަނީ…..ވަރަށް ސޮރީ އިނގޭ ޔުނާއަށް އެ އުދަގޫ ކޮޓަރީގަ އުޅެން ޖެހުނީތީ. މިއަދު ވެސް ބޭނުމިއްޔާ ހަމަ ޗޭންޖް ވެވިދާނެ….” ޒިހާން ވާހަކަ ދެއްކިއެވެ. ޔުނާއަށް ދީފައިވަނީ އޭނަގެ ކޮޓަރިކަން ޒިހާނަށް އެނގުނީ ޔުނާ އެކޮޓަރިއަށް ވަދެ ހަމައަކަށް އެޅުމުންނެވެ. އެކަމާމެދު ޒިހާން އައީ އަމަށަކު ރުޅިއެއް ނޫނެވެ. ދޮންތަ ހިތުން އެހެން ހެދީ އޭނަގެ ހިތް ބަދަލުވާނެ ކަމަށެވެ. ޔުނާ އޭނަގެ ކޮޓަރިއަށް ލުމުން އެ ޚިޔާލު އޭނަގެ ސިކުނޑީގައި ދައުރުވާނެ ފަދައަކުންނެވެ.
“ނޫނޭ ޒިހާން ދެން އަނެއްހެން އޯކޭ….އެ ކޮޓަރިއަށް ކުދިކުދި ޗޭންޖެސްތައް ގެނައިމަ އެ ކޮޓަރި ހަމަ ރަނގަޅުވާނެ…” ޔުނާ އެއް ދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލި ވާހަކައިން ޒިހާން ޙައިރާންވާ ގޮތްވިއެވެ. ޔުނާ އެ ދެއްކީ އޭނަ އުއްމީދު ކުރި ޒާތުގެ ވާހަކައަކަށް ނުވުމުންނެވެ. މެހުމާންދާރީ އަދާ ކުރާ ބަޔަކަށް އިތުރު ބުރައަކަށް ވާނެހެން އެދުމެއް އެދުމަކީ ޔުނާގެ ޒާތުގައިވާ ކަމެއް ނޫންކަން އޭނައަށް ރަނގަޅަށް އެނގޭތީވެއެވެ.
ކޮންމެއަކަސް ޔުނާ އެ އެދުން އެދުމުން އެކަން ވެސް ޒިހާން އެންމެ ފުރިހަމައަށް ކޮށްދޭން ބޭނުންވިއެވެ.
“އެންމެ ރަނގަޅު….އަހަރެން ދެން އަނެއްހެން ގެންގުޅެނީ ކޮންސްޓްރަކްޝަން ކުދިންކޮޅެއް. އެކަމަކު އިންޓީރިއާ ޑިޒައިނިންގް ގެ ބައި އަހަންނަށް ވެސް ޖެއްސިދާނެ. ޔުނާ ބުނޭ ގެންނަންވީ ބަދަލުތައް. އަހަރެން ތި ކަންތައް ނޯޓްކޮށްފަ އެ ބަދަލުތައް ވީހާވެސް އަވަހަކަށް ގެނެސްދޭނަން. ކިޔައިދީ…” ޒިހާން އެހެން ބުނެލީ އޭނަގެ ފޯނު ނަގައި ނޯޓް ޕެޑެއް ހުޅުވަމުންނެވެ.
“އަލަމާރިއާއި އެނދާ ގުޅޭ ކަހަލަ ޑްރެސިންގް ޓޭބްލްއެއް އެޑް ކުރަންވީ. ދެން ކޮޓަރީގެ ހުދުކުލަ ކޫލް ކަލާރސްއަށް ބަދަލުކޮށްލަންވީ. ޕާޕްލްއާ ދެން އެ ކުލައާއި ގުޅޭ ޒިހާން ލައިކްވާ ކުލައެއްގެ ޝޭޑްސްއަށް…” ޔުނާ ކުރިމައްޗަށް ބަލަން އިނދެ ކިޔައިދިނެވެ.
“ހުމް….” ޒިހާން އެހެން ބުނެލީ އެ ވާހަކަ ފޯނުގައި ނޯޓްކުރަމުންނެވެ.
“ކޮޓަރީގެ ވިންޑޯ އަދި ތަންކޮޅެއް ބޮޑުކޮށްލާފަ ވިންޑޯގަ ހުރި ކާރޓެއިން ވޯލްގެ ޕެއިންޓިންއާ އެއްގޮތަށް ބަދަލުކޮށްލަންވީ..”
“ހުމް….”
“ހެދުން އަލަމާރިވެސް ތަންކޮޅެއް ބޮޑު އަލަމާރިއަކަށް ބަދަލުކޮށްލަން ފެންނަނީ…އަދި ސިންގަލް ބެޑް ޑަބަލް ބެޑަކަށް ބަދަލުކޮށްލާ….”
“ހުމް…”
“ޒިހާން؟”
“ހުމް؟”
“އަހަންނާއި އިންނަންވީއެއްނު؟”
ޔުނާ ބުނެލި ވާހަކައިން ފޯނުގައި ޓައިޕްކުރަން އިން ޒިހާންގެ ޙަރަކާތްތަކަށް ކުއްލި ހުއްޓުމެއްއައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ޔުނާއާއި ދިމާލަށް ބަލައިލެވުނެވެ.
ނުނިމޭ