ހިތަށް ވެރިވި ނުތަނަވަސްކަމާއެކީ ޔުނާ އޭނަގެ އަތުގައި އޮތް ފޮތް ސޯފާއަށް ދޫކޮށްލަމުން ގޮސް ދޮރު ހުޅުވާލިއެވެ. އޭނައަށް ދޮރު ހުޅުވާލެވުމާއެކު ޒިހާން ދިގު ފިޔަވަޅުތަކެއްގައި އެޕާޓްމެންޓް ތެރެއަށް ވަދެގެން ދިޔައެވެ. ޔުނާ ބަލަބަލާ ހުއްޓާ ޒިހާން ކޮޓަރިއަށް ވަދެފައި އަނބުރާ އަންނަން ފެށީ ކާރުގެ ތަޅުދަނޑިއާއި އެކީގައެވެ. ޒިހާން ޔުނާއާއި ހަމައަށް އައިސް އޭނަގެ އަތުގައި ހިފައި ބާރުކޮށްލި ގޮތުން ޔުނާގެ މެއަށް ގޮތެއްވިއެވެ.
“އަހަންނާއެކީ ހިނގާ ޔުނާ….” ޒިހާން އެ ބަސްތައް ބުނެލި ގޮތުން ޔުނާ ހުއްޓުން އަރާ ގޮތްވިއެވެ. އޭނައަށް މިފަދަ ވަގުތުކޮޅެއްގައި މިހުރެވެނީ ދެވަނަ ފަހަރަށްކަން ޔުނާއަށް އެނގުންވީ ހަމަ އެވަގުތު ރޭ ފެނުނު ހުވަފެނުގެ މަތިން ހަނދާންވުމުންނެވެ. އޭނައަށް ހުވަފެނުގައިވެސް ކުރެވުނީ ޒިހާންގެ އަތުގެ އިޙްސާސްކަން ޔުނާއަށް އެވަގުތު ޔަޤީންވިއެވެ.
ޔުނާ ވަކި އެއްޗެކޭ ނުބުނުމުން ޒިހާން އޭނަގެ އަތަށް ދަމަމުން ނިކުންނަން ފެށިއެވެ. ޔުނާއަށް ވަކި ދެކޮޅު ހެދުމެއްނެތި ޒިހާންގެ ފަހަތުން ދެވުނީ ދެކޮޅު ހެދުމެއްނެތިއެވެ. ޒިހާނާއި ޔުނާ ދިމާވެފައިވަނީ ދާދި އިހަކަށް ދުވަހު ކަމަށް ވިޔަސް ޒިހާނަށްޓަކައި އޭނަގެ ހިތުގައި އިތުބާރެއްވިއެވެ. އެ ހުވަފެނުގައި އޭނަގެ އަތުގައި ހިފާލި ބީރައްޓެހިޔާއަށްޓަކައި ވެސް އިތުބާރެއްވި ފަދައިންނެވެ.
ޒިހާން އޭނަ ގޮވައިގެން ގްރައުންޑް ފްލޯއަށް ދަންދެން ވެސް ޔުނާއަށް ސުވާލެއް ނުކުރެވުނެވެ. ޒިހާން ކުއްލި ގޮތަކަށް އޭނަގެ އަތުގައި ހިފައިގެން ގެންދިޔަ ގޮތުންނާއި އެ ހުވަފެނުގެ މަތިން ހަނދާންވަމުން ދިޔަ ގޮތުން ލިބިފައިވި ސިހުމުގެ ސަބަބުންނެވެ. އެހެނަސް ލިފްޓުން ނިކުމެ އޭނައާއެކީ ޢިމާރާތުން ވެސް ނިކުންނަން ފެށުމުން ޔުނާއަށް ވާހަކަ ދެކެވުނެވެ.
“ޒިހާން ކޮންތަނަކަށްތަ މިދަނީ؟” ޒިހާންގެ ފަސްފަހަތުން ހިނގާފައި ދަމުން ޔުނާއަށް ސުވާލުކުރެވުނެވެ. އެވަގުތު އެތާ ޢިމާރާތް ބަލަން ހުރި އަޙުމަދުގެ ނަޒަރު ޔުނާއާއި އެކީގައި ދަތުރުކުރިއެވެ. ޔުނާއާއި ޒިހާން ޢިމާރާތުން ނިކުތް ހިނދު އަޙުމަދު އޭނަގެ ފޯނު ނަގައި ނަންބަރުތަކަށް ފިތާލަމުން ކަންފަތުގައި ޖައްސާލިއެވެ.
“ކާރަށް އަރާ….” ޢިމާރާތުގެ ކައިރީގައި ޕާކްކުރެވިފައި އޮތް ކާރު ކައިރިއަށް ގޮސް ހުއްޓިލަމުން ޒިހާން ޔުނާއަށް އެންގިއެވެ. ޔުނާ އެވަގުތު ވެސް ކީއްކުރަންތޯ އަހައި ސުވާލުކުރަން ބޭނުންވިއެވެ. އެހެނަސް ޒިހާން އޭނައަށް ފުރުޞަތެއް ދިނުމެއްނެތި ދިގު ފިޔަވަޅުތަކެއްގައި ކާރު އަންލޮކް ކުރަމުން އަނެއްފަރާތަށް ދާން ފެށުމުން އެންމެ ފަހުން އަރަން ނިންމުނެވެ. ބޮޑުކަމެއް ވެގެން ނޫނީ ޒިހާން މިފަދައިން ކަންތައް ނުކުރާނެކަން އޭނައަށް ހިތުގެ ޔަޤީންކުރެވުނީތީވެއެވެ. އެކަމާމެދު ޚުދު ޔުނާ ވެސް އަޖާއިބުވާހާވިއެވެ.
“ކޮން ތަނަކަށް މިދަނީ ޒިހާން؟” ޒިހާންވެސް ކާރަށް އަރައި ސްޓާޓް ކޮށްލުމާއެކު ޔުނާއަށް އަހާލެވުނެވެ.
“މި ތަން ނޫން އެހެން ތަނަކަށް. މި ޢިމާރާތް ޔުނާއަށް ސޭފްއެއްނޫން.” ޒިހާން ބުނެލިއެވެ.
“ވަޓް؟!” ޔުނާއަށް އިންތިހާ ދަރަޖައިގެ ޙައިރާންކަންމަތީގައި އިނދެ ބުނެލެވުނެވެ. ބަޔަކު މީހުން އޭނައަށް އަނިޔާއެއް ދޭން މިހާ ބޮޑަށް ބޭނުންވަނީ ކީއްވެތޯ އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނެވެ. އެރޭ ލިބުނު ބިރު ދެއްކުމުގެ ފޯނު ކޯލުގައި ބުނެލި ވާހަކަ ވެސް ސާފުވީއެއް ނޫނެވެ.
ޒިހާން ކާރު ދުއްވަން ފެށުމަށްފަހު ވެސް ޔުނާއަށް އިތުރު ސުވާލުތަކެއް ކުރެވުނެވެ. އެ ޢިމާރާތް އޭނައަށް ރައްކާތެރި ނޫނީ ކީއްވެތޯ އަހާލެވުނެވެ. އޭނައަށް ލިބުނު ކޯލުގެ ވާހަކަވެސް ބުނެލެވުނެވެ. އޭގެ ފަހަތުގައިވަނީ ކާކުކަން ޒިހާނަށް އެނގޭނަމަ ބުނެދިނުމަށް އެދެވުނެވެ. އެހެނަސް ހާސްކަމެއްގެ ތެރޭގައިވި ޒިހާންގެ ފަރާތުން އޭގެއިން އެއްވެސް ވާހަކައަކަށް އެދެވޭ ރައްދެއް ލިބޭ ގޮތެއް ނުވިއެވެ.
ދުއްވަން ފެށިތާ މާގިނައިރެއް ނުވެ ކާރުގެ ފަހަތުން ސައިކަލެއް ނުހަނު ބާރަށް ޒޫމް ލައްވާލި އަޑަށް ޔުނާއަށް ފަސްއެނބުރި ބަލާލެވުނުއިރު، ފަހަތް ބަލާ ބިއްލޫރިގަނޑަށް ޒިހާން ނަޒަރެއް ދިނެވެ. އެއާއެކު ދެމީހުންނަށް ވެސް ފެނިގެން ދިޔައީ މޫނު ނިވާވާ ފަދަ ކަޅުކުލައިގެ ހެލްމެޓެއް އަޅައިގެން ހުރި ޒުވާނަކު ދުއްވަމުން އައި ސައިކަލެކެވެ. އެ ސައިކަލު ސީދާ ކާރާއި ދިމާލަށް އަންނަން ފެށީ ކާރުގައި ޖައްސަން އުޅުނު ފަދައަކުންނެވެ. ޒިހާން ނުހަނު ޚުޝިޔާރުކަމާއެކީ ސައިކަލު ގޮސް ފަހަތުން ޖައްސާލުމުގެ ކުރިން ކާރު ޖެހިގެން އޮތް ގޯޅިއަކުން އަނބުރައިލިއެވެ. ކުއްލިއަކަށް އަނބުރައިލި ވަގުތު ލިބުނު ސިހުމާއެކީ ޔުނާއަށް ހަޅޭކެއްވެސް ލައްވާލެވުނެވެ.
ގޯޅިން އެޅުމުން އިރުކޮޅެއް ވަންދެން އެ ސައިކަލު ނުފެނި ދިޔައެވެ. އެހެނަސް މާ ގިނައިރެއްނުވެ އެ ސައިކަލު އަނެއްކާވެސް ކުރިމަތިން އަންނަން ފެށި މަންޒަރު ފެނި ޒިހާން އެހެން ގޯޅިއަކުން އެޅިއެވެ. އެ ސައިކަލު ދެންވެސް އެމީހުންގެ ފަހަތުން އައެވެ. ޒިހާން ދެންވެސް މަޑުކުރުމެއްނެތި ދުއްވަމުން ދިޔައީ އެ ސައިކަލުން ރެކޭތޯ ބެލުމަށެވެ.
5 ވަރަކަށް މިނެޓް ވަންދެން ޒިހާނަށްވުރެ ބޮޑަށް ޔުނާވީ ހާސްކަމެއްގެ ތެރޭގައެވެ. ދޭތެރެދޭތެރެއިން އެއީ ކާކުތޯ އަހައި އެމީހުންގެ ފަހަތުން އޭނަ އަންނަނީ ކީއްވެތޯ އެހެމުން ދިޔައެވެ.
“ކިހިނެއްވެގެން އުޅޭ މީހެއްތަ އެއީ ޒިހާން؟ ޒިހާންގެ ފޯނު! ފޯނު އަހަންނަށް ދީ އަހަރެން ފުލުހުންނަށް ގުޅާފަ…..” ޔުނާއަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ.
“އޭގެ ބޭނުމެއްނެތް….” ދެފަރާތަށް ފަރުވާތެރި ނަޒަރެއް ދެމުން، ހަތަރު އަނގޮޅިއެއް ހުރަސްކޮށް ސައިކަލުތައް ޕާކްކުރެވިފައިވި ތޮއްޖެހިފައިވާ މަގަކަށް ދަމުން ޒިހާން ބުނެލިއެވެ. މަގު ހުރަސްކޮށް އެމީހުންގެ ކާރު އެ ހަނިމަގަށް އެރި ވަގުތަކީ އެ ސައިކަލަށް މަގު ހުރަސް ނުކުރެވެނީސް އެ ކަންމައްޗަށް ޓެކްސީއެއް މަޑުކޮށްލި ވަގުތެވެ. ސައިކަލު ދުއްވާފައި އައިލެއް ބާރުވުމުން ސައިކަލު މަޑުކޮށްލިއިރު ޓެކްސީގެ ފަހަތު ބައިގައި ގޮސް ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން ޓެކްސީގެ ޑްރައިވަރު ޓެކްސީއިން ފޭބުމަށްފަހު އެތާނގައި އަރައިރުންގަނޑެއް ފެށިގެން ދިޔައެވެ.
ޔުނާ ފަހަތަށް އެނބުރި އެ މަންޒަރު ބަލަމުން ދިޔަ ވަގުތަކީ ޒިހާން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލި ވަގުތެވެ. އޭނަ ވަކި އިތުރަށް ފަހަތަށް ބެލުމެއްވެސް ނެތި ކާރު ދުއްވަމުން ގޮސް އިތުރު ދެތިން ގޯޅިން އަޅައި އެ ޞަރަޙައްދާއި ދުރަށް ދިޔައެވެ.
ލިބިފައިވި ޝޮކުގެ ސަބަބުން ޔުނާ އިތުރު އެއްޗެކޭ ނުބުނެ އިންދާ ޒިހާން އެންމެ ފަހުން ގޮސް ކާރު މަޑުކޮށްލީ 7 ފަންގިފިލާގެ ޢިމާރާތެއްގެ ކުރިމައްޗަށެވެ. ކާރު ޕާކްކުރެވުމާއެކު ޒިހާން ވާހަކަ ދެއްކިއެވެ.
“މިއީ އަހަރެންގެ ބޮޑުދައިތައެއްގެ ގެއެއް. އަހަރެން ޑިއުޓީގަ ހުންނަ ވަގުތު ޔުނާއަށް މިގޭގަ ހުރެވިދާނެ. މިގޭގަ ޔުނާއަށް ނިދޭނެ އިތުރު ކޮޓަރިއެއް ނުހުންނާނެ. އެ ނޫންނަމަ އަހަރެން ޔުނާ މުޅިންހެން މިތާނގައި ބެހެއްޓީސް. މިއަދު ޙަކީމް ބޭބެ އަހަރެން އުޅޭ ޢިމާރާތް ބަލަހައްޓަން ވަޒީފާ ދީފަ ހުރީ ވަރަށް އެހެން ކަހަލަ މީހަކާ. އެމީހަކަށް އެނގޭ ޔުނާ އެޕާޓްމެންޓް އެނދި ފަހުން ބަދަލުވީ އަހަރެން އުޅޭ ޢިމާރާތަށްކަން.” ޒިހާން ކިޔައިދިނެވެ.
“ޔޫ ކާންޓް ބީ ސީރިއަސް! ކޮން ބައެއްތަ އަހަންނަށް ޖާސޫސްކުރަން މާ ވަގުތު ހޯދައިގެން އުޅެނީ؟ ދިސް އިޒް ރިޑިކިއުލަސް!” ޔުނާއަށް ހިސާބެއްގެ ރުޅިވެރިކަމާއެކީ ބުނެލެވުނެވެ.
“އަހަރެން މީގެ އެންމެ އަޑި ހޯދާނަން ޔުނާ. އައި ޕްރޯމިސް ޔޫ ދެޓް…..މިވަގުތަށް މިގޭގަ އުޅެލާ. އަހަރެން ވެސް ދާނަން ޔުނާ ހައްވައްތައާ ބައްދަލުކުރުވަން. ހައްވައްތަ ވަރަށް އެކުވެރިވެފަ ސުވާލު ނުކުރަން ބުނިއްޔާ ސުވާލު ނުކުރާނެ. އެހެންވީމަ ކަންބޮޑުވާންވީ ސަބަބެއްނެތް….” ޒިހާން ބުންޏެވެ.
“އޯކޭ….ހިތަށް އަރަނީ ޒިހާން ރަށަށް ދިޔައިމަ އަހަރެން ހަދާނީ ކިހިނެއްހޭ؟ ޒިހާން ހިނގައިދާނަންދޯ އަންނަ އަންގާރަ ދުވަހު؟ އަހަރެން މިހިރީ އެހެން ޢިމާރާތަކަށް ދާން ރާވައިގެން އޭގެ ކުރިންވެސް. ޒިހާނަށް އެނގޭ ބައެއްތަ އަހަރެންގެ ފަހަތުން މިއުޅެނީ؟ ޕޮލިހަށް ރިޕޯޓުކުރީމަ އެނގުނުތަ އެއީ ކާކުކަން އެޕާޓްމެންޓް އެންދީ. އެނގުނިއްޔާ ބުނެފަ އެމީހުންގެ ފޮޓޯވެސް އަހަންނަށް ދައްކައްޗޭ. އޭރުން އަހަންނަށް އެނގޭނެތާ އެމީހުންނަށް ނުފެންނާނެހެން އުޅެން….” ޔުނާއަށް ވިސްނުމެއްގައި އިނދެ އެ ވާހަކަތައް ދެކެވުނީ އަމިއްލަ އަމިއްލައަށޭ ބުންޏަސް ދޮގެއްނުވާނެއެވެ.
ޙަޤީޤަތުގައި ދާދި ދެންމެ ކަންތައް ވީ ގޮތުން އޭނަގެ ހިތް އަނެއްކާވެސް ބިރުގެންފިއެވެ. މީހަކު ޤަޞްދުގައި އޭނަގެ އެޕާޓްމެންޓް އަންދާލި ރެއާއި، ޔޮޓުން ވެއްޓުނު ރޭ ހިތަށް ވެރިވި ބިރުވެރިކަން އާލާވެގެން ދިޔައެވެ. އެ ބިރުވެރިކަމާއެކީ މިއަދު ޒިހާން ނެތްނަމަ ކަންތައްވީހީ ކިހިނެއްތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. ހަމަ އެއާއެކު ޒިހާނަށް އަބަދު އޭނަގެ ކައިރީގައި ނުހުރެވޭނެތޯ ހިތް ސުވާލުކުރި ވަގުތު ޒިހާންގެ އަޑު އިވުނެވެ.
“އަހަންނާއެކީ މުލަކަށް ހިނގާ ޔުނާ….” ޒިހާން އެހެން ބުނެލީ ހުންގާނުގައި ހިފަހައްޓައި ކުރިމައްޗަށް ނަޒަރު ހުއްޓައިގެން އިނދެއެވެ. އިވުނު ބަސްތަކުން ޔުނާއަށް ޒިހާނާއި ދިމާލަށް ބަލައިލެވުނީ ސިހުމަކާއި އެކީގައެވެ. އެއާއެކު ޒިހާން އިތުރަށް ވާހަކަ ދެއްކިއެވެ.
“މީގެ ވެސް ނުބައި މާނައެއް ޔުނާ ނުނަގާނެކަމަށް އުއްމީދުކުރަން. އަހަންނާ އެކީ ރަށަށް ގެންދަން މި ޚިޔާލުކުރަނީ ވަކި ޔުނާއާއި ގާތްވާކަށް ނޫން. މާލޭގައި އުޅުން ޔުނާއަށް ރައްކާތެރި ނޫންހެން ހީވާތީ ޔުނާ މިތަނަށް ދޫކޮށްލާފަ ދާން ހިތް ނުތަނަވަސްވޭ. ޔުނާ މިތަނަށް ދޫކޮށްލާފަ ދާން ހިތްހަމަނުޖެހޭ….” ޒިހާން އެ އިންގޮތަށް އިނދެ ސާބިތުކަން އެކުލެވިފައިވި މޫނަކާއެކީ ބުނެލިއެވެ. އެހެނަސް އެ ލޯމަތިން ފެންނަމުން ދިޔަ ރިހުން ޔުނާއަށް ސާފުވިއެވެ.
“އަހަންނަށް މައްސަލައެއްނެތް ޔުނާ އަހަންނާއި އިންނަން އެއްބަސް ނުވިޔަސް. އަހަރެންގެ އެ އެދުމަކީ ނުވާ ކަމަކަށް ހަދާފަ މިއީ ބީރައްޓެހިޔަކު ދިއްކޮށްލާ އެހީތެރިކަމުގެ އަތެއް ކަމުގަ ބަލާ. ރަށަށް ގޮއްސަ މަންމައާއި ދޮންތައަށް ވެސް ވިސްނައިދޭނަން މިކަން….ކޮންމެ ގޮތެއްވިޔަސް ބޭނުންވަނީ ޔުނާގެ ރައްކާތެރިކަން ޔަޤީންކުރަން…” ޒިހާން އެ ވާހަކަތައް ވެސް ބުނެލީ އޭނަގެ ނަޒަރު އެ ހުރި ދިމާލުން ބަދަލުކުރުމެއްނެތިއެވެ. ކިރިޔާވެސް ޔުނާއަށް ނަޒަރެއް ދީފިނަމަ އޭނައަށް ކެތް ނުކުރެވޭނެހެން ހީވާ ފަދައަކުންނެވެ. ޒިހާން އިންގޮތުން ޔުނާގެ ހިތަށް ވެސް އަސަރުކުރިއެވެ. އޭނަ ޒިހާންއޭ ކިޔައި އެއްޗެކޭ ބުނަން އުޅުނު ވަގުތު ޒިހާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އަހަރެން ޓިކެޓް ނަގާއިރު ޔުނާއަށް ވެސް ނަގާފަ ޔުނާއާ ޓިކެޓް ޙަވާލުކޮށްލަ ދޭނަން. އެއާއިމެދު ޔުނާ ގޮތެއް ނިންމާނީ. އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް ނިންމުމެއް ނިންމަން އަހަރެން ޔުނާއަށް ފުރުޞަތު ދޭނަން….” ޒިހާން އެންމެ ފަހު ވާހަކައެއްގެ ގޮތުން ބުނެލިއެވެ. އެއަށްފަހު ހިނގާށޭ ބުނެ ކާރުން ފައިބަން އަވަސްވިއެވެ. ޒިހާން ކާރުން ފައިބައި ދޮރު ލައްޕައިލަންދެން ޔުނާއަށް އޭނައާއި ދިމާލަށް ބަލަން އިނދެވުނެވެ. އަމިއްލައަށް ދޮރު ހުޅުވައި ކާރުން ފޭބީ ޒިހާން ބުނި ވާހަކަތަކާއިމެދު ވިސްނަމުންނެވެ.
ޖެހިގެން އައި 6 ދުވަސްވެގެން ދިޔައީ ޔުނާގެ ފިކުރު ބޮޑުވެގެން ދިޔަ ދުވަސްތަކަށެވެ. ޒިހާންގެ އެދުން ޤަބޫލުކުރާނީތޯ ނުވަތަ ނުކުރާނީތޯ އެތައް ފަހަރެއްގެ މަތިން އަމިއްލަ ޒަމީރާއި ސުވާލުކުރެވުނެވެ. އޭނަގެ ހިތް އެދެމުން ދިޔައީ ޒިހާނާއި އެކީ ދިޔުމަށެވެ. އެހެނަސް ޒިހާންގެ ހިތުގައި ޔުނާއަށްޓަކައިވި އިޙްސާސްތަކުން އޭނަ ޖެހިލުންވިއެވެ.
މިފަހަރުވެސް ޖެހިލުންވީ ޒިހާންގެ ސަބަބުންނެއް ނޫނެވެ. އޭނަ އެދިއްޖެނަމަ ޒިހާން އެރަށަށް ގޮސްފައި ވެސް އޭނައާއި ނުފެންނަ ހިސާބުގައި އުޅެދާނެކަން ވެސް ޔުނާއަށް ޔަޤީންކުރެވުނެވެ. އެހެނަސް ޒިހާންގެ އެދުން ޤަބޫލުނުކޮށް ޒިހާންގެ އެހާ ބޮޑު އެހީއެއް ޤަބޫލުކުރަން ޔުނާގެ ޒަމީރު ދެކޮޅު ހަދަމުން ދިޔައެވެ. އަދި އެ ރަށަށް ދިޔުމުން ޔުނާ ޒިހާންގެ ޢާއިލާއާއި ވެސް ބައްދަލުވާނެތާއެވެ. ޒިހާންގެ މަންމައަކީ ކިތަންމެ ހިތްހެޔޮ އަންހެނަކަށް ވިޔަސް ކަންވެފައި އޮތްގޮތް އެނގުމުން އޭނައަށްޓަކައި ހިތް ނުބައިވާނެތާއެވެ.
ހިތުތެރޭގައި އުފެދެމުން ދިޔަ މިފަދަ ޖަޒުބާތުތަކުގެ ސަބަބުން ޔުނާ އެންމެ ފަހުން ޔުނާ އެ ދުވަސް ޖެހުމުގެ ކުރިން ވެސް ޒިހާނާއި ދުރަށް ދެވޭނެ ގޮތެއް ނިންމިއެވެ.
“ޒިހާން….އަހަރެން ހައްވައްތަމެން އުޅޭ ޢިމާރާތުން އެޕާޓްމެންޓެއް ހިފައިފިން. އިއްޔެގަ ބޭންކްގެ ކާޑުތައް ވެސް ހެދިގެން ދިޔައިމަ އެކައުންޓްތަކަށް އެކްސެސްވެއްޖެ. ޒިހާންގެ އެކައުންޓް ނަންބަރު އަހަންނަށް ޓެކްސްޓް ކޮށްލައްޗޭ. އޭރުން އެދުވަހު ގަތް ފޮއްޗާއި ހެދުންތައް ފަހަން ނެގި އެމައުންޓް ޓްރާންސްފާރ ކޮށްލާނަން….”
ޔުނާ އެ ބަސްތައް ބުނެލީ އެއްރެއަކު ޑިއުޓީ ނިންމާފައި ޒިހާން ގެއަށް އައިތަނާހެންނެވެ. އޭނަ އެހެން އެޕާޓްމެންޓަކަށް ބަދަލުވާ ވާހަކަ ބުނިތަނާހެން ޒިހާން ޔުނާއަށް ބަލައިލީ ސިހުމަކާއި އެކީގައެވެ. އެއާއެކު ހިނދުކޮޅަކަށް ދެމީހުންގެ އިރުކޮޅެއް ވަންދެން ބައްދަލުވެގެން ދިޔައެވެ. އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ވެސް ޒިހާންގެ މޫނުމަތިން ހިތާމަވެރިކަމެއް ފާހަގަވެގެން ދިޔަ ގޮތުން ޔުނާއަށް އިސްޖަހާލެވުނެވެ. އަދި އަވަސްއަވަހަށް އޭނަގެ ކޮޓަރިއަށް ދާން ހިނގައިގަނެވުނެވެ.
ޔުނާ ޒިހާންގެ އެޕާޓްމެންޓުން ބަދަލުވާން ނިކުންނަން ފެށީ އޭގެ އަނެއްދުވަހުގެ ހެނދުނެވެ. އެދުވަހަކީ ޒިހާންގެ ވެސް ފުރުން އޮތް ދުވަސްކަމަށް ވުމުން ޒިހާން ޑިއުޓީއަށް ނުދެއެވެ. ޔުނާ ހެދުން ފޮށި ހިފައިގެން ކޮޓަރިން ނިކުތް ވަގުތު ބަދިގެ ތެރެއިން ޓޭޕް ކެނޑޭ އަޑު އިވިގެން ދިޔައެވެ. ބަދިގޭގެ ދޮރު މެދުމިނަކަށް ހުޅުވިފައިވުމުން ޔުނާ އެ ދޭތެރެއިން އެތާ ތެރެއަށް ނަޒަރެއް ދިނެވެ. އެވަގުތު ޒިހާން ކަރުދާސް ފޮށްޓެއްގެ މަތީގައި ބްރައުން ޓޭޕް އަޅަން ހުރިތަން ޔުނާއަށް ފެނުނެވެ. ޒިހާންވެސް އެރޭ ފުރުން އޮތީތީ ތައްޔާރުވަނީތާއޭ ޔުނާގެ ހިތް ބުންޏެވެ. އެހެންވިޔަސް ޔުނާ ދާ ވަގުތުގައި އޭނައާއި ފަހުގެ ވަދާޢީ ސަލާމްކުރަން ޒިހާން މުހިއްމުކަމަށް ނުދެކުނުހެން ހީވުމުން އޭނަ ކުޑަކޮށް ދެރަވާ ގޮތްވިއެވެ. އެ އިޙްސާސުންވެސް ދޭހަވަނީ އޭނަގެ ދަހިވެތިކަންތާއޭ ޔުނާއަށް އަމިއްލަ ނަފްސުގާތު ބުނަމުން ޔުނާ އެ ޚިޔާލާއި ދުރުވެވޭތޯ ބަލަމުން ކުރިއަށް ހިނގައިގަތެވެ. މާ ދުރަށް ނުދެވެނީސް ފަހަތުން އޭނައަށް ޒިހާންގެ އަޑު އިވުނެވެ.
“ޔުނާ…..” ހިސާބަކަށް ކުރެހިފައިވާ އަޑަކުން ގޮވާލި އަޑަށް ޔުނާއަށް ފަސްއެނބުރި ބަލައިލެވުނެވެ. އެވަގުތު ޒިހާން ހުރިގޮތް ފެނިފައި ޔުނާ ހުއްޓުން އަރާ ގޮތްވިއެވެ. ކުޑަ ފޮށްޓެއް ހިފައިގެން އޭނައަށް ބަލަހައްޓައިގެން ހުރިއިރު ޒިހާންގެ ލޯ ދުޅަވެ އިސްތަށިގަނޑު ހޭވިފައިވިއެވެ. މިހާ ދުވަސްވީއިރު ޑިއުޓީ ލަހުން ފެށޭ ދުވަސްދުވަހު ވެސް ޔުނާއަށް ޒިހާން ގޭތެރެއިން ވެސް ފެނިފައިވީ ނުހަނު ރީއްޗަށް ބޮލުގައި ފުނާ އަޅައިގެން ތާޒާ ވެލައިގެން ހުންނަ ތަނެވެ. ޒިހާނަށް އެ ބަދަލު އައިސްފައިވަނީ އޭނަގެ ސަބަބުންހެން ހީވި ވަގުތު ޔުނާގެ ލޮލުން ކަރުނަތައް ނިރާލިއެވެ.
“މި ފޮށީގަ ހުންނާނެ ދެ ތިން ދުވަހަށް ވާވަރަށް ބަދިގެއަށް ބޭނުންވާނެ އެއްޗެއް. މިއަދުން މިއަދަށް ގޮސް އެޕާޓްމެންޓް ތެރެ ހަމައަކަށް އަޅުވަމުން މި އެއްޗެހި ގަންނަން އުދަގޫވާނެދޯ؟ އެހެންވީމަ ހިތަށްއެރީ ޔުނާއަށް މި ދޭނީއޭ…..މީގަ އޮންނާނެ އުއްބައްތި ފޮށްޓެއްވެސް. ކުރިއަށް އޮތް ހަފްތާގަ އެ ހިސާބުން ކަރަންޓު ކެނޑޭ ވާހަކަ އިވުނުދޯ؟” ޒިހާން ވާހަކައިގެ ތެރެއިން ހިނިތުންވާން މަސައްކަތް ކުރަމުން ދިޔަ ވަރަކަށް އެ ލޯމަތިން ފާޅުވަމުން ދިޔަ ހިތާމަވެރިކަން ބޮޑުވިއެވެ. ޒިހާނަށް ވަމުން ދިޔަ ގޮތާއި އެ ބުނެލި ބަސްތަކުން އޭނައާއި މެދު ޒިހާން ވިސްނާވަރު ޔުނާއަށް އަނެއްކާވެސް އިޙްސާސްވެގެން ދިޔައެވެ.
ޔުނާ ބުނާނެ އެއްޗެއް ނޭނގިފައި ވަނިކޮށް ޒިހާން އެ ފޮށްޓާއެކީ ޔުނާ ހިފަހައްޓައިގެން ހުރި ފޮށިވެސް ދަމަމުން ނިކުންނަން ފެށީ ތިމަންނަ މީތި ޑިކީއަށް ލައިދޭނަމޭ ބުނަމުންނެވެ. ޔުނާ ޒިހާންގެ ފަސްފަހަތުން ގޮސް ޢިމާރާތުން ނިކުމެ ކާރުގެ ދޮރު ހުޅުވާލަމުން ޑިކީ ހުޅުވާލިއެވެ. ކާރަށް އެރުމުގެ ބަދަލުގައި ކާރުގެ ދޮރު ލައްޕާލުމަށްފަހު ޑިކީއަށް ފޮށި އަރުވަމުން ދިޔަ ޒިހާންގެ ޙަރަކާތްތަކަށް ބަލަން ހުރެވުނެވެ. ދެ ފޮށިވެސް ޑިކީއަށް ލައި ޑިކީ ލައްޕާލަމުން އަނެއްކާވެސް ޒިހާން ޔުނާއަށް ދައްކާލީ ޔުނާ ދުވަހަކުވެސް ނުދެކޭފަދަ ހިތާމަވެރި ހިނިތުންވުމެކެވެ. ޔުނާއަށް އޭގެ ބަދަލުގައި ޖެހިލުންކަން އެކުލެވިފައިވި ހިނިތުންވުމެއް ދައްކާލުން ނޫންކަމެއް ނުވިއެވެ. ޒިހާނާއިމެދު ކަންތައް މި ކުރެވޭ ގޮތުން އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ޙާލުގައި ޔުނާ ދެވަނަ ފަހަރަށް ކާރުގެ ދޮރު ހުޅުވާލަން އުޅުނު ވަގުތު ޒިހާން ދެންވެސް ވާހަކަ ދެއްކިއެވެ.
“މިއީ އަހަންނަށް ޔުނާ ފެންނާނެ އެންމެ ފަހު ފަހަރުދޯ؟” ޒިހާން ކޮށްލި ސުވާލުން ޔުނާ ހުއްޓުން އަރާ ގޮތްވިއެވެ. ޔުނާ ޒިހާނަށް ބަލައިލި ވަގުތު ޒިހާން އެހުރިތާ ހުރީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެންނެވެ. ޒިހާން އެ ކޮށްލި ސުވާލަށް ދޭނެ ޖަވާބެއް ޔުނާއަށް ނުވިސްނުނެވެ. މިއީ ދެމީހުން ބައްދަލުވާނެ ފަހު ފަހަރަށް ހަދަން އޭނަ ބޭނުންވިކަމެއް ޔަޤީނެއްވެސް ނުކުރެވުނެވެ. އޭނަ އެއްޗެކޭ ނުބުނެ ހުއްޓާ ޒިހާން އިތުރަށް ވާހަކަ ދެއްކިއެވެ.
“ޔުނާ ބޭނުންވާ ގޮތަކީ އެއީ ކަމަށްވާނަމަ އަހަންނަށް އަންގާލަދީ. އޭރުން އަހަރެން އަނބުރާ މާލެއަށް އަޔަސް ޔުނާއަށް ފެންނަ ހިސާބަކަށް ނާންނާނަން. އަހަންނަކީ އަނެއްކާވެސް ޔުނާއަށް ބީރައްޓެހިއެއް ކަމުގަވާނަން. މި ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް އެކަން އޮތްގޮތަށް….” ޒިހާން އެ ފަހު ބަސްތައް ބުނެލިއިރު އޭނަގެ އަޑު ރޫރޫ އެޅި ހިނދު އޭނަގެ އެއްލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އެ މަންޒަރު ފެނިފައި ޔުނާގެ ހިތުގެ ތެޅުމަށް ލޮޅުމެއް އައެވެ. ޒިހާން އެހެރީ ނަފްސާނީ ގޮތުން ވެސް އެހީއަކަށް ބޭނުންވެފައިކަން އެނގުންވުމުން ޔުނާއަށް ވާހަކަ ދެކެވުނެވެ.
“ކޮންމެހެން އަހަރެން ބޭނުންވާތީ ގޮތެއް ނުނިންމާ ޒިހާން. ޒިހާންގެ އަމިއްލަ ހިތްހަމަޖެހުމަށްޓަކައި ނިންމުމެއް ނިންމާ. ތި އިޙްސާސްތަކުން އަރައިގަތުމަށް އަހަންނާއި ދުރުދުރުން އުޅޭ. އަހަރެން މަތިން ހަނދާން ނައްތާލާފަ އަހަންނަށްވުރެ ރަނގަޅަށް ޒިހާން ބަލައި ޒިހާނަށް ލޯބިދޭނެ ކުއްޖަކު ހޯދާ….” ޔުނާ އެ ނަޞޭޙަތް ދިންއިރު ޚުދު އޭނަގެ ހިތުގެ އަޑީގައިވެސް މާޔޫސްކަމެއްވިއެވެ. އެއީ ޒިހާނަށްޓަކައި ދެރަވީމަކަމެއް ނޫނީ ޒިހާނާއި ދުރުވެގެން ދާތީ ދެރަވީމަ ކަމެއް ޔުނާއަށް ޔަޤީނެއް ނުކުރެވުނެވެ.
“އަހަރެން ހޯދައިދިން ޓިކެޓް ޔުނާގެ އަތުގަ އެބައޮތްތަ؟” ޒިހާން ސުވާލުކުރިއެވެ. ޔުނާ ދެންމެ ދެއްކި ވާހަކަ އޭނައަށް މުހިއްމު ނުވި ފަދައެވެ. އޭނަ އެ ސުވާލުކޮށްލީ ޔުނާއަށް އުއްމީދީ ގޮތަކަށް ބަލައިލަމުންނެވެ.
“އެބައޮތް….” ޔުނާއަށް އެހެން ބުނެލެވުނީ ހިސާބެއްގެ ޖެހިލުންވުމަކާއި އެކީގައެވެ. އާ އެޕާޓްމެންޓެއް ހިފުމާއެކުހެން ޔުނާ އެ ޓިކެޓް އުކާލަން އުޅުނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނައަށް އެކަން ކުރެވޭ ގޮތެއްނުވިއެވެ. މިއަދު ހެނދުނު ހުރިހާ އެއްޗެއް ޕެކްކުރަމުން ވެސް އެ ޓިކެޓް ކޮޓަރީގައި ބާއްވާފައި އަންނަން ހިތަށްއެރިއެވެ. އެހެނަސް އެ ޓިކެޓް އަނބުރާ ފޮށީގެ ތެރެއަށް ލެވުނީ އިޚްތިޔާރަކާއި ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ޔުނާ ދިން ޖަވާބާއެކީ އެ ހުރިހާ ކަމެއް ޒިހާނަށް ވެސް ދޭހަކުރެވުނު ފަދައެވެ. އޭނަ އެ ޖަވާބު ދިން ތަނާހެން އެ ތުންފަތް މަތިން އުއްމީދީ ގޮތަކަށް ލުއި ހިނިތުންވުމެއް ދުވެލިއެވެ.
**
އެމްސްޓާޑަމްއަށް އެދުވަހުގެ މެންދުރުގެ ވަގުތު ތަނަވަސް އެޕާޓްމެންޓެއްގެ ފުޅާ ކުޑަ ދޮރުގެ ކައިރީގައި ހުއްޓިހުރީ އިސްކޮޅުން ދިގު ޒުވާނެކެވެ. ޒުވާނާގެ ތެތްކޮށް އޮތް އޮތް ބޯ އިސްތަށިގަނޑުގައި ގަދަ މުށި ކުލައެއް ޖެއްސިފައިވީއިރު ލައިގެން ހުރި ހުދުކުލައިގެ ދޫ ބާތްރޯބްގެ މަތިން ވެސް އެ ހަށިގަނޑުގެ ހައިބަތު ހުރި މިންވަރު ހާމަވެއެވެ.
ކުޑަދޮރުގެ ބޭރުން ފެންނަމުން ދިޔަ މަލަމައްޗަށް ނަޒަރު ހުއްޓައިގެން ޒުވާނާ ހުރިއިރު ދޭތެރެދޭތެރެއިން އަތުގައި ހުރި ބިއްލޫރި ތަށިން ޒާތެއްގެ ބުއިމެއް ބޮމުން ދިޔައެވެ. ޒުވާނާ އެ ހުރި ގޮތަށް ހުއްޓާ އޭނަގެ ފަހަތުން އެސިސްޓެންޓެއްހެން ހީވާ ދިވެހި ފިރިހެނަކު އައިސް ނުހަނު އަދަބުވެރިކަމާއެކީ ވާހަކަ ދެއްކިއެވެ.
“ސާރ…..މިކޮޅުން މާލެއަށް ސާރގެ ފުރުން އޮތީ މިރޭ 8 ޖަހާ ވަގުތު.” އެ މީހާ ޒުވާނާގެ ފަހަތުގައި ހުއްޓިހުރެ ބުނެލިއެވެ.
“ހުމް…ކިހިނެއް އެކޮޅުގެ ކަންތައް ދަނީ؟” ޒުވާނާ ހުރިގޮތަށްހުރެ ސުވާލުކުރިއެވެ.
“ކުރީގަ ވެސް ދެންނެވުނުހެން އެ އަންހެން ކުއްޖާ އަހަރުމެންގެ އަތްދަށަށް އަދި ނުގެނެވޭ. އަދި ސާރ….އެންމެ ފަހުން ލިބުނު މަޢުލޫމާތުން އަޅުގަނޑުމެންނަށް ހީވަނީ އެކުއްޖާ އުޅެމުން އެދަނީ ހަމައެކަނި ދެކެ ފަރިތަ މީހަކާއެކީ ނޫންހެން. މިއަދު ހެނދުނު އެދެމެދުގައި ދެކެވުނު ވާހަކައިން އެއަށްވުރެ ގާތް ގުޅުމެއް އެ ދެމެދުގަ އޮތްހެން ހީވަނީ. އަޅުގަނޑުމެން ހޯދި ހޯދުމުން އެއީ އެ އަންހެން ކުއްޖާއާ އެއް ޢުމުރެއްގެ ޒުވާނެއް އެ ސިފައިންގެ މީހާއަކީ…” ފިރިހެން މީހާ ކިޔައިދިނެވެ. އެ ވާހަކަ ނިމުމާއެކުހެން އޭނައަށް ފަސްދީގެން ހުރި ޒުވާނާ މަލާމާތުގެ ޒާތަށް ހީލިއެވެ.
“ތި ބުނަން އުޅެނީ ޔުނާ އެހެން ލޯބިވެރިޔަކު ގެންގުޅެނީއޭތަ؟ ނުވާނެ އެހެންނެއް! އަހަންނާ ހެދި މޮޔަވެގެން އުޅުނު އަންހެނެކޭ އެއީ….” ޒުވާނާ އެހެން ބުނެ ދެންވެސް ހީލަމުން އޭނަގެ ތަށިން ކޯވަރެއް ދަމާލިއެވެ.
“އެކަމަކު އެގޮތަށް ޝައްކުވާތީ އަޅުގަނޑުމެން އެ ސިފައިންގެ މީހާގެ ސޯޝަލް މީޑިޔާ ޕްރޮފައިލްތައް ވެސް ހޯދައިފިން މިހާރު. މިހިރީ އެ ޒުވާނާގެ ފޮޓޯ.” ފިރިހެން މީހާ އޭނަގެ އަތުގައި އޮތް އައިޕެޑުން ޒިހާންގެ ފޭސްބުކް ޕްރޮފައިލް ހުޅުވައި ޕްރޮފައިލް ޕިކްޗާރ ބޮޑުކޮށްފައި ޒުވާނާގެ އަތަށް އައިޕެޑް ލައިދިނެވެ. ޒުވާނާ އެ ސްކްރީނަށް ނަޒަރެއް ދިނުމާއެކު އޭނަ ހުއްޓުން އެރިކަން ފަހަތުން ބަލަހައްޓައިގެން ހުރި މީހަކަށް ވެސް އެނގޭނެއެވެ. ޒިހާންގެ އެ ފޮޓޯއަށް ބަލަން ހުރި ޒުވާނާ އައިޕެޑް ހިފަހައްޓައިގެން ހުރި އަތް ތުރުތުރު އެޅި މަންޒަރު ފަހަތުގައި ހުއްޓި ހުރި ފިރިހެން މީހާއަށް ވެސް ފެނުނެވެ. އޭގެ ދެވަނަ ސިކުންތުގައި އެ ޒުވާނާ އަތުގައި އޮތް އައިޕެޑް އަތުގެ ކޮޅަށް ހޫރާލުމުން އޭތި ފާރުގައި ޖެހި ތަޅައިގެން ގޮސް ބިންމަތީގައި ޖެހުނު އަޑުފަތްގަނޑު އިވިގެން ދިޔައެވެ.
“އަހަރެން މާލެއަށް ދާން އޮތް ގަޑި އަވަސް ކުރޭ! ހަމަ މިވަގުތު!!” ޒުވާނާ ހަރު އަޑުން އެހެން ބުނެލަމުން އޭނަ ހިފަހައްޓައިގެން ހުރި ތަށި އެއްކޮށް ހުސްކޮށްލިއެވެ.
ނުނިމޭ